ޕަންޖާބީ ލަވަކިޔުންތެރިޔާ އިންދަރު ކޯރު މަރާލި ލޯބިވެރިޔާ ފިލައިފި
މީޑިއާގައި މަގުބޫލު، ޕަންޖާބީ ފިލްމެއްގައި ވެސް މަސައްކަތް ކޮށްފައިވާ ފަންނާނެއް
އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ޒުވާން ލަވަކިޔުންތެރިއެއް ކަމަށްވާ އިންދަރު ކޯރު ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މައިގަނޑު މީހާ ހޯދުމުގެ މަސައްކަތް އިންޑިއާ ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ މީހާ މިހާރު ވަނީ ކެނެޑާއަށް ފިލައިގެން ގޮސްފައެވެ.
އުމުރުން 29 އަހަރުގެ ޔަޝިންދަރު ކޯރު (އިންދަރު ކޯރު) ގެއްލިފައިވަނީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ ދުއްވި ކާރު ޕަންޖާބުގެ ލުދިއާނާ ކައިރީގައި އޮންނަ ކެނަލްއަކުން ފެނިފައިވާއިރު، އޭގެ ހަ ދުވަސް ފަހުން ފީނުންތެރިން ވަނީ އޭނާގެ ހަށިގަނޑު ފެންމަތިކޮށްފައެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި އޭނާގެ ބޮލަށާއި މޭމައްޗަށް ވަނީ ބަޑިން ހަމަލާދީފައެވެ.
އިންދަރު ކޯރަކީ ސޯޝަލް މީޑިއާގައި މަގުބޫލު، އަދި ޕަންޖާބީ ފިލްމެއްގައި ވެސް މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އޭނާ ދިރިއުޅެމުން ދިޔައީ ލުދިއާނާގައި އޭނާގެ ބޭބެއާއެކުގައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް، ފުލުހުން ބުނާ ގޮތުގައި މި މަރުގެ މުގުލުގައި ހުރީ ކެނެޑާގެ ރެސިޑެންސީ އޮންނަ، އެ ދުވަސްވަރު ލުދިއާނާއަށް ޒިޔާރަތްކޮށްގެން އުޅުނު މީހެކެވެ.
ދިގު އިންތިޒާރަކަށްފަހު ފެށުނު ގުޅުމެއް

މި މައްސަލައިގައި މައިގަނޑު ތުހުމަތު ކުރެވެނީ މޯގާ އަށް ނިސްބަތްވާ، ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ކެނެޑާގައި އުޅެމުންދާ އުމުރުން 37 އަހަރުގެ ސުކުވިންދަރު ސިންގް ބްރާރް އަށެވެ. އިންދަރުގެ އާއިލާއިން ބުނާ ގޮތުގައި ސުކްވިންދަރު އާއި އިންދަރުގެ މެދުގައި ފާއިތުވި ފަސް އަހަރު ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. އަދި ދެމީހުން ކައިވެނި ކުރުމަށް ވެސް އޮތީ ރޭވިފައެވެ.
ނަމަވެސް، ފަހުން އާއިލާއަށް އެނގުނު ގޮތުގައި ސުކްވިންދަރު އަކީ ކެނެޑާގައި އަންބަކާއި ދަރިން ތިބި މީހެކެވެ. މިކަން ފަޅާއެރީ އިންދަރު ކެނެޑާއަށް ގުޅުމުން ސުކްވިންދަރުގެ އަންހެނުން ފޯނަށް ޖަވާބު ދިނުމުންނެވެ. މިކަމުގެ ސަބަބުން އިންދަރު ހުރީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން ބަލިވެ، ބޭސް ބޭނުންކުރަން ޖެހިފައެވެ.
މަރުވި ރޭގެ ހާދިސާ
މެއި 13 ވަނަ ދުވަހުގެ ރޭގަނޑު 8:30 ހާއިރު އިންދަރު ގެއިން ނުކުތީ ކާރުގައެވެ. އޭނާގެ ކޮއްކޮ ބުނި ގޮތުގައި، ފޯނުން ވާހަކަ ދައްކަމުން 10 ނުވަތަ 15 މިނެޓު ތެރޭގައި ގެއަށް އަންނާނެ ކަމަށް އިންދަރު ބުންޏެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެއެވެ. ފޯނަށް ޖަވާބެއް ވެސް ނުދެއެވެ.
ލުދިއާނާ ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރު އިންދަރުޖީތު ސިންގް ބޮޕަރާއި ވިދާޅުވި ގޮތުގައި، ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނޭ ސުކްވިންދަރުގެ ބައްޕަ ވަނީ މި ކުށުގައި ސުކްވިންދަރު ބައިވެރިވި ކަމަށް އިއުތިރާފުވެފައެވެ. އަދި އިންދަރު ގެއްލުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނޭޕާލް މަގުން ސުކްވިންދަރު އިންޑިއާއިން ބޭރަށް ގޮސްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކެނެޑާގެ އެހީތެރިކަމަށް އެދުން
އިންދަރުގެ އާއިލާއިން މިހާރު ދަނީ ކެނެޑާ ސަރުކާރުގެ އެހީތެރިކަމަށް އެދެމުންނެވެ. އެމީހުން ބޭނުންވަނީ ސުކްވިންދަރު ކެނެޑާއިން ޑީޕޯޓްކޮށް، އިންޑިއާގެ ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރުމަށެވެ. "އަހަރެމެންގެ އަތުގައި ބޭނުންވާ ހުރިހާ ހެއްކެއް އެބަހުރި. އޭނާ ވަގުތުން ގައުމަށް (އިންޑިއާއަށް) ފޮނުވާލަން ޖެހޭ،" އާއިލާގެ މެންބަރަކު ބުންޏެވެ.
މި މައްސަލައިގައި ކެނެޑާގެ ފުލުހުން ބުނެފައިވަނީ އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އިންޑިއާގެ ގާނޫނު ބުނާ ގޮތުން ކުށުގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ފަހު، އިންޑިއާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެނެޑާގެ އެހީތެރިކަމަށް ރަސްމީކޮށް އެދެވޭނެއެވެ.
އިންދަރުގެ މަންމަ ދަލްޖީތު ކޯރު ރޮމުން ބުނީ، އޭނާގެ ދަރިފުޅަށް އިންސާފު ބޭނުންވާ ކަމަށާއި، މި ހިތާމައިން އަދިވެސް އަރައިނުގަނެވޭ ކަމަށެވެ. އާއިލާގެ އުންމީދަކީ ކުށްވެރިޔާއަށް ހައްގު އަދަބު ލިބުމެވެ.


