Maldives Real Time Facts & ފަހުގެ ހަބަރު https://heerasnews.com/rss/latest-posts Maldives Real Time Facts & ފަހުގެ ހަބަރު dv ކޮޕީރައިޓް: Heeras news llp (P01362021) ބްލީ ކުރުން ދޫކޮށްނުލާ އެމްޑީޕީ ވެސް މޮޅެއް ނުވާނެ! https://heerasnews.com/4602 https://heerasnews.com/4602 އެމްޑީޕީއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫނެވެ. އެމްޑީޕީއަކީ މެންބަރޝިޕް ވަކިބައެއްގެ މައްޗަށް ހުއްޓި ހިފެހެއްޓިފައިވާ ޕާޓީއެއްވެސް ނޫނެވެ. އެމްޑީޕީ އުފެއްދި އެންމެންނަކީ މިހާރަކު އެމްޑީޕީ މީހުނެއްވެސް ނޫނެވެ. އެމްޑީޕީއަކީ ފިކުރުގައި ދިރުން ހުރި ޕާޓިއެކެވެ. އުސޫލުތައް ގަބޫލުކޮށް އެމްޑީޕީގައި ހަރަކާތްތެރިވާ ކޮންމެ މީހަކީ އެމްޑީޕީ މީހެކެވެ.

އެމްޑީޕީގެ އަސާސީ ގަވައިދާއި އެއްގޮތަށް މަގާމުތަކަށް ވާދަކުރުމާއި އެމްޑީޕީ ކުރިއަރުވަން މަސައްކަތްކުރުމުގެ ހައްގު އެމްޑީޕީ ކޮންމެ މެންބަރަކަށްމެ ލިބިގެން ވެއެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތަށް ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ހައްގު ވެސް އެމްޑީޕީ ކޮންމެ މެންބަރަކަށް ލިބިގެންވެއެވެ. ޕާޓީގެ ރަޖިސްޓްރީގައި ނަން އޮވެ ގިނަ ދުވަސްވުމަކުން ނުވަތަ ގިނަ ދުވަސް ނުވުމަކުން މެންބަރަކަށް ލިބިގެންވާ ހައްގަކަށް އުނިކަމެއް ނާންނާނެއެވެ.

އެމްޑީޕީގެ އުސޫލުތައް ގަބޫލުކޮށް އެމްޑީޕީގެ މަސްލަހަތު ކުރިއަރުވަން މުޅިން އަލަށްގުޅޭ މީހަކުވެސް އެމްޑީޕީގައި ދުވަސްވީ މެންބަރަކަށްވުރެ މަތިވެރި ހިދުމަތްތަކެއް އެމްޑީޕީއަށް ކޮށްދީފާނެއެވެ. އެހަލަ ކިތަންމެ ބަޔަކު އެމްޑީޕީގެ ހަޔާތުގައި ފެނިގެން ގޮސްފައިވެސް އެބަހުއްޓެވެ.

ކުރިން މީހަކު އުޅުނު ޕާޓީއަކުން ވަކިވެ އެމްޑީޕީއާ ގުޅެނީ އެ ޕާޓީއަށްވުރެ އެމްޑީޕީ ރަނގަޅުވުމުންނެވެ. އެމްޑީޕީގައި ތިބެފައި އެމްޑީޕީ ދޫކޮށް ދިޔަ ކިތަންމެ ބަޔަކުވެސް އެބަ ތިއްބެވެ. ދޫކޮށް ދިޔުމަށްފަހު އެނބުރިއައިސް އުޅޭ ކިތަންމެ ބަޔަކުވެސް އެބަ އުޅެއެވެ. މުހިންމީ އެމްޑީޕީގައި އެމީހަކު ހުރެ ދޭ ހިދުމަތަކާއި ދޫކޮށް ދިޔުމަށްފަހު އެމްޑީޕީއާއި މެދު އަމަލުކުރާ ގޮތެކެވެ. 

އެތެރޭގެ އިންތިހާބު ތަކުގައި ވާދަކުރަން މީހަކު ނިކުތުމަކީ އެހެން އުންމީދުވާރުން ބަނޑުނުބައިވެ އެ މީހަކަށް ކުނިފުޅަ ގޮވާ އަބުރުކަތިލާ އިންސާނީ ކަރާމާތް ގެއްލުވާލަންޖެހޭ ސަބަބެއްނޫނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ސިޔާސަތު މެންބަރުންގެ ތެރޭގައި ވިއްކައިގެން މަގުބޫލުކަން ހޯދުމަކަށް ހުރަހެއް އޮތީއެއް ނޫނެވެ. ވަކި ބަޔަކާއެކު ނެތް ކޮންމެ މީހަކީ ދުޝްމަނެއްގެ ގޮތުގައި ދައްކައިގެން އެކުގައި މަސައްކަތް ނުކުރެވޭ ވަރަށް ހަންނޮޅާލުމަކީ ޑިމޮކްރަސީއެއް ނޫނެވެ. 

އަޖައިބެއް ކަހަލަ ކަމެކެވެ. ޑީއާރުޕީ ދޫކުރައްވާ އޮނަރަބަް ޝާހިދު އެމްޑީޕީ އާއި ގުޅިވަޑައިގެން އެމްޑީޕީގެ ހައްގުގައި ފާޅުކަން ބޮޑުގޮތެއްގައި މަތީފެންވަރުގައި ހިދުމަތް ކޮއްދެއްވާތާ އެތައް އަހަރެއްވީއެވެ. އެހެނެއްކަމަކު ޝާހިދު އަދިވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުން ކަމަކުނުދެޔޯލައެވެ. ރިޔާސީ ޓިކެޓާ ޖެހުމުން ޝާހިދު އެމްޑީޕީ މީހަކަށް ވާކަމަކަށް ނުވެއެވެ. ފައިސަލް ނަސީމް ވެސް އެމްޑީޕީ މީހަކަށް ނުވިއެވެ. މަޖިލިސްގައި އެމްޑީޕީ ތަމްސީލްކުރާ ޑރ. ޝަމްހީދަކީ ވެސް އެމްޑީޕީ މީހެއް ނޫނޯލައެވެ. މާލެ ސިޓީ މޭޔަރ އާޒިމްވެސް އެމްޑީޕީ މީހަކަށް ވާކަމަކަށް ނުވެއެވެ. އުފެދުނީއްސުރެ ދެގޮތެއްނުވެ އެމްޑީޕީގެ އިސްސަފުގައި ސިޔާސީ މަސައްކަތްކުރައްވާ އެމްޑީޕީގެ ޓިކެޓްގައި ރާއްޖޭގެ ރައީސްކަން ކުރެއްވި އިބޫ ސޯލިހަކީ ވެސް އަސްލު އެމްޑީޕީ މީހަކަށް ވާކަމަކަށް ނުވެއެވެ. ކިހާ ވަރުގަދަ އަރަތެއް ހެއްޔެވެ.

ސިޔާސީ ޕާޓީއެއްގެ އެތެރޭގައި އެހާވަރަށް ކުޑައިމީސްކުރުން ބޮޑުވެ ވަކިބައެއްގެ ތެރޭގައި ނުހިމެނޭ އެންމެންނަކީ ތިމާމެންގެ ތެރެއިން ވާބައެއް ނޫންކަމަށް ބުނެ މީހުންގެ ބޯ ދޮއްވުމަށް މަސައްކަތް ކުރުން ހުއްޓާލަންޖެހެއެވެ. ވާދަވެރިކަމުގައި އެކު ނުވެވޭވަރަށް ވަކިވުމަކީ ބަލިކަށިވުމެކެވެ. ގެއްލުމެކެވެ. ވާދަވެރިންނަށް ފަހިކޮށްދޭ ފުރުސަތެކެވެ. އެމްޑީޕީގެ އެތެރޭގައި އަށަގެންފައި ބްލީ ނިޒާމުން މިނިވަންނުވެ ކާމިޔާބީގެ ހުވަފެން އެމްޑީޕީންވެސް ދެކޭނެ ކަމެއް ނެތެވެ.  

]]>
Mon, 21 Sep 2026 17:53:08 +0500 އެޑިޓަރ
ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ 341 ސަރަޙައްދެއް https://heerasnews.com/4601 https://heerasnews.com/4601 އިންޑިއާގެ ކެރެލާއަކީ އެންމެ ގިނައިން ދިވެހިން ދާ އެއްތަނެވެ. ކޮންމެ ދުވަހަކު ކެރެލާއަށް އަރާފައިބާ މީހުންގެ އަދަދު 200އަށް ވުރެ މައްޗެވެ. ދިވެހިން ކެރެލާއިން ގޮސް އުޅެނީ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އާއި އިރުނާކުލަމް ( ކޮޗިން) އަށެވެ. އެހެން ކަމުން ކެރެލާގައި ދަތުރު ފަތުރުކޮށް އުޅުމުގައި އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދުތައް އެނގުމަކީ މުހިންމު ކަމެކެވެ.

ކެރެލާގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ 341 ސަރަޙައްދެއް ފާހަގަކޮށްފައިވެއެވެ. އެކްސިޑެންޓްގެ ހާލަތު އެންމެ ގޯހީ ތިރުވަނަންތަޕޫރަމްގައެވެ. ކެރެލާގެ އެކި ސަރަޙައްދުތަކުގައި މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އެ ސްޓޭޓްގެ ރޯޑް ސޭފްޓީ އޮތޯރިޓީން ވަނީ އެންމެ ނުރައްކާތެރި ސަރަޙައްދުތައް ދެނެގަނެ އެފަދަ ހުރިހާ ތަނެއް ހިމެނޭ ރިޕޯޓެއް ސަރުކާރަށް ހުށަހަޅާފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓްތައް އާންމުކޮށް ހިނގާ 341 "ހައި ޕްރިއޮރިޓީ ބްލެކްސްޕޮޓް" ނުވަތަ ނުރައްކާތެރި ސަރަޙައްދު ކެރެލާގައި އޮވެއެވެ. ރިޕޯޓުގައި ވާގޮތުން 2016 އާއި 2018 އާ ދެމެދު އެކަނި ވެސްް މި ސަރަޙައްދު ތަކުގައި ހިނގި އެކްސިޑެންޓްތަކުގައި 1730 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ރިޕޯޓުގައިވާ ގޮތުން، އެންމެ ގިނަ ނުރައްކާތެރި ސަރަޙައްދުތައް ހުރީ ތިރުވަނަންތަޕޫރަމްގައެވެ. އެ ޑިސްޓްރިކްޓުން ފާހަގަކުރެވުނު 65 ސަރަޙައްދެއްގައި ހިނގި އެކްސިޑެންޓްތަކުގައި 363 މީހުން މަރުވެފައިވެއެވެ. ލިސްޓުގެ އެންމެ ކުރީގައިވާ އެންމެ ނުރައްކާތެރި ދިހަ ސަރަޙައްދުގެ ތެރެއިން ހަތަރު ތަނެއް ހިމެނެނީ ވެސް ތިރުވަނަންތަޕޫރަމްގައެވެ. މީގެ ތެރެއިން އެންމެ ނުރައްކާތެރި ތަނެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ތިރުވަނަންތަޕޫރަމްގެ ކަރަމަނާގައިވާ ޕައްޕަނަމްކޯޑް ޖަންކްޝަނެވެ.

ތިން އަހަރު (2016، 2017، 2018) ތެރޭގައި އެ ސަރަޙައްދުގައި ހިނގި 102 އެކްސިޑެންޓެއްގައި 15 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން ލިސްޓުގައި ހިމެނެނީ ތިރުވަނަންތަޕޫރަމްގެ ކަރަމަނާ ޖަންކްޝަން، ބަލަރާމަޕޫރަމް ކޮޑިނާޑާ ޖަންކްޝަން އަދި އީސްޓް ފޯޓް ޖަންކްޝަނެވެ.

ތިރުވަނަންތަޕޫރަމްއަށް ފަހު ދެން އެންމެ ގިނަ ނުރައްކާތެރި ސަރަޙައްދުތައް ހުރީ އިރުނާކުލަމްގައެވެ. އެ ޑިސްޓްރިކްޓުގައި އެފަދަ 58 ސަރަޙައްދެއްވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އަންގަމާލީ ޖަންކްޝަނުގައި ހިނގި އެކްސިޑެންޓެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުން ހިމެނޭހެން ހަތަރު މީހަކު މަރުވެފައިވެއެވެ. މިއީ އެ މީހުން ދަތުރުކުރި އޮޓޯ ރިކްޝާއެއް ބަހެއްގައި ޖެހިގެން ހިނގި ހާދިސާއެކެވެ. އަންގަމާލީ ޖަންކްޝަނުގައި ހިނގި 83 އެކްސިޑެންޓެއްގައި 12 މީހުން މަރުވެފައިވާއިރު، މުޅި ސްޓޭޓްގެ ނިސްބަތުން މިއީ 6 ވަނައަށް އެންމެ ނުރައްކާތެރި ސަރަޙައްދެވެ.

ކޮޗީއަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނަކު އެޑަޕަލީ-ޕަލަރިވައްޓޮމް މަގުގައި ހުރި ވަޅުގަނޑަކަށް ސައިކަލު އެރުމުގެ ސަބަބުން ވެއްޓި، ލޮރީއެއްގެ ދަށުވެވެސް މަރުވެފައިވެއެވެ. މި މަގުގައި އޮންނަ ޗަންގަމްޕުލާ ޖަންކްޝަނަކީ 341 ނުރައްކާތެރި ސަރަޙައްދުގެ ލިސްޓުގެ 205 ވަނައިގައި އޮތް ތަނެވެ.

އެންމެ ނުރައްކާތެރި 10 ސަރަޙައްދުގެ ތެރޭގައި ކޮއްލަމްގެ ޕަރިމާނަމް ފައްޅި ސަރަޙައްދާއި، މަލައްޕޫރަމްގެ ކުއްޓިޕޫރަމް އާއި، ޗަންދިރޫރުގެ ތުރަވޫރު ޖަންކްޝަން އަދި އަލަޕޫޅާގެ ހަރިޕާޑް ހިމެނޭއިރު ކާސަރަގޯޑަކީ އެއްވެސް ނުރައްކާތެރި "ބްލެކްސްޕޮޓް" އެއް ނެތް ހަމައެކަނި ޑިސްޓްރިކްޓް ކަން ފާހަގަ ކޮށްލެވެއެވެ. ކަންނޫރު އާއި ވަޔަނާޑް އަދި އިޑުއްކީ ޑިސްޓްރިކްޓުން ކުރެ ކޮންމެ ޑިސްޓްރިކްޓަކުން ފާހަގަކުރެވިފައިވަނީ ނުރައްކާތެރި އެންމެ ސަރަޙައްދެކެވެ. 

]]>
Mon, 21 Sep 2026 00:31:01 +0500 ނިއުސް ޑެސްކް
ގައްސާނު މައުމޫނު ދެއްވީ ޕީއެންސީ އިގުރާރުގެ ތަރުޖަމާއެއް https://heerasnews.com/4600 https://heerasnews.com/4600 ގެއްލިދާނެ މަގާމަށްޓަކައި ކޮނޑުހުޅުން ނެއްޓެންދެން އަތް ޖެއްސަސް ޕީއެންސީ ކޮންގްރެހަކީ ފްލޮޕެއްކަން އެކަމުގައި ބައިވެރި އެންމެންނަށް ވެސް އެނގެއެވެ. މުއިއްޒާއެކު ނިކުމެގެން 2028 ގެ ވެރިކަން ކީއްކުރަން ހެއްޔެވެ. މަރުވެފައިއޮތް ބޯވައެއްވެސް ނުނެގޭނެކަން އެނގެއެވެ. މީހުންގެ ލޮލުން ތިމާގެ ދުނިޔެ ބަލާ މީހަކަށް ފަހަރެއްގައި އެހެން ގޮތަކަށް ފެނުނަސް މުއިއްޒަށް 2028 ނުލިބޭނެ ކަން ހުދު މުއިއްޒުވެސް ގަބޫލުކުރެއެވެ. 

ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިފައި އޮތްނަމަ ކޮންގްރެސް ބައިވެރިން ލައްވާ އިގުރާރުކުރުވާ ހުވާކުރުވާ ހަދާކަށް ނުޖެހޭނެއެވެ. އިގުރާރެއް ނުވިޔަސް ހިތުލޯތްބެއް އޮތްނަމަ ލޮލުން ބޮލުން އެދިގެން ވޯޓު ދޭނެއެވެ. ހޮވަން މަސައްކަތްވެސް ކުރާނެއެވެ. ކުރުވި އިގުރާރުގެ އިބާރާތްތަކަށް ބަލާލުމުން ކޮންގްރެސްގެ ބައިވެރިންނަށް މުއިއްޒު އިތުބާރު ނުކުރާކަން ވަރަށް ރަނގަޅަށް އެނގެއެވެ. 

މުއިއްޒާ އެކު ތިބި  އިސް ގިނަ މީހުންނަކީ ގެރިހަން ލައިގެން ތިބި ހިޔަޅުތަކެއްކަން މުއިއްޒަށް އެނގެންވާނެއެވެ. ރައީސް ޔާމީނު ނެތް ދުނިޔެއެއްގައި ނޫޅޭނެކަމަށް ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ހަތްހުވާކޮށްފައި ބުނަމުން މުއިއްޒަށް ވެރިކަން ޖަހައިގެނެދިން ބާޒުތައް ކިތަންމެ ބޮޑު އިގުރާރެއްވިޔަސް ވަފާތެރި ނުވާނެކަން ވެސް މުއިއްޒަށް އެނގެން ވާނެއެވެ.

ރައީސް ޔާމީނަށް 2023 ގެ ޓިކެޓް ވެސް ޝަރުތެއްނެތި އެ މިހުން ދިނެވެ، އާހިރުގައި ކަން ނިމުނީ ޔާމީނުގެ ޓިކެޓަކީ މުއިއްޒަށް ވެރިކަން ހޯދި ހުސް ގޮނޑިއަށް ވެގެންނެވެ. މިހާރުވެސް ވެރިކަމުގެ ފޮނިމީރުކަމުގައި ނެގެން އޮތްހާ ފައިދާއެއް ނަގަމުން ވެރިކަމެއް ނިމިދާއިރު ކަމެއްވިޔަނުދީ މަތިފަޑީގައި އެ ތިބެނިއްޔަކީ މުއިއްޒަށް 2028 ހޯދާދޭކަށް ނޫނެވެ. ވެރިކަމުގެ ތެރެއިން ނެގެން އޮތްހާ ފައިދާއެއް ހޯދާށެވެ.

އަދުރޭއާއި ސައީދާއި އާދަން ޝަރީފާއި ޝުޖާމެން ކޮންމެ ކުލައަކުން ފޮނު އެރުވިޔަސް އެ މީހުންގެ ހަގީގީ ސިފައަކީ ކޮބައިކަން ދާދިފަހުންވެސް އަދުރޭ ވަނީ ޔާމީނަށް ނިސްބަތްކޮށް ބުނެފައެވެ. އަދުރޭ ބުނިގޮތުގައި އަދުރޭއާއި ފަލާހާއި މުއިއްޒުގެ ވެރިކަމެއް ނުނިމެއެވެ. ނިމުނީ ޔާމީނުގެ ވެރިކަމެވެ. އެގޮތަށް 2028ގައި އަދުރޭމެން ނިންމާނީ މުއިއްޒުގެ ވެރިކަމެވެ. ހިންޏަށް ހަކުރު އޮޅުވާލާހެން މުއިއްޒަށް އޮޅުވާލައިގެން ވެރިކަމަށް ދޮންކުރަނީ ކާކުކަން ތިލަވާނެއެވެ.

ޕީއެންސީ ކޮންގްރެސްގެ ކާމިޔާބީ ގައްސާނު މައުމޫނު ސިފަކުރެއްވި ގޮތް މިސާލަކަށް ފުދެއެވެ. ގައްސާނު ދެއްވި މެސެޖަކީ ޕީއެންސީ މަތީ މަޖިލީހުގެ އިގުރާރުގެ ތަރުޖަމާއެކެވެ. " 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީ.އެން.ސީ.ން ކާމިޔާބު ކުރުމަކީ ގައުމަށް އެންމެ ފައިދާ ހުރިގޮތް ކަމުން، އެކަން ކަށަވަރު ކުރުމަށް، އިސްނަންގަވައިގެން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމާއި، ހިދުމަތުގައި އިހުލާސްތެރިވުމާއި، ގައުމަށް ވަފާތެރި ވުމުގެ އިތުރުންވެސް މި ޕާޓީ އަށް އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތް ކަށަވަރު ކުރުމަކީ، ޕާޓީގެ އެންމެހާ އާންމު މެންބަރުންގެ ހައްގުގައި، ޕާޓީގެ މަގާމުތަކާއި ހަވާލުވެވަޑައިގެންނެވި ހުރިހާ ބޭފުޅުން އުފުއްލަވަންޖެހޭ ފަރުދީ މަސްއޫލިއްޔަތެއް" ކަމަށް ގައްސާނު އެ ވިދާޅުވީ އޮޅިގެނެއް ނޫނެވެ. 

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަމަށާއި ހިދުމަތުގައި އިހުލާސްތެރި ނޫންކަމަށާއި ގައުމަށް ވަފާތެރި ނުވާކަމަށާއި މުއިއްޒަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތް ކަށަވަރު ނޫން ކަމުން ބަޔަކު މަގާމުތަކަކާ ހަވާލުވިޔަސް މުއިއްޒަށް ވެރިކަން ލިބެންނެތްކަމަށް ގައްސާނު އެ ވިދާޅުވީ ސާފު ބަހުންނެވެ.

]]>
Sun, 20 Sep 2026 12:01:27 +0500 އެޑިޓަރ
އިންޑިއާގައި އަނެއްކާވެސް މިސްކިތެއް ނައްތާލަނީ https://heerasnews.com/4599 https://heerasnews.com/4599 މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަން (ބީ.އެމް.ސީ) އިން މުމްބާއީގެ ޗާތުރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއާޕޯޓް (ސީ.އެސް.އެމް.އައި.އޭ) ހިންގާ އިދާރާތަކަށް ނޯޓިސްއެއް ފޮނުވައި، އެއާޕޯޓާ އިންވެގެން ހުރި މިސްކިތަށް ދީފައިވާ ފެނުގެ ހިދުމަތަކީ ގަވާއިދާ ހިލާފަށް ދީފައިވާ ހިދުމަތެއް ކަމަށް ބުނެ، އެ ކަނެކްޝަން ވަގުތުން ކަނޑާލުމަށް އަންގައިފިއެވެ.

ކަމާބެހޭ އިދާރާތަކުން މި ފިޔަވަޅު އަޅާފައިވަނީ، "ގަވާއިދާ ހިލާފަށް" ބިނާކޮށްފައިވާ ދީނީ ތަން ނައްތާލުމަށް މުމްބާއީ މެޓްރޯޕޮލިޓަން ރީޖަން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެމް.އާރް.ޑީ.އޭ) އިން އެއާޕޯޓްގެ އިސްވެރިންނަށް އެންގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ބީ.އެމް.ސީ އިން އެއާޕޯޓްގެ އެގްޒެކެޓިވް އިންޖިނިއަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ މިސްކިތަށް ގާނޫނީ ގޮތުން ފެނުގެ ހިދުމަތް ދޫކޮށްފައިވާކަމުގެ އެއްވެސް ރެކޯޑެއް އެ އިދާރާގައި ނެތް ކަމަށެވެ.

"ވީމާ، އެއާޕޯޓްގެ ޓާމިނަލް 2 ގައި ހުރި މިސްކިތަށް ފެނުގެ ހިދުމަތް ދިނުމަށް ކަމާބެހޭ އިދާރާއިން (ބީ.އެމް.ސީ) ދޫކޮށްފައިވާ ހުއްދައިގެ ކޮޕީއެއް ހުށަހެޅުމަށް ނުވަތަ 7 ދުވަހުގެ ތެރޭގައި ފެން ކަނޑާލުމަށް އަންގަމެވެ. މިގޮތަށް އަމަލުނުކޮށްފިނަމަ، މުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (އެމް.އެމް.ސީ) ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ،" ބީ.އެމް.ސީގެ ނޯޓިސްގައި ބުނެފައިވެއެވެ.

މީގެ ކުރިން، ސެޕްޓެމްބަރު 8 ވަނަ ދުވަހު، ބާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) ގެ ލީޑަރު އަދި ކުރީގެ މެންބަރު ކިރިތު ސޯމައްޔާ ވަނީ މުމްބާއީ އެއާޕޯޓްގެ ޓާމިނަލް 2 ކައިރީގައި ހުރި މިސްކިތް ނައްތާލުމަށް ގޮވާލާފައެވެ. ސޯމައްޔާ ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، އެ މިސްކިތް ހިންގަމުންދަނީ އެއާޕޯޓްގެ ބައިނަލްއަގުވާމީ ޓާމިނަލްގެ ޓެކްސީ ސްޓޭންޑް ސަރަހައްދުގައި އެއްވެސް ސައްހަ ހުއްދައެއް ނެތި ކަމަށެވެ.

މިއާ ގުޅިގެން އެމް.އެމް.އާރް.ޑީ.އޭ އިން ވަނީ އެއީ ގަވާއިދާ ހިލާފު ބިނާއެއް ކަމަށް ކަނޑައަޅައި، އެއާޕޯޓް ސަރަހައްދު ތަރައްގީކުރުމުގެ ވަގުތީ ޕްލޭންގައި އާންމުކޮށް އަޅުކަން ކުރާނެ ތަނެއް ގާއިމުކުރުމަށް އެއްވެސް ޖާގައެއް ދީފައި ނުވާނެ ކަމަށް ބުނެފައެވެ.

"ހަތަރު ހަފުތާގެ ތެރޭގައި އެ ތަން ހުސްކުރުމަށް އެމް.އެމް.އާރް.ޑީ.އޭ އިން މިހާރު ވަނީ މިސްކިތަށް ނޯޓިސް ފޮނުވާފައެވެ. އެހެން ނޫންނަމަ އެ ތަން ތަޅާލެވޭނެއެވެ. ބީ.އެމް.ސީގެ ނޯޓިސްއިން ވެސް އެ ބިނާގެ ގާނޫނީ ހައިސިއްޔަތެއް ނެތްކަން ސާފުވެއެވެ. އަދި އެ ތަން ވަގުތުން ތަޅާލުމުގެ މަސައްކަތް ފެށުމަށް އެދި މިއަދު މުމްބާއީ ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާނަން،" ސޯމައްޔާ 'ދަ އިންޑިއަން އެކްސްޕްރެސް' އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެމް.އެމް.އާރް.ޑީ.އޭ އިން ނެރުނު ބަޔާނުގައި، މި މައްސަލައިގެ މުޅި ޒިންމާ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (އެމް.އައި.އޭ.އެލް) އިން އުފުލަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި މުމްބާއީ މެޓްރޯޕޮލިޓަން ރީޖަން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެމް.އާރް.ޑީ.އޭ) އިން އިތުރަށް ފާހަގަކޮށްފައިވަނީ، އެއާޕޯޓްގެ ބިން ބޭނުންކުރުމުގެ މާސްޓަރ ޕްލޭންގެ ދަށުން އެ ސަރަހައްދަކީ ހަމައެކަނި އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ހާއްސަކުރެވިފައިވާ ބިމެއް ކަމަށެވެ. އަދި އެއްވެސް ބާވަތެއްގެ ދީނީ ބިނާއެއް އެތަނުގައި ހުރުމަކީ ސަލާމަތީ ގޮތުންނާއި އިދާރީ ގޮތުން ބަލާއިރު އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އެ އިދާރާއިން ދެކެއެވެ.

އެއާޕޯޓް ހިންގާ ކުންފުނި، މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (އެމް.އައި.އޭ.އެލް) އަށް ފޮނުވި ރަސްމީ ލިޔުންތަކުގައި ބަޔާންކޮށްފައިވަނީ، މިސްކިތް ހުރި ބިމަކީ ސަރުކާރުން އެއާޕޯޓް ތަރައްގީކުރުމަށް ދޫކޮށްފައިވާ ބިމަކަށް ވާތީ، އެ ބިމުގައި ހިނގާ އެންމެހައި ގަވާއިދާ ހިލާފު ހަރަކާތްތަކެއް ހުއްޓުވުމަކީ އެ ކުންފުނީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މުމްބާއީގެ ސިޔާސީ މަސްރަހުގައި ވެސް ބަހުސްތަކެއް އުފެދިފައިވާއިރު، ކަމާބެހޭ އިދާރާތަކުން ނިންމާފައިވަނީ ދީފައިވާ މުހުލަތުގެ ތެރޭގައި އެ ބިނާ ހުސްނުކޮށްފިނަމަ، ފުލުހުންގެ އެހީތެރިކަމާއެކު އެ ތަން ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ބީ.އެމް.ސީ އާއި އެމް.އެމް.އާރް.ޑީ.އޭ އިން އަންނަނީ މި މައްސަލައިގައި ގުޅިގެން ފިޔަވަޅުތައް އަޅަމުންނެވެ.

]]>
Sun, 20 Sep 2026 10:10:40 +0500 ނިއުސް ޑެސްކް
ކުޑަކުޑަ ޖަންގަލީ ބުޅަލެއް: ސައިންސްގެ އާ ހޯދުމެއް https://heerasnews.com/4598 https://heerasnews.com/4598 ސައިންސްގެ އާ ހޯދުން: ކުޑަކުޑަ ޖަންގަލީ ބުޅަލެއް

ބޮލީވިއާ — ބޮލީވިއާގެ ބޯ ޖަންގަލިތަކުގެ ތެރޭގައި އުޅޭ ކުޑަކުޑަ ޖަންގަލީ ބުޅަލަކީ މުޅިން އާ ބާވަތެއްގެ ބުޅަލެއްކަން ރަސްމީކޮށް ކަނޑައަޅައިފިއެވެ. މިއީ ވޭތުވެދިޔަ 100 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި، ދިރިއުޅޭ ބުޅަލުގެ އާ ބާވަތަކަށް ނަންދީ ސައިންޓިފިކް ގޮތުން ތަފްސީލުކުރި ފުރަތަމަ ފަހަރެވެ.

އެ ސަރަހައްދުގެ މީހުން، މިބުޅަލަށް "ތިލްކާޔޯ" ގެ ނަމުން ނަންދީފައިވެއެވެ. މިއީ ދެކުނު އެމެރިކާގެ އެކި ހިސާބުތަކުން ފެންނަ "ޓައިގަރ-ކެޓް" އާއިލާގެ ބާވަތެކެވެ.

މިއީ ޖަންގަލީ ބުޅަލަކަށް ވީ ނަމަވެސް، ތިލްކާޔޯއަކީ ހައިރާންވާހާ ކުޑަ ސައިޒެއްގެ ސޫތްޕެކެވެ. މީގެ ދިގުމިނުގައި ގާތްގަނޑަކަށް 46 ސެންޓިމީޓަރު ހުންނައިރު، ބަރުދަނުގައި ހުންނަނީ އެންމެ 1.4 ކިލޯގްރާމެވެ. މިއީ އާންމުކޮށް ގޭގޭގައި ގެންގުޅޭ ބުޅަލަށްވުރެ ވެސް ކުޑަ މިންވަރެކެވެ.

ބޮލީވިއާގެ މި ބުޅާތަކަކީ އެހެން ޓައިގަރ-ކެޓްތަކާ ތަފާތު ސިފަތަކެއް ހުރި ބައެއްކަން ސައިންސްވެރިންނަށް އެންމެ ފުރަތަމަ ފާހަގަވީ އެ ސޫތްޕުގެ ސިފަތަކަށް ބަލައިގެންނެވެ. މިކަން އިތުރަށް ދިރާސާކުރުމަށްޓަކައި، ދެކުނު އެމެރިކާގެ އެކި ގައުމުތަކުން 38 ބުޅަލެއްގެ ޑީ.އެން.އޭ ސައިންސްވެރިން ތަހުލީލުކުރިއެވެ. މީގެ ތެރޭގައި މިއުޒިއަމްތަކުގައި ރައްކާކުރެވިފައިވާ ބައެއް ނަމޫނާތައް ވެސް ހިމެނެއެވެ.

ޖެނެޓިކް ދިރާސާތަކުން ދެއްކި ގޮތުގައި، ކުރިން އެއް ބާވަތެއްގެ ގޮތުގައި ބެލެވުނު ޓައިގަރ-ކެޓްތަކުގެ ތެރޭގައި، ޖެނެޓިކް ގޮތުން ތަފާތު ފަސް ބާވަތެއް ހިމެނެއެވެ.

ސައިންސްވެރިން އަންދާޒާކުރާ ގޮތުގައި، ތިލްކާޔޯގެ ނަސްލު އެހެން ޓައިގަރ-ކެޓްތަކާ ވަކިވެފައިވަނީ މީގެ ގާތްގަނޑަކަށް 1.4 މިލިއަން އަހަރު ކުރިންނެވެ.

މި ޖަނަވާރާ ބެހޭގޮތުން މިހާތަނަށް އެނގެނީ ވަރަށް މަދު މައުލޫމާތެކެވެ. ކެމެރާ ޓްރެޕްތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ ރޭގަނޑުގެ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅޭ އެއްޗެއްކަމަށް ބެލެވެއެވެ. އަދި މި ބުޅަލުގެ ނަޖިހުން ފެނިފައިވާ ބައިތަކަށް ބަލާއިރު، ކުދި މީދަލުގެ ބާވަތްތަކަކީ މީގެ މައިގަނޑު ކެއުން ކަމުގައި ބެލެވެއެވެ.

  ނެތިދިއުމުގެ ބިރު އޮތް ދިރުމެއް؟

މި ހޯދުމާއެކު މުހިންމު އިންޒާރެއް ވެސް ވަނީ ލިބިފައެވެ. ބޮލީވިއާގެ ޔުންގާސްގެ ވާރޭޖަންގަލިތަކަށް ވަނީ ގަސްކެނޑުމާއި، ދަނޑުވެރިކަމާއި، ރޯވާ އަލިފާނުގެ އިތުރުން މައުދަން ފަދަ ތަކެތި ކޮނުމުގެ މަސައްކަތްތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ދިރާސާކުރާ ފަރާތްތަކުން މިހާރު ވަނީ އެ ފަރާތްތަކުގެ ހޯދުންތައް އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ އާ ހިއްސާކޮށްފައެވެ. ކުރިއަށް އޮތްތަނުގައި ހެދޭ އިވެލުއޭޝަނަކަށް ފަހު، 'ޓިލްކާޔޯ' އަކީ ނެތިދިއުމުގެ ބިރު އޮތް ދިރުމެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ.

ސައިންސްވެރިން ބަޔާންކުރާ ގޮތުގައި، މިއީ އަދިވެސް ހޯދިފައިނުވާ އާ ދިރުންތައް ދުނިޔޭގައިވާކަން ހަނދާންކޮށްދޭ ކަމެކެވެ. އަދި އިންސާނުންނަށް އެފަދަ ދިރުންތަކެއް އުޅޭކަން އެނގުމުގެ ކުރިން ވެސް، ބައެއް މަޚްލޫޤުތައް ދުނިޔެއިން ނެތިގޮސްދާނެ ކަމުގެ ބިރު އޮތްކަން މި ހޯދުމުން ހާމަވެއެވެ.

]]>
Sat, 19 Sep 2026 12:31:52 +0500 އެޑިޓަރ
ޕޮލިސް ސްޓޭޝަނަކަށާއި މިސްކިތަކަށް ހަމަލާދީ ގިނަ ބަޔަކު މަރައިފި https://heerasnews.com/4596 https://heerasnews.com/4596 ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ ތެރޭގައި ހުރި މިސްކިތަކަށް، ހުކުރު ނަމާދު ވަގުތުގައި ދިން ނުރައްކާތެރި ހަމަލާއެއްގައި މަދުވެގެން 16 މީހުން މަރުވެ، 57 މީހުން ޒަހަމްވެއްޖެ ކަމަށް ރޮއިޓާސްއާ ހަވާލާދީ އޮފިޝަލުން ހާމަކޮށްފިއެވެ.

ހައިބަރް ޕަހުތުންހުވާގެ ކޮހާޓްގައި ހުންނަ ފުލުހުންގެ މި މަރުކަޒަށް ހަމަލާދީފައިވަނީ ގޮވާތަކެތި ހަރުކޮށްފައިވާ އުޅަނދެއް ފާރުގައި ޖައްސައި ގޮއްވާލައިގެންނެވެ. އެއަށްފަހު ހަތިޔާރު އެޅި ހަމަލާދޭ މީހުން ބަޑީގެ ހަމަލާތައް ދޭން ފެށުމުން، ސަލާމަތީ ބާރުތަކާއި އެމީހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ.

މަރުވި މީހުންގެ ތެރޭގައި ފަސް ފުލުހުން ހިމެނެއެވެ. މި ގޮވުމުގެ ސަބަބުން މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ވަނީ ކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާ ދިނުމުގައި ބައިވެރިވި ހަތް މީހުންވެސް ގޮވުމާއި ބަޑީގެ ހަމަލާތަކުގައި ވަނީ މަރުވެފައެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާއިރު، ޕާކިސްތާނުގެ ތާލިބާން ޖަމާއަތް ކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ) އިން ވަނީ މި ހަމަލާގައި ބައިވެރިނުވާ ކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރު ބޯޑަރު ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށްދޭ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި މިފަދަ ހަމަލާއެއް މިވަނީ ދީފައެވެ.

ހުކުރު ނަމާދު ވަގުތު ހިނގި ނުރައްކާތެރި ހާދިސާ

މި ހަމަލާ ދިން ވަގުތަކީ ގިނަ އަދަދެއްގެ ފުލުހުންނާއި އެމީހުންގެ އާއިލާތަކުގެ މެންބަރުން ހުކުރު ނަމާދަށް މިސްކިތަށް އެއްވެ ތިބި ވަގުތެކެވެ. އާދައިގެ މަތިން ފެށުނު ހުކުރު ނަމާދު މެދުކެނޑިގެން ދިޔައީ ބާރުގަދަ ގޮވުމަކާއި ބަޑީގެ ހަމަލާތަކުގެ ސަބަބުންނެވެ.

ޕާކިސްތާނު ސަރުކާރުން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، މިކަމުގެ ފަހަތުގައިވަނީ ކޮން ބައެއްތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

]]>
Fri, 18 Sep 2026 22:41:10 +0500 ނާއިރާ
މީހުން މެރުމުގެ ވޯލްޑް ރެކޯޑު: ޔޯލަ ވާހަކައެއް ނޫން https://heerasnews.com/4595 https://heerasnews.com/4595 އާންމުގޮތެއްގައި މިއީ ހަމައެކަނި ބިރުވެރި އެއް ޖަރީމާއެއްގެ ސަބަބުން ވާކަމެއް ނޫނެވެ. ނަމަވެސް، އެ ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު އާދަޔާ ހިލާފަށް ގިނަވުމުންނެވެ. ތާރީހުގެ ތެރޭގައި ހިނގާފައިވާ ބައެއް ނާމާން ހާދިސާތަކަކީ އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން "ގިނިސް ވޯލްޑް ރެކޯޑް" ފޮތުގައި ލިޔެވިފައިވާ މައްސަލަތަކެކެވެ.

މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ 18 ވަނަ ގަރުނުގެ ފަހުކޮޅާއި 19 ވަނަ ގަރުނުގެ ކުރީކޮޅު އިންޑިއާގައި އުޅުނު "ތަގީ" ޖަމާއަތުގެ މެންބަރެއް ކަމަށްވާ ބެހްރާމް އެވެ. ގިނިސް ވޯލްޑް ރެކޯޑްސްގައިވާ ގޮތުން 1790 އާއި 1840 އާ ދެމެދު އޭނާ ވަނީ 931 މީހުން މަރާލާފައެވެ. މިއީ ތާރީހީ ކުށްތަކުގެ ރެކޯޑްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު މަރާލާފައިވާ އެންމެ ބިރުވެރި އެއް މައްސަލައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ ޑޮކްޓަރެއް ކަމަށްވާ ހެރޯލްޑް ޝިޕްމަންގެ މައްސަލައަކީ މުޅި ދުނިޔެއާއި ބޭސްވެރިކަމުގެ ދާއިރާ ސިއްސުވާލި ހާދިސާއެކެވެ. ޝިޕްމަންގެ މައްޗަށް 15 ބަލިމީހުން މަރާލިކަމުގެ ކުށް ސާބިތުވިއެވެ. ނަމަވެސް، ފަހުން ކުރެވުނު ތަހުގީގުތަކުން އެނގުނު ގޮތުގައި ގާތްގަނޑަކަށް 250 އެއްހާ މީހުންގެ މަރުގެ ޒިންމާ އޭނާ އުފުލަންޖެހެއެވެ. މިއީ އެކަކު ކުރި ކުށްތަކަކަށް ބަލާއިރު ދުނިޔޭގައި ފާހަގަކުރެވޭ އެންމެ ބޮޑު އެއް ޖަރީމާއެވެ.

ބައެއް ހާދިސާތަކަކީ ވަކި ފަރުދަކު ހިންގާފައިވާ އަމަލުތަކެއް ނޫނެވެ. އެކަމަކު ގްރޫޕްތަކުން ހިންގާފައިވާ ކަންކަމެވެ. މެކްސިކޯގެ ދެބެއިން ކަމަށްވާ ޑެލްފީނާ އަދި މާރިއާ ޑި ޖީސަސް ގޮންޒާލޭޒް ވަނީ މަދުވެގެން 90 މީހުން މަރާލާފައެވެ. ހަމައެއާއެކު، ހަންގޭރީގައި "އެންޖެލް މޭކާސް އޮފް ނަގީރޭވް" ގެ ނަމުން މަޝްހޫރުވި ގްރޫޕަކުން މަދުވެގެން 40 މީހުން މަރާލާފައިވެއެވެ.

މިއިން ކޮންމެ އަދަދެއްގެ ފަހަތުގައިވަނީ އިންސާނީ ފުރާނައަކާއި، އާއިލާއެއްގެ ހިތާމަވެރި ވާހަކަތަކެކެވެ. މި ރެކޯޑްތަކަކީ ބިރުވެރި އެއްޗަކަށް ވަނީ އެ ސަބަބަށްޓަކައެވެ. މިއީ ފާހަގަކޮށް އުފާކުރަންޖެހޭ ކާމިޔާބީތަކެއް ނޫނެވެ. ނަމަވެސް، މިއީ ތާރީހުގައި ހިނގާފައިވާ އެންމެ ކަޅު އަދި ނާމާން ޖަރީމާތަކުގެ ހިތާމަވެރި ހަނދާންތަކެކެވެ.

ދަފްތަރެއްގައިވާ އަދަދަކީ ހަމައެކަނި ތަފާސްހިސާބެއް ކަމުގައި ބެލެވިދާނެއެވެ. ނަމަވެސް، އެ ކޮންމެ އަދަދެއްގެ ފަހަތުގައިވަނީ އިންސާނެކެވެ.

]]>
Fri, 18 Sep 2026 22:26:20 +0500 ނާއިރާ
މުއިއްޒު ބިލިޔަނެއްހާ ޑޮލަރު ލޯނަށްދެއްކީ ދެބިލިޔަން ޑޮލަރުން ގައުމު ދަރުވާލާފައި https://heerasnews.com/4594 https://heerasnews.com/4594 ގަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް ހަގީގަތް ބަދަލެއް ނުވާނެއެވެ. ދިވެހިރާއްޖޭގެ ބޭރުގެ ދަރަނީގެ ޖުމްލަ އަދަދު 3 ބިލިއަނާއި 3.7 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީގައި ހުންނާނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކާއި މާލީކަންކަން ބަލާހޯދާ މާހިރުން އަންދާޒާކުރެއެވެ،

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިތުރުކުރި ދަރަންޏާއި އަދާކުރި ދަރަނީގެ ހިސާބުތަކާ މެދު ސަރުކާރުގެ އިސް ފަރާތްތަކާއި ފާޑުކިޔާ ފަރާތްތަކުގެ މެދުގައި ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. މަންޒަރު ކިތަންމެ ރީތިކުރަން ސަރުކާރުން އުޅުނަސް ގަނެވިއްކުމާއި މާލީ މުއާމަލާތްތަކުން އެނގި ސާބިތު ވަނީ ރާއްޖޭގެ މާލީ ހާލަތު ގޯހުން ގޯހަށް ދާކަމެވެ. 

ދަރަންޏާއި ކްރެޑިޓްގެ ވާހަކަ ހުލާސާކޮށްލާއިރު ބޭރުގެ ޖުމްލަ ދަރަނީ ހާލަތު ވަރަށް ގޯހެވެ. މަރުކަޒީ ބޭންކާއި ބައިނަލްއަގުވާމީ އިދާރާތަކުގެ ރިޕޯޓްތަކަށް ބަލާއިރު، ބޭރުގެ ދަރަނި ހުރީ 3 ބިލިއަނާއި 3.7 ބިލިއަން ޑޮލަރާ ދެމެދުގައެވެ. މިއާއެކު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުހަނު މަތީގައެވެ.

އަނެއްކޮޅުން އަލަށް ހޯދި ކްރެޑިޓް ފެސިލިޓީތަކަކީ ވެސް ބިޔަ ބޮޑެތި ދަރަންޏެވެ. އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން ޑޮލަރުގެ އައު ކްރެޑިޓް ލައިނެއް ދިނުމަށް އެއްބަސްވެފައެވެ. މީގެ އިތުރުން މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ވަނީ ހަމަޖައްސައިދީފައެވެ. މިހުރީ ގައުމުގެ މާލީހަތުގެ ފަންވަރަށް ބެލުމެއްނެތި އިތުރު ކުރަމުންދާ ދަރަނީގެ ބޮޅުތަކުން ބޮޅެކެވެ.

ބޭރުގެ ދަރަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޗައިނާއިންނެވެ. އެއީ ދަރަނީގެ ގާތްގަނޑަކަށް %40 އާއި %42 އެވެ. މީގެ އިތުރުން އިންޑިއާއަށް ދައްކަންޖެހޭ ބޮޑެތި ލޯނުތަކާއި ކުރު މުއްދަތުގެ އެތައް ފެސިލިޓީއެއް ހިމެނެއެވެ. ހަމަ އެހެންމެ އަބުދާބީ ފަންޑަށް މިއަހަރު ދައްކަން ޖެހި ނުދައްކާއޮތް 100 މިލިޔަންޑޮލަރު 2030 އާއި ހަމައަށް ފަސްކޮށްދިން ކަންނަސީބެވެ.

ދަރަނި އަދާކުރުމާއި މެނޭޖްކުރުމަށް ބަލާއިރު މި ސަރުކާރުން ވެސް ވަނީ ބޭރުގެ ދަރަނީގެ ބޮޑެތި ޒިންމާތަކެއް އަދާކޮށްފައެވެ. އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމާއި، އިންޑިއާއަށް ދައްކަންޖެހޭ ޓްރެޒަރީ ބިލްތަކާއި ލޯނުތައް ހިމެނެއެވެ. މި އަހަރު ރާއްޖޭން ދައްކަން އޮތް ބޮޑެތި ލޯނުތަކެއް ދައްކާ ބައެއް ލޯނުތައް ދެއްކުން ފަސްކޮށްދިނަސް ރާއްޖެ އޮތިއްޔަކީ އުފާފާޅުކޮށް އަތްޖަހާ ހާލަތެއްގައެއް ނޫނެވެ. 

ބޮޑެތި ލޯނުތަކަކާއި މާލީ ފެސެލިޓީތަކެއް އަދާކުރެވިގެން ސަރުކާރުން ދައްކާއިރު ދަރަނި އިތުރުވުމާ ގުޅޭ ބަހުސް ވަނީފެށިފައެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުން ބަޔާންކުރާ ގޮތުގައި ދައުލަތުގެ ދަރަނި ކުޑަކޮށް، މާލީ ޒިންމާތައް އަދާކުރުމުގައި ހަރުދަނާ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. ނަމަވެސް، އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ފެންނަން ހުރި ބޮޑެތި މަޝްރޫޢުތަކެއް ނިންމާފައި ނެތަސް އައު ކްރެޑިޓް ލައިންތަކާއި ދަރަނީގެ އެއްބަސްވުންތަކުގެ ގޮތުގައި ގާތްގަނޑަކަށް 2.4 ބިލިއަން ޑޮލަރުގެ އިތުރު ޒިންމާތަކެއް މި ސަރުކާރުން ވަނީ ނަގާފައެވެ.

]]>
Fri, 18 Sep 2026 09:54:17 +0500 ހީރަސް
މަރާލާފައި އޮތް 17 އަހަރުގެ އަންހެން ކުއްޖަކު ފެނިއްޖެ https://heerasnews.com/4593 https://heerasnews.com/4593 ނިއުދިއްލީގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

ނިއުދިއްލީ — އުތުރު ދިއްލީގައި  17 އަހަރުގެ އަންހެން ކުއްޖަކު ގްރޫޕަކުން ރޭޕްކޮށް، މަރާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުރާވަރުގެ ހަތަރު ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި، މަރުވި އަންހެން ކުއްޖާއަކީ އޭގެ ތެރެއިން އެކަކާ (17 އަހަރުގެ ފިރިހެން ކުއްޖަކާ) ދަންނަ ކުއްޖެކެވެ. އޭނާ އެ ކުއްޖާޔާ ބައްދަލުކުރުމަށް ގޮސްފައިވަނީ ސެޕްޓެމްބަރު 10 ވާ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ތަހުގީގީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި، އެ ގްރޫޕުން އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރުމަށްފަހު، ހުސްބިމަކަށް ގެންގޮސް ވަޅިން ހަމަލާދީ ވަނީ މަރާލާފައެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ސެޕްޓެމްބަރު 13 ވީ ހުކުރު ދުވަހު، ސަރޫޕް ނަގަރުގެ ކުޝާކް ރޯޑް ކައިރީގައި އޮންނަ ހުސްބިމަކުންނެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާއިރު، ހަށިގަނޑު އޮތީ ފަތްތަކާއި މަޑުން ފޮރުވައިފައެވެ.

މި މައްސަލައިގައި އުމުރުން 19 އަހަރުގެ ޝިވަމް ގަނޭޝް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައިވާއިރު، 16 އަހަރާއި 17 އަހަރުގެ އިތުރު ތިން ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި ޖަރީމާ ހިންގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅިއާއި ބައެއް އަންނައުނު ފުލުހުން ވަނީ ހޯދާފައެވެ.

މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ފުލުހުން ވަނީ އެ ސަރަހައްދުގެ 50 އަށްވުރެ ގިނަ ސީސީޓީވީ ކެމެރާ ޗެކްކޮށް، ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ފެނުނު ޓެމްޕޯއެއްގެ މައުލޫމާތު ހޯދާފައެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި، ފޮރެންސިކް ތަހުލީލުތަކާއި ހައްޔަރުކުރި މީހުން މީގައި ބައިވެރިވި މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

]]>
Thu, 17 Sep 2026 21:33:18 +0500 ނާއިރާ
100އަށް ވުރެ ގިނަ ދިވެހިން ކޮޗިން އެއަރޕޯޓްގައި ހާލުގައިޖެހި ވާނުވާގައި https://heerasnews.com/4592 https://heerasnews.com/4592 އިއްޔެ މެންދުރުފަހު ކޮޗިނުން މާލެއަށް ދާން އޮތް  މޯލްޑިވިއަން ފްލައިޓުން ދަތުރުކުރަން ދިޔަ 150 ވަރަކަށް މީހުން ވާނުވާ ނޭގި ހާލުގައި ޖެހިއްޖެއެވެ.

މޯލްޑިވިއަން ފްލައިޓުގައި ކޮޗިނުން މާލެ ދާމީހުން ބޯޓަށް އެރުވީ އިއްޔެގެ މެންދުރު ފަހު އެކެއްޖެހި އިރުއެވެ. ފްލައިޓް ނައްޓާލަން ޝެޑިއުލްކޮށްފައި އޮތީ 2 ޖަހާއިރަށެވެ. ފްލައިޓަށް ދިމާވި މައްސަލައަކާ ގުޅިގެން ޕްލައިޓް ނުފުރި ހުރިހާ ޕެސެންޖަރުން އިރުއޮއްސި ހަތެއް ޖަހަންދެންތިބީ ފްލައިޓްގައެވެ. 

6 ގަޑިއެއްއްހާއިރު ފަސިންޖަރުން ފްލައިޓުން ބާލާ ހޮޓަލަކަށް ގެންދެވުނު އިރު ރޭގަނޑު 10 ޖަހާ ބޮޑުވެއްޖެއެވެ. ހޮޓަލުގައި ޕެސިންޖަރުން ތިއްބާ ހެދުނު 6 ޖަހާއިރު ފުރޭނެ ކަމަށް ބުނެ ފަތިސް ދަންމަތިގައި ހޮޓަލުން ވަނީ ޗެކްއައުޓް ކޮށްފައެވެ. 

ފަސިންޖަރުން ހޮޓަލުން ޗެކްއައުޓް ވީއްސުރެ ތިބީ ވާނުވާގައެވެ. ބޮޑެތި އޮޕަރޭޝަންކޮށްފައި ތިބި ބަލި މީހުންނާއި ތުއްތުކުދިންނާއި އެކިވަރުގެ 150 ވަރަކަށް ފަސިއްޖަރުން އަދިވެސް ތިބީ ކައިބޮއި ހެދޭނެ ގޮތެއް ނެތިފައެވެ. ގައިންތާހިރު ވެވޭނެގޮތެއް ނެތި ފައެވެ. ފުރޭނެ އިރެއް ނޭނގި ހާލުގައިޖެހި ގޮތް ހުސްވެފައެވެ.

މޯލްޑިވިއަންގެ ފަރާތުން ފަސިންޖަރުންގެ ހާލަތަށް އެއްވެސް އަޅާލުމެއް ނުލިބޭކަމަށް ހާލުގައިޖެހިފައިވާ ދިވެއްސަކު މައުލޫމާތު ދިނެވެ.

]]>
Thu, 17 Sep 2026 10:53:38 +0500 ނިއުސް ޑެސްކް
ފެޑަރަލް ރިޒާވްގެ ޑޮލަރ އިންޓްރަސްޓް ރޭޓް%4އަށް https://heerasnews.com/4591 https://heerasnews.com/4591 ސޯޝަލް މީޑިއާގައި މަޝްހޫރު ބުނާގޮތުގައި އެމެރިކާގެ ފެޑަރަލް ރިޒާވުން އިންޓްރެސްޓް ރޭޓަށް ގެންނަ ބަދަލުތައް މިރޭ ނިންމާނެއެވެ. މިބަދަލާއެކު ފެޑަރަލް ރިޒާވުން އިންޓްރެސްޓް ރޭޓް %4 އަށް މަތިކުރާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރަމެވެ. އޭރުން އެމެރިކާ ޑޮލަރުގެ އަގު އުފުލި، އެހެނިހެން ފައިސާތަކުގެ އަގު ދާނީ ދަށަށެވެ. 

ބީ.އެމް.އެލްގެ  އެކްސްޗޭންޖް ރޭޓް މި ބަދަލާ އެއްގޮތަށް އަދާހަމަކޮށް ޑޮލަރު ފިޔަވައި އެހެނިހެން ބޭރު ފައިސާތަކުގެ ރޭޓްތައް ދަށްވާންޖެހޭނެއެވެ. އެގޮތަށް އެކްސްޗޭންޖު ރޭޓް ބަދަލުކުރުމުން "ޓީމޫ" ފަދަ ވަޞީލަތްތަކުން ކުރާ މުއާމަލާތްތަކާއި ޓީ.ޓީ ތަކަށް ދިވެހި ރުފިޔާއިން ދައްކަންޖެހޭ މިންވަރު ކުޑަވާން ޖެހޭނެއެވެ.  ބީ.އެމް.އެލް އިން ރޭޓްތަކަށް ބަދަލު ނުގެނެސްފި ނަމަ އެއީ އާންމުންގެ އަތުން ނުޙައްގު ބޮޑު ފައިދާއެއް ނެގުން ނޫން ކަމަކަށް ނުވާނެއެވެ. އޭރުން ވާނީ ބޮޑު އޮޅުވާލުމަކަށެވެ.

އެމެރިކާ ފެޑަރަލް ރިޒާވުން މި ނިންމުން އިޢުލާނުކުރުމާއެކު، ބައިނަލްއަގުވާމީ ބާޒާރަށް ވަގުތުން އޭގެ އަސަރުކުރާނެއެވެ. އެހެންކަމުން، ދުނިޔޭގެ ބާޒާރުގައި ރޭޓްތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބޭންކުންވެސް ރޭޓްތައް ބަދަލުކުރަންޖެހޭނެއެވެ.

އެމެރިކާގެ ފެޑަރަލް ރިޒާވްގެ މި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެކެވެ. އެގޮތަށް އިންޓްރެސްޓް ރޭޓް މަތިކޮށްފިނަމަ، އެކަން ވެގެންދާނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މިގޮތަށް ރޭޓް މަތިކުރާ ފުރަތަމަ ފަހަރަށެވެ.          

]]>
Wed, 16 Sep 2026 23:06:23 +0500 ހީރަސް
އިންޝާﷲ އޭ ބުނެގެން ޕޮލިހެއްގެ ވަޒީފާ ބަދަލުކޮށްފި https://heerasnews.com/4590 https://heerasnews.com/4590 ޕޮލިސް އޮފިސަރަކު އާއްމު ތަނެއްގައި ވާހަކަދައްކަމުން "އިންޝާﷲ" ބޭނުންކުރުމުން ކަނާތު ފިޔައިގެ ގްރޫޕްތަކުން ވީޑިއޯއަކާ ގުޅިގެން ޝަކުވާކުރުމުން ބެންގާލްގެ ފުލުސް އޮފިސަރެއްގެ ވަޒީފާއިން ބަދަލުކޮށްފިއެވެ.

"ހިންދޫ ލީގަލް ފަންޑު" ކިޔާ ޖަމާއަތަކުން އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، އެ އައި.ޕީ.އެސް އޮފިސަރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެދި ވެސްޓް ބެންގާލްގެ ހޯމް ސެކްރެޓަރީ ސަންގަމިތުރާ ގޯޝްއަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެ ޖަމާއަތުން ތުހުމަތުކުރާ ގޮތުގައި، އާންމުކޮށް މުއާމަލާތްކުރުމުގައި އެ އޮފިސަރު ވަނީ "ނިއުޓްރަލްކަން" ގެއްލުވާލައި، ގައުމީ ބަސްމަގު ބޭނުންކުރުމަށް ނުކުޅެދިފައެވެ.

ވެސްޓް ބެންގާލްގެ ބީ.ޖޭ.ޕީ ސަރުކާރުން "އާންމު މަސްލަހަތަށްޓަކައި" ކަމަށް ބުނެ، އައި.ޕީ.އެސް އޮފިސަރު ޑރ. ބުޝްރާ ބާނޯ އާއި ސްޓޭޓް ޕޮލިސް ސާވިސްގެ އިތުރު ދެ އޮފިސަރަކު ވަނީ އެހެން މަގާމުތަކަކަށް ބަދަލުކޮށްފައެވެ.

ބާނޯގެ މަގާމު ބަދަލުކޮށްފައި މިވަނީ، ޔޫޓިއުބްގައި އޭނާ އާންމުކުރި ވީޑިއޯއަކާ ގުޅިގެން ކަނާތު ފިޔައިގެ ގްރޫޕްތަކުން ޝަކުވާ ކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އެ ވީޑިއޯގައި ބާނޯ ވަނީ ސިވިލް ސާވިސްއަށް ވަނުމަށް އޭނާ ކުރި ދަތުރާ ބެހޭގޮތުން ވާހަކަދައްކައި، ޔޫ.ޕީ.އެސް.ސީ އިމްތިހާނަށް ތައްޔާރުވުމުގައި އުއްތަރަ ޕްރަދޭޝްގެ އަލީގަޅު މުސްލިމް ޔުނިވަރސިޓީ (އޭ.އެމް.ޔޫ) ގެ ރެސިޑެންޝަލް ކޯޗިން އެކަޑަމީ (އާރް.ސީ.އޭ) އިން ލިބުނު އެހީތެރިކަމަށް ތައުރީފުކޮށްފައެވެ.

އެ ވީޑިއޯގައި އައި.ޕީ.އެސް އޮފިސަރު ބުނެފައިވެއެވެ: "އައްސަލާމް އަލައިކުމް! އަޅުގަނޑަކީ 2021 ވަނަ އަހަރު އައި.ޕީ.އެސް ފާސްވެ، މިހާރު ހަރަގްޕޫރުގެ އެޑިޝަނަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުރި މީހެއް. ސައުދީ އަރަބިއްޔާއިން އެނބުރި އައުމަށްފަހު އަޅުގަނޑު ޔޫ.ޕީ.އެސް.ސީ އިމްތިހާނަށް ތައްޔާރުވާން ފެށިން. ފުރަތަމަ އަމިއްލައަށް ކިޔެވި ނަމަވެސް، ފަހުން އޭ.އެމް.ޔޫގެ އާރް.ސީ.އޭ އިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. އެތަނުގެ ކުތުބުޚާނާއަކީ ވެސް ވަރަށް ފުރިހަމަ ތަނެއް. އަޅުގަނޑު މި ވާހަކަތައް ހިއްސާ މިކުރަނީ އެހެން މީހުންނަށް ވެސް މީގެން ފައިދާކުރާނެ ކަމަށް އުންމީދުކޮށްގެން."

ހިންދޫ ލީގަލް ފަންޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ: "އޭނާ ވާހަކަ ފެށީ 'އައްސަލާމް އަލައިކުމް' އިން. އަދި "އިންޝާﷲ" ބޭނުންކޮށް، ނިންމާލީ "ޖަޒާކަﷲ" އިން. އޭނާ "ވަންދޭ މާތަރަމް" ނުވަތަ "ޖައި ހިންދު" ބޭނުންކޮށްފައެއް ނުވޭ. އިންޑިއާގެ ދައުލަތް ތަމްސީލުކުރާ ވަޒީފާގައި ހުރި އޮފިސަރަކު އާންމު މުއާމަލާތްތަކުގައި ނިއުޓްރަލްކަން ހިފަހައްޓައި، ގައުމީ ބަސްމަގު ބޭނުންކުރަންޖެހޭނެ. މިކަން މުރާޖައާކޮށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެދެން."

މި މައްސަލައާ ގުޅިގެން 'ދަ އިންޑިއަން އެކްސްޕްރެސް' އިން ބާނޯއާ ސުވާލުކުރުމުން، އޭނާ ވަނީ އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފައެވެ.

މިދަނޑިވަޅުގައި، ކްރިޝްނާނަގަރްގެ ޓީ.އެމް.ސީ މެންބަރު މަހުއާ މޮއިތްރާ ވަނީ ބީ.ޖޭ.ޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ގައުމުގެ ބޮޑުވަޒީރު "ސެންގޯލް" އާއި ހުސްގަޔާ ތިބި ސާދޫންނާއެކު އައު ޕާލަމެންޓް އިފްތިތާހުކުރި ގައުމެއްގައި، މުސްލިމް އައި.ޕީ.އެސް އޮފިސަރަކު "އައްސަލާމް އަލައިކުމް" އަދި "އިންޝާﷲ" ކިޔައިގެން ވަޒީފާއިން ބަދަލުކުރުމަކީ މޮޔަ ކަމެއް ކަމަށެވެ. އަދި އަޅުގަނޑުމެންގެ ގައުމު މިވަނީ ނަފްރަތާއި ތައައްސަބުގެ ސަބަބުން މަގުއޮޅިފައި ކަމަށް ވިދާޅުވެ، އިންޑިއާ ސަލާމަތްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ޕަޝްޗިމް މެދިނީޕޫރުގެ ހަރަގްޕޫރުގެ އެޑިޝަނަލް އެސް.ޕީގެ މަގާމުގައި ހުރި ބާނޯ މިހާރު ވަނީ އެސް.އޭ.ޕީ 4 ވަނަ ބަޓާލިއަންގެ ޑެޕިއުޓީ ކޮމާންޑަންޓްގެ މަގާމަށް ބަދަލުކޮށްފައެވެ. އެއީ ޑަބްލިއު.ބީ.ޕީ.އެސް އޮފިސަރު ސުބެންދޫ މަންޑަލް ހުރި މަގާމެވެ.

ހަރަގްޕޫރުގައި ބާނޯގެ ބަދަލުގައި މަސައްކަތް ކުރައްވާނީ ޕާތާ ގޯޝް އެވެ. އޭނާއަކީ މީގެ ކުރިން ޗަންދަންނަގަރް ޕޮލިސް ކޮމިޝަނަރޭޓްގެ އެޑިޝަނަލް ޑެޕިއުޓީ ކޮމިޝަނަރެވެ. ސުބެންދޫ މަންޑަލް ދެން ހުންނަވާނީ ކުރިން ގޯޝް ހުރި މަގާމުގައެވެ.

]]>
Wed, 16 Sep 2026 14:26:08 +0500 ހީރަސް
ފުލުހުން މީހަކު ހައްޔަރުކުރަން އުޅެނިކޮށް އޭނާގެ މާބަނޑު އަނބިމީހާ ނިޔާވެއްޖެ https://heerasnews.com/4589 https://heerasnews.com/4589 އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ފީރޯޒްއާބާދުގައި ފޭރުމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ފުލުހުން މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި، އޭނާގެ މާބަނޑު އަނބިމީހާ ނިޔާވެއްޖެއެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި 28 އަހަރުގެ އެ އަންހެންމީހާ ނިޔާވީ، ފުލުހުން އޭނާގެ ފިރިމީހާ ގެންދަން އުޅުމުން އެކަން ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުން އޭނާ ކޮއްޕާލުމުގެ ސަބަބުންނެވެ.

މި ހާދިސާއާ ގުޅިގެން އިހުމާލުވި ކަމަށް ބަލައި ދެ ސަބް އިންސްޕެކްޓަރުން ހިމެނޭހެން ހަ ފުލުހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް، ފުލުހުން ބުނާ ގޮތުގައި މިހާތަނަށް ކުރެވުނު ތަހުގީގުން އެއްވެސް ފުލުހަކު އެ އަންހެންމީހާއާ މެދު ނުރަނގަޅުކޮށް އަމަލުކޮށްފައިވާ ނުވަތަ ކޮއްޕާލާފައިވާ ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ލަބްހައުއާ އަވަށުގެ ފިހާރައަކުން ވައްކަން ކުރި މައްސަލައެއްގައި ގޯރަވް ކުމާރު ނަމަކަށް ކިޔާ މީހަކު ހިމެނޭހެން ދެ މީހަކަށް ތުހުމަތު ކުރެވިގެން، އޭނާ ހައްޔަރުކުރުމަށް ފުލުހުން އެ ގެއަށް ދިޔައީ އާދީއްތަ ދުވަހުގެ ރޭގައެވެ.

ގޯރަވްގެ ބޭބެ ވިޖޭ ސިންގް ބުނި ގޮތުގައި، ގޯރަވްގެ އަނބިމީހާ އަންޖަލީ ވަަރުމާ ހުރީ އަށް މަހާއި ބައިގެ މާބަނޑު ހާލަތުގައެވެ. އޭނާގެ ހާލަތަށް ރިއާޔަތްކޮށް ފިރިމީހާ ނުގެންދިއުމަށް އާދޭސްކޮށް ރޮމުން ދަނިކޮށް، ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި އޭނާ ކޮއްޕާލީ ކަމަށް ވިޖޭ ތުހުމަތު ކުރެއެވެ.

މުހިންމު ނުކުތާތައް:

• ފޭރުމުގެ މައްސަލައެއްގައި ސުވާލުކުރުމަށް ގޯރަވް ކުމާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި، އޭނާގެ މާބަނޑު އަނބިމީހާ އަންޖަލީ ވަަރުމާ (28 އަހަރު) ވަނީ ނިޔާވެފައެވެ. އާއިލާއިން ބުނާ ގޮތުގައި އޭނާ ނިޔާވީ ފުލުހުން އޭނާ ކޮއްޕާލުމުގެ ސަބަބުންނެވެ.

• މި ހާދިސާ ހިނގިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އަންޖަލީއަށް ވިހެއުމުގެ ވޭންވަރު އަރައި، ހޯމަ ދުވަހުގެ ހެނދުނު ސަރުކާރު ހޮސްޕިޓަލެއްގައި ފިރިހެން ކުއްޖަކު ވިހާފައިވެއެވެ. ނަމަވެސް އޭނާގެ ހާލަތު އިތުރަށް ގޯސްވެ، އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކުރި ފަހުން ވަނީ ނިޔާވެފައެވެ.

• އަލަށް އުފަންވި ތުއްތު ކުއްޖާގެ ހާލު އަދިވެސް ސީރިއަސްއެވެ.

• މި މައްސަލައިގައި އިހުމާލުވި ކަމަށް ބަލައި ދެ ސަބް އިންސްޕެކްޓަރުން ހިމެނޭހެން ހަ ފުލުހަކު ވަނީ ސަސްޕެންޑްކޮށްފައެވެ. ފީރޯޒްއާބާދުގެ އެސް.އެސް.ޕީ އަދިތްޔާ ލަންގޭ ވަނީ މިކަން ތަހުގީގު ކުރުމަށް އަމުރުކުރައްވާފައެވެ.

• ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގޯރަވް މިހާރު ވަނީ ދޫކޮށްލާފައެވެ.

• ކުށްވެރިވާ ފުލުހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައި ލަބްހައުއާ އަވަށުގެ މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ.

• ބީމް އާމީގެ ވެރިޔާ ޗަންދުރަޝޭކަރް އާޒާދު ވަނީ މިކަން އިންސާފުވެރިކޮށް ތަހުގީގުކޮށް، މަސްއޫލުވެރިންނަށް އަދަބު ދިނުމަށާއި އަދި އަނިޔާލިބުނު އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

]]>
Wed, 16 Sep 2026 13:58:29 +0500 ހީރަސް
މުއިއްޒު ވެެރިކަމުން ދުރުކުރުމަށްވުރެ ބޮޑުބަދަލެއް ގެންނާކަށްނެތް https://heerasnews.com/4588 https://heerasnews.com/4588 ނިޒާމީ ބޮޑު ބަދަލަކާއި ވެރިކަން ބަދަލުކުރުމަކާ އެއްވެސް ގުޅުމެއް ނެތެވެ. ކިތަންމެ އަވަސް އަވަހަށް ވެރިކަން ބަދަލުވިޔަސް އަންނަ ހެޔޮބަދަލެއް ނޯވެއެވެ. ވެރިކަން ކުރާ ވައްޓަފާޅި ބަދަލުކޮށް ނިޒާމީ ހެޔޮ ބަދަލެއް ގެނެވޭނީ އެކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ބޭނުން ވެގެންނެވެ. ގެންނަންޖެހޭ ބަދަލުތަކާއި ބަދަލުގެ ނަތީޖާ ހާސިލުވާނެ ގޮތަށް ކަންކަން ތަރުތީބު ކުރެވިގެންނެވެ،

މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިންމަންޖެހިއްޖެކަމަށް ރައްޔިތުންނަށް ގަބޫލުކުރެވުމުން ވެރިކަން ބަދަލުކުރީ ގާނޫނީ އޮނިގަނޑަށް ގެނައި ބޮޑު ބަދަލުންނެވެ. އޭރު ނިޒާމަށް ބަދަލުގެނައީ ވެރިކަން ބަދަލުކޮށްގެނެއް ނޫނެވެ. ދިގު 30 އަހަރުގެ ވެރިކަން ބަދަލުކުރީ ގާނޫނީ ނިޒާމަށް ގެނައި ބަދަލުންނެވެ، އެ ބޮޑު ބަދަލުގެނައި 2007 ގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން 18 އަހަރު ވެގެން ހިނގައްޖެއެވެ. 

18 އަހަރުގެ މުއްދަތުގެ ތެރޭގައި ގިނަގުނަ ދޫމަޅިތައް ގާނޫނު އަސާސީން ވަނީ ފެނިފައެވެ. ގާނޫނު އަސާސީއަށް ގެނައި ބޮޑު ބަދަލުން ހާސިލްކުރަން ބޭނުންވި ގިނަ ކަންކަން ވަނީ ހާސިލް ނުވެއެވެ. ފަސް އަހަރުން ފަސް އަހަރުން ވެރިން ބަދަލުވިޔަސް ރައްޔިތުންނަށް އަމާން ކަމެއް ރައްކާތެރިކަމެއް ތަނަވަސްކަމެއް ފައްސެއް ނުވެއެވެ. ކޮރަޕްޝަނާއި ފަސާދައާއި ނުފޫޒު ވެސް ދިގު ތިރީސް އަހަރަށްވުރެ މާ ބޮޑެވެ. ފަހުގެ ބައެއް ވެރިންގެ ހުދު މުހުތާރުކަން 30 އަހަރުގެ ދިގުވެރިކަމަށްވުރެ މާ ބޮޑެވެ. 

އެހެން ކަމުން ނިޒާމީ ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަން ކުރާނީ ކާކުހެއްޔެވެ. ގިނަ ބަޔަކު ތިބީ މާޔޫސްކަމުގައި ބޮޑު ވަރިހަމައިގައެވެ. ވެރިޔާގެ ބާރު ގަދަވެގެންގޮސް ވެރިން ޖަވާބުދާރީ ކުރާނެ ބަޔަކު ކުރެވޭނެ ބަޔަކު ނެތެވެ. 

މިހާރަކަށް އައިސް ބޮޑު ބަދަލެއްގެ ވާހަކަ އިވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ބުނާ ބޮޑު ބަދަލު އެއީ ކޯއްޗެއް ހެއްޔެވެ. ރައްޔިތުންނަށް ބޮޑުބަދަލު ނަމުގައި ކުރަން އުޅޭ ކަމެއްވެސް ވަރަށް ބޮޑަށް އެބަ ސާފުވާން ޖެހެއެވެ. ގެންނަށް އުޅެނީ ނިޒާމީ ކޮން ބަދަލެއްކަން އެނގެން ޖެހެއެވެ. ވެރިކަން ހިންގުމުގެ ބާރު ވަކިބައެއްގެ އަތްމައްޗަށް ފޮރޮޅާލުމަށް ގެނެވޭ ބަދަލެއްތޯވެސް ބެލެން ޖެހެއެވެ.

ފައްޔާޒާއި ނަޝީދުގެ ބޮޑު ބަދަލަކީ ޕާޓީއެއްގެ ކުޑަ ފެކްޝަނަކަށް ކުރެވޭވަރުގެ ކަމެއް ހެއްޔެވެ. ސަރުކާރު ހިންގަން ލިބުނަސް އެ ބޭފުޅުންގެ ބޮޑު ބަދަލު ތަންފީޒު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބިގެންނެވެ. އެހެންކަމުން އުންމީދުކުރާ ބޮޑު ބަދަލުގެނެވޭނެ މާހައުލެއް އަދި ނެތެވެ. މިހާރުން މިހާރަށް އެންމެންވެސް ކުރަން އޮތްހާވެސް ކަމަކީ މުއިއްޒު ވެެރިކަމުން ދުރު ކުރާނެ ފޯމިއުލާ އެއް ހޯދުމެވެ،

]]>
Tue, 15 Sep 2026 16:28:37 +0500 އެޑިޓަރ
ވާތުފިޔައިގެ ޕާޓީތަކުން ވިޖޭއާ ދެކޮޅަށް ނުކުންނަނީ ކީއްވެ؟ https://heerasnews.com/4587 https://heerasnews.com/4587 ތަމަޅަނާޑޫގެ ބައި-އިލެކްޝަން:

ތަމަޅަނާޑޫގެ ދެ ދާއިރާއެއްގެ ބައި-އިލެކްޝަންގައި ވާތުފިޔައިގެ ޕާޓީތަކުން ނިންމާފައިވާ ނިންމުމަކީ ސިޔާސީ ގޮތުން ފުށުއަރާ ކަމެއްގެ ގޮތުގައި ބެލެވިދާނެއެވެ. ސީ.ޕީ.އައި އަދި ސީ.ޕީ.އައި (އެމް) ގެ ބައެއް އިސްވެރިން މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، އެ ބޭފުޅުން ވިދާޅުވަނީ ވަކިން އިންތިޚާބަށް ނުކުތުމުން އެ ޕާޓީތަކުގެ އަސްލު ތާއީދު އޮތް މިންވަރު ހާމަވެ، ބަލިކަށިކަން ފެނިގެން ހިނގައިދާނެ ކަމަށެވެ.

ތަމަޅަނާޑޫގެ ވާތުފިޔައިގެ ޕާޓީތަކުން ނިންމާފައިވާ މި ސިޔާސީ ނިންމުމަކީ ކޮމިޓީ ރޫމެއްގައި ބަހުސްކޮށްގެން ފަހުމްވީ ނަމަވެސް، އާންމު ރައްޔިތުންނަށް ކިޔައިދޭން އުނދަގޫ ކަމެކެވެ. ސީ.ޕީ.އައި އަދި ސީ.ޕީ.އައި (އެމް) އިން ޗީފް މިނިސްޓަރ ސީ. ޖޯސެފް ވިޖޭގެ ޓީ.ވީ.ކޭ ސަރުކާރަށް ބޭރުން ތާއީދުކުރަމުން ދިޔަ ނަމަވެސް، އޮކްޓޫބަރު 6 ގައި މަދުރަންތަކަމް އަދި ދާރާޕޫރަމް ދާއިރާގައި ބާއްވާ ބައި-އިލެކްޝަންގައި ވަކިން ވާދަކުރުމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން ޕާޓީން ދޭ ރަސްމީ ތަފްސީލަކީ، ވާތުފިޔައިގެ ޕާޓީތަކަކީ ޓީ.ވީ.ކޭ އިއްތިހާދުގެ ބައެއް ނޫން ކަމަށާއި، އަދި ޑީ.އެމް.ކޭ ނުވަތަ އޭ.އައި.އޭ.ޑީ.އެމް.ކޭ-ބީ.ޖޭ.ޕީ އިއްތިހާދުގެ ބައެއްވެސް ނޫން ކަމެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އިންތިހާބުގައި ވާދަކުރަން ޖެހޭނެ ކަމަށް ސީ.ޕީ.އައި (އެމް) ގެ ސްޓޭޓް ސެކްރެޓަރީ ޕީ. ޝަންމުގަމް ވިދާޅުވިއެވެ.

ނަމަވެސް، ޕާޓީގެ ހުރިހާ މެންބަރުން މިކަމާ އެއްބަހެއް ނުވެއެވެ. ސީ.ޕީ.އައި ގެ އިސް ލީޑަރަކު ވިދާޅުވި ގޮތުގައި، މި ދެ ގޮނޑި ކާމިޔާބު ކުރިޔަސް ތާއީދު ކުރަން އޮތީ ހަމަ ޓީ.ވީ.ކޭ ސަރުކާރަށެވެ. އެހެންކަމުން ވަކިން ވާދަކޮށްގެން އާންމުންނަށް އޮޅުންއަރާނެ ފަދަ ނިންމުމެއް ނިންމުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވާތުފިޔައިގެ ޕާޓީތަކުން ވިޖޭގެ ސަރުކާރު ދެމެހެއްޓުމަށް ބޭރުން ތާއީދުކުރަނީ ބީ.ޖޭ.ޕީގެ ނުފޫޒު ހުއްޓުވުމަށާއި ގަވަރުނަރުގެ ވެރިކަމެއް އައުން ހުއްޓުވުމަށެވެ. އެހެންނަމަވެސް، މިހާރު އެ ބޭފުޅުން މި ނުކުންނަވަނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕޭން ކުރާށެވެ. ޝަންމުގަމް ވިދާޅުވާ ގޮތުގައި މީގައި އެއްވެސް ފުށުއެރުމެއް ނެތެވެ. ސަރުކާރަށް އޮތް ތާއީދު ދެމިއޮންނާނެ ކަމަށާއި، މި އިންތިޚާބަކީ ސަރުކާރު ބަދަލުކުރަން ބާއްވާ އިންތިޚާބެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންތިޚާބުގެ ސަބަބުން ވާތުފިޔައިގެ ޕާޓީތަކުގެ ހަގީގީ ބާރު މިންކުރެވިގެންދާނެތީ ބައެއް ލީޑަރުން ކަންބޮޑުވެއެވެ. ގިނަ އަހަރުތަކެއް ވަންދެން ބޮޑެތި އިއްތިހާދުތަކުގެ ތެރޭގައި އޮތުމުން އެ ޕާޓީތަކުގެ އަމިއްލަ ވޯޓު ބޭންކު އޮތް މިންވަރު އޮތީ ނޭނގިފައެވެ. ވަކިން ވާދަކުރުމުން ލިބޭ ވޯޓު މަދުވެއްޖެނަމަ، އެއީ ސިޔާސީ ގޮތުން ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި އެ ބޭފުޅުން ދެކެއެވެ.

ނަމަވެސް ޝަންމުގަމް ވިދާޅުވަނީ، މަޖިލީހުގައި މިހާރު ތިއްބެވި ވާތުފިޔައިގެ ހަތަރު މެންބަރުންނާއެކު އިތުރު ދެ މެންބަރުން ހިމެނުމުން ރައްޔިތުންގެ އަޑު އިތުރަށް ގަދަވާނެ ކަމަށެވެ. އަދި ވޭތުވެދިޔަ 120 ދުވަހު ޓީ.ވީ.ކޭ ސަރުކާރުން ގެންގުޅުނު އިގްތިސާދީ ސިޔާސަތުތަކާ މެދު ހުރި ހިތްހަމަނުޖެހުންތައް މި ކެމްޕޭނުގެ ތެރެއިން ހާމަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައި-އިލެކްޝަންގައި މިހާރު ފަސް ފަރާތަކުން ވާދަކުރެއެވެ. ސިޔާސީ މަސްރަހު މިހާރު އޮތްގޮތުން، ކުރިން ޑީ.އެމް.ކޭ އާއެކު ތިބި ގިނަ ޕާޓީތަކެއް މިހާރު ވަނީ ވިޖޭގެ ޓީ.ވީ.ކޭ އާ ގުޅިފައެވެ.

ވާތުފިޔައިގެ ލީޑަރުން ގަބޫލުކުރާ ގޮތުގައި މިނިވަންކަމާއެކު އިންތިހާބަށް ނުކުތުމަކީ ސިޔާސީ ގޮތުން މުހިންމު ކަމެކެވެ. ޒުވާނުންނާއި ދަރިވަރުންގެ މެދުގައި ވާތުފިޔައިގެ ފިކުރަށް ޖާގައެއް އޮތް ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ. ނަމަވެސް، ޓީ.ވީ.ކޭ އިން ވެރިކަން ކުރަންޖެހޭ ކަމަށާއި، އެކަމަކު މި ދެ ގޮނޑިން އެ ޕާޓީ ބަލިކުރަންޖެހޭ ކަމަށް ބުނެ ކުރާ ކެމްޕޭނަކީ އާންމުންނަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ވާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

]]>
Tue, 15 Sep 2026 12:45:01 +0500 ހީރަސް
އައިފޯނެއް ގަންނަން ކުޑަ ކުއްޖަކު ކުދިބަޔަކު ލައްވާ ކާފަ މަރާލައިފި https://heerasnews.com/4586 https://heerasnews.com/4586 އިންޑިއާގެ ކެރެލާ ސްޓޭޓްގެ އަލަޕުއްޒާގައި އޮންނަ ކަރުވައްޓާ އަވަށުގައި ހުރި ގެއެއްގެ ތެރޭގައި އުމުރުން 65 އަހަރުގެ ފިރިހެނަކު މަރާލި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުން، އެ މީހާގެ 13 އަހަރުގެ ކާފަ ދަރިފުޅާއި އިތުރު ތިން ކުޑަކުދިން ހައްޔަރުކޮށްފިއެވެ.

ކޮލަމްގެ ނެދުންގޯލަމްއަށް ނިސްބަތްވާ ސިވަންކުއްޓީ ޗެއްޓިޔާރު ފެނުނީ ކުއްޔަށް އުޅޭ ގޭގެ ތެރޭގައި މަރުވެފާ އޮއްވައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ މަރު ރާވާފައިވަނީ ގްރޭޑް 8 ގައި ކިޔަވާ އަންހެން ކުއްޖެކެވެ. އެކުއްޖާ މި މަރު ރާވާފައިވާއިރު، އަމަލީ ގޮތުން އެކަމުގައި ބައިވެރިވީ އެހެން ތިން ކުދިންނެވެ.

ސިވަންކުއްޓީ އެ ގޭގައި ދިރިއުޅެމުން ދިޔައީ އޭނާގެ ކާފަ ދަރިފުޅާ އެކުގައެވެ. އަވަށްޓެރިންނަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ އެރޭގެ ވަގުތެއްގައެވެ.

އޭނާ ފެނުނުއިރު އަތާއި ފައި އޮތީ ބެޑްޝީޓާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ފުރަގަހަށް ބަނދެފައެވެ. ފުލުހުން ލަފާކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ. ހަށިގަނޑު ކައިރިއަށް މިރުސް ކުނޑި ބުރުވާފައި ހުރިއިރު، ނިދާކޮޓަރީގެ އަލމާރީ ހުރީ ހަލާކުކޮށްލާފައެވެ. އަދި އެތަނުން ރަނާއި ފައިސާ ވަނީ ވަގަށް ނަގާފައެވެ.

މި މައްސަލައިގެ ތަހުގީގު ފުރަތަމަ އަމާޒުކުރީ ފޭރުމުގެ އަމަލަކަށް ވިޔަސް، ފަހުން ފުލުހުން ވަނީ އާއިލާގެ ތެރެއިން ހެކި ހޯދަން ފަށާފައެވެ. މި މައްސަލައިގައި ކުރިއެރުމެއް ލިބުނީ ފޯން ރެކޯޑްތައް ބެލުމުގެ ތެރެއިންނެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި، މަރާލުމަށްފަހު އެ ތިން ކުދިން ވަނީ މަރާލި މަންޒަރު ފޯނުން އެ އަންހެން ކުއްޖާއަށް ދައްކާފައެވެ. ފުރަތަމަ ތަހުގީގުން އެނގޭ ގޮތުގައި މިކަން ކުރީ އަންހެން ކުއްޖާއަށް އައިފޯނެއް އަދި އަނެއް ކުދިންނަށް ސައިކަލު ގަތުމަށް ފައިސާ ހޯދުމަށެވެ.

މީގެ އިތުރުން، އަންހެން ކުއްޖާ ގިނަގިނައިން ފޯނު ބޭނުންކުރުމާއި ލަހުން ގެއަށް އަންނާތީ ސިވަންކުއްޓީ އަބަދު އެއްޗެހި ކިޔާތީ، އޭނާއާ މެދު އެ ކުއްޖާގެ ހިތުގައި ނުރުހުން އުފެދިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާ މި ތިން ކުދިންނާ ރައްޓެހިވީ ކޮލަމްގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށާއި، މި މަރު ހިންގީ އެކުދިން ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގިއިރު ސިވަންކުއްޓީގެ އަންހެނުން އޮތީ ދަރިއަކު ވިހައިގެން ހޮސްޕިޓަލުގައެވެ. އަދި އޭނާގެ އަނެއް ދަރިފުޅު ހުރީ ގައުމުން ބޭރުގައެވެ. އެ ދެ ދަރިންނަށްޓަކައި އެ ގޭގެ ކައިރީގައި ދެ ގެއެއް އިމާރާތް ކުރަމުން ދިޔައެވެ.

ސިވަންކުއްޓީގެ ހަށިގަނޑު މިހާރު އޮތީ ހަރިޕާދު ތާލުކް ހޮސްޕިޓަލުގައެވެ. ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ފުލުހުންގެ ސާޖަންގެ ބެލުމުގެ ދަށުން އަލަޕުއްޒާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ކުރިއަށްދާނެއެވެ.

]]>
Tue, 15 Sep 2026 10:38:59 +0500 ނިއުސް ޑެސްކް
ރިސޯޓް ހިއްސާ ރައްޔިތުންނަށް ދިނަސް މޮޅުވާނީ ވެރިންނަށް https://heerasnews.com/4552 https://heerasnews.com/4552 ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ހުރި އެންމެ އިސްހާދިމު މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. ރައްޔިތުންގެ ހިތުގައި ރައްޔިތުންގެ ތެރެއިން ވަކިބަޔަކާމެދު ނަފްރަތު އުފެއްދުމަށް މުއިއްޒު ކުރާ މަސައްކަތުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. . 

ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާމެދު ރައްޔިތުންޣެ ހިތުގައި ނަފުރަތު އުފެއްދުމަކީ ނުރައްކާތެރި ކަމެކެވެ. ރާއްޖޭގެ މުޅި އިގުތިސޯދަށް އޭގެ ނުބައި އަސަރުކުރާނެ ކަމެކެވެ. އެތައް އާއިލާއެއްގެ އާމްދަނީއަށް އަސަރުކުރާނެ ކަމެކެވެ. 

ރާއްޖޭގައި މުއްސަދިވެފައިވެފައި ތިބި ބަޔަކު މުއްސަނދިވީ އެމީހުންގެ ހިތްވަރާ މަސައްކަތުންނެ. މުއްސަދިން މުއްސަދިވީ ފަޅި ސިކުންތަކުން ނޫނެވެ. ގައުމުން ލިބޭ ހަނި ފުރުސަތުގެތެރެއިން ކުރިއެރުން ހޯދާ މުއްސަދިވުމަކީ  އެމީހުންގެ ކުޅަދާނަކަމާއި ކެރުމުގެ ނަތިޖާއެވެ. 

އެއްވެސްތަނެއްގައި އެންމެންނަކީ މުއްސަދިންނެއް ނޫނެވެ. ފުދުންތެރި ރައްޔިތެއް ބިނާކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އެކަން ނުކޮށް ހުރެ މުއްސަދިންނާ ޖެހިގަތަކަސް ފުދުއްތެރި ރައްޔިތެއް ނުއުފެއްދޭނެއެވެ. 

ރައްޔިތުން ޖަޒްބާތުގައި ޖައްސައިގެން ފަގީރުކަމެއް ފިލުވައެއް ނުލެވޭނެއެވެ. ރައްޔިތުން ހިއްސާވާ ކިތަންމެ ރިސޯޓެއް ހެއްޖަސް ރައްޔިތު މީހާގެ ޖީބަށް ޑޮލަރެއް ނުވަންނާނެއެވެ. ރައްޔިތުންނަށް ނިސްބަތްވާ މުދަލާ ވިޔަފާރި މިހާރަކުވެސް މަދެއްނޫނެވެ. އެހެނެކޭ ކިޔާފައި ރައްޔިތުންނަށް ވާކަމެއް ހަރާމުން ހަރާމެވެ. ތިޔަ ބުނާ ރިސޯޓް ހިއްސާއަކުން ވާނީ ވަކި ކޮންވަރެއް ހެއްޔެވެ. 

ހުރިހާ މޮޅަކާއި ލުޔަކާއި ފައިދާއެއް އޮންނާނީ އެއިރަކު ވެރިކަމުގައި ބަގުޑި ބައްދައިގެން ތިބި ބަޔަކަށެވެ. އެނޫން ގޮތަކަށް ރާއްޖޭގައި ކަމެއް އިންތިޒާމެއް ނުކުރާނެއެވެ. 

]]>
Mon, 14 Sep 2026 18:00:33 +0500 އެޑިޓަރ
މުއިއްޒުގެ މައްޗަށް ނަޝީދަށް ފަސޭހަކަމާއެކު ކުރި ހޯއްދެވިދާނެތަ! https://heerasnews.com/4585 https://heerasnews.com/4585 އެމްޑީޕީއަށް ނިސްބަތްވާ މީހުންނާއި އެމްޑީޕީއަށް ތާއިދުކުރާ މީހުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ދެން ދޭނެ މީހަކާ ދޭތެރޭގައި ވަރަށް ބޮޑަށް ދަނީ ވިސްނަމުންނެވެ. އެގޮތުން ބައެއް މީހުންދެކޭ ގޮތުގައި މިފަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ވާދަ ކުރައްވަން އެންމެ ލާއިގު ބޭފުޅަކީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ރިޔާސީ ރޭހަށް ނިކުންނަވައިފި ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވާނެ ކަމަށް އެ މީހުން ގަބޫލުކުރެއެވެ.

އަނެއްބަޔަކު ދެކޭގޮތުގައި ރައީސް ނަޝީދަށް އިންތިހާބު ކާމިޔާބު ކުރެއްވުމަކީ ވުމަށްވުރެ ނުވުމާ ގާތް ކަމެކެވެ. އެމަނިކުފާނުގެ މޫސުން ފަސްދީފިކަމަށް ދެކޭމީހުންވެސް މަދެއްނޫނެވެ. ރައީސް ނަޝީދަށް ޓިކެޓް ދީގެން ރިޔާސީ އިންތިހާބުގައި އެމްޑީޕީ ވާދަކުރުމަކީ ވަރަށް ކޮށި ވިސްނުމެއްކަމަށް ދެކޭ މީހުންވެސް ބައިވަރެވެ. ކޮންމެ ހެނެއްވިޔަސް ރާއްޖޭގެ ސިޔާސީ މަސްރަހަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. 

މައުމޫނުގެ 30 އަހަރުގެ ވެރިކަމަށްފަހު، ރައްޔިތުން ބޭނުންވީ ބަދަލެކެވެ. އެ ވަގުތު ކޯލިޝަނެއްގެ އެހީތެރިކަމާއެކު އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ނަސީބު ލިބިވަޑައިގަތީ ނަޝީދަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރަނގަޅު ކަންތައްތަކެއް ކުރެވި، ރައްޔިތުންގެ ތަރުހީބު ލިބުނެވެ. ނަމަވެސް، އޭގެ މާނައަކީ މިއްޔަކީ 2008ގެ ހާލަތެއް ނޫނެވެ. 2013 އެއްވެސް ނޫނެވެ. އޭރު އޮތް ތަރުހީބު އަދިވެސް އެގޮތުގައި އެބައޮތޭ ބަޔަކަށް ހީވިޔަސް އެއްޔަކީ ތެދެއް ނޫނެވެ.

ރައީސް މުއިއްޒުގެ މައްޗަށް ނަޝީދަށް ފަސޭހަކަމާއެކު ކުރިހޯއްދެވިދާނެ ކަމަށް ހީނުކުރާށެވެ. ނަޝީދު ކުރިމަތިލައްވައިފިނަމަ، މާ އިތުބާރު ހުރި އެހެން ކެންޑިޑޭޓަކު ފެންމަތިވުމުގެ ފުރުސަތު ބޮޑެވެ. ނަޝީދުގެ ސިޔާސީ ހަޔާތުގައި ފާޑުކިޔުން އަމާޒުވާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އަދި ދިވެހިން ބަލައިނުގަންނަ، ނުވަތަ ހިތްހަމަނުޖެހޭ ފަދަ ކަންކަމާ ގުޅޭގޮތުން އެމަނިކުފާނު ފާޅުގައި ދައްކަވާފައިވާ ވާހަކަތަކަކީ ރައީސް ނަޝީދުގެ އެންމެ ބޮޑު ބަލިފައެވެ.

އެމްޑީޕީގެ މަދު އެކްޓިވިސްޓުން ކޮޅެއް ފިޔަވައި، އެ ޕާޓީގެ ގިނަ ސަޕޯޓަރުން ބޭނުންވަނީ ނަޝީދު އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީއަކާ ކުރިމަތިލެއްވުމުގެ ބަދަލުގައި، ޕާޓީގެ ތެރޭގައި ހުންނަވައިގެން ގައުމު އިސްލާހުކުރުމަށާއި، ވެރިކަން ހިންގުން ހަރުދަނާކޮށް، އެމްޑީޕީގެ ސަރުކާރެއް މެދުވެރިކޮށް ރައްޔިތުންނަށް " ހައްގު މިންވަރު" ހޯދައިދިނުމަށް މަސައްކަތް ކުރެއްވުމަށެވެ.                    

]]>
Mon, 14 Sep 2026 14:09:48 +0500 ހީރަސް
ގާނޫނާ ހިލާފަށް އެއްވުމެއް ބާއްވައިގެން 200 މީހަކު ތަހުގީގަށް https://heerasnews.com/4584 https://heerasnews.com/4584 ހުއްދަ ހޯދުމެއްނެތި ސައިދާޕެޓްގައި މިދިޔަ ހޮނިހިރު ދުވަހު (12 ސެޕްޓެމްބަރު) މުޒާހަރާކުރި މައްސަލައިގައި، ޑީ.އެމް.ކޭގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އޭ ރާޖާ އާއި، ކުރީގެ ވަޒީރުން ކަމަށްވާ މާ ސުބްރަމާނިއަމް އަދި ޕީ.ކޭ ސޭކަރުބާބޫގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އާރް.އެސް ބާރަތީ އާއި މޭޔަރު އާރް ޕްރިޔާ ހިމެނޭހެން އެ ޕާޓީގެ އިސް 200 އަށްވުރެ ގިނަ މެންބަރުންގެ މައްޗަށް އާދީއްތަ ދުވަހު (13 ސެޕްޓެމްބަރު) ފުލުހުން މައްސަލަ ރަޖިސްޓްރީކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ ބާރަތިޔާ ނިޔާޔާ ސަންހިތާގެ 189 ވަނަ މާއްދާގެ ދަށުން، ގާނޫނާ ހިލާފަށް އެއްވުން ބޭއްވުމުގެ ކުށުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ޑީ.އެމް.ކޭ އިން މުޅި ސްޓޭޓްގައި މުޒާހަރާކޮށްފައިވަނީ، އެސެމްބްލީގައި ޗީފް މިނިސްޓަރު ސީ ޖޯސެފް ވިޖޭ، ޕާޓީގެ ރައީސް އެމް.ކޭ ސްޓާލިން އަދި ކުރީގެ ޗީފް މިނިސްޓަރު އެމް ކަރުނާނިދީއަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.

މި މުޒާހަރާގެ ތެރޭގައި ޑީ.އެމް.ކޭގެ ބައެއް އިސްވެރިން ވަނީ ޗީފް މިނިސްޓަރު ވިޖޭއަށާއި އޭނާގެ ވަޒީރުންނަށް އަމާޒުކޮށް ޒާތީގޮތުން ފާޑުކިޔައި ބަހުގެ ހަމަލާތައް ދީފައެވެ.

                    

]]>
Mon, 14 Sep 2026 13:05:11 +0500 ނިއުސް ޑެސްކް
ހޮޓަލެއްގައި ފިރިހެނަކު އޭނާގެ ލޯބިވެރިޔާ މަރާލައިފި https://heerasnews.com/4583 https://heerasnews.com/4583 އިންޑިއާގެ އައްސާމް ސްޓޭޓްގެ ކާމްރޫޕް ޑިސްޓްރިކްޓްގެ ރަންގިއާ ރޭލު ސްޓޭޝަން ކައިރީގައި ހުރި ހޮޓަލެއްގެ ތެރޭގައި، ކަރުގައި ނުރައްކާތެރި ޒަޚަމްތަކެއް ހުރި އަންހެނަކު މަރުވެފައި އޮއްވާ އާދީއްތަ ދުވަހު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހޮޓަލުގެ ކޮޓަރި ބުކްކޮށް، އަންހެންމީހާގެ ހަށިގަނޑާއެކު އެ ކޮޓަރި ތެރޭގައި ހުރި ފިރިހެނަކު، މީހަކު މެރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އޮފިސަރަކު ޕީ.ޓީ.އައި ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވެއެވެ.

މަރުވި އަންހެންމީހާގެ އައިޑީ ކާޑުން އެނގުނު ގޮތުގައި، އެއީ ސޮނިތުޕޫރު ޑިސްޓްރިކްޓްގެ އަސުރްމާރިގާއޯން އަވަށަށް ނިސްބަތްވާ މާލިނީ ގުރިއާއެވެ.

ހޮޓަލުގެ ވެރިފަރާތް ކަމަށްވާ ދުރުބަޖޯތީ ސަލޯއީ ބުނި ގޮތުގައި، ހައްޔަރުކުރި އަބީޖިތު ކިންޑޯ ހޮނިހިރު ދުވަހުގެ ހަވީރު އެ ހޮޓަލުން ދެ ކޮޓަރި ބުކްކުރިއެވެ. އޭނާ ބުނެފައިވަނީ އެއް ކޮޓަރީގައި އޭނާގެ ތިން ރަހުމަތްތެރިން މަޑުކުރާނެ ކަމަށާއި، އަނެއް ކޮޓަރީގައި އޭނާ ހުންނާނެ ކަމަށެވެ.

އާދީއްތަ ދުވަހުގެ ހެނދުނު، އެއް ކޮޓަރީގައި ތިބި ދެ އަންހެނުން އެތަނުން ދާން ތައްޔާރުވިއިރު، އެމީހުންގެ ރަހުމަތްތެރިޔާ އޮތް ކޮޓަރިން ޖަވާބެއް ނުލިބޭ ކަމަށް ހޮޓަލުގެ މުވައްޒަފުންނަށް އެންގިއެވެ. އެ ކޮޓަރީގައި ހުރި ފިރިހެންމީހާ ވާހަކަ ދެއްކި ނަމަވެސް، އަންހެންމީހާ ފޯނަށް ޖަވާބު ނުދޭކަމަށް އެމީހުން ބުންޏެވެ.

ހޮޓަލުގެ ވެރިފަރާތުން އެ ކޮޓަރީގެ ދޮރުގައި ޓަކިޖެހުމުންވެސް، އެތެރޭގައި ހުރި މީހާ ދޮރު ހުޅުވަން ދެކޮޅު ހެދުމުން، އޭނާ ވަގުތުން ފުލުހުންނަށް އެކަން އެންގިއެވެ.

ފުލުހުންގެ ޓީމެއް އެތަނަށް ގޮސް، މަޖުބޫރުކޮށްގެން ދޮރު ހުޅުވިއިރު، އެނދުމަތީގައި ލެއިން ތަތްތެލިވެފައި އޮތް އަންހެންމީހާގެ ހަށިގަނޑު ފެނުނެވެ. އޭނާގެ ކަރުގައި ފުން ޒަޚަމްތަކެއް ހުރި ކަމަށް ފުލުހުންގެ އޮފިސަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮޓަރީގެ ސީލިން ފަންކާގައި ފޮތިގަނޑެއް އެލުވާފައި އޮތްއިރު، ތުހުމަތުކުރެވޭ ފިރިހެންމީހާ ކަތުރަކާއި އިސްކުރުއަނބުރާ ކަށިގަނޑެއް ހިފައިގެން އެނދުމަތީގައި އިށީނދެގެން އިންކަމަށް ފުލުހުންގެ އޮފިސަރު ވިދާޅުވިއެވެ.

ރަންގިއާ ޕޮލިސް ސްޓޭޝަންގެ އޮފިސަރު އިންޗާޖް މިންޓޫ ބާރޯ ވިދާޅުވި ގޮތުގައި، ހައްޔަރުކުރި މީހާ ވަނީ ފުލުހުންގެ ތަހުގީގުގައި އެ ކުށަށް އިއުތިރާފުވެފައެވެ.

ފުލުހުންގެ ފުރަތަމަ ތަހުގީގުން ދައްކާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ލޯބީގެ ގުޅުމަކާ ގުޅިގެން އުފެދުނު މައްސަލައެއްގެ ތެރެއިންނެވެ.

އޮފިސަރު އިތުރަށް ވިދާޅުވި ގޮތުގައި، އެތާ ތިބި އަންހެނުންނަކީ ޗެންނާއީގެ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރަމުންދިޔަ ބައެކެވެ.            

]]>
Mon, 14 Sep 2026 00:19:12 +0500 ނިއުސް ޑެސްކް
ރާއްޖޭގެ ދިފާއަށް ކުރާ ބޮޑު ހޭދައިގެ ހަގީގީ ބޭނުމެއް ނުފުދޭ https://heerasnews.com/4582 https://heerasnews.com/4582 ރާއްޖޭގެ ސަރަހައްދު ވަރަށް ރަނގަޅަށް ބަލަހައްޓާ ވާހަކަ ވަރަށް އަނގަ ފުޅާކޮށްފާ މި އަހަރަށް މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް މުއިއްޒު ދެއްކިއެވެ. ސިޔާސީ ސަރަހައްދާއި އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމުގައި އިންޗިއެއްވެސް ފަހަށް ނުޖެހޭނެ ކަމަށް ބުންޏެވެ. ދުނިޔޭގެ ކަނޑުތަކުގެ އިމާބެހޭ ކޯޓްގެ ހުކުމްވެސް ގަބޫލުނުކޮށް ރާއްޖޭގެ ސަރަހައްދުކަމަށް ގަބޫލުކުރާ ކަނޑުގެ ސަރަހައްދުތައް ބަލަހައްޓަމުން ދާކަމަށް އެ ދުވަހު ބުންޏެވެ.

ތުރުކީންނާއި އޮސްޓްރޭލިޔާއިން އާމްދަނީއާއި ނުބައްދަލު ހަރަދު ބޮޑު ދެ މަނަވަރު ހޯދައިގެން އެންމެ ޒަމާނީ ހަތިޔާރު ގަނެގެން ސަރަހައްދު އެބަ ބަލަހައްޓައެވެ. ރައްޔިތުން ބަނޑަށް ޖެހުނަސް 3 ޑްރޯނު ގަނެގެން އެއަރފޯސް އުފައްދައިގެން އުޅޭއިރު ކިހާރަނގަޅަކަށް ސަރަހައްދު ބެލެހެއްޓޭނެތާއެވެ. ސަރަހައްދު ބެލެހެއްޓުމައިގެން އުޅޭ މީހުންގެ މޭމަތީގެ ކުލަބަރި ގައިމުވެސް ކުޑައެއް ނޫނެވެ. 

އެކަމަކު ކުރާނެ ކަމެއްނެތްތާއެވެ. ބޮޑެތި އާގު ބޯޓު ފަހަރު ގަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އަންނަކަމެއް ނޭނގެއެވެ. މާލޭ ބަނޑު ދަށުގައި އެއް އެންކަރެއްގައި ދެ އާގުބޯޓް ތިން ހަތަރު މަހު އޮތަސް ފެންނަނީއެއް ނޫނެވެ. މާލޭ ފަރުގައި ތެޅެމުން ގޮސް ސިނަމާލެ ބުރިޖަށް ލައްގާ ފޫވެއްޓި ދެ ބޯޓު މާކަނޑަށް އަޑިޔަށް ދިޔައިރުވެސް ދެނަހުރި ދިފާއެއް ނެތެވެ. 

މަތިހަށި ނަގާފައި އުޅޭއިރު ރައްކާތެރި ކަމުގެ ކުއްލި ފިޔަވަޅުތަކަށް އެހާމެ ބީރައްޓެއްސެވެ. ފެތުނު އޮޑިން މީހުން ސަލާމަތް ކުރެވުނު އިރު މީހުން ސަލާމަތްކުރަން ދިޔަ މީހުން ފެތުނުއޮޑި ދަށުވެ ވީމަރެވެ. ހޮހަޅުން ގަބުރު ހޯދަންދިޔަ މީހާގެވެސް ލިބުނީ ގަބުރެވެ. މޮޅު އާލާތާއި އެސްއޯޕީގެ ބޭނުމެއް ނުހިފުނެވެ. 

ގައުމީ ބަޖެޓުން އެންމެ ބޮޑު އެއް ހޭދައެއް ކުރަނީ ދިފާއަށެވެ. އާއސަންދަ ކަވަރުނުކޮށްގެން އާއްމު ރައްޔިތުން ބޭސްފަރުވާ ނުކުރެވިގެން މަރަށްތެޅުނަސް ދިފާއީ ބާރުގެ އެންމެންގެ އަނބިދަރިންނާއި މައިންބަފައިންނަށް ބޭސްފަރުވާކުރުމަކަށް ހުރަހެއް ނޯވެއެވެ. މުޅި ދައުލަތުގެ ބަޖެޓު ދިފާއަށް އަރިކޮށްލާފައި އޮތަސް ކުރާ ހޭދަޔާ ލިބޭހިދުމަތާ ނުބައްދަލެވެ. 

ރާއްޖޭގެ ދިފާއަށް ކުރާ ބޮޑު ހޭދައިގެ ހަގީގީ ބޭނުމެއް ނުފުދެއެވެ. އަލިފާނާއި ކާރިސާހާލަތް ތަކުގައި ނިކުންނާނެ ކުއްލި ރިއެކްޝަން ފޯހެއް ފިޔަވާ ބޮޑު ސިންގާ އަސްކަރިއްޔާއެއް އޮތުމުގެ ބޭނުމެއް ނެތޭ މީހުން ބުނަނީ ކުރާ ހޭދައާއި ނަތީޖާ ދިމާ ނުވާތީއެވެ. ގައުމީދުވަހާއި މިނިވަން ދުވަސް ފަދަ ދުވަސް ދުވަހު ޔުނީފޯމަށް ރުލެއްވެސް އަރުވާނުލާ ގޮތްގޮތަށް ފައިޖަހާ ކުރުނީސްކުރަން ބޮޑު މިލިޓަރީ ފޯހެއް އޮތުމުގެ ބޭނުމެއް ނެތެވެ. އަހަރުން އަހަރަށް ޕްރަމޯޝަންދީ މޭފުރެންދެން ކުލަބަރި އެރުވަން ނަމެއްގައި ބަޔަކު ތިބެންޖެހޭ ހެއްޔެވެ.

]]>
Sun, 13 Sep 2026 19:49:00 +0500 އެޑިޓަރ
ސިލްސިލާކޮށް ބުޅާ މަރާ މީހަކު ހައްޔަރުކޮށްފި https://heerasnews.com/4581 https://heerasnews.com/4581 މަހާރާޝްތްރާގެ ޗެމްބޫރުގެ ޕަންޖްރަޕޯލް ސަރަހައްދުގައި ގިނަ އަދަދެއްގެ ބުޅާތަކެއް މަރަމުންދިޔަ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އާރު.ސީ.އެފް ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޝިވާ ނަމަކަށް ކިޔާ، ގެދޮރެއް ނެތް މީހެކެވެ. އޭނާއަކީ ޗެމްބޫރުގެ ޕަންޖްރަޕޯލް ސަރަހައްދުގައި އާންމުކޮށް އުޅޭ މީހެކެވެ.

ފުލުހުން ޝިވާ ހައްޔަރުކުރީ ކަމަވާޑީ، ޕަންޖްރަޕޯލް އަދި ޝާނީ މަންދިރު ސަރަހައްދުތަކުގެ ސީ.ސީ.ޓީ.ވީ ފުޓޭޖްތައް ބެލުމަށްފަހުގައެވެ. ސުވާލުކުރުމުން، ހަ ބުޅަލަށްވުރެ ގިނަ ބުޅާ މަރާފައިވާނެކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޯގަސްޓް މަހުގެ މެދެއްހާ ހިސާބުން ފެށިގެން އެ ސަރަހައްދުން މަދުވެގެން 20 ބުޅާ މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަން ކުރާ ބަޔަކު ހޯދުމަށް މައުލޫމާތު ދޭ ފަރާތަކަށް 50,000 ރުޕީސްގެ ފައިސާގެ އިނާމެއް ދޭނެކަމަށް ޕެޓާ އިންޑިއާއިން ކުރިން އޮތީ އިއުލާންކޮށްފައެވެ.

ދާދި ފަހުން، އެ ސަރަހައްދުގައި ބުޅަލަށް ކާންދޭ މީހެއް ކަމަށްވާ ރުބީނާ ޕަތާންއަށް ވަނީ އެއް ރެއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ރަހުމުކުޑަގޮތަކަށް މަރާލާފައިވާ ހަ ބުޅަލެއް ފެނިފައެވެ.

އާރު.ސީ.އެފް ފުލުހުން  މިހާރު ވަނީ ބީ.އެން.އެސް ގެ 325 ވަނަ މާއްދާގެ ދަށުންނާއި، ޖަނަވާރުންނަށް ކުރާ އަނިޔާ ހުއްޓުވުމާބެހޭ ގާނޫނުގެ ދަށުން މި މައްސަލަ ރަސްމީކޮށް ރިޕޯޓުކޮށް ތަހުގީގު ފަށާފައެވެ.

ރަހުމުކުޑަ މި އަމަލު ހިންގަން މެދުވެރިވި ސަބަބާއި، ޝިވާގެ ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.                

]]>
Sun, 13 Sep 2026 10:59:55 +0500 ނިއުސް ޑެސްކް
ފަލާހަށް: ތަޅާ ދަނޑިން ތިކި ބުރަނީ އަމިއްލަ ގަޔަށް https://heerasnews.com/4580 https://heerasnews.com/4580 ޕީއެންސީ ޕީޖީ ލީޑަރު ފަލާހު ބުނާހެން އިންސާނާގެ ލަދުހަޔާތް ނެތިއްޖެނަމަ ދެން ހަމަ ކޮންމެފަދަ ވާހަކައެއްވެސް އޭނާ ދައްކަފާނެއެވެ. އޭގެ އެންމެ އައުލާ މިސާލަކީވެސް ހުދު ފަލާހެވެ. ލަދު ހަޔާތުގެ ކުނޑިފުކެއް ހުރިނަމަވެސް ފަލާހުމެން ރައީސް ޔާމީނަށް ތިޔަ ގޮވާ މުޑުދާރު ގޮވެލިފައްޗެއް ނުގޮވާނެއެވެ.

ރައީސް ޔާމީނުގެ ވެރިކަމަކީ އިންތިހާ ދަރަޖައަށް ކޮރަޕްޓް އަނިޔާވެރި ވެރިކަމެއްކަމަށް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ގަބޫލު ކުރެވިގެން އެ ވެރިކަން ވަނީ ނިންމާފައެވެ. ރައްޔިތުންގެ އެތައް ހާސް ބަޔަކު އޭރު ދެއްކި ވާހަކަތަކާ ދެކޮޅަށް ރައީސް ޔާމީނާއި ޔާމީނުގެ ސަރުކާރު ދިފާއުކުރަން އަޑު އުފުލީ ފަލާހާއި ބާރަށު ޝުޖާއާޢި އަދުރޭ ފަދަ މީހުންނެވެ. އޭރަކު ތިޔަ ބައިގަނޑަކަށް ޔާމީނުގެ އުނިކަމެއް އަނިޔާވެރިކަމެއް ކޮރަޕްޝަނެއް އަނބިދަށުވެފައި ހުރިކަމެއް ނޭނގުނެވެ. އެނގޭ ކަމަކަށް ވެސް ނުހެދިއެވެ. 

ޔާމީނު ވެރިކަމުގައި ހިންގިހާ ޖަރީމާތަކާއި ހިޔާނާތަކާއި އަނިޔާވެރިކަމެއްގައި ރަނގަޅަށް ތަތްތެޅިގެން ތިބި ބަޔަކު ނިކުމެ ކުރީން އިދިކޮޅުން ދެއްކި ވާހަކަތައް ހަމަ އެ ގޮތަށް އެ ރާގުގައު ޔާމީނާ ދެކޮޅަށް ދެއްކުމަކީ މީހުން ކިޔާއުޅޭ ކަހަލަ އަމިއްލަ ތާކަށް ފައިން އެރުމެވެ. އަމިއްލަ ގުއިފާލުގައި ދަނޑިން ތެޅުމެވެ. ތިޔަ ގޮތަށް ދަނޑިން ތެޅުމުން ގަޔަށް ބުރާ ތިކިން ނޯއްދަމާލަން ނުކެރެއެވެ. 

ކަރަޕްޝަން ހިންގުމުން ދުނިޔޭގެ ފެންވަރުގެ ރެކޯޑް ރާއްޖޭގައި ހެދީ ރައީސް ޔާމީނު އިސްވެ ހުރެ ހިންގި ވެރިކަމުގައި ކަމާއި، އޭރުގެ އެންޓި ކަރަޕްޝަން ކަމިިޝަން ބޭއްވީ ކޯމާގައި ކަން ނުދަންނަ މީހަކު މި ގައުމުގައި އުޅެނީތޯ ފަލާހު ސުވާލު ކުރާއިރު އޭރު އެކަން އެނގޭ ކަމަށް ފަލާހު ނުހެދީ އެ ވެރިކަމުގެ ފޮނިމީރު ލިބިލިބި އޮތުމުން ނޫންހެއްޔެވެ. ޔާމީނުގެ ވެރިކަމުގައި ކުރިހާ ވައްކަމާއި ހިންގިހާ ކޮރަޕްޝަނާއި ދިންހާ އަނިޔާއެއްގެ ތެރޭގައި މަތިހަށި ނަގާފައި އުޅުނު މީހުން ނިކުމެ ގުދޯ ގުދޯ ގޮވުމުން ފާޅުވަނީ ފަލާހުމެންގެ ހުރި މުނާފިގުކަމާއި ހަސީލަތުގެ ނުބައިކަމެވެ.  

އާނއެކެވެ. ހަމަ އަންތަރީސް ވެއްޖެއެެވެ! ހެންވޭރު ކޮޅުގައި އަޅުއްވައިގެން އުޅޭ 18 ބުރީގެ 5 ތަރީގެ ހޮޓަލަކީ ކޮންތަނެއް ދަވާލައިގެން އެޅި ތަންތަންތޯ ސުވާލު ކުރި މީހުން ކުރިއިރު ފަލާހު އޮންނެވީ ކޯމާގައިތޯއެވެ. ސިންގަޕޯރ އާއި ދުބާއީގެ ފިކްސްޑިޕޮޒިޓް އަދި އިންވެސްޓްމަންޓް އެކައުންޓުތަކުގައި ހުރި ޔާމީންގެ ޑޮލަރު ތަކުގެ މަތީން ފަލާހަށް ހަނދާންވީ އަދިކިރިޔާތޯއެވެ.

ރައްޔިތުން ކަންބޮޑުވެ ފިތިބާރުވެ، ރުޅިގަދަވެ ވެރިކަމުން  ޔާމީނު ބޭލި އިރު އެ ވެރިކަން ދިފާއުކުރަން އުޅެވުނު ހަނދާން ނެތުނީ ހެއްޔެވެ؟ އަޅެ ފަހެ! ޔާމީނުގެ ވެރިކަމުގައި ސްޕްރީމް ކޯޓްގެ ބެންޗު ބޭނުން ގޮތަކަށް ބަދަލު ކުރިކަން އޭރު ނޭނގުނީ ލޮލަށް މިރުސް އެޅިފައި ހުރުމުން ހެއްޔެވެ. ސްޕްރިންކޯޓްގެ ޓިނު ނަގައިގެން އެކޯޓްގެ އިސް ފަޑިޔާރުން ހައްޔަރުކޮށް ޖަލަށް ގެން ދިޔައިރު ސާބަސްދޭން ހުރި ހަނދާން ނެތުނީ ހެއްޔެވެ.

ޕާޓީ ބަދަލުކުރީމާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ފާސްކުރަން ވޯޓުދީ ހުރިހާ މިމިވަން މުއައްސަސާ ތަކެއް ޕެރަލއިޒް ކޮށްލިއިރު ފަލާހުމެން ތިބީ ޕެރަލައިޒް ވެފާހެއްޔެވެ. އޭރު ގައުމުގައި ތިބި ހުރިހާ ސިޔާސީ  ލީޑަރުން ހައްޔަރު ކުރަން ފޫގަޅާފައި އުޅެވުނީ ޒާތަކު ސަރުބަތެއް ބޮވިފައި ހުރެގެން ހެއްޔެވެ. ⁠އޭރުގެ ނާއިބު ރައީސުން ވަކިކޮށް ⁠އުއްތަމަ ފަޑިޔާރު ވަކި ކުރިއިރު އެކަން ނޭނގުނީ ވަޅުދިޔަ ހިއްކަން ވަޅަށް އެރެ އޮތީމާހެއްޔެވެ.

އުޅެވުނު ގޮތާއި ކުރެވުނު ކަންތައް ހަނދާންނެތި މުއިއްޒުގެ މޯހިރުން ލިބޭ ބައިވަރުގަނޑަށްޓަކާ ރަށްމެދުވެ ބަރަހަނާވެ އަމިއްލަ ނަފްސްގެ އިތުބާރުގެއްލޭއިރުވެސް ނޭނގޭ ވަރަށް އަޅުދާސް ވީމާ ކާންދިން އަތުގައި ދަތް އަޅަން ޖެހެލުން ނުވާނެކަން ހާމަވެއްޖެއެވެ. އިއްޔެ ޔާމީނު ވަރެއް ނެތެވެ. މިއަދު މުއިއްޒު ވަރެއް ނެތެވެ، ފަލާހަށް މުއިއްޒު ގުއިވާ ދުވަސް ވެސް އޮތީ މާދުރަކުނޫނެވެ. އެދުވަސް ދެކެން މިތިބީ ކެތް މަދުވެފައެވެ.

]]>
Sat, 12 Sep 2026 08:30:00 +0500 އެޑިޓަރ
ކިންގް ކޯބްރާގެ ވިހަ ބާތިލުކުރާ މުޅިން އައު ފަރުވާއެއް އިޖާދުކޮށްފި https://heerasnews.com/4579 https://heerasnews.com/4579 ހަރުފަ ދަތްއެޅުމުން މަރުވިޔަނުދީ ސަލާމަތްކޮށްދޭނެ، ކިންގް ކޮބްރާ ގެ ވިހަ ބާތިލުކުރާ އައު  އެންޓިވެނަމެއް ސައިންސްވެރިން އުފައްދައިފިއެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުން ފެންނަ ތަފާތު ބާވަތްތަކުގެ ކޮބްރާ އާއި ކިންގް ކޮބްރާގެ ވިހަ ހަށިގަނޑުގައި މަސައްކަތްކުރުން ހުއްޓުވުމުގެ ގާބިލުކަން ލިބިގެންވާ މި އެންޓިވެނަމް އުފެއްދުމަކީ، ހަރުފަ ދަތްއެޅުމުގެ ސަބަބުން ދުނިޔޭގައި އަހަރަކު މަރުވާ އެއްލައްކައަށްވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ހަރުފަ ދަތްއެޅުމުގެ ސަބަބުން މަރުވާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އިންޑިއާ މީހުންނެވެ.

މި އައު އެންޓިވެނަމް އުފައްދާފައިވަނީ ބެންގަލޫރުގެ އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސްގެ ދިރާސާވެރިން، ޑެންމާކްގެ ޓެކްނިކަލް ޔުނިވާސިޓީގެ އެހީތެރިކަމާ އެކުގައެވެ.

މިހާރު ބޭނުންކުރެވެމުންދާ ގިނަ އެންޓިވެނަމްތަކަކީ އަސް ފަދަ ޖަނަވާރުގެ ޕްލާޒްމާ ބޭނުންކޮށްގެން އުފައްދާ އެއްޗިއްސަށް ވާއިރު، އޭގެ ނަތީޖާ ހަރުފަގެ ބާވަތަށާއި ސަރަހައްދަށް ބިނާކޮށް ތަފާތުވެއެވެ. ނަމަވެސް އައު ހޯދުމާއެކު ހުރިހާ ބާވަތެއްގެ ކޮބްރާގެ ވިހައަށް އެއް ފަރުވާއެއް ދެވޭނެ މަގު ވަނީ ފަހިވެފައެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވަނީ "ނެނޯބޮޑީސް" ނުވަތަ "ވީ.އެޗް.އެޗް.އެސް" (VHHs) ގެ ގޮތުގައި މަޝްހޫރު ފަސް ހާއްސަ އެންޓިބޮޑީއެކެވެ.

ސައިންސްވެރިން މި ފަރުވާ ތައްޔާރުކޮށްފައިވަނީ އިންޑިއާގެ ކޮބްރާ އާއި ކިންގް ކޮބްރާގެ ވިހައިގައި އެކުލެވޭ ތިން މައިގަނޑު ވިހަ މާއްދާއެއް ކަމަށްވާ "އަލްފާ ނިއުރޯޓޮކްސިންސް" އާއި "ސައިޓޯޓޮކްސިންސް" އާއި "ފޮސްފޮލިޕޭސް އޭ2" ބާތިލު ކުރެވޭނެ ގޮތަށެވެ. މި ވިހަ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތައް ވާގިއެރުމާއި، ސެލްތަކަށް ގެއްލުންވުމުގެ އިތުރުން ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން މެދުވެރިވެއެވެ.

މި އާ އެންޓިވެނަމް ކާމިޔާބުކަމާއެކު މީދާ ބޭނުންކޮށްގެން ވަނީ ޓެސްޓުކޮށްފައެވެ.

                    

]]>
Sat, 12 Sep 2026 06:12:14 +0500 ހީރަސް
ބައްޕަ މަރާލުމުގައި ދަރިފުޅު ބައިވެރިވާކަމަށް ތުހުމަތު ކުރެވެނީ https://heerasnews.com/4578 https://heerasnews.com/4578 ބޭސްފަރުވާގެ ސާމާނު ވިއްކާ ވިޔަފާރިވެރިއެއް ކަމަށްވާ ވިނީތު މަނޯޗާ ވަޅިން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ އަމިއްލަ ގޭގައެވެ. ވަޅިން ހަމަލާދީ އޭނާ މަރާލިތާ ފަސް ދުވަސް ފަހުން، މި މަރުގެ ރޭވުން އެނގެނީ ކޮން ބަޔަކަށްތޯ ބެލުމަށް ކުރެވޭ ތަހުގީގުގެ މިސްރާބު އޭނާގެ ދަރިފުޅު ސުބްރަތު މަނޯޗާއަށް އަމާޒުވެއްޖެއެވެ.

މައްސަލައިގެ ތަހުގީގުގައި ފުލުހުން އެންމެ ބޮޑަށް ތުހުމަތުކުރަނީ ސުބްރަތުގެ އަންހެނުން ޝާލޫ މަނޯޗާއަށެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މި މަރު ރޭވުމުގައި ޝާލޫ ބައިވެރިވެފައިވާ އިރު، އޭނާ ވަނީ ވިޝާލް ގޯތަމް އަދި ރާޖް ކިޝޯރު ނަމަކަށް ކިޔާ ދެ މީހަކަށް ފައިސާ ދީގެން މި ޖަރީމާ ހިންގުވާފައެވެ.

ނަމަވެސް ޝާލޫގެ އާއިލާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. ޝާލޫގެ ބޭބެ ދީރަޖް އަރޯރާ އަދި ދައްތަ ސޯނިއާ މެހެރޯތުރާ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، ޝާލޫ އެފަދަ ކަމެއް ރާވާފާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަރޯރާ ބުނި ގޮތުގައި ޝާލޫއަކީ ވިނީތުއާ ވަރަށް ގާތް ގުޅުމެއް އޮންނަ، އޭނާގެ ކެއުމާއި ދިރިއުޅުމުގެ ކަންކަން ބަލަހައްޓައިދޭ މީހެކެވެ. އަދި މި ހާދިސާއާ ގުޅިގެން ސުބްރަތު ހަނުހުންނަ ސަބަބާ މެދު އޭނާ ސުވާލު އުފެއްދިއެވެ.

ފުލުހުން މިހާރު ބަލަމުންދަނީ މި ރޭވުމުގެ މައުލޫމާތު ސުބްރަތަށް އެނގޭތޯއެވެ. ކޮމިޝަނަރު އޮފް ޕޮލިސް ރަގުބީރު ލާލް ވިދާޅުވި ގޮތުގައި ސުބްރަތު އަދި ހައްޔަރުކޮށްފައި ނުވި ނަމަވެސް، އޭނާގެ ފޯނު ކޯލް ރެކޯޑުތަކާއި އެހެނިހެން މައުލޫމާތުތައް ދަނީ ދިރާސާކުރަމުންނެވެ. އަދި ތަހުގީގުން އޭނާގެ ބައިވެރިވުމެއް އޮތްކަން ހާމަވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ހޯދަން މަސައްކަތްކުރާ އެއް ކަމަކީ، ފިރިމީހާއަށް ނޭނގި ޝާލޫ ވިޝާލްއާ މުއާމަލާތްކޮށް މި މަރު ރޭވީ ކިހިނެއްތޯއެވެ. ފުލުހުން ބުނާ ގޮތުގައި ޝާލޫ ވަނީ ސުބްރަތުއާ އެކު ޕާޓީއަކަށް ދިއުމުގެ ކުރިން، ވިޝާލް އާއި ރާޖް އެޕާޓްމަންޓަށް ވައްދައި އޭނާގެ ނިދާކޮޓަރީގައި ފޮރުވާފައެވެ.

މި ދެމަފިރިން ރޭގަނޑު 10:30 ހާއިރު ގެއިން ނުކުމެ، އެނބުރި ގެއަށް އައީ ފަތިހު 3:00 ހާއިރުއެވެ. ވިނީތުގެ ހަށިގަނޑު ފެނުނީ އެމީހުން ގެއަށް އައި ވަގުތުއެވެ. ފުލުހުން މިހާރު ދަނީ އެ ރޭ ބޭއްވި ހަފުލާގައި ޝާލޫ ނަށަނިކޮށް ފެންނަ ވީޑިއޯތަކަކީ އެ ރޭގެ ވީޑިއޯތަކެއްތޯ ކަށަވަރުކުރަމުންނެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ޝާލޫ އާއި ވިޝާލްގެ މެދުގައި ގިނަ ދުވަސްތަކެއް ވަންދެން މުއާމަލާތްތަކެއް ހިނގާފައިވެއެވެ. މީގެ ތިން މަސް ކުރިން ފެށިގެން ޝާލޫ ވިޝާލްއާ ވާހަކަދައްކަން ފަށާފައިވާ އިރު، އޭނާގެ ސިފައަށް ތައުރީފުކޮށް ގާތް ގުޅުމެއް އުފައްދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި ޝާލޫ ވަނީ ވިޝާލްގެ ވިސްނުމާ ކުޅެ، އޭނާ ލައްވައި މި މަރު ހިންގުވުމަށް މަގުފަހިކޮށްފައެވެ.

މި މައްސަލައިގައި ޑިޖިޓަލް ހެކިތަކަކީ ވަރަށް މުހިންމު ބައެކެވެ. މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަރު ހިނގި ދުވަހާ ހަމައަށް މި ދެމީހުންގެ މެދުގައި ބަދަލުކުރެވުނު 49 މެސެޖެއް ފޮހެލާފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި 309 ފޯނު ކޯލު ހިނގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ވާޓްސްއަޕް ޗެޓްތައް ފޮހެލާފައިވީ ނަމަވެސް، ކޯލް ރެކޯޑުތައް ފުލުހުން ވަނީ ހޯދާފައެވެ.

ޝާލޫގެ ވަކީލު ޝިވަކާންތު ޑިކްސިޓް ފުލުހުންގެ ވާހަކަތަކަށް އިންކާރު ކުރަމުން ބުނީ، އެ ރޭ ޝާލޫ ދިޔައީ ބޭސް ވިޔަފާރީގެ ދާއިރާގެ މީހުން ބޭއްވި އާދައިގެ ބައްދަލުވުމަކަށް ކަމަށާއި، އެއީ ފުލުހުން ބުނާ ފަދަ "ހައި ސޮސައިޓީ" ޕާޓީއެއް ނޫން ކަމަށެވެ.

އުމުރުން 60 އަހަރުގެ ވިނީތު މަނޯޗާ މަރާލާފައި އޮއްވާ ފެނުނީ ސެޕްޓެމްބަރު 5 ވަނަ ދުވަހުއެވެ. ފުލުހުން އަދިވެސް ދަނީ މި މައްސަލައިގައި ޝާލޫ އާއި އެހެން މީހުންގެ ބައިވެރިވުން އޮތް މިންވަރު ތަހުގީގު ކުރަމުންނެވެ. 

]]>
Fri, 11 Sep 2026 18:09:08 +0500 ނިއުސް ޑެސްކް
ޖޫރިމަނާ ސަރުކާރު | ބޮޑެތި ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނުތައް ބަދަލުކުރަނީ ލޫޓުވާލަން https://heerasnews.com/4577 https://heerasnews.com/4577 މިހާރަކަށް އައިސް އެއްވާނަކަށް އިވެނީ ޖޫރިމަނާގެ ވާހަކައެވެ. ވަރަށް އާދައިގެ ކަންކަމުގައިވެސް އޮބި ނޯންނަވަރުގެ ބޮޑެތި ޖޫރުމަނާ ކުރާ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރަމުންދަނީ ފަތުއަޑުކިޔާފައެވެ. 

ސަރުކާރު ހިންގަންނޭގި ލިބޭމިންވަރަށްވުރެ ހަރަދު ބޮޑުވެ ކޮށިއެރުމުގެ އަގު އާއްމު ރައްޔިތުން ފެލައިގެން ހޯދުމަކީ ސަރުކާރުގެ މުޅި ވިސްނުމެވެ. ރައްޔިތުންނަށް އުނދަގޫ ވާހާ ގޮތްގޮތަށް އުސޫލުތައް ބަދަލުކޮށް ކުށްވެރިކޮށްގެން ފައިސާ ހޯދަން އުޅޭއުޅުމަކީ މުޖުތަމައު ޑިސިޕްލިން ކުރުމެއް ނޫނެވެ. 

ހާލަތާއި ނުބައްދަލު ބޮޑެތި ޖޫރިމަނާތައް ކުރެވޭގޮތަށް ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރަނީ ފަހަރެއްގައިވެސް މުޖުތަމައު ކުށުން ސަލާމަތް ކުރަންނޫންކަން އެންމެނަށްމެ ގަބޫލުކުރެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. ރައީސް މުއިއްޒު ވެރިކަމަށް އެރިފަހުން ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކަށް ބަލައިލުމުން ފެންނަ ހަގީގަތަކީ މުޖުތަމައު ކުށްވެރިކޮށްގެން ފައިސާ ހޯދުމެވެ. 

ބޭރު ފައިސާއާއި ބެހޭ ގާނޫނާއި މީޑިއާ ކޮންޓްރޯލް ގާނޫނާއި ދުންފަތުގެ ގާނޫނާއި މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ގާނޫނާއި ކުނިމެނޭޖުކުރުމުގެ ގާނޫނާއި އެނޫންވެސް އެހެން ހުރިހާ ގާނޫނަކަށް ބަލާލުމުން އެކިވަރުގެ ބޮޑެތި ޖޫރިމަނާތައް ހިމަނާފައިވާތަން ފެންނަށް ހުންނާނެއެވެ. 

ޖޫރިމަނާއަކީ ސަރުކާރަށް އާމްދަނީ ހޯދާ މަގަކަށް ހެދުމަކީ ޑިސިޕްލިނަރީ ކަމެއް ނޫންކަން ސާފުވެއެވެ. މުޖުތަމައު އިސްލާހުކުރުމަށްވުރެ ބޮޑަށް އަމާޒު ހިފާފައި ވާތަން ފެންނަނީ ޖޫރިމަނާކޮށްގެން ފައިސާ ހޯދާށެވެ. ގާނޫނުން ރައްޔިތުން ރައްކާތެރިކޮށް ދިނުމަށްވުރެ ބޮޑަށް ސަރުކާރުން ފޫގަޅާފައި އޮތީ ހޯދެން އޮތް ގޮތަކަށް ފައިސާ ހޯދުމަށެވެ. 

ލުއިފަސޭހަ ރައްކާތެރި ވެއްޓެއް ރައްޔިތުންނަށް ހޯދާދިނުމަށް ކުރެވޭ ކަމެއްނެތި ރައްޔިތުން ފެލައިގެން ސަރުކާރު ހިންގަން ދިމާކުރުމުން ނުވެނުދާނެ ހުރިހާކަމެއް ރާއްޖެއަށް ވަނީވެފައެވެ. ގާނޫނުގެ ރައްކާތެރިކަމަކީ މުއިއްޒާއި މުއިއްޒުގެ އައުވާނުންގެ އެކަނި ހައްގެއްކަމަށްް ހަދާ ނިމިއްޖެއެވެ. ސަރުކާރު ހިންގުމަށް ކުރާ ހޭދަ ބޮޑުތަނުން ބޮޑުކުރަމުން އެކި ނަންނަމުގެ ޓެކްސްތަކާއި ފީތައް ނަގަމުން ކުށްވެރިކޮށް ޖޫރިމަނާކޮށްގެން ޓެކެން މުއިއްޒު ވެރިކަމުގައި ބަހައްޓައިގެން އެންމެ ދުވަހަކުވެސް ތިބެން ހެޔޮނުވާނެއެވެ. 

]]>
Fri, 11 Sep 2026 14:15:11 +0500 އެޑިޓަރ
ސިންކް ހޯލްގެ ނުރައްކާ ދަނޑުވެރިކަމަށް https://heerasnews.com/4576 https://heerasnews.com/4576 ތުރުކީގެ މެދުތެރޭ ސަރަހައްދުގައި 730 އަށްވުރެ ގިނަ "ސިންކްހޯލް" ނުވަތަ ބިންގަނޑު އަޑިއަށްގޮސް ހެދޭ ވަޅުގަނޑުތައް ހެދިފަި އެބަހުއްޓެވެ. އަދި މިފަދަ ވަޅުގަނޑުތައް އުފެދޭ މިންވަރު ދަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން ދަނޑުވެރިންގެ އާމްދަނީއަށާއި ގައުމުގެ ކާނާގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ބިންގަނޑު ކުއްލިއަކަށް އަޑިއަށް ގޮސް ބޮޑެތި ވަޅުގަނޑުތައް އުފެދެނީ، ތުރުކީގެ ދަނޑުވެރިކަމުގެ މައި ހަބް ކަމަށްވާ ކޮންޔާ ޕްރޮވިންސަށް ކުރިމަތިވެފައިވާ ހަނަފަސްކަމާއި، އިންތިޒާމެއްނެތި ބިމުން ފެން ނެގުމުގެ ސަބަބުންނެވެ.

މި ސަރަހައްދުގައި އެންމެ އިސްކަމެއް ދީގެން ހައްދަނީ ތުރުކީގެ ހަކުރު އުފެއްދުމަށް ބޭނުންކުރާ، ގިނަ އަދަދަކަށް ފެން ބޭނުންވާ "ޝުގަރ ބީޓް" އެވެ. މި ތަކެތި ހެއްދުމަށްޓަކައި ދަނޑުވެރިންނަށް މަޖުބޫރުވެފައިވަނީ ހުއްދަ އޮތަސް ހުއްދަ ނެތަސް ވަޅުތަކުން ބިމުގެ އަޑީގެ ފެން ބޭނުންކުރުމަށެވެ.

ގިނަ އަހަރުތަކަކަށް ދެމިގެންގޮސްފައިވާ ހަނަފަސްކަމުގެ ސަބަބުން ބިމުގެ އަޑީގައި ހުންނަ ފެން އާނުވާތީ، މިހާރު ދަނޑުވެރިކަން ކުރަމުންދާ ގޮތަކީ ދެމެހެއްޓެނިވި ގޮތެއް ނޫނެވެ. ބިމުގެ އަޑިން ފެން ނެގުމުގެ ސަބަބުން ގުދުރަތީ ނިޒާމަށް ބުރޫއަރާނެ ކަމަށް މާހިރުން އިންޒާރު ދެމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.

މިފަދަ ވަޅުގަނޑުތައް އިތުރުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ނަސީބަކުން މިހާތަނަށް މީގެ ސަބަބުން އެއްވެސް މީހަކު މަރުވެފައި ނުވިނަމަވެސް، މިއީ އެ ސަރަހައްދުގެ ފެނާއި ދަނޑުވެރިކަން ސަލާމަތްކުރުމަށް އޮތް ވަގުތު ކުޑަތަންވަމުންދާކަމުގެ ނިޝާނެކެވެ.      

]]>
Fri, 11 Sep 2026 01:12:04 +0500 ނިއުސް ޑެސްކް
އަނބިމީހާގެ ބޯކަނޑާލާ ފުރިޖުކޮށްފާ އޮއްވާ ފެނުމުން ފިރިމީހާ ހަވާލުވެއްޖެ https://heerasnews.com/4574 https://heerasnews.com/4574 އިންޑިއާގެ އަވަށެއްކަމުގައިވާ ގުވަހާޓީގައި އުމުރުން 25 އަހަރުގެ ރިޔާ ތާލުކްދާރު އޭނާ ދިރިއުޅޭ އެޕާޓްމަންޓް ތެރޭގައި މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.

އިންޑިއާގައި ހިނގާ މަރުގެ ބައެއް ހާދިސާތަކުގެ ފަހަތުގައި ކައިވެނީގެ މައްސަލަތަކާއި، އަމިއްލަ ދެބަސްވުންތަކުގެ އިތުރުން ގުޅުންތަކާ ގުޅޭ ތުހުމަތުތައް ހިމެނެއެވެ.

އެން.ސީ.އާރު.ބީގެ "ކްރައިމް އިން އިންޑިއާ 2024" ރިޕޯޓުގައި ވާގޮތުން، އެ ގައުމުގައި 27,049 މަރުގެ ހާދިސާ ރިކޯޑުކުރެވިފައިވާއިރު، އޭގެ ތެރެއިން ގިނަ ހާދިސާތަކުގެ މައިގަނޑު ސަބަބަކީ ދެބަސްވުންތަކެވެ. މީގެ އިތުރުން، ލޯބީގެ މައްސަލަތަކާއި ނަހަމަ ގުޅުންތަކަކީ ވެސް މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ މާހައުލެއްގެ ތެރެއިން، ގުވަހާޓީގައި އަންހެނަކު އޭނާގެ ގޭތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އޭނާގެ ފިރިމީހާ ފަހުން ވަނީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ގޮސްފައެވެ.

އެޕާޓްމަންޓް ތެރޭގައި ހިނގީ ކޮން ކަމެއް؟ އަދި ތަހުގީގު ކުރާ ފަރާތްތަކަށް ފެނުނީ ކޮން އެއްޗެއް؟

ހާދިސާ ހިނގާފައިވަނީ އާސާމްގެ ގުވަހާޓީގެ ބަސިސްތަޕޫރުގައެވެ. އުމުރުން 25 އަހަރުގެ ރިޔާ ތާލުކްދާރު ގޮސްވާމީ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ފިރިމީހާ ރާމަނޫޖަން ގޮސްވާމީ އާއި އެކު ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ތެރެއިންނެވެ.

ފުލުހުން ބުނާ ގޮތުގައި، އެ ދެމަފިރިން ކައިވެނީގެ ގޮތުން ގުޅުނުތާ މިހާރު ގާތްގަނޑަކަށް ހަ މަސް ދުވަސް ވެދާނެއެވެ.

މި މައްސަލަ ފެންމަތިވީ އެޕާޓްމަންޓުން ނުބައި ވަސް ދުވާތީ އަވަށްޓެރިންނަށް ފާހަގަކުރެވިގެންނެވެ. އަދި ވޭތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި އެ ދެމަފިރިން ފެނިފައިނުވާ ކަމަށާއި، އެމީހުންގެ ފޯނުތައް ވެސް އޮތީ ނިއްވާލާފައި ކަމަށް އަވަށްޓެރިން ފުލުހުންނަށް ކިޔައިދީފައިވެއެވެ.

ސެޕްޓެމްބަރު 6 ވީ އާދިއްތަ ދުވަހު ފުލުހުން އެޕާޓްމަންޓަށް ގޮސް، ތަޅު ހަލާކުކޮށްލައިގެން އެތެރެއަށް ވަނެވެ.

އެތެރެއަށް ވަތްއިރު، ރިޔާގެ ހަށިގަނޑު އޮތީ ކޮންމެވެސް ވަރަކަށް ކުނިވާން ފަށާފައެވެ. ތަހުގީގު ކުރާ ފަރާތްތަކަށް ފެނުނު ގޮތުގައި އޭނާގެ ބޯ އޮތީ ހަށިގަނޑާ ވަކިކޮށް، ކޮތަޅަކަށް ލައި އައިސްއަލަމާރި ތެރޭގައި ބާއްވާފައެވެ. މީގެ އިތުރުން އޭނާގެ އިނގިލިތައް ވެސް ބުރިކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ތަފްސީލުތައް ހާމަވީ ތަހުގީގު ކުރާ ފަރާތްތަކުން އެޕާޓްމަންޓް ބަލައި ފާސްކޮށް، ކަން ހިނގާދިޔަ ގޮތް ދެނެގަތުމަށް މަސައްކަތް ފެށުމުންނެވެ.

މައިގަނޑު ތުހުމަތު ކުރެވެނީ ކާކަށް؟

ފުލުހުން އެޕާޓްމަންޓަށް ދިޔައިރު ރިޔާގެ ފިރިމީހާއެއް އެތާކު ނެތެވެ.

އެން.ޑީ.ޓީ.ވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހަށްފަހު އޭނާ ފެނިފައިނުވާ ކަމަށް އަވަށްޓެރިން ވަނީ ބުނެފައެވެ. އެއާއެކު ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ.

ރާމަނޫޖަން އަމިއްލައަށް ފުލުހުންނާ ހަވާލުވީ އާދިއްތަ ދުވަހުގެ ރޭގައެވެ. އެއާއެކު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ގުވަހާޓީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ކަމުގައި މައިގަނޑު ތުހުމަތު ކުރެވެނީ ރާމަނޫޖަންއަށެވެ. އަދި އޭނާ އެ ކުށަށް އިއުތިރާފުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މިފަދަ އިއުތިރާފުތަކަކީ ތަހުގީގުގެ ބައެއް ކަމަށްވާތީ، ފެންނަން ހުރި ހެކިތަކާ އެއްގޮތްވޭތޯ ފުލުހުން އިތުރަށް ބަލާނެއެވެ.

މިކަން ކުރަން މެދުވެރިވި ސަބަބަކީ ކޮބައި؟

މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ކަށަވަރުކޮށެއް ނުދެއެވެ. ގޮސްވާމީއާއި ހަވާލާދީ ބައެއް ނޫސްތައް ބުނާގޮތުގައި އޭނާގެ އަނބިމީހާގެ ސްގަރޑެޑީ މަރާލާނެކަމަށް އޭނާ ބުނެފައިވެއެވެ.

ކުރިއަށްދާ ތަހުގީގުގެ ދަށުން، ތުހުމަތު ކުރެވޭ ފަރާތާ ސުވާލުކޮށް، އެޕާޓްމަންޓުން ފެނުނު ހެކިތައް ފުލުހުން ދަނީ ދިރާސާ ކުރަމުންނެވެ.

ފުލުހުންނަށް ފެނުނީ ކޮން ހެކިތަކެއް؟

ދަ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކުށް ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރެއް އެޕާޓްމަންޓުން ވަނީ ފެނިފައެވެ.

މަރުވި އަންހެންމީހާގެ ހަށިގަނޑާއި ބުރިކޮށްލާފައިވާ ބޯ ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ގުވަހާޓީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލަށް ފޮނުވާފައެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އިބްތިދާއީ ތަހުގީގުން ދައްކާ ގޮތުގައި މި މަރު ހިނގާފައިވަނީ ހަށިގަނޑު ފެނުމުގެ ގާތްގަނޑަކަށް 48 ގަޑިއިރު ކުރިންނެވެ.

މީގެ އިތުރުން، މި ކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތްތޯ ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެން.ޑީ.ޓީ.ވީން ރިޕޯޓުކުރި ގޮތުގައި، ތުހުމަތު ކުރެވޭ ފަރާތުގެ ބަޔާނާއި ލިބިފައިވާ ހެކިތަކާ ދިމާވޭތޯ ތަހުގީގު ކުރާ ފަރާތްތަކުން ޔަގީންކުރާނެއެވެ.

މިހާރު ކުރިއަށްދާ ގާނޫނީ ފިޔަވަޅުތަކަކީ ކޮބައި؟

ރާމަނޫޖަން ގޮސްވާމީ ހައްޔަރުކުރެވިފައިވާއިރު، އޭނާއަކީ މިހާރު ތަހުގީގު މަރުހަލާގައި ހުރި ތުހުމަތު ކުރެވޭ ފަރާތެކެވެ. އޭނާގެ ކުށްވެރިކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ހުށަހެޅޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ކޯޓަކުންނެވެ.

އިންޑިއާގެ ގާނޫނުލްއުގޫބާތުގެ (ބީ.އެން.އެސް) 103 ވަނަ މާއްދާގެ ދަށުން، މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެ ނަމަ، މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށްލުމާއެކު ޖޫރިމަނާ ކުރެވިދާނެއެވެ.

މި ވަގުތު މި މައްސަލައިގައި އެންމެ ބޮޑު ސަމާލުކަމެއް ދެވޭނީ ތަހުގީގަށާއި، ފޮރެންސިކް ހޯދުންތަކަށާއި، ޕޯސްޓްމޯޓަމް ރިޕޯޓުގެ އިތުރުން ތުހުމަތު ކުރެވޭ ފަރާތާއި މި މަރާ ގުޅުވައިދޭ ހެކިތަކަށެވެ.

މިހާތަނަށް ފުލުހުން ވަނީ ރިޔާގެ ހަށިގަނޑު ފެނުނުކަމާއި، އޭނާގެ ފިރިމީހާ އަމިއްލައަށް ހަވާލުވުމުން ހައްޔަރުކޮށްފައިވާ ކަމާއި، އެޕާޓްމަންޓުން ހެކި ހޯދާފައިވާކަން ކަށަވަރުކޮށްދީފައެވެ. މި މަރުގެ ހަގީގީ ސަބަބާއި ކަން ހިނގި ގޮތުގެ ތަފްސީލުތައް އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

]]>
Thu, 10 Sep 2026 06:12:02 +0500 ނިއުސް ޑެސްކް
ކުޑަ ކުއްޖަކު 3 މީހުން މަރާލުން | އެތައް ބަޔަކު ކުޑަ ކުއްޖަކު މަރާލުން https://heerasnews.com/4573 https://heerasnews.com/4573 ގޯރަކްޕޫރު: އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ގޯރަކްޕޫރުގައި ހިނގި އާއިލީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއިން، އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ރަހުމުކުޑަ ގޮތަކަށް މަރާލައިފިއެވެ.

މި ހާދިސާގައި ތުހުމަތު ކުރެވެނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާ ވަނީ އޭނާގެ ބޭބެއާއި، ފަހަރިއާއި، އަދި އެ ދެމަފިރިންގެ ތިން އަހަރުގެ ފިރިހެން ދަރިފުޅު ނިދާފައި ތިއްބާ ހަމަލާދީ މަރާލާފައެވެ.

މުޅި ގޯރަކްޕޫރު ސިއްސުވާލި މި މަރުތަކުގެ ފަހަތުގައިވަނީ، އާއިލީ ވިޔަފާރިއެއް ހިންގުމުގެ ބާރުވެރިކަން ހޯދުމާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ވަނީ ކުށް ހިނގި ސަރަހައްދުން އެ ކުއްޖާ ބަންދުކޮށްފައެވެ. އަދި މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެށުމުގެ އިތުރުން، އެ ކުއްޖާގެ ނަފްސާނީ ހާލަތު ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ.

ބާރޫއިޕޫރު: ވެސްޓް ބެންގަލްގެ ބާރޫއިޕޫރުގައި ހިނގި ރަހުމްކުޑަ ޖިންސީ ގޯނާއާއި މަރުގެ ހާދިސާއަކާ ގުޅިގެން، އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، ވަރުގަދަ ހަމަނުޖެހުންތަކެއް މިއަދު ވަނީ ހިނގާފައެވެ.

ބާރޫއިޕޫރުގައި ހިންގި ރަހުމްކުޑަ ޖިންސީ ގޯނާއާއި މަރުގެ ހާދިސާގައި، އުފަންދުވަހުގެ ހަފުލާއަކަށް ދަނިކޮށް ގެއްލުނު 11 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި އޮއްވާ އެ ސަރަހައްދުގެ ކުޅިއެއްގެ ތެރެއިން ފެނުނު ހާދިސާއެކެވެ. އެ ހާދިސާގައި ބަޔަކު މީހުން އެ ކުއްޖާ ރަހީނުކޮށް، ޖިންސީ ގޯނާކުރުމަށްފަހު، ގޯންޏަކަށްލައި، ދިރިހުއްޓާ ފެންގަނޑަށް އެއްލާލީއެވެ.

މި އަމަލުގެ ރަހުމްކުޑަކަމުން އާންމުން ނުކުމެ ބޮޑެތި މުޒާހަރާތައްކޮށް، މަގުތައް ބަންދުކޮށް، ކުރިމަތިލުންތަކެއް ހިންގާފައިވެއެވެ. މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ އެތައް ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.             

]]>
Thu, 10 Sep 2026 04:47:44 +0500 ނިއުސް ޑެސްކް
މުއިއްޒުގެ ވެރިކަން ވައްޓާލުމަށްވުރެ މޮޅުގޮތެއްނެތް https://heerasnews.com/4572 https://heerasnews.com/4572 ރައްޔިތުން ވޯޓުދީގެން ޖުމްހޫރިއްޔާއަށް ރައީސަކު ހޮވަނީ އަދުލުވެރި ވެރިކަމާއެކު ރައްޔިތުންގެ  ހައްގުތައް ރައްކާތެރި ކުރުމަށެވެ. މުއިއްޒަކަށް އެކަމެއް ނުވިއެވެ. އަދުލުވެރިކޮށް ކަމެއް ނުކުރެވޭތާ އެމީހަކަށް ޖެހުނުތާކުން މުޅިދައުލަތް ލޫޓުވަނީއެވެ. 

ފަސްއަހަރުގެ ދައުރަކަށް ރައީސްކަމަށް މުއިއްޒު ހޮވީކީ ކުރާނެހާ ކަމެއް ކުރުމަކަށް ނޫނެވެ. މުއިއްޒަށް ހުޝާމަދުކުރާ މީހުންނަށް މުޅި ދައުލަތް ލޫޓުވާލަން އޮތީ ދީފައެވެ. މުޅި ގައުމުގައި ބޭއިންސާފު އޮތީ މޫލާފައެވެ

ފޮނުވާލާ އިދާރީ މެމޯއަކުން އަގުބޮޑު ބިންތައްވެސް ބަހާލަނީއެވެ. އިންސާފު ނުލިބިފައި ތިބި އެތައްހާސް ބަޔަކު ތިއްބާ އިންސާފު ގާއިމުކޮށްދޭ ނަމުގައެވެ. ހިޔާނާތާއި ޓެކުމާއި މަކަރާ ހީލަތާއި ރިޝްވަތާއި އިސްރާފު މިއަށްވުރެ އިންތިޒާމުވެގެން ހިންގާ ސަރުކާރެއް ރާއްޖޭގެ ތާރީހު ނުދެކެއެވެ.

މުއިއްޒުގެ ވެރިކަމަކީ ދައުލަތް ލޫޓުވުމުގެ އެހެން ލެވެލެކެވެ. ދައުލަތުގެ ހަޒާނާ ތަޅާދުމަށް އަރުވާލައިފިއެވެ. ބިންތަކަށާ މުދަލަށް ހަދަނީ ހަދާނެ ގޮތެކެވެ.  ހޯދާ ހިދުމަތަކަށް ގަންނަ މުދަލަކަށް އަގެއްދެނީއެއްނޫނެވެ. ދަރަނި ދައްކަނީ ދަރަނިން ދަރަނި އުފައްދައިގެނެވެ.

ވެރިކަމަށް އެރިގޮތަށް އަރާ ބަދަލު ދިނުމުގެ އުސޫލު އުވާ ހިތުހުރި މީހަކަށް ހިތުހުރި އެއްޗެއް ދަނީ ދެމުންނެވެ. އެކި ނަންނަމުގައި ބައިވެރިންނަށް ދައުލަތް ބަހާ ހުސްކުރަނީއެވެ. 

ރިޝްވަތު ދީގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަތް ހިސާބުން ފެށިގެން ވަކިފަރުދަކަށް ނުއެކަށޭނަ ދަށް އަގެއްގައި ހުޅުމާލޭން ބިމެއް ވިއްކުމާ ހަމަޔަށްވެސް މުއިއްޒު ވެރިކަމުގައި ހަލާލު ގޮތެއްގައި ކުރިއެއްކަމެއް ނެތެވެ. އިތުރަށް މުއިއްޒުވެރިކަމުގައި ބަހައްޓައިގެން ވާނެ ރަނގަޅެއް ނެތްތާ ވާނީ ގެއްލުމާ ހަލާކެވެ.

ފަސްއަހަރު ހަމަވަންދެން ވެރިކަމުގައި މިކަލޭގެ ބަހައްޓައިފިނަމަ ރާއްޖެ އަތުނުޖެހޭނެއެވެ. ވެރިކަމަށް ދެން އަންނާނީ ކާކުތޯ ނުބަލާ އެންމެ ފުރަތަމަ މުއިއްޒުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްވުރެ މުހިންމު އެހެންކަމެއް މިހާރަކު ނެތެވެ. މުއިއްޒުވެރިކަމުން ބޭލުމަކީ ކިފާޔަތުގެ ފަރުލަކަށް ވެއްޖެއެވެ.

]]>
Wed, 09 Sep 2026 13:11:23 +0500 އެޑިޓަރ
ކެރެލާގެ ކުރީގެ ޗީފްމިނިސްޓަރ ޕިނަރާއީ އާއި ދެކޮޅަށް ކޮރަޕްޝަންގެ ތަހުގީގެއް https://heerasnews.com/4571 https://heerasnews.com/4571 ތިރުވަނަންތަޕޫރަމް: ސީ.އެމް.އާރް.އެލް - އެކްސަލޮޖިކް މުއާމަލާތާ ގުޅިގެން ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިދިކޮޅު ލީޑަރު ޕިނަރާއީ ވިޖަޔަން އާއި ކުރީގެ މިނިސްޓަރު މުހައްމަދު ރިޔާޒް އަދި އޭނާގެ އަނބިކަނބަލުން ޓީ. ވީނާއާ ދެކޮޅަށް މައްސަލަ ބެލުމަށް އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ) އިން ފޮނުވި ސިޓީއަކާ ގުޅިގެން ތަހުގީގެއް ހިންގުމަށް ވަނީ ނިންމާފައެވެ. މިކަމާ ގުޅޭގޮތުން ވީ.ޑީ ސަތީޝަން އާއި ދާހިލީ ކަންކަމާ ބެހޭ އިސް ފަރާތްތަކުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މަޝްވަރާތަކުގައި ލަފާކުރެވުނު ގޮތުގައި އީޑީގެ ސިޓީގެ މައްޗަށް ބިނާކޮށް މައްސަލަ ބަލަން ޖެހޭނެއެވެ. އަދި މި މައްސަލައިގައި މިލިއަނުން ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، މިއީ ވިޖިލަންސް އިން ބެލުން އެންމެ ރަނގަޅު މައްސަލައެއް ކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ. ސީދާ ދައުވާ ކުރަންވީތޯ ނުވަތަ އިތުރު ތަހުގީގަކަށްފަހު ކުރިއަށް ދާންވީތޯ ބެލުމަށް ގާނޫނީ ލަފާ ލިބުމާއެކު، ރަސްމީކޮށް ތަހުގީގު ފެށޭނެއެވެ.

އީޑީގެ ތަހުގީގުގެ ތެރެއިން ފެންމަތިވާ ކުށްތަކުގެ ހެކިތައް، މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ 66 (ދޭއް) ވަނަ މާއްދާގެ ދަށުން ކަމާބެހޭ ތަހުގީގީ އިދާރާތަކަށް ހިއްސާކުރުމަކީ އާންމު އުސޫލެވެ. މީގެ ފަހުން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނާނީ އެ މައުލޫމާތު ލިބޭ އިދާރާއަކަށެވެ. އީޑީން ދޭ މައުލޫމާތުތަކަކީ ތަހުގީގަށް ބޭނުންވާ ފެށުމެއް ކަމުގައި ބެލި ނަމަވެސް، މައްސަލަ ރަސްމީކޮށް ރަޖިސްޓްރީކޮށް ކުރިއަށް ގެންދަންވާނީ އެ އިދާރާއަކުން އަމިއްލައަށް ހޯދާ ހެކިތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.

އީޑީން އެދިފައިވަނީ ޕިނަރާއީ ވިޖަޔަން އާއި ކުރީގެ މިނިސްޓަރު މުހައްމަދު ރިޔާޒް އަދި ވީނާއާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލަ ބެލުމަށެވެ. އީޑީގެ ހޯދުންތަކުން ދައްކާ ގޮތުގައި، ޕިނަރާއީ ވިޖަޔަންގެ ވެރިކަމުގައި އޭނާގެ ދަރިފުޅު މެދުވެރިކޮށް ސީ.އެމް.އާރް.އެލް އެކްސަލޮޖިކް މުއާމަލާތުން 3.28 ކްރޯޑް ރުޕީސް ރިޝްވަތުގެ ގޮތުގައި ވަނީ ނަގާފައެވެ. މީގެ އިތުރުން، ވީނާގެ ފިރިކަލުން މުހައްމަދު ރިޔާޒް މި ރިޝްވަތު ނެގުމުގައި އިސްކޮށް އުޅުއްވި ކަމަށާއި، މި ފައިސާ ވީނާ އާއި އޭނާގެ ރަހުމަތްތެރިން މެދުވެރިކޮށް ދުބާއީއަށް ފޮނުވާފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވެސް އެ ސިޓީގައިވެއެވެ. މި މައްސަލައިގައި ހިމެނޭ ކުންފުނިތަކާއެކު ޖުމްލަ 12 ފަރާތެއްގެ ނަން އީޑީގެ ލިސްޓުގައި ހިމެނެއެވެ.

                    

]]>
Wed, 09 Sep 2026 09:52:04 +0500 ނިއުސް ޑެސްކް
ކޮޗިންގައި ޓްރިވެންޑްރަމް އަންހެނަކު މަރުވެފާ އޮއްވާފެނިއްޖެ https://heerasnews.com/4570 https://heerasnews.com/4570 އެރްނާކުލަމްގެ ކަރުކުއްޓީގައި ކުއްޔަށް ހިފާފައިވާ ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ ތިރުވަނަންތަޕޫރަމަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ފްލޮރެންސީ ނަމަކަށް ކިޔާ އަންހެނެކެވެ. ފުލުހުން މިހާރު ވަނީ މި ހާދިސާގެ ތަހުގީގު ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ ގޭގައި ދިރިއުޅެމުން ދިޔައީ އެކަނިމާ އެކަންޏެވެ. އަދި އޭނާއަކީ އެ ސަރަހައްދުގައި ލޮޓަރީ ޓިކެޓް ވިއްކައިގެން އާމްދަނީ ހޯދަމުން ދިޔަ މީހެކެވެ. މި ހާދިސާ ފުލުހުންގެ ސަމާލުކަމަށް އައީ އެ ގޭތެރެއިން ނުބައި ވަސް ދުވާތީ އަވަށްޓެރިން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ފުލުހުން އެ ގެއަށް ގޮސް ބެލި ބެލުމުން އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ އޮރިޔާން ހާލަތުގައެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވިތާ މިހާރު ހަތަރެއް ނުވަތަ ފަސް ދުވަސް ވެދާނެއެވެ. މި މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބެލެވޭތީ، ފޮރެންސިކް ޓީމުން ދަނީ އެ ގޭގައި އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

                    

]]>
Wed, 09 Sep 2026 09:24:35 +0500 ނިއުސް ޑެސްކް
ކިޔަވާކުދިން ދިރިއުޅޭ އިމާރާތެއް ވެއްޓި ހަތް މީހުން މަރުވެ ގިނަ ބަޔަކު ތާށިވެއްޖެ https://heerasnews.com/4569 https://heerasnews.com/4569 އިންޑިއާގެ ވެރިރަށް ދިއްލީގައި ފަސް ބުރީގެ ހޮސްޓެލް އިމާރާތެއް ވެއްޓި ހިނގި ހާދިސާގައި މަދުވެގެން ހަތް މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 12 މީހަކު ސަލާމަތް ކުރެވިފައިވާއިރު، އިމާރާތުގެ ގައުފުނިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ.

ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު ދެކުނު ދިއްލީގެ ސަތްޔާ ނިކޭތަން ސަރަހައްދުގައެވެ. މިއީ ދިއްލީ ޔުނިވަރސިޓީގެ ސައުތު ކެމްޕަހާ ކައިރި، ގިނަ އަދަދެއްގެ ކިޔަވާ ކުދިން އަމިއްލަ ހޮސްޓެލްތަކުގައި ދިރިއުޅޭ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. ދިއްލީ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، "ހޮސްޓެލް ޑޭޒް" ނަމަކަށް ކިޔާ މި އިމާރާތަކީ 75 އެނދުގެ ޖާގަ ހުރި ތަނެކެވެ. ގާތްގަނޑަކަށް 40 ނުވަތަ 50 އަހަރުވެފައިވާ މި އިމާރާތް ވެއްޓުނު ވަގުތު އެތަނުގެ ބޭސްމަންޓުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ދިޔައެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އިމާރާތް ވެއްޓެން ފެށުމާއެކު ކައިރީގައި ހުރި ކަރަންޓު ނަރުތަކެއް އެކި ފަރާތްފަރާތަށް ހޫރި، މަދު ސިކުންތުކޮޅެއްގެ ތެރޭގައި މުޅި އިމާރާތް އެއްކޮށް ބިމާ ހަމަވިއެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިމާރާތް ވެއްޓުމާއެކު ބާރުގަދަ ލޮޅުމެއް އިހުސާސްވި ކަމަށާއި، ގައުފުނިތަކުގެ ދަށުން މީހުން އެހީއަށް އެދި ގޮވާ އަޑު އިވުނު ކަމަށެވެ.

ދިއްލީގެ ޗީފް މިނިސްޓަރު ރޭކާ ގުޕްތާ ވިދާޅުވީ، އިމާރާތް ވެއްޓެން މެދުވެރިވީ ބޭސްމަންޓުގައި ފެންބޮޑުވެފައި ވަނިކޮށް އެތަނުގައި މަރާމާތުގެ މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ. ސަލާމަތްކުރެވުނު މީހުންނަށް މިހާރު ދަނީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (AIIMS) ގައި ފަރުވާ ދެމުންނެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރެއްވިއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދެވަނަ ދުވަހަކަށް ކުރިއަށްދާއިރު، ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް އާއި ފުލުހުންނާއި ފަޔަރ ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ގައުފުނިތަކުގެ ދަށުގައި ތާށިވެފައި ތިބި ބައެއް ކުދިން ދަނީ ފޯނުން ގުޅައި އެހީއަށް އެދެމުންނެވެ.

މި ހާދިސާއާ ގުޅިގެން އިމާރާތުގެ ވެރިފަރާތް ކަމަށްވާ ހަރީރާމް ބަންސާލް ވަނީ ހައްޔަރުކޮށްފައެވެ. ދިއްލީ ސަރުކާރުން މިހާރު ވަނީ މި މައްސަލައިގެ ތަހުގީގެއް ފަށައި، އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފުވެފައިވޭތޯ ބަލަން ފަށާފައެވެ. އަދި މި ހާދިސާގައި އިހުމާލުވި ކަމަށް ބެލެވޭ މުނިސިޕަލް ކޯޕަރޭޝަންގެ ފަސް އޮފިޝަލަކު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހާދިސާއާ ގުޅިގެން ދިއްލީގެ އެކި ކޮލެޖުތަކުން ވަނީ ހާލުގައި ޖެހުނު ދަރިވަރުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ. ހަމައެއާއެކު، ދަރިވަރުންގެ ޖަމިއްޔާތަކުން ދަނީ ކިޔަވާ ކުދިން ދިރިއުޅޭ ހުރިހާ ތަންތަނުގެ ސަލާމަތީ އޮޑިޓެއް ހެދުމަށާއި، އިހުމާލުވި ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.

]]>
Mon, 07 Sep 2026 22:43:05 +0500 ނިއުސް ޑެސްކް
ސަލާމަތުން އޮތް ދެ ކުންފުނި ވެސް ލޫޓުވާލަން މުއިއްޒު ތައްޔާރުވަނީ https://heerasnews.com/4567 https://heerasnews.com/4567 ޒަމާނުއްސުރެ ރާއްޖޭގައި އެންމެ ރަނގަޅަށް އޮތް ދައުލަތުގެ ކުންފުނިތަކަކީ ބީއެމްއެލް އާއި އެސްޓީއޯއާއި އެއަރޕޯޓްސް ކޮންޕެނީއާއި އެޗްޑީސީއާއި ސްޓެލްކޯއާއި ދިރާގާއި އެމްޑަބްލިޔުއެސްސީ ކަމުގައި ބުނެވިދާނެއެވެ. އޭގެތެރެއިން ދިރާގާއި އެމްޑަބްލިޔުއެސްސީ ގެ ހިއްސާ ބޭރުގެ ފުދުންތެރި ކުންފުނިތަކަކަށް ވިއްކާލުމުގެ ސަބަބުން އެކުންފުނިތަކުން ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ވަނީ ގެއްލިފައެވެ. 

އެނޫން އެހެން ކުންފުނިތަކުގެ ކޮންޓްރޯލް ސަރުކާރަށް އޮތުމުން އެއިރަކު ސަރުކާރު ހިންގަން ތިބި ބަޔަކު ބޭނުންހާ ގޮތަކަށް މޮޑޭ ފުއްގަނޑު ތަކަކަށް އެކުންފުނިތައް ވެފައިވާކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެހެން ކަމުން އެއިރަކު ސަރުކާރުން ބޭނުންވާ ކުޅިއެއް އެކުންފުނިތަކުގައި ކުޅެއެވެ. 

ދައުލަތުގެ ކުންފުނިތައް ސަރުކާރު ދިފާއުކުރާން ގެންގުޅޭ އައްޑަނަތަކަކަށް އޮންނަނީ ހަދާފައެވެ. ކުންފުނިތަކުގެ ބޯޑު ސަރުކާރުން ބޭނުންވާ ގޮތަކަށް ބަދަލުކޮށްގެން ސަރުކާރުގެ ވިދުބައްދާ ފުޓުނިގަނޑަކަށް އެ ކުންފުނިތައް ވަނީ ވެފައެވެ. ކުންފުނިތަކަށް ސިޔާސީ ނުފޫޒު ފޯރުވާ ނާޖާއިޒު ސިޔާސީ މަންފާ ހޯދާ ތަންތަނުގެ ގޮތުގައި ދައުލަތުގެ ކުންފުނިތައް ވަނީ މަޝްހޫރުވެފައެވެ. 

މުއިއްޒު ވެރިކަމުގައި އެކަން ހައްދު ފަހަނަ އަޅާގޮސް ދައުލަތުގެ ހުރިހާ ކުންފުންޏެއް ބަނގުރޫޓުވާ ހިސާބަށް ކަންކަން ވަނީ ދުއްވާލާފައެވެ. ގައުމީ ބޭންކްގެ ޗެއަރމަނަކަށް ރައީސް އޮފީހުގެ އެންމެ ބާރުގަދަ ސިޔާސީ އެކަކު ލައިގެން ބޭންކްގެ ބާރުވެރިކަން ރައީސްގެ އުނގުތެރެއަށް ގެންދިޔައިމާ ވާނެގޮތް ހިތައް އަރުވާލާށެވެ. 

މުއިއްޒު ވެރިކަމުގައި އެޗްޑީސީ އާއި ސްޓެލްކޯ ނޮޅާލައިފިއެވެ. އެސްޓީއޯ އިނދަ ޖައްސާލައިފިއެވެ. އެއަރޕޯޓްސް ކޮމްޕެނީ ރޫޅާލާ ބޮއްސުން ދުއްވާލައިފިއެވެ. މުއިއްޒު ސަރުކާރު ހިންގުމުގައި ގެންގުޅޭ ދޯހަޅި ގަބު އުސޫލުތަކުގެ ސަބަބުން ރިޒާވް ދޮވެނުލާ އެންމެ ކުންފުންޏެއްވެސް ސަރުކާރުގެ ކޮންޓްރޯލުދަށުގައި ނެތެވެ. 

އެންމެފަހުން އެދިމާ ކުރަނީ  ދިރާގާ އެމްޑަބްލިޔުއެސްސީ އިރާވީދާ ކުދިކޮށްލާށެވެ. ސަރުކާރުގެ ނުފޫޒުން ބޭރުގައި ރަނގަޅު ތަރުތީބަކުން ހިދުމަތް ދެމުންގެންދާ ކާމިޔާބު ދެ ކުންފުނި މުއިއްޒަށް ނޮޅާލެވެން އޮތީ ބޭރު ކުންފުނތަކުގައި އޮތް ހިއްސާ ސަރުކާރަށް އަނބުރާލައިގެންނެވެ. އަމިއްލަ ވަންތަކަމާއި ގައުމިއްޔަތުގެ ނަންބޯޑު އަޅުވައިގެން ކުރަން އުޅޭކަމަކީ ކޮބައިކަން ނޭނގިގެން ނޫޅެއެވެ.

ދައުލަތުގެ އެހެން ހުރިހާ ކުންފުންޏެއް ވަތަކުޓޯ ޖެހުމުން މިހާރު އެ ދިމާކުރަނީ ދިރާގާއި އެމްޑަބްލިޔުއެސްސީ މުއިއްޒު މޮޑޭ ފުށްގުޅައަކަށް ހެދުމަށެވެ. އެ ދެކުންފުނީގެ މިލްކިއްޔާތުގައި ހުރިއްޔާ ހުރި ފައިސާއެއް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސް އެ ދެ ކުންފުނިވެސް އިނދަ ޖައްސާލުމަށެވެ

]]>
Mon, 07 Sep 2026 21:56:09 +0500 އެޑިޓަރ
ދައުވަތު ދިނަސް ނުދިނަސް ހެޔޮ | އަހުރެމެނަކު ނުދާނަން https://heerasnews.com/4566 https://heerasnews.com/4566 ރައީސް އޮފީހުން ބާއްވާ ނޫސްކޮންފަރެންސްތަކަށް މިހާތަނަށް ހީރަސް ނިއުސްއަށްވެސް ދައުވަތުދެމުން އައެވެ. އެންމެ ފަހުން އެފަދަ ދައުވަތެއް ލިބުނީ 05 ސެޕްޓެމްބަރ 2026 ވީ ހޮނިހިރު ދުވަހުގެ ހަވީރު 16.00ގައި ޓީވީ މޯލްޑިވްސްގައި ޕްރެސް ސެކެރެޓަރީ ބާއްވަން އުޅުނު ނޫސް ކޮންފަރެންސަށެވެ. 

އޭގެ ފަހުން ނޫސްކޮންފަރެންސަކަށް ރައީސް އޮފީހުން ދައުވަތެއް ނުލިބެއެވެ. މައްސަލައެއް ނެތެވެ. އެބައެއްގެ ރޮނޑަކުން ހަންދަމާނެ ގޮތެއް އެގޭނީ އެބަޔަކަށެވެ. 

ހީރަސް ނިއުސްއަކީ ރައީސް މުއިއްޒާއި އޭނާގެ ސަރުކާރުން ފަތުރަން ބޭނުންވާ ޕްރޮޕަގެންޑާތައް ފަތުރާދީ މުއިއްޒު ޖަހާހާ ބެރަަކަށް ނަށާ ބަޔަކީމެއް ނޫނެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ރައީސް އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސަކަށް ހީރަސް ނިއުސްގެ ނޫސްވެރިންނެއް ނުދެއެވެ. ނުވެސްދާނެއެވެ. 

ހީރަސް ނިއުސްއަކީ ރައްޔިތުންގެ ފައިސާއިންނާއި މުއިއްޒު އަތުން ބައިނަގައިގެން ހިންގާ ނޫހެއް ނޫނެވެ. ރައީސް މުއިއްޒާއި ސަރުކާރު ލޮއްސަން ހީރަސް ނިއުސްއިން ކުރާނެ ކަމެއް ނުއޮންނާނެއެވެ. ރައީސް އޮފީހުގެ ނިއުސް ކޮންފަރެންސަކަށް ވެއްދިޔަސް ނުވެއްދިޔަސް ފަރުވާލެއްނެތެވެ. 

އެހެން ކަންކަމެކޭ އެއްގޮތަށް ރައީސް މުއިއްޒަކީ ރާއްޖޭގެ ނޫސްވެރިކަންވެސް އަޅުވެތިކޮށްގެން އަމިއްލަ ހައިބަތު ފުޅާކުރަން އުޅޭ މީހެއްކަން އަބަދުވެސް ދަންނަމެވެ. މުއިއްޒު ސަރުކާރުގެ އެކިފެންވަރުގެ އެތައް ވެރިން އެމީހުން މަސްލަހަތު އޮންނަ އެތައް ނޫހެއް ރަޖިސްޓްރީކޮށްގެން ކުރާކަމަކީ ދިވެހި ނޫސްވެރިކަން ކުރިއެރުވުމެއް ނޫނެވެ. އެމީހުން ނޫސްތައް ބޭނުންކޮށްގެން ކުރާހާ ކަމަކީވެސް ދައުލަތުގެ ބަޖެޓުންނާއި ސަރުކާރުގެ އެސްއޯއީތަކުން ސްޕޮންސަރގެ ނަމުގައި ކޮންމެ މަހަކު މިލިޔަނުން ފައިސާ ހޯދައިގެން ދައުލަތް ލޫޓުވުމެވެ.

އޭގެ މުގާބިލުގައި ކޮށްދޭން ޖެހޭހާވެސް ކަމަކީ ރައީސް މުއިއްޒަށް ސަނާކިޔުމާއި ސަރުކާރުގެ ޖަރީމާތައް ފޮރުވާދީ ރައްޔިތުންގެ ފޯކަސް ގެއްލުވާލުމެވެ. 

]]>
Mon, 07 Sep 2026 20:21:44 +0500 އެޑިޓަރ
ޓީވީ ޕްރެޒެންޓަރަކާއެކު 12 މީހަކު މަރަން ހުކުމްކޮށްފި https://heerasnews.com/4565 https://heerasnews.com/4565 މިސްރުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ، އުމުރުން 39 އަހަރުގެ ސާރާ ހަލީފާ އާއި އިތުރު 11 މީހަކު، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ކުށް ސާބިތުވެ، ދަންޖައްސައި މެރުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މިޞްރުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މަނާ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، އެ ތަކެތި ވިއްކުމަށް ރޭވިކަމުގެ ތުހުމަތުގައެވެ. ކަމާބެހޭ އިދާރާތަކުން ވަނީ 750 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، އެ ތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނު އަތުލައިގަނެފައެވެ. މީގެ އިތުރުން، ގައިރު ގާނޫނީ ހަތިޔާރާއި ވަޒަން ގެންގުޅުނުކަމުގެ ތުހުމަތުވެސް މި މީހުންގެ މައްޗަށް ވަނީ ކުރެވިފައެވެ.

ކުށް ކުރާ މީހުން ހޯދުމާ ގުޅޭ "މިޝަން އިމްޕޮސިބަލް" ޕްރޮގްރާމް ހުށަހަޅައިދޭ ސާރާ ހަލީފާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ކޯޓުގައި ބުނެފައިވާ ގޮތުގައި، މަސްތުވާތަކެތި ނައްތާލާ މަރުކަޒެއްގައި އެ ތަކެއްޗާއެކު އޭނާގެ ފޮޓޯއެއް ނެގުމުގެ ކުރިން، ދުވަހަކުވެސް މަސްތުވާތަކެތި ދެކެފައެއް ނުވެއެވެ.

މި މައްސަލައިގައި ކޯޓަށް 20 ހެކިވެރިންގެ ހެކިބަސް ހުށަހަޅާފައިވާއިރު، ފޯނު ކޯލްތަކާއި ވީޑިއޯ ފަދަ އިލެކްޓްރޯނިކް ހެކިތައްވެސް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގައި ހިމެނޭ އިތުރު 9 މީހަކަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، 7 މީހަކު ވަނީ ކުށް ސާބިތުނުވެ ސަލާމަތްވެފައެވެ. ސާރާގެ ވަކީލު ވިދާޅުވި ގޮތުގައި، އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް އިސްތިއުނާފު ކުރާނެއެވެ.

މި މަރުގެ ހުކުމްތައް މިދިޔަ މަހު އިއުލާނުކުރި ނަމަވެސް، ހުކުމް ރަސްމީކޮށް ކަށަވަރުކޮށްފައިވަނީ މިޞްރުގެ މުފްތީގެ ދީނީ ލަފާ ހޯދުމަށްފަހުގައެވެ.

މި މައްސަލައާއެކު މިޞްރުގައި މަރުގެ އަދަބު ދިނުމާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓުތައް ބުނާ ގޮތުގައި، 2025 ވަނަ އަހަރު މިސްރުގައި 492 މީހަކަށް މަރުގެ ހުކުމް އިއްވާފައިވާއިރު، އޭގެ ތެރެއިން 23 މީހެއްގެ މަރުގެ ހުކުމް ވަނީ ތަންފީޒުކޮށްފައެވެ.

]]>
Mon, 07 Sep 2026 02:20:55 +0500 ނާއިރާ
އަދުރޭއަށް: ޔާމީނަށް ދޭ ރައްދުން ތިޔަ އެޅެނީ ބޮލާފޮށާ! https://heerasnews.com/4564 https://heerasnews.com/4564 ތެދެކެވެ. މީގެ ހަތް އަހަރުކުރިން ޔާމީނުގެ ވެރިކަން ނިމިއްޖެއެވެ. ޔާމީނުގެ ވެރިކަން ނިމުނުހެން މިއަދު މިއޮތް މުއިއްޒުގެ ވެރިކަންވެސް ނިމެނޭއެވެ. ޔާމީނުގެ ވެރިކަމާއެކު ފަލާހާއި އަބްދުއްރަހީމާއި މުއިއްޒުމެން އޭރުކުރި ވެރިކަން ނިމުނުހެން މުއިއްޒާއެކު ތިޔަކުރާ ވެރިކަންވެސް ނިމޭނެއެވެ.

ކަލާސީންނަށް ނައު ބައު ނުވާހެން އަދުރޭމެނަށް ވެރިކަން ނުނިންމައެއް އަބަދަކު ނުތިބެވޭނެއެވެ. ޔާމީނު ޖަލުގައި އޮތުމުން އަދުރޭމެން މަގަށް ނިކުމެ ޖަލަށްވަދެ ނޭންގާނިކަން ދެއްކިއްޔަކީ ޔާމީނުގެ ހައްގުގައި ނޫންކަން ވަރަށް ސަރީހަ އިބާރާތުން ތިޔަ ބުނެދެނީއެވެ. އޭރު އެކުރިކަމެއް ކުރީ ގެއްލުނު އަރާބާރު ހޯދަން އަމިއްލަ އެދުމުން ފޯވެ ތިބެގެންކަމަށް ތިޔަ ބުނެދިނީއެވެ. 

ޔާމީނުގެ ވެރިކަމުގައި ދަނޑިމަތި އަނބުރަން އުޅުނު މީހުން ނިކުމެ ވަށިވަށިން ޔާމީނަށް ދިނުމަކީ އަމިއްލައަށް ބޮލާފޮށާ އެޅުމެވެ. ތިމަތިމާމެން ޔާމީނުގެ ނަން ބޭނުންކޮށްގެން ކުރާން އުޅުނުކަމަކީ ދައުލަތް ނޮޅާލަން ފުރުސަތު ހޯދުންކަން ކިތަންމެ ރަނގަޅަކަށްވެސް އެނގިއްޖެއެވެ. ޔާމީނުގެ ވެރިކަމުގައިވެސް ކުރިކަމަކީ އެއީތާއެވެ. ކޮންމެ މީހަކާއެކުގައިވިޔަސް ދައުލަތް ވިދާ ނޮޅާކާން ލިބެނިކޮށް އަދުރޭއަށާޢި ފަލާހަށާއި ޝުޖާއަށާއި ޝިޔާމުމެން ކަހަލަ އެންމެންނަށް ވަރިހަމައީއެވެ. މިހާރު ތިބި ހިސާބުގައި ފައިހަރުކޮށްލަން ލިބެންޏާ ޑީއާރުޕީއެއް ޕީޕީއެމެއް ޕީއެންސީއެއް އެމްޑީޕީއެއް އަދުރޭމެންނަކަށް ނުއޮންނާނެއެވެ. 

އަދުރޭމެން ޝިޔާމްމެން ކަހަލަ މީހުނަށް އެމްޑީޕީ ކަމުނުދަނީ އެމްޑީޕީގެތެރޭގައި އެ ހިސާބުގައި ފައިހަރުކޮށް ނުލެވޭނެތީއެވެ. އެހެން ނޫންނަމަ ކިރިޔާވެސް ގޮތެއް ފޮތެއް އޮތް ބައެއް ނަމަ ރަތް މަހަށް ނުގޮވާހާއެއްޗެހި ޔާމީނަކަށް އަދުރޭމެން ނުގޮވާނެއެވެ. ބަލަން ތިބޭށެވެ. މުއިއްޒުގެ އާރާ ބާރު ނެތޭ ދުވަހަކުން މުއިއްޒަށްވެސް އަދުރޭމެން ޖައްސާނީ ޔާމީނަށް ޖެއްސި ދަތުރެވެ. ނުގޮވާނެ ކުނި ފުޅައެއް ނާޅުވާ ބަދުނާމެއް ނުއޮންނާނެއެވެ. 

ފަލާހާ އަބްދުއްރަހީމާ މުއިއްޒުގެ ވެރިކަމެއް ނުނިމެއޭ ނިމުނީ ޔާމީންގެ ވެރިކަމޭ ބުނީމާ އެ މީހުންގެ ހަސީލަތުގެ ނުބައިކަން ވަޒަން ކޮށްލެވޭނެއެވެ. ޔާމީނުގެ ވެރިކަން ނިމުނީ ބޮޑާކަމުން ކަމަށްވާނަމަ އެ ބޮޑާކަމުގެ މުގުލަކީ އަދުރޭއާއި ފަލާހާއި ޝުޖާއާއި ސައީދާއި ޝިޔާމް ކަހަލަ ޕީއެންސީގެ އިސް މީހުންނެވެ. ޔާމީނު ވެރިކަމުގައި ފެނުނު ކޮންމެ ބޮޑާކަމަކާއި ނުލަފާކަމަކާއި ބަސްނޭހުމަކާއި ބޭއިންސާފަކާއި އަނިޔާވެރިކަމަކާޢި ހިޔާނާތްތެރި ކަމަކީ ޔާމީނުގެ އެކަނި ބޮލަށް ކަނޑާލެވޭކަށް އޮތް ކަންކަމެއް ނޫނެވެ. ފަލާހާއި އަދުރޭއާއި ޝުޖާއާއި ސިޔާމާއި ސައީދު މެން ކަހަލަ އެތައް ބައެއްގެ ކަށީގެ މަދަށް ނިސްބަތްވާ ކަންކަމެވެ. މުއިއްޒަށް އެކަން އޮޅުނަސް ރައްޔިތުންނަކަށް އެކަމެއް ނޯޅެއެވެ،   

]]>
Sun, 06 Sep 2026 15:50:55 +0500 އެޑިޓަރ
އެމެރިކާއާއި އީރާނުން ބަދަލުހިފުމުގެ ހަމަލާތަކެއް https://heerasnews.com/4563 https://heerasnews.com/4563 މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު، މިދިޔަ ހަފުތާގައި އަލުން ފެށުނު ކުރިމަތިލުންތަކުގެ ތެރެއިން، ހޮނިހިރު ދުވަހު އެމެރިކާއާއި އީރާނުން ވަނީ އެއްގައުމު އަނެއް ގައުމުގެ އުޅަނދުފަހަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އީރާނާ ގުޅުންހުރި ތެޔޮ އުފުލާ ދެ އުޅަނދަކަށް ހަމަލާދީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވެއެވެ. މީގެ ތެރެއިން އެއް އުޅަނދަށް ހަމަލާދީފައިވަނީ ހާރިޖް އައިލެންޑް ކައިރިންނެވެ. މީގެ އިތުރުން ގަލްފް އޮފް އޮމާންގައި އޮތް ތިންވަނަ އުޅަނދެއް މުޅިން ސުންނާފަތިކޮށްލާފައިވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން މި ހަމަލާތައް ކަށަވަރުކޮށްދެމުން ބުނެފައިވަނީ، އެމެރިކާގެ ހަމަލާތަކުގެ ބަދަލުގައި، އެމެރިކާއާ ގުޅުންހުރި ތިން އުޅަނދަކަށް އީރާނުން ހަމަލާދީފައިވާ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިން "ހުއްދަނޫން" މަގަކުން ދަތުރުކުރި ތެޔޮ އުފުލާ ތިން އުޅަނދަކަށްވެސް ހަމަލާދީފައިވާ ކަމަށް އީރާނުން ހާމަކުރެއެވެ. އީރާނުގެ މި ބަޔާންތަކާ ގުޅޭގޮތުން ބީބީސީން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާ ސުވާލުކުރުމުން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

މި ހަމަލާތައް ދީފައިވަނީ މި ހަމަނުޖެހުމަކީ "ވަރަށް ކުޑަ ކަމެއް" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ. ހަ މަސް ދުވަހަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަ ހުއްޓުވުމަށް އެދެވޭ ކުރިއެރުމެއް ލިބިފައި ނުވާއިރު، ހޮނިހިރު ދުވަހުގެ ހަމަލާތަކާ ގުޅޭގޮތުން ޓްރަމްޕް އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކުގެ ހަބަރު ފެތުރިފައިވަނީ، "އީރާނުން އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދީފިނަމަ، އީރާނުގެ ތެޔޮ އުޅަނދުތައް ނައްތާލައި ފައްތާލާނެ" ކަމަށް ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ސޯޝަލް މީޑިއާގައި ލިޔުއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ސެންޓްކޮމް އިން ބުނި ގޮތުގައި، އީރާނާ ގުޅުންހުރި އުޅަނދުތަކަށް އެމެރިކާއިން ހަމަލާދިނުމުގެ ކުރިން، އީރާނުން ވަނީ އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް އަމާޒުކޮށް ހަމަލާދީފައެވެ. އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށާއި މިސައިލް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރަކަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) އިން ދިން ހަމަލާތަކުން ކާމިޔާބުކަމާއެކު ދިފާއުވެފައިވާ ކަމަށާއި، އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމެރިކާއިން ބުނެއެވެ.

މެދުއިރުމަތީގެ އަސްކަރީ ހަރަކާތްތައް ބަލަހައްޓާ ސެންޓްކޮމް އިން ތުހުމަތުކުރާ ގޮތުގައި، އެމެރިކާއިން ހަމަލާދިން އީރާނުގެ ތިން އުޅަނދަކީ އައި.އާރް.ޖީ.ސީ އާއި އެ ޖަމާއަތަށް ތާއީދުކުރާ ސަރަހައްދީ ގްރޫޕްތަކަށް ފަންޑުކުރާ ބިލިއަން ޑޮލަރުގެ ވަގު ނެޓްވޯކެއްގެ ބައެކެވެ.

އީރާނުގެ ސަރުކާރު މީޑިއާ، އިރިބް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހާރިޖް އައިލެންޑް ކައިރީގައި އޮތް އުޅަނދަށް އެމެރިކާއިން ދިން ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހާރިޖް އައިލެންޑަކީ އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒެވެ. އީރާނުން ބޭރުކުރާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ ފޮނުވަނީ މި ރަށުގެ ތެރެއިންނެވެ.

ގަލްފް އޮފް އޮމާންގައި ހަމަލާދެވުނު ދެ އުޅަނދުގެ ފަޅުވެރިން ސަލާމަތްކޮށް އެއްގަމަށް ގެންގޮސްފައިވާ ކަމަށްވެސް އިރިބް އިން ބުނެއެވެ. މީގެ ތެރެއިން އެއް އުޅަނދަކީ ހުސްކޮށް އޮތް އުޅަނދެއް ނަމަވެސް، އަނެއް އުޅަނދުގައި ތެޔޮ ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން އައި.އާރް.ޖީ.ސީ އިން ވަނީ ސަރަހައްދީ ހަ އުޅަނދަކަށް ބަދަލުހިފުމުގެ ހަމަލާ ދީފައެވެ. މީގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ތިން އުޅަނދަކާއި، އެހެން ސަރަހައްދުތަކުގައި އޮތް އެމެރިކާއާ ގުޅުންހުރި ތިން އުޅަނދެއް ހިމެނެއެވެ. އީރާނުން ބުނާ ގޮތުގައި އެ ތިން އުޅަނދަށް ހަމަލާދިނީ ހުއްދަނޫން މަގުތަކަކުން ދަތުރުކުރުމާ ގުޅިގެންނެވެ.

ދުނިޔޭގެ ހަކަތައިގެ ސިނާއަތަށް ނުހަނު މުހިންމު ހޮރްމޫޒް ކަނޑުއޮޅި، ފެބުރުއަރީ މަހު ހަނގުރާމަ ފެށުނީއްސުރެ އޮތީ ބަންދުކޮށްފައެވެ. މިއީ އީރާނުން ބާރުވެރިކަން ދެއްކުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތެކެވެ. އެ ސަރަހައްދުގެ ބާރު ދޫނުކުރާނެ ކަމަށް އީރާނުން ބުނަމުންދާއިރު، އޮމާންގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން ދަތުރުކުރާ އުޅަނދުފަހަރަށްވެސް އީރާނުން މީގެ ކުރިން ހަމަލާދީފައިވެއެވެ.

އީރާނުގެ ހަމަލާތަކާއެކުވެސް، ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ކަނޑުއޮޅި އޮތީ "ހުޅުވިފައި" ކަމަށެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ދެކުނު މަގުން ދަތުރުކުރާ އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު އެމެރިކާއިން ވަނީ އަލުން ހަމަލާތައް ދޭން ފަށާފައެވެ. އެމެރިކާއިން ބުނާ ގޮތުގައި މި ހަމަލާތައް ދިނީ ހޮރްމޫޒް ކަނޑުއޮޅީގައި މައިން ވަޅުލުމަށް ބޭނުންކުރަން އުޅުނު ރޮކެޓް ލޯންޗަރުތަކަކަށެވެ. އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ އެމެރިކާއިން "ވަރަށް ވަރުގަދަ ހަމަލާއެއް" ދީފައިވާ ކަމަށާއި، ނަމަވެސް މި ހަމަނުޖެހުން މާ ގިނަ ދުވަހަކަށް ދެމިގެން ނުދާނެ ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ޔޫ.އޭ.އީ، ބަހްރޭން، ކުވެއިތު އަދި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފައެވެ.

އީރާނުގެ ދެކުނުގައި ބޭއްވި ކައިވެނި ހަފުލާއަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭހެން ހަތަރު މީހުން މަރުވި ކަމަށް ބުނާ މައްސަލައާ ގުޅިގެން، ނައިބު ރައީސް ޖޭ.ޑީ ވެންސް ވިދާޅުވީ އެކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. ނަމަވެސް އެމެރިކާއިން އެކަން ތަހުގީގު ކުރާނެ ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ. އީރާނުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި ސިރިކްގައި ހުރި ގެއަކަށް މިސައިލެއްގެ ބައިތައް އެރުމުގެ ސަބަބުން މީހުން މަރުވެފައިވާތީ، އީރާނުން ވަނީ އެއީ "ހަނގުރާމައިގެ ކުށެއް" ކަމަށް ކަނޑައަޅާފައެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް 60 ދުވަހުގެ ސުލްހައިގެ އެއްބަސްވުން މިދިޔަ މަހު ހަމަވެފައިވާއިރު، ސިޔާސީ ހައްލެއް ފެންނާކަށް ނެތެވެ. އެއްބަސްވުން ހަމަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އީރާނަށާއި އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކާ ދެކޮޅަށް އިގްތިސާދީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.

ހުކުރު ދުވަހުވެސް ޓްރަމްޕް ތަކުރާރުކުރެއްވީ މިއީ "ހަނގުރާމައެއް" ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ "އަސްކަރީ ކުރިމަތިލުމެއް" ކަމަށާއި، އެމެރިކާއަށް މިއީ ވަރަށް ކުޑަ ކަމެއް ކަމަށެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނަށް އަމާޒުކޮށް ފުޅާދާއިރާއެއްގައި ފުރަތަމަ ހަމަލާދީފައިވަނީ ފެބުރުއަރީ 28 ގައެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލަށާއި، ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ ބައިވެރި ގައުމުތަކަށް ހަމަލާދީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުން ހުއްޓުވާފައެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ އުފުލާ ހޮރްމޫޒް ކަނޑުއޮޅިއަކީ ކުރިން ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފުލާ އެއް މަގު ނަމަވެސް، މިހާރު އެ ސަރަހައްދަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ވަނީ އުފުލިފައެވެ. ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބާ ދިމާކޮށް، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކާ ގުޅިގެން ޓްރަމްޕަށް ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ.

ހުކުރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާގައި ޑީސަލް ލީޓަރެއްގެ އެވްރެޖް އަގު ހުރީ 5.85 ޑޮލަރުގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 3.71 ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

]]>
Sun, 06 Sep 2026 08:14:13 +0500 ނިއުސް ޑެސްކް
3ދަރިން މަރާލީ މަންމައަކީ ކުށްވެރިއެއްތަ ނޫނީ ވިކްޓިމެއްތަ! https://heerasnews.com/4562 https://heerasnews.com/4562 ސަމާލުކަމަށް: މި ލިޔުމުގައި ހިތްދަތި ތަފްސީލުތަކާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ ވާހަކަތައް ހިމެނިފައިވެއެވެ.

ނޯތު ކެރޮލައިނާގެ ކޭޓްލިން ކަޒްމިރްސީ، ޓިކްޓޮކް މެދުވެރިކޮށް މި މައްސަލަ ފޮލޯކުރަމުން ދިއުމުގެ ސަބަބުން، އާއިލީ މީހެއްގެ ޖަނާޒާއަށް ދިޔަ މަގުމަތީގައި ޕްލިމައުތު ކޯޓު ހުރި ސަރަހައްދަށް މަޑުކުރުމަށް އޭނާގެ މަންމައަށް ބާރުއެޅިއެވެ.

އެމީހުންގެ ވަށައިގެން ފިޔާތޮށި ކުލައިގެ ހެދުން ލައިގެން ތިބި އެތައް އަންހެނުންނެއް ކްލޭންސީއަށް ތާއީދުކޮށް އެއްވެ ތިއްބެވެ. ނަމަވެސް އެންމެންގެ ހިޔާލު އެއްގޮތެއް ނޫނެވެ. މުޅި އެމެރިކާގެ ސޯޝަލް މީޑިއާގައާއި ކެއުމުގެ މޭޒުތަކުގެ ދޮށުގައިވެސް، އާންމުން ދަނީ މި މައްސަލައާ މެދު ވަރަށް ފޯރިއާއެކު ބަހުސް ކުރަމުންނެވެ.

ގާތްގަނޑަކަށް ހަތް ހަފުތާ ވަންދެން ކުރިއަށްދިޔަ މި ޝަރީޢަތުގެ ސަބަބުން، ކްލޭންސީއަކީ ބަލީގެ ޝިކާރައަކަށްވީ މީހެއްތޯ ނުވަތަ ޖަލަށްލާންޖެހޭ ކުށްވެރިއެއްތޯ ނިންމުމާ ބެހޭގޮތުން މުޅި ގައުމު އޮތީ ބައިބައިވެފައެވެ.

އުމުރުން 36 އަހަރުގެ މި ނަރުހުގެ ދިފާއީ ވަކީލުން ބުނާ ގޮތުގައި، އޭނާގެ ކުދި ދަރިންތައް މަރާލިއިރު އޭނާ ހުރީ "ޕޯސްޓްޕާޓަމް ސައިކޯސިސް" (ވިހެއުމަށްފަހު ދިމާވާ ނަފްސާނީ ބަލިމަޑުކަމެއް) ގެ ހާލަތުގައެވެ. އެހެންކަމުން އެކަމުގެ ޖިނާއީ ޒިންމާ އޭނާ އުފުލަން ނުޖެހޭނެ ކަމަށް ވަކީލުން ވަކާލާތު ކުރިއެވެ. ނަމަވެސް ދައުލަތުން ބުނަމުން ދިޔައީ އެއީ ގަސްތުގައި ރާވައިގެން ހިންގި އަމަލެއް ކަމަށެވެ.

އެތައް ހެކިންނެއްގެ ހެކިބަސް އަޑުއަހައި، 40 ގަޑިއިރުގެ މަޝްވަރާއަށްފަހުވެސް، ޖޫރީންނަށް އެއްގަލަކަށް ނާދެވުމުން، ފަނޑިޔާރު ވަނީ ހުކުރު ދުވަހު މި ޝަރީޢަތް ބާތިލުކުރިކަން އިއުލާންކުރައްވާފައެވެ.

ޖޫރީންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކީ މުޅި މުޖުތަމައުގައިވެސް މި މައްސަލައާ މެދު އޮތް ހިޔާލު ތަފާތުވުންތަކުގެ ރަމްޒެކެވެ. އުމުރުން 65 އަހަރުގެ މޭރީއޭން ޑްރައިސްޑޭލްގެ އަމިއްލަ އާއިލާގެ ތެރެއިންވެސް މި މަންޒަރު ފެނުނެވެ.

މޭރީއޭންއާއި އޭނާގެ 28 އަހަރުގެ ދަރިފުޅު ގަބޫލުކުރާ ގޮތުގައި ކްލޭންސީ ބޭނުންވަނީ ޖަލު ބަންދެއް ނޫނެވެ، ނަމަވެސް ނަފްސާނީ ފަރުވާއެވެ. އެކަމަކު އޭނާގެ ތިން ފިރިހެން ދަރިން، (ކްލޭންސީގެ ދަރިންނާ އެއް އުމުރެއްގެ ކުދިން ތިބި ބަޔަކު)، މިކަމާ މުޅިން ދެކޮޅެވެ.

"އެމީހުންނަށް މިކަން ފެންނަނީ ވަރަށް ސާފުކޮށް. އެމީހުން ބުނަނީ [ކްލޭންސީ] ކުދިން މަރާލައިފިއޭ، ދެން އެ ނިމުނީއޭ،" އޭނާ ބުންޏެވެ. "މި ކުދިން ބޮޑުކުރީ އަހަރެން، އެކަމަކު މިކަމުގައި އަހަރެމެންގެ ހިޔާލު މިހާ ބޮޑަށް ތަފާތުވާންވީ ކީއްވެ؟"

ފޯނިއާ ގަބޫލުކުރާ ގޮތުގައި އެމެރިކާގެ ސިއްހީ ނިޒާމުން ކްލޭންސީއަށް ވަނީ ބޮޑު އިހުމާލެއް ވެފައެވެ. އަންހެނަކަށް އަދި މައަކަށް ވީތީ، ވިހެއުމަށްފަހު ކުރިމަތިވާ ނަފްސާނީ ތަހައްމަލުތަކަށް ސަމާލުކަން ލިބިފައިވާ މި މައްސަލައިގައި ބައިވެރިވުމަކީ އޭނާއަށް ލާޒިމު ކަމެއް ކަމަށް އޭނާ ދެކެއެވެ.

"ވާހަކަ ބަދަލުކޮށްލަން އެންމެ މީހަކުވެސް ފުދޭ،" އޭނާ ބުންޏެވެ. "މިއީ ދުނިޔޭގެ ފެންވަރުގެ މައްސަލައެއް. މިއީ ހަމައެކަނި މެސެޗުސެޓްސްގެ ކުޑަ އަވަށެއްގެ ކަމެއް ނޫން. މިއީ ހުރިހާ ތަނެއްގެ އަންހެނުންނާ ގުޅުންހުރި ކަމެއް."

ކްލޭންސީ ބުނާ ގޮތުގައި އޭނާގެ ތިން ދަރިން ކަމަށްވާ ފަސް އަހަރުގެ ކޯރާ، ތިން އަހަރުގެ ޑޯސަން އަދި އަށް މަހުގެ ކެލަން މަރާލުމުގެ ކުރިން އޭނާއަށް ނަފްސާނީ ގޮތުން ނުބައި އިހުސާސްތަކެއް ކުރެވި، ވަސްވާސްތައް ވަދެފައިވެއެވެ. ކުދިން މަރާލުމަށްފަހު އޭނާ ވަނީ ދެވަނަ ބުރީގެ ކުޑަދޮރަކުން ބޭރަށް ފުންމާލައި، އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ. މި ހާދިސާގައި އޭނާގެ ހަށިގަނޑުގެ ބައެއް ވަނީ ވާގިނެތިފައެވެ.

ޝަރީޢަތުގައި ކްލޭންސީގެ ނަފްސާނީ ހާލަތާ ގުޅޭގޮތުން 10 އަށްވުރެ ގިނަ ތަޖުރިބާކާރުން ހެކިބަސް ދިނެވެ. ނަމަވެސް ބައެއް މާހިރުން ވަނީ ދިފާއީ ވަކީލުންގެ ވާހަކަތަކާ ދެކޮޅު ހަދާފައެވެ. "ޕޯސްޓްޕާޓަމް ސައިކޯސިސް" އަކީ ވިހެއުމަށްފަހު ވަރަށް މަދުން ދިމާވާ، މީހާގެ ބުއްދި ގޯސްވެ ހަގީގަތާ ދުރުކޮށްދޭ ހާލަތެއް ނަމަވެސް، އެކަމުގެ ސަބަބުން ކްލޭންސީ ޖިނާއީ ޒިންމާއިން ބަރީއަނުވާނެ ކަމަށް ބައެއް މާހިރުން ބުންޏެވެ.

ފަސް މަސް ދުވަހުގެ ތެރޭގައި 12 ފަހަރަށްވުރެ ގިނައިން ކްލޭންސީއަށް ފަރުވާ ދިން ޖެނިފާ ޓަފްޓްސް ހެކިބަސް ދެމުން ބުނީ، އޭނާގެ ކިބައިން ސައިކޯސިސްގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށެވެ.

ސައިކިއޭޓްރިސްޓް އެވްރަމް މެކް ފަހުން ހެކިބަސް ދެމުން ބުނީ، އެމެރިކަން ސައިކިއޭޓްރިކް އެސޯސިއޭޝަނުން "ޕޯސްޓްޕާޓަމް ސައިކޯސިސް" އަކީ ވަކި ބައްޔެއްގެ ގޮތުގައި ބަލައިނުގަންނަ ކަމަށެވެ. މި ހާމަކުރުންތަކުގެ ސަބަބުން ދެފަރާތުގެ މީހުންގެ ހިޔާލުތައް އިތުރަށް ވަރުގަދަވެގެން ދިޔައެވެ.

ޓެކްސަސްގެ ހަތަރު ކުދިންގެ މައެއް ކަމަށްވާ ނިކޯލް ރަސަލް، ދުރުގައި ހުރެގެން މި ޝަރީޢަތް ފޮލޯކުރަމުން ދިޔައިރު ފާހަގަކުރީ، ކްލޭންސީއަށް ޑޮކްޓަރުންނާއި، ފިރިމީހާއާއި، ކުދިން ބަލާ މީހާއާއި އާއިލާގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމެވެ. އޭނާ ބުނި ގޮތުގައި މިއީ ގިނަ މައިންނަށް ލިބޭ މިންވަރަށްވުރެ މާ ބޮޑު އެހީތެރިކަމެކެވެ.

ކްލޭންސީގެ ނަފްސާނީ މައްސަލަތައް ފެށުނީ އޭނާގެ އެންމެ ހަގު ދަރިފުޅު ވިހެއުމަށްފަހު ކަމަށް ބުނެވެއެވެ. އޭނާ ތަކުރާރުކޮށް އެމަޖެންސީ ރޫމްތަކަށް ގޮސް، ތަފާތު ސިއްހީ މާހިރުންގެ އެހީތެރިކަމަށް އެދި، އަމިއްލައަށް މަރުވާން އުޅޭ މީހުންނަށް އެހީތެރިވާ ހޮޓްލައިންތަކަށްވެސް ގުޅާފައިވެއެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ކްލޭންސީ ރަނގަޅުވުމަށް އޭނާގެ ބާރުގެ ދަށުގައިވާ ހުރިހާ މަސައްކަތެއް ކުރިކަމުގެ ހެއްކެކެވެ. ނަމަވެސް ސިއްހީ ނިޒާމުން އޭނާއަށް އެހީތެރިވެވިފައި ނުވާތީ، ގިނަ ބައެއްގެ ހަމްދަރުދީ އޭނާއަށް ލިބުނެވެ.

މެލީސާ މެރިލްއަކީ ކްލޭންސީއަށް ފަރުވާ ދިން ހޮސްޕިޓަލުން ފަރުވާ ހޯދި މީހެކެވެ. "އަހަރެންގެ އަމިއްލަ ނަފްސު އޭނާގެ ފަރާތުން ފެނޭ، އަހަރެންވެސް އަމިއްލައަށް މަރުވާން ހިތަށްއެރި މައެއްގެ ގޮތުގައި،" އޭނާ މައުލޫމާތު ދެމުން ބުންޏެވެ.

ޝަރީޢަތުގެ ދުވަސްތަކުގައި، ފުރޮޅުލީ ގޮނޑިއެއްގައި އިން ކްލޭންސީ ރޮމުން، އޭނާގެ ވަކީލުގެ އަތުގައި ހިފަހައްޓައިގެން ހިތާމަވެރި އަޑުތައް ލައްވަމުން ދިޔަ މަންޒަރު ފެނުނެވެ.

ޝަރީޢަތުގެ އެއް ދުވަހު، މެރިލް ވަނީ ކޯޓުން ބޭރުގައި ކްލޭންސީގެ ވަކީލާ ބައްދަލުކޮށް، ހިތްވަރު ދިނުމުގެ މެސެޖެއް ހިމެނޭ ފިޔާތޮށި ސިޓީއުރައެއް ހަވާލުކޮށްފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކްލޭންސީއަކީ "މާޔޫސްވެ، ބަލިކަށިވެފައިވާ އަންހެނެއް" ކަމަށެވެ.

ނަމަވެސް، ޓެކްސަސްގެ މައެއް ކަމަށްވާ ރަސަލް ފަދަ އެހެން ބައެއް ބެލެނިވެރިން ވަނީ މިފަދަ "ވިހަ ހަމްދަރުދީއާ" ދެކޮޅަށް އަޑުއުފުލާފައެވެ. އޭނާ ބާރުއަޅައި ބުނި ގޮތުގައި ކްލޭންސީއަކީ "ގުރުބާންވި މީހެއް ނޫން ނުވަތަ ވަރުބަލިވެފައިވާ މައިންގެ ރަމްޒެއް ވެސް ނޫނެވެ."

"ލިންޑްސޭ ކްލޭންސީއަކީ މައިވަންތަކަމުގެ އުނދަގޫތަކުގެ މިސާލެއް ކަމުގައި ބެލެވިގެން ނުވާނެއެވެ. ސަބަބަކީ އެތައް މިލިއަން މައިންނެއް ދަރިން ވިހައި، އެތައް ދަތިތަކެއް ތަހައްމަލު ކުރާއިރުވެސް، އެމީހުންގެ ދަރިންނަށް އެއްވެސް އަނިޔާއެއް ނުކުރެއެވެ،" ރަސަލް ވަކާލާތު ކުރިއެވެ.

ކްލޭންސީގެ ޝަރީޢަތާ ގުޅޭ ބަހުސްތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ. ގިނަ ބަޔަކަށް މި މައްސަލައިގެ ވާހަކަ ނުދެކެވޭ އެއްވެސް މަންސައެއް ހޯދުން ދަތިވިއިރު، ތަފާތު އެކި ކަހަލަ ތިއަރީތައްވެސް ދައުރުވަމުން ދިޔައެވެ.

ކްލޭންސީގެ މަންމައާއި، ކޮއްކޮ އަދި ކުރީގެ ފިރިމީހާ ވަނީ ކުދިން މަރާލުމުގެ ކުރިން އޭނާގެ ނަފްސާނީ ހާލަތު ގޯސްވަމުން ދިޔަ ކަމަށް ހެކިބަސް ދީފައެވެ. ނަމަވެސް، އޭނާގެ ކުރީގެ ފިރިމީހާ ޕެޓްރިކް ކްލޭންސީއަށް އަމާޒުކޮށް އޮންލައިންކޮށް ވަރަށް ބޮޑަށް ފާޑުކިޔައި، އޭނާ ކަމެއް ފޮރުވަން އުޅޭ ކަމުގެ ތުހުމަތުތައް ކުރެވުނެވެ.

އޭނާގެ އަންހެނުން ދަރިން މަރާލި ކަމަށް އިންކާރު ނުކުރާ ހާލަތެއްގައިވެސް، އަދި އެ ވަގުތު ގޭގައި ހުރި ހަމައެކަނި ބޮޑު މީހަކީ އޭނާގެ އަންހެނުން ކަމަށްވާއިރުވެސް، މި މަރުތަކުގެ ޒިންމާ ޕެޓްރިކްގެ ބޮލުގައި އެޅުވުމަށް ބައެއް މީހުން މަސައްކަތް ކުރިއެވެ. މީގެ ސަބަބުން އޭނާގެ އަމިއްލަ ދިރިއުޅުމަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓި، އޭނާގެ އާ އަންހެނުންނާއެކު ދަތުރުކުރާ ފޮޓޯތައްވެސް ނޫސްތަކުގައި ޖަހާފައިވެއެވެ.

އޭނާގެ ވަކީލުން އޯގަސްޓް މަހު ދިން ބަޔާނެއްގައި ބުނީ މިކަމުގެ ހަގީގަތްތަކަކީ "ބަދަލު ނުކުރެވޭނެ" ކަންކަން ކަމަށެވެ.

"ޕެޓްރިކް ކްލޭންސީއަށް ވަނީ ބަޔާންކުރަން ދަތި، ހިތަށްވެސް ނުގެނެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައެވެ،" ވަކީލުން ބުންޏެވެ. "ނަސީބު ދެރަކަމުން، ޕެޓްރިކް ތަހައްމަލު ކުރަމުންދާ ހިތާމަވެރި ހާދިސާ، އާންމުންގެ މެދުގައި ފެތުރިފައިވާ ދޮގު އަދި އަބުރު ގެއްލޭ ފަދަ ބަޔާންތަކުގެ ސަބަބުން އިތުރަށް ބޮޑުވެފައިވެއެވެ."

މި މައްސަލައަކީ ޖެންޑާ ނުވަތަ އަންހެން ފިރިހެން ތަފާތުކުރުންތަކުގެ ބަހުސަކަށްވެސް ވެގެން ދިޔައެވެ. ގިނަ ފަހަރަށް މީހުންގެ ހިޔާލުތައް ހުރީ އެމީހެއްގެ ޖިންސާ ގުޅޭގޮތުންނެވެ.

އިލިނޯއީއިން މި ޝަރީޢަތް ފޮލޯކުރި ތިން ކުދިންގެ ބައްޕަ، ވިންސެންޒޯ ވަޒްކުއޭޒް ގަބޫލުކުރާ ގޮތުގައި ކްލޭންސީއަށް އާންމުންގެ ފަރާތުން ފެންނަ އަމަލުތަކުގައި ޖިންސުގެ ދައުރު ބޮޑެވެ. އޭނާ ދެކޭގޮތުގައި ހަމަ މި ދަޢުވާތައް ފިރިހެނެއްގެ މައްޗަށް ކުރެވުނު ނަމަ، އާންމުންގެ މިފަދަ ހަމްދަރުދީއެއް ނުލިބޭނެއެވެ.

"މީހަކަށް ކޮންމެ ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް، އަމިއްލަ ދަރިން ނުވަތަ އެހެން ކުއްޖަކު މަރާލުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ، ނުވަތަ އުޒުރެއް ދެއްކޭނެ، ނުވަތަ އޭގެ ހަމަޖެހޭ ސަބަބެއް އޮތް ކަމެއް ކަމަކަށް އަހަރެން ނުދެކެމެވެ،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، "އެތައް ބަޔަކު އޭނާއަށް ތާއީދުކޮށް އެއްވާ މަންޒަރު ފެނުމުން ވަރަށް ދެރަވެ، ފޫހިވެސްވޭ" ކަމަށެވެ. އޭނާ ބުނި ގޮތުގައި "މީހުން ނުކުމެ ތިބެންވީ އެ ކުދިންނަށް އިންސާފު ހޯދައިދިނުމަށެވެ. އެއީ ކުރިމަގު އޮތް ރީތި ތިން ކުދިންނެވެ."

ހަތް ދުވަހުގެ މަޝްވަރާއަށްފަހުވެސް ޖޫރީންނަށް ގޮތެއް ނުނިންމި، ޝަރީޢަތް ބާތިލުކުރުމާ ގުޅިގެން، މި މައްސަލައިގެ ކުރިމަގާއި ކްލޭންސީގެ މުސްތަގުބަލު އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ. މި މަސް ނިމޭކޮޅު ބާއްވާ އަޑުއެހުމެއްގައި، ދައުލަތުން ދެވަނަ ޝަރީޢަތަކަށް ދާނެތޯ ނުވަތަ އިއުތިރާފުގެ އެއްބަސްވުމަކަށް އަންނަން މަސައްކަތް ކުރާނެތޯ ކަނޑައެޅޭނެއެވެ.

މިވަގުތަށް، އެހެން މައިދާންތަކުގައި ކުރިއަށްދާ ބަހުސްތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަން ޔަގީނެވެ.

]]>
Sun, 06 Sep 2026 02:18:37 +0500 ހީރަސް
ބިޓް ކެޓުމުން މަރާލާފައި އެއްލާލީ ކުނި ގޮނޑަށް https://heerasnews.com/4561 https://heerasnews.com/4561 ޔޫޓާގެ ގޭންގު މެންބަރަކު އޭނާގެ ލޯބިވެރިޔާ ވަކިވުމުން، އޭނާގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު ކުނިގޮނޑެއްގެ ކައިރިއަށް އެއްލާލި މައްސަލައިގައި 15 އަހަރާއި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2024 ޖަނަވަރީ 20 ގައި އެމެރިކާގެ ސޯލްޓް ލޭކް ސިޓީގައެވެ. އުމުރުން 46 އަހަރުގެ ފްރެޑް ޖޭސަން އެޑްވާޑްސް، އުމުރުން 25 އަހަރުގެ އެސްޕެރަންޒާ ޗާވޭޒްގެ ގަޔަށް ބަޑިޖަހައި މަރާލީ، އެ ދެމީހުންގެ ގުޅުން ކަނޑާލުމަށްފަހު ޗާވޭޒް އޭނާގެ މައިންބަފައިންގެ އެހީތެރިކަމާއެކު އެހެން ސްޓޭޓަކަށް ބަދަލުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭނާ މަރާލާފައިވަނީ އެޑްވާޑްސްގެ ކާރު ތެރޭގައެވެ.

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކުނިގޮނޑެއްގެ ކައިރިން ޗާވޭޒްގެ ހަށިގަނޑު ފެނުނުއިރު، ސަރވެއިލަންސް ފޫޓޭޖްތަކުން ފެންނަ ގޮތުގައި އެޑްވާޑްސް ވަނީ އެ ހަށިގަނޑު ކުނި އަޅާ ފޮށްޓަށް ލާން މަސައްކަތްކޮށް، އެކަން ކާމިޔާބު ނުވުމުން ފޮށީގެ އަރިމަތީގައި ބާއްވާފައި ފިލާފައެވެ. އޭނާ ހައްޔަރުކުރެވުނީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒަކަށް އެޑްމިޓްވާން ގޮސް އިންދައެވެ.

މި މައްސަލައިގައި އެޑްވާޑްސްގެ މައްޗަށް ފުރަތަމަ ދަރަޖައިގެ މީހަކު މެރުމުގެ ދައުވާގެ އިތުރުން، ބަޑި ބޭނުންކުރުމާއި، އިންސާފަށް ހުރަސްއެޅުމާއި، މަރުވެފައިވާ މީހެއްގެ ހަށިގަނޑަށް އިހާނެތިކޮށް ހިތުމުގެ ދައުވާތައް އުފުލުނެވެ. ނަމަވެސް، އިއުތިރާފުވުމުގެ އެއްބަސްވުމެއްގެ ދަށުން އެހެން ހުރިހާ ދައުވާތަކެއް ވަނީ ދޫކޮށްލާފައެވެ.

ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެޑްވާޑްސްއަކީ މީގެ ކުރިންވެސް ޗާވޭޒްއަށް އެކިފަހަރު މަތިން އަނިޔާކޮށްފައިވާ މީހެކެވެ. މީގެ ތެރޭގައި ޗާވޭޒްގެ ބޯ ކާރުގެ ހުންގާނުގައި ތަޅައި، އޭނާގެ ލޮލަށް އަނިޔާކުރަން މަސައްކަތްކުރުމުގެ އިތުރުން، އަތަށް ވަޅިން ހަމަލާދިނުން ހިމެނެއެވެ. ޗާވޭޒް އޭނާގެ މައިންބަފައިންގެ އެހީގައި އެހެން ތަނަކަށް ބަދަލުވާން އުޅުނީވެސް އެޑްވާޑްސްގެ ކިބައިން ސަލާމަތްވުމަށެވެ.

މީގެ އިތުރުން، އެޑްވާޑްސްއަކީ ކުރިންވެސް އެހެން އަންހެނުންނަށް ގެވެށި އަނިޔާކުރުމުގެ ރެކޯޑް އޮތް އަދި ގޭންގުތަކާ ގުޅުން އޮންނަ މީހެއްކަން ފާހަގަކުރެވެއެވެ. މި މައްސަލައިގެ ބަދަލު ނަގައިދިނުމާ ގުޅޭ އަޑުއެހުން ނޮވެމްބަރު 5 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

]]>
Sat, 05 Sep 2026 05:32:38 +0500 ނިއުސް ޑެސްކް
ބެލެނިވެރިކަން ގެއްލުމުން 18 މަހުގެ ދަރިފުޅު މަރާލި މަންމަ ޖަލަށް https://heerasnews.com/4560 https://heerasnews.com/4560 ދަރިފުޅުގެ ބެލެނިވެރިކަން ގެއްލުމާ ގުޅިގެން، 18 މަހުގެ ތުއްތު ދަރިފުޅަށް ނިދާ ބޭސް އަޅާފައި ހުރި ފުޅިއަކުން ވިހަދީ މަރާލި މައްސަލައިގައި 24 އަހަރުގެ އަންހެނަކު 31 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. މޭގް ޔަންގް ނަމަކަށް ކިޔާ މި އަންހެން މީހާގެ މައްޗަށް މި ހުކުމް އައީ ދަރިފުޅު މަރާލިކަމަށް އިއުތިރާފުވުމާ ގުޅިގެންނެވެ.

ކޯޓު ރެކޯޑުތަކުން އެނގޭ ގޮތުގައި، ކުއްޖަކު ނޭވާ ނުލާކަމުގެ ރިޕޯޓު ލިބިގެން ކަމާބެހޭ ފަރާތްތަކުން އެގެއަށް ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އުމުރުން 18 މަހުގެ ޑީއަލީ ބްލިއާ ޑެލްގާޑޯ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ. އެވަގުތު އެގޭތެރެއިން އޭނާގެ މަންމަ ޔަންގް ފެނުނުއިރު، އޭނާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޔަންގް ހައްޔަރުކުރީ ހޮސްޕިޓަލުން ދޫކޮށްލުމާ އެކުގައެވެ. ތަހުގީގުން ހާމަވި ގޮތުގައި، ދަރިފުޅު މަރުވެފައި އޮއްވާ ފެނުނު ދުވަހަކީ ކޯޓުން އެ ކުއްޖާގެ ބެލެނިވެރިކަން ޔަންގްގެ އަތުން ނަގައި، ކުއްޖާގެ ބައްޕައާ ވަގުތީ ގޮތުން ހަވާލުކުރި ދުވަހެވެ. ކޯޓު އަޑުއެހުމަށްފަހު، ޔަންގް ވަނީ "ތަދު ކަނޑުވާލުމަށް" ކަމަށް ބުނެ ކުއްޖާގެ ކިރުފުޅިއަށް ނިދާ ބޭސް އަޅާފައެވެ. އޭނާ ބުނި ގޮތުގައި އޭނާ ބޭނުންވީ ނިދީގައި އޮއްވާ ދަރިފުޅު އަމާންކަމާއެކު މަރުވުމަށެވެ.

މި ހާދިސާ ފެންމަތިވީ، ކުއްޖާގެ ހާލު ބެލުމަށް ބައްޕަ އެގެއަށް ގޮސް، ދޮރު ހުޅުވައިގެން އެތެރެއަށް ވަން އިރު ކުއްޖާ ނޫވެފައި ބިމަށް ވެއްޓިފައި އޮއްވާ ފެނުމުންނެވެ. އޭނާ ވަގުތުން ކަމާބެހޭ ފަރާތްތަކަށް ގުޅައި އެހީއަށް އެދުނެވެ.

މި މައްސަލައިގައި ޔަންގް ކުށަށް އިއުތިރާފުވުމުން، ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ކޯޓުން ވަނީ އޭނާ 380 މަސްދުވަހަށް (ގާތްގަނޑަކަށް 31 އަހަރަށް) ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

މަރުވި ތުއްތު ކުއްޖާގެ ހަނދާނުގައި އާއިލާއިން ބުނެފައިވަނީ، ޑީއަލީއަކީ އޭނާގެ ބައްޕަ ނުހަނު ލޯބިވި އަދި އެ ދަރިފުޅުގެ ހައްގުގައި ވަރަށް ބޮޑަށް މަސައްކަތްކުރި ކުއްޖެއް ކަމަށެވެ. ކުއްލި ގޮތަކަށް އެ ދަރިފުޅު ވަކިވެގެން ދިއުމަކީ ބައްޕަގެ ހިތަށް ފޫނުބެދޭވަރުގެ ބޮޑު ހިތާމައެއް ލިބުނު ކަމެއް ކަމަށްވެސް އާއިލާއިން ފާހަގަކޮށްފައިވެއެވެ.

ހާދިސާ ހިންގާފައިވަނީ އެމެރިކާގެ މިނެސޯޓާގެ ހެނަޕިން ކައުންޓީގައެވެ.

                    

]]>
Fri, 04 Sep 2026 23:29:22 +0500 ނިއުސް ޑެސްކް
އޮންލައިން އިންޓަވިއުއެއްގެ ތެރެއިން 18000 ޕައުންޑް ވަގަށްނަގައިފި https://heerasnews.com/4559 https://heerasnews.com/4559 ވަޒީފާ ހޯދާ ފަރާތްތަކަށް އަމާޒުކޮށް، އިންޓަވިއުއަށް ބޭނުންވާ ސޮފްޓްވެއަރ އެއް ކަމަށް ބުނެ ނުރައްކާތެރި ލިންކުތަކެއް ޑައުންލޯޑު ކުރުވައިގެން މަކަރާއި ހީލަތް ހިންގާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ހާދިސާއެއް ދިމާވި އެކަކަށް ލިންކްޑްއިން (LinkedIn) މެދުވެރިކޮށް ވަޒީފާ ދޭ ފަރާތެއްގެ ނަމުގައި މީހަކު ގުޅައި، އިންޓަވިއު މަރުހަލާގައި ބައިވެރިވުމަށް ދައުވަތު ދިނެވެ. އަދި އާންމުކޮށް ބޭނުންކުރާ ފަދަ ލިޔުމެއް ޑައުންލޯޑު ކުރަން އެދުމުން، އެ ޑައުންލޯޑު ކުރި ފަހުން އެއީ ކޮމްޕިއުޓަރަށް ގެއްލުންދޭ "މެލީޝަސް ސޮފްޓްވެއަރ" އެއްކަން އެނގުނެވެ.

އޭގެ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ހެކަރުން ވަނީ އޭނާގެ ކްރިޕްޓޯކަރަންސީ އެކައުންޓްތަކުގައި ހުރި 18،000 ޕައުންޑްގެ ރައްކާކުރި ފައިސާ ވަގަށް ނަގައިފައެވެ.

"މިއީ ވަރަށް ހިތްދަތި އިހުސާސެއް. އަހަރެންގެ ދުޝްމަނަކަށް ވެސް މިފަދަ ކަމެއް ދިމާވުމަކަށް ނޭދެން،" ނަން ހާމަކުރަން ބޭނުންނުވާ އެ މީހާ ބުންޏެވެ.

ވާދަވެރި ވަޒީފާގެ ބާޒާރު

ވަޒީފާ ހޯދުމަށް ބޭނުންކުރާ މަގުބޫލު ޕްލެޓްފޯމްތައް ކަމަށްވާ ލިންކްޑްއިން އަދި އިންޑީޑް (Indeed) އިން ވަނީ ފަހަކަށް އައިސް ވަޒީފާގެ ނަމުގައި ހިންގާ މިފަދަ އޮޅުވާލުންތައް އިތުރުވަމުންދާ ކަމުގެ އިންޒާރު ދީފައެވެ.

ލިންކްޑްއިން އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޒުވާން މަސައްކަތްތެރިން (ޖެން-ޒީ) މިފަދަ މަކަރާއި ހީލަތްތަކަށް ހުށަހެޅޭ މިންވަރު ގިނައެވެ. ވަޒީފާގެ ބާޒާރުގައި އޮތް ބޮޑު ވާދަވެރިކަމުގެ ސަބަބުން، ޝައްކު ކުރެވޭ ފަދަ ކަންކަން ފާހަގަވީ ނަމަވެސް، ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން އެކަންކަމަށް ފަރުވާކުޑަކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވަޒީފާގެ ފުރުސަތުތައް މަދުކަމަށް އިހުސާސުކުރެވޭތީ، ލިބޭ ފުރުސަތުތަކާމެދު ޝައްކުކުރަން ފުރުސަތު ގެއްލިދާނެތީ ގިނަ ޒުވާނުން ޖެހިލުންވެއެވެ.  މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި، މުއާމަލާތް ކުރުމުގެ ކުރިން އެއީ އަސްލު ކުންފުންޏެއްތޯ ކަށަވަރުކުރުމަށާއި، ރަނގަޅަށް ދިރާސާކުރުމަށް އެ ޕްލެޓްފޯމުން އިރުޝާދުދެއެވެ.

މި ހާދިސާގައި ފައިސާ ގެއްލުނު މީހާއަކީ އޭރު ވަޒީފާއިން ވަކިވުމަށް ނޯޓިސް ދީފައިވާ، އަދި އައު ވަޒީފާއެއް ހޯދަމުންދާކަން ލިންކްޑްއިންގައި ހާމަކޮށްފައިވާ މީހެކެވެ.

މަކަރުވެރި ހެކަރަކު އޭނާއަށް ވަޒީފާގެ ފުރުސަތެއް ދައްކައި، ވީޑިއޯ ކޯލެއް މެދުވެރިކޮށް ވާހަކަދެއްކުމަށްފަހު، ގޫގުލް ޝީޓެއްގައިވާ އިރުޝާދުތަކާ އެއްގޮތަށް ޓެކްނިކަލް އެސެސްމަންޓެއް ފުރިހަމަކުރުމަށް އެދުނެވެ. ނަމަވެސް އެ ލިޔުމުގައި ވަނީ ނުރައްކާތެރި ސޮފްޓްވެއަރ އެއް ހިމަނާފައެވެ.

މަސައްކަތް ނިންމާފައި ނިދިތަނާހެން، ހެނދުނު ހޭލިއިރު އޭނާގެ އޮންލައިން ވޮލެޓްތަކުގައި ހުރި ހުރިހާ ފައިސާއެއް ވަނީ ހުސްކޮށްލާފައެވެ.

"އަހަރެން ކޮމްޕިއުޓަރު ފޯމެޓްކޮށް، ހުރިހާ ޕާސްވޯޑެއް ބަދަލުކުރިން. އެވަގުތު ހުރީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ބޮޑަށް ވަރުބަލިވެފައި،" އޭނާ ބުންޏެވެ. "އަހަރެން ހުރީ ވަރަށް ބޮޑަށް ރުޅިގަދަވެފައި. ހެކަރުންދެކެ އަދި އަމިއްލަ ނަފްސުދެކެ ވެސް. އެމީހުން އަހަރެން މަޅީގައި ޖެއްސި ގޮތް ހޯދައިގަނެވުމާ ހަމައަށް ހުރީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފައި."

ދޮގު ރެކްރޫޓަރުންނާއި ނުރައްކާތެރި އެޕްތައް

ސައިބަރ ސެކިއުރިޓީ ރިސާޗަރެއް ކަމަށްވާ ޗާލީ ކެލީ ބުނާ ގޮތުގައި، މި އައު ބާވަތުގެ އޮޅުވާލުންތައް ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

"މިއީ އިނގިރޭސި ބަހުން ގޯސްކޮށް ލިޔެފައި އޮންނަ އީމެއިލެއް ނޫން. މި މީހާ މަޅީގައި ޖެއްސީ އަސްލު އިންޓަވިއުއެއްގެ މަރުހަލާތައް ފުރިހަމަކުރާ ފަދަ ގޮތަކަށް، ގޫގުލްގެ އަސްލު ޕޭޖުތަކާއި ލޮގިންތައް ބޭނުންކޮށްގެން. އަދި އިންސްޓޯލް ކުރަން ބުނި ސޮފްޓްވެއަރ އަކީ ވެސް ސައްހަ އެޕްލިކޭޝަނެއްގެ ސިފަ ޖެހިފައިވާ އެއްޗެއް،" އޭނާ ކިޔައިދިނެވެ.

އިންޑީޑް ޕްލެޓްފޯމް މެދުވެރިކޮށް ވެސް މިފަދަ ހަމަލާތައް ކުރިމަތިވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާތީ، އެ ކުންފުނިން ވަނީ ސަމާލުވުމަށް އިރުޝާދު ދީފައެވެ. ކުށްވެރިން ދަނީ ވަޒީފާގެ އިންޓަވިއުއަކަށް ހުންނަ ޝައުގުވެރިކަމާއި ހާސްކަމުގެ ބޭނުން ހިފައި، "Indeed Interview" ނުވަތަ "MyInterview" ފަދަ ނަކަލު އެޕްލިކޭޝަންތައް ޑައުންލޯޑު ކުރުވަމުންނެވެ.

ސައިބަރ ސެކިއުރިޓީ ކުންފުނި މެލްވެއަރބައިޓްސް (Malwarebytes) އިން ބުނާ ގޮތުގައި، މިފަދަ މަކަރުވެރިން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި "އިންޓަވިއު ފުރިހަމަކުރުމަށް މި އެޕް އިންސްޓޯލް ކުރޭ" ނުވަތަ "މުސާރައިގެ އެއްބަސްވުން ފެންނާނީ އެޕް އިންސްޓޯލް ކުރުމުން" ފަދަ ވާހަކަތައް ހިމެނެއެވެ.

މި އެޕްތައް ޑައުންލޯޑު ކުރުމުން، ހެކަރުންނަށް އެ މީހެއްގެ އަމިއްލަ މައުލޫމާތުތަކާއި ފައިސާގެ މުާމަލާތްތަކަށް ވަދެގަތުމުގެ ފުރުސަތު ލިބެއެވެ.

އިންޑީޑް އިން ދާދިފަހުން އާންމުކުރި މައުލޫމާތެއްގައި ބުނެފައިވަނީ، އެ ޕްލެޓްފޯމް މެދުވެރިކޮށް ކުރިއަށްދާ އިންޓަވިއުތަކަކީ ބްރައުޒާ ތެރެއިން ކުރިއަށްދާ ކަންކަން ކަމަށާއި، އެއްވެސް ހާލެއްގައި ވަކި އެޕެއް ޑައުންލޯޑު ކުރަން ނުޖެހޭނެ ކަމަށެވެ.

]]>
Fri, 04 Sep 2026 12:32:51 +0500 ހީރަސް
ނޭޕާލްގައި ފެންބޮޑުވިތާ 9 ދުވަސް ފަހުން ޓަނަލެއްގެ ތެރޭން ދެ މީހުން ސަލާމަތްކޮށްފި https://heerasnews.com/4558 https://heerasnews.com/4558 ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއަށްފަހު، ހައިޑްރޯޕަވަރ މަޝްރޫއެއްގެ ޓަނަލެއްގެ ތެރޭގައި ތާށިވެފައި ތިބި ދެ މީހަކު، ނުވަ ދުވަސް ފަހުން ސަލާމަތްކޮށްފިއެވެ.

ސަންޖަޔާ ޝާހް އަދި ކަބީރު މަހަރްޖަން ސަލާމަތްކުރި ވަގުތު، އެ ސަރަހައްދުގައި ހަރަކާތްތެރިވި ކުއްލި އެހީދޭ ފަރާތްތަކުން ވަނީ އުފާފާޅުކޮށްފައެވެ. ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދިން ގޮތުގައި، ހުކުރު ދުވަހުގެ ހެނދުނު ޓަނަލުގެ ތެރެއިން މީހުންގެ އަޑު އިވުމާ ގުޅިގެން، އިތުރު 39 މީހަކު ސަލާމަތްކުރެވޭނެ ކަމަށް މިހާރު ބެލެވެއެވެ.

މި ބޮޑު ރެސްކިއު އޮޕަރޭޝަނުގެ ދަށުން، އިންޖިނިއަރުން ދަނީ ޓަނަލްތަކުގެ ތެރެއަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. ކޯރުގެ އައްސޭރީގައި ހުރި ތަފާތު ހައިޑްރޯޕަވަރ ސައިޓްތަކުގެ ޓަނަލްތަކުގައި 150 އަށްވުރެ ގިނަ މީހުން ތާށިވެފައިވާނެ ކަމަށް ބެލެވޭއިރު، މި ކާރިސާގައި މިހާތަނަށް 1,200 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

ނޭޕާލްގެ 'ތްރިޝޫލީ 3އޭ' ހައިޑްރޯޕަވަރ ޕްލާންޓުން ސަލާމަތްކުރި ދެ މީހުންނަކީ ސަންޖަޔާ ޝާހް އަދި ކަބީރު މަހަރްޖަންއެވެ. އެމީހުން މިހާރު ވަނީ ހެލިކޮޕްޓަރުގައި ކަތުމަންޑޫގެ ހޮސްޕިޓަލަށް ގެންދެވިފައެވެ.

މި ދެ މީހުންގެ އަތާއި ފައިގައި ޒަހަމްތަކެއް ހުއްޓެވެ. ބެލެވޭ ގޮތުގައި މިއީ ޓަނަލުގެ ތެރޭގައި ފިރުކިފައި އުޅުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެކެވެ. ޓަނަލަްގެ ތެރޭގައި އަދިވެސް 39 މީހުން ތިބި ކަމަށް ބެލެވެއެވެ.

މުއުޖިޒާތެއް ފަދަ ސަލާމަތްވުމެއް

ޓަނަލް އެކްސްޕާޓެއް ކަމަށްވާ އާނޯލްޑް ޑިކްސް ބުނި ގޮތުގައި، މީހުން ސަލާމަތްކުރުމުގެ ކުރިން ޓީމުތަކުން ވަނީ ތަނަލުން ބެދިފައި އޮތް 50 އަކަށް މީޓަރުގެ ކުނިތައް ނަގައި ސާފުކޮށްފައެވެ. އޭނާ ސިފަކުރި ގޮތުގައި ހަފުތާއެއްގެ ހިތާމައަށްފަހު މިއީ "މުއުޖިޒާތެއް" ފަދަ ކަމެކެވެ.

ފުރަތަމަ ސަލާމަތްކުރި ސަންޖަޔާ ޝާހަކީ ނޭޕާލް އިލެކްޓްރިސިޓީ އޮތޯރިޓީގެ މެކޭނިކަލް ފޯރމަނެކެވެ. އޭނާގެ ކޮއްކޮ ބުނި ގޮތުގައި، އޭނާގެ ބޭބެ ސަލާމަތްވުމުން އާއިލާއަށް ބޮޑު ހިތްހަމަޖެހުމެއް ވަނީ ލިބިފައެވެ. އެކުވެރިން ބުނި ގޮތުގައި މި ހަބަރާއެކު އެހެން މީހުންވެސް ދިރިތިއްބާ ސަލާމަތްކުރެވޭނެ ކަމުގެ އުއްމީދު ވަނީ އާވެފައެވެ.

ސަލާމަތްކުރި ދެވަނަ މީހާ ކަމަށްވާ ކަބީރު މަހަރްޖަންއާ ބެހޭގޮތުން އޭނާގެ އާއިލާއިން ބުނީ މުޅި އާއިލާ ތިބީ އިންތިހާއަށް އުފަލުން ކަމަށެވެ. 

މި ބޮޑު ރެސްކިއު އޮޕަރޭޝަންގައި ނޭޕާލްގެ ސިފައިންނާއި ކަމާބެހޭ އެކި އިދާރާތަކުން ދަނީ ރެޔާއި ދުވާލު ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. ފެނާއި ކުނިބުނިން ފުރިފައިވާ ޓަނަލްތަކުގެ ތެރެއަށް ވަދެ މީހުން ސަލާމަތްކުރުމަކީ އިންތިހާއަށް ނުރައްކާތެރި އަދި އުނދަގޫ މަސައްކަތެކެވެ.

]]>
Fri, 04 Sep 2026 11:18:05 +0500 ހީރަސް
ޑޮލަރު މާރުކުރުވާ ޖުރުމަނާތައް ކުރަންދިމާކުރީ ބަނގުރޫޓްވެގެން https://heerasnews.com/4557 https://heerasnews.com/4557 މުއިއްޒަށް ސަރުކާރު ނުހިންގޭ ވަރަށް ގޮތް ހުސްވެއްޖެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މުއައްޒަފުންނަށް މުސާރަވެސް ދެވޭނެ ވަރެއް ސަރުކާރުގައި ނެތެވެ. ސަރުކާރު ކުންފުނިތައް ދޮޅިއެޅިއްޖެއެވެ. ޕެންޝަން ފަންޑު ހުސްވެއްޖެއެވެ. މަނިޓަރީއަށް ބިންވިއްކައިގެންވެސް ނަގާނެ ފައިސާއެއް ނެތިއްޖެއެވެ. 

ހުރިއްޔާ ހުރި ބޭންކަކަށް ސަރުކާރު ދަރައިފިއެވެ. ބޮޑެތި އަމިއްލަ ކުންފުނިތައް ވެސް ސަރުކާރަށް ފައިސާ ދަރަންޏަން ނުދެވޭ ވަރަށް ފުނޑިއްޖެއެވެ. ސަރުކާރުން ހޯދާ ހިދުމަތަކަށް ފައިސާއެއް ނުދެއެވެ. ސަރުކާރަށް ގަންނަ މުދަލަށް އަގެއް ނުދެއްކެއެވެ. އެތެރެއިން ދަރަނީގެ ގޮތުގައި ފައިސާ ލިބެން އޮތް މަގުތައް އެކީއެކަށް ބަންދުވެއްޖެއެވެ. ބޭރުން ލޯނެއް އެހީއެއް ނުލިބެއެވެ. 

ޓޫރިޒަމާއި އެހެނިހެން އިންޑަސްޓްރީން ސަރުކާރަށް ޓެކްހާއި ކުއްޔާއި ހިދުމަތުގެ އަގުގެ ގޮތުގައި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭވަރަށް ވުރެ ހަރަދު ބޮޑެވެ. ކަސްޓަމް ޑިއުޓީއާއި ނަގަމުން އައި ފީތަކުން ވެސް ހަރަދުތައް ފޫބެދޭ ވަރެއް ނުވެއެވެ. ނުބުނާން އުޅުނަސް ދިވެހި ސަރުކާރުގެ އަދުގެ ހާލަތަކީ ބަނގުރޫޓް ހާލަތުކަމާ މެދަކު ޝައްކެއް ނެތެވެ. 

ވެރިކަން މުއިއްޒަށް ލިބުނުތާ ކުރީކޮޅު އުޅެގަތް ގޮތްތަކަކުން އޮބި ނޯންނަ ވަރަށް ދައުލަތުގެ ހަރަދުތައް ބޮޑުވެގެން ދިޔައީއެވެ. ގަދަކަން ދައްކަން ނުކޮށް ފަރުޖެހެން އޮތް އެތައް ކަމެއްކޮށް ހަރަދުކޮށް އިސްރާފު ކުރީއެވެ. ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރުގެ ބޮޑު ދަރަންޏެއް ބޯމަތީގައި އަދާކުރަން ޖެހިފައި އޮއްވާ ކޮންމެހެން ނުކޮށް ވާން އޮތް އެތައް ހަރަދެއް ކުރުމުގެ ނަތީޖާ މިއަދު މިބައްދަލުކުރީއެވެ. 

ބޮޑެތި މުސާރަދޭ އެތައްހާސް ސިޔާސީ މުއައްޒިފުންނަށް ވަޒީފާ ދެވިފައި އޮތުމުން ކިތަންމެ ހަރަދު ބޮޑަސް އެއިގެތެރެއިން މަދު މީހަކުނޫނޫ ދޫކޮށްލެވޭކަށް ނެތެވެ. ބޭރުގައި ހުރި އެއްބަސީތަކަށް އިމެއްނެތް ވަރަށް މުއައްޒަފުން ލެވުނީތީ އެއިގެން އެކަކުވެސް ކަނޑާލެވޭކަށް ނެތެވެ، ވެރިކަން ދިފާއުކުރުމަށްޓަކާ އެ އެންމެންވެސް އެގޮތުގައި ބައިތިއްބަން މުއިއްޒަށް މަޖބޫރެވެ. މުއައްޒަފުންނަށް ކުރާހޭދަ ކުޑަކުރުމަށްޓަކައި ކަނޑާލާ މަގުމަތިކޮށްލެވެނީ ފެނަކަ ފަދަކުންފުނިތަކުގައި އުޅޭ ކުދި މުސާރައިގެ ދެރަވަ މުއައްޒަފުންނެވެ. މަތިކިތަންމެ ބަރަސް ގިނަ ބައެއްގެ ރުހުން ހޯދުމަށް ސިޔާސީވެރިންގެ އެކަކުވެސް ކަނޑާލުމުގެ ހިއްވަރެއް މުއިއްޒުގެ ނެތެވެ. 

ފުލުފުލުގައި ގާނޫނުން ލާޒިމުކޮށްގެން ބޮޑެތި އަދަދުތަކުން ރައްޔިތުން ޖުރުމަނާކުރަން ދިމާކުރުމުން ސަރުކާރު ދޮޅިފެނުގައި އެޅިފައިވާކަން ޔަގީން ކުރެވެއެވެ. އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލު އޮންނަ މީހުން އަތުން ވެސް ޓެކްސް ނަގަނީއެވެ. އެއް އަންބަށްވުރެ ގިނަ އަނބިން ގެންގުޅޭ މީހުން އަތުން ވެސް ފީއެއް ނެގުން ގާތެވެ. އެއް ދަރިއަށް ވުރެ ގިނަ ދަރިން ތިއްބަސް ފީނަގާން ނުފަށާނެކަމެއް ނޭގެއެވެ. މިހާވަރުން ދަންޏާ މަގުގާ އަޅާ ފިޔަވަޅަށްވެސް އަގުނަގަން ފަށަން ޖެހެލުން ނުވާވަރަށް ސަރުކާރު ހާލުގައި ޖެހިއްޖެއެވެ. 

ދައުލަތް ހިންގުމުގެ ހަރަދު ކުޑަނުކުރެވުމުން މިހާރު އެހުރީ ގާނޫނުން ލާޒިމްކޮށްގެން ރިސޯޓުތަކުގެ ޑޮލަރ އާމްދަނީން %40 ޕަސެންޓް މާރުކުރުވަން ހިފާލާފައެވެ. ޓޫރިޒަމް އިންޑަސްޓްރީ ފުޑުފުޑުވިޔަސް މުއިއްޒަށް ހެވެ. ޑޮލަރު އާމްދަނީން ބޮލަކަށް 500 މާރުކޮށްގެންވެސް ޑޮލަރުގެ އަގުން ހަތަރުއަނާވެސް ތިރި ނުކުރެވުނު ބަޔަކަށް ޑޮލަރުގެ އަގުތިރި ކުރެވޭތަނެއް ނުފެނެއެވެ. ފެންނަނީ ބޭންކްތަކުން މާރުކޮށްގެން އެއްކުރާ ޑޮލަރުކޮޅު މަނިޓަރީއަށް ނަގައިގެން މުއިއްޒު ތަޅާބުރުވާލާ ތަނެވެ. ގައުމު އިނދަޖެހުނަސް މުއިއްޒަށް ވަރިހަމައެވެ. 

ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 މާރުކުރަން މަޖުބޫރުކުރުވީ ވަރަށް ފުންކޮށް ވިސްނާ މަޝްވަރާކޮށް ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތަކީ އެއީކަމަށް ވެގެންނޯލައެވެ. އެގޮތަށް ދުންފަތުގެ ގާނޫނެއްވެސް ދާދި މިދާކަށް ދުވަހު މުއިއްޒު ތައާރަފް ކުރިއެވެ. އާހިރުގައި އެކަން ނިމުނީ ޑަބްލިޔުއެޗްއޯ ބޮލަށް ކަނޑައިލާ އުނބަށް ޖަހައިގެންނެވެ. ޑޮލަރު މާރުކުރުމުގެ ގާނޫނު އުނބަށްޖަހާނީ ވޯލްޑް ބޭންކް ބޮލުގައި ތެއްގޯނި އަޅުވާފައި ނޫންކަމެއް ނޭގެއެވެ. އެނގޭކަމަކީ އާމްދަނީއަށްވުރެ ހަރަދުބޮޑުވެ ދެކޮޅުޖެއްސޭނެ އެއްވެސް ގޮތެއް މުއިއްޒަށް މިހާރު ފެންނާން ނެތްކަމެވެ.  

]]>
Thu, 03 Sep 2026 23:30:30 +0500 އެޑިޓަރ
މާބަނޑު ފުލުހަކަށް ދަގަނޑު ބުރިއަކުން ހަމަލާދީ ޒަހަމްކޮށްލައިފި https://heerasnews.com/4556 https://heerasnews.com/4556 ބެންގަލޫރުގެ ފުލުހުންގެ މަރުކަޒަކަށް މައްސަލައެއް ހުށަހަޅަން ދިޔަ މީހަކު، އެތަނުގައި ހުރި މާބަނޑު ފުލުހަކަށް ދަގަނޑު ބުރިއަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ އެ ކޮންސްޓަބަލް މަރާލަން ދިން ހަމަލާއެކެވެ.

ބެންގަލޫރުގެ ރޭލްވޭ ޕޮލިސް ސްޓޭޝަނެއްގައި މަސައްކަތްކުރާ މާބަނޑު އަންހެން ފުލުހަކަށް މި ހަމަލާ ދީފައިވަނީ، މައްސަލައެއް ހުށަހަޅަން ދިޔަ މީހަކު ފަހުން އައުމަށް އެދުމުންނެވެ. އެ މީހާ އެނބުރި އައީ ދަގަނޑު ބުރިއެއް ހިފައިގެން ކަމަށާއި، އޭނާ ވަނީ ކޮންސްޓަބަލް ޝިލްޕާގެ ބޮލުގައި މަދުވެގެން އަށް ފަހަރު ޖަހާފައެވެ.

މަޖެސްޓިކް ރޭލްވޭ ޕޮލިސް ސްޓޭޝަނަށް އެ މީހާ ދިޔަ ވަގުތު ސްޓޭޝަނުގައި ހުރި ހަމައެކަނި މުވައްޒަފަކީ ޝިލްޕާއެވެ. އެ ވަގުތު މައްސަލަ ބަލައިގަނެވޭނެ އިތުރު މުވައްޒަފަކު ނެތުމުން، ޝިލްޕާ އޭނާގެ ކިބައިން އެދުނީ ފަހުން އައުމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެ މީހާ ސްޓޭޝަނުން ނުކުމެގެން ގޮސް އިރުކޮޅެއް ފަހުން އެނބުރި އައީ ބެރިކޭޑް ފުރޮޅެއް ހަރުކޮށްފައިވާ ބަރު ދަގަނޑު ބުރިއެއް ހިފައިގެންނެވެ. އަދި ޝިލްޕާއަށް ހަމަލާދީ އޭނާގެ ބޯ ފަޅާލާފައިވެއެވެ.

މި ހަމަލާގައި ޝިލްޕާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ފަރުވާއަށް ފުރަތަމަ ގެންދެވުނީ މަނިޕާލް ހޮސްޕިޓަލަށެވެ. އޭގެ ފަހުން ސުގުނާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު، އޭނާއަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

މި މައްސަލައާ ގުޅިގެން ހަމަލާދިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

]]>
Thu, 03 Sep 2026 11:00:25 +0500 ނިއުސް ޑެސްކް
ކައިވެނި މަރާލުމުގެ ބަދަލަކަށް 25 ލައްކަ އަބިމީހާއަށް ދޭން ޖެހިއްޖެ https://heerasnews.com/4555 https://heerasnews.com/4555 'ރޫޅިފައިވާ ކައިވެންޏެއް' ވަކިކޮށްދީ، އަނބިމީހާއަށް ދާއިމީ އެލިމަނީގެ ގޮތުގައި 25 ލައްކަ ރުޕީސް ދިނުމަށް ކަރުނާޓަކާގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

ލޯބީގެ ގޮތުން ގުޅިގެން 2013 ވަނަ އަހަރު ކައިވެނިކުރި ދެމަފިރިން، 2016 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުން އައީ ވަކިންނެވެ. އަނބިމީހާ ތުހުމަތުކުރި ގޮތުގައި، އޭނާއަކީ 'ޝެޑިއުލްޑް ކާސްޓް' އަށް ނިސްބަތްވާ މީހަކަށް ވުމުން، ފިރިމީހާގެ އާއިލާއިން އެ ކައިވެންޏާ ދެކޮޅެވެ.

ބެންގަލޫރަށް ނިސްބަތްވާ މި ދެމަފިރިންގެ ކައިވެނީގެ އެއްވެސް މާނައެއް ނެތް ކަމަށާއި، އެ ގުޅުން މިހާރު އޮތީ މަރުވެފައި ކަމަށް ދެ ފަރާތުންވެސް ކޯޓުގައި އެއްބަސްވުމާ ގުޅިގެން، ކަރުނާޓަކާ ހައިކޯޓުން ވަނީ ވަރި ސާބިތުކޮށްދީފައެވެ. އަދި ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ދާއިމީ އެލިމަނީގެ ގޮތުގައި 25 ލައްކަ ރުޕީސް، ފަސް އިންސްޓޯލްމަންޓަކަށް ބަހާލައިގެން ދެއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖަސްޓިސް ޑީ.ކޭ. ސިންގް އަދި ޖަސްޓިސް ޓީ.އެމް. ނަދާފް ބެއްލެވި މި މައްސަލައަކީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެމިލީ ކޯޓުން ކައިވެނި ރޫޅާލުމަށް ނިންމި ނިންމުން އަނބިމީހާގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.

އޮގަސްޓް 27 ގައި ނެރުނު ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައިވެނީގެ އެއްވެސް މަގްސަދެއް މިހާރު ނެތް ކަމަށާއި، އެ ގުޅުން ދެމެހެއްޓުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ދެ ފަރާތުންވެސް ވަނީ ބުނެފައެވެ. އަދި މި ކައިވެންޏަށް ދަރިއަކު ލިބިފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ދެ އާއިލާގެ ބޮޑެތި މީހުންނާއި ތިމާގެ މީހުންގެ ހާޒިރުގައި 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު މި ދެމީހުން ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ނަމަވެސް ފިރިމީހާ ބުނި ގޮތުގައި، ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަނބިމީހާ ފިރިމީހާގެ މައިންބަފައިންނާއެކު އުޅެން ބޭނުންނުވާތީ، ކައިވެނީގެ ކުރީކޮޅުވެސް އުފާވެރިކަމެއް ނެތެވެ.

އޭނާ ބަޔާންކުރި ގޮތުގައި، ދެމީހުންގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަން އިތުރުވަމުން ގޮސް، މޭ 2016 އިން ފެށިގެން ދެމީހުން ވަކިން ދިރިއުޅެން ފެށިއެވެ. އޭގެ ފަހުން، ދާއިމީ ހަރަދަކާ ނުލައި ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ވަރިވުމަށް އެދި އޭނާގެ އަންހެނުން އީމެއިލް މެދުވެރިކޮށް ހުށަހެޅި ކަމަށް ބުނެފައިވެއެވެ.

'ޒާތީ ގިންތީގެ ސަބަބުން ތަފާތުކުރުންތައް ކުރިމަތިވިކަމަށް ބުނަމުން ފިރިމީހާގެ ތުހުމަތުތައް ދޮގުކުރަމުން އަނބިމީހާ ބުނި ގޮތުގައި އޭނާއަކީ ދަށް ގިންތިއެއްގެ (ޝެޑިއުލްޑް ކާސްޓް) މީހަކަށް ވާތީ، ފިރިމީހާގެ އާއިލާގެ މީހުން އެ ކައިވެންޏާ ދެކޮޅެވެ. އަދި އެ ގިންތީގެ ތަފާތުކުރުންތަކާ ހެދި، ފިރިމީހާގެ ބައްޕަ އޭނާގެ އާއިލާގެ މީހުންނާ ދުރުހެލިވި ކަމަށާއި، އޭނާ ކައްކާ އެއްވެސް އެއްޗެއް ފިރިމީހާގެ އާއިލާގެ މީހުން ކައި ނޫޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ފަހުން ފެމިލީ ކޯޓުން ވަނީ ފިރިމީހާގެ ހުށަހެޅުމަށް ތާއީދުކޮށް، 2021 ވަނަ އަހަރު ވަރީގެ ހުކުމް އިއްވާފައެވެ. ނަމަވެސް އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އަންހެންމީހާ ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އޭނާ ބުނި ގޮތުގައި 2013 ވަނަ އަހަރު ކައިވެނީގެ ކުރީކޮޅު ފިރިމީހާއަށް އާމްދަނީގެ ގޮތުގައި 20،000 ރުޕީސް ލިބެއެވެ. ނަމަވެސް ފިރިމީހާ ބުނި ގޮތުގައި އަންހެންމީހާ އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކޮށް، މަހަކު 1 ލައްކަ ރުޕީސް ހޯދައެވެ. އެއީ އޭނާއަށް ލިބޭ މުސާރައަށްވުރެ ބޮޑު އަދަދެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލައިގައި އަންހެންމީހާގެ ވަކީލުންނަކީ ނިދީ ޝެޓީ އަދި ރަމޭޝް ކޭ އެވެ. ފިރިމީހާގެ ވަކީލަކީ ކަޕިލް ޑިކްސިޓް އެވެ.

ފިރިމީހާގެ މައްޗަށް 25 ލައްކަ ރުޕީސް ދެއްކުމަށް އަމުރުކުރުން

ހައިކޯޓުން ފާހަގަކުރި ގޮތުގައި، ގިނަ މަޝްވަރާތަކަކަށްފަހު ފިރިމީހާ ވަނީ ދާއިމީ ހަރަދުގެ ގޮތުގައި 15 ލައްކަ ރުޕީސް، ތިން މަސް ދުވަހުގެ ތެރޭގައި ބަހާލައިގެން ދެއްކުމަށް އެއްބަސްވެފައެވެ. ނަމަވެސް އަންހެންމީހާ އެދުނީ 40 ލައްކަ ރުޕީސް ހޯދުމަށެވެ.

ފަނޑިޔާރުން އެންމެ ފަހުން ނިންމެވީ، ދާއިމީ ހަރަދުގެ ގޮތުގައި ޖުމްލަ 25 ލައްކަ ރުޕީސް ފިރިމީހާ ދެއްކުމަށެވެ. މި ފައިސާ ދައްކަންޖެހެނީ ސެޕްޓެމްބަރު މަހުން ފެށިގެން، ކޮންމެ މަހަކު 5 ލައްކަ ރުޕީސްގެ މަގުން ފަސް މަސް ދުވަހަށް ބަހާލައިގެންނެވެ.

"މީގެ އިތުރުން، އަމުރުކޮށްފައިވާ ފައިސާ ދެއްކުމުގައި ފިރިމީހާ އިހުމާލުވެއްޖެ ނަމަ، މި އިސްތިއުނާފީ ހުކުމުގައިވާ ގޮތުގެ މަތިން އެ ފައިސާ ހޯދުމަށްޓަކައި ހުކުމް ތަންފީޒުކުރުމަށް އެދުމުގެ އިހުތިޔާރު އަނބިމީހާއަށް ލިބިގެންވާ ކަމަށް އެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފީ މައްސަލަ ނިންމަވަމުން ކޯޓުން ފާހަގަކުރެއްވި ގޮތުގައި، ވަރިވުމަށާއި ދާއިމީ ހަރަދުގެ ގޮތުގައި ދޭންޖެހޭ ފައިސާއާ މެދު އެއްބަސްވުމަކަށް އާދެވިފައިވާތީ، އެކަކު އަނެކަކާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ގެންދާނެ ކަމަށް އެ ދެމަފިރިން ވަނީ ބުނެފައެވެ."

]]>
Thu, 03 Sep 2026 09:17:27 +0500 ނިއުސް ޑެސްކް
ބިން ވިއްކާލައިގެން ދެ ދަރިންވެގެން މައިންބަފައިންނަށް އަނިޔާކޮށްފި https://heerasnews.com/4554 https://heerasnews.com/4554 ޕޫނޭ ޑިސްޓްރިކްޓްގައި އުމުރުން 65 އަހަރުގެ ދަނޑުވެރިއަކާއި ބަލިކޮށް އުޅޭ އޭނާގެ އަންހެނުންނަށް، އެމީހުންގެ ދެ ދަރިން މަގުމަތިން ހުރަސްއަޅައި ލަކުޑިބުރިން ތަޅައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މައިމީހާގެ ނަމުގައި އޮތް ބިމެއް ވިއްކާލުމާ ގުޅިގެން އުފެދުނު ދެބަސްވުމެއްގައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އޯގަސްޓް 30 ވަނަ ދުވަހުގެ ހަވީރު 6 ޖަހާކަންހާއިރު، ތުކާރާމް ކިސާން ރައުތް އާއި އޭނާގެ އަންހެނުން އަންޖަނާ ރައުތް އަވަށު ތެރޭގައި ހިނގާލަން ނުކުމެ އުޅެނިކޮށެވެ.

އެ ދެމަފިރިންގެ ދެ ދަރިން ކަމަށްވާ ސަންޖޭ ރައުތް އާއި ރާޖެންދުރަ ރައުތް ކާރެއްގައި އެމީހުންގެ ފަހަތުން ގޮސް، ބިން ވިއްކާލި މައްސަލައިގައި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، އެ މުއާމަލާތް ކެންސަލް ނުކޮށްފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ފުލުހުން ބުނެއެވެ.

އިންދަޕޫރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، "ބިން ވިއްކާލީ ކީއްވެގެންތޯ" ސުވާލުކުރުމަށްފަހު، އެ ދެމަފިރިންގެ ގައިގައި ލަކުޑިބުރިން ތަޅައި އަނިޔާކުރަން ފެށި ކަމަށެވެ. މި ހަމަލާގައި ތުކާރާމްގެ ބުރަކަށީގެ އިތުރުން މޫނާއި، ފަލަމަސްގަނޑާއި ވައަތްފަރާތު ކޮނޑަށް އަނިޔާވެފައިވާއިރު، އަންޖަނާގެ ކަނާތު އަތުކުރިއަށާއި އުނަގަނޑަށް ވަނީ އަނިޔާވެފައެވެ.

އަނިޔާކުރަމުން ދިޔައިރު، ވިއްކާލި ބިން އަނބުރާ ހޯދުމަށް އެ ދެބޭން ބާރުއަޅަމުން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން "ވިއްކާލި ބިން އަނބުރާ ހޯދާ، ނޫންނަމަ އަހަރެމެންނަށް ކުރެވޭނެ ކަންތައްތައް ދައްކާލާނަން" ކަމަށް ބުނެ އެމީހުން އިންޒާރު ދީފައިވެއެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ތިބި އާންމުން އެއްވެ، ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުން އައިސް އެ ދެމަފިރިން އިންދަޕޫރު ސަބް-ޑިސްޓްރިކްޓް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

އާންމުންގެ ބަޔަކު ނަގާފައިވާ މި ހާދިސާގެ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. ތުކާރާމް ފުލުހުންނަށް ކިޔައިދިން ގޮތުގައި، އޭނާގެ ދެ ދަރިންވެސް ދިރިއުޅެނީ އެމީހުންގެ އާއިލާތަކާއެކު ވަކިންނެވެ.

ފުލުހުން މިހާރު ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި އަނިޔާކުރުމާއި، މަސްލަހަތު ނަގާލުމުގެ ނިޔަތުގައި ބަދުބަސް ބުނުމާއި އަދި މަރުގެ އިންޒާރު ދިނުމުގެ ކުށުގައި އެ ދެބޭންގެ މައްޗަށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ.               

]]>
Wed, 02 Sep 2026 18:03:27 +0500 ނިއުސް ޑެސްކް
ރައްޔިތުންގެ މިލްކިއްޔާތު ނޮޅާލަނީ މުއިއްޒު | ރިސޯޓްއޯނަރުންނެއް ނޫން https://heerasnews.com/4553 https://heerasnews.com/4553 ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ހުރި އެންމެ އިސް ހާދިމު މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. ރައްޔިތުންގެ ހިތުގައި ރައްޔިތުންގެ ތެރެއިން ވަކިބަޔަކާމެދު ނަފްރަތު އުފެއްދުމަށް މުއިއްޒު ކުރާ މަސައްކަތުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. . 

ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަކީ ނުރައްކާތެރި ކަމެކެވެ. ރާއްޖޭގެ މުޅި އިގުތިސޯދަށް އޭގެ ނުބައި އަސަރުކުރާނެ ކަމެކެވެ. އެތައް އާއިލާއެއްގެ އާމްދަނީއަށް އަސަރު ކުރާނެ ކަމެކެވެ. 

ރާއްޖޭގައި މުއްސަދިވެފައި ތިބި ބަޔަކު މުއްސަނދިވީ އެ މީހުންގެ ހިތްވަރާ މަސައްކަތުންނެވެ. މުއްސަދިން މުއްސަދިވީ ފަޅި ސިކުންތަކުން ނޫނެވެ. ގައުމުން ލިބޭ ހަނި ފުރުސަތުގެތެރެއިން ކުރިއެރުން ހޯދާ މުއްސަދިވުމަކީ  އެ މީހުންގެ ކުޅަދާނަކަމާއި ކެރުމުގެ ނަތިޖާއެވެ. 

އެއްވެސްތަނެއްގައި އެންމެންނަކީ މުއްސަދިންނެއް ނޫނެވެ. ފުދުންތެރި ރައްޔިތެއް ބިނާކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އެކަން ނުކޮށް ހުރެ މުއްސަދިންނާ ޖެހިގަތަކަސް ފުދުއްތެރި ރައްޔިތެއް ނުއުފެއްދޭނެއެވެ. ރައްޔިތުން ޖަޒްބާތުގައި ޖައްސައިގެން ފަގީރުކަމެއް ނައްތައެއް ނުލެވޭނެއެވެ.

ކިތަންމެ ބާރަށް މުއިއްޒު ބުންޏަސް އަޑުނާހާށެވެ. އަސްލުގައި ރައްޔިތުންގެ މިލްކިއްޔާތުން ނާޖާއިޒު މަންފާ ނަގަނީ ރިސޯޓް އޯނަރުންނެއް ނޫނެވެ. ރައްޔިތުންގެ ހަޒާނާއަށް އަތްދަރާލައިގެން ގައުމު ދަވާލަނީ މުއިއްޒާއި މުއިއްޒުގެ ބައިވެރިންނެވެ. ޑޮލަރު މާރުކޮށްގެން އެ ޑޮލަރުތަކުން އަޗާތަޅާނީ ވެސް މުއިއްޒާއި މުއިއްޒުގެ ބައިވެރިންނެވެ. އާއްމު ރައްޔިތަކަށް އެކަމުން ވާނެ މޮޅެއް ރަނގަޅެއް ނުއޮންނާނެއެވެ.

އެއްވެސް ގައުމެއްގައި އެންމެންނަކީ އެއްވަރު ބައެއް ނޫނެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުވަނީ މުއްސަދިން ގިނަވީ ވަރަކަށެވެ. މުއްސަދިން ފުޑާލައިގރން އެއްވެސް މީހަކަށް ވާނެ މޮޅެއް ނުއޮންނާނެއެވެ  މުއިއްޒުގެ ޖީބުފުރާ ގޮށްމޮށުބާރު ގަދަ ކުރުމަށް ރައްޔިތުންނާ ރިސޯޓް އޯނަރުންނާ ޖައްސަން ނުހަދާށެފެ.

]]>
Tue, 01 Sep 2026 11:37:56 +0500 އެޑިޓަރ
ކުއްލި ފެންބޮޑުވުމެއްގައި ބަޔަކު މަރުވެ، ގިނަ ބަޔަކު ގެއްލިއްޖެ https://heerasnews.com/4551 https://heerasnews.com/4551 މިދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ ގްރޭންޑް ކެންޔަންގެ ބައެއް⁹⁹41 ސަރަހައްދުތަކަށް ކުރިމަތިވި ބާރުގަދަ ކުއްލި ފެންބޮޑުވުމެއްގައި ދެ މީހަކު މަރުވެ، 15 ވަރަކަށް މީހުން ގެއްލިފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

މި ފެންބޮޑުވުން ކުރިމަތިވީ ހޮނިހިރު ދުވަހު ބޯކޮށް ވާރޭވެހި، ފެންގަނޑު ކުއްލިއަކަށް ބޮޑުވުމުގެ ސަބަބުން ބްރައިޓް އެންޖެލް ކެންޔަން އަދި ފެންޓަމް ރެންޗް ސަރަހައްދަށެވެ. ފެންބޮޑުވި ސަރަހައްދުތަކުން ބޮޑެތި ހިލައާއި، މަޑާއި އަދި ކުނިބުނި ދެމިގެން ދިޔައިރު، އެ ސަރަހައްދުގައި ތިބި 60 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 46 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކޮލޮރާޑޯ ކޯރުގެ ކްރިސްޓަލް ރެޕިޑްސް ސަރަހައްދުންނެވެ. މީގެ އިތުރުން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހޯމަ ދުވަހު ވަނީ ދެވަނަ މީހެއްގެ ހަށިގަނޑު ފެނިފައެވެ.

މި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގެ ފާލަންތަކަށާއި، ހިނގާ މަގުތަކަށާއި އަދި އެހެނިހެން ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ބްރައިޓް އެންޖެލް ކްރީކް ހުރަސްކޮށް އަޅާފައިވާ ބައެއް ފާލަންތައް ހަލާކުވެފައިވާއިރު، އެ ސަރަހައްދަށް ފެން ފޯރުކޮށްދޭ މައި ހޮޅިއަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ފެން ބޭނުންކުރުން ކޮންޓްރޯލްކޮށް، އެ ސަރަހައްދުގައި ރޭގަނޑު މަޑުކުރުން މަނާކޮށްފައެވެ.

ސަލާމަތީ ފަރާތްތަކުން މިހާރުވެސް ދަނީ ފެންބޮޑުވި ވަގުތު އެ ސަރަހައްދުގައި އުޅުނު ފަތުރުވެރިންނާއި ހައިކިންގްއަށް ގޮސް އުޅުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިތުރަށް ވާރޭވެހި، ގުގުރުމާއެކު ކުއްލި ފެންބޮޑުވުމެއް ކުރިމަތިވެދާނެތީ، ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ނުދިއުމަށް އޮފިޝަލުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހާދިސާއަކީ އެރިޒޯނާގެ ހޫނު މޫސުމުގެ ވިއްސާރަ ދުވަސްވަރު، ގްރޭންޑް ކެންޔަންގެ މޫސުން ކުއްލިއަކަށް ބަދަލުވެދާނެކަން ހާމަކޮށްދޭ ހިތާމަވެރި ހާދިސާއެކެވެ.

]]>
Tue, 01 Sep 2026 02:11:50 +0500 ނާއިރާ
ބޭރުގެ ހޮޓެލްޗޭނުތައް ރާއްޖެ ދޫކޮށްލަން މަޖުބޫރުކުރަނީ https://heerasnews.com/4550 https://heerasnews.com/4550

މުއިއްޒެވެ. ވީ ވައުދުތައް ބަހައްޓާށެވެ. އެއްކަމެއް ވެސް ދެން ކުރާކަށް އުޅޭނެކަމެއް ނެތެވެ. މުއިއްޒަކަށް ތިޔަކަމެއް ނުތްވެވެ. ދެން ނުވެސް ވާނެއެވެ. ވެރިކަމެއް ކުރާނެ ހުނަރެއް ގާބިލުކަމެއް މުއިއްޒުގެ ނެތެވެ.

މޮޔަ މުއިއްޒޫއެވެ. ރައްޔިތުންނަށް ހައްގު މިންވަރު ހޯދާދޭނީ މީހުންގެ ޖީބު ކަނޑައިގެނެއް ނޫނެވެ. މީހުން ކުރާ ހަލާލު މަސައްކަތަށް ލިބޭ އާމްދަނީއަށް ހަދާނެގޮތް އެގެންޖެހެނީ އެމީހަކަށެވެ. މުއިއްޒަކަށް ނޫނެވެ.

ރިސޯޓް އޯނަރުން ރިސޯޓް ހިންގަނީ ހިލެއަކުނޫނެވެ. ދައުލަތަށް ފައިސާ ދީގެންނެވެ. އޮޅިގެން ނޫޅޭށެވެ. ރިސޯޓްތައް ހިންގަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ހެދިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ރާއްޖޭގައި ރިސޯޓް ހިންގާތީއޭ ކިޔާފައި ކުއްލި ކުއްލިއަށް ގާނޫނަށް ބަދަލުގެނެސްގެން ހައްގު މިންވަރޭކިޔާ ލޫޓުވައެއް ނުލެވޭނެއެވެ. އެ ފުރުސަތެއް އެ މީހުންވެސް ނުދޭނެއެވެ.

އާމްދަނީގެ ވަކި ފަސެންޓެއްގެ ޑޮލަރ މާރުކުރަން މަޖުބޫރުކުރާހެން ހޯދާ ދަރިންގެ ބޮލުންވެސް ސަރުކާރަށް ފައިސާ ނަގަން ނުފަށާނެ ކަމެއް ނޭނގެއެވެ. ރާއްޖޭގެ ވެއްޓަށް ނޭވާލާތީއާއި ދެކަމު ހާޖަތަށް ދާތީވެސް އާމްދަނީގެ ވަކި ޕަސެންޓެއް ދައްކަން މަޖުބޫރު ކުރަންވެސް އުޅެފާނެއެވެ.

މިދާވަރުން ދަންޏާ ބަންޑާރަ ގޯތިތަކުންވެސް ހައްގު މިންވަރު ނަގަން ދެންލަހެއް ނުވާނެއެވެ. ހަލާލު ހުއްދަ މަސައްކަތެއްކޮށްގެން ހޯދާ ފައިސާ ބަހައްޓާނެ ތަނަކާއި މާރުކުރާނެ މިންވަރު މުއިއްޒު ކަނޑަޅާ ހިސާބަށް ދިޔައިމާ އެއަކަށް ހައްގު މިންވަރެކޭ ނުކިޔާނެއެވެ. ރާއްޖޭގައި ހިންގާ ކޮންމެ ވިޔަފާރިއެއްގެ މިލްކުވެރިކަން ރާއްޖެއަށް ލިބިގެނެއް ނުވެއެވެ. 

މުއިއްޒުގެ ދޯހަޅި ގަބު ސިޔާސަތާހުރެ ދުނިޔޭގެ އަގުބޮޑު ހޮޓަލްޗޭނުތައް ރާއްޖެ ދޫކޮށް ދިޔުމަށް މަޖުބޫރުވުމުން އޮންނާނީ ރާކަނިމަސް ކެވިފައެވެ. މުއިއްޒުގެ މަޖުބޫރު ކުރުންތައް އެހުރީ އެ މިސްރާބަށެވެ.

މާތް ކަލާކޯއެވެ. މުއިއްޒު އިތުރަށް ހައްގު މިންވަރު ހޯދާދޭން ނޫޅެ އަވަހަށް އިސްތިއުފާ ދޭށެވެ. މުއިއްޒު އޮބި އަޅައިގެން ހޯދަން ތިޔަ އުޅެނިއްޔަކީ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫނެވެ.  ދައުލަތް ދަވާލަން ހޯދާ ފައިސާއެވެ. އިތުރަށް ހައްގު މިންވަރޭ ރައްޔިތުންނޭ ނުކިޔާ ވައްޓާލުމުގެ ކުރިން އަވަހަށް އިސްތިއުފާދޭށެވެ.

]]>
Mon, 31 Aug 2026 17:40:18 +0500 އެޑިޓަރ