Maldives Real Time Facts & : ކޮލަމް https://heerasnews.com/rss/category/ކޮލަމް Maldives Real Time Facts & : ކޮލަމް dv ކޮޕީރައިޓް: Heeras news llp (P01362021) ހަތަރު ވެރިކަން ފަނިކުރި ގާނޫނީ ބޮޑުފަނި https://heerasnews.com/4233 https://heerasnews.com/4233 “ކުޅުދުއްފުށީ މަށި މާލި ޕެރޭޑުގެ ސަބަބުން މުޅި އީދު ޚަރާބުވި” ކަމަށް އާޒިމާ ބުނި ބުނުން އަޖައިބަކަށް އެއްގޮތަކަށްވެސް ވާނެކަމެއް ނެތެވެ. މީގެ ހަތް އަހަރު ކުރިން މަށިމާލެ ޕެރޭޑު އެކަމަނާއަށް ވަރަށްވެސް ފައްކަލެވެ. އޭރު އެއީ ވަރަށް މޮޅު ޕެރޭޑެކެވެ.

ކަމަނާ އަކީ އުފެދުމުގައިވެސް ބާތިލު ވާހަކަ ދައްކަވާ ބޭފުޅެކެވެ. ސާބިތު ދަރަނީގެ މައްސަލަތަކެއް ކޯޓުގައި އޮއްވާ މުއިއްޒުގެ ބޮލަށް ޒާތެއްގެ ޗިޕެއް ޖަހައިގެން ކޯޓުތަކުގެ ފަނޑިޔާރުންނަށް ހެދިގޮތެއް ހަދައިގެން ސައްހަ ކުރި ކެނޑިޑެންސީގެ ވެރިކަމަނާފާނެވެ. 

ރައިސް މައުމޫނުން ފެށިގެން މީނާގެ ބައިވެރި ވުމާއި އެކު އުފެދުނު ކޮންމެ ސަރުކާރެއް ހަރާބު ވުމުގައި އެކަމަނާގެ ހިއްސާ ބޮޑުވާނެ ކަމަށް ބުނުމަކީ އައިބަކަށް ނުވާނެއެވެ. ރައީސް މައުމޫނު ސަރުކާރު ހަރާބުވި އިރުވެސް ގާނޫނީ ނުލަފާ ދޭންތިބި މީހުން ތެރޭ ހިމެނެއެވެ. ރައީސް ޑރ. ވަހީދުގެ ވެރިކަން ގަޑުބަޑު ވި އިރުވެސް މީނާގެ ގާނޫނީ ނުލަފާވީ އެ ސަރުކާރުގެ ހަލާކަށެވެ.

ރައީސް ޔާމީނު ޖަލުގައި ހޭދަ ކުރަން ޖެހުމުގެ މައިގަނޑު ބަޔާންތަކާއި މެއިލްތަކާއި ގާނޫނީ ނުލަފާ އަކީވެސް އެ ކަމަނާގެ ހެޔޮ އެދުމެވެ. ފެބުރުއަރީ 1ގެ ކޯޓުއަމުރާއި ގުޅިގެން ރައީސް ޔާމީނުވެރިކަމުގައި ހެދުނު ގިނަ ގޯސްތަކަކީ ސީދާ އެކަމަނާގެ ގާނޫނީ ނުލަފާތަކުން ހިނގާ ދިޔަކަންކަން ކަމަށް ކިޔާއުޅެއެވެ.

މުއިއްޒު ސަރުކާރުން މަގާމެއް ނުދިންކަމުގައިވިޔަސް ސެކިއުރިޓީއާއި ދެ ވަޒީރަކަށް ހޭދަ ކުރަންޖެހޭ މިންވަރަށް ހަރަދު ކޮށްގެން އާއިލީ ވަކީލަކަށް ހަދައިގެން އުޅޭ އުޅުމަކީ އިރާދަ ކުރައްވައިފި ނަމަ މި ސަރުކާރުގެވެސް ނިމުމުގެ ފެށުންކަމުގައި ވުން ގާތެވެ. 

ބައެއް މީހުންނަކީ ގާތުގައި ގެންގުޅެން އެކަށީގެންވާ ކަހަލަ މީހުންނެއް ނޫނެވެ. އެފަދަ މީހުންނަކީ ބަދު ނަސީބެވެ. ލޯބިން ބުނާނަމަ ކަމަނާއެވެ. އާދައިގެ ގޮތަކަަށްނަމަ ދައިތައެވެ. އެންމެ ފުރަތަމަ ގޭތެރެ އަތުރާތަރުތީބު ކޮށްލާށެވެ.

އެންމެ މައްސަލައެއް ނަމަވެސް ކޯޓުގައި މޮޅުވެގެން މޮޅަށް ވަކާލާތު ކޮށްލައިގެން ކާމިޔާބު ކޮށްލަބައްލަވާށެވެ. ރޮއި ހޭރި ނުފޫޒުން އެކަހެރިވެލައިގެން ގާނޫނުގެ ތަރަހައިގެ ތެރެއިން މޮޅުވެލައްވާށެވެ. މިހާތަނަށް ކާމިޔާބު ކަމާއި އެކު ނިންމާލެވުނު ރަނގަޅު ފެންވަރުގެ ކޭސްތަކުގެ ޓްރެކް ރެކޯޑްތައް ރީއްޗެއް ނޫނެވެ. މީހުން ހޯބޯ ލަވައެވެ.

ތިޔައީ ގާނޫނީގޮތުން ފަޑުއްކައެވެ. އަދި ދުނިޔެވީގޮތުންވެސް އުފެދުމުގައިވެސް ބާތިލުކަން އިތުރަށް ދިރުވުމުގެ ބޭނުމެއް ނެތެވެ. ކުރުކޮށް މީހުން ކިޔާއުޅެނީ ހަތަރުވެރިކަމެއް ފަނިކުރި ގާނޫނީ ބޮޑުފަނި ކަމަށެވެ. 

ތިމާގެ ފެންވަރުން އުޅެން ދަސްކުރާށެވެ. ސަރުކާރުތަކަށް ބަލަދު އަރައިގެން އުޅޭހެން ނޫޅެ މައިތިރި ވެލާށެވެ. އިރާދަ ކުރެއްވިއްޔާ އެކުވެރިއަކުވެސް ދިގު މުއްދަތަކަށް ލިބިދާނެއެވެ. ފެންވަރާ ލައިގެން ހުވަނދުކޮޅެއް އުނގުޅާލައިގެން ކޮންމެވެސް އެންކޮޅެއް އެއްލައިފިއްޔާ ކޮރަކައްޔެއްނަމަވެސް ޖެހިދާނެއެވެ.

]]>
Sun, 31 May 2026 07:11:00 +0500 ހަވާ
ވަތަނީ ހިދުމަތަކީ ވެރިން މުގައްދަސް ކުރުމެއްނޫން https://heerasnews.com/4232 https://heerasnews.com/4232 ވަތަނީ ހިދުމަތުގެ ތަމްރީނުތަކެއް ކުދި ބަޔަކު ހެދުމަކީ ގައުމަށް ނުހަނު ބޭނުންތެރިކަމެކެވެ. ބެޗެއްގައި ގާތްގަނޑަކަށް 340 ވަރަކަށް ބައިވެރިން ހިމެނޭ ކަމާއި ވަތަނީ ހިދުމަތުގެ ދެވަނަ ބެޗު ދަސްވެނިއްޖެ ކަމަށް ނޫސްތަކުން ފެނުމުން އުފާވުމާއި އެކު މާޔޫސްކަން ހިތަށް ވެރިވެގަތެވެ.ވަކީން ހާއްސަކޮށް ރައީސުލް ޖުމްހޫރިއްޔާ އެ ބައިވެރިންނަށް މަރުހަބާ ދެންނެވުމުން މާޔޫސްކަން ދެގުނަވިކަހަލައެވެ.

ވަތަނަކީ ކޮބާ ކަމެއް، ގައުމަކީ ކޮބާ ކަމެއް، ހުއްބުލްވަތަންގެ ސިފަތަކަކީ ކޮބާކަމެއް، ގައުމުގެ އިސް މަގާމުތަކުގައި ތިބި މީހުންނަށް ފަހުމް ނުވާއިރު އެފަދަ ފިލާވަޅުތަކެއް ކުދި ބަޔަކަށް އުނގަންނައިދެވޭނީ ކިހިނެތް ތޯއެވެ. 

ވަތަނީ ހިދުމަތަކީ ނަގާދޭ ފިލާވަޅަކުން ކުރާ ތަމްރީނަކުން މީހެއްގެ ކިބައިގައި އަށަގަންނާނެ ސިފަތަކެއް ނޫނެވެ. މަތީން ތިރިއަށް ގެންގުޅޭ އަހުލާގާއި ދައްކުވައިދޭ ނަމޫނާއިންނާއި ދިރިއުޅޭ ވެށިން ދަސްވެ ވިސްނުމާއި ހިޔާލުގައި ބިންވަޅު ނެގޭނެ ސިފަތަކެކެވެ. އެންމެ އިސް ވެރިންފެށިގެން އެންމެ އާދައިގެ ސަރުކާރުގެ މުވައްޒަފުން ތަމްސީލު ނުކުރާ ކަމެއް އުމުރުގެ އެތަށް ދުވަހެއްގެ ތަރުބިއްޔަތެއް ބަދަލެއް ނުކުރެވޭނެއެވެ. 

ތައުލީމާއި ތަރުބިއްޔަތު، ތަމްރީނާއި ތަޖުރިބާ އަކީ އެނގުމާއި ނޭނގުމުގެ ތަޅުދަނޑިތަކެވެ. މި ހުރިހާ ކަމެއް އައިސް ގުޅެނީ އެމީހަކު ހެދިބޮޑުވާ ވެށީގެ ތެރެއިން އުނގަންނައިދޭ ފިލާވަޅު ތަކެއްގެ މައްޗަށެވެ.

“އިލްމަށްވުރެ ޖާހިލުކަމަށް މަރުހަބާކިޔާ ގައުމަކަށް ރާއްޖެވެއްޖެ،މިއީ ހިތާމަ ހުރި ކަމެއް” ހޯމް މިނިސްޓަރު ދާދި މިދާކަށް ދުވަހު ވިދާޅުވިއެވެ. ހެޔޮފުޅު ވާހަކައެކެވެ. އިލްމުން ހިލްމަށް ބަދަލު ނާންނަ ނަމަ ޖާހިލުކަން އެމީހެއްގެ މައްޗަށް ގަދަވެ ގަންނާނެއެވެ.

އެންމެ ފުރަތަމަ އެވާހަކަ ވިދާޅުވި ފަރާތެވެ. ވެރިކަމުގެ ޅަފަތުގައި ގައުމު ކައްކުވާލީ ބަރަހަނާ ވީޑިއޯ ތަކާއި ފޮޓޯތަކެއް ދައުރުވި ވާހަކައެވެ. އެއީ ދޮގެއް ކަމެއް ތެދެއްކަމެއް ނޭގެއެވެ. މިއީ އިލުމު އުނގެނި ޑރ. ގެ ލަގަބު ނަމުގެ ކުރީގައި ހިމެނި ބޭފުޅެއްގެ ވާހަކައެވެ.

އިލްމު ހުރިކަމަށް ބަލަމާތޯއެވެ. ނަމަވެސް ހިލްމެއް ތަރުބިއްޔަތެއް ނެތެވެ. ދައުލަތުގެ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ނަގާ އެ ބާރުގެ ނާޖައިޒް ފައިދާ ނަގާ ވާހަކައަކީ އެންމެންދަންނަ ސިއްރެކެވެ.

ވަތަނީ ހިދުމަތުގެ ތަމްރީނު ދީފައި މި ވެއްޓަށް ކުދިން ނެރޭއިރު ވެށި އޮތީ ތަގައްޔަރުވެފައެވެ. ބަންކަރިންނާއި އިންވެސްޓްމަންޓް ބޭންކާއި ޑޮލަރުގެ އަގު 1970 ގެ އަހަރުތަކުގައި ހުރި ވަރަށް ތިރި ކުރާނެ ކަމަށް ބުނި ވަޒީރުންގެ ކިބައިން ފެނުނީ ދޮގާއި މަކަރުގެ ޒަލްޒަލާއެކެވެ.

ވަތަނީ ހިދުމަތުގެ ތަމްރީނު ހަދައިގެން ދަރިވަރު ނިކުންނަންވީ މި މުޖުތަމައުއަށެވެ. މަސްކިލޯއެއްގެ އަގުގެ ވާހަކައާއި ބޮޑުކަންނެލީގެ އަގުތައް ހުރި ހިސާބުންފެށިގެން 9 ހަފުތާއިން ހެލިކޮޕްޓަރު ދުއްވަން ދަސްކޮށްދޭން ކަމަރުބަތް ވަޒީރުންނަށް ލިބުނު ލައިސަންސްގެ އެކްސްޕަޔަރީ އަރާ ހަމަކުރީ ތޯއްޗެވެ. ބޮނަކުއާ ފުޅިއަކަށް ރުގްޔާ ކުރި ވަޒީރުންގެ މާލިމީ ކަމުގައި ވަތަނީ ތަމްރީނުން މި ވެށި ވަނީ ކިލަނބުވެފައެވެ.

ދޮގާއި މަކަރާއި މުންކަރާތް ތަކާއި އޮޅުވާލުމާއި އިސްލާމީ ތަރުބިއްޔަތުގެ ވާހަކަ ފޮތުގައި ލިޔެފައިވާ ލިޔުންތަކަކަށް ވުރެ ކުރިއަށް ނުޖެހޭ ވެއްޓެއްގައި ވަތަނީ ތަމްރީނު ވާނީ ނުވިހާ ކުއްޖެއްގެ ފޫޅު ހޯދުމަށް ނޫންބާވައޭ ހިތައް އަރައެވެ. 

ދުނިޔެ އިސްލާހު ކުރުމުގެ ކުރިން އިސްލާހު ވާންވީ ތިމާމެންނެވެ. ބަހާއި އަމަލާ ދިމާކޮށްލަން ވީއެވެ. ދިވެހި ވެށީގައި ތެދުބުނުމާއި އިސްލާމީ އަހުލާގު ދިރުވާއާލާ ކުރަންވީއެވެ. މަގާމުތަކަކީ ހަޑި ހުތުރު އަމަލުތައް ހިންގުމަށް ލިބޭ ލައިސަންސެއްގެ ގޮތުގައި ބައްޓަންވެފައި އޮތް އޮތުން ބަދަލު ކުރަންވީއެވެ. ގޭތެރެ ތަރުތީބު ކޮށްލަންވީއެވެ.

އޭގެ ފަހުން އަވަށްޓެރިންނަށް ނަސޭހަތްދީ ތަރުބިއްޔަތު ކުރަންވީއެވެ. އޭރުން ރަށްރަށަށް އެ އަހުލާގު ފެތުރިދާނެއެވެ. އޭރުން އެ ހެޔޮ އަހުލާގު މުޅި ގައުމަށް ފަތުރާލަން ފަސޭހަވާނެއެވެ. ތިޔަ ދަތުރުކުރަނީ ތަރުތީބު އޮޅުވާލައިގެންނެވެ. ރަނަގަޅު ކޮށްލާށެވެ. ނުވަންޏާ އެކަހެރިވެލާށެވެ.ވަތަނީ ހިދުމަތަކީ ވެރިން މުގައްދަސް ކުރުމެއް  ވެސް ނޫނެވެ.

]]>
Sat, 30 May 2026 12:08:04 +0500 ހަވާ
އާޒިމާއަށް އީދު އުފާ ލިބޭނީ ކުޅުދުއްފުށި ޖަލަށްލައިގެން؟! https://heerasnews.com/4231 https://heerasnews.com/4231 އިސްލާމީ އީދުގެ އުފާވެރިކަން ގެއްލެނީ މަށިމާލި ފެރެޑަކުން ނޫނެވެ. އިސްލާމީ އީދުގެ އުފާވެރިކަން ގެއްލެނީ ކުރާ ފާހިޝް ކަންކަމާއި މުންކަރާތްތަކާއި ހަރާމް ކަންކަމުގެ ދިފާއުގައި ދީން އައްޑަނައަކަށް ހަދާ ވެރިންގެ ސަބަބުންނެވެ. 

ދީނާއި ގާނޫނުގެ ނިވަލުގައި ތިބެގެން ވެރިންކުރާ ކަންކަން ތަމްސީލު ކުރިމާ އެކަން ގޯސްވާ ފަދައިން ޝާހީ ވަކީލަށް ވެރިން ހިންގާ ޖަރީމާތައް ގޯސްވެގެން އުޅެތީއެއް ނުފެނެއެވެ.. 

ނޭއްގާނި ވެރިއެއްގެ ނުބައިނުލަފާކަން ހުއްޓުވަން އިސްލާމް ދީން ބާރު އަޅާކަން ޝާހީ ވަކީލަށާއި ބަނޑު ހަނޑޫ ލިބޭ އިލްމު ވެރިންނަށް ނޭނގެނީތާއެވެ. ނޫނީ އެނގޭކަމަށް ނުހަދަނީ ހެއްޔެވެ. 

ވެރިން ފާހިޝް އަމަލުތަކާއި ހަރާމް ކަންކަމަށް އަރައިގަންނަ އަރައިގަތުން ހުއްޓުވަން އާރާބާރު ނެތް ރައްޔިތުންނަށް ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ މަށިމާލި ފަދަ ތަމްސީލީ ހަރަކާތް ހިންގައިގެން މުޑުދާރު ވެރިޔާ  ލަދު ގަންނަވާލުމެވެ. އެއްޗެއް ވިސްނޭވަރުކޮށްލުމެވެ. 

އީދު އުފާކުރުމުގައި އޮންނަންޖެހޭ ދުރޫސުލް އަހުލާގުގެ ވާހަކަ އެއްގޮތަކަށް ވެސް އާޒިމާ ނުދައްކާށެވެ. އާއިލީ ބޮޑު ނައިބު ހެދިގެން ދޭހާ ގާނޫނީ ނުލަފައިން މުއިއްޒު ކަހަލަ ރުންކުރު ވެރިންނަށް އޮޅެނީ މަގެވެ. ޖަދަލު ކުރުމާއި ބަދަލު ހިފުން ނޫންކަމެއް އޭރަކުން ނުކުރެއެވެ.

ޝާހީ ވަކީލަށް މިފަހަރުވެސް ކަމެއް ކުރެވުނު ކަމަށްވާނީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑާ ދެކޮޅަށް ގޯތި އައްބާސް ލައްވާ ދައުވާ ކުރުވިއްޔާއެވެ. ކުރަންވީ ހުކުން ވެސް ލިޔެފާ ފަނޑިޔާރަށް ދީގެން ކުޅުދުއްފުށި ޖަލަށްނުލާ އީދުއުފާ މިފަހަރު އާޒިމާއަށް ލިބޭނެއެކޭ ހިތަކަށް ނާރައެވެ. 

]]>
Fri, 29 May 2026 10:13:03 +0500 އެޑިޓަރ
ރައީސް އޮފީހުގެ ވެބަސައިޓުން ސިޔާސީން ފުހެލުމަކީ އޮޅުވާލުމެއްގެ ފެށުން https://heerasnews.com/4230 https://heerasnews.com/4230 ފޮރުވާނެ އެއްޗެއް ނެތްކަމަށް ބުނެ ވައުދުވެގެން ވެރިކަން ހޯދި ޑރ. މުއިއްޒު ދޮގުވެރިކަމުގެ ބޮޑުކަމާއެވެ. ވެރިކަމަށް އައިސް ހާމަކުރަން ބުނި އެކައްޗެއް ވެސް ހާމަ ނުކުރިތާ ކުރިއްސުރެ ހާމަކުރަމުން އަންނަ ކަންކަންވެސް ކުރަނީ ސިއްރެވެ. 

ކުރިއްސުރެ ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ވަޒީރުންގެ ނައިބުންނާއި އެފެންވަރުގެ ހުރިހާ މަގާމެއްގައި ތިބޭ ބައެއްގެ މައުލޫމާތު އުނި އިތުރެއްނެތި ރައީސް އޮފީގުގެ ވެބްސައީޓްގައި ޝާއުއުކުރެއެވެ. އޭގެ އިތުރަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް އުފައްދާ މަގާމުތަކާއި އެމަގާމުތަކަށް އައްޔަނުކުރާ އެކިފެންވަރުގެ ސިޔާސީވެރިންގެ މައުލޫމާތުވެސް ރައީސް އޮފީގެ ވެބްސައިޓްގައި ހާމަކޮށް ފެންނަން ހުރެއެވެ. 

ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުއްސުރެ ސަރުކާރުގެ އައްޔަނީންގެ މައުލޫމާތުވަނީ އޮޅުވާލާފައެވެ. ސަރުކާރުގެ ހުރިހާ ސްޓޭޓް މިނިސްޓަރުންނާއި އެފެންވަރުގެ އެތައް ބައެއްގެ މައުލޫމާތު ފުރަތަމަ ދުވަހުއްސުރެ މުއިއްޒު ވަނީ ސިއްރުކޮށްފައެވެ. ވަޒީރުންގެ ނައިބުންނާއި އެފެންވަރުގެ އެތައް ބައެއްގެ މައުލޫމާތުވެސް ރައީސް އޮފީހުގެ ވެބްސައީޓްގައި ފެންނާކަށް ނުހުރެއެވެ. އަމްދުން މަދުންނޫނީ އެސްޕީޑީންނާއި ÷ިޑީންނާއި އެނޫންވެސް ސިޔާސީގޮތުން މުސާރަދޭ ގިނަ މީހުންގެ މައުލޫމާތު މިހާތަނަށްވެސް މުއިއްޒު އައީ ސިއްރުކުރަމުންނެވެ. 

115 ވަނަ މާއްދާގެ ދަށުން މަގާމު ދީގެން މުސާރަދެނީ ކޮންބައަކަށްކަން ބުނެނުދޭތާ ސިޔާސީ ބޭނުމުގައި ވަޒީފާދީފާ ތިބޭ މީހުންގެ ސައްހަ އަދަދު ވޭސް މުއިއްޒުވަނީ ސިއްރުކޮށްފައެވެ. ސަރުކާރުގެ މަތިބަރުވެ ސިޔާސީ އައްޔަނީންގެ އަދަދު ތިންހަތަރު ހާހަށް އަރައިގެން ދިޔައިރު އެއިގެ މައުލޫމާތު ހޯދަން އެކިގޮތްގޮތުން މީހުން ކުރިހާ މަސައްކަތްވެސްވީ ބޭކާރެވެ. 

އެންމެފަހުން އޮތް ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރާ ދެކޮޅަށް ރައްޔިތުން ބަސްބުނުމުން ސިޔާސީ ބޭނުމުގައި ހަމައެއް ލަމައެއްނެތި ސަރުކާރުން ވަޒީފާ ބެހިކަމަށް މުއިއްޒު ވަނީ އެއްބަސްވެފައެވެ. ވަޒީފާގައި ތިބި މީހުންގެ ޕާފޯމަންސް ބެލުމަށްފަހު ބޭކާރު މީހުން ވަޒީފާއިންވަކިކުރާނެކަމަށް މުއިއްޒުވަނީ ބުނެފައެވެ. މެރިޓަށް ބިނާކޮށް ނޫނީ ދެން އެއްވެސް މީހަކަށް ވަޒީފާ ނުދޭނެކަމަށް ވެސް ބުންޏެވެ. 

މުއިއްޒުގެ ސިޔާސީ ތާއީދު ބޮޑުކުރަން ވަޒީފާ ދީފައި ތިބި ގިނަ ބަޔަކު ކަނޑާއުކާލުމަކީ މުއިއްޒު ކުރާނެ ކަމެއް ނޫނެވެ. ކުރެވޭނެ ކަމެއްވެސް ނޫނެވެ. އެހެން ކަމުން އަނެއްކާވެސް ރައްޔިތުންނަށް އޮޅުވާލުން ނޫން ކަމެއް މުއިއްޒަކަށް ނުކުރެވޭނެއެވެ. ރައީސް އޮފީހުގެ ވެބްސައިޓްގައި ވަޒީރުންނޫން ބައެއްގެ މައުލޫމާތު ނުބެހެއްޓުމަކީ މީހަކު ވަޒީފާގައި ހުއްޓެއް ނެތެއް އާއްމުކޮށް އެގުނަ ނުދިނުމައްޓަކާ ކުރިކަމެކެވެ. ސަރުކާރުގެ ސިޔާސީ މުސާރަވެރިންނަކީ ކޮންބައެއްކަން ފެންނާނެ ގޮތެއް އޭރަކުން ނުއޮންނާނެއެވެ. އެއްވެސް ވުޒާރާއެއްގެ ރަސްމީ ވެބްސައިޓަކުން ވެސް އެތަނަކާ ގުޅުންހުރި ސިޔާސީވެރިންގެ މައުލޫމާތެއް ފެންނާކަށް ނުބަހައްޓާނެއެވެ. 

އާހިރުގައި މުއިއްޒު ގަޔާނުވާ މަދުމީހަކު ނޫނީ ސަރުކާރުން ކަނޑައެއް ނުލާނެއެވެ. ދައުލަތުގެ ފައިސާއިން މުއިއްޒުގެ އައުވާނުނަށްކުރާ އިސްރާފު ފުކެއްވެސް މަދެއް ނުކުރާނެއެވެ. ޕާފޯމެންސްއޭ މެރިޓޭ ކިޔައިގެން ދެއްކި ވާހަކައަކީ ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމެކެވެ. ސިޔާސީ ވެރިންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި ނުހިމަނާން ނިންމި ނިންމުމަކީ ބޮޑު އޮޅުވާލުމެއްގެ ފެށުމެވެ. 

]]>
Thu, 28 May 2026 15:30:04 +0500 އެޑިޓަރ
ފަލާހަށް: މުއިއްޒު ދެކެ ވާ ލޯބިން ޕީއެންސީ މީހުން ވެސް ބޭނުމީ ވެރިކަން ނިންމަން! https://heerasnews.com/4223 https://heerasnews.com/4223 އެތައް ހާސް ބައެއްގެ މައްޗަށް އެކުލެވޭ ޕީއެންސީއަކީ ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮއެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރ ސިފަކޮށްފިއެވެ. ޕީއެންސީގެ ކަންކަން ހިނގާނީ މުއިއްޒު ބޭނުންވާ ގޮތަށް ކަމަށް ފަލާހު ބުނުމުން ޕީއެންސީއަކީ މުއިއްޒު ނޫން އެހެން އެއްވެސް މީހެއްގެ ބަސްވިކޭ ޕާޓިއެއް ނޫންކަން ކަށަވަރުވެއެވެ. 

ފަލާހުގެ ވާހަކައިން ޔަގީންވީ ކަމަކީ ޕީއެންސީގައި އާއްމު މެންބަރުންނާއި އެ ޕާޓީގެ ގުނަންތަކުގެ އެއްވެސް ބާރެއް ނެތްކަމެވެ. ތަފާތު ހިޔާލާއި މަޝްވަރާއަށް ޕީއެންސީގައި އެއްވެސް ފުރުސަތެއް ނެތްކަމަށް ސާފު ބަހުން ފަލާހު އެ ބުނީއެވެ. ވަރުވަރުން މީހުން ތިއްބަސް އެކަކަށް އެއްކަމެއްވެސް މުއިއްޒާ ހިލާފަށް ނުކުރެވޭ ކަމަށް ބުނެވޭނީ އެހާކަށް ވަރަށެވެ. 

ރައްޔިތުން އިންތިހާބުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ތިބި މެންބަރުންގެ ފުށުންވެސް ފެންނަނީ އެކަމެވެ. މުއިއްޒު ބޭނުންވުމުން މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ވަރަށް ބާރު ދޫކޮށްލައިގެން އެ ތިބެނީވެސް މުއިއްޒު ބޭނުންނުވާ ގޮތެއް ހެދޭވަރުގެ ހަކަތަ ނެތިގެންނެވެ. މުއިއްޒު ދެކެވާ ލޯބިން ސިޔާސީ ކަންކަމާއި ގައުމުގެ ކަންކަމުގައި މުއިއްޒު ބޭނުންހާ ގޮތެއް ހަދަން ދޫކޮށްލުމަކީ ހިޔާނާތެކެވެ.

މުއިއްޒު އެޅިހާބަތަކަށް ރިހަވެގެން އުޅެން ޕީއެންސީއަކީ މުއިއްޒުގެ ލޯބީގެ ދާސްތާނެއް ނޫނެވެ. ޕީއެންސީއަކީ ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހިންގާ އެތައް ރައްޔިތުންނެއް ތަމްސީލުކުރާ ސިޔާސީ ޕާޓީއެކެވެ. މުއިއްޒު ޖީބުން ހަރަދުކޮށްގެން ހިންގާ ކުއްޔަށް ކޮޓަރިދޭ ގެއެއް ނޫނެވެ. މުއިއްޒު ދެކެ ލޯބިން މުއިއްޒު ބޭނުންހާ ގޮތަކަށް ކޮށްދޭނީ މުއިއްޒުގެ އަމިއްލަ ކަންކަމެވެ. ސިޔާސީ ޕާޓީތަކާއި ގައުމީ ކަންކަމަކީ ލޯބީގެ ކަމެއް ނޫނެވެ. ފަލާހުމެން ވާ ލޯބިން ކުރާނެހާ ކަމެއްކުރަން ދޫކޮށްލުމުން ރައީސް އޮފީހުގެ ސޮފާތަކާއި މޭޒުތަކަށް ދަންދެން މުއިއްޒުގެ ލޯބީގެ މަސަންދުތަކަށް ބަދަލު ވަނީއެވެ. 

ޕީއެންސީގެ އާއްމުމެންބަރުންނާއި ޕާޓީގެ ގުނަންތަކުގައި ތިބިހާ މީހުންނަކީ ބުއްދިއެއް ހިކުމަތެއް ހުރި ބަޔަކަށް މުއިއްޒަކަށް ނުވެއެވެ. އެންމެ މޮޅަށް އެންމެ ރަނގަޅަށް ހުރިހާ ކަމެއްވެސް އެnގޭ މީހަކީ މުއިއްޒު ކަމަށް ދެކިގެން މުއިއްޒު އުޅުނެއް ކަމަކު އެންމެނަކު އެކަމެއް ގަބޫލެއް ނުކުރެއެވެ. ހެދިހާ އެއްޗެއް ހެދިގެން މީހުން ތިބީކީ ކުރާހާ ކަމެއް ރަގަޅުުވެގެން ރުހިގެން ލޯތްބަކުން ނޫނެވެ.

ދައުލަތް ހިންގުމުގައި މުއިއްޒަށް ފެންނަހާ ގޮތަކަށް ކަންކަން ކުރުމަކަށް ޕީއެންސީގެ ގިނަ މީހުންވެސް ގަބޫލެއް ނޫނެވެ. އެންމެ ފަހުން އޮތް ފެންނަ ނުފެންނަ ވޯޓުން މުއިއްޒު ބޭނުންވާހާ ގޮތަކަށް ގައުމުގެ ކަންކަން ދާން ބޭނުން ނުވާ އެތައް ހާސް ޕީއެންސީ މެންބަރުން ތިބިކަން ވަރަށް ސާފެވެ. 

ފަލާހެވެ. މުއިއްޒު ދެކެވާ ލޯތްބަކުން ޕީއެންސީގެ ގިނަ މެންބަރުން ވެސް މިހާރު ތިބީ ގާނޫނީ އިމުގެތެރެއިން މުއިއްޒުގެ ވެރިކަން ނިންމާލާނެ ދަނޑިވަޅަކަށް ބަލަބަލައެެވެ. ބަސް ހުއްޓި އަނގަ ބަންދުކޮށްގެން އެ ތިބެނީ ލޯތްބަކުން ނޫނެވެ، ދަނޑިވަޅެއް ނުލިބިގެންނެވެ.

]]>
Mon, 25 May 2026 12:37:29 +0500 އެޑިޓަރ
ރޫލް އޮފް ލޯގެ ވާހަކަ ދައްކަމުން މުއިއްޒު ތައްޔާރުވަނީ 3 ރައީސުން ހައްޔަރުކުރަން https://heerasnews.com/4215 https://heerasnews.com/4215 ސިޔާސީ ހަމަޖެހުން ރާއްޖެއަށް ގެނެސްދެވިއްޖެކަމަށް ވިދާޅުވެއްޖެ ކަމަށް ވިދާޅުވަމުން ރައީސް މުއިއްޒު ދެއްވީ ނުރައްކާތެރި އިންޒާރެކެވެ. މީގެ ކުރިން ސިޔާސީ ގޮތުން ރައީސުން ހައްޔަރުކުރެވުނު ކަމަށާއި މުއިއްޒު އެކަން އަދި ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުގައި ދެމިހުންނަވާނެކަމަށް ވިދާޅުވަމުން ދެއްވާ މެސެޖު ވަރަށް ތަފާތެވެ. 

މާބާރަކަށް ރޫލް އޮފް ލޯގެ ވާހަކަ ދައްކަވަނީ ހިތް ނިޔަތް ނުބައި ކަމުންނެވެ. ގާނޫނީ ހަމަ އަޅުވައިގެން އަނިޔާވެރިވުމަކީ ބަޔަކު ނުދަންނަ ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެއާއި މުށުތެރެއަށްލައިގެން ހުރެ ވެރިކަން ކުރާ މީހަކަށް ގާނޫނީ ގޮޅިގޮޅިއަށް މީހުން ފައްތާކަށް މާއުނދަގުލެއް ނުވާނެއެވެ. 

ގާނޫނ އަސާސީން ލިބިދޭ އަސާސީ ހައްގެއް ޕަރެކްޓިސް ކުރުމުންވެސް ގާނޫނީ ގޮޅިގޮޅިއަށް މީހުން ފައްތާލުމަކީ މާ އުދަގޫ ކަމަކަށް ނުވާނެއެވެ. އޭގެ އެންމެ ދިރިހުރި މިސާލަކީ އެލްސޯފާ މައްސަލައެވެ. ހައްދެއްނެތް ކޯޓު އަމުރެއް ނެރުވާ އޭގެދަށުން ބޭނުންވާ ބަޔަކު ހިފާ ހައްޔަރު ކުރުމަކީ ރޫލް އޮފް ލޯއެއް ނޫނެވެ. ސުވާލެއް ކުރި ނޫސްވެރިޔާއާއި ކޯޓް އަމުރު ނެރުނު ހަބަރު ލިޔުނު ނޫސްވެރިޔާ އިންސާފުވެރި ޝަރީއަތެއް ލިބިނުދީ ޖަލަށް ލުމަކީ ރޫލް އޮފް ލޯއެއް ނޫނެވެ. ދެ ނޫސްވެރިންނަށް އަނިޔާދިން ކޯޓު އަމުރާ ހިލާފްވީ އެކެއްް ދެމީހެއް ނޫނެވެ. ހުދު ރައީސް މުއިއްޒާއި ވެރިކަން ހިންގާ ޕާޓީގެ ޕީޖީ ލީޑަރ މާ ބޮޑަށްވެސް އެ އަމުރާ ވަނީ ހިލާފު ވެފައެވެ. އެކަމަކު ރޫލް އޮފް ލޯ އެމީހުންގެ މައްޗަކަށް ނުހިނގައެވެ. 

ކުރިން ހުއްދަ ނެގުމަކާނުލާ އެއްވެއުޅުމަކީ ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ. ފުޅާ ދާއިރާއެއްގައި އެހައްގު ގާނޫނު އަސާސީން ކަށަވަރުކޮށް ދިން އިރު އެއްވުންތަކުގެ ސަބަބުން އާއްމު ބައެއް ހާލަތްތަކަށް ބުރޫ އަރާ ހުއްޓު އަތުވެދާނެކަން ނޭގި ކަށަވަރު ކޮށްދިން ހައްގަކަށް ކުރިން ހުއްދަ ނެގުމަކާނުލާ އެއްވެ އުޅުން ނުވެއެވެ. ހިނގާ ބިނގާވެ އުޅުމާއި އެއްޗެތި ދުއްވުމަށް ދަތިވުން ބަހަނާއަކަށް ހަދައިގެން އަނިޔާވެރިކަމާއެކު އެއްވުންތައް ރޫޅާލުމަށް ފުލުހުން ފޮނުވާ ފުލުހުންގެ ވާޖިބަށް ހުރަސް އަލާކަމަށް ހަދައިގެން އެއްވުންތަކުން ވަކިވަކި މީހުން ހައްޔަރުކޮށް ޝަރީއަތް ހިންގުމަކީ ރޫލް އޮފް ލޯއެއް ނޫނެވެ. 

ސަރުކާރު ތެރޭގައި ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ދައްކާތީއާއި ދޮން އަމާ ރިޕޯޓާއި އައިޝާ ޑޮކިއުމެންޓްރީގެ ޖަޒްބާތުގައި އަދަދު ނޫސް ހުއްޓުވާލަން އުޅުމަކީ ރޫލުއޮފް ލޯއެއް ނޫނެވެ. ބެލަކަނި ރިޕޯޓާއި އެލްސޯފާ މުޒާހަރާ ލައިވްކުރާތީ ޗެނަލް 13 އަށް ފިޔަވަޅު އެޅުމަކީ ރޫލް އޮފް ލޯއެއްް ނޫނެވެ. 

ޕާޓީގެ މެންބަރޝިޕް ލައްކައަކަށް އަރުވަން ދައުލަތުގެ ޑާދާޓާބޭސް ކޮޅާލައިގެން މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނެގި ޕީއެންސީއާއި އެކަމުގައި އުޅުނު ވެރިންނަށް ޝަރީއަތް ނުހިންގާ ދައުލަތުގެ ބަޖެޓުން އެމެ ގިފައިސާ ދޭ ޕާޓީއަކަށް ޕީއެންސީ ހަދައިގެން އުޅުމަކީ ރޫލް އޮފް ލޯއެއް ނޫނެވެ. ވާދަވެރި ސިޔާސީ ޕާޓީތައް އެކި ބަހަނާ ދައްކައިގެން ލައްކަލައްކައިން ޖުރުމަނާ ކުރުމަކީ ރޫލުއޮފް ލޯއެއް ނޫނެވެ. 

ރޫލް އޮފް ލޯ ބޭނުން ކޮށްގެން މުއިއްޒު ދެން އެންމެ އަވަހަށް ކުރާނެ އެއްކަމަކީ ގާނޫނީ ސަރުކާރު ވައްތާލަން މަޖިލިސް މެންބަރުންނަށް ރިޝްވަތުދޭން އުޅުންފަދަ ކަމަކަށް ތުހުމަތުކޮށް ކުރީގެ 3 ރައީސުން ޖަލަށްލުމެވެ. އޭރުންވެސް އަނގަފުޅާކޮށްފައި ބުނާނީ ގާނޫނު ހިންގުމަކީ ލާޒިމުކަމެއް ކަމަށެވެ.

]]>
Sat, 23 May 2026 11:36:52 +0500 އެޑިޓަރ
ފުރާނައިން ގުރުބާންވާން ހުވާކޮށްގެން ތިބި ބަޔަކަށްވުމުގެ މާނައަކީ މަރުވާން ދޫކޮށްލުމެއް ނޫން https://heerasnews.com/4210 https://heerasnews.com/4210 ދިވެހި ހުނަރުވެރި ސިފައިންގެ ޑައިވަރަކު ނިޔާވުމަކީ ހިތާމައެކެވެ. ހާއްސަކޮށް ތަޖުރިބާއާއި ތަމްރީނު ލިބި ރާއްޖޭގެ މާހައުލަށް ފައްކާވެފައިވާ ސިފަވަންތަ ސިފައިންގެ މީހަކު ސިފައިންގެ ލަޝްކަރުން ގެއްލުމަކީ އެލަޝްކަރަށް ވެސް ލިބޭނިކަމެތި ކަމެކެވެ. އާއިލާ އާއި ގާތް ރައްޓެހިންނަށް ގެއްލިގެން އެދިޔައީ ފޫބެއްދޭނެ ވަރުގެ ހިތާމައެއް ނޫނެވެ. އާއިލާއަކަށް ގެއްލުނީ އާއިލާގެ މެމްބަރެކެވެ. މައިންބަފައިންނަށް ގެއްލުނީ ކިޔަމަންތެރި ދަރިއެކެވެ. ކޮއްކޮ ބޭބޭ ދައްތައިންނަށް ބަރޯސާވާނެ އާއިލާ މެމްބަރެކެވެ. ފިރިއެކެވެ. އަންހެނުން އެކަނިވެރި ވީއެވެ. ބައްޕައެކެވެ. ދަރިންނަށް ގެއްލުނީ އެ ކުދިންގެ ރޯލް މޮޑެލްއެވެ. 

ދިވެހިރާއްޖޭގެ އެންމެ ފުރިހަމަ އެސްއޯޕީތައް ތައްޔާރު ކުރެވި އެއަށް އަމަލު ކުރަމުންދާ ތަނުގެ ތެރެއިން މައްސަލައެއް ފެނުމަކީ އާދައިގެ ކަމެއް ނޫނެވެ. ދިވެހި ސިފައިންނަކީ ކަންކަމަށް ތައްޔާރުވުމުގެ ލާމަސީލު ނަމޫނާވެރި ބައެކެވެ. ލިޔެވިފައިވާ ލިޔުންތަކާއި އެއްގޮތަށް ކަންކަން ކުރުމުގައި ހަލުވި ބައެކެވެ. ޕްލޭން ތަކުގައި ކޮންޓިންޖެންސީ ޕްލޭންތަކާއި ސްލާމަތާއި ރައްކައުތެރިކަމަށް އަޅާނެ ފިޔަވަޅުތައް ލިޔެވިފައި ހުންނާނެއެވެ.

އެކަމަކު މިވީ ކިހިނެއް ހެއްޔެވެ. ކޮންމެ ކާރިސާއެއް ހިނގައިގެން އުޅޭ ތަނަކަށް ސިފައިންގެ ވެރިޔާ ފޮޓޯގްރާފަރުން ގޮވައިގެން ދޭ ހެއްޔެވެ. ޖަޕާނު ސަރުކާރުން ހަދިޔާ ކުރި ކަނޑުއަޑީގެ 200މީޓަރ ހޯދޭ ރޮބަރޓް ކޮބާ ތޯއެވެ. ތ. އަތޮޅުގައި ގާއިމު ކުރި ޑީކޯޗޭމްބަރު ކޮބާ ތޯއެވެ. 

ކޯސްޓްގާރޑުގެ ވެރިޔާ ދެއްކިވާހަކައަށް ސަމާލުކަމެއް ދިނުން މުހިންމެވެ. އޭނާ ބުންޏެވެ. ސިފައިން އެ ފުނަށް ރެސްކިޔު އޮޕަރޭޝަނެއްގައި ދާން ތަމްރީނުވެފައެއް ނެތެވެ. މިއީ ވަރަށް ބޮޑު ރިސްކެކެވެ. އަދި އެކަމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތެއްވެސް ނެތެވެ. މިއީ ކޯސްޓްގާޑްގެ ވެރިޔާގެ ބަހެވެ.

ސުވާލަކީ ރިސްކު ކުޑަ ކުރަން ރޮބާރޓް ބޭނުން ނުކުރީ ކީއްވެހެއްޔެވެ. ކަނޑުއަޑީގައި ތިބި މީހުން ވީ މަރުވެފައިކަން ކަށަވަރު ކުރެވޭއިރު ވަސީލަތާއި ތަމްރީނު ނެތް ބަޔަކު އެތަނަށް ރައީސުލްޖުމްހޫރިއްޔާ ގެންގޮސް ބޭލީ ކީއްވެގެން ހެއްޔެވެ؟ އެކަން އެވަގުތު ނުކޮށްގެން އިތުރަށް ގޯސްވާނީ ކޮންކަމެއް ތޯއެވެ؟ ސިފައިންނަކީ ފުރާނައިން ގުރުބާން ވާން ހުވާ ކޮށްގެން ތިބި ބަޔަކަށް ވުމުގެ މާނައަކީ މަރުވާން ދޫކޮށްލުމެއް ނޫނެވެ. 

މުޅި ހާދިސާއަށް އަމަލުކުރުން ފެންނަނީ މުޅިން އެހެން އޭންގަލަކަުންނެވެ. ކަމެއްގެ ސަމާލުކަން ގެއްލުވާލަން ކުރި ކަމެއްގެ ގޮތުގައިވެސް ސިފަވެއެވެ. ބޭރުގެ ތަޖުރިބާކާރުން ރާއްޖެއައި ދުވަހު ޑައިވެއް ނުކުރެއެވެ. ނަމަވެސް ދެ ދުވަސް މަތީން އެންމެން އެއްގަމަށް އަރުވައިފިއެވެ. މި ހާދިސާއަކީ މި ވަރުގެ ރިސްކެއް ނުނަގާ ނިންމޭނެ ކަމެއް ކަމުގައި ރާއްޖެއާއި ފަރަންޖީންގެ ތަޖުރިބާ ކާރުން ބުނެއެވެ. މި ކަމުން ފިލާވަޅެއް ދަސްކުރަން ޖެހެއެވެ. ދެ ފަހަރު އެކައްޗެއް ކިޔަންވެސް ޖެހެއެވެ.

ޑިފެންސް މިނިސްޓަރުގެ ބަދަލުގައި ހޯމް މިނިސްޓަރު ހާދިސާ ދިފާއު ކުރެވޭނެ ގޮތެއް ނެތެވެ. ކުރިން ދެއްކި ވާހަކަތައް ހުރީ ޖައްވުގައެވެ. ވާހަކަ ދެއްކީ ދިވެހީންނެވެ. ތަޖުރިބާއާއި ތަމްރީނާއި ވަސީލަތް ނެތި އެ ފުނަށް ޑައިވްކުރި ސަބަބެއް އޮންނަން ވާނެއެވެ. ޒިންމާ ވާނެ ފަރާތްތަކެއް ވާންވާނެއެވެ.

ފަންނުވެރިއެއްގެ ފުރާނައިގެ އަގަކީ ޝަރަފުވެރި ކަމާއި އެކު ފަސްދާނު ލެވުމުން ނިންމާލަން ޖެހޭނެ ކަމެއް ނޫނެވެ. ތަހުގީގު ކުރަން ޖެހޭނެއެވެ. ނަމަވެސް ގައުމުގެ ހާލަތު ގޮސްފައިވާ ހިސާބުން ތަހުގީގީ އިދާރާތަކަށް ކުރާ އިތުބާރު ބޮޑުތަނުން ދައްވެއްޖެއެވެ. ގާނޫނުގެ ދެ ފޮޅުވަތް ދޭތެރެއިން ހިތު ހުރި ގޮތަކަށް ކުރާކަންކަން ހުއްޓާލަން ޖެހެއެވެ. ހަމަމަގަށް ޖެހިލަން އެބަޖެހެއެވެ.

]]>
Thu, 21 May 2026 11:00:55 +0500 ހަވާ
އެމްއައިބީގެ އަހަރީ އާންމު ޖަލްސާ އޮންލައިންކޮށް ބޭއްވުން: ހާމަކަން ބޮޑުވުމެއްތޯ ނުވަތަ ހިއްސާދާރުންގެ ބައިވެރިވުން ކުޑަކުރުމެއްތޯ؟ https://heerasnews.com/4208 https://heerasnews.com/4208 ކުންފުންޏެއްގެ އެންމެ މުހިންމު އެއް ތަނބަކީ އެ ކުންފުންޏެއްގެ ހިއްސާދާރުންނެވެ. ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި، މާލީ ނަތީޖާތަކާ މެދު ސުވާލުކޮށް، ކުރިމަގުގެ މިސްރާބު ކަނޑައެޅުމުގައި ބަސްބުނުމުގެ ގާނޫނީ ހައްގު ކޮންމެ ހިއްސާދާރަކަށްމެ ލިބިގެންވެއެވެ. ނަމަވެސް، ރާއްޖޭގެ ބޭންކިން ދާއިރާގައި ހަލުވިކަމާއެކު ފައިތިލަ ސާބިތުކުރަމުން އަންނަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އެ ބޭންކުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ގޮތާ މެދު ބައެއް ހިއްސާދާރުންގެ މެދުގައި މިހާރު ވަނީ ބޮޑެތި ސުވާލުތަކަކާއި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

މި މަހުގެ 18 ވަނަ ދުވަހު އެމްއައިބީން ބޭއްވި އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ 'ފަހިވޯޓް' ސިސްޓަމް މެދުވެރިކޮށް ހަމައެކަނި އޮންލައިންކޮށް (ވާޗުއަލްކޮށް) އެވެ. މި ޖަލްސާގައި 57 ހިއްސާދާރުން ބައިވެރިވިއިރު، މިއީ ބޭންކުގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަކަމަށް ބޭންކުން މައުލޫމާތުދެއެވެ. އެހެންނަމަވެސް، ޒަމާނީ ޓެކްނޮލޮޖީގެ ނަމުގައި ހަމައެކަނި އޮންލައިންކޮށް ޖަލްސާ ބޭއްވުމަކީ ހިއްސާދާރުންގެ ސީދާ ބައިވެރިވުން ކުޑަކޮށް، ކަންކަން އޮޅުވާލުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

ރާއްޖޭގެ ބޮޑެތި ލިސްޓެޑް ކުންފުނިތައް ކަމަށްވާ އެސްޓީއޯ، ބީއެމްއެލް އަދި ދިރާގު ފަދަ އިދާރާތަކުން ޖަލްސާތައް ބާއްވަމުން އަންނަނީ ހިއްސާދާރުންނަށް އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ވެސް ލިބޭ ގޮތަށް 'ހައިބްރިޑް' މޮޑެލްއަށެވެ. އެމްއައިބީ ފަދަ ކުންފުނިތަކުން ހަމައެކަނި އޮންލައިންކޮށް ޖަލްސާ ބޭއްވުމުން، ހިއްސާދާރުން ބޯޑާ ސީދާ ކުރިމަތިލައި ކުރަން ބޭނުންވާ ސުވާލުތަކަށް ހުރަސް އެޅޭ ކަމަށް ފާހަގަކުރެވެއެވެ. "އަޅުގަނޑު އެމްއައިބީގެ ހިއްސާ ގަތީ އުއްމީދުތަކަކާއެކު. ނަމަވެސް މިހާތަނަށް އެދެވޭ މަންފާއެއް ލިބޭ ކަމަކަށް ނުފެނޭ،" ކަންބޮޑުވުން ފާޅުކުރި ހިއްސާދާރަކު ބުންޏެވެ. "އެހެން ކުންފުނިތަކުން ހިއްސާގެ ފައިދާގެ ގޮތުގައި ރަނގަޅު މިންވަރެއް ދޭއިރު، މި ބޭންކުގެ ކަންކަން ހާމަކަން ކުޑަ ގޮތަކަށް ހުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން."

މިފަހަރުގެ ޖަލްސާގައި 2025 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ބަޔާންތައް ވަނީ ފާސްކޮށްފައެވެ. އަދި ހިއްސާއަކަށް 5.41 ރުފިޔާގެ މަގުން ޖުމްލަ 129.6 މިލިއަން ރުފިޔާ ބެހުމަށް 99.99 އިންސައްތަ ވޯޓުން ވަނީ ނިންމާފައެވެ. ބޭންކުގެ ޖުމްލަ އެސެޓް 1 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިފަދަ ބޮޑު ކާމިޔާބީއެއް ލިބެމުންދާއިރުވެސް ކުދި ހިއްސާދާރުންގެ ޝަކުވާއަކީ އެމީހުންގެ އަޑު ބޯޑާ ހަމައަށް ފޯރުކޮށްދިނުމަށް އޮތް ފުރުސަތު ހަނިވުމެވެ.

ކުންފުނީގެ ކުރިއެރުމުގެ އަސްލަކީ ކަސްޓަމަރުންނާއި ހިއްސާދާރުންގެ އިތުބާރު ކަމަށް ބޭންކުން ބުނާއިރު، އެ އިތުބާރު ދެމެހެއްޓޭނީ ހާމަކަން ބޮޑު ސިޔާސަތުތަކެއް ގެންގުޅެގެންނެވެ. ޓެކްނޮލޮޖީއަކީ ކަންކަން ފަސޭހަކުރުމަށް އޮތް ވަސީލަތަކަށް ވީނަމަވެސް، އެ ވަސީލަތް ބޭނުންކޮށްގެން ހިއްސާދާރުންގެ ބައިވެރިވުން ކުޑަކުރުމަކީ އިސްލާމީ ބޭންކިންގެ އުސޫލުތަކާ ވެސް ބީރައްޓެހި އަމަލެކެވެ. ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކުން މިފަދަ ކަންކަން މޮނިޓަރކޮށް، ހުރިހާ ހިއްސާދާރުންގެ ހައްގުތައް ހަމަހަމަކަމާއެކު ކަށަވަރުކޮށްދިނުމަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

]]>
Thu, 21 May 2026 10:06:40 +0500 ބްލޫ ރިބަން
ޔާމީނު ކައިރީގައި އުޅުނުހާ ވަގުން ތިބީ މުއިއްޒާއެކު ގަދަކޮށް https://heerasnews.com/4204 https://heerasnews.com/4204 ކުރީގެ ރައީސުންނަށް ނިސްބަތްކޮށް ބުރަކައްޓަށް ވަޅިޖަހާ ވާހަކަ ރައީސް މުއިއްޒު ދެއްކީމާ މީހުން ކުރަނީ މަލާމާތެވެ. ކުރީގެ ރައީސުންނަކީ ފޭލިވެފައި ތިބި ބައެކޭ މުއިއްޒު ބުނީމާ އަންނަނީ ހިންޏެވެ. އަމްދުން ރައީސް ޔާމީނަށް ނިސްބަތްކޮށް އަނިޔާއާއި ފަސާދައާއި ކޮރަޕްޝަންގެ ވާހަކަ މުއިއްޒު ދެއްކުމަކީ ގަރުނުގެ ބޮޑު ޖޯކެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. 2013 ނޮވެންބަރު 17 އިން ފެށިގެން ރައީސް ޔާމީނު ކުރެއްވި 5 އަހަރުގެ ވެރިކަން ފެށުނީއްސުރެ ނިމެންދެން ޑރ. މުއިއްޒަކީ ޔާމީނު ސަރުކާރުގެ ކެބިނެޓް މިނިސްޓަރެކެވެ. ރައީސް ޔާމީނަށް ނިސްބަތްކުރާ ކޮންމެ ނުބައެއްގެ ފުރިހަމަ އެއް ބައިވެރިއަކަށް މުއިއްޒު ނުވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގި ކުދި ބޮޑު ހުރިހާ ޕްރޮޖެކްޓެއްގައި ހިމެނޭ ހިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިގެ ޒިންމާ ރައީސް ޔާމީނަށްވުރެ ބޮޑަށް އުފުލަންޖެހޭ މީހަކީ ޑރ. މުއިއްޒެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ތުހުމަތު ކުރެވުނު ބޮޑެތި ވައްކަންތަކާއި ހިޔާނާތާއި އަނިޔާގެ ވާހަކަ ރައްޔިތުންގެ ތެރޭގައި ދައްކަމުން ދިޔައިރު މުއިއްޒު ހުރީ ރައީސް ޔާމީނުގެ ކެބިނެޓްގައެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ މުޅި ދައުރުގައި ކެބިނެޓް ވަޒީރަކަށް ހުރި މުއިއްޒު ޔާމީނު ސަރުކާރޭ ކިޔައިގެން މިހާރު އަނގަ ހުޅުވަން ލަދު ނުގަންނަ ކަމެވެ. 

ރައީސް ޔާމީނަށް ނިސްބަތްކޮށް މުއިއްޒު މިހާރު ދައްކާ މުޑުދާރު ވާހަކަ ގަބޫލު ކުރެވުނީހީ ޔާމީނު ވެރިކަން ކުރާލެއް ގޯސްވެގެން ކެބިނެޓުން އިސްތިއުފާދީފާ އެސަރުކާރުން ނިކުމެ ހުރި ނަމަތާއެވެ. ވެރިކަން ލިބެންދެން ޔާމީނު ވަރެއްނެތިގެން އުޅެފައި ނެތް މީހެއް ނަމަތާއެވެ. މުއިއްޒު ދައްކާ ވާހަކައަށް އަތްޖަހާ މީހުންނަށް ވެސް މުއިއްޒުގެ ހުރި ނުބައި ނުލަފާކަމާއި މުނާފިގުކަމާއި ކާންދޭ އަތުގައި ދަތްއަޅާކަން ރަނގަޅަށް އެނގޭނެއެވެ. 

ކަޅުއޮށު ބަޑުދަށުން ކޮރަކަލި ބޮޑުވާ އުސޫލުން ވެރިކަން ލިބެންދެން ޔާމީނުގެ ބަނޑުވާ ހެދިގެން އުޅެފައި ޔާމީނު ސަރުކާރުގެ ހިޔާނާތާ ފަސާދައާއި އަނިޔާގެ ވާހަކަ މުއިއްޒު ދެއްކާއިރު ދެލޯ ހުޅުވައިގެން ރަނގަޅަށް ބެލީމާ ފެންނަ މަންޒަރު ތަފާތެވެ. ޔާމީނު ސަރުކާރުގެ މަތިފަޑީގައި ކޮރަޕްޝަނާއި ފަސާށަދަ ހިންގަން އުޅުނު އެންމެންހެން ތިބީ މުއިއްޒާއެކުގައެވެ. އޭރު ދަނޑިމަތި އެނބުރި އަދީބެއް ސައީދެއް ފަޒުލެއް ޝުޖާއެއް ކިޔާނެ ކަމެއް ނެތްތާއެވެ. ޔާމީނު ސަރުކާރުގައި ތިބިހާ ވަގުން އޭރުވެސް މިހާރުވެސް ތިބީ މުއިއްޒާއެކު ގަދަކޮށެވެ.  

]]>
Wed, 20 May 2026 10:56:29 +0500 އެޑިޓަރ
ރާއްޖެ ބަދަލުވަމުން މިދަނީ ދެވަނަ ޔޫގެންޑާއަށް https://heerasnews.com/4203 https://heerasnews.com/4203 ޔުގެންޑާގެ މަދަނީ ޖަމިއްޔާތަކާއި މީޑިއާތަކުން ވަނީ އެ ގައުމުގައި ހިނގަމުންދާ ނުރައްކާތެރި ކުށްތަކާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކަކީ އާދައިގެ ކަންތައްތަކެއްގެ ގޮތުގައި މުޖުތަމައު ބަލައިގަންނަން ފަށާފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުރިން އާންމުން ސިއްސުވައިލި ބޮޑެތި ޖަރީމާތަކަކީ މިހާރު ދުވަހުން ދުވަހަށް ހިނގާ އާދައިގެ ކަންކަމުގެ ގޮތުގައި ބެލެވެން ފަށާފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. 2025 ވަނަ އަހަރުގެ ފުލުހުންގެ ރަސްމީ ތަފާސްހިސާބުތަކުން ކުށްކުރާ މިންވަރު %10.2 ދަށްވެފައިވާ ކަމަށް ދެއްކި ނަމަވެސް، އާންމުންގެ މެދުގައި އޮތް ބިރުވެރިކަމާއި ކުށްވެރިންނަށް އަދަބު ނުލިބޭނެ ކަމަށް އޮންނަ އިތުބާރު ކުޑަވުން އަދިވެސް އޮތީ ވަރަށް މަތީގައެވެ.

ކުށްކުރުން އާދައިގެ ކަމަކަށް ވެފައިވާ މައިގަނޑު ދާއިރާތައް:

އަނިޔާވެރި ކުށްތަކާއި އާންމުންގެ ފަރުވާކުޑަކަން:

ދުވާލު ގަޑީގައި ހިނގާ ފޭރުމާއި (ހާއްސަކޮށް ސައިކަލުތަކުގައި އައިސް ހިންގާ ޖަރީމާތައް)، ކަތިވަޅިން ދޭ ހަމަލާތަކާއި، ކަރުގައި ހިފައި މަރާލުން ފަދަ ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާ މިންވަރުން، މިފަދަ ހާދިސާތަކުގެ ވީޑިއޯތަކަކީ އާންމުން ކަންބޮޑުވާ ކަންކަމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި މަޖަލަކަށް ބޭނުންކުރާ ތަކެއްޗަށް ވަނީ ބަދަލުވެފައެވެ.

ޝަރުޢީ އިމުން ބޭރުން ހިންގާ އަމަލުތައް:

ސަލާމަތީ ބާރުތަކުން ހިންގާ ޝަރުއީ އިމުން ބޭރުން މީހުން މެރުމާއި، ވަގަށް ނެގުމާއި، އަދި އަނިޔާކުރުން ފަދަ އަމަލުތައް އާދައިގެ ކަންކަމުގެ ގޮތުގައި ބެލުން ހުއްޓާލުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ވަކީލުންނާއި އެކްޓިވިސްޓުން ސަރުކާރަށް ދަނީ ގޮވާލަމުންނެވެ.

ކޮރަޕްޝަން ނުވަތަ ފަސާދަ:

ފަސާދައިގެ އަމަލުތައް ވަނީ މުޖުތަމައުގައި ވަރަށް ބޮޑަށް މޫލާފައެވެ. މިގޮތުން 2026 ވަނަ އަހަރުގެ މެއި މަހު ޕާލަމެންޓުގެ ރައީސާ އަނީތާ އަމަންގްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި، އޭނާގެ އަގުބޮޑު މުދާތައް ދައުލަތަށް ހިފެހެއްޓި ހާދިސާ އަކީ ސަރުކާރުގެ އިސްވެރިން ނަހަމަ ގޮތުގައި މުއްސަނދިކަން ހޯދާ މިންވަރު ހާމަވެގެންދިޔަ ކަމެކެވެ.

ޖިންސީ އަނިޔާއާއި ގޯނާ:

ރިޕޯޓުތަކުން ދައްކާ ގޮތުގައި ޖިންސީ ގޯނާކުރުމާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކަކީ ބައެއް މުޖުތަމައުތަކުގައި އާދައިގެ ކަންކަމުގެ ގޮތުގައި ބެލެވެން ފަށާފައިވާ ކަންކަމެވެ. ބައެއް ހާލަތްތަކުގައި، ގާނޫނީ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި ބެލެނިވެރިން ކުށްވެރިންނާ ގުޅިގެން މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކަށް ހުރަސްއެޅުން:

ސިޔާސީ އިދިކޮޅު ފަރާތްތަކާއި އެކި ގްރޫޕްތަކަށް އަމާޒުކޮށް ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ސިޔާސީ މަގުސަދެއް ހާސިލްކުރަން ކުށުގެ ގޮޅިތަކަށް މީހުން ފައްތާ ގާނޫނުގެ ދަށުން ހަރުކަށި އަދަބުތައް ދިނުން ހިމެނެއެވެ.

ސަލާމަތީ އިރުޝާދުތައް:

ބޭރު ގައުމުތަކުގެ ސަރުކާރުތަކުން ދަނީ ޔުގެންޑާގައި ކަންކަން ހުރި ގޮތުން އެ ގައުމަށް ދަތުރުކުރުމުގައި ނުހަނު ބޮޑަށް ސަމާލުވުމަށް އިރުޝާދު ދެމުންނެވެ.

ދަތުރުފަތުރުގެ ނުރައްކާ:

ކަމްޕާލާ އަދި އެންޓެބޭ ފަދަ ސިޓީތަކުގައި ހަތިޔާރާއެކު ފޭރުމާއި، ގެތަކަށް ވަދެ ވައްކަންކުރުމާއި، އަދި މީހުންނަށް ނޭނގި ބުއިންތަކަށް މަސްތުވާތަކެތި އެޅުން ފަދަ ކުށްތައް ހިންގާ މިންވަރު އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ރަސްމީ އިންޒާރުތައް:

ކެނެޑާ އަދި އެމެރިކާ ފަދަ ގައުމުތަކުން މިހާރު ނެރެފައިވާ ދަތުރުފަތުރުގެ އިރުޝާދުތަކުގައި، ޔުގެންޑާގައި ހިނގަމުންދާ އަނިޔާވެރި ކުށްތަކުގެ ސަބަބުން އޮތް ނުރައްކާތެރިކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ.

ޔޫގެންޑާ މިހާލަތަށް ވެއްޓުނީ ރެއަކާ ދުވާލަކުން ނޫނެވެ. އަނިޔާވެރިކަމާއި ކުށާއި ފަސާދަ އާދައިގެ ކަންކަމަށް ބަދަލުވެ ކުށްވެރިން ވެރިންނަށް ބަދަލުވުމުން ނުވެނުދާނެ ގޮތް ވެގެން ދިޔައީއެވެ. ބައެއް ކަންކަން ޔޫގެންޑާ ފެންވަރުގައި ނުހިނގިއެއް ކަމަކު ދިވެހި ރާއްޖެވެސް މިދަނީ އެމަގަށް ފެތެމުންނެވެ. އަނިޔާވެރިކަމާއި ބޮޑެތި ހިޔާނަތްތަކާއިފަސާދަ ރާއްޖޭގައިވެސް ވަނީ އާދައިގެ ކަންކަމަށް ބަދަލުވެފައެވެ. 

                    

]]>
Tue, 19 May 2026 23:59:00 +0500 އެޑިޓަރ
ސަންދޯކުގައި ދިދައަޅައިގެން ވަޅުލިޔަސް ހަގީގަތް ނުފޮރުވޭނެ. https://heerasnews.com/4200 https://heerasnews.com/4200 ސަންދޯކުގައި ގައުމީ ދިދަ އަޅައިގެން ސިފައިން ކޮރުލާ ކުރުނީސް ކުރަމުން ގެންގޮސް ވަޅުލާ  ފޮރުވާލުމަކުން ޒިންމާއަކުން ނުރެކެވޭނެއެވެ. ކޭވް ޑައިވިންގއަށް ދިޔަ މީހުން ހޯދަން ފޮނުވި ސިފައިންގެ މީހާގެ މަރަކީ ބޮޑެތި އިހުމާލުތަކެއް ހިމެނޭ ސީރިޔަސް މަރެކެވެ. 

ނެތް ގާބިލުކަމެއް ހުރިކަން ދައްކަން ގައުމުގެ ހުނަރުވެރި ދަރިއެއްގެ ފުރާނަ ދިޔުމަކީ އާދައިގެ ކަމެއްނޫނެވެ. މަހުދީގެ މަރަކީ ރެސްކިއު މިޝަނެއްގައި ދިޔަ ފުރާނައެއް ނޫނެވެ. ރިކަވަރީ އޮޕަރޭޝަނެއްގައި ނެގުވި ރިސްކަކުން ސިފައިންގެ އޮފިސަރެއްގެ ފުރާނަ ދިޔުމަކީ ނުބަލާ ދޫކޮށްލައިގެން ވާކަށް އޮތްކަމެއް  ނޫނެވެ. 

ކުރިން ވެސް ޑިކޮމްވުމުގެ ސަބަބުން ރިސްކް އޮތް އޮފިސަރަކު ކަމާބެހޭ ފުރިހަމަ އާލާތްނެތި އެހާ ފުނަށް ފޮނުވުމުގެ ޒިންމާ އުފުލާނީ ކާކުހެއްޔެވެ. ނެތް ގާބިލުކަމެއް ހުރިކަން ދައްކައިގެން މުއިއްޒު ކުޅުނު ޑްރާމާއެއްގައި ގުރުބާން ކުރެވުނު މީހަކަށް މަހުދީ ވީތޯ މީހުން އެބަ ސުވާލުކުރެއެވެ. 

މުޅި ހާދިސާގެ ހުޅުވިފައިވާ ފުރިހަމަ ތަހުގީގެއް ހިންގާ އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވާ ފިޔަވަޅު އަޅަން ޖެހެއެވެ. ކޮންމެ ފަހަރަކު މައްސަލައިގެ އެންމެ ފުނަށް ނުގޮސް ގައުމީ ބަތޮލެއްގެ ނަންދީފާ އިހުމާލަށް ފަސްއަޅާ ފޮރުވާލަން ނޫޅޭށެވެ. 

ޑައިވިންގ ދާއިރާގައި ތަޖުރިބާހުރި މީހުންގެ ބޮޑެތި ކަންބޮޑުވުންތައް މަހުދީގެ މަރާ ގުޅިފައިވެއެވެ. އެލްސޯފާގެ ވާހަކަ ހިންދާލަން ބޭނުންކުރާ ވާހަކައަކަށް މަހުދީގެ މަރުގެ ވާހަކަ ނުހަދާ ހުޅުވިފައިވާ މިނިވަން ތަހުގީގެއް މިހާރުން މިހާރަށް ނުކުރަންޏާ މުއިއްޒު އިސްތިއުފާ ދޭށެވެ. އެކަން ކުރެވޭ ބަޔަކު އޭރުން އެ ތަހުގީގުކޮށް ފިޔަވަޅު އަޅާނެއެވެ.

]]>
Mon, 18 May 2026 18:33:18 +0500 އެޑިޓަރ
ކޯޓުތައް ހުރުމަތްތެރިވާނީ ނެރޭ ގެގް އޯޑަރ ތަކަކުންނޫން https://heerasnews.com/4190 https://heerasnews.com/4190 ގާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިންސާފުވެރި އަދި ދެފުށް ފެންނަ ޝަރީއަތެއް ލިބުމުގެ ހައްގާއި، 141 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމުގެ އަސާސަށް ބަލާއިރު، ޝަރުއީ މަރުހަލާތަކަކީ އާންމުންނަށް ހުޅުވާލެވިފައިވާ ކަންކަމަށް ވާންޖެހެއެވެ.

ޝަރުއީ ދާއިރާގެ ދެފުށް ފެންނަ ގޮތްވުމަކީ ހަމައެކަނި އިދާރީ އުސޫލެއް ނޫނެވެ. އެއީ ޑިމޮކްރެޓިކް ނިޒާމުގެ ސައްހަކަން ކަށަވަރުކޮށްދޭ ކަމެކެވެ. ކޯޓުތަކަށް އާންމުންގެ އިތުބާރު ލިބި، ހުތުމަތްތެރި ތަނަކަށް ވާނީނީ ސިއްރުވެރިކަމުގެ ބަދަލުގައި، ދެފުށް ފެންނަ، ޖަވާބުދާރީވަނިވި އުސޫލުތަކެއްގެ ތެރެއިންނެވެ.

އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ބުނާ ގޮތުގައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ އާންމު ރައްޔިތުންނަށް ވުރެ ބޮޑަށް ފާޑުކިޔުމާއި، ފާރަވެރިވުމަށް ހުށަހެޅިފައި ތިބެންޖެހޭނެ ބައެކެވެ. ސަރުކާރާއި، ދައުލަތުގެ މުއައްސަސާތަކާއި، އަދި ސިޔާސީ ވެރިންނަށް ފާޑުކިޔުން ހުއްޓުވުމަށް އެއްވެސް ގާނޫނެއް ނުވަތަ އަމުރެއް ބޭނުންކޮށްގެން ނުވާނެކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ވެސް ބުނެއެވެ. 

ދައުލަތުގެ މަސްއޫލުވެރިންނަށް ރައްދުވާ ފާޑުކިޔުންތަކުން ނުވަތަ ތުހުމަތުތަކުން އެބޭފުޅުންގެ އަބުރު ސަލާމަތްކުރުމުގެ ނަމުގައި ނެރޭ ހަރުކަށި އަމުރުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާހި ލާފު ކަންކަމެވެ. އެފަދަ ފިޔަވަޅުތަކަކީ ހަމައެކަނި އިޖުރާއީ ނިންމުންތަކެއް ނޫން ކަމަށާއި މިއީ ދައުލަތުން އަމިއްލައަށް އިހުތިޔާރުކޮށް ބަލައިގަނެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް އުނިކަން އަންނާނެހެން ނެރޭ ގާނޫނުއަސާސީއާ ހިލާފު ހުރަސްތަކެއް ކަމަށްވެސް ހިއުމަން ރައީޓްސް ކޮމެޓީން ބުނެއެވެެ. 

ގާނޫނުއަސާސީގެ ނަޒަރުން ބަލާއިރުވެސް އެފަދަ ހަނިކުރުންތަކަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެތައް ހައްގަކަށް ސީދާ ގޮތުން އަސަރުކުރާ ކަންކަމެވެ. ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން، ތިމާގެ ދެކޭގޮތް ފާޅުކުރުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.

ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މި ހައްގަކީ ހަމައެކަނި ވާހަކަދެއްކުމުގެ މިނިވަންކަމެއް ނޫނެވެ. އޭގެ ތެރޭގައި ދައުލަތުގެ ނުފޫޒެއް ނެތި މައުލޫމާތު ހޯދުމާއި، ލިބިގަތުމާއި، އަދި ފެތުރުމުގެ ޑިމޮކްރެޓިކް ހައްގު ހިމެނެއެވެ. މީގެ އިތުރުން ވެސް 28 ވަނަ މާއްދާގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ހަބަރާއި މައުލޫމާތާއި ފެންނަގޮތްތަކާއި ހިޔާލުތައް ޝާއިއުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ސެންސަރުކުރުން ގާނޫނު އަސާސީ ވަނީ މަނާކޮށްފައެވެ.

ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އަސާސީ ހައްގެއް ހަނިކުރެވޭނީ މިނިވަން، ޑިމޮކްރެޓިކް މުޖުތަމައެއްގައި އެފަދަ ހައްގެއް ހަނިކުރުން ހަމަޖެހޭ މިންވަރަށްވުރެ ބޮޑުނުވާނެ ގޮތެއްގެ މަތިން ގާނޫނަކުންނެވެ. ދައުލަތުގެ މަސްއޫލުވެރިންނާއި، ވެރިކަން ހިންގުމާއި، ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅޭގޮތުން އާންމުން ވާހަކަދެއްކުން ހުއްޓުވުމަށް ނެރޭ "ގެގް އޯޑާ" ތަކަކީ، އެއްވެސް އިމެއް ނެތް އަދި ޑިމޮކްރެޓިކް މުޖުތަމައެއްގައި ބޭނުންވާ ފާޅުކަން ބޮޑު ބަހުސްތަކަށް ހުރަސްއަޅާ ކަންކަމެވެ.

]]>
Sun, 17 May 2026 23:30:12 +0500 ހީރަސް
ނޭނގި ތިއްބާ ކުށްވެރިވާ ރާއްޖޭގެ މިނިވަން މީޑިއާ https://heerasnews.com/4193 https://heerasnews.com/4193 ނުސްވެރިކަން މިހާރު ރާއްޖޭގައި އޮތް ހިސާބުން ނޫސްތަކުގައި ލިޔަންވީ ކީކޭކަންވެސް ސަރުކާރުން އެބަ ބުނެދޭން ޖެހެއެވެ. މިނިވަން ނޫސްވެރިކަން ކުރުމާއި މަޖިލިސްތަކާއި ބައްދަލުވުންތަކާއި އެއްވުންތަކުގައި ދައްކާ ވާހަކަތަކުގައި ވެސް ދައްކަންވީ ކޮން ވާހަކައެއްކަން ދައުލަތުން ބުނެދޭން ޖެހޭނެއެވެ.

ނޭނގި ކުއްވެރިވުމަކީ މިއަދު މިނިވަން މީޑިއާތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މީހަކު މީހަކަށް ތުހުމަތުކޮށް ބައެއްކަހަލަ ހެކިތަކާއި އެކު ބުނާ ވާހަކަތައް ދައުލަތުން ވަކީން ހާއްސަކޮށް ސަރުކާރުން ނުރުހޭނަމަ ކުއްވެރިވެއެވެ. 

ދައުލަތުގެ ބާރުތައް ކޮންޓްރޯލް ކޮށް އެއްވަށިގަނޑަކަށް ލެވޭނީ މިވަރަށެވެ. މުޅި ދައުލަތުން މީޑިއާގައި ކަސްތަޅު އެޅުވޭނީ މި މިންވަރަށެވެ. އިނގިރޭސި އަކުރެއް ކިޔުން މަނާވެއްޖެއެވެ. ތާނައިގެ ދެ އަކުރެއް އެއްކުރުން މަނަލެވެ.

އަނެއްކޮޅުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ނިކަމެތި ވަމުންނެވެ. ހިދުމަތް ތަކުގެ އަގުތައް އުފުލިއްޖެއެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓޭ ހިސާބަށް ހިނގައްޖެއެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުން ރެކޯޑް އަދަދަކަށް މަދުވެއްޖެއެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރަކުން ނުފުދެއެވެ. ދެ ބިލިއަން އާމްދަނީއަށް ލިބޭނަމަ ހަރަދަށް ހަތަރު ބިލިއަން ރުފިޔާ އަރައެވެ. ދެކޮޅު ޖެއްސޭނެ ގޮތެއް ރައްޔިތަކަށްވެސް ސަރުކާރަކަށްވެސް ނެތެވެ. 

މި ހާލަތުގައި ސަރުކާރަށް ވާގިވެރިވާ މީހުންނަކަށް މާބޮޑު ބަދަލެއް ނެތެވެ. ވޭތުވެ ދިޔަ ފަސް އަހަރު ދުވަހު އެއްވެސް އާމްދަނީއެއް ނުލިބި ތިބި މީހުންނަށް މިއަދު ފަނަރަވަރަކަށް ހާހުން މަތީގެ މުސާރަ ލިބޭނަމަ އެވެސް ވާނީ ގުއި ނުދެކޭ ކާޅަށް ގުއި ފެނުން ކަހަލަ ކަމަކަށެވެ. އެވެރިންނަށް އެވެރިން ދިފާއު ކުރަން އުޅެވެނީ ސަރުކާރުކަމެއް، ގައުމުކަމެއް، ޕާޓީކަމެއް ވެރި މީހާކަމެއް ނޭނގެއެވެ. އެ މީހުން އެންމެ ވައްތަރީ ޗާބީ ދީގެން އަނބުރާ ކުޅޭ އެއްޗަކާއެވެ.

އަދިވެސް ވާޖަހާ ކަސްތަޅު އަޅުވާ ކަށިނަރުދަމާ އަލިފާން ރޯކުރަންވީ މީޑިއާގެ ތެރެއިން ނުގުޑާ އަޒުމެއްގައި މަސައްކަތް ކުރާ ގަލަމުގައި ތޯއެވެ؟.

]]>
Sun, 17 May 2026 10:39:21 +0500 ހަވާ
3 ރައީސުން އެއްތަން ވެލުމުން މުޅި ސަރުކާރު ޑިފެންސަށް https://heerasnews.com/4191 https://heerasnews.com/4191 މިހާރު ފެންނަމުންދަނީ ބާރަށް ޖަހަން ކުރި މަސައްކަތުން ބޫޓު ނެއްޓިގެން ދިޔަ މަންޒަރެވެ. ކުޅިވަރު ކުޅޭއިރު ބޫޓަށް އަރަނީ ފައިގެ ރައްކައުތެރިކަމަށާއި މީހާ ހެލިފެލިވެ އުޅެން ފަސޭހަ އަކަށެވެ. ބޫޓަށްވެސް ކެތްވާނީ ފަޔަށް ކުޅަދާނަ މިންވަރަށެވެ. ގައުމެއްގެ ހާލަތު ފާލުން ނެއްޓުމުން އެންމެ ބޮޑު ޕްރެޝަރެއް އޮންނާނީ ގައުމު ހިންގަން އެ ވަގުތަކު ތިބި ބައެއްގެ ބޮލުގައެވެ. ބޫޓު ފައިން ނެއްޓޭ ގޮތަށް އެ މީހުންގެ ބޯ ގޮވާ މަންޒަރު ނުފެނިދާނެއެވެ. އެއީ އިހުސާސް ކުރަން ޖެހޭނެ މަންޒަރެކެވެ. އެ ބޮލަށް ވެސް ކުޅަދާނަވާނީ ބޮލަށް ކެތްވާ މިންވަރަށެވެ. ފިކުރަކާއި މުތުލަގަށް ދެކޮޅުވެ، ދެބަސް ވުމަކީ އޮތްކަމެކެވެ. އެކަންވެސް އޮންނަނީ ހުދޫދެއްގެ ތެރޭގައި ކަސްތޮޅު އެޅިފައެވެ. 

ރާއްޖޭގައި އޮންނަނީ މައިގަނޑު ދެ ސިޔާސީ ފިކުރެކެވެ. ސަރުކާރު ހިންގަމުން ދަނީ އެ ފިކުރުތެރެއިން ކޮން ފިކުރެއްގައިކަން ސަރުކާރަށްވެސް ނުއެނގި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ ވެރިކަމަށް އަދުގެ ސަރުކާރު ގެންނަން މަސައްކަތް ކުރި ބަޔަކު މަސައްކަތް ކުރީ އޭގެ ކުރިން ވެރިކަން ކުރި ސަރުކާރުގެ ނުރަނގަޅު ސިފަތަކެއް ފެނުމުން ކަމުގައި ބުނވިދާނެއެވެ.

ބަހުސްގެ ބޭނުމަށް އަދުގެ ސަރުކާރަކީ ދެ ފިކުރުގެ ތެރެއިން ހެޔޮ ފިކުރުކަށް ބުނަމާ ތޯއެވެ. ދެބަސްވެ އެއްބަސްވާ ބަޔަކު ތިބުން ބައިކޮށްލަމާތޯއެވެ. ވެރިކަމަށް އަދުގެ ސަރުކާރު އައީ ހުސް ގޮނޑިއެއްގެ އަޖަލުގައި ރައްޔިތުން ޖައްސައިގެންނެވެ. ފޮޓޯ ގަނޑެއް ފަހަތުގައި ކުރަހައިގެންނެވެ. “ނުހައްގުން ޖަލުގައި”، “އަދުލު އިންސާފު މުށު ތެރޭގައި” ގޮވަމުންނެވެ. މިއީ ރުހުނަސް ނުރުހުނަސް، ދެވަސްވެ އެއްބަސް ވިޔަސް ހަގީގަތެވެ.

ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބި ކަމުގެ ތުހުމަތާއި، ސިއްރު ކުރެވިފައިވާ އެއްބަސްވުންތަކެއް ހާމަ ނުކުރުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލި ނުވަތަ ވިއްކާލި ތުހުމަތާއި ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ކޮށްލި ކަމުގެ ތުހުމަތާއި ރާއްޖެއިން ލިބޭ އާމްދަނީއިން ރާއްޖެ ކުޑަ ސަރުކާރަކުން ހިންގާނެކަމާއި، އަދުލު އިންސާފު އެންމެންނަށް ހަމަހަމައަށް ލިބޭނެކަމުގެ ކަށަވަރުކަމާއި، ސަރުކާރުން ދައުލަތުގެ މުއައްސަސާތަކަށް އަތްނުބާނާނެ ކަމުގެ ޔަގީން ކަމާއި އެކުގައެވެ. މިއީ ވައުދު ނާމާގެ ކޯރުން ކޯވަރެކެވެ.

ފިކުރުގެ އަޖަލުގައި ޖެހިފައިވާ ބޭފުޅުންނަށް އޮތީ އެންމެ ސުވާލެކެވެ. އޭރުގެ ފިކުރު ހުތުރުވެ ފަކުރީއެވެ. މިއަދުގެ ފިކުރުގައި އެ ފަކުރުވި ސިޔާސަތާއި ހުރީ ކޮން ތަފާތެއް ތޯއެވެ؟ ބޭރުގެ އަސްކަރިއްޔާ ނެތްތޯއެވެ. ސިއްރު އެގްރީމަންޓްތައް ރައްޔިތުންނަށް ފެނުނީ ތޯއެވެ. ރާއްޖޭގެ އިގްތިސާދާއި ދައުލަތުގެ އިސްރާފު ހެޔޮ ވީތޯއެވެ. ރާއްޖޭގެ ސަރަހައްދުގެ ކަނޑު އަނބުރާ ލިބުނީތޯއެވެ. އަދުލު އިންސާފު ސަރުކާރުގެ ނުފޫޒުން މިންޖުވީ ތޯއެވެ. ޖަވާބު ކިޔުންތެރިންނަށް ދޫކޮށްލަމެވެ.

“ހާދަ ހެޔޮ ސަރުކާރެކޭ” ބުނާނެ މީހުން ތިބޭނެއެވެ. ސަރުކާރުގެ މުސާރަވެރިންނާއި އެ މުސާރަވެރިންގެ ގާތް ތިމާގެ މީހުންނެވެ. އެއީ ފިކުރެއް ނޫނެވެ. އެއީ އަމިއްލަ އެދުމެވެ. އަމިއްލަ އެދުމުގެ ޝިކާރައަކަށް ވެފައިވާ މީހަކު ފިޔަވާ ކަންކަން ރަގަޅު ކަމަށް ބުނާ މީހަކާއި ކުރިމަތި ނުވެއެވެ. އަމިއްލަ އެދުމުގެ މީހުންގެ އަދަދަކީ ސަރުކާރު އެންޑޯޒް ކުރާ މިންވަރު ދެނެގަނެވޭނެ މީޒާނެއް ނޫނެވެ. އެއީ ރަނގަޅުވުމުގެ ސިއްކައެއްވެސް ނޫނެވެ. ނަމަވެސް ހައި ހޫނުކަން ފިލުވަން އެހެންގޮތެއް ނެތިފައި ތިބި ބައެއް މީހުން ސަރުކާރުން އެންގުމަކާއި ނުލާވެސް އެއްވުންތަކަށް ހިނގައިދާނެއެވެ. ނަށާ ލަވަވެސް ކިޔާ ހަޅޭއް ފަޅޭ ލަވާ ފާނެއެވެ. އޭގެ ތެރެއިން ގިނައީ ބަނޑަށް އަރާފާނެ ހޫނަކުން ސަލާމަތްވާން އުޅޭ މީހުންނެވެ. 

ފިކުރަކީ އެ މީހަކު ގަބޫލުކޮށް ބަލައިގަންނަ ސިޔާސަތެކެވެ. އަދުގެ ސަރުކާރުގެ ފިކުރެއް ނެތެވެ. ސިޔާސަތެއްވެސް ނެތެވެ. އެހެން ވީމާ ސިޔާސަތާއި ފިކުރަކީ ތިމާގެ އިސްކޮޅަށް ވުރެ މަތީ ވާހަކައެކެވެ. ޖާހިލުކަމުގެ ނިޝާނެކެވެ. ފުރައްސާރައެކެވެ. އޮޅުވާލުމެކެވެ. ސަރުކާރުން ލާރި ނުދޭނަމަ ތިޔަ ސިޔާސަތާއި ފިކުރު މިހާރު އޮތީހީ ކަފުންކޮށް ވަޅުލާފައެވެ. “ވެހޭތޯ ފެން ނަގަނީއެވެ”. އިތުރު އެއްވެސް ކަމެއް މިއަދާ ގުޅުވޭނެ ހަމައެއް ނެތެވެ. 

ގުޑައިފިއެވެ. ނީސްތައްޓަށް އަރައިފިއެވެ. ގޮތް ހުސްވެ، ހާސްވެ، ކޮސްވެ މުޅަވެއްޖެއެވެ. ފިކުރު ދޫކޮށްލާށެވެ. ކުރީން ކަންވީގޮތްވެސް ދޫކޮށްލާށެވެ. އަދުގެ ހާލަތަށް ތިން ރައީސުންގެ މަޖުމާއިން ނަތީޖާއެއް ލިބޭތޯ ބަލަމާތޯއެވެ. ސަރުކާރުގެ ވެރިޔާ މި ވޭތުވެ ދިޔަ ދެ ތިން އަހަރުގައި ދެއްކި ވާހަކައަކާއި އަމަލާ ދިމާވެއްޖެ ތޯއެވެ. ބާރަށް ނޫނެކޭ ބުނެފިނަމަ މާބާރަށް އެކަމެއް އާނ އަކަށް ވެއެވެ. ދޮގެކޭ ބުނާ ކޮންމެ ކަމެއް ތެދަކަށް ވެއެވެ. އަދި އާނ ބުނެފިނަމަ ދެން އެކަން ހަނދާނުން ފޮހެލަން ތަންމަތި ބަންނަންވީއެވެ. ހަމަގައިމުވެސް ބަހާ އަމަލާ ދިމާނުވުމުގެ މިސާލު ހޯދާނަމަ އެކަން ވަރަށްވެސް ސާފެވެ. އަސަރެއް ނުކުރާނެ ވަރުގެ ކަމެއް ނަމަ ސަރުކާރު އެކުގައި ޑިފެންސަށް ކުޅެން ޖެހޭ ފަދަ ހާލަތެއް ތިން ރައީސުންގެ މޭޒު ދޮށުން ފެނުނީ އެއް ނޫނެއްނުން ތޯއެވެ.

ޖެހިލުންވާނަމަ ވިޔާނުދާ ކަންކަމުން ދުރުހެލިވެލާން މަސައްކަތް މިސްރާބު ކުރާށެވެ. ތިޔަ ޖަހާ ހިސާބު މޮޅު ހިސާބު އިލްމުވެރީންނަށް ވެސް ނޭނގޭނެ މިންވަރަށް ހަރާބު ނުކުރާށެވެ. ހެޔޮ ނުބައި ނިންމާނީ ރައްޔިތުންނެވެ. ސަރުކާރުގެ މުއްފަތުން އުޅޭ އަޅުންނަކަށް ޗޮއިސްއެއް ނޯންނާނެއެވެ. ސަލާމް ޖަހަން މަޖުބޫރުވެފައިވާ މީހުންނަށް ވެސް ބޭނުން ހުރިހާއެއްޗެއް ނުލިބެއެވެ.

]]>
Sat, 16 May 2026 16:07:56 +0500 ހަވާ
ބަންދުގެ މަގުސަދު ރަގަޅުނަމަ ދަރުމަ އިތުރު ވާނެ https://heerasnews.com/4181 https://heerasnews.com/4181 ދުނިޔޭގައި ވަރަށް ގިނަ ގައުމުތަކުގައި ހަރަދުތައް ކޮންޓްރޯލް ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅައެވެ. ބައެއް ގައުމުތަކުގައި ހަފްތާއަކު 4 ދުވަސް މަސައްކަތު ދުވަހުގެ ގޮތުގައި ކަނޑައަޅައެވެ. އޮފީސްތައް ބަންދުވުމުން ހަރަދު ތަކެއް ސަލާމަތްވެއެވެ. ކަރަންޓު ބިލާއި ފެނާއި އިންޓަރ ނެޓުންނެވެ. އަދި އެ ނޫން ގޮތްގޮތުންވެސް ހިފެހެއްޓޭ ހަރަދުތަކެއް ހުރެއެވެ. 

ދިވެހީން ތަފާތެވެ. ވެރި މީހާ ޗުއްޓީ ހަދާލަން ބޭރަށް ފުރަން ސަރުކާރު ބަންދު ކުރެއެވެ. ބައެއް ކަހަލަ ވާހަކަތަކުގެ ކުރި މަރާލަން ސަރުކާރު ބަންދުކޮށްލައެވެ. އީދު ބަންދާއި ދިމާކޮށް ހައްޖު މަހުގެ ދުވަސްތަކެއް ރޯދަ ހިފާލަން ލިބުމަކީ ނަސީބެކެވެ. ސަރުކާރު ބަންދު ކުރުމުގެ މަގުސަދު ރަގަޅުނަމަ ދަރުމަވެސް އިތުރު ވާނެއެވެ.

އޮފީހުގައި އިނދެ ކުރާނެ ކަމެއް ނެތީވިއްޔާ ބަންދުވެސް ކުރާން ވީއެވެ. އޮފީހުގެ މާހައުލުގެ އުފާވެރިކަމާއި އުޖާލާކަން ނެތީވިއްޔާ ބަންދު ކުރާންވީއެވެ. މަސައްކަތް ތަކެއްގެ ނަތީޖާއިން އާމްދަނީ އުންމީދު ކުރިވަރަށްވުރެ އިތުރު ވެއްޖެ ނަމަވެސް ބަންދުކޮށްލަން ވީއެވެ. މަސައްކަތުގެ އަގު ވަޒަންކޮށްލާ މަސައްކަތްތެރިންނަށް އަރާމު ކޮށްލާނެ ދެތިން ދުވަސް ދިނުމަށެވެ. 

ބަންދު ދުވަސް ވެސް މިލިބެނީ އޮޅުވާލުމަކުން ނޫން ބާވައޭ ހިތަށް އަރައެވެ. މަކަރަކުން ކަމެއް ފޮރުވަނީ ނޫން ބާވައޭ ހިތަށް އަރައެވެ. އިރުއަރާ އޮއްސޭއިރު ރައްޔިތަކު ކުއްވެރިވާނެ އިތުރުކަމެއް ތައާރަފުވެއެވެ. ގައުމުގެ ނިޒާމުތައް ބަދަލުވެފައި ވަނީ ރައްޔިތުން ކުއްވެރިވާ ފަދަ ގޮތަކަށެވެ. ނޫނީ ނިކަމެތިވާނެ އިތުރު ދުވަހަކަށް އިރުއަރާ ގޮތަށެވެ. ދައުލަތުގެ ގިނަ ކަންކަން ހުރީ ރައްޔިތުން ކުއްވެރިވާނެ އިތުރު ގޮތްތައް ތައާރަފުވާނެ ގޮތަށް ތަރުތީބު ވެފައެވެ. އެ މަގު ވަރަށް ސީދަލެވެ.

ރައްޔިތުންގެ ހާލަތު ޗުއްޓީގައި މަޖާކޮށް އުފާކޮށްލާން ނުކުޅެދެއެވެ. އެ ތަނަވަސްކަން ނެތް މިންވަރަށް ދަށެވެ. މި ބަންދުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް އެގޭނީ އަނެއްކާވެސް ބިލްތަކަށް ފައިސާ ދައްކަން ޖެހޭ ހިސާބުންނެވެ. މަސްދަޅު ކޭހަކަށް ކަރަންޓު ބިލު ބޮޑުވެއެވެ. ކަދުރު ކިލޯއަކަށް އެހެން ބިލެއް ބޮޑުވެއެވެ. މި ބަންދަށް ބޮޑުވާނީ ޑޮލަރު ނޫން ބާވައެވެ.

]]>
Thu, 14 May 2026 10:05:16 +0500 ހަވާ
ނާޒިމު ވަކިކުރަން އުޅުމަކީ ނުބައެއްގެ ފެށުން https://heerasnews.com/4178 https://heerasnews.com/4178 މަޖިލިސް ނައިބު ރައީސް ވަކިކުރަން ކުރާ މަސައްކަތަކީ ނުބައެއްގެ ފެށުން ކަމަށްވުން ގާތެވެ. ނަމިރާ ނާޒިމަކީ ދިވެހި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ނު މޮށޭ ގުރައެއްފަދަ ބޭކަލެކެވެ. އަމިއްލަ ކަންކަމުގައި މަޑުމައިތިރިކޮށް އުޅޭ ކުރާކަންކަމުގެ ނަތީޖާ ވަރަށް ފުޅާކޮން ދައްކާ ބޭކަލެކެވެ. 

މާޒީގައި ސިޔާސީ އެތައް ބަޔަކު މައިތިރިކޮށް ހަމަބިމަށް ތިރިކޮށްފައިވާ ބޭކަލެއްގެ ގޮތުގައި ނަން މަޝްހޫރު ފަރާތެކެވެ. ދުނިޔޭގެ މަސްރަހުގައި ހިނގާ ކަންކަމުގެ މައުލޫމާތު އެއްކޮށްގެން ހުރި ބޭކަލެކެވެ. ހަނގުރާމަތައް ކުރާއިރު ހަތިޔާރާއި ވަސީލަތާއި އެއްކޮށް، ތަމްރީނާއި ތަރުބިއްޔަތުން ބައިވެރިން ބިނާކޮށް، ތަޖުރިބާއިން ފިލާވަޅު ހޯދުމަކީ ހަނގުރާމަތައް ކާމިޔާބު ކުރުމުގެ އެއް ސިފައެވެ. މިހާރުގެ މަޖިލިސް ނައިބު ރައީސަކީ އަސްކަރީ އުކުޅުތަކުގެ ތިޔަރީގެ މައްޗަށް ކަންކަން ރާވާ ސްޓްރެޓަޖައިޒް ކުރާ ބޭކަލެކެވެ. 

“ބޭހާއި ނުކުޅޭތި ބަޑި” ހަމަ ރަނގަޅަށްވެސް ފިހިދާނެއެވެ. ޔަގީން ކުރައްވާށެވެ. ފިނޑިއަކު ހަމަ ބިމަށް ތިރި ކުރާނެ ހުރިހާ ހަރިތިޔާރަކާއި މައުލޫމާތާއި ހެކި މި ބޭފުޅާގެ އަތުގައި ހުންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫންކަން މާޒީގެ ސަފުހާ ތަކުން ސާފުކޮށް ފެންނާން އެބައޮތެވެ.

“ނުކާށޭ ރަހަބަލާނެންޏާ، އުކާލާފާ ދުރަށް ދަންޏާ. 

ނުކައި ދުރުގައި ނުހުރެވެންޏާ، އުކާނުމެލާށެ ކާނެންޏާ”.  

ފިހިދާނެކަން ގަބޫލުކޮށްގެން ނޫނީ އަތްނުލާތި، އަތްލާން ވާނީ ފިސާރު ކެރިގެން ކަމަށް ގަބޫލު ކުރަން ޖެހެއެވެ. ދިވެހި ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންގެ ވިސްނުމުގެ ތޫނު ފިލިކަން މި ބޭފުޅާގެ މުގާބިލުގައި ހުވަނދަކަށްވެސް ނުވާނެއެވެ. ތަޖުރިބާއިންނާއި އެކިއެކި ހާދިސާތަކުން ރަގަޅަށް ފިލާވަޅު ލިބިފައިހުންނަ ފަރާތްތަކާއި ކުޅޭއިރު ތަވާ މަތި ހޫނު ވާނެކަން ގަބޫލު ކުރަން ވާނެއެވެ.

]]>
Wed, 13 May 2026 15:17:47 +0500 ހަވާ
ވެރިކަން ހުދުމުހުތާރު ނުކޮށް ހަޑިމުޑުދާރު ނުކޮށް އަވަހަށް އިސްތިއުފާދީ! https://heerasnews.com/4170 https://heerasnews.com/4170 ޑރ. މުއިއްޒު އަމިއްލައަށް އެދިގެން ލިބުނު ވެރިކަމެއް ކަމުގައި ބުނެވެނީ، އެއްވެސް އިތުރު ފަރާތެއްގެ މަޖުބޫރު ކަމަކާއި ނުލާ އެތަކެއް ވައުދަކާއި އަހުދެއް ވެގެން ވެރިކަން ހޯދީމައެވެ. އިސްލާމީ ޝަރީއަތާއި، ގާނޫނު އަސާސީއާއި ގާނޫނު ތަކާއި އެއްގޮތަށް ދުނިޔޭގެ ތަހުޒީބު މުޖުތަމައު ތަކުގައި ވެރިކަން ކޮށްދޭނެ ކަމަށް ރައްޔިތުންނަށް ޔަގީންކަން ދިނީމައެވެ.

ޑރ. މުއިއްޒު ހުރީ އިސްލާމީ ޝަރީއަތާއި، ގާނޫނު އަސާސީއާއި ގާނޫނު ތަކާއި އެއްގޮތަށް ރައްޔުތުންގެ ހައްގުތައް ރައްކާތެރިކޮށްދޭން މާތްރަސްކަލާނގެ ގަންދީ ހުވާ ކޮށްގެންނެވެ. ހުވާކޮށްގެން ހުރެ ކުރާ ވެރިކަމުގެ ހުރިހާ ބުރަޔާއި ޒިންމާ އުފުލާން ޖެހެއެވެ. ސަރުކާރާއި ތިމާކުރާ ލަދުހުތުރު ކަންކަމާއި ގައިރު ގާނޫނީ ކަންކަމާ ޒިންމާވާންވެސް ޖެހެއެވެ. އެހެން ނަމަވެސް ހުވާކުރި ގޮތްނޫން ގޮތަށް މުއިއްޒު  ވެރިކަން ކުރަނީ ދިވެހި ދުސްތޫރާއި ހިލާފަށެވެ. އެހެންކަމުން ދިވެހިރާއްޖެއާއި ދިވެހީންގެ މަސަލަހަތަށްޓަކާ މުއިއްޒު ވެރިކަމުން ދުރުވާން ޖެހެއެވެ. 

ނިކަން ބުނެ ބަލާށެވެ. ހެޔޮލަފާ މީހުންނާއި ކަމަށް ގާބިލު، ކަމުގެ ތަޖުރިބާ ހުރި މީހުނާއި ގައުމުގެ އަސްލުތައް ގެއްލުވާނުލާނެ ފަދަ ބޭފުޅުން ވަޒީރުންނާއި، ފަނޑިޔާރުންނަށާއި، ލަފާ އަރުވާ މީހުންގެ ގޮތުގައި ކަނޑަ ނުއަޅުއްވަނީ ކީއްވެތޯއެވެ. ރަސްކަމެއް ކުރުމުގެ ޝައުގެއް ގެންގުޅުއްވަނީ ތޯއެވެ. ނުރަނގަޅު ލަފާގެ ބަދަލުގައި ނުލަފާދޭފަދަ މީހުން ގާތްކޮށް އެވެރީންގެ އިރުޝާދާއި ނުލަފާ ގަބޫލު ކުރުމުން ބޭޒާރުވެ، ލަދުވެތިކަމަށް ހުށައެޅެނީ އަމިއްލަ ފުޅަކަށް ނޫންތޯއެވެ. ބައެއް ހާލަތުގައި އެއްޗެއް ވިދާޅު ނުވުމަކީވެސް ޒިންމާދާރު ކަމެކެވެ. ޒިންމާއެކެވެ. ތިމާއާއި ތިމާގެ ވަށައިގެން އުޅޭ އެންމެންގެ ހައްގުގައެވެ. މަސްލަހަތަށްޓަކާ ވެރިކަމުން އިސްތިއުފާ ދިނުން ހެޔޮވެގެން ވެގެން ވެއެވެ. 

ގައުމެއްގެ އެންމެ އިސް މަގާމު ލިބުމަކީ ޒިންމާއެކެވެ. ޝަރަފެކެވެ. ނަމަވެސް އެ ޒިންމާ އުފުލާން ނުކުޅެދުމަކީ ލަދުވެތި ކަމެކެވެ. ހިޔާނާތެކެވެ. އެހެނީ މަގާމާއި ހަވާލުވީ ރައްޔިތުން ގާތު ރޮއި އާދޭސް ކޮށްގެން ކަމަށްވާތީއެވެ. އެ އާދޭސްތަކާއި ރުއިން އެއީ މަކަރެއް ކަމުގައި ވީނަމަވެސް މަގާމުގެ ޒިންމާ އަކީ އަމާނާތެކެވެ. ހެޔޮ ގޮތުގައި އަދާ ނުކުރާނަމަ އެ އަމާނާތަށް ހިޔާނާތްތެރި ވެވުނީއެވެ. އަވަހަށް އިސްތުއުފާ ދޭށެވެ.

ދިވެހީން ވެރިއަކަށް ހޮވަނީ ކަލިގިއުލާ އެއް ނޫނެވެ. ޖޫލިއަސް ސީޒަރ އެއްވެސް ނޫނެވެ. އެ މީހުންގެ ވެރިކަމުގެ ކިއްލާތެރޭގައި ކުރި ހުރިހާ ކަމެއް ކުރީ ފިސާރި ކެރިގެން ފާޅުގައެވެ. ދިވެހި ވެރިންނަކީ އެމަގުން ވެރިކަން ހިންގަން ރައްޔިތުން އިސްކުރާ ބައެއް ނޫނެވެ. ވެރިކަމަށް އިސްކުރި މަގުސަދު އޮޅިގެން ނޫޅެ އަވަހަށް އިސްތިއުފާދޭށެވެ. 

ސުވާލު އުފެދެނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަން ނުކެރިގެން އުޅެނީ ކީތްވެގެންކަން ރައްޔިތުންނަށް ނޭގޭތީއެވެ. ވެރިކަމަށް އަރަމުންނާއި ވެރިކަމުގައި ހުރެ ވީވައުދު ތައް ނުފުއްދާނަމަ އެކަމާއި މެދު ސުވާލު ކުރެވޭނެއެވެ. މުނާފިގަކަށް ނުވެވޭނެއެވެ. ކިތަންމެ ބާރުވެރިއަސް ދުނިޔޭގައި ރައްޔިތުން ބަލާނެއެވެ. އަދި އާހިރަތުގައި ސުވާލު ކުރެވޭނެއެވެ. 

ފަހެ، " ޒައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައި ކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ” (ޒަލްޒަލާ ސޫރަތުގެ 7،8 ވަނަ އާޔަތް). އެ ކަލާނގެއަށް ވަންހަނާވެ ސިއްރުން  އެއްކަމެއްވެސް ނުކުރެވޭނެއެވެ. ވެރިކަމުގައި މިއަދު ހުރި ފަރާތާއި އާހިރަތް ދުވަހު ސުވާލު ވެވޭހިނދު ވަށައިގެން ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާއި ޕާޓީ ކުދިންކޮޅަށް ގޮސް މަގުމަތީގައި ނުތިބެވޭނެއެވެ. ކޯޓު އަމުރެއް ބޭނުމެއް ނުވާނެއެވެ. ވާދަވެރި ބަޔަކު ބޭނުމެއް ނުވާނެއެވެ. ހެޔޮނުވާނެއެވެ. ބިރުވެތިވެ އަވަހަށް އިސްތިއުފާ ދޭށެވެ. 

ފާސިގުންނާއި ދޮގުވެރި މަކަރުވެރިން ނޫން މީހުންނަށް އިހުތިރާމް ކުރުމަކީ އެންމެންވެސް ކުރާ ހިތްވާނެ ކަމަކެވެ. އެ ފަދަ މީހުންނަކީ ނަސީބު ވެރިންނެވެ. ދުނިޔެއާއި އާހިރަތުގައެވެ. އެ މީހުންނަށް ރައްޔިތުންވެސް އިހުތިރާމް ކުރާނެއެވެ. ވައުދަށް ކަމޭ ހިތާ މީހުންނަށް އޮޅުވާނުލާ އަޅުވެތި ނަޒާހަތްތެރިން އިހުތިރާމް ދޭން މަޖުބޫރު ކުރާކަށް ނުޖެހޭނެއެވެ. ވައުދަށް ކަމޭ ހިތާ ތެދުބުނާ، އަމާނާތްތެރިބައެއް ކަމުގައި  އަހަރެމެންނާއި އަހަރެމެންގެ ވެރީން ވުމަށް އެންމެން އެދެއެވެ. ރައްޔިތުން އެދެނީ ވެރިކަން ހުދުމުހުތާރު ނުކޮށް ހަޑިމުޑުދާރު ނުކޮށް އަވަހަށް އިސްތިއުފާ ދިނުމަށެވެ.

]]>
Tue, 12 May 2026 11:59:34 +0500 ހަވާ
ބްރޯ ތީތި ކަޑަ! ގަދަކަން ދެއްކޭނީ ވެއްޓެންދެން! https://heerasnews.com/4169 https://heerasnews.com/4169 މިހިނގާ އަހަރު ދެކުނު އޭޝިއާގައި އެންމެ ބާރަށް އިވޭ އެއްވާހަކައަކީ ޕްރައިމިނިސްޓަރ މޯޑީ އާއި އެ ގައުމުގައި ބާއްވާ ގިނަ އިންތިހާބުތަކާއި ބީރަށްޓެހި ވާހަކައެވެ. އެކިއެކި ސްޓޭޓް ތަކުން ވެރިކަން ކުރާ ކޯލިޝަނަށް ނާކާމިޔާބު ވާ ވާހަކައެވެ. ލޯކް ޝަބާގައި އިވެނީ ހިންގުމުގެ ނިޒާމްގެ ދޯހަޅި ވާހަކައެވެ. ކުރު ދޮށީގައި މޯޑީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔާއަޑެވެ.

ދިވެހިރާއްޖޭގެ ހަގީގަތްވެސް ފެންނަނީ ވަރަށް ތިމާގެ ގޮތަކަށެވެ. ރިޔާސީ އިންތިހާބުގައި ނެގި ވޯޓަށްވުރެ ރަނަގަޅު ނަތީޖާއެއް މަޖިލިސް އިންތިހާބުގައި ދެއްކިއެވެ. ނަމަވެސް ލޯކަލް ކައުންސިލް ތަފާތު ބޮޑުކޮށް ރާއްޖޭގެ ސަރުކާރު ކޯލިޝަން ނިކަމެތިވި މަންޒަރު ފެނުނެވެ. ވަކިން ހާއްސަ ކޮށް ދައުރުގެ މެދަށް ވާގޮތަށް ނެގުނު ރެފަރެންޑަމުން ސަރުކާރުގެ ސައިޒު ފެނުނެވެ. ކިރިޔަ ކިރިޔާ %30 ހަމަ ވުމަކީ ސަރުކާރުގެ ސިޔާސަތު ތަކަށް ރައްޔިތުން ރަތުން ދިން އިންޒާރެކެވެ. ދުނިޔޭގެ އެންމެ ބާރުވެރި އެއްގައުމުންވެސް ފެންނަމުންދާ ޒާތުގެ މަންޒަރު ތަކެކެވެ. 

ދިވެހިރާއްޖެ އަކީ ސުލްހަވެރިކަން އިހްތިޔާރު ކުރާ ކިޔަމަންތެރި ބަޔަކު ދިރިއުޅޭ ގައުމެކެވެ. މިއަދު ރާއްޖޭގެ ގިނަ ރައްޔިތުންތިބީ ފުދި އުފަލަކުންނޫނެވެ. 2023 ނޮވެމްބަރ 17 ވަނަ ދުވަހުން ފެށިގެން ރައްޔިތުން އުޅެނީ އުޅެން ވީ ގޮތް އޮޅިގެންނެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވީ ވައުދުތަކާއި 2024 ވަނައަހަރު މަޖިލިސްގެ މެޖޯރިޓީ ހޯދަން ދެއްކި ވާހަކަތަކުން ރައްޔިތަކަށް ނުވާނެ އެއްކަމެއްވެސް ނެތެވެ.

މަޖިލިސް އިންތިހާބު ނިމުނު ހިސާބުން ރައްޔިތުންވީ ދޮންދަރިންނަށެވެ. އެތަށް ދުވަހެއްގެ މަސައްކަތުން ބިނާ ކުރި ވިޔަފާރި ހުލިވެއްޖެއެވެ. ބައްޔެއް ވެގެން ޑޮކްޓަރަށް ދެއްކޭނެ ފަދަވެސް ނެތެވެ. ޑޮކްޓަރަށް ހާލުން ކިއުގައިޖެހިގެން މަސްތަކެއް ފަހުން ޑޮކްޓަރަށް ދައްކައިފީމު ބޭހެއް ނުލިބެއެވެ. “ތިޔަ ބޭސް އާސަންދަ ކަވަރ ނުކުރެއެވެ”. “މި ބޭސް ވަނީ މިވަގުތު ރާއްޖޭން ހުސްވެފައެވެ”. ބޭސް ކޮންމެހެން ބޭނުންނަމަ ޖެހެނީ ފައިސާ ދީގެން ބޭސް ގަންނަން ނުވަތަ ބޭރަށް ދަތުރު ކުރާ މީހަކުއަތަށް ބޭސް ސިޓީ ދީފައި ޑޮލަރު ކޮޅެއް ދޭށެވެ. ޑޮލަރެއްގެ އަގު -/20ރ އިން މަތިވެއްޖެއެވެ. 2023 ވަނަ އަހަރުގެ ކުރިން ފަސޭހަ ކަމާއި އެކު ލިބެމުން ދިޔަ ބޭހާއި އިންޖެކްޝަން މިހާރަކު ނުލިބެއެވެ. 

2026 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ދައުލަތް ހިންގަން ތިބި މީހުން ރާއްޖޭގެ ހުރިހާ ކަމެއްވެސް މާނަ ކުރަނީ ރަސްކަންތަކުގައި ކަންކަން މާނަ ކުރާ ގޮތަށެވެ. ނުރުހޭނަމަ ތެޔޮ ހަމެކެވެ. ރުހޭ ނަމަ ސިޓީ އުރައެކެވެ. ރައްޔިތުންތިބީ މިހާލަތުން އަރައިގަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އިހުތިޖާޖަށް ކަމަކާއި ނިކުމެއްޖެ ނަމަ ކޯޓު އަމުރަކުން މަނާ ކުރަނީ އެވެ. ވެރިން އުޅެނީ ހަވާނަފުސަށް ހެއްލި ގެއްލި ގޮސް ހުސް ވެގެންނެވެ.

ރައްޔިތުންގެ ތެރެއިން ގިނަ މީހުން ބުނަނީ "މަރައިފިއެވެ. ކަޑައެވެ." މިތިބީ 2028 ގެ އިންތިޒާރުގައި ކުޅި ދައްކާލަން ތައްޔާރުވެގެން ކަމަށެވެ. ހުދުމުހުތާރު ވެރިން ބައެއް ރައްޔިތުންނަށް އޮޅުވާލައިގެން ވެއްޓެންދެން އުޅެވިދާނެއެވެ. ހުރިހާ ރައްޔިތުން ދުވަސް ކޮޅަކަށް އޮޅުވާލައިގެން ގެންގުޅެވިދާނެއެވެ. އެކަމަކު ހުރިހާ ރައްޔިތުންނަކަށް އަބަދަކު އޮޅުވައެއް ނުލެވޭނެއެވެ. މުޅި ދުނިޔެއިންވެސް ފެންނަނީ އެއް މަންޒަރެކެވެ. އަބަދު އެންމެންނަށް އޮޅުވާލައިގެން ނުގެންގުޅެވޭނެކަމެވެ.

]]>
Mon, 11 May 2026 19:29:30 +0500 ހަވާ
އުފެދުމުގައިވެސް ބާތިލުހުކުން ލިޔާ މަހާލޯޔަރ ލިޔެ މުގުރު ދަށުން ނެރުނު އަމުރު ! https://heerasnews.com/4167 https://heerasnews.com/4167 ލޯބިވެގެން މީހުން ކުރާކަންތައްކުރުމަކީ ޒިނޭކުރުންހެއްޔެވެ. ސެކްސް ކުރީމޭ ބުނުމަކީ ޒިނޭކުރީމޭ ބުނުން ހެއްޔެވެ. ފިޒިކަލްކޮށް ސޯފާގައި ސެކްސްކުރީމޭ ބުނުން އެއީ ޒިނޭކުރީމޭ ބުނުން ހެއްޔެވެ. 

އިސްލާމީ ޝަރީއަތުގައި ޒިނޭއަކީ ވަރަށް އުދަގުލުން ނޫނީ ސާބިތުނުކުރެވޭ ހައްދު ގާއިމުކުރެވޭ ކުށެކެވެ. ކަނޑައެޅިގެން ސާފު އިބާރާތުން މީހެއްގެ ބޮލުގައި ޒިނޭކުރިކަމުގެ ތުހުމަތު ނާޅުވަނީސް ގަޒުފޭކިޔައިގެން ފޯކަސް ބަދަލު ކުރެވިދާނެ ކަމަށް ހީވަނީ ހެއްޔެވެ. 

މީޑިއާއަކުން އާއްމުކުރާ އާއްމުކުރުމެއްގައި މީހަކު ބަދުއަހުލާގީ އަމަލުތަކެއް ހިންގައިފިކަމަށް ތުހުމަތުކުރުމަކީ ގަޒުފްކުރުން ކަމަށް ވާގޮތެއް ނޭނގެއެވެ. އާރާބާރު އޮތުމުން ހެއްދެވިހާ ވިޔާނުދާ ކަމަކާއި ފާހިޝް އަމަލެއް ހިންގުމަށް ފަހު އެ ވާހަކަ  އޮއްބާލާ ކަމުން ރެކެން އުޅުނަސް އެކަމެއް ނުވާނެއެވެ. 

އަގައިގާ މަލަން އަޅައިގެން ދޫބުރިކުރުވައިގެން އޮއްބާލަން އުޅުނަސް އަތްއަޅާ ފޮރުވޭނީ އަތްތިލައިގެ ބޮޑުމިނެވެ. ފުލުފުލުގައި އަމުރެއް ނެރުވައިގެން އެ ވާހަކަ ދައްކާ މީހުން ހައްޔަރުކޮށްގެން ކަންކަން އޮއްބައެއް ނުލެވޭނެއެވެ. 

މަހާރާނީގެ ވަކީލު ހައްދާފައި ބަންޑާރަ  ބަނޑުހަނޑުލުން މުސާރަދޭ ހަށިފާރަވެރިން ލައިގެން އުޅޭނީ ކަމެއް ވެގެންތާއެވެ. އުފެދުމުގައިވެސް ބާތިލު ހުކުން ލިޔަން މަޝްހޫރު ބަންޑާރަ މާ ރޮނޑު ލައްވާ ލިޔުއްވައިގެން ފަނޑިޔާރާގެ މުގުރު ދަށުން ނެރޭ އަމުރަކުން ސިހޭވަރުގެ މުގުރާމެއް ވެސް ނޫޅެއެވެ.

]]>
Mon, 11 May 2026 15:06:03 +0500 ހީރަސް
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކޮށް ކޯޓުއަމުރަކުން ހައްގެއް ނުހިފެހެއްޓޭނެ https://heerasnews.com/4164 https://heerasnews.com/4164 މާތް ރަސްކަލާނގެ ކުޅަދުންވަންތަ ކަމެވެ. މިދާވަރުން ދަންޏާ އުޅެންޏާ އުޅޭހާ އައިޝާ އަކީ އައިޝާ ނޫންކަމަށް ވެސް ވެދާނެއެވެ. ތަންތާ ހުރިއްޔާ ހުރި އެލްސޯފާއަކީ ސޯފާ ނޫން ކަމަށްވެސް ކަނޑައަޅާ އެލްސޯފަތައް ނައްތާލުމުގެ އަމުރެއް ނިކުންނާކަށް ލަހެއް ނުވާނެއެވެ. އިނގިރޭސި އަލިފުބާއިން އެލް އަކުރު ކަނޑާލުމުގެ ކޯޓުއަމުރެއް މުޅި ދުނިޔެއަށް ނުނެރެ މިފަހަރު ސަލާމަތެއް ނުވާނެއެވެ. 

ގާނޫނު އަސާސީން ލިބިދިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމަތު ހޯދާ ލިބިގަތުމުގެ ހައްގާއި ނޫސްވެރިކަން ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގައިރުގާނޫނީ އަމުރަކަށް ކިޔަމަން ނުވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. 

އާއްމުކޮށް މުޅި ރައްޔިތަށް ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔެއްގެ މައްޗަށް ނެރޭ އަމުރަކުން އަސާސީ ހައްގެއް ހިފެހެއްޓޭނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ގެންނެވެ. އެހެންވެސް ދިރިހުރުމުގެ ހައްގާ ގަދަކަމުން މަސައްކަތް ނުކުރުވުމުގެ ހައްގާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި އަދުލުވެރިކަމާއެކު ޝަރީއަތް ކުރުމުގެ ހައްގެއް ނުހިފެހެއްޓެނެއެވެ.  ކޯޓު އަމުރަކުން މުޅި ރައްޔުތެއްގެ މައްޗަށް ކަމެއް މަނާކުރުމުގެ ބާރެއް ކޯޓަކަށް ނުއޮންނާނެއެވެ.

ކޯޓުއަމުރަކުން ކަމެއް މަނާކުރެވޭނީ ހުށަހެޅިފައިވާ މައްސަލައިގެ ހަސްމުންނާއި މައްސަލައާއި ސީދާ ގުޅުންހުރި މީހުންނާއި ތަކެއްޗާއި ކަންކަމާ މެދުގައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކުށެއްކަމަށް ކަނޑައަޅަފައި ނެތް ކަމަކާ ގުޅުވައި އާއްމު މަނައަކުން އެއްވެސް ކަމެއް މަނާކުރުމަށް ނެރެވޭ ކޮންމެ އަމުރަކީ ގައިރު ގާނޫނީ އަމުރެކެވެ. ގައިރު ގާނޫނީ އަމުރަށް ކިޔަމަން ނުވުމަށް ކޮންމެ މީހެއްގެ މައްޗަށް ގާނޫނު އަސާސީ ލާޒިމުކުރެއެވެ.

]]>
Sun, 10 May 2026 22:10:00 +0500 އެޑިޓަރ
އެކަނިވެރި މައިން ޝިކާރަކުރާ ވަހުޝީ ވެރިއެއްގެ އަބުރެއް ނުއޮންނާނެ! https://heerasnews.com/4161 https://heerasnews.com/4161 މިއުޅެނީ ވިޔާނުދާ އަމަލުތަކެއް ހިންގި ކަމަށް ބުނާ އަންހެނަކު ދިފާއު ކުރާކަށް ނޫނެވެ. އޭނާ ކުރިކަމަށް ބުނާ ކަންކަން ރަގަޅީކީ ވެސް ނޫނެވެ. ކަންބޮޑުވެގެން މިއުޅެނީ ނާއިންސާފުން މީހަކަށް ހައްގު ނޫން އަދަބެއް ދައުލަތުގެ ބާރު ބޭނުން ކޮށްގެން ދޭން ނިންމާ ހުކުމް ލިޔުނު ކަމަށް ބުނާތީއެވެ. “ހައްދު ޖަހާނަން، ޖަލަށް ވެސް ލާނަން” މި ބަސްތައް ތަކުރާރުކޮށް ތުންތުން މަތިން އިވޭތީއެވެ. މިހާވަރަށް ކަންބޮޑުވުން ފާޅުކުރަނީ ކުރީންވެސް ރައީސް އޮފީސް ތެރޭގައި ހިނގާ ދިޔަ ޖިންސީ ފުރައްސާރައެއްގެ މައްސަލައެއް ނުބަލާ ދައުލަތުގެ ބާރުވެރިންތަކެއް ނުފޫޒުން މައްސަލަ އޮއްބާލިގޮތަށް މިފަހަރުގެ މައްސަލަވެސް އޮއްބާލަފާނެތީއެވެ. 

ކުރިއަށްދާ އެލްސޯފާ ތަހުގީގުގައިވެސް ރައީސް މުއިއްޒަށް ހުތުރުވާނެ އެއްވެސް ވާހަކައެއް ދެއްކުން މަނާ ކޮށްފައިކަން ވަކީލުންގެ ބަހުން ދޭހަވެއެވެ. ފުލުހުން ތަހުގީގު ކުރިއަށް ގެންދާ ގޮތުން އެކަން މާރަނގަޅަށް ވެސް ސާފުވެއެވެ. ދައުލަތުން ބޭނުންވާނެ މިންވަރަށް ބަޔާން ނަގާ މައްސަލަ އަވަސް އަރުވާލާފައި ކޯޓަށް ފޮނުވާ ފާސްޓް ޓްރެކްގައި މައްސަލައިގެ ހުކުމް ޖެހުމަކީ ދައުލަތުގެ ރޭވުންކަމަށް ސަރުކާރަށް ތާއީދު ކުރާ މީހުންނާއި ހަވާލާދީ ބައެއް ފަރާތްތަކުން ބުނެއެވެ. އެކަމަކު ބުނަންހެއްޔެވެ. އެކަނިވެރި މައިން ޝިކާރަކުރާ ވަހުޝީ ވެރިއެއްގެ އަބުރެއް ނުއޮންނާނެއެވެ.

މުޅި މައްސަލަ އޮތްގޮތުން މި ހާލަތު ކޮންޓްރޯލް ކުރެވޭނެ ހަމަ އެކަނި ގޮތަކީ ސިޔާސީ ނުފޫޒެއް އިދިކޮޅުން މިކަމުގެ ތެރެއަށް ވެއްދުމެވެ. އެކަމުގައި އަންހެން ކުއްޖާ ވަކި ރަގަޅީއެއް ނޫނެވެ. ގޯހެވެ. ހާމަ ކުރަން ނުޖެހޭ ޒާތުގެ ވާހަކަތައް ގިނައެވެ. އެހެނަސް ހާމަ ނުކުރިނަމަ އަދި މާގޯސް ވީހެވެ.

ފާޅުކަން ބޮޑު ގޮތެއްގައި އެ ވާހަކަތައް ނުދެއްކި ނަމަ އެ އަންހެން ކުއްޖާ މިހާރު އިންނާނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައެވެ. ޝިކާރަވެރިޔާ ހުންނާނީ ދައުލަތުގެ ހިމާޔަތުގައެވެ. މި ހާލަތުގައި އަންހެން ކުއްޖާއަށް ރައްކައު ތެރިކަން ނުދީފިނަމަ އެ ކުއްޖާގެ އާއިލާއިން އެ ކުއްޖާ ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް ބަލަން ޖެހެއެވެ.

ބާރުހުރި މަގާމުތަކާއި ގައުމުތަކުގެ ވެރިކަމުގައި ތިބޭ މީސްމީހުން ހިންގާ ޖަރީމާތަޢް އެނގޭ މީހުންނާއި އެކަންކަމުގައި ބައިވެރިވާ މީހުން އެކަންކަން ސިއްރުކޮށްގެން ތިއްބާ ވާނުވާ ނޭނގި ގެއްލުމާއި މަރުވުމަކީ މަދެއްކޮށް ހިނގާފައި ހުރި ކަންކަމެއް ނޫނެވެ. ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުމަކީ ރާއްޖޭގައިވެސް ނުހިނގާ ކަންކަމެއް ނޫނެވެ. ކިތަންމެ ގަލެއް ފޮރޮޅިޔަސް އެކަންކަމުގެ ހަގީގަތެއް ނުހޯދެއެވެ.

ހަނދާން ނެތޭހާ ދުވަހެއް އަދިނުވެއެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ރިޔާސީ ގަނޑުވަރުގައި ސްޓޭޓް މިނިސްޓަރކަން ދެއްވައިގެން މާ އިތުބާރު ކުރައްވާ ކަނބަލަކު ގެންގުޅުއްވިއެވެ، ދުވަސްކޮޅަކުން ފެނުނީ އެ ކަމަނާ ރިޔާސީ ގަނޑުވަރުން ވަކިކުރައްވާ ވުޒާރާއަކަށް ބަދަލުކުރެއްވި ތަނެވެ. ގިނަ ދުވަސްތަކެއް ނުވެ ފެނިގެން ދިޔައީ ރަޢީސާ ގާތްވާން ސިހުރު ހެދުމުގެ ކުށުގައި އެއްކަލަ ސްޓޭޓް މިނިސްޓަރ ކަމަނާ ޖަލުގައި ހައްޔަރުކުރެވުނު ތަނެވެ. ތުއްތު ދަރިފުޅަށް ބުއްދޭންވެސް ފުރުސަތު ނުދޭވަރުގެ ނުރައްކާތެރި ކުށްވެރިއަކަށް ހެދިތަނެވެ. އާހިރުގައި އެކަން ވެސް ނިމިގެން ދިޔައީ ވާރު އޮޑިންނެވެ.

އެލްސޯފާ މައްސަލަ ފާޅުކޮށް ހާމަކުރުމުން ނޫނީ ރައްކާތެރިކަމެއް ނެތްކަން ޔަގީންވުމުން އަކުރުން އަކުރަން ހާމަކުރުން ނޫންގޮތެއް ހަގީގަތުގައިވެސް ނުއޮންނާނެއެވެ. އައްޔާޝީ ވެރިއެއްގެ ޝިކާރައަކަށް ވެފައިވާ އަންހެނަކަސް ފިރިހެނަކަސް ކިރިޔާވެސް ސަލާމަތެއް އޮންނާނީ އެކަމެއް ހިނގިގޮތަކަށް ތެދުބަހުން އާއްމުކުރުމެވެ. "ނޯ ޗޮއިސް" ގައި އެއީ އެކަން ކުރަންޖެހޭ ގޮތެވެ. ހުޅުވާލެވިފައިވާ އަދުލުވެރި ތަހުގީގެއް ހިންގާ ވެރިންނާ ދެކޮޅަށް އިންސާފެއް ނުލިބޭނެއެވެ. އެކަމަކު ހައްގަކީ ހަމައެކަނި ބާރުގައި ތިބޭ ބައަކަށް އޮތް އެއްޗެއް ނޫނެވެ. ތަފާތުކުރުމެއް ނެތި ނިކަމެތިންނަށް ފޯރުވާ ނުދެވޭ ހައްގެއްގެ ބޭނުމެއް ނެތެވެ.

]]>
Sun, 10 May 2026 10:36:37 +0500 ހަވާ
އަނބިމީހާ މައިމީހާއަށް ބަދަލުވެގަތުމުން ކަޅުދިގަކަސް ގޯސްހެދޭނެ. https://heerasnews.com/4158 https://heerasnews.com/4158 އަނބިރީތީ ހެވިއްޔާއެވެ. އަނބިމީހާއަކީ މުސީބާތަކަށް ވަންޏާ ހިތްހަމަ ޖައްސާލަން އެހެނިހެން ގޮތްގޮތް ހިޔާރު ކުރާނެއެވެ. ކޮންމެ ފަހަރަކު ކުއްވެރި ވާންވީ ފިރިމީހާ އެކަންޏެއް ނޫނެވެ.

ވަރަށް ގިނަ ފަހަރު ކައިވެންޏަށް ދުވަސްކޮޅެއް ވާތަނުން އަނބި މީހާ ބަދަލު ވަނީ އަމަޔަކަށެވެ. އިންސާނީ ތަބިއްޔަތުގައި ވައު ޖެހިގެން އުޅުމަކަށް ބުއްދި ގަބޫލެއް ނުކުރާނެއެވެ. “ ކޮންތާކު، ކާކު ކައިރިން، ކީއްކުރަން، ކިހާ އިރެއް، އެއީ ކާކު، ކޮންވާހަކައެއް…” މި ސުވާލުތަކަކީ ފިރިޔަކަށް އަބަދު ޖަވާބުދޭން ފަސޭހަ ސުވާލު ތަކެއް ނޫނެވެ.

ލަވައެއް ޖަހާތަނުން “ކުއްޖަކު ރީތި ވީތަ؟”، ސެންޓު ޖަހާ އިރަށް “ކާކަށް ވަސް ދުއްވަން؟” މިއީ ކަސްތަޅު އެޅުމުގެ ކޮޅުމައްޗެވެ. ފަހަރެއްގައިވެސް އެންމެން އުޅޭ ގޮތަކީ އެއް ނޫނެވެ. އިނގިރޭސި ބަހުގައި ބުނާ “އޯވަރ ޕްރޮޓެކްޝަން” މިއީ ކައިވެނިތައް ރޫޅުމާއި ވަގު އަނބިން ހޯދަން ބައެއް ފިރިހެނުންނަށް މަޖުބޫރުވާ ކަމެކެވެ. 

ޝައްކު ބަލި، މިއީ ހައްލު ކުރަން އުނދަގޫ ބައްޔެކެވެ. އަންހެން ވެރިންގެ ޒާތީ ކަންކަން ހުންނަ ފަދައިން ފިރިހެނުންގެ ވެސް ޒާތީ ކަންކަން ހުންނާނެއެވެ. ކައިވެނިން ގުޅިފައިވާ ދެމަފިރިއަކު ކަމުގައި ވިއަސް މެއެވެ. އެ އިހުތިރާމާއި ފިރިމީހާގެ ހައްގު ދަރަޖަ ނުދޭނަމަ ފިރިންވެސް ގޯސް ހަދާ ފާނެއެވެ.

ފަހަރެއްގައިވެސް ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ އާއިޝާ ޑްރާމާއާއި ގުޅުވަނީ ކީ ނޫނެވެ. ނަމަވެސް އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކުން ކަނޑައެޅިގެން އާއިޝާގެ ޑްރާމާއާއި އެކަހެރި ކުރަނީކީވެސް ނޫނެވެ. ފިރިއަކު ގަބޫލު ނޫން ލަދުގަންނަ ފަދަ މަންޒަރުތައް މަދުންނަމަވެސް ފެނެއެވެ. 

ހިތް އުފާ ކޮށްލުމާއި ސްޓްރެސް ފްރީ ކޮށްލުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ރާއްޖޭގައި ޑިޕްރެޝަނަށް ދާ ފިރިންވެސް އުޅެއެވެ. ބައެއް މީހުން ހިތްހަމަޖައްސާލަނީ ހިލޭ އަންހެނެއްގެ ގާތުން ލިބޭ އޯގާތެރިކަމަކުންނެވެ. ލޯބިން އުނގުޅާލަދޭ ތެޔޮ ކޮޅަކުންނެވެ. ބޮލުގައި ފިރުމާލާ ފިރުމާލުމުންނެވެ. ހިނިތުންވުމާއި އެކު ބުނެލާ ވާހަކައަކުންނެވެ.

އުމުރުން ޅަ ކުދިން ދޮށީ އުމުރުގެ މީހަކަށް ވުރެ ރަގަޅަށް އަޅާލުން ގެންގުޅެނީ ކަމަށްވެސް ވެދާނެއެވެ. ދަރިއެއްގެ އުމުރަށް ވުރެ ހަގަސް ލޯބިން ކޮށްދޭ އެންމެ ކަމެއްވެސް މޫނު ހަދާފައި ކުރާ ހާސް ކަންކަމަށް ވުރެ ހަނދާނުގައި ހަރުލާނެއެވެ. ޒުވާން އުމުރުގައި ކަސްތަޅު އެޅިފައިވީވުން ބާރުވެރި މަގާމަކަށް ނުވަތަ ތަނަވަސް ކަމެއް ލިބުމުން ފުއްދާލަނީ ނޫންބާވައެވެ. ކަޅު ދިގަސް، ދޮން ކުރަސް،   އިންސާނީ ތަބިއްޔަތުގައި ހިތްހަމަ ޖައްސާލުމަކީ ކޮންމެ މީހެއްގެވެސް ހުވަފެނެކެވެ.

]]>
Sat, 09 May 2026 12:21:51 +0500 ހަވާ
ދޯކާދިނުމުގައި ޔާމީނާއި މުއިއްޒު ތަފާތު ނުކުރާ ރިޔާސީ ކެންޑިޑޭޓުން https://heerasnews.com/4151 https://heerasnews.com/4151 ނަޒާހަތްތެރިކަން އެތުރެންވާނީ މަތިން ތިރިއަށެވެ. މުއިއްޒުގެ ނެތް ނަޒާހަތްތެރިކަމެއް ދަށުން މަސައްކަތް ކުރާ މީހުންގެ ނުހުންނާނެއެވެ. އައްޔާޝީ ދައްކާ ސިއްރު ކުރަން އުޅޭނަމަ ދަށުގައި އުޅޭ މީހުން މާ ކުޅަދާނަ ވާނެއެވެ.

މުއިއްޒާ އެކީގައި ގިނައިން ތިބީ މުއިއްޒުހެން ވެރިކަމަށް ފެންބޮވައިގެންފައި ތިބި ބައެކެވެ. މުއިއްޒު ފަދައިން އެއިން ކޮންމެ މީހަކީ ވެސް ރައީސް ޔާމީނު ނެތް ދުނިޔެއެއްގައި ނޫޅޭން ފޮނުއެރުވި މީހުންނެވެ. އެ އަނގަތަކުން މިހާރު އެކިޔަނީ އެހެން ލަވައެކެވެ. ކާންދޭ އަތުގައި ދަތްއަޅަން ވަކީން ފަރިތަ އެހެން ބަޔަކު މަދުވާނެއެވެ. ރަނގަޅަށް ހަނދާން އައުކޮށްލަ ބަލާށެވެ.

އާދަމް ޝަރީފަކީ ޕީއެންސީ ސެނެޓްގެ ކުއްލި ޕްރައިމަރީގައި މުއިއްޒާއި ވާދަކުރި ފަރާތެވެ. އާދަމް ޝަރީފަކީ އެޑިއުކޭޝަން ދާއިރާއަށް ފަރިތަ މީހެކެވެ. ދޮންރިހަ ގޮތެއް ހުންނަ ކަމަށް މީހުން ކިޔާއުޅޭ އާދަމް ޝަރީފަކީ މުއިއްޒެކޭ އެއްފަދައިން ޝަހުވަތްތެރިކަން ހައްދު ފަހަނަ އަޅާފައިވާ މީހެކޯލައެވެ. ޕާޓީ ތެރެއިންނާއި މިނިސްޓްރީ ތެރޭގައި މަސައްކަތް ކުރާ އަންހެން ކަނބަލުންނަށް ރޭގަނޑު ގުޅާ އެކިއެކި ކަންކަމަށް ދައުވަތު ދީ ބައެއް ކުދިން އެލް ސޯފާއަކަށް ނުލިނަމަވެސް އެފަދަ ކުދިންނާއި މެދު ގާތް ނުރަނގަޅު ގުޅުންތަކެއް ގެންގުޅުމަކީ މުއިއްޒާއި މީނާގެ ހުރި އާދަޔާއި ހިލާފު އެއްގޮތް ސިފަތަކެއްކަމަށް މީހުން ކިޔައެވެ.

މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކޮށް އަބްދުއްލާ ހަމީދު ހެދިގެން އާދަމް ޝަރީފު އޭނާ ދިޔައީ 2028 އަށް ސަޕޯޓް ބޭސް ބޮޑުކުރަމުންކަން މުއިއްޒަށް ރޭކާލީތާއެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ފައިނު އާދަނަކީ ސިޔާސީ މަސްރަހުގައި ބޮލު ރޮއްޖެކެވެ. ވެރިކަން ވަރަށް ބޭނުން ބޭނުންވެގެން ކުރަމުން އަންނަ ކަންކަމުގެ ހިލަންވެ ވުޒާރާވެސް އުވާލާ ކެބިނެޓުން ބޭރުކޮށްލީތާއެވެ. 

ޑރ. ވަހީދަކީ ޓިކެޓުގެ އިންތިޒާރުގައި އުޅުނު އެއްބޭފުޅާއެވެ. މުއީޒު ވެރިކަމަށް ހޮވުނު ހިސާބުން ދުނިޔެ ކާން ފަސޭހައަކަށް ގާތް ގުޅުމެއް ދަމަހައްޓާ މާލީ ތަނަވަސްކަން ހޯދަމުން ދިޔައީއެވެ. އެހެން ނަމަވެސް އެޕްޓީން ފައިލްސްގައި ޑރ. ވަހީދުގެ ނަން ހާމަވެ ފަލީހަތްވުން ސަބަބެއްކަމަށް ދައްކާ އިސްތިއުފާދޭން މަޖުބޫރުކޮށް ސިޔާސީ ކުރިމަގުގައި ކަފުން ކުރުވީއެވެ. ނަމަވެސް އެލް ސޯފާގެ މަތީގައި ހިންގި ހަޑިހުތުރު އަމަލަކީ މުއިއްޒުގެ ސިޔާސީ މުސްތަގުބަލުގެ މައިދިރިއަށްވެ ޑރ. ވަހީދު ކުރީ އައްޗި ކަމެއް ކަމަށް ހަދާ ނިންމާލީއެވެ. 

ޑރ. ޝަހީމަކީ ވެސް ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް ކޯޓު ތުރުކުރައްވައިގެން އުޅުއްވި ބޭފުޅެކެވެ. ޝަހީމުގެ ކުޅަދާނަ ކަން ފެނިފައިވަނީ ބޮނަކުއާ ފުޅިއްކަށް ރުގުޔާ ކުރުމުގެ ތެރެއިންނެވެ. އޭގެ ފަހުން ތަފާތު އެކިއެކި ތުހުމަތުތައް ކުރެވުނެވެ. މީނާ ބުނާ ގޮތުންނަމަ އަރަބިން ކައިގެން ތިބިއްޔާ ދިވެހީންވެސް ތިބޭނީ ކައިގެންނެވެ. ތެލަށް ނުޖެހިސަލާމަތް ކުރަންވެސް ދަންނަކަމަށް ބުނެ ހަރުއަޑުން ގޮވިއެވެ. ކާށިދޫ ކަނޑުން ތެޔޮ ހޮޅި ނެރެވޭނެ ކަމަށްވެސް ބުންޏެވެ. ވެރިކަމަށް ކުފޫ ހަމަވާ މީހުން އުޅެނީ ވަކި ގޮތަކަށެވެ. އަދާލަތު ޕާޓީ ދުވަސްވަރު މުއިއްޒަކީ ޝަހީމުގެ ބޯއީ އެކެވެ. ސިއްރުން ވެރިކަމުގެ ވާހަކަ މީހުން ގާތުގައި ނުދައްކާށެވެ. މުއިއްޒަށް އަޑުއިވިއްޖެނަމަ ވަކިކުރާނެއެވެ. 

މިނިސްޓަރު ސައީދަކީ އެމްބަސީ ތަކުގައި ރައީސް ޔާމީނުގެ ކެނޑިޑޭޓް ކަމަށް އަމިއްލައަށް ތައާރަފު ވަމުން ގެންދެވި އެކެކެވެ. ފުލުފުލުގައި ފާޅުކަން ބޮޑެތި ދޮގު ހަދައިގެން ސައީދުކުރާ ކަމަކީ މުއިއްޒު ސަރުކާރު ފެއިލްކޮށްލުމެވެ. ޑޮލަރު އަގުތިރި ކުރުމާއި އަތްގުޅިނުކާ ލޮލަށް ނުފެންނަ މެގަ އިންވެސްޓްމެންޓްތަކުގެ ވާހަކައިން މުއިއްޒުގެ މަގުބޫލުކަން ގެއްލުވާލުން ނޫން ކަމެއް ސައީދު ނުކުރެއެވެ. މުއިއްޒަށް އެކަން އެނގޭއިރު ފަހަރުގައި ވަގުތު ފާއިތުވެސް ވެދާނެއެވެ.

]]>
Thu, 07 May 2026 08:16:54 +0500 ހަވާ
ރައީސް މުއިއްޒަށް ނިސްބަތްކޮށް ގަޒުފު އުފަންކުރުވީ ކީއްވެގެން ކާކު؟ https://heerasnews.com/4148 https://heerasnews.com/4148 ގަޒުފެއްގައި 2 މީހަކު ހިމެނެންޖެހެއެވެ. ގަޒުފެއް ސާބިތު ކުރާނަމަ ދެ މީހަކު ޒިނޭ ކުރިކަމަށް ވާން ޖެހެއެވެ. އަދި އެ ކަމުގައި ހިމެނޭ ދެ މީހުންކުރެ އެކަކު ޒިނޭ ކުރިކަމަށް އިންކާރު ކުރަން ޖެހެއެވެ. ޒިނޭ ސާބިތުވާނީ ހަތަރު މީހަކަށް ޒިނޭ ކުރާ މަންޒަރު ފެނިގެން ނުވަތަ ދެ މީހުން ނުވަތަ ދެމީހުންގެ ތެރެއިން މީހަކު ޒިނޭ ކުރިކަމަށް އިއުތިރާފުވެ، އެކަން ސާބިތު ކޮށްދިނުމުންނެވެ. އިސްލާމީ ހަމަތަކާއި އެއްގޮތަށް ޒިނޭ ސާބިތުކުރުމަކީ ފަސޭހަ ކަމެއްގެ ގޮތުގައި އޮންނަ ކަމެއް ނޫނެވެ. 

އަދަދު ނޫހުގެ ފަރާތުން ހާމަ ކުރި ޑޮކިއުމަންޓްރީގައި ދައްކާފައިވަނީ އާއިޝާއެއްގެ ވާހަކައެކެވެ. އެ އާއިޝާ އަކީ އީޝާ ޝަރީފުކަން ފުލުހުންވަނީ ހޯދާފައެވެ. މައްސަލައިގައި ދެން ހިމެނޭ ފަރާތްވެސް ހޯދާފައިވާ ފަދަޔަކުން ފުލުހުން ވާހަކަ ދެއްކެވި ކަން ފާހަގަވެއެވެ. މައްސަލައިގައި ދެން ހުރި ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަން ދައުލަތުގެ ހޯމް މިނިސްޓަރުގެ ފޭސް ބުކް ޕޯސްޓުން ޝައްކެއް ނެތް މިންވަރަށް އެގެއެވެ. 

އީޝާ ޝަރީފް 2026 މެއި 05 ވަނަ ދުވަހުގެރޭ ފުލުހަށް ހާޒިރުކޮށް ތަހުގީގުގެ ބައެއް ނިންމާ ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކައިރީ މީޑިއާއަށް މައުލޫމާތު ދެމުން އީޝާ ޝަރީފުގެ ލޯޔަރުން ހާމަ ކުރިގޮތުންނަމަ މައްސަލައިގައި ހިމެނޭ އައިޝާ އަކީ އީޝާކަން ދެނެގަނެވުނީ ފުލުހަށް ލިބުނު ހެއްކެއްގެ ފަރާތުންކަމަށް ބުނެފައިވެއެވެ. ނަން ހާމަ ނުކުރިނަމަވެސް އެ ހެއްކަކީ ކޮން ބޭފުޅެއްކަން ސާފުވާވަރުވެއެވެ. އަދި އެ ފަރާތުން އެ ތުހުމަތު ތަކަށް އިންކާރު ކުރާކަމަށްވެސް  ބުނެފައިވެއެވެ. 

އައިޝާ ޑޮކުއިމަންޓްރީގައި ދެ ލޯބިވެރިން ކުރާ ޒާތުގެ ހުރިހާ ކަމެއް ކުރިކަމަށް ބުނާކަމަށް އެ ބެއްލެވި ފަރާތްތަކުން ބުނެއެވެ. އަދި ފަހަރެއްގައިވެސް ކައިވެނި ކޮށްގެން އުޅޭ ބަޔަކު ކުރާ ހުރިހާ ކަމެއް ކުރިކަމުގެ ވާހަކައެއް ވާކަމަކަށް އެ ޑޮކިއުމެންޓްރީ ބެލި ފަރާތްތަކުން ހާމައެއް ނުކުރެއެވެ.

އެހެން ކަމުން އެއީ ހޯމް މިނިސްޓަރު އަލީ އިހުސާނު ކޮން ތަނަކުން ނެރުނު ޒިނޭ އެއްގެ ވާހަކައެއްތޯއެވެ. ކޮން ގޮތަކަށް އުފަންވި ގަޒުފެއް ތޯއެވެ. ހޯމް މިނިސްޓަރުގެ ބަސް ވަރަށް ހަރުކައްޓެވެ.

“false allegations of "Zina" against the President of the Maldives.”

ހޯމް މިނިސްޓަރަށް އެ ޑޮކިއުމެންޓްރީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ކަން އެގުނީ ރައީސުލްޖުމްހޫރިއްޔާ އެ މައުލޫމާތު ހޯމް މިނިސްޓަރަށް ދީގެން ކަން ގަބޫލު ކުރެވެއެވެ. ހޯމް މިނިސްޓަރުގެ ޕޯސްޓުގައި އަދިވެސް ލިޔުއްވާފައިވާ ތަން ކޮޅެއް ހާމަ ކޮށްލާނަމެވެ.

“Making serious false allegations of "zina" against the President is not "journalism"

ތެދު ފުޅެކެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިސްތަށި ފުޅުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ޖާރނަލިޒަމް އެއް ނޫނެވެ. އެ ތުހުމަތު ކުރަނީ ކާކު ތޯއެވެ. އަދަދު ނޫހުގެ ޑޮކިއުމަންޓްރީ ޒިނޭ ގެ ތުހުމަތެއް އެއްވެސް މީހެއްގެ ބޮލުގައި އަޅުވާފައެއް ނުވެއެވެ. އަލަށް ވެސް އެ ޑޮކިއުމެންޓްރީއާއި ޒިނޭ އާއި ގުޅުވީ ހޯމް މިނިސްޓަރެވެ. އަދި ގަޒުފުގެ ވާހަކަ ދަށްކަވަނީވެސް ހޯމް މިނިސްޓަރެވެ. ހޯމް މިނިސްޓަރުގެ ފޭސްބުކް ޕޯސްޓުގައި ގަޒުފަށް އިޝާރާތް ކުރައްވާ އެފަދަ މައްސަލަތައް ތަހުގީގު ކުރަން ޖެހޭނެ ކަމަށް ބުނެ ފާހަގަ ކުރަނީ މިދަންނަވާ އިބާރާތުންނެވެ.

In any democratic society governed by the rule of law, authorities must be able to investigate potential criminal offences like "gazf", when there is reasonable suspicion

ތެދުފުޅެކެވެ. މައްސަލަ ބައްލަވަން ވާނެއެވެ. އިންސާފާއި ހަމަހަމަ ކަމާއިއެކު ތަހުގީގު ކުރައްވާށެވެ. އޭރުން ޒިނޭތޯ ގަޒުފުތޯ ނޫނީ ލޯބިތޯ ސާފުވާނެއެވެ. އަދި ކުށެއް ހިމެނޭނަމަ އެކަމެއްގައި ހިމެނޭ މީހުންގެ ތެރެއިން މީހަކު ނުވަތަ ދެ މީހުން ކުއްވެރިވޭތޯ ނުވަތަ ކުއްވެރިނުވާކަން ސާބިތުވާނެއެވެ. ނަމަވެސް މެޗު ނުފަށަނީސް ފޯލްސް އެލިގޭޝަނޭ ވިދާޅުވުން ރަގަޅެއް ނޫންކަން ހޯމް މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. 

ގަޒުފު ކުރުމޭ ބުނެވޭ ބުނުމަކީ ބިރުވެރި ވާހަކައެކެވެ. އަދަބު ބޮޑު ކުށެކެވެ. ބޮޑުފާފައެކެވެ. ހަރާމް ކުރައްވާފައިވާ ކަމެކެވެ. މި ފަދަކަމެއް އުފަންވުމުގެ ފުރުސަތު ނެތް ކަމެއްގެ ތެރެއަށް ޒިނޭ އާއި ގަޒުފު ލުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ވުމަކީ ގާތްކަމެކެވެ. ފަހަރެއްގައިވެސް ހޯމް މިނިސްޓަރު ރޭވުމަކުން ރައީސުލްޖުމްހޫރިއްޔާ ސައި ކޮށްލީ އެކޭ ނޫނެވެ. ސިޔާސީ ވާފަވެރިކަމަކީ ދިވެހީންގެ މެދުގައި މަކަރާއި ހީލަތާއި އޮޅުވާލުން ހިމެނޭ ކަމެކެވެ. ސިޔާސީ ކުރިއެރުމަކީ ވަކި މަގާމުތަކަކުން ފެށިގެން ސިޔާސީ މީހުން ދެކޭނެ ހުވަފެނެކެވެ. ނަމަވެސް އެ ޑޮކިއުމެންޓްރީ ދަތުރު ކުރަން ނުޖެހޭ ހިސާބަށް ދަތުރު ކުރުމުގައި ސަރުކާރުގެ އިސް ފަރާތްތައް ހިމެނޭކަން އެއީ އޮޅުވާނުލެވޭނެ ހަގީގަތެކެވެ. 

ގަޒުފު ކުރެވޭ މީހަކީ އެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ:

  1. 80 އެތިފަހަރުން ހައްދު ޖަހަން ޖެހޭނެ މީހެކެވެ.
  2. ޝަރުއީ އެއްވެސް ހެކިބަހެއް ނުދެވޭނެ މީހެކެވެ.
  3. ފާސިގެއްގެ ދަރަޖަ އެމީހަކަށް ލިބެއެވެ.

ހުށަހެޅިފައިވާ މައްސަލައިގެ ޒާތަށް ބަލާއިރު ގަޒުފު ކުރަން ޖެހޭނީ ކާކުކަން އެނގިގެން ދާނެކަމަށް ބެލެވެއެވެ. އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވުމަކީ ދިވެހިރާއްޖޭގައި ވަރަށް ގިނަ ސިޔާސީ ކުރިމަގަށް އޮތް ހުރަހެކެވެ.

]]>
Wed, 06 May 2026 10:53:47 +0500 ހަވާ
ދިވެހީންގެރާއްޖެ، ސަދޫމެކޭ ތަފާތެއް ނެތް؟ https://heerasnews.com/4144 https://heerasnews.com/4144 މައްސަލަބަލަން ވާނީ މައްސަލަތައް ބެލުމުގެ ހަމަ ތަކާއި އެކު ކަމުގައި ތަހުގީގު ކުރުމާއި ދިރާސާ ކުރުމާއި ހޯދާ ބެލުމުގައި ހަރަކާތް ތެރިވާ ދޮށީ ބޭބޭފުޅުން ބުނެއެވެ. ޝަކުވާއެއް މީހަކަށް ނުވަތަ ތަނަކަށް ހުށަހެޅޭނީ މީހުންނާއި ނުވަތަ ތަންތަން ހިމެނިގެންނެވެ. އެހެން ކަމުން އެންމެ ފުރަތަމަ ނިންމަން ވާނީ ގޮތެއް ނޫނެވެ.

ކަމެއްގެ ޝަކުވާއެއްނަމަ ނުވަތަ މީހެއްގެ ޝަކުވާއެއް ނަމަ ތަހުޒީބީ މުޖުތަމައުގައި ކަންކުރާ ހަމަތަކެއް ވެއެވެ. އެ ޝަކުވާއަކާއި ގުޅޭ މަޢުލޫމާތު އެއްކުރުމެވެ. އެ މައުލޫމާތުތައް ދިރާސާ ކުރުމެވެ. ބުއްދީގެ ހަމަތަކުން ގާނޫނު ތަކުގައި ކަނޑައެޅިފައިވާ ހަމައިގެ މަތިން ގޮތްތަކެއް ކަނޑައެޅުމެވެ. ތަހުގީގުގައި ސުވާލު ކުރުމާއި އެ ސުވާލުތަކަށް ލިބޭ ޖަވާބުތަކާއި ކަމެއްގެ ވަށައިގެންވާ ކަމްކަމާއި ގުޅުވާލުމެވެ. 

މަޢުލޫމާތު އެއްކުރަންވެސް ވާނީ ކަންކަން ކުރުމަށް ހަމަޖެހިފައިވާ އިޖުރާއަތް ތަކާއި އެއްގޮތަށެވެ. ގައުމެއްގެ ވެރިއަކު ހިމެނުނަސް ނުވަތަ ނިކަމެއްޗަކު ހިމެނުނަސް ކަންކުރުމުގައި އަމަލު ކުރަން ވާނީ ވަކި ތަރުތީބަކުންނެވެ. 

ދާދި މިދާކަށް ދުވަހުން ފެށިގެން ރާއްޖޭގައި އެންމެ މަޝްހޫރުވި އެއް ވާހަކައަކީ ސޯފާއަކާއި އައިޝާއެއްގެ ވާހަކައެވެ. ކަން ހިނގާ ދިޔަގޮތުގެ ތަރުތީބަށް ނަޒަރު ހިންގާލުން މުހިންމެވެ. ރާއްޖޭގެ ފުރާވަރުގެ ނޫހަކުން ވެރިމީހާއާއި ކުރިމަތި ކުރުވި ސުވާލެކެވެ. ސޯފާއަކާއި ޖިންސުއްލަތީފަކާއި ގުޅުވައިގެން ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހާދިސާ އަކާއި ވެރިޔާއާއި އޮތް ގުޅުމެވެ. ސުވާލު ރައްދުވީ މ. ދިމްޔާތު މުހައްމަދު މުއިއްޒަކަށް ނޫނެވެ. މުހައްމަދު މުއިއްޒު ކިޔާ މީހަކު ކޮންމެ ގޮތަކަށް އުޅުނަސް ދިވެހީންނަކަށް ނޫސްވެރިންނަކަށް މައްސަލައަކަށް ނުވާނެއެވެ.

ނަމަވެސް ދައުލަތެއްގެ އެންމެ އިސް މަގާމުގައި ހުރި މީހަކާއި ބެހޭގޮތުން ހަޑި ހުތުރު ވާހަކަތަކެއް ރަށުތެރޭގައި ފެތުރޭނަމަ ރައްޔިތުންވެސް ނޫސްވެރިންވެސް ގަލަމުގެ ކޮޅު ފިއްސާ ނުލާހާ ހިނދަކު ސުވާލު ކޮށްލާން ބޭނުންވާނެއެވެ. އެ ގޮތުން އެ ވެރިމީހާއާއި ބައްދަލު ވުމުން އެ ސުވާލުވެސް އަހާލެވުނީއެވެ.

ދައުލަތުގެ އެންމެ އިސްވެރިޔާއަކީ ދިވެހި އެންމެންނާއި ހަވާލުވެފައި ހުންނަ މީހެކެވެ. ވަކި ޖަމާއަތަކަށް ހުރި މީހެއް ނޫނެވެ. ރައްދު ދޭއިރު އެކަން ގިނަ ގައުމުތަކުގެ ވެރީން  ދަނެއެވެ. ސުވާލެއް ކޮށްލާތަނުން ކަންވާރަށް ވާންވާ ވަރުގެ ރަތްމަހެއް ބާނައިގެން ދަމަން އޮންނަ މަސްވެރިޔާ ރަތްމަހަށް ނުބަވާވަރަށް ބެވުމަކީ ތަހުޒީބެއް ނޫނެވެ. އަދި އެތަނުން މައްސަލަބަލާ ދައުވާ ކުރާނެ ކަމުގެ އިންޒާރު ދިނުމަކީވެސް އެފެންވަރުގެ މީހަކު ކުރުން އެންމެ ރަގަޅު ނޫން ކަމަކަށް ވެދާނެއެވެ. ކޮންމެއަކަސް މައްސަލަ ފެށުނީ އެ ނޫސް ކޮންފަރެންސާއި ހިސާބުންނެވެ. އެ ބުނާ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ޔޯލައެވެ. 

ޖެހިގެން އައީ ބޮޑު ރެއެކެވެ. އެއްކަލަ ނޫސް އިދާރާ ރޫޅާލީއެވެ. ކޯޓު އަމުރުތަކެއްގެ ބާރުގައެވެ. ހަމަ އެއާއި އެކު މައްސަލަ ނިމިފައިވާކަން ދޭހަވާ މޭރުމަކުން ފުލުހުންގެ އިސް ވަޒީރު ބަސް ބުނެފިއެވެ. “ފޯލްސް އެލިގޭޝަން” ދޮގު ތުހުމަތު އެޅުވީ ކަމާއި އެކަން ބެލުމަށް ހުރަހެއް  އިޖުރާއަތެއް އޮތްކަމެއް ނުބަލައެވެ. 

މައްސަލަ ބަލަން ފެށީ މައްސަލައިގައި ހިމެނޭ އެއްފަރާތަށް ހުކުމް އިއްވާ ކަރަށް މަޅިފައްތާފައެވެ. މިހާ ހިސާބުން މައްސަލަ ބެލުމުގެ ނިޔަތް ފުށު އަރައެވެ. ދައުލަތުގެ އިދާރާތަކުގެ އިތުބާރު ގެއްލެއެވެ. ހަމަ އެއާއި އެކު ހަވާލު ކުރާ މަސައްކަތް ރަނގަޅަށް ނުކުރާނަމަ މަގާމުތަކުގެ ޝަރުތު ހަމަ ނުވާނެ ކަމަށް އިއުލާނު ކުރި ދައުލަތުގެ ސްޕޯކްސް ޕާރސަންގެ ބަހުންނަމަ މައްސަލަ ބަލަން އެންގީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށެވެ.

ޕްރޮސިކުއުޓާރ ޖެނެރަލް  އެންގެވީ އައިޝާއެއްގެ މައްސަލައެއް ބަލަންތޯ، ސޯފާއެއްގެ މައްސަލަ ބަލަން ތޯ، ކަންތައްތަކެއް ކުރިކަމަށް ތުހުމަތުވާ ބައެއްގެ މައްސަލަތަކެއް ބަލަންތޯ، ޑޮކިއުމަންޓްރީއެއްގެ މައްސަލަ ބަލަންތޯ، ނޫސް އިދާރާއެއްގެ މައްސަލަ ބަލަންތޯ ނުވަތަ މައްސަލައިގެ ހަގީގަތް ހޯދާ ބަލަންތޯ ސާފެއް ނުވެއެވެ. ނަމަވެސް އެއީ އުފެދޭ ސުވާލެކެވެ. މި ސުވާލަށް ސްޕޯކްސް ޕާސަން އަދި  ކޮންމެވެސް ޒަމާނަކުން ޖަވާބެއް ދޭނެއެވެ. 

މައްސަލައިގައި ހިމެނޭ ކަމަށް ބެލެވެނީ އައިޝާއެއް ނަމަ ނުވަތަ ނޫސް އިދާރާއެއް ނަމަ، އަދި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތަކެއް ފުރިހަމައެއް ނުވެއެވެ. ސަރުކާރަށް ތާއީދު ކުރާ ބައެއް މީހުންގެ ބަހުންނަމަ “އައިޝާގައިގާ ހައްދުވެސް ޖަހާނެ ޖަލަށްވެސް ލާނެއެވެ”. އަދި “އެ ނޫސް އެޖެންސީ އާއި ދޭތެރޭ ފިޔަވަޅުވެސް އަޅާނެއެވެ”. މިއޮތީ މައްސަލަ ބަލަން ފެށުމުގެ ކުރީން މައްސަލައިގައި ތުހުމަތު ކުރަން ވަކި ފަރާތަކުން ބޭނުންވާ ފަރާތްތަކެއް ކަފުންކޮށް ވަޅުލާފައެވެ. 

ހިޔާލު ތަފާތުވުން ގެންގުޅޭ ބައެއް ފަރާތްތަކުން ގަބޫލު ކުރަނީ މިއީ ކަންކަން ކުރުމުގެ ތަރުތީބު ނޫން ކަމަށެވެ. މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތްތަކާއިމެދުވެސް އެއް ހަމައަކުން ކަންކުރަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނޫސް އެޖެންސީއެއްގެ ހަރުމުދާ އަތުލާ ދިރާސާ ކުރާ ފަދައިން އައިޝާ ކަމަށް ތުހުމަތުކުރާ ފަރާތުގެ މުވާސަލާތީ ވަސީލަތްތައް ހޯދާ ދިރާސާ ކުރަން ވާނެ ކަމަށް ގަބޫލު ކުރެއެވެ. ހަމައެހެން މައްސަލައިގައި ދެން ހިމެނެނީ ދައުލަތުގެ ވެރިމީހާ ނަމަވެސް އިންސާފު ގާއިމު ކުރުމުގެ ގޮތުން މުވާސަލާތީ ވަސީލަތްތައް ހޯދަން އޮންނަ އިޖުރާއަތް ތަކާއި އެއްގޮތަށް ހޯދާ ދިރާސާކޮށް ކަމުގެ އަސްލު ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ.

ނޫސް ޖަމިއްޔާގެ ވެރިން ފުރުން މަނާކޮށް އާއިޝާއެވެ ކިޔުނު ފަރާތް ފުރުން މަނާ ކުރާނަމަ ދެން ހުރި ފަރާތުގެ ފުރުންވެސް މަނާ ނުކުރާންވީ ސަބަބެއް ނެތް ކަމަށެވެ. ހެއްކަށް ނުފޫޒު ފޯރުވަންޏާ ކޮންމެ ފަރާތަކުންވެސް ނުފޫޒު ފޯރުވުން ނުވަތަ ނައްތާލުމަކީ ކުރެވިދާނެ ކަމެކެވެ. ނުފޫޒު ފޯރުވުމާއި ހެކިނައްތާލުމުގެ ފުރުސަތު ދައުލަތުގެ އެންނެ މަތީވެރިޔާއަށް ސަބަބުވެރި ވިސްނުމަކުން ވިސްނާ މީހަކު ގަބޫލުކުރާނެއެވެ. 

ސިފައިންގޭގެ ސޯލްޖަރުންނަކީ އަމުރަށް ކިޔަމަންތެރިވާ ބައެކެވެ. އެ މީހުންނަށް އަމުރު ކުރާ ފަރާތުން ކުރާ އަމުރާއި އެއްގޮތަށް އަމަލު ކުރާނެއެވެ. އެ ސޯލްޖަރު ކުއްލިއަކަށް އަމުރުވެރި މަގާމަކަށް އައްޔަނު ކުރިއަސް އެ ސޯލްޖަރު ވާނީ ހަމަ ސޯލްޖަރަކަށެވެ. ދިވެހީން ބޭނުންވަނީ ނަޒާހަތްތެރި ހުލްގުހެޔޮ، ފުދުންތެރި އަބުރުވެރި ތަހުޒީބުވެފައިވާ ގައުމެކެވެ. ނާއިންސާފާއި ދޮގުހެދުމާއި ފަސާދައިގެ ކަނޑެއްގައި ގަރަގު ވެގެން ދާ ގައުމެއް ނޫނެވެ.

ދިވެހީން އެދެނީ ދިވެހީންގެ ވެރިޔާއަކީ އައްޔާޝީއާއި ދުރު ދީނީ ހަރުދަނާ މީހަކަށް ވުމެވެ. ނަމަވެސް އިންސާފުވެރި ތަހުހީގަކާއި އަދުލުވެރި ޝަރީއަތަކުން ކަން ހިނގާފައިވަނީ ފުލުހުންގެ އިސް ވަޒީރު ހާމަކުރި ގޮތާއި ހިލާފަށް ކަމަށް ވެއްޖެނަމަ ވަރަށް ވެސް ހިތާމަވެރިއެވެ. އެހެން ވެއްޖެ ނަމަ ދިވެހީންގެ ރާއްޖެއާއި ސަދޫމެކޭ ތަފާތެއް ނެތެވެ.

]]>
Tue, 05 May 2026 11:15:58 +0500 ހަވާ
ސަރުކާރުން ސްޕޮންސަރ ލިބެންޏާ މިނިވަންކަން ނެތަސް މީޑިއާ އޮންނާނީ ހަނު https://heerasnews.com/4140 https://heerasnews.com/4140 ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރާއްޖޭގެ ގިނަ ނޫސްތައް އޮތީހަނެވެ. ޕްރެސް ފްރީޑަމް އިންޑެކްސްގައި ކިތަންމެ ދަށުގައި ރާއްޖެ އޮތަސް ހިރުވާތަން ކަހާލަންވެސް ގިނަ ނޫސްތައް ތިބީ ބިރުންނެވެ. ގިނަ ނޫސްތަކުން ހައްގުތައް ކަށަވަރު ކުރުމުގެ ވާހަކަ ނުދައްކާ ތިބީ ހައްގުތައް ކަށަވަރުވެ އިތުރުވެފައި އޮވެގެން ހެއްޔެވެ. ނޫނީ ސްޕޮންސަރތައް ކަނޑާލަފާނެ ކަމަށް ގެންފައި ތިބި ބިރެއްގެ ސަބަބުން ހެއްޔެވެ.

ހަގީގީ ނޫސްވެރިކަމަކީ ސަރުކާރުގެ ވެރިންނާ އިދާރާތަކުން އާއްމުކުރަން ބޭނުންވާ ވާހަކައެއް ސަރުކާރުން ބޭނުންވާގޮތަށް ގެނެސް ދިނުން ހެއްޔެވެ. ސަރުކާރާ ވެރިންގެ އައިބުތައް ފޮރުވާ ފަސްއަޅާ ފޮޮޮރުވާ ދިނުން ހެއްޔެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ސަރުކާރު ރުއްސަން މަސައްކަތް ކުރުންހެއްޔެވެ. 

ގާނޫނު އަސާސީ ލިބިދޭ މިނިވަންކަމުގެ ހައްގު އޭގެ އެންމެ ފުޅާމިނުގައި ކޮންމެ މީޑިއާއަކަށްމެ ބޭނުން ކުރެވެން ޖެހެއެވެ. ސަރުކާރުގެ މޫނުމަތި ރީތިކޮށް ސަރުކާރު ދިފާއުކުރުން މީޑިއާއެއްގެ އެޑިޓޯރިލް ޕޮލިސީއެއްކަމުގައި ބަލާ މީޑިއާތަކުން ގާނޫނު އަސާސީން ލިބިދޭ މިނިވަންކަމުގެ ތެރޭގައި އިމެއްނެތި އެކަން ކުރަންވީއެވެ. ހަމަ އެގޮތަށް ސަރުކާރަށް ފާރަވެރިވުން އެޑިޓޯރިއަލް ޕޮލިސީގައި ހިމަނައިގެން މަސައްކަތްކުރާ މީޑިއާތަކަށް ހިފެހެއްޓުމެއްނެތި އެފުރުސަތު ވެސް އޮންނަން ޖެހޭނެއެވެ. 

ރާއްޖޭގައި ނެތިގެން އުޅުނީ އެފުރުސަތެވެ. ސަރުކާރަށް ފާރަވެރިވާ އެއްވެސް މީޑިއާއަކުން މީހެއްގެ އަބުރާ ބެހެން ބޭނުން ވެގެނެއް ނޫޅެއެވެ. ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރާކަށްވެސް ނޫޅެއެވެ. ދޮގު ވާހަކަ ފަތުރައިގެން މީޑިއާއަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކުރާކަށް ވެސް ނޫޅެއެވެ. 

ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބި މީހުންގެ އަމަލުތަކަށް ފާރަވެރިވުމަކީ ގައުމީ ސަލާމަތާއި އާއްމު މަސްލަހަތަށްޓަކާ ޒިންމަދާރު ކަމާއެކު މީޑިއާތަކުން ކުރަންޖެހޭ ކަމެކެވެ. ސަރުކާރުން ދޮގުކުރާހާ ކަމަކީ ތެދު ނޫންކަން ދުނިޔެ ތަޖުރިބާކޮށްފައިވެއެވެ. މަގާމުގެ ނާޖާއިޒު ފައިދާ ނުނަގާ ނަމަ އެންޓިކޮރަޕްޝަން ކޮމިޝަނެއް ހަދައިގެން ދައުލަތުން އެކަމަށް ހަރަދުކުރުމުގެ މާނައެއް ނެތެވެ. ވަގުން ވައްކަން ކުރަމުން ކުރާވައްކަމަށް އެއްބަސް ވޭހެއްޔެވެ. ނުވެއެވެ. 

ޒިންމަދާރު ނޫސްވެރިކަމަކީ ދައުލަތުގެ ކަންކަން ގޯހުން ގޯހަށް ދިޔުމުގެކުރީ ފާރަވެރިވެ ރައްޔިތުންނާ ހަމަޔަށް ތިލަކުރުމެވެ. ސިއްރިޔާތުގައި ވެރިން ހިންގާ ހުރިހާ ބާވަތެއްގެ ޖަރީމާގެ ވާހަކަ ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމެވެ. މީހަކު ރައްޔިތުންގެ ކަމަކާ ހަވާލުވުމުން އެ މީހެއްގެ އަމަލުތަކަށް ރައްޔިތުން ފާރަވެރިވާނެއެވެ. 

ހަނދާނަށް ގެންނާށެވެ. ރާއްޖޭގައި ފެންމަތިވި އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލަވެސް ފަޅާއަރުވާލީ ނޫސްވެރިންނެވެ. އޭރު އޮތް ސަރުކާރުން އެ ވާހަކަ ދޮގުކުރިއެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތްވެސް ބޭންކް މެނޭޖަރެއްގެ އެހީގައި ފަޅާ އަރުވާލީ ނޫސްވެރިންނެވެ. މައުލޫމާތު ފޯރުކޮށްދިން ބޭންކް މެނޭޖަރ ޖަލަށްލާ އެވާހަކަތައް އޭރުއޮތް ސަރުކާރުން ދޮގުކުރިއެވެ. އާހިރުގައި އެމްއެމްޕީއާރުސީ ހިޔާނާތްވަރުގެ ބޮޑު ހިޔާނާތެއް ތާރީހުގައިވެސް ހިނގިކަމަކަށް ނުވެއެވެ.

ސަރުކާރުތަކުން ދޮގުކޮށް ފޮރުވަން އުޅޭ ކޮންމެ ކަމެއް އޮންނަނީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުން ބޮޑު ނުރައްކާތެރި ކަމަކަށް ވެފައެވެ. ސަރުކާރު ހިންގަން ތިބޭ މީހުން ގައުމީ ސަލާމަތޭ އަބުރޭ ދޮގެކޭ ކިޔައިގެން ފޮރުވަންއުޅޭ ކޮންމެ ކަމެއްގެ ފަހަތުގައި ބިޔަ ބޮޑު ޖަރީމާއެއް އޮންނަކަމީ ދެކޮޅު ނުހެދޭނެ ހަގީގަތެކެވެ.

ސަރުކާރަށް ފާރަވެރިވާ މީޑިއާތައް ދެކެ އެހާ ބިރެއް ގަންނަނީ އެހެން ވެގެންނެވެ. ކޮންޓްރޯލް ކޮމިޝަން ހަދައިގެން މީޑިއާތައް އޮބި އަޅުވަން އުޅެނީ ކުރާ ވައްކަމާއި ވާ ހިޔާނާތާއި ހިންގާ ފާހިޝް ކަންކަން ފޮރުވޭނެ ކަމަށެވެ. ހަމަ ހިލާ އެހެނެއް ނުވާނެއެވެ. 

]]>
Mon, 04 May 2026 13:00:15 +0500 އެޑިޓަރ
ކިތަންމެ އޮޅުކޮށް އުޅުނަސް މިނިކާވަގު މިނިކާނެ! https://heerasnews.com/4139 https://heerasnews.com/4139 ވީގޮތްތަކެއްވެ އިއްޔެ ނިމިއްޖެއެވެ. މިއަދު އޮވެ ނިމޭނެއެވެ. ހޯދަން އޮތީ މާދަމާއެވެ. އިއްޔެ ވީގޮތުގެ މަތީގައި ހުއްޓި ނުތިއްބަސް އިއްޔެ ވީގޮތް ނޭނގި މާދަމާ ރަނގަޅެއް ނުކުރެވޭނެއެވެ.

ކުށުން ހުސްވެގެންވާ އިންސާނަކު ނޫޅެއެވެ. އިންސާނާއަށް އެނގިގެންނާއި ނޭގި ގޯސް ހެދެއެވެ. ގޯސް ހަދައެވެ. ބޭނުންވާ ވަކިކަމެއް ހާސިލްކުރުމަށްޓަކާ ރާވައިގެން ގަސްދުގައި ގޯސްހަދާ މީހަކާ ފަހަރުގައި ގޯހެއް ހެދޭ މީހަކާ އުޑާ ބިމާހާ ތަފާތުވާނެއެވެ. މާދަމާއަށްޓަކާ އިއްޔެ ވީގޮތް އެގެންޖެހެނީ އެހެންވެއެވެ. 

ކަމެއް ހަސިލުކުރުމަށްޓަކާ އިއްޔެވީ ކަންކަމަކީ ނުވާކަމަކަށް ނުހެދޭނެއެވެ. އެހެނެކޭ ކިޔާ އިއްޔެވީ ގޮތަށް މާދަމާ ހުރިހާކަމެއް ނުވެވެސް ހިނގައިދާނެއެވެ. އެކަމަކު ވަކި ގޮތަކަށް ކަންކަން ކުރަމުން އައި ބަޔަކު އެނޫން ގޮތަކަށް ކަމެއްކޮށްފާނެ ކަމަށް ގަބޫލުކުރެވޭނީ ކުރަމުން އައިގޮތާ ހިލާފަށް ކަންތައްތަކެއް ކުރީމައެވެ. 

ރާއްޖޭގެ ސިޔާސީ ކަންކަން އެނބުރެމުން ސެނބުރެމުން ދާގޮތުން ސިޔާސީ ލީޑަރުންނަށް ކުރެވޭ އިތުބާރު މުޅިން ނެތިދިޔައީ އަމަލާ ބަހާ ދިމާނުވުން ހައްދުފަހަނަ އެޅީމައެވެ. ފެށުނީއްސުރެ ވަކި ގޮތަކަށް ކަންކަން ކުރާކަމަށް ގިނަ ބަޔަކު ގަބޫލުކޮށްފައި ހުންނަ މީހަކަށް އިތުބާރުކޮށް ވެރިކަން ދިނުމުން އޮތްބަޅަށް ނުދާ އެއްވެސް ވެރިއަކު ނުފެނުނެވެ. ވެރިކަން ލިބުމުން ކަންކަން ރަނގަޅުވާނެ ކަމަށް ހީކުރާ ހީކުރުން ވެގެން ދަނީ ރައްޔިތުންގެ ބޮލާފޮށާ އެކުމަކަށެވެ. 

އެކެއްގެ ކިބައިގައި ހުރި ލިބަރަލް ވިސްނުމާއި ބިރަކާނުލާ މަޖާކުރުމާއި ހަރުދަނާ ކަމެއްނެތުމާއި އަމާޒު ލާހޫރުން ވެރިކަމަށް އައުމަކުން ބަދަލެއް ނުވިއެވެ. ނާޖާއިޒު ފައިދާ ހޯދުމާއި ހިޔާނާްތްތެރިވުމާއި އަތްގުޅި ނުކާވަރުގެ ބޮޑެތި ކަންކަން ހޯދައިގެން ބައަޅައިގެން ވައްކަން ކުރާކަމަށް މަޝްހޫރު މީހަކު ވެރިކަމަށް ގެނައިމާ ވީގޮތް ވެސް ދުށީމެވެ. ރިއެކްޓް ކުރުމުގައި ލަސް ދޫދިނުމުގައި ހިސާބެއްނެތް އެހާމެ މައިތިރި މީހަކު ވެރިކަމަށް ގެނައުމުން ވީގޮތް ފެނިއްޖެއެވެ. ބޮޑު އިލްމީ ފާހަކާއެކު ލައްވާލި ކޮންމެ ހިސާބަކުން ކޮރަޕްޝަނާއި ފަސާދަ ހިންގަމުން ދީން ވިއްކައިގެން ދޮގުހަދާ އުޅުނު މީހަކު މީހެއްގެ ހިޔަނީގައި ވެރިކަމަށް ގެނައުމުން ވާގޮތް ވެސް އެބަ ފެނެއެވެ.

އެހެން ކަމުން މާދަމާއަށްޓަކާ ކާކަކީ ކާކުކަން އެގެން ޖެހެއެވެ. ކާކުކުރީ ކީއްކަން ވެސް އެނގޭން ޖެހެއެވެ. ކިތަންމެ އޮޅުކޮށް އުޅުނަސް މިނިކާވަގު މިނި ނުކާނެކަމަށް މިނިކާވަގަކާ އެކު މާދަމާ ހޯދަން އުޅެން ހެޔޮނުވާނެއެވެ. 

]]>
Sun, 03 May 2026 16:07:46 +0500 އެޑިޓަރ
މުއިއްޒުގެ ސިޔާސީ ގިނަ ބައިވެރިން ތިބީ ވެރިކަމަށް ފެންބޮވާފާ! https://heerasnews.com/4125 https://heerasnews.com/4125 ރައީސް މުއިއްޒެވެ. ނަޒާހަތްތެރިކަން އެތުރެންވާނީ މަތިން ތިރިއަށެވެ. މުއިއްޒުގެ ނެތް ނަޒާހަތްތެރިކަމެއް ދަށުން މަސައްކަތް ކުރާ މީހުންގެ ނުހުންނާނެއެވެ. އައްޔާޝީކަން ދައްކާ ސިއްރު ކުރަން އުޅޭނަމަ ދަށުގައި އުޅޭ މީހުން މާ ކުޅަދާނަ ވާނެއެވެ. މުއިއްޒާއެކުގައި މިއަދުވެސް ސިޔާސީ މަސައްކަތްކޮށްދޭން ތިބި ގިނަ މީހުންނަނީ އިހުލާސްތެރިންނެއް ނޫނެވެ. ހަނދާން ނެތިއްޔާ ހަނދާން އައުކޮށްލާށެވެ.

އެކީގައި އިސްކޮށް މަސައްކަތް ކުރަންތިބި ގިނަ މީހުންނަކީ މުއިއްޒާ އެއްގޮތަށް ވެރިކަމުގެ ދަހިވެތިކަމުގައި ދަނޑިވަޅު ބަލައިލަ ބަލައިލާ ތިބި ބައެކެވެ. ރައީސް ޔާމީނުގެ އަރިހުގައިތިބެގެން ކަންކުރި ބީދައިން ކަންނުކުރާނެ ކަމަށް އޮތީ ކޮން ގެރެންޓީއެއް ހެއްޔެވެ. ރައީސް ޔާމީނު ޖަލަށް ވަޑައިގަތުމުގެ ކުރީން މިނިކާ ބާޒަކު ޕާޓީ ޖަހައިގަތަ ނުދޭން ވަސިއްޔަތް ކުރެއްވީ ކަމެއް ވެގެންނެވެ. 

ޕީޕީއެމް-ޕީއެންސީ ތެރޭގައި ވެރިކަމަށް ފެންބޮވާފައި ތިބި ކިތަންމެ ބަޔަކު ތިބިކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވައެވެ. ވެރިކަމަށް އައުމުގެ ހުވަފެން ނުދެކެނެ މީހެއްކަމަށް އެންމެ ބޮޑަށް ގަބޫލުކުރެއްވުނީ އަބްދުއްރަހީމް (އަދުރޭ)އެވެ. އަދުރޭގެ ކެންޑިޑޭޓަކީ އެއްވެސް މީހަކު ޝައްކެއް ނުކުރެއެވެ. ރައީސް ޔާމީނު ނެތްތަނެއްގައި ރައީސް ޔާމީނުގެ ވަލީއާ ހަވާލުކުރަން ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު މީހަކީ އަދުރޭ ކަމަށް ނިންމަވާ ދެޕާޓީ ހިންގަން ހަވާލު ކުރެއްވީ އިތުބާރު ކުރައްވާފައެވެ. 

2019 އިން ފެށިގެން 2021 ޖެހެންދެން އަބުދުއްރަހީމާއި މުއިއްޒަކީ މާގާތްކަމެއް އޮންނަ ބައެއްނޫނެވެ. އަދުރޭގެ ކެންޑިދޭޓަކީ ހަމަ ރައީސް ޔާމީނެވެ. ގައްސާން މައުމޫނަކީ ނައިފަރު ޝިޔާމާއި ބާރަށު ޝުޖާގެ އޭރުގެ ރިޔާސީ ކެނޑިޑޭޓެވެ. އެދުވަސްވަރު އަދުރޭ މީހުންގެ ގާތުގައި ގައްސާނަށް މުހާތަބުކޮށް އުޅެނީ “ޅަ ގޮޅާ” ގެ ނަމުންނެވެ. އެހެން އެކަން އޮއްވާ 2020 ވަނަ އަހަރުގެ ވަކި ހިސާބަކުން ބާރަށު ޝުޖާއާއި ޝިޔާމު ވެގެން އަބުދުއްރަހީމު ހައްދާލާ ދައްކަން އޮތް ލޯނެއްގެ ފައިސާ ދައްކާދިން ފަހުން ގައްސާނުގެ ޓީމާއި ގުޅުނެވެ. 

ނަމަވެސް 2021 ވަނަ އަހަރު މޭޔަރ އިންތިހާބާއި ހިސާބުން ގައްސާނު ދޫކޮށް މުއިއްޒާއި ގާތްވިއެވެ. ދެޕާޓީގެ ތެރޭގައި ގައްސާނުގެ އޮތް ވެރިކަމުގެ ޝައުގުގެ ވާހަކަދައްކާ ގައްސާނާއި މެދު އޮތް އިތުބާރު ގެއްލުވާލިއެވެ. ކަރުކެހޭ އަދި ތޮށަލި ކަށިމަތިފަދަ ކުޑައިމީސް ކުރާ މަލާމާތުގެ ބަސްތައް ޝުޖާއަށް ރައްދުކުރިއެވެ. ކޮންމެއަކަސް ގައްސާނުގެ ޝައުގު އަމިއްލަ ނަފުސުގެ ތެރޭގައި ހިފަހައްޓާލާ ހަމަބިމަށް ތިރިވެލީއެވެ. 

މާލެސިޓީ މޭޔަރ ކެންޕޭނުގެ ތެރޭގައި މުއިއްޒުގެ މަކަރުވެރި މަޅީގައި އަދުރޭ ޖައްސާ ރައީސް ޔާމީނަށް އޮތް އަދުރޭގެ ވަފާތެރިކަމަށް ލޮޅުން އަރުވާލީ މުއިއްޒުގެ ހީލަތްތެރި ދަލުގައި ޖައްސައިގެންނެވެ. އިބިލީހަށް ނުހެއްލޭ މީހާވެސް އާދަމުގެ ދަރީންގެ ހީލަތުގެ ދަލުގައި ޖެހޭކަމަށް ބުނެއުޅޭ ނޫން ހެއްޔެވެ.

ދައުލަތް ހުސްވަނީއެވެ. ޑޮލަރެއްގެ އަގު 20.25 ރުފިޔާއަށް ވެއްޖެއެވެ. ސައީދު ހެދި ދޮގުމަތީ ހުރެވެނީ އޭނާގެ ސާހިބާވެސް ދޮގު ހަދާތީއެވެ. ދުނިޔޭގެ އެކި ގައުމުތައް އަތްފުނާ އަޅާއިގެން ސިހުރުވެރިން ގެނަޔަސް ދެން ފަސޭހައެއް ނުވާނެއެވެ. ރައްޔިތުންގެ ހައްގުގައި އެހެން ވިސްނުމެއް އިސްކުރައްވަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. މުއީޒުގެ ނުކުޅެދުންތެރިކަން ފޮރުވަން މީހުންތައް ވަޒީފާއިން ވަކި ކޮށްގެން ނުނިމެއެވެ. ގާތުގައި ހުއްޓާ ދޮންކަޅުވެސް ނޭގޭނެ ގޮތަށް ބަލިކޮށް އެކަހެރި ކުރާ ދުވަސް ދާދި ގާތްވެއްޖެއެވެ.

]]>
Thu, 30 Apr 2026 12:55:51 +0500 ހަވާ
މުއިއްޒު ލާދީނިއްޔަތު ފަތުރާދެނީ ޝޭހުން އެދޭގޮތަށް!؟ https://heerasnews.com/4112 https://heerasnews.com/4112 ސަރުކާރު ހިންގަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށް ވަރަށް ގިނައިން ސަރުކާރުގެ ބަޔާން ތަކުގައާއި ދައްކާ ވާހަކަ ތަކުގައި ވެއެވެ. ދިވެހި ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު 2023 ގެ ކުރިން މ. ދިމްޔާތު މުހައްމަދު މުއިއްޒު ކިޔާ މީހަކު ނުދަނެއެވެ. މާލޭ މޭޔަރު ކަމަށް ހޮވުނީ ރައީސް ޔާމީނުގެ ނިވަލުގައެވެ. މުއިއްޒުގެ އަރިސް ބައެއް މީހުން ހާމަ ކުރާ ގޮތުންނަމަ މޭޔަރު ކަމަށް އައުމުގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން ވެރިކަމުގެ އުންމީދު އައީ ކުރަމުންނެވެ. 

ދިވެހިރާއްޖޭގެ ސަގާފަތަކީ ވެރިކަމަށް މީހަކު ހޮވުމަށް ވުރެ ބޮޑަށް ވެރިކަމުން މީހަކު ބޭލުންކަން 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މަސްރަހުން ފެންނަން އެބައޮތެވެ. އެގޮތުން 2023 ވަނަ އަހަރު ވެސް ވެރިކަން ބަދަލު ކުރަން ދިވެހީން ބޭނުންވެ އެކަން އެކަން އެ އޮތީ ކޮށްފައެވެ. އޭރުއޮތް ސަރުކާރާ ދެކޮޅަށް ދެއްކުނު އެއްވާހަކަ އަކީ އެމްޑީއެން ރިޕޯޓެއްގެ ވާހަކައެވެ.

2019 ވަނަ އަހަރުގެ ފެބުރުއަރީ މަހު އާންމުވި އެމްޑީއެންގެ ފުލް ރިޕޯޓަކީ އޭރުއޮތް އިދިކޮޅު މިއަދުގެ ވެރިކަން ކުރާ ޖަމާއަތުން ވަރަށް ބޮޑަށް ކުއްވެރި ކުރި ކަމެކެވެ. އެމްޑީއެން ރިޕޯޓުގައި ހިމަނާފައިވާ ކަންކަމުގެ މައުލޫމާތުތަކާއި އެއްބަނޑު އެއްބަފާ ޒާތެއްގެ ކަންކަން ސާފުކުރުމަށްފަހު ހިޔުމަންރައިޓްސް ކަމިޝަން އޮފްދަ މޯލްޑިވްސް އިން 2024 ޑިސެމްބަރު 10 ވަނަ ދުވަހު “ބިޔޯންޑް ޓޫ ޑެކޭޑްސް: ޓްވެންޓީ އިޔާސް އޮފް ދަ “ރައިޓްސް” ސައިޑް ލައިފް” އާންމު ކުރިއެވެ.

މި ކަމަކީ ފަތިސް ނަމާދުން ފޭބި މަންޒަރުތައް އާންމުކޮށް ކެމްޕެއިންގައި ހާމަ ކުރަމުން ދީނީ ޝިޔާރުތައް ވިއްކަމުން ވެރިކަމަށް އައި ބައެއްގެ ވެރިކަމުން ފެނިގެން ދިޔަކަމެކެވެ. 

އެމްޑީއެން ރިޕޯޓާއި ހިޔަުމަންރައިޓްސްގެ ރިޕޯޓުގައިވެސް ހައްގުތައް ހިމާޔަތް ކުރުމުގައި ރައްޔިތުންނަށް މައުލޫމާތު ސާފުވެފައިވާ މިންވަރު ކުޑަކަމާއި، ދީނީ ކަންކަމާއި ގުޅިގެން ރައްޔިތުންނަށް އެގެން ޖެހޭ މިނިވަންކަމުގެ މައުލޫމާތު މަދުކަން ފާހަގަ ކޮށްފައިވެއެވެ. ހަމަ އެފަދައިން އެކި ޖިންސުތަކުގެ ހައްގުތަކާއި ގުޅޭ މައުލޫމާތާއި އަންހެން، ފިރިހެން އަދި އެހެނިހެން ޖިންސުގެ ވާހަކަ ދެ ރިޕޯޓުގައި ވެސް މައުލޫމާތު ރައްޔިތުންގެ ތެރޭގައި މަދުކަން ފާހަގަކޮށްފައިވެއެވެ.

ދެ ފޮޅުވަތް ދޭތެރެއިން ބަލާނަމަ ދެ ރިޕޯޓަކީވެސް އެއްކަހަލަ ވިސްނުންތަކެއްގެ މައްޗަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ލިޔުންތަކެއް ކަމަށް ގަބޫލު ކުރެވެއެވެ. ތަފާތަކީ ސިޔާސީ ގޮތުން ހުރި ވިސްނުމުގެ ތައާރުޒު ވުމެއް ކަމަށް ބެލެވިދާނެއެވެ. 2019 ވަނައަހަރު އެމްޑީއެން އިން އާންމު ކުރި ފުލް ރިޕޯޓު ނެރުނު ހިސާބުން އަދުގެ ސަރުކާރު ތެރެއިން ގޮވަމުން ދިޔައީ ލާދީނީ ޖަމާއަތެއްގެ ނިވަލުގައި ނެރުނު ރިޕޯޓެއް ކަމަށެވެ. 2024 ވަނައަހަރު ނެރެ އާންމު ކުރި އެޗްއާރސީއެމްގެ ރިޕޯޓަކީ ވަރަށްވެސް ދީނީގޮތުން ތަސައްރަފު ފުދިފައި ތިބި ބައެއްގެ ނިވަލުގައި ނެރެ އާންމު ކުރި ރިޕޯޓެކެވެ. 

ސަމޯއާ އެގްރީމަންޓް އަކީ އޯއޭސީޕީއެސް-އީޔޫ ޕާޓްނަރ ޝިޕް އެގްރީމަންޓެވެ. މި އެގްރީމަންޓްގައި ސޮއި ކުރީ 1 ޖުލައި 2024 ގައެވެ. ބައިނަލް މީޑިއާ ތަކުގައި ސިފަކޮށްފައިވަނީ “ ދިވެހިރާއްޖެއިން ތާރީހީ ސަމޯއާ އެގްރީމަންޓްގައި ސޮއި ކޮށްފި” ކަމެވެ. ސަމޯއާ އެގްރީމަންޓްގައި ސޮއި ކުރީ އޭރު ދިވެހިރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައިވާ ސަފީރު ގީލާ އަލީ އެވެ.

ސަމޯއާ އެގްރީމަންޓަކީ އިސްލާމީ ބައިނަލް އަގުވާމީ ދީނީ ޖަމާއަތްތަކުން ސޮއި ނުކުރުމަށް އިލްތިމާސްކުރަމުން ގޮސްފައިވާ އެގްރީމަންޓެކެވެ. އިންސާނީ ހައްގުތައް ޔޫރަޕްގެ ގައުމުތަކެކޭ އެއްފަދައިން ޕްރޮމޯޓު ކުރުމަށް 1970 ގެ އަހަރުތަކުން ފެށިގެން އެކިއެކި ނަންނަމުގައި ކުރަމުން ގޮސްފައިވާ ކެމްޕެއިންގެ އެންމެ ފަހުގެ ނަމަކީ ސަމޯއާ އެގްރީމަންޓެވެ. މި އެއްބަސް ވުމުގައި ސޮއި ކުރުމަށް ދިވެހި ސަރުކާރުން ނިންމި ކަމަށް އަރުޝީފުން ފެންނަން އޮތީ 24 ޖޫން 2024 ގައެވެ.

ރިޔާސަތުގައި އިންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށާއި ގާނޫނު އަސާސީގައި ލިޔެފައިވާ މިންގަނޑު ތެރޭގައި ރައްޔިތުނަށް ވެރިކަން ކޮށްދެއްވާނެ ކަމަށް ގަންދީ ހުވާކޮށްގެން ހުންނެވި ރައީސުލް ޖުމަހޫރިއްޔާއެވެ. 

ދިވެހިރާއްޖޭގައި އިސްލާމިކް މިނިސްޓްރީއެއް ހުރިކަމެއް އަދި އެތަނުގެ ވަޒީރުގެ ބަހެއް އޮތްހެނެއް ހިޔެއް ނުވެއެވެ. އެހެން ވެދާނެއެވެ. އެ މަނިކުފާނު ވެސް އުޅުއްވަނީ ނަޒާހަތްތެރިކަން ގެއްލޭފަދަ ކަންކަމުގެ ޝިކާރަކަށް ވެގެންނެވެ. ބޮނަކުއާ ފުޅިއެއް މެދުގައި ބަހައްޓައިގެން ފެން ކިޔެވި މަންޒަރުތައް މުޅި ސޯޝަލް މީޑިއާގައެވެ. އުމްރާއަށް ގެންދިޔަ އަންހެން ކުއްޖަކާއިއެކު އާދަޔާއި ހިލާފު ގޮތަކަށް އުޅުނު ވާހަކައަކީވެސް ސޯޝަލް މީޑިއާގެ ސުރުހީތައް ކައްކުވާލި ހަބަރުތަކެކެވެ. އެ މަނިކުފާނަކަށް އެއްޗެއް ވިދާޅެއް ނުވެވޭނެއެވެ. ނަމަވެސް ދީނާ ގައުމުގެ ހައްގުގައި ބަސްބުނަމުން ހަރާމް ކަންކަމާއި ގޯސް ކަންތައްތަކުގެ ވާހަކަ ހަރުއަޑުން ގޮވި ޝޭހުންތަކުގެ އަޑު ކެނޑުން އިއްތިފާގެއްކަމަށް ވެގެން ނުވާނެއެވެ.

ދިވެހީން ދީނީ އިލްމުވެރިންދެކެ ފޫހިވެދާނެއެވެ. ދައްކާ ވާހަކަތަކަށް އިޖާބަ ނުދީފާނެއެވެ. ރަނަގަޅު ކޮށްލާށެވެ. މިނިސްޓަރު ދޫކޮށްލައްވާށެވެ. ހައްގުމަގަށް ރުޖޫއަ ވާށެވެ. ގޯސް ގޯސް ކުރާށެވެ. ރަނގަޅު ރަނގަޅު ކުރާށެވެ. އިސްލާމް ދީނަކީ އަނބު މޫސުން އަންނަހެން އަންނަ މޫސުކަމަށް ނުހައްދަވާށެވެ. އެމްޑީއެން ރިޕޯޓް ގޯސްވި ފަދައިން އެޗްއާރސީއެމް ރިޕޯޓުވެސް ގޯސްކަމަށް ވިދާޅުވާށެވެ. އަދި ސަމޯއާ އެގްރީމަންޓް މާ ބޮޑަށްވެސް ގޯސް ކަމަށް ވިދާޅުވާށެވެ. 

ދީނީ އިލްމުވެރިންނާއި ގައުމުގެ ދޮށީ ބޭބޭފުޅުން ސަމޯއާ އެގްރީމަންޓް ފަދަ ކަންކަން ކަމަކަށް ނުހެދުމުގެ ނަތީޖާއަކީ ސަރުކާރުގެ އެންމެ މަތީ އޮފީހުގެ ހުރުމަތް ކެނޑުމެވެ. ސަމޯޢާ އެގްރީމަންޓުގައި ސޮއި ކުރި ފަރާތަށް މިނިސްޓަރުކަން ދިނުން ރައީސް އޮފީހުގެ ސޯފާތަކުގެ ކަރާމާތް ކަނޑާލި ފަރާތަކަށް ކަމަކަށް ނުވެދާނެއެވެ.

ސަރުކާރުގެ ގޯސްތައް އާންމުވާނަމަ ދީނީ އިލްމުވެރިންވެސް ރާއްޖޭގައި ޒިންމާ ނަންގަވަން ޖެހޭނެއެވެ. ގޯސްތައް ގިނަވެގެން ދާނަމަ އެއީ އާދައިގެ ކަމަކަށް ވެގެން ދާނެއެވެ. ދޮގު ހެދުމާއި، އައްޔާޝީ ކަންކަމާއި ދުރުހެލި ވުމަށް ނަސޭހަތްތެރި ވުމަކީ އިލްމުވެރިންގެ ޒިންމާއެކެވެ. އެ ޒިންމާ ނަންގަވާށެވެ. އެކަންކަމަށް ޗުއްޕުވެސް ނުބުނަނީ މުއިއްޒު ލާދީނިއްޔަތު ފަތުރާދެނީ ޝޭހުން އެދޭގޮތަށް ކަމަށް ވާތީހެއްޔެވެ.

]]>
Sun, 26 Apr 2026 10:40:45 +0500 ހަވާ
ޑރ. ޝަހީމަށް: މުއިއްޒުގެ އަންހެން ވަޒީރު ބޭފުޅުންނަކީ ޖާހިލުންނޭތޯ! https://heerasnews.com/4109 https://heerasnews.com/4109 އިއްޒަތްތެރި އިސްލާމީ ކަންކަމާ ބެހޭ ވަޒީރެވެ. ގަޔަށްބާރު ހެދުންލުމާއި ކަނދުރާ ފެންނަ ގޮތަށް ބުރުގާ އެޅުމާއި ބުމަހެދުން ފަދަ ކަންކަމުގެ ވާހަކަ ނޫނީ ހުތުބާގައި ދައްކާނެ ކަމެއް ނެތް ވަރަށް މުޖުތަމައު އިސްލާހުވެ ނިމުނީހެއްޔެވެ. ނުވަތަ މަނިކުފާނު ހިމެނި ވަޑައިގަންނަވާ ވަޒީރުންގެ މަޖިލީހުގައި ތިޔަ ވިދާޅުވާ ގޮތަށް ޒީނަތްތެރިކަން ފާޅުކުރައްވާ ވަޒީރު ބޭފުޅުންނަށް ފާޑުވިދާޅުވާން ބޭނުން ކުރައްވާ ޕްލެޓް ފޯމަކީ ހުކުރު ނަމާދާއި ހުކުރު ހުތުބާކަމަށް ހެއްދެވީ ހެއްޔެވެ. 

ހަމަގައިމުވެސް ރައީސް މުއިއްޒަކީ ދީން ކުރިއަށް ނެރުއްވި ނެރުއްވީނުން ދެ ފައިންޕުޅު ކައިރި ނުކުރެއްވިގެން އުޅުއްވާ ވެރިއެކެވެ. އިއްޒަތްތެރި އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ހިމެނި ވަޑައިގަންނަވާ މުއިއްޒުގެ ދީނީ ސަރުކާރުގައި ބަދަނުން ބުރިވާ ވަރަށް ގަޔަށް ބާރު ހެދުން ތުރުކުރައްވާ، ކަނދުރާއާއި ކަރުދޮށާއި ކަންފަތާއި ބޯ ހާޔަށް އޮންނަ ކަނބަލުން ވަޒީރުންގެ ގޮތުގައި ތިއްބެވުމަކީ ދީނީ މިންގަޑުން ކިހާވަރެއްތޯއެވެ. އާއްމު މީހާ ގަޔަށްބާރު ހެދުންލުމާއި ކަނދުރާ ފެންނަ ގޮތަށް ބުރުގާ އެޅުމާއި ބުމަހެދުން ޖާހިލުންގެ ކަމަކަށްވާއިރު އެ ވައްތަރުގެ ވަޒީރު ބޭފުޅުންނާއި ސަރުކާރުގެ އެކިވަރުގެ ވެރިން ފައްތަވާނީ ކޮން ކެޓެގަރީއަކަށްތޯ ޑރ. ޝަހީމު ވިދާޅުވެ ދެއްވަން ވާނެއެވެ. 

އިސްލާމީ ދައުލަތެއްގެ އެންމެ މަތީވެރިޔާ އާއި ވަޒީރުންނާއި އިސްވެރިން މަތި މައްޗަށް ދޮގުހަދައިގެން ސުވަރުގެ ކަށަވަރުވާ ގޮތެއް އޮވޭތޯއެވެ. ރިޝްވަތޭ ނުކިޔަސް ފައިސާއާއި އެހެނިހެން މަންފާތައް ހޯދައިދީގެން މަޖިލިސް މެންބަރުން ގަތުމާއި މަގާމާ ނުފޫޒުގެ ބޭނުންކޮށްގެން ވަޒީފާ ބަހައިގެންނާއި ފައިސާ ބަހައިގެން ވޯޓުގަތުން ހަލާލުވާ ގޮތެއް އޮތިއްޔާ އެގޮތެއްވެސް ޝަހީމު ވާނީ ކިޔުއްވާ ދެއްވާށެވެ. 

ރޭވިގެން ދައުލަތުން ވައްކަން ކުރުމާ ހިޔާތްތެރިވުމާއި އިސްރާފުކުރުމަށް ރައީސަށް އިހުތިޔާރު ލިބޭ ދީނީ ހަމައެއް އޮތިއްޔާ އެކަންވެސް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ވިދާޅުވެ ދެއްވާށެވެ. އަނެއްކޮޅުން ދައުލަތު ނިޒާމުގެ ތެރެއިން ރިބާ ހުއްދަވާގޮތެއް ވާނީ ބުނެ ދެއްވާށެވެ. ރިޔާސީ ކޮޓަރިކޮޅުގައި އެލްސޯފާގައި އިދުގާމުކުރުން ހުއްދަވާ ގޮތްވެސް ވާނީ ކިޔާދެއްވާށެވެ. 

]]>
Fri, 24 Apr 2026 16:36:52 +0500 އެޑިޓަރ
އޭސީސީން 35 އަހަރު ކުރިކަމަކީ ގުޅިގެން މުޅި ގައުމު ކޮރަޕްޓްކޮށްލުން https://heerasnews.com/4105 https://heerasnews.com/4105 ކޮރަޕްޝަން ހުއްޓުވަން މުއައްސަސާއެއް އުފައްދައިގެން ދައުލަތުން އެތައް މިލިޔަން ރުފިޔާ ހަރަދު ކުރާތާ 35 އަަހަރުވެއްޖެއެވެ. އަހަރުން އަހަރަށް ދައުލަތުން ކޮރަޕްޝަން ހުއްޓުވަން ކުރާ ހޭދަ ވަނީ ބޮޑެވެ. ހިނގަމުންދާ 2026 ވަނަ އަހަރަށްވެސް ދައުލަތުގެ ބަޖެޓުން ސީދާ އޭސީސީއަށް 48.7 މިލިޔަން ރުފިޔާ ހޭދަކުރާނެއެވެ. އޭގެ އިތުރަށް ނުސީދާގޮތުން ކޮރަޕްޝަން ނައްތާލުމުގެ ނަމުގައި އެތައް ފައިސާއެއް ދައުލަތުން ހަރަދުވާނެއެވެ. 

ކޮރަޕްޝަން ނައްތާލުމަށް 35 އަހަރު ތެރޭގައި އެތައް ބިލިޔަނެއް ހަރަދުވެގެން ދިޔައިރު އޭގެ ނަތީޖާއަކީ ކޮރަޕްޝަން ފުޅާވެ މޫލާ ފެތުރުން ކަމުގައި ވުމުން ކަރަޕްޝަން ނައްތާލުމުގެ ނަމުގައި ކުރާ ހޭދައަކީ ވެސް ކޮރަޕްޝަނަށް ވެއްޖެއެވެ. އެންޓިކޮރަޕްޝަން ކަމިޝަން ފެށުނު އިރު ކޮރަޕްޝަނުގެ ގޮތުގައި ބެލުނީ ޓިނު ބުރިއެއް ދަވާދު ދަޅެއް ސިމެންތި ކޮތަޅެއްގެ މައްސަލަ ކަހަލަ ވަރަށް ކުދިކުދި ކަންކަމެވެ. އެވަރު ކަންކަމާހުރެ މީހުންގެ ވަޒީފާ ގެއްލި އަރުވާލާ ހަދާފައި އެބަހުއްޓެވެ. 

އެންޓި ކޮރަޕްޝަން ކަމިޝަނަށް ގިނަ ދުވަސް ވީވީހެން ހުށަހެލޭ މައްސަލަ ގިނަވެ މައްސަލަ ބޮޑެތިވަމުން ދިޔައެވެ. ދައުލަތައް އެތައް މިލިޔަނުގެ ގެއްލުން ތަހައްމަލު ކުރަންޖެހުނު މައްސަލަތައް އޮތެވެ. ބިލިޔަނުން ދައުލަތަށް ލިބެންޖެހޭ ޑޮލަރުގެ މައްސަލަތައް ހުށަހެޅިފައިވެއެވެ. ނަމަވެސް ދައުލަތަށް ގެއްލޭ ފައިސާގެ މަދު މިންވަރެއްވެސް ހޯދާ ނުދެވެއެވެ. ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ދުވަހުން ދުވަހަށް ގިނަވެ ދަނީ ސައިޒުން ބޮޑެތިވަމުންނެވެ. އެންޓި ކޮރަޕްޝަން ކަމިޝަނަށް ކޮރަޕްޝަން ނައްތާލުމުގައި ވާކަމެއް ހަރާމުން ހަރާމެވެ. 

އެންޓި ކޮރަޕްޝަނުން ކުރާހާ ކަމަކަށްވެފައި އޮންނަނީ ކޮރަޕްޝަނަށް ހޭލުންތެރި ކުރުމުގެ ނަމުގައި ވޯކްޝޮޕް ހިންގުމާއި ދުވަސް ފާހަގަކޮށް ބައި އަޅައިގެން އެކަމުގައިވެސް ކޮރަޕްޝަން ހިންގައިގެން ބަޔަކު މުއްސަދިކުރުމެވެ. ކޮރަޕްޝަނުގެ ތެރެއިން އެކި ނަންނަމުގައި ޓްރޭނިންގ ޕްރޮގްރާމް ހިންގުމާ ދަތުރު ކުރުމެވެ.  

އެންޓި ކޮރަޕްޝަން ކަމިޝަނަކީ އެއިރަކު އޮންނަ ސަރުކާރުން ކޮރަޕްޝަން ހިންގާއިރު އެކަން ހިންގުމަށް ފާރަވެރިވާން އޮންނަ ތަނަކަށް ވަނީ ވެފައެވެ. އެންޓި ކޮރަޕްޝަން ކަމިޝަނުގެ މެންބަރުންނަކީ ދައުލަތުން ބޮޑު މުސާރައާޢި އިނާޔަތާއި ލުއިއްތައް ހޯދައިގެން ސަރުކާރުން ބޭނުންވާ ބަޔަކު ފުރޭމްކޮށްދޭން އޮންނަ ކޮމިޝަނަކަށް ވަނީ ބަދަލުވެފައެވެ. 35 ފަސް އަހަރުން ކުރެވުނުހާވެސް ކަމަކީ ރައްޔިތުންނާއި މުލި ދައުލަތް ކޮރަޕްޓްކޮށްލުމެވެ. 

]]>
Wed, 22 Apr 2026 16:16:17 +0500 ހީރަސް
މިޑްޓާމް&އިލެކްޝަނުން މުއިއްޒު ސަރުކާރަށް ލިބުނީ F ރިޕޯޓެއް https://heerasnews.com/4096 https://heerasnews.com/4096 ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނީ ޕީއެންސީއަށް ކަމަށް ބުނެ ބަޔަކު އެބަ މޭ ފުއްޕައެވެ. ނަތީޖާގެ ތަންތަންކޮޅު ނަގައިގެން ފޭކް ޕޯސްޓްތައް ހަދައިގެން ފޭލިނުވާކަން ދައްކަން އުޅުނަސް ބެލީމާ ހަގީގަތް އެނގޭނެއެވެ. ޕީއެންސީއަށް އެންމެ ގިނަ ވޯޓް ލިބިގެން އުޅޭ ވާހަކަ ދައްކާއިރު ހަގީގަތަކީ އެއީ ނޫންކަން ވަރަށް ބޮޑަށް ސާފުވެއެވެ. އެގޮތުން ޕީއެންސީއަށް 242319 ވޯޓް ލިބިގެން އުޅެނީ ކިހިނެތްކަން އެނގުމަކީ މުހިންމު ކަމެކެވެ. 

އިންތިހާބުކުރެވޭ ހުރިހާ ދާއިރާއެއްގެ ހުރިހާ ގޮނޑިއަކަށް ޕީއެންސީން ވާދަކުރިއެވެ. އަނެއްކޮޅުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއަކަށް ވެސް ޕީއެންސީން ވާދަކުރިއެވެ. ކައުންސިލްގެ 665 ގޮޑިއަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއަކަށް ވެސް ޕީއެންސީން 665 ކެންޑިޑެޓުން ވާދަކުރިއެވެ. އެހެންކަމުން 242319 ވޯޓަކީ ޕީއެންސީން ވާދަކުރި 1330 މީހުނަށް ލިބުނު ވޯޓެވެ. 

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރީ 495 ގޮނޑިއަށް 495 މީހުންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 665 ގޮނޑިން އެމްޑީޕީން ވާދަކުރީ 417 ގޮނޑިއަށެވެ. އެހެން ކަމުން އެމްޑީޕީން އެ އިންތިހާބުގައި ޖުމްލަ ވާދަކުރީ 912 ގޮނޑިއަށް ޖުމްލަ 912 މީހުންނެވެ. 

4 އެޕްރީލްގެ އިންތިހާބުގައި ޕީއެންސީން ވާދަކުރި މީހުންގެ އަދަދު އެމްޑީޕީން ވާދަކުރި މީހުނަށްވުރެ 418 ގިނައެވެ. އަނެއްކޮޅުން 1330 ގޮނޑިއަށް ވާދަކޮށްގެން ޕީއެންސީއަށް ކާމިޔާބުވީ އެންމެ 494 ގޮނޑިއެވެ. ވާދަކުރި ނިސްބަތުން އެއީ 37.14 އިންސައްތައެވެ. 37 ޕަސެންޓަކީ ފާސްވާ މިންގަޑެއް ނޫނެވެ. 

އެމްޑީޕީން ވާދަކުރި 912 ގޮނޑީގެ ތެރެއިން 563 ގޮނޑި ކާމިޔާބު ކުރިއެވެ. ވާދަކުރި ނިސްބަތުން އެމްޑީޕީން ގޮނޑި ކާމިޔާބު ކުރި ނިސްބަތަކީ 61.73 އިންސައްތައެވެ. 

ހަގީގަތް އެހެން އޮތް އިރު ޕީއެންސިޢަށް ލިބިގެން އުޅޭ ޖުމްލަ ވޯޓުގެ އަދަދު ވާދަކުރި ކެންޑީޑޭޓުންގެ ނިސްބަތުން ބޮލަކަށް ޖެހެނީ އެންމެ 182 ވޯޓެވެ. 214116 ވޯޓް ލިބުނު އެމްޑީޕީއިން ވާދަކުރި ކެންޑިޑޭޓުންގެ ނިސްބަތުން ބޮލަކަށް ޖެހެނީ 235 ވޯޓެވެ. 

ދިން ވޯޓާއި ވާދަކުރި އަދަދާއި ކާމިޔާބުކުރި ގޮނޑިތަކަށް ބަލާ ރަނގަޅަށް ހިސާބު ޖެހީމާ ފެންނަން އޮތީ ޕީއެންސީ ބޮޑު ބައްޔަކުން ބަލިވިތަނެވެ. ދެރަ ނުވާން ކޮންމެ ވާހަކައެއް ދެއްކިޔަސް މިޑްޓާމް އިލެކްޝަނުގައި މުއިއްޒު ސަރުކާރަށް ލިބުނީ އެފް ރިޕޯޓެކެވެ.

]]>
Mon, 20 Apr 2026 16:13:35 +0500 އެޑިޓަރ
ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަށް ރައްޔިތުން އިތުބާރެއްނުކުރޭ https://heerasnews.com/4075 https://heerasnews.com/4075 ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ޕީއެންސީއަށް އޮވެގެން ނިންމާ ނިންމުންތައް ރައްޔިތުން ގަބޫލު ނުކުރާކަން އެންމެ ފަހުން ނެގި ފެންނަ ނުފެންނަ ވޯޓުން ކިތަންމެހާވެސް ރަނގަޅަށް އެނގިގެން ހިގައްޖެއެވެ. އެހެންކަމުން ރާއްޖޭގެ ގާނޫނު އަސާސީއަށް ޕީއެންސީ މެޖޯރިޓީން ގެންނަ އެއްވެސް ބަދަލަކީ ލެޖިޓިމޭޓް ބަދަލެއް ކަމަށް ގަބޫލުކުރެވޭކަށް ނެތެވެ.

ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގައި ވަކި މާއްދަތަކަކަށް ގެންނަ ބަދަލު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފެންނަ ކަމަށް ކަނޑަނާޅަނީސް ގާނޫނު އަސާސީގެ ބަޔަކަށް ނުވާނެކަމަށް ގާނޫނު އަސާސީގައި ބަޔާންވެފައި އޮވެއެވެ. ގާނޫނު އަސާސީއަށް ގެންނަ އެނޫން އިސްލާހުތައް ގާނޫނު އަސާސީގެ ބަޔަކަށް ވުމަށް ރައްޔިތުން ދެކޭގޮތް ބަލާކަށް ލާޒިމެއްނޫނެވެ. 

އެހެން ނަމަވެސް އެންމެ ފަހުން އޮތް ފެންނަ ނުފެންނަ ވޯޓުގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ބައެއް ކުރުކުރުމަށާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން ވަނީ ނޫނެކޭ ބުނެފައެވެ. ޕީއެންސީގެ ފުޅާ މެޖޯރިޓީ އޮތް މަޖިލީހުން ބޮޑު އަގުލަބިއްޔަތަކުން ފާސްކުރި އެ އިސްލާހަށް ރައްޔިތުން ނޫނެކޭ ބުނުމުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެންނަ ކޮންމެ ބަދަލަކީ ރައްޔިތުންގެ ރުހުން އޮތް ބަދަލެއްތޯ ބެލުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމެވެ. 

ގަނޫނު އަސާސީގައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ބުނެފައި ނެތަސް މިހާރު މިއޮތް މަޖިލީހުން ގާނޫނު އަސާސީއަށް ގެންނަ ކޮންމެ ބަދަލަކާ މެދު ރައްޔިތުންގެ ރުހުން އޮތް ގޮތެއް ނުބައްލަވާ ގާނޫނު އަސާސީއަށް ގެންނަ އެއްވެސް ބަދަލެއް ރައީސް ތަސްދީގު ކުރެއްވުމަކީ ރައްކާތެރި ކަމެއްނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ކޮންމެ ކަމެއްގައި ރައްޔިތުންގެ ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގާނޫނު އަސާސީން ރައީސަށް ޖާގަ ދީފައިވެއެވެ. 

ރައްޔިތުންނާއި ގައުމާ މެދު ރައީސް މުއިއްޒުގެ ކުޑަވެސް އިހުލާސްތެރިކަމެއް އޮންނަމަ މި ހާލަތުގައި މަޖިލީހުން ގާނޫނު އަސާސީއަށް ގެންނަ ކޮންމެ ބަދަލަކާމެދު ރައްޔިތުން ދެކޭ ގޮތް ސާފުކުރާނެއެވެ. އެގޮތުން ރައްޔިތުން ދެކޭގޮތް ބަލަންޖެހޭ ބޮޑު ދެ ބަދަލެއް މިހާރު ވެސް ގާނޫނު އަސާސީއަށް ގެނެސްފައިވާ އެބައޮތެވެ. 

އެއްބަދަލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި 6 ވަނަ އިސްލާހެވެ. އަނެއް ބަދަލަކީ ލާމަރުކަޒީ ނިޒާމަށް ބަދަލުގެނެސް އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނު އަސާސީއަށް ގެނައި 7 ވަނަ އިސްލާހެވެ. ދެ އިސްލާހަކީވެސް ސީދާ ރައްޔިތުންނާ ގުޅޭ ދެ އިސްލާހެވެ. އެހެން ކަމުން އެ ދެ އިސްލާހާ ދޭތެރޭގައި ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއްނަގަން ކޮންމެހެން އެބަޖެހެއެވެ. އެ ވޯޓު ނެގުމަކަށް އެއްވެސް ހުރަހެއް ރައީސް މުއިއްޒަކަށް ނެތެވެ. 

ރައީސް މުއިއްޒު ރައްޔިތުންގެ ފަޅީގައި ހުންނެވިއްޔާ އެ ދެ އިސްލާހާއި މެދު ރައްޔިތުން ދެކޭގޮތް ބައްލަވާލައްވަން ފަސްޖެހި ވަޑައެއް ނުގަންނަވާނެއެވެ. އެ ދެ އިސްލާހަށް ރައްޔިތުންގެ ރުހުން ލިބިއްޖެނަމަ ރައީސް ގެންގުޅުއއްވާ ޕީއެންސީ ސިޔާސަތަށް އޮތް ތާއީދު ފެނިގެން ދާނެއެވެ. އެ ދެ އިސްލާހާއެކު ކުރިއަށް ވަޑައިގަންނަވަންވީއެވެ. އެ ގޮތުގައި ކުރިއަށް ވަޑައިގަތުމަށް އޭރުން އެއްވެސް ހުރަހެއް ނުއޮންނާނެއެވެ. ރައީސް މުއިއްޒަށް ރައްޔިތުންކުރާ އިތުބާރާމެދު ޝައްކުކުރާނެ މީހަކުވެސް ނުހުންނާނެއެވެ.  

]]>
Tue, 14 Apr 2026 12:40:47 +0500 އެޑިޓަރ
ސިނާގެ ގޮނޑިއަކީ ގޮނޑިގެއްލޭ އިސްލާހު ހަލާލުކުރާ ގުރުބާންކަންބަޅި!؟ https://heerasnews.com/4068 https://heerasnews.com/4068 ފަނޑިޔާރުންނަށް ގޮތް ނިންމަން ނުކެރި ފަސްޖެހިފައި އޮތް މެންބަރ ސިނާންގެ ގޮޑީގެ މައްސަލަ ކޮޅެއްގައި މިއަދު ޖައްސައިފިއެވެ. އެތައް މަހެއް ވަންދެން ނުނިންމިފައި އޮތް މައްސަލަ ޕީއެންސީއަށް ގެއްލޭ ގޮތަށް ނިމުމަކީ ކުޑަ މެސެޖެއް ނޫނެވެ. 

ސްޕްރީމް ކޯޓުގެ ހުކުމަށްފަހު ރައީސް މުއިއްޒުގެ ލޯޔަލިސްޓް ސިނާނަކީ މިހާރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫނެވެ. އޭނާ ބަގުޑި ބައްދައިގެން އިން ގޮނޑި އޭނާއަށް ގެއްލުމަކީ ހަމަގައިމުވެސް ރައީސް މުއިއްޒު ހިތާވާނެ ކަމެއް ނޫނެވެ. ސިނާނުގެ ގޮނޑި ގެއްލުމަކީ ރައީސް މުއިއްޒު ޝަރީއަތަށް ހަތަރެސްފައި ބޭނުން ހުއްޓާލައިފި ކަމުގެ ދަލީލެއްވެސް ނޫނެވެ. 

ސާބިތުވި ކުށެއްނެތި ސްޕްރީމް ކޯޓުގެ ފަންޑިޔާރުންތަކެއް އުކާލި މީހާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ޕީއެންސީއަށް ސަލާމަތް ކޮށެއް ނުދިނެވެ. ދިގު ދަންމައިގެން ހިފަހައްޓަ ހިފަހައްޓާފައި ވެސް ދޫކޮށްލީއެވެ. އަންނަ އޮތް ބޮޑު ހުކުމަށްޓަކާ ގުރުބަން ކަންބަޅިއަކަށް އައްޑޫސިނާ ހަދާލީއެވެ.

ސިނާގެ ގޮނޑިގެއްލުމުގެ ފަހަތުގައި އޮތީ ފަނޑިޔާރުންގެ އަދުލުވެރިކަން ކަމަށް ގަބޫލުނުކުރާނެ ކިތަންމެ ބަޔަކު އުޅޭނެއެވެ. އަދުލުވެރި ކަމެއް އޮތްނަމަ އެހުކުން އިއްވުން ލަސްކޮށް ފަސްކޮށްފައި ބޭއްވުމުގެ މާނައެއް އޮންނާނެ ހެއްޔެވެ. ނޯންނާނެއެވެ. ރައްޔިތުން މުއިއްޒަށް ބުނި ނޫނެކޭއާއި ގުޅިގެން މުއިއްޒު ސައިޒުވެ ކޯޓުތަކުން އިންސާފު ލިބެންފެށީ ކަމަށް ބެލުން އަދި މާ އަވަހެވެ. އަންނަ އޮތް ހުކުމެއްގެ ގޮތުން ފަނޑިޔާރުގޭގެ އަދުލުވެރިކަން ދެއްކުމަށް ގުރުބާން ކުރެވުނު ކަންބަޅިއަކީ ސިނާގެ ގޮނޑިކަމަށްވުން މާގާތެވެ. 

ޕާޓީތަކަށް މަޖިލީހުގެ ގޮނޑި ގެއްލުވާލުމުގެ ބާރުދޭ އިސްލާހު އުވާލަން ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް އަހަރެއްހާ ދުވަހަށް ފަހުން މިހާރު އެއޮތީ ތާވަލްކޮށްފައެވެ. އެލްސޯފާއިން ބަރީއަވީ އުމުރާއިން އައިސް އިހުރާމް ނުބޭލެނީސް އުއްތަމަ ފަނޑިޔާރު ގަނޑުވަރަށް ގެންގޮސްގެން ފަސްޓްލޭޑީގެ ލޯޔަރާއެކު ޖެހީ ކޮންސަކަރާތެއް ކަމެއް ނޭގެއެވެ. ޝާހީ ރޫޅުމެއް ރުޖޫއަކުރަންވެސް އުއްތަމަފަނޑިޔާރަށް ޖެހިދާނެއެވެ.

ސިނާގެ ގޮނޑިި ގެއްލުމާއި އިހުރާމު ނުބޭލެނީސް އުއްތަމަފަނޑިޔާއި ފަސްޓް ލޭޑީގެ ލޯޔަރު ގަނޑުވަރަށް ވައްދައިގެން ކުޅަކަމެއް ގޮނޑިގެއްލޭ އިސްލާހަށް ވާގޮތަކުން އެނގޭނެއެވެ. އެލްސޯފާއާއި ރައްޔިތުން ނޫނެކޭ ބުނުމާއި ކުއްލި އުމްރާއާއި ބޮޑުފަޑިޔާރު ގަނޑުވަރަށް ގެންދިޔުމާއި ސިނާގެ ގޮނޑި ގެއްލުމާ މިހުރިއްޔަކީ އާދައިގެ އިއްތިފާގެއް ނޫނެވެ. ފަނޑިޔާރުގޭގެ ތިލަފަތުގެ ހަމަނަހަމަ ކަމާއި ރައީސް މުއިއްޒުގެ ބާރަށްވުރެ ރައްޔިތުންގެ ބާރު ގަދަކަން ގޮނޑިގެއްލޭ އިސްލާހުގެ ހުކުމުން ސާފުވާނެއެވެ. 

]]>
Sun, 12 Apr 2026 16:35:52 +0500 އެޑިޓަރ
ލުޓޭރުން ޒިންމާވާން ނުޖެހޭ ބޮޑުންގެ ދައުލަތް https://heerasnews.com/3976 https://heerasnews.com/3976 ދިވެހިރާއްޖެއަކީ ފިސާރި ގައުމެކެވެ. ވެރިކަން ކުރާބަޔަކު ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް ބެލޭނެ ގޮތެއް ނޯވެއެވެ. ވެރިކަމުގައި ތިއްބާ ނުބެލޭތާ ވެރިކަމުން ފޭބުމުންވެސް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނޯވެއެވެ. ކިތަންމެ ބޮޑު ހިޔާނާތެއް ވެފައި އޮތަސް ވަރިހަމައެވެ. ޒިންމާވާ މީހަކު ޒިންމާނެ މީހަކު ނުހުރެއެވެ. 

ރައީސް މައުމޫނު ވެރިކަމުގައި ހިނގަދިޔަހާ ޖަރީމާތަކަށް އިންސާފެއް ނުލިބެއެވެ. އޭރުވެސް އެތައް މިލިޔަންގެ ތުހުމަތުތައް ކުރެވުނެވެ. އެފްޕީއައިޑީ އާއި އެއަރ މޯލްޑިވްސް އާއި އެނޫންވެސް އެތައް ހިޔާނާތެއް ފެންމަތިވިއެވެ. އެތައް ހިޔަނާތެއް ސާބުތިވެސް ވިއެވެ. އެކަމަކު މީހަކަށް އެކަށީގެންވާ އަދަބެއް ނުލިބޭތާ ދައުލަތުން ގެއްލުނު އެންމެ ފައިސާ ފޮއްޗެއްވެސް ނުލިބެއެވެ.

އަނެއްކޮޅުން މައުމޫނު ވެރިކަމުގައި ހިގާދިޔަ ކަމަށް ތުހުމަތުކުރެވުނު ޔާމީނުގެ 800 މިލިޔަން ޑޮލަރުގެ ތެޔޮ ޑީލާއި ގައުމީ ޝިޕިންގ ލައިން ހުލިވެ ދިޔަގޮތާއި ސްޓެލްކޯ އަށް ގެނައި ބައު އިންޖީނުތަކުގެ ޑީލްތަކާއި އެސްޓީއޯ ސައިފަތް ދަނޑާއި މިހެން ކިޔާފާ ނުކިޔާނެ ކަމެއްނެތެވެ. އެއިން އެއްކަމެއް ނުބެލި ކެއިބަޔަކު ކައިފުރައިގެން އެތިބަ އުޅެނަގަނީއެވެ. ދައުލަތަށް ވީގެއްލުމެއްވެ ގައުމު ދަރާ ވިކުނީއެވެ. 

ނަޝީދުގެ ވެރިކަންވެސް ވަކީން ސަހަލެއް ނޫނެވެ. ކުރުމުއްދަތެއްގެ ތެރޭގައި ކޮރަޕްޝަންގެ އެތައް ކަމެއް ފެންމަތިވިއެވެ. އެތައް ފަޅުރަށެއް ނުހަމަ ގޮތުގައި ބަހާލުމާއި ވުޒާރާތަކުގެ ތެރޭގައި ހިނގާދިޔަ ކޮރަޕްޝަން އެތައް މިލިޔަނުން ތުހުމަތު ކުރެވުނެވެ. ފްލޯޓިންގ ސިޓީއާއި އެއަރޕޯޓް ޑީލާއި އެއަޜ މޯލްޑިވސް މައްސަލަ ފައިލްކުރުމާއި އެފަދަ އެތައް ތުހުމަތެކެވެ. ބެލުނުކަމެއް ހޯދުނު ބައިސެންޓްވެސް ނެތި ދައްކާ ސިޔާސީ ވާހަކައަކަށް ވެގެން ނިމުނީއެވެ. 

ޑރ. ވަހީދުގެ ބަގަވީ ސަރުކާރުގެ ކަންތައް ވަކިން ކުޑައެއް ނޫނެވެ. އެއަރޕޯޓް އެއްބަސްވުން ބާތިލުކޮށް 300 މިލިޔަންގެ ބަދަލެއް ގައުމަށް ދޭން ޖެއްސިއެވެ. އަނެއްކޮޅުން ބޯޑަރ ސެކިއުރިޓީ ހިޔާނާތެއް ފަޅާއެރިއެވެ. ވީކަމެއްވެ ބެލުނު މައްއސަލައެއް ނެތި ދައުލަތަށް ފައިސާފޮއްޗެއް އަނބުރާނުލިބި އެކަންވެސް ނިމުނީއެވެ. 

ދެންއޮތީ ޔާމީނުވެރިކަމެވެ. ޖެހުނު ދިމާލަކުން ޖެހުނު އެއްޗެއް ކޭބަޔަކު ކައި ނިންމާލީއެވެ. ތިޖޫރި ހުރިތާ ވަޅުގަނޑުވެސް ނުހުންނަ ވަރަށެވެ. މަޝްހޫރު އެމްއެމްޕީއާރުސީ ބޮޑު ހިޔާނަތުގައި ދައުލަތަށް ގެއްލުނު ގެއްލުން ބިލިޔަނުން ގުނައެވެ. ނަސަންދުރައާއި ދަރުމަވަންތައާއި ބިރިޖާއި އެނުންވެސް އެތައް ޕްރޮޖެކްޓަކާއި ގުޅިފައިވާ ހިޔާނާތުގެ އަދަދެއް ސުމާރެއް ނެތެވެ. ކޭބަޔަކު ކައިފުރާލައިގެން އެތިބީއެވެ. ނަމެއްގައި މައްސަލަ ބަލައެވެ. ދައުލަތަށް ގެއްލުނު އެންމެ ބައިސެންޓްވެސް އަނބުރާ ނުހޯދެއެވެ. ރެކޯޑް މިންވަރަކަށް ގައުމު ދަވާލި ކަމަށް ތުހުމަތުކުރާ ޔާމީނާއި އަދީބަކީ ސާފު ބޯކިރު ފޮދެއްފަދަ ބައެއްގެ ގޮތުގައި އެތިބަ އުޅެނީއެވެ. 

ސޯލިހު ވެރިކަމުގައިވެސް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވުނެވެ. ކޮވިޑް ތެރޭގައި މެޑިކަލް މާފިއާ ގޭންގްތަކެއް އުފެދި ބޮޑުވެ ކޮރަޕްޝަންގެ ކަންކަން މަތީ ދަރަޖައަކަށް ހިނގާ ބަޔަކަށް ތުހުމަތު ތަކެއް ކުރެވުނެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ހިންގި ތަރައްގީގެ ޕްރޮޖެކްތަކުގެ ތެރޭގައިވެސް ކޮރަޕްޝަން ހިނގާ ދިޔަކަމަށް ތުހުމަތު ކުރެއެވެ. އެހެނެއްކަމަކު އިންސާފުވެރި ތަހުގީގެއް ޝަރީއަތެއް ނުހިނގައެވެ.

މުއިއްޒު ކުޜަވެރިކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ. ތާރީހު ނުދެކޭހާ ހުތުރުކޮށް ފާޅުގައި ދައުލަތް ދަވާލަމުން މިތިބަ ދަނީ ގިޔާމަތް މަހުޝަރު ވެސް އަންނާނެކަން ގަބޫލު ނުކުރާ ދަރަޖައަށެވެ. ކިޔާފަ ނުކިޔާނެ ވަކިކަމެއް ލިޔެފައި ނުލިޔާނެ ވާހަކައެއް ނެތް ވަރަށް ކޮރަޕްޝަނާ ފަސާދަ މިވަނީ އާއްމުވެ ދިރިއުޅުމުގެ އެއްބަޔަށްވެ ނިމިފައެވެ. 

ކޮންމެ ވެރިކަމެއްގައިވެސް ކޮރަޕްޝަނާ ފަސާދަ ހިންގުނު ވަރަކަށް ހިންގާ ޖެހުނު އެއްޗެއް ހޯދައިގެން އުޅޭތާކު ހުރިހާ ވަގުން މިނިވަންކަމާއެކު އުޅުމަކަށް އެއްވެސް ހުރަހެއްނެތެވެ. ކެރޭވަރަކަށް ކައިފުރާލައިގެން ދިޔުމަކުން އެޅޭފިޔަވަޅެއް ނެތް ގައުމެއްގައި ކުރާނީ ކުރާނެ ކަމެކެވެ. ވެރިކަންތަކުގައި ވެރިންގެ އިހުމާލުންނާއި ހިޔާނާތުން ގެއްލޭ އެންމެ ފައިސާ ފޮއްޗެއް ވެސް ހޯދަން ނޫލޭ ނުލިބޭ ގައުމެއް ދުނިޔޭގެ ތާކު ރާއްޖެ ނޫނީ ނުއޮންނާނެއެވެ. ވާނީ އެހެންތާއެވެ. މިއީ ދެން ކީއްކުރާނީ ރާއްޖެއެވެ. 

]]>
Wed, 18 Mar 2026 17:55:43 +0500 އެޑިޓަރ
މުއިއްޒަކީ ވެސް އެޕްސްޓީންގެ ބައިޥެރިއަކީތަ! https://heerasnews.com/3840 https://heerasnews.com/3840 ޔަހޫދީ އެޖެންޓް ޖިންސީ ޝަތާނު އެޕްސްޓީންއާއި ގާތްގުޅުމެއް ރާއްޖޭގެ ކުރީގެ ރައީސަކު ބާއްވާފައިވާ ކަމުގެ ވާހަކަތައް ތަންކޮޅެއް ކުރިން އިވުނެވެ. ގިނަ ބަޔަކު އެންމެ ފުރަތަމަވެސް އެތުހުމަތުތައް ކުރީ ކުރީ ރައީސް ނަޝީދަށެވެ. ހައިވަކަރު އޮޑި ނަންވާ އުސޫލުންނެވެ. 

ލީކުވެފައިވާ އެޕްސްޓީން އެއްވެސް ފައިލަކުން ރައީސް ނަޝިދުގެ ނަމެއް އަދި ގުޅުން ހުރި ވާހަކައެއްވެސް ތިލައެއް ނުވެއެވެ. އެކަމަކު އެޕްސްޓީނާ ގުޅުމެއް އޮތްކަމަށް ވީ ކުރީގެ ރައީސް ޑރ. ވަހީދެވެ. އޭރު ތިލަވިވަރަކީ ބައްދަލު ކުރަން އުޅުނު ކަމެވެ. 

އެޕްސްޓީން އާއި ޑރ. ވަހީދުގެ ގުޅުމަކީ ހީކުރި ވަރަށްވުރެ މާފުން މާގާތް ގުޅުމެއްކަން މިހާރު ލީކްވެފައިވާ އެޕްސްޓީން ފައިލުތަކުން ކަށަވަރުވެއެވެ. ޝަހުޔޫނީ ޝައިތާނު އެޕްސްޓީން އަކީ ދިވެހި އުންމަތުގެ ވަލީއުލް އަމުރުގެ މުސްތަޝާރަށް  ވުމުން ލަދުން ބޯހަލާކެވެ. 

އެތައް ހާސް ކުޑަކުދިން ޖިންސީ ޝިކާރައަށްހަދައިގެން އުޅުނު ޖެފްރީ އެޕްސްޓީންގެ ކްލަބް މެންބަރަކަށް ރާއްޖޭގެ އޭރުގެ ބަގަވީ ރައީސް ވުމަކީ ބިރުހުރި ކަމެކެވެ. އެޕްސްޓީންގެ ބްލެކްމޭލު މަޅީގައި ބެދުނު ވެރިއަކަށްވުރެ ބޮޑަށް ވަހީދަކީ ބައިވެރިއެއްކަން ކޮށްފައިވާ މުއާމަލާތުތަކުން ސާފެވެ. 

އެޕްސްޓީން ފައިލްތަކުގައި ޑރ.ވަޙީދާއި ސިދާގުޅުން ހުރިކަން 640 ފަހަރަށްވުރެ ގިނަފަހަރު ބަޔާންވެފާ އޮތުމުން ވަހީދަކީ އެޕްސްޓީންގެ ބައިވެރިއެއް ކަމާމެދަކު ބަހުސެއްނެތެވެ. 

އެޕްސްޓީން ފައިލް ތަކުން އެޕްސްޓީންނާ ގުޅުން އޮތްކަމަށް ދައްކާ ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބި އެތައް ބަޔަކު ދުނިޔޭގެ ކަންކޮޅު ތަކުގައި އެދަނީ މަގާމުން އިސްތިއުފާ ދެމުންނެވެ. ވަހީދަށް އިސްތުފާދެން ނޭގުނަސް އޭނާ މަގާމުން ވަކިނުކޮށް ބަހައްޓަނީ މުއިއްޒަކީ އެޕްސްޓީންގެ ބައިވެރިއެއް ކަމުގައި ވާތީ ހެއްޔެވެ.

]]>
Tue, 03 Feb 2026 12:10:06 +0500 އެޑިޓަރ
މާލެ އޭރިއާއިން ގޯތިލިބޭ މީހުންގެ ޖަމާއަތްތަށްވެސް ގަނެލީތަ؟ https://heerasnews.com/3827 https://heerasnews.com/3827 ހުޅުމާލެ ފޭސް2 އިންގޯތި ލިބުނު މީހުން ތިބީ ގެ އެޅޭނެ ގޮތް ނުވެފައެވެ. ހުޅުމާލެ ފޭސް ދޭކުން ގޯތި ދީފައިވާ ސަރަހައްދުގައި ނަރުދަމާއެއް ފެނެއް ކަރަންޓެއް ނެތެވެ.

ދެ އަހަރު ވެގެން.ދިޔައިރު ފެނާއި ނަރުދަމާޢާއި ކަރަންޓް އެސަރަހައްދަށް ގުޅާދެވޭ ވަރެއް ނުވިއެވެ. ބުރިޖުން ގުޅާލެވޭ ގޮތަށް ހިއްކާފައޮތް ގުޅިފަޅުގެ ފެނާއި ކަރަންޓާއި ނަރުދަމާ ގާއިމުކޮށް މަގުހެދޭނެ ދުވަހެއް ނޭނގެއެވެ.

އަސާސީ ހިދުމަތްތައް ގާއިމުކޮށްދީ ގޯތިތައް ހަވާލު ކުރުމުގެ ބަދަލުގައި ދެއްކީ ބަހަނާއެވެ. މާލެ ސަރަހައްދުން ދިނުމަށް ކުރީ ސަރުކާރުން ކަނޑައެޅި 9000 ގޯތީގެ ތެރެއިން އެންމެ 600 ގޯތިފިޔަވާ ހުރިހާ ގޯއްޗަކަށްވާ ބިން އޮތީ ހިއްކާ ނިންމާފައެވެ. ނުހިކި އޮތް ގޯތިތަކުގެ ބިން ހިއްކުމުގެ މަސައްކަތް ބޮސްކާލީސް ލައްވާ އައި ހިއްކަމުންނެވެ. 

ރައީސް މުއިއްޒު ވެރިކަމާ ހަވާުވެ ވަޑައިގަތުމާއެކުން އެބިންތައް ހިއްކުން ހުއްޓާލާ ރަސްމާލެ ހިއްކަންފެށިއެވެ. 8 މަސް ދުވަހުން ރަސްމާލެ ހިއްކާ ނިންމާނެ ކަމަށް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ކުރީ ސަރުކާރުން މާލެ މީހުނަށް ހިލޭ ގޯތި ދިނުމަކީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ކަމަށް ވެގެންވެސް އުޅުނެވެ. ކަނޑުންނާއި މަގުންނާއި ހޮޅިލައިނު މަތިން ގޯތިދީފައި އޮތްކަމަށް އަޑުއަރުވާ މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ހަވާލު ނުކުރަން ލައްކަ ހިތްވަރު ކުރިއެވެ. އެކަމަކު ގޯތިތައް ނުދީ ފަރަކު ނުޖެއްސުނެވެ.

ގޯތިތައް ހަވާލުކުރުން ލަސްކޮށް ދަންމާލުމަށް ދެން ޖެއްސީ ލޭންޑް ޔޫސް ޕްލޭނުގެ ބަހަނާއެވެ. ގިރާވަރުފަޅުން ގޯތި ލިބުނު ބަޔަކު ގުޅިފަޅަށް ބަދަލު ކުރުމަކީވެސް ދަންމަލުމުގެ ބަހަނާއެކެވެ. ކަނޑުން ގޯތިދިނޭ ކިޔާ ކުރީ ސަރުކާރަށް ފާޑުކީ ސަރުކާރުން އެތައް ސަތޭކަ ބަޔަކު ގުޅިފަޅުން ނުހިއްކާ އޮތް ގުޅީފަޅުގެ ފުންވިލަށް އަޅާލުން މައްސަލައަކަށް ނުވިއެވެ. 

ނެތް ބަޖެޓަކުން ބާޓާ ސިސްޓަމަށް ރަސްމާލެ ހިއްކުމަކީ ގެއްލުމަކަށް ނުވިއެވެ. ދުނިޔޭގެ އެންމެ ބޮޑެތި ޖައްރާފު ގެނެސްގެނާއި ރާޖޫޢަށް ބިންތަކެއްދީ ރަސްމާލޭން ދެތިނ ހެކްޓަރ ނުހިއްކި އެއްބަސްވުން ބާތިލު ކުރުންވެސް ގެއްލުމަކަށް ނުވިއެވެ.

ހުޅުމާލޭ ފޭސް 2އިން ގޯތި ދީފައިވާ ސަރަހައްދާއި ގުޅީފަޅުގައި ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމު ކުރާނެ ފައިސާއެއް ނެތެވެ. ގުޅީފަޅުގައި މަގު ހެދުމަށާއި ސްކޫލުތަކާއި މިސްކިތް ފަދަ އަސާސީ ހިދުމަތްތައް ގާއިމުކުރަން ސަރުކާރުގައި ފައިސާ ހުރި ކަމަކަށް ނުވެއެވެ. 

ކަންކަން އެހެން އޮތަސް އެމްއޭސީއޭލްއަށް އަންގައިގެން ފުށިދިއްގަރުފަޅު ހިއްކުމަކީ ކުރާ ވައްކަމެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ދުނިޔޭގެ އެންމެ ބޮޑެތި ޖައްރާފުތައް ގެނެސްގެން ރަސްމާލެ ހިއްކަނީ ކޮންތާކުން ކިހިނެތް ފައިސާ ނެރެގެންކަމެއް ނޭނގެއެވެ. އެއަރޕޯޓް ކޮންޕެނީ ބަނގުރޫޓް ކޮށްލައިގެންވިޔަސް ރަސްމާލެ ހިއްކަނީ ބަޔަކަށް ހިޔާވަހިކަން ދޭން ކަމަކަށް މީހުން ގަބޫލެއް ނުކުރެއެވެ. 

ކުރިޔަށް އޮތް 15އަހަރުތެރޭގަވެސް ފުށިދިއްގަރުފަޅިގައި ބަޔަކަށް ދިރިއެއް ނޫޅެވޭނެއެވެ. ބަޔަކު ދިރިއުޅެން ތަނެއް ހިއްކާ ނަމަ  ހިއްމަފުށި ފަޅު ހިއްކައިގެން ގޯތިދިނުން މާޜަނގަޅި ވީހެވެ.

ރައީސް މުއިއްޒުގެ ޓާގެޓަކީ ރިޔާސީ އިންތިހާބަށް އެއްބިލިއަން ރުފިޔާ ޖަމާކުރުން ކަމަށް ބުނެއުޅެއެވެ. ވޯޓް ހޯދަން މުއިއްޒުގެންގުޅޭ ފޯމިއުލާއަކީ އިނާޔަތްތަށް ބޮޑުކުރުންކަމަށާއި ވީހާ ގިނަ ބަޔަކަށް ރިޝްވަތުގެ ގޮތުގައި  ވަޒީފާދިނުން ކަމަށް ކިޔާއަޑު އިވެއެވެ. އެގޮތުން ކައުންސިލް އިންތިޚާބަށް ވުމުން ނަގާކިޔާ މީހުންނާއި  ޖަމުއިއްޔާތަކަށް ފައިސާދީގެން ގަނެލަމުން ދާކަމަށްވެއެވެ.

]]>
Tue, 27 Jan 2026 20:00:00 +0500 އެޑިޓަރ
ދިވެހި ދިދައިގައި ކަނޑު ކުލައަށް ޖާގައެއް ނެތް https://heerasnews.com/3824 https://heerasnews.com/3824 ފަހަރެއްގައި ބަޔަކަށް އަޑުއަހަން ފަސޭހަ ނުވެދާނެއެވެ. އެހެނެއް ކަމަކު ދެވަނަ ވިސްނުމަކުން މި ކަމާމެދު ވިސްނާލުން ރަނގަޅުވެދާނެއެވެ. 

ގައުމިއްޔަތުގެ ވާހަކައިގެ އަޑުގަދަ މިކަލަ ދުވަސްވަރެއްގައި ގައުމިއްޔަތުގެ ރަމްޒުތަކާ މެދު ވިސްނާ ހިޔާލުކޮށްލީމެވެ. ވިސްނާލީ ގައުމީ ނިޝާނާއި ގައުމީ ސަލާމާއި ގައުމީ ދިދައާއި މެދުގައެވެ. 

ދުނިޔޭގެ ގައުމުތަކުގައި އެތަކެއްޗަށް އިހުތިރާމްކޮށް ކުރުނީސް ކުރުމުގައި ފިސާރި ބޮޑު ވާހަކައެއް އޮވެއެވެ. ގައުމީ ރަމްޒުތަކާ އެގައުމަކާ ބޮޑުގުޅުމެއް އޮވެއެވެ. މިސާލަކަށް އިންޑިއާގެ ގައުމީ ސަލާމުން  "ބަހާރަތުމާ" ކިތަންމެ ރަނގަޅަކަށްވެސް ސިފަކޮށްދެއެވެ. ގައުމީ ޖޯޝް ގެނުވައެވެ.

ރާއްޖޭގެ ގައުމީ ސަލާމުން ގައުމީ ޖޯޝް ދިވެހިންގެ ހިތަށް ވައްދައެއް ނުދެއެވެ. ރާއްޖޭގެ ގައުމީ ސަލާމުން ހަގީގީގަތުގަޢި ރާއްޖެ ސިފަވެ ގައުމީރޫހު ހިތްތަކަށް ވައްދާދެއޭ ބުނާކަށް ފަސޭހައެއް ނޫނެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް ހަގީގަތަކީ އެއީއެވެ.

ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑެވެ. ދިވެހީންގެ މައިގަޑު ރޯދި ބަރަކާތް ގުޅިފައިވަނީ ކަނޑާއެވެ. ދިވެހިން މަސްހޫރުވެފައި ވަނީ ޒަމާނުއްސުރެ ކަނޑުގެ ދަރިންގެ ނަމުންނެވެ. ހުރިހާ ކަމެއްހެން ލާމެހިފައިވަނީ ކަނޑާއެވެ. އެހެންނަމަވެސް ދިވެހި ގައުމީ ދިދައިގައި ކަނޑު ކުލައަކަށް ޖާގައެއްނެތެ. 

]]>
Sun, 25 Jan 2026 21:11:25 +0500 އެޑިޓަރ
ފުވައްމުލަކު ވައުދުނާމާ: ކޮށްދެވުނު ކަމެއް ހަރާމުން ހަރާން https://heerasnews.com/3815 https://heerasnews.com/3815 ރައީސް މުއިއްޒު ސަރުކާރުން މުޅި ގައުމަށް ނިސްބަތްކޮށް އޮބި ނޯންނަވަރުގެ ވައުދުތައް ވެފައިވެއެވެ. ވަކިވަކި ސަރަހައްދު ތަކަށް ފިއްކަނޑައިގެން ދާވަރުގެ ވައުދުތައް ވިއެވެ. އަތޮޅުތަކާއި ސިޓީތަކާއި ރަށްރަށަށް ވެސް އެތައް ވައުދެއް ވެފައިވެއެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ވައުދު ފަށްފަށް ކުރަމުން އައުވައުދުވެއެވެ. 

ފުވައްމުލަކު ސިޓީ ވެސް އެކަމުން ހުސްވެގެން ނުވެއެވެ. ފުވައްމުލަކަށް ކޮށްދޭން ވައުދުވެފައިވާ ކަންކަމުގެ ވައުދު ލިސްޓުން ހަބަރެއް ހިލަމެއް ނުވެ ދެއަހަރު ވެގެން ދިޔަ ކަންކަމުގެ ހަނދާން އައުކޮށްލަމާހެއްޔެވެ.

  • މާލޭ ރަސްފަންނު ފަދަ ރީތި އާޓިފިޝަލް ބީޗެއް ހަދާދޭން ވީ ވައުދު ވީތަނެއްވެސް ނޭގެއެވެ. އެނގޭ ކަމަކީ އެއްވެސް އަމަލީ މަސައްކަތެއް އަދި ނުފެށޭކަމެވެ.
  • ފުވައްމުލަކު ރައްޔިތުން ބޭނުންވާ ގޮތަށް ޒަމާނީ ފެންވަރަށް ބަނދަރު ބޮޑުކުރުމަށް ވެސް ވައުދުވިއެވެ. އަދި އަދަށްވެސް ކުރި ކަމެއް ކުރާ ކަމެއް ނެތެވެ.
  • ފުވައްމުލަކު ސިޓީގައި ބިނާކޮށްދޭން ވައުދުވީ އެންމެ މިޒަމާނުގެ ދަނާލު ވައުދު އޮތީ ވީގޮތަށެވެ. ދަނާލު ބިނާކުރުމަށް އިނގިއްޔެއް ވެސް ހަލުވާލި ކަން ދެނަހުރި މީހަކު ނެތެވެ.
  • ފުވައްމުލަކު ސިޓީގައި ގައުމީ ފެންވަރުގެ ލައިބްރަރީއެއް ގާއިމުކުރުމަށް ވެސް ވައުދުވިއެވެ. ބިނާކޮށްދޭން ވައުދުވީ އެ ބުނާ ލައިބްރަރީ ހުރީ ކޮންތާކު ކިހިނެއްކަން އެނގޭ މަހުލޫގެއް އުޑުބަޅުކުރެއްވި ހިސާބުގައި ހުރިކަމަކަށް ނުވެއެވެ.
  • ފުވައްމުލަކު އެއާރޕޯޓުގެ ރަންވޭ ދިގުކުރުމުގެ ވައުދުވެސް އޮތީ ވާނުވާގައެވެ. ކުރިކަމެއް ކުރާކަމެއް ހަރާމުން ހަރާމެވެ.
  • ފުވައްމުލަކު އެއާރޕޯޓުގެ ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ރަނގަޅުކުރުމު ވައުދު ވެސް ފުއްދެނީއެއް ނޫނެވެ. މިސަރުކާރު އައިރު އޮތް ހާލަތަށްވުރެ އެންމެ ކަމެއްވެސް ހުސްވި ދެއަހަރު ތެރޭގައި ރަގަޅު ކޮށްފައެއް ނުވެއެވެ.
  • ފުވައްމުލަކު ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކޮށްފައި ހުރީ ބިމު އަޑީގައި ނޫންކަމެއް ނޭނގެއެވެ. ހަމަ ގައިމުވެސް ފުވައްމުލަކު ފަސް މައްޗަކު ޓާޝަރީ ހޮސްޕިޓަލެއް އަދި ނެތެވެ. ހޮސްޕިޓަލް ޓާޝަރީ ކުރަން ކުރި އެއްކަމެއް ރައްޔިތުންނަކަށް ފެންނާކަށް ވެސް ނެތެވެ.
  • މާބަނޑު މީހުންނާއި ކުޑަކުދިނަށް ހާއްސަކޮށްގެން ފުވައްމުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރަންވެސް ވައުދުވިއެވެ. ދެއަހަރު ވެރިކަމަށް ވެގެން ދިޔައިރު އެ ބުނި ހޮސްޕިޓަލެއް ގާއިމުކުރަން ކަމެއް ނުކުރާކަމީ ފެންނަން އޮތް ހަގީގަތެެކެވެ.
  • ފުވައްމުލަކަށް ހާއްސަކޮށްގެން އިކޯ ޓޫރިޒަމް ތައާރަފުކުރުމަށް ވީ ވައުދުގެ އަސަރެއް ވެސް ނުފެނެއެވެ. ތައާރަފް ކުރަންބުނި ފުވައްމުލަކު އީކޯ ޓޫރިޒަމް ތައާރަފްކުރުން އޮތްގޮތަކާއ އޮތް ހިސާބެއް ހަމަ ނޭނގެއެވެ.
  • ފުވައްމުލަކުގައި ހިންގަން ވައުދުވީ ސިޓީ ހޮޓާ މަޝްރޫއު ހިންގާތީއެއް އަދި ހިންގަން އުޅޭތަނެއް ވެސް ނުފެނެއެވެ. ފުވައްމުލަކު ސިޓީ ހޮޓާ ބިނާކުރަނީ ޖައްވުގައި ނޫންކަމެއް ވެސް ނޭނގެއެވެ.
  • ވަގުފް ބިނާއެއް ހަދައި ފުވައްމުލަކު ސިޓީގައި ހުރި ސަރުކާރުގެ އޮފީސްތައް އެއް ފުރާޅަކަށް ބަދަލު ކުރުމަށް ވީވައުދުގެ ހިލަންވެސް ނުވެއެވެ.
  • އިންޑޯ އައުޓު ޑޯ ކުޅިވަރުތަކާއެކު ފުވައްމުލަކު ސިޓީގައި ކުޅިވަރު ކޮމްޕްލެކްސްއެއް ހެދުމަށްވީ ވައުދު ހުދުކާފޫރަށް ވީތާއެވެ.
  • ބޯހިޔާ ވަހިކަން ހައްލުކޮށް ދިނުމަށް ފުވައްމުލަކުގައި ހިންގަން ބުނި ހައުސިން މަޝްރޫއު ވަނީ ބޯމަތިން ގޮސްފައެވެ.
  • ޑައިވަރުންނަށް ހާއްސަކޮށްގެން ފުވައްމުލަކު ސިޓީގައި ގާއިމުކޮށްދޭން ވައުދުވީ ޑިކޯ ޗެމްބަރ ހުވަފެން ވެސް ވެގެން ގޮސްފައިވަނީ ބިލާހަކަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އަނެއްކާވެސް ވައުދު އައުކުރަން ދެން ނުހަދާށެވެ، ވެރިކަމާއި މަޖިލސް މުއިއްޒަށް ދީގެން ރައްޔިތުން ބިކާރީވުން ނޫނީ ވީކަމެއް ނެތެވެ. ކައުންސިލް ދިނަސް އެނޫން ވަރެއް ނުވާނެއެވެ. މި ފަހަރު ސަރުކާރަށް ކައުންސިލް ދިނުމަކީ ރައްޔިތުންނަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ.

]]>
Tue, 20 Jan 2026 15:00:26 +0500 އެޑިޓަރ
ސިޔާސީވެރިން ރިސެޓްވުމުން ކިލައެއް މިލައެއް ނުހުރޭ! https://heerasnews.com/3761 https://heerasnews.com/3761 ސިޔާސީ ވެރިންގެ މަގުބޫލުކަން އޮންނަ ވަރެއް ނަގާ ވޯޓަކުން ނުވަތަ ޕޯލަކުން އެނގޭ ވަރަށްވުރެ ރާއްޖޭގައި ކަންކަން އަގަޑަ ބަގަޑައެވެ. ކޮންމެ ކަމެއް ކޮންމެހެނެއް އޮތަސް "ދެން ކީއްކުރާނީ" ވެފައި އޮތް މުޖުތަމައެއްގައި އެކަމުގައިވެސް ކުރާނެކަމެއް ނުއޮންނާނެތާއެވެ. ދެ ފަހަރު އެއް ވާހަކައެއް އެއް ގޮތަކަށް ދައްކާ އުޅޭ މީހުން މަދުތަނެއްގައި ހެވެއް ނުބައެއް ވަތްކެއް ނުވާނެތާއެވެ.

ސިޔާސީ ވެރިން ރިސެޓް ވެލީމާ ބަދަލުވެގެން ދަނީ ކިލައެއް މިލައެއް ކުލައެއް ނެތް ސާފު ފެން ފޮދަކަށެވެ. ފެކްޓްރީ ރިސެޓް ހަދާލުމުން ކުރިން ކަމެއް ކުރި ކަމަށްވެސް ނުވެއެވެ. ކޮރަޕްޝަނާއި ފަސާދައާއި އަނިޔާއަކީ ހުވަފެނުންވެސް ދުށް ކަންކަމަކަށް ޢޭރަކުން ނުވެއެވެ.

ސިޔާސީ ވެރިން ބޭނުންވާ ކަމެއް ހާސިލު ކުރަންވީމާ ކައިރި ނުވެވޭ ވަރަށް ދުރުވެވޭ ކަމަކަށް ނުވެއެވެ. ވަތްކަނޑާލަން ވީމާ ކަމުދާއެއް ކަމެއްނެތި ރަތް މަހަށް ނުކުރާވަރު ކޮށްލުންވެސް މައްސަލައަކަށް ނުވެއެވެ. ކީހާ ޅެން ފަރިއްސަށް ހަދާ އެ ހިނދަކަށް މަންފާހުރި ގޮތަކަށް އެނބުރެމުން ސެނބުރެމުން ދިޔުމަކީ މޮޅުކަމެވެ. ކުޅަދާނަ ކަމެވެ. ކޮޅު ބަދަލު ކޮށްލުމާއި އެކު ނުރުހުމުގެ ލޮލަށް ފެނުނުހާ އައިބުތައް ފޮރުވި ދޮންފުތު ވެދެއެވެ. 

ސިޔާސީ ވެރިން މަތި މައްޗަށް ދޮގުހެދުމާއި އޮޅުވާލުމާއި އުނބަށް ޖެހުމަކީ ސިޔާސީ ކަންކަމެވެ. އެއިން އެއްވެސް ކަމަކީ ވެރިންގެ ނިސްބަތުގައި ގޯހަކަށް ކުށަކަށް ނުވެއެވެ. ވެރިން ކުރާކޮންމެ ކަމަކީ ގައުމާއި ދީނާއި ރައްޔިތުންނަށްޓަކައި ކުރާކަންކަން ކަމަށް ދެކި ސަނާކިޔުން ނޫން ކަމެއް ނޯވެއެވެ.  

ސިޔާސީ ވެރިންގެ ތެޔޮގުޅާ ސާދާކުރުމުގައި ރައްޔިތުން ތިބެންވީ ހުވަފެން ބަލަބަލައެވެ. ކޮށްދޭން ބުނާ ކަންކަމާއި ވާން ހުރި ކަންކަމުގެ ގިނަކަމާއި މޮޅުކަމާއި ފަސޭހައާއި ލުއިގެ އިންތިޒާރުގައެވެ. ކިޔަމަންތެރިކަމާއެކު ކުރާނެ ކަމެއް ނޭނގި ދެން ކީއްކުރާނީގައި ފަހަކުން ފަހަކުން އަހަރުތައް ގުނާ އުމުރު ހުސް ކުރުމުގައެވެ. ދިރި ތިބީންނަށް ނެތް މޮޅެއް އަންނަން ތިބި ދަރީންގެ ދަރިންނަށް ހޯދާދެވޭނެ ކަމުގެ އުންމީދުގައެވެ. ވޯޓްލުން ނޫން ހައްގެއް ނުލިބި ކޮނޑުހުޅުން ނެއްޓޭ ވަރަށް އަތްޖަހާލަ ޖަހާލައެވެ. 

]]>
Thu, 25 Dec 2025 16:13:26 +0500 އެޑިޓަރ
ހޭވަރިވާނީ ރާއްޖެއަށް ޓްރެވަލްބޭން އަޅަން ފެށުމުން؟ https://heerasnews.com/3748 https://heerasnews.com/3748 ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދަކަށް ބިދޭސީން އުޅެއެވެ. ހުޅުމާލެއާއި މާލެއާއި ވިލިމާލެއާއި އަތޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގުމުގައި ވެސް ބިދޭސީން އުޅެއެވެ.

އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ޔޫރަޕުގެ ބައެއް ގައުމުތަކާއި ގަލްފްގެ ގައުމުތަކުގެ މީހުންވެސް ރާއްޖޭގައި އުޅެއެވެ. ޓޫރިސްޓުންގެ ގޮތުގައާއި އިންވެސްޓަރުންގެ ގޮތުގައާއި ޕްރޮފިޝަނަލް ހިދުމަތުގައާއި މަސައްކަތު މީހުންގެ ގޮތުގައެވެ. ދިވެހިންނާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ބިދޭސީންވެސް އެހާ ގިނައެވެ.

ބިދޭސީންނަށް އަމާޒުކޮށްގެން ވަކި ގަޑިއެއްގައި ނިކުމެ އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް ފިޔަވަޅު އަޅަން ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ. ގާނޫނު އަސާސީއާއިވެސް ހިލާފު ކަމެކެވެ.

މީހަކު ނިސްބަތްވާ ގައުމަކުން ނަސްލަކުން ކުލައަކުން ޖިންސަކުން ތަފާތު ކުރުމަކީ ސަރުކާރަކުން ކުރާނެ އެންމެ ލާއިންސާނީ ކުށެވެ. ނަސްލީ ތަފާތު ކުރުމަކީ ބައިނަލްއަގުވާމީ ކުށެކެވެ. 

އާއްމު އުސޫލާ ހިލާފަށް ވަކި ގަޑިއެއްގައި މަގުމަތީގައި އުޅޭ މީހުން ހުއްޓުވާ ސުވާލު ކުރަނީ ކާފިއު ހިންގާފައި އޮންނަ ހާލަތުގައެވެ. ކާފިއުގެ ހާލަތުގައިވެސް ހުއްޓުވާ ސުވާލު ކުރުމަކަށް ވަކިބަޔަކު ތަފާތެއް ނުކުރެއެވެ.

ދިވެހިރާއްޖެ ފަދަ ޓޫރިސްޓު ޑެސްޓިނޭޝަނެއްގައި ބިދޭސީންނަށް އަމާޒުކޮށް މީހުން ހުއްޓުވާ ސުވާލު ކުރުމަށް ނިންމުމަކީ އެއްވެސް ގޮތަކުން އެހާ ދުޅަހެޔޮ ނިންމުމެއް ނޫނެވެ. ކަމަކީ ދިވެހިރާއްޖޭގައި ގާއިމުވެފައިވާ ގަވާއިދުތަކާއި ސޮއިކޮށްފައިވާ އައިއެލްއޯގެ އުސޫލުތަކާއި އެނޫންވެސް ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ފުށު އަރާނެ ކަމެކެވެ.

ދިވެހި ގިނަ ވިޔަފާރިތަކާއި މަސައްކަތް ތަކުގައި ގިނަ ވަގުތު ތަކެއް ވަންދެން ބިދޭސީން މަސައްކަތް ކުރެއެވެ. ގެސްޓުން ވެސް ގިނަ ވަގުތު މަގުމަތީ ހަރަކާތްތެރިވެ އުޅެއެވެ. ހަމައެކަނި އަވައްޓެރި ގައުމުތަކުގެ މީހުނަށް އަމާޒު ކުރުމަކީ ނުރައްކާ ކުޑަކަމެއް ނޫނެވެ. ދިވެހިންވެސް ބޭރު ގައުމުތަކުގައި އުޅޭކަން އެގޭނަމަ ވިސްނާލިހެވެ. ކަމަކީ ވަރަށް ދޯހަޅި ނިންމުމެކެވެ.

ހާއްސަކޮށް އެންމެ ވަރުގަދަ ޓޫރިސްޓު ސީޒަނާއި ދިމާކޮށް ވެސް އެއްޔަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ހޭވަރި ވާނީ ގައުމުތަކުން ރާއްޖެއާއި ދެކޮޅަށް ޓްރެވަލް އެޑްވައިޒަރީތައް ނެރެ ބޭން އަޅަން ފެށުމުންނެވެ.

]]>
Thu, 18 Dec 2025 23:33:42 +0500 އެޑިޓަރ
މީޑިއާއަށް އޮތް މިނިވަންކަމަކީ މުއިއްޒަށް ސަނާކިޔުމާއި ކުރުވާހަކަ ކިޔުން https://heerasnews.com/3745 https://heerasnews.com/3745 މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ނޫސްވެރިކަމުގެ ސްލޫކީ މިންގަނޑެއް ހަދާ އާއްމުކޮށްފިއެވެ. އާއްމުކުރި ސުލޫކީ މިންގަނޑުގައި ހިމެނޭ ގިނަ ކަންކަންހުރީ ވަރަށް ދާއިރާ ފުޅާކޮށް ކަމިޝަނުން ބޭނުންވާހާ މާނައެއް ކުރެވޭ ގޮތަށެވެ. ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ މީޑިއާއެއްވެސް ބަނދެލެވޭނެހެންނެވެ. 

މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ނޫސްވެރިކަމުގެ ސްލޫކީ މިންގަނޑުން ތަފާތު ހިޔާލަކަށް ޖާގައެއް ނުދެއެވެ. ވިސްލްބްލޯއަކަށް ޖާގައެއް ނުދެއެވެ. މަސްދަރު ސިއްރުކުރާކަށް ޖާގައެއް ނުދެއެވެ. ތަހުގީގީ ނޫސްވެރިކަމަކަށް ޖާގައެއް ނުދެއެވެ. ސިޔާސީ ފާޑުކިޔުމަކަށް ޖާގައެއް ނުދެއެވެ. ހަގީގަތް ހާމަކުރުމަކަށް ޖާގައެއް ނުދެއެވެ. ލަފާކުރުމާއި ދެކޭގޮތް ހާމަ ކުރުމަކަށް ވެސް ޖާގައެއް ނުދެއެވެ. 

ސަރުކާރުގެ އިދާރާއަކުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ނޫނީ ވަކިކަހަލަ މައުލޫމާތެއް ހާމަކުރުން ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ނަމުގައިވަނީ ހިފެހެއްޓިފައެވެ. އަސްކަރަށްކުރާ ބޭކާރު ހަރަދުގެ ވާހަކައާއި ތުރުކީން ގަންނަ ޑްރޯންތަކާއި ހަތިޔާރުގެ ވާހަކަ ފަދަ ވާހަކަތައް މީޑިއާތަކުން ގެނެސް ދެންޏާ އެކަމަކީ ގައުމީސަލާމަތަށް ނުރައްކާކުރުން ކަމުގައިބަލާ މީޑިއާތަކަށް ފިޔަވަޅުއަޅަން ޖާގަހެދީއެވެ. 

ދޮގަކަށް ވެދާނެކަމަށް ބެލުމުގެ ފުރުސަތު ބޮޑު ވާހަކައިގެ ގޮތުގައި ބަލާ ސަރުކާރުން ހިންގާ ބޮޑެތި ކޮރަޕްޝަނާއި ފަސާދައާއި އެހެނިހެން ޖަރީމާތަކުގެ ވާހަކަ މީޑިއާތަކުން ގެނެސްދިނުް ހުއްޓުވުމަށް ޖާގަހެދީއެވެ. ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ހިޔާނާތުގެ ވާހަކަ ދޮގަކަށް ވެދާނެކަމަށްޓަކައި ދެއްކޭކަށް އޭރަކުން ނޯންނާނެއެވެ. ކިތަންމެ ބޮޑު ހަގީގަތެއް ނަމަވެސް އެކަމެއްގައި ސަރުކާރުގެ މަސްލަަހަތެއް އޮތްނަމަ އެކަމެއް ދޮގުކުރުމަކީ ސަރުކާރުން އާއްމުކޮށް ކުރާކަމެކެވެ. އެހެން ކަމުން ދޮގަކަށް ވެދާނެ ކަމަށްޓަކައި ހެއްކާ ގަރީނާ ކިތަންމެ ގިނަޔަސް ނޫސްވެރިޔާއަށް އެޒާތުގެ އެއްވެސް މައުލޫމާތެއް ހާމަ ކުރެވޭކަށް ނެތެވެ. 

މަތި މައްޗަށް ރައީސް މުއިއްޒު ދޮގުހަދާ އޮޅުވާލަމުން ދިޔަޔަސް ވަރިހަމައެވެ. ސަރުކާރުގެ މަތިބަރުވެގެން ގޮސް އިނދަޖެހުނަސް ވަރިހަމައެވެ. ހުއްޓާނުލާ ދަތުރުކޮށް ދައުލަތުގެ ފައިސާ ބޭކާރުގޮތުގައި ތަޅާބުރުއްސިޔަސް ވަރިހަމައެވެ. ރަށްރަށުގައި ހިންގަންފަށާފައިވާ މަޝްރޫއުތައް ހުއްޓި ފޫނުބެދޭހާ ބޮޑެތި ގެއްލުންވިޔަސް ވަރިހަމައެވެ. އާސަންދަ ނުލިބި މީހުން މަރަށް ތެޅުނަސް ހެވެވެ. ބޭސްނުލިބި ރައްޔިތުން އެދުމަތިވިޔަސް ވަރިހަމައެވެ. ދަރަނި އަދާނުކުރެވި މުޅި ގައުމު ބަޑަށްޖެހޭ ހިސާބަށް ދިޔަސް ހެވެވެ. އެފަދަ އެއްވެސް ވާހަކައެއް މީޑިއާއަކުން ދައްކާލައިފިނަމަ ނަފްރަތުގެ ކޮންޓެންޓާއި ނަފްރަތު އުފައްދަން ހިތްވަރުދޭ ކޮންޓެންޓުގެ ގޮތުގައި ބަލާ މާނަކޮށް މީޑިއާތަކަށާއި ނޫސްވެރިންނަށް ފިޔަވަޅުއަޅަން ކޮންޓްރޯލް ކޮމިޝަން އެއޮތީ ތައްޔާރުވެފައެވެ.

ކޮންޓްރޯލް ކޮމިޝަނުގެ ސްލޫކީ މިންގަނޑުން ކުރާ ނޫސްވެރިކަމެއްގައި ސަރުކާރުން ފަތުރަން ބޭނުންވާ ހަބަރާ މައުލޫމާތު ފެތުރުން ނޫން ކަމެއް  ނުކުރެވޭނެއެވެ. މީޑިއާ ތަކުން މިހާރު ކުރަން އޮތްކަމަކީ ރައީސް މުއިއްޒަށް ސަނާކިޔުމާއި ސަރުކާރުގެ އިދާރާތަކުން ބުނާއެއްޗެއް ބުނިގޮތަކަށް ގެނެސް ދިނުމާއި ފުރުސަތުގެ ފުރުސަތުކުޅުމާއި ކުރުވާހަކަ މުބާރާތް ބޭއްވުމެވެ.   

]]>
Wed, 17 Dec 2025 14:19:50 +0500 އެޑިޓަރ
އެމްއެމްޕީއާރުސީ https://heerasnews.com/3742 https://heerasnews.com/3742 މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބައްލަވާ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތު އޮތް އެތައް ބަޔަކު ކުރިފުޅުމަތީ ބައިތިއްބައިގެން ބޭއްވެވި ހަރުގެ ޖަލްސާއެއްގައެވެ.

ރައީސް އެހެން ވިދާޅުވުމުން މޫނުގެ ކުލަ ބަދަލުނުވާ އެކަކު އެތާ ނެތެވެ. ވާނީ އެހެންތާއެވެ. އަދުރޭއާއި ފަލާހާއި ޝުޖާއަށް ދާންދެން ތިބީ އެ ބޮޑު ހިޔާނާތުގެ ފަތީލެވި ދޮޅިކެނޑިފައެވެ. ޕީއެންސީ މައި ހަރުގޭގައި ހުންނަވާ ރައީސް އެހެން ވިދާޅުވުމުން ޕީއެންސީގެ މޭގަނޑު ގުޑައިގެން ދިޔައެވެ. އެހެން ވާނެތާއެވެ. ޕީއެންސީގެ އިސް ސަފުގައި އެމްއެމްޕީއާރުސީ ހިޔާނާތުން ބައިނޭޅޭ މީހަކު މަދެވެ. 

އެމްޕީއާރުސީގެ ބޮޑު ހިޔާނާތް ބަލާ ފިޔަވަޅު އަޅުއްވަން ރައީސް މުއިއްޒު ވިދާޅުވި ފަހުން އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ބޮޑު ހިޔާނާތުގެ ތަހުގީގު ކުރާގޮތެއް އޮތް ހިސާބެއް އެނގޭ އާދަމުގެ ދަރިއަކުނެތެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ދައުވާތައް ރައީސް ޔާމީނާ ދެކޮޅަށް އުފުލާ ބޮކު ދުވެލީގައި ޝަރީއަތް ހިންގަމުން ދާތީފެނެއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު އެތަން މިލިޔަން ރުފިޔާގެ ތެރެއިން އެންމެ ފައިސާ ފޮއްޗެއްހާ ހިސާބުވެސް އަދި ދައުލަތަށް ލިބުނުކަމަކަށް ނުވެއެވެ. އެހެން އެކަން އޮއްވާ ކުއްލިއަކަށް އިވުނީ އެމްއެމްޕީއާރުސީ ހިޔާނަތާއިގުޅޭ ގޮތުން ކުރީގެ ލީގަލް މިނިސްޓަރ އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔަ އަޑެވެ.

މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ އެމްއެމްޕީއާރުސީ ހިޔާނާތް ބަަލާނެކަމަށް ވިދާޅުވި ރައީސް މުއިއްޒަށް އާޒިމާ ޝަކޫރުގެ ޝަރީއަތް ވެސް ހިންގާލަން ކެރިވަޑައެއް ނުގަތެވެ. އާޒިމާގެ ޝަރީއަތް ހިންގުވާލަން ނުކެރުނު ސަރުކާރަކަށް ރައީސް މުއިއްޒުގެ ވަށައިގެން ތިބި އައުވާނުންގެ ތަހުގީގު ހިންގާ އިންސާފުވެރި ޝަރީއަތެއް ހިންގާކަށް ނުކެރޭނެއެވެ. 

]]>
Mon, 15 Dec 2025 18:44:43 +0500 އެޑިޓަރ
ފުލުހުންގެ ވާޖިބު އޮންނަނީ މުޒާހަރާ ރޫޅުމާއި ޓޯކުރަން https://heerasnews.com/3735 https://heerasnews.com/3735 މުއިއްޒުގެ ވެރިކަމުގައި މީހުންގެ މުދަލަށް އަރައިގަތުމަކަށް ކޯޓް އަމުރެއް ބޭނުމެއް ނުވެއެވެ. މުއިއްޒުގެ ހުދުމުހުތާރު ގޮށްމުށުގެ ބާރު ރައްޔިތުންގެ މައްޗަށް ފޯރުވުމުގައި ފުލުހުން ލަދެއް ހަޔާތެއް ނުހުރެއެވެ.

ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އިހުތިޖާޖް ކުރުމުގެ ހައްގުގެ ބޭނުން ރައްޔިތުން ހިފުމަކީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ކަމަށް ވަނީ ހަދާފައެވެ. ފުލުހުންނަކީ ބެލުމުގެ ދަށަށް ގެންގޮސްފައި ހުންނަ އެތައް ހާސް ޑޮލަރާއި ސިގިރޭޓް ކާޓޫނުތައް ގެއްލޭ އިރު ނޭނގޭ ބައެކެވެ.

ބޮޑެތި ބިޔަ ޖަރިމާ ހިންގުމުގައި ބައިވެރި ވުމުގެ ރެކޯޑް އޮތް ބައެކެވެ. އެކަންކަމުގައި ވާޖިބެއް ޒިންމާއެއް ނޯވެއެވެ. ފުލުހުންގެ ވާޖިބު އޮންނަނީ މުޒާހަރާ ރޫޅާލާށާއި ދުއްވާ އެއްޗެތި ޓޯކޮށް ރައްޔިތުންނަށް އަނިޔާވެރި ވާންވީމައެވެ.

މީހުންގެ އަގުބޮޑު ކާރުތައް ޓޯކޮށް ވުޖޫދުން ފުހެލަންވީމާ ފުލުހުންގެ ވާޖިބު ކެކިއަރައެވެ. މުޒާހަރާ ކުރަން ބަޔަކު ނިކުމެއްޖެއްޔާ ގުންފައި ޖަހައިގަންނައިރު އެވަރު ބަޔަކު ނެތޭހީވެއެވެ. 

މަސްވެރިންގެ މުޒާހަރާ ރޫޅާލަން ދޯނި ފަހަރަށް އަރާ ތިން ދޯނި ބެލުމުގެ ދަށަށް ގެންދަން ވީމާ ކޯޓް އަމުރަކަށް ބޭނުމެއް ނުވެއެވެ. ގަވައިދުން ޓެކްސް ދައްކައިގެން މީހުން އެތެރެކޮށްފާ ހުންނަ އަގުބޮޑު  ވެހިކަލް ވުޖޫދުން ފުހެލަން ވީމާ ފުލުހުންނަށް ކޯޓް އަމުރެއް ބޭނުމެއް ނުވެއެވެ. ވާޖިބުތަޢް އޮންނަނީ ދަވަލާ ފައިބާފައެވެ.

]]>
Thu, 11 Dec 2025 15:17:30 +0500 އެޑިޓަރ
އިންތިހާބުތައް ބޯމަތިވުމުން ރައީސް އުޅުއްވަނީ ވަރަށް އައްޗިކޮށް https://heerasnews.com/3724 https://heerasnews.com/3724 ކޮންމެ ފަހަރަކުވެސް އިންތިހާބެއް ބޯމަތިވުމުން ރައްޔިތުންގެ ގްރޫޕްތަކާ ބައްދަލު ކުރެއްވުމަކީ ރައީސް މުއިއްޒުގެ އާދައެކެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަމަކަށް ވަކިވަކީން އެޓެންޑްވެ ވަޑައިގެން ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެއެވެ. އަހާ ފޯރަމާއި ބަހާ ފޯރަމާއި ކަހާ ފޯރަމު ބާއްވަވައިގެން އެވިދާޅުވާ އެޓެންޑެއްވެ ވަޑައިގެން ކަމެއް ރަނގަޅު ވާތަނެއް ނުފެނެއެވެ. 

ދުވަހެއް ދުވަހަކަށް އާއްމު ރައްޔިތުންނަށް ދަތިވުން ނޫންކަމެއް މި ވެރިކަމުގައި ނުވެއެވެ. އާއްމު ބަލި ބައްޔަށް ކުރިން ފަސޭހަކަމާއެކު ރާއްޖޭން ލިބެމުންއައި ގިނަ ބޭސް ގަންނަންވެސް ރާއްޖޭން ލިބޭކަށް ނުހުރެއެވެ. އައިޖީއެމްއެޗްގެ ވެއިޓްލިސްޓްގެ ކިޔޫ ކުރެއް ނުވިއެވެ. ކުރިން އައިޖީއެމްއެޗުން ފަސޭހަކަމާއެކު ހެދޭ އެތައް ޓެސްޓެއް ނުހެދި އެތައް ދުވަހެއް އެބަނަގައެވެ. ނަމުގައި ރާއްޖޭން ބޭސްނުކުރެވޭ ބައްޔެއްނެތެވެ. ރާއްޖޭން ބޭސްކުރަން އައިޖީއެމްއެޗްގެ ކިޔުގައި އޮއްވާ ބަލިހާލު ބޮޑުވެ ކަށްވަޅަށް ނޫނީ އައިސީޔޫއަށް ދާންޖެހެނީ އެކެއް ދެ މީހަކަށް ނޫނެވެ.

ފޮޓޯނަގާ ކެޕްޝަން ހަދައިގެން ރާއްޖޭގެ ސިއްހީ ހިދުމަތާއި ބޭސްފަރުވާގެ މޮޅު ވާހަކައާއި ފަސޭހަކަމުގެ ވާހަކަ ބޮޑު ހޭދަކޮށްގެން ބަޔަކުލައްވާ އެބަ ފަތުރައެވެ. ފަތުރާ ފޮޓޯތަކާއި ކެޕްޝަން ތަކުން މިހާރު ރާއްޖެއަކީ ދުނިޔޭގައި ސިއްހީ ހިދުމަތް އެންމެ ރަނގަޅުކަމަށް ބަލާ ޓައިވާނާއ ސައުތުކޮރެޔާ އާއި ޖަޕާނާއި ނޯވޭ އާއި ނެދަރލެންޑަށް ވުރެވެސް ކުރީގައި އޮތްތަނެކޭ ހީވެއެވެ. 

މަައްޗަށް ނާރާނެކަމަށް ވިދާޅުވަމުން ގެންދެވި ޑޮލަރުގެ އަގު ވިއްސަށްވުރެ ތިރިނުވެ އޮތުމުން ބާޒާރުގައި މުދަލުގެ އަގަށް އަތެއް ނުފޯރައެވެ. އާއްމު އަޑައިގެ ބޭނުމަށް ތަކެތި ގަންނަ އޮންލައިން ޕްލެޓްފޯމް ތަކުން ކުރާ ވިޔަފާރިތަކަށް ހަދާ ކޮންމެ ޓްރާންސެކްޝަނަކަށް 30 ކަޑާލާ އެކަންވެސް ވަނީ ގެއްލުން ބޮޑު ތަކުލީފަކަށް ހަދާފައެވެ.

ދުންފަތާ ދުރުކުރުމުގެ ނަމުގައި އެޅުއްވި ފިޔަވަޅުތަކުން ނިކަމެތިންގެ ޖީބުތައް ދިޔައީ ފުލެވެ. ސަރުކާރަށް ލިބުނު އެތައް މިލިޔަން ޑޮލަރު ނުލިބި ގެއްލުނީއެވެ. ސްމަގުލަށް ބޮޑު ދޮރެއް ހުޅުވި އެތައް ބަޔަކު ޖަލުގޮޅިތަކުގައި ތާށިވީއެވެ.  

ހައުސިންގ މިނިސްޓްރީ އަނދާ އަޅިއަށްވުން ފިޔަވާ ސަރުކާރުން ތަންފުކެއްވެސް ކުޑަވީ ތަނެއް ނުފެނެއެވެ. ކަމެއްނެތް ނަމެއްގައި ސިޔާސީ މަގާމު ބެހުން ހުއްޓައެއް ނުލައެވެ. މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ ބައްލަވާނެ ކަމަށް ވިދާޅުވި އެމްއެމްޕީއާރުސީ މައްސަލައޮތީ އޮތްތާގައެވެ.

މިހެން ކިޔާފައި ނުކިޔާނެ ވަކިކަމެއްނެތެވެ. ރަނގަޅުކަމެއް ރަނގަޅުވާކަމެއް ނުފެނެއެވެ. މުއިއްޒު ސަރުކާރުން ކުރާ ކޮންމެ ކަމަކާއެކު އެއްހަމައެއްގައި ނުވަތަ އެއަށްވުރެ މަތީގައި އޮންނަނީ ކޮރަޕްޝަނާއި ހިޔާނާތެވެ. ބޭއިންސާފާއި އިސްރާފެވެ. މަކަރާ ހީލަތާއި ނާގާބިލުކަމެވެ. އަމްދުން އިންތިހާބުތައް ބޯމަތިވުމުން ރައީސް އުޅުއްވަނީ ވަރަށް ވެސް އައްޗިކޮށެވެ. 

]]>
Fri, 05 Dec 2025 13:19:04 +0500 އެޑިޓަރ
ފުލުހުންގެ ވެރިން ކޮށާކާޅަށް ދިނަސް ވަޒީރު އިހުސާނަށް ވަރިހަމަ! https://heerasnews.com/3723 https://heerasnews.com/3723 މިހާރަކު ޖެހިގެން މިއުޅެނީ ކޮންފަދަ ބަލިމަޑުކަމެއް ހެއްޔެވެ. ދައުލަތުގެ ތަންފީޒީ އިދާރާތަކުގެ އިސްވެރިން ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން ފޫގަޅައިގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ.

ފުލުހުންގެ ޑެޕިއުޓީ ކަމިޝަނަރަކާއި އޭސީޕީ ޝިފާން ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ނިންމިތާ މާގިނަ ދުވަހެއް އަދި ނުވެއެވެ. އޭގެ ކުރިން ކަސްޓަމްސްގެ ޑެޕިއުޓީ ކަމިޝަނަރ އަކުވެސް ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ނިންމިއެވެ. އެންމެ ފަހުން ޕޮލިސް ކޮމިޝަނަރ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔިތު ކޮމެޓީން ހުސްވި މަސް ނިމިނިމި އޮއްވާ ވަނީ ފާސްކޮށްފައެވެ. މިފަހަރު ސަސްޕެންޑް ކުރަން ނިންމީ ފުލުހުންގެ ލަޝްކަރުގެ އެންމެ އިސް މީހުންނެވެ. 

ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެކެވެ. ކުރަންވެސްޖެހޭ ކަމެކެވެ. އެހެނެއް ކަމަކު ބަޔަކަށް ފިޔަވަޅުއަޅަން ފާސްކުރުމުގެ ކުރިން ފާސްކުރަން ތިބި މެންބަރުން ތިބީ ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްވެގެންތޯ އަމިއްލައަށްވެސް ވިސްނާލުން ރަނގަޅެވެ. ކޮރަޕްޝަނާއި ފަސާދަ ނައްތާލުމުގެ ނަމުގައި ކުރާ އެފަދަ ކަންކަމަކީ ބަޔަކު މީހުންގެ ކިބައިން ބަދަލެއް ހިފާލުމަށް ނުވަތަ ވަކިބައެއްގެ ބާރުގެ ދަށަށް ތަންފީޒީ މުއައްސަސާތައް ގެންދިޔުމުގެ ނުބައި ނިޔަތުގައި ކުރާކަމަކަށް ނުވުމަށްވުރެ ވުންގާތެވެ.

ކަންކަން ހިނގާ ގޮތާމެދު ވިސްނާލުމުން ދައުލަތުގެ ޔުނީފޯމް ބޮޑީތަކުގެ އިސްވެރިން ސަސްޕެންޑް ކުރުމަށް ނިންމަމުން ދަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް (ނަމިރާ ނާޒިމް) ކޮންޓްރޯލްކުރާ ކޮމެޓީ ތަކަކަށްވުމަކީ ކުޑަ އިއްތިފާގެއް ނޫނެވެ. ހަމައެކަނި މާލިއްޔަތު ކޮމެޓީއަށް ވިސްނާލިޔަސް ރައްޔިތުންގެ ތެރޭގައި ކޮރަޕްޝަނުގެ އިނގިލި ދިއްކުރެވޭ މީހުން އެބަ ތިއްބެވެ. އަމިއްލަ ވިޔަފާރީގެ މަސްލަހަތު ހިމާޔަތްކުރަން މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ވާދަވެރި ވިޔަފާރިތައް ފުޑާލަން މަސައްކަތް ކުރާ ބަޔަކު މާލިއްޔަތު ކޮމެޓީގައި ތިބިކަމަށް ބުނާ މީހުން މަދެއްނޫނެވެ. 

ހުދު އަހުމަދު ނާޒިމުގެ ނަޒާހަތްތެރިކަމާމެދު މީހުން ސުވާލު އުފައްދައެވެ. 25 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މައްސަލަ އަލުން ބަލަށް އަމުރުކޮށް ސްޕްރީމް ކޯޓުން ދޫކޮށްލުމުން އެމައްސަލަ އަލުންނުބަލާ އޮތްއޮތުމަކީ އޭނާއަށް ނަޒާހަތްތެރިކަމުގެ ލައިންސަންސް ދިނުމެއް ނޫނެވެ. ނާޒިމަށް ނިސްބަތްވާ ނަމިރާ ކުންފުނި މެދުވެރިކޮށް ހިންގިކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައި ހުރިހާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކާއި މީހުން ބްލެކްމެއިލް ކުރުވުމަށް ތުހުމަތުކޮށް ހުށަހެނުހާ ޖަރީމާތަކުގެ މައްސަލަތައް ފުލުހުންގެ ރެކޯޑްތަކުން ފޮހެލީތޯވެސް އެތައް ބަޔަކު ސުވާލު ކުރެއެވެ. ނޫނީ އެމައްސަޔަތައް ބެލުމުގެ ހިތްވަރު ފުލުހުންގެ ނެތީތޯ މީހުން ސުވާލު އުފައްދައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ބޭނުންކޮށްގެން ފުލުހުންގެ އިސް އޮފިސަރުންތަކެއް ބަދުނާމުކޮށް އެ މީހުންގެ އަގުވައްޓާލާއިރު ހޯމް މިނިސްޓަރަކީ އަޅެކީއް ކުރާ މީހެއް ހެއްޔެވެ. ޖަވާބުދާރީވުމަށް ފުރުސަތު ނުދީ ކޮމެޓީއަކުން ނިންމާ ކަމަކަށް ފިޔަވަޅު އެޅުމަކީ މުޅި މުއައްސަސާއާއި ފިޔަވަޅުއެޅޭ ބައެއްގެ ކަރާމާތާއި ނަޒާހަތްތެރިކަމަށް ދެވޭ އިޔާދަ ނުކުރެވޭ ވަރުގެ އަނިޔާއެކެވެ. އެބައެއްގެ އަނބިދަރިންނާއި އާއިލާއަށްވެސް ދެވޭ ދާއިމީ އަނިޔާއެކެވެ. އެ ގޮތުން ޕޮލިސް ކަމިޝަނަރ އާއި ޑެޕިއުޓީ ކަމިޝަނަރާއި ސީނިއަރ އެތައް އޮފިސަރުން ކޮށާ ކާޅަށް ކާންދޭއިރު ހޯމް މިނިސްޓަރު އަދާ ކުރާނެ ޒިންމާއެއް ހަމަ ނެތީ ހެއްޔެވެ. 

]]>
Fri, 05 Dec 2025 11:45:00 +0500 އެޑިޓަރ
މިހާލަތުގައި ޕްރައިމަރީ ބޭއްވުމަކީ އެމްޑީޕީއަށް ބޮޑު ގެއްލުމެއް https://heerasnews.com/3705 https://heerasnews.com/3705 އެމްޑީޕީ އެކަތިގަޑަކަށް ހަދާ ބާރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި ބާއްވާން ބޭނުންނަމަ އެމްޑީޕީން ކުރާނެ ކަމަކީ މިވަގުތު އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް ތަކަށް ހޮވިގެން ހިދުމަތް ކުރައްވާ މެންބަރުންނަށް މަގާމު ކަށަވަރުކޮށް ދިނުމުގެ މަސައްކަތެވެ. މަގާމުގައި ތިއްބެވި މޭޔަރުންނާއި ކައުންސިލަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމެވެ.

މި ދަނޑިވަޅު ސިޓީތަކުގެ މޭޔަރުންގެ ގޮތުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުންނަށާއި އެމްޑީޕީގެ ކައުންސިލަރުންނަށް މަގާމު ކަށަވަރުކޮށް ދެވަނަ ދައުރެއް ހޯދައިދޭން ނޫޅެ ޕްރައިމަރީ ބާއްވައިގެން ޕާޓީގެ އެތެރެ ބައިބައިކުރުމަކީ ބޮޑު ގެއްލުމެކެވެ. އެމްޑީޕީގެ ކައުންސިލަރުން ނެތް ގޮނޑިތަކަށް ވާދަކުރާނެ ގާބިލު މީހުން ހޯދާ އާއްމު ޕްރައިމަރީއަކަށް ނުގޮސް ޕާޓީ ޓިކެޓް ދޭނެ މީހަކު ކަނޑައެޅުމަކީ ވެސް މިވަގުތު ވިސްނާލަން މުހިންމު ކަމެކެވެ.

ކިތަންމެ ޑިމޮކްރެޓިކް ގޮތެއްކަމަށް ޕާޓީ ޕްރައިމަރީ ވިޔަސް ޕާޓީ އެކަތިގަޑަކަށް ހަދާ އެއްވާނެއްގައި ސަރުކާރު ޖަވާބުދާރީ ކުރަން ބޭނުންނަމަ މިހާލަތުގައި ޕްރައިމަރީ ބޭއްވުމަކީ އެމްޑީޕީއަށް ބޮޑު ގެއްލުމެކެވެ. ޕްރައިމަރީތަކުގެ ތަޖުރިބާއަށް ބަލައިލުމުން ބަލިވާ ކެންޑިޑޭޓާއި އެނާގެ ސަޕޯޓަރުން ކާމިޔާބުކުރާ ކެންޑިޑޭޓްގެ ފަހަތަށް އަރާ އެކުގައި މަސައްކަތްކޮށް ޕާޓީއަށް ގޮނޑި ހޯދައިދޭން އުޅެފައި އޮތްތަނެއް މަދުން ނޫނީ ނުފެނެއެވެ. 

ޕްރައިމަރީއެއް ބާއްވާ ނިމޭއިރު އެކުގައި މަސައްކަތް ނުކުރެވޭ ވަރަށް ތިބެނީ އެކުގައި މަސައްކަތް ކުރުން އެއްކިބައިގާ އޮއްވާ ވާހަކަ ދައްކާލާ ނޫޅެވޭ ވަރަށް ޖެހި ފިތި ބާރުވެފައެވެ. ގައުމީ އިންތިހާބުތައް ގެއްލެން ދިމާވަނީ ޕްރައިމަރީގައި ވާ ޑެމޭޖުގެ ބޮޑު ކަމުންނެވެ. އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ޕްރައިމަރީގެ ސަބަބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތައް ގެއްލުނީވެސް ޕްރައިމަރީގައި އުފެދުނު ޖަޒުބަތުގައެވެ.

މިހާރު ކަންތައް ހުރި ހިސާބުން މާލޭ މޭޔަރ ކަމުގެ ގޮނޑި އެމްޑިއަށް ދިފައުކުރަން ފަސޭހައެއް ނުވާނެއެވެ. ވަދަވެރި ދެޕާޓީއެއްގެ ކުރިމަތިލުމަށްވުރެ މިހާރުވެސް މާލެ ސިޓީ މޭޔަރ ޕްރައިމަރީ އެމްޑިޕީގައިވަނީ ހޫނުވެފައެވެ. ޕޮރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަކާއެކު ޕާޓީއަށް ގޮނޑި ދިފާއުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ނުކުރެވޭ ވަރަށް އެއްކޮޅުން ދަނީ ސިޓިންގ މޭޔަރު ޑެމާޖުކުރަން މަސައްކަތް ކުރަމުންނެވެ. އެހެން ސިޓީތަކާއި ރަށްރަށުގެ ހާލު އެނގޭނީ ރަނގަޅަށް ޕްރައިމަރީގެ ފޯރި ހިފާލީމައެވެ. 

]]>
Wed, 26 Nov 2025 11:46:39 +0500 އެޑިޓަރ
2025ގައި ގާއިމުކުރަން ބުނި ކުނި މެނޭޖްކުރާ ނިޒާމް ދިޔައީ ފެނަށް https://heerasnews.com/3657 https://heerasnews.com/3657 ރާއްޖޭގައި މީހުންއުޅޭ ހުރިހާ ރަށެއްގައި 2025 ގައި ގާއިމުކޮށް ނިންމަން މުއިއްޒު ސަރުކާރުން ބުނި ކުނި މެނޭޖްކުރުމުގެ ނިޒާމްގެ ހަބަރެއް ހިލަމެއް އަދި ނެތެވެ. 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން މަޖިލީހަށް ގޮސް ހުރިހާ ރަށެއްގައި ފެންވަރު ހުރި ކުނިމެނޭޖް ކުރުމުގެ ނިޒާމެއް މި އަހަރު ގާއިމު ކުރާނެ ކަމަށް ބުނީ މުއިއްޒު ނޫން ދެވަނަ މީހެއް ނޫނެވެ. 

އެވާހަކަ މުއިއްޒު ދެއްކީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައެވެ. އޭގެފަހުން މިއަދަށް މިވީ ބަރާބަރު 9 މަސް ދުވަހެވެ. ބަނޑުގައި ގަރުބަގަންނަ ދަރިއަކުވެސް 9 މަހާ 10 ދުވަހުން ވިހައެވެ. އެކަމަކު އަހަރު ނިމެން ދޮޅު މަހަށް ވާއިރުވެސް މުއިއްޒު އެބުނާ ފެންވަރު ރަނގަޅު ކުނި މެނޭޛްކުރުމުގެ ނިޒާމް ރާއްޖޭގެ ރަށްރަށުގައި ގާއިމު ކުރެވޭތަނެއް ނުފެނެއެވެ.

49 ބިލިޔަނަށް ވުރެ ބޮޑު ބަޖެޓެއް ހުސްވެ އަނެއް އަހަރަށް ބަޖެޓް ފާސްކުރާއިރު އެއްކަލަ ކުނި މެނޭޖްކުރާ ނިޒާމްގެ ވާހަކަ އޮތީ އޮތް ތާނގައެވެ. މުއިއްޒު ސަރުކާރުން ކުނި މެނޭޖުކުރާ ނިޒާމް ގާއިމުކުރަން ކުރިކަމެއް ގާއިމުކުރެވުނު ކުނި މެނޭޖުކުރާ ނިޒާމެއް ރަށްރަށުން ފެންނާކަށް ނެތެވެ. ކުޑަވެސް ކަމެއް ކޮށްލެވުނަސް އަޑުއަރުވާ ހަވާއަރުވާ ބަޔަކަށް ރަށެއްގައި ކުނި މެނޭޖުކުރަަން ނިޒާމެއް ކުޑަ ނަމަވެސް ގާއިމުކުރެވުނު ނަމަ، ރާގުރާގަށް ހޭނުބަހައްޓާ އެވާހަކަ އެއް ދެއްކީހެވެ. 

ކުނި މެނޭޖުކުރާ ނިޒާމް ގާއިމުކުރުންވެސް ވެގެން އެދަަނީ މުއިއްޒު ޖަހާ ޖަމަލު ފޮޑިއަށެވެ. ވާނީވެސް އެހެންތާއެވެ. މުއިއްޒު ކިތަންމެ ބޮޑު ދޮގެއް ހަދާ އޮޅުވާލިޔަސް ޖަވާބުދާރީ ކުރާނެ ބަޔަކު ކުރެވޭނެ ބަޔަކު ތިބީއެއް ނޫނެވެ. ކުޑަމިނުން މަޖިލީހަށް ގޮސް މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި ކުރަން ބުނާ ކަންކަން އެއް އަހަރުން އަނެއް އަހަރަށް ނުވެ ހޮޅި ވައުދަށް ވާއިރު ހޭއަހާލާނެ މެންބަރެއް މުއައްސަސާއެއް މަޖިލީހެއް އޮންނަނީ އެއްނޫނެވެ. 

]]>
Thu, 06 Nov 2025 13:55:56 +0500 އެޑިޓަރ
ހުޅުދޫ ޝާޑަށް: މާލޭ ދަފްތަރު އުވާލުމަކީ ގައިރު ގާނޫނީކަމެއް https://heerasnews.com/3635 https://heerasnews.com/3635 ގެދޮރު ނެތް މީހުންގެ ދަފްތަރަކީ މާލޭގައި އެކަނި އޮތް އެއްޗެއް ނޫނެވެ. ރަޖިސްޓްރާނެ ވަކި ގެއެއް ނެތް މީހުން ދަފުތަރުގައި ޖެހިގެން އެ މީހަކު އުޅޭ ރަށެއްގައި އުޅުމުގެ ހައްގަކީ ގާނޫނުން ލިބިދީފައި އޮންނަ ހައްގެކެވެ. 

ރައްވެހިންގެ ދަފުތަރު އުވާލައިފިނަމަ ޖައްސާނެ ތަނެއް ނެތް އެތައް ބަޔަކު ރަށް މެދު ވާނެއެވެ. އަމިއްލަ ވަޒަނެއް ނެތަސް މެދުނުކެނޑި 5 އަހަރު ވަންދެން މީހަކު ދިރިއުޅޭ ރަށެއްގައި ރައްވެހިވުމުގެ ހައްގު ކޮންމެ މީހަހަކަށް ގާނޫނުން ލިބިދެއެވެ. 

ރަށް ރަށުގެ ހާއްސަ ދަފުތަރުތަކަކީ ގާނޫނީ ހައްގެއް ލިބި ދިނުމަށް އުފެދުނު އެއްޗެކެވެ. ގެދޮރު ނެތް ރައްވެހިންނަށް އޮތް ގާނޫނީ ހައްގެއް ނިގުޅައިގަތުމަށް ރައްޔިތުންގެ މަޖިލިސްގެ މެންބަރަކު ގޮވާލުމަކީ ޖަޒްބާތުގައި ގޮވާލެވެނު ގައިރު ގާނޫނީ ގޮވާލުމެކެވެ. ހުޚުދޫ ދާއިރާގެ މެންބަރ ޝާހިދު ( ޝާޑް ) ގޮވާލި ގޮވާލުމުން އެނގެނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރުމަށް ތަސައްރަފު ނުފުދޭކަމެވެ.

މާލެ ސިޓީގެ ހާއްސަ ދަފުތަރު އުވާލަންޖެހޭނީ ދަފުތަރުގައި ޖެހިފައި ތިބިމީހުންނާއި އޭގެފަހުންވެސް އެހާލަތަށްދާ ރައްވެހިންނަށް ގޮތެއް ހޯދާދީފައެވެ. ނާޖާއިޒު ގޮތުގައި ރަށް ރަށުގެ ދަފުތަރުގެ ބޭނުންކުރުން ހުއްޓުވުމަށް ކުރެވޭނެ ކަންކަން ނުކޮށް ދަފްތަރު އުވާލުމަކީ އައު މައްސަލަތަކެއް އުފަންވެ ބަޔަކު މަގުމަތިވާނެ ކަމެކެވެ. 

ގައުމުގައި ރެފިއުޖީން ތަކެއް އުފަން ކުރުމަށް ހައްލެއް ހޯދާނުދީ މާލެސިޓިގެ ދަފުތަރު އުވާލަން އުޅޭ އުޅުމަކީ ގައިރު ގާނޫނީ ކަމެކެވެ. 

]]>
Tue, 28 Oct 2025 19:40:05 +0500 އެޑިޓަރ
ކަނޑު ދޫކޮށްލި ކަމަށްބުނެ މުއިއްޒު ހެދި ދޮގުވެސް ބޭޒާރުވެއްޖެ https://heerasnews.com/3614 https://heerasnews.com/3614 ރައީސް ސޯލިހު ވެރިކަމުގައި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލިކަމަށް ބުނެ ދެއްކި ވާހަކައަކީ ދޮގެއްކަން  މުއިއްޒުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމު މިހާރު އެވަނީ ކަށަވަރު ކޮށްދީފައެވެ. ކަނޑުން ބައެއް ދޫކޮށްލިކަމަށް ބުނެ އޭރުގެ ސަރުކާރާ ދެކޮޅަށް ދެއްކި ވާހަކައަކީ ކަނޑައެޅިގެން ހެދި ދޮގެއްކަން ސާބިތުވެ ނިމުނީއެވެ. 

މުއިއްޒުގެ ބަންޑާރަ ނައިބު ރައްޔިތުން މަޖިލީހުގައި ސާފުބަހުން އެ ވިދާޅުވީ ކަނޑުން ބައެއް ދޫކޮށްލިކަމަށް ބާރުލިބޭ އެއްވެސް ލިޔެކިޔުމެއް ކުރީ ސަރުކާރުން އެއްވެސް ފަރާތަކަށް ދީފައި ނުވާކަމަށެވެ. އުޝާމްގެ ވާހަކައިން ކަށަވަރުވި އަނެއް ކަމަކީ ކަނޑުން ބައެއް ގެއްލުނުކަމަށް ބުނެ އެބައި ހޯދުމަށް އިޓްލޮސްގައި އިސްތިއުނާފް ކުރުމަށް ކުރިހުރިހާ މަސައްކަތެއް ފޭލިވެއްޖެކަމެވެ. އަނެއްކޮޅުން ކަނޑުން ގެއްލުނުބައި ހޯދުމުގެ ނަމުގައި ހަބީރުންގެ ބަޔަކަށް އެތައް މިލިޔަން ޑޮލަރެއް މިސާރުކާރުން ހޭދަކުރި ކުރުމަކީ ގަސްދުގައި މުއިއްޒު ސަރުކާރުން ގައުމަށްވީ ހިޔާނާތަކަށްވެ ނިމުނީއެވެ.  

ޕްރޮގްރެސިވް ކޯލިޝަނުން ވެރިކަމުގެ ދަހިވެތި ކަމުގައި ފެތުރިހުރިހާ ވާހަކައެއް ވެސް ދޮގަށްވެ ނިމުނީއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ކަނޑުން އަކައިންޗިއެއް ވެސް ދޫކޮށް ނުލާކަމާއި ވިއްކާ ނުލާކަމަށް މުއިއްޒު ސަރުކާރުން އެއްބަސްވެއްޖެއެވެ. ހާސްހާހުން އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ނުތިބޭކަންވެސް މުއިއްޒު ސަރުކާރުން ވަނީ ކަށަވަރުކޮށް ދީފައެވެ. ވެންޓިލޭޓަރުގެ ވައްކަމަކީވެސް ކުރި ކަމެއް ނޫންކަން މުއިއްޒު ސަރުކާރުން މިހާރު އެވަނީ ކަށަވަރު ކޮށްދީފައެވެ. 

ވެރިކަމުގެ ދަހިވެތި ކަމުގައި ފެތުރި ދޮގު ވާހަކަތަކުގެ ހަގީގަތް މިހާރު އެވަނީ ބޭޒާރުވެފައެވެ. ފިތުނަޔާއި ނަފްރަތު އުފައްދައިގެން ރައްޔިތުންނަށް އޮޅުވާލައިގެން މުއިއްޒު އިސްވެހުރެ ކުރަން އުޅުނީ ކިއްކަން މިހާރު ރައްޔިތުންނަށް ކިތަންމެ ރަނގަޅަކަށްވެސް ސާފުވާނެއެވެ. ދޮގާއި ހީލަތާއި މަކަރުން ދައުލަތް ލޫޓުވާލަން ބަޔަކު ކުރާނެ އެންމެ މުޑުދާރު ކަންކަން މުއިއްޒު އެހުރީ ކޮށްގެންނެވެ.

ވެރިކަން ހެދިހާ ދޮގުތައް ފަޅާއަރާ މުއިއްޒު އެހުރީ ބޮލާފޮށާ އެޅިފައެވެ. ވެރިކަން ލިބުމަށް ފަހުވެސް މަތި މައްޗަށް ދޮގު ވައުދުވެ ދައުރު ދެބައި ނުވަނީސް ރައްޔިތުންގެ އިތުބާރު މުއިއްޒަށް އެކީ އެކަށްވަނީ ގެއްލިފައެވެ. މުއިއްޒުގެ ވެރިކަމަކީ ދޮގާއި ހީލަތާއި މަކަރުގެ މަތީގައި ދެމިއޮތް  އުފެދުމުގައިވެސް ބާތިލު ވެރިކަމެކެވެ.  

]]>
Sat, 18 Oct 2025 16:08:41 +0500 އެޑިޓަރ
ބަދަލު ދިނުމުގައި ސައީދުގެ ޖިނާއީ ނިޔަތެއް ނެތް: ދިފާއީ ވަކީލުން https://heerasnews.com/3582 https://heerasnews.com/3582 ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ސަޢީދު ހަވާލުވުމުގެ ކުރިން ވެފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެއްގައެވެ. ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް އާއި ދެމެދު ވެފައިވާ އެއްބަސްވުމަކީ ފެނަކައިން އެކަށީގެންވާ އެއްބާރުލުން ނުދިނުމުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތް އެއްބަސްވުމެކެވެ. 

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ސައީދު ހަވާލުވި އިރު އެ މައްސަލައާއި ގުޅިގެން ބައެއް މުއާމަލާތްތައް ހިނގާފައިވެއެވެ. ގޮތެއް ނުނިމި އޮތް އެ މައްސަލައާ މެދު ގޮތެއް ނިންމުމަކީ މެނޭޖިންގ ޑިރެކްޓަރެއްގެ ހައިސިއްޔަތުން ސައީދުގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން އެ މައްސަލާގައި ފެނަކައިގެ ގާނޫނީ ވަކީލުންގެ ލަފާ ސައީދު ހޯދިއެވެ. ވަކީލުން ލަފާދީފައިވަނީ، ސެޓްލްމަންޓް އެގްރީމަންޓަކަށް ނުގޮސްފިނަމަ، ބްލޭޒަން ކުންފުނިން ކޯޓަށް މައްސަލަ ހުށަހަޅާ ހާލަތުގައި، ފެނަކައިން އެ ކުންފުންޏަށް ދޭންޖެހޭ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައި ވެސް ގާނޫނީ ޑިޕާޓްމަންޓްގެ ވެރިޔާއާއި ފެނަކައިގެ ގާނޫނީ ވަކީލު އެގޮތަށް ލަފާދީފައި ވާނޭކަމަށް ބުނެފައިވެއެވެ. 

ގާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، ކުންފުނިން ނިންމީ ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށެވެ. މެނޭޖިންގ ޑިރެކްޓަރ ހައިސިއްޔަތުން ސައީދު ކުރީ އެކަމެވެ. އެމްޑީގެ ހައިސިއްޔަތުން އެކަމުގައި ކުރަންޖެހޭ އެންމެހައި ކަންކަން ސައީދު ވަނީ ފުރިހަމަ ކޮށްފައެވެ. ކަމަކީ އަލަށް ފެނަކައިން ސައީދު ކުރުވި ކަމެއް ނޫނެވެ. ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ވެސް، ކުރިން އަމަލުނުކޮށް ހުންނަ އެއްބަސްވުންތަކުގައި ސެޓްލްމަންޓް އެގްރީމަންޓްތަކަށް ދިޔުމަކީ އާއްމުކަމެކެވެ. 

މައްސަލަ އުފަން ކުރުވި މީހުންގެ މައްޗަށް ޝަރީއަތް ނުހިންގާ މައްސަލަ ހައްލުކުރި މީހާގެ މައްޗަށް ޝަރީއަތް ހިންގާ އަދަބު ދިނުމަކީ އިންސާފު ނޫންކަން ޝަރިޢަތްކުރި ގާޒީގެ ބަހުންވެސް އެނގެއެވެ. އެހެން ނަމަވެސް ކުށް ސާބިތުވުމުން އަދަބު ކަނޑައެޅުމުގައި، ދައުލަތުން ހުށަހަޅާފައިވަނީ 1 އަހަރާއި 7 މަހުގެ އަދަބެއް ކަނޑައެޅުމަށެވެ. އެހެންނަމަވެސް ކޯޓުން ގާޒީ ކަނޑައެޅީ އެއަށްވުރެ މާ ބޮޑު އަދަބެކެވެ. ސައީދުގެ ޖިނާއީ ނިޔަތް ސާބިތުވާ ފަދަ އެއްވެސް ހެއްކެއް ފެންނާށް ނެތް ނަމަވެސް 4 އަހަރުގެ ޖަލުހުކުމެއް އިއްވުމުގައި ގަޒީއަށް އޮތް މަޖުބޫރަކީ ކޮބައިކަމެއް ނޭނގެއެވެ. ކޮންމެ ފަދަ ވިސްނުމަކުން ހިނގާ ދިޔަ ޝަރީއަތެއް ނަމަވެސް ޝަރީއަތުގެ އިންސާފުވެރިކަމާ މެދު އުފެދޭ ސުވާލުތައް ގިނައެވެ.

ސައީދަށް ކުރި ހުކުން އިންސާފުވެރިހެއްޔެވެ. ދެން އެކަން އެނގޭނީ އިސްތިއުނާފް ކުރުމުންނެވެ. ހައިކޯޓްގައި އިސްތިއުނާފް ކުރުން ނޫން ގޮތެއް ދެންނެތެވެ. ރައީސް މުއިއްޒުގެ މުށުތެރޭގައި އޮތްކަމަށް ބެލެވޭ ޝަރުއީ ނިޒާމެއްގެ ތެރެއިން އަދުލުވެރި ފައިސަލާއެއް ކުރެވިދާނެކަމަށް ގަބޫލު ނުކުރެވުނަސް އިސްތިއުނާފް ކުރުމަށް ހައިކޯޓް ދޮރުގައި ޓަކިދޭން ޖެހޭނެއެވެ. އިންސާފު ލިބުމާ ނުލިބުން އެއީ އެހެން ކަމެކެވެ. 

]]>
Mon, 29 Sep 2025 15:09:54 +0500 އެޑިޓަރ
ހުދުމުހުތާރު ސަރުކާރު ކުޑަކަކޫ ޖެއްސޭނީ މަގުމަތިން https://heerasnews.com/3527 https://heerasnews.com/3527 ވައްކަމާ ރިޝްވަތާ އާއިލީ ތައައްސުބުގައި ސަރުކާރު ހިންގުން ހައްދު ފަހަނައެޅީމާ ނޭޕާލު ޒުވާނުން މަގުތައް ފުރާ އެނުކުތީ އިތުރު ގޮތެއް ނެތިގެން ކަމަށް ޑރ. އަހުމަދު އަލީ ސަވާދު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ބަންޑާރަ ނައިބު ރާއްޖޭގެ މިހާރުގެ ހާލަތު ސިފަކުރައްވަނީ ނޭޕާލުން މިސާލު ނަންގަވަމުންނެވެ. ޑރ. ސަވާދު ވިދާޅުވަނީ " ރާއްޖޭގެ ހާލުވެސް އޮތީ ހަމަ އެހިސާބުގައި" ކަމަށެވެ.

ސިޔާސީ ވެރިންގެ އަމިއްލަ އެދުން ހައްދު ފަހަނައަޅާ ދިޔައިމާ  ރައްޔިތުންގެ އަޑު މަގުތަކުން އިއްވާނެ ކަމަށް ޑރ. ސަވާދު ވިދާޅުވެއެވެ. ސަވާދު އެވިދާޅުވަނީ ވަރަށް ބޮޑު ތެދެކެވެ. 

އަބުރު ރައްކަތެރި ކުރުމުގެ ނަމުގައި ހިޔާލުފާލު ކުރުމާއި ނޫސްވެރި ކަމުގެ މިނިވަންކަން ނަގާލުމުގެ މަސައްކަތް ސަރުކާރުން ކުރުން ހުރީ މެކުހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ސަރުކާރުގެ ގޮނޑިކޮއްކޮއަކަށް ހަދައިފިއެވެ. ހައްގެއް އިންސާފެއް ލިބިދެވޭ ކޯޓެއް މުއައްސަސާއެއް މިހާރަކު ނެތެވެ. 

ވައްކަމާއި ހިޔާނަތާއި ޓެކުން ހައްދު ފަހަނައަޅައިފިއެވެ. ދިރިއުޅުމަށް ހަލާލު މަސައްކަތެއް ނުކުރެވޭ ވަރަށް ފިއްތުމާއިއެކު ޓެކްހުގެ އަޅުންނަށް މަސައްކަތްތެރިން ހަދައިފިއެވެ. ބޯހިޔާވަހިކަން ފޭރިގެންފިއެވެ. ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު އޮބިނޯވެއެވެ. މުދަލުގެ އަގުބޮޑުވެ އަނގަޔާއި އަތާ ދިމާނުވެއެވެ. 

ގާނޫނާއި ސަރުކާރަކީ ވެރިންގެ މަންފާއަށް ރައްޔިތުންގެ މައްޗަށް އަޅާ ހަންމުއްޓަކަށް ވަނީ ހަދާފައެވެ. ދައުލަތެއްގެ ސިފަ ގެއްލި މުޅި ގައުމު ވަގުންނާއި ޑްރަގް ލޯޑުންނާއި ގޭންގް ސްޓަރުންނާއި ސްކޭމަރުންނާއި ލުޓޭރުންގެ ބާރުގައި ހިންގާ އަނދިރި ދައުލަތަކަށް ބަދަލުވެ ނިމިއްޖެއެވެ. 

ކުރާނެ ކަމެއް ނެތިފައި ދެން ކީއްހޭ ކުރާނީ ކިޔާލަ ކިޔާލާ އަދިވެސް ތިބެންވީ ހެއްޔެވެ. ވެރިންގެ ހިމާޔަތުގައި ގާނޫނު ނިވައިފަތް ގަނޑަކަށް ހަދައިގެން އުޅޭ އުޅުން ހަތިމްކުރަން ނިކުންނަން ކެރޭ އެކަކުވެސް ހަމަ ނެތީހެއްޔެވެ. ހައްޔަރުވެ އަނބިދަރިން ބިކަވެދާނެތީ މަގަށް ނުނިކުންނަން ތިއްބަސް އަނބިދަރިން ބިކަނުވާނެ ހަމަ އެއްގޮތެއް މިހާރަކު ނެތެވެ. އެހެންކަމުން ހުއްޓި ތިބޭ ކޮންމެ ދުވަހަކީ އަނިޔާއަށް އިތުރުވާ ދުވަހެކެވެ.

މަގުތައް ފުރާލުމުގެ ހިތްވަރު ނެތި މިގޮތަށް ބޮނދާ ތިބޭނީ ކިހާ ދުވަހަކު ކާކު ބުނަންދެން ހެއްޔެވެ. ފަރުދީ ޒިންމާގައި ކޮންމެ މީހަކު އެކަނި ނަމަވެސް މި މުސީބާތުން ސަލާމަތްވާން މަގަށް ނުނިކުމެ ވާކަށްނެތެވެ.

ނޭޕާލާއި ބަނގަލާދޭހާއި އޮޅުދޫ ކަރައިން ހިތްވަރު ލިބިގެން ރައްޔިތުން މަގަށް ނިކުންނަންޖެހޭ ހުރިހާ ސަބަބެއް މި ގައުމުގައި މިހާރު ވަނީ ފުރިހަމަވެ އިތުރު ވެފައެވެ. ބޭނުންވަނީ ކެރުމެވެ. އިސާހިތަކު މިކަން ނިމިދާނެއެވެ. 

]]>
Tue, 09 Sep 2025 16:20:15 +0500 އެޑިޓަރ
މީހުން ބުނާނީ މުއިއްޒަކީ ބޮޑު މުނާފިގެކޭ! ކައްޒާބެކޭ! : އަކުރަމް https://heerasnews.com/3483 https://heerasnews.com/3483 ރައީސް މުއިއްޒަކީ މާ ދީނަށް ކަމޭހިއްތަވާ ދީންވެރި ބޭފުޅެއްކަން ދައްކަވަން އުޅުއްވާނެ ކަމެއް ނެތްކަމަށް އަކުރަމް ކަމާލުއްދީން ވިދާޅުވެއެވެ. ރައީސް މުއިއްޒު މާ ދީނަށް ކަމޭހިއްތަވާ ދީންވެރި ބޭފުޅެއްކަން ދައްކަވަން ޒާތްޒާތުގެ ވާހަކާ ދެއްކެވީމާ ވިދާޅުވަން ޖެހޭނީ ހަމަ ރައީސް މުއިއްޒު ވިދާޅުވާހެން " ކާކަށްތޯ ތި އޮޅުވާލަން މަސައްކަތް ކުރައްވަނީ. ގައިމުވެސް ހެއްދެވި ފަރާތަކަށް އޮޅުވައެއް ނުލެއްވޭނެ." ކަމަށެވެ. 

ރައީސް މުއިއްޒުވެސް އޮޅުވާލައްވަނީ އަމިއްލަ ނަފުސަށް ކަމަށް އަކުރަމް ވިދާޅުވެއެވެ. އެގޮތުން ރައީސް މުއިއްޒު ހިންގަވާފައިވާ ބައެއް ކޮރަޕްޝަންގެ ވާހަކަތައް އަކްރަމް ހަނދުމަފުޅުކޮށް އަރުވައެވެ. 

ރައީސް މުއިއްޒު މަލޭ ސިޓީ ގެ މޭޔަރު ކަމުގައި ހުންނެވި އިރު ރިޝްވަތުގެ ފައިސާ ނަންގަވައިގެން މީސް މީހުންނަށް ކިތައް ޕާރކިންގ ޖާގަ މާލޭން ދެއްވިތޯ ސުވާލުކުރެއްވިއެވެ. އިހަށް ދުވަހު އަކުރަމަށް މީހަކު ކިޔާދިން ގޮތުގައި އޭނާގެ ރަށްޓެއްސަކު ޖާގަ ހޯދަންވެގެން އެމީހަކު އަތުން ފައިސާ ގެންގޮސް މޭޔަރ މުއިއްޒު އަތަށް ފައިސާ ދީގެން ޕާކިން 2 ޖާގަ ހޯދާފަިވާކަމަށް އަކުރަމު ވިދާޅުވެއެވެ. 

ރިޝްވަތު ނަންގަވައިގެން ބިން ކުއްޔަށް ދީފައިވާ މުއްދަތު ގަވައިދާ ހިލާފަށް އިތުރު ކޮއްދެއްވީ ކިތައް ބިމުގެތޯ އަކުރަމު އައްސަވައެވެ. ގަވައިދާ ހިލާފަށް މުއްދަތު އިތުރުކުރި ބިންތަކުގެ ތެރެއިން ބިމެއްގެ މުއްދަތު އިތުރުކުރުމަށް މޭޔަރު މުއިއްޒަށް ރިޝްވަތު ފައިސާ ދީގެން މުއްދަތު އިތުރުކުރި މީހެއްގެ ވާހަކަ އަކްރަމް ފާހަގަ ކުރައްވައެވެ. ބިމުގެ މުއްދަތު އިތުރުކުރަން ރިޝްވަތުގެ ގޮތުގައި މުއިއްޒަށް އެމީހަކު ފައިސާދިނީ މުއިއްޒުގެ ރިޝްވަތު ޖަރީމާތައް ހިންގުމަށް އޭރު އުޅުނު 3 މީހުން ގެ ތެރޭން އެކެއްގެ އަތަށެވެ. އެ މީހަކީ މިހާރު ރައްޔިތުންގެ މަޖިލިސް ގެ މާލޭ ދާއިރާ އެއްގެ މެމްބަރެއް ކަމަށް އަކުރަމް ވިދާޅުވިއެވެ. އޭނާ މެދުވެރިކޮށް މުއިއްޒަށް އެ ރިޝްވަތު ލިބުމުން އެދުނު ގޮތަށް އެ ބިމުގެ މުއްދަތު އިތުރު ވެގެން ދިޔަކަން ފާހަގަވެއެވެ. 

ކްލިނިކެއް ހެދުމަށް އަމިއްލަފުޅު ފައިކޭޓަށް ރުފިޔާ ލައްވާފައި މަލޭގެ ބިމެއް ދެއްވުމަށް ނުނިންމަވަންތޯ މުއިއްޒާ އަކުރަމް ސުވާލު ކުރައްވައެވެ. އަދި ރައީސް ކަމަށް އިންތިހާބް ވި ތަނާހެން އެ ފަރާތާ ގުޅުއްވާފައި އަދި އެބިމާ ޖެހިގެން އޮތް ހުސްތަން ކޮޅެއް އެބިމަށް އިތުރު ކޮއްދެއްވިދާނެ ކަމަށާ އިތުރަށް ރުފިޔާ ދޭން ވިދާޅުނުވަމުތޯ އަކުރަމް އައްސަވައެވެ. 

" މިހާރު (ރައީސް މުއިއްޒު) ތިޔަ ކުރައްވާ ވައްކަންތަށް ވަނީ މެކުހަށް ޖަހާފައި. އަމިއްލަ ފައިކޭޓަށް ތި ޕަކަޅާ ކުރައްވަމުން ގެންދަވަނީ ދައުލަތަށް ލިބޭ ޓެކްސް ޕޭޔަރުންގެ ފައިސާ އާއި އެހެނިހެން ޕްރޮޖެކްޓް ތަކުން ނަންގަވާ ރިޝްވަތުގެ ފައިސާ" ކަމަށް އަކުރަމް ކަމާލުއްދީން ވިދާޅުވިއެވެ.

"މިހިރަ ކަންތައްތައް ކާކަށްތޯ ތި އޮޅުވާލެއްވީ ގައިމުވެސް ހެއްދެވި ފަރާތަކަށް އޮޅުވައެއް ނުލެއްވޭނެ ދެއްތޯ. ދެން ހަމަ ބުނަން ވީތޯ ތިބޭޅާ އަކީ ދީނަށް ލޯބި ކުރައްވާ ދީންވެރި މާތް އަޚްލާގެއްގެ ވެރިއެކޭ" ރައީސް މުއިއްޒަށް ނިސްބަތްކުރައްވާ އަކުރަމް ވިދާޅުވެއެވެ. ރައީސް މުއިއްޒު އއ.އުކުޅަހު ރައްޔިތުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯ ކްލިޕަކާއެކު އެކްސްގައި އަކުރަމް ކަމާލުއްދީން ކުރެއްވި ޕޯސްޓް ނިންމަވާ ލައްވަމުން ވިދާޅުވީ " މިކަހަލަ ސްޕީޗް ދެއްވީމާ މީހުން ބުނާނީ ތިއީ ބޮޑު މުނާފިޤް އެކޭ! ކައްޒާބް އެކޭ!" އެވެ.

]]>
Fri, 22 Aug 2025 12:03:40 +0500 އެޑިޓަރ
ފުލުހުން ކައްވާލި 30000 ޑޮލަރު ހަލާކުވެގެން ދިޔަކަމަށް ހަދަނީ؟ https://heerasnews.com/3470 https://heerasnews.com/3470 ރާއްޖެއިން ފުރަން އުޅެނިކޮށް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު ހައްޔަރުކުރެވުނު މުރުގޭޝް ކަރކަރުނާ ނިދީ ގެ އަތުން 60,037 އެމެރިކާ ޑޮލަރާއި 5,414 ޔޫރޯ އެއަރޕޯޓުން އަތުލިއެވެ. މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސިންގގެ ޝައްކުގައި އަތުލި އެ ފައިސާއާއި ހަމަ ވަގުތު ކަސްޓަމުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. 

މުރުގޭޝް ކަރކަރުނާ ނިދީ ގެ މައްޗަށް ކަސްޓަމާއި ފުލުހުން ކުރި ތުހުމަތު ޝަރީއަތަށް ސާބިތުނުވުމުން އެ ފައިސާތައް އަނބުރާ އޭނާއަށް ދިނުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފައިސާ ހިފަހައްޓާފައި ބެހެއްޓުމަށް އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ 15 ދުވަހުގެ ތެރޭގައި އެ ފައިސާ މުރުގޭޝްއަށް އަނބުރާ ރައްދުކުރުމަށް ފުލުހުންނަށް ކޯޓުން އަމުރު ކުރުމުން އެ ފައިސާ ހޯދަން ދިޔުމުން އޭގެތެރެއިން 30000 ޑޮލަރު މަދުކަން ވަނީ ފަޅާއަރާފައެވެ. 

އެކަމާ ގުޅިގެން ޕޮލިސް މީޑިއާ ގްރޫޕްގައި ހީރަސް ނިއުސްއިން ކުރި ސުވާުލުތަކަށް ސާފު ޖަވާބެއްނުދި މަތިމަތިން ދިންޖަވާބަކީ ބަލައިގަނެވޭނެ ޖަވާބެއް ނޫނެވެ. ފުލުހުންގެ މުއައްސަސާގައި ހިނގާ މީހުންގެ ހައްގުތަކާގުޅޭ ބޮޑެތި ކޮރަޕްޝަނުގައި މަތިއަޅާ ފޮރުވަން މަސައްކަތް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.  

" ފުލުހުންގެ އިދާރާގެ އެއްވެސް ތިޖޫރިއަކުން 30،000 ޑޮލަރު ނުވަތަ އެއްވެސް އަދަދެއްގެ ފައިސާއެއް ގެެއްލުނު މައްސަލައެއް ބަލަމުން ނުވަތަ ތަހުގީގުކުރަމުން ދޭތޯ ނުވަތަ އަދި ތަހުގީގު ނުފެށިވިޔަސް އެފަދަ މައްސަލައެއް ހުށަހެޅިފައިވޭތޯ އަދި ހުށަހެޅިފައިނުވާނަމަ އެފަދަ މައްސަލައެއް ފާހަގަކުރެވިފައިވޭތޯ ނުވަތަ ސަމާލުކަމަށް އައިސްފައިވޭތޯ ނުވަތަ އެފަދަ އަޑުތަކެއް އުޅޭ ކަމުގެ މައުލޫމާތު އެއްވެސް ސިފައެއްގައި ލިބިފައިވޭތޯ؟ އަދި މިއީ ތެދެއްނަމަ ގެއްލިފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއްތޯ؟ އަދި މި ފައިސާ ގެއްލުނީ ކޮންއިރަކުތޯ؟ މިކަމާ ގުޅިގެން އެއްވެސް މީހަކާ މެދު އެއްވެސް ފިޔަވަވަޅެއް އަޅާފައިވޭތޯ؟ އަޅާފައިވާނަމަ ފިޔަވަޅު އެޅީ ކިތައް މީހުންނާ މެދުތޯ އަދި އެޅި ފިޔަވަޅަކީ ކޮބައިތޯ؟" އެހުމުން ޕޮލިހުން ދިން ޖަވާބުގައި އެއްވެސް ސީރިއަސްކަމެއް ނެތެވެ. އެކަށީގެންވާ ޖަވާބެއް ނުދެވުނެވެ. 

ފުލުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ  2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހިފެހެއްޓި ފައިސާގެ ޖުމްލައިގެ ފަރަގެއް ފާހަގަކުރެވިފައިވާ ކަމަށެވެ. "30،000 ޑޮލަރުގެ ފަރަގެއް ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ބަލަމުންދާ ކަމަށް ފުލުހުން ރޭގައި ބުންޏެވެ.

ހުރިހާ ކަމަކަށްވުރެ ފާހަގަކޮށްލެވޭ ކަމަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފައިސާތަކެއްގެ ތެރެއިން އެ ފައިސާ ބަހައްޓާފައިވާ ތަނުން، ހަލާކުވެފައިވާ ނޫޓުތަކެއް ކޮތަޅެއްގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނުމެވެ. ފޮރެންސިކް ފުލުހުން މެދުވެރިކޮށް އެކަން ވެސް ބަލަމުންދާ ކަމަށް ބުނެ މަދުވާ 30000 ޑޮލަރަކީ ބަހައްޓާފައި ހުއްޓާ ހަލާކުވެގެން ދިޔަ ޑޮލަރތަކެއް ކަމަށް ނިންމާ މައްސަލަ އޮއްބާލަނީ ހެއްޔެވެ. ފުލުހުންގެ ކޮރަޕްޝަންވެށި ފުޅާކޮށްލަން ނިޒާމުގެ ތެރެއިން ޖަގަހަދާ ދެނީހެއްޔެވެ. 

]]>
Fri, 15 Aug 2025 15:05:00 +0500 އެޑިޓަރ
ބަޔަކާ ވިއްދާނުލާ މުއިއްޒަށް ވެރިކަންކުރެވޭ ކަމަކަށްނުވޭ! https://heerasnews.com/3435 https://heerasnews.com/3435 ވެރިކަން ކުރަން ނޭނގި ކަންކަން ގޯހުން ގޯހަށް ދިޔަ ދިޔަހެން މުއިއްޒު ބަވަނީ އެހެން މީހުންނަށެވެ. ގޯސްކޮށް ހިނގާ ކޮންމެ ކަމެއް ގައިން ނައްޓާ އެހެން މީހުންގެ ބޮލަށް ކަނޑާލުމަކީ މުއިއްޒުގެ އާދައަކަށް ވަނީ ހަދާފައެވެ. ކޮންމެ މޮޅުކަމެއްގެ މެޑެލް ޖަހަމުން ދަނީ ވައުދުފުޅާއި އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ކަމަށް ހަދައިގެންނެވެ. އެހެނެއްކަމަކު ބުނާގޮތަށް ކުރެވުނު ފައިދާހުރި ކަމެއް ވައުދުފުޅާއި އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ހަރާމެވެ. 

ކަމުން ރެކެން ގައުމުގެ ކަންކަން ގޯހުން ގޯހަށް ދަނީ ކުރީ ސަރުކާރުން ކަންތައްކޮށްފައިވާ ގޮތުން ކަމަށް އަޑަށް ބާރުލާފައި ބުނެއެވެ. ވެރިކަމުގައި ދެ އަހަރުވާން ދާއިރުވެސް ކުރީ ސަރުކާރުން އަރައެއް ނުގަނެވެއެވެ. މުއިއްޒު މެޑެލްޖަހާ ހުރިހާ ކަމަކީވެސް ކުރީ ސަރުކާރުން ވާރުތަވީހާ ރަނގަޅު ކަންކަމެވެ.

ކުރީ ސަރުކާރޭ ބުނެފައި އެކަނި ނިންމާލަނީ އެއްވެސް ނޫނެވެ. ގައުމުގައި ކަމަކަށްވާ ކަހަލަކަމެއް ކުރާހާ ބަޔަކަށް ބެވުމާއި އެމީހުންނަށް ފިއްތާ ދަތުކުރުމަކީ މުއިއްޒުގެ ކަށީގައި ހިފާފައިވާ ކަމެކެވެ. އެގޮތުން ހިނގަހިނގާހުރި އެތައްކަމެއް ހުއްޓި ބަނގުރޫޓްވެ ގައުމު އެކީއެކައްޗަކަށް ފާލުން ނައްޓައިފިއެވެ. 

އެންމެ ފުރަތަމަ ރުޅިއަރުވާލީ މަސްވެރިންނެވެ. މަސްގަންނަ އަގުދަށްކޮށް ކިރާމަހަށް ފައިސާ ނުދީ މަސްވެރި ޢާއިލާތައް ކޮށްލީ މަގުމައްޗެވެ. މިހާރު މަސްވެރިންނަށް ވާވަރު އެވަނީވެސް ހުއްޓާނުލާ އެތައް ދުވަހަކު ކުރި އިހުތިޖާޖުން މަޖުބޫރު ވެގެންނެވެ. 

ސިނގިރޭޓުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސިނގިރެޓާ ކުޅެގަތް ގަތީނުން ކުރިން ލިބެމުންއައި އާމްދަނީއާ ގާތަށް ސަރުކާރަށް ފައިސާ ނުވަނެވެ. ސިނގިރޭޓްގެ އަގު އިންތިހާއަށް ބޮޑުވެ ވަގުވިޔަފާރި އަކަށް ބަދަލު ވީއެވެ. ކުރެވުނު ކަމަކީ ސިއްހަތު ބޯޑުއަޅުވައިގެން ދުންފަތުގެ ވިޔަފާރި ވަގު ވިޔަފާރއަކަށް ބަދަލުކޮށްލުމެވެ.

މުއިއްޒު ދިމާކުރި އަނެއް ބަޔަކީ ބޭހުގެ ވިޔަފާރި ކުރާ މީހުންނާއެވެ. ރާއްޖޭގައި ބޭހުގެ ވިޔަފާރިކުރާ މީހުންނަކީ ބޮޑެތި ވަގުންކަމަށް ސްކޭމަރުން ކަމަށް މުއިއްޒު ސިފަކުރިއެވެ. ބޭހުގެ ވިޔަފާރީގެ ހާލަތު އޮތްގޮތެއް ބެލުމެއް ނެތެވެ. 2000 ޕަސެންޓް ފައިދާލައިގެން ބޭސް ވިއްކާކަމަށް ބުނެ ބޭހުގެ ވިޔަފާރި ވެރިން އެކީ އެކައްޗަކަށް މިހާރު އެވަނީ ބަނގުރޫޓް ކޮށްލުމުގެ މަގުގައެވެ. ކުދިކުދި ބޭސް ފިހާރަތަކަށްވެސް އެތައް މިލިޔަން ރުފިޔާއަކަށް ސަރުކާރު ދަރާފައި އޮންނަތާ ދެއަރުވަނީއެވެ.

ޓޫރިޒަމްގެ ވިޔަފާރިވެސް އެދަނީ ނޭވާ ހޮޅިއަށް އަޅުވަމުންނެވެ. ޓޫރިޒަމަށް ފަހި ވެއްޓެއް ގާއިމު ކޮށްނުދީ ލުއިފަސޭހައެއް ކޮށްނުދީ އެކި ނަންނަމުގައި ނަގާ ޓެކްސް އިތުރުކޮށް ބޮޑުކޮށް ޑޮަލަރު މާރުކުރަން މަޖުބޫރު ކުރުވާ މުޅި އިންޑަސްޓްރީ ކަރުތާފެނަށް ވައްޓާލީއެވެ.

ވެރިކަމަށް އައިއިރު ކަޅުބާޒާރުގައިވެސް 16 ރުފިޔާއަށްވުރެ ބޮޑުނުވާ ޑޮލަރެއްގެ އަގު ވިހި މައްޗަށް އަރައިގެން ދިޔައީއެވެ. ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުވެ މަޖުބޫރުކޮށްގެން ބޭންކަށް ޑޮލަރު މާރުކޮށްގެން ވައްދާ ޑޮލަރު އިތުރުކުރިޔަސް މައްޗަށް ނާރާނެ ކަމަށްބުނި ޑޮލަރުގެ އަގު ތިރިނުވެ ދުންޖަހާފައި އަރަނީ   މައްޗަށެވެ. 

ހިންދެމިލައިގެން ކަމެއްކުރަން އުޅޭހާ ބަޔަކު އޮބިއަޅުވާ ސަރުކާރުން ހުރިހާ އާއްމު ވިޔަފާރިއަށް ވަދެ ކުރާ ކަންކަމުން ފަތުއަޑު ކިޔާފާ ގައުމު ޖެހެނީ އިނދައެވެ. ރައްޔިތުންގެ ތެރެއިން ބުރަދަނެއް ހުރި ކޮންމެވެސް ބަޔަކާ ވިއްދާނުލާ މުއިއްޒަށް ވެރިކަންކުރެވޭ ކަމަކަށްނުވެއެވެ. ވިއްދާލޭނެ މީހަކު ނެތިއްޔާ ބަލި ބުޅާ ގަނޑަކާވެސް މުއިއްޒަށް ވިއްދާ ނުލައެއް ނޫޅެވެއެވެ. 

]]>
Wed, 30 Jul 2025 14:54:38 +0500 އެޑިޓަރ
ބަޔަކަށް ދެ މުސާރަދީގެން ދައުލަތް ނޮޅާ ކަށިކަނީ! https://heerasnews.com/3352 https://heerasnews.com/3352 ރިޓަޔަރމަންޓަކީ އެމީހެއްގެ މަގާމުން ނުވަތަ މަސައްކަތުން ނުވަތަ އެމީހެއްގެ ހަރަކާތްތެރި މަސައްކަތުގެ ހަޔާތުން ވަކިވުމެވެ. ހަރަކާތްތެރި މަސައްކަތުގެ ހަޔާތުން ވަކިވާ މީހުންނަކީ އެނބުރި ހަރަކާތްތެރި މަސައްކަތުގެ ހަޔާތަށް އަންނަ ބައެއްނޫނެވެ. މަރު ދުވަހަށްވެސް އެމީހުން ތިބޭނީ ރިޓަޔަރ ވެގެންނެވެ. އެސަބަބަށްޓަކާ ރިޓަޔަރމަންޓްގެ ގޮތުގައި އެކި ގައުމުތަކުގައި ދައުލަތުން އެ މީހުނަށް ދާއިމީ އިނާޔަތާއި އެކިކަހަލަ ރިޓަޔަރމަންޓް ބެނެފިޓްތައް ދެއެވެ. 

ރާއްޖޭގައިވެސް މުސްކުޅި ކުރެއްވުމާއި މަހު އެއްޗެތިކޮޅު ދެއްވުމާއި ޕެންސަން ދިނުމަކީ ހިނގަމުން އައިކަމެކެވެ. ދައުލަތުގެ ވަޒީފާއެއް މެދުނުކެނޑި އަދާކުރާތާ 20 އަހަރުވުމުން އަދާކުރާ ވަޒީފާގެ އަސާސީ މުސާރައިގެ %50 މަރުދުވަހަށް އެ މުއައްޒަފަކަށް ދެމުން އައެވެ. ދައުލަތުގެ ވަޒީފާއެއް މެދުނުކެނޑި އަދާކުރާތާ 40 އަހަރު ވެއްޖެނަމަ އަދާކުރާ ވަޒީފާގެ އަސާސީ މުސާރަ ޑަބަލް ޕެންޝަނުގެ ގޮތުގައި މަރުދުވަހަށް ދަންނދެން ދެވުނެވެ. މުއައްޒަފަކަށް ޑަބަލް ޕެންޝަން ލިބުނަސް އެމީހަކު އަދާކުރާ ވަޒީފާއިން ވަކިވުމަކަށް މަޖުބޫރެއް އޭރަކު ނުވެއެވެ. 

ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ގާނޫނު ( ގާނޫނު ނަންބަރ 5/2007 ) 2007 ވަނަ އަހަރު ތަންފީޒު ކުރަން ފެށުމާއެކު 65 އަހަރުވުމުން މުއައްޒަފުން ރިޓަޔަރކުރަން މަޖުބޫރުވެ 55 އަހަރުވުމުން ރިޓަޔަރ ކުރުމަކީ އިހުތިޔާރީ ކަމަކަށް ބަދަލުވެގެން ދިޔައެވެ. ހަމަ އެއާއިއެކު ކުރިން ގެންގުޅުނު ޕެންޝަން ދިނުމުގެ އުސޫލު ބަދަލުވެ 55 އަހަރުވުމުން ތަފާތު ބޮޑެތި ބެނެފިޓްތަކާއި ދާއިމީ އިނާޔަތާއެކު ރިޓަޔަރ ކުރުމުގެ އުސޫލު ތައާރަފް ވެގެން ދިޔައެވެ. 

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު ( ގާނޫން ނަންބަރ 8/2009 ) 2009 ވަނަ އަހަރު ވުޖޫދުކުރެވި ރިޓަޔަރމެންޓާއި ޕެންޝަން ދިނުމުގެ އިންގިލާބެއް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އައުމުގެ ނަތީޖާ ވަރަށްވެސް ހިތިވިއެވެ. ދައުލަތުން ބޮޑު ހޭދަކޮށްގެން ތަމްރީނާއި ތައުލީމު އެކި ރޮނގުރޮގުން ދީގެން ބިނާކޮށްފައިވާ އެތައްބަޔަކު ދާއިމީ އިނާޔަތް ލިބޭގޮތަށް އިނާޔަތުގެ ބޮޑެތި ޕެކޭޖްތަކާއެކު ހަރަކާތްތެރި މަސައްކަތުގެ ހަޔާތުން ވަކިވެގެން ދިޔައެވެ. ސިޔާސީ ފިއްތުންތަކާއި އެކިއެކި މަސްލަހަތު ތަކާހެދި އަސްކަރިއްޔާއާއި ފުލުހުންގެ ތެރެއިން އޮފިސަރުންނާއި އެނޫންވެސް އެތައް ބަޔަކު ދައުލަތުގެ ހިދުމަތާ ދުރަށް ޖެހެނުނެވެ. 

ރިޓަޔަރމަންޓް ޕެކޭޖަށްޓަކާ ސަލާމަތް ސިއްހަތުގައި ހަރަކާތްތެރި ހާލަތާއި މަސައްކަތުގެ ހަޔާތުގައި ދައުލަތުގެ ހިދުމަތުން ވަކިވެގެން ދިޔައީ މަދަކަ ބައެއް ނޫނެވެ. ނަތީޖާއަކަށްވީ ހަރަކާތްތެރި މަސައްކަތުގެ ހަޔާތުން އެއްފަރާތްވި އެތައްބަޔަކު ލިބި ލިބިހުރި ރިޓަޔަރމަންޓް ޕެންޝަން ނަގަމުން ދައުލަތުގެ އެހެން ވަޒީފާއަކަށް ވަދެ އަތްގުޅި ނުކާވަރުގެ ބޮޑެތި މުސާރަ ނެގުމެވެ. އެކަމުގެ ނާޖާއިޒު ފައިދާ ރައީސް މުއިއްޒު ކިތަންމެހާ ވެސް ރަނގަޅަކަށް އެބަނަގައެވެ. 

ފުލުހުންގެ ހިދުމަތުންނާއި އަސްކަރިއްޔާއިން ރިޓަޔަރކޮށްފައި ތިބި އެތައް އޮފިސަރަކަށް ދައުލަތުގެ ކުންފުނިތަކުގެ އެމްޑީކަމާއި އެނޫންވެސް ބޮޑެތި މަގާމުދީގެން ޕެންޝަން ހިމެނޭހެން ދެ މުސާރަ އެ މީހުނަށް އެބަ ހޯދާދެއެވެ. އެހެން ކަމުން ހަރަކާތްތެރި މަސައްކަތުގެ ހަޔާތުން އެއްފަރާތް ވެފައިތިބި އެތައް ބަޔަކަށް އަތްގުޅިނުކާވަރުގެ މުސާރަޔާ އިނާޔަތް ނިޒާމުގެ ތެރެއިން ކޮންމެ މަހަކު ދައުލަތުން އެބަދެއެވެ. އެއިން ކޮންމެ މީހަކަށް ދައުލަތުންދޭ ފައިސާ ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށްވުރެ ބޮޑެވެ.  

]]>
Sat, 14 Jun 2025 13:40:01 +0500 އެޑިޓަރ
ޖެންޒީ&އިހުތިޖާޖު ބުނެދެނީ ސަރުކާރާ ޕާޓީތަކަށް އިތުބާރުނުކުރާކަން! https://heerasnews.com/3275 https://heerasnews.com/3275 ސަރުކާރާ އެއްސަފުގައި ތިބި ފަރާތްތަކުން ޒުވާނުން ކުރިއަށްގެންދާ އިހުތިޖާޖުތައް ވަރަށް ބޮޑަށް އެމްޑީޕީއާ ގުޅުވައެވެ. ރާއްޖޭގައި ވިޔާނުދާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ ސަރުކާރާއި އެއްސަފުގައި ތިބޭމީހުން އެކަމެއް އެމްޑީޕީއަށް ފޮރޮޅާލައެވެ. ސަރުކާރުން ކުރާ ނޭންގާނި ކަންކަންވެސް އަޅުވަނީ އެމްޑީޕީ ބޮލުގައެވެ. 

ޒުވާނުން އިސްނަގައިގެން މިހާރު ކުރިއަށްގެންދާ އިހުތިޖާޖުތައް ސަރުކާރާ އެއްސަފުގައި ތިބި ފަރާތްތަކުން އެމްޑީޕީއާ ގުޅުވައި، ސިޔާސީކޮށް އަދި ކުށްވެރިކުރަން މަސައްކަތްކުރާ ކުރުމަކީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ކަމެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަންވެސް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވާ ގޮތުގައި މިހިނގާ އިހުތިޖާޖުތަކަކީ ސަރުކާރުގެ ސިއްރުވެރިކަމާއި އޮޅުވާލުންތަކާ މެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ތެދުވެރިކަމާއެކު ކުރެވޭ ކަންތައްތަކެކެވެ.

ސަރުކާރާއި ސަރުކާރާއެއް ސަފުގައި ތިބޭމީހުން ފިކުރެއް ހިޔާލެއްނެތި ޒިންމާއިން ރެކުމަށް އެހެން މީހުންގެ ބޮލަށް ކަންކަން ކަނޑާލުމަކީ ނުރައްކާތެރި ސިގުނަލެކެވެ. ސަރުކާރުގެ ޒިންމާދާރު ކަމެއްނެތި ދައުލަތް ކައްޗާދުވުމަކީ ބިރުހުރިކަމެކެވެ.

ޒުވާނުން މަގުމައްޗަށް ނިކުމެ ސިލްސިލާ އިހުތިޖާޖުކުރާ ހިސާބަށް ގައުމު ފާލުންނެއްޓި ހީރަސް ކެނޑުމަކީ ވެރިންނަށް ވެރިކަމުގައި ދެމިތިބުމަށް އޮތް ގޮންޖެހުމެކެވެ. މިދާކަށް ދުވަހު ޒުވާނުން މަގުމައްޗަށް ނިކުތީ ވަރަށް އާދައިގެ ކަމެއްގައެވެ. ސަރުކާރުން ގެންގުޅޭ ތަފާތުކުރުން ނައްތާލުން އެދިގެންނެވެ. އާހިރުގައި ކަން ނިމުނީ ބޮޑުވަޒީރު ހަސީނާ ގައުމު ދޫކޮށް ފިލާ ރައްކާވުމުންނެވެ. 

އަލްއުސްތާޒު ފައްޔާޒު އިސްމާއީލު ވިދާޅުވާހެން ޒުވާނުން އިންސާފު ހޯދަން ނިކުތުމަކީ ދައުލަތުގެ މުއައްސަސާތަކާއި މީޑިއާ އަދި ސިޔާސީ ނިޒާމާއި ޕާޓީތަކުގެ މައްޗަށް އޮތް އިތުބާރު ގެއްލެމުންދާކަމުގެ ނުރައްކާތެރި ނިޝާނެކެވެ. ފައްޔާޒު ވިދާޅުވާހެން ގައުމުގެ އެކި ހިސާބުގައި ހުރި ކަންބޮޑުވުން ތަކުގެ އަޑު ސަރުކާރުން ރަނގަޅަށް އަޑުއަހައި، އިތުބާރު އަލުން ބިނާކުރުމަށް މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހތު ހުރި ގޮތެވެ. ހަގީގީ ޖަވާބަކަށް އެދޭ ގޮވާލުމެއް ބާރުގަދަ ނުކުރުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ. ކަމުން ރެކުމަކީ ހަލާކަށް ދޮރުހުޅުވުމެވެ. 

]]>
Fri, 02 May 2025 13:21:02 +0500 އެޑިޓަރ
ކުރީގެ ފަސްޓް ލޭޑީންނާ އަޅާކިޔާއިރު މެޑަމް ސާޖިދާއަކީ ސުމެއް! https://heerasnews.com/3212 https://heerasnews.com/3212 މުލިއާގެއަށް ވެދެވަޑައިގެންނެވުމުން މެޑަމް ސާޖިދާ މުހައްމަދު ވަނީ ދުނިޔެ ރަންވެފައެވެ. މުލިޔާގެއަށް ވެދެވަޑައިގަތުމަކީ ސާޖިދާއަށް ދުނިޔެ ރަންވާ ވަރުގެ ކަމަކަށް ވިޔަސް މީގެކުރިން ރާއްޖޭގެ ފަސްޓް ލޭޑީންކުރެ އެއްވެސް ބޭފުޅަކު ދުނިޔެ ރަންވާވަރުގެ ކަމަކަށް ފަސްޓް ލޭޑީކަން ނުވިއެވެ. ރާއްޖޭގެ ރިޔާސީ ތާރީހުގައި ކުރީގެ ރައީސުންގެ އަނބިކަބަލުންގެ ގޮތުގައި ތިއްބެވި އެއްވެސް ބޭފުޅަކު ގުއިނުދެކޭ ކާޅަށް ގުއިފެނިގެން އުޅޭހެން އުޅުއްވާފައެއް ނެތެވެ. 

ކުރީގެ ފަސްޓް ލޭޑީން ތުއްޕުޅު އިރުއްސުރެ ބޭނުންވެ ވަޑައިގަތުމުން ކުރިން ލިބިވަޑައި ނުގަންނަވާ މީރު ފަރިއްކޮޅެއް ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުމަކުން ލިބިވަޑައެއް ނުގަންނަވައެވެ. ކުރިން ލިބިވަޑައި ނުގަންނަވާ އަރާމް ދާންމަތިކޮޅެއް ވަކި ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުކަމުން ލިބިވަޑައެއް ނުގަންނަވައެވެ. ކުރިން ލިބިވަޑައި ނުގަންނަވާ ވަރުގެ ކާރުކޮޅެއް ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުކަމުން ލިބިވަޑައެއް ނުގަންނަވައެވެ. ބޭނުންފުޅުވެ ވަޑައިގަތުމުން ކުރިން ވަޑައިނުގެންނެވޭ ގައުމަކަށް ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުކަމުން ވަކި ވަޑައެއް ނުގަންނަވައެވެ.

ހަގީގަތުގައި ކުރީގެ ފަސްޓްލޭޑީން ތުއްޕުޅު އިރުއްސުރެ ލިބި ވަޑައިނުގަންނަވާ އަރާމެއް ތަނަވަސް ކަމެއް ފަސްޓް ލޭޑީއަށް ވެވަޑައިގަތުމަކުން އަލަކަށް ތަޖުރިބާ ކުރައްވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. އެއާއި ހިލާފަށް މެޑަމް ސާޖިދާއަށް ފަސްޓް ލޭޑީކަންވީ ބޮކަށް ރަންފުށް މައްޗަށް އެރުންފަދަ ކަމަކަށެވެ. އުޅުއްވާނެ ނޫޅުއްވާނެ ގޮތެއް އެނގިވަޑައިނުގެން ސާޖިދާއަށް އެ އުޅުއްވެނީ އެހެން ވެގެންނެވެ. 

ކުރީގެ ހުރިހާ ފަސްޓް ލޭޑީންނަކީވެސް ތުއްޕުޅު އިރުއްސުރެވެސް ރާއްޖޭގެ ނިސްބަތުގައި ތަނަވަސްކަމާއި ފޯރުންތެރި ކަމުގައި ލޯތްބާއި އިހުތިރާމް ލިބިގެން ރަނގަޅު ތަރުބިއްޔަތުގައި ބޮޑެތިވެ ވަޑައިގެންފައި ތިއްބެވި ބޭފުޅުންނެވެ. ވަކިވަކީން ކުރީގެ ކޮންމެ ފަސްޓް ލޭޑީއަކާއި މެދު ވިސްނާލިޔަސް ހާމަވެގެން ދަނީ އެ ބޭފުޅުންގެ ކިބައިގައި ތުއްޕުޅު އިރުއްސުރެ ވެސް ރިޔާސީ ކޮލިޓީ ހުންނަކަމެވެ. އެހެނީ އެ ބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވަނީ ރާއްޖޭގެ ނިސްބަތުގައި ފޯރުންތެރި ގޮތްހުރި، މީހުންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ މައިން ބަފައިންނަށެވެ. 

ރައީސް އަމީނުގެ އަނބިކަބަލުން ފާތިމަތު ސައީދަކީ މުޅި ރާއްޖެ އެ ބޭފުޅަކަށްޓަކާ ފަހުރުވެރިވާ ހުސައިން ސޮލާހުންދީނުގެ ދަރިކަނބަލެކެވެ. އުޅުންތެރި ގޮތްހުރި ފޯރުންތެރި ތަރުބަވެތި އިލްމީ އާއިލާއަކަށް ނިސްބަތްވެ ވަޑައިގެން އަމިއްލަފުޅު ހާއްސަ ސަހުސިއްޔަތެއް އޮތް ބޭފުޅެކެވެ. އެ ކަމަނާ ފަސްޓް ލޭޑީކަމަކީ މާ ބޮޑު ހައިސިއްޔަތަކަށް ނުބައްލަވައެވެ. 

ރައީސް ނާސިރުގެ އަނބިކަނބަލުން ނަސީމާ މުހައްމަދު ކަލޭފާނަކީ މާލޭގައި ނަންހިގާ ގަދަރުވެރި ތަނަވަސް ބޭފުޅެއް ކަމުގައިވާ ކެރަފާ މުހައްމަދު ކަލޭފާނުގެ ދަރި ކަނބަލެކެވެ. އަރާމާއި ހިތްޕުޅު ހަމަޖެހިވަޑައިގަތުމުގައި ތުއްޕުޅު އިރުއްސުރެ ވެވަޑައިގެން ނުގަތް ކަމެއް ފަސްޓް ލޭޑިކަމަކުން ވެވަޑައިގެންފައި ނުވެއެވެ. 

ރައީސް މައުމޫނުގެ އަަނބިކަބަލުން ނަސްރީނާއަކީ މާލޭގައި ފުދުންތެރި ގޮތްހުރި އިހުތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމުގައިވާ މަޝްހޫރު އިބްރާހީމް މަނިކު ދޮންމަނިކުގެ ދަރި ކަނބަލެކެވެ. ލޯތްބާއި އަޅާލުމާއި ފޯރުންތެރި ކަމުގައި ތުއްޕުޅު އިރުއްސުރެ އުޅުއްވި މެޑަމް ނަސްރީނާ އަަކީ ތުއްޕުޅުއިރު މަތީ ތައުލީމް ހޯއްދަވަން ރާއްޖޭން ބޭރުން ފުރުސަތު ލިބިވަޑައިގެން މަދު އަންހެން ކުދިންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. 

ރައީސް ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީއަކީ ލާމަސީލް މިސާލެކެވެ. މެޑަމް ލައިލާ އަލީއަކީ މުޅި ރާއްޖެއަށް މަޝްހޫރު އެލިޔާ ގްރޫޕްގެ ވެރިޔާ އަލީ އަބްދުއްލާގެ ދަރިކަނބަލުންނެވެ. ތުއްޕުޅު އިރުއްސުރެ ލިބިވަޑައިނުގެން އަރާމެއް އުފަލެއް ފަސްޓް ލޭޑީއަށް ވެވަޑައިގަތުމަކުން ލައިލާއަށް ލިބިވަޑައެއް ނުގަންނަވައެވެ. ދިގު 30 އަހަރަށް ފަހު މެޑަމް ލައިލާއަށް ލިބި ވަޑައިގެން ފަސްޓް ލޭޑީކަމާއި ހެދި ހިފި ނުހުންނެވިގެން މެޑަމް ލައިލާ ނުއުޅުއްވައެވެ. 

ރައީސް ވަހީދުގެ އަނބިކަބަލުން މެޑަމް އިލްހާމަށް ބެއްޔަސް ފެންނަނީ އެއް ހަގީގަތެކެވެ. މެޑަމް އިލްހާމަކީ ވެސް މާލޭގައި ނަންހިގާ ފޯރުންތެރި ގޮތްހުރި ޖަވާހިރުވާދީ ހުސައިން އިބްރާހީމްފުޅުގެ ބޭޅުންކުރެ ބޭފުޅެކެވެ. ފަސްޓް ލެޑީ ވެގެން ވަކީން އިލްހާމް ހުސޭނަށް ލިބި ވަޑައިގެން އައުކަމެއް ނެތެވެ. 

ރައީސް ޔާމީނުގެ އަނބި ކަބަލުން މެޑަމް ފާތުންއަކީ ވެސް މުލިއާގެއަށް ވެންނެވިގެން އޮޅިވަޑައިގެން އުޅުއްވި ބޭފުޅެއް ނޫނެވެ. އޯގަތެރިކަމާއި ތަނަވަސްކަމާއި ފޯރުންތެރިކަމުގައި މުޅި ރާއްޖެއަށް މަޝްހޫރު ޝަބްނަމް އިބްރާހީމް ދީދީގެ ބޭފުޅަކަށް ވީތީ މެޑަމް ފާތުން އަކަށް މުލިޔޭގެއަކީ މާ މުހިންމު ތަނަކަށް ވެވަޑައެއް ނުގަތެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަބަލުން މެޑަމް ފަޒްނާ އަހުމަދު އަކީ ދެވަނައެއް ނެތްފަދަ ފަސްޓް ލޭޑީއެކެވެ. ތަނަވަސްކަމާއި ފޯރުންތެރިކަމާއި ހިތްތިރިކަމުގައި ތުއްޕުޅު އިރުއްސުރެ ލާމަސީލް ބޭފުޅެކެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ސިއްކަ އަހުމަދު އިސްމާއީލްގެ ދަރި ކަނބަލެކެވެ. ފަސްޓް ލޭޑީއަށް ވެގެން ކުރިން ލިބި ވަޑައިނުގަންނަވާ އައުކަމެއް މެޑަމް ފަޒްނާ ވެސް ތަޖުރިބާ ކުރައްވަން ޖެހިވަޑައެއް ނުގަންނަވައެވެ. 

ކުރީގެ ފަސްޓް ލޭޑީންނާ އަޅާ ބަލާއިރު މެޑަމް ސާޖިދާއަކީ ސުމެކެވެ. ތުއްޕުޅުއިރު މައިން ބަފައިން ވަކިވުމުގެ ސަބަބުން ލޯތްބާއި އަޅާލުން ލިބިވަޑައެއް ނުގަންނަވައެވެ. ނަސީބު ރަނގަޅުކަމުން ހެޔޮއެދޭ ފަރާތެއްގެ މަދަދުގައި މަތީ ތައުލިމް ހާސިލް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތަސް ހަޔާތުގެ ގިނަ ދުވަސްތައް ވޭތުވެ ދިޔައީ ބޭނުން ވެވަޑައިގެން ގިނަ ކަންކަން ނުވެއެވެ. ފޯރުންތެރި ތަނަވަސް ދިރިއުޅުއްވުމަކީ ސާޖިދާ ހުވަފެނުންވެސް ދެކިވަޑައިގަތް ކަމެއް ކަމަކަށް ނުބެލެވެއެވެ. 

ބައްޕާފުޅު ޖަނާބު މުހައްމަދު އިބްރާހީމަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ދީނީ އެއްބައިވަންތަކަން ނަގާލަން އުޅުއްވުމުގެ ސަބަބުން ޖަލުގެ ތޭރި ތަކުގެ ފަހަތުން ގިނަ ދުވަސްތަކަކަށް ޖާގަ ހޯއްދެވި ބޭފުޅެކެވެ. ބަންދުގައާއި ރާއްޖޭން ބޭރުގައި ގިނަ ދުވަސްތައް ހޭދަކުރައްވަން ޖެހި ވަޑައިގަތުމުގެ ނަތީޖާއަކަށްވީ އާއިލާ ރޫޅުމާއި ދަރިންކޮޅު ބިކަވުމެވެ. އެކަށީގެންވާ ތަރުބިއްޔަތެއް ނެތި ގިނަ ކުދިންތަކެއް މަގުމަތިވުމެވެ. ދަތި ހާލުކޮޅުގައި ސާޖިދާ ބޮޑުވެ ލިބިވަޑައިގެން ތައުލީމެއް ހޯއްދެވިފަހުން ހަޔާތުގެ ބައިވެރިއަކަށްވެސް ލިބިވަޑައިގަތީ މައިންފައިން ވަކިވުމުގެ ސަބަބުން ލޯތްބާއި އަޅާލުމުން މަހުރޫމުވެފައި ހުންނެވި ރުންކުރު ގޮތްދޫނުކުރައްވާ ބޭފުޅެއް ކަމުގައިވާ ޑރ. މުއިއްޒެވެ. ލަނޑަޔާ ވާނީ ލަނޑަޔާއެވެ. 

ހެއްދެވި އެއްޗެއް ހައްދަވައިގެން މަކަރާ ހީލަތުން ރާއްޖޭގެ ވެރިކަން މުއިއްޒު ހޯއްދެވުމުން ފަސްޓް ލޭޑީކަން ސާޖިދާއަށް ލިބިވަޑައިގަތަސް މެޑަމް ސާޖިދާގެ ކިބައިގައި ފަސްޓް ލޭޑީ ކޮލިޓީއެއް ނެތެވެ. މެޑަމް ސާޖިދާގެ ކޮންމެ އަމަލުފުޅަކުން ވެސް ފެންނަނީ އައު ކަމާ މަވެތިކަމެވެ. މެޑަމް ސާޖިދާއަށް ވެވަޑައިގެންފައި އެހުންނެވީ ނުމީސް މީސްވުމުން ވާކަހަލަ ގޮތެކެވެ.   

]]>
Fri, 21 Mar 2025 14:05:27 +0500 އެޑިޓަރ
މުއިއްޒުގެ ގޮނޑިކޮއްކޮ ފަނޑިޔާރުންނަކީ ކޮންބައެއް؟ https://heerasnews.com/3177 https://heerasnews.com/3177 ރާއްޖޭގައި މިހާރު އޮންނަންޖެހޭނީ މުއިއްޒުގެ ކޯޓުތަކެވެ. އެތަންތާ ތިބޭނީވެސް މުއިއްޒު ބޭނުންވާ ބައެކެވެ. ހުސްނުއްސުއޫދާއި އަޒްމިރަލްދާއާއި މަހާޒުމެންނަކީ ނަޒަހާތްތެރި ކަމަކަށް މިހާރަކު ނުވާނެއެވެ. އެމީހުން ކޯޓުތަކުގައި ތިބެން ނުޖެހޭ އެތައްހާސް ސަބަބެއް ދައްކާނެއެވެ. މުއިއްޒުގެ ގޮނޑިކޮއްކޮ ކޯޓަކަށް ސްޕްރީމްކޯޓު ހަދާލެވޭނީ ހުސްނުއްސުއޫދު ކަހަލަ މީހުން ބޭރުކޮށްގެންނެވެ. 

ސުއޫދުމެން ބޭރުކޮށްފައި މުއިއްޒުގެ ސްޕްރީމް ކޯޓަށް އައުމަށް ފައިނަގައިގެން އެތިބީ ކޮންބައެއް ހެއްޔެވެ. ފިސާރި ނަޒާހަތްތެރި ދުވަހަކު ސިޔާސީ ކަމެއްގައި ހޭކިލާފައިވެސް ނުވާ ސާފު ސީދާ މީހުން ހެއްޔެވެ. ބަންޑާރަ ބޮޑުނައިބު އަހުމަދު އުޝާމެއް އައްބާސް ޝަރީފެއް މުހުތާޒު މުހުސިނެއް އަބްދުއްލާ ދީދީއެއް ކިޔާނެކަމެއް ނެތެވެ. ހައްތަހާވެސް ފަސްމީރު ކުރި ރުކެވެ. އަމްދުން އުޝާމްގެ ވާހަކަ ދެއްކުމެއް ނެތެވެ. 

ހަމަ ގައިމުވެސް އައްބާސް ޝަރީފަކީ މުއިއްޒުގެ ސިޔާސީ މަގާމެއްގައި ހުރެފައި ޕީޖީކަމަށް ސަވާރުވެހުރި މީހެކެވެ. އަނބި ކަނބުލޭގެ ހުންނަނީ މުއިއްޒުގެ ސިޔާސީ މަގާމެއްގައި ބެންކޮކްގައި ދިވެހި އެންބަސީގައެވެ. އެހެންވީމާ ސްޕްރީމް ކޯޓުގެ ބެންޗަށް އައްބާސް ޝަރީފް ހިނގައްޖެނަމަ ނަޒާހަތްތެރިކަން ކޯދުލާ އަރާނެވަރު ހިތައް އަރުވާލާށެވެ. 

މުހުތާޒް މުހުސިންނަކީ ޕީޖީކަމުގައި ހުރެގެން އަގު ކަނޑައަޅައިގެން ރިޝްވަތު ނަގައިގެން ދައުލަތުން ދައުވާ ކުރި އެތައް މައްސަލައެއް ޝަރީއަތް ނުގިންގާ އަނބުރާގެނަސް އޮއްބާލައިގެން ހުރި މީހެކެވެ. ސާބިތު އެތައް މައްސަލައެއް ދައުވާނުކޮށް ހިންދާލާފައި ހުރި މީހެކެވެ. ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރުމުގެ އަމުރެއް މެޖިސްޓްރޭޓް ކޯޓަކުން ނެރެން އުޅެނިކޮށް ފަޅާއަރައިގެން ޝަރީއަތް ހިންގާ އަދަބު ކަނޑައެޅުނު މީހެކެވެ. 

އަބްދުއްލާ ދީދީއަކީ ފަނޑިޔާރު ކަމުގައިހުރެ ވަކިޕާޓީއަކަށް ފާޅުގައި ކެންޕޭނުކޮށް ސްޕްރީމް ކޯޓުގެ ކަރާމާތް ގެއްލުވާލާފައިވާ މީހެކެވެ. ސްޕްރީމް ކޯޓުގެ ބެންޗްގައި އިނުމަށް އިތުބާރުނެތިގެން ފަނޑިޔާރުކަމުން ވަކިކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މީހެކެވެ. މަޖިލީހުން ވަކިކުރުމުގެ ކުރިން އަމިއްލައަށް ފަނޑިޔާރުކަމުން ވަކިވެފައިވާ ސިޔާސީ މީހެކެވެ. މިހާރުވެސް ހުރީ މުއިއްޒުގެ ސިޔާސީ މަގާމެއްގައި ރައީސް އޮފީހުގައެވެ. 

ފަނޑިޔާރު ހުސްނުއްސުއޫދު އިންނަވަން ކަމުނުދާކަމަށް ބުނާ ސްޕްރީމް ކޯޓް ބެންޗަށް އަންހެނަކަށްވީތީ ޢާޒީމާ ޝަކޫރު ކޮލިފައިނުވެ އުޝާމާއި އައްބާސް ޝަރީފާއި މުހުތާޒު މުހުސިނާއި އަބްދުއްލާދީދީ ވަރެއް ހަމަ ނުތިބޭނެއެވެ 

]]>
Sun, 09 Mar 2025 19:36:23 +0500 އެޑިޓަރ
އަޒާނުގެ ގޮނޑި ނުގެއްލުމަކީ ވިޕް ބްރޭކްކުރަން ހުޅުވޭ ދޮރެއް! https://heerasnews.com/3147 https://heerasnews.com/3147 ކޮންމެ ކަމެއްގައިވެސް ހެޔޮބަސްއަހާ ހެޔޮބަސް ގަބޫލު ކުރުމަކީ އެންމެ ރަނގަޅުގޮތެވެ. އައްޑޫ ހިތަދޫ މެދުދާއިރާގެ މެންބަރ އަހުމަދު އަޒާން މިއަދު ދެއްކެވީ ރީތި ނަމޫނާއެކެވެ. ސްޕްރޯމް ކޯޓުގެ ބެންޗް ހަތަކުން ފަހަކަށް ކުޑަކުރުމަށް އަޒާން ތާއީދު ނުކުރެއްވާ ތަޅުން ދޫކުރައްވާ ނިކުމެ ވަޑައިގަތުމުން އަޒާންގެ ހިތްވަރު ގަދަކަމަށް ތައުރީފް ކުރަންޖެހެއެވެ. 

މަޖިލީހުގެ ތަޅުން ދޫކުރައްވާ ނިކުމެ ވަޑައިގަތް އިރުވެސް އެ އިސްލާހު މަޖިލީހުން ފާސްކުރާނެކަން އަޒާނަށް އެނގިވަޑައި ގަންނަވާނެއެވެ. ބެންޗު ކުޑަކުރާ ބިލަށް ވޯޓު ނުދެއްވައިގެން ޕާޓީން ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތްކަންވެސް އެނގިވަޑައިގަންނަވާނެއެވެ. ޕާޓީ އަޅާ ފިޔަވަޅަކުން މަޖިލީހުގެ ގޮނޑީ އަޒާނަސް ގެއްލުމުގެ ފުރުސަތު އޮތްކަންވެސް އަޒާނަށް ވިސްނިވަޑައި ގަންނަވާނެއެވެ.

ސަރުކާރާއެކު ހުރުމަކީ އަދި ސަރުކާރަށް ތާއީދު ކުރުމަކީ ސަރުކާރުން ބޭންވާހާކަމެއް ބޭނުން ވާހާގޮތަކަށް ކޮށްދިނުން ނޫންކަން އަޒާން އެދައްކަވާދެއްވީ އަމަލުންނެވެ. ސަރުކާރަށް ތާއީދުކުރާ ކޮންމެ މެންބަރަކީވެސް އަޒާނުގެ މިސާލުން މިސާލުނަގަންޖެހޭ މެންބަރެއްކަން އަޒާން އެ ސާބިތުކޮށްދެއްވީއެވެ. 

ގޮނޑި ގެއްލުނަސް އަޒާން އިސްކުރެއްވީ ހަމަޔާ އިންސާފެވެ. ދާއިރާ ރައްޔިތުންގެ މަސްލަހަތެވެ. ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއެވެ. ޑިމޮކްރެޓިކް ހަމައެވެ. ރައްޔިތުންގެ ބާރެވެ. އަޒާންގެ އެ ނިންމެވުމަށް ގިނަބަޔަކު ސެލިއުޓް ކުރެއެވެ. 

މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހަށް ތާއީދު ނުކުރައްވަން އަޒާން ނިންމެވި ސަބަބުތައް ވަރަށް ސާފުކޮށް ވިދާޅުވެދެއްވިއެވެ. އަޒާން ވިދާޅުވާ ގޮތުގައި ސަރުކާރުން ބޭނުންވެގެން ސްޕްރީމްކޯޓުގެ ބެންޗުކުޑަކުރުމަށް ގާނޫނަށް ގެނައި އިސްލާހަށް ތާއީދު ނުކުރެއްވީ ނާއީދުނުކުރުމަށް އެތައް ބައެއްގެ ލަފާ ލިބިވަޑައިގަތުމުންނެވެ. އޭގެތެރޭގައި މަޖިލިހަށް އިންތިހާބު ކުރި ދާއިރާގެ ރައްޔިތުންނާއި ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ވަރަށްގިނަ ވަކީލުންގެ ލަފާ ިލިބިވަޑައިގަތް ކަމަށްވިދާޅުވެއެވެ. އަޒާނަށް ލަފާދެއްވި ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވަކީލުންނާއި ޕްރައިވެޓް ޕްރެކްޓިސްގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންންގެ އިތުރަށް ކުރީގެ ފަނޑިޔާރުން އަދި ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި ފަރާތްތަކާއި މިހާރު ވެސް ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައްވެސް ހިމެނި ވަޑައިގަނަވައެވެ. 

ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންވެސް އިސްލާހަށް ތާއީދު ނުކުރެއްވުމަށް އެދިވަދައިގެން ކަމަށް އަޒާން ވިދާޅުވެއެވެ. އަނެއްކޮޅުން ދިވެހި ގައުމަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކުން ވެސް އަޒާނަށް މަޝްވަރާ ދެއްވީ އެއްގޮތަށް ކަމަށް އަޒާން ވިދާޅުވެއެވެ. 

ސުވާލަކީ އަޒާން އަމަލު ކުރެއްވި ގޮތުން ޕީއެންސީން އަޒާނާމެދު ފިޔަވަޅުއަޅާ މަޖިލީހުގެ ގޮނޑި އަޒާނަށް ގެއްލުވާލަފާނެ ހެއްޔެވެ. އަޒާންގެ ގޮނޑި ގެއްލޭވަރުގެ ފިޔަވަޅެއް އަޅުއްވަން މުއިއްޒަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. ބަސްނޭހުމުން އަޒާނު ކަހަލަ އެންމެ މެންބަރެއްގެ ގޮނޑި ގެއްލުވާލެވެން އޮވެ ގޮނޑި ގެއްލުވާލަން ނުކެރިއްޖެނަމަ ސަރުކާރުގެ ނިންމުމާ ދެކޮޅަށް ބަސްބުނެ ވޯޓުދިނުމަށް އެހެން މެންބަރުންނަށް ހުޅުވޭ ދޮރަކަށް އެކަން ވެގެންދާނެއެވެ. އަޒާނަށް ފިޔަވަޅުއަޅަން ނުކެރިއްޖެނަމަ ޕީއެންސީގެ ވިޕް މުގުރާލަން އެހެން މެންބަރުނަށް ދޮރުހުޅުވިގެންދާނެއެވެ. 

]]>
Wed, 26 Feb 2025 13:56:19 +0500 އެޑިޓަރ
އެއްވެސް ރައްޔިތަކީ ސަރުކާރުގެ ދުޝްމަނެއް ނޫން! https://heerasnews.com/3139 https://heerasnews.com/3139 ދައުލަތް ހިންގުމުގެ އަރާބާރުގައި ދައުލަތުގެ މުސާރަ ކައިގެން ތިބޭ މީހުން ކުރަންވާ ވަރުގެ ކަންކަމާ ނުކުރަންވާ ކަންކަން ހުންނާނެއެވެ. ދައުލަތް ހިންގަން ހަވާލުވެ ތިބޭ މީހުން ރައްޔިތުންގެ ތެރެއިން ބަޔަކާ ފާޅުގައި ޖައްސާލައިގެން އުޅުމަކީ ކުރާ ބޮޑުކުށެކެވެ. ދައުލަތުގެ ކަންކަމާ މަތިކޮށްފައި މީހުން ތިބެނީ އާއްމު ރައްޔިތުންނަށް ބިރުދައްކާ އިންޒާރުދީ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފާކަށްނޫނެވެ.  

ގައުމުގެ އެއްވެސް ރައްޔިތަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ދުޝްމަނެއް ނޫނެވެ. ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން އުޅޭ މީހުންނަށް ރައްޔިތުން ފާޑު ކިޔާނެއެވެ. ފާރަވެރިވާނެއެވެ. ތުހުމަތު ކުރާނެއެވެ. ޝަކުވާވެސް ކުރާނެއެވެ. ހީވާ ގޮތްގޮތަށް ވާހަކަވެސް ދައްކާނެއެވެ.

އެހެނެކޭ ކިޔާ މުޅި ސަރުކާރު ނިކުމެ އެއްވާނަކަށް ރައްޔިތުންގެ ތެރެއިން ވަކިވަކި މީހުންނާއި ޖަމާއަތް ޖަމާއަތާ ދިމާކޮށްގެން ނުވާނެއެވެ. ތިމާމެންގެ އަމާނަތުގެ ގޮތުގައި ހުރި މީހުންގެ ޒާތީ މައުލޫމަތާއި ސިއްރުތައް ފާޅުކޮށްގެން ނުވާނެއެވެ. ސިޔާސީ ބޭނުމުގައިވެސް ފިތުނަ ފަސާދައަށް ސަރުކާރުން ޖާގަދީ މީހުންގެ އަބުރު ކަތިލައިގެން ނުވާނެވެ. ކަލަގޮވާ އާޑަ ފުރައްސާރަކޮށްގެން ނުވާނެއެވެ. 

ސިޔާސީ ވާދަވެރިކަމުގައި ތާއީދު ހޯދުމަށްވެސް ދެކޮޅުވެރިކަމާއި ނަފުރަތަށް ޖާގަލިބޭ އެއްވެސް ކަމެއް ސަރުކާރުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި އެކަކަށްވެސް ކުރުމުގެ ހައްގެއް ނުއޮންނާނެއެވެ. އެއް ބައެއްގެ ކުރިން ވެރިކަމާއި ހަވާލުވެގެން އުޅުނު އަނެއް ބަޔަކީވެސް ހަމަ ގައުމުގެ ރައްޔިތުންނެވެ. ވެރިކަމުން ބޭރުވުމުން އެމީހުންނަކީވެސް އާއްމު ރައްޔިތުންނެވެ. ކޮންމެ އާއްމު ރައްޔިތަކީ އެއްކޮޅަސް ދެކޮޅަސް ސަރުކާރުގެ ކުރިމަތީަގއި ހަމަހަމަ ބައެކެވެ. ސަރުކާރަކީ ވަކިބައެއްގެ ސަރުކާރެއް ނޫނެވެ. ރައްޔިތުންގެ ސަރުކާރެވެ. ރުހޭ މީހުންނާއިނުރުހޭމީހުންގެވެސް ސަރުކާރެވެ. ސަރުކާރުގެ ކޮންމެ ފެންވަރެއްގެ ކޮންމެ މުއައްޒަފަކީވެސް ރައްޔިތުންގެ ހާދިމުންނެވެ.  

ވެރިކަމުގައި ތިބެގެންވެސް ނުވަތަ ވެރިކަމުން ބޭރުގައި ތިބެގެންވެސް ގާނޫނާ ހިލާފަށް ކުރާކަންކަން ގާނޫނީ ހަމަތަކުގެ މަތީން ބަލާ ފިޔަވަޅު އެޅުމަކީ ސަރުކާރެއްގެ ޒިންމާއެވެ. އެއްވެސް މީހަކު ނުވަތަ ބަޔަކު ކޮށްފައިވާ ގާނޫނީ ކުށެއް ބަލާ ފިޔަވަޅު އެޅުމަށް ދައުލަތުގެ ތެރޭގައި ހަމަޖެހިފައިވާ އިންތިޒާމް ތަކުގެތެރެއިން ބަލާ ފިޔަވަޅުއެޅުމަކަށް ސަރުކާރަށް ހުރަހެއް ނުއޮންނާނެއެވެ. ގާނޫނީ އިންތިޒާމްތަކުގެ ތެރެއިން ކުރަންވާ ކަންކަން ނުކޮށްތިބެ މުޖުތަމައުގައި ނަފްރަތު އުފައްދާ ޖަދަލުކޮށް މަހާނަމައްޗަށް މަޑިއަށް ޖެހުމަކަށް ދައުލަތުގެ ކަންކަމާ ހަވާލުވެ ތިބޭ މީހުންނަކަށް ލައިސަންސެއް ނުއޮންނާނެއެވެ. 

ސަރުކާރު ދިފާއުކުރާނީ ރައްޔިތުންނާ ޖަދަލުކޮށް ގެރި ޒުވާބުކޮށްގެނެއް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ދީގެންނެވެ. ލުއިފަސޭހަ ކޮށްދީގެންނެވެ. ކުރިއަށްވުރެ ރަނގަޅަށް ކަންކަން ތަރުތީބު ކުރެވި ރައްޔިތުންގެ ހިތު ލޯބި ހޯދައިގެންނެވެ. ދައުލަތުން މުސާރަދީފައި ކަންކަމާ މަތިކޮށްފައި މީހުން ތިބެނިއްޔަކީ އާއްމު ރައްޔިތުނާ ޖަދަލުކޮށް ވާދަވެރިންނާ ބަނޑު މުސާރައަށް ބައްދާކަށް ނޫނެވެ. 

]]>
Sun, 23 Feb 2025 12:05:00 +0500 އެޑިޓަރ
އިންޕޯޓް ދައްވަނީ މުއިއްޒާ ސައީދު ގެ ނާގާބިލުކަމުން https://heerasnews.com/3132 https://heerasnews.com/3132 އިމްޕޯޓުން ލިބޭ އާމްދަނީ ފަތުއަޑު ކިޔާފައި ދަށަށް ދަނީ ކިއްވެކަން ބުނެދޭކަށް ސައީދަކަށް ނޭނގޭނެއެވެ. ކަމެއް އެނގޭނީ ވާނުވާ އެނގޭ ނަމަތާއެވެ. މަޖިލީހުގައި ހުރިއިރު އިގުތިސޯދީ މާހިރެއް އެވަރު ނެތިގެން އަމިއްލައަށް ނެގިނެގިފައި ޖެހުނު ވަރުން އިގުތިސޯދީ ވަޒީރުކަން ދީފައި ހުއްޓަކަސް އަގުޅުނެތް ކަންނޭލެއް ވާނީ އަގުޅިނެތް ކަންނޭލަކަށެވެ. 

ރައީސް ޔާމީނު ވަޒީރުކަން ދީގެން ސަވާރީ ގަނޑަކަށް ގެންގުޅުނީތީ ފިސާރި ހެން ހީވީތާއެވެ. ވަޒީރުކަން ދީފާ ކޮންމެވެސް ބަޔަކު ބައިތިއްބަން ޖެހޭތީ ސައީދު ކަހަލަ މީހުނަށް ވަޒީރުކަން ދީގެން ރައީސް ޔާމީނު އުޅުއްވީ ނަމެއްގައެވެ. ރައީސް ޔާމީނަކީ އިގްތިސޯދީ ކަމެއް ސައީދުގެ ބަހަށް ކުރެއްވި ބޭފުޅެއް ނޫނެވެ. ސައީދަކީ ދުވަހީ އާއްމު ކަންކަމުގައި ސޮއި އަޅާލަން އިކޮނޮމިކް މިނިސްޓްރީގައި ބަހައްޓާފާހުރި "ބޯއި"އެކެވެ. 

ސައީދު އަހަނީ ދުނިޔޭގައި މީހުން ކަންކަން ކޮށްއުޅޭ ވާހަކައެވެ. ކަމެއް ކުރާގޮތެއް ކުރާނެގޮތެއް ނިކުމެދާނެ ނަތީޖާއެއް ސައީދަކަށް ނޭނގެއެވެ. މުއިއްޒަށް ވެރިކަން ލިބުމުން އިގްތިސޯދީ ވަޒީރުކަން ދިނުމުން ސައީދު އަނގައިން ރާއްޖެ ނުގެންދާ ހިސާބެއް ނެތެވެ.

ޑޮލަރު އަގު ވެއްޓި އުފެއްދުންތެރިކަން އިތުރުވެ މީހުންގެ ޖީބުތައް ފައިސާއިންފުރި ބާރުވާނެ ކަމުގެ ހުވަފެން ދެއްކިއެވެ. ބަންކަރިން ހިދުމަތުން ލިބޭ ފައިސާގެ ފުނިވަރު ބޮޑުވެ ޓޫރިޒަމް އިންޑަސްޓްރީއަކީ އެއްވެސް އެއްޗަކަށް ނުވާވަރަށް ބަންކަރިންގ ކުރިއަށް ޖައްސާލާނެއޭ ހީވާވަރަށް ބައިސާ ކެނޑިއެވެ.  

އެލޮން މަސްކް ލޮލަށް ހަމަ ނިދި ނައިސްގެން އުޅޭތަން ފެނުނީ ސައީދު މެދުވެރިކޮށް ރާއްޖެއަށް ޕޭޕާލް ނިޒާމް ތައާރަފް ނުކުރެވިގެންނެވެ. މިހެން ކިޔާފައި ނުކިޔާނެ ކަމެއްނެތެވެ. އެކަމަކު ރަނގަޅު ވީކަމެއް ރަނގަޅު ވާކަމެއް ހަރާމުން ހަރާމެވެ. 

ބާޒާރުގެ އަގުތަކަށް އަތެއް ނުފޯރައެވެ. ކުރިން ލިބުނު ވަރާ ގާތަށްވެސް ބޭސްފަރުވާގެ ހިދުމަތެއް ނުލިބެއެވެ. ކަރަންޓް ބިލާއި ފެންބިލާއި އެހެންވެސް ހިދުމަތަކަށް ދައްކަން ޖެހޭ ފައިސާއެއް ވިއްޔާ ވަނީ މަތި މައްޗަށް ބޮޑެވެ. ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވާއިރު ލިބޭ ޢާމްދަނީ ވަނީ ދަށެވެ. އިންވެސްޓް ހޯދުމުގެ ނަމުގައި ދުނިޔޭގެ ކަންކޮޅުތަކަށް ބައިހަދާފައި ދަތުރުކޮށް ބޭރުފައިސާތައް ތަޅާއަޅަނީއެވެ. އިސްރާފް އެހާ ބޮޑެވެ.

ގިނަ ލާރި ހޯދަން ބޭނުންވެގެން އެޅިކުއްލި ފިޔަވަޅުތަކާހުރެ ޓޫރިޒަމް އެރައިވަލް ބަލަބަލާ ތިއްބާ މިއަހަރު ވެއްޓޭތަން ދެކެން ތިބޭށެވެ. އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބަނގުރޫޓް ވެއްޖެއެވެ. ޕާމަސީތަކާއި ކުލިނިކްތައް ދަރާވިކިގެން ދަނީ ތަޅު އަޅުވަމުންނެވެ. ކަންމަތީ ފިހާރަތައް ބަންދުވަނީއެވެ. ނަގާ ޖީއެސްޓީ ވަނީ އިތުރެވެ. މަސްވެރިކަމުގެ ވާހަކަ ހެޔޮވާނީ ނުދެއްކުމެވެ.

އާނއެކެވެ. ރާއްޖޭގެ އިންޕޯޓް އިންތިހާއަށް ދަށަށް ހިނގައްޖެއެވެ. އިންޕޯޓުން ލިބޭ ފައިސާ ވެސް ދައުލަތަށް މަދުވެއްޖެއެވެ. އިންޕޯޓް ދަށްވެ އިންޕޯޓް ޑިއުޓީ ލިބުން މަދުވީ އެތެރޭގެ އުފެއްދުންތެރިކަން އިތުރުވެގެން އިންޕޯޓަށް ބަރޯސާވުން ކުޑަވެގެނެއް ނޫނެވެ. ފަހަރުގައި ސަރުކާރުން ނިކުމެ އެހެންވެސް ބުނެފާނެއެވެ.

އިންޕޯޓް ދަށްވެ އިންޕޯޓް ޑިއުޓީ ލިބުން މަދުވީ މުދާ ގަތުމަށް ބޭނުންވާ ޑޮލަރު ލިބުން ދަތިވެގެންނެވެ. ކެއުންބުއިމަށް ކުރަން މަޖުބޫރު ކަމެއް ނޫން މަސައްކަތެއް ނުކުރެވޭ ވަރަށް ގައުމުގެ އިގްތިސޯދު ބޮއްސުން ލައިގެންނެވެ. އެތެރެކޮށްފައި ހުރި މުދާ ވިއްކައިގެން އަލުން މުދާ ގަންނަން ބޭނުންވާ ބޭރުފައިސާ ގަނެވޭ ވަރަށް ވިޔަފާރި ނުވަންޏާ އިންޕޯޓްކުރާ މުދާ ފަތުއަޑު ކިޔާފައި މަދުވާނެއެވެ. މަސްކަތްތައް ހުއްޓުމާ ޑޮލަރު އަގު އުފުލިފައި އޮތް އޮތުމަކީ އިންޕޯޓް ދަށްވާ ސަބަބެވެ. މިހާރު ރާއްޖެއަށް މިވަނީ މުއިއްޒާ ސައީދުގެ ނާގާބިލުކަމުން ވާނެ ހައެއްޗެވެ. 

]]>
Tue, 18 Feb 2025 19:43:58 +0500 އެޑިޓަރ
އަލީ ހުސައިނަށް: ހާސްނުވޭ! އެގޯސްވެސް މުއިއްޒު ހަދާނެ! https://heerasnews.com/3123 https://heerasnews.com/3123 މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތްވެސް މުއިއްޒު އެއޮތީ ހަދާފައެވެ. މަޖިލީހުގެ މެންބަރަކަު އެކަމެއް ބޮޑުވެގެނެއް ނޫޅެއެވެ. އަމިއްލައަށް ދަންމަޅިޖަހައި ކަރަށް މަހާލައިގެން އެތިބީ ހިނި އައިސްފައި ނޫންހެއްޔެވެ. 

މަޖިލީހުގައި ތިބިހާ މެންބަރުންނާއި ސިޔާސީ ޕާޓީތަކާއި ގާނޫނީ ވަކީލުން ތިބިތާ ތިބީއެވެ. ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން އެއިން އެކަކަށްވެސް ނުކެރުނެވެ. ކެރުނީ އަލީ ހުސައިން އަށެވެ.

ހުދު ސްޕްރީމް ކޯޓަށްވެސް ކަމަކީ މާ މުހިންމު ކަމަކަށް ނުވެއެވެ. ގާނޫނު އަސާސީގެ ބަލަދުވެރިފަރާތް ކަމަށް ހެދިގެން ގިނަ ކަންކަމުގައި އެތަންވެސް އޮންނަނީ ގަދަ ނިދީގައި ނޫން ހެއްޔެވެ. ގާނޫނު އަސާސީގައި ބުނާ ތިން ބާރުން އެއްބާރު ސިޔާސީ ޕާޓީއެއްެ ގޮނޑިކޮއްކޮއަކަށް ހެދި އިރުވެސް ބަލަދުވެރިޔާއަށް ދެނަހުރި ކަނޑެއް ފަޅެއްނޫނެވެ. އަނގަނެތިގެން މީހަކު ގޮސް މައްސަލަ ވެއްދީމާވެސް އެ ތިބެނީ ދަމަލާފައެވެ.

ގާނޫނު އަސާސީއަށް ގެނައި ކުއްލި ބަދަލާ ގުޅިގެން ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ހުކުމެއް ނެރުމަކަށް އެއްވެސް އިސްކަމެއް ބަލަދުވެރިޔާ ވެސް ނުދޭ ނޫންހެއްޔެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މިހާރު އެހުރި މީހާގެ މަގާމަށް މިރޭގެ އިރު އަރަންވާ އިރަށްވެސް ވެފައި އޮންނާނެ ގޮތެއް ނޭނގޭހާ މަޖިލީހުގެ ރައީސް އެހުރީ ހައްސާސް ހާލަތެއްގައެވެ. ޒާތީ މައުލޫމަތުން ވައްކަންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީއަކުން މިހާރުވެސް އޮތީ ވަގަށް ނަގާފައެވެ. އެހެނެއް ކަމަކު ސްޕްރީމް ކޯޓަށް ކަހަރު ވަކެކޭވެސް ހިޔެއް ނުވެއެވެ.

މުޖުތަމައުގެ އާންމު ހަމަޖެހުމަށް އަސަރުކޮށްފާނެ ކަމަށް ފެންނާތީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޯޓު އަމުރެއް ނެރެންޖެހޭ ކަމަށް އަލީ ހުސައިންއަށް ގަބޫލު ކުރެއްވުނަސް ސްޕްރީމް ކޯޓަށް މުހިންމު ކަމެއްކަމަށް ގަބޫލު ކުރެވޭނަމަ ހޭލާ ތިބެގެންވެސް އެކަން ކުރާނެއެވެ. މުޅި ގައުމުގެ އާންމު މަސްލަހަތާ ގުޅިފައި އޮތް ކުއްލި މައްސަލައެއް ކަމަށް ގޮނޑިގެއްލޭ އިސްލާހުވާ ކަމަށް ކޯޓުން ގަބޫލު ކުރާނަމަ އެކަމުގެ ވަށައިގެންހުރި ހުރިހާ މަގެއް ބައްދާ އާރާ ބާރު ހުރިވަރު ދައްކާލީހެވެ. އެކަމަކު ވެގެން އުޅޭ ގޮތެއް ނޭނގެއެވެ. ކަމަކީ ކަމުގެ ހައްސާސްކަމަށް ބަލާ ކުޅިބަލަން މަޑުން ތިބޭ ކަހަލަ ކަމެއްނޫން ނަމަވެސް އެ ޝަރީއަތް ހިންގަން އެތިބެނީ މޭ ބޮޑުވެފައެވެ. 

ސުލޫކީ މައްސަލަ ބަލައި މަގާމުން ވަކި ކޮށްފާނެތީ ބިރުނަގަނީ އެކޭ މަށަކު ނުބުނަމެވެ. ގޮނޑިގެއްލޭ މައްސަލާގައި ކޮންމެ ގޮތަކަށް ހުކުމް ނިކުތަސް ސްޕްރީމް ކޯޓްގެ ބެންޗުން މަދުވެގެން 3 ފަނޑިޔާރެއްގެ މަގާމު މުއިއްޒު ގެއްލުވާލާނެ ކަމަށް ޔަގީން ކުރެވެއެވެ. މިހާރު އޮތް ބެންޗުން މަޖިލީހުގެ ގޮނޑިގެއްލޭ އިސްލާހާ ދެކޮޅަށް ހުކުމް ނެރުނަސް މުއިއްޒު ކޮންޓްރޯލްކުރާ ފަނޑިޔާރުންގެ ބެންޗް އައުމާއެކު ހުކުމް ރިވިއުކޮށް ބަދަލު ކުރާނެއެވެ. އެހެންކަމުން މިހާރުތި މީހުން ބެންޗުން ބޭލުމުގެ ކުރިން ރޯގިލަކަންފުޅެއް ނުވެއެއް ކަމަކު ނުދާނެތާއެވެ. ވިއްކާލަން އުޅޭ އަގުބޮޑު ޖަވާހިރު ވިއްކާނުލާ ގިނަ ދުވަހު ނީލަމުގައި އޮންނަނީ ނުވިކިގެނެއް ނޫނެވެ. އަގުއަރުވާށެވެ.   

]]>
Thu, 13 Feb 2025 19:29:55 +0500 އެޑިޓަރ
ހުކުމުގެކުރިން މަޖިލީހުގެ ވަރަކޮށާލި އިސްލާހުން ސްޕްރީމްކޯޓް ބަނދެލުން! https://heerasnews.com/3114 https://heerasnews.com/3114 ސަރުކާރު ހިންގުމަށް ބޭނުންވާ އިންތިޒާމީ ހެޔޮ އިސްލާހީ ބަދަލުތައް އާއްމު ގާނޫނުތަކަށް ގެނައުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ހާލަތާ ވަގުތައް ބަލާ އާއްމު ގާނޫނުތަކަށް ހާލަތާގުޅޭ ބަދަލުތައް ގެންނަންވެސް ޖެހޭނެއެވެ. އެހެނެއް ކަމަކު ރައީސް މުއިއްޒު ކުޅޭކުޅޭ އެއްޗަކަށް އާއްމު ގާނޫނުތަކާއި ގާނޫނު އަސާސީ ހަދަން ނުހަދާށެވެ. ދައުލަތުގެ ބާރުތަކާއި ފާރަވެރިވުމާއި ޖަވާބުދާރީ ކުރުވުމުގެ އުސޫލުތަކާ ހިތުހުރި ގޮތަކަށް އެކަކަށްވެސް ކުޅެގެން ނުވާނެއެވެ. ތިންބާރު ވަކިކޮށް އެއްބާރުން އަނެއް ބާރަށް އަރައިނުގަނެ ޖަވާބުދާރީ ކުރެވެނިވި ދައުލަތަކަށް ދައުލަތް ހިންގުން ބަދަލުކުރީ ވެރިކަން ހިންގާ ބާރުން ހިތުހުރި ގޮތަކަށް ކަންކަން ކުރިޔަނުދިނުމަށެވެ. 

ވެރިމީހާގެ މުށުތެރެއަށް ސަރުކާރާއި މަޖިލީހާއި ފަނޑިޔާރުގެ ލައިގެން ފާރަވެރިވާ މުއައްސަސާތަކުގެ ވާގިނައްތާލައިގެން ކުރާވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ނޫނެވެ. 2007 ގައި ހންގަންފެށި ގާނޫނު އަސާސީގެ މައިގަނޑު ބާރަކީ ރައްޔިތުންގެ ބާރެވެ. އައު ގާނޫނު އަސާސީން އެންމެ ބޮޑު ބާރެއް ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިކޮއްކޮއަކަށް ބަދަލުވުމުން ފަނޑިޔާރުގެއޭ މިނިވަން މުއަައްސަސާތަކޭ ކިޔުމުގެ ބޭނުމެއް ނެތެވެ. އޭރުން ދަމެއްގެ ދެކޮޅުވެސް ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބަދަލު ގެނެސްގެން ރައީސުލްޖުމްހޫރިއްޔާ ބޭނުންހާ ގޮތަކަށް ކަންކަން ބަދަލުކޮށް ރައްޔިތުންގެ ބާރު ކަނޑުވާލާނެއެވެ. ހަތިޔާރާއި ބާރުގެ ކުރިމަތީގައި ރައްޔިތުން ޖެހޭނީ ކުޑަކަކޫ ޖަހާށެވެ. މަޖިލީހުން ފާސްކޮށްކޮށްގެން ގާނޫނު ހިންގުމުގެ ނަމުގައި ކޮށްފާ ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މައްޗަށް މުއިއްޒުގެ ފުރިހަމަ ބާރު ހިންގުމަށްޓަކައި ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް އެ އޮތީ ބަދަލު ގެނެސް ފައެވެ. އިސްލާހު ފާސްކުރީ ދާއިރާތަކުގެ ރައްޔިތުން އިންތިހާބު ކޮށްފައިވާ މީހަކު ވަކިކޮށްލާއިރު ރައްޔިތުން ކުރެން ހޭވެސް އަހާލަން ނުޖެހޭ ގޮތަށެވެ. ތިން ބާރުން އެއްބާރު ވަކި ބާރަކަށް ރަހީނު ކުރެވޭވަރުގެ ބޮޑު އިސްލާހެއް ގާނޫނު އަަސާސީއަށް ގެނެސް ނިންމާލީ ރައްޔިތުންގެ ހިޔާލުހުރި ގޮތް ބަލާލުމެއްނެތި އައްޑަން އިރުގެތެރޭގައެވެ. 

ތިން ބާރުން އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ވަރަކޮށާލި އިސްލާހާ ދެކޮޅަށް ސްޕްރީމް ކޯޓަށް އިލްތިމާސް ކޮށްފައި އޮތުމުން ދެން ވާގޮތް ބަލަން ތިބޭށެވެ. މަޖިލީހުގެ މެންބަރުންގެ ގޮޑިގެއްލޭ މައްސަލައަށް ސްޕްރީމް ކޯޓުން އަދުލުވެރި ހުކުމެއް ނެރުނަ ނުދިނުމަށް މުއިއްޒު މަޖިލީހުގެ ބޭނުން ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. މުއިއްޒު އެކަން ކުރަނީ ސްޕްރީމް ކޯޓުގައި އޮތް މަޖިލީހުގެ ވަރަކޮށާލި އިސްލާހުގެ ބޭނުން ހިފައިގެން ގޮނޑި ގެއްލުވާލާނެ ކަމުގެ ބިރު މަޖިލީސް މެންބަރުންނަށް ދައްކައިގެންނެވެ. މުއިއްޒު އަމާޒު ހިފާފައިހުރީ މަޖިލީހުގެ ވަރަކޮށާލި އިސްލާހަށް ހުކުމް ކުރުމުގެ ކުރިން ސްޕްރީމް ކޯޓުގެ ބެންޗް ބަދަލުކޮށްލުމަށެވެ. ސްޕްރިމް ކޯޓުގެ ފަޑިޔާރުންގެ މެޖޯރިޓީ މުއިއްޒުގެ ޕަޕެޓުންނަށް ހެދުމަށެވެ. 

މުއިއްޒުގެ މުށުތެރެއަށް ރަނގަޅަށް ސްޕްރީމް ކޯޓު ލެވުމުން ތިންބާރެކޭ ޖަވާބުދާރީއެކޭ ޑިމޮކްރަސީއެކޭ އަދުލު އިންސާފޭ ރާއްޖޭގައި އެކަކުވެސް ކިޔާނެކަމެއް ނެތެވެ. ވެރިކަން ހިންގުމުގެ ކަންކަން އެ ހިސާބަށް ދިޔުމުން ގޮތްހުސްވެ ކޮންމެ މީހަކީ އަމިއްލަ އަމީރަކަށްވެ ހުކުންކޮށް ހުކުން ތަންފީޒު ކުރާނީ އަމިއްލަ އަމިއްލައަށެވެ.  

]]>
Sat, 08 Feb 2025 16:50:00 +0500 އެޑިޓަރ
މުއިއްޒު މާދަމާ ރިޔާސީ ބަޔާނޭ ކިޔައިގެން ދޮގުނުހަދާ އިސްތިއުފާދީ! https://heerasnews.com/3108 https://heerasnews.com/3108 2024ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަމުން ރައީސް މުއިއްޒު ދިން ރިޔާސީ ބަޔާނުގައި ދެއްކީ ހުސްހޮޅި ވާހަކައެވެ. ރިޔާސީ ބަޔާނުގައި ބުނި އެއްވެސް ވާހަކައެއް ހަގީގަތަކަށް ހަދައެއް ނުދެވުނެވެ. 2024ގެ ރިޔާސީ ބަޔާނަކީ ތެޔޮގުޅާ ސާދާކޮށްފައިވާ ހިޔާލީ ފޮލާއެކެވެ. ވަހެއްނެތް އަަޑުގަދަ ޖަމަލު ފޮޑުއެކެވެ. ސައިބޯނި ބޮތްކެކެވެ. 

ބަޔާން ފަށަމުން އެންމެ ފުރަތަމަވެސް ބުނީ ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެ ކަމަށެވެ. ސިޔާސީ ގޮތުން އިނގިރޭސީންގެ ހިމާޔަތުން ވީއްލުނީއްސުރެ ރާއްޖެއަކީ މިނިވަން ގައުމެކެވެ. އޭގެ ފަހުން ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ ގައުމުގެ މިނިވަންކަން ގެއްލޭފަދަ ހާލަތަކަށް ދިޔައީ އެންމެ ފަހަރަކުއެވެ. 1988 ނޮވެންބަރ 3 ގައި ތަމަޅައިންގެ ބަޔަކު ދިން އުދުވާނީ ހަމަލާ ނޫނީ ރާއްޖޭގެ މިނިވަންކަން ހިމަޔަތް ކުރަން ކަމެއްކުރާކަށް ޖެހިފައެއް ނެތެވެ. އަމްދުން މިޒަމާނަކީ ބާރުގަދަ ގައުމުތަކުން މިނިވަން ގައުމެއް އަޅުވެތިކުރަން ފުރުސަތު އޮތް އިރެއްނޫނެވެ. 

ކުވައިތަށް އިރާގު އެރުމުން ވީގޮތް ފެންނާނެއެވެ. ޔުކުރޭނަށް ރަޝިޔާ އެރުމުން ވަމުންދާ ގޮތްވެސް އެބަފެނެއެވެ. އެއްވެސް ގައުމަކުން އަނެއްގައުމެއް އަޅުވެތި ކުރުމަކީ މިހާރަކު ފަސޭހަކަމެއް ނޫނެވެ. އަމްދުން ތަމަޅައިންގެ އުދުވާންގެ ކިބައިން ރާއްޖެ ސަލާމަތް ކޮށްދޭން އިސްނަގާ އެހީތެރިވެދިން އިންޑިއާއިން ރާއްޖެ ހިފުމުގެ ވިސްނުމެއް އެއްއިރަކުވެސް އެމީހުން ނުގެންގުޅެއެވެ. 

ޒަމާންވީ އަވައްޓެރި އެކުވެރިޔާގެ ގޮތުން އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް މިތުރެވެ. މިތުރުންގެ ހިތައް ދަތިކޮށް ނުނިޔަތްލާ ވެރިކަމުގެ މަސްތުގާ އިންޑިއާ އައުޓް ޖެއްސުމަކީ މިނިވަންކަން ހިމާޔަތް ކުރުން ނޫކަން އިންޑިއާގެ ފައިބުޑަށް ވެއްޓި މޯދީގެ ކުރިމަތީގައި އޮންނަން ޖެހުމުން ހުންނާނީ ވިސްނިފައެވެ.

ރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން (އިންޑިއާ ސިފައިން) މި ފަސްގަނޑުން ފޮނުވައިލުމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލާނެ ކަމަށް ބުންޏެވެ. 

އިންޑިއާގެ ސިފައިންގެ ބޭލުނީ ޔުނީފޯމެވެ. އަސްކަރީ އުޅަނދެއް އެއުޅަނދުތަކުގައި ކުރި މަސައްކަތެއް އެކަމުގައި އުޅޭ އިންޑިޔާ މީހުންގެ އަދަދެއް މަދެއް ނުކުރެވުނެވެ. ހަގީގަތުގައި ބާލަން އުޅުނު އިންޑިއާ ސިފައިނެއް ނުބޭލުނެވެ. ދުނިޔާއާއި ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީ ބޭލުނިއްޔާ ބޭލުނީ މުއިއްޒު ލައިގެން ހުރި އަންނައުނެވެ. 

ދުނިޔޭގެ ކޯޓަކުން ބައިނަލްއަގުވާމީ ހަމަތަކުގެ މަތީން ބައިކުރި ފޯޅަވަހި ކަނޑު ހޯދާނެކަމަށް އަޑަށް ބާރުލާފައި ރިޔާސީ ބަޔާން އިއްވަމުން ބުންޏެވެ. އިސްތިއުނާފްވެސް ނުކުރެޥޭ ނިންމުމެއް އަނބުރާލާނެ ކަމަށްބުނެ ބަޔަކު ހޯދައިގެން ހަބީރުންގެ ދިރާސާގެ ނަމުގައި އެތައް މިލިޔަން ޑޮލަރެއް ބޭކާރު ގޮތުގައި ބައި އަޅައިގެން ތަޅާލުން ނޫންކަމެއް ނުކުރެއެވެ. ކުޑަމިނުން އިޓްލޮސްޢާއި ހަމަޔަށްވެސް ނުދެވި ގެއްލުނު ކަނޑުގެ ވާހަކަ އޮއްބާލީއެވެ. 

ކުރީ ސަރުކާރުން ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާގޮތަކަށް ދައުލަތުން ހަދާފައިވާ އެއްބަސްވުތައް ހާމަކޮށް އުވައިލާނެކަމަށް ނިކަން ބަރުލާފައި ބުންޏެވެ. ހާމަ ކުރަން ބުބި އެއްވެސް އެއްބަސްވުމެއް އަދިއަދަށްވެސް ހާމައެއް ނުކުރެއެވެ. އުވައެއް ނުލައެވެ. އެއްބަސްވުމާއެކު ދަނީ ބާރަށް ކުރިއަށެވެ. އިތުރު އެއްބަސްވުންތައް ވެސް ހަދަނީއެވެ. ކަނޑުއަޑި ހާވާ އެއްބަސްވުމާއި އުތުރުތިލަފަޅު އަސްކަރީބޭހާއި ރޯހިތު ވެސް މިހާރު އޯކޭއެވެ. އަސްކަރީވައިެ އުޅަދުތަކާއި ގެރިގޮރު ލޯގަޑު ވަރެއް ނެތިއްޖެއެވެ. 

2024ގެ ރިޔާސީ ބަޔާނަކީވެސް މުއިއްޒު ދޮގު ސިލްސިލާގެ ދިރިއޮތް ދޮގުފައްޗެކެވެ. ކުރެވުނު ކަމެއް ކޮށްދެވުނު ކަމެއް ރައްޔިތަކަށް ނެތެވެ. 2 ސަޕްލިމަންޓްރީ ބަޖެޓާއި 2024 ގެ އަހަރީބަޖެޓް ގެ 61.1 ބިލިޔަން ރުފިޔާ ތަޅާ ހުސްކޮށްލީއެވެ. މާދަމާ އަނެއްކާ ރިޔާސީ ބަޔާނުގެ ނަމުގައި އަރާ ގޮވާނީ ކޮންމޮޔައެއް ކަމެއް ނޭނގެއެވެ. އޮބިނޯވެގެން ގޮސް ކެތް ނުވެގެން މާދަމާ އިއްވާނީ އިސްތުއުފާގެ ރިޔާސީ ބަޔާން ނޫންކަމެއް ނޭނގެއެވެ. 

]]>
Wed, 05 Feb 2025 16:14:16 +0500 އެޑިޓަރ
ސިނގިރެޓް ބޯން ހުއްދަނަމަ އުފެއްދުން ހުއްދަކުރަންޖެހޭ! https://heerasnews.com/3097 https://heerasnews.com/3097 ބަޔަކު މީހުން ރާއްޖޭގައި ސިނގިރެޓް އުފައްދައިގެން ވިއްކާތީ ފުލުހުން ވަދެ އެކަން ހުއްޓުވާ އެތައް ބައިވަރުތަކެއް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ. ބަޔަކު ލޮނުއެޅި މިޔަރުމަހާއި މަޑިމަސްތަކެއް ބޭރުކުރަން އުޅެގެން ކަސްޓަމުން އެތަކެތި އަތުލައިގެންފިއެވެ. މަނާ ކަންކަމަށް ވެގެންނެވެ. ސުވާލަކީ ރާއްޖޭގައި ބަޔަކު އާމްދަނީ ހޯދުމަށް ހުއްދަ ހަލާލު މަސައްކަތެއް ކުރަން ގާނޫނުން މަނާކޮށްގެން ހާސިލުކުރަން މިއުޅެނީ ކޮންކަމެއް ހެއްޔެވެ.

އާއްމު ސިއްހަތަށްޓަކާ ރާއްޖޭގައި ސިނގިރޭޓް އުފައްދައިގެން ވިއްކުން މަނަލެވެ. ޓެކްސް ދައްކައިގެން އެތެރެކޮށްގެން ވިއްކާ ސިނގިރެޓް ހުއްދައެވެ. ގަވައިދުން އެތެރެކޮށްގެން ސިނގިރެޓް ވިއްކުން ހުއްދަވަންޏާ ޓެކްސް ދައްކައިގެން ރާއްޖެ އެތެރެކުރާ ދުންފަތާއި ސިނގިރެޓް އުފެއްދުމަށް ބޭނުންކުރާ ތަކެތިން ރާއްޖޭގައި އުފައްދާ ސިނގިރެޓް މަނާކުރުމަކީ ފެންހިފޭ ނިންމުމެއް ހެއްޔެވެ. 

އަވަށްޓެރި ބައެއް ގައުމުތަކުގައި މަނަލީ ސިނގިރެޓް އެތެރެކޮށްގެން ވިއްކުމެވެ. ވިއްކަން ހުއްދައީ އެގައުމެއްގައި އުފައްދާ ސިނގިރެޓެވެ. ގާނޫނީ ފާރަވެރިވުމުގެ ތެރެއިން ސަރުކާރުން ގަބޫލުކުރާ ފެންވަރެއްގައި ރާއްޖޭގައި އުފައްދާ ސިނގިރެޓް ވިއްކުން ހުއްދަކުރުމުގައި އޮތީ ކޮން ގޯހެއް ހެއްޔެވެ. ބޭރުން އެތެރެކުރިޔަސް ރާއްޖޭގައި އުފެއްދިޔަސް ދުންފަތުގެ އިސްތިއުމާލު ކުރުމުން ސިއްހަތަށް ލިބޭގެއްލުމެއް ލިބޭނެއެވެ.

ސަރުކާރުން ގަބޫލުކުރާ ފެންވަރެއްގައި ރާއްޖޭގައި ސިނގިރެޓް އުފައްދަން ފުރުސަތު އޮތްނަމަ މުޅި ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ސިނގިރޭޓް އުފައްދާނެއެވެ. ޓޫރިސްޓް ރިސޯޓްތަކަށް ސަޕްލައި ކުރެވޭ ވަރަށާއި އެކްސްޕޯޓްކުރާ ވަރަށްވެސް ރާއްޖޭގައި ދިވެހި ޕާޓީ ތަކުން ސިނގިރެޓް އުފައްދާނެއެވެ. އޭރުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެ އެތައްބަޔަކަށް އިތުރު އާމްދަނީ ލިބެން ފަށާނެއެވެ. 

ލޮނުމަހާއި މިޔަރު އުރަހައާއި އެންދެރިޢައި ކަނހަބުފަތާއި ރަތްގައު ފަދަ ބާވަތްތައް އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުން މަނާ ކުރުމަކީވެސް އެޒާތުގެ ކަމެކެވެ. ރަނގަޅު މޮނިޓަރިން ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ގުދުރަތީ މުއްސަދިކަމުގެ ފައިދާ ދިވެހިންނަށް ނުހޯދޭ ގޮތަށް ގާނޫނުތަކުން ކަންކަން މަނާކޮށްގެން ތިބޭ ތިބުން ނިމުމަކަށް ގެނެސްފިނަމަ ދިވެހިންގެ ފުދުންތެރިކަން އިތުރުވެ އުފެއްދުންތެރި ކަން ބޮޑުތަނުން އިތުރުވާނެއެވެ. 

ތިމާވެށި ހިމާޔަތް ކުރުމާއި ސިއްހަތު ސަލާމަތް ކުރުމުގެ ނަމުގައި ކަންކަން މަނާކުރި ކުރީނުން ހަލާލު ހުއްދަ މަސައްކަތެއް ހުއްދަގޮތުގައި ދިވެއްސަކަށް ކުރެވޭކަށް ނެތެވެ. ކިއްލިތަޅާ ހެދިކާ ހަދާ ވިއްކުން ފަދަ ކަންކަމަކީވެސް ގަވައިދުތަކުގައި ބަދެވިގެން މީހުނަށް ކުރެވޭވަރު ކަމަކަށް ނުވެއެވެ. 

ގެރި ބަކަރިއާއި ކުކުޅު ގެންގުޅުން ފަދަ ކަމެއް ކުރަންވިޔަސް، ދަނޑުވެރިކަން ކުރަން ދިމާކުރިޔަސް ދިގުމުއްދަތެއްގައި ކަމަކަށް ވާވަރަށް އެކަން ކުރަން އުސޫލުތަކާއި ގަވައިދުތަކުގެ ތެރެއިން ފުރުސަތެއް ނޯވެއެވެ. ސަރުކާރަށް ދައްކަންޖެހޭ ކުލިތަކާއި ފީތަކާއި ޓެކްސްތަކާ ޖޫރިމަނާ ތަކާ ހުރެވެސް އާރުލާ ގޮތަކަށް ދެމެހެއްޓެނިވި ގޮތަކަށް ކަމެއްކުރުމަށް ރާއްޖޭގައި ފުރުސަތެއް ނޯވެއެވެ. މަނާ ނޫން އެއްޗެއް ދިވެހިންގެ މަސައްކަތު ކުޅިބަޔަކު ނޯވެއެވެ.  

]]>
Fri, 31 Jan 2025 16:00:31 +0500 އެޑިޓަރ
މުއިއްޒު ވެރިކަމުގައި މާލެސިޓީ ކައުންސިލް އޮޑިޓްކުރުމަކީ ބަޑިބޭހާ ކުޅުން! https://heerasnews.com/3080 https://heerasnews.com/3080 މާލެ ސިޓީ ކައުންސިލް އޯޑިޓް ކުރެއްވުމަށް މޭޔަރ އާދަމް އާޒިމް އިސްނެންގެވި ނެންގެވުމަކީ ހެޔޮފާލެކެވެ. 2021 ވަނައަހަރުން ފެށިގެން މާލެ ސިޓީ ކައުންސިލް އޯޑިޓް ނުކޮށް އޮތީ އޭރުގެ މޭޔަރ މުއިއްޒުގެ ކޮންފަދަ ނުފޫޒެއް އޮޑިޓަރ ޖެނެރަލަށް އޮވެގެން ކަމެއްނޭނގެއެވެ. އެނގޭ ކަމަކީ މުއިއްޒުގެ މޭޔަރކަމުގައި މާލެ ސިޓީ ކައުންސިލް އޮޑިޓްކޮށްފައި ނެތްކަމެވެ. 

މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރ އާދަމް އާޒިމްގެ މޭޔަރކަމަށް އެއް އަހަރު ފުރުމާއެކު އާޒިމް އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކަށް އެ ހެއްދެވީ މާލެ ސިޓީ ކައުންސިލް އޯޑިޓް ކުރެއްވުމެވެ. 

މޭޔަރ އާޒިމް އިސްނަންގަވައިގެން އޮޑިޓަރ ޖެނެރަލާއި ބައްދަލު ކުރައްވާ މާލެސިޓީ ކައުންސިލް އޯޑިޓް ކުރުމަށް އެދިވަޑައިގަތުމަކީ އުފާވެރި ހަބަރެކެވެ. ކޮރަޕްޝަނުން ސަލާމަތްވެފައިވާ މުއައްސަސާއަކަށް މާލެ ސިޓީ ކައުންސިލް ހެއްދެވުމަށް މޭޔަރ ބޭނުންފުޅުވެ ވަޑައިގަންނަވާ މިންވަރު ހާމަވެގެންދާ ކަމެކެވެ

2021 އިން 2024ގެ ނިޔަލަށް މާލެ ސިޓީ ކައުންސިލް އޯޑިޓް ކުރައްވާ އެތާނގެ ތެރެއިން ކޮރަޕްޝަންގެ މޫތައް ލުހެލުމަށް އާޒިމް ފައްޓަވާ ދަތުރަކީ ގޮންޖެހުން ބޮޑު އުނދަގޫ .ދަތުރަކަށް ނުވެއެއް ނުދާނެއެވެ. މާލެ ސިޓީ ކައުންސިލަކީ ޑރ. މުއިއްޒުގެ މޭޔަރކަމުގައި ހުންނަވައިގެން އެތައް ކޮރަޕްޝަނެއް ހިންގަވަފައިވާކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރެވޭ މުއައްސަސާއެކެވެ.

ކުރީގެ މޭޔަރ މުއިއްޒު ދައުލަތުގެ އެންމެމަތީ ވެރިއަކަށް ހުންނަވަނިކޮށް މުއިއްޒަށް ނިސްބަރްވާ ކޮރަޕްޝަންތަކެއް ސާބިތުވާވަރުގެ އޯޑިޓެއް ކުރުމަކީ އޮތް ބޮޑު ގޮންޖެހުމެކެވެ. މުއިއްޒުގެ ވެރިކަމުގައި މާލެ ސިޓީ ކައުންސިލްގެ ދެފުށްފެންނަ ސައްހަ އޯޑިޓެއް އޮޑިޓަރ ޖެނެރަލަށް ކުރެވިދާނެ ކަމާމެދު ޝައްކެވެ. މުއިއްޒާ ގުޅުން ހުރިކަމެއް އޯޑިޓްކުރަން އުޅުމަކީ ބަޑިބެހާ ކުޅުންފަދަ ކަމެކެވެ.    

]]>
Thu, 23 Jan 2025 11:55:35 +0500 އެޑިޓަރ
ފިނިފެންމާ އެއްލާލަން މުއިއްޒަށް އެހުރީ ނުކުރިފަ! https://heerasnews.com/3079 https://heerasnews.com/3079 ލައްކައެކޭ ހީކޮށްގެން ރައީސް ޔާމީނުގެ ފިނިފެންމަލަށް މުއިއްޒު އިގުތިސޯދީ ވަޒީރުކަން ދިނީ މޮޅުތަކެއް ވާނެކަމަށް ހީކޮށެވެ. ރައީސް ޔާމީންގެ ވަޒީރު ކަމުގައި ވީއެއް ނުވިއެއް މި ކަލޭގެއަށް ނޭގޭކަމެއް މުއިއްޒަކަށް ނޭނގެއެވެ. ވަޒީރުކަން މުއިއްޒު ދިނީ މާވަރުގަދަ އެކޮނޮމިސްޓެކޭ ހިތައެވެ. ވެރިކަމުން ބޭރުގައި އުޅުނު އިރު ފުއްޕަފުއްޕާފައި އުޅުނު ތުރާކުނު ސައީދަކީ އަނގުޅިނެތް ކަންނޭލެއްކަން މިހާރު މުއިއްޒަށް އެނގުނީތާއެވެ. 

ރައީސް ޔާމީނަށް އަތްގާތް ކޮށްދޭން ގެންގުޅުނު ފިނިފެންމާ މިލާ މޯޅިވެއްޖެއެވެ. މިހާރަކު ހަބަރެއް ހިލަމެއްނެތެވެ. މުއިއްޒުގެ އިގްތިސޯދީ ވަޒީރުކަން ލިބުމުން އެރުވިހާ ފޮނު ސައިބޯނި ބޮތްކަށްވެ ފަޅަފަޅައިގެން ގޮސް އަވަދިވީތާއެވެ. ދެއްކިހާ ވާހަކަ ޖަމަލު ފޮޑިއަށްވެ ނިމުނީތާއެވެ. ދެވަނަ ފަހަރަށް އިގްތިސޯދީ ވަޒީރުކަން ލިބުމުން ރައީސް ޔާމީނަށް ވެސް ރައްދުދީ މަލާމާތުގެ ޓްވީޓްތައްކޮށް އުޅުނުއިރު ސަހަރޯ ހީވިއެވެ. 

ދެވަނަ ފަހަރަށް ވަޒީރުކަން ލިބުމުން ތުރާކުނު ސައީދުގެ ވާހަކައިން ހީވީ މުޅި ދުނިޔެ އޮތީ މާވަށު ސައީދަށް ރާއްޖޭގެ އިގްތިސޯދީ ވަޒީރުކަން ލިބުން ލަސްވެފައި ހެންނެވެ. ޗައިނާއާއި އަރަބީންނާއި ޔޫރަޕުން ބަޑިތަކުރަށް އަލަފަތް އައިހެން އިންވެސްޓްމަންޓްތައް އަންނާނެކަމަށް އޭރު އެންމެނަށް ހީކުރެވުނެވެ.

ޑޮލަރުގެ އަގު ތިރިވާ ތާރީހުތައް ތިން ހަތަރު ފަހަރުދީ އަގު ތިރިކޮށްފިއެވެ. ތުރާކުނު ސައީދު ޑޮލަރުގެ އަގު ތިރިކުރީމާ ކުރިން 15.42 އަށް ލިބުނު ޑޮލަރ ލިބެނީ ވިހި ބާވީހަށެވެ. ޕޭޕާލް މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ހަދަން އުޅެއުޅެ ގައިން ހުޅުބު ފައިބައިފިއެވެ. ބޭރުން އިންވެސްޓް ހޯދަން ދަތުރު ކޮށްކޮށް ހުރިއްޔާ ހުރި ފައިސާއެއް ހުސްވަނީއެވެ. އާރުލާ އިންވެސްޓްމެންޓެއް ހިލޭ އެހީއެއް ހެޔޮވަރުގެ ރިސްކް ފްރީ ލޯނެއް ނުލިބެއެވެ. ދައްކަންޖެހޭ ބޭރުގެ ލޯނުތަކަށް ލުއިހޯދާ މުއްދަތު ދަންމައެއް ނުލެވުނެވެ. ބޭރު ފައިސާ ލިބޭނެ ގޮތްތަކެއް ހޯދާ ނުދެވުނެވެ. މުއިއްޒު ހީކުރި ގޮތަށް ޗައިނާގެ ބޮޑު މިތުރަށް ސައީދު ނުވިއެވެ. 

މޮޔަ ނުވާށެވެ. ޗައިނާގެ މިތުރަކީ ސައީދެއް މުއިއްޒެއް ނޫނެވެ. ޔާމީނެވެ. ސައީދަކީ ޔާމީނު ގެންގުޅުއްވި ފަޓާނީއެކެވެ. ޔާމީނާ ނުލާ ސައީދަކީ އަގުޅިނެތް ކަންނޭލެކެވެ. މުއިއްޒަށް މިހާރު އެހުރީ އެ ބޮޑި ބޮވިފައެވެ. ކުރިން ފޮޅިފާ އިންލެއް ރީތިކަމުން މިލާ މޯޅިވިޔަސް ފިފެންމާ އެއްލާލަން މުއިއްޒަށް އެހުރީ ނުކުރިފައެވެ. 

ރައްޔިތުންގެ ކަންކަމަށް މާ އިސްކަމެއް ދޭ މީހަކަށް ވެގަނެގެން ދޮގުމައްޗަށް ދޮގުހަދައިގެން ދައުލަތް ދަވާލަން ފުރުސަތު ހޯދައިފިއެވެ. ކުޑަމިނުން އުފަން ރަށާއި މެންބަރުކަން ކުރި މާވަށު ދާއިރާގެ މީހުން ނަޖިސް ފެނުން ފެންވެރިޔަސް ލަފާ ނުފުރުނަސް ކަރަންޓް ނެތަސް އޭނާއަށް ވަރިހަމަތާއެވެ. އޭނާ ހުންނާނީ މީރު ފެނުން ފެންވަރައިގެން ބަނޑުފުރާކައިގެންނެވެ. 

ދިވެހީންގެރާއްޖޭގެ އިގްތިސޯދީ ވަޒީރަކަށް ހުރީ ފުރިހަމަ ދިވެއްސެއް ވެސް ނޫނެވެ. ކުރީސަފުގައި އިންޑިއާ އައުޓް ގޮވަން ހުރެގެގެން ވަޒީރުކަން ހޯދައިގެން އެހުރީ އިންޑިޔާ މީހަކަށް ކާފަކިޔާ ބައ-ދިވެއްސެކެވެ. އަމިއްލަ ހަށީގައި ދިވެހި ލޭ ނުހިނގާ މީހަކަށް ވެވޭނީ ކޮން ގައުމީ ލޯތްބެއްޔެވެ. ބަލި ހާލުގައި އުޅޭ ރައްޔިތުންނަށް އާސަންދައިން ބޭސްކޮށް ދޭތީ ހަޖަމުނުވެގެން ވަޒީރުކަން ހޯދައިގެން ހަރަދު ކުޑަކުރާނަމުގައި އާސަންދަ ނޭވާ ހޮޅިޔަށް އަޅުވައިގެން ފައިސާކޮޅެއް ދައުލަތުން ދަވާލެވޭތޯ ބެލުން ނޫންކަމެއް ކުރާކަށް އިގުތިސޯދީ މާހިރަކަށް ނޭނގެއެވެ.  

]]>
Wed, 22 Jan 2025 18:44:45 +0500 އެޑިޓަރ
ކޮރަޕްޝަންގެ ބޮޑުވަބާއަކީ މުއިއްޒެއް ނޫންތަ! https://heerasnews.com/3074 https://heerasnews.com/3074 ޒަމާނުއްސުރެ މި ގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މި ގައުމުން ނައްތައިލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތު ކުރެވޭ ހުރިހާ ފަރާތަކާމެދު ވެސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު އަމަލު ކުރެވިގެން ކަމަށް މުއިއްޒު ބުނި ބުނުމުން އޭނާވެސް އިސްތިސްނާއެއް ނުވާނެއެވެ. މުއިއްޒަކީ ރައީސްކަމަށް އައުމުގެ ކުރީންވެސް ބޮޑެތިވެގެންވާ ކޮރަޕްޝަނުގެ ތުހުމަތުތައް ހުރި މީހެކެވެ. ބައެއް މައްސަލަތައް ތަހުގީގީ އިދާރާތަކާ ކޯޓުތަކުގައިވެސް ހުއްޓެވެ. 

މަޝްހޫރު ނޫމަޑި މައްސަލައިގައި މުއިއްޒަކީ ކޮރަޕްޝަނާއި ފަސާދައިގައި މަތީފެންވަރަކަށް ބައިވެރިވި ބައިވެރިއެކެވެ. ހައުސިން މިނިސްޓަރ ކަމުގައި ހުރެގެން ހުޅުމާލެ ހަލިމަގުގެ މަސައްކަތް ކުރި ޗައިނާ ކުންފުނިން މަހު މުސާރަ ނަގަމުން ދިޔަކަމުގެ ސާބިތު ހެއްކާއެކު ކޮރަޕްޝަން ހިންގާފައިވާކަމުގެ ތުހުމަތުތައް ހުއްޓެވެ. ބްރިޖުން ލޭން މަދުވުމާއި ހިޔާ ފްލެޓްގެ ލިފްޓްތަކާއި އިމާރާތާގުޅޭ އެތައް ކަމަކާއި ދަރުމަވަންތަ ހޮސްޕިޓަލާއި ރިންގ ރޯޑާއިގުޅޭ އެތައް ސަތޭކަ ކޮރަޕްޝަނެއްގެ ތުހުމަތު މުއިއްޒަށް ކުރެވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުރެގެން އާސަހަރާ މިސްކިތް އެޅުމުގައި ފާޅުކަން ބޮޑުކޮށް ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުތައް އެހުރީއެވެ. މާލޭގެ މަގުތަކުން ޕާކިން ސްލޮޓް ވިއްކައިގެން ކަޓްނެގިކަމުގެ ތުހުމަތުތައް ހެއްކާއެކު އެބައޮތެވެ. މާލޭ އަލިމަސް ކާނިވަލުން ބިން ކުއްޔަށް ދީގެން މިލިޔަން ފައިސާ ނަގާ ކޮރަޕްޝަން ހިންގާފައިވާކަމުގެ ހެކިތަކާއެކު ތުހުމަތު އެބަހުއްޓެވެ. މިކަހަލަ ލިސްޓެއް ހަދާން ވެއްޖެނަމަ ކޮޅުންނުލާ ވަރަށް މުއިއްޒު ޖަރީމާ ހިންގާފައިވާކަން ސާބިތު ވާވަރުގެ ތުހުމަތުތައް ހެއްކާއެކު އެބަހުއްޓެވެ. 

ވެރިކަމަށް އައުމަށް ފަހު ރިޝްވަތު ދީގެން މަޖިލިސް ތެރެއިން 13 މެންބަރުން ގަތްކަން ނޭގޭ މީހަކު ނޫޅެއެވެ. ޕޯޓް އެޅުމުގެ ނަމުގައި ފިލިޕިންސް ކުންފުންޏަކުން އެއް މިލިއަން ޑޮލަރު ނަގައިގެން މެންބަރުން ހޮވަން ރިޝްވަތު ދީފައި ޕޯޓް އެއްބަސްވުން ބާތިލުކޮށް ސަރުކާރުން އެކުންފުންޏަށް އެއް މިލިޔަން ޑޮޅަރު ދެއްކި ޖަރީމާގެ ތުހުމަތުތައް އެއޮތީއެވެ. 

ރަސްމާލެ ހިއްކުމުގެ ނަމުގައި ރާޖޫއާއެކު ހިންގި ޖަރީމާގައި ފަސާދަ އެކުލެވޭ ވަރާއި ދައުލަތަށް ލިބުނު އިޔާދަ ނުކުރެވޭނެ ގެއްލުމުގެ ތުހުމަތު އެއޮތީއެވެ. ޑްރޯން ގަތުމާއި ތިނަދޫފަޅުގައި އަޅަން ސޮއިކުރި އެއަރޕޯޓްގެ މަނީލޯންޑަރ ޑީލާއި ވިޓޯލް އާއެކު ހިންގާ ބަންކަރިން ޑީލްގެ ކޮރަޕްޝަންގެ ތުހުމަތު ވެސް އެ އޮތީއެވެ. އިންވެސްޓަރ ފޯރަމުގެ ނަމުގައި ދުބާއީގައި 2024 ވަނަ އަހަރު ތަޅާ އަޅާލި ފައިސާގައި ހިމެނޭ ކޮރަޕްޝަނާއި 2024 ވަނަ އަހަރުގެ ބަޖެޓުން ތަފްސީލް ސިއްރުކޮށް ހިޔާނާތްތެރިވީ 31 ބިލިޔަންގެ ތުހުމަތުވެސް އެ ބައޮތެވެ. 

ފަޒުލް އިސްވެހުރެ ހުޅުމާލެއިން އެތައް ފްލެޓަކާއި ގޯއްޗެއް މުއިއްޒުގެ އައުވާނުނަށް ބަހާލުމުގެ ޖަރީމާ ގުޅިލާމެހިފައި އޮތީ މުއިއްޒާއެވެ. އެމްއެމް ޓީވީއަށް އެންސްޕާ އިން 30 މިލިޔަން ކަޅުވާލުމުގެ މޭސްތިރިއަކީ ސިދާ މުއިއްޒެވެ. ކޮރަޕްޝަންގެ ތުހުމަތުކުރެވޭ އެންމެންނަށް އެއް ހަމަޔަކުން ފިޔަވަޅުއަޅާ ކޮރަޕްޝަން ނައްތާލާ ވާހަކަ މުއިއްޒު ދައްކަނީ ހިންގާފައިވާ ކޮރަޕްޝަނުގައި މަތިއަޅާ ފޮރުވުމަށެވެ. 

ކޮރަޕްޝަން ވަބާ ނައްތާލުމުގެ ނަމުގައި އެމްއެމްޕީއާރުސީ ހިޔާނާތް ފަހަތުން އެކަނި ދުއްވައިގަތަސް މުއިއްޒާއި މުއިއްޒު އެތައް ވަޒީރުންނާއި މުއިއްޒު ސަރުކާރުގެ ސިޔާސީވެރިން ސަލާމަތް ނުވާނެކަން އެންމެ ރަނގަޅަށް އެނގޭނީ މުއިއްޒަށެވެ. މުއިއްޒާއި އޭނާގެ އައުވާނުން ސާފުކުރަން ހިންގޭ ތަހުގީގަކަށް އެމްއެމްޕީއާރުސީ ހިޔާނާތް ހެދިދާނެކަމަށް މުއިއްޒު ހިޔާލުވެސް ނުކުރާށެވެ.  

]]>
Mon, 20 Jan 2025 16:15:30 +0500 އެޑިޓަރ
މަގުމަތީ އިހުތިޖާޖުންނޫނީ އައްބާހަށް ޑަރެކޭވެސް ހީނުވާނެ! https://heerasnews.com/3071 https://heerasnews.com/3071 ޕީޖީ އައްބާސް ޝަރީފަކީ މިނިވަން ޕީޖީއެއް ނޫނެވެ. އައްބާސް ޕީޖީގެ މަގާމަށް އައީ މުއިއްޒުގެ ސިޔާސީ މުސާރަ ވެރިއަކަށް ރައީސް އޮފިހުގައި ހުރެފައެވެ. ޢައްބާސް ޕީޖީކަން ކުރަނީ މުއިއްޒާއި މުއިއްޒު ސަރުކާރުން ހިންގާ ޖަރީމާތަކަށް ފަސްއަޅާ ފޮރުވާދޭ އެޖެންޓެއްގެ ގޮތުގައެވެ. 

އައްބާސް ޝަރީފުގެ ފަރާތުން ރައްޔިތުންނަށް ހަމައާއި އިންސާފު ލިބިދާނެކަމަށް އުންމީދު ކުރުމަކީ މޮޔަ ކަމެކެވެ. އައްބާސް ޝަރީފް އަމުރެއްކޮށްގެން އަދުލުވެރި ތަހުގިގެއް ހިނގުމަކީ މުސްތަހީލް ކަމެކެވެ.

ޕިޖީގެ އަނބިމީހާ ބެންކޮކް އެންބަސީގައި ސިޔާސީ އިސް މަގާމެއްގައި ބަހައްޓައިގެން މުއިއްޒު ސަރުކަރުން މަހަކު އެތައްހާސް ޑޮލަރެއް އައްބާހަށްޓަކާ މުއިއްޒު އެބަ ހަރަދު ކުރުވައެވެ. ޕީޖިގެ އަނބި ދަރިންނަށް މުއިއްޒު ސަރުކާރުން ހަރަދު ކުރަންޏާ އައްބާހަށް މުއިއްޒަށް ފޭވަރކުރުން ނޫން ގޮތެއް ނުއޮންނާނެއެވެ.

މީހުންގެ ޒާތީ މައުލޫމާތުން ކިތަންމެ ބޮޑު ވައްކަމެއް މުއިއްޒު ކުރުވައިގެން އުޅުނަސް ޕީޖީން އެ މައްސަލަތައް ބަލަން އަމުރެއް ނުކުރާނެއެވެ. އަމުރެއް ކުރިއްޔާ ކުރާނީ އެ ވައްކަން ހަލާލު ކުރެވޭނެ ހަމައެއް އެޅުވުމަށެވެ.

ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ޕިއެންސީން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައި އޮތުމަކީ އައްބަހަށް މާބޮޑު ކަމަކަށް ނުވާނެއެވެ. ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުމަކުން އައްބާހަށް ލިބޭނެ އުނިކަމެއް ނެތެވެ. މަދުވާ އެއްޗެއް ނެތެވެ.

އައްބާހަށް ބޮޑުވާނީ މުއިއްޒުގެ ވެރިކަމަށް ލޮޅުމެއް އަރަންޏާއެވެ. އެކަން ވާނީ ރައްޔިތުން މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކޮށްގެންނެވެ.

]]>
Sun, 19 Jan 2025 13:28:30 +0500 އެޑިޓަރ
އާމްދަނީން ދަރަނި ދައްކާފާ މުއިއްޒު ޕްރޮޖެކްޓްތައް ހިންގާނީ ޖާދޫއަކުން! https://heerasnews.com/3056 https://heerasnews.com/3056 ރަށް ރަށަށް އަރާ އަނެއްކާވެސް މުއިއްޒުގެ ދޮގު ސިލްސިލާ ފަށްފަށް ކުރަންފަށައިފިއެވެ. 2025 ވަނަ އަހަރަކީ ރައްޔިތުންނަށް ގިނަ ކަންތައް ކޮށްދޭނެ އަހަރެއް ކަމަށް މުއިއްޒު އެބަބުނެއެވެ. މިހާރު ފަށާފައިވާ ދަތުރުގައި ދިޔަ ކޮންމެ ރަށެއްގައި ކުރާން ހުރި ހުރިހާކަމެއް 2025ގައިކޮށް ނިންމާނެކަމަށް ބުނެފިއެވެ. 

މުޅި ރާއްޖޭގައި ވޭސްޓްމެނޭޖުމެންޓްގެ ނިޒާމް މަތީ ފެންވަރެއްގައި 2025 ގައި ނިންމާނެ ކަމަށް ބުނެފިއެވެ. ހުއްޓިފައި ހުރި ބޮޑެތި މަޝްރޫއުތައް ހިންގާ ނީންމާނެ ކަމަށް ބުނެފިއެވެ. ފެނާ ނަރުދަމާއާއި ކަރަންޓާއި ބަނދަރާއި ފަޅާއި ރަށް ގިރުން ހައްލުކުރުމާއި ކުޅޭ ދަނޑުތަކާއި ކޯޓްތަކާއި ސްކޫލްތަކާއި މަލްޓިޕާޕަސް ހޯލްތަކާއި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާއި ނަން ހުސްކޮށް ރަށްރަށުގައި ކުރަންހުރި ހުރިހާކަމެއް ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ކޮށްދޭ އަހަރުކަމަށް 2025 ހަދައިފިއެވެ. އެއަޑުއަހާފައި ބަޔަކު އެތިބީ ބާރަށް އަތްޖަހާށެވެ. ކިތަންމެ ފޮނެއް އެރުވިޔަސް އެކަންކަމެއް މުއިއްޒަކަށް މިއަހަރަކު ނުވާނެއެވެ. ނުވެސް ކުރާނެއެވެ.

މުއިއްޒުގެ ވެރިކަމަށް އަހަރެއް ވެގެން ދިޔައިރު ހައްދަވައިގެން ރައްޔިތުންނަށް އެއްވެސްކަމެއް ކޮށްނުދީ 61 މިލިޔަން ރުފިޔާ ބަޖެޓުން 2024 ގައި ތަޅާ ހުސްކޮށްލުމަށް ފަހު އެފެށީ ރައްޔިތުން ވާވެއްދުމުގެ ސިލްސިލާ ދަތުރުތަކެވެ. ބޭނުމަކީ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ހަދާނުދީ ފިއްތާލައިގެން ރައްޔިތުންގެ ޖީބުކަނޑަމުން ރައްޔިތުންނަށް މާމޮޅުތަކެއް ވާނެ ވާހަކަ ދައްކަމުން ވަގުތު ދައްމާލުމެވެ.

2025 އަށް ކިތަންމެ ބޮޑު ބަޖެޓެއް ފާސްކޮށްގެން އުޅުނަސް އުންމީދު ކުރާވަރާ ގާތަށްވެސް މިއަހަރު ރާއްޖެއަށް ބޭރު ފައިސާ ވައްނާނެ ގޮތްތަކެއް ހެދޭތަނެއް ނުފެނެއެވެ. ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރާ ތަނެއް ނުފެނެއެވެ. ބޭރުގެ ދަރަނި އަދާކުރެވޭނެ މަގުތަކެއް ފެންނާކަށް ނެތެވެ. އުންމީދުކުރާ ވަރާގާތަށްވެސް ފަތުރުވެރިން އަންނަން ޝައުގުވެރި ކުރެވޭތަނެއް ނުފެނެއެވެ.

ވޯލްޑް ބޭންކް ބުނާގޮތުން 2025 ގައި ބޭރުގެ ދަރަނީގެ ގޮތުގައި 557 މިލިޔަން ޑޮލަރު ރާއްޖޭން ދައްކަން ޖެހޭނެއެވެ. 2026 ނިމޭ އިރު 1.7 ބިލިޔަން ޑޮލަރ ބޭރުގެ ދަރަނި އަދާކުރަން ރާއްޖޭން ދައްކަންޖެހެއެވެ. އެހުރިހާ ފައިސާ ދައްކަންޖެހޭ މުއްދަތަށް ނުދައްކާވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެހެން އެކަން އޮތް އިރު ދައުލަތަށް ލިބޭ އާމްދަނީ އެބުނާ ޕްރޮޖެކްޓްތައް ހިންގާފައި ދަރަނި ދައްކަނީ ޖާދޫއަކުން ހެއްޔެވެ. 

ދައުލަތް ހިންގުމުގެ ދުވަހީ ހަރަދު އިންތިހާ ދަރަޖައަށް މަތީގައި ބާއްވައިގެން ދަރަނި ދައްކަމުން ޕްރޮޖެކްޓް ހިންގަނީ އަލާއުއްދީނު ވޮއްގަޑުން ހެއްޔެވެ. އަނެއްކޮޅުން ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް ދޭހިދުމަތްތައް ކަނޑާލުމާއި ކުޑަކުރުމާއި އާމްދާނީ ހޯދޭނެގޮތް ހަދާނުދީ ރައްޔިތުންގެ އަތުންނަގާ ޓެކްސްތަކާއި ހިދުމަތުގެ އަގުތައް މަތިކޮށް ރައްޔިތުން ބިކަކުރުން ނޫންކަމެއް މުއިއްޒު ނުކުރެއެވެ.

އަނެއްކޮޅުން މުއިއްޒު ދައުލަތުގެ ފައިސާއިން އިސްރާފުކުރަނީ ރައްޔިތުންނާއި ވާދަވެރިންގެ އަޑުކަނޑުވާލުމަށެވެ. ކުރާ ކޮންމެ ނޭއްގާނި ކަމެއްވެސް ހަލާލުކުރަން އެތައް ސަަތޭކަ ބަޔަކަށް ހުއްޓާނުލާ މުއިއްޒުގެ ނޭއްގާނި އަމަލުތައް މުލައްމާ ކުރުމަށް ދައުލަތުގެ ފައިސާ އެބަ ހޭދަކުރެއެވެ. މުއިއްޒު ކުރާކޮންމެ ކަމެއްގައި ވާންއޮތް ފައިދާތަކެއްގެ ވާހަކަ ދައްކައިގެން ރައްޔިތުންނަށް އޮޅުވާލުމަށް އެ މީހުން އަވަދިނެތި އެބަމަސައްކަތް ކުރެއެވެ.

ހާލަތު ރަނގަޅު ނުކޮށް މުސްތަގުބަލް ކުރެވޭނެ ރަނގަޅެއް ނޯންނާނެއެވެ. ރާއްޖޭގެ މިއަދުގެ ހާލަތު އޮތީ މުސްތަގުބަލަށް ކަމެއް ގުރުބާން ކުރެވޭ ވަރަށްވުރެ ނިކަމެތިކޮށެވެ. ދަރަނިން ބޯހިކޭ މީހަކުނެތެވެ. ދިރިއުޅުމުގެ އަގުބޮޑުވެ ދެކޮޅުނުޖެހި އެންމެންހެން ތިބީ ގޮތްހުސްވެ ވާތާވެފައެވެ. ހަރާމެއް ހަލާލެއް ނުބަލާ ޖެހުނު އެއްޗެއް ޖެހުނުތާކުން ހޯދައިގެން އުޅުންނޫން ގޮތެއްނެތް ވަރަށް މީހުން ބިކަވެ ދުނިޔެ ރަންވެއްޖެއެވެ. 

]]>
Sat, 11 Jan 2025 14:43:30 +0500 އެޑިޓަރ
ބަޖެޓް އޮތްގޮތުން ނުވީއޭ ބުނާއިރު 2023ގައި 61 ބިލިޔަން ހުސްކޮށްލި! https://heerasnews.com/3050 https://heerasnews.com/3050 ރަށްރަށުގައި ކުރަންޖެހިފައިހުރި ކަންކަން އަމަލީ ގޮތުން ހަމަ ހަގީގަތުގައި ވެސް ފަށައިދޭނެ ކަމަށް ރަތަފަންދޫ ރައްޔިތުން ކުރިމަތީގައި މުއިއްޒު ބުނީމާ އެއްކަމެއް ޔަގީން ވެއްޖެއެވެ. ޔަގީންވީ ކަމަކީ 49.3 ބިލިޔަންގެ ބަޖެޓެއް މި ދިޔައަހަރު ތަޅާހުސްކޮށްލިއިރު ރަށްރަށުގައި ކުރަންޖެހިފައިހުރި ކަންކަން އަމަލީ ގޮތުން ނުކޮށް ހުރީ ގަސްދުގައިކަމެވެ.

އެކިރަށުގައި އެކި ބަހާނާ ދައްކަމުން މިއަހަރު ހުރިހާ ކަމެއްކޮށްދޭނެ ކަމަށް ބުނަމުން އެދަަނީ ވަގުތު ދުއްވާލުމަށެވެ. ކަންކަން ކޮށްދޭނެ ކަމުގެ އުންމީދުގައި ރައްޔިތުން ގަލަހެއްދުމަށެވެ. ބަލަންތިބޭށެވެ. 2025 ވެސް ނިމޭނެއެވެ. މުއިއްޒު އެބުނާ ކަންކަމެއް ނުކުރެވޭނެއެވެ. ނުވެސް ކުރާނެއެވެ. 

މުއިއްޒު ގެންނަމުންދާ ކުއްލި ބަދަލުތަކުގެ ސަބަބުން ރައްޔިތުން ރަތަށް އެރުން ކުޑަކޮށް އުންމީދުތަކެއް ދީގެން ރައްޔިތުން އަރައިގަތަނުދީ ބޭތިއްބުމަށް ބައިސާ ކެނޑިޔަސް އަނގަޔާ އަތާ ދިމާނުވާވަރު ވީމާ މީހުން މަޑެއްކޮށް ނުތިބޭނެއެވެ. ރަށްރަށަށް ފައިބާއިރު ސަލާންކުރަން ދަމާލާ ފައްޗަކުން މީހުން އަރާފައިތިބި ރުޅިއެއް ވަޒަނެއް ނުކުރެވޭނެއެވެ.

ކޮންމެ ޕޯޑިއަމެއް ކައިރިއަށް ހުއްޓެވޭއިރަށް ހުސްވި އަހަރު ކަންކަންނުވީ ބަޖެޓް ހަދާދީފައި އޮތްގޮތުންނޭ ބުނެ އޮޅުވާލަން އެބައުޅެއެވެ. 2023 ވަނަ އަހަރުގެ ފަހު ދޮޅުމަހަށް ފާސްކޮށްދިން ސަޕްލިމެންޓްރީ ބަޖެޓާއި 2024 އަށް ފާސްކޮށްދިން ބަޖެޓާއި 2024ގެ ސަޕްލިމެންޓްރީ ބަޖެޓާއެކު މުއިއްޒުގެ ވެރިކަން ހިންގަން މިދިޔަ އަހަރު 61.1 ބިލިޔަން ރުފިޔާގެ ބަޖެޓް މުއިއްޒަށް ލިބުނެވެ. އަހަރު ނިންމާލީ އެއްކަމެއް ރައްޔިތަކަށް ކޮށްނުދީ ބަޖެޓް ހުސްކޮށްލައިގެނެވެ. ދެން ކުރީ ސަރުކާރޭ ބަޖެޓް އޮތްގޮތޭ ބޮޑުހިލައޭ ކިޔައިގެން އަނގަދިޔާ ކުރާނެކަމެއް ނެތެވެ.  

އާއްމުކޮށް ރިޔާސީ އިންތިހާބުގެ އަހަރަކީ އާއްމުގޮތެއްގައި ދައުލަތުގެ ބަޖެޓް ބޮޑުތަނުން ބޮޑުވާ އަހަރެކެވެ. އެގޮތުން އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގެ އަހަރު (2023)ގެ ބަޖެޓަކީ އެހާތަނަށް ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓެވެ. 2023ގެ ބަޖެޓަކީ 42.6 ބިލިޔަން ރުފިޔާއެވެ. 2023 ގެ ބަޖެޓަކީ 2024 ވަނަ އަހަރަށް މުއިއްޒަށް ލިބުނު 49.3 ބިލިޔަންގެ ބަޖެޓަށްވުރެ 6.7 ބިލިޔަން ރުފިޔާ ކުޑަބަޖެޓެކެވެ.

ރިޔާސީ އިންތިހާބުގެ ދެބުރު ބޭއްވުމުގެ ހަރަދު ތަކާއެކު 2023ގެ ބަޖެޓުން ރާއްޖޭގެ ކަންކޮޅުތަކުގައި ކުރެވުނު ކަންތައް ގިނައެވެ. ރާއްޖޭގެ އެތަންމިތާ އަސާސީ ހިދުމަތް ގާއިމުކުރުމާއި ހިދުމަތުގެ ފެންވަރު މަތިކުރުމާއި ނަން ހުސްކޮށް އެތައް ކަމެއް އަމަލީގޮތުން ކުރިއެވެ. އުމްރާނީ ތަރައްގީއާއި އަސާސީ ހިދުމަތްތައް ގާއިމުކުރުމާއި ފެންވަރުމަތިކުރުމާއި ހިލޭ ޑިގްރީއަށް ކިޔަވަން ރާއްޖެއާއި ރާއްޖޭންބޭރުން އެތައް ބަޔަކަށް ހަރަދުކޮށް ހެލްތު ސެކްޓަރާއި އެޑިއުކޭޝަން ސެކްޓަރގެ މުއައްޒަފުންގެ މުސާރަ ބޮޑުވިއެވެ.

އޭރުގެ ވާދަވެރިން ތުހުމަތުކުރި ގޮތަށް އެހުރިހާ ކަމެއްކުރީ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކަމުގައި ވިޔަސް ވަރިހަމަތާއެވެ. 2023ގެ ބަޖެޓްގައި ކަނޑައެޅި 42.6 ބިލިޔަން ރުފިޔާ ހޭދަކުރީ މުޅި ރާއްޖޭގެ ތަރައްގީއާއި ރައްޔިތުންގެ ހެވާއި ލާބައަށެވެ. 61.1 ބިލިޔަން ރުފިޔާ ލިބިގެން އަހަރުވެގެން ދިޔައިރު ބަޖެޓް ހުސްކޮށްލީ ތަނެއްގާ ސިމެންތި ހަންޖެއްވެސް ބާއްވާ ނުލައެވެ. 

]]>
Wed, 08 Jan 2025 16:25:00 +0500 އެޑިޓަރ
ހީނާއަށް: ދޮގުހަދާ ވައްކަންކުރަން ނުހުރެ ގެއަށްކަނޑާލާ https://heerasnews.com/3018 https://heerasnews.com/3018 އެންސްޕާގެ ހިޔާނާތަށް ފަހުވެސް ހީނާ ވަލީދު އެހުރީ މަގާމުގައެވެ. އެމްއެމްޓީވީއާއެކު އެންސްޕާއިން ހިޔާނާތުގެ އެގްރިމެންޓެއް ހަދައިގެން ކައްވާލަން އުޅުނީ ދިވެހި ރައްޔިތުންނަށް ބޭސް ފަރުވާއަށް ހުރި ލާރިކޮޅެވެ. 

ރައީސް މުއިއްޒު ކޮރަޕްޝަނަށް ޖާގަ ނުދޭނެކަމަށް ބުނެ އެންމެ ބާރަށް ވާހަކަ ދައްކަނީވެސް ހީނާއެވެ. އެންސްޕާގެ ވެރިކަމާއި ދިވެހި ސަރުކާރުގެ ތަރުޖަމާނުކަން ކުރާ ހީނާ ވަލީދަކީ މިހާވަރަށް ގޮތް ފޮތްނެތް އަންހެނަކަށް ވެދާނެކަމަށް ހިތައްވެސް ނާރައެވެ. ކޮރަޕްޝަނާއި ފަސާދަ ހިންގުމުގައި ހީނާ ވެސް ފަޒުލަކަށް ދުލެއް ނުކުރެއެވެ.

އެންސްޕާ މެދުވެރިކޮށް އެމްއެމްޓީވީ ހިންގަން އިމާރާތަކުން ހިލޭ ބޮޑު ދެފްލޯރ ކުއްޔަށް ހިފާދިނުމަކީ ކުޑަކުޑަ ކަމެއްނޫނެވެ. 30.4 މިލިޔަން ރުފިޔާ އެންސްޕާގެ ތެރެއިން އެމްއެމްޓީވީއަށް ކައްވާލަ ދިނުމަކީ އިއްތިފާގެއް ނޫނެވެ. ރޭވިގެން ހިންގި ބޮޑު ހިޔާނާތެކެވެ. ވައްކަމެކެވެ. ބޮލުން ނަގުލަށް ބަލާ ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ.

މުއިއްޒުގެ އެންގުމަށް ހީނާ ވަލީދު އިސްވެހުރެ އެންސްޕާގެ ތެރެއިން މުއިއްޒު ޓީވީ ހިންގުމަށް ހިންގާލި ޖަރީމާ ފަޅާއެރުމުން އެއްބަސްވުން ބާތިލުކުރުމަކުން އެޖަރީމާ ނުހިންގާ ކަމަކަށް ނުވާނެއެވެ. ބާތިލު ކުރި އެއްބަސްވުމުގެ ތެރެއިން ބަދަލުކުރި ރައްޔިތުންގެ ފައިސާއަށް ވީކިހިނެއް ކަމެއް އެހިސާބަކުން ނޭގެއެވެ. 30.4 މިލިޔަން ރުފިޔާ ވަނީ ކޮންތާކަށްކަން އެނގެން ޖެހެއެވެ. އެގްރިމެންޓް ބާތިލުކޮށްލައިގެން ނުވާކަމަކަށް ހަދައިގެން ހީނާ އާއި މުއިއްޒަކަށް ނުތިބެވޭނެއެވެ. 

ހީނާ އަށް ދައުލަތުގެ ދެމަގާމު ދީގެން ސައްހާފު ހައްދާފައި ބަހައްޓައިގެން ތިބެވިދާނެ ކަމަށް ހީނުކުރާށެވެ. އެންސްޕާއިން މުއިއްޒު ހިންގުވި އެމްއެމްޓީވީ ހިޔާނާތް ފުލުހުންނާއި އޭސީސީ މެދުވެރިކޮށް ހަލާލު ކުރުވިދާނެ ކަމަށް އުންމީދު ނުކުރާށެވެ. އެއަށްވުރެ ރައްޔިތުން މިހާރުތިބީ ހޭލައެވެ. ރާގުރާގަށް ކުރީ ސަރުކާރު ވާހަކަ ދައްކައިގެން މީހުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލެވިދާނެ ކަމަށް ހީނުކުރާށެވެ. 

އެންސްޕާ ހިޔާނާތް ހިންދާލަން އެއްބަސްވުން ބާތިލުކޮށް އެފައިސާ އަނބުރާ ޖަމާކުރިޔަސް ޖަރީމާ އެ އޮތީ ހިންގާފައެވެ. މަތި އަޅަން ކޮންމެ އޮފެއް އެރުވިޔަސް މުއިއްޒާއި ހީނާ ގުޅިގެން އެ ޖަރީމާ ނުހިންގާ ކަމަކަށް ނުވާނެއެވެ. އިތުރަށް އެންސްޕާގެ ވެރިކަމުގައި ހީނާ ވަލީދު ހުރުމަކުން ރައްޔިތުންގެ އިތުބާރެއް އެންސްޕާއަކަށް އަދި ހީނާއަކަށްވެސް ދެން ނުލިބޭނެއެވެ. އަމްދު ސަރުކާރުގެ ތަރުޖަމާނުގެ ގޮތުގައި ހީނާ ހުރެ ދައްކާ އެއްވެސް ވާހަކައެއް ރައްޔިތުން މިހާރު ގަބޫލެއް ނުކުރާނެއެވެ. ހިނާ ޖެހޭނީ ދައުލަތުގެ މަގާމުތަކުން އިސްތިއުފާދީފައި އިންސާފާ ކުރިމަތިލާށެވެ.

ހީނާއެވެ. ތިޔައީ ތިޔަހެން އުޅެންޖެހޭ ވަރުގެ ކަނބަލެއް ނޫނެވެ. އަމިއްލަ ނަފްސް އަމިއްލައަށް ދިރިހުރެ ކަފުން ނުކުރާށެވެ. ބިރުވެތިވާށެވެ. ޖެއްސެވި ގިލަންވެރިކަމުން އަރައިގަނެވުނީތީ ޝުކުރުވެރިވެ ހަމްދު ކުރާށެވެ. ދެންވެސް ދޮގުހަދާ ވައްކަން ކުރަން ނުހުރެ އަވަހަށް ގެއަށް ކަނޑާލާށެވެ. 

]]>
Sun, 22 Dec 2024 12:17:03 +0500 އެޑިޓަރ
ރައްޔިތުން ޖެހޭނީ، މަތިކުރި ޒިންމާއިން މުއިއްޒު ދުރުކުރަން https://heerasnews.com/3016 https://heerasnews.com/3016 އާނއެކެވެ. އެއްވެސް ސުވާލެއް ނެތެވެ. ރައީސް މުއިއްޒު ސަރުކާރުގައި ކުރާ ކޮންމެ ކަމެއް ކުރާނީ ރައީސް މުއިއްޒު ބުނާ ގޮތަކަށެވެ. އެވާހަކަ ހުދު ރައީސް މުއިއްޒުވަނީ އާއްމުކޮށް ބުނެދީފައެވެ. " އަޅުގަނޑު ބުނާ ގޮތަށް ކަންކުރާނެ ބޭފުޅުން ކޮންމެ މަގާމަކަށްވެސް ލާނީ" ރައީސް މުއިއްޒު ބުނެފައިވެއެވެ.

ރައީސް މުއިއްޒު ސަރުކާރުގައި ކޮންމެ ކަމެއްގައިވެސް އެންމެ ފަހުބަސް ބުނާނީ ރައީސް މުއިއްޒު ކަމަށްވެސް ރައީސް މުއިއްޒު އޮތީ ބުނެފައެވެ. ރައީސް މުއިއްޒުގެ މައްޗަށް ބަސް ކިޔޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ބުންޏެވެ. 

ރައްޔިތުން ދައުލަތް ހިންގުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީވެސް ޑރ. މުއިއްޒާއެވެ. އަދުރޭއާއި ފަޒުލާއި ބާރަށު ޝުޖާއަކާ ނޫނެވެ. ރައީސް މުއިއްޒު ސަރުކާރުން ކުރާކޮންމެ ކަމެއްގެ ނަތީޖާއާއި ޒިންމާވާން ޖެހޭނީވެސް ޑރ. މުއިއްޒަށެވެ. 

އެއްވެރިކަމުން އަނެއްވެރިކަމަށް ވެރިކަން ނަގުލުވުމުން ސަރުކާރުގެ ހުރިހާ ޒިންމާއެއް އޮންނާނީ ވެރިކަމަށް ރައްޔިތުން އިސްކުރާ މީހަކަށެވެ. ދައުލަތް ހިންގުމަކީ ކުރީ ސަރުކާރޭ ޔާމީނޭ އަދުރޭއޭ ރަމީޒޭ ފަޒުލޭ ހީނާއޭ ކިޔައިގެން މުއިއްޒުގެ ބޮލުން ނައްޓާލެވޭނެ ކަމެއްނޫނެވެ. މަގާމުގައި ހުރިހާ ދުވަހަކު ދައުލަތާ ޒިންމާ ވާންޖެހޭނީ މުއިއްޒެވެ. ކެތް ނުވަންޏާ އިސްތިއުފާދޭށެވެ. ރައްޔިތުން އޭރުން އެހެން މީހަކު ހޯދާނެއެވެ. 

މުއިއްޒުގެ ވެރިކަމުގައި މިވީ އަހަރު ދުވަހުގެތެރޭގައި އެއް އަޑަކަށް އަޑުބައްދާލާފައި ކިޔަނީ ހިޔާނާތުގެ ވާހަކައެވެ. ރިޝްވަތުގެ ވާހަކައެވެ. ހުވަޔާ ހިލާފުވާ ވާހަކައެވެ. އުޑުން ބިމުން އެންމެ ދުވަހެއްވެސް އެޒާތުގެ އައު ވާހަކައެއް ފަޅާނާރާ ނުދެއޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ. 

ވެރިކަމަށް އެރިގޮތަށް ދިމާކުރީ އިތުބާރު ނެތްކަމުގެ ވޯޓުން ރެކެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަންނާށެވެ. ފެނުނީ ހޯދިތަކުން ހޯދި އެއްޗެއް ހޯދާ ދިން އެއްޗެއް ދީގެން މަޖިލީހުގެ 13 މެންބަރަކު އުފުރާލި ތަނެވެ. ކޮޅު ބަދަލުކޮށްލިތަނެވެ. ކުރީ ސަރުކާރު ވެރިކަމަށް ގެންނާށާއި އެސަރުކާރުގައި ގަދަ ފައިވިއްދާފައި އުޅުނު މެންބަރުން ތަކެއް ލޮނދި ހިކައެއްހެން މުއިއްޒުގެ ފައިބުޑަށް ތިރިކޮށްލީ ހުރި ރީތި ސިފައަކުން ލޯބިންނެއް ނޫނެވެ. ރިޝްވަތުާއި ފަސާދައިގެ ތެރެއިންނެވެ. ދެފުށްފެންނަ އިންސާފުވެރި ތަހުގީގެއް ކުރެވޭ ގައުމެއް ނަމަ އެކަން ބަލާލިޔަސް ފިސާރި ރީތި ބަރަހަނާއަކުން މުއިއްޒު ބަރަހަނާ ވާނެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ދިންހާ ރިޝްވަތުގެ ވާހަކައިގެ ހަގީގަތް ބަލާލިޔަސް މުއިއްޒު ހޯދާ ނުފެންނާނެއެވެ. ރަސްމާލެ ޑީލްގެ ފަސާދަ ބިލިޔަނުން ފެންނާނެއެވެ. ހުޅުމާލޭ ބިންތައް ވިއްކުމާ ވިނަރެސް ފްލެޓް ތަކުގެ ޖަރީމާ ރަނގަޅަށް ބަލާލިޔަސް މުއިއްޒު ސަލާމަތެއް ނުވާނެއެވެ. ފަޒުލް އެކަނި ބޮލަށް ކަނޑާލައިގެން ފުއްދައެއް ނުލެވޭނެއެވެ. 

ތިނަދޫފަޅުގައި އަޅާން ބުނި އެއަރޕޯޓާއި ބަންކަރިންނާއި އެއަރ އެމްބިއުލާންސާއި ޑްރޯން ގަތުމުގެ ޖަރީމާތަކުގެ ހަގީގަތް ހޯދާލައިފިއްޔާ މުއިއްޒެއް މުއިއްޒު ސަރުކާރެއް ދެމި ނުއޮންނާނެއެވެ. އެހެން ކަމުން އެންސްޕާ ހިޔާނާތާއި ވަގުގޯތި ހިޔާނާތްވެސް ހަރުތާކުޖެހެންދެން ބެލުމުގެ ހިތްވަރެއް ނުހުންނާނެއެވެ. ޕީޖީއާއި އޭސީސީއާއި ޕޮލިސް އޮބި އަޅުވައިގެންވެސް ކުޑަމިންވަރެއްގެ ތަހުގީގެއްވެސް މުއިއްޒު ހަމަހޭ ހުރެ ކުރިޔަކަ ނުދޭނެއެވެ. އަދުލުވެރި ފިޔަޅެއް އެޅޭވަރަށް ވުރެ މުއިއްޒު ހުރީ ކޮރަޕްޓްވެފައެވެ. މަތިމައްޗަށް ދޮގުހެދުމާ އޮޅުވާލުން ނޫން ކަމެއް ނުކުރެވޭ ވަރަށް މުއިއްޒު ހުރީ ފަސާދަވެފައެވެ. 

މުއިއްޒު ޖަވާބުދާރީ ކުރުވަން އުޅޭނީ މޮޔަބައެކެވެ. މުއިއްޒަކަށް ތެދުވެރިކަމާއެކު ޖަވާބުދާރީއެއް ނުވެވޭނެއެވެ. ރައްޔިތުން ޖެހޭނީ އަމާނާތްތެރިވުން ޝަރުތުކޮށް ހުވާކުރުވާފައި މުއިއްޒާ މަތިކުރި ޒިންމާއިން މުއިއްޒު ދުރުކުރާށެވެ. އެކަމަކީ ގޮޓަބަޔާއާއި ޝެއިޚު ހަސީނާއާއި ބައްޝާރަށް އެކަނި އޮތްކަމެއް ނޫނެވެ.  

]]>
Sat, 21 Dec 2024 18:35:16 +0500 އެޑިޓަރ
ޑްރޯނާ ޖެހުމުން ތަސްލީމް ގެއްލުނީ ކަނޑަށްކަމެއް ނޭގުނު! https://heerasnews.com/2741 https://heerasnews.com/2741 ގެއްލޭ މީހުންނާއި އުޅަނދު ފަހަރު ހޯދަން ޑްރޯން ބޭނުން ނުކުރާތީ ހައިރާނެއް ނުވެއެވެ. ދައުލަތުން 37 މިލިޔަން ޑޮލަރު ހޭދަކޮށްގެން ރާއްޖެއަށް ތުރުކީން ޑްރޯން މުއިއްޒު ގަތީ ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރާކަށް ނޫނެވެ. ކަން ދައްކާށެވެ.

އިހަށް ދުވަހު މާލެ އަތޮޅު ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މީހެއްކަމުގައިވާ މ. އަސަރީހަނދާން ތަސްލީމް މުހައްމަދު ހޯދަން ޑްރޯން ބޭނުން ނުކުރާތީ ސުވާލު އުފެއްދުމުގެ މާނައެއް ނެތެވެ. މި އަހަރުގެ މޭމަހު ތިލަފުށިން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު ދޯނި ހޯދާކަށްވެސް ޑްރޯން ބޭނުން ކުރީއެއް ނޫނެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ސީރިއަސް އޮޕަރޭޝަނެއްގައި އެ ޑްރޯނެއް ބޭނުމެއް ނުކުރާނެއެވެ. އެކަން އޮތީ ކުރިންވެސް ތަޖުރިބާ ކުރެވިފައެވެ. 

ތުރުކީން ގަތް ޑްރޯންގެ ގޮތް ނޭނގޭއިރު މ. ރަތްމަންދޫ ބޭރުން އެޕްރީލް 20، ގައި ގެއްލުނު ދޯންޏެއް ހޯދުމަށް ޑްރޯން ބޭނުން ކުރީ ނޫން ހެއްޔެވެ. 14 ގަޑިއިރު ދުއްވައިގެންވެސް ރަތްމަންދޫ ބޭރުގައި އޮތް އެ ދޯންޏެއް ޑްރޯނަކަށް ނުފެނުނެވެ. ގެއްލިގެން އުޅުނު އެ ދޯނި ފެނުނީ ހަމަ ރަތްމަންދޫ ބޭރުގައި އޮއްވައެވެ. ތުރުކީން ގަތް ޑްރޯނަށް ދޯނިފަހަރު ވަކި ކުރަން ވެސް ނޭނގުނީތާއެވެ. އނޫނީވިއްޔާ 37 މިލިޔަން ހަރަދުކޮށްގެން ގެނެވިފައި އޮތީ ފޭކް ޑްރޯނަކަށް ވާތީ އޭގެ ފަހުން ބޭނުން ނުކުރަނީވެސް ތޯއްޗެކެވެ.

ޑްރޯނުން ހާސިލްކުރަން އެމްޑީއެފާއި ރައްޔިތުން އުންމީދުކުރި މަގްސަދު ހާސިލު ނުވާތީ އެކި ފަހަރު އެކި ބަހަނާ ދައްކައިގެން ޑްރޯން ބޭނުން ނުކޮށް ފަރުޖައްސަނީ ބަރަހަނާ ނުވާށެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެއް އަޝްކަރީ ބާރަށް ގޮންޖަހަން މޭ ފުއްޕިޔަސް އެ ކަކުންޏެއް ހަރު ކޮންނަން ވާނީ އެ ކަކުންޏެއްގެ ވަރުންނޭ ބުނާ އަޑުވެސް މުއިއްޒަށް ނީވެނީތާއެވެ. މިހެންވެސް ބުނީމާ ބުނާމީހާ ވަރުގެ ނުބައި މީހަކު ނުހުންނާނެއެވެ.

ހަމަތެދެކެވެ. ޑްރޯނާ ޖެހުނީމާ ތަސްލީމް ގެއްލުނީ ކަނޑަށްކަމެއް ބަނޑަށްކަމެއް ކަށަވަރުވާ ކަމަކަށް ނުވާނެއެވެ. ފޭކް ޑްރޯނު ގަނެގެން މީހުންނެތް އެއަރ ފޯސެއް ހަދައިގެން ފޮނު އެރުވީމާ ކަމަކާ ޖެހުމުން ވާނީ އަގުޅި ނެތް ކަންނޭލަކަށް ކަން ވިސްނާ މީހަކަށް އެނގޭނެއެވެ. މުއިއްޒު ޑްރޯންގަތީ އިންޑިއަން އެއަރ ފޯސްއަށް ގޮން ޖަހާށެވެ. ރާއްޖޭގައި ވެސް އިންޑިއާ އާއި ޗެލެންޖު ކުރެވޭވަރުގެ އެއަރ ފޯސް އެއް އޮތް ކަމަށް ދައްކާށެވެ. ބިޔަ ބޮޑު އިންޑިއާ ބިރުގަންނަވާލާށެވެ. އިންޑީއާގެ އަޝްކަރީ ދެ ހެލްކޮޕްޓަރާއި ޑޯނިޔާ ބޯޓާ ނުލާވެސް ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭ ވަރުގެ ގާބިލުކަން ހުރިކަން ދައްކާށެވެ. 

]]>
Sun, 01 Sep 2024 17:02:47 +0500 އެޑިޓަރ
ސްކޭމްތައް ހިންގަނީވެސް ރައީސްގެ އިރުޝާދުގެ ދަށުންބާ https://heerasnews.com/2709 https://heerasnews.com/2709 މުއިއްޒު ވެރިކަމަށް އިސްވިތާ ދުވަސް ކޮޅެއްގެ ތެރޭގައި މި ސަރުކާރުގެ ވެރިއަކު ކައިގެން ވައެއްލިޔަސް އެކަމެއް އޮންނަނީ ރައީސްގެ އިސްނެގުމުގެ މަތިން ކުރެވޭ ކަމަކަށް ވެފައެވެ. ރައީސްގެ އިސްނެގުމުން ނޫނީ އޭރު އެއްކަމެއް ރާއްޖޭގައި ނުވެއެވެ. 

މުޒާހަރާކޮށް ގަދަހިފުމަކަށް ގޮސްގެން މަސްވެރިން ބޭނި މަހަށް ދޭންޖެހޭ ފައިސާއިން ބައެއް ދޭން މަޖުބޫރުވެގެން ދެފަހަރު މަތީން ދިނުންވެސް ވީ ރައީސް އިސްނަގައިގެން ދިން އެއްޗަކަށެވެ. އަމީނީ މަގުގެ ނުނިމިއޮތް ތަންކޮޅުގައި ތާރުއެޅީ ރައީސްގެ އިސްނެގުމުގެ މަތިންނެވެ. ފަލަސްތީނުގެ މުސްލިމުންނަށް ނަސްރުދެއްވުން އެދި ފަސްނަމާދު ފަހުގައި ކިޔަމުން އައި ގުނޫތުނާޒިލާ ކިޔުން ހުއްޓުވާލުމަށްފަހު ދުވަސް ގަނޑެއް ފަހުން އަލުން ފެށީ ރައީސްގެ އިސްނެގުމުގެ މަތިންނެވެ. 

ރައީސްގެ އިސްނެގުމުގެ މަތިން ނޫން ގޮތަކަށް އޮފީހެއްގެ ދޮރުފަތްވެސް އޭރު ހުޅުވާ ނުލައެވެ. އެ ދުވަސްވަރު ފަސް ނަމާދަށް ބަންގި ގޮވީވެސް ރައީސް އިސް ނެގުމުންނެވެ. ރާއްޖޭގައި ރަގަޅަށް ހިނގިއްޔާ ހިނގި ކަމެއް އޭރު ހިނގީ ރައީސް އިސްނެގުމުގެ މަތިން ކަމަށްވެއެވެ. ގޯހުން ވިއްޔާ ވާހާކަމެއް ފޫޅު ކަނޑާލަނީ ކުރީ ސަރުކާރަށެވެ. 

މުއިއްޒުގެ ވެރިކަމަށް ނުވަމަސްވާން އަޅައިގެންއިރު މުޅިން އެހެން ގޮތަކަށް ރައީސްގެ އިސްނެގުމުގެ ވާހަކަ ބުނާގޮތް ބަދަލު ވެއްޖެއެވެ. މިހާރު ހުރިހާ ކަމެއްވެސް ކުރަނީ ރައީސްގެ އިރުޝާދާއެކުގައި ކަމަށް ވެއްޖެއެވެ. 

ހޯމް މިނިސްޓަރ އިހުސާން ކުރާހާ ކަމެއް ކުރަނީ ރައީސްގެ އިރުޝާދާއެކީގައި ކަމަށް ބުނެއެވެ. ފަޒުލް އެޗްޑީސީން ހުޅުމާލޭގެ ބިންތައް ހަފާކަނީ ރައީސްގެ އިރުޝާދާ އެކުގައެވެ. ސްޓެލްކޯ ފަހުމީ ކަރަންޓް ބިލްތައް ބޮޑުކޮށްގެން އާއްމު ރައްޔިތުންގެ ޖީބުކަނޑަނީ ވެސް ރައީސްގެ އިރުޝާދާ އެކުގައެވެ. މިހެން ކިޔާފާ ނުކިޔާނެ ކަމެއް ނެތެވެ.

ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދު ޖަމާއަތުގައި ހުތުބާ ކިޔަނީވެސް ރައީސް އިރުޝާދަށެވެ. ހަމަ އެގޮތަށް ފުޅާދާއިރާއެއްގައި ހަށިވިއްކުމާއި ޒާތްޒާތުގެ ސްކޭމްތައް މީހުން ހިންގަނީވެސް ރައީސްގެ އިސްނެގުމާ އިރުޝާދުގެ ދަށުން ނޫންބާވައެވެ. ބަންގާޅު އަރަފާތު ބުޅާމަހުން ކޮއްތު ހަދައިގެން ވިއްކަނީ ރައީސްގެ އިސްނެގުމާ އިރުޝާދުގެ ދަށުން ނޫން ކަމެއްވެސް ނޭނގެއެވެ.

ރައީސް ޔާމީނުގެ ޝަރީއަތް އަލުން ފެށަނީވެސް ރައީސް އިރުޝާދު ދީގެންކަމަށް ޖުޑިޝަރީން ނުބުނާނެ ކަމެއް ނޭނގެއެވެ. ކުރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީން ފްލެޓެއް ގަނެފާ އޮވެގެން ބަޔާނެއްވެސް ނުހޯދާ ރައީސްގެ އިރުޝާދާއެކު އޭސީސީން ދައުވާކުރަން ފޮނުވީތާއެވެ. ޕީސީއާރު މައްސަލަ އުފައްދައިގެން ޑރ. އަލީ ލަތީފާއި ކުޑަ ބަންދޭއަށް ދައުވާ ކުރަން ފޮނުވީ ރައީސްގެ އިރުޝާދަށް ނޫންބާވައެވެ. ކުރީގެ މޭޔަރ މުއިއްޒު ހިންގި އާސަހަރާ މިސްކިތުގެ ކޮރަޕްޝަން ބަލާ މުއިއްޒާ ދެކޮޅަށް ދައުވާކުރަން އޭސީސީން ފޮނުވަން ނުކެރިފައި އެތިބީ ރައީސްގެ އިރުޝާދު އަދި ނުލިބިގެންތާއެވެ. 

ރައީސްގެ އިސްނެގުން ރައީސްގެ އިރުޝާދަށް ބަދަލުކޮށްގެން ބައިސާ ކަނޑަން ސޯޝަލް މީޑިއާ ފްލަޑް ކުރިވަރަކަށް ދޭހަވަނީ މުއިއްޒުގެ ހުދު މުހުތާރުކަމެވެ. ސަރުކާރުގެ ކަންކަމާ ހަވާލުވެގެން ތިބި މީހުންގެ ނުކުޅެދުމާ ނާގާބިލުކަމެވެ. މަގާމުގައި ދެމިތިބުމަށް ރައީސަށް ވައިޖަހާ ޖެހުމެވެ. ގާނޫނު އަސާސީއާއި ގާނޫނަށްވުރެ ރައީސް ވިދާޅުބަސްފުޅުގެބާރު ގަދަކަމެވެ. ސަރުކާރަކަސް މަޖިލީހަކަސް ފަނޑިޔާރުގެއާއި މިނިވަން މުއައްސަސާ ތަކަކަސް މުއިއްޒުގެ މުށުތެރޭގައި ފިތި ގޮތް ހުސްވެފާ ތިބިކަމެވެ. 

]]>
Fri, 23 Aug 2024 14:15:00 +0500 އެޑިޓަރ
ޒިންމާ ނަގަންޖެހޭނީ މުއިއްޒުގެ ދެމަފިރިން https://heerasnews.com/2711 https://heerasnews.com/2711 މާލޭގައި ބުޅާ މަސް ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރުކުރާ މައްސަލައާއި ކާބޯތަކެތި ތައްޔާރު ކުރާތަންތަން މުޑުދާރުވީ ކުރީ ސަރުކާރުގެ ދުވަސްވަރުކަމަށް ދައްކަން ބަޔަކު އެބަ މަރުފަލި ޖަހައެވެ. އޭރު ތިލަނުވާ މައްސަލަތަކެއް މިހާރު ތިލަވުމުން ކަމުން ރެކެން ކުލީ ގަލަން ތަކުން ފެން ނުހިފޭ ޕްރޮޕަގެންޑާ ފެތުރިޔަސް އެންމެނަށްމެ ހަގީގަތަކީ ކޮބައިކަން އެނގެއެވެ. 

ކުރީ ސަރުކާރުގެ ދުވަސްވަރު އެކަން އެހެން އޮތްކަމަށް ވަންޏާ އެކަމުގެ ޒިންމާ ނަގަންވެސް ޖެހޭނީ ޑރ. މުއިއްޒުގެ ދެމަފިރިންނެވެ. ފުޑް ސެކިއުރިޓީ ކަށަވަރު ކުރަން އޭރުވެސް މިހާރުވެސް ހުރީ މިހާރުގެ މެޑަމް ސާޖިދާއެވެ. މާލެ ސިޓީގެ އެންމެހާ ކަންކަމާ ހަވާލުވެ ސިޓީ މޭޔަރު ކަމުގައި ހުރީ މުއިއްޒެވެ. 

ޑރ. މުއިއްޒުގެ އަންހެނުން ސާޖިދާގެ ބެލުމުގެ ދަށުން ހިންގާ ފުޑް އެންޑް ޑްރަގް އޮތޯރިޓީ ފޭލިވިއްޔާ ފޭލިވީ ސާޖިދާގެ އިހުމާލުންނެވެ. އެފްޑީއޭގައި ކުރީ ސަރުކާރަކީ ވެސް މިހާރުގެ ސަރުކާރަކީ ވެސް ސާޖިދާއެވެ. އެހެން ކަމުން ކުރީ ސަރުކާރުން ސާޖިދާއަށް ލިބެންވާ ބާރެއް ނުލިބި އޮވެގެން ނުވެފައިހުރި ކަންކަން ސަރުކާރު ސާޖިދާއަށް ހިތަކަށް ލިބުމުންވެސް ނުވިއެވެ.

މާލޭގައި ބުޅާމަސް ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަ އާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަން މުޑުދާރު ވުމުގެ މައްސަލަ ފެންމަތިވީ މުއިއްޒު ސަރުކާރު ގައެވެ. ހުސްވި ރޯދަ މަހުއްސުރެ ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކުގައި އެތައް ބަޔަކު އެޝަކުވާތައް އައީ ކުރަމުންނެވެ. މުއިއްޒު ސަރުކާރުން ކަހާތަން ހިރުވާނުލާ އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބައިގެންނެވެ. 

މާލޭގައި ބުޅާމަސް ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާކަމާއި ކާބޯތަކެތި ތައްޔާރު ކުރާތަންތަން މުޑުދާރުކަން އެނގުނިއްޔަކީ މުއިއްޒު ސަރުކާރުން އެކަމަށް އިސްކަމެއްދީގެނެއް ނޫނެވެ. އެފްޑީއޭ އިން އެ ތަންތަން ބަލާ ފާސްކޮށްގެނެއް ވެސް ނޫނެވެ. އާއްމުންގެ ބަޔަކު އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްގެންނެވެ. 

ކުރިންވެސް މިހާރުވެސް ހުރިހާ ބާރެއް ސާޖިދާއަށް އޮތެވެ. އަމްދުން ސާޖިދާގެ ތަންމަތީގައި އޮތް ކަޅުދިގު ވެރިކަމަށް ނުވަމަސް ވެގެން ދިޔައިރު ވެސް ސާފު ތާހިރުކަން ކަށަވަރު ނުކުރެވި ދިޔައީ ތަންމަތި ވެސް މުޑުދާރު ކަމުންނެވެ. ވެރިކަން ހޯދީވެސް އެހާ މުޑުދާރު ކޮށެވެ. ކަޅުދިގު މުޑުދާރު ވެރިކަމެއްގައި ކާބޯތަކެތި ހަދާ ތަންތަނާއި ކާބޯތަކެތި ވާނީ ވަކިން ކޮން ތާހިރެއް ހެއްޔެވެ. 

]]>
Thu, 22 Aug 2024 20:51:52 +0500 އެޑިޓަރ
މާލެސަރަހައްދުން ގޯތިދެންޏާ އެޗްޑީސީ ހިންގާ ވަގުޑީލަށް ބިންމަދުވޭ! https://heerasnews.com/2685 https://heerasnews.com/2685 ރައީސް ސޯލިހުގެ ވެރިކަމުގައި ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރިއެވެ. ބިންވެރިޔާ ސްކީމުން ގޯތި ދޫކުރީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. ހުޅުމާލެއިން 1351 ގޯއްޗާއި ގުޅީފަޅުން 2219 ގޯއްޗާއި ގިރާވަރުފަޅުން 5433 ގޯއްޗެވެ. 

9003 ގޯތީގެތެރެއިން ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ހިއްކަންޖެހޭ އޮތީ އެންމެ ހަސަތޭކައެއްހާ ގޯއްޗެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނީ އެގޯތިތައް ހިއްކަމުން ދަނިކޮށްނެވެ. އޭރުވަނީ ގޯތީ ދޭން ޖެހޭ މީހުން ކަނޑައެޅި ގޯތިތައް ގުރުއަތުލާ ހިއްކާފައި އޮތް ބިމުން ގޯތި ލިބޭ މީހުނަށް ގޯތި ކަނޑާދީ ގޯތީގެ ރަޖިސްޓްރީ ވެސް ހައްދާ ނިންމާފައެވެ. ނުހިކި އޮތް ބިމުން ހިއްކައިގެން ދޭންޖެހޭ ގޯތިތައް ދޭންޖެހޭ މީހުނަށް ގޯތި ލިބޭނެ ކަމުގެ ލިޔުންވެސް ވަނީ ދީނިމިފައެވެ. 

ރައީސް މުއިއްޒުގެ ވެރިކަން ފެށުމާއެކު ގޯތި ދިނުމަށް ހިއްކަމުން އައި ބިން ހިއްކުން ހުއްޓާލާ މާލެ ސަރަހައްދުން ދޭން ކަނޑައެޅުނު ގޯތިތައް އެސަރަހައްދުން ނުދީ ގުޅީފަޅަށް ބަދަލުކުރުމަށް ރަސްމާލެ ނަމުގައި ބިން ހިއްކަން ފެށިއެވެ. މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކީ ރަސްމާލެ ކަމުގައި ބުނެގެންނެވެ. ރަސްމާލެ ހިއްކުމަށް ދައުލަތުން ލޯލާރިއެއްވެސް ހަރަދު ނުވާނެ ކަމަށްވެސް ބުންޏެވެ.

ރަސްމާލެ ހިއްކުމަށް ދައުލަތުން ހަތަރުއަނައެއްވެސް ހަރަދެއް ނުވޭހެއްހެވެ. އެތައް ހާސް އަކަފޫޓެއްގެ ބިމާ ލާޖައްސައިގެން ރަސްމާލެ ހިއްކުމަކީ ބިލިޔަނުން ދައުލަތަށް ދެވޭގެއްލުމެއް ނޫންހެއްޔެވެ. ހުޅުމާލޭ ދެވަނަ ފޭހުން ކުރިން ބޮޑު ހޭދައެއްކޮށްގެން ދައުލަތުން ހިއްކާފާވާ ބިމުން އެތައްހާސް އަކަފޫޓެއްގެ ބޭރު ކުންފުޏްޏަކަށް ހިލޭދީފާ ރަސްމާލެ ހިއްކަން އެމީހުންނާއެކު ވީ އެއްބަސްވުން ބާތިލުކުރުމަކީ ކިހާވަރެއްގެ ހިޔަނާތެއްކަން އިނގުރައިޑު ފަލާހު ނިކަން ބުނެ ދީބަލާށެވެ. އަށްމަހުން ހިއްކާ ނިންމަން ބުނި ބޮޑު ބިޔަ ރަސްމާލެ ކޮބާހެއްޔެވެ. ރަސްމާލެއަކީވެސް ރައީސް މުއިއްޒު ދައުލަތް ދަވާލަން އޮތް ކެރިފެލާ ގެރިއެކެވެ. ރަސްމާލެ ހުވަފެނުގެ ބޭނުމަކީ މާލެ ސަރަހައްދުން ގޯތި ނުދިނުމާއި ރަސްމާލެ ހިއްކުމުގެ ނަމުގައި ދައުލަތް ދަވާލުމެވެ. 

ހަމަ ތެދެކެވެ. މާލެ ސަރަހައްދުން ދޭން ކަނޑައަޅާފައިވާ 9003 ގޯއްޗަކީ ދައުލަތަށް ދެވޭ 5.4 ބިލިޔަން ރުފިޔާގެ ބޮޑު ގެއްލުމެއްކަމަށް ދައްކައިގެން މާލޭ މީހުނަށް ގޯތި ނުދޭން ޒާތްޒާތުގެ ހުއްޖަތް ދައްކަން ނުހަދާށެވެ. ކުރީގެ ހުރިހާވެރިކަމެއްގައިވެސް ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިއްކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް ރައްޔިތުންނަށް ހިޔާވަހިކަން ދިނުމަށެވެ. ރައީސް މައުމޫނު އެޗްޑީސީ އުފެއްދީ ވެސް އެ ބޭނުމުގައެވެ. މާލެ ސަރަހައްދުގެ ބިން ހިއްކައިގެން ވިޔަފާރިކޮށް ވެރިންގެ ޖީބުތައް ފުރާކަށް ނޫނެވެ. 

މާލޭގައި ދިރިއުޅޭ މީހުނަށް ހިޔާވަހިކަން ނުދީ މާލެ ސަރަހައްދުގެ ބިން ރަނަށް ހަދައިގެން ވިޔަފާރިކުރަން އުޅޭބަޔަކަށް މާލެ ސަރަހައްދުން ހިލޭގޯތި ދިނުމަކީ ބިލިޔަނުގެ ހިޔަނާތަކަށް ވެދާނެއެވެ. ލޯނު ނަގައިގެން ރާއްޖޭގައި ހިއްކަނީ މާލެ ސަރަހައްދެއް ނޫނެވެ. އައްޑުއަތޮޅާއި ތިނަދުއާއި ނައިފަރާއި ހިންނަވަރާއި އޭދަފުއްޓާއި ކުޅުދުއްފުއްޓާއި ހޯރަފުށިވެސް ހިއްކީ ލޯނުނަގައިގެންނެވެ. ރާއްޖޭގައި ހިއްކިއްޔާ ހިއްކި ބިމެއްވިއްޔާ ހިއްކީ ލޯނިނަގައިގެންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މާލެ ސަރަހައްދު ނޫން ތަންތަނުން ހިއްކިބިމުން ގޯތި ހިލޭދިނުން ގެއްލުމަކަށް ނުވެފާ މާލެސަރަހައްދުން ހިލޭ ގޯތި ދިނުން 5.4 ބިލިޔަނުގެ ގެއްލުމެއް ކަމަށް މުއިއްޒު ސަރުކާރުން ސިފަކުރަނީ މާލެ ސަރަހައްދުން ބިންވިއްކައިގެން އެޗްޑީސީ މެދުވެރިކޮށް ހިންގާ ވަގުޑީލްތައް ހިންގަން ބިން މަދުވާތީއެވެ.  

]]>
Tue, 13 Aug 2024 14:28:51 +0500 އެޑިޓަރ
މުއިއްޒާ ހުރެ މުސީބާތެއްނޫނީ ދައުލަތަށް ނުޖެހޭ! https://heerasnews.com/2656 https://heerasnews.com/2656 މުއިއްޒު މިނިސްޓަރު ކަމުގައި ހުރި ސަރުކާރަކުން ބޮޑު 4 އެއްބަސްވުން ބާތިލް ކުރިއެވެ. މާލީ ގޮތުން ދައުލަތަަށާއި ރައްޔިތުންނަށް އެންމެ ބޮޑު ގެއްލުން ލިބޭ ގޮތަށެވެ. މުއިއްޒު ވަޒީރުކަމުގައި ހުރެ ގައުމަށް ގެއްލުން ދިނުމުގައި މުއިއްޒުގެ ދައުރު ބޮޑެވެ. 

ޖީއެމްއާރާއި ދިވެހި ސަރުކާރާއި އެކުވީ އެއަރޕޯޓް ހިންގުމުގެ އެއްބަސްވުން ބާތިލު ކުރީ މުއިއްޒު ކެބިނެޓްގައި ހިމެނޭ ސަރުކާރަކުންނެވެ. 99 އަހަރަށް ދައުލަތުގެ ބޮޑެތި އެސެޓްތައް ނުއަގުގައި މިހާރަކަށް އައިސް ދެމުންދާއިރު އެއަރޕޯޓް ހިންގުން ޖީއެމްއާރާ ހަވާލުކުރީ އެންމެ 25 އަހަރަށެވެ. އެކަމަކީ އެއަރޕޯޓް ވިއްކާލުން ކަމަށް ސިފަކޮށް އެގްރިމެންޓް ބާތިލުކުރުމުން ގެއްލުމުގެ ގޮތުގައި 300 މިލިޔަން ޑޮލަރު ދައްކަން ދައުލަތަށް ޖެއްސި ބޮޑު ގެއްލުން ދިނީ މުއިއްޒު ކެބިނެޓް ވަޒީރުކަމުގައި ހުރި ސަރުކާރަކުންނެވެ. ގެއްލުމުގެ ބަދަލުެ ގޮތުގައި އެ ފައިސާ ދިނީވެސް މުއިއްޒު ވަޒީރެއްގެ ގޮތުގައި ހިމެނޭ ސަރުކާރަކުންނެވެ. 

ނޫމަޑިއާއިއެކު ކުރީގެ ސަރުކާރަކުން ގާއިމް ކުރި އެއްބަސްވުން ބާތިލް ކުރީ މުއިއްޒު މިނިސްޓަރަކަށް ހުރެގެންނެވެ. 155 މިލިއަން ޑޮލަރު ހޯދުމަަށް ނޫމަޑިން އާބިޓްރޭޝަނަަށް ދިއުމުން އެ އެއްބަސްވުން ބާތިލް ކުރީ ނޫމަޑީގެ އެއްވެސް ގޯހެއްނެތި ކަމަށް ބުނެ މުއިއްޒު ވަނީ ދައުލަތާއި ދެކޮޅަށް ހެކިބަސްދީފައެވެ. 155 މިލިއަން ޑޮލަރުގެ ބަދަލު ނަގާދިނުމަށް ދައުލަތާއި ދެކޮޅަށް ނޫމަޑިއަށް ލިބިފައިއޮތް އެންމެބޮޑު ހެއްކަކީ އޭރުގެ ހައުސިންގ މިނިސްޓަރުކަން ކުރި މުއިއްޒުގެ ހެކިބަހެވެ.

މުއިއްޒުގެ ހެކިބަހުން ބަރު ލިބިގެން ނޫމަޑިއަށް ދައުލަތުން ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ދިނުމަށް އަރބިޓްރޭޝަނުން ހުކުމް ކުރިއެވެ. ހުކުމް ތަންފީޒު ކުރަން ޖެހުނީ ރައީސް ސޯލިހު ސަރުކާރަށެވެ. އެހެން ކަމުން ރައީސް ސޯލިހު ސަރުކާރުން ކޯޓުން ބޭރުން ނޫމަޑިއާ ނެގޯޝިއޭޓް ކޮށްގެން 100 މިލިޔަން ޑޮލަރ ދައުލަތުން ނޫމަޑިއަށް ނުދައްކާ ސަލާމަތް ކުރިއެވެ. ކުރީ ސަރުކާރާއި ނޫމަޑިއާ ދެމެދު ކޯޓުން ބޭރުގައި ކުރެވުނު މަޝްވަރާތަކުން މުއިއްޒު ދައުލަތަށް ޖެއްސި 155 މިލިޔަން ޑޮލަރު ދެއްކުމުގެ ބުރައިން 100 މިލިޔަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭން ނުޖެހި 55 މިލިޔަން ޑޮލަރު ނޫމަޑިއަށް ދީގެން ދައުލަތް ސަލާމަތް ކުރީއެވެ.  

މުއިއްޒު ހިމެނޭ ކުރީގެ ސަރުކާރަކުން ނެކްސްބިޒް އެއްބަސްވުން ގާއިމު ކުރިއެވެ. ހަމައެހެންމެ ގާނޫނާއި ހިލާފަށް އެ އެއްބަސްވުން ބާތިލުކުރީ ހަމަ އެސަރުކާރުންނެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތުން 18 މިލިއަން ޑޮލަރު ބަދަލު ދޭން ޖެހުނެވެ. އެފައިސާ ނެކްސްބިޒަށް ބަދަލުގެ ގޮތުގައި ދޭންޖެހުނީވެސް ނިމިދިޔަ ސަރުކާރަށެވެ.  

ފުށިދިއްގަރު ފަޅު ލީޒް ކުރުމަށް ކުޑަ އަގެއްގައި އެއްބަސްވެ އެ އެއްބަސްވުން ބާތިލް ކުރީވެސް މުއިއްޒު މިނިސްޓަރު ކަމުގައެވެ. އަމަލީ މަސައްކަތް ކުރަން މުއިއްޒު މިނިސްޓަރަކަަށް ހުރި ސަރުކާރުން ފުރުސަތު ނުދިނުމުން 1500 ހެކްޓަރުގެ އެފަޅު ހޯދަން އާބިޓްރޭޝަނަށް ޕްރައިމް ކެޕިޓަލް ދިއުމުން ދައުލަތަށް އެފަޅު ހޯދަދޭން ނިމިދިޔަ ސަރުކާރަށް ޖެހުނީ 20 މިލިއަން ޑޮލަރު ބަދަލު ދީގެންނެވެ. އެހެން ނޫންނަމަ ރަސްމާލެ ހަދާކަށް ފުށިދިއްގަރު ފަޅެއް ނުއޮތީހެވެ. 

]]>
Sat, 03 Aug 2024 12:11:42 +0500 އެޑިޓަރ
ރައްޔިތުން ބިކަކުރާ ދިވެހީންގެރާއްޖެ https://heerasnews.com/2501 https://heerasnews.com/2501 ހަރަދު ކުޑަކުރުމުގެ ނަމުގައި އާއްމު ރައްޔިތުންނަށްދޭ ސަބްސިޑީތައް ކަނޑާލަން ސަރުކާރުން ދަނީ ރާވަމުންނެވެ. ސަރުކާރަށް ބޮޑުވެގެން އުޅެނީ އާއްމު ރައްޔިތުންނަށް ދޭލުއިތައް ދިނުމެވެ. ސަރުކާރަށް ހަރަދު ބޮޑުވަނީ އާއްމު ރައްޔިތުންނަށްދޭ ހިދުމަތަށް ސަބްސިޑީ ދޭންޖެހޭތީ ކަމަށް ސަރުކާރުން ދަނީ ހުއްޓާނުލާ ދައްކަމުންނެވެ. 

ފަސްހަހާސް ސިޔާސީ މަގާމު އުފައްދައިގެން އެ މަގާމުތަކުގައި ތިބޭ މީހުންނަށް އަތްގުޅި ނުކާވަރުގެ މުސާރައާއި އިނާޔަތް ދޭކަށް ސަރުކާރަކަށް ހަރަދު ބޮޑެއް ނޫނެވެ. އީދު ފާހަގަ ކުރަން ކުލަބޮކި ދިއްލަން އެތަން މިލިޔަން ރުފިޔާ ތަޅާ ބުރުސާލާކަށް ބޮޑުކަމަކަށް ނުވެއެވެ. ރައީސްގެ ޝާހީ ދިރިއުޅުއްވުމަށް ކޮންމެ މަހަކު އެތައް މިލިޔަން ރުފިޔާ ހަރަދު ކުރާކަށް ބޮޑެއް ނޫނެވެ. ބޮޑުފާލަން ރޫޅާލާ އަލުން ހެދުމަށް އެތައް މިލިޔަން ހަރަދު ކޮށްލުން ބޮޑެއް ނޫނެވެ.

22 މިނިސްޓްރީ އުފައްދާ އެ ތަންތަން ހިންގަން އަމިއްލަ މީހުންގެ އިމާރާތްތައް ހިފައިގެން ބިލިޔަނުން ކުލި ދައްކާކަށް ބޮޑެއް ނޫނެވެ. ބިލިޔަނުން ހަރަދުކޮށްގެން ވަޒީރުންނަށް ކާރު އައު ކޮށްދޭކަށް ބޮޑެއް ނޫނެވެ. ކަމެއްވާއިރަށް ހަވާއަރުވަން މިލިޔަނުން ހޭދަކުރާކަށް ބޮޑެއްނޫނެވެ. ކަންދައްކަން ޑްރޯންގަންނަން އެތައް މިލިޔަން ހޭދަކުރަން ބޮޑެއްނޫނެވެ. ބައިހަދާފައި ފަސްޓްކްލާހުގައި ދަތުރުކުރާކަށް ބޮޑެއް ނޫނެވެ. ވެރިކަމުގެ ފާޓުފުޅާ ކުރުމަށް ހުއްޓާނުލާ ކުރާ ހޭދައިގެ ވާހަކަ ދައްކާ ކޮޅުން ލާކަށް ނެތެވެ. 

ބޮޑު ހަރަދަކީ ކަރަންޓާ ފެނަށް ސަބްސިޑީ ދިނުމެވެ. ކާޑާއި ތެލަށް ސަބްސިޑީ ދިނުމެވެ. އުމުރުން ދުވަސްވީ މީހުންށާއި ހާއްސައެހީއަށް ބޭނުންވާ މީހުނަށް އިނާޔަތް ދިނުމާ ބެލެހެއްޓުމެވެ. އެކަނިވެރި މައިންބަފައިންނަށް އިނާޔަތް ދިނުމެވެ. އާރުޓީއެލް ފެރީއާއި ބަހުގެ ހިދުމަތަށް ސަބްސިޑީ ދިނުމެވެ. ސިވިލްސާވިސް މުއައްޒަފުންނަށް އިނާޔަތް ދިނުމާއި އޯޓީ ދިނުމެވެ. ވަޒީފާ އަދާކޮށްގެން ޖަމާކުރާ އަމިއްލަ ޕެންޝަން ފައިސާކޮޅު ދިނުމެވެ. މިނޫންވެސް ސަބްސިޑީތަކާއި އިނާޔަތް އާއްމު ރައްޔިތުންނަށް ދައުލަތުން ދިނުމަކީ އޮންނަނީ އިސްރާފަށް ވެފައެވެ. ހަރަދު ބޮޑުވެފައެވެ.

ލަހެއްނުވެ ދެމުންދިޔަ އެތައް ސަބްސިޑީއަކާއި އިނާޔަތްތައް ކެނޑިގެން ދާނެއެވެ. އެތެރެކުރާ ކާޑުގެ ބޮޑުބައި ކަނީ ބޭރު މީހުންނޭ ބުނެ ކާޑުގެ ސަބްސިޑީ ކަނޑާލާނީއެވެ. އާރުޓީއެލް ފެރީގެ ހިދުމަތަށް ސަބްސިޑީ ދިނުންވެސް އިސްރާފަކަށްވެ ހީލަތްތެރި ގޮތަކަށް އެކަންވެސް ނިމުމަކަށް ގެންނަން ރޭވެނީއެވެ. އުމުރުން ދުވަސްވާ މީހުނަށްދޭ ޕެންޝަން މުރާޖިއާކޮށް އިސްލާހުކުރާ ނަމުގައި ބަދަލުތަކެއް ގެނަސް އޭގައި އޮބި އަޅުވަނީއެވެ. މުއައްޒަފުންގެ ޕެންޝަން ފަންޑްގައި ހުރި ފައިސާއަކީ ވެސް މަރުފުށު ކަމަކަށްވެސް އަތްނުލެވޭ ގޮތަށް ހުންނަ އަދަދުތަކަކަށް ހަދަނީއެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ދޭ އެހީއާއި އެކަނިވެރި މައިންބަފައިންނަށްދޭ އިނާޔަތް ދިނުންވެސް ނިމުމަކަށް ގެންނަނީއެވެ. ސިވިލް ސާރވިސް މުއައްޒަފުން މަދުކޮށް އިނާޔަތްތައް އުނިކޮށް އޯވަޓައިމް އެއްގޮތަކަށްވެސް ނުދޭނެއެވެ. 

އާއްމު ރައްޔިތުންނަށްދޭ އިނާޔަތާއި ސަބްސިޑީ އާއި ސިވިލްސާރވިސް މުއައްޒަފުންނަށް ކުރެވޭ ހޭދަ ދެކެނީ ކުރެވޭ އިސްރާފެއްގެ ގޮތުގައެވެ. ބޭކާރު ހަރަދެއްގެ ގޮތުގައެވެ. ދުނިޔޭގެ މާލީ އިދާރާއަކުން ހަރަދު ކުޑަކުރަން މަޝްވަރާ ދޭއިރަށް ކުޅެގަންނާނީ ސިވިލްސާރވިސްގެ މުއައްޒަފުންގެ އާމްދަނީއާއެވެ. ކަނޑާލާނީ އިތުރު ގަޑިއާއި އިނާޔަތްތަކެވެ. ބަދަލު ކޮށް ކަނޑާލާނީ ރައްޔިތުންގެ ލުއިފަސޭހައަށް ދެވޭ ސަބްސިޑީތަކެވެ. އިތުރު ކުރަނީ ނަގާ ޓެކްސްއެވެ. ބޮޑުކުރަނީ ހިދުމަތުގެ އަގެވެ. އުފައްދާ ބޮޑުކޮށް އިތުރު ކުރަނީ ސިޔާސީ ހަރަދެވެ.      

]]>
Thu, 30 May 2024 17:02:15 +0500 ހީރަސްނިއުސް
ޅެންފަރުވާގެ ހިދުމަތަށް އާސަންދަ ލިބޭނެ!؟ https://heerasnews.com/2476 https://heerasnews.com/2476 އިންސާނުންނަށް ކީއްކުރަން ހެއްޔެވެ. ޖަނަވާރުންނާއި ދޫނި ސޫފާސުއިއްޕަށްވެސް އެންމެ ފަރުވާއެއް ނޫނީ މިހާރު ނުކުރެވޭ ފަރުވާއެއް ރާއްޖޭގައި ނެތެވެ. ކުޑަވެގެން ބޮޑުވެގެންވެސް އެންމެ ފަރުވާއެއް ފިޔަވާ ނުކުރެވޭ ފަރުވާއެއް ރާއްޖޭގައި ނެތެވެ. ކްލޯން ކުރުމާ ހަމައަށް ރާއްޖެ ހިނގައްޖެއެވެ. ރާއްޖޭގައި ދެވޭފަރުވާގެ ކަންކަން މިހާ ކުރިއަރާ ގޮސްފައި ވާއިރުވެސް ނުކުރެވޭ ފަރުވާއެއް އެބައޮތެވެ. 

ރައީސް މުއިއްޒުގެ ވަޒީރަކު މަރުފަލި ޖަހަމުން އެދަނީ ރާއްޖޭގައި އެފަރުވާކުރުމަށެވެ. ރާއްޖޭގައި ނުކުރެވޭ ފަރުވާއަކީ ހަމައެކަނި ޅެންފަރުވާއެވެ. ލަހެއް ނުވެ ޅެންފަރުވާގެ ހޮސްޕިޓަލްތަކާއި ކުލިނިކްތައް ހުޅުވިގެން ދާނެއެވެ. ޅެންފަރުވާގެ ހިދުމަތް އާސަންދައިންވެސް ލިބެން ފަށާނެއެވެ. 

ދުވަސް ކޮޅަކުން ދިވެހިން ބިންމަތީގައި ތިބޭނީ ހަނދުގައި ގެއަޅައިގެންނެވެ. އޭރުން ދިވެހިން އުޅޭނީ ކަނު އަނދިރީގައި ކަޅުހިލަ މަތީން ކަޅުހިނި މެރުމުގައެވެ. ހިމޭން ލޯބީގައި ދެހިތް ފައްތަރުކޮށްގެންނެވެ.

ހުރިހާ ދިވެހިން ތިބޭނީ ހިޔާލީ ދުނިޔެއެއްގައި ފުރާނަ ނެތް އެއްޗެތީގައި ފުރާނަ އަޅުވައިގެން ހަގީގަތާ މާ ދުރުގައެވެ. ހައިބަނޑާ އޮވެ ރަން އިލޮށިން ކަދުރު ކާށެވެ. މަރުވިއްޔާ ޝަރަފުގައި މަރުވުމަށް ދަންމަޅިއަށް ބޯ މަހާލައިގެންނެވެ. ކަރުދާހުގެ ނަވުގައި މަރުފަލި ޖަހާށެވެ. އުޑުން ތަރިބާލާ އަތަށް ހަނދު ތިރިކޮށް ކަނޑުގާ ހިނގާލަ ހިނގާލައެވެ. 

ޅެންފަރުވާއޭ ކިޔައިގެން ބޮލުރޮދި ކެނޑިގެން ބޮލާއަޅާ މަޑިތަކަކަށް ހުރިހާ ދިވެހިން ހަދަން ނޫޅޭށެވެ. މަޖުނޫނު ހެދިގެން ދުނިޔެ ރަންވެ މޮޔަވެފާތިބި ބަޔަކަށް ދިވެހިން ހަދަން ނޫޅޭށެވެ. ޅެމުން ފަރުވާ ހޯދާދީގެން އަލާއުއްދީނު ވޮއްގަޑު ހޯދާދީގެން ޖާދޫގެ ކުނަލުގައި އުދުއްސަން ކޮންމެހެން އުޅޭނެ ކަމެއް ނެތެވެ. ތިޔަ ދޭން އުޅޭ ޅެންފަރުވާ ލިބިގެން މީހުން ރަން ބިމަށް ގެންދަން ނޫޅެ އާދަން ނަސީރަށް ވަޒީރުކަން ނުކުރެވެންޏާ އަވަހަށް ކޮންމެވެސް އެހެން ކަރައެއް ފަޅާލެވޭތޯ އުޅޭށެވެ. 

ދިވެހި ބަހުގެ އަދަބިއްޔާތު ދިރުވާ ކުރިއަރުވަން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ދައުލަތުން ބޮޑެތި އިސްރާފު ކުރަން ނޫޅޭށެވެ. ވުޒާރައަކުން ގައުމިއްޔަތުގެ ނަމުގައި ޗާޕްހާނާއާއި ރިސާޗް ސެންޓަރާއި ކޮލެޖު ހަދައިގެން ނަކަސްތަޅަން އުޅޭނެ ކަމެއް ނެތެވެ. އާސާރާއި އަރުޝީފާއި އާދަކަދައާއި ތަރިކަ ރައްކާތެރި ކުރާ ނަމުގައި ޖިފުޓީގެ ޒަމާނަށް އަނބުރާ ގެންދަން އޮޔާވަޔާ ދެކޮޅަށް މީހުންގެ ވިސްނުން އަނބުރާލަން ގައިނުވީދާ ދުނިޔެއަށް ލޯހުޅުވަ ބަލާށެވެ. 

ބަވަނަވެތި ދުނިޔޭގެ އިލްމާއި ހުނަރާއި ވައްޓަފާޅިއަށް އުޅުމާ ގުޅުންތައް ބައްޓަން ނުކޮށް ފުނައޮށުން ވޮއްދިއްލި ޒަމާނަށް ދާނޭ މީހަކު މިހާރަކު ނެތެވެ. ރާރުކު ކުރީގައި ކަންފަތިން އެއް ކޮށަން އޮވެ ގިފިލީވަޅު ދޮށުގައި ފަޅިކަނޑިކި އަނދެގެން ފެންވަރަން ތިބޭ ސަމަންތަރު ހެޔޮ އަންހެނުނަށް މައްލަވަކުރަން ރައިވަރުކިޔާ އުޅުނު ޒަމާނަށް އިޔާދަ ކުރަން ޅެމުން ފަރުވާދޭން ހަދާނެ ކަމެއް ނެތެވެ. 

]]>
Tue, 21 May 2024 00:18:50 +0500 ހީރަސްނިއުސް
މޫނަކަށް ކަނދުރާއަކަށް މުއިއްޒު މިހާރަކު ބަލާނެ ކަމެއްނެތް https://heerasnews.com/2427 https://heerasnews.com/2427 ރައީސް މުއިއްޒަށް ތިޔަ އޮތީ ސަރުކާރާ މަޖިލިސް ލިބިފައެވެ. މޫނަކަށް ކަނދުރާއަކަށް ބަލާނެ ކަމެއް ނެތެވެ. ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކޮށްލާށެވެ. ހުއްޓުވާނެ މީހެއް ހުއްޓުވާނެ ތަނެއް ނުހުންނާނެއެވެ. މީހަކު ކިޔާ އެއްޗަކަށް ބަލާނެ ކަމެއް ނެތެވެ. ފޮޓޮއެކޭ ހުސްގޮނޑިއޭ އަދުރޭއޭ ކިޔާ ބަޔަކު ކިޔަކިޔާ ތިބެދާނެއެވެ.

ދޭނެ ބަޔަކަށް ދޭނެ އެއްޗެއް ދީގެން ރަސްމާލެ ހިއްކާނެ ވަރަކަށް ހިއްކަންވީއެވެ. ރާޖޫއަށް ދޭނެވަރަކަށް ބިން ދީގެން ހިއްކާނެ ވަރަކަށް ހިއްކާށެވެ. ކުރިން ދީގެން އުޅޭ ގޯތިތައް ބޭނުން ތާކަށް ބަދަލުކޮށް އަތުލާނެ ބަޔަކު އަތުން އަތުލާ، ދޭނެ ބަޔަކަށް ދޭށެވެ. މުއިއްޒު ބޭނުން މީހަކަށް ބޭނުން ވަރަކަށް ގޯއްޗާއި ފްލެޓް ދޫކުރަންވީއެވެ. ގޯއްޗާއި ފްލެޓް ބޭނުމިއްޔާ ޖެހޭނީ ބުނިއެއްޗެއް ހަދައިގެން ތިބޭށެވެ.

އަޅާނެ ދިގުމިނެއްގާ އަޅާނެ ވަރަކަށް ބިއްލޫރި ޓަނަލް އަޅަންވީއެވެ. ނާޅާ މަޑެއް ކުރާނެ ކަމެއް ނެތެވެ. ދުނިޔޭގައި ޓެކްނޮލޮޖީއާއި ވަސީލަތާ ފައިސާ އެބަހުއްޓެވެ. ވަންހަ ދިލަކޮޅަށް މުޅިގައުމު ދެރިޔަސް ވަރިހަމަތާއެވެ. ދައްކަން އުޅެން ޖެހޭނީ ފަހުން އަންނަ ބަޔަކަށްތާއެވެ. ކަން އޮންނާނީ ނިމިފައެވެ.

ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއްވެސް އަޅަންވީއެވެ. އެއަރޕޯޓެއް ނާޅާ އެއްތަނެއްވެސް ބާއްވާނެ ކަމެއް ނެތެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ހަދަންފަށާފައިވާ ބަދަރުތަކާއި އަޅަން ފަށާފައިވާ ފެނާ ނަރުދަމާގެ މަސައްކަތް ކުރާނެ ކަމެއް ނެތެވެ. ކޮއްޅިކޮއްޅިއަށް ރަށްރަށުގައި ތިބީހާ މީހުން އުފުރާލައިގެން ގެންގޮސް ސިޓީތަކަށް އަޅާލާށެވެ. އައްޑޫގައި ނޫނަސް ހުރިހާ ސިޓީތައް ވަރުވަރުގެ ބްރިޖުން ގުޅާލާށެވެ. އެޔެއް މިޔެއް ބަލާނެކަމެއް ނެތެވެ.

ފަޅުކުރަން ބޭނުން ރަށެއް ފަޅުކޮށް ވިއްކަންވީ ތަނެއް ވިއްކާ ބޭނުންހާ ބަޔަކަށް ދީގެން ހިންގާނެ މަޝްރޫއެއް ހިންގަންވީއެވެ. ބަންކަރިންނެއް ޕޯރޓެއް ޑައިރީ ފާރމެއް ފޫޑް ސެކިއުރިޓީ ފާމެއް ބަލާނެ ކަމެއް ނެތެވެ. އެވަރަށް ރައްޔިތުން ތިޔަ އޮތީ ބާރުދީފައެވެ. ރަށްރަށް ހުސްކޮށް ކުރާނެކަމެއް ކުރާށެވެ. 

މާ އަނގަ ގަދަކުރާ ބަޔަކުނަމަ ވަޒީފާތަކާއި ފައިސާ ބޮޑިތަކުން އަނގައިގާ މަލަން އަޅާށެވެ. އެވަރުން ނުވަންޏާ ޖަލުގެ ތޭރިތަކުގެ ފަހަތައް ފޮނުވާލާށެވެ. އިދިކޮޅު ސިޔާސީ ހަރަކާތް ނުހިންގޭ ވަރަށް އިދިކޮޅު ވާގި ނައްތާލާށެވެ. ތަފާތު ފިކުރު ފުހެލާށެވެ. ހިޔާލުފާޅުކުރުމާއި ނޫސްވެރިކަން ތައްމިނަށް އޮތް އޮަތުން ހަނިކޮށް އެއްވެ އުޅުން ހުއްޓުވާށެވެ. މަގުތައް އަމާން އޮމާން ކުރުމުގެ ނަމުގައި ކޮންމެ އެއްވުމަކަށް އަސޭމިރުސް ދުން ޖަހާ ތަޅާ ރޯނާ ގަންނަވާލާށެވެ. އެވަރުން ނުވަންޏާ ޖަލުން ހޮސްޕިޓަލުން ފައިތަޅާއަށް ޓިކެޓް ދޭށެވެ.

ކުރީ ސަރުކާރު ތަކުން ގެއްލުވާލާފައިވާ ކަމަށް ބުނާ ހުރިހާ ފައިސާތަކާ މުދާތައް ނުހޯދައެއްވެސް ނުވާނެއެވެ. ބަލަން އޮތީ އެފްޕީއައިޑީއާއި އެއަރމޯލްޑިވްސް އާއި އެމްއެމްޕީއާރުސީ މައްސަލަތައް އެކަންޏެއް ނޫނެވެ. ނޫމަޑިއެއް ބިގެއް ވިލާއެއް ދީބާޖާއެކޭ އެކަނި ކިޔާނެ ކަމެއް ނެތެވެ. ސިނަމާލެ ބްރިޖެއް ދަރުމަވަންތައެއް ރިންގް ރޯޑެއް ފޭސް ދޭކެއް ހިޔާޓަވަރެއް ވެންޓިލޭޓަރެއް ކަދުރުރުކެއް އާސަހަރާއެއް ދޫކުރާނެ ކަމެއްނެތެވެ.

ވެދިޔަހާ ތާނގައި ގެއްލިފައި ހުރިއްޔާ ހުރި މުދަލަކާ ފައިސާއެއް އަނބުރާ ހޯދާށެވެ. މައުމޫނެއް އިލްޔާސެއް ސަޓޯއެއް އަންބަރީއެއް ނަޝީދެއް ވަހީދެއް ޔާމީނެއް އަދީބެއް މުއިއްޒެއް ސޯލިހެއް ޝާހިދެއް ފައްޔާޒެއް ނުބަލާ ދައުލަތަށް މިހާރު އިންސާފު ހޯދާ ދެވޭނެއެވެ. ހިފާހައްޔަރު ކުރަންޖެހޭ ބަޔަކު ހައްޔަރުކޮށް ފޮޅާސާފު ކޮށްލައިގެން ވިޔަސް ވަރިހަމައެވެ. 

]]>
Thu, 25 Apr 2024 18:46:22 +0500 ހީރަސްނިއުސް
ސީދާހަރަކާތަށް ނުގެންދެވޭ ލީޑަރޝިޕެއް އެމްޑީޕީ ބޭނުމެއްނޫން https://heerasnews.com/2419 https://heerasnews.com/2419 އެމްޑީޕީގެ ތާރީހުގައި ކުރިމަތިވީ އެންމެ ބޮޑު ދެ ނާކާމިޔާބީ ކުރިމަތިވީ މިހާރު މިއޮތް ލީޑަރޝިޕްގައެވެ. ޖެހިޖެހިގެން ބޮޑު ދެބަލި އެމްޑީޕީއާ ކުރިމަތިވީ ވުމަކީ ލޯމަރާލައިގެން ތިބެވޭ ވަރުގެ ކަމެއް ނޫނެވެ. 

ރިޔާސީ އިންތިހާބުން ބަލިވުމުގައި ބޮޑެތި އިހުމާލު ތަކެއް ހުއްޓެވެ. ގްރާސްރޫޓާއި ލީޑަރޝިޕްގެ ގުޅުން ބޮޑުތަނުން އޮތީ ކެނޑިފައެވެ. މަޖިލީހުގެ އިންތިހާބަށްޓަކައި މަޖިލީހުގައި ތިބި އެމްޑީޕީގެ ގިނަ މެންބަރުން އެ މެންބަރެއްގެ ދާއިރާގެ އެހެން އިސް އެކްޓިވިސްޓުން ތިބީ ބާކީކޮށްފައެވެ. ކެންޕޭނު ތެރޭގައި ރަނގަޅަށް ގްރައުންޑް ރީޑެއް ނުކުރެވެއެވެ. ކަންމަތީ ބައްދަލުވުން ތަކެއް ނުބޭއްވެއެވެ. އެއްވާނަކަށް ހަރުގެ ތަކެއް ނުހިންގެއެވެ. ރަށްރަށުގެ ކަމުވޮށިވެގެންވާ ނުފޫޒުހުރި ގިނަ މީހުން އޮންބޯޑްކޮށް ކެންޕޭނުގައި ހަރަކާތްތެރިއެއް ނުކުރެވުނެވެ. 

ވެރިކަމުގެ އާރާބާރުގައި ތިބެ ކުރެވެން ހުރި އެތައް ކަމެއް ނުކޮށް ލަސްކޮށް ފަސްކުރުމަކީ މިއަދު ފެނުނު ނަތީޖާގެ ހަގީގަތެވެ. މިލިޔަނުން ހަރަދުނުކޮށް ކުރެވެން ހުރި އެތައްކަމެއް ނުކޮށް އޮތީ ދޫކޮށްލެވިފައެވެ. ޕާސްޕޯޓްހެދުމާއި އައިޑީކާޑް ހެދުންފަދަ އަސާސީ އެތައް ކަމެއް އިހުނަށްވުރެ މީހުނަށް އުނދަގޫވިއެވެ. ކުރިން އެއް ދުވަހުން ނިންމޭ ޕާސްޕޯޓް ލިބެނީ ދިހަބާރަ ދުވަހުންނެވެ. އިދާރީ ހިންގުމުގައި ބިއުރޮކްރަސީ ބޮޑުވެ ހިދުމަތް ހޯދުން ވަނީ އާއްމު އުދަގުލަކަށް ވެފައެވެ. 

މަޖިލީހުގެ ރައީސް ކަމުގައި ނަޝީދު ބައިންދައިގެން އިބޫ ސަރުކާރަށް ވަގަށްގޮވާ ބޮޑެތި ތުހުމަތުކޮށް ސަރުކާރާއި އެމްޑީޕީއާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އުފައްދާ އިތުބާރު ނަގާލަމުން ދިޔައިރު އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ. ސަރުކާރު ތެރޭގައި ތިބެ ދައުލަތް ލޫޓުވާ ކަންކަން ލަސްކޮށް ފަސްކުރާއިރު ކޯލިޝަން ހިފެހެއްޓުމުގެ ނަމުގައި އެއްވެސް ފިޔަވަޅެއް ނޭޅުނެވެ. ސުވާލު އުފެދޭފަދަ ބޮޑެތި ނިންމުންތައް ނިންމަމުން ދިޔައިރު ދުރާލާ ކަމުގެ ހަގީގަތް ބުނެއެއް ނުދެވެއެވެ. އަދީބާއި އެހެނިހެން ބޮޑެތި ކުއްވެރިން މިނިވަން ކުރުމަކީ އޭގެ މިސާލެކެވެ. 

އިންޑިއާސިފައިންނާއި ދެކުނުކަނޑުގެ މައްސަލަ އިދިކޮޅުން ނަގާ ބޮޑު ފިތުނައަކަށް ހަދަންދެން އެމްޑީޕީ އޮތީހަނެވެ. ރައްރަށުގެގައި ހިންގި މަޝްރޫއުތަކުގެ ސައްހަ މައުލޫމާތު ޝައްކެއް ނެތް މިންވަރަށް ސާފެއްކޮށެއް ނުދެވެއެވެ. ސަރުކާރާއި އެމްޑީޕީގެ ސްޓްރެޓެޖިކް ކޮމިނިކޭޝަން އޮތީ ފޭލިވެފައެވެ. އެކަމުގެ ސަބަބުން އިދިކޮޅުން ފެތުރިހާ ދޮގެއް ތެދަށްވިއެވެ. 

ޕާޓީ ހިންގުމާއި ސަރުކާރު ހިންގުން މަސްހުނިވެ ޕާޓީގެ ސިޔާސީ ހަރަކާތް ހުއްޓި އާއްމު މެންބަރުންނާއި ސަޕޯޓަރުންނާ ގުޅުން ކެނޑުނެވެ. ޕާޓީގެ ޖަލްސާތަކެއް ހަރުގެ ހަރަކާތެއް ކަންމަތީ ބައްދަލުވުމެއް އިންތިހާބަކަށް ބޯމަތިވުމުން ނޫނީ ނުބޭއްވެއެވެ. އެކަށީގެންވާ ސައްހަ މައުލޫމާތު ލިބުން އުނދަގޫވެ ސޯސަލް މީޑިއާގައި އެމްޑީޕީ ބަލިކަށިވެގެން ދިޔައެވެ. 

ވެރިކަން ނިމުމުން ލިބުނު ތަޖުރިބާގެ ބޭނުން އެމްޑީޕީއަކަށް ރަނގަޅަކަށް ނުކުރެވުނެވެ. ދާއިރާ މަޖިލިސްތައް ތަރުތީބުކޮށް އެއްވާނަކަށް މުޅި ރާއްޖޭގައި ސިޔާސީ ހަރަކާތެއް ނުހިންގުނެވެ. މަޖިލީހުގެ މެންބަރުންނަށް އެކަނި ބަރޯސާ ވެގެން ހަރަކާތްތައް ހުއްޓާލާ އޮތީ ނިދާފައެވެ. މާލޭގެ ގޯތިތަކާއި ފްލެޓްތަކުގެ ވާހަކައަކީ މީޑިއާގައި އެކަނި ދައްކާ ވާހަކައަކަށް އޮތީ ހަދާފައެވެ. ހަރުގެ ހަރަކާތެއް މަގުމަތި ހަރަކާތެއްނެތެވެ. ރައްޔިތުންގެ ކަންބޮޑުވުން ތަކަކީ ހަމައެކަނި މަޖިލީހުގެ ކޮމެޓީއަކުން ނިމޭ ކަމަކަށް އޮތި ހަދާފައެވެ. 

މިހެން ކިޔާފާ ނުކިޔާނެ ކަމެއް ނެތެވެ. ސީދާ ހަރަކާތަކީ އެމްޑީޕީ ދަންނަ އެއްޗަކަށް ނުވެއެވެ. ހަގީގީ ރައްޔިތުންގެ ބާރު އެމްޑީޕީ އަތުން ދޫވެ ދިޔައީ ލީޑަރޝިޕްގެ ގަޓްސް ނެތިގެންނެވެ.

އެމްޑީޕީން ގައުމު ބަދަލުކޮށްލީ ވެރިކަމާއި މަޖިލިސް އޮވެގެނެއް ނޫނެވެ. ޖެހެލުންކުޑަކަމާއެކު އެވަގުތަކަށް އަޅަންޖެހޭ ގޮތަކަށް ފިޔަވަޅު އަޅައިގެނެވެ. ވެއްޓުމުން ހަށިފޮޅާލާފައި ދުއްވައި ގަންނަން އެނގޭ ލީޑަރޝިޕަކަށް އެމްޑީޕީ މިވަގުތު މިވަނީ ބޭނުންވެފައެވެ. ވެރިކަމުގައިނެތި ޕާޓީ ހިންގޭ ލީޑަރޝިޕެއް އެމްޑީޕީއަށް ބޭނުމެވެ. ޝާހިދެއް ފައްޔާޒެއް ކިޔާނެކަމެއް ނެތެވެ. ސީދާ ހަރަކާތަށް މުޅި ރާއްޖެ ނުގެންދެވޭ ލީޑަރޝިޕެއް އެމްޑީޕީއަކަށް ބޭނުމެއް ނޫނެވެ. 

]]>
Mon, 22 Apr 2024 19:00:02 +0500 ހީރަސްނިއުސް
އިދިކޮޅަށް މަޖިލިސް ލިބުމަކީ މުއިއްޒަށް ރިސްކެއް! https://heerasnews.com/2415 https://heerasnews.com/2415 މުޅި މަޖިލިސް ސަރުކާރަށް ހޯދަން މުއިއްޒު މަރުފަލި ޖަހަނީ ކިއްވެކަމެއް ނޯޅެއެވެ. ރައީސް މުއިއްޒަށްށް ކުރެވޭ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތު ތަކެއް ފެންމަތިވެފައި ވާއިރު މުއިއްޒުގެ ވައްކަންތަކުގައި މަތިއަޅަން މަޖިލީހުގެ މެޖޯރިޓީ މުއިއްޒަށް ބޭނުންވާނެއެވެ. މުއިއްޒު ހިތުހުރި ގޮތަކަށް ވެރިކަން ކުރުމަށް ފާރަވެރި މަޖިލިހެއް އޮތުމަކަށް ބޭނުމެއް ނުވާނެއެވެ.

މިހާރު ވެސް މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އެބަދެއެވެ. މުއިއްޒުގެ ނުފޫޒާ ބާރުގައި އެވާހަކަތައް ވަނީ ސިއްރުކޮށްފައެވެ. އިންތިހާބުގެ ކުރިން މުއިއްޒުގެ ކޮރަޕްޝަނުގެ މައްސަލަތައް ހާމަ ވިޔަނުދީ އޮތީ އޮބި އަޅުވާފައެވެ. 

ހައުސިން މިނިސްޓަރު ކަމުގައި ހުރިއިރުގެ ގިނަ މައްސަލަތަކެއް އޭގެތެރޭގައި ހިމެނެއެވެ. ހިޔާ މަޝްރޫއު އެންމެ އަގުބޮޑު ޕްރޮޕޯސަލް މައްސަލައާއި ފުލެޓު ލިސްޓުގައި އޮޅުވާލުމުގެ މައްސަލައާއި ވަޒީރު ކަމުގައި ހުރެގެން އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލަ ތަކެއް ހިމެނެއެވެ. ނަމަވެސް މައްސަލަތަކުގެ އެއްވެސް ތަފުސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ހިފެހެއްޓުމަކީ ރައްޔިތުންގެ ބާރަށް ހުރަސް އެޅުމެވެ.

ދައުލަތުގެ ވެރިންނާއި އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ މައުލޫމާތު ނުދީ ހިފެހެއްޓުމަކީ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ވެރިން އިންތިހާބު ކުރުމުގެ ހައްގަށް ހުރަސް އެޅުން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ސިފަކުރެއެވެ.

ރައީސް މުއިއްޒުގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅޭ ފުލުހުންގެ ރިޕޯޓަކާއި އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ އިންޓެލިޖެންސް ރިޕޯޓެއް ވަނީ މިމަހު ލީކުވެފައެވެ. "ހަސަން ކުރުސީ" ލީކުކޮށްލި މި ދެ ރިޕޯޓަކީ ސައްހަ ރިޕޯޓު ތަކެއްކަން ކަށަވަރެވެ.

އިދިކޮޅުން "އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް" މުއިއްޒު ބޮލުގައި އެޅުވޭނެ ކަމެއް ނުހޯދޭނެ ކަމަށް މުއިއްޒު ބުނާއިރު އެކަން އެނގޭނީ މައްސަލަ ރަނގަޅަށް ތަހުގީގުކޮށް ލީމައެވެ. އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ ޑްރާފްޓެއް ވިޔަސް އުފަންވާނީ ކަންތައްތަކެއް ހިނގައިގެންނެވެ. ހިޔާނާތްތެރިވުމާއި ނުހައްގު މުއްސަދިކަން ފަދަ ސީރިއަސް ތުހުމަތުތައް ކަފުން ކޮށްލުމަށް މަޖިލިސް މުއިއްޒަށް ހޯދުން މުހިންމު ވާނެތާއެވެ. 

އެމްޑީޕީއާއި ރައީސް ޔާމީނުގެ ޕީއެންއެފުން ވަނީ މި މައްސަލަތައް ބަލުމަށް ގޮވާލާފައެވެ. އޭސީސީއިން ބަލަމުންދާ މައްސަލަތަކުގެ ތަފުސީލު ހާމަކުރަން ވެސް ދަނީގޮވާލަމުންނެވެ. މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުޑަތަންވެފާ ވާއިރު ކަމާބެހޭ އިދާރާތައް އޮތީ ނިދާފައެވެ. 

އިދިކޮޅަށް މަޖިލިސް ލިބުމަކީ މުއިއްޒަށް ރިސްކަކަށް ވާނެއެވެ. ބިރަކަށް ވާނެއެވެ. މުއިއްޒު ބޭނުންވާ ގޮތަށް ހުދުމުހުތާރު ވެރިކަމެއް ކުރަން އޮތް ފުރުސަތު ބަންދުވާނެއެވެ. 

]]>
Sat, 20 Apr 2024 17:38:24 +0500 ހީރަސްނިއުސް
ތެދުވައްތަރު ދޮގުހެދުމުގައި ހީނާ ވަރެއްނެތް https://heerasnews.com/2375 https://heerasnews.com/2375 މާތްކަލާނގެއާއި ވަކީލެވެ. ޖައްސަވާފައިވާ ގިލަންވެރިކަން އިހުސާސްނުވެ ވެރިއެއްގެ ދިފާއުގައި ފަސާދަ އުފައްދަން ހީނާ ވަލީދު ވެސް މިހުންނަނީ ހާދަވަރެކެވެ. އުތުރު ތިލަ ފަޅުގައި ބޭރު ގައުމެއްގެ ސިފައިން ތިބެގެން ތެޅިފޮޅި ގައިވީދީ އެހެން ބައެއް ނޫނެވެ. ދޮގު ދޮލަނގޭ ދަށްގޮހޮރޭ ކިޔަން އެގެނީ މީހަކު ކީމާ ދޯއެވެ. މީހުންގެ ތެރެއަށް ނިކުމެ އަނގަ ދިޔާ ކުރާއިރު މީހަކު ނުކިޔާ އެއްޗެއް އަލަކަށް ކިޔާކަށް އެނގެނީއެއްނޫނެވެ.

ރައީސް ޔާމީނައިގެން ހޭކެނޑިގެން އެވަރެއް ނެތިގެން ކޯތެޅުވީ ހީނާ ވަލީދެވެ. ޔާމީނު ގުއިވެ ހީނާގެ ގިބުލަ ބަދަލުވެ މުއިއްޒު ވަރެއް ނެތިގެން ތިޔަ އުޅެނީ ކީއްވެކަން މީހަކަށް ނޯޅެއެވެ. އެންސްޕާ ހިތަކަށް ދީފައި އޮވެގެންނެވެ. ގުޅަގުޅަޔަށް ފަތިފައްޗަށް މުއިއްޒު ހަދަމުންދާ ދޮގުތައް ވިއްކަން ދޮގު ދޮލަނގު ބޮލަށްލައިގެން ބަލިހާލުގައި ދުވެނަގަނީ އެންސްޕާ ހޮޅިގުޅާފައި އޮވެގެންނެވެ.

އުތުރު ތިލަފަޅުގައި މުއިއްޒު ޗައިނާ މީހުން ބައިތިއްބަން އަޅާ ތެދުވައްތަރު ދޮގު "ފުޑް ސެކިއުރިޓީ" ޕްރޮޖެކްޓް ވިއްކާކަށް ހަދާނެ ކަމެއް ނެތެވެ. ފުޑްސެކިއުރިޓީ ޕްރޮޖެކްޓެއް ހިންގަން އުތުރު ތިލަފަޅު ނޫނީ ޗައިނާއަށް ރާއްޖޭން ބިމެއް ނުފެނުނެވެ. އެބުނާ "ފުޑް ސެކިއުރިޓީ" ޕްރޮޖެކްޓް ހިންގަން އުތުރު ތިލަފަޅު ނޫނީ ޗައިނާއަށް ދޭނެ ބިމެއް ރާއްޖޭން ސަރުކާރަކަށް ނުފެނުނެވެ. ކިހާ ތެދުވައްތަރުގެ ބޮޑު ދޮގެއް ހެއްޔެވެ.

ހީނާ ވަލީދަކީ އިދިކޮޅުގައި ހުރެގެންވެސް ތެދުވައްތަރު ދޮގު ތައްޔާރުކޮށް ވިއްކުމުގައި އެންމެ އިސްކޮށް އުޅުނު މީހާއެވެ. ދިޔަރެހާއި އަޒާނުމެން މެދުވެރިކޮށް ވިއްކި ދޮގު ދޮލަނގު ތައްޔާރުކޮށް ދިނީ ހީނާ ވަލީދެވެ. ވެރިކަން ލިބުމުންވެސް ތެދުވައްތަރު ދޮގު ހަދަހަދައިގެން ނެރެ ވިއްކުމުގައި މުއިއްޒަށް ހީނާ ދުލެއް ނުރެއެވެ. 

މާލޭގައި ދިރިއުޅޭ މީހުނަށް ބޯހިޔާވަހިކަން މާލެ ސަރަހައްދުން ދެވެން އޮތް އުތުރު ތިލަފަޅު ޗައިނާގެ ފާމަކަށް ހަދަން ޖެހުނު ގޮތެއް ހީނާއަކަށް ބުނެއެއް ނުދެވެއެވެ. މިހާރުވެސް އެމްއެންޑީއެފްގެ މިލިޓަރީ ޑޮކްޔާޑެއް ހަދަމުންދާ ތަނެއްގައި ޗައިނާ ލައްވާ ކުރަން އެންމެ ރަނގަޅު ކަމަކީ ދަނޑުވެރިކަމަށް ވީގޮތެއް ސަރުކާރަށް ބުނެއެއް ނުދެވެއެވެ.

އުތުރު ތިލަފަޅުގައި ރާއްޖެއަށް ބޭނުންވާ ކާނާ ހެއްދުމަށް ޕްރޮޖެކްޓެއް ހިންގަން ފެށިއިރު އެކަމުގެ ސްކޯޕަކީ ކޮބައިކަމެއް އެކަން ކުރަނީ ކިހިނެއްކަމެއް އެކަމާ ގުޅިގެން ލިބޭނެ މޮޅެއް އޮޅުން ފިލުވައެއްް ނުދެއެވެ. ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހާއްސަކުރި ތަނެއް އެބޭނުން ނޫން ބޭނުމަކަށް ބޭނުން ކުރަން ނިންމާނީ ބޯހިޔާވަހިކަމަށްވުރެ މުހިންމު ކަމަކަށެވެ. 

ސިއްރު ކުރާނެ އެއްވެސްކަމެއް ނުއޮންނާނެ ކަމަށް ބުނެ ވެރިކަމަށް އަރާ ސިއްރު ނުކުރާ ކަމެއް ނެތެވެ. އެއްބަސްވުންތައް ހާމަ ކުރަން ގޮވަމުން އައިސް ވެރިކަން ހޯދައިގެން ކުރާކަމަކީ އެއްބަސްވުންތައް ސިއްރު ކުރުމެވެ. އުތުރު ތިލަފަޅުގައި ޗައިނާ ސިފައިން ނެތަސް ތިއްބަސް ވަރިހަމައެވެ. ކެރެންޏާ އުތުރު ތިލަފަޅުގައި ގާއިމުކުރާ ފުޑްސެކިއުރިޓީ ޕްރޮޖެކްޓްގެ އެއްބަސްވުން ހާމަ ކޮށްލަބަލާށެވެ. 

އެމްޑީޕީ ސަރުކާރުން ކަންކަން ކުރީ ޕްލޭނެއް ނެތިއޭ ކިޔައިގެން ރައްޔިތުންނަށް ސަރުކާރުން ދޭން ފަށަފައިވާ ބޯހިޔާވަހި ކަމުގެ ހިދުމަތް ހުއްޓުވާ އުތުރު ތިލަފަޅު ޗައިނާ ޓައުނަކަށް ހަދާކަށް އުޅޭނެ ކަމެއްނެތެވެ. ބުލީ ނައިބުމެން ފެންވަރަށް މަގާމަށްޓަކާ ހީނާވެސް ހަނޑަސްބުރިއަށް ވެއްޓުނީއެވެ. އިދިކޮޅުގައި ތިބެގެންނާއި ވެރިކަމުގައި ތިބެގެން ތެދުވައްތަރު ދޮގު ވަރަކަށް ހަދާލެވޭކަން އިހުސާސް ވާނީ ތިރިވަނަންތަޕޫރަމް އާރުސީސީގައި އަނެއްކާ ވެސް އެނދުމަތި ވެވުނީމައެވެ. 

]]>
Tue, 02 Apr 2024 18:08:24 +0500 ހީރަސްނިއުސް
ރުހުން ނެތް ވަޒީރުންގެ ނިންމުންތައް ބާތިލު! https://heerasnews.com/2258 https://heerasnews.com/2258
  • އުޝާމަށް ދައުލަތް ތަމްސީލެއް ނުކުރެވޭނެ!
  • ހައިދަރަށް ފްލެޓް ލިސްޓަކާ ނުކުޅެވޭނެ!
  • ޝަހީމަށް އިސްލާމީ ކަންކަމަކާ ނުބެހެވޭނެ!
  • އައު ގާނޫނު އަސާސީގެ ދަށުން އުފެދުނު ފުރަތަމަ ވަޒީރުންގެ މަޖިލިސް އުފެދުނީ 2008 ވަނަ އަހަރުއެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެކިއެކި ވުޒާރާތައް ހިންގުމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރުންނާއި ބަންޑާރަ ނައިބުގެ މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވާ ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް ޢައްޔަން ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާން ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ) ލާޒިމުކުރެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި ވަޒީރުންގެ މަޖިލީހުގައި ތިބެވޭނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަންޏެވެ. އެއީ އެ މީހުނަށް ރައްޔިތުން ރުހުންދީފައި އޮތީމައެވެ.

    މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފުވެ ބޭއްވި ފުރަތަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރެވުނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ގ. ކެނެރީގެ މުހައްމަދު ނަޝީދެވެ. އެ މަނިކުފާނުގެ ނައިބަކަށް އިންތިހާބު ކުރެވުނީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ނަޝީދު ފުރަތަމަ ކެބިނެޓްގެ ވަޒީރުން މަގާމާ ހަވާލުވުމުގެ ހުވާކުރީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ރުހުން ހޯދުމަށް ފަހުގައެވެ. ކިހާ ރީތި ފެށުމެއް ހެއްޔެވެ. ވަޒީރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ކުޑަކަމެއް ވެސް ނިންމުމުގެ ގާނޫނީ ސައްހަކަމާމެދު ކުޑަވެސް ސުވާލެއް އުފެއްދުމުގެ ޖާގައެއް އޭރަކުން ނުއޮންނާނެއެވެ. 

    މަޖިލީހުން ރުހުން ނުހޯދާ ވަޒީރުން މަގާމުގެ ހުވާކުރުމުގެ އިޖުރާތެއް އުފެދުނީ ސްޕްރީމް ކޯޓުން ނެރުނު ރޫލިންގ އެއްގެ ސަބަބުންނެވެ. ނޮމިނޭޓް ކުރުމާއި އެޕޮއިންޓް ކުރުމުގެ މަފްހޫމުގައި ނެރުނު ރޫލިންއަކުން މަޖިލީހުގެ ރުހުން ނުހޯދާ ވަޒީރުންނަށް މަގާމާއި ހަވާލުވެވޭނެ ކަމަށް ނިންމާ ޕްރޮސީޑެންޓެއް ގާއިމު ކުރުވީއެވެ. އެ ވަގުތު އޮތް ސަރުކާރުގެ މަސްލަހަތު ނެގެހެއްޓުން ކޯޓަށް މުހިންމު ވީއެވެ. 

    ވަޒިރުކަމަށް ރައީސް މީހަކު އައްޔަނުކޮށް މަގާމުގެ ހުވާ ކުރުމުން އެ މީހަކު ވަޒީރުން މަޖިލީހުގެ މެންބަރަކަށް ވަންޏާ، ރައީސް އައްޔަނު ނުކުރަނީސް ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މީހަކަށް މަޖިލީހުން ރުހުންދީ މަގާމުގެ ހުވާކުރުވާ މީހަކަށް ކެބިނެޓް ވަޒީރަކަށް ނުދެވޭންވީ ސަބަބެއް ނެތެވެ. ހަމަ އެހެން ރައީސް އައްޔަނުކޮށް މަޖިލީހުން ރުހުންދޭ މީހަކު މަގާމުގެ ހުވާނުކުރިޔަސް އެ މީހަކީ ކެބިނެޓް ވަޒީރެއް ކަމުގައި ވެވޭނެ ތާއެވެ. ނޫނެކެވެ. ނުވާނެއެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ވެވޭނީ ރާއީސުލް ޖުމްހޫރިއްޔާ އައްޔަނުކޮށް ރައްޔިތުންގެ މަޖީލިހުގެ ރުހުން ލިބިގެން މަގާމުގެ ގާނޫނީ ހުވާ ކުރުމުންނެވެ. އަޖައިބެކެވެ. ކަނު އަނދިރީގާ ބަރަހަނާކޮށް ހުރުމަކީ އޮރިޔާން ނިވާކޮށްގެން ހުރުން ކަމަކަށް ނުވާނެއެވެ. 

    މިހާރު ރާއްޖޭގައި ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަނު ކުރަމުން އަންނަ އުސޫލަށް ބެއްޔަސް މަޖިލީހުގެ ރުހުން ނުލިބުނު 3 މީހުންނަކީ ވަޒީރުން ކަމުގައި ބެލެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތެވެ. ޑރ. ޝަހީމާއި ޑރ. ހައިދަރާއި އުސްތާޒް އުޝާމާ 3 ބޭފުޅުންނަށް އެ ބޭފުޅުން އައްޔަނުކުރި މަގާމުތައް ދިނުމަކަށް މަޖިލީހުގެ ރުހުމެއް ނެތެވެ. އެ 3 ބޭފުޅުން ކެބިނެޓްގައި ތިއްބެވުމަށް ފުރިހަމަ ވާންޖެހޭ ކަމަށް ގާނޫނު އަސާސީ ބުނާ މައިގަނޑު ތިން ރުކުނުން އެއް ރުކުން އެބޭފުޅުންގެ ފުރިހަމައެއް ނޫނެވެ. ފުރިހަމަ ވާންޖެހޭ 3 ރުކުނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރުމާއި ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތުމާއި މަގާމުގެ ގާނޫނީ ހުވާކުރުމެވެ. 

    ވަކި ވުޒާރާއަކަށް އައްޔަނުކުރާ ވަޒީރަކަށް އެ ވުޒާރާގެ ވަޒީރުކަން ކުރުމަށް މަޖިލީހުން ރުހުން ނުލިބުމުން މަތިމައްޗަށް އެ ވުޒާރާއަށް އެ ބޭފުޅަކު އައްޔަނު ކުރިޔަސް މަޖިލީހުގެ ރުހުން އޮތް ބޭފުޅަކަށް އެ ބޭފުޅަކު ނުވާނެއެވެ. މަޖިލީހުގެ ރުހުން ނެތްކަމަށް މަޖިލީހުން ކަނޑައަޅާފައި ބޭފުޅަކު ހަމަ އެ މަގާމަށް އައްޔަނުކޮށްގެން މަގާމުގެ ހައިސިއްޔަތުން ދައުލަތުގެ އެއްވެސް ކަމެއް ކުރުމަކީ ގައިރު ގާނޫނީ ކަމެކެވެ. ވަކި ވުޒާރާއެއްގެ ވަޒިރުކަމަށް ރުންނެތް ކަމަށް މަޖިލީހުން ނިންމަފައިވާ މީހަކު އެ ވުޒާރާއެއްގެ ވަޒީރުގެ ހައިސިއްޔަތުން ނިންމާ ނިންމުންތަކާ ކުރާ ކޮންމެ ކަމަކީ ގައިރު ގާނޫނީ ކަމެކެވެ. ދައުލަތުގެ އެއްވެސް ކަމެއް ގާނޫނީ ހައިސިއްޔަތު ނެތި ކުރާ މީހާއާއި ކުރުވާ މީހާއަކީ މުޖުރިމުންނެވެ.

    މަޖިލީހުން ރުހުން ނެތްކަމަށް ކަނޑައެޅި ފަހުން ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އަލްއުސްތާޒު އަހުމަދު އުޝާމް ކުރާ ހުރިހާ ކަމަކާއި ނިންމާ ނިންމުމަކީ ގައިރު ގާނޫނީ ކަންކަމެވެ. މަޖިލީހުގެ ރުހުންނެތް ބަންޑާރަ ނައިބަށް ދައުލަތް ތަމްސީލެއް ނުކުރެވޭނެއެވެ.

    މަޖިލީހުން ރުހުން ނެތްކަމަށް ކަނޑައެޅިފަހުން ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. ހައިދަރު ކުރާ ހުރިހާ ކަމަކާއި ނިންމާ ނިންމުމަކީ ގައިރު ގާނޫނީ ކަންކަމެވެ. މަޖިލީހުން ރުހުން ނެތްކަމަށް ކަނޑައެޅިފަހުން އިސްލަމިކް މިނިސްޓަރ ހައިސިއްޔަތުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރާ ހުރިހާ ކަމަކާއި ނިންމާ ނިންމުމަކީ ގައިރު ގާނޫނީ ކަންކަމެވެ.

    ބުނެވިދިޔަ 3 މިހުން ލައްވާ ގައިރު ގާނޫނީ ކަންކަން ކުރުވަމުން ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޑރ. މުއިއްޒު ގާނޫނު އަސާސީއާއި ހިލާފަށް އެ 3 މީހުން ލައްވާ ހިންގުވާ ގައިރު ގާނޫނީ ކަންކަން ދައުލަތުން ހުއްޓުވާ ފިޔަވަޅު އަޅަން ޖެހެއެވެ. ކޯޓުތަކާއި މަޖިލީހުން އެކަން ނިމުމަކަށް ގެންނަން ޖެހެއެވެ. ސަލާމަތީ ހިދުމަތް ތަކުން ވިޔަސް މި ދައުލަތް ހަމަ މަގަށް އަޅުވަން ޖެހެއެވެ. ޑރ. މުއިއްޒު އިސްވެހުރެ ގާނޫނު އަސާސީގެ ބާރުކަނޑުވާލަން ހިންގާ ޖަރީމާ ރައްޔިތުން ނުކުމެވެސް ހުއްޓުވާ ހިސާބަށް ހިނގައްޖެއެވެ.  

    ]]>
    Tue, 13 Feb 2024 15:45:05 +0500 ހީރަސްނިއުސް
    އާސަންދަ ލިބޭ ޅެންފަރުވާ https://heerasnews.com/2221 https://heerasnews.com/2221 ނެތްތަ ޅެންވެރިޔަކު މަގޭ ބަލިހާލު ނަފްސާނީ ހުރޭ

    ހަތް ހުވާކޮށް ދޮގުމަތީ އެޅި ސާލު ހިއްލާލަން ކެރޭ 

    ލައްކަ ހަތިޔާރާ އެކީ ތިބިހާ ސިފައިންތައް އިންޑިއާ 

    ގެއްލި ދިޔަތަން ނޭނގުމުން ގަންނާކުރައްވާ ގަތްބިރޭ 

    ދެއްކި ހުސްގޮނޑި ވީތަނެއް ނޭނގޭތި އިރުކޮޅަކާރޮވޭ

    ހެއްލި އެބަހަށް ލެވުނު ވޯޓުގެ ހިތިކަމުން ބެދެނީއަރޭ 

    ދީނަށާ ގައުމިއްޔަތަށް އޮތް ލޯބި ގެރި ލޯތްބަށް ހަދާ 

    ހީނުވާހާ ހީލަތާ  ހެދި ދޮގު ތަކުން އަދު ލޯ ފުރޭ 

    ބައްޔަކީ މީއޭ މަގޭ ފަރުވާ އަކީ ޅެންވެރި ކަމޭ

    ވިއްޔެ ޅެންފަރުވާ ކުރަން ނޫނީ މަވާނީ ދެންމަރޭ 

    ]]>
    Sat, 27 Jan 2024 22:14:22 +0500 ހީރަސްނިއުސް
    މެޑަމް ސާޖީއާހުރެ ސިފައިންނަށް ފޮރުއްޕާކަށް ނެތް! https://heerasnews.com/2217 https://heerasnews.com/2217 އެމެރިކާގެ ރައީސުން އަރާމުކޮށްލާ ޗުއްޓީ ހަދާލަން ވަޑައިގަންނަވަނީ ކޭމްޕް ޑޭވިޑަށެވެ. ރާއްޖޭގެ ރައީސުން މޫދަށް އެރިވަޑައިގަތުމަށާއި ގައިކޮޅު މޮޑެލައްވާ ކުޅިވަރުކުޅެލައްވާ މަޖާކޮށްލައްވަން ވަޑައިގަންނަވަނީ އާރަށެވެ. ރާއްޖޭގެ ކުރީގެ ރައީސުން އާރަށަށް ކިތަންމެ ވަރަކަށް ވަޑައިގެން އުޅުއްވިޔަސް ވަރަށް މަދު ފަހަރެއްގައި ނޫނީ ކުރީގެ ފަސްޓްލޭޑީންނަކީ އާރަށަށް ވަޑައިގެން އުޅުއްވާ ބޭފުޅުންނެއް ނޫނެވެ. ބޮޑުގެރި ބޭރަށް ހިންގާހެން އާރަށަށް ވަޑައި ނުގަތަސް ކުރީގެ ފަސްޓްލޭޑީންގެ ފަސްޓްލޭޑިކަމުން ތަންފުކެއްވެސް އުންޏެއް ނުވެއެވެ. 

    ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ އެންމެ މަތިވެރިއާއަށް ހާއްސަވެފައި ކަންކަމާއި ތަކެއްޗާއި ތަންތަން ހުރެއެވެ. މި ރާއްޖޭގައި ރިޔާސީ ގަނޑުވަރުގެ އިތުރަށް ލޯންޗު ކޮޅުތަކާއި އާރަށް އޮވެއެވެ. އެތަން ތަނަކީ ސަލާމަތީ ގޮތުން ވަރަށް ހާއްސަ ބެލެހެއްޓުންތެރި ކަމެއް އޮންނަ ތަންތަނާއި ތަކެއްޗެވެ.

    ތިރީސް އަހަރުގެ ފަސްޓްލޭޑީ މެޑަމް ނަސްރީނާ އާރަށަށް ވަޑައިގަތީ ކިތައް ފަހަރުކަން މިހާރުވެސް ހަދާނުގައި ހުންނަހާ ވަރަށް ތިރީސް އަހަރު ތެރޭގައި އެކަމަނާ އާރަށަށް ވަޑައިގެން އަދަދު މަދުވާނެއެވެ. މެޑަމް ލައިލާ އާރަށަށް ވަޑައިގަތީ މުޅިއަކު ދެ ފަހަރުއެވެ. މެޑަމް އިލްހާމު ރައީސް ވަހީދާ ވަކީން އާރަށަކަށް ވަޑައެއް ނުގަންނަވައެވެ. އާރަށަށް ވަޑައިގެން އުޅުއްވުމަކީ މެޑަމް ފާތުންވެސް ހިތްޕުޅާވެގެން ކުރައްވާ އުޅުއްވި ކަމެއް ނޫނެވެ. މެޑަމް ފަޒުނާވެސް އާރަށަށް ވަޑައިގެން ނޫޅުއްވައެވެ. 

    ކުރީގެ ފަސްޓްލޭޑީންނަކީ ފަސްޓްލޭޑީ ހެދިވަޑައިގެން ދެއްކުންތެރިކަން ކުރިއަށް ނެރުއްވައިގެން އުޅުއްވި ބޭފުޅުންނެއް ނޫނެވެ. ކުރީގެ ފަސްޓްލޭޑީއަކު އާރަށަށް ވަޑައިގަތަސް ވަޑައި ގަންނަވަނީ ތުއްޕުޅު ބޭފުޅުންނާއެކުގައެވެ. މަދު ގަހުރަމާނަކު ގެންދެވިޔަސް ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިން ގެންދަވައިގެން އުޅުއްވާފައެއް ނެތެވެ. 

    އާރަށަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތީ ދިރިއުޅުއްވުމަށް ރަސްމީ ގަނޑުވަރުން ބޭރުގައި ހާއްސަވެފައި އޮންނަ ރަށެއްކަން ކުރީގެ ފަސްޓްލޭޑީންނަށް އެނގިވަޑައިގަނެއެވެ. ސަލާމަތީ ސަބަބުތަކަށްޓަކާއި އެރަށަކީ ކޮންމެ ކޮންމެ މީހަކަށް އަރާ ފޭބުން މަނާ ތަނެއްގެ ގޮތުގައި އޮންނަ ރަށެއްކަން ކުރީގެ ފަސްޓްލޭޑީންނަށް އެނގިވަޑައިގަނެއެވެ. ވަކި ކަހަލަ ސެކިއުރިޓީ ޕްރޮޓޮކޯލް ތަކެއް އޮންނަ ތަނެއްކަން ކުރީގެ ފަސްޓްލޭޑީންނަށް ވިސްނި ވަޑައިގަނެއެވެ.

    ސަލާމަތީ ބާރާއި ހަށިފާރަވެރިންގެ ލޯތައް ކޮންމެ މީހަކަށް ވަކިވަކިން ހުއްޓިފައި އޮންނަ ތަނެއްކަން ކުރީގެ ފަސްޓްލޭޑީންނަށް އެނގި ވަޑައިގަންނަވައެވެ. އެހެން ކަމުން ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިން އާރަށަށް އަރުވައިގެން އުޅުއްވުމަކީ ރައްކާތެރި ކަމެއް ނޫންކަމާއި އެކަމުގެ ސަބަބުން ސަލާމަތީ ހިދުމަތުގައި ތިބޭ ބަޔަކަށް ޖެއްސޭ ބޮޑުތަކުލީފަކަށް އެކަން ވާނެކަން މީހަކު ނުބުންޏަސް ކުރީގެ ފަސްޓް ލޭޑީންނަށް އެނގިވަޑައިގަންނަވައެވެ. 

    އޭރު އެކަން އެހެން އޮތަސް ފަސްޓްލޭޑީ ސާޖީ ވަރަށް ތަފާތެވެ. ރައީސް މުއިއްޒުގެ ވެރިކަމަށް މިވީ ދެމަހެއްހާ ދުވަހުގެ ތެރޭގައި ފަސްޓްލޭޑީ މެޑަމް ސާޖީ އާރަށަށް ވަޑައިގެން އަދަދު އެކަމަނާއަށް ވެސް އެނގި ވަޑައި ނުގަންނަވާނެއެވެ.

    އެއްބަހެވެ. ތިންއިރު ކާ ބޭހެއްހެން ފަސްޓްލޭޑީ މެޑަމް ސާޖީ އާރަށަށް ވަޑައިގަތިއްޔާ ބަޔަކާ ކީކީހެއްޔެވެ. އެކަމަނާ ކިތަންމެ ވަރަކަށް އާރަށަށް ވަޑައިގަތަސް ވަރިހަމަތާއެވެ. އާރަށަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތީ ދިރިއުޅުއްވުމަށް ހާއްސަ ވެފައި އޮންނަ ރަށެކެވެ. ފަސްޓްލޭޑީއަކީ ރައީސްގެ ޒާތީ ދިރިއުޅުއްވުމެވެ. ރައީސް އަރިހުގައި ވަޑައިގަތަސް ތުއްޕުޅު ބޭފުޅުންނާއެކު ވަޑައިގަތަސް ގިނިކަންޏާ އާރަށަށް މެޑަމް ސާޖިދާ ވަޑައިގަތުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. 

    މައްސަލައަކަށް ވަނީ އާއިލާ މީހުންނާއި ދުރުތާ ތިމާގެ މީހުންނާއި ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިންގެ ބޮޑު ފައުޖަތަކާއެކުގައި ނޫނީ މެޑަމް ސާޖީ އާރަށަށް ވަޑައިނުގަތުމެވެ. ކުއްލި ކުއްލިއަށް ކުރިން އެނގުމަކާނުލާ ބޮޑެތި ބައިބައިގަނޑު އާރަށަށް އަރުވާ އެރުވުމެވެ. ގުއިނުދެކޭ ކާޅަށް ގުއިފެނިގެން އުޅޭހެން އުޅުއްވުމަކީ ސިފައިންނަށް ވެސް ފޮރުއްޕާ ކަމަކަށް ނުވާނެއެވެ. 

    ސަލާމަތީ ގޮތުން ބެއްޔަސް އެއްޔަކީ ރައްކާތެރި ކަމަކަށް ނުވާނެއެވެ. ޓީވީން ލައިވް ކުރެވެމުން ދަނިކޮށް އާއްމުންގެ ތެރޭގައި ހިންގަވާ ވަޑައިގަންނަވަމުން މެޑަމް ސާޖީގެ މޫނު ފުއްސެވި ޓިސޫ ކޮޅުން ރައީސްގެ މޫނު ފުއްސެވުން ކަމަކަށް ނުވިޔަސް އާރަށަކީ އާއްމުން ދަތުރު ދާން އޮތްތަނެއް ނޫންކަން މެޑަމް ސާޖީއަށް އެނގިވަޑައި ގަންނަވަން ޖެހެއެވެ. ޗައިނާ ގަނޑުވަރުތަކުގެ ސިޑިތަކުގެ ރޭލިންގެ މިލަ މެޑަމްގެ އަތްޕުޅުން ކައްސަވާ އެތަން ތާނގެ ތަނބު ތަކުގައި އުނގުޅުއްވާހެން އާރަށަށް ވަޑައިގަތުން ވެސް ސެކިއުރިޓީއަށް ނުފޮރުއްޕާނަކަށް ވާވަރު ކޮށްނުލެއްވިޔަސް ފަސްޓްލޭޑީގެ ހައިބަތަށް ލިބޭ އުނިކަމެއް ނުއޮންނާނެއެވެ.

    ރަސްމީ އިހުތިފާލް ތަކާއި އާއްމު ތަންތާ މެޑަމް ސާޖީ އުޅުއްވާ ގޮތްގޮތުން މީހުންގެ މަލާމާތާއި ފުރައްސާރަ ރައްދުވެއެވެ. އާރަށް ފަދަ ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅިފައި އޮންނަ ތަންތަނަކީ ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިން ގޮވައިގެން މަޖާ ނަގާ ތަނަކަށް ހެދުމަކީ ގައުމީ ސަލާމަތީން ކަންބޮޑުވާނެ ކަންކަމެވެ. ކަމެއް ގޯހުން ގޯހަށް ދިޔުމުގެ ކުރީން ފަސްޓްލޭޑީއަށް ޕްރެޒިޑެންޝަލް ޕްރޮޓޮކޯލް ކިޔަވާ ވިދާޅުވާން އެބަޖެހެއެވެ. 

    ]]>
    Fri, 26 Jan 2024 13:34:15 +0500 ހީރަސްނިއުސް
    ސައީދަށް: ދުފާތައްޓަށް ފައިން އެރުނީމާ ހަތަރެކޭ ނުކިޔާ ގެއަށް ކަނޑާލާ https://heerasnews.com/2213 https://heerasnews.com/2213 އެއްކަލަ ކުރީ ސަރުކާރު ލަވަ ފެށީއެވެ. ސަރުކާރެއް ބަދަލުވެ އަނެއް ސަރުކާރަކާ ދައުލަތް ހަވާލު ކުރަނީ ހުރިހާ ކަމެއް ޒީރޯއަށް ގެނެސްފައެއް ނޫނެވެ. އެއް ސަރުކާރުން އަނެއް ސަރުކާރަށް ހިންގުން ބަދަލުވާއިރު ހުންނަނީ ފައިސާ ނުދައްކާ ހުންނަ ބިލްތައް އެކަންޏެއް ނޫނެވެ. ހޯދާފައި ހުރި ފައިސާ ވެސް ހުރެއެވެ. ކޮށް ނިންމާފައި ހުންނަ މަސައްކަތާއި ފަށައިގެން ކުރިއަށް ގެންގޮސް ނުނިމި ހުންނަ ކަންތައް ހުރެއެވެ. ކުރަން އުޅެ ނުވެފައި ހުންނަ ކަންތައްވެސް ހުރެއެވެ. ކޮންމެ ސަރުކާރަކުން ހަވާލުވަނީ ވެސް ހިނގަ ހިނގާ އޮތް ދައުލަތަކާއެވެ. އެ ހިނދަކަށް ދައުލަތަށް އޮތް ފައިދާއަކާއި ގެއްލުމަކާއި ދަރަންޏަކާވެސް އެކުގައެވެ. 

    ކޮންމެ ސަރުކާރެއް އިންތިހާބުން ބަދަލުވަނީ ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވީމާ އެގޮތަކަށެވެ. ވަގާ ދޮގާ މަކަރާ ހީލަތް ހަދައިގެންވެސް ގިނަ ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަކަށް ސަރުކާރު ބަދަލު ކުރަނީއެވެ. ކޮންމެ ސަރުކާރެއް ބަދަލު ކުރަނީ ކުރިއަށްވުރެ ރަނގަޅަށް ކަންތައް ކުރުމަށެވެ. 

    މިދިޔަ ނޮވެމްބަރު މަހު ޑރ. މުއިއްޒު ވެރިކަމާ ހަވާލުވީއިރު 119 ބިލިޔަން ދަރަނި އޮތްކަމަށް މުއިއްޒު ހުވާކޮށްފައި ރައްޔިތުން ކުރި މައްޗަށް ހުއްޓިހުރެ ބުންޏެވެ. އޭގެ މާނައަކީ މުޅި ދިވެހި ދައުލަތުން އެދުވަހާ ހަމަޔަށް ދައްކަން ޖެހޭ އެއްޗެއްގެ ގޮތުގައި އޮތީ 119 ބިލިޔަން ރުފިޔާއެވެ. ލޯނެއް ވިޔަސް ދައްކަންޖެހޭ ބިލެއް ވިޔަސް އޭގެ ތެރޭގައި ހިމެނިފައި އޮންނާނެއެވެ. ވެރިކަމާ ހަވާލުވީ އެފައިސާ އަދާކޮށް ކުރިއަށްވުރެ ފަހި ދިރިއުޅުމެއް ދިވެހި ރައްޔިތުންނަށް ހޯދާ ދޭނަމޭ ކިޔައިގެންނެވެ.

    ވެރިކަން ލިބުނީމާ ފަހަރަކު ވަޒީރަކު ނިކުމެ ކުރީ ސާރުކާރުން މިވެނި ވަރެއް ނުދައްކާ އެބައޮތެކޭ މިވެނިކަމެން މިވެހނިހެން ކޮށްފައި އެބައޮތެކޭ ގޮވާނެކަމެއް މިހާރަކު ނެތެވެ. ރައްޔިތުން ކުރިމަތީގައި ކެނޑި ސަޅިބައިސާ ގަބޫލުކޮށް ތިޔަ ތިބީ ވެރިކަން ދީފައެވެ. ހަސްނެތަސް އަދިވެސް ތިޔަދަނީ އަތްގުޅި ނުކާވަރު ބައިސާ ހުއްޓާނުލާ ކަނޑަމުންނެވެ. ހުރިހާ ދިވެހިން ހަނދަށް ނުގެން ގޮސް މިތިބީ ހަމަ ކިރިޔަކިރިޔާއެވެ.

    އެކަމަކު މިހާރު ގިނަ ރައްޔިތުން ތިބީ ތިޔަހެން ދައްކާ ވާހަކަތައް އަޑުއަހާ ގޮތަކަށް ނޫނެވެ. ކުރީ ސަރުކާރު ތަކުން ފުރަތަމަ ދެމަސް ދުވަސް ކީއްކުރަން ހެއްޔެވެ. މުޅި ދައުރުގައި އާމްދަނީ ހޯދަން ކަމެއް ނުކުރިޔަސް ވެރިކަމުގައި ތިބެ ކުރީ ސަރުކާރުން މިވެނި ކަމެއް ނުކުރެއޭ އެވެނިކަމެއް ނުކުރެއޭ ކިޔައިގެން ހަމަ އަޅުވަން ނޫޅޭށެވެ. 

    ފަސް އަހަރު ވަންދެން ރައީސް ޔާމީނު ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރި މިހާރުގެ އިކޮނޮމިކް މިނިސްޓަރ ތުރާކުނު ސައީދެއް ކަމަކު ކުރީ ސަރުކާރޭ ކިޔައިގެން އަނގަދިޔާ ކުރާކަށް ރީއްޗެއް ނޫނެވެ. ކުރިން އިކޮނޮމިކް ވަޒީރުކަން ސައީދު ކުރި ފަސް އަހަރު ދިވެހި ދައުލަތް އޮތީ ޓްރިލިއަން ޑޮލަރުން އަރަނިވެރި ކޮށްފައެއް ނޫނެވެ. އޭރުވެސް ރޯމާ ދުވާލު ސައީދުމެން ދައުލަތް ދަވާލީއެވެ. ދިވެހި ދައުލަތް އަދިވެސް އޮތީ އެކަމުން އަރައި ނުގަނެވިފައެވެ. 

    ވަޒީރު ސައީދޫއެވެ. ވާހަކައެއް ބުނަން ހެއްޔެވެ. ކުރީ ސަރުކާރޭ ކިޔައިގެން އަނގަފުޅާ ކުރާއިރު ތިމަން މެނަށް ވާނެއޭ ކިޔައިގެން ސަރުކާރާ ހަވާލުވީ ކީއްކުރަން ހެއްޔެވެ. ތިޔަބުނާ ކުރީ ސަރުކާރަކުން ދަރަނިވެރި ވެގެން ސަރުކާރު ހިންގޭކަށް ނެތޭ ސަރުކާރާ ހަވާލުވެ ދޭށޭ ބުނީ ހެއްޔެވެ. ނުބުނޭ ނޫން ހެއްޔެވެ. އެ ސަރުކާރުން އަބަދުވެސް ބުނަމުން އައީ ކަންކަން ހަމަޔަށް އަޅުވާ، ފަށާފައި ހުރި ކަންކަން ނިންމާ އުފާވެރި އަމާން ރާއްޖެއަކަށް ރައްޔިތުން ގެންދަން ކުރިއަށް އޮތް ދައުރު ދޭށޭ ނޫން ހެއްޔެވެ. ބޭރުގައި ތިބެެން ސައީދުމެން ލީހަޅޭކުގައި ހީވީ ގައުމު ބަނޑަށް ޖެހިގެން ފުރާނަ އަރުއްވައިގަނެގެން ދާހެނެވެ. އޭރަކު އެސަރުކާރުން ލާރިނެތިގެން ކުރަންޖެހޭ ކަމެއް ނުކުރެވިގެން ކުރީ ސަރުކާރެކޭ އާދަމުގެފާނޭ ފަޅޮލެކޭ ނުކިޔައެވެ. ނެގިނެގިފައި ޖެހުނީ ސައީދު މެންނެވެ. 

    ސައީދުމެންގެ ބަހުން އޭރު އޮތީ ދަރާވިކި ހިރިނުލެވިފައި އޮތް ސަރުކާރެކެވެ. އެވަރުގެ ސަރުކާރަކާ ހަވާލު ނުވެވިގެން ތެޅިބޭލީ ސައީދުމެންނެވެ. ހެއްދެވިހާ ދޮގު ހަދައިގެން ޖަލުގައި އޮތް މީހެއްގެ ފޮޓޯ ގަނޑު ދައްކައިގެން ރައްޔިތުންނަށް ވަގާ ދޮގާ މަކަރު ހަދައިގެން ހުސްގޮނޑިއަކަށް ވެރިކަން ހޯދާފާ ހޮޅި ސަރުކާރެއް ހިންގަން ސައީދުމެން ހަވާލުވެފައި ދުފާތައްޓަށް ފައިން އެރުނީމާ ހަތަރެކޭ ނުކިޔާ އިސްތިއުފާ ދީފާ ގެއަށް ކަނޑާލާށެވެ. 

    ]]>
    Wed, 24 Jan 2024 17:40:30 +0500 ހީރަސްނިއުސް
    އެމްޑީޕީއަށް ކުރާ އިތުބާރު ސިޓީތަކުގެ މޭޔަރުކަމުން ފެންނާނެ! https://heerasnews.com/2185 https://heerasnews.com/2185 އެމްޑީޕީއަށް ރާއްޖޭގައި ދެން އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ބުނެ ބަޔަކު ވަރަށް ފޮނު އަރުވައިފިއެވެ. ރިޔާސީ އިންތިހާބުގައި ބުހުތާން ދޮގު ވިއްކައިގެން އެމްޑީޕީ ބަލި ކުރެވުނީ މާ އާސްމާނަށް ހިތް އަރައިގެން ބަޔަކު ތެޅެފޮޅެގަތެވެ.

    މާލެ ސިޓީ މޭޔަރުކަމުގެ ބައި-އިލެކްޝަނަށް ޕީއެންސީ ނިކުތީ އާޒިމާ ޝުކޫރަށް މޭޔަރުކަން ދީގެންނެވެ. ސަންގު ބަހުސް ވެސް ހީވަނީ މޭޔަރުކަން އާޒިމާއަށް ލިބިގެން އުޅޭހެންނެވެ. ސަންގުފުމޭ މީހާއަކީ ވަޒީރަކަށް ވިޔަކަސް ނެތް މީހެއްގެ ކަށިހަފާ ކޭއިރު ހީވަނީ އާޒިމާ މަގާމާ ހަވާލުވުމުގެ ރަސްމިއްޔާތުގައި ތިބިހެންނެވެ. ވާދަވެރި ކެންޑިޑޭޓުން އަނގަ ނޯވެގެން ބަހުސްގެ މޮޑަރޭޓަރ، މޮޑަރޭޓްކުރާ ވަރު ވެގެން ދިޔައީ ގައިމު ވަރެއް ކޮށްލެވުނީމަތާއެވެ. 

    ބަހުސުގެ ސްޓޭޖު މަތީގައި އާޒިމާގެ ކަންފަތް ދޮށުގައި ޗުކްޗުކް އަޅުވާ ހިސާބަށް އެމްޑީޕީ ކޮށިއަރުވާލަން ދަ ޑިމޮކްރޭޓްސް ވެސް ތުންގުޅައިގެން ތިބިކަން ބޭޒާރުވިއެވެ. އެމްޑީޕީ ޓިކެޓްގައި ސިޓީ ކައުންސިލަށް ހޮވިގެންހުރެ ޕާޓީ ބަދަލުކޮށްގެން ޕީއެންސީއަށް ވާގިދީ އެމްޑީޕީ ފޭލިކޮށްލަން ކުރި މަސައްކަތް ޗޮކުން ދުއްވާލީ މާލޭ މީހުނަށް ސައިފްމެންގެ އިހުލާސްތެރިކަމެއް ނެތްކަން އެނގޭތީއެވެ. 

    މާލޭ މޭޔަރަކަށް ދަރަނި ބޮލެއް ހޮވައިގެން ޖެހޭނެ ދަތުރު މާލޭ މީހުނަށް އެނގެއެވެ. ގަލޮޅު އުތުރު މީހުންގެ ހައްގުގައި ސައިފަށް ކޮށްދެވުނު ކަމެއް ނެތްކަން މާލޭ ރައްޔިތުންނަށް ނޭނގޭހާ އެ މީހުން ގަމާރެއް ނޫނެވެ. އެމްޑީޕީ ރޫޅާލަން ޑިމޮކްރެޓުން ޕީއެންސީއާއި ގުޅިގެން ކުރާ ނާކާމިޔާބު މަސައްކަތުން ރޫޅި ހަސްނެތި އިތުބާރު ކެނޑެނީ ޑިމޮކްރެޓްސްގެއެވެ.

    އެމްޑީޕީއަށް ރައްޔިތުން އިތުބާރު ކުރެއެވެ. ރައްޔިތުންގެ ހެވާ ލާބައަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީކަން މާލޭ މީހުންނަކަށް ނޯޅެއެވެ. އަމްދުން އާޒިމަކީ މާލޭ މީހުން ބޭނުން ވެގެން ހޯދާ ޒާތުގެ ލީޑަރެކެވެ. އާދަމް އާޒިމަށް ވާނެ ކަމާއި ކުރާނެކަން ހުރިހާ ދިވެހިންނަށް ވެސް އެނގެއެވެ. މާލެ ސިޓީ މޭޔަރަކަށް ދަރަނިން ބޯހިކެން ނެތް ބަނގުރޫޓް ލޯޔަރެއް ހޮވައިގެން އޭނާގެ ބަރަހަނާ ނިވާކޮށްދޭން އުޅެވެން ނެތްކަން މާލޭ މީހުން ސާބިތުކޮށް ދީފިއެވެ.

    އެހެން ނޫނަސް ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުންނަކީ އެމްޑީޕީ މޭޔަރުން ކަމުގައިވުމަކީ ސަމާސާ ކަމެއް ނޫނެވެ. ދިވެހި ރައްޔިތުން އެމްޑީޕީއާއި މެދު ކުރާ ފާގަތި އުންމީދު ތަކެއް އޮތްކަން އެކަމުން ސާފެވެ. އެމްޑީޕީއަށް ދިވެހި ރައްޔިތުންގެ އިތުބާރު އޮތްވަރު އެކަމުން ސާބިތުވެއެވެ. ވެރިކަން ހިންގުމުގެ މުޅި ނިޒާމުގެ އިތުބާރު ގެއްލިފައި އޮތަސް އެމްޑީޕީއަށް ރައްޔިތުން ކުރާ އިތުބާރު ރާއްޖޭގެ ސިޓީތަކުގެ މޭޔަރުކަމުން އެއޮތީ ފެންނާށެވެ.  

    ]]>
    Sun, 14 Jan 2024 19:42:11 +0500 ހީރަސްނިއުސް
    ބަނގުރޫޓު ލޯޔަރަކީ މާލޭ މީހުންގެ ޗޮއިސްއެއް ނޫން! https://heerasnews.com/2175 https://heerasnews.com/2175 އޭ މީނަ ބަނގުރޫޓު ލޯޔަރާއެވެ. މީގެ ކުރިންވެސް ދައުލަތުގެ އުސް ގޮނޑި ގޮނޑީގައި ތިބާ އިނިއްޔަކީ ރައްޔިތަކު އިންތިހާބު ކޮށްގެނެއް ނޫނެވެ. ރައްޔިތުންގެ ބަޔަކު އިންތިހާބުކޮށްގެން ހޯދި ގޮނޑިއެއްގައި ދުވަހަކުވެސް ނީންނަމެއް ނޫން ހެއްޔެވެ. މިހާރަށްވުރެ މާ ސަމަންތަރު ހެޔޮ މާ ހަކަތަ ހުރި އިރުވެސް އިންތިހާބަކަށް ނިކުމެ ގޮނޑިއެއް ހޯދަން އުޅެން ނުކެރުނީ މީހުންގެ ތެރޭގައި އެއްވެސް ވަރެއްގެ މަގުބޫލު ކަމެއް ނެތިގެންނެވެ. 

    ޅަނބާޅަކަން ގެއްލި އަސްރުން ތިރިވީމާ އާނދޮގޭއޭ ކިޔާ މޭ ފުއްޕިޔަކަސް މީހަކަށް ޑަރުވެސް ހީނުވެއެވެ. ތިޔަ މޭ ފުއްޕުންގަނޑު އެންމެންނަށް ވެސް ނިކަން ރަނގަޅަށް އެނގެއެވެ. ތިޔަ ފުއްޕުންގަނޑު ދެކިދެކި ބާވެއްޖެއެވެ. 

    މައުމޫނު އަތުން ކައިގެން ކާންދިން އަތުގައި ދަތްއަޅާ ވަހީދުގެ ތޮއްވަރިއަށް ވަދެ 300 މިލިޔަން ޑޮލަރުގެ ބަދަލެއް ގައުމުން ދޭން ޖެއްސިކަން މީހުން ހަނދާނެއް ނުނެތެއެވެ. ޖީއެމްއާރު ބޭރުކޮށްލީ ތިމަންނައޭ ބުނެ ބައިސާ ކަނޑާއިރު ގައުމަށް ޖެއްސި ބޮޑު ތަކުލީފާ ދިން ބޮޑު ގެއްލުމުން އަދިވެސް އުޅެނީ އަރައި ނުގަނެގެންނެވެ. 

    ޔާމީނުގެ ހުރިހާ ވެސް ހަލާކަކަށް ވީވެސް އާޒިމާގެ ގޮތް ދޫނުކުރުމާއި ބަދަލު ހިފުމުގެ ތޮބީއަތެވެ. ޔާމީނު ޖަލުގައި އޮންނަން ޖެހުނު ސަބަބު މެދުވެރި ކުރުވީ އާޒިމާއެވެ. ޔާމީނަކީ އަނިޔާވެރި ވެރިކަމެއް ކުރި މީހަކަށް ހެދީ އާޒިމާ ދިން ގާނޫނީ ނުލަފައެވެ. 

    ތިބާގެ ބޮޑާކަމާއި މަވެތިކަމުން އުފާވެރި ޒަވާޖީ ހަޔާތެއް ނުހޯދުމުން އެ ކަމުގެ އުގޫބަތް ހުރިހާ ކަނބަލުންނަށް ދޭން ނޫޅޭށެވެ. ހައްގުގެ ނަމުގައި މަވެތިކަން ބޮލަށް ވައްދައިގެން ހުރިހާ ކަނބަލުންނަކީ އެކަނިވެރި މައިންނަށް ހަދަން ނޫޅޭށެވެ.

    ކާމިޔާބު މީހުންނަކީ ދަރަނި ނުދެއްކުމުގެ ނިޔަތުގައި މަކަރާ ހީލަތުން ދަރަނި ނަގައިގެން ދަރަނި އަދާ ނުކޮށް ހުއްޖަތް ދައްކައިގެން ދަރަނިން ބަރީއަ ވާން އުޅޭ ބައެއް ނޫނެވެ. އެއްބަސްވުމާއެއް ގޮތަށް ދަރަނި ނުދައްކައިގެން 4.2 މިލިއަން ރުފިޔާ ނުދައްކައިގެން ކޯޓަކުން ދަރަނި ސާބިތު ކުރާނީ ކިހާ ގޮތެއް ނެތުނީމާ ހެއްޔެވެ. ނުވިތާކަށް ލޯނު ހޯދަން އަމިއްލަ ކުންފުންޏަކުން ނެގި މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ލޯނު ލިބުމުން އަދާނުކޮށް އަހަރު ތަކެއް ވޭތުކޮށްލާނީ ކިހާ ގޮތެއް ނެތީމާ ހެއްޔެވެ. 

    ރައީސް މުއިއްޒު ބޮލަށް ޗިޕް ޖަހައިގެން މާލޭ މޭޔަރު ކަމަށް ކުރިމަތި ލައިގެން އުޅެނީ ދަރަނި އަދާކުރުވުން ނޫން ބޭނުމެއްގައެއް ނޫނެވެ. ފަރާތް ފަރާތުން ތީރު އުކަނީ އުކެން އޮތީމައެވެ. ބޯހަރުކަން ދެއްކޭނީ އަނގައިންނެވެ. ޝަރީއަތުގެ މަޖިލީހުގެ ކޮށިގަނޑަށް އަރާލަން ޖެހުނީމާ ވީވަރު ލޮލުން ދުށީމެވެ.

    އަތްފައިން ވާގި ދޫވެ އަޑުން އަޑުނަގާ ރޮއިހޭރި އެޅިކަރުނުން ކަކޫތާފެން ހެދުނޭ ބުންޏަސްް ދޮގަކަށް ނުވާނެއެވެ. ޕޯޑިއަމެއް ލިބުނީމާ އަނގައެއް އޮތީމާ އަނގަ ދިޔާ ކުރެވިދާނެއެވެ. 

    ދަރަނިތައް އޮތްތާ އޮއްވާ ކްރިމިނަލް ކޯޓުގައި ހިނގަ ހިނގާ އޮތް ކުށުގެ މައްސަލަތައް އަދި ކޮބައިހެއްޔެވެ. ރަސްމީ އިދާރާއަކަށް ދޮގު މައުލޫމަތު ދިނުމުގެ ކުށުގެ ދައުވާ ނުހިނގާ ހުއްޓިފައި އޮތުމަކީ މައްސަލައެއް ނެތުމެއް ނޫނެވެ. މިހުރިއްޔަކީ ޔޯލަޔޯލަ ވާހަކައެއް ނޫނެވެ. 

    އަޒިމާގެ ދަރަނިވެރިކަމާއި ކުށުވެރިކަމުގެ އަގު އަދާކުރަން މާލޭ ރައްޔިތުންނަށް ނުޖައްސާށެވެ. ޕީޕީއެމް-ޕީއެންސީގައި އާޒިމާއަށްވުރެ މާލޭ މޭޔަރު ކަމަށް އެކަށޭނަ މީހަކު ހަމަ ނެތީ ހެއްޔެވެ. ލަދުގެ ކަންފުޅެއް ވެސް ހުރިނަމަ އޮފުކޮށްގެން މާލޭ ރައްޔިތުންގެ ކުރިމައްޗަށް އާޒިމާއެއް ނުނެރޭނެއެވެ. ކިތަންމެ ފޮއްޗެއް ދަމާ ކިތަންމެ ލަވައެއް ކިޔަސް އާޒިމާއަކީ މާލޭ މީހުންގެ ޗޮއިސަކަށް ނުވާނެއެވެ.

    ]]>
    Wed, 10 Jan 2024 16:52:16 +0500 ހީރަސްނިއުސް
    އަނާރާއަށް: ކުރިންވެސް ފަސްއަހަރު ދުއްވާލީ ދީން ވިއްކުމުގާ! https://heerasnews.com/2085 https://heerasnews.com/2085 ނަމުގެ ކުރީގައި ޑރ. ޖެހެނިކޮށް ނިމުނީއެވެ. ތަނެއްގައި ގޮނޑިއެއް ހުރިއްޔާ ކުރިމަތިލާން ވާނެއެވެ. ނަމުކުރީ އޮންނަ ދެއަކުރަކަށްޓަކާ އެންމެން ނިކުމެ ގޮނޑީގައި ވަޑުވާނޭ ހީވަނީތާއެވެ. ދީން ވިއްކައިގެން އަނާރާމެންނަށް ރަނގަޅަށް ލާރި ހަދާލެވޭން އޮތީ މަޖިލީހުންނެވެ. އަނާރާއެވެ. ލާރި ހަދާލަން މަޖިލީހަށް ކުރިމަތިލާންވީ ފިރމީހާއާއި އަނަރާއާއި އެކަންޏެއްވެސް ނޫނެވެ. ހުރިއްޔާ ހުރި ދަރިއަކުވެސް ވާނީ ކުރިމަތި ލައްވާށެވެ.

    ހުރާ، ހިންމަފުށި، ގުޅިއަށް އަނާރާއެވެ. މަކުނުދޫ ގޮނޑިއަށް އަނާރާގެ ފިރިމީހާއެވެ. ދަރިއަކު ހުރީވިއްޔާ ޗާގޯހުން ގޮނޑިއަކަށް ނަމަވެސް ނުލައްވައެއް ނުވާނެއެވެ. މެންބަރުކަމުގައި ހުރި ފޮނި މީރުކަން އެއްފަހަރު އަނާރާއަށް ވަނީ ފެނިފައިވިއްޔާއެވެ. އަނާރާމެން ފައިސާއަށް ދީން ވިއްކާހެން ފައިސާއަށް ހަށިވިއްކާ މީހުންވެސް އުޅެނީތާއެވެ.

    އަނާރާގެ ދެމަފިރިން ދެދާއިރައަކުން މަޖިލިސް ގޮނޑިއަށް ނިކުންނަނީ އަނާރާ ބޮލުގައި އަޅައިގެން އުޅޭ ދަންނަކަމުގެ ތާކިހާ ދައއްކައިގެންނެވެ. އަނބި މީހާ ޑޮކްޓަރަކަށް ވިއްޔާ ފިރިމީހާ ވާނީ އަދި މާބޮޑު ޑަކްޓަރަކަށް ތާއެވެ. 

    ދެމަފިރިން ދެ ދާއިރާއެއް މަޖިލީހުގައި ތަމްސީލު ކުރުމަކީ މައްސަލައެއް ނޫނެވެ. ހިސާންގެ ދެމަފިރިންނާއި ރޮޒޭނާގެ ދެމަފިރިން މިހާރުވެސް މަޖިލީހުގައި އެބަތިއްބެވެ. އެ މީހުންނަކު އެތާ ތިބެގެން ދީން ބޮލަށް ލައިގެން ދީން ވިއްކައެއް ނޫޅެއެވެ. އެއާއި ހިލާފަށް އަނާރާ ނިކުމެ މަޖިލީހަށް ހޮވެން އުޅެނީ ދީނާއި ޖިންސް ވިއްކައިގެންނެވެ. މަޖިލީހަށް ހޮވުނަސް ވިއްކާނީ ދީނެވެ. 

    އަނާރާ އެހުރީ ހުރާ، ހިންމަފުށި، ގުޅީ މެންބަރަށް ވާން ޕީއެންސީ ޓިކެޓަށް ތެޔޮލައިގެންނެވެ. ދާއިރާގެ މީހަކަށް އަނާރާއަކީ ކާކުކަން ނޭގުނަސް ޕީއެންސީ ޓިކެޓްގައި އެތަނަށް ނިކުތީމާ އަނާރާ އިންނާނީ ގޮޑީގައޭ ހީވާ ކަހަލައެވެ. ޕީއެޗްޑީ އޮތް މާ ނަންހުރި ދީނީ އިލްމުވެރިއެއް ވީމާ ޕީއެންސީ ޓިކެޓް އަނާރާގެ އުނގަށް ވަންނާނީ ލޮނދި ހިކައެއް ހެންނެވެ. 

    ވާނީ އެހެންތާއެއް ޑރ. މުއިއްޒަކީ މީހަކު ދަންނަ މީހެއް ނޫނެވެ. މުއިއްޒަކަށް ވެސް މީހަކު އެނގެނީއެއް ނޫނެވެ. ހުރާ ހިންމަފުށި ގުރައިދޫން ރިޔާސީ އިންތިހާބުގައި މާގިނައިން ވޯޓް ލިބުމުން މުއިއްޒަށް މުއިއްޒު އޮޅުނަސް އެ ރަށްރަށު މީހުނަށް އެ މީހުނެއް ނޯޅެއެވެ. ރައީސް ޔާމީނު ފޮޓޯއާއި ހުސްގޮނޑި ދެއްކީމާ މުއިއްޒަށް ދިން ވޯޓަކީ ރައީސް ޔާމީނަށް އެ މީހުން ދިން ވޯޓެކެވެ. އެހެނެކޭ ކިޔާ މުއިއްޒު ދައްކާހާ މީހަކަށް އެ މީހުން ތިބީކީ ވޯޓު ދޭގޮތަކަށް ނޫނެވެ. ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް މުއިއްޒު އަރާއިރަށް މަޖިލީހަށްޓަކައި ވެރިކަމަށް ބައިއަތު ހިފި ދީން ވިއްކާ އަނާރާއަށް އެމީހުން ވޯޓް ދޭކަށް ނެތެވެ. 

    ދީނީ އިލްމު ވެރިއަކަށްވެ ހުރި މީހަކު އަމްދުން އަންހެނަކު ނުކުރާވަރުގެ ކަންކަން މަޖިލީހުގައި އިނދެ އަނާރާ ވަނީ ކޮށްފައެވެ. ދައްކަން ވެއްޖެއްޔާ ދައްކާލާނެ ލައްކަ ވާހަކަ އެބަހުއްޓެވެ. ގެރިހަން ލައިގެން އޮތަސް މިނިކާ ވަގަކު ވާނީ މިނިކާ ވަގަކަށް ކަން އެންމެނަށް ވެސް އެގެންވާނެ ތާއެވެ. 

    ގާނޫނެއް ނެތި މާކުރީގެ ގަވައިދަކުން ބާރުލިބިގެން ރާއްޖޭގެ ކޯޓުތަކުން ރިބާ ނަގާދޭތީ އެކަން ހުއްޓުވަން މަޖިލީހުގެ ތެރެއިން މަސައްކަތެއް ކޮށްދޭން އެ އަނިޔާ ލިބެމުން ދިޔަ މީހަކު އަނާރާ ގާތު އެދި އާދޭސް ކުރިއެވެ. ދީނަށްޓަކާ މަޖިލީހުގައި އިންނެވި ދަންނަބޭކަނބަލާ އެކަމާ އަޅާކަހާވެސް ނުލާ އިނދެ ފަސް އަހަރުގެ ދައުރެއް ހުސްކޮށްލީ ދީން ވިއްކައިގެން ކެއުމުގައެވެ.

    ރައީސް ޔާމީނު ވެރިކަމުގައި ފާސްކުރި ފާފުއަތޮޅު ވިއްކާ ބިލަށް މަކުނުދޫ ދާއިރާގެ މެންބަރު ގޮތުގައި އިނދެ ވޯޓު ނުދޭން އަނާރާ ފޫކަހާލިއެވެ. އަޑަށް ބާރުލާފައި ދެއްކީ ދީނާ ގައުމުގެ ހައްގުގައި އެ ބިލަށް ވޯޓް ދެވެން ނެތް ވާހަކައެވެ. ފާފު ވިއްކުމުގެ ބިލް ފާސްކުރުމަށްވުރެ މުހިންމު އެހެން ކަމެއް އޭރު ސަރުކާރަކަށް ނެތެވެ. އެ ދަނޑިވަޅު ބެއަށް މަސް ހަދާލަން އަނާރާ ބޭނުން ކުރީ ދީނާ ގައުމެވެ. ދެނަކާ ދެނެއްނެތެވެ. ސަރުކާރުގެ ވަފުދުތައް އަނާރާ ފަހަތުން ހިނގާލަ ހިގާލާ ތިއްބެވެ.

    އެންމެ ފަހުން އަނާރާގެ ފިރިކަލުންނާ އަދީބު ބްރޯ ބައްދަލުކޮށް އަނާރާގެ ވޯޓް ލިބެން ޖެހޭކަމަށް ބުނެ އަތަށް ހެޔޮވަރުގެ ބިޔަ ދެކޮތަޅުގެ ފައިސާ ހަދިޔާއަކަށް ދިނެވެ. އޭގެފަހުން ރެއަކަށް އިރު އޮއްސިފަ އަލިވިލިނުއިރު އިސްތިހާރާ ކޮށްގެން ވެސް ފާފުވިއްކާ ބިލަށް ވޯޓު ދިނުމަށް ވުރެ މޮޅު އެހެން ގޮތެއް އަނާރާއަށް ނެތިއްޖެއެވެ. 

    ]]>
    Fri, 08 Dec 2023 14:23:44 +0500 ހީރަސްނިއުސް
    މައުމޫނާ ނަޝީދަށް ވީހެން ޔާމީނަކަށް ނުވާނެ! https://heerasnews.com/2084 https://heerasnews.com/2084 ރައީސް މައުމޫނުގެ ދިގުވެރިކަން ދަހައްޓަން އުފެއްދިީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އެވެ. ފުރަތަމަ ދުވަހުވެސް ބައިބޯ މީސްގިނަ ޕާޓީއެކެވެ. ރައީސް މައުމޫނު ވެރިކަމުން ވެއްޓުމުން ޕާޓީ ދެކަފިވިއެވެ. ޕާޓީގެ ލީޑަރޝިޕް އަހުމަދު ތަސްމީނު އަލީއަށް ލިބި ޒައީމް މައުމޫނު ވީބާކީއެވެ. ވީ ބާކީގައި ރައީސް މައުމޫނު ގެ ޒައީމް ފެކްޝަން (ޒެޑް ފެކްޝަން ) އުފެދި ބޮޑުވެ އެންމެ ފަހުން މައުމޫނުގެ ލީޑަރޝިޕްގައި ޕީޕީއެމް އުފެދުނެވެ.

    ޑީއާރުޕީގެ ހުރިހާ ހަރަކާތްތެރިންހެން ޕީޕީއެމާއި ގުޅި ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ދެވަނަ ފިކުރަށް ވިއެވެ. ބިޔަ ބޮޑު ޑީއާރުޕީ އޮތީ ލީޑަރޝިޕެއްނެތި ހަރަކާތެއްނެތި އޮތީ ކޯމާގައެވެ. އެންމެ ފަހުން ޑީއާރުޕީ އުވުނީއެވެ. އެ ބޮޑު ބިޔަ ޕާޓީއަށްވުރެ ގަދަވީ ރައީސް މައުމޫނުގެ ޒެޑްފެކްޝަނެވެ. 

    ފަހުން ރައީސް މައުމޫނަށް ދިމާވީ އޭގެ އަނެއްކޮޅެވެ. ޕީޕީއެމްގައި މައްސަލަޖެހި ގަދަހިފުމަކަށް ގޮސް ރައީސް މައުމޫނު ޕީޕީއެމުން ބޭރުވީއެވެ. އަނެއްކާވެސް އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް ހަދައިގެން ރައީސް މައުމޫނަށް އެޕާޓީ ވަޔަކު ނުހިއްޕުނެވެ. ގަދަވީ ވެރިކަމުގައި އޮތް ރައީސް ޔާމީނުގެ ޕީޕީއެމެވެ. 

    ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގައި ސިޔާސީ މާބޮޑު ބައިބައިވުމެއް ނެތި އުފެދުނީއްސުރެ މިއަހަރާ ހަމައަށް އޮތެވެ. ލޮޅުމެއް އެރީ ރައީސް ނަޝީދަށް ރިޔާސީ ޕްރައިމަރީ ގެއްލުމުންނެވެ. ރައީސް ނަޝީދަށް ޕްރައިމަރީ ގެއްލުނު ނަމަވެސް ޕާޓީ ދޫނުކޮށް ފިކުރެއް ދިރުވޭތޯ މަސައްކަތް ކުރިއެވެ. ރައީސް ނަޝީދު އެމްޑީޕީ ދުކޮށްލީ 2023ގެ ރިޔާސީ އިންތިހާބަށް ކުޑަތަން ވޭވޭ ހުއްޓައެވެ. އެމްޑީޕީގެ ތެރެއިން ގެންދެވުނު މަދު މީސްކޮޅަކާއެކު ރައީސް ނަޝީދުގެ މަސްލަހަތުގައި ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާ އެ ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަކޮށް ހޯދުނީ މަދު ވޯޓު ކޮޅެކެވެ. އެހެން ކަމުން ވެރިކަން ގެއްލުނަސް ޑިއާރުޕީަށް ވީހެން އެމްޑީޕީއަށް ވާތަނެއް ނުފެނެއެވެ. 

    ރައީސް މައުމޫނާއި ރައީސް ޔާމީނު ބާރުވެރިވުމަށް ކުރެވުނު ވާދައިގެ ތެރެއިން ރައީސް ޔާމީނު އުފެއްދި ޕީއެންސީ އޮތީ ޕީޕީއެމްގެ ގޮތްޕެއްގެ ގޮތުގައެވެ. ހުރިހާ ސިޔާސީ ހަރަކާތެއް ހިންގީ ޕީޕީއެމްގެ ނަމުގައި ރައީސް ޔާމީނުގެ ލީޑަރޝިޕްގެ ދަށުން ޕްރޮގްރެސިވް ކޯލިޝަން ކިޔައިގެނެވެ. 2023ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭތީ ޕްރޮގްރެސިވް ކޯލިޝަނުން މަސައްކަތްކުރީ ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ނިކުތް ޑރ. މުއިއްޒަށެވެ. ކެންޕޭން ކުރީ ރައީސް ޔާމީނުގެ ފޮޓޯއާއި ރައީސް ޔާމީނުގެ ނަމުގައި ހުސްގޮނޑިއެއް ބަހައްޓައިގެންނެވެ. 

    ރައީސް ޔާމީނުގެ ނަމުގައި ސަހުސު އޮޅުވާލައިގެން ޑރ. މުއިއްޒު ވެރިކަން ހޯދާ ރައީސް ޔާމީނަކީ ހުރި މީހަކަށް ވެސް ނުހެދިއެވެ. ރައީސް މުއިއްޒު ދިމާކުރީ ޕީޕީއެމް ހައިޖެކްކޮށް ޕީއެންސީ ބާރުވެރިކުރާށެވެ. ޕީއެންސީގެ ރައީސަކަށް ރައީސް މުއިއްޒު އިސްވެ ޕީޕީއެމަކީ ޕީއެންސީގެ ގޮނޑިކޮއްކޮއަކަށް ހަދާ ޕީޕީއެމްގެ މެންބަރުން ކޮޅު ޕީއެންސީއަށް ވެއްދުމުގެ ފުޅާ ހަރަކާތެއް ފެށީ ރައީސް ޔާމީނުގެ ބާރު ކޯލިޝަނުން ކަނޑުވާލުމަށެވެ. 

    ޕާޓީ ޕޮލިޓިކްސްގައި ރައީސް މުއިއްޒަށް ފެންނަނީ ވެރިކަމުގައި ހުރެ ރައީސް ޔާމީނު ރައީސް މައުމޫނުގެ ބާރު ކަނޑުވާލި ތަނެވެ. ރައީސް ސޯލިހު ވެރިކަމުގައި ހުރެ ރައީސް ނަޝީދުގެ ބާރު ކަނޑުވާލި ތަނެވެ. ރައީސް މުއިއްޒަށް ނުފެންނަނީ ރައީސް ކަމުގައި ތިބިއިރު ރައިސް ސޯލިހާއި ރައީސް ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލު އޮތް ވަރެވެ. ޕާޓީގައި ބޮޑު ޕީޖީ ގްރޫޕެއް އޮވެ އެ ޕީޖީ ގްރޫޕްގެ ފުރިހަމަ ކޮންޓްރޯލު ނެތި ވަރުގަދަ ލީޑަރަކު ސައިޒްކޮށް ނުލެވޭނެ ކަމެއް ރައީސް މުއިއްޒަކަށް ނޭނގެއެވެ. 

    ދަނޑިވަޅު ބަލާ ރައީސް ޔާމީނު ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އެ އުފެއްދީ މުއާލާތް ނުކެނޑެނީސް ރައީސް ޔާމީނުގެ ސަޕޯޓަރުން ގަނޑުކޮށްލުމަށެވެ. ވެރިކަން ކުރާ ޕްރޮގްރެސިވް ކޯލިޝަނުގެ ޓިކެޓަށް އުންމީދުކޮށްގެން ދާއިރާތަކުގައި އުޅޭ މީހުންގެ ތެރެއިން ޓިކެޓް ނުލީބޭ އެންމެންނާ އެ މީހުންގެ ސަޕޯޓަރުން އައިސް އަރާނެ ގަލެއް ރައީސް ޔާމީނު އެހެދީއެވެ. 

    ޕްރޮގްރެސިވް ކޯލިޝަން ބޮޑުކޮށް ރޫޅުމުގެ ނަތީޖާއަކަށް ވާނީ އެމްޑީޕީ މަޖިލިސް މެޖޯރިޓީ ނެގުމެވެ. ރައީސް މުއިއްޒުގެ ޕީއެންސީ ސަރުކާރަށް ވުރެ ގިނަ ގޮނޑި ރައީސް ޔާމީނުގެ ޕީއެންއެފް ނަގާނެއެވެ. ރައީސް މައުމޫނުގެ އެމްއާރުއެމަށާއި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސަށް ވާގޮތެއް ރައީސް ޔާމީނުގެ ޕީއެންއެފަކަށް ނުވާނެއެވެ.

    ]]>
    Fri, 08 Dec 2023 11:43:51 +0500 ހީރަސްނިއުސް
    އޭ މިހިރަ ދިދަޔާއޭ! ތިބާއަށް ހޮއްލީ ހޮޅި! https://heerasnews.com/2076 https://heerasnews.com/2076 އޭ މިހިރަ ބޮޑު ދިދަޔާއެވެ. ތިބާ ތިޔަ ވިހުރެނީ ހާދަ މަތީގައެވެ. ތިބާ ތިޔަހާ މަތީގައި ވިހުރުވޭއިރު މިތާ ހަމަ ބިމުގައި ހިނގާ ކަންކަން ހަމަ ނޭނގެނީ ހެއްޔެވެ. ތިބާ ތިޔަހެން ވިހުރި ވިހުރި ހުއްޓާ މިތާ ހިނގާ ނިމި ގޮސްފައިވަނީ ހަދަހާ ކަންތައް ތަކެކެވެ. ތިބާ ތިޔަހުރީ އެކަންކަމާ އަޅާ ކަހާވެސް ނުލައެވެ. 

    އޭ މިހިރަ ބޮޑު ދިދަޔާއެވެ. 12، 13ގެ ދުވަހު ދިދަބުޑަށް އެއްވިހާ މީހުން ނުދެކެން ހެއްޔެވެ. ތިބާއަށް އެމީހުންގެ އަޑު ނީވެނީ ހެއްޔެވެ. ރޭނިދި ނުނިދާ އެމީހުން ތިބާ ގާތުގައި އެއްވެ ކުރިހާ ޑިމާންޑް އެނގުނު ކަމަށް ނުހެދީ ހެއްޔެވެ. ބަނޑޭރިގެއިން ނިކުތް ބަޔަކު ނިކުމެ ގުންފައި ޖަހާފައި އަނިޔާވެރިކަމާއެކު އެމީހުން ފައްސާ ނަގާލިތަން ނުދެކެނީ ހެއްޔެވެ. ހަތަރެސްފައިގައި ބިޑިއަޅައިގެން އެތައް ސަތޭކަ ބަޔަކު ދޫނިދޫއަށް ގެންދިޔައީ ވެސް ތިބާ ތިޔަހެން ހުއްޓައެވެ.

    އޭ މިހިރަ ބޮޑު ދިދަޔާއެވެ. ދެވަނަ 12،13ގެ ދުވަހު ތިބާގެ ގާތުގައި އިށީދެލައިގެން ތިބި ހައެއްކަ މީހުންނަށް އެދުވަހު ބަޔަކު ކުރި އަނިޔާ ނުދެކެން ހެއްޔެވެ. އެމީހުންގެ ލީޑަރަކަށް އެތާ އިން މީހާ ބަނޑު ބިންމަތީ ދަމަމުން ރަހުމުކުޑަ އަނިޔާވެރި ގޮތަކަށް ގެންގޮސް ފުލުސް އޮފީހަށް ވެއްދިއިރުވެސް ތިބާ ހުރީ ހަނެވެ.

    އޭ މިހިރަ ބޮޑު ދިދަޔާއެވެ. 22ރޭ ބާވީސްދުވާ ވަންދެން ބަޔަކު ނިކުމެ ގާނޫނީ ސަރުކާރަކާ ދެކޮޅަށް ބަގާވާތް ކުރީ ތިބާ ކައިރީގައެވެ. ފެބްރުއަރީ މަހެއްގެ ހަތްވަނަ ދުވަހުގެ ހެނދުނު ސިފައިންނާއި ފުލުހުންގެ ކުރިމަތިލުން ހިނގީ ތިބާ ތިޔަހެން ހުއްޓައެވެ. އެންމެ ފަހުން ތިބާގެ ބުޑުގައި ދޮންވެ ފައްކާވެގެން އައި ބަގާތްވާތް ލާފުރާ ފުރިހަމަވެ ރައްޔިތުން އިންތިހާބުކޮށްފައި ހުރި ރައީސަކަށް އިސްތިއުފާ ދޭން މަޖުބޫރުވެ އިސްތިއުފާ ދިނީވެސް ތިބާ ތިޔަހެން ވިހުރި ވިހުރި ހުއްޓައެވެ. 

    އޭ މިހިރަ ބޮޑު ދިދަޔާއެވެ. މަޖުބޫރުވެގެން އިސްތިއުފާދިން ރައީސަށްޓަކާ ނިކުތްހާ މީހުން ތިބާ ދެކޭނެއެވެ. އެމީހުންގެ ޖަޒްބާތުތަކާ ދެކޮޅަށް ބާރުތަކުން ތަޅާ ރާކިސް ގަންނަވާލިތަން ވެސް ތިބޭ ދެކޭނެއެވެ. 

    އޭ މިހިރަ ބޮޑު ދިދަޔާއެވެ. ތިބާދެކެ މާ ލޯބިވާ މީހަކަށް ހެދިގެން އިހަށް ދުވަހު މީހަކު އުޅުނު ވައްތަރުވެސް ދެކޭނެއެވެ. މާގައުމީ ވެގެން ކުޅުނު ޑްރާމާ ތިބާއަށް ފެންނާނެއެވެ. އޭނާވެސް އެ އުޅުނިއްޔަކީ ތިބާ ދެކެވާ ލޯތްބަކުންނޭނެވެ. އޭނާ އެދައްކާދިނީ ތިބާ ރަމްޒުކޮށްދޭ ދިވެހި ރާއްޖޭގެ ހަޒާނާގެ މައްޗަށް އޭނާގެ ހިތުގައި އޮތް އެދުންވެރިކަމެވެ. ދިވެހިންގެ މައްޗަށް ބާރުވެރިވުމަށް އޮތް ޝައުގެވެ. އޭރު އެތާ އޭނާ އެކުޅުނީ އަސްލެއްނެތް ހޮޅި ޑްރާމާއެއްކަން އެގެންޏާ އެންމެ ރަނގަޅަށް އެނގޭނީ ވެސް ތިބާއަށެވެ.

    އޭ މިހިރަ ބޮޑު ދިދަޔާއެވެ. ތިބާއީ އެއްވެސް އިހުސާސެއް ނެތް މާއްދީ ރަމްޒެއްކަން އެންމެނަށް ވެސް އެނގެއެވެ. ކިތަންމެ މަތީގައި ވިހުރުނަސް ކިތަންމެ ތިރީގައި ވިހުރުނަސް ތިބާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ގައުމެއްގެ ހާލަތު ބަދަލު ކުރާނީ އެ ގައުމެއްގައި އުޅޭ ބައެކެވެ. ގައުމު ރަމްޒުކޮށްދޭ ދިދައެއް ނޫނެވެ. ތިބާގެ ކުށެއް ނެތެވެ. 

    ]]>
    Tue, 05 Dec 2023 19:14:57 +0500 ހީރަސްނިއުސް
    ހޮވާދިން މީހުން މުއިއްޒު ވައްޓާލަން ފޫގަޅައިފި https://heerasnews.com/2073 https://heerasnews.com/2073 މީގެ ކުރިންވެސް ސަރުކާރުތައް އައިސް ނިމިދެއެވެ. އަންނަ ކޮންމެ ވެރިކަމަކަށް އަމާޒުކޮށް އަބަދާ އަބަދު ކޮންމެވެސް ހުތުރު އިލްޒާމެއް ހުއްޓާ ނުލާ އަޅުވަން ފެށީމާ އޭގައި ހަގީގަތެއް އޮތަސް ނެތަސް އެކަމެއް ވައިގައިހިފައެވެ. ތާއަބަދު އެއް އަޑެއް އިވެން ފެށީމާ ދޮގު ތެދަށްވެ، ތެދު ދޮގުކަމުގައި ހިތުގެ އަޑިން ގަބޫލު ކުރެވެއެވެ. އެންމެ ފަހުން އެ އަޑުތަކާލާ އޮޅި، އޮންނަ ސަރުކާރު ނިމި އައު ސަރުކާރެއް އައުދެތެވެ.

    ރަައީސް މައުމޫނުގެ ދިގު 30 އަހަރަށް ފަހު އައި ރައީސް ނަޝީދުގެ ސަރުކާރު ނިމުނީ ލާދީނީ ޓެގްގައެވެ. އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެ ނަމަ ބަންގި ގޮވުން ހުއްޓި އިސްލާމީ މަރުކަޒު ތަޅާލާ އެތަނުގަައި ބުދު ފައްޅިއެއް އަޅާނެ ކަމަށް ކިޔާ އޭގެ ކުރެހުންތައް ވެސް ނެރުނެވެ.

    ކޮންމެ އަކަސް 30 އަހަރަށް ފަހު އައި ޑިމޮކްރަސީއާއި މިނިވަންކަމާއި ޚިޔާލު ފާޅުކުރުން ބޮޑުވެގެން ގޮސް ސަރުކާރުގައި ލާދީނީ ލޭބަލް ރަނގަޅަށް ތަތްކޮށްލިއެވެ. އެހެން ނަމަވެސް އެ ސަރުކާރު ފެށި އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން ހިމޭންކަން ގައުމުގަައި އޮތެވެ. އޭގެ ފަހުގައި އެދިޔަ ބާރުމިނުގައި މަގުމަތިން ވެރިކަން ވައްޓާލިއެވެ.

    ދެން ހަވާލުވި ނައިބު ރައީސް ވެރިކަން ކުރެއްވި 2 އަހަރަކީ ހުން ބުރާންތީގައި ހުރި މީހެއް ފަދައިން ވާނުވާ ސާފު ނުވާ ހިސާބުގައި ޑރ. ވަހީދު ވެރިކަން ކުރެއްވި މުއްދަތެވެ. ބާޣީ ވެރިކަމެއްގެ ގޮތުގައި ނަންވެ ދެންމެ ދެންމެ މަގުމަތިން ވެރިކަން ވެއްޓެނީއޭ ހީވެއެވެ.

    ރައްޔިތުން ދުވީ ރައީސް ވަހީދު ފަހައެވެ. ވަހީދު ދުވެވަޑައިގަތީ ރައްޔިތުން އަތުނުޖެހި ދައުރުގެ ބާކީ ހަމަ ކުރުމަށެވެ. ދުވެލި ހުރިވަރު އެނގެނީ ނޮވެމްބަރ 11 ގައި ވެސް ބުރެކި ނުޖެހި ވަހީދު ވެރިކަން ފުރޮޅު ކަހާފައި އިތުރު 6 ދުވަހަށް ދިޔަކަމެވެ. އަދި އަދަށްވެސް އެ 6 ދުވަހަށްވީ ގޮތަށް ޒިންމާވި މީހަކު ނެތެވެ.

    ޖުމްހޫރީ ވެރިކަން ރާއްޖޭގައި ފެށުނީ 11 ނޮވެމްބަރ 1968 ގައެވެ. އެކަމަކު ވަހީދު ކަޓުވާލި 6 ދުވަހުގެ ސަބަބުން 5 އަހަރުގެ ދައުރު މިހާރު ބަދަލު ވަނީ ނޮވެމްބަރ 17 ގައެވެ.

    ވަހީދަށް ފަހު ވެރިކަން ބަދަލުވީ ވޯޓުލަމުން ލަމުން ގޮސް އެތައް ބުރަކުން ފުލުހުންނާ ސުޕްރީމް ކޯޓު އިންތިޚާބްގެ ތެރެއަށް ވަދެ އައްޓަމަހެއްހެން ތަތްކޮށްގެން ތިބެއެވެ. ރައީސް ޔާމީން މޮޅުވަންދެން ވޯޓުލީ ކޯޓުން ހެދި ގައިޑް ލައިނަކުންނެވެ.

    ރައީސް ޔާމީންގެ 5 އަހަރު ނިމުނީ މީހުން ހައްޔަރު ކުރުމާ ކޮރަޕްޝަނާ ވައްކަމުގެ ބޮޑެތި ތުހުމަތުތައް އޮބިނޯވެގެން ގޮސް 2018ގެ އިންތިޚާބު ރައީސް ސޯލިޙް ކާމިޔާބު ކުރައްވައިގެންނެވެ.

    ނިމިދިޔަ ރައީސް ސޯލިޙްގެ ވެރިކަން ބަދަލު ކުރަން އެންމެ ހަރުއަޑުން ގޮވީ އިންޑިއާ އައުޓްއެވެ. ދެން ވައްކަމާ ކޮރަޕްޝަނާ ނާގާބިލް މީހުން މަގާމް ތަކަށްލާ ވާހަކައެވެ. އޭގެ އިތުރަށް ހަރާމް ހުކުމެއްގައި ރައީސް ޔާމީން ޖަލުގައި ހުންނެވި ވާހަކަ އެ މަނިކުފާނަށް ތާއީދު ކުރާ އެތައް ހާސް ބަޔަކަށް ބޮޑު ކަމަކަށް ވާވަރު ކޮށްލުވިއެވެ.

    ޑރ. މުއިއްޒު ވެރިކަމަށް ހުވާކޮށް މިއުޅެނީ މަހެއް ނުވެއެވެ. ވެރިކަމަށް އައުމަށް ހެދިހާ ދޮގާ މަކަރާ ފަޅާއަރާ ހުވާކުރި އިރުވެސް އޮތީ އަމިއްލައަށް ވައްޓޭ ވަރަށް ފާވެ ފީވެ ޗަސްވެފައެވެ. ކުރިން އިދިކޮޅު ހަރަކާތްތައް ފެށެން އަހަރު ދެއަހަރު ނެގިޔަސް މުއިއްޒު ހޮވުނީއްސުރެ ހޮވާދިން މީހުން މިހާރު އެތިބީ ވައްޓާލަން ފޫގަޅައިގެނެވެ.  

    ]]>
    Mon, 04 Dec 2023 21:30:06 +0500 ހީރަސްނިއުސް
    އިޒްރޭލަށް ހަތިޔާރު! މުއިއްޒު ހުވާ ކުރަން އެމެރިކާ ވަފްދު!؟ https://heerasnews.com/2008 https://heerasnews.com/2008 އެމެރިކާގެ ރައީސްގެ ޚާއްޞަ ވަފްދަކުން މުއިއްޒު ރައީސްގެ ހުވާފެށޭތީ މީހުން ގަނޑު އެބަ ސުވާލު ކުރެއެވެ. މީގެ ކުރިން ރާއްޖެއާއި މި ސަރަހައްދުގެ ވޮޗަރުކަން އެމެރިކާއިން ކުރަނީ އިންޑިއާ މެދުވެރިކޮށްގެންނެވެ.

    ޗައިނާގެ ނުފޫޒު އިންޑިއާ ކަނޑުގައި ގަދަވިޔަ ނުދިނުމަކީ އެމެރިކާ އާއި އިންޑިއާ ވެސް ހޭލާ އޮވެ ބަލަހައްޓާ ކަމެކެވެ. އިންޑިއާ ކަނޑުކަމަށް ވާތީ އެކަން ބެލެހެއްޓުމުގައި އިންޑިއާ އިސްވެ އޮންނަން އެމެރިކާ ރުހޭތީ ރާއްޖެއާއި މި ސަރަހައްދުގެ ގައުމުތަކުގެ ކަންކަމުގައި އިންޑިއާ ކުރިއަށް ނެރެފައި އެމެރިކާ އޮންނަނީ ފަހަތުގައެވެ.

    ރައީސް ކަމުގެ ހުވަޔަށް ތައްޔާރުވެފައިވާ އިރު އެ ރަސްމިއްޔާތަށް އިންޑިއާގެ ޝައުގެއް އޮތް ކަމަކަށް ނުފެނެއެވެ. އިންޑިއާއަކީ ހައިބަ ބޮޑު ސަރަހައްދީ އަދި ނިއުކްލިއަރ ބާރެކެވެ. އެހެނެއް ކަމަކު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރަތް މަހަށް ނުބަވާ ވަރަށް އެ ގައުމަށް ކުޑައިމީސް ކޮށްގެންނެވެ. ކީ އެއްޗެހިންނާއި އެޅުވި ތުހުމަތުން ގައުމެއް ނަމަވެސް ހިތުގައި ޖެހޭނެތާއެވެ.

    ހުވާ ކުރާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ދައުވަތު ދިނެވެ. ނަމަވެސް އިންޑިއާއިން ފޮނުވަނީ ގައިހަން ދޮން ބަލާ ބެލުމަށް ޗައިނާ މީހެއް ކަހަލަ އިންޑިއާގެ ޔޫނިއަން މިނިސްޓަރެކެވެ.

    މިދުވަސް ވަރަކީ އިޒްރޭލުން ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށް ޣައްޒާ ސުންނާފަތި ކުރާ ދަނޑިވަޅެވެ. ރާއްޖެ އޮތީ މިކަމާ ފުފިފައެވެ. އެކި އެއްވުން ތަކަށް އެއްވާ ގިނަ ދިވެހިން ހެދުން އަޅައިގެން ވެސް ތިބެނީ ފަލަސްތީނު މީހުން ފަދައިންނެވެ. ރަށް ރަށާއި ކްލަބް ޖަމިއްޔާތަކާއި އޮފީސްތަކާއި އަދިވެސް ޖެހުނު ކޮންމެ މީހަކު ލިބުނު އެއްޗެއް ޖަމާކޮށް މިލިއަނުން ފަލަސްތީނަށް އެހީވަނީއެވެ.

    އެމެރިކާއިން އިޒްރޭލަށް ފޮނުވާ މަތިންދާ ބޯޓްތަކާއި ހަނގުރާމަ މަތީ މަނަވަރު ފަހަރާއި ހަތިޔާރުގެ ބޭނުމަކީ ފަލަސްތީނު ސުންނާފަތި ކުރުމެވެ.

    އަޅައިގަނެގެން މިއުޅޭ ތަންކޮޅަކީ އިޒްރޭލަށް ހަތިޔާރު ފޮނުވަމުން މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް މި ފަހަރު މާގަދަ ވަފްދެއް ފޮނުވާތީއެވެ.

    އިންޑިއާ ފަހަތަށް ޖައްސާލާފައި މުއިއްޒު ސަރުކާރާ އެކު އެމެރިކާއިން ކުރިއަށް ދާން ނިންމީ ބާވައެވެ. އެހެން ވެއްޖެއްޔާ މުއިއްޒު ސަރުކާރަށް ދުނިޔެ ލިބުނީއެވެ. ހިޔާލެއް ފިކުރެއް ކުރާނެ ކަމެއް ނެތެވެ.

    ]]>
    Thu, 16 Nov 2023 10:51:22 +0500 ހީރަސްނިއުސް
    ޔާމީނަށް ހަރާމިއްޔާ އަދީބަށް ހުކުން ހަރާން https://heerasnews.com/2007 https://heerasnews.com/2007 އެއް ދުވަހު ޝަރީއަތަކާ ނުލާ ބޮޑުވަގަކަށް ވެގެން މަގުމަތިން ޔާމީނަށް ހުކުމް ކުރެއެވެ. އަނެއް ދުވަހު މަގުމަތިން ހުކުން ކުރި ބޮޑު ވަގުގެ ދިފާއުގައި ކޯޓަށް ދެއެވެ. ނަމުގެ ކުރީގައި ޑރ ޖަހައިގެން ފުވައްމުލަކު ޖަމީލު މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. 

    އަދީބާއި ޒިޔަތަށް މާފުދީގެން ޖަމީލަށް ވަރެއް އެބަވެއެވެ. އަދީބާއި ޒިޔަތު މިނިވަންކުރީ ރައީސް ސޯލިހަށް ގާނޫނުން ލިބި ނުދޭ ބާރަކުން ނޫންކަން ޖަމީލަށް ރަނގަޅަށް އެނގޭނެއެވެ. ކްލަމެންސީ ގާނޫނުން ލިބިދޭ ގާނޫނީ އިހުތިޔާރެއްގެ ދަށުން އަދީބާއި ޒިޔަތު މިނިވަން ކުރީ ކްލަމެންސީ ބޯޑްގެ ނިންމުމަކާއެއް ގޮތަށެވެ. އެކަންވެސް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ޖަމީލެވެ. 

    ކްލަމެންސީ ގާނޫނުގެ ދަށުން އިހުތިޔާރެއް ލިބުނަސް އެ އިހުތިޔާރުގެ ބޭނުން ހިފަން ރައީސަށް ޖެހޭ ހެއްޔެވެ. އަދީބާއި ޒިޔަތަކީ ރައީސަށް ލިބިދޭ އިހުތިޔާރުގެ ދަށުން މާފުދޭން ޖެހޭ ވަރުގެ ބައެއް ހެއްޔެވެ. އާނއެކެވެ. އަދީބާއި ޒިޔަތަކީ ދޫކޮށްލަން ޖެހޭ ދެމީހުންނެވެ. ރައްޔިތުން ވަނީ އެމީހުން ދޫކޮށްލަން ހުކުން ކޮށްފައެވެ. ރައްޔިތުންގެ ނިންމުމަށް ރައީސް އަމަލުކުރަން ޖެހެއެވެ. 

    އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނަތް ފެށެނީ ޔާމީނުންނެވެ. 2018ގައި އެވާހަކަ ބުނެ ދިނީ ޖަމީލެވެ. ޖަމީލު ބުނެދިން ގޮތުން އެ ހިޔާނާތް ހިންގުވި މީހަކީ ޔާމީނެވެ. އަދީބާ ޒިޔަތަކީ އެހިޔާނާތް ހިންގަދޭން ހަވާލުކޮށްފައި ތިބި ޔާމީނުގެ ދެެ މުއައްޒަފުންނެވެ. އެހެން ކަމުން ޔާމީނު ނުވާކުށްވެރިއެއް އަދީބާއި ޒިޔަތެއް ނުވާނެއެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި ޔާމީނަށް ކޯޓުން ކުރާ ހުކުން ހަރާމިއްޔާ އަދީބާއި ޒިޔަތަށް ކޯޓުން ކުރާ ހުކުންވެސް ހަރާން ވާނެއެވެ. 

    ކުށުގެ އަދަބުގައި ތިބޭ މީހުންނަށް ސިޔާސީ ހަރަކާތުގައި ބައިވެރިވުމާ ސިޔާސީ ކަންކަމުގައި ބައިވެރި ކުރުވުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެންޕޭނު ހިނގިއިރު ޔާމީނު ހުރީ އެމްއެމްޕީއާރުސީގެ މައްސަލަގައި ކުށް ސާބިތުވެގެން ކުރި ހުކުމެއްގެ އަދަބުގައި ޖަލުގައެވެ. ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ރިޔާސީ ކެންޕޭން ކުރެއްވީ ފުރިހަމަޔަށް ޔާމީނު ބޭނުން ކުރައްވައިގެނެވެ. ބޭނުން ކުރެއްވީ ޔާމީނުގެ ފޮޓޯއެވެ. ވައުދަކީ ޔާމީނު ދޫކޮށްލުމެވެ. އެހެން އެކަން ކުރުމުން ޔާމީނަށް ކޮށްގެން އުޅެނީ ހަރާން ހުކުމެއް ކަމަށް ރައްޔިތުން އޮތީ ކަނޑައަޅާފައެވެ. 

    ޑރ. މުއިއްޒު ވިއްކެވި ޔާމީނުގެ ފޮޓޯއާއި ޔާމީނު ދޫކޮށް ލުމަށް ވެވަޑައިގެން ވައުދު ރައްޔިތުން ގަބޫލުކުރީ ލޮލުން ބޮލުންނެވެ. ގާނޫނާ ހިލާފަށް ކެންޕޭނުގައި ޔާމީނު ވިއްކެވި ވިއްކެވުން ރައްޔިތުންނަށް އޯކޭވިއެވެ. 30 ސެޕްޓެމްނަރ 2023 ގައި އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ހިޔާނާތެއް ނޫން ކަމަށް ވެސް ކަނޑަ އެޅުނީއެވެ. ޔާމީނަށް ކޮށްފައިވާ ހުކުމަކީ ހަރާން ހުކުމެއް ކަމަށް ރައްޔިތުން ނިންމީއެވެ. ޑރ. މުއިއްޒު ވެރިކަމަށް އިންތިހާބުކޮށް ރައްޔިތުން އަމުރުކުރީ ކޯޓު ހުކުން މުގުރާލާ ޔާމީނު ދޫކޮށްލުމަށެވެ. 

    ކޯޓު މަރުހަލާތައް ނުނިމޭތީ ޔާމީނު ދޫކޮށް ލުމުގެ އިހުތިޔާރު ނުލިބޭތީ ރައީސް އިބޫއަށް ޔާމީނު ދޫކޮށެއް ނުލެއްވުނެވެ. އިހުތިޔާރު ނެތުމުންނެވެ. އިހުތިޔާރު އޮތީ ދެއްވެން އޮތް އެންމެ ބޮޑު ލުޔެއް އަދަބަށް ދެއްވުމަށެވެ. މުއިއްޒު ހޮވުމާއެކު ރައީސް ސޯލިހު ލިބިއޮތް އިހުތިޔާރުގެ ދަށުން ޔާމީނު ގެއަށް ބަދަލުކޮށް ދެއްވިއެވެ. އިހުތިޔާރު ލިބިގެންވާ އެންމެފުޅާ މިންވަރަށް ލުއި ދެއްވާ ރަށު ބަންދަށްވެސް ޔާމީނު ދޫކޮށްލެއްވީއެވެ. ކޯޓު މަރުހަލާތައް ނިމުމުން ޔާމީނު މިނިވަން ކުރެއްވުމަކީ ޑރ. މުއިއްޒަށް އޮތްކަމެކެވެ. ރައްޔިތުން ޔާމީނު ދޫކޮށްލުން މަތިކޮށްފައި ވަނީވެސް ޑރ. މުއިއްޒާއެވެ. 

    ޔާމީނު ދޫކޮށްލުމަށްޓަކާ ރައްޔިތުން މުއިއްޒު އިންތިހާބު ކުރި ކުރުމަކީ، އެމްއެމްޕީއާރުސީ މައްސަލައިގައި ޔާމީނުގެ ހުކުމް ހަރާން ކަމަށް ރައްޔިތުން ކަނޑައެޅި ކަނޑައެޅުމެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ހިޔާނާތެއް ނޫންކަމަށް ކަނޑައެޅި ކަނޑައެޅުމެކެވެ. އެހިސާބުން އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބާއި ޒިޔަތަށް އަދަބު ދިނުމަކީ އިންސާފެއް ނޫނެވެ.  

    ]]>
    Wed, 15 Nov 2023 20:23:53 +0500 ހީރަސްނިއުސް
    ވަގަށް ހަތިޔާރު ހިފައިގެންހުރެ ހުވާކުރީ އަމާންކަމުން! https://heerasnews.com/1992 https://heerasnews.com/1992 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކު ވެސް ބަދަލުވަމުން އައިސްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކުގައި ކަމަށް މައުމޫނު ވިދާޅު ވީމާ ދުލެއް ނެތް މީހަކު ދުލެއް ގަނެގެންވެސް އެއްޗެއް ނުބުނެ ނުހުރެވޭނެއެވެ. 1968ގެ ވާހަކަ ބާއްވަމާ ހެއްޔެވެ. 1978 އިން ފަށަމާ ހެއްޔެވެ. 

    ރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެ ކުރުމާ ގެންގުޅުމަކީ ރާއްޖޭގެ ދިފާއީ ބާރަށް ނޫނީ މަނާކަމެކެވެ. އެއްޔަކީ އިންތިހާބީ ރައީސަކަށް ވެސް ހުއްދަކަމެއް ނޫނެވެ. 1978 ނޮވެންބަރ 11 ވިލޭރޭ މެންދަމު ބާރަ ޖެހިއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހުވާކުރީ މައުމޫނު އަބްދުލްގައްޔޫމް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ރައީސްކަމުގެ ހުވާ ކުރުމުގެ ދަރުބާރަށް ގޮސްހުރީ އުނަގަނޑުގައި ފިސްތޯލައެއް ބަދެގެންނެވެ. އޭރު އޭނާގެ ގާތް ރަހުމަތްތެރިން ތަކެއް އަތަށް ވެސް ހުރީ ފިސްތޯލަ ދީފައެވެ. އަދި އޭރަކު އެ މީހުންނަކީ ގައުމުގެ ސަލާމަތީ ހިދުމަތުގައި ތިބި ބައެއް ނޫނެވެ.

    އެރޭ ރައީސް އިބްރާހީމް ނާސިރުގެ އަތްޕުޅުމަތިން މައުމޫނު އަތްޕުޅު މައްޗަށް ވެރިކަން ބަދަލުކޮށްލީ ގާނޫނާ ހިލާފަށް ހަތިޔާރު ނަންގަވައިގެން ތިއްބަވައިގެންނެވެ. މައުމޫނު ތިޔަ ވިދާޅުވާ  ޤާނޫނީ ހަމައާއި އަމާންކަމާއި އޮމާންކަމަކީ އެއީ ހެއްޔެވެ. އެއީ ތިޔަ ވިދާޅުވާ ގާނޫނީ ހަމަޔާއި އަމާން އޮމާން ކަމަށް ވެއްޖެއްޔާ ދެން އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. 

    ހަތިޔާރާއެކު ވެރިކަމަށް އެރިގޮތަށް 30 އަހަރު ވެރިކަން ކުރީ ވެރިކަން ބަދަލުވާން ކުޑަވެސް ފުރުސަތެއް ނުދީ ނޫންތޯއެވެ. އެވާހަކަވެސް ބާއްވާށެވެ. ވާދަވެރި އިންތިހާބެއްގައި ވާދަކޮށް 2008 ވަނައަހަރު ވޯޓުން ބަލިވުމުން ކަޅުތުއްކަލާ ކޮޢްޓަށް ދަންވަރު ވަދެ ސިފައިންގެ ބޮލަށް ޖަހަން އުޅުނު ޗިޕް ނުޖެހިގެން ގޮތް ހުސްވެ ނިއްކުރީގައި ޖެހެމުން ދިޔަ ޑިކްޓޭޓަރ ސިއްކަ ނައްޓާލުމަށް ކުޅުނު ޓްރާންސިޝަން ޑްރާމާއަކީ ތިޔަ ބުނާހާ އަމާން އޮމާންކޮށް ދިޔަކަމެއް ނޫނެވެ.

    ވާދަވެރި އިންތިހާބެއްގައި ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިހާބުކުރި ރައީސަކު ބަގާވާތަކުން ދައުރު މެދުން މަގުމަތިން ވަޢްޓާލި ވައްޓާލުމަކީ ގާނޫނީ އިމުގެ ތެރެއިން އަމާން އޮމާންކޮށް ކުރިކަމެކޭ ބުނި މީހަކު ތިޔަ ނޫނީ ނުދެކެމެވެ. ފަހަރެއްގައި އެ ބަގާވާތުގެ މުއްލާއަށް ވީތީ އެކަމަކީވެސް ހަތިޔާރު ހިފައިގެން ހުރެ ހުވާކޮށް ވެރިކަމަށް އައިގޮތަށް ގާނޫނީ އިމުގެތެރެއިން ހިންގާލިކަމެއް ކަމަށް ދެކެނީ ތާއެވެ. 

    2013ގައި ވޯޓު ލާލާ ރައްޔިތުން ހޮޑުލެވި ވަރުބަލި ވީއިރުވެސް ކޮއްކޮ މޮޅުވަންދެން ސްޕްރީމް ކޯޓުން ވޯޓުލައްވައިގެން ވެރިކަން ހޯދުމަކީ ތިޔަ ބުނާ އަމާން އޮމާން ކަމުގައި ބަދަލުވުން ކަމުގައި ދުށީތީ ހައިރާނެއް ނުވެއެވެ. ރައީސުން ހުވާކުރުން 11އިން 17އަށް ބަދަލުވީ ގައިމު އަމާން އޮމާން ކަމެއް އޮވެގެންތާއެވެ.

    އަނެއްކާ 2018ގައި ނަތީޖާ ގަބޫލުކޮށްފާ ނިކުމެ ފާހަގަ ވެއްޓޭތީ ކޯޓަށް ގޮސް ކޯޓުން ވެރިކަން ހޯދަން ފޫގެޅީމާ ވެސް އަމާން އޮމާން ކަމާއެކު ވެރިކަން ބަދަލު ކުރެވުނީ ކަމަށް މައުމޫނަށް ވީތާއެވެ. 

    އުމުރު އަށްޑިހައިން މައްޗަށް ގޮސް 90އަށް ފައިނެގީމާ އަނގަ މާ ގަދަވަނީތާއެވެ. ކިތަންމެ އިހުތިރާމާއެކު ދެންނެވިޔަސް އަބަ ހައްދުވެ ބުއްދި ފަސްވީމާ ހަމަޖެހޭ ވާހަކައެއް ނުދެއްކޭނެއެވެ.    

    ]]>
    Sat, 11 Nov 2023 15:56:04 +0500 ހީރަސްނިއުސް
    އެ މީހުން ނަޝީދު ދޫކޮށްލައިފި! https://heerasnews.com/1983 https://heerasnews.com/1983 ބޭރު ދުނިޔޭގައި ކެނެރީގޭ ނަޝީދު މީހަކަށް ވީޒަމާން މާޒީވެ ހިނގައްޖެއެވެ. ޑިމޮކްރެޓިކް ހަމަތައް ދޫކޮށް އަމިއްލަ އެދުން ކުރިއަށް ނެރުނު ހިސާބުން އެމީހުންވެސް ނަޝީދު ދޫކޮށްލައިފިއެވެ. ދުނިޔޭގައި ޔޫރަޕާއި އެމެރިކާއާއި އެނޫންވެސް އެތެރެވަރީގެ ގައުމުތަކުން ކުރިއަރުވާ ދަމަހައްޓަން މަސައްކަތް ކުރަނީ އިންސާނީ ހައްގާއި ޑިމޮކްރަސީއެވެ. އެއްވެސް އިރަކު ވަކި މީހަކަށް ވަކި ބާރުވެރިކަމެއް ހޯދާދޭކަށް ދުނިޔޭގެ ގައުމުތަކުން މަސައްކަތެއް ނުކުރެއެވެ.

    އެއްދުވަސްވަރެއްގައި ބަރުމާގެ އަންހެނެއް ކަމަށްވާ އަންގސަން ސޫކީ އަކީ ދުނިޔޭގައި ކިހާ މަޝްހޫރު މީހެއް ހެއްޔެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގު ކުރިއަރުވަން މަސައްކަތް ކުރާ އެންމެ އިސްސަފުގައި ސޫކީ ވިދަވިދާ ހުއްޓެވެ. ނެލްސަން މަނޑޭލާއާއި އެއްސަފެއްގައި އަންގސަން ސޫކީގެ ނަން ކިޔެވެ. ދުނިޔޭގެ ސުލްހައިގެ އިނާމު ވެސް އެއަންހެނާއަށް ލިބުނެވެ. އެހެނަސް މިއަދު އަންގސަން ސޫކީ ކޮބައި ހެއްޔެވެ. ވެރިކަމުގެ އާރާބާރު ލިބުމުން ހޮދުމުހުތާރުކަން ކުރިއަށް ނެރެ އަނިޔާވެރިކަން އިސްކުރުމުން ދުނިޔޭން އޭނާ ދޫކޮށްލީއެވެ. ދެވުނު ސުލްހާގެ އިނާމް ވެސް ދެވުނުކަމުގެ މައްޗަށް ހިތާމަކޮށް އެ އިނާމުވެސް ނިގުޅައިގަތީއެވެ. އެ އަންހެނާއަކީ މިހާރަކު ދުނިޔޭގައި އެއްވެސް އަގެއް ހައިބަތެއް ހުރި މީހެއް ނޫނެވެ. އަންގސަން ސޫކީ ދަންނަ މީހަކު މިހާރަކު ނޫޅެއެވެ.

    ކެނެރީގޭ ނަޝީދަށް ވެސް އެދަނީ އަންގސަން ސޫކީގެ ހާލު ޖެހެމުންނެވެ. މެޖޯރިޓީއަށް އިހުތިރާމް ނުކުރުމާ ހުރި މަވެތި ކަމުގެ ބޮޑުކަމުން ދުނިޔޭގެ އެއްވެސް ގައުމެއްގައި ނަޝީދަކީ އެއްވެސް މީހެއްނޫނެވެ. ބައެއްް ކުދިކުދި ޖަމާއަތް ތަކުން އެމީހުން ކުޅިވަރުކުޅޭ ކޯޑިއެއްގެ ގޮތުގައި ނަޝީދު އަދި އެބަ ގެންގުޅެއެވެ. 

    ޑިމޮކްރަސީއާއި އިންސާނީ ހައްގަކީ ނަޝީދު އާރާބާރު ހޯދަން ގެންގުޅޭ ދެ ހަތިޔާރުކަން ދުނިޔެ ދަސްކޮށްފިއެވެ. ނަޝީދަކީ ޑިމޮކްރަސީއެއް އިންސާނީ ހައްގެއް ގަބޫލު ނުކުރާ ހޮދު މުހުތާރު މީހެއްކަން ނޭގޭ ބަޔަކު ދުނިޔެއަކު ނެތެވެ. ބާރާ އާރު ހޯދުމަށްޓަކާ އަންގސަން ސޫކީއަށް އޭނާ އެންމެ ފުކެއްވެސް ދޫނުކުރާނެކަން އެންމެން ދަސްކޮށްފިއެވެ.

    ހިތުން މަނޑޭލާ ހެދިގެން އުޅުނަސް ދުނިޔޭގެ ޖަމިއްޔާތަކުގެ މައްޗަށް ނަޝީދަށް ފޯރުވޭނެ ބާރެއް ނުއޮންނާނެއެވެ. ބައިނަލް އަގުވާމީ ޖަމްއިއްޔާއެއްގެ މަގާމަކަށް ދިވެއްސަކު ހޮވޭ އިރަށް އެމީހަކާ ނަޝީދު ނުރުހެންޏާ އެމީހަކު އެ މަގާމުން ވަކިކުރެވޭ ގޮތަކަށް އެއްވެސް ޖަމްއިއްޔާއެއްގެ ކަންކަން ތަރުތީބު ވެފައެއް ނުވެއެވެ. ނަޝީދު ބުނާހާ ގޮތެއް ހަދަން މުޅި ދުނިޔެއަކީ ނަޝީދުގެ އަޅަކީ ހެއްޔެވެ. އެމްޑީޕީގެ މެންބަރުން ދުނިޔޭގެ ޖަމްއިއްޔާތަކުގެ އިސް މަގާމުތަކަށް އަންނާނެއެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ބޭބޭފުޅުން ދުނިޔޭގެ ގައުމުތަކަށް ދަތުރުފަތުރު ކުރާނެއެވެ. ނަޝީދަކަށް އެކަމެއް ނުހުއްޓުވޭނެއެވެ. 

    ދުނިޔޭގެ ލީޑަރުންގެ ފަހަތުން ދެފައިތަޅާ ރޮމުން ނަޝީދަށް އެކަމާ ދުވެވިދާނެއެވެ. ތަށަށް ކިޔަނީ މަރިޔަބުތޯ ވެސް އެމީހުން ނުއަހާނެއެވެ. ނަޝީދަކީ މިހާރަކު ދުނިޔެ ދަންނަ މީހެއް ނޫނެވެ. މިހާރު ނަޝީދެކޭ އަންގސަން ސޫކީ އެކޭ އެއްވެސް ތަފާތެއް ނެތެވެ

    ]]>
    Thu, 09 Nov 2023 15:50:29 +0500 ހީރަސްނިއުސް
    އޭސީސީގެ ލޯ ހިނގަނީ އެއްކޮޅަށް https://heerasnews.com/1981 https://heerasnews.com/1981 އެއްތައް ގަނޑަކަށް އެއް އިބާރާތުން އެއްޝަކުވާ ތަކެއް އުފަންކުރި އެއްތާކުންނެވެ. އެއްބަޔަކު ނިކުމެ އެއްވަނަކަށް އެއްފުންޏަކަށް އެއްފަހަރާ އޮއްސާލި އެއް ބޭނުމަކުއެވެ. 

    ޝަކުވާލިޔުނު ބަޔަކު ލިޔެގެން މީހުން ކައިރިއަށް ހިގައިގެން ސޮއި ކުރުވައިގެން ފްލެޓް ޝަކުވާ ބަންޑެލި ބަންޑެއްޔަށް އޭސީސީއަށް އަޅާލައިފިއެވެ. ބަޔަކު ލިޔެގެން ގެނަސް ސޮއިކުރުވި ލިޔުމުގާ ލިޔެފައި އޮތީ ކޮން އެއްޗެއް ކަމެއް ކުރެވެނީ ކޮން ޝަކުވާއެއް ކަމެއްވެސް ސޮއިކުރި ގިނަ މީހުންނަކަށް ނޭގެއެވެ. 

    މައްސަލަ ހުރިކަމަށް ޝައްކުވަންޏާ ޝަކުވާ ކުރަންވީއެވެ. ޝަކުވާ ކުރާއިރު ތިމާއަށް މިކުރެވެނީ ކޮން ޝަކުވާއެއް ކަން ކޮންމެ މީހަކަށް ވެސް އެގެންޖެހެއެވެ. ޝަކުވާ ބެލުމުގައި އުފައްދާނެ ސުވާލުތަކަށް ޝަކުވާކުރާ މީހާ ޖަވާބު ދާރީ ވާންޖުހޭނެތީއެވެ. މީހަކު ބުނީތީ އެމީހަކަށް ކޮށްދޭ ކަމަކަށް ޝަކުވާ ކުރުން ވެގެން ނުވާނެއެވެ. 

    ޝަކުވާ ހިފައިގެން އޭސީސީއަށް ވަންނައިރު ޕޮއިންޓް މަދުވެގެން ކުރެވޭ ޝަކުވާއަކީ ހައްގު ޝަކުވާއެއްތޯ އަމިއްލައަށް ވިސްނާލަން ޖެހެއެވެ. ފްލެޓަށް އެދި ހުށަހެޅިއިރު ލިބޭ މާރކްސް މަތިކުތުމުގެ ބޭނުމުގައި ތިމާއަށް ދެވިފައިވަނީ ކިހާވަރެއްގެ ތެދު މައުލޫމާތެއް ކަމާ މެދު ވިސްނާ ނުލައެވެ. ފޭކް ޑޮކިއުމަންޓާއި ދޮގު ހެކީގެ ކުޑަ މިންވަރެއް ވެސް ތިމާގެ ފޯމާއެކު ހުށަހެޅިފައި ނުއޮންނާނެ ކަން ކަށަވަރު ވާންޖެހެވެ. އެހެންނޫނީ މަކަރާ ޙީލަތުން ހައްގުނޫން މަންފާއެއް ހޯދަން އުޅުނު ކަމަށް ވުމަކީ އޮތް ބިރެކެވެ.

    ސިތާސީ ބޭނުމުގައި ސަރުކާުރު ބަދުނާމުކޮށް ސަރުކާރާ ދެކޮޅަށާ ނަފުރަތު އުފައްދަން ބަޔަކު ބުނެގެން ކުރި ޝަކުވާ އަތަށް ގޮވުމަކީ ގާތް ކަމެކެވެ. ހަމަ ތެދެކެވެ. އޭސީސީގެ ލޯ ހިނގާނި އެއްކޮޅަކަށް ނޫނެވެ.ދެ ކޮޅަށެވެ.

    ]]>
    Wed, 08 Nov 2023 14:33:58 +0500 ހީރަސްނިއުސް
    ޑރ. ޝަހީމް ތިން ފަށްވުން https://heerasnews.com/1979 https://heerasnews.com/1979 ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މިސްރާބު ހުރީ ސިޔާސީ ތިންފަށްވުމާ ދިމާލަށެވެ. ޑރ. ޝަހީމަކީ ދީނީ މައުލޫމާތު މުއްސަދި ދީނުގެ ނަމުގައި ހައްދު ފަހަނަ އެޅުމާ ދެކޮޅު އިލްމީ ބޭފުޅެކެވެ. އިސްލާމް ދީނުގެ ސައްހަ އަގީދާ ފެތުރުއްވުމަށާއި އިސްލާމީ އިލްމު ފެތުރިއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ފަރުދީ ގޮތުން ކުރައްވާ ބޭފުޅެއްގެ ގޮތުގައި ޑރ. ޝަހީމް ފާހަގަ ކުރެވެއެވެ. ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަށް އިންގިލާބީ ބަދަލެއް ގެނެސް ދެއްވި ބޭފުޅެއް ކަމުގައި ބެލެވެއެވެ. 

    އެހެން ނަމަވެސް ސިޔާސީ ގޮތުން ޑރ. ޝަހީމަކީ މާ ކާމިޔާބު ބޭފުޅެއްނޫނެވެ. އައު ގާނޫނު އަސާސީގެ ދަށުން 2008ގައި ގިނަ ޕާޓީ ވާދަކުރެވިގެން އުފެދުނު ފުރަތަމަ ސަރުކާރު ވައްޓާލުމަށް ފަހު އުފެއްދި ބަގަވީ ސަރުކާރުގެ ވަޒީރުންގެތެރެއިން ޑރ. ޝަހީމް ފެނިގެން ދިޔައެވެ. ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރުގައި ޑރ. ޝަހީމް އަދާކުރެއްވީ އިސްލަމިކް މިނިސްޓަރު ކަމެވެ. ޑރ. ވަހީދުގެ ބައި ސަރުކާރުގައި އިސްލާމިކް މިނިސްޓަރގެ ހައިސިއްޔަތުން އާދަޔާ ހިލާފު ކާމިޔާބު މަސައްކަތްފުޅެއް ޑރ. ޝަހީމަކަށް ކުރެއްވުނު ތަނެއް ނުފެނުނެވެ. 

    2013 ގައި އުފެދުނު ރައީސް ޔާމީނު ސަރުކާރުގެ އިސްލަމް މިނިސްޓަރުކަން ފުރަތަމަ ކުރެއްވީ ޑރ. ޝަހީމެވެ. މަގާމުން ވަކިވެ ގަޑައިގަތުމާ ހަމަޔަށް އިސްލަމިކް މިނިސްޓަރުގެ ހައިސިއްޔަތުން ކުރެއްވުނު މާބޮޑުކަމެއް އެ ސަރުކާރުގައިވެސް ޑރ. ޝަހީމަކަށް ނެތެވެ. 

    ދެފަހަރު މަތީން ނަމުން ދެ ސަރުކާރެއްގައި އިސްލަމިކް މިނިސްޓަރުކަން ޑރ. ޝަހީމް ރާއްޖޭގައި ކުރައްވައިފިއެވެ. ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރޭގައި ބޮއްސުންލާފައި ހުރި އިސްލާމީ އުސޫލުތައް އިޔާދަކޮށް ނަގަހައްޓާ ދަމަހައްޓަން އެ ދެފަހަރުވެސް ކުރެއްވުނު ކަމެއްނެތެވެ. ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރޭގައި ހުރި އިސްލާމީ ޝަރީއަތާ ހިލާފުކަންކަން ފާހަގަކޮށް އެކަން ކަން އިސްލާހު ކުރުމަށް ކުރެއްވި މަސައްކަތެއް އަދި ކުރެއްވި މަސައްކަތުން އައި ހެޔޮ ބަދަލެއް ފެންނާކަށް ނެތެވެ.

    ކުޑަމިނުން ޝަރީއަތް މެދުވެރިކޮށް ނެގެވޭ ރިބާ ނެގުން ހުއްޓުވާ ނުލެއްވުނެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި އިސްލާމު ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުން ނުހުއްޓުވުނުތާ އެކަމަށް ހުރި ފުރުސަތުތައް ކުޑަކުރުމަށް ކުރެއްވުނު ކަމެއް ނެތެވެ. ނިޒާމީ ތައުލީމުގެ ތެރޭގައި އިސްލާމީ އަގީދާ އަށަގަންނުވާ މުޅި ތައުލީމީ ނިޒާމަކީ އިސްލާމް ދީނުގެ އޮނިގަނޑު ތެރެއަށް ފެތިފައިވާ ނިޒާމަކަށް ހެއްދެވުމަށް ކުރެއްވުނު ކަމެއްނެތެވެ. ދިވެހި ވަޒީފާގެ މާހައުލަކީ އިސްލާމީ ވެއްޓަކަށް ބަދަލުކޮށެއް ނުލެއްވުނެވެ. އެކި ނަންނަމުގައި ހިންގާ ހޭލުންތެރިކުރުވުމުގެ ހުރިހާ ޕްރޮގްރާމް ތަކުގައި އިސްލާމީ ސަގާފަތާ ބީރައްޓެހި ކުރުވާ ޒާތުގެ އެއްވެސް ވިސްނުމެއް ނުވަތަ ކޮންޓެއްޓެއް ހިމެނިފައިވޭތޯ ބަލާލެވޭނެ މެކެނިޒަމެއް ކުޑަމިނުން ގާއިމުކޮށް ނުލެއްވުނެވެ. 

    ގާނޫނާއި ގަވައިދު ހެދުމުގައި އިސްލާމީ ޝަރީއަތާ ދުރު މަފްހޫމުތައް ނުހިމެނޭނެހެން ގާނޫނާއި ގަވައިދުތައް ހަދާ ފާސްކޮށް ތަންފީޒު ކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަމެއް ނުކުރެއްވުނެވެ. ދައުލަތާ ސަރުކާރުން ކުރާ ކޮންމެ ކަމަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިންގޭ ކަންތައްތަކެއް ކަން ކަށަވަރު ކުރެވޭނެ ގޮތެއް ނުހެއްދެވުނެވެ. 

    މިސްކިތް ތަކުގައި ވަގުތައް ބަންގި ގޮއްވާ ހުތުބާލިޔެ ޒަކާތްނަގާ ހައްޖު ކޯޕަރޭޝަން ހިންގުމަކުން އިސްލަމިކް މިނިސްޓަރެއްގެ ވާޖިބު އަދާކުރެވުނު ކަމަކަށް ނުވާނެއެވެ. އަނެއްކާވެސް މި ނޮވެންބަރު މަހު ސަތާރައިގައި ޑރ. މުއިއްޒު އުފައްދަވާ ސަރުކާރުގެ އިސްލަމިކް މިނިސްޓަރު ކަމަށް ޑރ. ޝަހީމް އިސް ކުރައްވައިފިނަމަ އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް ވާނީ ތިންފަށެވެ. މަގާމުގައި އެކަށީގެންވާ ނަތީޖާއެއް ނެރެނުދެއްވި ފަށް ކަނޑުއްވަން ޖެހުން ނޫން ކަމެއް އިސްލަމިކް މިނިސްޓަރު ކަމުގައި ޑރ. ޝަހީމަށް ދެންވެސް ނުކުރެއްވޭނެއެވެ. ހަގީގަތަކީ އިސްލަމިކް މިނިސްޓަރު ކަމުގައި ޑރ. ޝަހީމަކީ ބޮޑު ފޭލިޔަރެކެވެ.

    ]]>
    Tue, 07 Nov 2023 14:50:00 +0500 ހީރަސްނިއުސް
    އަދުރޭ ހިސާބުޖަހަނީ 70 ގޮނޑިއަށް https://heerasnews.com/1977 https://heerasnews.com/1977 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ މެދު ހުވަފެން ދެކޭ މީހުން ވަރަށް ގިނައެވެ. މީސްމީޑިއާގެ އޮޅިއަކަށް އަރާލިޔަސް މަޖިލީހަށް ކުރިމަތިލާ ވާހަކަ ނޫން ވާހަކައެއް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބޮޑު ދެ ޕާޓީގެ ޓިކެޓަށް މާކުރިއްސުރެ ފައިނަގައިގެން ކޮރުލާ މީހުން ކުރިއްސުރެ ފާހަގަ ކުރެވެއެވެ. އެމީހަކު ހިމެނޭ ބޮޑު ޕާޓީއެއްގެ ދާއިރާ ރައީސް ކަމާއި ޕާޓީލީޑަރުންގެ އަރިސްކަން ހޯދައިގެން ގޮނޑިއަށް ފަރިވާ މީހުންގަޑު ޕާޓީއައިގެން މަރުދަން ޖެހެނީ އެނޫން ކަމަކާ ވެގެން ނޫންކަން ގިނަ މީހުނަށް އެނގެއެވެ.

    މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރާ މެންބަރުންގެ ތެރެއިން ގިނަ މީހުން މިފަހަރު ވެސް ގޮނޑިއަށް ވާދަ ކުރާނެއެވެ. ގޮނޑީގައި ތިބި މެންބަރުންނާއި އަލަށް ގޮނޑިއަށް އަރަން މަތިހަށި ނަގާ މީހުން ޓިކެޓް ކަށަވަރު ކުރުމަށްޓަކައި ކުރެވުނުހާ ކަމެއް ކުރެއެވެ. ފެންނަ ފެނުމުގައި ހުރިހާ ދާއިރާއެއްގައި ވެސް ކޮންމެ ޕާޓީއެއްގެ ޕްރައިމަރީގައި ފިސާރި ވާދަވެރި ވާނެއެވެ. ޕްރައިމަރީ ކާމިޔާބުކުރާ މީހާގެ ފަހަތަށް ބަލިވާ މީހުންނަށް ނޭރޭ ވަރަށް ޕްރައިމަރީގައި ވާން ކުރާނެއެވެ. ޕްރައިމަރީގައި ބަލި ވީމާ ޑިމޮކްރަސީގެ ޗެންޕިއަނަށް ވެސް އެނޫން ވަރެއް ނުވިއެވެ.

    2024ގެ އާއްމު އިންތިހާބުގައި އެންމެ ވާން ކުރާނީ ޕީއެންސީ-ޕީޕީއެމް ޕްރައިމަރީގައެވެ. ޕީއެންސީ-ޕީޕީއެމް ކޯލިޝަންގެ ޕްރައިމަރީ ބާއްވަނީ އެއްކޮށް ކަމުގައި ވުމަކީ ޕްރައިމަރީގެ ހިފުންގަނޑު ހޫނުވުމުގެ އެއް ސަބަބެވެ. އެ ދެ ޕާޓީންކުރެ މެންބަރުން ގިނައީ ޕީޕީއެމްގައެވެ. ކޯލިޝަނެއް ގޮތުގައި އޮތުމުން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދާއިރާ މަޖިލިސް އޮތީ ޕީޕީއެމްގެއެވެ. ކޮންމެ ދާއިރާއެއްގައި ވެސް މެންބަރުން އޮތީ ޕީޕީއެމްގެއެވެ. މަޖިލީހުގެ ޓިކެޓަށް ފައްކާވެގެން ދާއިރާތަކުގައި ތިބީވެސް ޕީޕީއެމް މެންބަރުންނެވެ. އެހެން އެކަން އޮތްއިރު ނިމި ދިޔަ ރިޔާސީ އިންތިހާބާ ހަމައަށް އައިއިރުން ޕީއެންސީގައި ހަމަވަނީ ކިރިޔާ ތިންހާހެވެ. 

    ނަސީބު ދިމާކުރި ގޮތުން ރިޔާސީ އިންތިހާބުގައި ވެރިކަން ލިބުނީ ބައިމަދު ޕީއެންސީއަށެވެ. ޕީއެންސީއަށް ވެރިކަން ލިބުމާއެކު ޕީއެންސީއަކީ ދިހަހާސް މެންބަރުން ހަމަވާ ޕާޓީއަކަށް ހެދުމަށް ޕީއެންސީ މަސައްކަތް ފެށިއެވެ. ވެރިކަމަށް އިންތިހާބުވި ޕީއެންސީއަށް ފުލުފުލުން މެންބަރުން ވަންނަން ފަށައިފިއެވެ. ޕީޕީއެމް ފިކުރާ މާބޮޑު ގުޅުމެއްނެތް އެތައް ބަޔަކު ޕީއެންސީއާއި ގުޅެމުން ދިއުމުގައި މަޖިލީހުގެ ޓިކެޓަށް އަމާޒު ހިފާފައިވެއެވެ. ރައީސް މުއިއްޒުގެ ހިޔަނީގައި މަޖިލީހުގެ ގޮނޑި ކަށަވަރު ކުރުމާ ސިޔާސީ މަގާމުތައް ކަށަވަރު ކުރުމަށް ފައުޖު ފައުޖަށް ޕީއެންސީއަށް މީހުން ގުޅުމަކީ ޕީޕީއެމްގެ ހިދުމަތުގައި އުޅުނު ދުވަސްވީ މެންބަރުންނަށް ބަލައިގަންނަން އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަމްދުން ކުރިއްސުރެ ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް ނިކުންނަން ފައްކާވަމުން އައި މީހުނަށް އެކަމަކީ ބަލައިގަތުން ފަސޭހަ ކަމަކަށް ނުވާނެއެވެ. 

    ކޮންމެ ހެނެއްވިޔަސް ޕީއެންސީ-ޕީޕިއެމް އެއްބައެއްގެ ގޮތުގައި މަޖިލީހަށް ވާދަކުރަން ނުނިކުމެއެއް އެމްޑީޕީގެ މައްޗަށް ކުރި ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޕީއެންސީއަށް އަލަށް ގުޅޭ ފިކުރު ތަފާތު މީހުންނާއި ކުރިއްސުރެ ޕީޕީއެމް-ޕީއެންސީގައި ތިބި މީހުންނާ އެއްކޮށް ބާއްވާ މަސްހުނި ޕްރައިމަރީ އަކަށްފަހު އެއްބައެއްގެ ގޮތުގައި މަޖިލީހަށް ވާދަކޮށްގެން ހީކުރާވަރުގެ ނަތީޖާއެއް ލިބުމަކާ ކައިރިއެއް ނޫނެވެ. ޕްރައިމަރީގެ ފެޅުން ގަނޑަކީ ވަރަށް ވެސް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. 

    އިރެއްގައި ބަޔަކު 65 ގޮނޑި ނެގިއަސް ޕީއެންސީ - ޕީޕީއެމްއަށް 70 އަށް ވުރެ ގިނަ ގޮނޑި ނަަގާނެ ކަމަށް ބުނެ މަސައްކަތް ކުރުމަކީ ޕީއެންސީގެ ޗެއަރޕަސަން ނުކުރާންވީ ކަމެއްނޫނެވެ. ނުކުރާންވީ އުންމީދެއް ވެސް ނޫނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު އެނބުރެމުން ސެނބުރެމުން ދާގޮތުން ވަކި އެއްޕާޓީއަކުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ. ޕީއެންސީއަށް ޔާމީނުގެ ފޮޓޮއެއްގެ ނިވަލުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނެއް ކަމަކު ގިނަ ފަހަރަށް އަދުރޭ ޖަހާ ހިސާބު ދަނީ ދަލު ފުލުންނެވެ.   

    ]]>
    Mon, 06 Nov 2023 18:19:34 +0500 ހީރަސްނިއުސް
    ކޮން ގާނޫނެއް ހެއްޔެވެ! ޔާމީނަކީ މިނިވަނެއް! https://heerasnews.com/1959 https://heerasnews.com/1959 އެއީ ޔާމީނުގެ މައްސަލަ އެއް ނޫނެވެ. ގިނަ ދިވެހިން ގަބޫލު ކުރާ ގޮތެވެ. މަނީލޯންޑަރިންގެ މައްސަލާގައި މިހާރު ވެސް ރައީސް ޔާމީނަށް އިއްވާފައި ވަނީ ހަރާން ޙުކުމެެއް ކަމަށް ރާއްޖޭގެ 54 އިންސައްތަ މީހުން ނިންމައިފިއެވެ. ދެންކޮން ޕެރޯލް ގާނޫނަކާ ހުރެ ރައީސް  ޔާމީނަށް ކަރެކްޝަންސުން ފިޔަވަޅު އަޅާ ވާހަކައެެއް ހެއްޔެވެ. 

    ގާނޫނު ހިނގާނީ ގާނޫނުން ތިރިއަށެވެ. ރައީސް ޔާމީނަކީ ގާނޫނުން މައްޗެވެ. ކޮންމެ ކަމެއް ކުރިއަސް ރާއްޖޭގެ ގިނަ ރައްޔިތުން ބުނަނީ ރައީސް ޔާމީނު ވިއްޔާ އޯކޭ ކަމަށެވެ. މިހާރު ރައީސް ޔާމީނަށް އިއްވާ ފައިވާ 11 އަހަރުގެ ޖަލު ހުކުމަކީ ހަރާން ހުކުމެއް ކަމަށް ނުބުނާ ވަޒީރަކު، ރައީސަކު އަދި އެއްވެސް ވެރިޔަކު އަންނަ ސަރުކާރަކު ނުހުންނާނެވެ. ޚުދު ރައީސް މުޢިއްޒު ވެސް އޭގައި ހިމެނި ވަޑައިގަނެއެވެ.

    ރިޕަބްލިކް އޮފް ކުޑަ އެމެރިކާގައި ހުކުމްތައް ހަލާލު ވާނީ ހަމައެކަނި ނިކަމެތިންގެ މައްޗަށެވެ. އަދުލް އިންސާފު ގާއިމު ކުރަން ކޯޓް ތަކުގައި ތިއްބަވާ ފަނޑިޔާރުންނަށްވުރެ މަތީގައި އޮންނަނީ އެ ކޯޓެއްގެ ފުރާޅެވެ. ރައީސް ޔާމީނަކީ އެންމެ މަތީ ކޯޓްގެ ފުރާޅު ނަންގަވާ ފަނޑިޔާރުން ބަނޑުބިންމަތީ ދަންމަވާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެންމެހާ މާލަމް ތަކަށް އެރޭގެ ދަންވަރު ފައު ކުރެއްވި މާތް ސާހިބާ ކަން އޮތީ އެމަނިކުފާނުގެ ވެރިކަމުގައި ސާބިތުކޮށް ދެއްވާފައެވެ. ވީއިރު ދެން ކޮންމެ ކަމެއް ކުރެއްވިއަސް ރައީސް ޔާމީނަށް އިއްވަން އޮންނާނެ ހަލާލު ހުކުމަކީ ކޮބައި ހެއްޔެވެ؟

    އެވަރުގެ މުޖްރިމަކު ނަމަ އެ މަނިކުފާނުގެ ފޮޓޯފުޅު ދައްކާލީމާ ރައްޔިތުންގެ 54 އިންސައްތަ ކެވި އަރައިގެން ގޮސް ޑރ. މުހަންމަދު މުއިއްޒު ރާއްޖޭގެ ރައީސް ކަމަށް ގެންނާކަށް ވޯޓެއް ނާޅާނެއެވެ.

    ރާއްޖެ ހިނގާނީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށެވެ. ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީނެވެ. ހުވާ ކުރެއްވުމަށް ފަހު އެނޫން ކަމެއް ކުރައްވާކަށް ރައީސް މުއިއްޒަކަށް ނެތެވެ.

    ]]>
    Tue, 31 Oct 2023 14:53:02 +0500 ހީރަސްނިއުސް
    އަންނި އުސްގޮނޑިން ތިރިގޮނޑިއަށް https://heerasnews.com/1936 https://heerasnews.com/1936 ރައްޔިތުންގެ މަޖިލީހަކީ ނަޝީދު ކައްކާ ގަރުދިޔަ ތެލީން ގަރު ނަގާއުކަން އޮތް ކެނެރީގޭ ބަދިގެ ފުއްޑަނެއް ނޫނޭ ބުނެވުނު ހަނދާން ވެއެވެ. މަޖިލީހުގެ ކޮމެޓީ ތަކަކީ ނަޝީދު ބޭނުންހާ ގޮތަކަށް ދިލަޖައްސަން އޮތް ދުމައްޓެއް ވެސް ނޫނޭ ބުނީމު ނޫން ހެއްޔެވެ. މަޖިލީހުގެ މެންބަރުންނަކީ ކެރެފާ އޮޑިންބޭ ރާނގޮޑި ތަކެއް ނޫންކަން ވެސް ހަނދާން ކޮށްދިނީމެވެ. އުސްގޮނޑިއަކަށް ބަޔަކު މީހުން ވެގެން އެރުވިހެން އެމީހުންނަށް ތިރި ގޮނޑިއަށް ވެސް ބޭލޭނެ ވާހަކަ ނުބުނަން ހެއްޔެވެ. ދާއިރާތަކުގެ ރައްޔިތުންނާއި އެމީހުންގެ ގިނަ މެންބަރުން ތިބީކީ ނަޝީދު ލައްވާހާ ކޮރަކީ ރީތި ނެށުމެއް ކަމަށް ބަލައިގަންނަ ގޮތަކަށް ނޫނޭވެސް ބުނީމު ނޫން ހެއްޔެވެ. 

    ބަންޑާރަ ނައިބާއި ހާރިޖީ ވަޒީރުގެ އިތުބާރުނެތް ކަމަށް ވޯޓަށް އަހަން ނުކެރިގެން ކުރިން އުޅުނީ ބަރަހަނާ ވާތަން ފެނިދާނެތީއެވެ. އޭރު ލަސްކޮށް ފަސްކުރީ އެ މީހުނަށް ފުރިހަމަ އިތުބާރު އޮތްކަން އެނގޭތީ އެކަމާ މޭކަރައިގެންނެވެ. އޭގެ ފަހުން އޮތީ އީވާ ގިއްގެޅޭ ވޯޓުކަން އެނގޭތީ ލަސްކޮށް ދަންމާލީމު ނޫން ހެއްޔެވެ. އެއްކަމެއް ވިޔަނުދީ މަޖިލިސް ހުއްޓުވައިގެން ފަހުން މިދުވަސް ނާންނާނެ ކަމަށް ހީކުރީ ހެއްޔެވެ. 

    އެމްޑީޕީގެ ރިޔާސަތު ހިސޯރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން ސައްކެޔޮ ގަހަށް މަކުނު އަރާ އިންނަހެން އިނުމުގެ ދުވަސް ހަމަވަމުން ދާތަން ފެންނަން ފެށިތާ ކިތަންމެ ދުވަހެއް ނޫންހެއްޔެވެ. އެކި ފަހަރު އެކި ހަމަ ދައްކައިގެން ގޮނޑިން ނުފައިބާން ލައްކަ ފޮނުއަރުވައިފީމު ނޫން ހެއްޔެވެ. ތިމާގެ ގޮތް ފޮތް ނެތްކަން ކަނު ބީރު މީހާއަށް ވެސް އިހުސާސް ވަންދެން އަމިއްލައަށް ހަސީލަތް ހާމަ ކުރަމުން ތިޔަ ދަނީ ލައިގެން އޮތް ދުލި ދަމައިގަނެވެން ދެންނެކޭ ނުބުނަން ހެއްޔެވެ.

    ބާކުލިވެސް ފޫޅުގަނޑު ބޭރަށް ނިކުތަ ނުދޭން އުނބު ގަނޑަކަށް ނަމަވެސް ވަދެއޮވެއެވެ. ނަޝީދަށް އެވަރުވެސް ނުވެ އަމިލައަށް ތިމާގެ އަސްލު ސޫރަ އެހުރެގެން ދަނީ ހާމަކޮށް ދެމުންނެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުުމުގެ މަސައްކަތް ނުނިމޭ ކަމުގެ ބަހަނާގައި މައްސަލަތައް އެޖެންޑާ ނުކޮށް މަޖިލީހުގައި މަރުތަޅު އަޅުވާ މަޖިލީހުގެ ރިޔާސަތު ރޭޕްކުރީމު ނޫން ހެއްޔެވެ. ކޮމެޓީތައް އެކުލަވާ ނުލާ ސީދި އޮޑިއަށް ސައިތާނު އަރާ އިންހެން އިނީ މިދުވަސް ނާންނާނެ ކަމަށް ހިތައެވެ. ދޮގުވެރި މީދާތައް ކާލިގަނޑު ކޮށާލަން އުޅޭ ވަރަކަށް ސޮހެނީ އަރާހުރި ހަރޭ ބުނި ހަނދާނެއް ނެތްދޯއެވެ. ކުލަ ބަދަލު ކޮށްގެން ނިކުމެ ދި މޮކް ރެޓްސް ޖެހޭނީ އަނގަ އޮރިކުރަން ފަތޭރި ވަކަރު މަތީ ދުވެދުވެ ތިބޭންކަން ނޭނގޭތީ ދެރައެވެ.

    އެމްޑީޕީ އަނބުރާ ހޯދަން ނިކުތް ދަތުރުގައި އެތައްހާސް މެންބަރުންގެ ގައިގާ ކޮޅުފައިން ޖަހާ 109 ހާސް މީހުން މަގުމަތިކޮށްލާފާ އުސްގޮނޑީގައި އިނދެވި ދާނެއޭ ހީވަނީ ހެއްޔެވެ. އުސްގޮނޑިން އަނގަވަތަށް ތިރިގޮނޑިއަށް ގުޅަޔަކަށް ޖެހޭތަން ފެންނާކަށް ދެން މާކަ ގިނަ ދުވަހެއް ނެތެވެ. އެމްޑީޕީއަށްވެސް މަޖިލީހަށްވެސް މިހާރު ބޭނުންވަނީ ނަޝީދު ނޫން ގޮތެކެވެ. އެމްޑީޕީގެ ޗޮއިސްއަކީ އަދިވެސް އިބޫއެވެ. އަންނިއެއް ނޫނެވެ. އެކަން މަޖިލީހުން ދައްކާލާނެއެވެ. އަންނި ސައިޒް ވާނީ އިބޫގެ ވެރިކަމުގައެވެ.

    ]]>
    Sun, 22 Oct 2023 16:03:35 +0500 ހީރަސްނިއުސް
    ބޭހެއްނެތް& ހޮސްޕިޓަލްތައް ހުއްޓެނީ& ބޭސް އެތެރެނުކުރޭ: މުއިއްޒު https://heerasnews.com/1934 https://heerasnews.com/1934 ޓްރާންސިޝަން މަރުހަލާގައި ކޮމެޓީތައް ހަދައިގެން ސަރުކާރުގެ އޮފީސް ތަކަށް ޓީމުތައް ދަނީ ސަރުކާރުގެ ހިނގުން ހުއްޓުނަނުދީ އޮތް ހިސާބުން ކުރިއަށް ދިޔުމަށް ތައްޔާރުވުމަށެވެ. ނިމެމުންދާ ސަރުކާރުގެ ކުށްހޯދާ ކުށް ދައްކާ ފަލީހަތް ކުރާކަށް ނޫނެވެ. ކުށްވެރިކޮށް ފިޔަވަޅު އަޅާކަށް ވެސް ނޫނެވެ. ސަރުކާރުން ކުރަމުން އަންނަ ކަންކަން ހުއްޓުވަން އަމުރު ނެރޭކަށްވެސް ނޫނެވެ. 

    ހިނގަމުންދާ ސަރުކާރު ހިންގުމުގައި ހުރި ބަލިފައިތައް ދެނެގަނެ އައު ސަރުކާރު ހިންގުން ތަރުތީބު ކުރުމަށް ދެވޭ އިންތިގާލީ މަރުހަލާގެ ބޭނުން ކުރަން ވާނީ ފިތުނަ އުފައްދާކަށް ނޫނެވެ. ގޯސްކޮށް ހުރި ކަންކަން ދެނެގަނެ އެކަންކަން ރަގަޅުކޮށްގެން ސަރުކާރު ހިންގުމަށްޓަކާ އެ މަރުހަލާގައި އައު ސަރުކާރުން ޖެހެނީ ތައްޔާރުވާށެވެ. ހިނގަމުންދާ ސަރުކާރުގެ ގާނޫނީ ސައްހަކަން އޮންނަ އެންމެ ފަހު ވަގުތާ ޖެހެންދެން ޖެހޭނީ ކެތްތެރިވާށެވެ. 

    އިންތިހާބީ ރައީސްގެ އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހެއް ނޫނެވެ. ހިނގަމުން ދާ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ ހިނގާފައި އޮތްނަމަ އެކަމަކަށް ފިޔަވަޅު އަޅަން ޖެހެނީ އައު ރައީސް ގާނޫނީ ހުވާ ކުރުމަށް ފަހުގައެވެ. ސަރުކާރު ހިންގަން ޖެހޭ ގޮތުގެ އަމުރުތައް ނެރޭނީވެސް ވެރިކަމާ ހަވާލުވުމަށް ފަހުގައެވެ.

    ތަނެއް ދޮރެއް ނުބަލާ އިންތިހާބީ ރައީސްގެ އޮފީހަށް މައުލޫމާތެއް ލިބޭ އިރަށް ކަމުގެ ދެކޮޅު ނުބަލާ ޕްރެސްއަށް އަރާ ވާހަކަ ދައްކައިގަތަކަސް ކަމަކު ނުދާނެއެވެ. ވެރިކަމާ ހަވާލު ނުވެވެނީސް ވެސް އެކަމުން ގެއްލެނީ ބަހުގެ އިތުބާރެވެ. މިވީ ކުޑަ ދުވަސްކޮޅު ތެރޭގައިވެސް އެކަހަލަ ކިތަންމެ ކަމެއް ތިލަވެއްޖެއެވެ.

    އިންތިގާލީ ކޮމެޓީއަކުން ގެނައި މައުލޫމަތާކާ ގުޅިގެން އިންތިހާބީ ރައީސްގެ އޮފީހުން އެގޮތަށް ދެއްކި އެއް ވާހަކައަކީ ރާއްޖޭން ބޭސް ހުސްވާ ވާހަކައެވެ. ބޭސް ނެތިގެން ހޮސްޕީޓަލްތައް ހުއްޓުމަކަށް ދާހިސާބުގައި އޮތް ވާހަކައެވެ. އެވާހަކަ ދެއްކިތާ ދެތިން ދުވަސް ފަހުން އިވުނީ ރާއްޖެއަށް ބޭސް އެތެރެކުރުމާބެހޭ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިނުކުރާން އިންތިހާބީ ރައީސް އެދުނު ވާހަކައެވެ. 

    ސަރުކާރު ހިއްސާވާ އެސްޓީއޯގެ މަސްއޫލިއްޔަތުގެ ތެރޭގައި ބޭހާ ކާޑާ ތެލާ ހުސްނުކޮށް ބެހެއްޓުމަށް ކަނޑައެޅިފައި އޮވެއެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް އެސްޓީއޯއިން އެކަން ކުރުމަށް ރޭވިފައި އޮތް ގޮތަށް ތަރުތީބުން އެކަން ކުރަމުން ދާނެއެވެ. ބޭސް އެތެރެކުރުމަށް އެގްރިމެންޓް ކުރެވިފައި ހުންނަ ފަރާތްތަކާއެކު ވެވޭ އެއް ބަސްވުމުގެ މުއްދަތު ހަމަވުމުން އެގްރިމަންޓް އައުކުރުމާއި އެހެން އައު ފަރާތް ފަރާތާއެކު އެގްރިމަންޓް ކޮށްގެން ބޭސް އެތެރެ ކުރުމަކީ އެސްޓީއޯއިން މެދުކަނޑާނުލާ ވަކި ތަރުތީބަކުން ކުރަމުން އަންނަ ކަންކަމެވެ. އެކަންކަން އެސްޓީއޯ ފަދަ ދައުލަތުގެ ކުންފުނިތަކުން ކުރަނީ ވެރިކަމުގައި ތިބޭ ބައެއް ބަލައިގެނެއް ނޫނެވެ. 

    އެސްޓީއޯ ހިންގަނީ ވަކި ގަވަރނިންގ ބޯޑަކުންނެވެ. އެ ބޯޑަށް މީހުން އައްޔަނު ކުރަނީ އެކަމަށް ހާއްސަ މުއައްސަސާއަކުންނެވެ. ރައީސްއަކަށް ހުންނަ މީހަކަށް އޮންނަ ފުރުސަތަކީ ކުންފުނީގެ ގަވަރނިން ބޯޑަށް ސަރުކާރުން އައްޔަނު ކުރަން ބޭނުންވާ ބަޔަކީ ކޮންބައެއް ކަމާމެދު ޕީސީބީއަށް ލަފާދިނުމެވެ. ކުންފުނި ހިންގަނީ ގަވަރނިންގ ބޯޑުން ކަނޑައަޅާ ގޮތަކަށެވެ. ވެރިކަމެއް ލިބެން އުޅުނަކަސް ކޮންމެ ކަމަކަށް ދަނޑި ދިގު އުނދުޅި ހެދިގެން ކަމަކު ނުދާނެއެވެ.  

    ]]>
    Sat, 21 Oct 2023 17:03:22 +0500 ހީރަސްނިއުސް
    ހިސޯރުވެފާހުރި އިންތިހާބީ ރައީސަށް އުދަނގޫ ފަށެއްވާނެ https://heerasnews.com/1872 https://heerasnews.com/1872 ފާޓުފުޅާ ބޮޑެތި ނަންނަމުގެ އަހުލުވެރިން ހިސޯރުކޮށްފާ ހުރި އިންތިހާބީ ރައީސަކަށް އުދަނގޫ ފަށެއް ވާނެއެވެ. ސަރުކާރު އެކުލަވާލުމުގައި މަށަށް މަށަށް ގޮވާ އެންމެންނަށް އެމީހުން ހިތްފުރޭވަރު ކޮށްނުދެވިގެން ބޮޑާ ހަދާ އިދިކީލިވާ މީހުން ގަނޑު ބޮލު ރޮދިކެނޑިގެން އެނބުރި ގަންނަ މަންޒަރު ހިތަށް ވަދެއެވެ. މީހަކަށް ދޫކުރާނެ މީހަކު ނެތެވެ.

    ޑރ. ޖަމީލަކީ ސަރުކާރު ހިންގުމަށް އެންމެ ބޮޑަށް ބަސްކިޔަން ބޭނުންވާނެ އެކެކެވެ. ޑރ. ޖަމީލުގެ ހިޔަނީގައި މަލީހަށް ވަޒީރުކަމެއް ހޯދާ ދެވޭތޯ ވެސް ޖަމީލު ލައްކަ މަސައްކަތް ކުރާނެއެވެ. މި ދެމީހުންނަށް ސަރުކާރުގެ ތެރޭން ބާރުވެރިކަން ޑރ. މުއިއްޒު ނުދީފިނަމަ ހަތަރެސްކަން ހަމަ ކޮށްލާނެއެވެ. 

    ޑރ. ޝަހީމަކީ އަނެއް ތަރިއެވެ. ޝަހީމަށް ބާރުހުރި ވުޒާރާއެއް ނުދީ ފަރަކު ނުޖެހޭނެއެވެ. ޝަހީމާއެކު ޝަހީމް ބޭނުންވާ ބަޔަކު ސަރުކާރުގެ ތެރޭގައި ރުކުރުވާ ނުލާ މުއިއްޒު ހުއްޓަކަ ނުދޭނެއެވެ.

    ޑރ. މުނައްވަރަށް ބޭނުން ވާނީ ރައީސުލްޖުމްހޫރިއްޔާ ސައިޒުގެ މަގާމެކެވެ. އުއްތަމަ ފަނޑިޔާރުކަމަށް ވުރެ ކުޑަ ކަމެއް އޭނާ ބޭނުމެއް ނުވާނެއެވެ. ނަސީބަކުން އޭނާގެ ހިޔަނިން އެހެން މީހަކަށް މަގާމެއް ހޯދާދޭކަށް ނޫޅޭނެއެވެ. 

    ކާނަލް ނާޒިމަށް ބޭނުންވާނީ ވަރަށް ބޮޑު ޕޯޝަނެކެވެ. އެތައް ބަޔަކަށް އޭނާގެ ހިޔަނިން މަގާމްތައް ހޯދާދޭން ފައިވިދޭނެއެވެ. އަމްދުން ނާޒިމަށް ޑިފެންސް މިނިސްޓަރުކަން ނުދިއެއް ނުވާނެއެވެ. 

    ދުނިޔާ މައުމޫނު އެހުރީ ހިހޫތަނަށް އަރައެވެ. ފޮރިން މިނިސްޓަރުކަން ނޫން ކަމެއް އެކަމަނާ ހިތްހަމަ ޖެހިގެން ގަބޫލުކުރަން ދަތިވާނެއެވެ. މިކަމަނާއަކީވެސް މުއިއްޒަށް ވާނީ ބޮލު ރިހުމަކަށެވެ.

    އާޒިމާ ޝުކޫރު އަދި އެބަހުއްޓެވެ. މުޅި ސަރުކާރުގެ ގާނޫނީ މޭސްތިރިކަން އެކަމަނާއަށް ނުދިއެއް ނުވާނެއެވެ. ޗާގޯސް ހޯދޭނީވެސް އޭރަށްތާއެވެ. 

    ޑރ. އިރުތިޝާމް ޢާދަމްވެސް އެބަހުއްޓެވެ. ކުރީގެ ނައިބު ރައީސް ޖިހާދު ވެސް ބާކީކޮށެއް ނުލެވޭނެއެވެ. މުހުތާޒް މުހުސިނާއި ޑރ. ގުބާދު ވެސް ހުރީއެވެ. އިގްބާލް އާދަމާއި އަލީ އާރިފާ ނިހާނު ހަސަން މަނިކު މެން ދޫކޮށެއް ނުލެވޭނެއެވެ. 

    އިސްވެ ބުނެވިދިޔަ ކަހަލަ އެތައް ބަޔަކު މުއިއްޒު ވަށާލާފައި އެބަތިއްބެވެ. އެކި ސަރުކާރުގައި އެކިއެކި ބާރުހުރި މަގާމްތައް އަދާކޮށް ފެއިލްވެފައި ތިބި ނަމުން ބޮޑު ކަމެއް ނުވި ސިޔާސީ ބޯވައިގެ އައިން އައިނެވެ. މުއިއްޒަށް މިބައިގަޑު އޮބެހެއްޓުމަކީ ކުޑަ ގޮންޖެހުމަކަށް ނުވާނެއެވެ. 

    ދެގޮތެއް ނުވެ ޕީޕީއެމްގައި ތިބި އިސް ލީޑަރޝިޕާއި އިސް ހަރަކާތް ތެރިންނާއި ގައިވީދި ސަޕޯޓަރުންނަށް ގޮތް ހޯދާދިނުމަކީވެސް މުއިއްޒަށް ކޮންމެހެން ކުރަން މަޖުބޫރު ވާނެކަމެކެވެ. އެކަން ނުކޮށް އެމީހުން މަގުމަތިވާން ދޫކޮށެއް ނުލެވޭނެއެވެ. 

    ބުނެވި ދިޔަ އެންމެންނަށް ވުރެ މުހިންމު ބާރުގަދަ އެހެން ދެވިންގަކަށް ބާރުވެރިކަން ނުދީ މުއިއްޒަށް ހަމަނޭވާ ނުލެވޭނެއެވެ. ސަލަފާއި މާލޭގެ ލީޑިންގ ގްރޫޕްތަކެވެ. ހަރުކަށި ފިކުރުގެ މީހުންނެކޭ ޑްރަގް ކާޓްލް ތަކެކޭ ގޭންގްތަކެކޭ ބުނާކަށް ނެތީމެވެ.  

    ]]>
    Sun, 01 Oct 2023 13:05:25 +0500 ހީރަސްނިއުސް
    އިރުތިޝާމަށް: ވެރިކަން ހޯދަންއުޅެނީ ހަނގުރާމަ އިއުލާނުކުރަމުން https://heerasnews.com/1854 https://heerasnews.com/1854 މާބޮޑަށް އެނގިގަނެގެން ނޫޅެށެވެ. ގެއްލުނު ވަޒީރު ކަމުގެ މަސްތުގައި ފެންމައްޗަށް އަރައިގެން އުޅޭނެ ކަމެއް ނެތެވެ. ޔާމީނުގެ ވެރިކަން ނިމި ވަޒީރުކަން ގެއްލުމުން ގާސިމު ކައިރިއަށް ވަދެ ގާސިމުގެ ސިޔާސީ ހަޔާތް ފުނޑާލާފައި މުއިއްޒުގެ ވަޒީރުކަމަކަށް ފައިނަގައިގެން އަނގަ ދިޔާކުރަން ފެށީހެއްޔެވެ. 

    ޔާމީނު ބުނެގެން ގާސިމުކައިރިއަށް ގޮސް ބޮޑު މުސާރަކައިގެން ނެތް މޮޅު ހޯދައިގެން ވަގު ކުކުޅުކާ ބުޅަލަކަށް ވެގެން ޖުމްހޫރީގައި ވައްވައްޖެހީ މި ދުވަސް ހޯދަންކަން ނޭނގޭ މީހަކު ނޫޅެއެވެ. ސިޔާސީ ގޮތުން ގާސިމް ފުޑާލުމަށް ޔާމީނު ހަވާލުކުރި ޓާސްކް ނިމިއްޖެ ދޯއެވެ. ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީން ހިމާޔަތް ހޯދައިގެން ވަޒީރުކަމުގައި ކުރި ވައްކަމާ ހިޔާނާތުގެ ތުހުމަތުން ބަރީއަވެ ފަސް އަހަރު ވަންދެން ގާސިމު އަތުން މިލިއަނުން ފައިސާ ދަމައިގަނެގެން ފަސް އަހަރުގެ ގެއްލުން ފޫބައްދާ ލެވިއްޖެ ނޫން ހެއްޔެވެ. މިހާރު ހުވަފެން ބަލަމުން ތިޔަ ކުރާކަމަކީ މުއިއްޒު ވެރިކަމަށް ގެނެސްގެން ވަޒީރުކަމެއް ލިބޭތޯ ހުރި މީހެއްކަން އެންގުމުގެ މަސައްކަތްކަން އެނގެއެވެ.

    ޓްވިޓަރގައި ރާގު ރާގަށް މުއިއްޒު ދިފާއުކޮށް މީހުންނާ ވިއްދާލައިގެން އިރުތިޝާމް އުޅޭ ބޭނުން ނޭނގިގެން އުޅެނީ ކާކަށް ހެއްޔެވެ. އަސްކަރީ ގޮތުން ބްރެގޭޑިއަރ ދީދީ މެންނަށް ރައްދު ދޭން ހަޔާތް ގަނެ ބަލާށެވެ. ރައްޔިތުންގެ ސަލާމަތާއި ހައްގު ރައްކާތެރި ކުރުމުގެ ގައުމީ ވާޖިބު ހަނދާން ނެތިގެން އުޅެނީ ބްރެގޭޑިއަރ އިބްރާހީމް ދީދީއަކަށް ނޫނެވެ. އޮޅި ހަނދާންނެތިގެން އުޅެނީ ޑރ. މުއިއްޒަށާއި އިރުތިޝާމަށެވެ. އަދި ސިޔާސީ ބޭނުމުގައި އިންޑިއާ އައުޓް ގޮވާ ބައި ގަނޑަށެވެ. 

    އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ވެގެން ވެރިކަމުގެ ދަހިވެތި ކަމުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ގުރުބާން ކުރަން ހީލަތްތެރި ވާހަކަ ދައްކާ ރައްޔިތުންގެ ބޯދޮއްވަން ނުހަދާށެވެ. އާރާ ބާރުގެ ގޮތުން ދުނިޔޭގެ ބޮޑު ބާރަކާ ޖެހި ނުގަނެ ރައްޔިތުންގެ ވޯޓު ހޯދަން ނޭނގިގެން ގައުމު ނުރައްކަލަށް ވައްޓާނުލާށެވެ. އިބްރާހީމް ދީދީ އެ ވިދާޅުވަނީ ހައްގު ތެދެވެ. ޑރ. މުއިއްޒު ކުރައްވަން އުޅުއްވާ ކަމަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ނުރައްކަލުގެ ތެރެއަށް ވައްޓާލައްވާ، މިޤައުމާއި ޤައުމު ހިމެނޭ ސަރަހައްދު ހަމަނުޖެހުމަށް ވައްޓާލުމެވެ. 

    ދޭދޭ ގައުމުގެ މެދުގައި އުފެދި ކުރިއަށްދާ ބައިނަލްއަގުވަމީ ގުޅުމުގެ ތެރެއިން އެއްގައުމު އަނެއް ގައުމަށް އެހީތެރިވެ ދިނުމާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ މިއަދުގެ ބަވަނަވެތި ދުނިޔޭގައި އަމަލު ކުރެވޭ ގޮތްކަން ކަނޑައެޅިގެން އެނގިތިބެ ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ހޯދުމަށް ރައްޔިތުންގެ ވޯޓް ބޭނުން ވެގެން ގައުމީ ސަލާމަތައް ނުރައްކާތެރި ކެންޕޭން ކުރާނެ ކަމެއްނެތެވެ. 

    ރާއްޖޭގައި އިންޑިއާ ސިފައިން ގެނެސް ބައިތިއްބައިގެން އުޅުނީ މުއިއްޒާއި އިރުތިޝާމް ވަޒީރުކަންކުރި ޔާމީނު ސަރުކާރުންނެވެ. ހެލިކޮޕްޓަރާއި ޑޯނިއަަރ ބޯޓްގެ އޮޕަރޭޝަނަށާއި ސެނެހިޔާ ހޮސްޕިޓަލްގެ ރޫޓިން ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ގޮތުގައި އިންޑިޔާ އަޝްކަރިއްޔާގެ އެހީތެރިކަން ހޯދީވެސް ތިޔަ ބައިގަނޑެވެ.

    އުތުރު ތިލަފަޅުގައި ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ހަދާ ޑޮކްޔާޑް ހަދާދެނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައެވެ. ތަނަކީ ދިވެހި އަސްކަރިއްޔާގެ އަސްކަރީ ބޭނުމަށް ގާއިމުކުރެވޭ ތަނެއް ކަމުން އެތަން ބިނާކުރުމުގައި ބޭނުންވާ އެހީތެރިކަން ދިނުމުގައި އިންޑިއާގެ އަޝްކަރިއްޔާގެ މަދަދާ އެހީތެރިކަން ލިބެއެވެ.

    ބުނެވި ދިޔަ ޒާތުގެ ކަންކަމަކީ އިންޑިއާ ސިފައިން މި ރާއްޖޭގައި ގާއިމުވެ ތިބުން ކަމަށް ސިފަކޮށްގެން ރައްޔިތުން ކައްކުވާ ދެ ގައުމުގެ ގުޅުން ގޯސްވާ ހިސާބަށް ސިޔާސީ ގޭސް އަނބުރަނީ ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ ބޭނުމުގައެވެ. ރައްޔިތުން ރުޅިއަރުވާ ގާނޫނީ ސަރުކާރާމެދު ރައްޔިތުން ނަފުރަތު ކުރުވާށެވެ. ރައްޔިތުންގެ ތާއީދު ހޯދާނެ އެހެން ގޮތެއް ނެތިގެންނެވެ.

    ހަމަތެދެކެވެ. ޑރ. މުއިއްޒު ވެރިކަމަށް އަންނަން މަސައްކަތް ކުރަނީ އިންޑިއާ އާއި ހަނގުރާމަ އިއުލާނު ކުރަމުންނެވެ. މުއިއްޒު ޖަހަމުން އެގެންދަނީ ހަނގުރާމައިގެ ޑަނޑޫރާއެވެ.   

    ]]>
    Fri, 22 Sep 2023 11:56:34 +0500 ހީރަސްނިއުސް
    ޝިޔާމަށް: ދާއިރާގެ %67.5 ތާއީދު ނެތީމަ ގެއަށް ކަނޑާލާ https://heerasnews.com/1848 https://heerasnews.com/1848 9 ސެޕްޓެމްބަރ ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް އެދުވަހު ވޯޓްލީ މީހުންގެ 38 ޕަސެންޓް ލިބިވަޑައި ގަތުމުން ރައީސް ސޯލިހު އެއްފަރާތްވެ ވަޑައިގަތުމަށް ނައިފަރު ދާއިރާގެ މެންބަރުން އަހުމަދު ސިޔާމް މިއަދު މަޖިލީހުގައި ވިދާޅުވީމާ އަންނަނީ ހިންޏެވެ. މާތްކަލާކޯ ސިޔާމޫއެވެ. އެއްފަރާތް ވާންވީ ރައިސް ސޯލިހެއް ނޫނެވެ. އެއްފަރާތް ވާންވީ ސިޔާމެވެ.

    ރައީސް ސޯލިހަށް ނިސްބަތް ކުރައްވާ ސިޔާމު ހަޖޫ ޖައްސަވާއިރު ނައިފަރު ދާއިރާގެ ގޮނޑިއަށް ޝިޔާމު އިންތިހާބުވެ ވަޑައިގެން ހުންނެވި ހާލަތު އަމިއްލަފުޅަށް އެނގިވަޑައެއް ނުގަތެވެ. ނައިފަރު ދާއިރާގެ ގިނަ މީހުން ޝިޔާމާ ދެކޮޅެވެ. ޝިޔާމަކަށް ތާއީދެއް ނުކުރެއެވެ. ޝިޔާމު ނައިފަރު ދާއިރާގެ ގޮނޑިއަށް ސަވާރުވެ ވަޑައިގެން ތިޔަ ހުންނަވަނީ އެ އިންތިހާބުގައި ވޯޓުދިން ދާއިރާ ރައްޔިތުންގެ ފަންސާސް ޕަސެންޓް ލިބި ވަޑައިގެނެއް ނޫނެވެ. 

    2019 ވަނައަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނައިފަރު ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 3875 މީހުން ތިއްބެވެ. އޭގެ ތެރެއިން އިންތިހާބުގާ ވޯޓު ދިނީ 3057 މީހުންނެވެ. އެއީ އެލިޖަބްލް ވޯޓަރސްގެ 82.82 ޕަސެންޓެވެ. 

    ނައިފަރު ދާއިރާއަށް އެ އިންތިހާބުގައި ވޯޓުދިން 3057 މީހުންގެ ތެރެއިން 1798 މީހުން ޝިޔާމަކަށް ވޯޓެއް ނުދެއެވެ. މުޅި ދާއިރާގެ ވޯޓު ހައްގު 3875 މީހުންގެ ތެރެއިން 2616 މީހުން ޝިޔާމް މެންބަރު ކަމަށް އަންނާކަށް ތާއީދެއް ނުކުރެއެވެ. ޝިޔާމަށް އެ އިންތިހާބުގައި ވޯޓު ދިނީ އެންމެ 1259 މީހުންނެވެ. އެއީ ދާއިރާގެ 32.5 ޕަސެންޓެވެ. ވޯޓުލާން ނިކުތް މީހުންގެ 41.18 ޕަސެންޓެވެ. 

    ތިމާ ތަމްސީލު ކުރާ ދާއިރާގެ ފަންސާސް އިންސައްތަ މީހުންގެ ތާއީދު ނެތި ގޮނޑިއަކަށް ސަވާރުވެ އިންނަވާ ދެވަނަ ބުރުގައި ކާމިޔާބު ކުރެއްވުމުގެ ފުރުސަތު އޮތް ރައީސް ސޯލިހަށް ފުރައްސާރަ ކުރެއްވިޔަސް މީހަކަށް ޑަރުވެސް ހީނުވާނެއެވެ. އެއްފަރާތް ވުމުގެ ވާހަކަ ދައްކަވަން ވާނީ އަމިއްލަފުޅު ހާލު އެނގިވަޑައިގެން ހުންނަވައެވެ.

    2019ގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދާއިރާއިން ވޯޓުލީ މީހުންގެ 50 ޕަސެންޓް ލިބިފައި ވަނީ 42 މެންބަރުންނަށެވެ. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ފެލިދޫ ދާއރާގެ މެންބަރ އިބްރާހީމް ފަޒްލް ރަޝީދަށް ނޫނީ ދާއިރާގެ 50 ފަސެންޓް ހޯއްދެވުނު މެންބަރަކު ޕީޕީއެމް-ޕީއެންސީ އަށް ނިސްބަތްވާ މެންބަރުން ތަކުގެ ތެރެއަކު ނެތެވެ. ނައިފަރު ދާއިރާގެ މެންބަރު ޝިޔާމާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެންބަރ އާދަމް ޝަރީފުމެން ރައްޔިތުންގެ ތާއީދުގެ ވާހަކަ ދައްކަވާކަށް ރީއްޗެއް ނޫނެވެ.

    ]]>
    Tue, 19 Sep 2023 16:15:18 +0500 ހީރަސްނިއުސް
    ގޯތި ކަށަވަރުކުރުމަށް ވެރިކަން ބަދަލުކުރުމަކީ ރިސްކެއް https://heerasnews.com/1776 https://heerasnews.com/1776 މާލޭގެ ރައްޔިތުންނަށް ރައީސް ސޯލިހު ސަރުކާރުން ދީފައި ހުރި ގޯތިތައް ފެނުން މައްޗަށް ނަގައިދީ ފްލެޓުތައް އަޅައި ދެއްވާން މުއިއްޒު އުޅުއްވާނެ ކަމެއް ނެތެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ނިންމާ ގޯތި ކަނޑާ ދެއްވާނީ ރައީސް ސޯލިހެވެ. އެ ތަންތާ އިމަރާތް ކުރެވޭނެ ގޮތް ހައްދަވާ ދެއްވާނީވެސް ރައީސް ސޯލިހެވެ. މުއިއްޒު އެކަމަކާ އުޅުއްވާނެ ކަމެއް ނެތެވެ. 

    މާލޭގެ ރައްޔިތުންނަށް ގޯއްޗަކީ ބޭނުންވެފައިވާ ތަނެއްކަން އެނގުނީ މި ސަރުކާރަށެވެ. މި ސަރުކާރުން ގޯތި ދޭނެ ބިން ކަނޑައަޅާ ގޯތި ދޭން ނިންމީ މި ސަރުކާރަށް އެކަން ވާނެތީއެވެ. މާލޭ ރައްޔިތުން ބޮލަށް ޗިޕްޖަހަން ގޯތީގެ ވާހަކަ މުއިއްޒު ނުދައްކަވާށެވެ. މުއިއްޒު ރާއްޖޭގެ ހައުސިން މިނިސްޓަރުކަން މެދުނުކެނޑި 7 އަހަރު ކުރެއްވީމު ނޫން ހެއްޔެވެ. އެމްޑީޕީގެ ކުރީގެ ސަރުކާރުން ގުޅިފަޅުން ބިން ދިން މީހުނަށް ދިން ގޯތިތަކަށް މުއިއްޒު މެންނަކަށް ގޮތެއް ހޯއްދަވައެއް ނުދެއްވުނެވެ. ފުށިދިއްގަރު ފަޅުން ގޯތީގެ ލިޔުން ދިން ފަރާތް ތަކަށް މުއިއްޒުމެން ސަރުކާރުގައި ތިބެ ގޮތެއް ނުދެއްކުނެވެ. 

    މަލޭގެ ރައްޔިތުންނަށް ގޯތި ގެދޮރު ހޯދާ ދޭން ރައީސް ސޯލިހު ފައްޓަވާފައިވާ ގައުމީ މަސައްކަތް މުއިއްޒުމެން ވެރިކަމަށް އައިސް ހުއްޓުވާ ފަސްކޮށް ލަސްކުރާކަށް ފުރުސަތު ދެވޭކަށް ނެތެވެ. މާލޭ ރައްޔިތުން ތިބީ ރައީސް ސޯލިހަށް ދެވަނަ ދައުރު ދީގެން ވެސް އެ މީހުންގެ ގޯތި ކަށަވަރު ކުރާށެވެ. އެހެން ބަޔަކު ވެރިކަމަށް ގެނެސްގެން ބަދަލުތަކެއް ގެނެސް އެގޮތް މިގޮތްވެ ގޯތިގެ ކަންކަން ފަސްވާކަށް މަލޭ މީހުން ބޭނުމެއް ނޫނެވެ. އައު ބަޔަކު ވެރިކަމަށް ގެނެސްގެން އަލުން ބަލުން ކަންކަން ދަސްކޮށްގެން އޮޅުން ބޮޅުން އަރައިގެން އުޅޭތަން ދެކޭކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ. އެ ފުރުސަތު ދޭކަށް މާލޭ މީހުން މިހާރު ބޭނުމެއް ނޫނެވެ. 

    މަލޭގެ ގޯތި ގެދޮރުގެ ކަންކަމުގައި ރައްޔިތުން މުއިއްޒަށް އިތުބާރު ކުރަން ޖެހޭ ސަބަބެއް ނެތެވެ. މުއިއްޒަކީ އަމިއްލަ ފައިމަތީގައި ހުރި ރިޔާސީ ކެންޑިޑޭޓެއް ނޫނެވެ. މުއިއްޒުގެ ސަރުކާރެއްގައި ހިނގާނީ މުއިއްޒުގެ ސިޔާސަތެއް ނޫނެވެ. އެހެން ކަމުން މުއިއްޒުގެ ވެރިކަމެއްގައި ކުރެވޭނެ ކަންކަމާ ނުކުރެވޭނެ ކަންކަމަކީ ކޮބައިކަން ހޮދު މުއިއްޒަށް ވެސް ނޭނގޭނެއެވެ. މިހެން މިކަން އޮތް އިރު މި ސަރުކާރުން ދޫކުރާ ގޯތިތަކެއް ފެނުން މައްޗަަށް ނަގާނެ ގޮތް މުއިއްޒަށް އެނގޭނީ ކޮންހެނެއް ހެއްޔެވެ. މުއިއްޒު ބޭނުންވިޔަސް ޔާމީނު ބޭނުން ނުވަންޏާ އެކަމެއް ޖެހޭނީ ހުއްޓާލާށެވެ.

    ރައީސް ސޯލިހު ސަރުކާރުން ކުރިކަމަކަށް ވެގެން އެކަން އެގޮތަށް ނުކުރުމަށް ޔާމީނު ނިންމަވައިފިއްޔާ މުއިއްޒަށް އެކަމެއް ނުވާނެއެވެ. ސަރުކާރު ބަދަލުކޮށްގެން މަލޭގެ ގޯތީގެ މައްސަލަ ހުއްޓުމަކަށް އަތުވެދާނެ ހާލަތަކަށް ގެންދާކަށް މާލޭ މީހުން ބޭނުމެއް ނޫނެވެ. މި ސަރުކާރުން ކެހި ކަނޑުލުގެ ހިތި ފިލުވާ ގޯތީގެ އުފާވެރިކަން މާލޭ މީހުނަށް ހޯދުމަށް ވެރިކަން ބަދަލު ކުރުމުގެ ރިސްކެއް ނަގާކަށް މާލޭ މީހުން ނޫޅެއެވެ. ނެތް ބިމުން ގޯތިދެނީ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން އުޅުނަސް ނެތް ބިން ރަން ބިމަށް ހަދަން މި ސަރުކާރަށް އެނގޭކަން މާލޭ މީހުން ގަބޫލުކޮށްފިއެވެ.

    މީހެއްގެ ޕްރޮކްސީގައި މީހަކަށް ވެރިކަން ކޮށްދޭން ނިކުމެގެން އުޅޭ މުއިއްޒަށް ވެރިކަން ލިބުނަސް ހުންނާނީ އަތް ބަނދެވި ހިލިހިލާ ޖެހިގެންނެވެ. ދިވެހި ރައްޔިތުންގެ ވެރިކަމަށް ގޮނޑިކޮއްކޮ އަކު ގެނެސްގެން ރައްޔިތުން ބިކަވުން ނޫން ކަމެއް ނުވާނެކަން މާލޭގެ ރައްޔިތުންނަށް އެނގެއެވެ.

    ]]>
    Sat, 26 Aug 2023 12:11:32 +0500 ހީރަސްނިއުސް
    ޕީޕީއެމްއަށް އެންމެ މޮޅީ އިންތިހާބު ބޮއިކޮޓްކުރުން https://heerasnews.com/1720 https://heerasnews.com/1720 ރައީސް ޔާމީނަށް ވާދަ ނުކުރެވެންޏާ ރައީސް ޔާމީނު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ޕީޕީއެމް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރުން ކަމަށް މިނޫހުން ވާނީ ރިޕޯޓުކޮށްފައެވެ. 23 ޖޫން 2023 ގައި އެވާހަކަ ގެނެސް ދިނީ ސަބަބެއް ނެތިއެއްނޫނެވެ. ހީވާ ހީވުމެއްގެ މައްޗަކަށް ވެސް ނޫނެވެ. ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދައެއް ނުކުރާނެ! ކަމަށް ބުނީ ފެންނަން ހުރި ހަގީގަތް ތަކެއްގެ މައްޗަށެވެ.

    އެކަން މިހާރު މާބޮޑަށް ވެސް ސާފުވީއެވެ. ޕީއެންސީގެ ރައީސް އަދުރޭ އޭރު އެހިންޓް ދެއްވީ ހަމަ އެއްޗެއް ވިދާޅުވެ ލައްވަން ވެގެނެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ އުޑި އެނބުރެމުން ދާގޮތުން ޕީޕީއެމްގެ ޓީކެޓްގައި ރައީސް ޔާމީނު ނޫން ބޭފުޅަކު ނިކުންނަވައިގެން ވެރިކަން އެ ބޭފުޅަކަށް ހޯއްދެވުނަސް ރައީސް ޔާމީނު މިނިވަންކޮށް ދެއްވުން ނޫން ކަމެއް ނުކުރައްވާނެކަން ރައީސް ޔާމީނަށް ވިސްނި ވަޑައިގަންނަވައެވެ. ވެރިކަމުގެ އާރެއް ބާރެއް އަތްޕުޅުގައި ނޯންނާނެކަން ވިސްނި ވަޑައިގަންނަވައެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދަށް ޖެހިވަޑައިގެން ހާލަށްވުރެ ހާލުގައި ޖެހި ވަޑައިގަންނަވާ ތަން ފެނި ވަޑައިގަންނަވައެވެ. 

    ޕީޕީއެމް އިންތިހާބު ބޮއިކޮޓްކޮށް ރައީސް ސޯލިހަށް ފަސޭހަ ކަމާއެކު ދެވަނަ ދައުރު ދީގެން މިނިވަން ވުމުގެ ފުރުސަތު މާފަހިކަމަށް ގަބޫލު ކުރެއްވެނީތާއެވެ. ރައީސް ސޯލިހު ދެވަނަ ދައުރަށް ހޮވިވަޑައިގަތުމުން ދެން ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ކުރައްވަން ޖެހި ވަޑައިގަންނަވާނެ ކަމެއް ނޯންނާނެކަމާއި ވާދަވެރިކަމުގެ ބޭނުމެއް ނުއޮންނާނެކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވައެވެ. ރައީސް ސޯލިހު ދެވަނަ ދައުރަށް ހޮވި ވަޑައިގަތުމުން ރައީސް ސޯލިހުގެ ސިޔާސީ ޒާތީ ވާދަވެރިންނެއް ނުތިބޭނެއެވެ. ޒާތީ ވާދަވެރިން ނެތުމުން އެއްވެސް މީހަކާ މެދު ސިޔާސީ ގޮތުން ދެކޮޅުވެރި ކަމެއް ބިރެއް ނުއޮންނާނެއެވެ. ވާދަވެރި ހާލަތު ފިލާ ދިޔުމުން ރައީސް ސޯލިހަށް ރައީސް ޔާމީނަކީ އޭރަކުން އެއްވެސް ވަރެއްގެ ތުރެޓަކަށް ނުވާނެއެވެ. 

    އެއާއި ހިލާފަށް ރައީސް ޔާމީނުގެ އަމިއްލަފުޅު ޕާޓީ (ޕީޕީއެމް)ގެ ރައީސުލްޖުމްހުރިއްޔާއެއް ހުންނެވިނަމަ އެބޭފުޅަކަށް ރައީސް ޔާމީނަކީ ތުރެޓަކަށް ވެދާނެކަމުގެ ބިރު އެބަ އޮތެވެ. އެބޭފުޅަކަށް ވެސް ދެވަނަ ދައުރެއް ބޭނުންފުޅު ވާނެތާއެވެ. ނޫނީ ރައީސް ޔާމީނު ބައިވެރި ކުރައްވައިގެން ވެރިކަން ކުރެއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެއެވެ. އެހެންކަމުން ރައީސް ޔާމީނުގެ ވަރަކޮށާ ނުލާ މިނިވަން ކުރުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ.

    އާނއެކެވެ. ރައީސް ޔާމީނު ބޭނުންފުޅު ވާނީ ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރޭށެވެ. އެހެންވެ ޕީޕީއެމްގެ ތެރެއިން ހިކުމަތްތެރި ކަމާއެކު ޑރ. މުއިއްޒު ނެރެލެއްވީ ވަރަށްވެސް ވިސްނުންތެރިކަމާ އެކުގައެވެ. އެންމެ ހައްސާސް ވަގުތުގައެވެ. އެހެން ހެދުމުން ވެވަށް ވެޢްޓުނު ގެރިއަށް ވީހެން މަސްވަރާތައް ކޮޅެއްގައި ނުޖެހެނީސް އިންތިހާބަށް ކުރިމަތި ލުމުގެ ސުންގަޑި ޖެހޭނީއެވެ.

    ގާނޫނީ ގޮތުން ޕީއެންސީއަކީ ވަކި ސަހުސެއް ކަމަށް ވިޔަސް ޕީއެންސީ ޕާޓީއަކަށް ވަނީ ޕީޕީއެމާ އެކުގައެވެ. ޕީޕީއެމް ނެތިއްޔާ ޕީއެންސީއަކީ ބަޔަކު ދަންނަ ތަނެއް ނޫނެވެ. ޕީއެންސީއަކީ ވަކި ޕާޓީއަކަށް މިހާރު ވެގެން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީނު އިންކާރެއް ނުކުރައްވައެވެ. އެކަމަކު ރައީސް ޔާމީނުގެ ރައުޔާ ދެކޮޅަށް ޑރ. މުއިއްޒު ވާދަކުރެއްވިޔަސް ޕީޕީއެމްގެ ރައީސް ޔާމީނުގެ ވަފާތެރިން ހަދާނީ ރައީސް ޔާމީނު ވިދާޅުވާ ގޮތެކެވެ. އެއީ ކިތަންމެ ބޮޑު އަދެއް ނުވަތަ ކުޑަ އަދެއް ކަމުގައިވިޔަސް ހީނުކުރާވަރުގެ އަސަރެއް އިންތިހާބުގެ ނަތީޖާ ހޯދުމުގައި އިދިކޮޅަށް ކުރާނެއެވެ. 

    ޕީޕީއެމްއާއ ވާދަވެރި އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ހަމަޔަކަށް އެޅި ޑެމޭޖް އެ ދަނީ ބާރަށް ރިކަވަރ ވަމުންނެވެ. އެމްޑީޕީގެ ސަޕޯޓް ބޭސް އޮތީ ރަނގަޅަށް ގަނޑުކޮށް ހިފެހެއްޓިފައެވެ. ޕީޕީއެމުން ކެންޑިޑޭޓަކު ނެރުނަސް ނުނެރުނަސް އެމްޑީޕީއަށް ގެއްލުމެއް ނެތެވެ. އެހެން ދިމާލަކުން ނެއްޓިގެން ލައްގާ ކޮންމެ އެއްޗަކީ އެމްޑީޕީއަށް ބެނެފިޓެކެވެ. 

    މިހުރިހާ ކަމަކަށްވުރެ ރައީސް ޔާމީނަށް މުހިންމު ވާނީ މިނިވަންވެ ވަޑައިގެން ނިކުންނަވާއިރު ޕީޕީއެމް އަތްޕުޅުން ބީނުވެ އޮތުމެވެ. ރައީސް ޔާމިނަށް އެކަން ކޮށްދެއްވަން ބޭނުންވާ އެކަކުވެސް ޑރ. މުއިއްޒުގެ ފަހަތްޕުޅަކު ނުހުންނާނެއެވެ. ޕީޕީއެމަށް އޮތް އެންމެ މޮޅު ގޮތަކީ ރައީސް ޔާމީނު އެދިވަޑައިގެން ގޮތަށް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމެވެ. 

    ]]>
    Sun, 06 Aug 2023 16:53:30 +0500 ހީރަސްނިއުސް
    ޝަރުތު ފުރިހަމަ ނުވުމާ ހައްގު ހަނިކުރުން https://heerasnews.com/1710 https://heerasnews.com/1710 ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގު ހަނިކުރުމުގެ ވާހަކަ ރައީސް ޔާމީނުގެ ކެންޑިޑެސީ އިލެކްޝަނުން ބަލައި ނުގަތުމުން ނިކަން ބާރަށް އެބަ ދައްކައެވެ. އެހެން އެދައްކާ ވާހަކަތަކުގެ ގާނޫނީ ފަރުވާއަކީ ސްޕްރީމް ކޯޓެވެ. ގާނޫނީ ފަރުވާ ހޯދަން ކޯޓަށް ދިޔުމަކީ ހަމަ ރަނގަޅު ކަމެކެވެ.

    ކަމަކައިގެން ކޯޓަށް ދިޔުމުގެ ކުރިން ވިސްނާލާންޖެހޭ ކަންކަން ބައިވަރެވެ. ތެދެކެވެ. އިންތިހާބު ތަކުގައި ވޯޓު ލުމަކީ މުތުލަގަށް ކޮންމެ ރައްޔިތަކަށް ލިބިދިފައިވާ އަސާސީ ހައްގެކެވެ. އެކަމަކު މީހަކު ހިތައް އެރިހާ އިރަކުގޮސް ހިތައް އެރިހާ ފޮއްޓަކަށް ހިތައްއެރި ވަރަކަށް ވޯޓެއް ނުލެވެއެވެ. އެކަން ކުރުމަށް ވެސް އުސޫލު ތަކަކާއި ތަރުތީބު ތަކެއް އޮވެއެވެ. އެންމެނަށް ކާކުކަން އެނގޭ މީހަކަސް ވޯޓުލެވޭނީ ކާކުކަން އަންގަދޭ ރަސްމީ ޑޮކިއުމެންޓެއް އޮވެގެނެވެ. އެފަދަ ލިޔުމެއްނެތި ވޯޓުލާން ދިޔުމުން ފުރުސަތު ނުދިނުމަކީ އަސާސީ ހައްގެއް ނިގުޅައިގަތުމަށް ވާނެ ހެއްޔެވެ. ވޯޓު ދިނުމުގެ ހައްގު ލިބެނީ އުމުރުން އަށާރަ އަހަރުވީމައެވެ. އަށާރަ އަހަރުނުވާ މީހަކަށް ވޯޓު ނުދެވޭ ގޮތަށް އޮތުމަކީ އަސާސީ ހައްގުން މަހުރޫމު ކުރުމެއް ނޫނެވެ.

    އިންތިހާބު ތަކުގައި ވާދަ ކުރުމުގެ ހައްގު ކޮންމެ މީހަކަށް ގާނޫނު ލިބި ނުދެއެވެ. އިންތިހާބީ އެކި މަގާމު ތަކަށް ކުރިމަތި ލުމަށް އުމުރު ފުރާތައް ކަނޑަ އަޅާފައި ގާނޫނު އަސާސީގައި އޮންނަ އޮތުމަކީ އިންތިހާބުތަކަށް ކުރިމަތި ލުމުގެ އަސާސީ ހައްގުން ވަކި ބަޔަކު މަހުރޫމު ކުރުންކަމަށް ދެކެން ވީހެއްޔެވެ. ހަގީގަތަކީ އިންތިހާބު ތަކުގައި ވާދަކުރުމުގެ ހައްގު ލިބެނީ ވަކިކަހަލަ ޝަރުތު ތަކެއް ފުރިހަމަ ވެގެންނެވެ. އެވާހަކަ ގާނޫނު އަސާސީގައި ސާފުކޮށް ލިޔެފައި އެބައޮތެވެ. ގާނޫނު އަސާސީގައި ލިޔެވި ބަޔާން ކޮށްފައިވާ މިންވަރަށްވުރެ އިތުރު އެތައް ހައްގެއް ގާނޫނުތަކުން ހަނިކުރެވިފައި ވަކަން އެހުރީ ފެންނާށެވެ. 

    ގާނޫނު އަސާސީން ދީފައިވާ އަސާސީ ހައްގެއް ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނަކުން ހަނިކުރުމުގެ ބާރު ގާނޫނު އަސާސީން ދީފައި އޮވެއެވެ. އެގޮތުން ހަނިކުރާ ހަނިކުރުން ތަކަށް ފުރުސަތު ދީފައި އޮންނަނީ މުޖުތަމައުގެ ސަލާމަތާއި ރައްކަތެރިކަމާއި އިޖުތިމާއީ އަދާލަތަށްޓަކައެވެ. ދައުލަތުގެ ކަންކަމާ ހަވާލުވާ މީހުންނަކީ އިތުބާރުކުރެވޭ ގާބިލު ނަޒާހަތްތެރި ބަޔަކަށް ހެދުމަށްޓަކާ އިންތިހާބީ މަގާމުތަކަށް ވާދަކުރާ މީހުންގެ ކިބައިގާ ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެކަމަށް ކަނޑައަޅާ އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ހަނި ކުރުމަކީ މިނިވަން ޑިމޮކްރެޓިކް ހުރިހާ މުޖުތަމައެއްގައިވެސް ކުރާކަމެކެވެ. ކުރަން ޖެހޭ ވެސް ކަމެކެވެ. 

    ޝަރުތުތައް ހަމަވެގެން ދައުލަތުގެ ކަމަކާ ހަވާލުވެ ހުއްޓާ މަގާމަށް އައުމަށް ފުރިހަމަވާން ޖެހޭ ޝަރުތެއް ގެއްލިއްޖެނަމަ އެ މީހަކު އެ މަގާމަކުން ވަކިކުރަން ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮންނަނީ އެހެން ވެގެންނެވެ. ދައުލަތުގެ އެކިކަންކަމާ ހަވާލުވާން ނުވަތަ ހަވާލު ކުރަން އުޅޭ މީހެއްގައި ހުންނަން ޖެހޭ ޝަރުތެއް ފުރިހަމަ ނުވުމަކީ އެމީހާގެ އަސަސީ ހައްގެއް ނިގުޅައި ގަތުމެއް ނޫނެވެ. 

    އެންމެ އާދައިގެ ދިރިއުޅުމުގެ މިސާލެއް ނަގަމާ ހިނގާށެވެ. ކައިވެނި ކުރުމާ ދަރިން ހޯދުމުގެ ހައްގަކީވެސް މުތުލަގަށް އޮތް އަސާސީ ހައްގެކެވެ. އެހެނެކޭ ކިޔާ މީހެއްގެ އަންބަކާ އަނެއް މީހަކަށް ނުއިދެވެއެވެ. އެންމެން ބޭނުން ވިޔަސް ދެމީހަކު ކިތަންމެ ލޯބިވިޔަސް ބޭނުންވިޔަސް އެކަމެއް ނުވާނެއެވެ. ވާނީ އެކަމެއް ކުރުމަށް އޮތް ހުރިހާ ސަބަބުތައް ފުރިހަމަ ވުމުންނެވެ. އެހެން އެކަންކަން ތަރުތީބުވެފައިވަނީ އެކަންކަމަ ގުޅިގެން ނިކުންނާނެ ނަތީޖާތަކަށް ބެލިގެންނެވެ. ހިތުހުރި ކަމެއް ހިތުހުރިގޮތަކަށް ކުރުމުގެ ނަތީޖާ ނުބައިވާނެތީއެވެ.

    އިންތިހާބީ މަގާމުތަކަށް ކުރިމަތިލާ މީހުންނަށް ގާނޫނު އަސާސީއާއި ގާނޫނު ލާޒިމުކުރާ ޝަރުތުތަކުގެ އިތުރަށް އިންތިހާބީ ގާވައިދުތަކުންވެސް އެތައްކަމެއް ފުރިހަމަކުރަން ލާޒިމުކުރެއެވެ. އެއީ ތިމާއާއި އެހެން މީހުންގެ ހައްގުތަކަށްޓަކައެވެ. މިސާލެއްގެ ގޮތުން ބަލަމާ ހިނގާށެވެ. ރައީސް ކަމަށް ފަރުދީގޮތުން މީހަކު ވާދަކުރަން ނިކުންނަންޏާ އެކަމަށް ތާއީދުކުރާ ވަކި އަދަދެއްގެ ބައެއްގެ ސޮއި ހޯދަން ޖެހެއެވެ. މުތުލަގަށް އޮތް ހައްގެއް ނަމަ ވަކިބައެއްގެ ރުުހުން އެކަމަށް އޮތްކަން ސާބިތު ކޮށްދޭން ޖެހޭ ޖެހުމަކީ އަސާސީ ހައްގެއް ހަނިކުރުމަށް ނުވޭހެއްޔެވެ. އެހެނޭ ކިޔަފައި އެ މީހުން ސްޕްރީމް ކޯޓަށް ދުވަންވީ ހެއްޔެވެ.  

    ]]>
    Sat, 05 Aug 2023 13:56:03 +0500 ހީރަސްނިއުސް
    ގާނޫނީ ހުކޫމަތު ގުރުބާން ކުރުމަކީ ހައްލެއްނޫން https://heerasnews.com/1701 https://heerasnews.com/1701 ގައުމީ މަސްލަހަތުގެ ނަމުގައި ގާނޫނީ ހުކޫމަތު ގުރުބާން ކުރުމަކީ ގައުމެއް ފާލުން ނައްޓާލާ އެންމެ ބޮޑު ސަބަބެވެ. ގައުމަށްވުރެ ވަކި މީހަކު ބޮޑުވުމާއި ވަކި ޕާޓީއެއް ބޮޑުވުމަކީ ނުރައްކާތެރި ކަމެކެވެ. ގާނޫނުތައް ކޮންޕްރަމައިޒްވެ ހަމަލަމަ ގެއްލޭ ކަމެކެވެ.

    ވަކި މީހަކަށް ވެގެން ވަކި ހާއްސަކަމެއް ދީގެން ފުރުސަތުތައް ފަހިކުރުމާއި ފުރުސަތުތައް ބަންދު ކުރުމަކީ މުޅި ގައުމުގެ ހީރަސް ކެނޑި ކަންކަން ބޮއްސުންލާ ކަމެކެވެ. ވަކި މީހެއްގެ ބާރު ކަނޑުވާލުމަށާއި ވަކި މީހަކު ބާރުވެރި ކުރުވަން އުސޫލުތަކާއި ގާނޫނުތައް ހަދާ ހިންގުން ވެސް ހަމަ އެފަދައެވެ. 

    2008ގައި ތައާރަފްކުރި ގާނޫނު އަސާސީ އިސްލާހު ކުރުމުގައި ވެސް ވިސްނުން ހުރީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށްވުރެ ވަކިބައެއްގެ މަސްލަހަތު އިސްކޮށްފައެވެ. އޭރު ހުރި ރައީސް މައުމޫނާއި އޭނާގެ އައުވާނުންގެ މަސައްކަތަކަށްވީ ވެރިކަމުގައި ދެމި ތިބެވޭނެ ގޮތަކަށް ގާނޫނީ އޮނިގަނޑު ބައްޓަން ކުރުމެވެ. އިސްލާހީ ހަރަކާތުގެ ނަމުގައި އުޅުނު އެންމެންގެ މަސައްކަތަކަށްވީ ކޮންމެ ގޮތެއް ހަދައިގެންވެސް މައުމޫނަށް ވެރިކަން ގެއްލޭނެހާ ގޮތަކަށް ކަންކަން ބައްޓަންކޮށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކުޑަކޮށް ބާރުތައް މަޖިލިހަށް ޖަމާކުރުމެވެ. 

    އޭގެ ބައެއް މިސާލަކީ ރައްޔިތުންގެ މެޖޯރިޓީން ހޮވާފައި ހުންނަ ރައީސް މަޖިލީހުން ބޭނުން ވުމުން ވަކިކޮށްލެވެއެވެ. ކުޑަކުޑަ ދާއިރާއެއްގެ ސިމްޕަލް މެޖޯރިޓީން ހޮވޭ މެންބަރު ވަކި ކުރެވޭ ގޮތެއް ނޯވެއެވެ. ތިންބާރު ވަކިވެފައި އޮތަސް ރައީސް ބޭނުންވާ މީހަކަށް ވަޒީރުކަން ދެވޭކަށް ނޯވެއެވެ. ވަޒީރުކަން ދެވެނީ ވެސް ވަޒީރުކަމުގައި މީހަކަށް ހުރެވެނީ ވެސް މަޖިލީހުން ރުހެންޏާއެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ވެސް މަޖިލީހުން ބޭނުން ވުމުން ބޭނުން ގޮތަކަށް ބަދަލު ކުރެވޭ ބައެކެވެ. ހުރިހާ މިނިވަން މުއައްސަސާއެއްގެ ކޮންޓްރޯލު އޮންނަނީ މަޖިލީހުގައެވެ. ނަމުގައި ތިންބާރު ވަކިވެފައި އޮތަސް ފަނޑިޔާރުގެއާއި ވަޒީރުންގެ މަޖިލިހަކީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލުގައި އޮންނަ ދެބާރެވެ. މަޖިލީހުން ބޭނުން ވެއްޖެ ކޮންމެ ދަނޑިވަޅެއްގައި ދައުލަތް ހުއްޓުވާ ލެވޭނެއެވެ. 

    ނަތީޖާއެއްގެ ގޮތުން ދައުލަތް ހިންގާ ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުގެ މެޖޯރިޓީ ނުހޯދާ ދައުލަތް ހިންގޭކަށް ނޯވެއެވެ. މަޖިލީހުގެ މެންބަރުން ރުއްސައިގެން ނޫން ގޮތަކަށް އިނގިލިވެސް ރައީސަށް ހަލުވާ ނުލެވެއެވެ. އެކަމުގެ ތަކުލީފު 2008ގެ އައު ގާނޫނު އަސާސީއަށް ފަހު މުޅި ގައުމު މި ދަނީ ތަހައްމަލު ކުރަމުންނެވެ.

    އެ ޒާތުގެ އެހެން ވާހަކައެކެވެ. ކޯޓު ތަކަށް ސިޔާސީ ނުފޫޒު ވަނުމުގެ ވާހަކައެވެ. ރާއްޖޭގައި އަލަށް އުފެދުނު ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނު ވެގެން ދިޔައީ ޕާޓީތަކުގެ ވެރިންގެ މަސްލަހަތަށެވެ. އިންތިގާލީ މަރުހަލާ ނިމި ދާއިމީ ސްޕްރީމްކޯޓަށް ހަތް ފަނޑިޔާރުން ގޮތުގައި އައްޔަނު ކުރެވިގެން ދިޔައީ ނަޝީދާއި މައުމޫނާއި ގާސިމާއި ޔާމީނާއި ހަސަން ސައީދު ފަދަ ސިޔާސީ އިސް މީހުން ބޭނުންވި ގޮތަށް އެ މީހުން ބޭނުންވި ބައެކެވެ. 

    އިންތިގާލީ ސްޕްރީމް ކޯޓުން 2008ގެ ރިޔާސީ އިންތިހާބުގައި ނެރުނު ރޫލިންގ އަކުން ގާނޫނު އަސާސީއާއި މެދު ރައްޔިތުން ކުރި އުންމީދު އޮޔާލިއެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލާ ގާނޫނުގެ ހުކުމް ހިނގާނެ ކަމަށް ކުރި އުންމީދު ވެއްޔާ މޮޑެވުނެވެ. ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ދެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން 2008ގައި ސްޕްރީމް ކޯޓުން ހޯދާދިން ފުރުސަތުން މުޅި ގައުމަށް ލިބުނު ގެއްލުން ތަކުން އަދިވެސް އަރައި ނުގަނެވެއެވެ.

    މައުމޫނަކީ މި ގާނޫނު އަސާސީގެ ދަށުން ދެ ދައުރު ވެރިކަން ނުކުރާ މީހަކަށް އަނބުރާ ހޭރިޔާކޮށްގެން ހަދާ 2008ގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން މައުމޫނަށް ފުރުސަތު ދިނެވެ. އެކަމަކު މި ގާނޫނ އަސާސީގެ ދަށުން ވެރިކަން ކޮށްފައި ނެތިގެން 2008ގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބުނު މައުމޫނަށް މި ގާނޫނއަސާސީގެ ދަށުން ދޭ ކުރީގެ ރައީސްގެ އިނާޔަތް ބަރާބަރަށް މިހާރު ވެސް އެހުރީ ލިބިލިބިއެވެ. ދައުލަތަށް އޮތް ބޮޑު ބުރައެއްގެ ގޮތުގައެވެ.

    މޮޅު މީހާއަށް މޮޅުގޮތް ނިޒާމުގެ ތެރޭގައި ތަރުތީބު ވެގެން ހިނގާ ހިނގުން ހުއްޓުވަން ކުރެވޭނެ ކަމެއް ހަމަ ނެތީ ހެއްޔެވެ. ގާނޫނުގެ ހުކުމް ރާއްޖޭގައި އަދުލުވެރި ކަމާއެކު ހިނގާ ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވޭނީ ކޮން އިރަކުން ކިހިނެއް ހަދައިގެން ހެއްޔެވެ. އެނގޭ ކަމަކީ ގާނޫނީ ހުކޫމަތު ގުރުބާން ކުރުމަކީ ހައްލެއް ނޫން ކަމެވެ.

    ]]>
    Tue, 01 Aug 2023 16:29:35 +0500 ހީރަސްނިއުސް
    ޖަލަށް ހުކުން ކުރުމުގެ ބޭނުމެއް ނެތް https://heerasnews.com/1682 https://heerasnews.com/1682 ޝަރީއަތުން ކުރާ ހުކުން ތަންފީޒު ކުރުމަކީ ހާދަ ފާޑެއްގެ ކަމެކެވެ. ބައެއް މީހުން މުޅި ހުކުމުގެ ބޮޑުބައި ދުއްވާލަނީ ގޭގައި އަނބި ދަރިންނާއި އެކުގައެވެ. އަނެއް ބަޔަކު ރާއްޖޭން ބާރުގައެވެ. އަނެއް ބަޔަކަށް ކޮންމެ ދުވަހަކު އަނބިދަރިންނާ ބައްދަލުކޮށް ރަމުންރަމުން ފޯލި ކުޅެވެއެވެ. އަނެއް ބަޔަކަށް ވާވަރަކީ ބަލިހާލު ބޮޑުވެ ޑޮކްޓަރަށް ދައްކާނުލެވި މަސް ދެމަސް ވުމެވެ. އެކަމަކު އެންމެންނަކީވެސް ކުށްވެރިންނެވެ.

    ރާއްޖޭގައި މި ގޮތަށް ކަންކަން ހިނގަނީ އަދަކު އިއްޔެއަކު އެކަންޏެއް ނޫނެވެ. ޒަމާނުއްސުރެ ޖަލުގައި ވެސް އޮންނަނީ މޮޅު މީހާއަށް މޮޅުގޮތެވެ. ޖަލެއްގެ ނިސްބަތުގައި އެންމެ ބޮޑަށް ދަރަޖައިގެ ގޮތުން ތަފާތުވާ ކަމަށް ބެލެވެނީ އެންމެ ނުރައްކާތެރި ކުއްވެރިންނާއި ހައިރިސްކު ކުށްވެރިންނެވެ. ސާބިތުވާ ކުށުގެ ބާވަތުންނާއި އުޅުމާ އަހުލާގާއި ހުކުމުގެ ބާކީ މުއްދަތަށް ބަލައިގެން ޖަލުގައި ލުއިތައް ލިބޭ ގޮތްގޮތް ހުރިހާ ތާކުވެސް އޮވެއެވެ. 

    ރައްޔިތުންގެ މައްޗަށް އެކި ފެންވަރުގެ ވެރިކަން ކޮށްފައި ތިބޭ މީހުންނާއި ތަންފީޒީ މަގާމުތައް ފުރާފައި ތިބޭ މީހުން ޖަލުގެ އާއްމު ކުށްވެރިންގެ ތެރޭގައި ބޭތިއްބުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ނަފްރަތާ ބަދަލު ހިފުމެއްގެ ތެރެއިން އެފަދަ މީހަކަށް ނުރައްކާ ތަކަކާއި ކުރިމަތި ވުމުގެ ފުރުސަތު އޮވެދާނެ ކަމަށްޓަކައި އެފަދަ މީހުނަށް ތަފާތު އިމްތިޔާޒެއް އޮންނަން ޖެހެއެވެ. އެއާއި ހިލާފަށް ވަކި މީހެއްވެގެން ހާއްސަ އިމްތިޔާޒް ތަކަކާއި ހިދުމަތްތަކެއް ދޭގޮތަށް އޮތުމަކީ ބޭ އިންސާފެކެވެ. އެކަހެރި ކުރުމުގެ މަގްސަދާ ހިލާފު ކަމެކެވެ.

    ސިއްހީ ސަބަބު ތަކެއް އުފަން ކުރުވައިގެން މެޑިކަލް ސެޓިފިކެޓްގެ އެހީގައި ބާރުވެރި ތަނަވަސް މީހާ ހުކުން ތަންފީޒު ކުރަނީ ގޭގައި އަނބިދަރިން ގާތުގައެވެ. ނޫނީ ރާއްޖޭން ބޭރުގައެވެ. އެކަން އެމީހުން ކުރަނީ އުސޫލުގެ ދޫމަޅިގެ ތެރެއިންނެވެ. ނޫނީ ފަސާދައިގެ ތެރެއިންނެވެ. ނިކަމެތި އާރެއް ބާރެއް ނެތްމީހާ މަރަށް ތެޅިތެޅި އޮންނަނީ ޕެނެޑޯލް ގުޅައެއްހާ ހިސާބު ލިބޭގޮތް ނުވެއެވެ. 

    އާނއެކެވެ. ނޮވެންބަރ 3 ގެ ލުތުފީ ބޭރުގައެވެ. ސަގަރޭ ޖަލުގައެވެ. ސަންދާނު ލުތުފީ ބޭރުގައެވެ. ސަންދާނި އަހަންމައިދީ ޖަލުގައެވެ. ރައީސް ނަޝީދު ލަންޑަނުގައެވެ. އަބްދުއްލާ ރަޝީދު ޖަލުގައެވެ. ގާސިމް އިބްރާހީމް ޖަރުމަނުގައެވެ. ޝެއިހު އިމްރާނު ޖަލުގައެވެ.

    މިހާރުވެސް ޖަލުހުކުން ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުން ގެއިން ރާއްޖޭން ބޭރަށް އެ ދިޔައީއެވެ. އުސޫލުތައް ހަމަޖެހިފައި އޮންނަނީ އެމަގުން އެމީހުނަށް އެކަންކަން ވާގޮތަށެވެ. ކުރީގެ ރައީސް ނަޝީދަށްވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އެހުރިހާ ފުރުސަތެއް ފަހިކޮށް ލިބިގެން ދިޔައެވެ. އެކަހަލަ ކިތަންމެ ބަޔެކެވެ. އަދަކު އިއްޔެއަކު އެކަންޏެއް ނޫނެވެ. 

    އަނެއް ކޮޅުން ޖަލުގައި ހުންނަ ކޮންމެ މީހަކަށް ކޮންމެ ދުވަހަކު އެ މީހެއްގެ އަނބި ދަރިންނާ ބައްދަލުކޮށެއް ނުހެދެއެވެ. އެހެނަސް ކުރީގެ ރައީސް ޔާމީނަށް އޭނާގެ އަނބި މީހާއާއި ބައްދަލުކޮށް ހެދެއެވެ. ޖަލުގައި އޮވެ ގާނޫނާ ހިލާފަށް ސިޔާސީ މަސައްކަތް ކުރެވެއެވެ. ކުށެއްގެ އަދަބުގައި އޮންނައިރު ސިޔާސީ މަސައްކަތް ކުރުން މަނާކުރީ އޭނާ ވެރިކަމުގައި ހުރެ ހެދި ގާނޫނަކުންނެވެ. އެގާނޫނު އަދިވެސް ދިރި އެބައޮތެވެ.

    ކުރީގެ ރައީސް ޔާމީނަށް ޖަލުގައި ހުރިކަން ނޫނީ ނެތީ ކޮން ހައްގެއް ހެއްޔެވެ. ޖަލު ހުކުމަކީ މުޖުތަމައުން އެކަހެރި ކުރުމަށް އިއްވޭ ހުކުމެކެވެ. ކުރީގެ ރައީސް ޔާމީނު މެނަށް ލިބިދެވޭ އިމްތިޔާޒުތަކާއި ހައްގު ތަކުގެ ސަބަބުން ޖަލަށް ހުކުން ކުރުމުގެ މަގްސަދު ވަނީ ގެއްލިފައެވެ.   

    ]]>
    Thu, 27 Jul 2023 20:40:13 +0500 ހީރަސްނިއުސް
    ގައުމު ގެއްލިގެން އުޅެނީ ޔާމީނަށް & ރައްޔިތުންނަކަށް ނޫން https://heerasnews.com/1677 https://heerasnews.com/1677 ދިވެހީންގެ ގައުމު ދިވެހީންނަށް ގެއްލިގެނެއް ނޫޅެއެވެ. ދިވެހިން އުޅެނީ އެމީހުންގެ ގައުމުގައެވެ. ދިވެހިންގެ ވެރިކަން އޮތީ ދިވެހިންގެ އަތް މަތީގައެވެ. ބައިނަލް އަގުވާމީ ގޮތުން ދިވެހި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ. ދިވެހިންގެ ބަސް ދިވެހިން ބުނެއެވެ. ދިވެހިންގެ އޮންނަނީ ދިވެހި ޕާސްޕޯޓެވެ.

    ދިވެހި ރާއްޖޭގެ ޓެރެޓަރީން އަކައިންޗިއެއް ރާއްޖެއަކަށް ގެއްލިފައެއް ނެތެވެ. ދިވެހިރާއްޖޭގެ ސަރަހައްދުގެ އަކަ އިންޗިއަކާ މެދު ޝަކުވާކުރާ ބަޔަކު ނޫޅެއެވެ. ސަރަހައްދީ އިމުގެ މައްސަލައެއް އެއްވެސް ގައުމަކާ ރާއްޖެއާ ދެމެދަކު ނެތެވެ. މިނިވަން ގައުމެއްގެ ހުރިހާ ރުކުންތައް ދިވެހި ރާއްޖޭގައި ހަމައެވެ. ދުނިޔޭގެ މަޖިލީހުގެ ރައީސްކަން ވެސް އެންމެ ފަހުން ކުރީ މިނިވަން ދިވެހި ރާއްޖެއެވެ.

    އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުން އެއްބުރުން އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމް ރިޔާސަތަށް ހޮވީ ކުރީގެ ރައީސް ޔާމީނު ނުލާ ރައްޔިތުންގެ ވެރިކަން ކޮށްދޭށެވެ. އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތާއި އެމްއާރުއެމް ބައިވެރިކޮށްގެން ދިވެހިންގެ ވެރިކަން ކޮށްދޭށެވެ. ދިވެހި ރައްޔިތުން ބުނީ ނަމަނަމަ ރައީސް ޔާމީނު ވެރިކަމާ ގާތް ނުކުރުމަށެވެ. ދިވެހި ރައްޔިތުން ވަނީ ޔާމީނު އަތުން ދިވެހި ގައުމު އަތުލާފައެވެ. 

    2018 އިން ފެށިގެން ގައުމު ގެއްލިގެން އުޅެނީ ރައީސް ޔާމީނާއި އޭނާގެ އައުވާނުންނަށެވެ. ދިވެހި ރައްޔިތުންނަކަށް ނޫނެވެ. ދިވެހިންގެ ގައުމު ދިވެހިންގެ އަތްމަތީގައި އެބައޮތެވެ. ދިވެހިންގެ ގައުމު އަނބުރާ ހޯދަން އުޅެނީ ވެރިކަމުން ބޭރުކޮށްލާފައި ތިބި ވެރިކަމުގެ ރަހަ ކަރުބުޑުން ނުފިލައިގެން އުޅޭ ބައިގަނޑެކެވެ. ދިވެހި ރައްޔިތުންނެއް ނޫނެވެ.

    އާނއެކެވެ. ކުރީގެ ރައީސް ޔާމީނަށް ދިވެހީންގެ ފަހުރުވެރި މިނިވަން ދުވަހާ ބައްދަލު ވާނީ ޖަލުގެ ތޭރި ތަކުގެ ފަހަތުގައެވެ. ކަޅު އަނދިރިކަމާއި، ހިތްދަތިކަމާއި، ބަނަކަމުގެ އިހުސާސްތައް ކުރަމުންނެވެ. ގައުމުގެ މިލްކިއްޔާތު ދަވާލައިގެން ހުރަގެއަށް ވަދެއިން މުލުވަގަކަށް މިނިވަން ދުވަހުގެ މިނިވަން ކަމެއް އިހުސާސެއް ނުވާނެއެވެ. ގެއްލުނު ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންނަށް ގައުމު ހޯދާދޭ ވާހަކަ ނުދައްކާށެވެ. ވެރިކަމުގެ ލައްޒަތާ އުފަލާ އަރާމު ހޯދާ ދަވާލެވުނު ވަރު ކުޑަވެ އަނބުރާ ވެރިކަން ޔާމީނަށް ހޯދަން އުޅޭ ވާހަކަ ދައްކާށެވެ.

    ރާއްޖޭގައި އަޅުވެތިކަމެއް ސަރަހައްދީ ދެކޮޅުވެރިކަމެއް ހަނގުރާމަވެރި މާހައުލެއް ނެތެވެ. ބައިނަލްއަގުވާމީ ރިވެތި ގުޅުން ތަކުން އެކުވެރި ރަހުމަތްތެރި ބަދަހި ގުޅުންތައް އުފެދި ދަނީ އާލާވަމުންނެވެ. އެއްވެސް ގައުމަކާ ރާއްޖެއާއި ދެމެދު ދެކޮޅުވެރިކަމާއި ހަގުރާމަވެރި ހާލަތެއް ނެތީސް އަވައްޓެރި ގައުމުތައް ހަތުރުންނަށް ހަދައިގެން ދިވެހި ގައުމު ހަނގުރާމައާއި ޓެރެރިޒަމްގެ ބިރުވެރިކަމުގެ ތެރެއަށް ވައްޓާލަން ނޫޅޭށެވެ. 

    ]]>
    Wed, 26 Jul 2023 15:38:18 +0500 ހީރަސްނިއުސް
    ޕީޕީއެމްގެ ޓިކެޓް ދޭންޖެހެނީ ސަލަފް ބުނާ މީހަކަށް؟ https://heerasnews.com/1638 https://heerasnews.com/1638 ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަން ސަލަފުގެ ރައީސް ޝައިހު އަބްދުއްލާއަށް ޔަގީން ވަނީތާއެވެ. ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ މަގު ބަންދު ވެއްޖެ ނަމައޭ ބުނެ ސަލަފުން ތިޔަ ދެނީ ސަމާސާ މެސެޖެއް ނޫނެވެ. ޕީޕީއެމް އޮޔާދާން އޮތުމަށްވުރެ އިތުރު ކެންޑިޑޭޓަކު ދެއްކުމަކީ ރަނގަޅު ކަމެއް ކަމަށް ބުނެ ޓްވީޓްކޮށް ސަލަފުގެ ޝައިހުން ތިޔަ ބުނަނީ ކީކޭކަން ވަރަށް ސާފެވެ.

    ޕީޕީއެމްގެ ކެންޑިިޑެންސީ ރައީސް ޔާމީނަށް ބަންދުވުމާއި ނުވުމާއި މެދު ގޮތެއް ސާފު ނުވުމަށް ވުރެ ސަލަފުގެ ރައީސްގެ ޓްވީޓަކީ ވަކި މީހަކަށް ޕީޕީއެމުގެ ޓިކެޓް ދިނުމަށް ގޮވާލެވޭ ގޮވާލުމެކެވެ. މަތި އޮމާން ކުރުމުގެ ގޮތުން ރައީސް ޔާމީނަށް ކުރިމަތިލެވޭން އޮތް ހާލަތެއްގައި ޔާމީނު އެއީ ޕީޕީއެމްގެ ކެންޑިޑޭޓު ކަަމަށް ސަލަފުން ނުބުންޏަސް އެކަން އެނގޭ ނޫން ހެއްޔެވެ. އެމަގު ބަންދުވެއްޖެ ނަމަ ޕީޕީއެމަށް ވާންވީ ގޮތް ޕީޕީއެމް ސެނެޓުން ނިންމާނެއެވެ.

    ރިޔާސީ ޓިކެޓް އެހެން މީހަކަށް ދޭނީތޯ ނުވަތަ އެހެން މީހެއްގެ ފަހަތަށް ޕީޕީއެމް އަރާނީތޯ ނިންމާނީ ޕީޕީއެމުންނެވެ. އިންތިހާބު ބޮއިކޮޓް ކުރުމަކީވެސް ޕީޕީއެމަށް އެހާލަތުގައި އޮތް ފުރުސަތެކެވެ.

    ގިނަ ބަޔަކު އެދެނީ ވަކި މިވެނި މީހަކަށް ޕީޕީއެމް ޓިކެޓް ދޭށޭ ބުނާނީ ސަލަފަކުން ނޫނެވެ. ރައީސް ވަހީދަށް ޓިކެޓް ދިނުމަށް ބުނެ އޮޅުވާލަން ސަލަފުން ނޫޅޭށެވެ. ސަލަފުން ތިޔަ އުޅެނީކީ ރައީސް ވަހީދަށް ޕީޕީއެމްގެ ޓިކެޓް ހޯދަދޭކަށް ނޫނެވެ.

    ސަލަފުން ތިޔަ ބުނަނީ ސަލަފުގެ ރައީސް އަބްދުއްލާގެ ޅިޔަނު މޭޔަރު މުއިއްޒަށް ޕީޕީއެމް ރިޔާސީ ޓިކެޓް ދޭށޭ ނޫން ހެއްޔެވެ. ސަލަފަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ވާނީ އެގޮތެވެ. އޭރުން ރަނިންގ މޭޓަކަށް ސަލަފުގެ އަލީ ރަމީޒު ލައިގެން ކެންޕެއިންކޮށް އެހެން އެންމެން ކާފަރުކޮށްގެން ތޯލިބާނުންގެ ސަރުކާރެއް  އުފެއްދި ދާނެތާއެވެ.

    ]]>
    Sat, 15 Jul 2023 17:49:01 +0500 ހީރަސްނިއުސް
    ތާރީހު: ބޮޑު ހުޅުގެ ހާދިސާ https://heerasnews.com/1579 https://heerasnews.com/1579 ބޮޑު ހުޅަކީ ދިވެހިރާއްޖޭގައި 1886 ވަނަ އަހަރު ވެރިކަމުގެ ބާރުތައް ހޯދުމަށް އަތިރީގޭ ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އިސްވެ ހުންވައި ހިންގި ބޮޑު ބަޣާވާތެކެވެ. މި ކިލެގެފާނަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެފާނުގެ ބައްޕަ ފަރާތު ކާފައެވެ. ބޮޑު ހުޅުގެ ހާދިސާއަކީ މާލޭގެ ގޭގޭގައާއި ބާޒާރުމަތީ ފިހާރަތަކުގައި އަލިފާން ރޯކުރުމުން މީހުންނަށާއި ގޯތިގެދޮރަށާއި މުދަލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާއެކެވެ.

    އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން 2 (1886 - 1888) (ކުޑަބަންޑާރައިން) ނެވެ. ވަޒީރުލްއަޢުޡަމް (ބޮޑު ވަޒީރު) އަކީ ކަކާގޭ މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނެއެވެ. މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ އަތިރީގޭ ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އެ މަޤާމުގައި ހުންނަވިކޮށް މަޤާމުން ދުރުކުރެއްވުމަށް ފަހުގައެވެ. މިކަމާ ހިތްހަމަ ނުޖެހި، ރަދުންނާއި ބޮޑު ވަޒީރަށް މާލޭގެ އަމަން ނުބެލެހެއްޓޭކަމާއި ވޯރާވިޔަފާރި ވެރިނަށް ވެސް އެއްވެސް ރައްކާތެރިކަމެއް ނެތްކަން  އިނގިރޭސީންނަށް ދައްކަން ބޭނުންވިއެވެ. ކޮންމެ ގޮތަކުން ވެސް ރާއްޖޭގެ ރަސްކަން ބަދަލުކޮށް، ސަރުކާރު ހިންގުމުގެ ބާރު ހޯދުމަށް މާލޭގައި ހުޅުޖަހަން ފެށިއެވެ. އަސްލަކީ ކަކާގެ އާއި އަތިރީގެއާ ދެމުގައި އޮތް ސިޔާސީ ދެކޮޅުވެރިކަމާއި ކޯޅުމެވެ.

    ޒަމާނަކީ މާލޭގައި ހުރިހާ ގެއެއް ވެސް ފަނާއި ލަކުނޑިން ހަދައިގެން އުޅުނު ޒަމާނެވެ. އަލިފާން ރޯކުރުމުން ފަސޭހައިން އަލިފާން ފެތުރި ބޮޑެތި ގެއްލުންތައް ލިބޭގޮތަށް ކަންތައްތައް ހުރި ޒަމާނެކެވެ. ބޮޑު ހުޅުގެ ބައިވެރިން އެކަމަށް ތައްޔާރުވީ ވަރަށް ވަރުގަދަ ފަންޑިތައެއް ހަދައިގެން ކަމަށް ބުނެވެއެވެ. ހުޅުޖަހާ މީހުން އަތުލައި ނުގަނެވޭނެ ގޮތް ހެދުމަށް  "ނުފެންނަ ފަންޑިތަ" އެއް ހެދިއެވެ. އެ ފަންޑިތަ ހެދީ އައްޑު އަތޮޅު ކުދު އަބޫ ކިޔާ ފަންޑިތަވެރިއެކެވެ.

    މި ފަންޑިތަ ހެދީ އެ ދުވަހު މަރުވި ސާދަ ފަނަރަ ވަރަކަށް އަހަރުގެ ކުއްޖެއް ގެ ގަބުރުކޮނެގެން މާލެއަތޮޅު ފުނަދޫއަށް ގެންގޮސް މޭ ނަގައި، ތެޔޮ ހާނައި، އެ ތެލާއެކު ގޮދަން ފުށްގަނޑެއް މޮޑެގެންނެވެ. ބޮޑުހުޅުގެ ބައިވެރިނަށް އެންގީ އެ މީހަކަށްވީ ބައި ނުތާހިރުކަންމަތީ ބަރަހަނާ ހާލުގައި ހަތަރެސްފައި ޖަހައިގެން އައިސް ކާށެވެ. ހުރިހާ އެންމެން ވެސް އެ މީހަކަށްވީ  ފުށްގަނޑު ކައިނިންމިއިރު އެކަން ނުކުރެވުނީ ސައިކުރާ ކޮޔަށެވެ. އެ ވަގުތު "މިކަން ފަޅާއަރާނީ މީނާގެ ފަރާތުންނޭ" ކުދު އަބޫ ބުނިކަމަށް ވެއެވެ. އެހެން ކުދު އަބޫ ބުނުމުން ކައިރީގައިހުރި ބުއްކޮއި ކިޔާ މީހަކު ކަތިވަޅި ނަގާ ސައިކުރާ ކޮއިގެ ކަރުގައި ޖެއްސިއެވެ. އެތަން ކޮންމެވެސް ވަރަކަށް ކެފުނު ކަމަށް ވެސް ބުނެވެއެވެ. އެކަމަކު އޭނާ ނުމަރާ ދޫކޮށްލީ މި ބަޣާވާތުގެ ލީޑަރު އިބްރާހީމް ދޮށިމޭނާ ކިލެފާނު އެކަން މަނާ ކުރުމުންނެވެ.

    މި ވާހަކައިގައި ހުވަދު އަތޮޅު އަންހެނަކު މަރާފައި ވެލާނާގޭ ގޯތިތެރޭގައި ވަޅުލި ކަމަށް ވެސް ކިޔާ އުޅެއެވެ. އެ މީހާ މެރިކަމަށްވަނީ ތެޔޮ ހާނަން ގަބުރުކޮނެގެން ގެނެސް ފުނަދޫއަށް ގެންދިއުމުގެ ކުރިން ކަފުނާއެކު ވެލާނާގޭގައި ބާއްވާފައި އޮއްވައި މި އަންހެން މީހާއަށް ފެނިގެން ބިރުންގޮސް ހަޅޭއް ލަވައިގަތުމުން އެ ނުބައި ރޭވުން އެ އަންހެން މީހާގެ ފަރާތުން ފަޅާއަރާފާނެތީ ކަމަށް ބުނެވެއެވެ.

    މާލޭގެ އެކި ކަންކޮޅުތަކުގައި ހުޅު ޖަހަން ފެށުމުން އުފެދިގެން ދިޔައީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ. ބޮޑު ހުޅު ފެށުމުގެ ގޮތުން އެންމެ ފުރަތަމަ  ރޯކޮށްލީ ބޮޑު ހުޅުގެ ބައިވެރިއެއް ކަމަށްވާ ބުޗާ ދޮންތުއްތުގެ ގޭގައި އޭނާ އަމިއްލައަށެވެ.
    ގޭގެއަށް ރޭވަންވާއިރަށް ފެންޖަހައި ފަންތައް ފޯކޮށްގެން ހޭލާ ދަމަން ތިއްބާ ވެސް ހުޅުޖަހާ މީހުން ހުޅު ޖހަމުން ދެއެވެ. އެކަންކުރާ ބަޔަކު ނޭނގެއެވެ.
    މާލޭގެ ހުރިހާ ހިސާބެއްގެ ގެތަކުގައި ބާޒާރުމަތީ ހުރި ވޯރާވިޔަފާރި ވެރިންގެ ފިހާރަތަކުގައި ވެސް އަލިފާން ރޯކުރަންފަށައިފިއެވެ. އަދި މިބައިމީހުން ދެ ވޯރާއިންގެ ބުރަކަށީގައި ވަޅި ވެސް އަޅައިފިއެވެ. މިކަން ކުރިކަމަށް ކިޔަނީ ކާށިދޫގޭ އިބްރާހީމް ދީދީ އާއި ބުއްކޮޔެވެ.

    ބޮޑު ހުޅު ފަޅާއެރީ ސައިކުރާ ކޮއިގެ ފަރާތުންނެވެ. މި ނުރައްކާތެރި އަލިފާން ޖެހުމުގެ ކަންތައްތަކާ ގުޅިގެން ރަސްގެފާނާއި ހަވަރާއި މާލޭގެ ރައްޔިތުން ވެސް ގުޅިގެން އެ ބަޔަކު އަތުލައިގަނެވޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. މާލޭގެ ވާބޯ ސަރަހައްދުތައް ސާފުކޮށް އަލިކުރަމުން ދަނިކޮށް ދަންނަ މުޙައްމަދު ރަސްގެފާނު މިސްކިތް ކައިރި އޮތް ވާގަނޑެއްގައި ނިދާފައި އޮތް ސައިކުރާކޮއި ކުއްލިއަކަށް ސިހިގެން ގޮސް ނިދާ ހޭލެވިގެން ދުއްވައިގަތުމުން އޭނާ އަތުލައިގަތީއެވެ. ބޮޑު ހުޅުގެ ބައިވެރިންގެ ނަންތައް ގޮވީ އޭނައެވެ. ދެން ރައްޔިތުން ގޮސް އެހެން މީހުން ވެސް ހައްޔަރުކުރީއެވެ.

    އޭގެ ތެރޭގައި ހިމެނޭ ބޮޑުން އާގަނޑުވަރަށް ވަޑައިގެން ރަސްކަމުން އޭރު ދުރުކުރެވިފައި ހުންނެވި ނޫރައްދީން ބަންޑާރައިންގެ ހިމާޔަތް ހޯއްދެވިއެވެ. މި މައްސަލަ ޝަރީޢަތުން ބަލައި ހުކުމް ކުރެއްވީ އަލްޤާޟީ މުޙައްމަދު މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) އެވެ. މި ބަޣާވާތުގެ ލީޑަރަކަށް ހުންނެވި އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަރުވާ ލެއްވީ އައްޑު އަތޮޅު ގަމަށެވެ. ބޮޑެތި ބޭފުޅުންގެ ބުރިހަން ނުގަތަސް އެހެން މީހުންގެ ބުރިހަންގަނެ އެ ފާރުތަކުގައި ލޮނުމިރުސް ވެސް އެޅިކަމަށް ވެއެވެ. 

    ބޮޑު ހުޅުގެ ބައިވެރިން

    1. ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެފާނު

    2. އަލްއަމީރު ނޫމަރާ ގަނޑުވަރު ފާށަނާ ކިލެގެފާނު

    3. އަލްއަމީރު މަލިމް މާފަތް ކިލެގެފާނު

    4. އަލްއަމީރު އެސްޖެހި ގަނޑުވަރު ސައްޔިދު ކިލެގެފާނު

    5. އަލްވަޒީރު ޙަސަން ވެލާނާ މަނިކުފާނު

    6. މީރު ބަހުރު އިސްމާޢީލް ދީދީ

    7. ބުޗާގޭ ދޮންތުއްތު

    8. ސައިކުރާ ކޮއި

    9. ނަންހުރި ޔާގޫތު މޫސާ ކަލޭފާނު

    10. ބުއްކޮއި

    11. ކަށީ

    ބޮޑުހުޅުގެ ހާދިސާ ނިމުނީ 1887 ވަނަ އަހަރު އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ގޮސްގެންނެވެ. އޭރު އިންޑިއާ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުގައި އޮތުމާއެކު ރާއްޖޭގައި ތިބި އިންޑިއާ ވޯރާ ވިޔަފާރިވެރިން އެއީ އިނގިރޭސި ރައްޔިތުންނަށްވެ، އެ މީހުންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ނަމުގައި އިނގިރޭސީންނަށް ރާއްޖެ އަންނަން ފުރުސަތު ފަހިކޮށް ދިނުމުގައި އަތިރީގެ "ޕާޓީ" ގެ ބޮޑު ދައުރެއް އޮތެވެ. ރާއްޖޭގެ ރަސްކަމާއި ބޮޑުވަޒީރުކަން ވެސް އިނގިރޭސީންނާއި ބޮޑު ހުޅުގެ ބައިވެރިން ބޭނުންވި ގޮތަށް އިނގިރޭސީންގެ ބާރުގައި ބަދަލު ކުރިއެވެ. (ނިމުނީ)

    ރިފަރެންސް: 

    ޢަބްދުލް ޙަކީމް ޙުސައިން މަނިކު. (1981). ބޮޑު ހުޅުގެ ތާރީޚު. ނޮވެލްޓީ ޕްރެސް.

    ކޮޕީރައިޓް: އަބްދުއްލާ ސައީދު ގެ ލިޔުއްވުމެއްގެ ނަކަލެއް.

    ]]>
    Thu, 29 Jun 2023 22:11:38 +0500 އެޑިޓަރ
    ނަޝީދު ދަމާހާ ގުއިރޯނެއްގައި ސަރުކާރު ނުޖެއްސޭނެ! https://heerasnews.com/1506 https://heerasnews.com/1506 މަކުނު ސައްކެޔޮ ގަހަށް އަރާ އިންނަ ބީދައިން އޮބިއަޅައިގެން ތިބޭއިރު މަޖިލީހުގެ ރިޔާސަތަކީ ވާރުތަ މުދާގަނޑެކޭ ކެނެރީގޭ ކުދިންނަށް ހީވަނީ ތާއެވެ. މަޖިލީހުގެ ރައީސް ކަމާއި ނާއިބު ރައީސް ކަމަކީ ހަތްދުވަސް ވެގެން ކީ ނަމުގެ އެއްބައޭ ހީވަނީ ވެސް ތޯއްޗެކެވެ. ތިޔަ މަގާމުތަކެއް ފުރި އެތައް ބަޔަކު މިގައުމު ދެކެފައި އެބަ ތިއްބެވެ. ދީވަލްޕާ ހެދިގެން ސަވާރުވެ ނެއްޓެއް ނޭނގި ލަދު ހަޔާތުގެ ކަންފުޅެއް ނެތިގެނެއް ނޫޅެއެވެ. ކުޑަވެސް ލަދެއްކަމެއް ހުރިނަމަ މަގާމު ދޫކޮށް މިހާރު ދުރަށް ޖެހިއްޖައީހެވެ. 

    ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތަށް އިސްކުރި މީހުން އެ ދެ މީހުނަށް ކުރި އިތުބާރު ގެއްލި އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވާ ވަރަށް ވުރެ ބޮޑުތަން އިތުރު އަދަދުތަކުން ސޮއިކޮށް އިތުބާރު ނެތްކަމަށް ހުށަހެޅައިފި ނޫން ހެއްޔެވެ. އިތުބާރު ގެއްލިއްޖެކަން ނޭނގި ދެމިޔަކަނުން ސޮނިފުހެން އިންނަނީ ހިއްސުތައް ސަލާމަތުން ނެތީމައެވެ. 

    ރައްޔިތުންގެ ގިނަ ބަޔަކު ތިބިއްޔަކީ ނަޝީދުމެން ޖައްސާހާ ވައްތަރަކަށް ރުހިގެނެއް ނޫނެވެ. ނަޝީދުގެ ފޮޓޯ ވިއްކައިގެން ގޮނޑިތަކަށް ހޮވުނުކަމަށް ނަޝީދުމެން ބުނާ މެންބަރުން ނަޝީދު ދޫކޮށްލީމާ އެއްޗެއް ވިސްނޭކަށް ނުވޭހެއްޔެވެ. މާވަރުގަދަ ނަޒާހަތްތެރިކަމެއް އޮތްކަމަށް ދައްކައިގެން ދައުލަތުން ވައްކަންކޮށް ހިތުހުރި ގޮތަކަށް ކަންކަން ކުރަން ނާޝީދުގެ އައުވާނުންނަށް ޖާގަ ނުލިބުނީމާ ދަނޑި ރޮޓި ޕާޓީއެއް ހަދައިގެން ބިސްގަނޑު އަޅަން އުޅުނަކަސް އެކަމެއް މިގައުމަކު ނުވާނެއެވެ. 

    އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުދިން މީހުންވެސް ނަޝީދުގެ ދަނޑި ރޮޓި ޕާޓީއަކަށް ނުވަނެވެ. އެމްޑީޕީ ކަނޑާލައިގެން ނަޝީދަށް ވޯޓު ނުދެވުނު ކަމަށް ބުނި 39000 މީހުން ވީތަނެއް ނޭގުނެވެ. ދަނޑި ރޮޓިންނަށް 3000 ސައްހަ ފޯމު ހަމަކޮށް ނުލެވުނީމާ ގޯސްވީ އިލެކްޝަނެވެ. ސަރުކާރެވެ. ތިމާމެނަށް ތާއީދު ނެތްކަމަށް ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. 

    ޑިމޮކްރަސީއަކީ ތާއީދު ނެތަސް މަގާމުގައި ބައްދައިގެން އޮތުމަށް ދަޑި މޮކް ރެޓްސް ހަދައިފިއެވެ. ރާގުރާގަށް ސޯޝަލް މީޑިއާގައި ޓްވީޓްކޮށް ނޫސްތަކުން ސުރުހީ ހޯދަން ފުމެ ނަގަނީ ތިބި ބައެއްކަން އަންގާށެވެ. ކިތަންމެ ވަރަކަށް ފޮނު އެރުވިޔަސް އިތުރަށް ހޯދޭނެ ތާއީދެއް ދެނެއް ނަޝީދަކަށް ނެތެވެ. މީހާގެ އަސްލު ސިފަ އެންމެ ތަންދޮރު ނޭގޭ މީހާއަށްވެސް އެނގޭ ވަރަށް އަމިއްލައަށް ބަރަހަނާވެ އަދިވެއްޖެއެވެ. 

    މަޖިލީހުގައި މަރުތަޅު އަޅުވައިގެނެއް ވެސް ނުތިބެވޭނެއެވެ. އާއްންމު ކޮމެޓީއޭ ދާއިރާ ގޮނޑިއޭ ހުނިގުރާބޭ ކިޔައިގެން ތިބެވުނު ޒަމާން ހިނގައްޖެއެވެ. ނަޝީދާއި އީވާއަށްޓަކާ ދައުލަތުގެ އެއްބާރުގެ ގުދާރު ބިންދާލައިގެން ތިއްބަކަ ނުދޭނެއެވެ. ވެރިކަން ނުކުރެވިގެން އަމިއްލައަށް ގުއިރޯނުގައި ޖެހި ފަހަތުގައި ކެބިނެޓް އަތުރާގެން ހުރެ ދުނިޔޭގެ މީޑިއާތަކުގެ ކުރިމަތީގައި އިސްތިއުފާ ދީފާ ބޮލުގައި ބަޑި ޖެއްސީއޭ ކިޔައިގެން ޖެއްސި ގޭމު ދިވެހިން ހިތުދަހެވެ. 

    ރައީސް ޔާމީނު ވެރިކަމުގައި މަޖިލީހަށް ސިފައިން ވައްދާ މެންބަރުންގެ ދަތްދޮޅި ދުއްވާ ފާރުމަތިން އުކާލި ފާޑަށް މިސަރުކަރުން އުޅެގެން ފަނެ ކަމަށް ހީވަނީ ހެއްޔެވެ. މި ސަރުކާރު އޮތީ ނަޝީދުމެން ދަމަހާ ގުއި ރޯނެއްގައި ޖެހޭގޮތަކަށް ނޫނެވެ. ތިޔަ ފާޑަށް މަޖިލީހުގައި ނަޝީދާއި އައުވާނުން ޖަހާގެން އުޅޭ ދަންތުރާގައި ޖެހޭނީ ޕީޕީއެމް-ޕީއެންސީ ކަހަލަ މޮޔައިންނެވެ. މަޖިލީހުގެ ތަޅުމުގައި އިދިކޮޅު އެންމެން ޗަރުކޭސް ކުޅެ ގުނބޯ ހެދިގެން ނަށަނަށާ ބޮކިއަރުވަން ތިއްބާ އެމްޑީޕީން ރޭސް އެއޮށް ނިންމަނީއެވެ. ފަލިޖަހާ އަތުން ފޮޅުކެނޑުނަސް ދެން އަރާ ހަމައެއް ނުވާނެއެވެ. 

    ]]>
    Fri, 09 Jun 2023 18:44:37 +0500 ހީރަސްނިއުސް
    ފެނަކަ އަކީ ކީއްކުރާ ތަނެއް! https://heerasnews.com/1225 https://heerasnews.com/1225 ރަށްރަށުގެ ރައްޔިތުން އަމިއްލައަށް ހިންގަމުން ދިޔަ އިންޖީނުގެތައް ޕްރޮވިންސް ޔުޓިލިޓީ ކުންފުނިތަކުގެ ދަށަށް ގެނައުމުގެ މަސައްކަތް ފެށީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުންނެވެ. މާލެ ފިޔަވާ އެހެން ރަށްރަށުގައި ފެނާއި ނަރުދަމައާއި ކަރަންޓްގެ ހިދުމަތް ދިނުމަކީ ޔުޓިލިޓީ ކުންފުނިތަކުގެ މަސައްކަތަކަށް ހެދިއެވެ. ވިޔާފާރި އުސޫލުން ހިދުމަތް ދީ ދެމެހެއްޓުމަށް އަމާޒު ހިފައިގެން ފެށި މަސައްކަތުގައި ރަށްރަށުގެ އިންޖީނުގެތައް ޔުޓިލިޓީ ކުންފުނިތަކަށް ނަގަމުން ދިޔައީ ގިނަ ރަށްރަށުގެ ރައްޔިތުންގެ މާބޮޑު ރުހުމެއް ނެތިއެވެ. އެތައް ރަށެއްގެ އިންޖީނުގެ ތަކެއް ޔުޓިލިޓީ ކުންފުންޏަށް ނެގުން ފިޔަވާ ޕްރޮވިންސް ޔުޓިލިޓީ ކުންފުނިތަކަށް ކަމެއް ނުކުރެވި އުޅެނިކޮށް ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ކަފުންކޮށް ވަޅުލައިފިއެވެ. 

    ރައީސް ނަޝީދުގެ ބަގަވީ ވެރިކަން ފެށުމާއެކު ހަމައެއް ލަމައެއް ނެތި ރައީސް ނަޝީދު ސަރުކާރުން ޕްރޮވިންސް ޔުޓިލިޓީ ކުންފުނި ތަކަށް ނެގި ރަށްރަށުގެ އިންޖީނުގެ ތަކަށާއި އިންޖީނުތަކާއި ރައްޔިތުން އަޅާފައިވާ ކޭބަލް ތަކަށް ބަދަލު ހޯދުމުގެ އޮއިވަރު ހިނގައިގަތެވެ. ރަށްރަށުގެ އިންޖީނުގެ ތަކަކީ އެ ރަށެއްގެ ރައްޔިތުން ގައިވީދައިގެން ވީވަރެއް ކޮށްފައި ހުރި ތަން ތަނެވެ. ކަރަންޓްގެ ހިދުމަތްދޭ ތަނެއްގައި ހުންނަންޖެހޭ އެއްވެސް ފެންވަރެއް ރައްކާތެރިކަމުގެ ގޮތުން ވިޔަސް އިމާރަތުގެ ގޮތުން ވިޔަސް މުއައްޒަފުން ގޮތުން ވިޔަސް މަދު ރަށެއްގައި ނޫނީ ނެތެވެ. މައުމޫނު ވެރިކަމުގައި ޖަޕާނުން އަޅާދިން މަދު އިންޖީނުގެ އެއްފިޔަވާ ހުރިހާ ތަނެއްހެން ހުރީ ވަރަށް ދެރަވަރު ކޮށެވެ.

    ޕްރޮވިންސް ޔުޓިލިޓީ އެތައް ކުންފުންޏެއް ވަކިވަކިން ހިންގުމަކީ ދެކޮޅު ނުޖެހޭ ގެއްލުން ބޮޑު ބުރައެއް ކަމަށް ޑރ ވަހީދަށް ގަބޫލު ކުރެވިގެން މުޅި ރާއްޖޭގެ ޔުޓިލިޓީ ހިދުމަތް ދެ ކުންފުންޏެއްގެ ދަށުން ދޭ ގޮތަށް ނިންމާ އެއް ކުންފުންޏަކީ ސްޓެލްކޯ ކަމަށް ކަނޑައެޅިއެވެ. ސްޓެލްކޯއަކީ މާލޭގައި ކަރަންޓްގެ ހިދުމަތް ދެމުން އައި ކުންފުންޏެވެ. ސްޓެލްކޯއިން އަދާކުރަމުން އައި ގްރޭޓް މަލޭ ކަރަންޓްގެ ހިދުމަތް ދިނުމުގެ މަސައްކަތުގެ އިތުރަށް މާލެއަތޮޅާއި އަރިއަތޮޅާއި ފެލިދެއަތޮޅުގެ ހުރިހާ ރަށެއްގެ ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ ސްޓެލްކޯގެ މޭންޑޭޓްގައި ހިމެނޭ ކަމެއް ކަމަށް ހަމަޖެއްސިއެވެ. 

    ސްޓެލްކޯގެ މެންޑޭޓްގައި ހިމެނޭ ރަށްތައް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ހިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަން އުފެއްދިއެވެ. ފެނަކައިގެ އިހުތިސާސްގައި ހިމެނޭ ރަށްގިނައެވެ. ކުރަންޖެހޭ މަސައްކަތް ބޮޑެވެ. ޔުޓިލިޓީ ކުންފުނި ތަކުގެ އެއް ކުންފުނި ފިޔަވާ އެހެން ހުރިހާ ކުންފުންޏެއްގެ ޒިންމާތަކާ ވާޖިބުތަކާ ބުރަ އުފުލަން ޖެހުނީ ފެނަކަ ކޯޕަރޭޝަނަށެވެ. 

    ރަށްރަށުގައި އޮތް ކަރަންޓްގެ ހިދުމަތްތައް އޮތް ފެންވަރެއްގައި އޮވެ އެއްވެސް ކަމެއް ކޮށްނުދެވި ކުންފުނި ތަރުތީބު ވުމުގެ މަސައްކަތުގެ ތެރޭގައި އޮއްވާ ޑރ. ވަހީދުގެ ވެރިކަން ނިމި ޔާމީނުގެ ވެރިކަން ފެށިއްޖެއެވެ. ޔާމީނުގެ ވެރިކަމުގައި ބައެއް ރަށްރަށުގެ އިންޖީނުގެ އިމާރާތްކޮށް އައު އިންޖީނު ބަހައްޓާ ނެޓްވޯކް އަޕްގްރޭޑް ކުރިއެވެ. އެހެނަސް އިހުތިސާސްގައި ހިމެނޭ ތަންތަނުގެ %8 ރަށުގެ ކަރަންޓްގެ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ރަށްރަށުގެ ރައްޔިތުން ބޭނުންވާ މިންވަރާ ގާތަށްވެސް ފޯރުކޮށެއް ނުދެވެއެވެ.  

    ފެނަކަ ވުޖޫދުވުމާ އެކު ވެސް ފުރަތަމަ ބޮލުގައި އަޅަންޖެހުނީ ބޮޑެތި ދަރަނިތަކެވެ. ބާވެ ހަލާކުވެފައިވާ އިންޖީނު ތަކާއި އިންޖީނުގެތައް މަރަމާތު ކުރުމަށާއި އާ އިމާރާތްތައް އެޅުމަށް ބޮޑު ހޭދައެއް އެ ކުންފުނިން ކުރަންޖެހުނެވެ. އެހެންކަމުން ލިބޭ ގެއްލުމަކަށް ބެލުމެއް ނެތި ދަރަންޏަށް ފައިސާ ނަގައިގެން ވިޔަސް އެ ކުންފުނިން ދިޔައީ އެ މަސައްކަތްތައް ކުރަމުންނެވެ. ފާއިތުވި ހަތަރު އަހަރު އެކަމުގައި ކުރިއެރުން ތަކެއް ހޯދައިފިއެވެ. 

    އިންޖީނުގެތައް ބެލެހެއްޓުމުގެ އިތުރުން ރަށްރަށުގެ ޔުޓިލިޓީ އެހެން ހިދުމަތްތައް ވެސް އެ ކުންފުނިން އަންނަނީ ބަލަހައްޓަމުންނެވެ. އޭގެ ތެރޭގައި ނަރުދަމާ ގާއިމުކުރުމާއި ފެނުގެ ހިދުމަތް ވެސް ފާހަގަކޮށްލެވެއެވެ. އެންމެ ފަހުން މަސްވެރިނަށް އައިސް ފޯރުކޮށްދޭން ޖެހިފައި އޮތީވެސް ފެނަކައަށެވެ. ގިނަ މަޝްރޫއު ތަކެއް ހިންގުމުގެ ނަތީޖާއަކަށް ވެފައި ވަނީ ފެނަކައިގެ ދަރަނި ދުވަހެއް ދުވަހަކަށް އިތުރުވުމެވެ.

    ]]>
    Wed, 12 Apr 2023 18:16:54 +0500 ހީރަސްނިއުސް
    އިންތިއަށް: އިސާހިތު ވިރިހުސްވެ ހުޅުކޮޅު ނިވިދާނެ! https://heerasnews.com/1199 https://heerasnews.com/1199 ދެރަވެއެވެ. އަސަރުކުރެއެވެ. ޅަނބާޅަ ޅަދޮޅު ކަމުގައި ދަގުޔަށް ވީތީއެވެ. ޓީވީއެމްއަށް އަރަ އިނދެ ރީތިހާ އިނގިރޭސިލަވަ ހުށަހަޅައިދިން އިރު ލައްކައެކޭ ހީވިއެވެ. ނަންހުރި ފަނޑިޔާރު މަނިއްޕުޅަކަށް ނިސްބަތްވާ ވަންހައަކަށް އުފަން ވިޔަތީ ހަމަލަމަ ހުންނާނޭ ކަމަށް ހީކުރެވުނެވެ. އަތްބަލާ ފާލުބަލާ ޖާދޫގަރަކަށް އުފަން ވިޔަތީ ފާލުބަލާ ރަމަލު ނުޖެއްސަސް ކަންހިނގާ މަގު ފަހުމު ވާނެޔޭ ހީކުރެވުނެވެ. 

    ލިބިހުރި ކަމަށް ބެލެވޭ އިލްމާ ހެދި ބޮޑުވި ވަންހަޔަށް ކުޅަ އިތުބާރަކުން ހިސާބު ގަނޑު މީހުންގެ ވަކީލަކަށް އިންތިހާބު ކުރަމުން އައީ ބޮލުރޮދި ކެނޑިފައިވާ ރާރާ ގުޑިއަކަށް ވާނެ ކަމަށް ހިތައެއް ނޫނެވެ. ބަޔަކު އިތުބާރުކޮށް ގޮނޑިއެއްގައި ވެޑުވުމުން ތިމާއާއި އެއްގޮތަށް ދުނިޔެ އެބުރެން ފަށާނެ ކަމަށް ހީކުރާ ވަރު ބޮޑު މޮޔައަކަށް ވާނެކަމަށް މީހުން ހިޔެއް ނުކުރެއެވެ. 

    އަރާއިން އޮފި އަމިއްލަ އަތުން ކަނޑާލައިގެން ބިންމައްޗަށް ގުޅައަކަށް ޖެހޭވަރުގެ އަގުޅިނެތް ކަންނޭލަކަށް ވާނޭ ހީކުރަނީ ކާކު ހެއްޔެވެ. ޝަރީއަތާ ގާނޫނަކީ ތިމާ އެކަނި ދަންނަ އެއްޗެއް ކަމަށްވެ އެންމެން އެޅިހާ ބަތަކަށް ރިހަވެފައި ތިބީ ރުވާފަތުން ރިޔާ ނަގައިގެން ސީދީން ކަނޑު ހިނގި ޒަމާނު ގައެވެ. އަތް ބަލައިގެން ނަސީބު ބުނެދިން އިރު ބަފާ މީހާވެސް ބެދޭމަޅި ކިޔާދީފައި ނެތީތާއެވެ. ކިރިޔާވެސް ހިލަމެއް ކުރިން ވީނަމަ ބަލި ބުޅާގަނޑަކަށް ވާކަށް ކަންކަމަކާ ނޫޅުނީހެވެ. 

    އިންތިހާބުގެ ކުރީ ތިން އަކުރުން ކުރުނަން އެޅޭތީ ކުރިމަތިލާ ކޮންމެ އިންތިހާބެއް ކާމިޔާބު ނުވާނެކަން ގަބޫލު ނުކުރެވެނީ ތާއެވެ. އިންތިޒާމުވި އިންތިހާބެއް އިންތިޒާރުން ކައްސާލުމަކީ އިންތިހާނަކަށް ނުވިތާއެވެ. ލިބި އޮތް އިމްތިޔާޒް ފަހުމް ވީނަމަ އިންތިހާ ދަރަޖައަށް ހަޑިއެއް ނުވާނެއެވެ. 

    ހަސަދަ އާއި ފިތުނަ ފަސާދައިގެ ހުޅުން އަދާ ހުލިވުމަކީ އެހެން ބައެއްގެ ކުށެއް ނޫނެވެ. ދެ ދުވަހު ދެ ގޮތަށް ވާހަކަ ދައްކަމުން ކޮޅުމޮޅު ކުރަން ނެތި މޮށުމުން ދޮޅި އެޅެނީ ތިމާއެވެ. އިމްތިޔާޒު ފަހުމީއަށް ލިބިގެން އުޅެނީ އެލަނޑެވެ. ވާނީ އެހެންތާއެވެ. އިންތިގެ ދުނިޔެ އިންތިއަށް ފެންނަނީ އަންނިގެ ލޮލުންނެވެ. އަންނިގެ ލޮލުން ބަލައިގެން އިންތި ވާހަކަ ދެއްކީމާ ހަޑިވެ ހަރާބު ވަނީ އިންތިއެވެ.

    ސެޕްޓެމްބަރ ގެ ފަހުން އެހެން ބަޔަކު ބޯހިއްލާ ލެވޭ ނުލެވޭ ވާހަކަ އިންތި ނުދައްކާށެވެ. ޗެއަރޕާސަން އިންތިހާބުގެ ފަހުން އިންތިއެކޭ ކުރިން ބުނިހެން  ބޮލުރޮދި ކެނޑިފައި އޮތް ރާރާ ގުޑިއެކޭ އެއްވެސް ތަފާތެއް ނެތެވެ. މީހުންގެ އިހުތިރާމާ ކުލުނު ކެނޑި ހުރިގޮތަށް ހުރެ ތިޔަ ހުރީ އަނދަ އަނދާ ހުރި އުއްބައްތި އަކަށް ބަދަލުވެފައެވެ. އިސާހިތު އެކީއެކަށް ވިރިހުސްވެ ހުލިވެ ހުޅުކޮޅު ނިވޭނީއެވެ. 

    އިންތިމެން ބުނާ ގޮތުން މީގެ ހަމަސް ކުރިން ވެސް ރާއްޖޭގައި ހުރީ އެންމެ ދުވަހެއްގެ ކާޑެވެ. ކޮއްތެއް ދަރެއް ބޯފެނެއް ނެތެވެ. ލިބޭނެ ގޮތެއްވެސް ނެތެވެ. ދައުލަތުގައި ކާޑައި ތެލާއި ގަންނާނެ ފައިސާއެއް މުސާރަ ދޭނެ ފައިސާއެއް ނެތެވެ. ލިބެން އޮތް ގޮތެއް ނެތްތާ ދޭނެ މީހަކުވެސް ނެތެވެ. އެކަމަކު އޭގެ ފަހުން ވެސް ރާއްޖޭގައި މީހުން އުޅެނީ ބަނޑުފުރާ ކައިގެންނެވެ. މުސާރަ ލިބިގެންނެވެ. ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ކެފޭތަކާ ރެސްޓޯރެންޓްތަކާ އަބަދުހެން ފުރި ބާރުވެފައެވެ. ތެޔޮ ލިބެން ނެތިގެން އެންމެ އުޅަނދެއް ވެސް ދުއްވުމެއް ހުއްޓައެއް ނުލައެވެ. އެހެނަސް އިމްތިޔާޒް ފަހުމީމެން ރާއްޖެ ބަޑަށް ޖައްސައިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ.

    ޓްވީޓަރ އަތްގަޑު އޮތީތީ ރާގުރާގަށް ފިތުނަވެރި ވާހަކަ އިންތިމެން ދައްކަ ދައްކާ ތިޔަ ތިބެނީ މަދުއުޅި ނެތް ވަކަވަލެއް ފަދަ މިސާލެވެ. ވަގަށް ގޮވުމާ ދޮގު އިލްޒާމް މީހުންގެ ބޮލުގައި އަޅުވާއިރު ކުށެއް ސާބިތު ނުވާ ކޮންމެ މީހަކީ މައުސޫމެއް ކަމަށް ބުނާ ދުނިޔަވީ ގާނޫނުގެ އިބްތިދާއީ ހަމަ ގަބޫލު ނުކުރާ ގާނޫނީ ވަކީލަކު ރައްޔިތުންގެ ވަކީލަކަށް ކުފޫ ހަމަ ނުވާނެކަން ވެސް ބުނެދޭންވީ އަންނި ދޯއެވެ.  

    ]]>
    Tue, 04 Apr 2023 20:47:03 +0500 ހީރަސް
    އެންމެ ސަމަދު ބެއަކަށްވުރެ ރާއްޖެ މާބޮޑު https://heerasnews.com/1055 https://heerasnews.com/1055 ގިނަ ދުވަސްތަކެއް ވާންދެން ގައުމީ ދިފާއީ ބާރުގައި މަސައްކަތްކޮށް ރިޓަޔަރވުމަކީ ގާނޫނީ ވެރިކަމާ ދެކޮޅަށް ތެދުވުމަށް ދޭ ލައިސަންސެއް ނޫނެވެ. ދިފާއީ ބާރުން ރިޓަޔަރވުމަކީ ބައެއްގެ ސިޔާސީ ބޭނުމަށް ކަތިލެވޭ ކަންބަޅިއަކަށް ވާން ދޭ ތަޅުދަނޑީއެއް ނޫނެވެ. ދައުލަތުގެ މުދަލުން އެތައް ޒަމާނެއް ވަންދެން ކާންދީ ތަމްރީނުދީ ރިޓަޔަރ ވަންދެން ގެންގުޅުނީ ނިކުމެ ދައުލަތާ އިދިކޮޅު ހަރަކާތް ހިންގާ ފިތުނަ އުފައްދާކަށް ނޫނެވެ.

    އެއިރަކު އޮންނަ ގާނޫނީ ސަރުކާރަކުން ދައުލަތުގެ ދިފާއީ ނިޒާމް ތަރުތީބު ކުރަނީ ސިޔާސީ ވާދަވެރިންނަށް ގައުމީ ސަލާމަތް ފޫދުއްވާ ނުލެވޭނެ ގޮތަށެވެ. އެހިނދަކަށް އެހީތެރިކަން ހޯދާ އެއްބާރުލުން ހޯދަންޖެހޭ ބަޔެއްގެ އެއްބާރުލުމާ އެހީތެރިކަން ހޯދަން ޖެހޭވަރެއް އެގޭނީ ރިޓަޔަރކޮށްފައި ތިބޭ މެދުފަންތީގެ ސިފައިންނަކަށް ނޫނެވެ. އިދިކޮޅު ޕާޓީއަކަށް ވެސް ނޫނެވެ.

    ސިފައިންގެ ހުވާކޮށް ރިޓަޔަރ ވެގެން ތިއްބަސް އެ މީހުންނަކީ ބައަކަށް ސިޔާސީ ބާރުވެރިކަން ހޯދާ ދިނުމަށް ނިކުމެ ގާނޫނީ ސަރުކާރާ ދެކޮޅަށް ގައުމު ނުރައްކަލަށް ވައްޓާލަން ތިބި ބައެއް ނޫނެވެ. ރިޓަޔަރޑް ސިފައިންނަކީ ސިފައިންގެ ޗޭން އޮފް ކޮމާންޑްގެ ދަށުން އަންނަ އަމުރަކަށް ނޫނީ އަމަލު ކުރެވޭނެ ބައެއް ނޫނެވެ. ގާނޫނީ ސަރުކާރެއް އޮތް ގައުމެއްގައި ގައުމީ ސަލާމަތަށް އޮތް ރައްކަލާއި ނުރައްކާ ކަނޑައަޅާނީ ދައުލަތުގެ އެންމެ މަތީވެރިޔާއެވެ. 

    ތިމާމެންނަށް ވުރެ އަސްކަރީގޮތުން ބާރުގަދަ ބަޔަކާ ދެކޮޅަށް ހަމައެއް ލަމައެއް ނެތި ސިޔާސީ ޖަޒްބާތުގައި ޖެހިގެން ރިޓަޔަޑް ސިފައިން ނިކުތުމަކީ ގައުމު ނުރައްކަލަށް ވައްޓާލުމަށް ދައުވަތުދޭ ދިނުމެކެވެ. ހަތިޔާރު އުފުލާ ގެންގުޅުމުގެ ގާބިލުކަން ހުރި މީހަކު އެއްވެސް ގައުމެއްގެ އަސްކަރިއްޔާއާއި ދެކޮޅަށް ނިކުތުމަކީ އެތައް ގޮތަކުން ނުރައްކާތެރި ކަމެކެވެ. 

    އެއްވެސް ސާބިތު ހެއްކެއްނެތި މި ބަވަނަވެތި ދުނިޔޭގައި ބޮޑު ގައުމެއްގެ އަސްކަރިއްޔާއާއި ދެކޮޅަށް ރޭވިގެން ހަރަކާތެއް އެއްވެސް ތަނެއްގައި ހިނގާނަމަ އެކަމާމެދު އެ ގައުމަކުން ދެވަނަ ވިސްނުމަކުން ވިސްނާނެއެވެ. އަމްދު އެހަރަކާތެއްގައި ރިޓަޔަރޑް ސިފައިންގެ ބައެއްގެ ބައިވެރިވުން ފާޅުގައި ފެންނަން އޮތިއްޔާ އެބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެއެވެ. އަމްދުން އޭގެން މީހަކު އެ ގައުމަކަށް ހިގައްޖެނަމަ ޓެރެރިސްޓް ހަރަކާތެއް ހިންގަފާނެކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ. 

    ސަމަދުބޭ މެންކަހަލަ ރިޓަޔަރޑް ސިފައިންގެ މީހުން އިންޑިޔާ އަސްކަރިއްޔާއާ ދެކޮޅަށް ހިންގާ ޖަރީމާއަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އެއީ ސިޔާސީ ކަމެއްނޫނެވެ. ރިބަލް ގްރޫޕަކުން ހަނގުރާމަ އިއުލާން ކުރުން ފަދަ ކަމެކެވެ. އިންޑިއާ އައުޓު ހަރަކާތުގައި އުޅޭ ރިޓަޔަރޑް ސިފައިންނަކީ ނުރައްކާތެރި ބައެކެވެ. އެ މީހުންގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ހީނުކުރާ ވަރުގެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެއެވެ. 

    އެންމެ ސަމަދުބެ އަކަށް ވުރެ ގައުމު މާ ބޮޑެވެ. ސަމަދުބޭ ޑީޕޯޓަކުން މި ފަހަރުވާ ސަލާމަތް ވެއްޖެއެވެ. ބޮލު ރޮދި ކެނޑިފައި ތިބި ސަމަދުބޭމެން ކަހަލަ މީހުން ބޭނުން ކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅޭ ބަޅުރުކު ޓެރެރިސްޓުން އޮބިއަޅުވަން އެބަޖެހެއެވެ. 

    ]]>
    Sat, 18 Feb 2023 15:37:38 +0500 ހީރަސް
    ލާމަރުކަޒީ ވުމަކީ މުސްތަގިއްލު ދައުލަތްތަކެއް އުފަން ކުރުމެއްނޫން https://heerasnews.com/984 https://heerasnews.com/984 ރާއްޖޭގައި ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ފަޅުފަޅާ ދޫކޮށްގެން އުޅެނީ އަދި ކިރިޔާ ހެއްޔެވެ. ރާއްޖޭން ޓޫރިޒަމްގެ ބޭނުމަށް ދެރަށެއް ދޫކޮށްގެން މިއުޅޭނީ އަލަށް ހެއްޔެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ވުރެ ޓޫރިޒަމަށް ދޫކޮށްފައި ހުރި ރަށްގިނައެވެ. ނ. އަތޮޅުން ދެރަށެއް ދޫކޮށްގެން މިހާރު ބައެއްގެ ފަޔަށް ހިނި އަރައިގެން ތެޅިފޮޅެނީ ކީއްވެގެން ހެއްޔެވެ.

    ތެޅެފޮޅޭ އިރު ޑިސެންޓްރަލައިޒޭޝަނެއް ފެޑަރޭޝަނެއް ވަތްކެއް ނުވެއެވެ. ރާއްޖެއަކީ ފެޑެރަލް ދައުލަތެއް ނޫންކަމާއި ޔުނިޓަރީ ދައުލަތެއްކަން ބައެއް އަތޮޅު ކައުންސިލަރުންނަށް ނޭނގުމަކީ ހައިރާން ވާންވީ ކަމެއް ނޫނެވެ. ލާމަރުކަޒީ ނިޒާމުގެ މަފްހޫމު އޮޅުވާލާ ކޮންމެ އަތޮޅަކީ ފެޑެރޭޝަނެއް ކަމަށް ހަދަން އުޅޭ ބަޔަކަށް އެއިން ކޮންމެ އަތޮޅަކީ ވަކި ސަރުކާރެކޭ ހީވާނެއެވެ.

    ނޭނގޭ ކަމަކީ ރާއްޖޭގެ ލާމަރުކަޒީ ގާނޫނު އޮތް ގޮތުން އެއްވެސް އަތޮޅެއްގެ އެއްވެސް ރަށަކީ އަތޮޅުކައުންސިލް ދަށުގައި އޮތްތަނެއް ނޫން ކަމެވެ. ކޮންމެ ރަށެއްގައި އޮންނަނީ މުސްތަގިއްލު މިނިވަން ރަށު ކައުންސިލެކެވެ. އަތޮޅު ކައުންސިލަކީ އޭގެ ޒާތުގައި އެއްވެސް ރަށު ކައުންސިލެއްގެ މައްޗަށް އާރެއް ބާރެއް ލިބިގެންވާ ތަނެއްނޫނެވެ. ގާނޫނަށް ގެނައި އިސްލާހަކުން އަތޮޅު ކައުންސިލްގެ ޖަލްސާތަކުގައި ރަށު ކައުންސިލްގެ ރައީސް ތަމްސީލުކުރާ ގޮތަށް ހަމަޖެހުމަކުން ރަށްރަށުގެ ކައުންސިލް ތަކަކީ އަތޮޅު ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ތަންތަނަކަށް ނުވެއެވެ. 

    އަތޮޅެއްގައި އޮންނަ ގިނަ ފަޅުރަށް ކޮންމެ ވެސް ރަށު ކައުންސިލެއްގެ އިހުތިސާސްގެ ތެރެއަށް ވަދެއެވެ. އެ ފަޅުރަށެއްގެ މައްޗަށް ހިނގިއްޔާ ހިގާނީ އެރަށެއްގެ އިހުތިސާސް އޮތް ރަށު ކައުންސިލެއްގެ ބާރެވެ. އެހެނަސް ޓޫރިޒަމްގެ ގާނޫނުގެ ދަށުން ރަށު ކައުންސިލްގެ އިހުތިސާސް އޮތް ސަރަހައްދެއްގައި އޮންނަ ރިސޯޓްތަކަށް އެކައުންސިލްތަކުގެ ބާރު ހިނގާ ގޮތަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ. އަނެއްކޮޅުން ރަށު ކައުންސިލަކަށް އިހުތިސާސް ލިބިފައިވާ ނުވާ ފަޅުރަށަކަށް ނޫނީ އަތޮޅު ކައުންސިލަށް ބެލެނިވެރިކަން ނެގޭނެ އެއްވެސް ފަޅު ރަށެއް ނުއޮވެއެވެ.

    ލާމަރުކަޒީ ގާނުނާއި އެކުއެކީ ރާއްޖޭގައި ހިންގާ އެހެނިހެން ގާނޫނުތައް އޮންނަކަން އަތޮޅު ކައުންސިލަށް ނޭނގުމަކީ ވެސް އަޖައިބެއް ނޫނެވެ. ނ. އަތޮޅު ދެރަށުގެ ވާހަކަ ދެއްކުމުގެ ކުރިން މާލެއަތޮޅާއި އަރިއަތޮޅު ދެބުރިއާއި މާޅޮސް މަޑުލު ދެބުރިއާއި ފާދިއްޕޮޅާއި ވާވު އަތޮޅު ފަދަ އެތައް އަތޮޅެއްގައި އެތައް ރިސޯޓު ހުޅުވައިގެން ހިންގާއިރު އެތަންތަނަށް ނުހިނގާ ވަކި ހުކުމެއް ނ. އަތޮޅަށް ހިނގަންޖެހޭ ސަބަބެއް ނެތެވެ. 

    ރައީސް ޔާމީނު ފ. އަތޮޅު ވިއްކާލަން އުޅުމާ ނ. އަތޮޅުން ވަކި ދެރަށެއް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމާ އެއްގޮތެއް ނޫނެވެ. ނ. އަތޮޅު ރައްޔިތުންގެ ހައްގު ގެއްލޭތީ ކަމަށް ބުނެ ބަޔަކު ލޭހޫނުވެގެން އުޅެނީ ކޮންމެވެސް އެހެން މަގުސަދެއްގައެވެ. މައި ސަރުކާރެއް ހިއްސާކުރާ ވަކިވަކި ދައުލަތް ތަކަކަށް އަތޮޅުތަކާ ސީޓީތައް ނުހަދާ ވަކި އެއް މުއައްސަސާއަކަށް އަތޮޅެއްގެ ހުރިހާކަމެއް ފުރޮޅާ ނުލެވޭނެކަން އެގެން ޖެހެއެވެ. 

    ލާމަރުކަޒީ ވުމަކީ މުސްތަގިއްލު ދައުލަތްތަކެއް އުފަން ކުރުމެއްނޫނެވެ. މަރުކަޒީ ގޮތެއްގައި ފުނިޖެހިފައި ހުރި ހިދުމަތްތަކާ ފުރުސަތުތައް ގޭ ދޮރުމައްޗަށް ގެނައުމެވެ. މިނިވަން މުސްތަގިއްލު ރަށު ކައުންސިލްތައް އަތޮޅު ކައުންސިލްގެ މުށުތެރެއަށް ގެންދިއުމެއް ވެސް ނޫނެވެ. 

    ]]>
    Wed, 01 Feb 2023 20:39:10 +0500 ހީރަސް