އެންޑޯމަންޓް އިތުރުވީ އަޅުކަން ވިއްކައިގެން ފައިދާ ހޯދަން!؟

އެންޑޯމަންޓް  އިތުރުވީ އަޅުކަން ވިއްކައިގެން ފައިދާ ހޯދަން!؟

ފައިދާ ނުހިިމެނޭ ގޮތަށް ސަރުކާރުން ހިންގާ ހުރިހާ ކަމަކަށް އެހީގެ ގޮތުގައި ލިބޭ ހުރިހާ ފައިސާ އެނބުރުމުގެ ބާރު ޑރ. ޝަހީމަށް ދިނުމަކީ ރައްޔިތުންގެ ވިންދު ހުރި ގޮތެއް ނޫނެވެ. އިސްލާމް ދީނުގެ ނަންބޯޑު ޖަހައިގެން ހިތުހުރި ގޮތަކަށް ރައްޔިތުންގެ ފައިސާ ބަހާ ހޭދަކުރުމުގެ ބާރު ޑރ. ޝަހީމަށް ދިންދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެއްޔަކީ އިސްލާމިކްގެ ފަހަތަށް އެންޑޯމަންޓް އިތުރުކޮށްލައިގެން ހަމަ ޖައްސާލެވެން އޮތްކަމެއް ވެސް ނޫނެވެ. ޒަކާތު ފަންޑު ހަދައިގެން ޒަކާތަށް ދައްކާ ފައިސާ ޑރ. ޝަހީމު ހޭދަކުރަނީ ރައްޔިތުން ވިންދާއެއް ގޮތަކަށް ނޫނެވެ. 

އާޔަތާއި ހަދީސް ކިޔަމުން ދީން ކުރިއެރުވުމުގެ ނަމުގައި އިސްލާމު ދީނުގެ ރުކުންތަކާއި އަޅުކަން ވިއްކައިގެން ފައިސާ ހޯދަން ދިމާކޮށްފައި އޮތްއޮތުން މިހާރުން މިހާރަށް ބަދަލުކުރަން ޖެހެއެވެ. އުމުރާ ގުރޫޕްތަކުން ކުރާ ފާޑަށް ޝަހީމު އިސްވެހުރެ ހައްޖާއި އުމުރާގެ އަޅުކަންވެސް ނަފާ ހޯދަންކުރާ ޓޫރިޒަމް ވިޔަފާރީގެ ބާވަތަކަށް ބަދަލުކޮށްފިއެވެ. 

ޒަކާތު ހައުސް ހަދައިގެން ޒަކާތަކީވެސް ބޮޑު ބިޔަ ވިޔަފާރިއަކަށް ހަދައިފިއެވެ.  ވަގުފާއި ހަދިޔާއާއި ހިލޭ އެހީއާއި މި ހުރިހާ ކަމަކީ ޝަހީމު ދޭގޮތަކަށް ދީ، އަނބުރާނެ ގޮތަކަށް އަނބުރަން އޮތް ބޮޑު ނަފާލިބޭ ވިޔަފާރިއަކަށް ހަދައިފިއެވެ. އިސްލާމީ ނަންބޯޑު އަޅުވައިގެން ދީނުގެ ނިވަލުގައި ޓެކެމުންދާ ދިޔުމުގެ ވާހަކަ ދައްކަން ގިނަބަޔަކު ބިރުގަނެއެވެ. ދީނީ ތާކިހާ އަޅައިގެން ތިބެ ދައުލަތުގެ ފައިސާއަށް ހީލަތްތެރި ގޮތްގޮތަށް ރޭވިގެން ހިތުހުރި ގޮތެއް ހަދާއިރު އެއްޗެއް ބުނަން ކެރޭ މީހަކު ނެތެވެ.

ހައްޖު އުމްރާގެ ކަންތަަކުގެ އިތުރަށް ޒަކާތާއި ވަގުފާއި ފައިދާއަކާ ނުލާ އާންމު ހިދުމަތުގެ ގޮތުގައި  ދެވޭ  ހިދުމަތްތަކަށް  ހިލޭ އެހީގެ ގޮތުގައި ލިބޭ ހުތިހާ އެއްޗެއް ދެން އަރާނީ ޝަހީމު އަތް މައްޗަށެވެ. މިސްކިތްތަކާއި ޒިޔާރަތްތަކާއި ހޮސްޕިޓަލްތަކުގައި ހުންނަ ފަންޑު ފޮށިތަކުގެ ތަޅުދަނޑި އެ ލިބުނީ ޝަހީމް އަތަށެވެ. 

ބަޔަކަށް ދެން ފެންނާނީ ޝަހީމު ދިން އެއްޗެއް ދިން ވަރަކަށެވެ. ޑރ. ޝަހީމަކީ ރާއްޖޭގެ އިސްލާމި އައުގާފު ވަޒީރު ވިއްޔާއެވެ. އެއްޗެއް ބުނާކަށް ނުވާނެއެވެ. ބުނެފިއްޔާ މުރުތައްދުވެސް ވެދާނެއެވެ.