އިޒްރޭލަށްޓަކާ ހާމަނާއީގެ ޖަނާޒާގައި ރާއްޖޭން ބައިވެރިއެއްނުވި!؟

އިސްލާމް ދީނަށް ނަސްރުދޭ ސަރުކާރެއް ކަމަށް ބުނާ ބުނުމަކީ އޮޅުވާލުމެއް

އިޒްރޭލަށްޓަކާ ހާމަނާއީގެ ޖަނާޒާގައި ރާއްޖޭން ބައިވެރިއެއްނުވި!؟

ފެބްރިއަރީ މަހު އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ދިން ވައިގެ ހަމާލާގައި އުދުވާނީ ހަމަލާގައި ޝަހީދު ކޮށްލާފައިވާ އީރާނުގެ ކުރީގެ ރޫހީ ލީޑަރ އާޔަތުއްލާ ހާމަނާއީ ގެ ރަސްމީ ޖަނާޒާ ހުކުރު ދުވަހު ފަށައިގެން ކުރިއަށް އެބަގެންދެއެވެ. އާޔަތުއްލާ ހާމަނާއީގެ ޖަނާޒާ ހަފްތާއަކަށް ދިގުދެމިގެން ދާނެކަމަށް އިދާރާތަކުން މައުލޫމާތު ދެއެވެ.

ޝަހީދުކޮށްލާފައިވާ އީރާނުގެ ރޫހީ ލީޑަރގެ ޖަނާޒާގައި 20 މިލިޔަނެއްހާ މީހުން ބައިވާނެކަމަށް ރަސްމީ އިދާރާތަކުން އަންދާޒާ ކުރެއެވެ. އާޔަތުއްލާ ހާމަނާއީގެ ޖަނަޒާގައި މަތީ ފެންވަރުގެ ވަފުދުތައް ބައިވެރިކުރާނީ އެމެރިކާއާއި އިޒްރޭލުގެ އަދާވާތްތެރިން ކަމަށް އިޒްރޭލަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ ޖަނާޒާގައި ބައިވެރިނުވުމަށް އިޒުރޭލުން ގައުމުތަކުގައި ދަނީ އެދެމުންނެވެ.

ހާމަނާއީގެ ޖަނަޒާގައި ވަފުދުތައް ބައިވެރިކުރާ ގައުމުތަކާ މެދު ހަރުކަށި ފިޔަވަޅުއަޅާ ރައްކާތެރިވުމަށް އިޒްރޭލުގެ ބައިވެރިން ތެރޭގައި ގޮވާލެވެމުންވެސް އެބަދެއެވެ. އެފަދަ އެއްވެސް ކަމަކަށް ބެލުމެއްނެތި ހާމަނާއީއަށް އެންމެ ފަހުގެ އިހުތިރާމް އާދާކުރަން ހާމަނާއީގެ ޖަނާޒާގައި ދުނިޔޭގެ އެތައް ގައުމެއްގެ މަތީ ފެންވަރުގެ ވަފުދުތައް އަންނަނީ ބައިވެރިވަމުންނެވެ. 

އާޔަތުއްލާ ހާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް މަތީފެންވަރުގެ ވަފްދެއް ސައުދީއަރަބިޔާއިން ފޮނުވަފާނެ ކަމަކަށް އެއްވެސް ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް ސައުދީ އަރަބިޔާއިންވެސް ވަނީ ހާމަނީގެ ޖަނާޒާގައި މަތީފެންވަރުގެ ވަފްދެއް ބައިވެރިކޮށްފައެވެ. ސައުދީ އަރަބިޔާގެ އިތުރުން ގަތަރާއި އޮމާނުންވެސް އެ ޖަނާޒާގައި ބައިވެރިވެއެވެ. 

ސަތޭކައަށް ވުރެ ގިނަ ގައުމުން ހާމަނާއީގެ ޖަނާޒާގައި ބައިވެރިވެފައިވެއެވެ. ތުރުކީ އާއި މެލޭސިޔާއާއި ކަޒަކިސްތާނާއި އިރާގާއި ފަލަސްތީނުން ވެސް ވަފްދުތައް ވަނީ ގޮހެވެ. ތައިލެންޑާއި އަފްގާނިސްތާނާއި ބަނގްލާދޭޝް އާއި ސްރީލަންކާ އާއި އިންޑިއާ އިން މަތީފެންވަރުގެ ވަފްދުތައް ފޮނުވިއިރު ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖެ ކޮބާހެއްޔެވެ. 

އިންޑިއާ ފަދަ އިޒްރޭލާ ގާތް ގުޅުމެއް އޮންނަ ގައުމަކުން އެ ޖަނަޒާގައި ބައިވެރިވިއިރު މުއިއްޒު ސަރުކާރުން ހާމަނާއީގެ ޖަނާޒާގައި ބައިވެރި ނުވި ނުވުމަކީ އިސްލާމީ ދިވެހި އުންމަތަށް ވީ ހިޔާނާތެކެވެ. ބައިނަލްއަގުވާމީ ގުޅުންތަކުގެ ކުޑަވެސް ވައްޓަފާޅިއެއް ހުރިނަމަ އިޒްރޭލާއި އެމެރިކާ ދެކެބިރުންވެސް ކުރާނީ އެކަހަލަ ކަމެއް ނޫނެވެ. 

ހާމަނާއީ ޝަހީދުކޮށްލުމުން އެހީތާމައިގައި ބައިވެރި ބައިދަނޑިއަށް ދިދަވެސް ތިރިކޮށްލަން ނުކެރުނު ބަޔަކަށް ޖަނާޒާއަށް ދާންކެރޭނީ ކިހިނެއް ހެއްޔެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ކުރުން އެކި ބަހަނާ ދައްކައިގެން ދިގުދަންމާލި ދަންމާލުން ހަނދާނެއް ނުނެތެއެވެ. އެމެރިކާއާއި ގުޅިގެން އިޒްރޭލުން އީރާނަށް ދިން ހަމަލާ ކުށްވެރިކޮށް އެމެރިކާއާއި އިޒްރޭލުގެ ނަން ކިޔަންވެސް މުއިއްޒަށާއި ސަރުކާރަށް ނުކެރުނެވެ. އެތައް ސަތޭކަ ކުދިން ތިބި ސްކޫލަކަށް ބޮންއަޅާ އެހުރިހާ ކުދިން މަރާލާ ހާމަނާއީ އާއިލާއާއިއެކު ޝަހީދުކޮށްލި ހަމަލާ އިރާނަށް ދިނުން ކުށްވެރިނުކޮށް އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ހަމަލާ ދިނުން ހަރުކަށި އިބާރާތުން ރާއްޖޭން ކުށްވެރި ކުރިއެވެ. އެންމެފަހުން ހާމަނާއީގެ ޖަނާޒާގައިވެސް ރާއްޖޭގެ ފަރާތުން ބައިވެރިކޮށް ނުލީއެވެ. 

ބުނެވި ދިޔަގޮތަށް މުއިއްޒު ސަރުކާރުގެ ކަންކަން ހުރުމުން އިސްލާމުންނަށް މާ ހެޔޮއެދޭ އިސްލާމް ދީނަށް ނަސްރުދޭ ސަރުކާރެއް ކަމަށް ބުނާ ބުނުމަކީ ބޮޑު އޮޅުވާލުމެކެވެ. އިސްލާމު ދީނަކީ ވެރިކަމުގައި ތިބުމަށް އުފުލާ ހަންމުއްޓެކެވެ. ދައުލަތުން ވައްކަން ކުރަމުން، ރިޝްވަތު ނަގަމުން ރީޝްވަތު ދެމުން، ރައްޔިތުންގެ ފައިސާއިން އިސްރާފުކުރަމުން، މަތި މައްޗަށް ދޮގުހަދަމުން، އޮޅުވާލަމުން، ދިވެހި ރައްޔިތުންގެ ތެރެއިން ވަކިބަޔަކީ ކާފަރުންނޭ ގޮވަމުން އަލްހަމްދު ނުކިޔާން ބުނާ ވެރިކަމެއް ނެތި ދިޔުމަށްވުރެ އެދޭ އެއްވެސް ކަމެއް މިހާރަކު ނެތެވެ.