ނޭޕާލްގައި ފެންބޮޑުވިތާ 9 ދުވަސް ފަހުން ޓަނަލެއްގެ ތެރޭން ދެ މީހުން ސަލާމަތްކޮށްފި
ޓަނަލުގެ ތެރެއިން އިތުރު 39 މީހަކު ސަލާމަތްކުރެވޭނެ ކަމަށް މިހާރު ބެލެވޭ
ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއަށްފަހު، ހައިޑްރޯޕަވަރ މަޝްރޫއެއްގެ ޓަނަލެއްގެ ތެރޭގައި ތާށިވެފައި ތިބި ދެ މީހަކު، ނުވަ ދުވަސް ފަހުން ސަލާމަތްކޮށްފިއެވެ.
ސަންޖަޔާ ޝާހް އަދި ކަބީރު މަހަރްޖަން ސަލާމަތްކުރި ވަގުތު، އެ ސަރަހައްދުގައި ހަރަކާތްތެރިވި ކުއްލި އެހީދޭ ފަރާތްތަކުން ވަނީ އުފާފާޅުކޮށްފައެވެ. ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދިން ގޮތުގައި، ހުކުރު ދުވަހުގެ ހެނދުނު ޓަނަލުގެ ތެރެއިން މީހުންގެ އަޑު އިވުމާ ގުޅިގެން، އިތުރު 39 މީހަކު ސަލާމަތްކުރެވޭނެ ކަމަށް މިހާރު ބެލެވެއެވެ.
މި ބޮޑު ރެސްކިއު އޮޕަރޭޝަނުގެ ދަށުން، އިންޖިނިއަރުން ދަނީ ޓަނަލްތަކުގެ ތެރެއަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. ކޯރުގެ އައްސޭރީގައި ހުރި ތަފާތު ހައިޑްރޯޕަވަރ ސައިޓްތަކުގެ ޓަނަލްތަކުގައި 150 އަށްވުރެ ގިނަ މީހުން ތާށިވެފައިވާނެ ކަމަށް ބެލެވޭއިރު، މި ކާރިސާގައި މިހާތަނަށް 1,200 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.
ނޭޕާލްގެ 'ތްރިޝޫލީ 3އޭ' ހައިޑްރޯޕަވަރ ޕްލާންޓުން ސަލާމަތްކުރި ދެ މީހުންނަކީ ސަންޖަޔާ ޝާހް އަދި ކަބީރު މަހަރްޖަންއެވެ. އެމީހުން މިހާރު ވަނީ ހެލިކޮޕްޓަރުގައި ކަތުމަންޑޫގެ ހޮސްޕިޓަލަށް ގެންދެވިފައެވެ.
މި ދެ މީހުންގެ އަތާއި ފައިގައި ޒަހަމްތަކެއް ހުއްޓެވެ. ބެލެވޭ ގޮތުގައި މިއީ ޓަނަލުގެ ތެރޭގައި ފިރުކިފައި އުޅުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެކެވެ. ޓަނަލަްގެ ތެރޭގައި އަދިވެސް 39 މީހުން ތިބި ކަމަށް ބެލެވެއެވެ.
މުއުޖިޒާތެއް ފަދަ ސަލާމަތްވުމެއް

ޓަނަލް އެކްސްޕާޓެއް ކަމަށްވާ އާނޯލްޑް ޑިކްސް ބުނި ގޮތުގައި، މީހުން ސަލާމަތްކުރުމުގެ ކުރިން ޓީމުތަކުން ވަނީ ތަނަލުން ބެދިފައި އޮތް 50 އަކަށް މީޓަރުގެ ކުނިތައް ނަގައި ސާފުކޮށްފައެވެ. އޭނާ ސިފަކުރި ގޮތުގައި ހަފުތާއެއްގެ ހިތާމައަށްފަހު މިއީ "މުއުޖިޒާތެއް" ފަދަ ކަމެކެވެ.
ފުރަތަމަ ސަލާމަތްކުރި ސަންޖަޔާ ޝާހަކީ ނޭޕާލް އިލެކްޓްރިސިޓީ އޮތޯރިޓީގެ މެކޭނިކަލް ފޯރމަނެކެވެ. އޭނާގެ ކޮއްކޮ ބުނި ގޮތުގައި، އޭނާގެ ބޭބެ ސަލާމަތްވުމުން އާއިލާއަށް ބޮޑު ހިތްހަމަޖެހުމެއް ވަނީ ލިބިފައެވެ. އެކުވެރިން ބުނި ގޮތުގައި މި ހަބަރާއެކު އެހެން މީހުންވެސް ދިރިތިއްބާ ސަލާމަތްކުރެވޭނެ ކަމުގެ އުއްމީދު ވަނީ އާވެފައެވެ.
ސަލާމަތްކުރި ދެވަނަ މީހާ ކަމަށްވާ ކަބީރު މަހަރްޖަންއާ ބެހޭގޮތުން އޭނާގެ އާއިލާއިން ބުނީ މުޅި އާއިލާ ތިބީ އިންތިހާއަށް އުފަލުން ކަމަށެވެ.
މި ބޮޑު ރެސްކިއު އޮޕަރޭޝަންގައި ނޭޕާލްގެ ސިފައިންނާއި ކަމާބެހޭ އެކި އިދާރާތަކުން ދަނީ ރެޔާއި ދުވާލު ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. ފެނާއި ކުނިބުނިން ފުރިފައިވާ ޓަނަލްތަކުގެ ތެރެއަށް ވަދެ މީހުން ސަލާމަތްކުރުމަކީ އިންތިހާއަށް ނުރައްކާތެރި އަދި އުނދަގޫ މަސައްކަތެކެވެ.


