މާބަޑު އަންހެނެއްގެ މަރާގުޅިގެން ދެ ޑޮކްޓަރުން ސަސްޕެންޑްކޮށްފި
މައިމީހާއާއިއެކު ބަނޑުގައި އޮތް ދަރިފުޅުވެސް ވަނީ މަރުވެފާ
އިންޑިއާގެ މަދްޔާ ޕްރަދޭޝްގެ ރޭވާގެ ހޮސްޕިޓަލެއްގައި މާބަނޑު އަންހެނަކާއި ބަނޑުގައި އޮތް ދަރިފުޅު މަރުވި ހާދިސާއާ ގުޅިގެން ދެ ޑޮކްޓަރުންނާއި ދެ ނާސިންގް އޮފިސަރުން ސަސްޕެންޑްކޮށްފިއެވެ. މާބަނޑު އަންހެނަކާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު މަރުވި ހާދިސާއާ ގުޅިގެން ދެ ޑޮކްޓަރުންނާއި ދެ ނާސިންގް އޮފިސަރުން ސަސްޕެންޑްކުރީ ރޭވާގެ ގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ.
ދެ ޑޮކްޓަރުންނާއި ދެ ނަރުހުންނަށް ސަސްޕެންޝަންގެ ފިޔަވަޅު އަޅާފައިވަނީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށާއި ނުރަނގަޅު އަހުލާގެއް ދައްކާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. ހާދިސާ ތަހުގީގު ކުރުމަށް އިސް ޑޮކްޓަރުންގެ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލާފައެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭވާގެ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އާއިލާގެ ފަރާތުން ބުނެ ޝަކުވާ ހުށަހެޅުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެކަމަށް ފިޔަވަޅު އަޅާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ އަންހެންމީހާ އެހީއަށް އެދި ގޮވަމުން ދިޔައިރު ހޮސްޕިޓަލުގެ މުވައްޒަފުން ތިބީ އޭނާގެ އަތުގައި ހިފަހައްޓައިގެންނެވެ.
މަރުވި ކަލްޕަނާ މިޝްރާއަކީ ރޭވާ ޑިސްޓްރިކްޓްގެ ހަޓްވާ އަވަށަށް ނިސްބަތްވާ މީހެކެވެ. އޭނާ ހޮސްޕިޓަލުގެ ވިހާ ކޮޓަރިއަށް ވެއްދީ އޮގަސްޓް 26 ވަނަ ދުވަހުގެ ފަތިހު 2:38 ހާއިރުއެވެ. ނަމަވެސް އެ ދުވަހުގެ ރޭގަނޑު 11:55 ހާއިރު ފަރުވާ ދެމުން ދަނިކޮށް މައިމީހާގެ އިތުރުން ދަރިފުޅު ވެސް ވަނީ މަރުވެފައެވެ.
ހޮސްޕިޓަލުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، އޭނާ ހޮސްޕިޓަލަށް ގެނައިއިރު ހާލަތު ވަރަށް ނާޒުކެވެ. އަދި އޭނާއަކީ ބަނޑަށް ދުވަސް ފުރިފައިވާ، "ސިވިއާ ޕްރީ-އެކްލޭމްޕްސިއާ" އާއި އެހެނިހެން ސިއްހީ މައްސަލަތައް ހުރި މީހެއްކަމަށް ފާހަގަކުރެވިފައިވެއެވެ. ހޮސްޕިޓަލުން ބުނާ ގޮތުގައި ފަރުވާ ކުރިއަށް ގެންގޮސްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
އާއިލާގެ ޝަކުވާއާ ގުޅިގެން ހެލްތު ޑިޕާޓްމަންޓުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. އިބްތިދާއީ ތަހުގީގަށް ފަހު، އިހުމާލުވި ކަމުގެ ތުހުމަތުގައި ވިހާ ކޮޓަރީގެ ޑޮކްޓަރު ސޯނަލް އަގަރްވާލް އާއި ހޭނައްތާ ޑޮކްޓަރު ނިދީ ޕާންޑޭ ވަނީ ސަސްޕެންޑްކޮށްފައެވެ. މީގެ އިތުރުން، އާއިލާއާ މެދު ބޭއަދަބީކޮށް އަމަލުކުރި ކަމުގެ ތުހުމަތުގައި ދެ ނާސިންގް އޮފިސަރުން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.
އާއިލާގެ އެދުމުގެ މަތިން، މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ ޑިސްޓްރިކްޓް ހޮސްޕިޓަލާއި މެޑިކަލް ކޮލެޖުގެ ޓީމަކުން ގުޅިގެންނެވެ. އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު، ހަށިގަނޑު ވަނީ އަމިއްލަ އަވަށަށް ފޮނުވާލާފައެވެ.
މި މައްސަލައާ ގުޅިގެން ޑެޕިއުޓީ ޗީފް މިނިސްޓަރު އަދި ހެލްތު މިނިސްޓަރު ރާޖެންދުރަ ޝުކްލާ ވަނީ ވަކި ފަރާތަކަށް ނުޖެހޭ ތަހުގީގެއް ހިންގުމަށް އަމުރުކުރައްވާފައެވެ. ބަލިމީހުންނަށް ފަރުވާ ދިނުމުގައި އިހުމާލުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ބަލިމީހުންނާއި އާއިލާތަކަށް އިހުތިރާމާ އެކު މުއާމަލާތްކޮށް، ފަރުވާގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަހުގީގު ކޮމިޓީގެ ރިޕޯޓު ލިބުމުން، އޭގައިވާ ކަންކަމަށް ބަލައި އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި ހާދިސާއާ ގުޅިގެން، ހާއްސަކޮށް މާބަނޑު މީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމާއި ޒިންމާދާރުކުރުވުމުގެ މުހިންމުކަން ވަނީ ފާހަގަވެގެން ގޮސްފައެވެ.


