Maldives Real Time Facts & : ތާރީހީހެކި https://heerasnews.com/rss/category/ތާރީހު Maldives Real Time Facts & : ތާރީހީހެކި dv ކޮޕީރައިޓް: Heerasnews llp (P013622021) ފޭލިވީ އެމްޑީޕީގެ ލީޑަރޝިޕެއް ނޫން! ފޭލިވީ ނަޝީދު! https://heerasnews.com/2443 https://heerasnews.com/2443 2023 ރިޔާސީ އިންތިހާބުން ފޭލިވެ 2024 ގެ މަޖިލިސް އެމްޑީޕީއަށް ގެއްލުމުން ލީޑަރޝިޕް އިސްތިއުފާ ދޭން ޖެހެނީ ކީއްވެހެއްޔެވެ. އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި މަޖިލިސް މެޖޯރިޓީ ގެއްލުނީ އަލަކަށް ނޫނެވެ.

2008ގައި ލިބުނު ވެރިކަން ދައުރު ހަމަޔަށް ދެބައިނުވެ ގެއްލި މުޅި ޕާޓީ މަގުމަތިވިއެވެ. އެމްޑީޕީގެ ލީޑަރޝިޕް އިސްތިއުފާއެއް ނުދެއެވެ. 2009ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް ވެރިކަމުގައި ތިބެ އެމްޑީޕީއަކަށް ނުހޯދެއެވެ. އެކަމަކު ލީޑަރޝިޕް އިސްތިއުފާއެއް ނުދެއެވެ. ވެރިކަމުން އިސްތިއުފާދިން ބަގާވާތުގެ ޖަޒްބާތުގައި ރައްޔިތުންގެ ހަމްދަރުދީ އާއި އެކުވެސް 2013ގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ވީފޭއްޔެވެ. ލީޑަރޝިޕް އިސްތިއުފާއެއް ނުދެއެވެ. 2014 މަޖިލިސް އިންތިހާބުގައި އެމްޑީއަށް މެޖޯރިޓީއެއް ނުހޯދެއެވެ. އެހެނެއް ކަމަކު އެމްޑީޕީގެ ލީޑަރޝިޕް އިސްތިއުފާއެއް ނުދެއެވެ. އެހުރިހާ ފޭލިވުމެއް ފޭލިވީއިރު ލީޑަރަކަށް ހުރީ ރައީސް ނަޝީދެވެ.

ރައީސް ނަޝީދު ލީޑަރޝިޕްގައި ނެތުމުން ޖެހިޖެހިގެން ދެ އިންތިހާބުން ފޭލިވިއްޔޭ ބުނެ ބަޔަކު ވައްވައް އެބަޖަހައެވެ. އެބަޔަކު އެގޮތަށް ފިތުނަވެރި ޗައްކަރު ޖަހާއިރު މީގެ ކުރިން ދޫކޮށްލި ވެރިކަމާއި ގެއްލުނު އިންތިހާބުތައް ގެއްލިފައި ހުރީ ރައީސް ނަޝީދުގެ ލީޑަރޝީޕްގައިކަން ހަނދާނެއް ނެތެވެ. 

އެންމެ ރަނގަޅެވެ. މިހާރުގެ ލީޑަރޝިޕް ކަޑަވެގެން ލީޑަރޝިޕް ބަދަލުކޮށް އެމްޑީޕީ ރޫޅާލަން ނިކުތް މީހުނަށް އެމްޑީޕީ ހަވާލު ކުރަންވީ ސަބަބެއް ބުނެދީބަލާށެވެ. ހަމަ ގައިމުވެސް އެމްޑީޕީއަށް ރައީސް ނަޝީދުގެ ފުށުންވީ ރަނގަޅަށްވުރެ ލިބުނު ގެއްލުން މާބޮޑެވެ. ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުން ތަކެއް ދިނުމުގެ އިތުރަށް ރައީސް ނަޝީދު ވަނީ އެމްޑީޕީގައި ފޭލިވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ވެސް ނަޝީދުވީ ބޮޑުފޭއްޔަކުން ފޭއްޔެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައިސް ސޯލިހު އެމްޑީޕީގެ ޓިކެޓްގައި ނުކުންނަވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުންނާ ވާދަކުރައްވާ 86161 ވޯޓް ހޯއްދެވިއެވެ. ރައީސް ނަޝީދު ލީޑްކުރި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 15789 ވޯޓެވެ. 

އިދިކޮޅުން ފެތުރިހާ ދޮގާއި އެމްޑީޕީ ފޭލިކޮށްލަން އިދިކޮޅާ ގުޅިގެން ރައީސް ނަޝީދާއި އޭނާގެ އައުވާނުން ކުރި މަސައްކަތުން 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނެވެ. އެމްޑީޕީއަށް އިންތިހާބު ގެއްލުނު ނަމަވެސް ރާއްޖޭގެ ތާރީހުގައި ރިޔާސީ އިންތިހާބެއްގައި ބަލިވި ކެންޑިޑޭޓަކަށް ލިބުނު އެންމެ ގިނަ ވޯޓް ހޯދާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓް ރައީސް ސޯލިހެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް 109868 ވޯޓް ރައްޔިތުން ދިނެވެ. 

އަނެއް ކޮޅުން ވެރިކަމުގެ ނުފޫޒާއި މިލިޔަނުން އެޅި ރިޝްވަތާއި ސަރުކާރުން ބެހިހާ ވަޒީފާއާއި އެމްޑީޕީއާ ދެކޮޅަށް ރައީސް ނަޝީދު ކުރި އެންޓިކެންޕޭނާ އެކުވެސް އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 59 ހާހަށްވުރެ ގިނަވޯޓު ހޯދާފައިވެއެވެ. މަޖިލީހުން ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބުނީވެސް އެމްޑީޕީއަށެވެ. ރައީސް ނަޝީދުގެ ޑިމޮކްރޭޓްސަށް އެންމެ ގޮނޑިއެއްވެސް ނުލިބުނެވެ.

މިހުރިހާ ހަގީގަތެއް މިހެން ހުރުމުން އެނގެނީ އެމްޑީޕީގެ ލީޑަރޝިޕް ފޭލި ނުވާކަމެވެ. ފޭލިވީ ރައީސް ނަޝީދުކަމެވެ. ނަޝީދުގެ ޖާދޫގައި ޖެހިގެން އުޅޭ މީހުން ކަމެވެ.

ނަޝީދަށް ވެރިކަން ކުރަން ލިބި ނުކުރެވި ވީ ފޭއްޔެވެ. އެމްޑީޕީ އަޅުވެތި ކުރިކުރިމާއި ރޫޅާލަން ކުރި މަސައްކަތުގައި ވެސް ނަޝީދުވީ ފޭއްޔެވެ. އެމްޑީޕީ އަނބުރާ ހޯދަން ނަޝީދު ކައްކާ ގޭހުން ވިރި ހުސްވާނީވެސް ނަޝީދެވެ. ނަޝީދަށް ބާރުނެތް އެމްޑީޕީއެއް ނުބޭއްވުމަށް ދިރުވަން އުޅުނު ފިކުރު މަރުވެ ޑެމްސް ދޮޅިކެނޑި މުޅައަށް ވުމުން އަނބުރާ އެމްޑީޕީ ހޯދަން ނޫޅޭށެވެ. 

]]>
Thu, 02 May 2024 12:48:13 +0500 ހީރަސްނިއުސް
މުއިއްޒުގެ ގޮތްދޫނުކުރުމުގެ ސަޒާ ދިވެހިންނަށް! https://heerasnews.com/2183 https://heerasnews.com/2183 އެތައް ސަތޭކަ އަހަރަކުއްސުރެ އޮތް ގާތްކަމާއި އިތުބާރާއި އަހުވަންތަ ގުޅުން ކަނޑާލާ މާދުރުގައި ތިބި ބަޔަކަށް ބަރޯސާވުމަކީ ގައުމަށް އޮތް ރަނގަޅެއް ނޫނެވެ. ފަސޭހައެއް ނޫނެވެ. ހަރަދު ކުޑަ ގޮތެއްވެސް ނޫނެވެ. ކާބޯ ތަކެއްޗާއި ބޭސް ފަރުވާއާއި އިމާރާތް ކުރުމާގުޅޭ މުދާ ޒަމާނުއްސުރެ އިންޑިއާ އިން ރާއްޖެ އެތެރެ ކުރަމުން އައީ ޗައިނާއާއި ތުރުކީއާއި ތައިލެންޑާއި ދުބާއީއާއި ޕާކިސްތާން އޮއްވައެވެ.  

އެންމެ ރަނގަޅެވެ. ދިވެހި ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ކުރާ ހޭދައަށްވުރެ ބޮޑު ހޭދައެއް ނުކޮށް ބެންކޮކުންނާއި ދުބާއީންނާއި މެލޭސިޔާއިންނާއި ސިންގަޕޫރުންނާއި ޗައިނާއިން ބޭސްފަރުވާ ކުރެވޭނެ ހެއްޔެވެ.  އިންޑިއާގެ ހޮސްޕީޓަލް ތަކުން ހެޔޮ އަގުގައި ދިވެހީން ހޯދި ހިދުމަތަށް އާސަންދައިން ދައްކަންޖެހި ނުދެއްކި ހުރި އެތައް މިލިޔަން ރުފިޔާއެއް މިހާރުވެސް އެބަ އޮތެވެ. އެ ހާލުގައި އޮތް ދިވެހި ދައުލަތަށް ބެންކޮކް ފަދަ ގައުމު ތަކުން ރައްޔިތުންނަށް ބޭސްފަރުވާކޮށް ދިނުމުގެ ގާބިލުކަން އެބަހުރި ހެއްޔެވެ. ކުޑަ މިނުން ފްލައިޓް ޓިކެޓަށް ބެއްޔަސް އިންޑިއާ އަށް ކުރާ ދަތުރަކަށް ވުރެ ދެގުނަ ތިންގުނަ ބޮޑުކޮށް ހޭދަނުކޮށް އެއިން އެންމެ ދަތުރެއް ވެސް ފަރުޖެއްސޭނެ ހެއްޔެވެ. ނުވާނެއެވެ.

ދައުލަތުގެ އިސްމަގާމުތަކުގައި ތިބެގެން ރައްޔިތުން ހައްދަން ކޮންމެ އެއްޗެކޭވެސް ކިޔެދާނެއެވެ. އެ މީހުނަށް އާއްމު ދެރަވަރު މީހާގެ ހާލަތު ވަޒަން ނުކުރެވޭ ތާނގައި ދައުލަތު އާމްދަނީ ހަރަދު ކުޑަކޮށްވެސް ވަޒަންކޮށްލެވޭ ނަމަ އަމިއްލަ ހާލަށް ހަމްދަރުދީ ވާނެއެވެ. އިންޑިއާއަށް އާސަންދަ ހަމަ ނުޖެހިގެން އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު އެބައުޅެއެވެ. ހަމަޖެހޭ އާސަންދައިގެ ހަރަދު ނުލިބިގެން މީހުންގަނޑު ތެޅެފޮޅޭކަން ނޭނގޭ ބަޔަކަށް ނޭގުނަސް މިހާރުވެސް އެއްޔަކީ ދައުލަތަށް އޮތް ކުޑަ ބުރައެއް ނޫނެވެ. އާސަންދައާއި އެންސްޕައިން މިލިޔަނުން ފައިސާ ނުލިބިގެން ބަނގުރޫޓުވާ ހިސާބުގައި ރާއްޖޭގެ އެތައް ބޭސްފިހާރައަކާއި ކުލިނިކެއް އެބަހުއްޓެވެ. އިންޑިއާގެ އެތައް ހޮސްޕިޓަލަކުން ހިދުމަތް ހޯދާ ފައިސާ ނުދެއްކިފައި އެތައް މިލިޔަން ޑޮލަރެއް އާސަންދައިގެ ދަރަނީގެ ގޮތުގައި އެބައޮތެވެ. މިވަރު ގައުމަކުން ބެންކޮކާއި ސިންގަޕޫރާއި މެލޭސިޔާއާއި ދުބާއީން ރައްޔިތުންނަށް ބޭސްކޮށްދޭ ވާހަކަ އެބަ ދައްކައެވެ. 

އަދިވެސް އެހެން ވާހަކައެކެވެ. އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އިންޑިއާ ނޫން ގައުމަކުން ގެންނަން ހޭދަ ކުރަންޖެހޭ ވަގުތާ ފައިސާއަށް ބެއްޔަސް އެތައް ގުނައެއް އިތުރުވާނެއެވެ. ނަތީޖާއެއްގެ ގޮތުން ކާބޯ ތަކެތީގެ އަސާސީ ބާވަތްތައް އަތްފޯރާ އަގެއްގައި ބާޒާރުން ލިބޭކަށް ނުހުންނާނެއެވެ. ސަރުކާރުން ސަބްސިޑީ ދީގެން އަތްފޯރާ ފަށަށް ތަކެތީގެ އަގު ތިރިކުރުމުގެ ފުދުންތެރިކަން ދިވެހި ސަރުކާރުގައި މިހާރުން މިހާރަށް އެބަހުރި ހެއްޔެވެ. ނެތެވެ. ފަސޭހައަކުން ގޮތެއް ނުވެސް ހޯދޭނެއެވެ. ޗައިނާގެ އުގަށް ވެއްޓިގަތަސް ވާނީ ވާން އޮތްވަރެކެވެ. ބޭނުންހާ ކަމެއް ނުވާނެއެވެ.

ދާއިމީ ގޮތެއްގައި ދެމެހެއްޓެނިވި ގޮތަކަށް ނުކުރެވޭ ކަންކަން ޖަޒްބާތުގައި ޖެހިގެން އާނދޮގޭ ކިޔާފައި ފޮރޮޅާލުމުގެ ގެއްލުން ދިވެހި ރައްޔިތުން ލަހެއްނުވެ ތަހައްމަލު ކުރަންނުޖެހިއެއް ނުދާނެއެވެ. ވަރުނުބަލާ ޖަހާ ބޮޑު އިހާ ގޮނޑިން ލުހިގެން ފަނުފުލުން ޖެހެނީ ބިންމައްޗަށްކަން ނޭނގުމަކީ ގަމާރުކަމެވެ.

]]>
Sun, 14 Jan 2024 15:55:17 +0500 ހީރަސްނިއުސް
މަޖިލީހާ ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ؟ https://heerasnews.com/2117 https://heerasnews.com/2117 ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ނައިބު މަގާމުން ދުރު ކުރުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައި އޮންނަ ބާރެކެވެ. ރައީސްކަމުގައި ހުންނަ މީހަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން އުޅުމަކީ ކުށެއްނޫނެވެ. ރައްޔިތުންގެ އަގުލަބިއްޔަތުން ރައީސް ކަމަށް ހޮވާފައި ހުންނަ މީހާ ހިތުހުރި ގޮތަކަށް ދައުލަތް ހިންގިޔަ ނުދިނުމަށް އޮތް ޖަވާބުދާރީ ކުރުވުމުގެ އެންމެ މަތީ މިންގަނޑަކީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމެވެ. 

ރައްޔިތުންގެ މަޖިލީހުން ރައީސް އަޒުލު ކުރުމަކީ އާކަމެއް ނޫނެވެ. މުޅި ދުނިޔެ ދަންނަ ދުސްތޫރީ ހަމައެކެވެ. ރައްޔިތުން އިންތިހާބުކޮށްފައި ހުރީތީ އެ މީހަކު ކުރާނެހާ ކަމެއް ކުރަން ދައުރު ހަމަކުރަން ރައީސަކު ބެހެއްޓުމަކީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމެއްވެސް ނޫނެވެ. ރައްޔިތުން އިންތިހާބު ކޮށްފައި ހުރި ނައިބު ރައީސެއް ކަމުގައިވާ ޑރ. ޖަމީލުގެ އިތުބާރު ނެތިގެން ވަނީ އަޒުލް ކޮށްފައެވެ. އޭރު ނުވިގޯހެއް މިހާރަކު ވަކި ވެގެން އުޅޭނެ ކަމެއް ނެތެވެ.  

ރައްޔިތުން އިންތިހާބު ކޮށްފައި ހުރި ރައީސަކުން ރައްޔިތުންގެ މަޖިލީހުން އަޒުލް ކުރަން އުޅުމަކީ މަޖިލިސް ކުށްވެރިވާ ކަމެއް ނޫނެވެ. އެއީ މަޖިލިސް މެންބަރުންނަށް އޮތް ހައްގެކެވެ. އެހެނެކޭ ކިޔާފައި މަޖިލިސް އުވާލުމުގެ ބާރެއް އެއްވެސް ފަރާތަކަށް ރާއްޖޭގެ ގާނޫނު އަސާސީން ލިބި ދީފައެއް ނެތެވެ. 

ރައްޔިތުންގެ މަޖިލިސް އުވާލަން ގޮވާލުމާއި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ހައްގަކަށް އަރައިގަންނަން އުޅުމާއި މަޖިލީހުގެ ހައްގަކަށް އަރައިގަތުމަކީ ކޮންމެ މީހަކު ކުރިޔަސް ގާނޫނީ ކުށެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިޔަސް، ސިފައިން ވިޔަސް، ފުލުހުން ވިޔަސް މަޖިލީހުގެ އެއްވެސް ހައްގަކަށް، އެއްވެސް އިމްތިޔާޒަކަށް އަރައެއް ނުގަނެވޭނެއެވެ. މަޖިލީހުގައި ތަޅެއްވެސް ނޭޅުވޭނެއެވެ. މަޖިލިސް އުވައެއްވެސް ނުލެވޭނެއެވެ. 

ރައީސް ޔާމީނުގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލީހުގެ މެންބަރުން ތަކެއް މަސައްކަތް ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނުގެ އަމުރަށް ސިފައިން މަޖިލީހަށް ވައްދާ މެންބަރުން ފާރުމަތިން އުކާލާ މެންބަރުން ތަކެއްގެ ގޮނޑި ގެއްލުވާލީ މަޖިލީހުގެ ރިޔާސަތާއި މެޖޯރިޓީ މެންބަރުންގެ އެއްބާރުލުން ލިބިގެންނެވެ. މަޖިލީހާ ދެކޮޅަށް ސިފައިންލައްވާ ރައީސް ޔާމީނު ހިންގި އުދުވާނަށް ފިޔަވަޅުނާޅާ އޮތް އޮތުމަކީ އެކަން ހަލާލުވުމުގެ ސަބަބެއް ނޫނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން ވެސް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް މަޖިލިސް އުވައެއް ނުލެވޭނެއެވެ. މަޖިލިސް ސަސްޕެންޑެއްވެސް ނުކުރެވޭނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އެ ހާލަތު އިއުލާނު ކުރި ސަބަބު ރައްޔިތުންގެ މަޖިލީހަށް ރައީސް އަންގަން ޖެހެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ހުއްދަދޭން އޮތް ތަނަކީވެސް ރައްޔިތުންގެ މަޖިލީހެވެ. 

ރައްޔިތުންގެ މަޖިލީހުން އެ މީހުނަށް ގާނޫނު އަސާސީން ލިބިދޭ ބާރެއްގެ ބޭނުން ހިފާތީ އެކަމާ ދެކޮޅަށް ފިޔަވަޅެއް އެޅުމުގެ ބާރު ރައީސްއަކަށް ލިބިފައެއް ނޯވެއެވެ. ސިފައިންގެ ވެރިޔާއަށް ލިބިފައެއްވެސް ނޯވެއެވެ. ސިފައިންނާއި ފުލުހުންނަކަށް ވެސް ނޯވެއެވެ. ރައްޔިތުންގެ މަޖިލިސް ސަސްޕެންޑް ކުރަން ނުވަތަ އުވާލަން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ސިފައިންނާ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ގައިރު ގާނޫނީ އަމުރަށް ކިޔަމަން ވުމެއް އެ މީހުންނަކަށް ނޯވެއެވެ. 

ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ ގާނޫނީ މަސައްކަތަކާއި ގުޅިގެން މެންބަރަކަށް ނުވަތަ މެންބަރުން ތަކަކަށް ފިޔަވަޅެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ މީހަކު ހަދާނެ އެންމެ ބޮޑު ގޯހެވެ. ގާނޫނު އަސާސީ ނަގަހައްޓާ ދަމަހައްޓަން ރައީސް ކޮށްގެން ހުރި ހުވައާއި ހިލާފުވުމެވެ.

ރައީސް މުއިއްޒަށް ވެސް އޮތް ގޮތަކީ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ މަޖިލީހަށް ޖަވާބުދާރީވެ އިތުބާރު އޮތްކަން ސާބިތުކޮށް ދިނުމެވެ. މަޖިލީހުގެ މެޖޯރިޓީއާއި ދެކޮޅަށް މަޖިލީހުގެ ބާރު ކަނޑުވާލަން ނޫޅުމެވެ. ގާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުމެވެ.      

]]>
Wed, 20 Dec 2023 12:13:51 +0500 ހީރަސްނިއުސް
މުއިއްޒު އަޒުލްކޮށް ގާސިމްގެ އެއްބައިވަންތަ ސަރުކާރެއް!! https://heerasnews.com/2112 https://heerasnews.com/2112 ރައީސް ނަޝީދަށް އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގަތުމުން އިސްތއުފާ ދެއްވިއެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ދައުރުގެ ބާކީބައި ފުރިހަމަ ކުރެއްވީ ރައީސް ނަޝީދުގެ ނައިބު ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް އަޒުލް ކުރެވިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ވަގުތީގޮތުން އުފުއްލަވާނީ ރައްޔިތުންގެ މަޖިލީޙުގެ ރައީސްއެވެ. މިހާރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވީ އެމްޑީޕީގެ މެންބަރު އޮނަރަބަލް މުހައްމަދު އަސްލަމެވެ. މަޖިލީހުގެ ރައީސަށް ލާޒިމުވެގެން ވަނީ ގާނޫނު އަސާސީގައި ބުނާ މުއްދަތުގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވާ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުވުމެވެ. އެހެން ކަމުން އަސްލަމް ރައީސިުލްޖުމްހޫރިއްޔާ ކަމުގެ ޒިންމާތައް އުފުއްލަވާނީ ރައްޔިތުންގެ ވޯޓަކުން ރައީސުލް ޖުމްހޫރިއްޔާ ކަމަށް މީހަކު ހޮވެންދެނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގެ އޮއިވަރު ހުރިގޮތުން ރައީސަކު އަޒުލްކޮށްފާ އެހެން މީހަކު ރައީސްކަމަށް ހޮވުމަކީ އާދައިގެ ކަމަކަށް ނުވާނެއެވެ. އަމްދުން ވަކި ޕާޓީއެއްގެ އާރާބާރު އޮވެގެން ވެރިކަމެއް ނިންމާލުމަށް ފަހު އެ ޕާޓީން މީހަކު ވެރިކަމަށް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ސިޔާސީ ޕާޓީތަކާ މެދު ރައްޔިތުންގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑު ދުވަސް ވަރެއްގައި ގައުމު ހަމަ މަގަށް އެޅުވުމަށް ވަކި ޕާޓީއަކަށް ބާރުދޭން ރައްޔިތުން އެހާ ބޭނުން ނުވެދާނެއެވެ. އެހާލަތުގައި ގިނަ ބަޔަކު ގަބޫލުކުރާ ވިސްނުމަކަށް ސިޔާސީ ޕާޓީތަކުން އާދެވޭތޯ ބެލުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. 

މަލްޓި ޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ނަގުލުވަމުން އައި ދުވަސްވަރު ވެސް ގިނަ ކަންކަމުގައި ހުއްޓުން ތަކެއް އެރިއެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން އެއްކުރި ރައްޔިތުންގެ ހާއްސަ މަޖިލިސް ހުއްޓި ގާނޫނު އަސާސީގައި އެންމެ އަކުރެއް ނޭޅި އެތައް ދުވަހެއް ދިޔައެވެ. ގާނޫނު އަސާސީގެ މަސައްކަތް ކުރިއަށް ހިނގައިގަތީ މެދުމިނު ސިޔާސަތެއް ގަބޫލުކުރާ އެންމެނާ ވެސް ގުޅުން ބެހެއްޓޭ ގައުމު އިސްކުރާ ލީޑަރަކު މަޖިލީހުގެ ރިޔާސަތަށް ގެނެވުނު ހިސާބުންނެވެ.

ރާއްޖޭގެ ގިނަކަންކަން މަރުތަޅާ ހަމައަށްދާ ކޮންމެ ފަހަރަކު ރައްޔިތުންގެ ލީޑަރެއްގެ ގޮތުގައި އިސްވެ މަސައްކަތް ކުރައްވާތީ ފެންނަނީ އޮނަރަބަލް ގާސިމް އިބުރާހީމެވެ. ސިޔާސީ ވާދަވެރިކަމުގައި ގާސިމް އިބުރާހީމަށް ރާއްޖޭގެ ރައީސްކަމަށް އިސްވެވަޑައި ގަތުމަކަށް ފުރުސަތެއް ލިބި ވަޑައިގެންފައެއް ނެތެވެ. އެހެން ނަމަވެސް ކޮންމެ ވެރިކަމެއްގައި ކިންގ މޭކަރެއްގެ ރޯލު އަދާ ކުރައްވަނީ ގާސީމް އިބުރާހީމެވެ. ވެރިކަން ލިބެނީ ގާސިމް އަރުއްވާ ފަޅިއަކަށެވެ. އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމް ފަޅިއެއް ނުނަންގަވާ ހުންނެވީ ހަނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ޑރ. މުއިއްޒަށް ރާއްޖޭގެ ރައީސްކަން ކުރެއްވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޑރ. މުއިއްޒަށް އެންމެ ރައްކާތެރި ގޮތަކީ އިސްތިއުފާ ދެއްވުމެވެ. އިސްތިއުފާ ނުދެއްވިޔަސް މުއިއްޒު އިންޕީޗް ކުރާނެ ކަމަކީ ޝައްކެއް ނެތް ކަމެކެވެ.

ޑރ. މުއިއްޒުގެ ސަރުކާރު އަޒުލްކޮށް މުއިއްޒުގެ ދައުރުގައި ބާކީ އޮތްބައި ގާސިމް އިބުރާހީމް އިސްވެ ހުންނަވާ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރަކުން ފުރިހަމަ ކުރުމަށްވުރެ މޮޅު އެއްވެސް ގޮތެއް ގައުމަކަށް މިހާރަކު ނެތެވެ. ހުރިހާ ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ކެބިނެޓެއް ރައްޔިތުންނަށް ހުށަހަޅައިގެން ރައީސްކަމަށް ގާސިމް އިބްރާހީމް އިންތިހާބުކޮށްގެން ސަރުކާރުގެ އޮނިގަނޑާއި ގާނޫނީ އޮނިނޑު ހަމަމަގަށް އަޅުވާ ތަރުތީބުކުރުމަށް ރައްޔިތުންނަށް ލިބޭ މިއީ ރަނުގެ ފުރުސަތެކެވެ.

]]>
Mon, 18 Dec 2023 17:05:43 +0500 ހީރަސްނިއުސް
މުއިއްޒު ކޮށިއަރުވާލާނެ ބަޔަކީ ޕީއެންއެފް https://heerasnews.com/2050 https://heerasnews.com/2050 ދުނިޔޭގައި ޑިމޮކްރަސީ ފައްކާވެފައިވާ ގައުމުތައް ފައްކާވެފާވަނީ ގިނަ ތަޖުރިބާތަކެއް ކުރުމަށްފަހުގައެވެ. ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި ވޭތުވެދިޔަ 15 އަހަރުތެރޭގައި ރާއްޖެއަށްވަނީ ޅަފަތުން އަރައިގަނެވިފައެވެ. ދުނިޔޭގެ ގައުމުތަކުން ކުރި ގިނަ ތަޖުރިބާތައް ރާއްޖޭން އެމުއްދަތުގައިކޮށް ނިމިއްޖެއެވެ. 

ޕާޓީވެރިކަމުގައި އޮތުމާ ނެތުމުގައި ހުރި ތަފާތު ތަޖުރިބާ ކުރެވިއްޖެއެވެ. ޕާޓީގެ ބާރު އަތްއަތް މައްޗަށް ފުރޮޅިގެން ދާގޮތާއި ސިޔާސީ ލީޑަރުން ބަކީވާގޮތް ފެނިއްޖެއެވެ. 

ޑީއާރުޕީ ވެރިކަމުގައި އޮތީ ރައީސް މައުމޫނުގެ ދިގު ތިރިސް އަހަރުގެ ވެރިކަން ނަގަހައްޓައްޓަން ވެރިކަމުގައި ހުންނަވައިގެން އުފެއްދެވި ޕާޓީއަކީ ޑީއާރުޕީއަށް ވުމުންނެވެ. ރައީސް މައުމޫނު ރައީސް ކަމުގައި ހުންނެވީތީއެވެ. 2008ގެ ރިޔާސީ އިންތިހާބުން ރައީސް މައުމޫނު ބަލިވެ ވަޑައިގަތުމުން ވެރިކަމާއެކު ޕާޓީގެ ލީޑަރޝިޕް ވެސް އެމަނިކުފާނަށް ގެއްލި ވަޑައިގަތެވެ. ޑީއާރުޕީގެ ޒައީމް ބާކީވެ ލީޑަރޝިޕް އަހުމަދު ތަސްމީނު އަލީއަށް ފުރޮޅުނެވެ. 

އެންމެފަހުން ރައީސް މައުމޫނަށް ޖެހިވަޑައިގަތީ ޒެޑްފެކްޝަނެއްގެ ތެރެއިން ޕީޕީއެމް އުފައްދަވާ ބާރުވެރި ކުރައްވާށެވެ. ޕީޕީއެމް ރަނގަޅަށް ބާރުވެރިވެ ރައީސް މައުމޫނުގެ ހިޔަނިން ރައީސް ޔާމީނަށް ވެރިކަން ލިބި ވަޑައިގަތުމާއެކު ރައީސް މައުމޫނު ބާކީކޮށް ޕާޓީންވެސް ބޭރުކޮށް ލެއްވީއެވެ.

ދިމާވިގޮތުން ރައީސް މައުމޫނަށް ޖެހިވަޑައިގަތީ ޕީޕީއެމްގެ މިލްކްވެރިކަން ހޯއްދަވަން ކޯޓަށް ވަޑައިގަންނަވާށެވެ. ރައީސް މައުމޫން ކޯޓަށް ވަޑައިގަތުމުން ކޯޓުން ކޮންމެގޮތަކަށް ނިމުނަސް ދިމާވެދާނެ ގޮތަކަށް ބައްލަވާ ބެކަޕް ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އުފެއްދެވިއެވެ. ކޯޓުން ޕީޕީއެމް ލިބިވަޑައިގަތީ ރައީސް ޔާމީނަށެވެ. ރައީސް މައުމޫނަށް ޖެހިވަޑައިގަތީ އެހެން ޕާޓީއެއް އުފައްދަވާށެވެ. ރައީސް މައުމޫނު އިފެއްދެވީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އެވެ.

ރައީސް ޔާމީނު އުފެއްދެވި ބެކަޕް ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހިނގަމުން އައީ ޕީޕީއެމްއާއި އެއް ކުޑައިގެ ދަށުގައެވެ. ގާނޫނީ ގޮތުން ދެނަމެއް ކިޔާ ދެޕާޓީއަކަސް ދެޕާޓީ ހިންގަމުން އައީ ޕްރޮގްރަސިވް ކޯލިޝަންގެ ނަމުގައި އެއްފިކުރެއްގައި އެއްއަމާޒަކަށެވެ.

އެމްޑީޕީއަށް ދެވަނަ ފަހަރަށް ވެރިކަން ލިބި އެމްޑީގެ ބާރުވެރިކަން ރައީސް ސޯލިހުގެ އަތްޕުޅު މައްޗަށް ފުރޮޅިގެން ދިޔަ ދިޔުމުގެތެރެއިން ޕާޓީގައި ރެނދުލިއެވެ. ނަތީޖާއަކަށްވީ ފިކުރެއްގެ ދިރުމުގެ ނަމުގައި ފެކްޝަނެއް އުފެދި އެންމެފަހުން ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެދުމެވެ.

ޕްރޮގްރަސިވް ކޯލިޝަން 2023 ވީހުގައި ވެރިކަމަށް އައުމަށް ވިއްކެވީ އެކޯލިޝަންގެ ލީޑަރ ރައީސް ޔާމީނެވެ. އެ މަނިކުފާނު ބަންދުގައި ހުންނަވަނިކޮށެވެ. ޕްރޮގްރަސިވް ކޯލިޝަނުން ސިޔާސީގޮތުން ރައީސް ޔާމީނު އެބިއުސް ކޮށްލައިގެން ވެރިކަމަށް ޑރ. މުއިއްޒު ވަޑައިގެން ރައީސް ޔާމީނު ބާކީ ކޮށްލެއްވުމުން ރައީސް ޔާމީނުގެ ވަފާތެރިންނަށް ސިޔާސީ އައު ޕްލެޓްފޯމެއް އުފެއްދުމުގެ މަސައްކަތް އެވަނީ ފެށިފައެވެ. ޕީޕަލްސް ނެޝަނަލް ފްރަންޓް ގެ ނަމުގައެވެ. އޭރުން ޕްރޮގްރެސިވް ކޯލީޝަންނަށް ވެގެން ދާގޮތް ބަލަން ތިބެމާހެއްޔެވެ.

]]>
Mon, 27 Nov 2023 14:59:59 +0500 ހީރަސްނިއުސް
ބިންވެރިޔާ ސްކީމްގެ ގޯތިތައް ފޭރިއެއް ނުގަނެވޭނެ! https://heerasnews.com/2030 https://heerasnews.com/2030 ރައީސް ސޯލިހް ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ނުހިއްކާ އޮތް ބައެއް ފަޅުތަކުން ގޯތި ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އައު ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވީ ރާއްޖޭގެ އާޖުފާޖު ދެނިވަޑައިގެން ނޫންކަމަށް ބެލެވެއެވެ. ރާއްޖެއަކީ މޫދުން ގޯތިދިނުމުގެ މާޒީއެއް އޮތް ތަނެއް ކަމެއް ހަނދުމަފުޅެއް ނެތެވެ. މާލޭގެ ދެކުނު ފަރާތު ފަޅުތެރެއިން ބާޑި ޖަހައިގެން އަމިއްލައަށް ގޯތި ހިއްކާ ގެއަޅައިގެން މީހުން ދިރިއުޅޭ ގޯތިތައް އެހުރީއެވެ. ދެލޯ ހުޅުއްވައިގެން ރަނގަޅަށް ބައްލަވާ ލައްވާށެވެ. 

މިޒަމާނުގައި ފަސޭހަކަމާއެކު އެތައް ސަތޭކަ ހެކްޓަރުގެ ބިން ހައެއްކަ ދުވަހުގެ ތެރޭގައި ހިއްކުމުގެ ގާބިލުކަން އޮތް އިރު މޫދުން ކީއްކުރަން ހެއްޔެވެ. ކަނޑުންވެސް ގޯތި ދޭންވީ ނޫން ހެއްޔެވެ. ނުހިއްކާ މޫދުން ގޯތި ދިނަސް ރައްޔިތުން މިއަދުވެސް ގޯތި ބޭނުމެވެ. އަމިއްލައަށް ހިއްކަން ވިޔަސް ރައްޔިތުން ބޭނުމީ ގޯއްޗެވެ. 

ސަރުކާރުން ގޯތި ހިއްކާ ދޭނެ ކަމުގެ ޔަގީންކަމާއެކު މޫދުން ރައްޔިތުނަށް ގޯތިދޭން ކަނޑައަޅާ އެގޯތީގެ ރަޖިސްޓްރީ ދިނުމަކީ ރައްޔިތުން ބޭނުންވި ގޮތެވެ. އެގޮތްވެސް ބޭނުންވީ ބިން ހިއްކުމަށް ފަހު ރަޖިސްޓްރީގައި އޮތް ގޯތި ލިބޭނެ ކަމުގެ ކަށަވަރުކަން ހޯދުމަށެވެ. ސަރުކާރު ބަދަލުވިޔަސް ބިން ހިއްކުމަށްފަހު އެގޯތި ލިބޭނެކަން ކަށަވަރު ކުރުމަކީ ރައްޔިތުން ބޭނުންވި ގޮތެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ކުރީގެ ސަރުކާރުގެ ނިންމުންތައް ބޮލާލާ ޖަހާ ދޭން ހަމަޖައްސާފައި ހުންނަ ގޯތިތައް ފޭރިގަންނާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބޭނުންވީ ނުހިއްކިޔަސް ރަޖިސްޓްރީ އަތަށް ލިބޭށެވެ.

މޫދުއަޑީގައި އޮތީ ބިމެއް ނޫންހެއްޔެވެ. ނުހިއްކިޔަސް މޫދުން ބިން ދިނުމުން މޫދުގައި ގެއަޅައިގެން އުޅެވެންވެސް މި ޒަމާނުގައި އެބައޮތެވެ. ނުހިއްކާ ފަޅުފަޅުން ގޯތި ދިނުމުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަނީ ހިސާބަށް ވުރެ ބޮޑަށް ފޭރުމުގެ ވިސްނުން ހުންނާތީއެވެ. ރައްޔިތަކަށް އެއްޗެއް ލިބެން ނޭދޭތީއެވެ. ނިޔަތް ހެޔޮނަމަ ގާނޫނީ ސުވާލު އުފައްދައިގެން ގޯތިނުދީ ވާން އޮތް ގޮތެއް އޮތްތޯއެއް ނުބަލާނެއެވެ. ބަލާނީ ވީހާވެސް އަވަހަކަށް ބިން ހިއްކާ ދީފާ ގޯތި ހަވާލުކޮށް ދެވޭތޯއެވެ. 

ރިއަލް އެސްޓޭޓް އުސޫލުން އިމާރާތްތައް ކުރަހާފަ ބިންގާ އެޅުމުގެ ކުރިން 15 ވަނަ ބުރީގައި ހުންނާނެ ކަމަށް ބުނާ އެންމެ ފަހު ފްލެޓްވެސް ވިއްކާ ރަޖިސްޓަރކޮށް ރަޖިސްޓްރީ ވެސް ދެއެވެ. އެކަމަކަށް ގާނޫނީ ހުރަހެއް ނެތެވެ. މި ކަމުގައިވެސް އޮތީ ހަމަ އެ ގަވައިދާ ގާނޫނެވެ.

ކުރީ ސަރުކާރުން ދޭން ކަނޑައަޅާ ރަޖިސްޓްރީ ދޫކޮށްފައި ވާނަމަ ގޯތި ނުދީ ހިފެހެއްޓޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެއްވެސް މީހެއްގެ ހައްގެއް ގެއްލޭ ގޮތަކަށް ފަހުން ނިންމާ ނިންމުމަކުން ކުރީން ނިންމާފައި އޮތް ނިންމުމެއް ބަދަލެއް ނުކުރެވޭނެއެވެ. ފަހުގެ ނިންމުން ތަންފީޒުވާނީ އޭގެ ފަހުން ކުރާކަން ކަމަށެވެ. ކުރީ ސަރުކާރުން ދޭން ނިންމާ ރަޖިސްޓްރީ ދޫކޮށްފައިވާ ގޯތިތައް ކިތަންމެ ނުދޭން ގަދަފައި ވިއްދިޔަސް ޝަރީއަތުން ވެސް ރަޖިސްޓްރީގައިވާ ގޯތި ރައްޔިތުމީހާ ހޯދާނެއެވެ. ހޯދޭނެއެވެ.   

]]>
Tue, 21 Nov 2023 12:09:21 +0500 ހީރަސްނިއުސް
ބެކްޑޭޓްގައި ރައީސް އޮފީހުން މުއައްޒަފުން ކަނޑާލުން https://heerasnews.com/2028 https://heerasnews.com/2028 އެއްވެސް މުއައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމުގެ ބޮޑު ވައުދާއެކު ވެރިކަމަށް އެރި ޑރ. މުއިއްޒު އަތުފަތު ނޭޅި ގިނަ އަދަދެއްގެ މުއައްޒަފުން ވަޒީފާއިން އެބަ ވަކިކުރެއެވެ. އެންމެ ގިނަ އަދަދަކަށް މުއައްޒަފުން ވަޒީފާއިން ވަކިކުރަނީ ރައީސް އޮފީހުންނެވެ. 

ރައީސް އޮފީހަކީ ދައުލަތުގެ ހަމަ ހިފަހައްޓާ ތަޖުރިބާކާރު ގިނަ އަދަދެއްގެ އިދާރީ މުއައްޒަފުން ތިބޭ ތަނެކެވެ. ރައީސް މައުމޫނު އިރުއްސުރެ މެދު ނުކެނޑި މިއަދާ ޖެހެން ދެންވެސް ދެގޮތެއް ނުވެ ގައުމީ ހިދުމަތުގައި ތިބި ގިނަ މުއައްޒަފުން ތަކެއް ރައީސް އޮފީހުގައި ތިބެއެވެ. ރައީސް ނަޝީދާއި ރައީސް ވަހީދާއި ރައީސް ޔާމީނާއި ރައީސް ސޯލިހު އަރިހުގައި ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު އެ މީހުނަށް ވަޒީފާ އަދާކުރެވުނެވެ. އެ ފުރުސަތު އެ ހުރިހާ ރައީސުން ވެސް އެ މީހުނަށް ދެއްވިއެވެ. 

ތެދެކެވެ. ރައީސް އޮފީހުގެ ހުރިހާ ވަޒީފާއަކީ ސިޔާސީ ވަޒީފާއެވެ. ވަޒީފާ ސިޔާސީ ވުމަކީ ދައުލަތަށް ހިދުމަތް ކުރުމަށް ފުރުސަތު ނުއޮންނާންވީ ސަބަބެއް ނޫނެވެ. ރައީސް އޮފީހުގައި ވަޒީފާ އަދާކުރާ އެންމެންނަކު އައު ރައީސުލްޖުމްހޫރިއްޔާ އަކާ ވިސްނުން ތަފާތެއް ނުވާނެއެވެ. ރައީސް ބަދަލުވިޔަސް މުޅި ރައީސް އޮފީސް ފުށުން ޖަހާލާކަށް ނުވާނެއެވެ. 

މުއައްޒަފުންގެ އިހުލާސްތެރިކަން ވަޒަން ކުރާނީ ކައިރީގައި ގެންގުޅެގެންނެވެ. ރައީސް އޮފީހުގެ އިސްވެރިން ބަދަލު ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ރިޔާސީ ދައުރު ނިމުމުން އެ މީހުންގެ ދައުރު ނުމޭނެއެވެ. އެކަމަކު އިދާރީ މުއައްޒަފުންގެ ވަޒީފާ ދައުރު ބަދަލު ވިޔަސް ބަދަލުވެގެން ނުވާނެއެވެ. މުއައްޒަފަކު ދޫކޮށްލިޔަސް ދޫކޮށްލާން ވާނީ ކުރިޔާލާ އެންގުމަށް ފަހުއެވެ. ވަގުތު ދީފައެވެ. ވަޒީފާ އަދާކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ހައްގެކެވެ. ސިވިލް ސާރވިސްގެ ގާނޫނު ރައީސް އޮފީހުގެ މައްޗަށް ނުހިގިޔަސް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގަކުން އެ މުއައްޒަފުން މަހުރޫމެއް ނުކުރެވޭނެއެވެ.

ސިޔާސީ މަގާމު ތަކަކީ ވަކިކުރަންދެން ނުވަތަ އިސްތިއުފާ ދެންދެން ދެމި އޮންނަ އެއްޗެކެވެ. ކުރިގެ ރައީސް ވަޒީފާ ދީފާ ހުންނަ މީހެއްގެ ވަޒީފާ ގެއްލޭނީ އައު ރައީސް އޭނާ މަގާމުން ވަކިކުރީމައެވެ. މުއްދަތު ކަނޑައެޅިގެން އައްޔަނުކުރާ މީހުންނާއި ގާނޫނު އަސާސީގެ 115 ގެ ބޭނުމަށް އައްޔަނުކުރާ މީހުންނާ ތަފާތު ވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރި މީހަކު ކުރާކަމެއް އެހެން ރައީސަކު ބަދަލު ނުކުރާހާ ހިނދަކު އެގޮތަށް އެކަމެއް ހިނގަ ހިނގާ ހުރުމަކީ ދައުލަތުގެ ތޮބީއަތެވެ.

ދެރަކަމަކީ ރައީސް އޮފީހުގެ އިދާރީ ހިންގުމުގެ ބޭނުމަށް ވަޒީފާ ދީފާ ތިބޭ މުއައްޒަފުންނާ ކުޅުމެވެ. ރައީސް އޮފީހުގެ އިދާރީ މުއައްޒަފުން ވެރިކަން ބަދަލުވުމަށް ފަހުވެސް ހިދުމަތަށް ނިކުމެ އުޅެއުޅެ ހުއްޓާ ނޯޓިސްއެއް ދިނުމަކާ ނުލާ ކުރީގެ ތާރީހަކުން ފެށިގެން ވަޒީފާއިން ވަކުކުރާ ކުރުމެވެ.

ނޮވެންބަރ 17 ވަނަ ދުވަހުން ފެށިގެން ރައީސް އޮފީހުގެ ވަޒީފާއިން ވަކިކުރިކަން މި އަންގަނީ ނޮވެންބަރ 19 ނޫނީ 20ގައެވެ. ބެކްޑޭޓްގައެވެ. ރައީސް އޮފީހުން އެ ގޮތަށް އަމަލު ކުރާއިރު 17،18،19، 20 ގައިވެސް އޮފީހަށް ނިކުމެގެން އެ މުއައްޒަފުން މަސައްކަތް ކޮށްފައިވެއެވެ. ރައީސް އޮފީހުގެ ރެކޯޑް ތަކުން އެކަން އެގެން އެބަހުރެއެވެ. ވަޒީފާގައި ނެތް ބަޔަކު ލައްވާ ރައީސް އޮފީހުގެ މުއައްޒަފުންގެ ގޮތުގައި ރައީސް އޮފީހުގެ ރަސްމީ މަސައްކަތް ކުރުވި ކުރުވުމަކީ ވަރަށް ބޮޑު ގޯހެކެވެ. 

ދުވަހަކު ޕަބްލިކް އޮފިހެއް ހިންގުމުގެ މަސައްކަތް ކުރަން އުޅެފައިނެތް އަނދޮޅުން ލައްވާ ދައުލަތުގެ އެންމެ އިސް އޮފީސް ހިންގަން ދިމާކުރީމާ ނިކަން ގިނައިން ބޮލާފޮށާ ނޭޅިއެއް ނުދާނެއެވެ. މުޅި ގައުމުގެ ހީރަސް ކެނޑި އެގޮތް މިގޮތްވެ ދަރަހިލޭ މަންޒަރު ވައިމަތިން އެބަ ފެނެއެވެ. 

]]>
Mon, 20 Nov 2023 17:27:04 +0500 ހީރަސްނިއުސް
ރައީސް ސޯލިހު ދެއްކެވީ ލާމަސީލު ލީޑަރޝިޕެއް: ރައީސް އަސްލަމް https://heerasnews.com/2013 https://heerasnews.com/2013 ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވީ ލާމަސީލު ލީޑަރޝިޕެއް ކަމަށާއި އެކަން ރާއްޖޭގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ޖަލްސާގައި އޮނަރަބަލް އަސްލަމް އެހެން ވިދާޅުވީ ރައީސް ހުވާކުރައްވާ ދެއްކެވި ވާހަކަފުޅަށް ފަހު މަޖިލީހުގެ ރިޔާސަތުން ދެއްކެވި ވާހަކަ ފުޅުގައެވެ. "ހާއްސަ ގޮތެއްގައި ދިވެހި ރައްޔިތުން ކުރިން ތަޖުރިބާކުރި ބިރުވެރިކަމާއި ތަހައްމަލު ކުރި ހަމަނުޖެހުމުން މިންޖުކޮށް، ދިވެހި ރައްޔިތުންނަށް ހަމަޖެހުން ގެނެސް ދެއްވި. އަދި ކޮވިޑުގެ ހާލަތުން އަރައިގަތުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ލާމަސީލު ލީޑަޝިޕް ވަކިން ހާއްސަ ގޮތެއްގައި ފާހަގަކުރަން," އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދަށާއި އުމްރީ ތަރައްގީއަށް އެ ސަރުކާރުން ގެނެސްދިން ބޮޑު ބަދަލު، ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމާއިމެދު އަޅުގަނޑު ޝައްކެއް ނުކުރައްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. 

ފެހި ގާނޫނު އަސާސީއާއެކު ގެނެސްދިން ފޮނިމީރުކަން އިހުސާސް ވެގެން ދަނީ ހަލަބޮލިކަމުން މިންޖުވެ، ހަމަޖެހުމުގެ ފަސް އަހަރުގެ ދައުރަކަށް ފަހު ވެރިކަމުގެ ބާރުތައް ވެސް ހަލަބޮލިކަމެއް ނެތި އޮމާންކަމާއެކު ބަދަލުވެގެން ދާތީކަމަށް އަސްލަމް ފާހަގަ ކުރެއްވިއެވެ. އަސްލަމް ވިދާޅުވި ގޮތުގައި މިއީ ޑިމޮކްރަސީ ފުރިހަމަވެ ފައްކާވަމުން އަންނަ ކަމުގެ ނިޝާނެކެވެ.

އެއް ވެރިކަމަކަށް ފަހު އަނެއް ވެރިކަމެއް އައިސް ބަދަލުވެ ދިޔުމަކީ ޑިމޮކްރަސީ އާއި ޖުމްހޫރިއްޔަތުގެ ތަބީއަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބަދަލު ނުވާންވީ ކަމަކީ ޑިމޮކްރަސީގެ ރީތި ސިފަތަކާއި ރައްޔިތުންގެ ލާބައަށް ދައުލަތުގެ ބާރުތައް ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް ވެސް މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވިއެވެ. 

ޕީޕީއެމް - ޕީއެންސީ ކޯލިޝަންގެ ލީޑަރ ރައީސް ޔާމީނު އެ ރަސްމިއްޔާތަށް ވަޑައި ނުގަތަސް ރައީސް ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ސޯލިހުގެ ދެކަނބަލުން  ވަޑައިގަތެވެ.

]]>
Fri, 17 Nov 2023 18:45:25 +0500 ހީރަސްނިއުސް
ރާއްޖެއެރި އިންޑިއާ ސިފައިންގެ ލަޝްކަރު https://heerasnews.com/1820 https://heerasnews.com/1820 ބަރުހަތިޔާރާ އެކު އިންޑިއާގެ އެއްގަމާ ކަނޑާ ވައިގެ އެތައް ސަތޭކަ ސިފައިން ދިވެހިރާއްޖޭގައި ޙަރަކާތްތެރިވިކަން ދޮގު ނުކުރެވޭނެ ވާހަކަ ގޮންޖަހާފައި ބުނަމެވެ.

ހަތިޔާރާއެކު ރާއްޖޭގެ ސިފައިންގެ މައިމަރުކަޒު، ބަނޑޭރިގެއަށް އިންޑިއާ ސިފައިން ވަދެ ނުކުމެ ވުމުގައި އެ ފައުޖުތަކަށް އެއްވެސް ހުރަހެއް ނެތްކަން  ދޮގުކޮށްލެވޭނެ މީހަކު ހުރިއްޔާ ނިކަން ކުރިއަށް ނުކުމެ އެ މީހަކީ ތިމަންނައޭ ބުނެ ބަލާށެވެ. 

މާލޭ ބައިނަލްއަގްވާމީ ވައިގެ ބަނދަރާ އެ ނޫންވެސް މުހިންމު ކޮންމެ ތަނެއްގައި އިންޑިއާ ސިފައިން ދިގު މުއްދަތަށް ރާއްޖޭގައި ގާއިމުވެ ތިއްބެވެ.

މާލޭ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ބައެއް ފަހަރު ފުލް ވެފައި އޮންނަނީ އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރުތަކާ ހަނގުރާމަ މަތީ ކާކީ މަތިންދާ ބޯޓް ތަކުންނެވެ. ބޮޑެތި ސިންގާ ބަޑިތަކާ ބޮމާ ހަތިޔާރު ދިއްކޮށް، ބަރާކޮށްގެންނެވެ. 

މާލޭގެ ބަނދަރާ، ގާދޫ ކޮލުގެ ބޭރުންނާ، ކަޅީގެ އަނގަމައްޗާ ރާއްޖޭގެ އަސްދަނޑީގެ ބޭރުގައި އިންޑިއާގެ ވަރުގަދަ ހަނގުރާމަ މަތީ މަނަވަރު ފަހަރެވެ.

ހުޅުލޭގައި އެމީހުންގެ އަމިއްލަ ކޮމިއުނިކޭޝަން ނެޓްވޯރކާ، އަސްކަރީ ވަކި ސެޓެލައިޓް ލިންކް ގާއިމްކޮށް، ބޮޑުބަޑިން ހަމަލާދެވޭނެ އަސްކަރީ ކިތަންމެ ޕޮއިންޓެއް ހަދާ، އޭގެ އެއްތަނުން އަނެއްތަނަށް ބިންކޮނެ ލޫދިގެން، އިންޑިއާ ސިފައިންނަށް ދެވޭ ގޮތަށް، ހުޅުލެ ވަށާ އިންޑިއާގެ ހަނގުރާމަތީ ސިފައިން ތިއްބެވެ.  

އާދައުރަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ރަސްމިއްޔާތުގެ ޙިމާޔަތުގައި، އިންޑިޢާގެ އާރމީ ހަތިޔާރު ހިފައިގެން މާލޭގެ ބިމުގައި ތިއްބެވެ. ނޭވީ މަނަވަރުތަށް ކަނޑުމަތީގައެވެ. މޭފަޅާފަދަ ގަދަ އަޑުފައްގަޑާ އެކު، ވައިކަފާ އަޅަމުން އަސްކަރީ ފޯމޭޝަންގައި ވިދުވަރެއްހެން މާލެމަތިން އުދުހުނީ ، އިންޑިއާގެ ހަނގުރާމަމަތީ މަތިންދާ ބޯޓްފަހަރުގައި ތިބި އެގައުމުގެ ވައިގެ ސިފައިންނެވެ.

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގްލާގެ ދިފާޢުގައި ދިވެހި އަސްކަރިއްޔާއަށް ވާގިވެރިވި، އިންޑިއާ ސިފައިންގެ މި ދެންނެވި ބޮޑު ލަޝްކަރު ދިވެހި ސަރުކާރުން އެދުނު ސުން ސިކުންތުގައި ރާއްޖޭން ފައިބައިގެން ދިޔައީ ދިވެހިންގެ އިޙްތިރާމާ ގަދަރު ލިބި، ރާއްޖޭގެ ދިފާޢު ކަށަވަރު ކޮށްދިނުމަށް ފަހުގައެވެ.

އިންޑިއަން އާރމީ ޕެރަޝޫޓް ރެޖިމެންޓް ސިކްސްތް ބެޓޭލިއަންގެ ފަހު ގްރޫޕް ރާއްޖެއަށް އަލްވަދާޢުކީ މާލޭ އިންޓަރޝޭނަލް އެއަރޕޯރޓްގެ ޑިޕާރޗަރ ހޯލްގައި  ބޭއްވުނު އެކުވެރިކަމުގެ ވަދާޢީ ހަފްލާއަށް ފަހުގައެވެ. އިންޑިއާ ސިފައިންނަކީ އެއީއެވެ. އެއީ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމެވެ. އެދުވަހު އިންޑިއާގެ ސިފައިންގެ ފުށުން ދިވެހިރާއްޖެއަށް ނުވި ނުރައްކަލެއް، ދުވަހަކުވެސް ނުވާނެއެވެ. ގަލަމުން ދެލި ހިނގަންޏާ ދޮގު ވާހަކަތައް ލިޔެ، ދުލުގައި ގޮއްނުޖެހޭތީ ފިތުނަވެރި ވާހަކަ ދެއްކިދާނެއެވެ. 

މިބުނީ  ދާދި މިދާކަށް ދުވަހުގެ ފަހުގެ މާޒީއެވެ. ދެން އޮތީ މިފަހުގެ މިހާރެވެ. ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ހިންގާން ޖެހޭ އޮޕަރޭޝަންތަކާ ދިމާވާ އިމަރޖެންސީ ޙާލަތު ތަކުގައި ބޭނުން ކުރާނެ ވައިގެ ފުދުންތެރިކަމެއް، ރާއްޖޭގެ އަސްކަރިއްޔާގައި ނެތުމުގެ ދައްޗާ ތަކުލީފް ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. މިގޮތުން ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި، އެންއެންޑީއެފްގެ ބޭނުން ތަކަށް އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރެއް ގެނެވުނެވެ. އެއަށްފަހު  އެކަމަށް ވެފައިވާ އެއްބަސްވުން އާކުރެއްވީ ރައީސް މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައެވެ.

ދިމާވާ ހާދިސާތަކާ ގުޅިގެން ހިންގަންޖެހޭ އޮޕަރޭޝަންތަށް ގިނަ ވުމުން، ހަމައެކަނި އެންމެ ހެލިކޮޕްޓަރަކުން ދިވެހި އަސްކަރިއްޔާއަށް ދަތިވާތީ، ޑޯނިއަރ މަތިންދާ ބޯޓެއް ފޮނުވައިދިނުމަށް އިންޑިއާ ސަރުކާރުގައި އެދުނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އަދި މިކަމަށް އެދި 3 ފަހަރު އިންޑިއާ ސަރުކާރުގައި ރައީސް ޔާމީންގެ ސަރުކާރުން އެދިފައިވެއެވެ. 

ކުރިން ބުނި ގޮތަށް ރައީސް ވަހީދުގެ ސަރުކާރުގައި އާކުރި އެއްބަސްވުން އަލުން އާކުރީވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެއަށްފަހު 2016 ވަނަ އަހަރު އިންޑިއާ އާއެކު ޑިފެންސް އެކްޝަން ޕްލޭންގައި ރާއްޖެއިން އިންޑިއާއާއެކު ސޮއިކުރީ ވެސް ހަމަ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ދިވެހިއަސްކަރިއްޔާގެ ކަނޑު އުޅަނދު ފަހަރުގެ ބޭނުން ތަކަށް ޚާއްޞަ ކުރެވޭ، އުތުރުތިލަފަޅުގެ ފެށުން ގުޅިފައިވަނީ މިބުނެވުނު އެކްޝަންޕްލޭނާއެވެ. ހަމަ އެއާއެކު  ޑޯނިއަރ މަތިންދާ ބޯޓްގެ އެއްބަސްވުމުގައި ސޮއިކުރީވެސް ހަމަ ރައީސް ޔާމީންގެ ވެރިކަމުގައެވެ. 

ބަލިމީހުން އުފުލުމާ، ބެހިގެންދާ އުޅަނދު ފަހަރާ ގެއްލޭ މީހުން ހޯދާ ސަލާމަތް ކުރުމުގެ ކަންކަމުގައި ޕައިލެޓުންނާ ކްރޫއިންނާ ޑޮކްޓަރުންނާ ޓެކްނީޝަނުންނާ ގްރައުންޑް ސްޓާފުންގެ ގޮތުގައި އޮޕަރޭޝަނަށް ކިރިޔާ ފުދޭ ވަރަށް އިންޑިއާ ސިފައިންނަށް ނިސްބަތްވާ މަދު ބަޔަކު، ބަދަލުވަމުން ދައުރުވަމުންދާ އިންސާނީ ޚިދުމަތުގައި ރާއްޖޭގައި ތިބެއެވެ. އެއީ އަސްކަރީ އޮޕަރޭޝަނެއް ނޫނެވެ. އެއީ އިންސާނިއްޔަތުގެ ޚިދުމަތެކެވެ. 

މިއޮޕަރޭޝަނަކީ ދިވެހި އަސްކަރިއްޔާގެ ބައިވެރިވުމާ އެއްބާރުލުމާ ކޮންޓްރޯލްގައި ކުރިއަށްދާ އޮޕަރޭޝަން ތަކެކެވެ. އަދި މިއީ އެއްވެސް ޙާލެއްގައި އަސްކަރީ ޙަރަކާތެއް ނޫން ކަމަށްވާތީ، 2018ގައި ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ކުރިން އެމީހުންގެ ވިސާ ވެސް އިތުރުކޮށްދީފައި ވެއެވެ.  އެމީހުން ރާއްޖޭން ބާލަން  އެދި ރައީސް ޔާމީންގެ ސަރުކާރުން އދ އަށް ސިޓީފޮނުވާފައެއް ވެސް ނުވެއެވެ.

މިގޮތުން އިންސާނީއެހީގެ 1000އަށް ވުރެ ގިނަދަތުރު ، 5 އަހަރުތެރޭ ކުރެވިފައިވާއިރު، މީގެ ތެރޭން 600 އަށް ވުރެ ގިނަ ދަތުރު ކޮށްފައިވަނީ، ރާއްޖޭގެ އެކިހިސާބުގައިވާ ޕީޕީއެމް ކައުންސިލްތަކުން އެދިގެންނެވެ.

ދިވެހި އަސްކަރިއްޔާގެ ގަދަރު ކުޑަކޮށް، ގައުމުގެ ސަލާމަތަށް މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ، ވެރިކަމުގެ ދަހިވެތިކަމުގައި ފަތުރާ ފިތުނަވެރި ދޮގު ވާހަކަތަކެވެ. ހަގީގީ ޚާއިނުންނާ ޣައްދާރުންނަކީ އެއީއެވެ.

]]>
Tue, 12 Sep 2023 12:01:55 +0500 ހީރަސްނިއުސް
ޕީޕީއެމްގެ މޭގަނޑު އުފުރިގެން އެމްޑީޕީއާ ދިމާއަށް https://heerasnews.com/1811 https://heerasnews.com/1811 ލޯޔަރު އާސިފަކީ ރައީސް ޔާމީންގެ ލޯޔަލް ގާތް ބޭފުޅެކެވެ. ޕީޕީއެމްގެ އެތެރެއާ ބޭރާ ވާނުވާ ރަނގަޅަށް ސާފުވާ ބޭފުޅެކެވެ. އާސިފް ކަން ކުރައްވާނީ ރައީސް ޔާމީނަށް އެންމެ ރަނގަޅު ގޮތަށް އެ މަނިކުފާނުގެ މަޝްވަރާ ވެސް ލިބިގެން ކަމަށް ބެލެއެވެ. ކޮންމެ އަކަސް ވޯޓަށް ކުޑަތަންވި އިރު އާސިފް އެ ހުންނެވީ ރައީސް އިބޫ ހޮވަން ނުކުމެއެވެ. 

ޕީޕީއެމް އެކަހެރިކޮށް ދިމްޔާތު ފެކްޝަނުން ހިންގާ ނޭއްގާނި ކަންކަމަށް ނުބައްލަވާ އާސިފްގެ ނިންމުން ނިންމެވި ސަބަބެއް ކަމަށް ބެލެނީ މުއިއްޒު ހޮވޭނެ އެއްގޮތް ވެސް ނެތުމެވެ. އަދި ހޮވުނަސް ރައީސް ޔާމީނަށް ލުޔެއް ދީފި ނަމަ އޭގެ ސިޔާސީ ގެއްލުން އޮތީ މުއިއްޒަށް ކަމަށް ވާތީ ރައީސް ޔާމީނަށް ރަނގަޅު ގޮތެއް މުއިއްޒު ނުހަދާނެކަން އާސިފަށް ގަބޫލު ކުރެއްވޭނެއެވެ.  

ޕީޕީއެމް ތެރޭގައި މިކަމަށް އޮތް ނުތަނަވަސްކަން އާސިފަށް ސާފެވެ. އެއާ އެކު ފަހު ވަގުތު އާސިފް މި ޑިޒިޝަން ނެންގެވި ސަބަބަކީ ރައީސް ޔާމީނަށް އޮތް ތާއީދު މުއިއްޒަށް ނެތުމެވެ. މޮޅުވެގެން 30 އިންސައްތަ ވޯޓު ވެސް މުއިއްޒަށް ނެތްކަން ޔަގީންވެ ރައީސް ޞޯލިޙް އެއްބުރުން ކާމިޔާބު ކުރައްވާކަން ޕީޕީއެމްގެ އެތެރެކޮއެލަށް ކަށަވަރުވީއެވެ. 

ތެދެކެވެ. ރައީސް ޔާމީނަށް ލުޔެއް ލިބިގެން ރައީސް އިބޫއަށް ލިބޭނެ ސިޔާސީ ގެއްލުމެއް އެ މަނިކުފާނަށް ގެއްލޭނެ ޕާޓީ އެއް ނެތެވެ. 

ޕީޕީއެމްގެ މޭގަނޑު އުފުރިގެން އެމްޑީޕީއާ ދިމާއަށް އެހެރަ އަންނަނީ ފަތުއަޑު ކިޔާފައެވެ. މައުލޫމާތު ލިބޭ ގޮތުން ސިއްސައިގެންދާ ފަދަ ޕީޕީއެމްގެ ވަރުގަދަ ތަނބުތަށް އަދިވެސް ދާނީ އެމްޑީޕީ އާ ގުޅެމުންނެވެ. ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އަނެއް 5 އަހަރު ގަނަތެޅުމަށްވުރެ ޕީޕީއެމަށް ރަނގަޅީ ރައީސް ޞޯލިހާ އެކު ސުލްޙައިގާ ކުރިއަށް ގޮސް ދިމްޔާތު ފެކްޝަނުގެ އަތުން ޕީޕީއެމް ހޯދުމެވެ

]]>
Thu, 07 Sep 2023 22:05:26 +0500 ހީރަސްނިއުސް
ޑިމާންޑް އުފައްދައިގެން ބިމުން ވިޔަފާރިކުރުން ނިމުމަކަށް https://heerasnews.com/1807 https://heerasnews.com/1807 މާލޭގެ ދެކުނު ފަރާތާއި ހުލަނގު ފަރާތް ހިއްކީ ވެސް މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށެވެ. ހުޅުމާލެ ހިއްކީވެސް ރައްޔިތުންނަށް ބޯހިވާވަހިކަން ދިނުމަށެވެ. އެ ހުރިހާ ބިން ހިއްކައިގެން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. ހިއްކިހާ ބިމުން ބޯހިޔާވަހިކަން ދިނުމަށް ބޭނުން ކުރެވިފައިވަނީ ދާދިކުޑަ ބިންކޮޅެކެވެ. 

މާލޭގެ ދެކުނުފަރާތުން ދިން މަދު ގޯތިތައްދިނީ އޭރުގެ ނުފޫޒުގަދަ ދެ ތިންވަޒީރުން ބޭނުންވި މީހުންނަށެވެ. މާލޭން ގޯތި އޭރު ދިނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުންނަށާއި ސިފައިންގެއާއި އެސްޓީއޯގެ އިސް މީހުންނާއި ގާޒީންނާ އެނޫން މަޝްހޫރު މީހުންނާއި ބައެއް ވަޒީރުންނަށެވެ. އާއްމު ބޯހިޔާވަހިކަމަށް މާލޭގައި ތިންފަހަރެއްގެ މަތިން އެޅި ސިނަމާލެ ފްލެޓް އިމާރާތްތައް ނޫނީ ބޯހިޔާވަހިކަމަށް މާލޭން ހިއްކި ބިމުން ލުޔެއް ނުލިބި މާލެން ހިއްކި ބިމަކީ ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން ބޭނުންތަކަށް ހުސްކުރެވުނުތަންތަނެވެ.

ހުޅުމާލެ ފުރަތަމަ ފޭސް ހިއްކާ ފްލެޓްކޮޅަކާއި ރޯހައުސްތަކެއް އަޅާ ބަޔަކަށް ކުށްޔަށް ދިނެވެ. ގޯތިތައް ބީލަން އުސޫލުން ވިއްކީއެވެ. ދެވަނަ ފޭސް ހިއްކައިގެންވެސް ކުރީ އެކަންތަކެވެ. ހިޔާފްލެޓެއް އެހެން ފްލެޓެއް ކިޔާނެކަމެއްނެތެވެ. އެތަންތަން ހެދުމުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. މާލޭގެ ކުލީގެ އަގު ނުވެއްޓުނެވެ. މާލޭ މީހުނަށް ބޯހިޔާވަހިކަން ނުލިބުނުތާ މާލޭގައި ދިރިއުޅޭ އެހެން މީހުން ކުއްޔަށް ކުރަންޖެހޭ ހޭދަ އެންމެ ތަންކޮޅެއްވެސް ކުޑައެއް ނުކުރެވުނެވެ. 

ސަރުކާރިތަކުން ކުރަމުން އައިކަމަކީ ބިމުގެ ވިޔަފާރި ކުރުމެވެ. މާލެ ސަރަހައްދުގެ ބިމަކީ ރަނަށް ހަދައިގެން ބިންތަކުން ވިޔާފާރިކުރުން ނޫން ދެވަނަ ވިސްނުމެއް މީގެ ކުރީގެ ސަރުކާރުތަކުގައި ނެތެވެ. ދޭތެރެ ދޭތެރެއިން މާކެޓަށް ބިން ކޮޅެއްނެރެ ބޮޑު އަގުގާ ވިއްކާ ވިޔާފަރި ކުރުން ނޫން ދެވަނަ ވިސްނުމެއް ކުރީ ސަރުކާރުތަކުގައި ނެތެވެ. ވަކި ބައެއްގެ އަތްމަތީގައި މާލެ ސަރަހައްދުގެ ބިންތައް ބާއްވައިގެން ޑިމާންޑް އުފައްދައިގެން ބިމުން ވިޔާފާރިކޮށް މާލޭ ރައްޔިތުން ބާކީކޮށް މާލޭ ސަރަހައްދުގެ ބިންތަކަކީ ބައެއްގެ މޮނޮޕޮލީއަކަށް އޮތީ ޒަމާނުއްސުރެ ހަދާފައެވެ. ސަރުކާރުތަކުން އެކަން ކުރަމުން އައީ ނޭނގި ގެނެއް ނޫނެވެ. ގަސްތުގައެވެ.

މާލޭސަރަހައްދުގެ ބިން ތަކަކީ ބަޔަކު ޑިމާންޑް އުފައްދައިގެން ވިޔަފާރި ކުރަން އޮތް ބިންތަކެއްގެ ގޮތުގައި އޮތް އޮތުން ރައީސް ސޯލިހު މިވަނީ ބަދަލުކޮށްފައެވެ. މާލޭގެ ސަރަހައްދުގެ ބިމަކީ މާލޭ ރައްޔިތުންކުރެ ކޮންމެ މީހަކަށްވެސް ހިލޭ އޮތް ހައްގެއްކަމަށް މިއަދު ބަދަލުކޮށްފިއެވެ. މަލޭގައި ގޮތް ހުސްވެފައިތިބި އެތައް ހާސް ބަޔަކަށް ގެދޮރުވެރިކަން ހިލޭ ކަށަވަރުކޮށްދޭ ތަނަކަށް މާލޭ ސަރަހައްދުގެ ބިންތައް ހަދާދެއްވައިފިއެވެ. 

މާލޭ ސަރަހައްދުގެ ބިމަކީ ނުފޫޒުހުރި ބަޔަކު ޑިމާންޑް އުފައްދައިގެން ވިޔާފާރިކުރާ އެއްޗެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކޮށް ލައްވައިފިއެވެ. މާލޭ ސަރަހައްދުގެ ބިމުން މާލޭ ރައްޔިތުންނަށް ހިލޭ ގެދޮރުވެރިކަން ކަށަވަރުކޮށްދީފިއެވެ. ސަރުކާރުން ޑިމާންޑް އުފައްދައިގެން ބިމުން ވިޔަފާރިކުރުން ނިމުމަކަށް ރައީސް ސޯލިހު ގެނެސް ދެއްވައިފިއެވެ. 

]]>
Thu, 07 Sep 2023 15:45:39 +0500 ހީރަސްނިއުސް
މުއިއްޒަކީ މައުމޫނީ ޖަނާބީ ފިތުނައިގެ ރިވެންޖް https://heerasnews.com/1806 https://heerasnews.com/1806 ރާއްޖޭގައި 363 ދީނީ އިލްމުވެރިން އެ ބަތިއްބެވި ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއެވެ. އޭގެތެރެއިން 87 ބޭފުޅުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ތާއީދު ކުރެއްވުމަކީ ރާއްޖޭގެ ދީނީ އިލްމުވެރިން ޑރ. މުއިއްޒަށް ތާއީދު ކުރެއްވުން ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތެވެ. 

ރަސްމީ ހައިސިއްޔަތެއް ނެތް "އިލްމުވެރިންގެ ގުޅުން" ކިޔާ ބަޔަކު ވައިބާ ގްރޫޕެއްގައި ނެގި ވޯޓެއްގައި 105 މީހުން ވޯޓު ދީގެން އޭގެތެރެއިން 87 މީހުން މުއިއްޒަށް ތާއީދު ކުރާކަމަށް ބުނުމަކީ ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިން މުއިއްޒަށް ތާއީދު ކުރުމެއް ނޫނެވެ. އެ ވޯޓުގެ ނަތީޖާއިން އެނގިގެން އެ ދިޔައީ ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން މުއިއްޒަށް ތާއީދު ނުކުރާކަން ނޫން އެހެން ކަމެއް ނޫނެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ޑރ. މުއިއްޒަކީ ޖަމްއިއްޔަތުއް ސަލަފުގެ ކެންޑިޑޭޓްކަން ދިވެހިންނަކަށް ނޯޅެއެވެ. ސަލަފްގެ ރައީސް އަބްދުއްލާ ބުން މުހައްމަދަކީ ޑރ. މުއިއްޒުގެ ޅިޔަނުކަމެއް ވެސް މީހުންނަކަށް ނޯޅެއެވެ. އެތައް ޒަމާނަކުއްސުރެ އެކި ރާގު ރާގަށް ސަލަފުން ކުރަމުން އައި މަސައްކަތަކީ އެ މީހުންގެ ބާރު ހިނގާ ވެރިކަމެއް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތެވެ. 

ސަލަފު މީހުން އުޅޭ ގޮތުން ދީނި އިލްމުވެރިން ތިބީ ހަމައެކަނި ސަލަފުގައޭ ހީވާ ކަހަލައެވެ. އިސްލާމް ދިނާ އިސްލާމީ ޝަރީއަތް ދަންނަނީ ސަލަފަށް އެކަންޏޭ ހީވާ ކަހަލައެވެ. ޑރ. އިޔާޒުމެން ފަދަ އިލްމުވެރިކަމަށް ބޮޑު އިލްމުވެރިންނަކީ ތަންދޮރު ނޭނގޭ ޖާހިލުންނަށް ހަދައިގެން، ނޭދޭ ގޮތަކަށް ފަތުވާދޭ ކޮންމެ އިލްމުވެރިއެއްގެ ނަފްސުގެ ކަރާމާތް ނަގާލަމުން ހަމަ އެކަނި ތިމާމެންނަކީ މީހުން ކަމަށް ދެއްކިގަނެގެން އުޅޭ ކަންދަހާރީ ޝެއިހުންގެ ފިތުނައިގައި މި ގައުމު ޖެއްސިދާނެ ކަމަށް ހީކުރަނީ ހެއްޔެވެ. 

ސަލަފީ ކަންދަހާރީ ޝޭހުން ނޫނަސް ރާއްޖޭގައި ވަރަށް ބޮޑެތި ދީނީ އިލްމުވެރިން އެބަ ތިއްބެވިއެވެ. އެ ބޭފުޅުންނަކީ ހަމަތަކާ އުސޫލުތައް ބޮލާލާ ޖަހާ ބާބުލްއަވާލީ މަދަރުސާ ފާޑަށް ރަޖިސްޓްރީ ކުރުމެއް ނެތި އުސޫލުތަކަށް ބޯލެނބުމެއްނެތި ހިންގި މަދަރުސާތަކުން ދަރިވަރުވި ބައެއް ނޫނެވެ. ޕާކިސްތާނާއި ކަންދަހާރު ސަހަރާއިން ދެލިގަނޑު އެކަނި ދަސްކޮށްގެން ނިކުމެ މީހުން ކާފަރު ކުރަމުން ދުވާ ބައެއްވެސް ނޫނެވެ. 

ދިވެހި ރާއްޖޭގައި ދީނީ އިލްމު ވެރިންގެ ގޮތުގައި ތިއްބެވި އެތައް އިލްމުވެރިންނެއް ރާއްޖޭގައި އެ ބަތިއްބެވެ. ޑޮކްޓަރުންނާއި ޝެއިހުންނާއި އުސްތާޒުން ބައިވަރެވެ. އެ އެންމެންނަކު މުއިއްޒު ވެގެން ނޫޅެއެވެ. ވަކި ކެންޑިޑޭޓަކަށް ތާއީދު އޮތީ ކިހާވަރަކަށްތޯ ބަލާ ވޯޓު ނަގާ ރައްޔިތުން ވައު ވައްދާކަށް އެ މީހުން ނޫޅެއެވެ. ތިމާ ނުރުހޭ ނޭދޭ ރިޔާސީ ކެންޑިޑޭޓަކަށް ދީނީ އިލްމުވެރިއަކު ތާއީދުކޮށްފިއްޔާ ފަޔަށް ހިނއަރައިގެން އެ މީހުން ފުމެ އަރާތީއެއް ނުފެނެއެވެ.

ސިޔާސީ ބޭނުމަށްޓަކާ ވަކިވަކި ދީނީ އިލްމުވެރިންނާ އަޅައިގަނެގެން ނުނެއްޓިގެން އުޅެނީ ގައިމު ކަމެއް ވެގެންތާއެވެ. ދީނުގެ ނަމުގައި އެހެން އަޅައިގަނެ ނުނެއްޓިގެން އުޅުނު ދިނީ އިލްމުވެރިއެއްގެ ނިމުން އައިގޮތް އިހުސާސް ވުމުން ހުޅުހުޅުން ވާގި ދޫވެއެވެ. ދީނުގެ ނަމުގައި މީސް މީހުންގެ ހިތުގައި ނަފްރަތު އުފައްދާ މީހުން ކާފަރުކޮށް ހަދަމުން ބާރުވެރިކަން ހޯދަން އުޅޭ އުޅުމާ މެދު ނިކަން ބޮޑަށް ވިސްނާން ޖެހެއެވެ. 

ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް އިސްލާމު ދީނޭ ޝަރީއަތޭ ގޮވަމުން ދައްކަނީ ސިޔާސީ ވާހަކައެއް ނޫނޭ ބުނެ ދީނީ އިލްމު ވެރިންގެ ނަމުގައި ވައްވައް ޖަހާނެ ކަމެއް ނެތެވެ. ކޮންމެ ރިޔާސީ އިންތިހާބަކަށް ތިލަވާ ދީނާ ގައުމިއްޔަތާ ހުއްރިއްޔަތުގެ ވާހަކަ ދިވެހިން ދަސްކޮށްފިއެވެ. ކޮންމެ މީހަކު ވެސް އެ މީހަކު ބޭނުން މީހަކަށް ތާއީދުކޮށް މަސައްކަތް ކުރުމަކަށް ހުރަހެއް ނެތެވެ. ވަކި މީހަކަށްޓަކައި އެނެކަކު ކާފަރުކޮށް ނަރަކައަށްލާ ތިމާ ރުޙޭ މީހާއަކީ ސިއްދީގަކަށް ހަދައިގެން ދީން ވިއްކަން ނުހަދާށެވެ. 

އާނއެކެވެ. މި ދެއްކެނީ ސަމާސާ ވާހަކައެއް ނޫނެވެ. ވަރަށް ދުރާލާ ރޭވިގެން ބަޔަކު ދީނުގެ ނަމުގައި ވެރިކަމެއް ހޯދަން އުޅޭ ވާހަކައަކީ ކުޑަ ވާހަކައެއް ނޫނެވެ.  އަދާލަތުން އެމްޑީއޭއިން ޕީޕީއެމުން ޕީއެންސިއަށް ބަދަލުވެގެން ޑރ. މުއިއްޒު އެކުރެއްވި މަސައްކަތަކީ ސަލަފަށް ވެރިކަން ހޯދާ ދިނުމެވެ. ތާއީދު ހޯދުމަށްޓަކާ ރައީސް ޔާމީނުގެ ހިޔަނީގައި މުއިއްޒު ހުރެގެން ކުރަމުން އައި މަސައްކަތަކީ އެއީއެވެ. ޑރ. މުއިއްޒު ނިކުމެ އެހުރީ ޕީޕީއެމަށް ވެރިކަމެއް ކޮށްދޭކަށް ނޫނެވެ. މުއިއްޒު މެދުވެރިކޮށް ސަލަފުން ނަގަން އެ އުޅެނީ މައުމޫނީ ޖަނާބީ ފިތުނައިގެ ރިވެންޖެވެ.  

]]>
Tue, 05 Sep 2023 17:13:58 +0500 ހީރަސްނިއުސް
މުއިއްޒު ވާދަކުރަނީ ރައީސް ޔާމީނާ https://heerasnews.com/1778 https://heerasnews.com/1778 ޕީޕީއެމްގެ ރައީސް ޔާމީނުގެ ފޮޓޯ ހިފައިގެން ނިކުމެ މުއިއްޒު ވާދަކުރަމުން އެދަނީ ރައީސް ޔާމީނާއެވެ. ރައީސް ޔާމީނުގެ އަތްޕުޅުން ޕީޕީއެމް ޖަހައިގަންނަން ކުރެވޭ މަސައްކަތަށް ރައީސް ޔާމީނުގެ އެއްބާރު ލެއްވުމެއް ނެތެވެ. ރައީސް ޔާމީނު ވަނީ އެ މަނިކުފާނުގެ ވަފާތެރިންގެ ކިބައިން އިންތިހާބު ބޮއިކޮޓްކުރަން އެދި ވަޑައިގެންފައެވެ. ރައީސް ޔާމީނުގެ އަތްޕުޅުން ޕީޕީއެމް މުއިއްޒު ޖަހައިގަންނަން ފުރުސަތު ނުދޭން ޔާމީނުގެ ވަފާތެރިންގެ ކިބައިން  ތަކުރާރުކޮށް ރައީސް ޔާމީނު ވަނީ އެދވަޑައިގެންފައެވެ. 

ރައީސް ޔާމީނަށް އޮތް ތާއީދާ ހަމްދަރުދީގެ މަންފާ ހޯދުމަށް މުއިއްޒު ޔާމީނުގެ ނަންފުޅާއި ފޮޓޯފުޅު ބޭނުން ކުރާތީ ބަޔަކަށް މުއިއްޒަކީ ރައީސް ޔާމީނުގެ މީހާ ކަމަށް ހީވެދާނެއެވެ. ހީލަތްތެރި ކަމާއެކު މުއިއްޒު ޖަހައިގެން އުޅޭ ރައީސް ޔާމީނު މިނިވަން ކުރުމުގެ މަޅީގައި ބަޔަކު ޖެހިގެން އެބައުޅޭ ވެސް މެއެވެ. 

މުއިއްޒަކީ ފެށުނީއްސުރެ ރައީސް ޔާމީނުގެ ބާރުވެރިކަން ކަނޑުވާލަން ޕީޕީއެމްގެ ތެރޭގައި މަސައްކަތްކުރި މީހާކަން ރައީސް ޔާމީނުގެ ވަފާތެރިންނަށް އޮޅިފައެއް ނެތެވެ. ޕީޕީއެމްގެ ތާއީދު ހިފެހެއްޓުމަށް ރައީސް ޔާމީނުގެ ނަންފުޅު ބޭނުން ކުރަމުންދާ ދިޔުމުގައި ކަންވާނެ އޮތީ ދެގޮތެކެވެ. އެއްގޮތަކީ ރައީސް ޔާމީނުގެ ގޮނޑި ކޮއްކޮއެއް ގޮތުގައި މުއިއްޒު ވުމެވެ. އަނެއް ގޮތަކީ ރައީސް ޔާމީނު ބާކީކޮށް ޕީޕީއެމް މުއިއްޒުގެ މުށުތެރެއަށް ލުމެވެ. 

މުއިއްޒުގެ ވާހަކައިން  އެގޭ އެއްޗަކީ މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނު މިނިވަން ކުރިޔަސް ވެރިކަން ހިންގުމުގައި ރައީސް ޔާމީނަށް އެއްވެސް ބާރެއް ނުދޭނެކަމެވެ. ފުރިހަމަ ފަސްއަހަރު މުއިއްޒުގެ ވެރިކަމެއް އޮންނާނެކަމެވެ. ދައުރު މެދުން އިންތިހާބެއް ނުބޭއްވޭނެ ކަމެވެ. ނައިބު ރައީސް އިސްތިއުފާ ދީ ރައީސް ޔާމީނަށް ނައިބު ރައީސްކަން ނުދޭނެ ކަމެވެ. ރައިސް ޔާމީނަށް ނައިބު ރައީސްކަން ދިނުމަށްފަހު ރައީސް ޔާމީނަށް ވެރިކަން ހޯދާ ދިނުމަށް ރައީސްކަމުން މުއިއްޒު އިސްތިއުފާ ނުދޭނެކަމެވެ. 

ރާއްޖޭގެ ސިޔާސީ ހަގީގަތަކީ ވެރިކަން ލިބުމަށް ފަހު އެހެން މީހެއްގެ ލެގަސީ ނަގަހައްޓަން އެއްވެސް މީހަކު ނޫޅުމެވެ. ރައީސް ޔާމީނު ވަނީ ރައީސް މައުމޫނު ގެ ލެގަސީ ދުއްވާލާފައެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ތަޖުރިބާއިންވެސް ފެންނަނީ އެތަނެވެ. ލޭގެ ގުޅުމާ ގާތްތިމާގެ ކަމާއި އަހުވަންތަ ކަމުގައިވެސް މި ދެންނެވި ބޭބޭފުޅުންނަކީ އެކެއް އަނެކަކަށް ދުރުވެވެނެތް ބައެކެވެ. އެހެން ނަމަވެސް ވެރިކަމާ އާރާ ބާރާ ޖެހުމުން ކަންވީގޮތް އެހުރީ ދިރިހުރި މިސާލެއްހެން ފެންނާށެވެ. އެހެންކަމުން މުއިއްޒާ ރައީސް ޔާމީނަށް ވާނީ ވަކީން ކޮންގޮތެއް ހެއްޔެވެ. 

]]>
Sun, 27 Aug 2023 16:18:58 +0500 ހީރަސްނިއުސް
ސެމްބެއަށް: މުއިއްޒު ހިންގާނީ ޔާމީނުގެ ސިޔާސަތެއް ނޫން https://heerasnews.com/1754 https://heerasnews.com/1754 ބިޔަ ބޮޑު އިދިކޮޅު ކޯލިޝަނެއް އެބަ އޮތް ހެއްޔެވެ. ރޫޅާލަން އުޅޭނީ ބިޔަ ބޮޑު ލަޝްކަރެއް އޮތް ނަމަތާއެވެ. ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެއް ބުރުން ޕީއެންސީއަށް ކާމިޔާބު ކުރެވޭނެ ގޮތަކީ ނެތް ގޮތެކެވެ. ޕީއެންސީއަކީ މީހަކު ދަންނަ ބައެއް ނޫނެވެ. ހަމަ ގައިމުވެސް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ކޮޅުގައި ޕީޕީއެމެއް ނުއޮންނާނެއެވެ.

ޕީއެންސީގެ ޓިކެޓްގައި ސަލަފުގެ ކެންޑިޑޭޓަކު ނެރެގެން ރާއްޖޭގައި ސަލަފީންގެ ވެރިކަމެއް ގެންނަން އެންމެ ބޮޑަށްް ބޭނުންފުޅު ނުވާ އެއް ބޭފުޅަކީ ކުރީގެ ރައީސް ޔާމީނެވެ. އަދާލަތުން އެމްޑީއޭއިން ޕީޕީއެމަށް ފުންމާލާ ރައީސް ޔާމީނުގެ އަތްޕުޅުން ޕީޕީއެމް ޖަހައިގަންނަން މުއިއްޒު ކުރިހާ މަސައްކަތް އެންމެ ރަނގަޅަށް އެނގިވަޑައި ގަންނަވަނީ ރައީސް ޔާމީނަށެވެ.

މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނު މިނިވަން ކޮށްގެން ސަރުކާރު ހިންގުމުގެ ބާރުތައް ރައީސް ޔާމީނަށް ދިނުމަކީ މުއިއްޒު ކުރާނެ ކަމެއް ނޫންކަން ޕީޕީއެމްގެ ގިނަ މެންބަރުންނަށް އެނގެއެވެ. އިންތިހާބު ބޮއިކޮޓް ކުރަން ރައީސް ޔާމީނު އެދިވަޑައިގަތީ އެ މަންޒަރު ސާފުކޮށް ފެނި ވަޑައިގަންނަވާތީއެވެ. ތަޖުރިބާގެ އަލީގައެވެ. ރައީސް ޔާމީނަށް ހެޔޮއެދޭ އެއްވެސް ދިވެއްސަކު ޕީއެންސީ ކެންޑިޑޭޓަށް މިފަހަރު ވޯޓެއް ނުދޭނެއެވެ. 

ރައީސް ޔާމީނުގެ ދިފާއުގައި ޕީޕީއެމް-ޕީއެންސީގެ ބިޔަ ބޮޑު ލަޝްކަރު ހަރަކާތްތެރި ނުކުރުވީ ރައީސް ޔާމީނު މިނިވަން ކުރުމުގެ ވިސްނުން މުއިއްޒުމެންގެ ގައިގާ ނެތުމުންނެވެ. ރައީސް ޔާމީނު ބަންދުގައި ބާއްވައިގެން ރިޔާސި ޓިކެޓް ހޯދުން ނޫން ދެވަނަ ވިސްނުމެއް މުއިއްޒުމެންގެ ނެތެވެ. ޕީޕީއެމް ދޫކޮށް ޓިކެޓް އޮތް ތަނަށް ފުންމާލައިގެންވެސް މުއިއްޒު ހުރީ ޓިކެޓް ހޯދަން ހޭކެނޑިފައެވެ.

ރައީސް ޔާމީނުގެ ދިފާއުގައި މަގަށް ނިކުމެ އުޅުނީ ފަންސާހަކަށް މީހުންނެވެ. ރައީސް ޔާމީނު މިނިވަން ކުރުމުގެ ނިޔަތް އޮތްނަމަ ސަރުކާރަށް އޮބި ނޯންނަ ވަރަށް ޕްރެޝަރ ކުރެވުނީހެވެ. އެކަމަކު ލީޑަރޝިޕްގެ ގިނަ މީހުން ތިބީ އެކަން ކުރާކަށް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ރޭވުމާ އެއްގޮތަށް އެންމެ ފަހު ވަގުތު މުއިއްޒަށް ރިޔާސީ ޓިކެޓް ލައްކޮށްލީއެވެ. އިންތިހާބު ބޮއިކޮޓް ކުރަން ރައީސް ޔާމީނު ވިދާޅުވެ ވިދާޅުވެ ހުންނަވަނި ކޮށެވެ. 

ޑރ. މުއިއްޒުގެ ވެރިކަމެއްގާ ތަންފީޒުވެގެން ދާނި ރައީސް ޔާމީންގެ ސިޔާސަތެއް މެނިފެސްޓޯ އެއް ނޫނެވެ. ރައީސް ޔާމީނަށް ވެރިކަމުގެ ތެރޭގައި ބަސް ނުކިޔޭނެ ހުރިހާ ގޮތެއް ހެދުމަކީ މުއިއްޒުގެ މުޅި އެޖެންޑާއެވެ. މުއިއްޒު ހިންގާނީ ބާބުލްއަވާލީގެ ސިޔާސަތެވެ. ރައީސް ޔާމީނާއި ޕީޕީއެމްގެ ސިޔާސަތެއް ނޫނެވެ. 

]]>
Wed, 16 Aug 2023 16:55:29 +0500 ހީރަސްނިއުސް
ޕޯޓްސިޓީ ހަގީގަތަަކަށް ހެދުމަށް ދެވަނަދައުރު ދޭންޖެހޭ: ސައްލެ https://heerasnews.com/1649 https://heerasnews.com/1649 އިހަވަންދިއްޕޮޅުގެ ޕޯޓް ސިޓީގެ މަޝްރޫއު ހަގީގަތަަކަށް ހެދުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ސައްލެ ގޯވާލައްވައިފިއެވެ.

ރައީސް ސާލިޙަކީ އެއް ވިޝަނެއްގައި އެއް މިސްރާބަކަށް އެއް އަމާޒަކަށް ގައުމުގެ ތަރައްގީއާއި ރަށް ރަށުގެ ތަރައްގީ ގެނެސްދެއްވި ބޭފުޅެއް ކަމަށް އަހުމަދު ސަލީމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި ރައީސް ސާލިޙަކީ ޖުމުލަކޮށް މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވާ ބޭފުޅެކެވެ.

ރާއްޖޭގެ ހަނި އިގްތިސާދު ފުޅާކުރެއްވުމަށް އެ މަނިކުފާނު ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށާއި ރާއްޖޭގެ ތަރައްގީއަށް އެހެން ކެންޑިޑޭޓުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ހއ. ހޯރަފުށީގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވީ، ރައީސް ސާލިޙަކީ ރައްޔިތުންނަަށް އޯގާތެރި ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ ޓީމަކާއެކު އުޅުއްވަން އެނގިވަޑައިގަންނަވާ ހަމަ އެކަނި ކެންޑިޑޭޓް ކަމަށް ސަލީމް ވިދާޅުވިއެވެ. އިހަވަންދިއްޕޮޅުގެ ޕޯޓް ސިޓީގެ މަޝްރޫއު ހަގީގަތަަކަށް ވާން އޮތީ ރާއްޖޭގެ ޒައާމަތާއި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ހަވާލުވެވަޑައިގަންނަވައިގެން ކަމަށް ސަލީމް ތަކުރާރުކޮށް ވިދާޅުވިއެވެ. 

"އަޅުގަނޑުމެން އުއްމީދު ކުރާ އިހަވަންދިއްޕޮޅުގެ ޕޯޓް މަޝްރޫއު ހަގީގަތަކަށް ވާން އޮތީ ހަމަ މި ރައީސް އަނެއްކާވެސް މި ރާއްޖޭގެ ޒައާމަތަށް ވަޑައިގަންނަވައިގެން، އެކަމަަށްޓަކައި ވިޝަން އެއް އޮތް ތަސައްވަރެއް އޮތް ތަރައްގީގެ އަމާޒު ހިއްޕަވާފައިވާ ވެރިއަކާއިއެކު ނޫނީ އަޅުގަނޑުމެން އިންތިހާބާއިގެން ކުރިއަށް ދާކަން ނެތިން،" ސަލީމް ވިދާޅުވިއެވެ.

]]>
Wed, 19 Jul 2023 14:08:26 +0500 ހީރަސްނިއުސް
ދަނޑި މުކޮހުންނަށް އެމްޑީޕީ ރޫޅާލަން ކުރެވޭނެ ކަމެއްނެތް https://heerasnews.com/1631 https://heerasnews.com/1631 17 ވަރަކަށް އަހަރު ވާންދެން އަންނި އެޅިހާ ބަތަކަށް ރިހަވެފައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ) އަންނިގެ މުށުތެރެއިން ދެމިގަތީ ލޮނދި ހިކައެއް ދެމިގަންނަ ހެންނެވެ. އަންނިއަށް ޕާޓީގެ ޕީޖީ ގްރޫޕްގެ ކޮންޓްރޯލު ގެއްލި ބަސް ނުވިކި ދިޔަތާ ކޮން ދުވަހެއް ހެއްޔެވެ.

ގޮނޑިކޮއްކޮ އަކަށް ހަދައިގެން އުޅުނު ގައުމީ މަޖިލީހުގައި އަންނި ޖެހުނީ ހުޅުހުޅުން ދޫވެ ބަނޑު ބިންމަތީ ދެމޭށެވެ. ރަބަރު ތައްގަޑަކަށް ގެންގުޅުނު ސެކެރެޓެރިއޭޓްގެ ފައިފުއްސަކަށް ވެސް އެންމެ ފަހުން އަންނި ކަމުނުދިޔަ ނޫން ހެއްޔެވެ. ކޮންގްރަސް ދިޔައީ ބޯމަތިންނެވެ. ރިޔާސީ ޓިކެޓް ނުލިބި އެންމެ ފަހުން މަނާ މަންތިރިވެ އަރާނެ ގެ ހުސްވީއެވެ.

އެމްޑީޕީ ހޯދަން ކުރިބޯށިން ފުންމާ ނުލާން އިންދާ ވާބޮއެފާ ވައްޓާލާ ކަށިކެޔޮ ވަކެއްހެން ގުޅަޔަކަށް ޖެހުނީ ބިންމައްޗަށެވެ. ގުޅަޔަކަށް ބިމަށް ޖެހުނީމާ ތެދުވެ މޭގައި އަތްޖަހާފައި ދެން ނިކަން ޖަހާބަލާށޭ ގޮތްވަކަސް ޑަރުވެސް ބަޔަކަށް ހީނުވާނެއެވެ. 

އެމްޑީޕީ ސަރުކާރަކީ އަންނިގެ ގޮނޑި ކޮއްކޮއަކަށް ހަދަން އަތުރާލި ކުޅިބައިން ފަހަރަކު ކުޅިއެއް ޖަހާ އަންނިގެ ކުޅިތައް ރާޒުވާ ގޮންޑިމަތން ހުސްވެއްޖެއެވެ. ބާރުކެނޑިފައި ނަކަސް ތަޅަން ތިބި މަދު ކުޅިކޮޅު ވެސް ގޮތް ހުސްވާން ފެށުމުން ހިލޭ ޖަހަންދީ ހުސްވެ ނިމެނީއެވެ.

އާނއެކެވެ. ސަރުކާރުތެރޭގައި ތިބި އަންނިގެ މީހުންކޮޅު މަޑުމަޑުން އިސްތިއުފާ ދީފާ ނިކުމެގެން އެދަނީއެވެ. އެއްޔަކީ ކުރިއަކުންވެސް އެމްޑީޕީކޮޅަށް ކުޅޭ ބައިކޮޅު ކުޅުން ތެރިން ކަމަކަށް ބަލާބައެއް ނޫނެވެ. އެމްޑީޕީ ރޫޅާލަން އިތުރަށް އަންނިއަށް ދެން ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. 

ބަލަން ތިބޭށެވެ. ފުއްޕާފައި ރެޓުންނާގުޅު ކިތަންމެ ބަޔަކު މުކޮހުންގެ ގޮތުގައި ނުތިބޭން އެނބުރި އަންނަތަން ފެންނާނެއެވެ. މުކޮހުންގެ އަސާސަކީ އަންނިއާއެކު ނަކަސް ތެޅުމެވެ. އަންނި ބޭނުންނުވާ މިންވަރަކަށް މޮކޮހުންގެ ތެރެއިން އެއްވެސް މީހަކަށް ބާރުވެރިކަމެއް ލިބޭނަމަ އެމީހެއްގެ ޒަމާން ދުއްވާލަތަން ދެކެން އެބަތިބީމެވެ. ދަނޑި މުކޮސް ތަރުތީބު ވެގެން ކަންކަމަށް މީހުން އިސްކުރަން ފެށުމާއެކު މަތީފަޑި އޮންނަގޮތް ބަލަން ތިބޭށެވެ. 

އެމްޑީޕީގެ ފުލުވަކަށް ވެގެން އެމްޑީޕީއާއި ސަރުކާރާއި ރާއްޖެ އަމިއްލަ މިލްކަކަށް ހަންދަން އަންނި އުޅުނު އުޅުން ދިވެހި ރައްޔިތުން ނިންމައިފިއެވެ. އިތުރަކަށް ދަނޑި މުކޮހުންނަށް ކުރެވޭނެ ކަމެއް މި ގައުމަކު ނެތެވެ. އަމްދުން ދަނޑި މުކޮހުންނަށް އެމްޑީޕީ ރޫޅާލަން އިތުރަށް ކުރެވޭނެ ކަމެއްނެތެވެ. އެމްޑީޕީ ދެވަނަ ދައުރު ކަށަވަރު ކުރާނީ ދަނޑި މުކޮހުން ނަކަސް ތަޅަތަޅަ ތިއްބައެވެ.

]]>
Fri, 14 Jul 2023 01:11:24 +0500 ހީރަސްނިއުސް
އީވާއަށް: ރެޓުންނަށް އުފެއްދޭނީ ދަނޑިރޮޓި ސަރުކާރު https://heerasnews.com/1616 https://heerasnews.com/1616 ޑިމޮކްރެޓްސްއާއި ނުލައި ދެން އަންނަ ސަރުކާރެއް ނުއުފެއްދޭނެ ކަމަށް އީވާ ބުނުމަކީ ސިއްސައިގެން ދާވަރުގެ ވާހަކައެއް ނޫނެވެ. ދިވެހި ރައްޔިތުން މޮޔަވެގެނެއް ނޫޅެއެވެ. މާ މޮޅު ވާހަކައަކަށް ވެގެން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ ނެތް ކަމަށް ބުނެ އީވާ ވާހަކަ ދެއްކީމާ އަންނަނީ ހިންޏެވެ. އެމްޑީޕީ ނެތީ އީވާއަށާއި އަންނިއަށާއި ތިންހަހެއްހާ ރެޓުންނަށެވެ. 

ރާއްޖޭގައި އެންމެ ފަހުން އޮތް އެންމެ ބޮޑު ދެ ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީކަމެއް ލޮލަށް މިރުސް  އެޅިފާހުރީމާ އީވާއަށް ނުފެނި ދާނެއެވެ. ޓްވިޓަރ ކޮމިއުނިޓީގައި ހަސަންކުރުސި ނަގާ ޕޯލުން އީވާ އަކަށް އެމްޑީޕީއެއް ނުފެންނާނެއެވެ. ކުޑަރަށެއް ބޮޑު ރަށެއް ނެތި ދިވެހި ރާއްޖޭގައި ރައީސް ސޯލިހަށް އޮތް ތާއީދު ފެނި ހަގީގަތް އޮޅުވަން ޕޯލޭ ދަށްގޮހޮރޭ ކިޔަނީ މޭކަރަލެއް ބޮޑު ކަމުންނެވެ. 

މާލެސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުވާލީ އެމްޑީޕީގައި ތިބި ކެނެރީ ކަތުރުފަނިތައް ބޭނުންވި މީހުނަށް ޕާޓީ ޓިކެޓް ނުލިބުމުން އުފެއްދި ފިތުނަޔާ ހުރެކަން އެމްޑީޕީއަކަށް އޭރަކުވެސް މިހާރަކުވެސް ނޯޅެއެވެ. އެމްޑީޕީގެ މަތިފަޑީގައި ތިބެ ސަރުކާރު ފޭލިކޮށްލަން ކެނެރީ ކަތުރުފަނިތައް ކުރިމަސައްކަތް ފޭލިކޮށްލުމުން މިހާރު ތިޔަ ތިބީ އެމްޑީޕީއަށް ހިޔަނި ނޭޅޭ ވަރަށް ބޭރުވެވިފައެވެ. ސަރުކާރުގައި ތިބެ އިދިކޮޅަށްވުރެ އިދިކޮޅުވެގެން އެންމެފަހުން ތިޔަ ތިބީ ޅިދުން ނެއްޓި ފޮށާ ވެއްޓިފައެވެ. 

އަދާލަތައި ސަން ސިޔާމް ގަދަކޮށް ރައީސް ސޯލިހާއެކު ތިބިތަނެއް ނުފެނޭހެއްޔެވެ. ރިޔާސީ ޕްރައިމަރިގައި ނަޝީދަށް ވޯޓުދިން އެންމެން ރެޓުންނަށް ނުވީމާ އަސަރު ކުރާނެއެވެ. އެމްޑީޕީން ކަޑާލައިގެން އުޅުނު 39000 މީހުން ރެޓުންނަށް ނުވީމާ ރާކަނިމަސް ކެވިއްޖެ ނޫން ހެއްޔެވެ. ފިކުރެއްގެ ދިރުމަށް ސޮއިކުރި 50000 މީހުން ރެޓުންނަށް ނުވެ ތިބީ ކަށްވަޅުގައި ތިބީމާ ހެއްޔެވެ. 

އީވާމެން ހިސާބު ޖަހައިގެން ރައީސް ސޯލިހަކީ އެ މަނިކުފާނުގެ އަމިއްލަފުޅު ވޯޓުވެސް ލިބިވަޑައި ނުގަންނަވާނެ ބޭފުޅެއް ކަމަށް ހިސާބު ޖަހާ ނަތީޖާ ނެރޭފާނެއެވެ. ވެޔޮވިލާގައި ވެޔޮ އިންދައިގެން ނުފަޅާ އުޅެނިކޮށް ރަހުމަތްފުޅާއެކު ރައްޔިތުންގެ ސާފު ވޯޓުން އެއްބުރުން ރައީސް ސޯލިހު ދެވަނަ ދައުރު ކާމިޔާބު ކުރެއްވީމާ ރަކިފަށެއް ވާނެތާއެވެ. އޭރަކުން ސަރުކާރު އުފައްދަން ރެޓުންނަކަށް ދައުވަތެއް ނުދޭނެއެވެ. ރެޓުންނަށް އުފެއްދޭނީ ދަނޑިރޮޓި ސަރުކާރެވެ.  

]]>
Mon, 10 Jul 2023 15:59:31 +0500 ހީރަސްނިއުސް
ނަޝީދު ފޮޓޯ މުހިންމެއް ނޫން https://heerasnews.com/1578 https://heerasnews.com/1578 އަޑަށް ބާރުލާފައި ވަރަށް ގިނައިން ދައްކާތީ އިވޭ ވާހަކަ އެކެވެ. ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ހޮވުނު މެންބަރުންނަކީ ވަކި މީހަކު ހޮވާދީގެން މަޖިލީހަށް ވަދެވިފައި ތިބި ބައެއްކަމަށް ބުނެ ދައްކާާ ވާހަކައެވެ

ގަބޫލު ކުރަން. ޖެހޭ އެންމެ ބޮޑު ހަގީގަތަކީ އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ އިސްލާހުގެ އަނެއް ނަމެވެ. ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިންމަން ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ހިންގި އިސްލާހީ ހަރަކާތް ހިންގީ އެކެއް ދެމީހެއް ނޫނެވެ. ކަމަކީ ވަކި އެކަނި އެކަކަށް ހިންގޭ ވަރަށްވުރެ ބޮޑު އުދަގޫ ކަމެކެވެ. އެތެރެއާއި ބޭރުގައި އެތައްބަޔަކުވީ ބޮޑު ގުރުބާނީއެކެވެ.

މަލްޓިޕާޓީ ޑިމޮކްރަސީ ގާއިމު ކުރެވި އެމްޑީޕީ ވުޖޫދުވެގެން އައިރު އައީ ވަކި މީހަކަށް ނިސްބަތްވުމުގެ ބަދަލުގައި އިސްލާހީ ހަރަކާތުގެ ގޮތުގައެވެ. އެހެނަސް ރައީސް ނަޝީދަށް ވެރިކަން ލިބުމާއެކު ޑިމޮކްރެޓިކް ހަމަތަޢް އެއްފަރާތްކޮށް އެމްޑީޕީއަކީ ރައީސް ނަޝިިދުގެ ގޮނޑިޮއްކޮ އަކަށް ހަދާ މުޅި އިސްލާހީ ހަރަކާތާއި އެމްޑީޕީއަކީ ރައީސް ނަޝީދު ކަމަށް ހެއްޖެވެ. 

ކޮންމެ ކަމެއްގައި އެމްޑީޕީއަށް ވުރެ ބޮޑަށް ރައީސް ނަޝީދު ގެ ނަން ފެވިފެވީނުން ކުރިހާ ކަމަކާ ނުކުރާ ކަންކަމަށް ދާންދެން ކްރެޑިޓް ދޭ ފަރާތަކީ ރައީސް ނަޝީދަށް ވިއެވެ. 

އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީއަށް އިންތިހާބުތައް ކާމިޔާބު ކޮށްދޭން އުޅެންޖެހޭ ފަރާތަކީ ޕާޓީގެ ރައީސްއެވެ. މަޖިލީހަށް އެމްޑީޕީ މެންބަރުން ހޮވަން ކުރެއްވި މަސައްކަތެއް ނަޝީދު ކުރެއްވީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުންނެވެ. ފޮޓޯ ޖެހިޔަސް މާޖެހިޔަސް ރައްޔިތުން ވޯޓުދިނީ އެމްޑީޕީއަށެވެ. 

އެންމެ ފަހުން އޮތް އާއްމު އިންތިހާބުގައި ނިލަންދޫ ދާއިރާ ނޫން ހުރިހާ ދާއިރާއަކަށް އެމްޑީޕީ ކުރިމަތިލިއެވެ. ރައްޔިތުން ވޯޓު ދިނި އެމްޑީޕީ އަށެވެ. ނަޝީދަކަށް ނޫނެވެ. ކޮމަންޑޫ ދާއިރާ އާއި ގުރައިދޫ ދާއިރާގައި އެންމެ ފަހުން އޮތް ބައި އިލެކްޝަންގެ ނަތީޖާއިން ނަޝީދު ފޮޓޯގެ މުހިންމު ކަމެއް ނެތްކަން ވަރަށް ސާފެވެ.

]]>
Thu, 29 Jun 2023 21:50:10 +0500 Chief Editor
ށ އަތޮޅުން ޖޭޕީ ފުހެވެނީ https://heerasnews.com/1572 https://heerasnews.com/1572 ޖުމްހޫރީ ޕާޓީ ށ. އަތޮޅުން ފުހެވެނީ ބަލަބަލާ ތިއްބައެވެ. އެ ޕާޓީގެ ށ. ދާއިރާގެ ރައީސް އަޙްމަދު މާހިރު އާއި ޖޭޕީގެ ށ. އަތޮޅު ކެންޕެއިން މެނޭޖަރު ޢަބްދުއްލާ ޝަފީޤް އެމްޑީޕީއަށް ސޮއި ކުރެއްވުމަކީ އޭގެ ހެއްކެވެ.

މި ދެ ބޭފުޅުން ޖުމްހޫރީ ޕާޓީ ދޫކުރައްވާ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ އެމްޑީޕީއަށް ސޮއިކުރެއްވީ މިއަދު މުލިއާގޭގައެވެ.ދެ ބޭފުޅުންވެސް އެމްޑީޕީއަށް ސޮއި ކުރެއްވީ އެމްޑީޕީޑީގެ އިސްލީޑަރު އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާޒިރުގައެވެ.

އެމްޑީޕީއާއި ޖޭޕީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް މިމަހުވެސް ސޮއިކޮށްފައިވެއެވެ. އޭތެރެގެރޭގައި ޖޭޕީގެ ކުރީގެ ކައުންސިލް މެންބަރުން ހިމެނޭގޮތަށް ޖޭޕީގެ ކުރީގެ ގިނަ މެންބަރުންތަކެއް ވެސް ވަނީ އެމްޑީޕީއަށް ބަދަލުވެފައެވެ.

]]>
Mon, 26 Jun 2023 18:10:44 +0500 Chief Editor
ވަކި ފަރުދަކަށްވުރެ އެމްޑީޕީ މާބޮޑު: ފައްޔާޒު https://heerasnews.com/1569 https://heerasnews.com/1569 އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ މާބޮޑެވެ. އަދި މި ގައުމު ވެސް ވަކިފަރުދަކަށް ވުރެ މާ ބޮޑެވެ. އެމްޑީޕީގައި އެ ފަލްސަފާ އަށަގަތުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި މޭރުމުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލު ވާހަކަފުޅު ދެއްކެވީ އެމްޑީޕީއަށް 18 އަހަރު ފުރުން ފާހަގަ ކުރެވޭ ކުރުމާ ގުޅިގެންނެވެ. 

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވުމުން ކުރަން ޖެހުނު ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް ހުޅުވާލެވުނު ދޮރެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެކިވަޑައި ގަންނަވައެވެ. އެމްޑީޕީން ބަޔަކު ވަކިވެގެން ދިއުމުން އެހިތާމަ ހިތުގެ އެއް ފަޅީގައި ބަނދެގެން އެމްޑީޕީން ހިތާމަ ބަރުދާސްތު ކުރަމުންދާ ކަމަށްވެސް ފައްޔަ ވިދާޅުވެއެވެ. 

އެތެރޭގެ ގޮންޖެހުން ތަކުން ކުރިމަތިވިި ތަކުލީފު ތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލުކުރާނެ އެންމެ އުނދަގޫ މަރުހަލާކަމަށް ވިޔަސް ކެތްތެރިކަމާއެކު ޕާޓީގެ މަސްލަހަތު ހިފެހެއްޓި އެމްޑީޕީގެ އަސާސްކަމުގައިވާ ޑިމޮކްރަސީގެ ހަމަތަކަށް އެންމެ ކުރިއަށް ނެރެ ހިތި ހަގީގަތްތަކާއެކު ހިތުގެ އެއް ފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީ ބަރުދާސްތު ކުރި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ސިޔާސީ ހަލަބޮލިކަމާއި ދެބަސްވުމާއި ޒުވާބަކީ މުޅި އުމުރު އުފުލޭނެ ބުރައެއް ނޫން ކަމަށާއި އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔުމުގެ އިހުސާސް މުޅި ރާއްޖޭގައި މިއަދު އެބަ ހިނގާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެތައް އަހަރަކުން ނުވެ ދިގުލި ކިތަންމެ ތަކުލީފެއްގެ ހައްލު 2018 ގައި އެމްޑީޕީން އުފެއްދި ވެރިކަމުން ރައްޔިތުންނަށް ލިބެން ފަށައިފިކަމަށް އެކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

]]>
Mon, 26 Jun 2023 12:18:29 +0500 ހީރަސްނިއުސް
ކޮންމެ ކޯލިޝަނެއް ރޫޅުމުގެ ސަބަބަކީ ޖުމްހޫރީ ޕާޓީ https://heerasnews.com/1560 https://heerasnews.com/1560 އަންތަރީސް ވާވަރުގެ ކަމެކެވެ. ރިޔާސީ އިންތިހާބަށް ދޮންކުރީމާ ހޭލާ މޯޅިއަކަށް ދެމިލާ ދައުލަތް ލޫޓުވާލަން އަޅާ ކަނދު ފައްޗެއްގައި ތިބޭނީ ކޮން މެންބަރުންނެއް ހެއްޔެވެ. ދެބައިންބައިވެ ބޭނުން ކެނޑިގެން އެހެން ޕާޓީތަކުން ބާކީވާ ކުނިބުނި އެއްކޮށްގެން ޕާޓީއެކޭ ކިޔައިގެން އުޅުނަސް ޖުމުހޫރީ ޕާޓީ އަކީ ޕާޓީއެއް ނޫނެވެ. ޖުމްހޫރީ ޕާޓީގެ ކުރީސަފަށް ބަލައިލުމުން އެތާތިބީ ކީއްކުރި ކޮންބައެއްކަން ވަރަށް ސާފެވެ.

ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ ޕާޓިއެއްގެ ގޮތުގައި ހަރަކާތްތެރި ކަމެއް ނެތި ސަރުކާރުން ބައި އަޅައިގެން ކައިރިއަށް ބޮޑު ކުރުން ނޫންކަމެއް ޖޫމްހޫރީ ލީޑަރަަށް ކުރެވޭހެއްޔެވެ. ކުރުކޮށް ބުނަންޏާ ޖުމްހޫރީ ޕާޓީއަކީ ވިލާ ކުންފުނީގެ ސިޔާސީ ވިންގެވެ. އެވިންގުން ކުރާހާ ކަމަކީވެސް ވިލާ ގްރޫޕަށް ވިޔަފާރި ހޯދުމެވެ. އެވިޔަފާރި ހޯދުމަށްޓަކައި ކޮންމެ ރިޔާސީ އިންތިހާބެއްގައި ވާދަކޮށް ގަދަ ދޭކަށް ނުގޮސް ގަދަވާ ފަޅިއަކަށް އަރާ ކުޅަދު ހަމަ ކޮށްލައިގެން ދައުލަތުން ބޮޑުބައެއް ނަގައިގެން ވިލާގެ ވިޔާފާރި ފުޅާކުރެއެވެ. 

ވިލާގެ ވިޔާފާރި މަސްލަހަތު ހުރި ހުރިހާ ވުޒާރާއެއްހެން އަތްދަށު ލައެވެ. 2008 ގައިވެސް 2013 ގައިވެސް ކަންތައް ކުރީ އެހެނެވެ. ރައީސް ނަޝީދާ ރައީސް ޔާމީނުގެ ހިޔަޅުކަން ބޮޑު ކަމުން މާގިނަ ވަންނި ވަންނިއެއް ނުޖެއްސުނެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާ ޑރ. ވަހީދު ކޮނޑަށް ސަވާރު ވެގެން ލައްކަ މޮޅު އެޅިއެވެ. އެޅި މޮޅުގައި ނިކަން ރަނގަޅަށް ކަޅާކޮށްލިއެވެ. އުސޫލުން ބޭރުން ދައުލަތަށް ބުރައަކަށް ވާނޭހެން ބިންތަކާ ފަޅުތަކާ ހޯދާ އެއްބަސްވުމާ އެއްގޮތަށް އެ ތަންތަން ތަރައްގީ ނުކޮށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ނެގުނުހާ އެޑްވާންޓޭޖެއް ނެގިއެވެ. 

ސަރުކާރު ތެރޭގައި ކަންކުރަން ތިބި މީހުންނަކީ ވިލާގެ އެޖެންޓުންނަށް ހަދާ އެމީހުން ލައްވާ ދައުލަތަށް ގެއްލުން ވާގޮތަށް އެގްރިމަންޓްތައް ހައްދާ ދައުލަތުން އަޅާ އިސްލާހީ ކޮންމެ ފިޔަވަޅަކުން އަތްގުޅި ނުކާވަރު ބަދަލެއް ދައުލަތުން ވިލާއަށް ދޭންޖެހޭ ގޮތަށް ކަންކަން ކުރީ އެނގި ހުރެއެވެ. ވިލާގެ ވިޔާފާރިއަށް ނަފާވެރި ގޮތް ގޮތަށެވެ. ދުވަހަކު ވެސް ދިވެހި ދައުލަތް ވިލާގެ އަތްދަށުން ސަލާމަތް ނުވެވޭ ގޮތަށެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި ބާތިލު ކުރެވުނު އެގްރިމަންޓް ތަކުން އެކަން އެހެރީ ސާފުކޮށް ފެންނާށެވެ. ސަރުކާރުން ވިލާއަށް އަދުލުވެރި ބަދަލު ދިނުން ނޫން ކަމެއް ނުކުރެވޭ ވަރަށް ދައުލަތް އޮތީ ކުރިއްސުރެ ވިލާގެ މުށުތެރޭގައި ގައިދުކޮށްފައެވެ. 

2018 ގައި ޔާމީނު ނޫން ގޮތެއް ހޯދަން ދިވެހި ރައްޔިތުން ކުރި ދަތުރުގައި މިހާރު މި އޮތްވެރިކަން ގެނައުމަށް ޖުމްހުރީ ލީޑަރުގެ މުދަލާ ފައިސާ އިންވެސްޓްކުރީ ދެ ސަބަބަކަށްޓަކައެވެ. ޖުމްހޫރީ ލީޑަރާއި އެ ލީޑަރުގެ ދަރި ޖަލުގެ ތޭރިތަކުގެ ބިއްދަށުން ނިކުތުމަށާއި ވިލާގެ ވިޔަފާރީގެ ކުރި މަގަށްޓަކައެވެ. ވިލާގެ ސިޔާސީ ވިންގުން މި ސަރުކާރުގެ މައްޗަށް އަތް ގަދަކޮށްފައި އޮތީ ބޯވައެއް ހަކި ހިއްޕާލާ ފަދަ ގޮތަކަށެވެ. މަސްލަހަތު ހުރި ހުރިހާ މިނިސްޓްރީއަކާއި މުއައްސަސާއެއްގެ މައްޗަށް ޖުމްހޫރީން އޮތީ ސަވާރުވެއެވެ. 

ކަނޑާ އެއްގަމާ ވައިގެ ދަތުރުން ވިޔާފާރި ތަންމިނަށް ކުރާ ވިލާ ގްރޫޕްގެ އިސްވެރިޔާގެ އަނބިމީހާއަކީ ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން ވަޒީރަކަށް ހުރެ ކަންކަން ހިންގާނެ ގޮތް އޮތީ ހިތައް އަރުވާލުމެވެ. ރިސޯޓު ވިޔަފާރީގައި އެންމެ ގިނަ އެނދު ގެންގުޅޭ ވިލާ ގްރޫޕްގެ ސިޔާސީ ވިންގަށް ޓޫރިޒަމް މިނިސްޓަރުކަން އޮތުމުން ވާނެގޮތުގެ ވާހަކަ ހެޔޮވާނީ ނުދެއްކުމެވެ. ދަނޑުވެރިކަމާ މަސްވެރިކަމުގެ ވިޔަފާރީގައި ވާދަވެރި ވިލާ ކުންފުންޏަށް މަސްވެރިކަމާ ދަނޑުވެރިކަމުގެ ވަޒީރުކަން އޮތީމާ ދެން ވާނެގޮތް ހިތައް އަރުވަލާށެވެ. މިހެން ކިޔަނެ ކަމެއްނެތެވެ. 

ދައުލަތުން ނެގުނުހާ ނަފާއެއް ހައްގުންނާއި ނުހައްގުން ހޯދަމުން އެއްބަސްވި ގޮތަށް ސްލޮޓްތައް ނުދޭ ވާހަކަ ދައްކަނީ ކާކަށް ކޮން އެއްޗެއް އޮޅޭނެ ކަމަށް ހެއްޔެވެ. ފެމުނު މިޔަރުގެ އަނގަޔަށް ކަނޑު ކަހަލާހެން ދައުލަތް އެކީ ނުލިބެންޏާ އެއްޗެއް ލިބުން ކަމަކަށް ނުވާނެއެވެ. 

ހެޔޮވިސްނި ވާނުވާ ސާފު ވީވީހެން ސްލޮޓް ތަކުގައި ތިބި މީހުން ކީއްކުރަން ހެއްޔެވެ. ކައިރީގައި ތިބި މީހުންވެސް ޖުމްހޫރީ ދޫކޮށް ބަޗާނެއެވެ. ކޮންމެ ކޯލިޝަނެއް ހަލާކުވުމުގެ ރޫޅުމުގެ ސަބަބަކީ ޖުމްހޫރީ ޕާޓީއެވެ. އެމީހުންގެ އަމިއްލަ އެދުމެވެ. ވިލާ ގްރޫޕްގެ ސިޔާސީ ވިންގ ޖުމްހޫރީ ޕާޓީގައި އޮތް ވިޔަފާރި މަސްލަހަތެވެ. 

އާނއެކެވެ. ރިޔާސީ އިންތިހާބަށް ދޮންކުރަން ދެން ޖުމްހޫރީ ކޯލިޝަނުގައި އޮންނާނެއެވެ. ސަރުކާރުން ނެނގުނުހާ ފައިދާއެއް ނަގާ ފުރިއަރަންދެން ކުކުރާވެސް ނުލާނެއެވެ. އެޅިހާ ބަތަކަށް ރިހަވާނެއެވެ. ރިޔާސީ އިންތިހާބު ބޯމަތިވުމުން ހިފި ނުހުރެގެން ތެޅިފޮޅެގަނެއެވެ. ކޮޅުމައްޔަލަށް އެހެލާފާ ދޯންޏެއް ހުއްޓަސް ކޮޅާ މަދަން އަޅާ ބާލައިގެން ޖުމްހޫރީން ކަނޑު ދުވަން ނިކުންނާނެއެވެ. ކޯމަހު ކުރި އައިނެއް ތިލަވޭތޯ ޖުމްހުރީން މަރުފަލި ޖަހަން ފަށައެވެ.

]]>
Sat, 24 Jun 2023 20:40:59 +0500 ހީރަސްނިއުސް
އެމްޑީޕީ ގެއްލޭތަން ފެނިގެން ޖެހި ސްޓަންޓް ގޮވީ އަތަށް https://heerasnews.com/1445 https://heerasnews.com/1445 ޖަޒްބާތުގައި ޖެހި ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގި ގެއްލުނު ތާއީދު ހޯދަން ބޮންޑޭއެއް ކަމަކު މާ ޑިމޮކްރެޓކް ވާނެކަމެއް ނެތެވެ. ކުރީގެ ރައީސް ނަޝީދަށް މޭ ހައެއްގައި ދިންހަމަލާ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށި ފުޅުގައި އެޅުވުމަށް ވުރެ ރައީސް ނަޝީދުގެ އަމިއްލަފުޅު އިސްތަށިފުޅުގައި އެޅުވިއްޔާ މާތާހިރު ވާނެއެވެ. އެކަމަށް ބާރުލިބޭ ހެކިތައް މާގިނައެވެ. 

ދުވަސްވަރަކީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ އެއްގެ އެންމެ ފޯރިގަދަ ދުވަސްވަރެވެ. މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަ ކުރަނީ ސިޓީކައުންސިލްގެ ކުރީގެ މޭޔަރ ޝިފާ މުހައްމަދާއި އަކްރަމް ކަމާލުއްދީންއެވެ. ޝިފާއަކީ ނަޝީދުގެ ކަލްޓްގައި ހިމެނި ވަޑައިގަންނަވާ ނަޝީދުގެ ނަށާމާގަނޑެއް ފަދަ އާއިލީ ބޭފުޅެކެވެ. ރައީސް ނަޝީދު ބޭނުންފުޅުވީ ޝިފާއަށް އެގޮނޑި ކާމިޔާބުކޮށް ދެއްވުމަށެވެ. އެކަމަށްޓަކާ އަކުރަމް ކަމާލުއްދީނަށް ވާދަނުކުރެއްވޭނެ ހުރިހާ ގޮތެއް ހައްދަވަން ރައީސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. ރައީސް ނަޝީދުގެ އާދައިގެމަތިން އެންމެ ގަދަޔަށް ކުރައްވާ އެއްކަމަކީ ވާދަވެރިޔާގެ އަބުރު ނަގާލައި ރައްޔިތުންގެ އިތުބާރު ނަގާލުމެވެ. 

އަކަރަމް ކަމާލުއްދީނާ ގުޅުވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އަޑު ހަރުކޮށްލިއެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ރިޕޯޓްގައި އެ ނޫން ނަމެއް ނެތް ކަހަލައެވެ. އެ ވާހަކަ ނިކަން ރަނގަޅަށް ވައިގައި ހިއްޕާލުމަށް ފަހު އަކުރަމަށް އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދު ކުރެއްވުމަށް ގައުމީ މަޖިލީހަށް ގަރާރެއް ހުށަހެޅުވިއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ އެއްވެސް މީހަކަށް އެމްޑީޕީގެ އެތެރޭގެ އެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅުމަށެވެ. ސީދާ އަކުރަމުގެ ކެންޑިޑެންސީ ބާތިލު ކުރުމަށެވެ. އެގޮތަށް ގައުމީ މަޖިލީހުން ފާސްކޮށްގެން އަކުރަމަށް ކުރިމަތިނުލެއްވޭނެ ގޮތް ހެއްދެވުމަށް ރައީސް ނަޝީދު ކުރެއްވި މަސަކަތް ނާކާމިޔާބުވިއެވެ. އަކްރަމަށް ވާދަކުރައްވަން ފުރުސަތު ލިބި ވަޑައިގަން ނަމަވެސް އެ އިންތިހާބުން އަކްރަމް ފޭލިކޮށްލީ މޭ6ގެ ހަމްދަރުދީ ވޯޓުންނެވެ. 

އެ ދުވަސްވަރު އެމްޑީޕީގައި އެ އޮތީ ހަމައެކަނި މާލޭ ދައިރާގެ އިންތިހާބެއްނޫނެވެ. މުޅި ރާއްޖޭގައި އޮތް އެމްޑީޕީ ދާއިރާ މަޖިލިސްތަކުގެ އިންތިހާބެވެ. އެ އިންތިހާބުގެ ނަތީޖާ އަންނަ ގޮތަކުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ރައީސް ނަޝީދުގެ އަތްޕުޅުން ގެއްލި ރިޔާސީ ޕްރައިމަރީ އާއި އެމްޑީޕީ، ރައީސް ނަޝިދަށް ގެއްލި ވަޑައިގަންނަވާ ތަން އޭރު އެ މަނިކުފާނަށް ފެނިވަޑައި ގަންނަވައެވެ. ދާއިރާ ތަކުގެ ތާއީދު ރައީސް ސޯލިހަށް ބާރަށް ފުރޮޅެމުން ދާތަން ރައީސް ނަޝީދަށް ފެނިވަޑައިގަންނަވައެވެ. އެކަން ހުއްޓުވޭނެ އެއްވެސް އެހެން ގޮތެއް ރައީސް ނަޝީދަށް ފެނިވަޑައި ނުގަތުމުން މެންބަރުންގެ ހަމްދަރުދީގެ ސްޓަންޓެއް ރޭއްވެވީއޭ ބުނެވެން އެބަ އޮތެވެ.

އަވަހާރަ ކޮށްލަން ބަޔަކު އުޅުނު ކަމަށް ހައްދަވާ އަނިޔާތަކެއް ލިބިވަޑައިގަންނަވާނެ ގޮތަކަށް ކަމެއް ރާއްވަވާ އެސްޓަންޓް ޖެއްސެވުމުގެ މަސައްކަތް ފެއްޓެވުން އެފަދަ ސްޓަންޓެއް ޖައްސަވަން ނުފެއްޓެވުމަށް ވުރެ ކައިރިއެވެ. ހަށިކޮޅަށް ކޮންމެ ވެސް ވަރެއްގެ ނުރައްކަލެއް ފޯރާ ގޮތަށް ކަމެއް ކުރެއްވުމަށް ރާއްވަވާ އެތައް ވަލެއްގެ ކޮޅުން ޓާސްކް ހަވާލު ކުރެއްވުނީ އެކަމަށް ބޭނުންވެފައި ތިބި ބައެއްގެ އަތްމައްޗަށް ކަމަށް ވުމަކީ ގާތްކަމެކެވެ. ވަށައިގެން ހުރި ކަންކަމުންނާއި އަމިއްލަފުޅު ތަބީއަތު ހުންނަ ގޮތުން އެ އަމަލުގައި އެ މަނިކުފާނުގެ ރޭއްވެވުމެއް ވާކަން ހުޅުވިފައިވާ ސިނކުނޑިއަކުން ވިސްނާލުމުން ސާފުވާ ވަރުވެއެވެ. 

ހާދިސާ ހިނގުމުގެ އެއްރޭ ކުރިން ޓީވީއަށް އަރައިވަޑައިގެން އެމްއެމް ޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ވަރަށް އަވަހައް ބައްލަވާ ނިންމާ ބައިވެރިވި އެންމެނަށް އަދަބު ދެއްވާނެކަމަށް ވިދާޅުވީ ޖައްސަވަން ރޭއްވެވި ސްޓަންޓް ބައެއްގެ ބޮލަށް ކަނޑާލައްވާ ހަމްދަރުދީ ހޯއްދެވުމަށް ކަމަށް ބެލެވެއެވެ. ހަމަ އެޔާއއި އެކު ދީނީ ހައްދުފަހަނަ އެޅި މީހުނަށް އަމާޒު ކުރައްވާ ބަހުގެ ހަމަލާތައް ފެއްޓެވުމުގެ ފަހަތުގައި އޮތީ ހަމްދަރުދީގެ ހަމަލައެއް ކަމެއް ނޭނގޭނެތާއެވެ. 

މޭ6 ގެ ހަދިސާގައި ބޮޑީގާޑުންނާއި އެހެން އެތައް ބަޔަކު ތިއްބާ ރޭޒާފުށްތައް ވަނީ ރައީސް ނަޝީދުގެ ހަށިކޮޅަށް އެކަންޏެވެ. ފަރުވާ ދެއްވަން ގެންދެވުނީ އޭޑީކޭއަށެވެ. އެތެރެހަށީގެ ކުޑަވަރެއްގެ އޮޕަރޭޝަނެއް ކޮއްގެން ވެސް އޮތްތަނުން ހެލިނުލާ ދިހަ ބާރަ ދުވަހު މީހަކަށް އެދުމަތިވެފައި އޭޑީގައި އޮންނަން ޖެހެއެވެ. ނުޖެނީ ހާހަކުން އެކެކެވެ. އެކަމަކު އޭޑީކޭ ކިހާ މޮޅު ހެއްޔެވެ. ރައީސް ނަޝީދުގެ ހާދިސާގައި ހަށިކޮޅުގެ ނާރުކޮޅު ތަކުގެ ތެރެއަށް ވަދެ ކޮޅުކޮޅަށް ދުވިހާ ރޭޒާފުށްތައް ހަށިކޮޅުންނަގާ އަމިއްލަ ފުޅަށް ތެދުވެވަޑައިގެން ދެ ދުވަހެއްގެ ތެރޭގައި ހިންގަވާ އުޅުއްވޭ ވަރަށް އެހާ ކާމިޔާބު އޮޕަރޭޝަނެއް އޭޑީކޭއިން ކޮށްނިންމާލީ ތުންމެޓައެއް ބޯލާހާ އަވަހަށެވެ. އެ ވާހަކަ ބާއްވަމާ ހެއްޔެވެ.

ޖެއްސެވި ސްޓަންޓުން އުންމީދު ކުރެއްވި އެއް ނަތީޖާ ހަސިލްވިއެވެ. ދާއިރާ މަޖިލީހުގެ އިންތިހާބު ލަސްވުމެވެ. އެތައް ބައެއްގެ ހަމްދަރުދީ އިތުރަށް ލިބި ވަޑައިގަތުމެވެ. އެހެނަސް ޔަގީން ކުރެއްވި ގޮތަށް ދާއިރާ މަޖިލިސް ތަކުގެ ކޮންޓްރޯލެއް ބޭނުންފުޅުވެ ވަޑައިގެން ގޮތަކަށް ލިބި ވަޑައެއް ނުގަތެވެ. އާއްމު މެންބަރުންގެ ގިނަ ބަޔަކު ރައީސް ނަޝީދު ދެއްކެވި ގިނަ ކެންޑިޑޭޓުންނަކަށް ތާއިދެއް ނުކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ގައުމީމަޖިލީހުގެ ކޮންޓްރޯލު އެކީ އެކައްޗަކަށް ރައީސް ނަޝިދަށް ގެއްލިވަޑައި ގަތީއެވެ. 

ގައުމީ މަޖީލީހުގެ ކޮންޓްރޯލު ގެއްލިވަޑައިގަތުމަކީ ރިޔާސީ ޓިކެޓް ގެއްލުންކަން ދެނެވަޑައިގެން ހުންނަވާ ދެން ފެއްޓެވީ މޭ6 ގެ ތުހުމަތު ސަރުކާރަށް ނިސްބަތްވާ ބޭބޭފުޅުންގެ އިސްތަށިފުޅުގާ އެޅުއްވުމުގެ މަސައްކަތްޕުޅެވެ. ސީދާކޮންނާ ނުސީދާކޮށްނެވެ. ފުލުހުންކުރާ ތަހުގީގަށް ފާޑުކިޔުމާއި ތަހުގީގުގެ އިތުބާރު ނަގާލުމުގެ ސިލްސިލާ މަސައްކަތެވެ. އެންމެފަހުން މަޖިލީހުން ވެސް ތަހުގީގެއް ކުރުމެވެ. 

އެއްވެސް ތަހުގީގަކުން ވެސް އެއްވެސް ފެކްޓް ފައިންޑިންގ އަކުންވެސް ހަރަދުކުރި މީހެއް ރޭވި މީހެއް ކަމުގެ މޯޓިވެއް ނޭނގުނެވެ. ވާނީ އެހެންތާއެވެ. ރާވާ ހިންގުމުގެ އަޑީގައި ވިކްޓިމް ހުރީމާ މޯޓިވެއް ރާވާ ހިންގުމުގެ އަަޑީގައި ހުރީ ކާކުކަމެއް ނެގޭނެއެވެ. 2003 ގެ ސެޕްޓެމްބަރ ހުޅާއި 2012 ފެބްރުއަރީ ހުޅުގެ އަޑީގައި ހުރިކަމަށް ގަބޫލުކުރެވޭ މީހަކު އޭނާ ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެ ކަމަށް ތަކުރާރުކޮށް ބުނެފައިވާ މީހަކު އާރާ ބާރު ގެއްލޭތަން ބަލަން ހުރުމަކީ މުސްތަހީލު ކަމެކެވެ. 

މޭ6 އާއި ގުޅޭ ކޮންމެ ތަހުގީގެއް ފެށެނީ އިލްޔާސް ލަބީބުންނެވެ. އޭނާ ބުނި ބުނުމެއްގެ މައްޗަށެވެ. އިލްޔާސް ލަބީބު ހުރީ ކޮންފިކުރެގައި ކާކާއި އެކުގައިކަން އެހާސާފެވެ. އެހެން އެކަން އޮތް އިރު ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބަޔަކަށް ފައިސާ ދިންކަން އެނގެނީ ވެސް އިލްޔާސް ލަބީބަށެވެ. އެޑްވާންސްގެ ގޮތުގައި ދިންފައިސާގެ އަދަދުވެސް އެނގެނީ އިލްޔާސް ލަބީބަށެވެ. އެވަރުގެ ނުރައްކާތެރިކަމެއް އެނގިހުރެ އެހާ ލުއިކޮށް އެކަންނެގީ ކީއްވެ ހެއްޔެވެ. ރައްޓެއްސެއްގެ ގާތުގައި ހީވާ އެއްޗެއް ބުނެލާހެން އެވާހަކަ މާރިޔާދީދީ އަރުގައި ދަންނަވާލީ އެކަމަކީ އެބޭފުޅާއަށް އެނގިވަޑައިގެން ހިނގިކަމެކޭ މިހާރު ބުނުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.     

ރައީސް ނަޝީދު އަވަހާރަކޮށްލަން ފައިސާ ދިނީ ކާކަށް ކާކުކަމެއް ކޮން އިރަކު ކަމެއް އިލްޔާސް ލަބީބަށް އެއްވެސް ތަހުގީގެއްގައިވެސް ބުނެއެއް ނުދެވެއެވެ. ތަހުގީގެއްގައި ނުބުނާތާ މީޑިއާއެއްގައިވެސް ބުނެލާކަށް ނުކުރެއެވެ. ކަން ހިނގުމުގެ ކުރިން އެކަން އެނގިހުރެ އާއްމުކޮށް އެވާހަކަ ތިލަކޮށްލިނަމަ އެކަން ހިންގަން އުދަގޫވީހެވެ. ރޭވިގެން ހިންގި ހަމްދަރުދީގެ އެޓެމްޕްޓެއްގެ ވާހަކައެއް ނުދެއްކޭނެ ތާއެވެ. ސިޔާސީ ގޮތުން ހާސިލްކުރަން އުޅޭ ކަމުގެ މުއާލާތް ކަޑައެއް ނުލާނެތާއެވެ. ދެރަކަމަކީ މިލިޔަން މިލިޔަނުން ފައިސާ ލިބިގެން ދިން ހަމަލާ ދިންކަމަށް ބެލެވޭ މީހާ ވަންނާނެ ތަނެއް ފުރޭނެ ގޮތެއް ނެތި ހަމަލައަށް ފަހު މާލޭ މަގުމަތީގައި ތެފައިތަޅަމުން ދުވި ދުވުމެވެ.  

ރިޔާސީ ޓިކެޓްގެ ބޭނުމުގައި ގޮތް ހުސްވެގެން އަމިއްލަފުޅަށް ޖެއްސެވި ސްޓަންޓް ވެސް އަތަށްގޮވާ ޕާޓީއާއި ރިޔާސީ ޓިކެޓް ގެއްލި ވަޑައިގަތުމުން މެންބަރު އަނދުން ހުސައިންނާއި ދިފާއީ ވަޒީރު މާރިޔާ ދީދީ އާއި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި މޭ6 ތުހުމަތު އަޅުއްވައިގެން ޖައްސަވަން އުޅުއްވާ ފައިނަލް އެޓެމްޕްޓްގެ ނަތީޖާއަކީ ނަޝީދުގެ ތަރި އޮއްސުމެވެ. ބޮންޑޭ އެވެ. މޭ6ގައި ނަޝީދުގެ ތަރި އޮއްސިއްޖެއެވެ.

]]>
Fri, 26 May 2023 14:51:13 +0500 ހީރަސްނިއުސް
އަންނިއަށް: ތިޔަ އުޅުއްވި ގޮތް ދިވެހިން ދެކެފި https://heerasnews.com/1439 https://heerasnews.com/1439 2018ގެ އިންތިޚާބާ ގާތް ވަމުން އައި އިރު ރައީސް ޔާމީނު ނޫން ކެންޑިޑޭޓެއް ފެންނަން ނެތުނީ އެއްގޮތް ނޫނީ އަނެއް ގޮތުން ވިޔަސް އިދިކޮޅު ހުރިހާ ފަރާތްތަށް ޖަލުގައި ނުވަތަ ރާއްޖޭން ބޭރަށް ފައްސާލެވިފައި ތިބީމައެވެ. 

ރައީސް ނަޝީދު އުޅުއްވީ ބޭސް ފަރުވާގެ ބިސްމަޅިއެއްގައި 13 އަހަރުގެ ޖަލު ހުކުމެއްގައި ރާއްޖޭން ބޭރުގައި ބޭސް ފަރުވާގެ ނަމުގައެވެ. ގާސިމް އިބްރާހީމް ޖަރުމަނުގައެވެ. ގާދޫ ކޮލުން އެތެރޭގައި ތިއްބެވި ހުރިހާ ބޭފުޅުން ޖަލުގައެވެ.

އިންތިޚާބު ދިޔައީ ކައިރިވަމުންނެވެ. އެތެރެއާ ބޭރުގައި ތިއްބެވި ހުރިހާ ލީޑަރުންގެ ތެރޭން ރައީސް ނަޝީދު ނޫން ހުރިހާ ބޭފުޅުންގެ ރައުޔު އެއްގޮތެވެ. އެއީ ރައީސް ޔާމީނާ ދެކޮޅަށް ރިޔާސީ އެއް ކެންޑިޑޭޓް ނެރުމެވެ. 

ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވާދަ ނުކުރެއްވޭނަމަ، އެމްޑީޕީން ކެންޑިޑޭޓެއް ނުނެރެ އިންތިޚާބް ބޮއިކޮޓްކޮށް ރައީސް ޔާމީނަށް ދެވަނަ ދައުރު ހިބައިން ދިނުމަށެވެ.

ރައީސް ނަޝީދު ދެކެވަޑަައިގަތީ އެންމެ ފަހު ވަގުތު މަތިން ފައިބާ ބައިނަލްއަގްވާމީ ދަގަނޑު އަތަކުން ރައީސް ނަޝީދަށް ކެންޑިޑެސީ ދެއްވާނެ ކަމަށެވެ. އެހެން ބޭފުޅުން އެރިސްކް ނަންގަވާކަށް އެއްބަހެއް ނުވެއެވެ. ސަބަބަކީ ރައީސް ޔާމީނުގެ ޢަމަލުތައް އޭރު ހުރީ ބައިނަލް އަގްވާމީ މުޖުތަމަޢަށް ދޫދޭ ގޮތަށް ނޫން ކަމުގައި ވާތީއެވެ. އޭގެ ހެކި އޮތީ ކުރިން ލިބިފައެވެ. ކޮމަންވެލްތުން  ފިޔަވަޅު އަޅަން ތައްޔާރު ވުމުން ރައީސް ޔާމީން ކުރެއްވި ކަމަކީ ރާއްޖެ ކޮމަންވެލްތުން ވަކިވުމެވެ. ވީއިރު އީޔޫ އާއި ޔޫއެން އަކީ ރައީސް ޔާމީނަށް ވަކި ކޮންބައެއް ހެއްޔެވެ؟

ރައީސް ނަޝީދަށް ކުރިމަތި ނުލެވޭ ނަމަ އެހެން އެއްވެސް ބޭފުޅަކު ވާދަ ނުކުރެއްވުމަކީ 2018ގައި އިދިކޮޅުގައި ތިއްބެވި އެހެން ލީޑަރުންނަށް އެއްބަސްވެވުނު ކަމެއް ނޫނެވެ. މިހާރު މިފެންނަ ހުރިހާ ދެބަސްވުމުގެ ފެށުމަކީ އެއީ އެވެ. އުކުޅަހު ކޮންގްރެހަކީ އޭގެ ފަހެވެ.  އެމްޑީޕީގެ ކެންޑިޑޭޓަކީ އޭރު ހިންނަވަރު ދާއިރާގެ މަޖިލިސް ގޮނޑި ފުރުއްވަމުން ގެންދެވި އިބްރާހީމް މުޙަންމަދު ޞޯލިޙް ކަމަށް ނިންމީ އެ ކޮންގްރެހުންނެވެ. އެނިންމުމަށް އުކުޅަހު ބަޣާވާތޭ ކިޔާ ނަންދިނުމަށް ފަހުގައިވެސް ބޭރު ފުށުން ލައްކަ އޮފުކޮށް ހީސަމާސާ ކުރާ މަންޒަރު ފެނުނަސް އަޑި އޮތީ އަނދާ ބޮލިކައިފައެވެ. އެމީހުންގެ ފަހަތުގައި ތިބި މީސް ކޮޅު އެހެން ނަމެއްގައި އާ ޕާޓީއެއް ހަދަން އެމްޑީޕީން ވަކިވާ މަންޒަރު އެބަފެނެއެވެ. އާދޭހެވެ! ވަކިވެގެން ތިޔަ ދަނީ އެއް އިރެއްގައި ވެސް އެމްޑީޕީ ބަޔަކަށްވުރެ ބޮޑަށް ރައީސް ނަޝީދުގެ މީހުންނެވެ.

އެނގުނު ކަމަކީ ފުރަަތަމަ ދުވަހުން ފެށިގެން ރައީސް ނަޝީދުގެ ރުހުމާ ދެކޮޅަށް އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގަތް ހިސާބުން އެ ބޭފުޅުން ތިއްބެވީ އެމްޑީޕީ އަށާއި އެމްޑީޕީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އަށް އެންމެ މުހިންމު ވަގުތު އެންމެ ބޮޑު ދެރައެއް ދެވޭނެ ވަގުތަކަށް އިންތިޒާރު ކޮށްގެން ކަމެވެ. އެ ވަގުތު އައުމުން އެ ބޭފުޅުން ކަން ކުރައްވާ ގޮތް ފެންނަމުން މިދަނީ ރިޔާސީ އިންތިޚާބު ބޯމަތިވީމައެވެ.

ގެެއްލިގެން އުޅޭ ތަޅުދަނޑި ވެސް ލޯ ކުރިމަތީގައި އޮއްވާ މުޅިގެ ހާވާ އެބަޑިބަޑިން ޖަހާ ފަހުން ހަމަ ކުރިމަތީގައި އޮއްވާ މާފަހުން ފެންނަނީ ދެއްކެވީމައެވެ.

ލޮލެއް ހުއްޓަސް ފެންނަނީ އަދި ކަންފަތެއް ނުވަތަ  ސިކުނޑިއެއް  ހުއްޓަސް  އޭގެ  ބޭނުމެއް  ހިފެނީ  އެވަގުތު  ޖެއްސެވީމައެވެ.

އީވާ މަޖިލިހުގެ ނައިބު ކަމުން ވަކިކުރަނީ އީވާއަށް ކިތައް ބަނޑިލެއްވި ބެލީ ޑާންސް ޝޯ ދެވިގެން ކަން، ވަކި ބަޔަކަށް މޭރުން ނުވިޔަސް އެހެން މީހުންނަށް އީވާ އާއި އަންނި އާއި ޑިމޮކްރެޓު ބޭފުޅުން ދެއްވި ހުރިހާ ޝޯތައް އޮތީ ފެނިފައެވެ.

ހިތަށް އަރަނީ ރައީސް އިބްރާހިމް މުޙަންމަދު ޞޯލިޙްގެ ކެތްތެރިކަން މިހުރީ ބޭނުންވާ ވަރަށްވުރެ އިތުރަށް ނޫން ބާވައެވެ؟

]]>
Wed, 24 May 2023 15:42:08 +0500 ހީރަސްނިއުސް
ވައްޑެއަށް: ނޫސްވެރިންނެއް ނުހުއްޓުވޭނެ! https://heerasnews.com/1408 https://heerasnews.com/1408 އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރ މުހައްމަދު ވަހީދު ރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްތަކާއި ނޫސްވެރިންނާ ޖައްސަލައިގެން އުޅުއްވަނީ ކޮންކަމެއް ހާސިލު ކުރައްވަން ކަމަށް ހެއްޔެވެ. ރާއްޖޭގެ ނޫސްވެރިކަން މަރާލަން ތިޔަ އުޅުއްވަނީ ނޫސްތައް ބޭނުން ކުރައްވައިގެން ރައީސް ނަޝީދު އަނބުރާ ވެރިކަމަށް ގެނެވޭނެ ކަމަށް ހެއްޔެވެ. ނޫސްވެރިން ހަގީގަތް ހާމަކުރާތީ ތިޔަހާ ވަރަށް ނޫސްވެރިނާއި ނޫސްތަކާ ޖައްސާލެއްވިޔަސް މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށް ނުދޭކަމަކަށް ނުވާނެއެވެ. 

ރައްޔިތުންގެ މަސްލަހަތު ހުރި ގިނަ ރަނގަޅު ކަންތައްތަކެއް ސަރުކާރުން ކުރަންޏާ ނޫސްވެރިން އެވާހަކަ ގެނެސް ދޭނެއެވެ. ވެރިކަމުގެ މަސްތުގައި ވާދަވެރިން ފަތުރާހާ ފިތުނަވެރި ވާހަކައެއް ހުރިހާ ނޫސް ތަކަކުން ވާދަވެރިން ބޭނުން ވާހާ ގޮތަކަށް ގެނެސް ނުދީފާނެއެވެ. އެއީ ނޫސްވެރިންގެ މައްސަލައެއް ނޫނެވެ. ސަރުކާރުގެ މައްސަލައެއްވެސް ނޫނެވެ. އެކަން އެގޮތަށް ކޮށް ދޭނެ ނޫސްވެރިން ވެސް ތިބޭނެއެވެ. އެކަމަކު އަމިއްލަ ގައިގާ ރޯކޮށްލަން ދަރު އެއްކޮށްދޭނީ މޮޔައެކެވެ. 

އެކި ނޫސްތަކުން މަސައްކަތް ކުރާނީ އެކި އެޑިޓޯރިއަލް ޕޮލިސީއަށެވެ. ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރޭ ގޮވާނެގީވެސް ވައްޑެމެންނެވެ. ރައީސް މައުމޫނާއި އެއްކޮޅަށާއި ރައީސް ޔާމީނާ ދެކޮޅަށް ނޫސްތައް އެބިއުޒް ކުރީވެސް ވައްޑެމެންނެވެ. ކޮއިމަލާ އާއި ހަމަރޯޅި އާއި ފެކްޓް މޯލްޑިވްސް ދުށީމުއެވެ. އެކިއެކި ސިޔާސީ މަސްލަހަތުގައި ނޫސް އެޖެންސީ ތަކަށް އޮއްގަލާއި އަލިފާނުން ހަމަލާ ދިނުމުގެ ސަބަބު މެދުވެރި ކުރުވީ ވެސް ވައްޑެމެނެވެ. މިއަދު މާބޮޑަށް މާޒީގައި އަތްއަޅަން އުޅުނަސް އަތްއަޅައިގެން ފޮރުވޭނީ އަތްތިލައިގެ ބޮޑު މިނެވެ.

ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭ ރަނގަޅު ކަންކަމުގެ ވާހަކަ ނޫސް ތަކުން ގެނެސް ދޭތީ މޭނުބައި ކޮށްގެން އުޅޭނެ ކަމެއް ނެތެވެ. ކައިރި މާޒީގެ ފަތްފުށް ތަކުގައި ވައްޑޭމެންގެ އަމަލާއި ބަސް މަގު ހުރިގޮތް އެހެރީ ފެންނާށެވެ. މި ވެެރިކަމުގައި މަޖިލީހަށް ދޮން ކުރިއިރު ކުޅަހާ ތައުރީފާއި ވައްޑެ ބުނާ ދަރަނިވެރި ފެނަކައިން އުނގޫފާރުގެ ކަރަންޓް ދިނުމާ ހަވާލުވުމުން ހުސްވި އަހަރު އެތާ ވައްޑެ ހުރެ ކުރި ތައުރީފާ ކީހާ ސަނާ އެ ހުރީ ފެންނާށެވެ. އަޑުއެހި މީހުން ވެސް އެ ތިބީއެވެ. ނަޝީދަށް ވެރިކަން ހޯދާދޭން ޖެހުނީމާ ކުރިން ކުރިހާ ކަމާއި ދެއްކިހާ ވާހަކަ ތިޔަ ހަރަ ކުރަނީ ކެންސަލެވެ. އެކަމަކު ރައްޔިތުން އެ ވާހަކަ ތަކާއި ކަންކަމެއް ކެންސަލެއް ނުކުރެއެވެ. 

ވައްޑެމެންގެ ވިސްނުމާ ދެކޮޅު ވާހަކައެއް ލިޔާ ނޫހަކަށް ހަބަރެއް ގެނެސްދޭ ޗެނަލަކަށް ބަޔަކު އިސްތިހާރެއް ދިނަސް ސްޕޮންސަރއެއް ދިނަސް އެދެން ކަންތަކާ ޖެހުނީއެވެ. އަމިއްލަ ވިޔަފާރިއަކުން އެފަދަ ނޫހަކަށް ސްޕޮންސަރއެއް އިސްތިހާރެއް ދިނަސް އެ ބައަކަށް ވިޔާފާރި ނުކުރެވޭ ވަރަށް އުދަގޫކޮށް އެ ބައެއްގެ ޒަމާން ދުއްވާލައެވެ. ހަދާނަށް އަންނަ އެންމެ ވާހަކައެއް ބުނެލާނަމެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔާފާރިކުރާ ބީއެޗްއެމް ބޮއިކޮޓް ކުރުމަށް ގޮވާލާ މުޒާހަރާ ކުރީ ފިކުރެއްގެ ދިރުމުގައި އިސްކޮށް ތިޔަ އުޅޭ މީހުން އިސްވެ ތިބެއެވެ. އޭރުއޮތް ސަރުކާރަށް ތާއީދުކޮށް އެ ތަނުން ފަންޑް ކުރާ ކަމަށް ބުނެއެވެ. ރާއްޖޭގެ ޓޫރިޒަމްގެ ޓައިކޫނުން ތަކަކާއި އަޅައިގަނެގެން އެ މީހުންގެ ދުވަސް ދުއްވާލަން ފުޅާދާއިރާއެއްގައި މުޅި ދުނިޔޭގައި ކެންޕޭން ޖެއްސީ ވެސް ފިކުރެއްގެ ދިރުމުގެ ތިޔަ ބައިގަނޑު އިސްވެ އޮވެއެވެ.

ރައްޔިތުން އިންތިހާބު ކުރީމާ މަޖިލީހަށް ވަދެ ތިބޭއިރު ސަރުކާރުން ރަށްރަށުގައި އިންޖީނުގެ އަޅާ ޒަމާނީ ފެންވަރަށް ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ދޭތީ އެކަމާ ދެކޮޅަށް ރައްޔިތުންގެ ވަކީލު ތިޔަ އުފުލަނީ އަޑެވެ. ރަށްރަށުގެ ފެނާ ނަރުދަމާ އަޅާ ރައްޔިތުންނަށް ލުއިފަސޭހަ ހޯދާދޭތީ ތިޔަ ހަދަނީ ދެކޮޅެވެ. ބަނދަރުތައް ހަދާ އާރުޓިއެލް ފެރީ ނިޒާމް ގާއިމުކޮށް ހަދާތީ ހަޖަމް ނުވެ ރައްޔިތުންނަށް ތިޔަ ކުރަނީ ފުރައްސާރައެވެ. މަގުތައްހަދާ ސްކޫލްތަކާއި ކުޅޭބިންތައް ހަދާ ރަށްރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރާތީ ރައްޔިތުންނަށް އެކަންކަން ވިޔަނުދޭން ތިޔަ ވިއްދަނީ ފައެވެ. ހިލޭ ޑިގްރީ ތައާރަފްކޮށް އާސަންދައިން ރައްޔިތުން ބޭސްކުރެވޭތީ ތިޔަ ކުރަނީ މަލާމާތެވެ. މުއައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ ތާހިރު ދިރިއުޅުމެއް އުޅެވޭނެ ގޮތް ރައްޔިތުންނަށް ވާތީ ބޭނުން ތިޔަ ވަނީ ހުއްޓުވާށެވެ. ރައްޔިތުންގެ ލާބަޔާއި މަންފާއަށް ސަރުކާރުން ކުރާ ރަގަޅު ކަންކަމުގެ ވާހަކަ ދައްކާ ނޫސްވެރިންނާ ނޫސްތައް ވެސް ވައްޑެމެން ބޭނުން ތިޔަ ވަނީ ހުއްޓުވާށެވެ. އިއްޔެ ވައްޑެމެންނަށް ފުރައްސާރަކުރި ވަގުން ހިންގާ ވެލިރާޅުފަށް ވެސް ވައްޑެމެނަށް މިހާރު މާކަމުދެއެވެ. ސަރުކާރު ކުންފުނިތަކާއި ސިޔާސީ މަގާމުތަކުގައި ތިބެގެން ފިކުރެއްގެ ދިރުމަށް މަސައްކަތް ކޮށްދޭ ކޮންމެ މީހަކު އެ ކަނީ ވައްޑެމެންގެ ނަޒަރުގައި ހަލާލު ފައިސާއެވެ. 

ސަރުކާރުގެ ވެރިއަކު ރައްޔިތުންގެ ހިދުމަތުގައި ދަތުރެއް ކުރިޔަސް ވައްޑެމެންގެ ދެފައި ކައިރިއެއް ނުވެއެވެ. ބަނގުރޫޓާއި ދަރަނީގެ ވާހަކަ ދައްކައިގެން ރައްޔިތުންގެ ކަންބޮޑުވުން އިތުރުކޮށް ހިދުމަތްތެރި ސަރުކާރަކަށް ރައްޔިތުން ކުރާ އިތުބާރުކަނޑުވާލަން ދައުލަތުން މުސާރަކައިގެން ރައްޔިތުންނަށް ފުސާރަކުރަން މުސާރަދީފައި ތިބި ބައެއް ކަހަލައެވެ. ގޯސްކޮށް ކަމެއް ހިނގާނަމަ އެކަން ރަނގަޅު ކުރެވޭ ހިސާބުގައި ތިބެ ކަންކަން ގަސްތުގައި ގޯހުން ގޯހަށް ދުއްވާލުންނޫން ކަމެއް ވައްޑެމެން ނުކުރެއެވެ. ވަކި މީހަކަށް ވެރިކަން އޮވެގެންނޫނީ އެއްވެސް ކަމެއް ރަނގަޅަށް ކުރަން އުޅުމުގެ ވިސްނުން ދޫކޮށް ވަކި މީހަކަށް ވަފާތެރިވެ ރައްޔިތުންނަށް ހަރާން ކޯރުވާން ތިބެ ބޮޑު މުސާރަ ނެނގުމަކީ ރައްޔިތުންނަށް ވެވޭ ހިޔާނާތެއް ކަމެއް ވައްޑެއަކަށް ވެސް ނޭގެއެވެ. ވައްޑެމެނަށް ކޮރަޕްޝަނަށް ވެސް ހިޔާނާތަށްވެސް ފަސާދައަށްވެސް ދަރަންޏަށްވެސް ވަނީ  ރާއްޖޭގެ ގިނަ ނޫސްތަކެއް ހައްގު ހަލާލުގޮތުގައި ކުރާ މަސައްކަތުން ހޯދާ އިސްތިހާރާއި ސްޕޮންސަރއެވެ. މިއަދު ނޫސްވެރިކަން ކުރިއަރާ ހައްގުބަސް ބުނާތީ ނޫސްވެރިކަން ފުޑުފުޑުކޮށްލަން ވައްޑެމެން ތިޔަ ކުރާ މަސައްކަތުން ހަލާކުވެ ދާނީ ވައްޑެމެންނެވެ. ނޫސްވެރިކަން އޮންނާނެއެވެ. 

]]>
Fri, 19 May 2023 16:05:39 +0500 ހީރަސްނިއުސް
ރައީސް ސޯލިހުގެ ތަފާތު ދަރަވަންދޫން https://heerasnews.com/1364 https://heerasnews.com/1364 ބ ދަރަވަންދޫ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި އުތުރުން އެންމެ ނަގާކިޔާ އެއްރަށެވެ. ގެސްޓް ހައުސް ގިނައެވެ. ފަތުރުވެރިކަމާއި ގުޅުން ހުރި ވިޔަފާރިތަކާ ހިދުމަތްތައް ގިނައެވެ. އެހެންނަމަވެސް ރައްޔިތުން އެދޭމިންވަރު ކީއްކުރަން ހެއްޔެވެ. ރަށަށް އަރާފައިބާ ގެސްޓުންނަށް އެކަށީގެންވާ ހިދުމަތެއް ދެވޭ ވަރަށް ކުރީގެ ސަރުކާރު ތަކުން ކަމެއް ކޮށެއް ނުދެއެވެ. 

ހުޅުލޭގައި އޮންނަ އިންޓަނޭޝަނަލް އެއަރޕޯޓް ފިޔަވާ އެންމެ ގިނަ މީހުން އަރާފައިބާ އެއަރޕޯޓް އޮތީ ދަރަވަންދޫގައެވެ. ކޮވިޑްގެ ކުރީން ދުވާލަކު ތިރީހަކަށް ފްލައިޓް ދަރަވަންދޫގައި ޖެއްސިއެވެ. ކޮވިޑަށް ފަހު އެއަދަދަށް އަދި ނޭރިޔަސް އަދިވެސް ރާއްޖޭގައި ދެވަނައަށް އެންމެ ބާރުބޮޑު އެއަރޕޯޓް އޮތީ ދަރަވަންދޫގައެވެ.

އެހެންކަމުން ދަރަވަންދޫގައި ގާއިމުކުރެވޭ ހުރިހާ ހިދުމަތަކީ ވެސް ރަށުގެ އާބަދީއަށް އެކަނި ބަލައިގެން ވާކަށް އޮތްކަމެއް ނޫނެވެ. އެހެން އެކަން ވާކަށް ނޯވެއެވެ. ކަރަންޓާ ފެނާ ނަރުދަމާ ވެސް ގާއިމުކުރެވެން ޖެހެނީ ފަތުރުވެރި ހިދުމަތަށް ފަހިވާ ގޮތަށެވެ. އެނޫން ހިދުމަތްތައް ވެސް ތަރުތީބުވާން ޖެހެނީ އެމަގަށެވެ.

ކުރީގެ ސަރުކާރުގެ ދޯހަޅިކަމުން އެއިން ކަމަކަށް ސަމާލުކަމެއް ނުދެއެވެ. ދިނުމުގެ ވިސްނުމެއް ވެސް ނެތެވެ. ކަރަންޓް ދިނީ ނަމަކަށެވެ. އިންޖީނުގެއާއި ދުރުގައި ހުންނަ ގެތަކާއި ގެސްޓްހައުސްތަކަށް ކަރަންޓް ލިބެނީ ބަލިމީހަކަށް އައިވީ ލިބޭހެންނެވެ. ފަންކާ އެނބުރެނީ ވައިމަޑު ދުވަހެއްގައި އެބުރޭ ބުރަފައްޗެއްގެ މިސާލުގައެވެ. ގެސްޓް ހައުސްތަކުގެ ކަރަންޓްގެ ހާލަތު ދަށްވެ ފަތުރުވެރިން ކުރާ ޝަކުވާ ކޮޅުނެތް ކޮޅެވެ. ފަތުރުވެރިން ފެން ވަރަން ލިބެނީ ތަގައްޔަރުވެފައިވާ ނަޖިސްފެނެވެ. ނަރުދަމާއެއް ނެތެވެ. ސެޕްޓިކްޓޭންކް ސާފުކުރުމަކީ ކޮންމެ ދުވަހަކުހެން ރަށުތެރޭގައި ހިގާ ނަޖިސް އަމަލެކެވެ. އުޅޭހާ ފަތުރުވެރިންނާއި ރައްޔިތުންނަށް އެ ނުބައިވަހުން ނޯންދަމާ ނުލާ އުޅެން ޖެހެއެވެ. 

ރަށްގިރުމުގެ ނުރައްކާ ބޮޑުވެ މޫދަށް އެރެލާނެ ރީތި މޫދެއް ރީތި ތުޑިއެއް ލިބެނީ އަހަރެއްގެ ތެރޭގައި މަދު ދުވަސް ކޮޅެއްގައެވެ. ދެން އޮތީ ސިއްހީ ހިދުމަތެވެ. ރަށުގެ އާއްމު ރައްޔިތުންނަށް ބޭނުންވާވަރާ ގާތަށްވެސް ހިދުމަތް ނުދެވޭ ސިއްހީ މަރުކަޒަކުން ގިނަ އަދަދެއްގެ ގެސްޓުންނަށް ފެންވަރު ހުރި ހިދުމަތެއް ދޭނީ ކިހިނެއް ހެއްޔެވެ. އަމްދުން ގިނަ އަދަދެއްގެ ފްލައީޓް ޖައްސާ އެއަރޕޯޓެއް އޮތް ރަށެއްގައި ހިނގާފާނެ ކުއްލި ހާލަތަކަށް ތައްޔާރުވެފައި ކުޑަމިނުން ފުރަތަމަ އެހީގެ ހިދުމަތެއް އިންތިޒާމުވެފައެއް ނުވެއެވެ. ރަށުގެ ފަޅު ފުރިބާރުވެ އެކަތިން އަނެކަތިން ގެސްޓުން ރަށަށް އަރުވާ ބާލަން ޖެހި ނުރައްކާތެރި ހާލަތްތައް ކުރިމަތިވެ ރިސޯޓްތަކާއި ލަފާފުރާ އެންމެންނަށް ނުރައްކާތެރި ތަނަކަށް ދަރަވަންދޫ ފަޅު ވެފައި އޮތް އިރު ދެކޭނެ މީހަކު ނެތެވެ. ކުޅިވަރުކުޅޭ ތަންތަނާއި އެހެން ލުއިފަސޭހަތައް ނެތް ވާހަކަ ދެއްކުމެއް ނެތްތާއެވެ. 

ދައުލަތަށް އެންމެ ގިނަ ފައިސާ ލިބޭ އެއްރަށަކީ ދަރަވަންދޫއެވެ. ރަށުގެ އެއްފަޅި އެއަރޕޯޓަށް ދީގެން އެއަރޕޯޓަށް ލިބޭ ހުރިހާ އާމްދަނީ އަކީ ދަރަވަންދޫން ދައުލަތަށް ލިބޭފައިސާއެވެ. ކޮންމެ ނަމެއްގައި ލިބުނު ނަމަވެހެވެ. އެޔަކުން ދަރަވަންދޫ ރައްޔިތަކަށް ކައުންސިލަކަށް ލިބޭ އެއްޗެއް ނޯވެއެވެ. އެހެނެއް ކަމަކު ކުރީގެ ސަރުކާރު ތަކުން ދަރަވަންދޫ އޮތީ ވަރަށް ބޮޑަށް އިހުމާލު ކޮށްލާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި އެކު އުއްމީދު އައުވިއެވެ. ހައްލު ތަކެއް ހޯއްދަވާ ދެއްވާ ތަން ލޮލަށް ފެނެއެވެ. ރަށް ގިރުމުގެ މައްސަލަ އެކީ އެކައްޗަކަށް ހައްލުކޮށް ދެއްވައިފިއެވެ. އެކި ހިސާބުގައި ޓޫރިސްޓް ބީޗްތައް ހެދިގެން ހިގައްޖެއެވެ. ތޯލާފުޅީގައި ލިބުނު ކަރަންޓް ބޭނުން ވަރަކަށް ލިބެން ފަށައިފިއެވެ. ސާފު ފެނުގެ ނިޒާމަކުން މުޅި ރަށް ގުޅުވާލާ ފެން ލިބެން ފަށައިފިއެވެ. ނަރުދަމާގެ މަސައްކަތް ފެށިގެން ބާރަށް ކުރިއަށް ދަނީއެވެ. ހުވަފެން ތަކުގައި ކުލަޖެހެން ފެށީއެވެ.

ސިއްހީ މަރުކަޒުގައި އިމަޖެންސީ ހެލްތުކެއަރ ސެންޓަރެއް ބިނާ ކުރައްވާ އެތާގެ ހިދުމަތްތައް ފުޅާކޮށް ވަސީލަތް ގާއިމުކޮށް ކުއްލި ނުރައްކަލަށް އެހުރީ ތައްޔާރު ވެފައެވެ. ބޭރުތޮށިލާ ރަށް ހިމާޔަތްކޮށް ނިންމާ ތޮއްޖެހި ފުރި ބާރުވާ ފަޅުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެހެރަ ދަނީ ހިނގަމުންނެވެ.   

ކުރީގެ ސަރުކާރުން ޒުވާނުންގެ ފުޓްސެލް ދަނޑުގެ ކާޕެޓްތައް ނާޅާ ހަލާކުވާން ދޫކޮއްލިޔަސް މި ސަރުކާރަކުން ފެނުނީ ފުޓްސަލް ދަނޑު ފަށާ ނިންމާލި ތަނެވެ. އިޖުތިމާއީ މަރުކަޒެއް ގާއިމުކޮށް ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރއްގީ ކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ރައްޔިތުން އިސްވެ ކުރާން ނިކުތް ކޮންމެ ކަމެއް ކޮށްދިނުމުގައި މިސަރުކާރު ފަހަކަށް ނުޖެހެއެވެ.

ދަރަވަންދޫ ބިމަކީ ރަން ބިމަކަށްވެ ބިމުގެ އަގު ބޮޑުވެ ދަރަވަންދޫއަކީ އެ ބިމުން މީހުން ބިން ބޭނުންވާ ރަށަކަށް ވުމުގެ ސިއްރަކީ ޓޫރިޒަމެވެ. ބިން ލިބުން ދަތި ދަރަވަންދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާ ދެއްވުމުގެ ގޮތުން ދަރަވަންދޫގެ ލޭންޑުޔޫސް ޕްލޭން ފައިނަލްކޮށް ކައުންސިލުން އެދޭގޮތަށް ގޯތި ދޫކުރުމަށް ހުއްދަދެވި އަދި ކައުންސިލުން ވަނީ ގޯއްޗައް އެދޭ ފަރާތް ތަކަށް ފޯމު ހުށައަޅަން ހުޅުވާލާފައެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ކުރެވޭ ކަންކަމާއި ރޭވޭ ކަންކަމުން ދަރަވަންދޫ އެކަހެރި ނުކުރެވޭނެ ކަން މި ސަރުކާރު ދަނެއެވެ. އުތުރުގެ ލޯކަލް ޓޫރިޒަމާއި ދަރަވަންދޫ ވަނީ ގުޅި ލާމެހިފައެވެ. ހަނިފަރުބޭއާއި ފެހުރިއްސާއި މަންތާ ގެ ވާހަކަ ދެއްކޭނީ ދަރަވަންދޫގެ ވާހަކަ ދައްކައިގެނެވެ. ދައުލަތުގެ އާމްދަނީގެ އެއް ބަހާއަކީ ދަރަވަންދޫއެވެ. އައިލެންޑް އޭވިއޭޝަނަށް ލިބޭ ކޮންމެ ފައިދާއެއްގައި ދަރަވަންދޫގެ ހިއްސާ ބޮޑެވެ. އެހެނެއް ކަމަކު ދަރަވަންދޫ އެއަރޕޯޓަކީ އެންމެ ހާލުދެރަ އެންމެ ވަސީލަތް މަދު އެންމެ ހާސްކަން ބޮޑު އެންމެ ފައިދާ ލިބޭ އެއަރޕޯޓެވެ.

ރައީސް ސޯލިހުވެސް ދާދި އަވަހަށް މި ޕަޒްލް ހައްލު ކުރައްވަން އެބަ ޖެހެއެވެ. ދަރަވަންދޫ އެއަރޕޯޓް އަޕްގްރޭޑް ކުރަން ލަސްވެއްޖެއެވެ. ރާއްޖޭގެ ފަތުރުވެރި ކަމަށްޓަކައެވެ. ދަތުރފަތުރުން ރަށްތައް ގުޅުވާލުމުގެ ބޭނުމަށްޓަކައެވެ. އުންމީދީ ނަތީޖާއެއް ހާސިލު ކުރުމަށް ދަރަވަންދޫ ގިނަ ރައްޔިތުން އިބްރާހީމް މުހައްމަދު ސޯލިހްއަށް ދެވެނަ ދައުރެއް ދޭން ތައްޔާރެވެ.

]]>
Wed, 10 May 2023 14:54:24 +0500 ޒުރޫ
މުޖުތަމައުގެ ކުރިއެރުމަށް ސުލްހަ މަސަލަސްކަމުގެ މުހިންމުކަން https://heerasnews.com/1334 https://heerasnews.com/1334 ސުލްހައަކީ މުޖުތަމަޢަށް ކުރިއެރުމާއި ތަނަވަސްކަން ގެނައުމަށް ގެންދާ މަގެވެ. ސުލްހަމަސަލަސްކަމާއި ހަމަޖެހުން ނުލިބިއްޖެނަމަ، ސިޔާސީ ބާރާއި، އިޤްތިޞާދީ ހަމަޖެހުމާއި، ސަޤާފީ ކުރިއެރުން ހޯދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން، ހަމަހިމޭންކަމާއި ސުލްހައިގެ ފޮނިމީރުކަމުގެ ތަޞައްވުރު އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ ކުރިން، އަޅުގަނޑުމެންގެ އެތެރޭގައި ސުލްޙަވެރިކަން ގާއިމްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަޖެހުން ދެމެހެއްޓުމަކީ ވަކި ފަރުދެއްގެ ޒިންމާއެއް ނޫން ކަނާއި އެއީ ކޮންމެ މީހެއްގެ ވާޖިބެއް ކަން ގަބޫލުކުރެވެން ޖެހެއެވެ. 

ސުލްހައިގެ މުހިންމުކަން

ތާރިހަށް ބަލާއިރު ޤައުމުތަކުގެ މެދުގައި އެކި ފެންވަރުގައި ހުރިހާ ދުވަސްވަރެއްގައި ވެސް ހަގުރާމަތައް ހިންގައި ލޭއޮހޮރުވުންތައް ހިންގައިފައިވާކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. މިގޮތުން މި ހަނގުރާމަތައް ނިމުމަކަށް ގެނައުމުގައި ނުވަތަ ބައެއް ހަނގުރާމަތައް ހުއްޓުވުމުގައި ވެސް ސުލްހަވެރިކަމުގެ މުހިންމު ދައުރެއް އޮތްކަން އެނގެއެވެ.

އެތައް ހާސް ފަނާކުރަނިވި ހަނގުރާމަތަކަށް ފަހު އިންސާނުންނަށް ސުލްހައިގެ މުހިންމުކަން ވިސްނުނެވެ. ދުނިޔޭގައި ދިރިހުރުމަށްޓަކައި ބޭނުންވަނީ ހަމަޖެހުމެވެ. މިއީ ހަނގުރާމަތަކާއި، ތަޣައްޔަރުވުމާއި، ގުދުރަތީ ކާރިސާތަކާއި އަދިވެސް އެތައް ކަމެއް ހިމެނޭ ގޮތަށް ކޮންމެ އޭންގަލަކަށް ވެސް ޚާއްޞަ ކަމެކެވެ. ހަމަޖެހުމާއި ހަމަޖެހުން ދެމެހެއްޓުމުން އެއްވެސް ލަސްވުމެއް ނެތި ކަންކަން އޮމާންކަމާއެކު ކުރިއަށް ދާނެއެވެ. މީގެ އިތުރުން ހިޔާލު ތަފާތުވާ ހަރަކާތެއް ނުވަތަ އެއަށްވުރެ ގިނަ ހަރަކާތް ތަކެއްގައި ބައިވެރިވާން ބޭނުން ނުވާ ގިނަ ބަޔަކަށް ސަލާމަތްތެރިކަން ސުލްހަ ލިބިދޭނެއެވެ. އެހެން ގޮތަކަށް ބުނާނަމަ ހަނގުރާމަތައް ނުވަތަ ފިތުނަވެރިކަމުން ލިބޭ ގެއްލުންތައް ކުޑަވެ ސުލްހަމަސަލަސްކަން ބިނާވެ ވަރުގަދަވުމުގެ އިތުރުން އެކުވެރކަން އަލުން އާލާވެއެވެ. މީގެ އިތުރުން ސުލްހައަކީ ޒާތީ ކަމެއް ކަމުން އަޅުގަނޑުމެންގެ ދިރިއުޅުން ރަނގަޅު ކުރުމަށްޓަކައި އަމާންކަމާއި ހަމަޖެހުން ހޯދައި، ހާސްކަމާއި ހަލަބޮލިކަމުން ދުރުހެލިވެއެވެ.

ސުލްހަ ދެމެހެއްޓޭނެ ގޮތް

އަޅުގަނޑުމެންނަށް އެކި ފެންވަރުގައި ސުލްހަ ދެމެހެއްޓޭނެ ގިނަ ގޮތްތަކެއް އެބަހުއްޓެވެ. އިންސާނިއްޔަތުން ފެށިގެން ކޮންމެ ޤައުމެއްގެ ސިޔާސީ ތަރުތީބު ދެމެހެއްޓުމަށްޓަކައި ހަމަހަމަކަމާއި އަމާންކަމާއި އިންސާފު ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މީގެ އިތުރަށް، އާޚިރުގައި ހުރިހާ އިންސާނުންނަށް ފައިދާހުރި އަދި މީހުންގެ ދުޅަހެޔޮކަން ދެމެހެއްޓޭނެ ޓެކްނޮލޮޖީއާއި ސައިންސްގެ ކުރިއެރުން ކުރިއަރުވަން އަޅުގަނޑުމެނަށް ފުރުސަތު ފަހިވެގެން ދެއެވެ. މީގެ އިތުރުން ސުލްހައަކީ ދުނިޔޭގެ އިގްތިސާދީ ނިޒާމަށް ބުރޫއެރުމާއި، އިތުބާރު ނެތުމާއި ސަރަހައްދީ އިންބެލެންސް ނައްތާލުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އަދި ސުލްހައިގެ ތެރެއިން އިކޯލޮޖިކަލް ޕްރޮސްޕެރިޓީ ކުރިއެރުވުމަށް ހިތްވަރުދީ، ތިމާވެށީގެ ދަތިކަން ހައްލު ކުރުމަށް ހައްލުތައް ހިމަނައި ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިއީ އަނެއްކާވެސް ކާމިޔާބީ ހިއްސާކޮށް، ތާރީޚީ ތަފާތު ކުރުންތައް ނިމުމަކަށް ގެނައުމަށް ފަރުދުންގެ ޒިންމާ އަދާކުރަން ޖެހޭ ވަގުތެވެ.

ހަމައެފަދައިން، ހަމަޖެހުން ފެތުރުމަށް އެހީތެރިކަމުގެ ވިސްނުމެއް އެކުލެވިގެންވާ ނަފްސާނީ އަދި ރޫޙާނީ ފިކުރެއް ވެސް ގެންގުޅެން ޖެހެއެވެ. އަދި ތަފާތު ސަގާފަތް ތަކުގެ އެންމެންނާ އެކު އެކުވެރިކަން އިތުރު ކުރުމަށްޓަކައި ޖަޒުބާތު ފާޅުކުރުމަށް ތަފާތުކަމާއި އިންޓަގްރޭޝަން ދެނެގަންނަން ޖެހެއެވެ.

އެންމެ ފަހުން، އެންމެންގެ ދިރިއުޅުމުގެ ދިގު ދެމިގެންދާ ހެޔޮ ދުޅަހެޔޮކަމުގެ ކަންތައްތަކަށް އޭގެ ޙިއްޞާ ފާޅުކޮށް، ސުލްޙަ ކުރިއެރުވުމަކީ އެންމެންގެ މަތިވެރި މިޝަނަކަށް ވާންޖެހެއެވެ. މިގޮތުން އަޅުގަނޑުމެން އެންމެންވެސް އެމީހެއްގެ ފެންވަރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭނީ ހަމަޖެހު ހޯދުމަށާއި ހަމަޖެހުން ދެމެހެއްޓުމަށެވެ.

]]>
Thu, 04 May 2023 21:40:03 +0500 ޒުރޫ
ސަރަހައްދުން ބައެއްދޫކޮށްލިކަމަށް ބުނާބުނުން ދިފާއެއް ނުކުރެވުނު https://heerasnews.com/1327 https://heerasnews.com/1327 މިސަރުކާރުން ރާއްޖޭގެ ސަރަހައްދުން ބައެއްދޫކޮށްލި ކަމަށް ބުނާ ބުނުން ދިފާއެއް އިދިކޮޅަކަށް ނުކުރެވުނެވެ. ކުރީގެ ބަންޑާރަ ނައިބުން އެ މީހުން ހޭވި ހަޑީގެ މަތިއަޅާ، ނަގަން އުޅުނު ސިޔާސީ ފައިދާ ނުނެގި މިއަދު އަތަށް ގޮއްވާ ލައިފިއެވެ. 

1996 ވަނަ އަހަރު އުފަން ކުރުވި ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކުގެ ގާނޫނު ލިޔެވުނު އިރު ޗާގޯސް ކިޔާ ތަނެއް ރާއްޖޭގެ ދެކުނުގައި އޮތެވެ. އޭރު އެތަން އޮތީ އިނގިރޭސި އިސްތިއުމާރުގެ ދަށުގައެވެ. އެތަނާ ރާއްޖެއާ ދެމެދު 400 ނޯޓިކަލް މޭލެއް ނެތެވެ. ރާއްޖެއާއި ޗާގޯހާ ދޭތެރެއިން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ނަގައިފިއްޔާ ޗާގޯސްގެ އިގްތިސާދީ ސަރަހައްދާ ފުށު އަރާނެކަން ކަނޑުތަކުގެ ގާނޫނު ހޭދިއިރުވެސް އެ ގާނޫގެ ހުރިހާ އަކުރަކާ ފިއްޔެއް ލިޔުއްވި ޑރ. މުނައްވަރަށް އެނގިވަޑައި ނުގަތީތޯ ސުވާލު އުފެއްދީމެވެ.

ރާއްޖޭގެ ބަޔަކަށް ޗާގޯސް ވާނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި އާޕިލަޖިކް ބޭސް ލައިން ކުރެހިއިރު ޗާގޯސް ވެސް ރާއްޖޭގެ ބޭސްލައިން ގެ ތެރޭގައި ނުހިމެނުމުން ޗާގޯހަކީ ރާއްޖޭގެ ބައެއް ކަމަށް އޭރުވެސް ގަބޫލު ނުކުރާކަން ސާފުވެއެވެ. ޗާގޯހުގެ ސިޔާދަތީ ބާރު ރާއްޖެ ނޫން އެހެން ކޮންމެ ގައުމަކަށް ލިބުނަސް އެ ދުވަހަކުން އިގްތިސާދީ ސަރަަހައްދުގެ ފުށުއެރުން އޮންނާނެކަން އެނގެއެވެ. އެހާލަތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި އެވާ ގޮތަށް ފުށުއަރާ އިގްތިސާދީ ސަރަހައްދު ބައިކުރުން ނޫންގޮތެއް ނުއޮންނާނެކަން އެގެއެވެ.

ފުށުއަރާ ސަރަހައްދު ބައިކުރަން ގާނޫނުގައި ބަޔާކޮށްފައި އޮތްއިރު ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެ ނޫން ކޮންމެ ގައުމަކަށް ލިބުނަސް އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން އޮންނާނެ ކަމާއި އެ ހާލަތުގައި ކަނޑުތަކާ ބެހޭ ގާނޫނުގެ 7 ވަނަ މާއްދާގައި ބުނާ ގޮތަށް އަމަލު ކުރަން ޖެހޭނެކަމަށް ސާފުކޮށް ރާއްޖޭެ ގާނޫނު ބުނެއެވެ. އެހެން އެކަން އޮވެ ފުށުއަރާބައި ބައިކުރުމުން ބައެއް ދޫކޮށްލީ ކަމަށް ބާރުލާފައި ބުނަނީ ކީއްވެގެންތޯ ހީރަސް އިން ކުރި ސުވާލަށް ޑރ. މުނައްވަރަކަށް ވެސް އާޒިމާއަކަށްވެސް ޖަވާބެއް ނުދެއްވުނެވެ. އެ އިސްތިސްނާ ގާނޫނުގައި ހިމެނީ އުތުރުން އިންޑިއާއި ލަންކާއާއި ފުށުއަރާ ސަރަހައްދާގުޅިގެން ކަމަށް ބުނެ ދެކުނުން ޗާގޯހާ ފުށު އަރާއެރުމުގެ ވާހަކަ އޮއްބާލެއްވީއެވެ. ގާނޫނުގައި ބަޔާންވެ ކަނޑައެޅިފައި އޮތްގޮތަށް ސަރުކާރުން އަމަލު ކުރުމުން ސަރުކާރުން ގާނޫނާ ހިލާފަށް ސަރަހައްދުން ބައެއް ދޫކޮށްލީ ކަމަށް ބުނެ މާ ގައުމީ ވެގެން ފޮނުއަރުވަނީ ސިޔާސީ ބޭނުމުގައެވެ. 

  

]]>
Wed, 03 May 2023 21:29:49 +0500 ހީރަސްނިއުސް
އަދުރޭއަށް: ޔާމީން ކަމެއް ނުކުރުމަކީ ޗާގޯސް ދޫކޮށްލުން https://heerasnews.com/1320 https://heerasnews.com/1320 ޗާގޮސް ރާއްޖެއަށް ހޯއްދެވުމަށް ޔާމީން އެއްވެސް ކަމެއް ނުކުރެއްވުމަކީ ޗާގޯސް ދޫކޮށްލެއްވުމަށް ޔާމީނު ކުރެއްވި ކަމެކެވެ. ޗާގޯސް ހޯއްދެވުމަށް ރަސްމީކޮށް ނުވަތަ ނުރަސްމީ ސިޓީއެއްހާ ހިސާބުވެސް ޔާމީނު ރައީސް ކަމުގައި ރައްޖޭން ނުފޮނުއްވުމަކީ ޗާގޯސް ދޫކޮށްލައްވަން ޔާމިނު ކުރެއްވި ކަމެކެވެ. 

އިޓްލޮސްގެ ނިންމުމާ ގުޅިގެން ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ލިބުނީ ބޮޑުބައިތޯ ނުވަތަ ކުޑަބައިތޯ ބަލަން އަދުރޭމެން ބޭނުމެއް ނުވާނެއެވެ. މިސަރުކާރުން ހޯދި ކާމިޔަބަކަށް އެކަން ވީތީއެވެ. އިޓްލޮސްގެ ހުކުމުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހަށްދު ކަމަށް ކަނޑައެޅި ސަރަހައްދަކީ އެއިގެ ކުރީން ދުވަހަކު ވެސް ރާއްޖޭގެ ސަރަހައްދު ކަމަށް ކަނޑައަޅާފައި ނެތް ސަރަހައްދެއް ކަމަކު އަދުރޭމެނަށް މާކުރިން އެއީ ރާއްޖޭގެ މިލްކެއް ކަމަށް ބުނަން އެނގެއެވެ. މިލްކިއްޔާތުން އެހެން ބަޔަކަށް ޒައްރެއްގެ މިންވަރު ވެސް ލިބިގެން ނުވާނެތާއެވެ.  

2017 ގައި ރާއްޖޭގެ ވެރިކަމުގައި ތިބީ ބަޅުރުކު ބައިގަޑެވެ. ވެރިކަމުގައި ތިބެ ދައުލަތް ދަވާލުމާ އުޅެން ހަދައިގެން ދުނިޔޭގައި ކަމެއް ހިނގާކަންވެސް އެނގުނީއެއް ނޫނެވެ. ފަސް އަހަރު ވެގެން ރާއްޖޭގެ ރައީސް ކަމުން ބޭލި އިރުވެސް އދގެ ޖަލްސާއަކަށް ޔާމީނަށް ދެވުނީއެއް ނޫނެވެ. އދގައި ކަމެއް ހިނގާކަންވެސް އެ ފަކީރު ނުދެނެ ހުރީ ތޯއްޗެކެވެ. 

ޔާމީނުގެ ވެރިކަމުގައި ހުރިއިރު ހެސްކިޔާފައި މޮރިޝަސްއިން ޗާގޯސް ހޯދަން މަސައްކަތް ކުރިއިރު ޔާމީނު އޮތީ ގަދަ ނިދީގައެވެ. ެހެންވެ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިއްޖެނަމަ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބައެއް ހިގައިދާނެކަން އެނގުނީއެއް ނޫނެވެ. ޑރ ވަހީދުގެ ބަގަވީ ސަރުކާރުން ކުޑަކޮމެޓީއެއް ހަދައިގެން އިގްތިސާދީ ސަރަހައްދާ ބެހޭ ގޮތުން މަސްވަރާ ތަކެއް ނަމަވެސް ކުރިއެވެ. އެ ވަރުވެސް ޔާމީނަކަށް ނުވިއެވެ. އަމްދުން މާދުރުގައި އޮތް މޮރިޝަސްއިން ޗާގޯސް ހޯދަން އެވަރުން އުލެމުން ދިޔައިރު އަޅާ ކަހާވެސް ނުލާ ޔާމީނު އިނީ ރުބެލްއާއެކު އޯބަތް މޮޑޭށެވެ. މޮރިޝަސްއިން ހުށަހަޅައިގެން އުޅުނު މައްސަލައިގެ ތެރެއަށް ކުޑަމިނުން ތަދައްހުލުވެސް ވެނުލާ ހަވާދު ގުދަނަށް ތަދައްހުލު ވެގެންނެވެ. ހަގީގަތުގައުވެސް އެއީ ގަސްތުގައި ވީ ބޮޑު އިހުމާލެކެވެ. 

އަނެއްކޮޅުން 2019 ވަނައަހަރު މި ސަރުކާރުން ޗާގޯސް ގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނަން ނުޖެހޭނެ ކަމަށް ދެކި މޮރިޝަސްއާއި އެއްބައިނުވެ އދ ގައި މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނުމުން ޕީޕީއެމުން ސަރުކާރާ ދެކޮޅަށް ބަޔާން ނެރެ މޮރިޝަސް ރައްޔިތުންގެ ކިބައިން ދިވެހި ސަރުކާރުން މާފަށް އެދެން ޖެހޭނެ ކަމަށް ގޮވާލީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރޮޝަސްއަށް އޮންނަން ޖެހޭނެ ކަމަށް ބުނެއެވެ. މިހާރު އެ ލަވަ ބަދަލުވީ ބަޅުރުކު ކާއްޓަކުން ބޮލުގައިޖެހި ސިނކުޑި ވާތަށް ފުރޮޅި ލޮލަށް ލޭ އަރައިގެން ތާއެވެ.

]]>
Sun, 30 Apr 2023 09:50:36 +0500 ހީރަސްނިއުސް
މަލިކާއި ރާއްޖޭގެ އިން ވަކިކުރިއިރު 200 މޭލު ކޮބާ! https://heerasnews.com/1302 https://heerasnews.com/1302
  • ރާއްޖޭގެ އިމަކީ ބޭރު ދުނިން ފެށިގެން ބޭރަށް 12 ނޯޓިކަލް މޭލު
  • ހާއްސަ އިގްތިސާދީ ސަރަހައްދަކީ ބޭސްލައިނުން ފެށިގެން 200  މޭލު
  • އިގްތިސާދީ ސަރަހައްދު ފުށުއަރާނަމަ ދެސަރުކާރުން އެއްބަސްވާގޮތަކަށް ފުށުއެރުން ހައްލުކުރުވޭނެ
  • އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން ހައްލުކުރުމަށް މަޖިލީހުން ގޮތް ނިންމަކަށް ނުޖެހޭނެ
  • ވެރިކަމަށް ފައިނަގައިގެން އުޅޭ މީހުންނަށް ކޮންމެ ކަމެއްގައިވެސް ސަރުކާރު ބަދުނާމުކޮށް ކޮންމެވެސް ވާހަކައެއްް ނުދައްކައެއް ނުތިބެވޭނެއެވެ. ރައްޔިތުންނަށް މާ ހެވެއް އެދިގެން ބަޔާންތައް ނެރެ މުޒާހަރާކޮށް އަޅި ނުބުރުވާ ތިބެގެން ނުވާނެއެވެ. ރިޔާސީ އިންތިހާބު މިހާ ކައިރީގައި އޮތުމުން ރައްޔިތުންގެ ސަމާލުކަން ހޯދަން އެވެރިން ޗަރުކޭސް ކުޅޭނެއެވެ.

    ޗާގޯސް މައްސަލައަކީވެސް އެޒާތުގެ ކަމެކެވެ. ބައިނަލް އަގުވާމީ ގާނޫނާ ރައްޖޭގެ ގާނޫނުތައް ކޮންމެހެނެއް އޮތަސް ވެރިކަން ބޭނުމިއްޔާ ސަރުކާރު ގޯސްކޮށް ހަނު ތިބެގެން ތިބި ބައެއްކަން ރައްޔިތުންނަކަށް ނޭނގޭނެތާއެވެ. ބައިނަލް އަގްވާމީ ޓްރައިބިއުނަލްއެއްގައި ހިނގާ ޝަރީއަތެއްގެ ތެރެއަށް ބައެއް ސިޔާސީ ޕާޓީ ތަކުން ދަނޑި ބޭނޭތޯ އެއުޅެނީ އެހެން ވެގެނެވެ. މައްސަލައިގެ ހުކުން ކުރަން އައްޑަން ގަޑިއަށްވީމާ ސިޓީ ފޮނުވާ ބަޔާންނެރެ ހަދާއިރު އެއިން ކަމަކުން ކުރާ ހުކުމަކަށް އަސަރެއް ނުކުރާނެ ކަން ރަނގަޅަށް އެގޭނެއެވެ. އެހެނެއް ކަމަކު ޕީޕީއެމާއި ގާސިމާއި ކާނަލް ނާޒިމު އެކުރަނީ ރައްޔިތުން ވައުވެއްދުމުގެ މަސައްކަތެވެ. ރިޔާސީ ކެންޕޭނެވެ.

    މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އުފެދިފައިވާ އިގްތިސާދީ ސަރަހައްދުގެ ފުށު އެރުމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ކަނޑައެޅުމުގައި ޖުމްހޫރީޕާޓީގެ ބައިވެރިވުން ބޮޑެވެ. ޗާގޯސް މައްސަލައިގައި ސިޔާސަތު ކަނޑައެޅި ވަޒީރުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލްކުރާ ވަޒީރުން ތިއްބެވެ. ވެރިކަމާ ހުރެ އަމިއްލަ އަތަށް ގޮވާ އިރުވެސް ސަރުކާރާ ދެކޮޅަށް ބަޔާން ނެރެވޭތޯ ގާސިމު ބަލަންވާނެއެވެ.

    ބައިނަލްއަގުވާމީ ކޯޓެއްގައި ރާއްޖޭގެ ނަމުގައި އެއްވެސް އެއްޗެއް ބުނެ މައުލޫމާތެއް ދެވޭނީ އެއިރަކު އޮންނަ ގާނޫނީ ސަރުކާރަކަށް ކަން އޮޅެފައެއް ނުއޮންނާނެއެވެ. ކޯޓުން ބަލައިގަންނާނީވެސް ސަރުކާރުން ދައްކާ ވާހަކަ އެކަންޏެވެ. ވީއިރު ވެރިކަމައިގެން ފެންބޮވާފާ ތިބި ބަޔަކު ހޭކެނޑިގެން މަތިމައްޗަށް ބައިނަލްއަގްވާމީ ކޯޓަކަށް ސިޓީ ބިޓީ ފޮނުވުމަކީ ނޫސް ތަކުން ސުރުހީ ހޯދަން ކުރާ ރިޔާސީ ކެންޕޭނެކެވެ. 

    އިޓްލޮސް އިން ކުރާ ހުކުމަކުން ރާއްޖޭގެ ސަރަހައްދުން އިންޗިއެއް ގެއްލިގެން ދާނެ ފަދަ ޝަރީއަތެއް އެތާކު ނުހިނގައެވެ. އިޓްލޮސްގައި ހިނގީ ރާއްޖޭގެ ސިޔާސީ ސަރަހައްދާ ގުޅޭ ޝަރީއަތެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ ސަރަހައްދު ގާނޫނު އަސާސީގައި ސާފުކޮށް ކަނޑައަޅާފައި އެބައޮތެވެ. ގާނޫނު އަސާސީ ބުނަނީ " ދިވެހިރާއްޖޭގެ ސަރަޙައްދަކީ، ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު" ކަމަށެވެ. 

    ގާނޫނު އަސާސީ ބުނާ ބޭސްލައިން ތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދީ ކަނޑަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ (ޓެރިޓޯރިއަލް ސީ) ސަރަހައްދެވެ. މި 12 ނޯޓިކަލް މޭލުގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކޮށް، އެ ޤާނޫނަށް ގެންނަ ބަދަލަކުންނެވެ.

    ސިޔާސީ ސަރަހައްދާ އިގްތިސާދީ ސަރަހައްދަކީ ދެތަނެކެވެ. ދެކަމެކެވެ. ތެދެކެވެ. ސިޔާސީ ސަރަހައްދީ އިމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސް ކޮށްގެންނެވެ. އިޓްލޮސްގައި ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ފައިސަލާ ކުރަން އުޅެނީ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ (ޓެރިޓޯރިއަލް ސީ) މައްސަލައެއް ނޫނެވެ. މާނައަކީ މޮރިޝަސްއާއި ރާއްޖެއާ ދެމެދު ޖެހިގެން އުޅެނީ ސަރަހައްދީ ސިޔާސީ އިމުގެ މައްސަލައެއް ނޫނެވެ. އެހެން ކަމުން އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ބޭނުމެއް ނުވާނެއެވެ.

    ރާއްޖެއަށް ހާއްސަ އިގްތިސާދީ ސަރަހައްދު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާއިން އިއީޒެޑްގެ ގޮތުގައި ވަށައިގެން 200 މޭލު އޮތީ ކަނޑައަޅާފައެވެ. ހަމަ އެ ގާނޫނުގެ 7 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާ ނަމަ ހަދަން ޖެހޭ ގޮތް ބުނެފައި އެބައޮތެވެ. ފުށުއަރާ ދިމާއަކާ ބެހޭގޮތުން އެ ޤައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރީމަންޓެއްގެ ދަށުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަކަށް އެ ޤާނޫނު ހުރަސް ނާޅާކަމަށް ބަޔާންކޮށް އެ ގާނޫނުން ދައުލަތުގެ ނަމުގައި ކަންކުރުމުގެ ބާރު ސަރުކާރަށް އޮތީ ދީފައެވެ. 

    އަޖައިބެއް ނުވާނެ ހެއްޔެވެ. ދައުލަތުން ދައުވާ ކުރުމާ ދައުވާއަށް ޖަވާބުދާރީ ވާންޖެހޭ ގޮތްތަކާއި ހަމަތައް ގާނޫނުތަކުގައި އެހުރީއެވެ. އެކަމަކީ ދައުލަތުގެ ބަންޑާރަ ނައިބަށް ގާނޫނު އަސާސީ މަތިކޮށްފައިވާ ކަންކަމެވެ. ރައްޔިތުންގެ މަޖިލީހުން ނިންމައިގެން ކުރަންޖެހޭ ކަންކަމާއި ލަފާ ހޯދައިގެން ކުރަން ޖެހޭ ކަންކަންވެސް ގާނޫނު ބުނެދެއެވެ. އެހެން ނޫނަސް ދައުލަތުގެ ސިޔާސަތު ކަނޑައަޅަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއިއެކު ރައީސުލްޖުމްހޫރިއްޔާއެވެ. 

    ފޯޅަވަހި މައްސަލައިގައި މިއަދު އެކަން އައުކަމަކަށް ވެގެން އުޅުނަސް ރާއްޖޭގެ އުތުރުން އިންޑިއާއި އެތާ ކައިރިން ލަންކާއާއި އެކު އެއްބަސް ވުން ހަދައިގެން އިގުތިސާދީ ސަރަހައްދުގެ ފުށުއެރުން ހައްލުކޮށްގެން ތިބިކަމެއް ވެރިކަން ފެންނަވަރުން  މިމީހުން ހަދާނެއް ނެތެވެ.

    ]]>
    Fri, 28 Apr 2023 15:29:14 +0500 ހީރަސްނިއުސް
    އާސަންދައިން ރައްޔިތުން ބޭސްކުރާތީ ސައީދު ރަތަށް https://heerasnews.com/1260 https://heerasnews.com/1260 މާވަރުގަދަ އެކޮނޮމިސްޓެކެވެ. ޔާމީނަށް ވުރެ އެކޮނޮމިސްޓްކަން ބޮޑެވެ. ނަމެއްގައި ވަޒީރުކަން ދީގެން ޔާމީނު ގެންގުޅުނީތީ މިހާރު މާ ފުޅާ ވިޔަކަސް ވަޒީރު ކަމުގައި ވީއެއް ނުވިއެއް މި ކަލޭގެއަކަށް ނޭގެއެވެ. ދައުލަތް ދަވާލަން ޔާމީނު އުޅުނު އިރު ވަޒީރުކަން ދީފައި އަތްގާތް ކޮށްދޭން ގެންގުޅުނު ފިނިފެންމާ މިހާރަކު މާވަރަކަށް މި ފުއްޕަނީ ކީއްވެކަން އެނގޭ ހެއްޔެވެ. 

    ރައްޔިތުންގެ ކަންކަމަށް މާ އިސްކަމެއް ދޭ މީހަކަށް ވެގަނެގެން މި ކުރާ ކަމަކީ ޕީޕީއެމް ތެރޭގައި މަޝްހޫރުކަން ހޯދުމެވެ. ހިތުން މާ މޮޅު މީހެކޯލައެވެ. ނުބެހޭ ކަމެއް ނޭނގޭ ކަމެއް ނެތެވެ. ދޮގުމައްޗަށް ދޮގުހަދައިގެން ރައްޔިތުންނަށް އޮޅުވާލުން ނޫން ކަމެއް ނުކުރެއެވެ. 

    މާވަށު ދާއިރާގެ މީހުން ނަޖިސް ފެނުން ފެންވެރިޔަސް ލަފާ ނުފުރުނަސް ކަރަންޓް ނެތަސް އޭނާއަށް ވަރިހަމަތާއެވެ. އޭނާ ހުންނާނީ މީރު ފެނުން ފެންވަރައިގެން ބަނޑުފުރާކައިގެންނެވެ. އޭނާގެ އަނތްބަކު ދަރިއަކު ދުރުތާ ތިމާގެ މީހަކުވެސް އެ ދާއރާގައި އުޅޭނީއެއް ނޫންވިއްޔާއެވެ. ޕީޕީއެމް ރިޔާސީ ޓީކެޓަށް ފައިނަގައިގެން މަޖިލީހުގައި ފޮނު އަރުވަން ހުންނަން ވީތާއެވެ. 

    މާތްކަލާކޯއެވެ. ދިވެހިރާއްޖޭގެ ވެރިކަމަށް ފައިނަގައިގެން ނެގިނެގިފަ ޖެހޭ އިރު މިއްޔަކީ ފުރިހަމަ ދިވެއްސެއް ވެސް ނޫނެވެ. ކުރީ ސަފަށް ނިކުމެ އިންޑިއާ އައުޓް ގޮވަން ޔާމީނު ކައިރީގައި މިހުންނަނީ އިންޑިޔާ މީހަކަށް ކާފަކިޔާ ބައި ދިވެއްސެކެވެ. އިންޑިއާއަށް ވެސް ނުތަކައިގެން ފިލައިގެން އައިސް އުލިގަމުގައި ތެޅެބާލަނިކޮށް ދިމާވި ތުރާކުނު އަންހެނަކާ އިދެގެން އުޅުނު ދެކުނު އިންޑިޔާ މީހަކަށް ކާފަކިޔާ މަރުދޮޅިއެކެވެ. 

    އަމިއްލަ ހަށީގައި ދިވެ ލޭ ނުހިނގާ މީހަކަށް ވެވޭނީ ކޮން ގައުމީ ލޯތްބެއްޔެވެ. އިންޑިއާ އަކަށް ވެސް ރާއްޖެ އަކަށް ވެސް ނަމުން ތުރާކުނު ސައީދު ހެވެއް ނޭދޭނެއެވެ. ދިވެހިންގެ މައްޗަށް ކުލުނެއް ކުޑަކޮށް އޮތް ނަމަވެސް ދިވެހި ރައްޔިތުން އާސަންދައިން ބޭސް ކުރާތީ ހުޢްޓާނުލާ ތައްޔެއް ނުތަޅާނެއެވެ. ސިޔާސީ ގޮތުން ސަރުކާރު ބަދުނާމު ކުރާނަމޭ ހިތާ މި ކިޔަނީ ދިވެހި ރައްޔިތުން އާސަންދައިން ބޭސްކުރާ ވާހަކައެވެ. 

    ބަލި ހާލުގައި އުޅޭ ރައްޔިތުންނަށް އާސަންދައިން ބޭސްކޮށް ދޭތީ ތުރާކުނު މުހައްމަދު ސައީދާ ޕީޕީއެމް އިސް މީހުން މި އަރަނީ ހާދަ ރުޅިއެކެވެ. ބޭސް ފަރުވާއަށް ބޭނުންވެފައިވާ ބަލިމީހާއަށް ވުރެ ދައުލަތުން ހަރަދު ކުރަން މުހިންމު އެހެން ކަމެއް ނުއޮންނާނެއެވެ. ދަރާވިކިގެން ވެސް ރައްޔިތުންނަށް ބޭސް ފަރުވާ ކޮށްދޭން ޖެހޭނެއެވެ. 

    މަހަކު ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ކޮންމެ މީހަކަށް ދައުލަތުން ހަރަދުކޮށްގެން ސަރުކާރާ ރައްޔިތުންނަށް ފުރައްސާރަ ކުރަން މަޖިލީހަށް ވަދެތިބެ ދައުލަތުން ތިޔަ ކުރުވަނީ ކޮންފަދަ ބޮޑު އިސްރާފެއް ހެއްޔެވެ. ރައްޔިތުންނަށް ލުއިފަސޭހައެއް ހޯދާ ނުދެވޭތާ ރައްޔިތުންނަށް އާސަންދައިން ބޭސް ފަރުވާ ކުރެވޭތީ އެކަން ހުއްޓުވަން ނުފުމޭށެވެ. 

    ]]>
    Thu, 20 Apr 2023 14:08:27 +0500 ހީރަސްނިއުސް
    އަގީދާގައިވެސް ވައްޑެއަކީ ނަޝީދުގެ އަޅެއް https://heerasnews.com/1188 https://heerasnews.com/1188 ޑރ. އަފްރާޝީމް ފުރުއްވި ގޮނޑީގައި އިންނަވައިގެން ޑރ. އަފްރާޝީމަށް ހުތުރު އަރުވަން ވައްޑެ ލަދެއް ނުގަނެއެވެ. ޑރ. އަފްރާޝީމްގެ ހަޔާތްޕުޅުގައި އެ މަނިކުފާނަށް އެންމެ ދުއްތުރާ ކުރި މީހަކީ ކެނެރީގޭ ނަޝީދެވެ. ޑރ. އަފްރާޝީމްގެ ސިޔާސީ ހަޔާތުގައި އެ މަނިކުފާނަށް އެންމެ ގޯނާކުރި މީހަކީ ނަޝީދެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ޑރ. އަފްރާޝީމް ހުންނަވާތީ ކެތްނުކުރެވިގެން ޖޭއެސްސީގެ މެންބަރ ކަމުން ޑރ. އަފްރާޝީމް ވަކިކުރުމުގެ ހުރިހާ ކަމެއް ހިންގީ ސީދާ ނަޝީދެވެ. އޭނާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރެގެންނެވެ. 

    ޑރ. އަފްރާޝީމަށް ނިސްބަތްކޮށް ކެނެރީގެ ނަޝީދު ޅެމެއްގެ ސިފައިގައި ދައްކާދޭން އުޅޭ އަގީދާއަކީ ކޮބައިކަން ފައިނު ވައްޑެމެނަށް އޮޅުނަސް ގިނަ ދިވެހިންނަކަށް ނޯޅެއެވެ.

    ޑރ. އަފްރާޝީމްގެ އާދޭސްގެ ނަމުގައި ނަޝީދު ކިޔާފައި އޮތް އެއްޗެއް ބައްލަވާލެއްވުމަށް ފަހު ނަޝީދުގެ އަމަލުތައް ހުރިގޮތް ހަނދުމަފުޅަށް ގެންނަވާށެވެ. މީހެއްގައި ހުރި ނޭއްގާނިކަމާއި ނުބައި ވިސްނުން އިހުސާސްކޮށް ލެއްވޭނެއެވެ.

    މަޖިލިސް މެންބަރު ކަމުގައި ޑރ.އަފްރާޝީމް ހުންނެވުމުން އެންމެ ބޮޑަށް ހަޖަމު ނުކުރެވުނީވެސް ރައީސް ނަޝީދަށެވެ. ރާއްޖޭގެ މޫނުމަތިން އިސްލާމީ ޝިއާރު ފާޅުވާ ކަންކަން ފުހެލުމަށް ރައީސް ނަޝީދު ހިންގި ޖަރީމާ ހިންގުމަށް އެންމެ އުދަގޫވީ އަފްރާޝީމް މަޖިލީހުގެ މެންބަރަކަށް ހުންނެވުމުންނެވެ.

    ރާއްޖޭގެ ރަސްމީ ތައުލީމުގައި އިސްލާމް މާއްދާއަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އިހުތިޔާރީ މާއްދާއަކަށް އިސްލާމް މާއްދާ ހެދީ ނަޝީދުވެރިކަމުގައި ނަޝީދު އިސްވެ ހުރެއެވެ. އިސްލާމް މާއްދާއަކީ މަޖުބޫރު މާއްދާއަކަށް ގާނޫނަކުން ހެދީ ޑރ. އަފްރާޝީމް މަޖިލީހުގައި އިންނަވާ ނަޝީދާ ދެކޮޅަށް ކުރެއްވި މަސައްކަތުންނެވެ.

    އިސްލާމީ ތައުލީމުދޭ ކުއްލިއްޔާ ރައީސް ނަޝީދު އުވާލުމުން ގާނޫނަކުން ކުއްލިއްޔާ އަނބުރާ އިޔާދަ ކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވީ ޑރ. އަފްރާޝީމްއެވެ. ގާނޫނުލް އުގޫބާތުން ހައްދު ޖެހުން ނައްތާލުމަށް ހުރަސް އެޅުއްވުން ފަދަ އެތައް ކަމަކާ ހުރެ މަޖިލިސް މެންބަރެއްގެ ގޮތުގައި ޑރ. އަފްރާޝީމް އިންނެވުމަކީ ރައީސް ނަޝީދަށް ހަޖަމް ކުރެވުނު ކަމެއް ނޫނެވެ. 

    ޑރ. އަފްރާޝީމްގެ ދީނީ ވިސްނުންފުޅު ކަމަށް ސިފަވާ ގޮތަށް ރައީސް ނަޝީދު ހަދާ ކުރިން ވައިރަލް ވެފައިވާ ޅެމެއް އަލުން އުނގޫފާރު ދާއިރާގެ ގޮނޑީގައި އިނދެ ފައިނު ވައްޑެއް ޓްވީޓް ކުރިޔަސް ވައްޑެއަކީ ޑރ. އަފްރާޝީމް ހިންގެވި މަގުން ހިނގޭވަރުގެ މީހެއް ނޫނެވެ. ދީނީ ގޮތުންނާއި އަހުލާގީ ގޮތުންނާއި ސިޔާސީ ވިސްނުމުގައި ފައިނު ވަހީދަކީ މިނިވަނެއް ނޫންކަން އެނގެއެވެ. އަގީދާގައި ވެސް ވައްޑެއަކީ ނަޝީދުގެ އަޅެއްކަން މާބޮޑަށްވެސް ސާފުވެއްޖެއެވެ. 

    އެކަމަކު ބުނަން ހެއްޔެވެ. އަފްރާޝީމް ވިދާޅުވީ މިހެންނެވެ. އަފްރާޝީމް ވިދާޅުވީ ނަޝީދު އެބުނާ ހެނެއް ނޫނެވެ.   

    ]]>
    Sat, 01 Apr 2023 16:50:46 +0500 ހީރަސް
    ކައިޒީންގެ އުފަންދުވަހުގެ "ބަރަކާތުން" ގާސިމް ރިޔާސީ ރޭހަށް! https://heerasnews.com/1186 https://heerasnews.com/1186 އުސްފަސްގަނޑޭ ބުނުމާ އެކު ހިތަށް ސިފަވަނީ އެމްޑީޕީއެވެ. ޑިމޮކްރަސީ އާއި އިންސާފަށްޓަކާ އަނިޔާ އާއި ދެކޮޅަށް އެމްޑީޕީގެ ގަދަފަދަ ލަޝްކަރު ރުކުރުވާލި މާލޭގެ ބިމަކ  ހެންވޭރު އުސްފަސްގަނޑެވެ. އެމްޑީޕީގެ ސްޓޭޖަކުން އެ ޕާޓީގެ ރައީސް ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް އެންމެ ހޫނު ބަހުގެ ހަމަލާ ދެއްވީ އުސްފަސްގަނޑު ގައެވެ.

    ދުނިޔެ އެނބުރެމުން ސެނބުރެމުން ގޮސް 2023ގެ މާރޗް 30 އަށް މެންދަމު ގަޑިން 12 ޖެހިއިރު އުސްފަސްގަނޑުގައި ރަނިކަން ކުރައްވަން ހުންނެވީ ރާއްޖޭގެ ޒުވާން މޮޑެލް ކައިޒީންއެވެ. ޒުވާނުން ކިތަންމެ ފައްޔެއް ޖެހިޔަސް ކައިޒީންގެ ހިތުން ޖާގައެއް ހޯދުމަށް ދައްޗެވެ. 

    ރަސްކަމާއި ރަނިކަން ރަމްޒު ކޮށްދޭ ރަންކުލައިގެ ތީމަކުން ޖަރީވެފައި އޮތީ ކައިޒީންގެ އުފަންދުވަހެވެ. މޭމަހުގެ 30 ވަނަ ދުވަހެވެ. ރާއްޖެގެ ބޮޑު ސޭޓް އޮނަރަބްލް ގާސިމް އިބްރާހިމް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ އުންމީދުގައި އެއްލާ 3 ވަނަ ވަކި އެއްލީ ދުވަހަށް އިރުއެރި ފަހުން ކައިޒީންގެ އުފަން ދުވަހުއެވެ. ރަސްމީ ގޮތުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޢުމުރުން 72 އަހަރުގެ ގާސިމް ހަމަ ޖެހުނު ކައިޒީންގެ ބާތުޑޭއެވެ. 

    އެރޭގައި ކައިޒީން ހުރީ އުސްފަސްގަނޑު ނަގައިގެންނެވެ. މިއަދު ގާސިމް އެހުންނެވީ ރައީސް ނަޝީދާއި މީސްކޮޅު ގާސިމްގެ ފަހަތުގައި ފައްތިޔާ ކުޑަ ދޯންޏަކަށް ހައްދަވައިގެންނެވެ. 

    ކައިޒީނަށް އުފާވެރި އުފަން ދުވަހަކީ ބައެއް އަނބި އަނބި ކަނބަލުންގެ މާދަމ ބަދަލު ވެގެންދިއުމުގެ ފެށުން ކަމުގައި ވެސް ވެދާނެއެވެ.

    އުމުރުން 72 ގައި މިފަހަރު ރައްޔިތުން ގާސިމާއި ފެއަށް ހިނގައްޖެނަމަ ރާއްޖޭގެ ވެރިކަމާ ގާތްވުމަކީ ގާސިމަށް ދެން ދުވަހަކުވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. 

    އެންމެ ދެރައީ ކޮވިޑްގެ މުޞީބާތުގައި ގާސިމް ރައްޔިތުންނާ ގައުމަށް ފިއްލެވީމައެވެ.

    ]]>
    Fri, 31 Mar 2023 14:37:01 +0500 ހީރަސް
    މަ ހީރޯ & ތަ ޒީރޯ https://heerasnews.com/1137 https://heerasnews.com/1137 2018ގައި އެމްޑީޕީ ވެރިކަމަށް އައުމަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ސިޔާސީ ޕާޓީތަކަކާއި އެކު ކޯލިޝަން ހެދިއެވެ. ކޯލިޝަން ޕާޓްނަރުންނަކީ އަދާލަތާއި ޖުމްހޫރިީއާއި ޕީޕީއެމް/އެމްއާރުއެމްއެވެ. އެމްޑީޕީން ކޯލީޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ނަޝީދެވެ. ޖުމްހޫރީން ގާސިމް އިބްރާހީމެވެ. އަދާލަތުން ޝައިޚް އިމްރާނެވެ. ޕީޕީއެމް/އެމްއާރުއެމުން ރައީސް މައުމޫނެވެ. ސިޔާސީ ބޯކިބަލުގެ 40 ޕަސެންޓް އެމްޑީޕީއަށެވެ. އަނެއް 60 ޖުމްހޫރީއާއި އަދާލަތާއި ޕީޕީއެމް/އެމްއާރުއެމަށެވެ. ރައީސްކަން އެމްޑީޕީއަށެވެ. ނައިބު ރައީސްކަން ޖުމްހޫރީއަށެވެ. 

    ހޭވައްޓާލާފައި ބިޔަ ކޯލީޝަނުން ވެރިކަމަށް ގެނައީ އިބޫފައިސަލްއެވެ. އެއްބަސްވުމާ އެއްގޮތަށް ކެބިނެޓާއިއި ސިޔާސީ މަގާމުތަކާއި ސަރުކާރުގެ ކުންފުނި ތަކުގެ އިސްވެރިން ބެހިގެން ދިޔައެވެ. ޕެޕަރސްޕްރޭ ޖެހުނު އެމްޑީޕީ އެންމެނަށް ވަޒީފާ ނުދެވޭނެ ކަމަށް ވިދާޅުވަމުން އިބޫ ސަރުކާރު ދެމެހެއްޓުމަށް ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އަޑުހަރުކޮށް ވިދާޅުވަމުން ގެންދެވީ އެމްޑީޕީގެ ރައީސް ނަޝީދެވެ. 

    ރައީސް ސާލިހު ވެރިކަމަށް ހުވާކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ތަގްރީރުގައި ވެސް އެންމެ ބަރުލައްވާ ވިދާޅުވީ ކޯލިޝަން ދަމަހައްޓަވާނެ ކަމަށެވެ. މިއަދާއި ހަމައަށް ވެސް ރައީސް އެވަޑައިގަތީ އެ ވައުދުފުޅު ދަމަހައްޓަވަމުންނެވެ. އެހެން ނަމަވެސް ރައީސް ނަޝީދަކަށް އެކަމެއް ހަޖަމެއް ނުކުރެއްވުނެވެ. 

    ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާ ހިސާބުން އަމިއްލަފުޅަށް ސޮއި ކުރެއްވި ކޯލިޝަން އެއްބަސްވުން ރޫޅާ ލައްވައިފިއެވެ. ކޯލިޝަން ދަމަހައްޓަވާތީ ރައީސް ސާލިހަށް އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދު ޕްރެޝަރ ކުރައްވަން ފެއްޓެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ލިބުމާއެކު ރައީސް ނަޝީދުގެ ދުނިޔެ ރަންވެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ހުވަފެންފުޅު ދެކިވަޑައިގެން ސަރުކާރު ހިންގުމުގެ ސީދާ ބާރު އަތްޕުޅަށް ނެންގެވުމަށް މަސައްކަތްޕުޅު ފެއްޓެވިއެވެ. 

    ރައީސުލް ޖުމްހޫރިއްޔާއަކީ ރަމްޒީ ބޭފުޅަކަށް ހައްދަވައި ރައީސް ސާލިހު ބާރުތަކުން އެކަހެރި ކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވިއެވެ. ކޯލީޝަން ޕާޓްނަރުންނަށް ފުރައްސާރަ ކުރެއްވުމާއި ބޮޑެތި އިލްޒާމުތައް އަޅުވާ ކޯލިޝަން ޕާޓްނަރުން ސަރުކާރު ދޫކޮށް އަމިއްލައަށް އެއްފަރާތް ވާވަރަށް އެމްޑީޕީގެ ތެރެއިން ޕްރެޝަރ ކުރިއެވެ. ރައީސް ސާލިހުގެ ދުރު ވިސްނުންފުޅާއި ކެތްތެރިކަމާއި ރެއެކްޓު ނުކުރެއްވުމުގެ ނަތީޖާއަކަށް ވީ ރައީސް ނަޝީދު އަމިއްލަފުޅު ޕާޓީގެ ތެރޭގައި ބާކީވެ އެކަހެރިވުމެވެ. ޕީޖީ ގްރޫޕާއި ގައުމީ މަޖިލީހާއި ސެކްރެޓްރިއޭޓާއި ކޮންގްރަސްގެ ކޮންޓްރޯލް ރައީސް ނަޝީދަށް ގެއްލި ވަޑައިގަތުމެވެ. 

    ޕްރައިމަރީ ތަކުން ބަލިވާ މީހުން ގަދަވާ މީހާގެ ފަހަތައް އަރާ ޕާޓީގެ ސްޓޭންޑް ނެގެހެއްޓުމަށް މިސާލު ދައްކަވާ ބާރުއެޅުއްވި ރައީސް ނަޝީދު ޑިމޮކްރެޓިކް ވެލިއުތައް މުގުރާލައްވާ މުޅި ޕާޓީގެ ނިންމުތައް ބޮލާލައި ޖައްސަވާ ޕާޓީއާއި ދެކޮޅަށް އިދިކޮޅަށް ވުރެ އިދިކޮޅުވެ ބަގާވާތް ފެއްޓެވިއެވެ. ރައީސް ނަޝީދަށް ނެތް ވެރިކަމެއް ޕާޓީގައި ވެސް ނުއޮތުމަށް ޕާޓީގެ ރައީސް ފޫގެޅުއްވީއެވެ. 

    ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހުންނަވަނިކޮށް ވަކިވެގަތުމުގެ ފިކުރެއް އުފައްދަވާ އެމްޑީޕީއާއި ދެކޮޅަށް ވާދަވެރި ޕާޓީތަކާއި އެކު ކޯލީޝަން ހެއްދެވުމަށް މަރުފަލި ޖައްސަވަން ފެއްޓެވީއެވެ. އެމްޑީޕީ ކޯލީޝަނުގައި ޖުމްހޫރީ އޮވެ ނާޖާއިޒު ފައިދާ ނަގާ ހައްގުނޫން ބަދަލު ދައުލަތުން ހޯދާކަމަށް ތުހުމަތު ކުރެއްވިއެވެ. ގާސިމް އިބްރާހީމަށް ނިސްބަތްކުރައްވާ ވިދާޅުނުވާ ކުނިފުޅައެއް ނެތެވެ. އެކަމަކު އެމްޑީޕީ ފޭލިކޮށްލުމަށް ޖުމްހޫރީ ލީޑަރ ގާސިމް އިބްރާހީމްއަށް ވެރިކަން ހޯދައިދޭން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ދެކޮޅަށް އެމްޑީޕީގެ ރައީސް ނަޝީދު ބަގަވާތް ކުރައްވަން ފެއްޓެވީއެވެ.

    ނަފާ ނަސީމް ވިދާޅުވާހެން ކަލޭ ކޯލިޝަން ހަދާނަމަ ގާނޫނާ ހިލާފުއެވެ. އެކަމަކު މަ ކޯލިޝަން ހެދީމާ އެއީ ޑެމޮކްރެސީގެ އަސާސެވެ. ގައުމަށް ހެވާ ލާބައެވެ. ކަލޭ ވަކިވެ ދަންޏާ އެއީ ބައިބައިވުމެވެ. މަ ވަކިވެ ދަންޏާ އެއީ އެއްބައިވުމެވެ. މަމީ ހީރޯއެވެ. ކަލޭ ތީ ޒީރޯއެވެ.

    ]]>
    Wed, 15 Mar 2023 14:24:56 +0500 ހީރަސް
    ގާސިމަކާ ކުޅިކުޅިވަރެއް ނުކުޅެވޭނެ! https://heerasnews.com/1129 https://heerasnews.com/1129 ރާއްޖޭގެ ސިޔާސީ ނާރެހުގައި އެންމެ ދުރު ވިސްނިވަޑައިގަންނަވާ އެއް ބޭފުޅަކީ ގާސިމް އިބްރާހީމްއެވެ. ސިޔާސީ ގޮތުން ގާސިމް އިބްރާހީމް ޅައެއްޗެއް އަޅުއްވާފައެއް ނެތެވެ. "ނީޑް ބެޓަރ ޑިމޮކްރަސީ" އިން ފެއްޓެވި ސިޔާސީ ދަތުރުގައި ގާސިމު ބޭނުންފުޅުވެ ވަޑައިގަތް މިސްރާބަކަށް ގައުމުގެ ސިޔާސީ މިސްރާބު އަބަދުވެސް ބަދަލުކޮށް ލައްވައެވެ. ސިޔާސީ ގޮތުން އެމީހާ މިމީހާ ރަނގަޅަށް އެނގިވަޑައިގެން ހުންނަވައެވެ. 

    ރައީސް މައުމޫނުގެ ވެރިކަމުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ކުރެވުނު މަސައްކަތް ކުރެވުނީ މައުމޫނުގެ ބިޔަ މެޖޯރިޓީ އޮތް ހާއްސަ މަޖިލީހަކުންނެވެ. ސިޔާސީ އިސްލާހަށް މަސައްކަތްކުރެއްވި ބޭފުޅުންގެ ބަސްވިކޭ ވަރުގެ މެޖޯރިޓީއެއް އެ ހާއްސަ މަޖިލީހަކު ނެތެވެ. ހާއްސަ މަޖިލިސް އެއްކުރެވުނު ފުރަތަމަ ދުވަހު ވެސް އެ މަޖިލީހުގެ ރައީސަކަށް އިސްލާހީ ހަރަކާތުގެ މަދު މެންބަރުން ކޮޅު ބޭނުންވީ ގާސިމް ގެންނާށެވެ. އެހެނަސް އެދުވަހު އެކަމެއް ނުވިއެވެ. އެކަމުގައިވެސް ދަނޑިވަޅު ބައްލަވާ ގާސިމް އިބްރާހީމް އެނގަކުރި ހިއްޕެވީ ވަރަށް މޮޅަށެވެ. 

    މައުމޫނުގެ މާލީވަޒީރު ކަމާއި ޑީއާރުޕީގެ ނައިބު ޒައީމްކަން ހޯއްދަވައިގެން މައުމޫނުގެ ބިޔަ މެޖޯރިޓީގެ ރުހުމާއެކު ލިބުނަ ނުދޭން އުޅުނު ހާއްސަ މަޖިލީހުގެ ރައީސްކަން ފަސޭހަ ކަމާއެކު ހޯއްދެވިއެވެ. ގާނޫނު އަސާސީގެ ބިސްމިނުން ފެށިގެން ވައްސަލާމަށް ގާނޫނު އަސާސީ ލިޔެ ފާސްކޮށް ޑިމޮކްރެޓިކް ގާނޫނު އަސާސީއެއް ދިވެހިންނަށް ހޯއްދަވާ ދެއްވީ ގާސިމް އިބްރާހީމް ރައީސް ކަމުގައި އިންނެވި މަޖިލީހަކުންނެވެ.

    ގާނޫނު އަސާސީ ނިންމާ ޖުމްހޫރިޕާޓީ އުފައްދަވާ ވަތަން އެދޭ އިއްތިހާދުގެ ތެރެއިން މައުމޫނު ބަލި ކުރައްވާ އެމްޑީޕީ އިސްވެ އޮތް ޑިމޮކްރެޓިކް ސަރުކާރެއް އުފެއްދުމުގައި އިސްވެ ހުންނެވީ ގާސިމެވެ. ޑިމޮރެޓިކް ފުރަތަމަ ރައީސް މުހައްމަދު ނަޝީދުގެ ނޭންގާނިކަން ބޮޑުވެ އެތަކެއް މުސީބާތްތައް ވަކިވަކި މީހުންނަށާއި ގައުމަށް ޖެއްސެވިއެވެ. ގާސިމް " ޖީޓީ މަނިކަށް ހަދާލުން" އެއީ އަމާޒު ކަމުގައި ހިއްޕަވައިގެން ޕެރަޑައިޒްއަށް ފުލުހުން އަރުވާ އެ ރިސޯޓުގެ ސްޕާ ބަންދުކޮށް އަމިއްލަފުޅު ރިސޯޓް ތަކަށް ގަވައިދުން އެތެރެކޮށްފައި ހުރި ބަނގުރާ ހިފަހައްޓާ ކޮންފިސްކޭޓްކޮށް މާލީ ބޮޑެތި އެތައް ގެއްލުން ތަކެއް ގާސިމަށް ކުރިމަތި ކުރުވިއެވެ. ރައީސް ނަޝީދު ޒާތީވެ ވަޑައިގެން އަމިއްލަ ދޫފުޅުން ގާސިމަށް ނިސްބަތް ކުރައްވާ ވިދާޅުނުވާ ކުނިފުޅައެއް ނެތެވެ. ރައްޔިތުންގެ ކުރިމަތީގައި ގާސިމަކީ އިހުތިރާމެއް ގަދަރެއް ނެތް ގައުމު ވީދައިގެން ކާ މީހެއްކަމަށް ސިފަކޮށްދިނެވެ. ކަންކަން އެހިސާބަށް ދިޔުމުން ރައީސް ނަޝީދާ ދެކޮޅަށް ވަރުގަދަ އިއްތިހާދެއް އެކުލަވާލައި ކޮޅަށް ޖެއްސެވިއެވެ. ނަތީޖާއަކަށްވީ ރައީސް ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވުމެވެ. ނަޝީދުގެ ވެރިކަން ވެއްޓި އެމްޑީޕީ މަގުމަތިވުމެވެ.

    ޑރ. ވަހީދުގެ ބަގަވީ ސަރުކާރަށް ފަހު ރައީސް ޔާމީނު ވެރިކަމަށް ގެނައުމުގައި ގާސިމްގެ ދައުރު ބޮޑެވެ. ރައީސް ނަޝީދާއެކު ކުރެއްވުނު ތަޖުރިބާއަށް ވުރެ ހިތި އަނިޔާވެރި ތަޖުރިބާ ޔާމީނާއެކު ކުރެއްވުމަށް ފަހު ރައީސް ސާލިހު ވެރިކަމަށް ގެންނެވުމުގައި ގާސިމުގެ އެހީތެރިކަން އިންތިހާއަށް ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ސާލިހުގެ ވެރިކަމަކީ އެންމެ ބޮޑު ހަމަޖެހުމެއް ގައުމަށާއި ގާސިމަށް ވެސް ލިބިވަޑައިގެން ވެރިކަން ކަމަށް ގާސިމު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ފިއްތުން ތަކާއެކުވެސް ކޯލިޝަން ސަރުކާރު ނަގަހައްޓަވާ ދަމަހައްޓަވާ ރައްޔިތުންގެ ތެރެއަށް ހަމަޖެހުން ގެނެސް ދެއްވުމުގައި ރައީސް ސޯލިހު ސިޔާސަތާއި ގައުމު ހިންގެވުމަށް ގާސިމް ސެލިއުޓް ކުރައްވައެވެ. 

    ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކަންކަން ވާގޮތަކުން ގައުމު އަނެއްކާ ފާލުން ނައްޓާލަން އެދިވަޑައި ނުގަންނަވާނެ ބޭފުޅަކީ ގާސިމެވެ. ރައީސް ނަޝީދާއި ބައިއަތު ހިއްޕަވައިގެން ގާސިމު ސަރުކާރެއް އުފެއްދެވިޔަސް އެ ސަރުކާރަކަށް ވެގެން ދާނެ ގޮތް އެންމެ ރަނގަޅަށް އެނގި ވަޑައިގަންނަވާނީ ގާސިމަށެވެ. ހިނގަމުން މިދާ ކޯލިޝަން ސަރުކާރުގައި ކޯލިޝަން ޕާޓްނަރުންނަށް ޖާގަ އޮތްލެއް ބޮޑުކަމުން އެކަމާ ދެކޮޅަށް އަޑުއުފުލާ އިދިކޮޅަށް ވުރެ އިދިކޮޅުވެގެން އުޅެނީ ކާކުކަން ގާސިމަކަށް އޮޅިވަޑައެއް ނުގަންނަވައެވެ.

    އެންމެ ފަހުން އޮތް މަޖިލިސް ރައީސް ހޮވުމުގައި ކަންކަން ވެގެން ދިޔަ ގޮތް ގާސިމު ހަނދުމަފުޅެއް ނުނެތޭނެއެވެ. ވަތަން އެދޭ އިއްތިހާދުގެ ހޯމް މިނިސްޓަރ ކަމުން 21 ދުވަސް ތެރޭގައި ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގަތް ގޮތް ހަދުމަފުޅެއް ނުނެތޭނެއެވެ. ޔާމީނާ އެއްގޮޅީގައި ގާސިމު ދޫނިދޫ ޖަލުގައި ބޭއްވެވި ހައްގެއްނެތް އަނިޔާވެރިކަން ހަނދުމަފުޅުން ކައްސައެއް ނުލާނެއެވެ. އަމިއްލަފުޅު ޖާނާ މާލު ގުރުބާން ކުރައްވައިގެން ފައްޓަވާ ދިރުވާ ދެމެހެއްޓެވި އިސްލާހީ ހަރަކާތާއި އެމްޑީޕީއަށް ވެރިވެ ގަތްގޮތް ގާސިމު ހަނދުމަފުޅެއް ނުނެތޭނެއެވެ.

    އާނއެކެވެ. ސިޔާސީ ބުރަދަނެއް ހުރި ކޮންމެ މީހަކާ ގާސިމު މަޝްވަރާ ކުރައްވާނެއެވެ. ދެންމެ ދެންމެ ކޯލިޝަން ހައްދަވާފާނެއޭ ހީވާ ވަރަށް އެކުގައި އުޅުއްވާ ވެސް ފާނެއެވެ. ދިމަދިމާލުން އައިސް ގަނޑުވެ ތޮއްޖެހި ރިޔާސީ އިންތިހާބާ ދިމާކޮށް ކެންޕޭނު ކުރުމުގެ ނަމުގައި ފައިސާ ހޯދަން ފަހަތްޕުޅުގާ މުގޯލިއަޅާ މީހުންގެ ހަގީގަތް ގާސިމަށް ނިކަން ރަނގަޅަށް ސާފުވާނެއެވެ. ރަގުރާގަށް ދައްކާ ކުލަ ހުވަފެނުގެ ހަގީގަތަކީ ކޮބައިކަމާއި ގާސިމްގެ ފަހަރު ކަމަށް ބުނެ ދައްކާ އަވާ މެންދުރުގައި ގާސިމް ޖެހިވަޑައި ގަންނަވާނެ ނަމަ ލަސްކޮށް ފަސްކޮށް ކެންޑިޑެންސީ އިއުލާނު ނުކުރައްވާ މިހާރަކު ނުހުންނަވާނެއެވެ.

    ގާސިމް އިބްރާހީމަކީ ސިޔާސީ ގޮތުން ކުޅިވަރު ކުޅުއްވާ ބޭފުޅެއް ނޫނެވެ. ވިސްނުންތެރި ކަމާއެކު ރަނގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅެއް ނޫނީ ނާޅުއްވާނެއެވެ. ގާސިމުގެ ބައިވެރިވެ ވަޑައިގަތުމާއެކު ރާއްޖެ މިހާރު ދެކެމުން މިދާ އަމާންކަމާއި ހަމަޖެހުމާއި ކުރިއެރުމުގައި ކޮޅުފައިން ޖައްސަވާނެ ބޭފުޅަކަށް ގާސިމު ވެވަޑައެއް ނުގަންނަވާނެއެވެ.  

    ]]>
    Sun, 12 Mar 2023 14:49:38 +0500 ހީރަސް
    ވަކިކުރި އަސްލު އެމްޑީޕީ މެންބަރަކީ ލޭބަރޕާޓީ ލީޑަރުތަ!! https://heerasnews.com/821 https://heerasnews.com/821 އުވަ އޮޑިއަށާއި ދޮންނަ މެޝިނަށާއި ޓައްޕަށް ވޯޓު އަޅައިގެން ބޭއްވި ޕްރައިމަރީ ސައްހަވާ ބޭފުޅަކު ދަފްތަރު އޮޅުވާލާ ވާހަކަ ދެއްކެވީމާ ރީއްޗެއް ނޫނެވެ. ކޮންމެ އެތެރޭގެ އިންތިހާބެއްގައި އެހެން ޕާޓީތަކުގެ މެންބަރުން ވަދެ އިންތިހާބު ގަޑުބަޑު ކުރާ ވާހަކަ ދައްކަވާ ބޭފުޅާ ދަފުތަރު އޮޅުވާ ވާހަކަ ދެއްކެވީމާ ކަމަކު ނުދެއެވެ. އަމިއްލަފުޅު ކޮންޓްރޯލު ދަށުގައ ގައުމީ މަޖިލީހާއި ސެކެޓެރިއޭޓް 17 އަހަރު ވަންދެން އޮތް ބޭފުޅަކު ދަފުތަރު ހަމަ މަގަށް ނާޅުއްވާ ހުންނަވައިގެން ދަފުތަރު ގަޑުބަޑު ވެފައިވާ ވާހަކަ ދެއްކެވީމާ ހުތުރެވެ.

    ހަނދުމަ ފުޅު އައުކޮށް ލައްވާށެވެ. 2008 ގެ ރިޔާސީ ޕްރައިމަރީގެ ކުރިން އެމްޑީޕީގެ ރައީސަކަށް ހޮވި ވަޑައިގަތީ ޑރ. މުނައްވަރެވެ. އޭރު މެންބަރުންގެ ގޮތުގައި ތިބި ތޭރަ ހާހެއްހާ މީހުންގެ ތެރެއިން މުނައްވަރު ހޮވިވަޑައިގަތީ ބޮޑު އަގުލަބިއްޔަތަކުންނެވެ. 2008 ގެ ޕްރައިމަރީގެ ކުރިން ޕާޓީގެ ޗެއަޕަރސަނަކަށް ހުންނަވާ ފްރައިމަރީއާއި ޖެހުމުން އިސްތުފާ ދެއްވިއިރު ޕާޓީގެ ދަފުތަރު އޮތީ ފިސާރި ގައިކޮޅަށް ހެޔޮވަރަށް ފަހާލާފައެވެ. ޕާޓީގެ ރައީސް ހޮވަން ބޭއްވި އިންތިހާބުގައި ވޯޓުލީ އެތައް ބަޔަކަށް އޭގެ ހަމަސް ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީގައި ވޯޓެއް ނުލެވުނެވެ.

    2008 ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ ހަތަރު ބޭފުޅުންނެވެ. ޕާޓީގެ އޭރުގެ ރައީސް ޑރ. މުނައްވަރާއި އިސްތިއުފާދެއްވި ޗެއަރޕާސަން މުހައްމަދު ނަޝީދާއި ޕާލަމަންޓްރީ ގްރޫޕް މެންބަރ ރީކޯ މޫސާ މަނިކާއި ގައުމީ މަޖިލީހުގެ މެންބަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ.

    އިސްތިއުފާ ދެއްވި ޗެއަރޕަރސަންގެ ގައިކޮޅަށް ހެޔޮ ވަރަށް ޕާޓީގެ ދަފްތަރު ބައްޓަންކޮށް ނިމިފައި އޮތް އިރު ކަމަކު ދާކަށް ނެތެވެ. ރިޔާސީ ޕްރައިމަރީ ކެންޑިޑޭޓް އަދި ގައުމީ މަޖިލިސްގެ މެންބަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ނަންފުޅު އެމްޑީޕީ މެންބަރުންގެ ދަފުތަރަކު ނެތެވެ.

    އަޑުގެ ކޮޅަށް އެ ވާހަކަ ދެއްކީ ކެންޑިޑޭޓުން އެކަންޏެއް ނޫނެވެ. އެމްޑީޕީ ރައީސް ހޮވަން ވޯޓުލެވުނު އެކަމަކު ރިޔާސީ ޕްރައިމަރީގައި ވޯޓު ނުލެވުނު އެ ތައްސަތޭކަ މެންބަރުންނެވެ. އޭރުގެ ރައީސް ޑރ. މުނައްވަރު ފެއިލްކޮށްލައްވާ ރިޔާސީ ފްރައިމަރީ ކާމިޔާބު ކުރެއްވީ އިސްތިއުފާ ދެއްވި ޗެއަރޕާސަން މުހައްމަދު ނަޝީދެވެ. އެއީ އެދުވަހެވެ.

    އޭގެ އެގާރަ އަހަރު ފަހުން 2019 ގައި އެމްޑީޕީގެ ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގައި ވާދަކުރެއްވީ މަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޕާލަމެންޓް މެންބަރ މުހައްމަދު އަސްލަމެވެ. އޭރު ޕާޓީގެ ރައީސް ނަޝީދާއި ޗެއަރޕާސަން ހަސަން ލަތީފާއި އިންތިހާބީ ވެރިޔާ "ސާބެ" އަކީ  އެއްގަލުން ފެހިކާ ލަނޑާ ތަކެއް ފަދައެވެ. ވޯޓުލަމުން ދިޔައިރު ވެސް އޭގެ ފަހުން ވެސް މެންބަރު އަސްލަމް ޕާޓީ އޮފީހަށް އެތައް ސަތޭކަ ޝަކުވާ ހުށަހެޅުއްވިއެވެ. އެ ދުވަހު ވެސް ދަފްތަރުގެ ވާހަކައާއި ވޯޓު އޮޅުވުމުގެ ވާހަކަ ތަކުރާރުކޮށް އެތައް ހާސް މެންބަރުން ދެއްކިއެވެ. އެކަމަކު ވީގޮތެއްވެ ނަތީޖާ ނިމިގެން އައީ ޝިފާޒް ކާމިޔާބު ކޮށްގެންނެވެ.

    އެންމެ ފަހުން ބޭއްވި ޗެއަރޕާސަން ހޮވުމުގެ އިންތިހާބުގެ ދުވަސްވަރު ދަފްތަރުގެ ވާހަކަ އަނެއްކާ ވެސް ކެކިގަތެވެ. ޕާޓީގެ ރައީސާއި ނައިބު ރައީސާ އެންމެ ފަހުން ހުންނެވި ޗެއަރޕާސަންއާއި އިންތިހާބީ ކަންކަން ޒަމާނުއްސުރެ ބެލެހެއްޓެވި ސާބެ ތިއްބެވީ އިމްތިޔާޒް ފަހުމީއަށް ނިކަން ރަގަޅަށް ބައިއަތު ހިއްޕަވައިގެންނެވެ.

    އިމްތިޔާޒް ފަހުމީގެ އެންމެ އިސް ވައުދަކީ ދަފްތަރު އިސްލާހު ކުރެއްވުމެވެ. ޗެއަރޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ފައްޔާޒު އިސްމާއީލް އެންމެ އިސްކޮށް ކުރެއްވިކަމަކީ އިމްތިޔާޒުގެ ފުރަތަމަ ވައުދު ހަގީގަތަކަށް ހައްދަވާ ދެއްވުމެވެ. ގައުމީ މަޖިލިސްގެ ނިންމުމާއެއް ގޮތަށް ޕާޓީގެ ދަފްތަރު އިސްލާހު ކުރެއްވުމެވެ.

    17 އަހަރު ވަންދެން އާރާ ބާރު ގައި ހުންނަވައިގެން ދަފްތަރު އިސްލާހު ނުކުރައްވާ ހުންނަވާ ދެއްކެވީ އެހެން ޕާޓީތަކުގެ މީހުން އެތެރޭގެ އިންތިހާބުތައް ހަރާބު ކުރާ ވާހަކަ އެވެ. އެ މަނިކުފާނު ނުކުރެއްވި ކަމެއް އުސޫލާއި ހަމައިގެ ތެރެއިން އެހެން ބަޔަކު ކުރީމާ ރައީސް ސާލިހަށް ވޯޓު ނުލާނެ "އަސްލު އެމްޑީޕީ މެންބަރުން" ގެ 39000 މީހުން އުނިކުރި ކަމަށް ވެއްޖެއެވެ. 

    ރައީސް ނަޝީދު އެ ވިދާޅުވާ އަސްލު އެމްޑީޕީ މީހާ ދެނެގަންނަ މީޓަރ އޮތް ތަނެއް ނޭގުނަސް ރާއްޖޭގައި ރަޖިސްޓްރީ ވެފައިވާ ސިޔާސީ ޕާޓީއެއްގެ ލީޑަރަކު އެމްޑީޕީގެ ދަފްތަރުގައި އޮތުމުން އެންމެ ފަހުން އޮތް އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވޯޓް ދިންކަން ޔަގީނެވެ.

    ނޭގެނީ އޭނާ ވޯޓުދެއްވީ ކޮން ކެންޑިޑޭޓަކަށް ކަމެވެ. އުސޫލާ ހަމައިގެ ތެރެއިން މިފަހަރު ވަކިކުރެވުނު ބަޔަކު ވަކިކުރީ މެމްބަރުޝިޕް ސައްހަކުރަން އެކަށީގެންވާ ވަގުތު ދީގެންވެސް ސައްހަ ނުކުރި މީހުންނެވެ. އޭގެތެރޭގައި ގިނައީ އެހެން ޕާޓީތަކުގެ ދަފްތަރުގައި އޮތް މީހުނެވެ. އެ މީހުން ވަކި ކުރުމަކީ ގޯހެއް ކަމަށް ވާނަމަ ރައީސް ނަޝީދު އެ ވިދާޅުވާ އަސްލު އެމްޑީޕީ މީހާއަކީ ލޭބަރ ޕާޓީގެ ލީޑަރ ފަދަ ބޭޅުންތާއެވެ.

    ]]>
    Thu, 22 Dec 2022 11:06:20 +0500 ހީރަސް
    މޮޔަމީހާ މަރާ ބޮޑުގޮހޮޑާ ނަގޫގޮއްޖެހުން https://heerasnews.com/811 https://heerasnews.com/811 ދިވެހި ނޫސްވެރިޔާ އަހުމަދު ރިލްވާނު ގެއްލުނީ 08 އޯގަސްޓް 2014 ގައެވެ. ރިލްވާން ގެއްލުނު އިރު ރާއްޖޭގައި އޮތީ ޕްރޮގްރަސިވް ކޯލިޝަންގެ ވެރިކަމެވެ. މައި ޕާޓީއަކީ ޕީޕީއެމްއެވެ. ރައީސުލްޖުމްހޫރިއްޔާއަކީ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމެވެ. އެ ދުވަހަކީ ރައީސް ޔާމީނުގެ ވެރިކަމުގެ 265 ވަނަ ދުވަހެވެ. އޭރު އަދި ޔާމީނުގެ ވެރިކަމަށް ނުވަ މަހެއް ނުފުރެއެވެ. އާނއެކެވެ. އެއީ ވަރުގަދައަށް ވެރިކަމުގެ ކަންކަން ރުކުރުވާލެވި ޔާމީނުގެ ފުރިހަމަ ބާރުވެރިކަން ހިނގައިގަތް ވަގުތެވެ.

    17 ނޮވެންބަރ 2013 ގައި އުފެދުނު ރައީސް ޔާމީނުގެ ސަރުކާރަކީ ދީނާ ގައުމަށްޓަކައި އުފެދިގެން އައި ސަރުކާރެއް ކަމުގެ ސިއްކައިން ސިއްކަޖެހިގެން ޕީޕީއެމް އިސްވެ އޮވެ އުފެދުނު ސަރުކާރެކެވެ. ޕީޕީއެމްގެ ރައީސް މައުމޫނު ނުއަތު ފަލި އެޅުއްވިޔަސް ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ޑިފެންސް މިނިސްޓަރަކީ ކާނަލް ނާޒިމެވެ. އިސްލަމިކް މިނިސްޓަރަކީ ޑރ. ޝަހީމެވެ.

    ހޯމް މިނިސްޓަރަކީ އުމަރު ނަސީރެވެ. ޕޮލިސް ކޮމިޝަނަރަކީ ހުސައިން ވަހީދެވެ. އެންމެ އިތުބާރު ކުރެވޭ ކޯލިޝަން ޕާޓްނަރަކީ ސަންޓްރެވަލް ޝިޔާމެވެ. އަހުމަދު އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރ ކަމުގައެވެ. އެންމެން އެންމެނަށް ތިއްބެވީ ނިގޫ ގޮއްޖެހި ބާރުވެ އެކަތި ގަނޑެއްގެ ގޮތުގައެވެ. އޭރަކު އަދި ސަރުކާރުގެ ބާރުތައް ހައްދެން ނެތް ވަރަށް އަދީބުގެ އަތްޕުޅު މައްޗަށް ރައީސް ޔާމީނު ފުރޮޅައެއް ނުލައްވައެވެ.

    އަހުމަދު ރިލުވާނަކީ " މޮޔަމީހާާ " ގެ ނަމުގައި ދީނީ މިނިވަން ކަމަށް މީސް މީޑިއާގައި ވަކާލާތު ކުރާ ޒުވާނެއްކަން ގިނަ ބަޔަކަށް އެނގެއެވެ. ރައީސް ޔާމީނަށާއި މިނިސްޓރ އުމަރަށާއި ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދަށް އެކަން މާ ރަނގަޅަށް ސާފުވެ ވަޑައިގަންނަވާނެއެވެ. އެހެން ކަމުން ކުރިން ބަޔާން ކުރެވުނުހެން ދީނާ ގައުމަށްޓަކާ އުފެދުނު ސަރުކާރުގެ އެންމެ ދުޅަ ހެޔޮ ދުވަސްވަރު ގާނޫނީ އިމުގެތެރެއިން އިސްލާމީ ޝަރީއަތާއެއް ގޮތަށް ރިލްވާނާ މެދު ފިޔަވަޅު ނާޅުއްވާ ދޫކޮށް ލެވިފައި ހުރީ ޗާޓުން ބޭރުން އެކަން ނިންމަންތޯ ސުވާލު އުފެދެއެވެ. އުމަރު ނަސީރަކީ އަތްކެނޑުމާއި މަރުގެ އުގޫބާތް ދެއްވާ ހިތްޕުޅުން އަވަހާރަފުޅު ނުލެއްޕެވޭ ބޭފުޅެއް ވިއްޔާއެވެ. ހުންނެވީ ހޯމް މިނިސްޓަރ ކަމުގައެވެ.

    ލާދީނީ ކަމުން ކުރިން އޮތް އެމްޑީޕީ ސަރުކާރު ވައްޓާލީ ދީނުގެ ހައްގުގައި މި ދެންނެވި ބޭބޭފުޅުން އިސްވެ ތިއްބަވައިގެނެވެ. އެ ވަރުގެ ދީނީ ސަރުކާރެއް އޮތްއިރު ރިލުވާނުމެނަށް ގާނޫނީ ފިޔަވަޅު ނާޅާ ދޫވެފައި ތިބީ ކީއްވެހެއްޔެވެ. ތަކުރާރުކޮށް މަރުގެ އިންޒާރުތައް ލިބެމުން ދާކަމަށް ޕޮލިހަށް ރިޕޯޓްކޮށް މައުލޫމާތު ދީފައި އޮތްކަން އެނގިވަޑައިގެން ތިއްބަވާ ހަނު ތިއްބެވީ ކަނޑު މަތީން އިންސާނުންގެ ފުރާނަ އުދުއްސާލުމަށް ހެއްޔެވެ.

    ރިލުވާނު ގެއްލުނު ފަހުން ވެސް 4 އަހަރާއި ތިން މަހާ ގާތަށް ރައީސް ޔާމީނު ވެރިކަމުގައި ހުންނެވި އިރު ރިލްވާނަށް އިންސާފު ހޯއްދަވާ ދެއްވަން އެއްވެސް ކަމެއް ކުރެއްވި ނަމަ މަރު ކޮމިޝަން ހަދައިގެން ބޮޑު ގޮހޮޑާ ވާހަކަ ކިޔާކަށް، ލިޔާކަށް މި ސަރުކާރަކަށް ނުޖެހުނީހެވެ. ރައީސް ޔާމީނަށް ތުހުމަތުތައް ކުރެވި މަރު ކޮމިޝަންގައި ހަނު ހުންނަވާކަށް ޖެހިވަޑައެއް ނުގަތީހެވެ.

    ބޮޑު ގޮހޮޑާގެ މިނިކާ ކަމަނާ އެކޭ ކާމިނީ ޔާމީނެކޭ ތަފާތެއް ނެތެވެ. ގޮތްނޭނގޭ ކޮންމެ މަރަކާއި ގުޅިގެން ކާމިނީ ޔާމީނުގެ ނަން އައުދެއެވެ. ޑރ. އަފްރަޝީމްގެ ގަތުލުގެ ވާހަކަ ގޮތް ގޮތަށް ޔާމީނާ ގުޅުވައެވެ. ގޭންގް މާރާމާރީއެއްގައި ވަޅިޖަހައިގެން ޒުވާނަކު މަރުވީ ޓީޝާޓްގެ އޮޅުމަކުން ކަން ޔާމީނަށް އެނގިވަޑައި ގަތެވެ. ވީނުވީއެއް ނޭގި ގެއްލުނު ރިލްވާނު މަރުވެއްޖެ ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ ވެސް ޔާމީނެވެ. އަދިވެސް މި ކަހަލަ ކިތަންމެ ވާހަކަ އެކެވެ.

    ޑރ. އަފްރާޝީމް ގަތުލު ކުރި މީހަކު ރައީސް ޔާމީނާ ބައްދަލުކުރި ވާހަކަ ދެކެވޭހެން އާރާ ބާރު އޮތްއިރު މުޅި މައްސަލަ ބަލާ ކޮޅެއްގައި ޖައްސުވާފައި އޮތް ނަމަ ރިލުވާނު ކަތިލި މީހަކު ފުރުވާލާ ދެއްވި ވާހަކައެއް އުފަނެއް ނުވީހެވެ. ރައީސް ކަމުގައި ހުންނަވައިގެން ފުލުހުން ބަލާނެ ކަމަށް ވިދާޅުވި ކަމެއް ބައްލަވާ ނިންމަވާފައި އޮތް ނަމަ މަރު ކަމިޝަން ހަދައިގެން ބައެއްގެ ވަގުތާ ފައިސާ ހޭދަ ކުރާކަށް މި ސަރުކާރަކަށް ނުޖެހުނީހެވެ.

    ގައިރު ގާނޫނީ އަމުރު ފުލުހުންނަށް ކުރާ ކަމުގެ ބަހަނާގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލަން ފުލުހުން ދޮން ކުރެއްވި ހުސައިން ވަހީދު އިސްވެ ހުންނަވައިގެން ހެކި ނައްތަވާލާފައި އޮތް ކަމެއް ފަހުން ބަލަންޏާ ޖެހޭނީ ބުނި ބުންޏަށް ގޮސްގެން ވެސް ހަގީގަތް ހޯދާންތާއެވެ. ބުނިބުނިން ވެސް ރިލުވާނުގެ އާއިލާއަށް އިންސާފު ލިބިދާނެ ކަމުގެ އުންމީދު އައުވާ ވަރުގެ ބޮޑުގޮހޮޑާ ވާހަކައެއް ލިޔެވުނުކަން ވެސް ރަނގަޅެވެ.

    ]]>
    Sun, 18 Dec 2022 09:35:48 +0500 ހީރަސް
    ތިލަމާލެ ބްރިޖަށް އަވަލީ ބޮޑުމީހާގެ ކަޅު ހިޔަނި! https://heerasnews.com/806 https://heerasnews.com/806 އިންޓަރނެޓަށް ފަރިތަ ކުދިން އިންޑިއާގެ އެފްކޮންސް ކުންފުނީގެ ވަރުގަދަ ކަމާއި އެމީހުން ނިންމާފައިވާ ކާމިޔާބު ބޮޑެތި ޕްރޮޖެކްޓްތައް  ދެނެގެން ބަލާށެވެ. އެފްކޮންސްއަކީ އެކުންފުނީގެ ގަދަރަށް އުނިކަން ލިބި، ބައިނަލް އަގްވާމީ މާރކެޓްގައި އެމީހުން ބަދުނާމު ވާން ބޭނުން ވާނެ ބައެއް ނޫނެވެ. އެހެން ނަމަވެސް ތިލަމާލެ ބްރިޖާ ޖެހުމުން އެފްކޮންސްގެ ފައި ހަރުނުވެ ފަރަށް  އަރަނީއެވެ. ނަގިލި ކަހާލާ ސޮއްސާލަނީ އެވެ. ވައިރު ކެނޑި ކެރޭނު ބިނދި ބޯވަތަށް އެކޮޅު ކޮޅުން ދާއިރު އެވީޑިއޯތައް އެ ހުރީ މުޅި ދުނިޔެއަށް ހާމަވެފައެވެ. އެއީ ކުުޅުވައިގެން ނަގާފައިވާ ވީޑިއޯ ނަމަ ފިލްމުގެ ބޭނުން އެންމެ ރަނގަޅަށް ހިފަމުން އެދަނީ ޕީޕީއެމުންނެވެ.

    ސިނަމާލެ ބްރިޖަކީ ޗައިނާއިން ދިވެހިރާއްޖޭގައި އެޅުވި ރަން އަނގޮޓި ކަމަށް ވަންޏާ، ތިލަމާލެ ބްރިޖްވާނީ އިންޑިއާއިން އަޅުވާ އަލިމަހުގެ ރަން ހާރަށެވެ. ހިލޭ އެހީއާއި ދަރަންޏާއި، ކުރެހުމުގައި އިނދެ މަންޒަރު ގެއްލޭ ލޭނުތަކާއި ކޮރަޕްޝަނަކީ އެހެން ވާހަކަ އެކެވެ.

    ރަން އަނގޮޓިއާއި އަލިމަސް ހާރުގެ ކަންތައް މިހެން ވާން ޗައިނާއާއި އިދިކޮޅު ޕީޕީއެމުން ބޭނުން ވާނެތޯ އުފެދޭ ސުވާލުގެ ޖަވާބު އުނދަގުލެއް ނޫނެވެ. ބޭނުން ވަނީ މަންޒަރު ހުތުރުކޮށް ބޮއްސުން ލައްވާލާނެ އެފްކޮންސްގެ ދެތިން މީހަކަށް ޔާމީނު ވިދާޅުވާ ފަދަ އެކަށީގެންވާ އަދަދެއް ދީގެން ވޯކް ފޯރސްގައި ކަތުުރުފަނި އެޅުވުމެވެ.

    ތިލަމާލެ ބްރިޖަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ރިޔާސީ ދެ ވަނަ ދައުރު މަލަރު ކުރާ އެންމެ ވަރުގަދަ ޕްރޮޖެކްޓެވެ. މުއްދަތަށް ނިމުން ސަރުކާރަށް މުހިންމެވެ. ދެން އޮތް ސުވާލަކީ ސިޔާސީ ގޮތުން ސަރުކާރު ކޮށިއަރުވާ އަތް އަނބުރައިގެން އިންޑިއާއިން ހާސިލު ކުރަން ބޭނުންވާ މަގްސަދެއް އޮތީތޯ އުފެދޭ ސުވާލެވެ. އެފްކޮންސަށް އެކަން އެނގުމާއި ނޭނގުން މާތްރަސްކަލާނގެއާ ވަކީލެވެ.

    އިންޑިއާ އާއި ޕާކިސްތާނަކީ ކަނި ކެނޑިކެނޑި ތިބި ޒަމާންވީ ހަތުރުންނެވެ. ރާއްޖޭގެ ބިމުގައި އިންޑިއާ އާއި ވިއްދަން ޕާކިސްތާނު މީހުން އަންނާކަށް ނުޖެހެއެވެ. ޕާކިސްތާނުން ކިޔަވައިގެން އައިސް ދީނުގެ ނަމުގައި އިންޑިއާ އާއި ވިއްދާނެ ފަޓާނީ ހަރުވާޅުލީ ދިވެހިން ރާއްޖޭގައި މަދެއް ނޫނެވެ.

    ގިނަ އަދަދެއްގެ ބިދޭސީން މާލޭގައި ދިރިއުޅޭ ތަނެއްގައި ރޯވީ ފާއިތުވި ނޮވެމްބަރ 9 މެންދަމުގެ ވަގުތުގަައި އެ މީހުން ނިދަން ތިއްބައެވެ. މާލޭގައި ގަނޑުކޮށް ނިދާ ބިދޭސީން އެންމެ ގިނައިން ނިސްބަތް ވަނީ ބަނގްލަދޭޝް އަށެވެ. ނަމަވެސް  އެރޭ އަލިފާން ރޯވި އެ ތަނުގައި ދިރިއުޅޭ އެެންމެންނަކީ އިންޑިއާ މީހުންނެވެ. މަރުވި 10 މީހުން ކުރެ 8 މީހުންނަކީ ވެސް އިންޑިއާ މީހުންނެވެ. އަނެއް ދެ މީހުންނަކީ އެ ތަނަށް އައިސް ގޮސް އުޅޭ ބަންލާދޭޝް މީހުންނެވެ. ޔާމީން ބޭނުންވާ މިންވަރަށް އިންޑިއާ އައުޓް ނުވިޔަސް އަނދައިގެން އެ އިމާރާތުން އައުޓް ކުރަން ޖެހުނީ މުޅީންހެން އިންޑިއާ މީހުންގެ ހަށިތަކެވެ. ޕާކިސްތާނުން ކިޔެވި ދިވެހިންނާއި  ޕީޕީއެމް އަކީ އިންޑިއާ އައުޓް ތަންޑިޔަލުގެ ދެކޮޅުގައި ކޮނޑު އަޅައިގެން ތިބި އެއް ބައެކެވެ.

    ދެންމެ މި ބުނި ނޮވެމްބަރު މަހުގެ އަލިފާނުގެ ހާދިސާއަކީ އެކީ އެއް ފަހަރާ އެންމެ ގިނަ ބަޔަކު އަނދައިގެން ރާއްޖޭގައި މަރުވި އަލިފާނުގެ ހާދިސާއެވެ. މަރުވި މީހުންގެ ރައްޓެހިންނާއި ގާތް މީހުން އަލިފާން ރޯވި އެ ސަރަހައްދާއި، ގަލޮޅު ސަހަރާގައި ހުންނަ ކަށްކޮށާރު ބޭރުގައި މަގުތައް މަތީ ހިތާ ފިތް ފައި ދަށުލައިގެން ހިތާމަކޮށް ރޮއެ ހޭރުނެވެ.

    އެ ހާދިސާގައި ދިވެއްސަކަށް ކަމެއް ނުވީތީ ޝުކުރު ހުއްޓެވެ. ހަމަ އެ ގޮތަށް ދިވެއްސަކަށް ކަމެއް ނުވާތީ ކަމެއް ވީހެން ވެސް ދިވެހިންނަށް ހީނުވާ ކަހަލަ ގޮތަކަށް ގޮސް މިހާރު އެ ކަމަކީ ނުވާ ކަމެކޭ ދާދި އެއް ފަދައެވެ. މީހުން ނިދާފައި ތިއްބާ ކުއްލި އަކަށް ހުޅުރޯވެ އިމާރާތް އެކީ އަނދާ ހުލިވި ސަބަބު އަދި މުޅިއަކުން ސާފެކޭ ބުނާ ހިތެއް ނެތެވެ.

    ރޭ މެންދަމަކީ 16 ޑިސެމްބަރެވެ. އެނދި އިންޑިއާ 8 މީހުންގެ ހަށިގަނޑު އައުޓް ކުރި ފަހުން އަދި މިވީ އެންމެ ފަސް ހަ ހަފްތާ އެއްހާ ދުވަހެވެ. އަނެއްކާ ވެސް މާ ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ. ހަމަ މެންދަމުގެ ދާދި އެއް ވަގުތެއްގައި މީހުން ނިދަން ތިބޭ ގަޑީގައެވެ. ތިލަމާލެ ބްރިޖް އަޅާ އިންޑިއާ ކުންފުނި އެފްކޮންސްގެ މުވައްޒަފުން ނިދަން ތިއްބާ، ގުޅިފަޅުގައި ހުރި ނިދާ ތަނުގައި ކުއްލި އަކަށް ރޯވެއްޖެއެވެ. 500 އާއި ގާތްކުރާ އަދަދަކަށް މީހުން ނިދާފައި ތިއްބާ ފެނުނީ ތަނުގައި ރޯވެފައި ހުއްޓައެވެ.

    އަގީދާއާ ގުޅުވާ ކަރުބުރިކޮށް ކަނޑު ފެއްތި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެ މަރުގެ ތަހުގީގު ރިޕޯރޓް ނެރުތާ ގިނަ އިރެއް ނުވެއެވެ. އެއީ އިންޑިއާ އިން އަންގައިގެން ނެރުނު ރިޕޯރޓެއް ކަމަށް އިދިކޮޅުން ބުނި ފަހުން ވީލަހެއްވީ އެ ތަނުގައި ނިދާ ބަޔަކު ރަނގަޅަށް ނިދި ގަދަވާން ވީލަހެކެވެ. 70 އަށް ވުރެ ގިނަ މީހުން އެތިބީ ހޮސްޕިޓަލުގައެވެ. ހާލު ބޮޑު ސީރިއަސް މީހުން ތިބީ ކުރީ ހަދީސާގައި މަރުވި މީހުންނާ ގާތްކުރާ އަދަދަކަށެވެ.

    ތިމަންމެންގެ ރައްޔިތުންނާ ދެކޮޅަށް ތިޔަ ގައުމުގައި ހަނގުރާމަ އިއުލާންކޮށް ހަމަލާދީ މީހުން މަރަނީއޭ ބުނެ އިންޑިއާއިން ވަރުގަދަ ފިޔަވަޅެއް އަޅަން ބޭނުން ވަނީ ހޮދު އިންޑިއާ އިންތޯ ނުވަތަ އިންޑިއާ އައުޓް އިދިކޮޅު ހަރަކާތުންތޯ ބުނާނެ ވަކި ހުއްޖަތެއް އަދި ނެތެވެ.

    ރާއްޖޭގައި ތިބި އިންޑިއާ މީހުން ޓާގެޓް ކުރަނީ އިންޑިއާގައި އުޅޭ ދިވެހިން ޓާގެޓްކޮށް އެ މީހުންގެ ފުރާނަ ނުރައްކަލަށް ހުށައެޅުމުގެ ބޭނުމުގައިތޯ ވެސް ސާފެއް ނޫނެވެ. ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަބަބު ވެސް އަދި ސާފެއް ނޫނެވެ.

    އެހެނަސް ސާފުވާ އެއް ކަމެއް އެބަ އޮތެވެ. ހިނގަމުން މި ދަނީ ނުރައްކާތެރިކަން ލާނިހާޔަތުގައިވާ ކަންކަމެވެ. މި ކަމަށް ސަމާލުކަން ދޭންޖެހޭ މިންވަރު އެތައް  ގުނަ އަކުން ފެންނަނީ ދަށް ކޮންނެވެ.

    މެންދަމު ރޯވި އަލިފާންގަނޑު އަނދަމުން ދިޔަ އިރު ނިކުތް ބަޔަކު ނުކުމެ މާލޭގެ ފާރުތަކަށް އިންޑިއާ އައުޓް ސްޕްރޭ ކޮށްފިއެވެ. ވީކަންތަކާ ދިން މެސެޖް ވަރަށް ސާފެވެ.

    ]]>
    Fri, 16 Dec 2022 19:03:43 +0500 ހީރަސް
    ރިލުވާނު ގެއްލުވާލުމުގައި އެމްޑީއޭގެ ދެ މީހުން https://heerasnews.com/805 https://heerasnews.com/805 ގޮތްނޭގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ ހަގީގަތް ހޯދުމަށް ރައީސް ކޮމިޝަނެއް އުފެއްދެވުމުން އެކަމާ ކަންބޮޑުވެ އެންމެ ބާރަށް ހަޅޭލީ ޕީޕީއެމުންނެވެ. ކޮމިޝަން އުފެދުނު ފަހުން އެކޮމިޝަންގެ މަސައްކަތުގެ ނަތީޖާ ނުފެނިގެން ވެސް އެހާ ބާރަށް އެމީހުން ހަޅޭލިއެވެ. ލިބި ހުރި ހެކިތަކާއި ގަރީނާތަކުގެ މައުލޫމާތު ނުލިބިގެން ވެސް އެހާ ވަރުވިއެވެ.

    އެހާވަރަކުން އެކަމެއް ސާފުނުވެގެން އެހާ ހަޅޭކެއްލީ ސަބަބު އެހުރެ ސާފުވަނީއެވެ. ސިޔާސީ ވާހަކައަކަށްވުރެ އެހަޅޭވެގެން ގޮސްފައިވަނީ މިސްކިތު ހުޅުޖެހުމަށެވެ. މަށޭ ކިޔަނީ ކިހާ ވަރަކަށްތޯ ބެލުމަކީ އެލީ ހަޅޭކުގެ އަސްލެވެ. ގޮތްނޭގޭ މަރާއި މީހުން ގެއްލުމާއި ކޮންމެވެސް ހިސާބަކުން ޔާމީނާ ގުޅޭ ގުޅުމަކީ އިއްތިފާގެއް ހެއްޔެވެ.

    ޑރ. އަފްރާސީމްގެ ގަތުލު ވެސް ޔާމީނާ ގުޅުން ހުރިކަމަށް ވަރަށް ފާޅުގައި މީހުން ކިޔާ އުޅެއެވެ. ހޮދު ޔާމީނުގެ ހޯމްމިނިސްޓަރުކަން ކުރި އުމަރު ނަސީރު ވެސް އެ މޭރުމުން އެ ވާހަކަ ދައްކާ އެތައް ހުއްޖަތެއް ގާއިމުކުރިއެވެ. މި އުޅެނީ އެ ވާހަކަ ދައްކާކަށް ނޫނެވެ.

    ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާނުގެ ކަންކަން ހިގާފައިވާ ގޮތް ބެލި ބެލުމުން ރިޔާސީ ކަމިޝަނަށް ފާހަގަ ކުރެވުނު ކަންކަމުގެ ރިޕޯޓް ރައީސަށް އެރުވުމުން ބަޔަކު މީހުން ގައިން ހީބި ނަގައިގެން ތެޅެފޮޅެން ފެށުމުން ލައްކަ ސަޅި މަންޒަރެއް އެބަ ކުރެހެއެވެ.

    ރިޕޯޓަކީ ބުންޏޯ ބުންޏޯ އެއްޗަކަށް ވެއްޖެއެވެ. މަރު ކޮމިޝަންގެ ރިޕޯޓަކީ ސިޔާސީ ޑްރާމާއެއް ކަމަށް ހަދާ ކަމުގެ ސީރިޔަސްކަން ކަނޑުވާލުމަށް ފާޑު ފާޑަށް ވާހަކަ ދައްކަން ފަށައިފިއެވެ. ކުރީގެ ރައީސް ޔާމީނަށް އިނގިލި ދިއްނުކުރެވި އެހެން ކޮންމެވެސް މީހަކަށް އިނގިލި ދިއްކުރެވުނު ނަމަ އެރިޕޯޓަކީ ނިކަން ފުރިހަމަ ރިޕޯޓެއް ކަމަށް އެ މީހުން ބުނާނެތެވެ. ރިލުވާނުގެ މައްސަލާގައި އެހާތަނަށް ހޯދި ހޯދުންތަކުން ޔާމީނުގެ ބައިވެރިވުމެއް އޮތްކަމަށް ފާހަގަ ނުކުރެވޭ ކަމަށް މަރުކޮމިޝަނުގެ ކުރީގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައި ވާތީ އެއީ ފިސާރި ބޮޑު ވާހަކަ އަކަށް އެބަހަދައެވެ. ކުރިން ކަމެއް ނުފެނުމަކީ ފަހުން އެހެން ހަގީގަތެއް ފާޅު ނުވާން އޮތް ސަބަބެއް ނޫންކަން ގަބޫލު ކުރާކަށް އެ މީހުން ބޭނުމެއް ނުވާނެތާއެވެ.

    ކަންކަން ހިނގާ ނިއުޅެމުން ދާގޮތް ބަލަން ތިބި ބަޔަކަށް މަންޒަރު ފެންނަ ގޮތް ތަފާތެވެ. 2013 ގައި ޔާމީނު އަބްދުލްގައްޔޫމު ވެރިކަމަށް އައީ ޕްރޮގްރަސިވް ކޯލިޝަން ކިޔާ ބޮޑުކޯލިޝަނަކުންނެވެ. ވެރިކަމުގެ ކުރީކޮޅު ކޯލިޝަންގެ ގިނަ ބައިވެރިން ފައްސާ ނަގާލި އިރު ކޯލިޝަން ޕާޓްނަރ އެމްޑީއޭ ގަދަކޮށް ކޯލިޝަނުގައި އޮތެވެ. އެމްޑީއޭގެ ލީޑަރ ސަން ޝިޔާމް ހުންނެވީ އެންމެ އަރިހުގައެވެ.

    ބާބުލްއަވާލީގައި ޖަނާބުގެ ކްލާސް ތަކުގެ ތެރެއިން ސަލަފީންނާއި ޝިޔާމުގެ ބަދަހި ގުޅުމެއް އޮތުމަކީ މައްސަލައެއް ނޫންތާއެވެ. ސަލަފީ ހަރަކާތް ތަކަށް ފަންޑް ކޮށްދީ ސަން މީޑިއާ ސަލަފީންނަށް ހިތަކަށް ދީފައި އޮތުމަކީ ވެސް މައްސަލައެއް ނޫންތާއެވެ. އަނެއް ކޮޅުން ކުރިއްސުރެ ސަންޓްރެވަލުން ބައިއަޅާ މީހަކަށް ޔާމީނުވެފައި އޮތުމަކީ އިއްތިފާގެކެވެ.

    މޮޔަމީހާ ސޯސަލް މީޑިއާގައި އެޖެހި ސަކަރާތެއް ޖަހައިގެން މަރު ހައްގުވުމާ ނުވުން ކަނޑައަޅާނީ އިސްލާމީ ޝަރީއަތުގެ ތެރެއިން ނޫންހެއްޔެވެ. ބަޔަކު ހިތައް އަރާއިރަށް ކަރާމާތްތެރި ވެގެންވާ ނަފްސުތައް އުދުއްސާލުމަކީ އެއްވެސް ބަޔަކަށް އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަމަށް ދީނުގެ އިލްމުވެރިން ބުނެ އުޅޭތީ އަހަމެވެ. ދީނުގެ ހައްގުގައި ވެސް ނަފްރަތު އުފެއްދުމަކީ ހުއްދަ ކަމެއް ކަމަށް ދަންނަ ބޭކަލަކު ބުނާތީ ވެސް ނާހަމެވެ.

    ރިލްވާނު ގެއްލުވާލުމުގެ ބައިވެރިއެއް ކަމަށް ބުނާ މީހަކު ރައީސް ޔާމީނުގެ އެއް ބާރުލުންދީގެން ފުރުވާލިކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިގެން ތަހުގީގަށް ޔާމީނު ހާޒިރު ކުރުމުން އެކަމާ ދެކޮޅު ހެއްދެވުމެއްނެތި ހުންނެވީ ހަނެވެ. ތުހުމަތުން ބަރީއަވުމަށް ދެކޮޅުހެއްދެވުމެއް ނެތި ހަނު ހުންނެވުމުން ރިލްވާނު ގެއްލުވާލުމުގެ މައްސަލަ ޔާމީނާ ގުޅުމެއް ނެތޭ ބުނަން އޮތީ ކޮންޖާގައެއް ހެއްޔެވެ.

    އަނެއް ކޮޅުން މަރުކޮމިޝަނުން ނެރުނު ރިލްވާނުގެ ރިޕޯޓު ނެރުމާ އެކު އެމްޑީއޭގެ ޑެޕިއުޓީ ލީޑަރ ޑރ. ރަފިއްޔާ ފުންމައި ގަތީމާ މި ވަނީ ކީއްތޯ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ.

    ރިލުވާނު ގެއްލުވާލުމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ބުނާ ހަ މީހުންގެ ތެރެއިން ދެމީހުން އެމްޑީއޭގެ ދެމެންބަރުން ކަމުގައި ވުމަކީ ކުޑަ އިއްތިފާގެއް ނޫނެވެ.

    ]]>
    Fri, 16 Dec 2022 16:37:57 +0500 ހީރަސް
    ނޮވެމްބަރ3 : ކާމިނީގޭ ވެރިކަން އަބަދަށް ދަމަހައްޓަން ޖެހިމަޅި https://heerasnews.com/776 https://heerasnews.com/776 މައުމޫނިޒަމްގެ ނިވައި ފަތްގަނޑަކަށް އިސްލާމް ދީން

    ރާއްޖޭގެ އިނގިރޭސި ތައުލީމާ، ފަތުރުވެރިކަމާ، ސަރަހައްދާ ނުބައްދަލު ޝިޕިންގއާއި، ބައިނަލް އަގްވާމީ ވައިގެ ބަނދަރާއި ޓެލެކޮމިއުނިކޭޝަން އާއި މަސްދޯނި ފަހަރުގައި އިންޖީނު އަޅާ ފެލިވަރުން މަސް އެކްސްޕޯރޓްކޮށް ދުނިޔެއަށް ރާއްޖެ ހުޅުވާލި މޭސްތިރިއަކީ ރައީސް އިބްރާހިމް ނާސިރެވެ. ނާސިރުގެ ވެރިކަން ނިންމުމަށް ފެށުނު ހިމޭން ބަގާވާތުގެ މޭސްތިރިކަން އޮތީ ކާމީނީގޭގައެވެ. ބޭނުންކުރި ހަތިޔާރަކީ ހަމަ ލާދީނީ ހަތިޔާރެވެ. ރާވިއްކި މީހެކޭ ބުއި މީހެކޭ އުފުލިމީހެކޭ ހަމަހަމައޭ ކިޔާ ވައިއަޑުން އެކި ވަކި ކަމުވޮށި މީހުންގެ ކަންފަތް ބުޑަށްލައިދިން ފަތުވާ ތަކެވެ.

    އެހެން ނުވާންވީ ސަބަބެއް ނެތެވެ. މި ހުންނެވީ މިސްރުން ދީން ކިޔަވާ ވިދާޅުވެގެން ވަޑައިގެން ހުންނެވި ސާފުތޯހިރު ދަންނަ ބޭކަލެކެވެ. އަބޫޖަހުލަށްވުރެ އަރަބި ބަސް ފެންފަދަ ، އާޔަތްތައް ހިތުދަސް ބަސް މޮށުންތެރިކަން ފަހި، ބަލާގާތް ތެރިކަމާއި،  ފަސާހަތްތެރި ކަމުގެ ހަނދެއް ފަދަ ދިވެއްސެކެވެ.

    ގައިހަން ދޮން، އުމުރުން ޒުވާން، މޫނުމަތީގެ ބަނިޔާދަންކަމާއި އޮމާންކަމާއި ޒުވާން ކަމާއި ވާންކަމުން ހިތްތައް ކަތިލި، އަތްޕުޅު މަޑު ކޯރާޑި ކަންހުޅީގެ ވެރިޔާ އަލްއުސްތާޒު ދިވެހި ޖީތަންދުރާ މައުމޫން އަބްދުލްގައްޔޫމެވެ. ޔާމީން އަބްދުލް ގައްޔޫމްގެ ބޭބޭފުޅެވެ. ބައްޕާފުޅު ދޮންސީދީއަށް ވުރެ މާބޮޑަށް ވެސް އޮފުދާރު ގިރިޓީކަން އަރާހުރި ސީދީއެކެވެ.

    މައުމޫނީ ހިމޭން އިންގިލާބު

    މާލޭގެ ކަމުވޮށި ނަންހުރި އާއިލާ ތަކުން ވެސް ވެރިކަން ބޭނުމެވެ. އަރިހުރަހަށް ހިނގި އެކި ސިޔާސީ އޮއިވަރުގައި ނާސިރުގެ ވެރިކަމާ ދެކޮޅަށް ކުޑަ ބުރާސްފައްޗަކާ ބޮޑު ބުރާސްފައްޗަކުން ވެރިކަން ވައްޓާލުމުގެ ނާކާމިޔާބު ހާދިސާތައް ހިނގިއެވެ. އެތައް ބަޔަކު ޖަލަށްލެވި އަނިޔާ ލިބި  އާއިލާ ތަކުގެ ނުރުހުން  ނާސިރަށް އަމާޒުވި ދަނޑިވަޅު ވަޑައިގެން މި ހުންނެވި ދީނީ އިލްމުވެރިޔާއަކީ މިތުރުންނާ ހަތުރުން ރުހޭ މީހަކަށް ވެވިއްޖެއެވެ. އަތިރީގެއާ ކަކާގެއާ ވެލާނާގެއާ ދެމެދު އޮންނަ ވާދައިގެ ބޭރުން ދެން ރުހެވޭން ހުރި މީހަކީ ކަލްދޯ ބަޖޭ އާއޯ ފަނޑިޔާރު ކާމިނީގޭ ދޮންސީދީގެ ތުއްތު ސީދީ ފަލީލަތުލް ޝައިހުލް އުސްތާޒު މައުމޫނު އަބްދުލް ގައްޔޫމުލް އަޒުހަރީއެވެ. މައުމޫނަކީ ދިވެހިންގެ ޗޮއިސް ކަމުގައި ވެއްޖެއެވެ. މަންޒަރު ބަދަލުވަމުން ދާގޮތް ދެނެވަޑައިގެން ރައީސް އިބްރާހީމް ނާސިރު އަމިއްލަފުޅަށް ވެރިކަން ދޫކޮށްލައްވާ ސިންގަޕޫރަށް ހިޖުރަ ކުރައްވަން ނިންމެވިއެވެ.

    ތަރިތަކާއި ބުރުޖުތަކާއި ކާއިނާތުގެ ބަހުރުވައިން މައް ދިވެހި ސިކުނޑިތައް އައްސިކޮށް ، މައްކާގެ ހާޝިމް ވަންހަޔަށް ނިސްބަތްވާ ކަމުގެ ދޮގު ދައުވާއާއި އެކު ދީނީ ކާޑުން ދިވެހިންގެ މައްޗަށް ވެރިކަން ކުރައްވަން ފެއްޓެވި މައުމޫނަށް ވަގުތާއި ސާުއަތުން ވެސް ކަން އޮތީ ފަހިވާ ގޮތަށެވެ. 10 ނޮވެމްބަރ 1978 ވީ  ބަރަކާތްތެރި ހުކުރު ދުވަހުގެ އިރުއޮއްސުނީ ދިވެހިން ހިތުން ލައްކަ ނަސީބު ގަދަ ރެއަކަށެވެ.

    ހުވާކުރީ ޖެހުނު ކޮންމެ މީހަކު މަރަން ތައްޔާރަށް ހުރެ

    ނޮވެމްބަރ 11، 1978 ގެ ސުންގަޑި ސުންމިނެޓްގައި މައުމޫނު ހުވާ ކުރެއްވީ ކުރިއަށް އޮތް ރިޔާސީ 5 އަހަރަށެވެ. އެރޭ ހުވާ ކުރެއްވީ ވެސް ހޯދި ތާކުން ހަނގުރާމަވެރި ހަތިޔާރު ހޯދައިގެން، ކިރިޔާ ނުއަތަށް ކަމެއް ދިޔަޔަސް ބަޔަކު މަރާ ވެރިކަމުގައި ދެމިހުރުމަށް ތައްޔާރުވެ ހުރެއެވެ. ގާނޫނާ ހިލާފް ބޮޑު ޖަރީމާ އަކުން ފޯވެ ހުރެއެވެ. ވެރިކަމަށް އެރީ ދުނިޔެ އުމުރަށް ވެރިކަން ދަންމާލުމުގެ ނިޔަތުގައިކަން ދިވެހިންނަށް ރޭކާލި އިރު 5 އަހަރުގެ ދައުރު އޮތީ 30 އަހަރަށް ދެމިގެން ގޮހެވެ. އެވަރުގެ ބައެއްގެ އަތަށް ވެރިކަން އެރުމުން، އެކަން ދެމެހެއްޓުމަށްޓަކާ، ކިތަންމެ ނުރައްކާތެރި އެތަކެއް ނޮވެމްބަރ 3 ގެ ހީލަތްތެރި ރޭވުންތައް ނުރާވާނެ ކަމަށް ބަލަން ހެޔޮ ނުވާނެއެވެ.

    ސިފައިންގެ ވެރިޔާކަމަށް ވަނީވެސް ވެރިކަމަށް ހުވާކުރާފަހުންނެވެ. ހުވާކުރުމުގެ ކުރިން މައުމޫނު އަތުގައި ހަނގުރާމަވެރި ހަތިޔާރު އޮތުމާއި އެކުވެރިންނަށް ހަތިޔާރު ދީފާ ބޭ ތިއްބުމަކީ އޭރުވެސް ގާނޫނީ ބޮޑުކުށެކެވެ. މައުމޫނު ވެރިކަމަށް ހުވާ ކުރީ ގާނޫނާ ހިލާފަށް ހަތިޔާރު އުކުޅަށް ޖަހައިގެން ހުރެއެވެ. އެރޭ އެކަމެއް ކުރާނީ ގައިމު އެކަމަށް ތައްޔާރުވެ ތަމްރީނު ވެސް ހޯދައިގެން ތިބީމާކަން ޔަގީނެވެ.  ހޮދުތިމާގެ ހިމަށް ހަނގުރާމަ ވެރި ފަޔަރ އާރމް ޖަހާ އެހެން ދިވެހިންތަކެއްގެ އަތަށް ހަތިޔާރު ދިނީ ވެރިކަމަށް ޓަކައެވެ. އެއީ ކާމިނީގޭ ވެރިކަމުގެ ފެށުމެވެ.

    ނޮވެމްބަރ 3 ގެ ފަސްމަންޒަރު

    އޭގެ 10 އަހަރު ފަހުން ދިވެހި ވެރިކަމުގެ ބާރުތައް ތެތް ތުވާއްޔެއްހެން ދިގުމުއްދަތަށް ތަޅާ ބުރުއްސި ބަޔަކަށް، ދިވެހިންގެ ބަދަލުގައި ވަސަންތީ އާއި އައްޕި އާއި ނައްލައި ނާދަނު ފަދަ ވަލު ތަމަޅައިންގެ ބަޔަކު  މެޝިން ބަޑިއާ ، އޮޓޮމެޓިކް ރައިފަލާއި  ރޮކެޓް ޕްރޮޕަލަރ ގްރެނޭޑުން ޖަރީކޮށް ރާއްޖެ ނާރުވާނެ ކަމަށް ދެކޭން އޮތީ ކޮން ހުއްޖަތެއް ހެއްޔެވެ.

    އޭރުގެ ސިފައިންގެ ނައިބަކަށް ހުރި އިލްޔާސަށް ސިފައިންގެ ލޯތްބާ އިތުބާރު އޮތްލެއް ބޮޑުކަމުން ވެރިކަން ފިރުކާލާފާނެތީ ކުރިކަމަކަށް ނުވުމަށްވުރެ ވުންކައިރިއެވެ. ހަނގުރާމަވެރިންގެ ކައިރިން ދަރިއާއި އަނބިމީހާއާއި ނޯކަރުން ގޮވައިގެން ހިނގާލާފާ ދިޔައިރު އަޅާވެސް ނުލާ ދޫކޮށްލީ ގައިމު ކަމެއް ވެގެންތާއެވެ. އެ ދުވަހު މައުމޫނަށް ވުރެ ހަތިޔާރު އެޅި މީހުންގެ ބޮޑު އަމާޒު ފަތްގަނޑަކަށް އިލްޔާސް ވީ ސަބަބެއްވެސް އޮންނަންވަނެތާއެވެ.

    މިކަމެއްގެ މައުލޫމާތު ލިބިހުރި އަބްދުލް މަޖީދު ހާލިދު އެ މައުލޫމާތު ދިނުމުން، ބޭރުފުށުން ވެލި ބަސްތާ ތަކެއް ޖަހާ ކަން ދެއްކުމަށް މެރި ފޯރީގެ ފޯރިއާއި ޖޯޝް ދިވެހި ސިފައިންގެ ފުށުން ނަގާލީ ކޮންކަމެއް ކިހިނެއް އިންތިޒާމް ކޮށްގެން ނޮވެމްބަރ  3 ގެނައުމުގެ ޖާގަ ތަނަވަސް ކުރުން ނޫން އިތުރު ބޭނުމެއް އޮވެގެނެއް ނޫނެވެ.

    ]]>
    Tue, 06 Dec 2022 19:46:55 +0500 ހީރަސް
    ޝާހިދުގެ ހިޔަންޏަށްވެސް ޔާމީނަކަށް ނާދެވޭނެ! https://heerasnews.com/680 https://heerasnews.com/680 ރާއްޖެ ދުށް އެންމެ ބޮޑު ގައްދާރަކީ ކާމިނީގޭ ދޮން ސީދީގެ އަބްދުﷲ ޔާމީނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ވެރިކަން ކާމިޔާބު ވަންދެން ތިން ހަތަރު ފަހަރަށް އިންތިހާބު ބާތިލު ކުރުވައިގެން ގަދަކަމުން ވެރިކަން ހޯދި އެހެން މީހަކު ވެސް މިރާއްޖެ ނުދެކެއެވެ. 2013 ގައި ކޯޓުން ވެރިކަން ފޭރި ގަނެގެން ނޮވެންބަރ 11 ގައި ކުރަންޖެހޭ ހުވާ ކުރީވެސް އެއް ހަފްތާ ފަހުން ނޮވެންބަރ 17، 2013 ގައެވެ.

    ވެރިކަމަށް އެރިގޮތަށް އަރާ ފެށީ ގައުމު ދަވާލާށެވެ. ޓޫރިޒަމުގެ ނަމުގައި މިލިޔަން މިލިޔަނުން ޑޮލަރުނަގާ ފައިކޭޓަށް ކަހާލީ ރޯމާ ދުވާލުއެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ފަޅާ އަރުވާލި ބޭންކް މެނޭޖަރ ގާސިމު އަބްދުލްކަރީމު ބޭއްވީ ޖަލުގައި ޗޭނު ޖަހާފައެވެ. އެކަން ފާހަގަ ކުރި އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ގާނޫނަށް ގެނައި ބަދަލަކުން ފޮނުވާލީ ގެއަށެވެ. ތިމާގެ ޒާތާ ބާވަތާ އެނގޭ ބޮޑުރައްޓެހި މީހާ ނަމިރާ ނާޒިމް ވެސް ދިދަ ތަކެއް ބޮލުގައި އަޅުވާ 25 އަހަރަށް ފޮނުވާލީ ޖަލަށެވެ.

    ޔާމީނުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅާ ދިޔުމުން ޖަވާބުދާރީ ކުރުވަން އުޅުނު ބައިނަލް އަގުވަމީ ދުނިޔެއާ ވެސް ރާއްޖޭން ގުޅުން ކަޑާލިއެވެ. ކޮމަންވެލްތުން ވަކިވެ ޔޫރަޕިއަން ޔުނިއަން ބޮއިކޮޓްކުރިއެވެ. ވެރިއެއްގެ އަނިޔާވެރިކަން މި ވަރުވީމާ ދިރިތިބީން ސަލާމަތުގެ މަގު ހޯދާނެއެވެ. ރާއްޖެ ތަހައްމަލު ކުރަމުން ދިޔަ އަނިޔާވެރި ކަމުގެ ވާހަކަ އިންޑިޔާގެ ޓީވީ ޗެނަލެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އޭރު ދެއްކެވިއެވެ. އެ ވާހަކަފުޅު މިހާރު ވެސް އެ އޮތީ ފެންނާށެވެ. އިންޑިއާ ސިފައިން ރާއްޖެ ނާރައިގެން ޝާހިދު ވާހަކަފުޅެއް ނުދައްކަވައެވެ. ވީޑިއޯ އެޑިޓް ކޮށްގެން ރައްޔިތުންނަށް އޮޅުވާލިޔަސް ބޮޑުވަރެވެ. މި އޮތީ އެ ޓެލެކާސްޓްކުރި އެންޑީޓީވީގެ އޮރިޖިނަލް ވީޑިއޯއެވެ.

    ރާއްޖޭގެ އޭރުގެ ހާލަތު ކައިރިން ދެކެވަޑައި ގަތުމަށް އިންޑިއާގެ މާންދޫބަކު ރާއްޖެ ވަޑައިގަންނަވަން ޖެހޭކަމަށް ޝާހިދު ވިދާޅުވުމަކީ އިންޑިއާ ސިފައިން ރާއްޖެ ހިފަން އަންނާށޭ ބުނުން ހެއްޔެވެ. އަބްދުﷲ ޝާހިދުގެ އިސްތަށިފުޅުގައި އެ ދޮގު އިލްޒާމު އަޅުވައިގެން ޔާމީނަކީ އަނިޔާ ވެރިއެއް ނޫން ކަމަށް ވާނެ ހެއްޔެވެ. ނުވާނެއެވެ. އޭރު ޝާހިދު ދެއްކެވީ ހައްގު ތެދު ވާހަކަފުޅެކެވެ.  

    އަނިޔާވެރި ކަމުން ޔާމީނު ނުކުރަނީ ކީއް ހެއްޔެވެ. ވެރިކަމަށް ފާޑުކީ ނޫސްވެރިންނާ ނޫސްތައް މިލިޔަނުން ކުރީ ޖުރުމަނާއެވެ. އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހިފައިގެން އިހުތިޖާޖަށް ނިކުތްހާ ބަޔަކު ތަޅާ ރޯނާ ގެންނެވީއެވެ. ހީވާގި ކަމާއެކު ވެރިކަން ނަގަހައްޓާ ދޭން ރެޔާއި ދުވާލު މަސައްކަތްކުރި ދިފާއީ ވަޒީރު ކާނަލް ނާޒިމަށް ރައްޔިތުންގެ ރުހުން ލިބޭހެން ހީވެގެން ފިސްތޯލަ އަކުން ފްރޭމްކޮށް ބޭއްވީ އުލު ބައިންދާފައެވެ.

    މޭޑޭ މުޒާހަރާއަށް ނިކުތްހާ މީހުންގެ ލޭ ކޮށާލާ އަބްދުﷲ ރަޝީދުގެ ފުރާނަ ދުއްވާލިއެވެ. މޭޑޭގެ ބައިވެރިން ތެރެއިން ފިލާ ރައްކާ ވެވުނު ބަޔަކު ފިލާ ރައްކާ ވިޔަސް ޝައިޚް އިމްރާނާއި އެ ނޫން އެތައް ބަޔަކު ކުޑަގޮޅިގައި އުނަގަޑުން ވާގި ނައްތަލާފައި ބޭއްވިއެވެ. ލިބޭލެއް މަދުވެ އަލާނުކެނޑިގެން ރަށްތައް ވިއްކަމުން ބައި އަޅަމުން ދިޔަ ހާލިދު ބުނު ވަލީދުގެ ލަގަބުދިން އަދީބު ގައިގާ އޮޅުއަޅާލީ ފިނިފެންމާ ލޯންޗް ގޮއްވާލި ޗަރު ކޭހުގައެވެ. ކުރިހާ ވައްކަމާ ހިޔާނަތް އަދީބުގެ ބޮލަށް ކަޑާލީ އެންމެން މޮޔައިންނަށް ހިތުން ހަދާފައެވެ.

    ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދާ އިއްޒަތްތެރި މެންބަރުން ފާރުމަތިން އުކާލިއެވެ. ހާލަތުއްޒުރޫރާގެ ދަށަށް މަޖިލިސް ވައްޓާލާ މަޖިލިހަކީ ޔާމީނުގެ ތިލަފިހިގެ އަކަށް ބަދަލު ކޮށްލިއެވެ. ފާފު އަތޮޅު ވިއްކާލުމުގެ ބޭނުމުގައި ސުއޫދީ ޕްރިންސްގެ އަޅަކަށްވެ ގަތަރާއި އެކު އޮތް ޒަމާންވީ ސިޔާސީ ގުޅުން ކަނޑާލިއެވެ.

    ފެނުނު ހުވަފެނަކާ ގުޅިގެން މާމިގިލީ ގާޒީ ނިހާނާއި ޕީޖީ މުޖުތާޒް ގެ ޒަމާން ދުއްވާލީ ހައްޔަރުގެ އަމުރެއް ނެރޭކަމަށް ހީކޮށެވެ. ރާއްޖޭގެ ކަންކަން ފާލުން ނައްޓާ އަނިޔާވެރިކަން ހައްދު ފަހަނައަޅާ ދިޔުމުން ބޭއިންސާފުން ހައްޔަރުގައި ތިބި މީހުން ދޫކުރުމަށް ސްޕްރީމްކޯޓުގެ އަމުރެއް ނެރުމުން ޔާމީނު ހީވީ މޮޔަ ވެފައި އޮތް ވަލު ސިންގާއެއް ހެންނެވެ. ގައިރު ގާނޫނީ އަމުރުތައް ހިންގަން ފަސްޖެހުނުހާ ޕޮލިސް ކޮމިޝަނަރުން ގެއަށް ފޮނުވާލިއެވެ.

    ސްޕްރީމްކޯޓުން ޓިނު ނަގާ ފަނޑިޔާރުން ބަޑު ބިންމަތީ ޖައްސާ ބުރިން ހަންނެގީއެވެ. އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީހަމީދު މުޅި ހަޔާތް ބަރުބާދު ކޮށްލިއެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ ޒިންދަގީ ދުއްވާލިއެވެ.

    ނެތް ކުއްލި ހާލަތެއް އިއުލާނުކޮށް ސްޕްރީމް ކޯޓުގެ ބާރު ކަނޑުވަލާ ގޮނޑި ކޮއްކޮ އަކަށް ހަދާލިއެވެ. ސިޔާސީ ހުރިހާ ވާދަވެރިން އެކި ކަހަލަ ތުހުމަތުގައި ފަޓާސް ބަރިއެއްހެން ގޮއްވާލިއެވެ. ގާސިމް އިބުރާހީމާއި އޭނާގެ ދަރިފުޅު ގެ ޒަމާން ދުއްވާލާ ވަސް ފުހެލަން ނުކުރާ ކަމެއް ނެތެވެ. ކާންދީ ގެންގުޅެ ބަރާއި އާރު ހޯދައިދިން އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫނު އުމުރުން 80 އަހަރު ވެފައި ވަނިކޮށް ޖަލަށްލާ ވޭން ދެނިވި އަނިޔާ ދިނެވެ. މިކިޔާލެވުނީ ކުޑަ މިންވަރެކެވެ. މަތިމަތިންނެވެ. 

    ]]>
    Thu, 10 Nov 2022 02:01:16 +0500 ހީރަސް