އައްޑޫން މުއިއްޒަށް ލިބުނު ނާކާމިޔާބީ ކާމިޔާބަކަށް ނުވާނެ
މެޗަކުން މޮޅުވަނީ ފަރަގުގައި ވާދަވެރި ބަޔަށް ވުރެ އެންމެ ދަރަޖައަކުން ނަމަވެސް ކުރި ހޯދައިގެން
އިއްޔެގެ މަޖިލިސް ބައި އިލެކްޝަން އިން ދަސްކުރާން ޖެހޭ ފިލާވަޅެއް އޮންނާނެއެވެ. އެއީ މުހިންމު ކަމެކެވެ. 2024 ވަނަ އަހަރު މުއިއްޒު ޕާޓީ ޕީއެންސީ ގެ ކެނޑިޑޭޓު ބޮޑު ކާމިޔާބީއެއް ހޯދި ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މުޅި ރާއްޖޭގައި އޭރު ކެމްޕެއިން ކޮށް މުޅި ރާއްޖެއިން ސުޕަރ މެޖޯރިޓީ ހޯދިއެވެ. ވެރިކަމުގެ މާމުއި ހަނދުވަރުގެ ދުވަސްވަރެވެ. އަލަތު ކައިވެނީގެ ދުވަސްވަރެވެ. ބަފާ ދޮންބަފައަކަށް ބަދަލެއް ނުވެއެވެ. މުއިއްޒާއި މުއިއްޒުގެ ޕާޓީ ވަޒަން ކޮށްލެވޭ ވަރަށް ވުރެ ޅަ އުމުރެކެވެ. އެހެންނަމަވެސް ވަޒީފާގެ ބަހާރު މޫސުމެކެވެ. މުޅި ރާއްޖޭގެ ސަމާލުކަން ވަކި ދާއިރާއަކަށް ހުއްޓާލީކީވެސް ނޫނެވެ.
ވެރިކަމުގެ މާމުއި ހަނދުވަރުގައި ހިތަދޫ އުތުރު އޮތްގޮތް ދުށީމުއެވެ. އެމްޑީޕީއަށް އޭރުގައި ދިނީ އެންމެ 838 ވޯޓެވެ. މުއިއްޒާއި މުއިއްޒުގެ ކޯލިޝަން ސަރުކާރަށް 1079 ވޯޓު ލިބުނެވެ. 2026 ބައި އިލެކްޝަން މުއިއްޒުއާއި މުއިއްޒު ޕާޓީ ތަމްސީލު ކުރާ ކެނޑިޑޭޓު އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ބައިވެރިވެ 306 ވޯޓު ހޯދިއެވެ.
2026 ވަނަ އަހަރުގެ މަޖިލިސް ބައި އިލެކްޝަން އައި އިރު ސަރުކާރު ވަނީ ވައި ވެފައެވެ. ސަރުކާރުގެ އަމަލުތައް ހުރީ ރައްޔިތުން ބީރައްޓެހި ކުރާކަހަލަ ގޮތަކަށް ބަދަލު ވެފައެވެ. މެޗެއް މޮޅުވަނީ ފަރަގުގައި ވާދަވެރި ބަޔަށް ވުރެ އެންމެ ދަރަޖައަކުން ނަމަވެސް ކުރި ހޯދައިގެންނެވެ. ކޮންމެއަކަސް މުއިއްޒާއި މުއިއްޒުގެ ކޯލިޝަން ޓީމަށް ދުނިޔެ ދައްކާލައިފިއެވެ.
ކޯލިޝަން ސަރުކާރުގެ ޓީމުތަކެއް އެ ދާއިރާގެ އިންތިހާބު އިއުލާނު ކުރީންސުރެ އެ ރަށުގައި ހަރަކާތްތެރި ވާން ފެއްޓިއެވެ. ދެ އަނތްބަށް ކައިވެނި ކުރާނެ މީހުންނާއި، ތިންވަނަ ކައިވެންޏަކަށް ތައްޔާރުވެފައި ތިބި ކަމަށް ކެމްޕެއިން ޓީމުގެ މެމްބަރުން ގޮވަމުން ދިޔައެވެ. އައްޔާޝީގެ ތުހުމަތުތަކުގެ ރެކޯޑް މަތީން ތިރިއަށް އޮތް އޮތުން ސީދާ ކުރިއެވެ.
އެމްޓީސީސީ މުޅިންހެން އޮތީ އެ ދާއިރާއަށް އޯޕަން ބަޖެޓެއްގައި ހުޅުވާލާފައެވެ. ނުނިމި، ނުފަށާ ހުރި އަދި ވުޖޫދުގައިވެސް ނެތް އެތައް މަޝްރޫއު އެއް މަސް ދުވަހުތެރޭ ނިންމާލިއެވެ. ނުވަތަ ނިމުމާއި ގާތް ކުރިއެވެ. ވަޒީފާތައް ބެހިއިރު ވަޒީފާ ލިބުނު ބައެއް ބޭބޭ ފުޅުން ދުނިޔެ ދޫކުރިތާ 2 އަހަރު ވެއްޖެއެވެ. ނަމްބަރު ޖެހުމުގެ މައްސަލައެއް ކަމަށް ބަލާ ނިންމާލީއެވެ. އެއްބަޔަކު އާސަންދަ އާއި އެންސްޕާގެ އެހީގައި ބޭރަށް އައްޑޫއިން ޗާޓަރު ފުލައިޓުގައި ފޮނުވާލާހާ އޯގާ ތެރިކަން ދެއްކިއެވެ.
ނަތީޖާއާއި ހިސާބުން ކެމްޕެއިން ޓީމުން ބުނަމުން ދިޔައީ އިންތިހާބުން ބަލިވީ މުއިއްޒުގެ ސަބަބުން ކަމުގައެވެ. ނަން ކިޔުން މަނާ ކުދިންނާއި ދޮގުހެދުން ބޮޑުކަމުންނެވެ. ކޮންމެއަކަސް ވީ ބައްޔެވެ.
މުއިއްޒާއި މުއިއްޒުގެ ޕާޓީ ކޯލިޝަނަށް މި ފަހަރު ކާމިޔާބެއް ނުކުރެވުނެވެ. އެމްޑީޕީ 1375 ވަރަކަށް ވޯޓު ހޯދައިފިއެވެ. މުއިއްޒާއި މުއިއްޒުގެ ކޯލިޝަން ޓީމުން ނެރުނު ކެނޑިޑޭޓަށް ތާއީދު ލިބުނެވެ. ނަމަވެސް އެ ޖަމާއަތްތަކުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނީއެވެ. އެ ޖަމާއަތުގެ ކެނޑިޑޭޓަށް 1313 ވޯޓު ކާމިޔާބު ކުރެވުނެވެ. މިއީ އަމިއްލަ ގޮތުން 2024 ވަނައަހަރު ނިކުމެ 306 ވޯޓު ހޯދި ކެނޑިޑޭޓް ހާސިލުކުރި ބޮޑު ކުރިއެރުމެކެވެ.
މުއިއްޒު ޕާޓީ ކެނޑިޑޭޓުގެ އާއިލާއަށް ނިސްބަތްވާ މީހަކާއި ހަވާލާދީ ރައްޓެއްސަކު ބުންޏެވެ. “އަމިއްލަ ގޮތުން ނިކުތްނަމަ އިންނާނީ ގޮނޑީގައި” ތެދަކަށް ވުން ގާތެވެ. ރަށަށް މީހުން ބަލައިގަންނަ ކަހަލަ ބަޔަކު ދިޔަނަމަވެސް ނަތީޖާއަށް ބަދަލެއް އައިސްސީސް، ބާނަބާނަ ތިއްބާ އެ ވިއްކާލީ ކަނޑު ކަމަށް ބުނި މީހަކާއި، ރުފިޔާ ގޯނި އުފުލި ސޮރަކާއި އުކުޅަހު ސޮރަކު ގޮސްގެން ވޯޓެއް ނުލިބުނެވެ.
އަސްލަކީ ސަރުކާރަށް އާނއެކޭ ނުބުނީއެވެ. ކޯލިޝަން ސަރުކާރު ދަށީއެވެ. މިފަހަރު މިބަލިވީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެވެ. ރާއްޖޭގައި އަދަދުން މިހާރު އެންމެ ބޮޑު ޕާޓީއަކީ މުއިއްޒު ޕާޓީއެވެ. ދެން ބޮޑީ އެމްޑީޕީއެވެ. އެމްޑީޕީ އާއި އެކު މި އިންތިހާބުގައި އޮތީ އަދަދު ކިރިޔާ ހަމަވާ ޕީއެންއެފެވެ. އެހެން ހުރިހާ ޕާޓީތަކެއް އޮތީ މުއީޒު ފަހަތުގައެވެ.
ކޮންމެ އަކަސް މާލޭގައި ތިބި އައްޑޫއަށް ނިސްބަތްވާ ސަރުކާރުގެ އެންމެން ކަހަލަ ގޮތަކަށް އައްޑޫގައި ބަނޑަހަ ޖަހައިގެން މި ލިބުނު ނާކާމިޔާބީ ކާމިޔާބަކަށް ނުވާނެއެވެ. ކޮންމެ ކޮޅަކަށް އެނބުރިއަސް އައްޑޫ މީހުން ޖެހިޖެހިގެން ތިން ފަހަރު ނޫނެކޭ ބުނެފިއެވެ. ކޮންމެއަކަސް ވިދިވިދިގެން 3 ވީއެވެ. އައްޑޫން ބުނީ ފަށް ކަނޑަން ޖެހޭ ވާހަކައެވެ.


