މުއިއްޒުގެ ވައުދު ފުއްދަން ލޯނުދޭން މަޖުބޫރުކުރުމަކީ ބޭންކްތައް ފުޑާލުން

މުއިއްޒުގެ ވައުދު ފުއްދަން ލޯނުދޭން މަޖުބޫރުކުރުމަކީ ބޭންކްތައް ފުޑާލުން

ރައީސް މުއިއްޒު ވައުދުވީ ގޮތަށް ލޯނުދޭނެ ފައިސާ ސަރުކާރާއި ބޭންކް އޮފް މޯލްޑިވްސްގައި ނެތުމަކީ ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުން އެ ބުރަ އުފުލަން މަޖުބޫރު ކުރުމަކީ ބިރުހުރި ކަމެކެވެ. ނުރައްކާތެރި ކަމެކެވެ. ރާއްޖޭގެ މާލިއްޔާ ފޫވެއްޓިފައިވާ ކަމުގެ ދަލީލެކެވެ. މާލިއްޔާގައި ކަމެއް ނެތިސް ނުފޯރާ ފޮތިން ފޫގަޅަށް އުޅުމުން ބަރަހަނާވުން ނޫންކަމެއް ނުވެއެވެ. 

ރާއްޖޭގައި ބޭންކްތައް ހިންގަނީ އެތަންތަން ހިންގުމަށް ގާނޫނު ލާޒިމުކުރާ ކަންކަން ކޮށްގެންނެވެ. ބޭންކިންގ ގާނޫނާއި އެއްގޮތަށެވެ. މަނިޓަރީގައި ބަހައްޓަންޖެހޭ ފައިސާ އެއްވެސް ބަހައްޓައިގެންނެވެ. 

އެމްއެމްއޭއަކީ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ރެގިއުލޭޓް ކުރާ ފަރާތް ކަމަށް ވިޔަސް ބޭންކްތަކަށް ދަނޑިބޭނުމުގެ ބާރެއް ނުއޮންނާނެއެވެ. ރެގިއުލޭޓް ކުރުމަކީ ގާނޫނާއި އެއްގޮތަށް ކަންކަން ކުރޭތޯ ބެލުމެވެ. މަސައްކަތް ކުރަން ފަސޭހަ ފަހި މާހައުލެއް ފަހިކޮށް ދިނުމެވެ. ބޭންކިން ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ ހައްލު ހޯދާދިނުމެވެ. ހަރުކަށި ގަވައިދު ހަދައިގެން ކަންކަން މަޖުބޫރު ކުރުމަކީ ރެގިއުލޭޓް ކުރުމެއް ނޫނެވެ. 

މަރުކަޒީ ބޭންކުގެ ހައިސިއްޔަތުން ބޭންކްތަކަށް ކުއްލި ކުއްލިއަށް ކަންކަން މަޖުބޫރު ކުރުމަކީ އިހުތިޔާރު އޮތަސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. އަމްދުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ލޯނު ދޫކުރަން އެމްއެމްއޭގެ ގަވައިދަކުން ހުރިއްޔާ ހުރި ބޭންކަކަށް މަޖުބޫރު ކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. 

ކޮންމެ ބޭންކަކީވެސް ގާނޫނީ އިމުގެ ތެރެއިން ލާޒިމް ކަންކަން ކުރަމުން އެ ބޭންކެއްގައި ހަމަޖެހިފައިވާ އޮންނަ އުސޫލަކުން ހިންގަމުން އަންނަ ބެންކް އެކެވެ. ލޯނު ދޫކުރާނެ ކަންކަމާއި ލޯނު ދޫކުރާނެ މިންވަރާއި ގޮތް ކަނޑައަޅަނީ އެ ބޭންކަކުންނެވެ. މަނިޓަރީ އޮތޯރިޓީން ކުއްލިއަކަށް ހަދާ ގަވައިދަކުން ބޭންކުތަކުން ވަކިބަޔަކަށް ވަކި ވަރަކަށް ވަކި ރޭޓެއްގައި ލޯނު ދޫކުރަން މަޖުބޫރު ކުރުމަކީ ރާއްޖޭގެ ބޭންކިންގ ނިޒާމަށް ދިން ހަމަލާއެކެވެ. އިތުބާރު ގެއްލިގެން ދާނެކަމެކެވެ. ރާއްޖޭގައި ބޭންކިންގއަށްވެސް ފަހިވެއްޓެއް މީހާރު ނެތްކަން ކަށަވަރު ވީކަމެކެވެ. 

މުއިއްޒު ދައުލަތަށް ލިބޭހާ ފައިސާ އިސްރާފު ކުރަމުން ގޮސް ސަރުކާރާއި ސަރުކާރު ކުންފުނިތައް ހުދުފުށް ވެއްޖެކަމަށް ބުނެވެއެވެ. ދަރަންޏަށްވެސް ފައިސާ ދޭނޭ ބަޔަކުވެސް އުޅޭ ކަމަކަށް ނުވެއެވެ. ބީއެމްއެލްވެސް ފޫވެއްޓި ވައުދު ލޯނު ދެވޭނެ ފަދަ ނެތުނީތާއެވެ. އެންމެފަހުން ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއްވެސް ހިއްސާ ނުކުރާ އެހެން ބޭންކުތަކަށް މުއިއްޒުގެ ވައުދުތައް ފުއްދައިދޭން މަޖުބޫރު ކުރުމުން ރާއްޖޭގެ މާލިއްޔަތު ފަތުއަޑު ކިޔާފައި ބަނބުރޫޓް ވާމުން ދާކަން ކަށަވަރުވެއެވެ.