ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރުގައި ފެންބޮޑުވުމުގެ ކާރިސާއެއް

95 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު، އެތައް ސަތޭކަ މީހުން ވަނީ ގެއްލިފަ

ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރުގައި ފެންބޮޑުވުމުގެ ކާރިސާއެއް

ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދަށް ބުދަ ދުވަހު ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއެއްގައި އެތައް ބަޔަކު މަރުވެ، ސަތޭކައަށްވުރެ ގިނަ މީހުން ގެއްލިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ނޭޕާލްގެ ރަސުވާ ޑިސްޓްރިކްޓްގައި އޮންނަ ބޯޓޭ ކޯޝީ ކޯރަށެވެ. މި ފެންބޮޑުވުން މެދުވެރިވީ ބޮޑު ސަރަހައްދަކުން ގަނޑުފެނާއި ހިލަތައް ފޭބުމުގެ ސަބަބުން ކޯރުގެ ފެންގަނޑު ކުއްލިއަކަށް އުފުލިގެންނެވެ. މި ކާރިސާގައި ގިނަ އަދަދެއްގެ ގެދޮރާއި، މަގުތަކާއި، ފާލަންތަކުގެ އިތުރުން އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިހާތަނަށް 95 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު، ބޭރުގައުމުތަކުގެ ފަތުރުވެރިން ހިމެނޭހެން އެތައް ސަތޭކަ މީހުން އަދިވެސް ވަނީ ގެއްލިފައެވެ. ސަލާމަތްތެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުން ހެލިކޮޕްޓަރާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ދިރިތިބި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ކާރިސާގެ ސަބަބުން ޓިބެޓަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ގައުމުންވެސް ބައެއް މީހުން މަރުވެ، ގިނަ ބަޔަކު ވަނީ ގެއްލިފައެވެ. ކަމާބެހޭ އިދާރާތަކުން ދަނީ ގެއްލުންތަކުގެ ތަފްސީލު ބަލަމުންނެވެ.