ފުރާނައިން ގުރުބާންވާން ހުވާކޮށްގެން ތިބި ބަޔަކަށްވުމުގެ މާނައަކީ މަރުވާން ދޫކޮށްލުމެއް ނޫން
ދިވެހި ހުނަރުވެރި ސިފައިންގެ ޑައިވަރަކު ނިޔާވުމަކީ ހިތާމައެކެވެ. ހާއްސަކޮށް ތަޖުރިބާއާއި ތަމްރީނު ލިބި ރާއްޖޭގެ މާހައުލަށް ފައްކާވެފައިވާ ސިފަވަންތަ ސިފައިންގެ މީހަކު ސިފައިންގެ ލަޝްކަރުން ގެއްލުމަކީ އެލަޝްކަރަށް ވެސް ލިބޭނިކަމެތި ކަމެކެވެ. އާއިލާ އާއި ގާތް ރައްޓެހިންނަށް ގެއްލިގެން އެދިޔައީ ފޫބެއްދޭނެ ވަރުގެ ހިތާމައެއް ނޫނެވެ. އާއިލާއަކަށް ގެއްލުނީ އާއިލާގެ މެމްބަރެކެވެ. މައިންބަފައިންނަށް ގެއްލުނީ ކިޔަމަންތެރި ދަރިއެކެވެ. ކޮއްކޮ ބޭބޭ ދައްތައިންނަށް ބަރޯސާވާނެ އާއިލާ މެމްބަރެކެވެ. ފިރިއެކެވެ. އަންހެނުން އެކަނިވެރި ވީއެވެ. ބައްޕައެކެވެ. ދަރިންނަށް ގެއްލުނީ އެ ކުދިންގެ ރޯލް މޮޑެލްއެވެ.
ދިވެހިރާއްޖޭގެ އެންމެ ފުރިހަމަ އެސްއޯޕީތައް ތައްޔާރު ކުރެވި އެއަށް އަމަލު ކުރަމުންދާ ތަނުގެ ތެރެއިން މައްސަލައެއް ފެނުމަކީ އާދައިގެ ކަމެއް ނޫނެވެ. ދިވެހި ސިފައިންނަކީ ކަންކަމަށް ތައްޔާރުވުމުގެ ލާމަސީލު ނަމޫނާވެރި ބައެކެވެ. ލިޔެވިފައިވާ ލިޔުންތަކާއި އެއްގޮތަށް ކަންކަން ކުރުމުގައި ހަލުވި ބައެކެވެ. ޕްލޭން ތަކުގައި ކޮންޓިންޖެންސީ ޕްލޭންތަކާއި ސްލާމަތާއި ރައްކައުތެރިކަމަށް އަޅާނެ ފިޔަވަޅުތައް ލިޔެވިފައި ހުންނާނެއެވެ.
އެކަމަކު މިވީ ކިހިނެއް ހެއްޔެވެ. ކޮންމެ ކާރިސާއެއް ހިނގައިގެން އުޅޭ ތަނަކަށް ސިފައިންގެ ވެރިޔާ ފޮޓޯގްރާފަރުން ގޮވައިގެން ދޭ ހެއްޔެވެ. ޖަޕާނު ސަރުކާރުން ހަދިޔާ ކުރި ކަނޑުއަޑީގެ 200މީޓަރ ހޯދޭ ރޮބަރޓް ކޮބާ ތޯއެވެ. ތ. އަތޮޅުގައި ގާއިމު ކުރި ޑީކޯޗޭމްބަރު ކޮބާ ތޯއެވެ.
ކޯސްޓްގާރޑުގެ ވެރިޔާ ދެއްކިވާހަކައަށް ސަމާލުކަމެއް ދިނުން މުހިންމެވެ. އޭނާ ބުންޏެވެ. ސިފައިން އެ ފުނަށް ރެސްކިޔު އޮޕަރޭޝަނެއްގައި ދާން ތަމްރީނުވެފައެއް ނެތެވެ. މިއީ ވަރަށް ބޮޑު ރިސްކެކެވެ. އަދި އެކަމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތެއްވެސް ނެތެވެ. މިއީ ކޯސްޓްގާޑްގެ ވެރިޔާގެ ބަހެވެ.
ސުވާލަކީ ރިސްކު ކުޑަ ކުރަން ރޮބާރޓް ބޭނުން ނުކުރީ ކީއްވެހެއްޔެވެ. ކަނޑުއަޑީގައި ތިބި މީހުން ވީ މަރުވެފައިކަން ކަށަވަރު ކުރެވޭއިރު ވަސީލަތާއި ތަމްރީނު ނެތް ބަޔަކު އެތަނަށް ރައީސުލްޖުމްހޫރިއްޔާ ގެންގޮސް ބޭލީ ކީއްވެގެން ހެއްޔެވެ؟ އެކަން އެވަގުތު ނުކޮށްގެން އިތުރަށް ގޯސްވާނީ ކޮންކަމެއް ތޯއެވެ؟ ސިފައިންނަކީ ފުރާނައިން ގުރުބާން ވާން ހުވާ ކޮށްގެން ތިބި ބަޔަކަށް ވުމުގެ މާނައަކީ މަރުވާން ދޫކޮށްލުމެއް ނޫނެވެ.
މުޅި ހާދިސާއަށް އަމަލުކުރުން ފެންނަނީ މުޅިން އެހެން އޭންގަލަކަުންނެވެ. ކަމެއްގެ ސަމާލުކަން ގެއްލުވާލަން ކުރި ކަމެއްގެ ގޮތުގައިވެސް ސިފަވެއެވެ. ބޭރުގެ ތަޖުރިބާކާރުން ރާއްޖެއައި ދުވަހު ޑައިވެއް ނުކުރެއެވެ. ނަމަވެސް ދެ ދުވަސް މަތީން އެންމެން އެއްގަމަށް އަރުވައިފިއެވެ. މި ހާދިސާއަކީ މި ވަރުގެ ރިސްކެއް ނުނަގާ ނިންމޭނެ ކަމެއް ކަމުގައި ރާއްޖެއާއި ފަރަންޖީންގެ ތަޖުރިބާ ކާރުން ބުނެއެވެ. މި ކަމުން ފިލާވަޅެއް ދަސްކުރަން ޖެހެއެވެ. ދެ ފަހަރު އެކައްޗެއް ކިޔަންވެސް ޖެހެއެވެ.
ޑިފެންސް މިނިސްޓަރުގެ ބަދަލުގައި ހޯމް މިނިސްޓަރު ހާދިސާ ދިފާއު ކުރެވޭނެ ގޮތެއް ނެތެވެ. ކުރިން ދެއްކި ވާހަކަތައް ހުރީ ޖައްވުގައެވެ. ވާހަކަ ދެއްކީ ދިވެހީންނެވެ. ތަޖުރިބާއާއި ތަމްރީނާއި ވަސީލަތް ނެތި އެ ފުނަށް ޑައިވްކުރި ސަބަބެއް އޮންނަން ވާނެއެވެ. ޒިންމާ ވާނެ ފަރާތްތަކެއް ވާންވާނެއެވެ.
ފަންނުވެރިއެއްގެ ފުރާނައިގެ އަގަކީ ޝަރަފުވެރި ކަމާއި އެކު ފަސްދާނު ލެވުމުން ނިންމާލަން ޖެހޭނެ ކަމެއް ނޫނެވެ. ތަހުގީގު ކުރަން ޖެހޭނެއެވެ. ނަމަވެސް ގައުމުގެ ހާލަތު ގޮސްފައިވާ ހިސާބުން ތަހުގީގީ އިދާރާތަކަށް ކުރާ އިތުބާރު ބޮޑުތަނުން ދައްވެއްޖެއެވެ. ގާނޫނުގެ ދެ ފޮޅުވަތް ދޭތެރެއިން ހިތު ހުރި ގޮތަކަށް ކުރާކަންކަން ހުއްޓާލަން ޖެހެއެވެ. ހަމަމަގަށް ޖެހިލަން އެބަޖެހެއެވެ.




