ދައުލަތުގެ މާލާއި މުދަލަކީ ޕީއެންސީގެ މިލްކެއްނޫން

ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދީ ހުވާކުރުވާފައި ހަވާލުކުރާ އަމާނާތެއް

ދައުލަތުގެ މާލާއި މުދަލަކީ ޕީއެންސީގެ މިލްކެއްނޫން

ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނު އަސާސީގައިވާ ކަންކަން ތަންފީޒުކޮށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ދިރާސާކޮށް ތަންފީޒު ކުރުމަކީ އެވަގުތެއްގައި ދައުލަތް ހިންގުމުގެ ޒިންމާ އާއި ހަވާލުވެފައިވާ ވެރީންގެ އަސާސީ ޒިންމާއެކެވެ. ދުސްތޫރީ ޒިންމާއެކެވެ. ވާޖިބެކެވެ. 

ދައުލަތް ހިންގުމުގެ އޮނިގަނޑު މުތާލިޔާ ކުރުމުގެ މައިގަނޑު މަގުސަދަކީ އިއްޔެއަށްވުރެ ފާގަތި މިއަދެއް ހޯދާދީ މާދަމާގެ ޖީލުތަކަށް މިއަދަށް ވުރެ ފާގަތި، ތަނަވަސް، އެކުވެރި، އުފާވެރި މާހައުލެއް ބިނާކޮށް ދިނުމެވެ. ދައުލަތުގެ އިސްތިރާޖީ ބިނާތަކާއި، ވަސީލަތްތަކަކީ ވެރީންނާއި ވެރީންގެ ވަށައިގެންވާ މީހުންގެ ހިތްހަމަޖެހުމަށް ބޭނުންކުރަން ހުންނަ ވަސީލަތާއި ތަކެއްޗެއް ނޫނެވެ.

ދައުލަތް ހިންގުމަށް ހޮވޭ ބޭބޭފުޅުންނަކީ ދައުލަތުގެ ތިޖޫރީތަކުގެ ވެރީންނެއް ނޫނެވެ. ދައުލަތުގެ ތިޖޫރީތަކުގެ ހަގީގީވެރިންނަކީ ރައްޔިތުންނެވެ. އެ ފައިސާއަކީ ރައްޔިތުންގެ ވޮލެޓެކެވެ. އެ ވޮލަޓުގައިވާ ފައިސާ ހަރަދު ކުރަންޖެހޭނީ ރައްޔިތުންނާއި ގައުމުގެ މުސްތަގުބަލަށެވެ. ވެރީންގެ ހިތްހަމަޖެއްސުމަކަށް ނޫނެވެ. އަދި ވެރީންނަށް ފައިދާ ވާނެ ކަންކަން ފުއްދުމަކަށްވެސް ނޫނެވެ. އެ ފައިސާ އަކީ ވެރިންގެ މިލްކިއްޔާތެއް ކަމަަށް ބަލައިގެން ކަންކަން ކުރުމަކީ ދުސްތޫރީ ހަމަތަކުން ބެލިނަމަވެސް ކުރެވޭނެ ކަމެއް ނޫނެވެ. 

ދައުލަތުގެ މާލީ ހިސާބުތަކާއި ތަރައްގީއަށް ކުރާ ކަމެއްވާނަމަ އެކަމެއްގެ މައުލޫމާތުތައް ހިމެނޭ ގޮތަށް ހިސާބުތައް ހާމަކުރުމަކީ ގާނޫނު އަސާސީ އަންގާ އަމުރުކުރާ ކަންކަމެވެ. މި މައުލޫމާތުތައް ހާމަ ކުރަނީ ރައްޔިތުންގެ މައުލޫމާތަށެވެ. 

ކޮންމެ ސިފައަކުން ބެލިނަމަވެސް ދައުލަތާއި ހަވާލުވާ ބަޔަކު މަގާމު ތަކާއި ހަވާލުވަނީ ވަކި މުއްދަތެއް ކަނޑައަޅައިގެންނެވެ. ނަމަވެސް ދައުލަތް ދެމި އޮންނާނެއެވެ. ރައްޔިތުންތަކެއް ދެމި ތިބޭނެއެވެ. ދައުލަތުގެ އަސާސީ މުއައްސަސާތައް ދެމި އޮންނާނެއެވެ. 

ދައުލަތުގެ މުއައްސަސާތަކަކީ ދުސްތޫރުގައި ބަޔާންކުރާ ހަމައިގެ މަތިން އަމަލު ކުރަން ހުންނަތަންތަނެވެ. އެ މުއައްސަސާތަކުގެ ޒިންމާއަކީ ފަހަރެއްގައިވެސް ވެރިމީހާ ވަށާ ވެރިމީހާގެ ދިފާއަށް ހުންނަ ތަންތަނެއް ނޫނެވެ. ދައުލަތުގެ މުއައްސަސާތަކުގެ އެންމެ އަސާސީ ސިފައަކީ ސަރުކާރުން ކުރާ ކަންކަމަކީ ދައުލަތާއި ރައްޔިތުންގެ މަންފާއަށް ކުރެވޭ ކަންކަންކަން ކަށަވަރު ކުރުމެވެ. 

ބަޔަކު މީހުން ވެރިކަމެއް ކުރުމުގެ މާނައަކީ ދައުލަތުގެ ހަޒާނާއާއި މުއައްސަސާތަކުގެ ބޭނުން ހިފާ ވެރިފަރާތްތަކުގެ މަސްލަހަތަށް ގައުމުގެ ތަނަވަސްކަން ގުރުބާން ކުރުމެއް ނޫނެވެ. ޒިންމާދާރު ކަމާއި އެކު ދައުލަތުގެ މާލިއްޔާ ބަލަހައްޓާ ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ގައުމުގެ މިސްރާބު އަންނަންއޮތް ޖީލުތަކަށް މިސްރާބު ކުރުމަކީ ދައުލަތާއި ވަގުތީ ގޮތުންހަވާލުވާ ބައެއްގެ ބޮލުގައި އެޅިފައިވާ އެންމެ އެންމެ ބޮޑު އަސާސީ ޒިންމާއެވެ. އެއީ މާތްރަސްކަލާނގެ ގަންދީ ހުވާ ކުރުމުގެ އަސްލުވެސް މެއެވެ.

ހުވަޔަށް އިހުތިރާމް ކުރަންޖެހޭނެއެވެ. ގައުމަކީ ވެރީންގެ އަތްމައްޗަށް އަރާ ރައްޔިތުންގެ އަމާނާތެކެވެ. އަމާނާތަށް ހިޔާނާތްތެރިވުމަކީ އަޒާބުބޮޑު ކަމެކެވެ. މާދަމާއަށް ގައުމު ތައްޔާރު ކުރުމަކީ ވެރީންގެ ޒިންމާއެކެވެ. ހަމަ އެހެންމެ މާދަމާއަށް ވެރިންވެސް ތައްޔާރުވުމުގައި އަމާނާތަށް ހުރުމަތްތެރިވުމާއި ހުވަޔަށް ކިޔަމަންވާންޖެހޭނެއެވެ.