ގައުމު ފުނޑާލާއިރު މުއިއްޒަށް އެއްވެސް ޕްރެޝަރެއްނެތް
ނޫސްބަޔާނާއި ޕެޓީޝަނާއި ޓްވީޓްކުރަމުން ވާދަވެރިން ދޮންކުރަނީ 28އަށް
ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު ކަނޑުވާލާ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ރަބަރުތައްގަޑަށް ބަދަލުކޮށްފިއެވެ. ގިނަ ނޫސްވެރިންނާއި ނޫސްތައް ގަނެލާ ސަރުކާރުގެ ޕްރޮޕަގެންޑާ މެޝިނުތަކަކަށް ހަދައިފިއެވެ. މިނިވަން މުއައްސަސާތަކަކީ ސަރުކާރުން ބޭނުންވާ ގޮތަކަށް އަނބުރާ ޗާބީދޭ ބުދުތަކަކަށް ހަދައިފިއެވެ. ފަނޑިޔާރުންނާއި ފަނޑިޔާރުގެއަކީ ރައީސްގެ ގޮނޑިކޮއްކޮއަކަށް ހަދާ ނިމިއްޖެއެވެ.
ގައުމީ ބޭންކަކީ ސަރުކާރުން ބޭނުން ގޮތަކަށް އަނބުރާ އުޑިއަކަށް ހަދައިފިއެވެ. މަރުކަޒީ ބޭންކަކީ ރައީސްގެ ސުންބުއްޔަށް ހަދައިފިއެވެ. ސްވެޕާއި ބޮންޑާ ޓީބިލުން ގައުމު ހިންގަން ދިމާކޮށްފިއެވެ. މަނިޓަރީއަށް ބިންގަނެ މަރުކަޒީ ބޭންކް ދިޔަފެލައި ހުސްކޮށްފިއެވެ. ޕެންޝަންފަންޑް ނޮޅާލައިގެން ސަރުކާރުގެ އިސްރާފުތަކަށް ހޭދަކޮށް ނިންމައިފިއެވެ.
އަމިއްލަ ފާމަސީތަކާއި ކުލިނިކުތަކަކީ ބޮޑެތި ވަގުންނަށް ހަދާ އެތަންތަނުގައި ތަޅުއެޅުވުން މަޖުބޫރުކޮށްފިއެވެ. ސަރުކާރުގެ މަސައްކަތްތައް ކުރުވާ މަސައްކަތުގެ އަގުނުދީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބަނގުރޫޓް ކޮށްފިއެވެ. ދެރަވަރު އާދައިގެ މުއައްޒަފުން ވަޒީފާތަކުން ވަކިކޮށް މަގުމަތިކޮށްފިއެވެ.
ސިނގިރޭޓަކީ ސްމަގުލުކުރެވޭ އެއްޗަކަށް ބަދަލުކޮށް އޭގެ އަގު އުފުލާ އެތައް ބަޔަކަށް ޝަރީއަތް ހިންގައިފައި އަތަށް ގޮވުމުން ޑަބްލިޔުއެޗްއޯ ބޮލުގައި ތެތްގޯނި އަޅުވައިފިއެވެ. ބޯހިޔާ ވަހިކަމުގެ ނަމުގައި ދައުލަތް ލޫޓުވާލަން ރަސްމާލޭގެ ނަމުގައި އެތައްސަތޭކަ މިލިޔަންޑޮލަރ މޫދަށް އަޅާލައިފިއެވެ. ގެގްއޯޑަރުން އަނގަ ބަންދުކޮށް އެލްސޯފާ ފޮރުވައިފިއެވެ.
އަތޮޅުކައުންސިލްތައް އުވާލާ ކައުންސިލްތަކުގެ ގާނޫނީ ބާރު ކަނޑުވާ ލައިފިއެވެ. ރަށްރަށުގެ ބިންތައް ބޭނުން އިރަކު ބޭނުގޮތަކަށް ނެގުމުގެ ބާރު ސަރުކާރަށް ހޯދައިފިއެވެ.
ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 މާރުކުރަން މަޖުބޫރުކޮށްފިއެވެ. ހުއްދަނަގައިގެން ފައިސާ ބަދަލުކުރާ މީހުންގެ އާމްދަނީ ބަންދުކޮށްލައިފިއެވެ. ޑޮލަރުން މުސާރަލިބޭ މީހުންގެ ޢާމްދަނީ ބަންދުކޮށްފިއެވެ.
ކުދިކުދި ކަންކަމާ ބޮޑެތި އަދަދުން ޖުރުމަނާކުރާ ގޮތަށް ކުށުގެވެށި ފުޅާކޮށްފިއެވެ. ދޭ ހިދުމަތެއް ނެތި ޓެކްސްތައް ބޮޑުކޮށް ޖީބުކަނޑައިގެން ފައިސާ ހޯދަނީއެވެ. ބައިއަޅައިގެން ދައުލަތް ދަވާލާ ހުސްކޮށްފިއެވެ. ބާޒާރުގައި މުދަލުގެ އަގުބޮޑުވެ އަނގަޔާ އަތާ ދިމާނުވާވަރަށް ރައްޔިތުން ހާލުގައި ޖައްސައިފިއެވެ.
މައްސަލައެއް ނެތްތާއެވެ. ހިރުވާތަން ކަހާވެސް ނުލާ ދެން ކީއްކުރަނީގައި ރައްޔިތުން ތިބީ ހަނެވެ. ކުށްވެރިކުރުމާ ބަޔާން ނެރުމާއި ޕެޓީޝަން ހެދުންނޫން ކަމެއް ނެތެވެ. މުއިއްޒު ގެންނަހާ ބަދަލަށް ރައްޔިތުން ތިބީ ލޮލުން ބޮލުން ތާއީދުކޮށް ރުހި ގަބޫލުވެގެންނޭ ބުނަން ތަންމިނަށް ޖާގައޮތީ ދީފައެވެ. އިދިކޮޅާއި އެއްކޮޅުވެސް އޮތީ ލޯމަރާ ތަގުޅިކޮށްގެންނެވެ. ހިތުހުރިކަމެއް ހިތުހުރިކަމެއް ސަރުކާރުން ކުރަމުން ދާއިރު 2028އަށް ދޮންކުރުންނޫން ކަމެއް ކުރާތީއެއް ނުފެނެއެވެ. މުޅި ގައުމު ފުނޑާލާއިރު މުއިއްޒަށް އެއްވެސް ޕްރެޝަރެއް ނެތެވެ.


