އެމްޑީޕީއަށް 2023 ގެއްލުމާ ސޯލިހުގެ މަގުބޫލުކަމާ ގުޅުމެއްނެތް

އެމްޑީޕީއަށް 2023 ގެއްލުމާ ސޯލިހުގެ މަގުބޫލުކަމާ ގުޅުމެއްނެތް

އެމްޑީޕީއަށް 2023 ގެއްލުނީ ރިޔާސީ ކެންޑިޑޭޓްގެ މަގުބޫލުކަން ކުޑަވެގެންތޯ ނުވަތަ ނޫންތޯ ބަލާލުމަކީ ނެތް ކަމެއް ނޫނެވެ. ފެންނަން އޮތް ހަގީގަތްތަކަށް ނަޒަރު ހިންގާލުމުން އެމްޑީޕީއަށް 2023 ގެއްލުނީ ރިޔާސީ ކެންޑިޑޭޓްގެ މަގުބޫލުކަން ކުޑަވުމަކުން ނޫނެވެ. 

ގައުމުގެ ކަންކަން އިސްލާހުކޮށް ނަތީޖާ ހާސިލުކުރެވޭ ވަރަށް ވެރިކަމާއި މަޖިލީހުގެ ސްޕަރ މެޖޯރިޓީ ދިނުމުން އެދޭ ބަދަލު ގައުމަށް ގެނެސް ނުދެވުމަކީ 2023 ގެއްލުނު މައިގަނޑު ސަބަބެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ރައްޔިތުން އެދުނު ހެޔޮ ބަދަލު ގެނެސް ނުދެވުނު އެކިވަރުގެ އެތައް ސަބަބެއް ހުއްޓެވެ. 

ވެރިކަން ލިބި މަޖިލީހުގެ މެޖޯރިޓީ ލިބުމުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޕާޓިގެ ރައީސް ބޭނުންވެ އެހެން ހުރިހާ ކަމަަކަށް ވުރެ ނިޒާމް ބަދަލުކުރަން އުޅުމުން ޕާޓީގެ އެތެރޭގައި އުފެދުނު ނުތަނަވަސްކަމާއި ދެބަސްވުމަކީ މުޅި މައްސަލައިގެ ނާރެހެވެ. ނިޒާމު ބަދަލުކުރުމުގެ މައްސަލައިގައި ގައުމުގެ ރައީސާއި ޕާޓީގެ ރައީސާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުން ވެގެން ދިޔައީ 2023 އެމްޑީޕީއަށް ގެއްލުމުގެ ފެށުމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި އެމްޑީޕީގެ ރައީސް ނަޝީދު އިންނަވައިގެން އެޖެންޑާ19 ތަންފީޒު ކުރުމުގައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުން އެޖެންޑާ ނުކޮށް ދަންމާލެއްވީއެވެ. ކޮވިޑްގެ ހާލަތުގައި މުޅި ދުނިޔެ ބަންދުވެ ފަތުރުވެރިން އައުން ހުއްޓި މާލީ މުސީބާތަކަށް ގައުމު ވެއްޓުނު ވަގުތުގައިވެސް ސަރުކާރާއި އެއްބާރުލުން ދެއްވުމުގެ ބަދަލުގައި އެމްޑީޕީގެ ރައީސް ހިޔާރުކުރެއްވީ ސަރުކާރާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދެވުމެވެ.

ރައީސް ސޯލިހުގެ މަގުބޫލުކަން ގެއްލުވާލަން ރައީސް ނަޝީދު ބޭނުންކުރެއްވި ހަތިޔާރަކީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އިދިކޮޅާ ގުޅިގެން އިދިކޮޅަށްވުރެ އިދިކޮޅަށް ރައީސް ނަޝީދުގެ އަމަލުތައް ބެހެއްޓެވުމެވެ. އޭރު ރައްޔިތުންގެ މަޖިލިސްގެ ތަޅުމެކޭ އިދިކޮޅު ޕާޓީގެ ހަރުގެއެކޭ ތަފާތެއް ނެތެވެ. 

މިކަހަލަ އެތައްް ސަބަބުތަކަކާހުރެ ފާޅުކަން ބޮޑުކޮށް ފެންނަން އޮތް ހަގީގަތަކީ 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ އެތެރޭގެ ކޯޅުން ބޮޑުވެ މުއިއްޒުގެ ދޮގުތައް އެމްޑީޕީގެ ތެރެއިން ބަޔަކު ނިކުމެ ވިއްކަދީގެންނެވެ. ރައިސް ސޯލިހުގެ މަގުބޫލުކަން ނެތް ނަމަ އެމްޑީޕީގެ ތެރެއިން އިސްބަޔަކު ނިކުމެ ދިމާދެކޮޅަށް ކުޅުމުންވެސް ރިޔާސީ އިންތިހާބުގައި 10900 ވޯޓް ވޯޓެއް ނުލިބުނީހެވެ.