އަގްސާ މިސްކިތަށް އިޒްރޭލު މީހުން ވަދެގަތުން ކުށްވެރިކޮށްފި

އަގްސާ މިސްކިތަށް އިޒްރޭލު މީހުން ވަދެގަތުން ކުށްވެރިކޮށްފި

އަލްއަގުސާ މިސްކިތަށް އިސްރާއީލުގެ ވަޒަންވެރިން ވަދެގަތް މައްސަލަ އިސްލާމީ އަށް ގައުމަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތުގެ ހުރުމަތް ކަނޑައި، އިސްރާއީލުގެ ވަޒަންވެރިން އެތަނަށް ވަދެގަންނަމުންދާ ދިއުން ސައުދީ އަރަބިއްޔާއާއި އިތުރު ހަތް އިސްލާމީ ގައުމަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ސައުދީ އަރަބިއްޔާ، އުރުދުން، ޔޫއޭއީ ،ގަޠަރު، އިންޑޮނޭޝިއާ، ޕާކިސްތާން، މިޞްރު އަދި ތުރުކީގެ ހާރިޖީ ވަޒީރުން ގުޅިގެން ނެރުއްވި ބަޔާނެއްގައި، މި އަމަލުތަކަކީ ފުރައްސާރައެއްގެ ގޮތުގައި ސިފަކުރައްވައި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އެތަނުގެ ތާރީހީ ހައިބަތާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ޚާރިޖީ ވަޒީރުން ވަނީ، އިރުމަތީ ގުދުސްގެ ތާރީހީ، ގާނޫނީ އަދި އާބާދީގެ ސިފަ ބަދަލުކުރުމަށާއި، އިސްލާމީ އަދި މަސީހީ ދީނުގެ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އަލްއަގުސާ މިސްކިތަކީ ހަމައެކަނި މުސްލިމުން އަޅުކަންކުރުމަށް ހާއްސަ ތަނެއްކަން ބަޔާންކުރައްވައި، އެތަން ބެލެހެއްޓުމުގައި އުރުދުންގެ އިސްލާމީ އިދާރާތަކުން އަދާކުރާ ދައުރުގެ މުހިންމުކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ގައުމުތަކުން ވަނީ އިސްރާއީލުގެ ގައިރު ގާނޫނީ އަދި ފުރައްސާރައިގެ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިފަދަ އަމަލުތައް ތަކުރާރުވަމުންދާނަމަ، ސަރަޙައްދީ ހަމަނުޖެހުން އިތުރުވެ، ނުތަނަވަސްކަން ބޮޑުވެދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތަކަށް ތާއީދުކުރާކަން އައުކުރައްވައި، 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރުމަށް އެ ގައުމުތަކުން ތާއީދުކުރާކަން ހާމަކުރެއްވިއެވެ.