މިޑްޓާމް-އިލެކްޝަނުން މުއިއްޒު ސަރުކާރަށް ލިބުނީ F ރިޕޯޓެއް
ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނީ ޕީއެންސީއަށް ކަމަށް ބުނެ ބަޔަކު އެބަ މޭ ފުއްޕައެވެ. ނަތީޖާގެ ތަންތަންކޮޅު ނަގައިގެން ފޭކް ޕޯސްޓްތައް ހަދައިގެން ފޭލިނުވާކަން ދައްކަން އުޅުނަސް ބެލީމާ ހަގީގަތް އެނގޭނެއެވެ. ޕީއެންސީއަށް އެންމެ ގިނަ ވޯޓް ލިބިގެން އުޅޭ ވާހަކަ ދައްކާއިރު ހަގީގަތަކީ އެއީ ނޫންކަން ވަރަށް ބޮޑަށް ސާފުވެއެވެ. އެގޮތުން ޕީއެންސީއަށް 242319 ވޯޓް ލިބިގެން އުޅެނީ ކިހިނެތްކަން އެނގުމަކީ މުހިންމު ކަމެކެވެ.
އިންތިހާބުކުރެވޭ ހުރިހާ ދާއިރާއެއްގެ ހުރިހާ ގޮނޑިއަކަށް ޕީއެންސީން ވާދަކުރިއެވެ. އަނެއްކޮޅުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއަކަށް ވެސް ޕީއެންސީން ވާދަކުރިއެވެ. ކައުންސިލްގެ 665 ގޮޑިއަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއަކަށް ވެސް ޕީއެންސީން 665 ކެންޑިޑެޓުން ވާދަކުރިއެވެ. އެހެންކަމުން 242319 ވޯޓަކީ ޕީއެންސީން ވާދަކުރި 1330 މީހުނަށް ލިބުނު ވޯޓެވެ.
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރީ 495 ގޮނޑިއަށް 495 މީހުންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 665 ގޮނޑިން އެމްޑީޕީން ވާދަކުރީ 417 ގޮނޑިއަށެވެ. އެހެން ކަމުން އެމްޑީޕީން އެ އިންތިހާބުގައި ޖުމްލަ ވާދަކުރީ 912 ގޮނޑިއަށް ޖުމްލަ 912 މީހުންނެވެ.
4 އެޕްރީލްގެ އިންތިހާބުގައި ޕީއެންސީން ވާދަކުރި މީހުންގެ އަދަދު އެމްޑީޕީން ވާދަކުރި މީހުނަށްވުރެ 418 ގިނައެވެ. އަނެއްކޮޅުން 1330 ގޮނޑިއަށް ވާދަކޮށްގެން ޕީއެންސީއަށް ކާމިޔާބުވީ އެންމެ 494 ގޮނޑިއެވެ. ވާދަކުރި ނިސްބަތުން އެއީ 37.14 އިންސައްތައެވެ. 37 ޕަސެންޓަކީ ފާސްވާ މިންގަޑެއް ނޫނެވެ.
އެމްޑީޕީން ވާދަކުރި 912 ގޮނޑީގެ ތެރެއިން 563 ގޮނޑި ކާމިޔާބު ކުރިއެވެ. ވާދަކުރި ނިސްބަތުން އެމްޑީޕީން ގޮނޑި ކާމިޔާބު ކުރި ނިސްބަތަކީ 61.73 އިންސައްތައެވެ.
ހަގީގަތް އެހެން އޮތް އިރު ޕީއެންސިޢަށް ލިބިގެން އުޅޭ ޖުމްލަ ވޯޓުގެ އަދަދު ވާދަކުރި ކެންޑީޑޭޓުންގެ ނިސްބަތުން ބޮލަކަށް ޖެހެނީ އެންމެ 182 ވޯޓެވެ. 214116 ވޯޓް ލިބުނު އެމްޑީޕީއިން ވާދަކުރި ކެންޑިޑޭޓުންގެ ނިސްބަތުން ބޮލަކަށް ޖެހެނީ 235 ވޯޓެވެ.
ދިން ވޯޓާއި ވާދަކުރި އަދަދާއި ކާމިޔާބުކުރި ގޮނޑިތަކަށް ބަލާ ރަނގަޅަށް ހިސާބު ޖެހީމާ ފެންނަން އޮތީ ޕީއެންސީ ބޮޑު ބައްޔަކުން ބަލިވިތަނެވެ. ދެރަ ނުވާން ކޮންމެ ވާހަކައެއް ދެއްކިޔަސް މިޑްޓާމް އިލެކްޝަނުގައި މުއިއްޒު ސަރުކާރަށް ލިބުނީ އެފް ރިޕޯޓެކެވެ.


