ސިއްހީ އަސްލު ބޭސް ނުގެނެވެނީ ޔޫރަޕުގައި އުފައްދަނީ ބަޑިބޭހަށްވާތީ!؟

ސިއްހީ ހިދުމަތް ތައިލެންޑާއި ދުބާއީން ޕޯޑިއަމް ތަކުގައި ލިބުނު

ސިއްހީ އަސްލު ބޭސް ނުގެނެވެނީ ޔޫރަޕުގައި އުފައްދަނީ ބަޑިބޭހަށްވާތީ!؟

މިހާރު ސިއްޙީ އަޞްލު ބޭސް ނުއުފައްދާތީ ނުގެނެވެނީ. މިހާރު ޔޫރަޕުން އަދި އެމެރިކާއިން އުފައްދަނީ ބަޑިބޭސް…، 

ރާއްޖޭގެ ސިއްހީ ހާލަތު ދިވެހި ތާރީހުގައި ނުދާހާ ދަށަށް ގޮއްސި ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދިވެހިރާއްޖެ ނޫ ގާނޫނު އަސާސީއަކުން ފެހި ގާނޫނު އަސާސީއަށް ހިޖުރަކުރިއިރު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ އަސާސީ ހިދުމަތެއް ކަމަށް ކަނޑައަޅާފައިވެއެވެ. އަދި އެކި ސަރުކާރުތަކުން އާސަންދަ ކިޔާ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމެއް ކަނޑައެޅިއެވެ. އަދި ރާއްޖެއިން ނުލިބޭ ހިދުމަތްތަކަށް މަގުފަހި ކުރުމަށް އެންސްޕާ ކިޔާ ނިޒާމެއް ގާއިމު ކުރިއެވެ. މިއިން ކޮންމެ ނިޒާމަކީވެސް ސިޔާސީ ވެރިންނާއި ރައްޔިތުންނާއި ގުޅުވާދޭ ނިޒާމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ނިޒާމެކެވެ. ސިޔާސީ ވިއަސް ކޮންމެ ހަމައަކުން ނަމަވެސް ހިދުމަތް ލިބުމަކީ ރައްޔިތުން ކުރާ އުންމީދެކެވެ. 

ވެރިކަންތަކަށް ފޫގަޅާލާ ސްޓޭޖުތަކުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މި ރާއްޖޭގައި މިހާރު ފަރުވާ ނުލިބޭނެ ބައްޔެއް އޮވެގެން ނުވާނެއެވެ. އާސަންދަ އާއި އެންސްޕާގެ ހިދުމަތް ރާއްޖޭގެ އޮޅި ހުރަސްކޮށް އަވަށްޓެރި ގައުމު ތަކުން ހިދުމަތް ހޯދާތާ ޒަމާން ތަކެއް ވެއްޖެއެވެ. ރައީސް މުއިއްޒަކަށް އަވަށްޓެރި ގައުމުތަކުން އެކަނި ހިދުމަތް ބޭނުންކުރަން ދެކޮޅު ހެދިއެވެ.

ސިއްހީ ހިދުމަތް އަވަށްޓެރިންނާއި އެއްގޮތަށް ތައިލެންޑާއި ދުބާއިއާއި ހަމައަށް ޕޯޑިއަމް ތަކުގައި ދޭން ފެށިއެވެ. ފުލައިޓް ޓިކެޓާއި ހުރުމާއި ކެއުމާއި ހޮސްޕިޓަލްގެ ހަރަދު ތަކާއި އެކު އެހީތެރިންނަށްވެސް ދިވެހިމީހާގެ ވޮލެޓު ބޭނުން ކުރާކަށް ނުޖެހޭނެކަމަށް ޕޯޑިއަމްތަކާއި ޓީވީ ޝޯވ ތަކުގައި ބުނަމުން ވޯޓު އެއްކުރަމުން ދިޔައެވެ. ވެރިކަމުގެ ތަހުތުވެސް ހޯދިއެވެ. ރާއްޖެއިން ލިބެނީ ފެންވަރުދަށް ސީ ކްލާސް ބޭސްކަމަށާއި ޔޫރަޕުބޭސް ދިވެހީންނަށް ހައްގު ކަމަށާއި އެ ބޭސް ޔޫރަޕުން އެތެރެ ކުރަން ކުރަންޖެހޭ ހުރިހާކަމެއް ކަރުދާހުގައި ލިޔެ ލިބޭނެކަން ޔަގީން ކުރިއެވެ. 

ކެމްޕެއިންތައް ނިމި ހިދުމަތް ދޭން ފެށި ހިސާބުން ކަންކަމަށް އައީ ހިދުމަތުގެ ޒަލްޒަލާއެކެވެ. އާސަންދައާއި އެންސްޕާ ހައްގު މީހަކު ނެތްހާ މަދުވީއެވެ. ސިޔާސީ އިސް ފަރާތްތަކާއި ކުރިމަތިވާ ކޮންމެ ބައްޔެއްގެ ޝިފާ ވަނީ ހޯދިފައެވެ. ޔޫރަޕު ބޭސްވެސް އެ ފަންތިއަށް ލިބެއެވެ. ނަމަވެސް އާންމު ރައްޔިތު މީހާއަށް ލިބެނީ ހަމަ ޗޯކު ކުނޑިން ހަދާ ލޭބަލް ކޮށްފައިވާ ސީ ކްލާސް ބޭހެވެ. އެންސްޕާގެ ބަޖެޓު ދިޔައީ އެމްއެމްޓީވީ އަކަށް ކަމަށް ޓީވީ ތަކުން ގޮވައެވެ. އެންސްޕާ ހީނާ ސްޕާއަށް ބަދަލުވި ކަމަށްވެސް ކިޔެވެ.

އާސަންދަ ހުސްނުވާ ގޮތަށް އޮތީ ހިދުމަތް ނުލިބޭތީ ކަމަށް ވެދާނެއެވެ. އާސަންދައިގެ ދަށުން  ބޭސްނަގާފައިވާ ބޭސް ފިހާރަތަކަށް ފައިސާ ނުލިބޭކަމަށް އެތަންތަނުން ބުނެއެވެ. ބޭހުގެ ހިދުމަތަކީ ވަކި ބައިގަނޑެއްގެ ހިތްހަމަޖެހުމަކަށްވެ ނިމިއްޖެއެވެ. ފުލުގައި ހުރީ ކުޅެވޭ ވަރަށްވުރެ ނުފޫޒު ގަދަ އަންހެނެއް ކަމަށް މީހުން ބުނެއެވެ. ހިދުމަތާއި ބޭސް ނުލިބޭ ކަމީ ހަގީގަތެވެ. 

ހެލްތު މިނިސްޓަރު އިއުލާނު ކުރީ ވޭތުވެދިޔަ ދެއަހަރާއި ބައި ތެރޭ 70،000 މީހުންނަށް ނަފްސާނީ ފަރުވާ ދީފިކަމަށެވެ. ހަމަ ރަނގަޅަށްވެސް ރައްޔިތުން މޮޔަވީ ބާވައެވެ. ނޫނީ ސަރުކާރުން މޮޔަގޮވަނީ ބާވައެވެ. ކޮންމެހެނެއް ވިޔަސް މާތްރަސްކަލާނގެ ރަހުމަތަށް އެދި ދުވާ ކުރަން ވެއްޖެއެވެ. މާތްރަސްކަލާނގެ ރަހުމަތުން ދިވެހީން އިރާދަ ކުރެއްވިއްޔާ ބާކީއެއް ނުވާނެއެވެ.

140 އަށް ވުރެ ގިނަ މަޝްރޫއު ސިއްހީ ދާއިރާއިން ކުރިއަށް ދާކަމަށް ވަނީ އިއުލާނު ކޮށްފައެވެ. ކުރިއަށް މިހާރުދާ 140 މަޝްރޫއާއި ގުޅިގެން އައީ ކޮން ބަދަލެއް ތޯއެވެ. ހެޔޮ ބަދަލެއް އައީ ކޮންކަމަކަށްތޯއެވެ. ދުވަހެއް ދުވަހަކަށް ވަނީ ގޯސް ނޫންތޯއެވެ.

ސިއްހީ 140 މަޝްރޫއު ކުރިއަށް ދާއިރު ސިއްހީ ދާއިރާގައި މިހާރު ހުރި އިދާރާތަކުގައި ވަސީލަތް ހަމަތޯ އަހާލާ ހިތްވެއެވެ. އަހަރެއްހާ ދުވަހަށް ދެމިގެންދާ ޑޮކްޓަރު ކިޔު ކުރުވެއްޖެ ތޯއެވެ. ޑޮކަޓަރުން ހަދަން އަންގާ ޓެސްޓުތައް ހަދާނެ ކެމިކަލް އެބަހުރި ތޯއެވެ. ޑޮކްޓަރު ލިޔެދޭ ބޭސް ލިބޭ ތޯއެވެ. އާސަންދަ އާއި އެންސްޕާގެ ހިދުމަތް ސިޔާސީ ވެރިންނާއި ނުލާ ހިނގާނެ ގޮތަށް އިންތިޒާމުވީތޯއެވެ. އޭ ކްލާސް ގެ ބޭސް ލިބޭތޯއެވެ. ޔޫރަޕުން ބޭސް ނުލިބެނީ އެތަންތަނުގައި މިހާރު ސިއްހީ އަސްލު ބޭސް ނުއުފައްދާތީ ނުގެނެވޭތީ ތޯއެވެ. ނޫނީ ބޭހުގެ ބަދަލުގައި ޔޫރަޕުން އަދި އެމެރިކާއިން އުފައްދަނީ ބަޑިބޭހަށް ވާތީ ތޯއެވެ.

ދައުލަތް ރައްޔިތުންގެ އަތުން ގެއްލުނީ ތޯއެވެ. އެހެން ނަމަވެސް ހައްލު އަދިވެސް އޮތީ ރައްޔިތުންގެ އަތުގައެވެ. ބާރުތައް ފެށި ދެމި އޮންނާނީ ރައްޔިތުންގެ އަތުގައެވެ. އަތުން ދާނީވެސް އެ ބާރުންނެވެ.