އާޖެންޓީނާއަށް ގެއްލުނީ ހަމައެކަނި ވޯލްޑްކަޕް ފައިނަލް މެޗާއި ތައްޓެއް ނޫން
ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން މެސީއަށް ވެސް ގެއްލުނީ
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ގިނަ ކަންތައްތަކަކާ ގުޅިގެން ތާރީހުގައި ފާހަގަކުރެވޭނެ މުބާރާތެކެވެ. ތިން ގައުމެއްގައި ބޭއްވުނު ފުރަތަމަ ވޯލްޑް ކަޕްގެ އިތުރުން، 48 ޓީމާއެކު ކުޅުނު ފުރަތަމަ މުބާރާތެވެ. އަދި މުބާރާތް ބަލަން ވަން މީހުންގެ އަދަދު ކުރީގެ ރެކޯޑްތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރުވިއެވެ. ނޯވޭގެ އާލިން ހާލަންޑާއި ކޭޕް ވާޑޭގެ ފޯޒީނިއާގެ ކުޅުން ފާހަގަކޮށްލެވުނުއިރު، މިސްރާއި ކެނެޑާއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް މެޗުތަކުން މޮޅުވެ، ގަދަ 16 އަށް ދަތުރުކުރިއެވެ.
މީގެ އިތުރުން، ކާމިޔާބީގެ ރަންވަނަ ހޯދި ސްޕެއިން ވަނީ ކުޅުނު އަށް މެޗުގައި އެންމެ ލަނޑެއް ބައިކޮޅަށް ވަނަ ނުދީ، ކުރީގެ ޗެމްޕިއަނުން ބަލިކޮށް ތަށި އުފުލާލާފައެވެ. މިއާއެކު ސްޕެއިން ވެގެން ގޮސްފައިވަނީ އެއްވަގުތެއްގައި ފިރިހެން އަދި އަންހެން ވޯލްޑް ކަޕް ތަށި އަތުގައި އޮތް ފުރަތަމަ ގައުމަށެވެ.
އަނެއްކޮޅުން މުބާރާތް ފާހަގަވެގެން ދާނީ އާޖެންޓީނާގެ ފަރާތުން ފެނިގެންދިޔަ އަހުލާގީ ގޮތުން ދަށް އަދި ބޭއަދަބީ އަމަލުތަކެވެ. އާޖެންޓީނާ ޓީމުގެ ފަރާތުން ކުޅުމުގެ ތެރޭގައި ފެނުނު ހަރުކަށި އަމަލުތަކާއި މެޗަށްފަހު ފެނުނު ބޭއަދަބީ ސުލޫކުގެ ސަބަބުން އެ ޓީމުގެ އަބުރަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
އާޖެންޓީނާއިން ކެތްތެރިކަން އިސްކުރި ނަމަ، އެ ޓީމަކީ ހަތަރު ވޯލްޑް ކަޕްގެ ތެރެއިން ތިން ފައިނަލުގައި ކުޅުނު ބްރެޒިލް އަދި ޖަރުމަނު ފަދަ ދުނިޔޭގެ އެންމެ މޮޅު ޓީމުތަކުގެ ސަފުގައި ގުނާލެވޭނެ ޓީމެކެވެ. އޭގެ ބަދަލުގައި، މެޗަށް ފަހު ސަލާމްކުރުމުގެ ވަގުތު އެ ޓީމުގެ ބައެއް ކުޅުންތެރިން ބަދަލުކޮށްލީ ތަޅާފޮޅުމަކަށެވެ. އެގޮތުން އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންޑްރޯ ޕަރެޑޭސް ވަނީ ސްޕެއިންގެ އެރިކް ގާސިއާގެ ކަރުގައި ހިފައި ބިމަށް ވައްޓާލުމުގެ ސަބަބުން ރަތް ކާޑެއް ހޯދާފައެވެ.
ވޯލްޑް ކަޕް ފައިނަލަކަށް ފަހު މިއީ ދެއްކި ފުރަތަމަ ރަތް ކާޑު ކަމަށް ބެލެވޭއިރު، މިއީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ހުތުރެކެވެ. ނަމަވެސް އެ ޓީމުގެ ކުޑަކުދިން ފަދަ އަމަލުތައް އެހިސާބުން ނިމުނީއެއް ނޫނެވެ. ސްޕެއިންގެ ޓީމުން ތަށި ބަލައިގަތުމަށް ޕޯޑިއަމްއަށް އެރި ވަގުތު، އާޖެންޓީނާގެ ކުޅުންތެރިން ތިބީ ފުރަގަސް ދީގެންނެވެ.
މެޗަށް ފަހު ގަޑިއެއްހާއިރު ފަހުން، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ހޯދާފައިވާ ލިއޮނަލް މެސީ ވަނީ، މީޑިއާ އާއި ކުރިމަތިލުމުގެ ބަދަލުގައި ކުޅުންތެރިން ގޮވައިގެން ފަހަތު ދޮރުން ބަހަށް އަރައިގެން ގޮސްފައެވެ. މިއީ ފީފާގެ ގަވާއިދުތަކާ ހިލާފު، އަދި ކުޅިވަރުގެ ރޫހާ ނުގުޅޭ އަމަލެކެވެ. މީޑިއާއާ ވާހަކަދެއްކުން މަޖުބޫރު ނޫން ނަމަވެސް، ޓީމަށް ސަޕޯޓުކުރުމަށް ދަނޑަށާއި މަގުތަކަށް ނުކުމެ ތިބި އެތައް މިލިއަން ސަޕޯޓަރުންނަށް އެ ކުޅުންތެރިން ޖަވާބުދާރީވާން ޖެހޭނެއެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނިގޮތުގައި، މޮޅުވާއިރު އުފާކުރާ ފަދައިން ބަލިވާއިރު އެކަން ބަލައިގަންނަން ދަސްކުރަންޖެހެއެވެ. ސްކަލޯނީ މީޑިއާއާ ވާހަކަދައްކަމުން ވަނީ ވަރަށް ބޮޑަށް އަސަރުކޮށް ރޮވިފައެވެ. އޭނާ ބުނީ ޑްރެސިން ރޫމުގައި އޭނާގެ ހުރިހާ ކަރުނައެއް ހުސްކޮށްލައިފި ކަމަށެވެ.
އާޖެންޓީނާގެ ފަރާތުން ފެނުނު ނުރަނގަޅު ކަންތައްތަކާ ހިލާފަށް، ސްޕެއިން ފެނިގެންދިޔައީ ކޮންމެ ގޮތަކުން ބެލިޔަސް ފުރިހަމަ ޓީމެއްގެ ގޮތުގައެވެ. މުޅި މުބާރާތުގައި އެންމެ ލަނޑެއް ބައިކޮޅަށް ވަނަ ނުދިނުމުގެ އިތުރުން، ފައިނަލް މެޗުގެ އިތުރު ވަގުތާ ހަމައަށް އާޖެންޓީނާއަށް ލަނޑެއް ޖަހާނެ އެންމެ ފުރުސަތެއްވެސް އެ ޓީމުން ނުދެއެވެ.
ސްޕެއިން މިހާރު ވަނީ ފިރިހެން އަދި އަންހެން ވޯލްޑް ކަޕްގެ އިތުރުން، ޔޫރަޕްގެ ޗެމްޕިއަންކަމާއި އޮލިމްޕިކް ރަން މެޑަލްވެސް އެއްވަގުތެއްގައި ހާސިލްކޮށް، ފުޓްބޯޅައިގެ ތާރީހުގައި މީގެ ކުރިން އެއްވެސް ގައުމަކަށް ހާސިލް ނުކުރެވޭ ފަދަ ކާމިޔާބީއެއް ހޯދާފައެވެ.
ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބުނިގޮތުގައި، މި ކާމިޔާބީގެ އަސްލަކީ ޓީމުގައި ތިބި ހުނަރުވެރި ކުޅުންތެރިންގެ އިތުރުން، އެ ކުޅުންތެރިންގެ ކިބައިގައި ހުރި ރަނގަޅު އަހުލާގީ ސިފަތަކެވެ. އޭނާ ފާހަގަކުރި ގޮތުގައި، ރަނގަޅު އަހުލާގާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށްވެސް ދުނިޔޭގެ އެންމެ މަތީ ވަނަ ހާސިލް ކުރެވިދާނެކަން ސްޕެއިން ޓީމުން ވަނީ ސާބިތުކޮށްދީފައެވެ.
ސްޕެއިންގެ މި ކާމިޔާބީއަކީ ހަމައެކަނި ދަނޑުމަތީގައި ދެއްކި ހުނަރެއް ނޫނެވެ. އެއީ ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތާއި، އެކަކު އަނެކަކަށް އިހުތިރާމްކުރާ، އަހުލާގީ ގޮތުން ވަރުގަދަ ޓީމެއް ބިނާކުރުމުގެ ނަތީޖާއެވެ. މިއަދު ސްޕެއިން އަކީ ފުޓްބޯޅައިގެ ހުރިހާ ގޮތަކުންވެސް ދުނިޔޭގެ ޗެމްޕިއަނުންނެވެ.
އެކަމަކު އާޖެންޓީނާއަށް އެ ގެއްލުނީ ހަމައެކަނި ވޯލްޑް ކަޕް ފައިނަލް މެޗާއި ތައްޓެއް ނޫނެވެ. ގައުމުގެ ކިބައިގައި ހުރި ތަހުޒީބީ އުޅުމާއި، އަދަބު އިހުތިރާމާއި މާތް ސިފަތައް ވެސް ވަނީ އެ ގައުމަށް ގެއްލިފައެވެ. ދުނިޔޭގެ އެތައް ލައްކަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ ފުޓްބޯޅައިގެ ރަސްކަން މެސީއަށް ވެސް ގެއްލި ދިޔައީއެވެ.


