ބޭރުން ފިއްތާވަރަކަށް އީރާނުގެ ވެރިންނަށް ރައްޔިތުން ކުރަނީ އިތުބާރު

ހަނގުރާމައަކީ އީރާނުގެ މިހާރުގެ ވެރިކަން އަހަރުތަކަކަށް ދެމިއޮތުމަށް ހޯދާދޭ ޔަގީންކަމެއް

ބޭރުން ފިއްތާވަރަކަށް އީރާނުގެ ވެރިންނަށް ރައްޔިތުން ކުރަނީ އިތުބާރު

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަކޮށްގެން އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް ފުނޑުފުނޑު ކޮށްލެވިދާނެ ބާއެވެވެ. ހަނގުރާމައިގެ ސަބަބުން އީރާނު ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ކަނޑުވާލެވޭ ހެއްޔެވެ. ފެންނަން އޮތް ހަގީގަތް ބުނެދެނީ މުޅިން އެހެން ވާހަކައެކެވެ. 

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލާ އަލީ ހާމަނާއި އަވަހާރަކޮށްލުމާ ގުޅިގެން، އޭނާގެ ޖަނާޒާގެ ހަރަކާތްތަކުގައި ބައިވެރިވި އެތައް ހާސް ބަޔަކު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލާ ދެކޮޅަށް ބަދަލުހިފުމަށް ގޮވާލާފައެވެ. ތެހެރާނުގެ މަގުތަކުގައި ކުރިއަށްދިޔަ މި ހިނގާލުމުގައި އެމެރިކާއާއި އިސްރާއީލުގެ ދިދަ އަންދައި، އެ ގައުމުތަކާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ. ބައެއް ބޯޑުތަކުގައި ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް ލިޔެފައިވެއެވެ.

އީރާނުގައި 37 އަހަރު ވަންދެން ވެރިކަން ކުރެއްވި ހާމަނާއި އަވަހާރަވީ ފެބްރުއަރީ މަހުގެ ފަހުކޮޅު އިސްރާއީލުން ދިން ހަމަލާތަކުގައެވެ. މި ހާދިސާއާ ގުޅިގެން އީރާނުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިތާމައަކީ ވަރަށް ފުން އަސަރުތަކެއް އެކުލެވިގެންވާ ކަމެކެވެ.

އެމެރިކާ އާއި އިޒުރޭލް ގުޅިގެން އީރާނާ ކުރަންފެށި ހަނގުރާމައިގެ ކުރިން، އީރާނުގެ ސަރުކާރަށް އެތެރޭގެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ޖެނުއަރީ މަހު ކުރި މުޒާހަރާތައް ހުއްޓުވުމަށް ބޭނުންކުރި ބާރުގެ ސަބަބުންނާއި، ކޮރަޕްޝަނާއި އިގްތިސާދީ ދަތިކަމުގެ ސަބަބުން ސަރުކާރު އޮތީ ނުރައްކަލެއްގެ ތެރޭގައެވެ. ނަމަވެސް އެ ހަނގުރާމައިގެ ފަހުން ފެންނަނީ އީރާނުގެ ސަރުކާރަށް އާދަޔާ ހިލާފު އިތުބާރެއް ލިބިފައިވާ މަންޒަރެވެ.

ޖަނާޒާގައި އެތައް މިލިއަން ބަޔަކު ބައިވެރިވުމަކީ ހަމައެކަނި ހިތާމަ ފާޅުކުރުމެއް ނޫނެވެ. މިއީ އީރާނުގެ ވެރިކަން ބަދަލުކޮށް، އެ ގައުމުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތައް ނައްތާލުމަށް 40 ދުވަސް ވަންދެން ދިން ވަރުގަދަ ހަމަލާތަކުން އެ ގައުމުގެ ލީޑަރުން ސަލާމަތްވިކަމުގެ ރަމްޒެކެވެ. އިގްތިސާދީ ދަތިތަކާއި ކޮރަޕްޝަނުގެ ސަބަބުން ވެރިކަން ވެއްޓިދާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ހަނގުރާމައިގެ ސަބަބުން ސަރުކާރުގެ މަގުބޫލުކަން އަލުން އިތުރުވެފައިވާ ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

އެމެރިކާއާއެކު މަޝްވަރާތައްކޮށް ޖޫން 17 ގައި ސޮއިކުރެވުނު އެއްބަސްވުމަކީ އީރާނުގެ ކާމިޔާބެއް ކަމުގައި ބަލަންޖެހެއެވެ. ދުނިޔޭގެ ހަކަތައިގެ ބާޒާރާއި ހޮރޮމޫޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުވެރިކަން އީރާނުން ދޫނުކުރާނެ އެނގިގެން ދިއުމަކީވެސް އީރާނަށް ކާމިޔާބެކެވެ. 

ސަރުކާރަށް ފާޑުކިޔާ އީރާނުގެ ބައެއް ރައްޔިތުން ދެކޭގޮތުގައި، އެ ހަނގުރާމައިގެ ސަބަބުން ސަރުކާރު ވަނީ ކުރިއަށްވުރެ ބާރުގަދަވެފައެވެ. ތެހެރާނުގެ ޔުނިވާސިޓީ ދަރިވަރަކު ބުނިގޮތުގައި، ހަނގުރާމަ ފެށުނުއިރު ސަރުކާރު އޮތީ ވެއްޓުމުގެ މަގުމަތީގައެވެ. އޭނާ ހީކުރީ ބޭރުގެ ހަމަލާތަކާއެކު ސަރުކާރު ބަދަލުވާނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ އޭގެ އިދިކޮޅަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި ކާމިޔާބީއަކީ ރައްޔިތުންނަށް ލިބުނު އުފާވެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި މީގެ ސަބަބުން ކޮރަޕްޝަން އިތުރުވެ، ގައުމުގެ ފައިސާ އަސްކަރީ ކަންކަމަށް ހޭދަވާލެއް އިތުރުވާނެއެވެ.

ހަނގުރާމަ ހުއްޓާލުމުން އީރާނުގެ އާ ލީޑަރޝިޕުން މަސައްކަތް ކުރަމުން ދިޔައީ އިގްތިސާދީ މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ. އެމެރިކާ އާއި އެކުގައި ކުރި މަޝްވަރާތަކުގައި އިސްކޮށް ހުންނެވި މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، ހޯމްޒް ކަނޑުއޮޅިއަކީ އީރާނަށް ލިބިފައިވާ "އިލާހީ ނިއުމަތެއް" ކަމަށެވެ. އެއީ އީރާނުގެ އެންމެ ބޮޑު ބާރެވެ.

ހަނގުރާމަ ހުއްޓާލާފައި ވީ އެއްބަސްވުމުގެ ދަށުން އީރާނަށް ތެޔޮ ވިއްކުމުގެ ހުއްދަ ލިބުމާއި، ހިފަހައްޓާފައިވާ 12 ބިލިއަން ޑޮލަރު ދޫކުރުމާއި، ގައުމު އަލުން ބިނާކުރުމަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކުރުން ވެސް ހިމެނުނެވެ. އެއްބަސްވުން ދެމިއޮތް ނަމަ އެއީ އީރާނުގެ އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކަށް ވީހެވެ.

އަނެއްކާވެސް ހަނގުރާމައިގެ ސަބަބުން ކަންތައްތައް މުޅިން ބަދަލުވެއްޖެއެވެ. ޖެނުއަރީ މަހުގެ ހާދިސާތައް ހަނދާން ނުނެތުނު ނަމަވެސް އެ ހަނގުރާމައިގެ ބޮޑުކަމުން އެހެން ހުރިހާ ކަމެއްގެ މައްޗަށް އެކަން ބޮޑުވިއެވެ. އެމެރިކާއާއި އިސްރާއީލަށް އެމީހުންގެ އަސްކަރީ މަގްސަދުތައް ހާސިލެއް ކުރީފަހަރުވެސް ނުކުރެވުނެވެ. އެއާއި ހިލާފަށް އެއްބަސްވުން ދެމިއޮތް ނަމަ ދުނިޔެއަށް އޮތް ހަނގުރާމައިގެ ބިރު ކުޑަވެ، އެމެރިކާ އާއި އިރާނާ ގދެ ގައުމުގެ ދެމެދުގައި އިތުބާރު އުފުލިގެން ދިޔަހީއެވެ.

ހަނގުރާމަ ހުއްތާލުމަށް ވީ އެއްބަސްވުމަށް ފަހު އީރާނުގެ އިޖުތިމާއީ ކަންކަމަށް ވެސް ބަދަލުތަކެއް އަންނަމުން ދިޔަކަން ފާހަގަކުރެވުނެވެ. ބުރުގާއެޅުން ފަދަ ކަންކަމުގައި އޮންނަ ހަރުކަށިކަން ކުޑަކޮށްލިތަން ފެނުނެވެ. ތެހެރާނުގެ މަގުމަތިން ބުރުގާ ނާޅާ އަންހެނުންނާއި ހުޅަނގުގެ ހެދުން އަޅާ މީހުން ފެނުމަކީ އާންމު ކަމަކަށް ވާން ވަނީ ފަށާފައެވެ.

އިސްރާއީލުގެ އިންޓެލިޖެންސް މާހިރެއް ކަމަށްވާ ޑެނީ ސިޓްރިނޯވިޗް ލިޔެފައިވާ ގޮތުގައި، އީރާނުގެ ވެރިކަން ވައްޓާލުމަށް ބޭރުން ދިން ފިއްތުންތަކުގެ ސަބަބުން، ހަގީގަތުގައި ވީގޮތަކީ އެ ވެރިކަން އިތުރަށް ވަރުގަދަވެ ސަލާމަތްވުމެވެ.

ހަނގުރާމަ ހުއްޓާލުމުން ސަރުކާރުން ކާމިޔާބީ ފާހަގަކުރަމުން ދިޔައިރު، ރައްޔިތުންގެ މެދުގައި ހުރި ނުތަނަވަސްކަމަށް މުޅިން ހައްލެއް ނުލިބެއެވެ. އިގްތިސާދީ ހާލަތު ރަނގަޅުވެ، އިޖުތިމާއީ ހުރަސްތައް ކުޑަވެއްޖެނަމަ، ސަރުކާރާ ދެކޮޅު ރޫހު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެ އުންމީދު ވަނީ ކެނޑިފައެވެ. ބައެއް މީހުން އިރާނު ސަރުކާރު ވެއްޓޭނެ ކަމަށް ކުރި އުންމީދު މިހާރު ވަނީ ކުޑަވެފައެވެ.

އެމެރިކާއާއިން ވީ އެއްބަސްވުން އުވާލާ އަލުން ހަނގުރާމަ ފެށުމަކީ މުޅި ދުނިޔެއަށް ކުރިތިވި ގޮންޖެހުމެކެވެ. ކުރިއަށް ވުރެވެސް ގިނަ ރައްޔަތުން އިރާނުގެ ސަރުކާރާ ބައިވެރިވެ ދުޝަމަނުންނާ ދެކޮޅަށް އިރާނުން ހަށިފޮޅާލަން ލިބުނު ހިއްވަރެކެވެ. އީރާނުގެ މިހާރުގެ ވެރިކަން ކުރިއަށް އޮތް އެތައް އަހަރަކަށް ދެމިއޮތުމަށް ހޯދާދޭ ޔަގީންކަމެކެވެ.