މިނިސްޓަރ ޒަރީރު ވެސް ކަންބޮޑުވަނީ ރަށެއްގެ ރައްޔިތަކަށް އެއްޗެއް ލިބޭތީ
މީހުނަށް ވަޒީފާ ދިނުމާއި ވަޒީފާއަށް މީހުން ހޯދުމަކީ ވަރަށް ތަފާތު ދެކަމެއް
މީހުނަށް ވަޒީފާ ދިނުމާއި ވަޒީފާއަށް މީހުން ހޯދުމަކީ ވަރަށް ތަފާތު ދެކަމެކެވެ. ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް އެކުންފުންޏެއްގެ ސައިޒްގައި މުއައްޒަފުން ބޭނުންވާނެއެވެ. އެކަމަކު އެއްޔަކީ ސިޔާސީ ގޮތުން ތާއީދު ހޯދާ ވޯޓް ހޯދަން ކުރަން ހެޔޮވާވަރު ކަމެއްނޫނެވެ.
ކުރީ ސަރުކާރުން ފެނަކައަށް 18ހާސް މީހުން ވެއްދި ވާހަކަ ދައްކާއިރު އެހެން އެކަން ދިމާވާން ޖެހުނު ސަބަބުތައް ބައެއް މީހުން ހަނދާނެއް ނެތެވެ. ހަނދާން ހުއްޓަސް އެކަން ފާހަގަކޮށް ދައްކާކަށް އެމީހުން ބޭނުމެއް ނުވެއެވެ. އަހަރުތަކެއް ވަންދެން ޓެކުހުގެ ނަމުގައި ޓެކެން އުޅުނު މީހާއަށް މާބަނޑޭރިކަން ލިބުނީމާ ކުރީ ސަރުކާރުން ފެނަކައަށް 1800 މީހުން ނެގިއޭ ކިޔަން ފެށީމާ އަންނަނީ ހިނންޏެވެ.
ރައީސް ސޯލިހު ވެރިކަމުގައި ފެނަކައަށް ގިނަ މުއައްޒަފުން ވައްދަންޖެހުނެވެ. 20 ތިރީސް އަހަރު ރަށްރަށުގައި ހުރި ގެދަބުޅި ބަދިގެ އިންޖީނުގެތައް މަތިން މިހާރު ހަނދާނެއް ނުހުންނާނެއެވެ. 24 ގަޑިއިރު ދެ ތިން މީހަކު ބައިތިއްބައިގެން އެއްވެސް އުސޫލެއްނެތި ފޯރިމެރިކަމާއި މަކުނުވާ ކަރަންޓް ނެޓްވޯކުގެ ހަނދާނެއްވެސް ނުހުންނާނެއެވެ. ރަށްރަށުގެ ރައްޔިތުންނަށް ކަރަންޓްގެ ފޮނިމީރުކަން ހޯދާދެއްވުމަށް ރައީސް ސޯލިހު ކުރެއްވި ކާމިޔާބު ގިނަ މަސައްކަތްޕުޅުން ރަށްރަށުގެ އިންޖީނުގެތައް އަޕްގްރޭޑްވިއެވެ.
ގިނަ ރަށްތަކެއްގައި ފެނާނަރުދަމާ ގާއިމުކޮށް އެ ހިދުމަތް ދިނުމަށް ކޮންމެހެން ބޭނުންވާ މުއައްޒަފުން ކޮންމެ ރަށަކުން ހޯދާ ފެނަކައިގެ ދަށުގައި ބޭއްތިއްބުމަކީ ގޯހަކަށް ވާގޮތެއް ނޭގެއެވެ. ސަރުކާރުގެ ދަރަނި ބޮޑުވަމުން ދާތީ އަމިއްލަ ޕާޓީތަކަށް މަސައްކަތްނުދީ އިންހައުސް ކޮށް ބައެއް އިންޖީނުގެތަކާއި ފެނާ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް މުއައްޒަފުންގެ ގޮތުގައި ބަޔަކު ހޯދައިގެން އެމީހުން ލައްވާ މަސައްކަތް ކުރުވައިގެން ކަރަންޓާޢި ފެނާއި ނަރުދަމާ ގާއިމުކޮށް އަސާސީ ހިދުމަތްތައް ގާއިމުކުރުން އަވަސްކުރަން އުޅުން ގޯހަކަށްވީ ރައްޔިތުންގެ އިތުބާރު ރައީސް ސޯލިހަށް ލިބުމެވެ.
ކޮންމެ ރަށަކާއި އެކަށީގެންވާ ފެންވަރުގައި ކަރަންޓާއި ފެނާއި ނަރުދަމާ ހިދުމަތް ދިނުމަށް ކޮންމެހެން ބޭނުންވާ އަދަދަށް ރާއްޖޭގެ ކޮންމެ ރަށަކަށް މުއައްޒަފުން ތިއްބާ ސިޔާސީ ބޭނުމުގައި ހަތަރު ފަސްހާސް މީހުނަށް ގަސްދު ވަޒީފާ ދިނީ ރައީސް މުއިއްޒެވެ. ކުރިން ތިބިގޮތަށް ކޮންމެރަށެއްގައި މުއައްޒަފުން ބައިތިއްބައުގެން އުޅޭނަމަ މީހުންތައް ބާކީވެގެން ކަނޑާކަށް ނުޖެހޭނެއެވެ. އަނެއްކޮޅުން ރަށްރަށުގެ ފެނަކައިގައި މުއައްޒަފުން ގިނަވެގެން އެކަން ގޯހެއްކަމަށް ދެކިގެން ވާހަކަ ދައްކާ މީހުން އެތައް ހާސް ސިޔާސީ މީހުނަށް ކަމެއް ނުކުރުވާ މުސާރައާއި އިނާޔަތް ދިނުން ގޯހަކަށް ނުވެއެވެ. ހައްތަހާވެސް ކަންބޮޑުވަނީ ރަށެއްގެ ރައްޔިތަކަށް އެއްޗެއް ލިބޭތީއެވެ.


