Maldives Real Time Facts & : ދީނީ https://heerasnews.com/rss/category/ދީނީ Maldives Real Time Facts & : ދީނީ dv ކޮޕީރައިޓް: Heerasnews llp (P013622021) ކިޔަމަންތެރިންގެ ނަމާދު ކުރެވޭތަ! https://heerasnews.com/2368 https://heerasnews.com/2368

ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ކީރިތި ނަބިއްޔާ އެނަމާދު އާދަކޮށް ކުރެއްވިއެވެ. އެކަލޭގެފާނުގެ އަސްހާބުންނަށް އެނަމާދު ކުރުމަށް އިރުޝާދު ދެއްވިއެވެ.

ކުރާނީ ކިހިނެތް:

ޟުހާ ނަމާދުގެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. އެނަމާދަށް ނިޔަތްގަނެ ދެ ރަކުޢަތް ކުރުމުން އެނަމާދު އަދާކުރެވުނީއެވެ. އެނަމާދަށް ވަކި އަދަދަކަށް ރަކުއަތްކުރުމަށް ހައްދެއް ކަނޑައެޅިފައެއް ނުވެއެވެ. ހަތަރެއް، ހައެއް، އަށެއް ނުވަތަ އެއަށްވުރެ ގިނަ ރަކުއަތް ކުރިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. ފަސޭހަ މިންވަރަކަށް ކުރުމުން ފުދޭނެއެވެ. އާއްމުކޮށް ނަބިއްޔާ ކުރެއްވި ކަމަށް ވަނީ ދެ ރަކުޢަތެވެ. ހަތަރު ރަކުއަތްވެސް ކުރެއްވިކަމަށް ވަރިދުވެފާވެއެވެ. މައްކާ ފަތަހަ ކުރެއްވި ދުވަހު ކުރެއްވީ އަށް ރަކުއަތެވެ. 

ސަހީހު މުސްލިމްގެ ރިވާޔަތެއް (1175)ގެ މާނާގައިވެއެވެ. "ނަބިއްޔާ ޟުޙާ ނަމާދުގެ ހަތަރު ރަކުޢަތް ކުރައްވައެވެ. އަދި އިރާދަކުރެއްވި މިންވަރަކަށް އިތުރު ކުރައްވައެވެ."  

މުސްލިމް (1845)އާއި ބުހާރީ (1182)ގައި އަބޫ ހުރައިރާގެ އަރިހުން ރިވާކުރައްވާފައިވެއެވެ. "ތިމަންކަލޭގެފާނުގެ ހަލީލު ތިމަންކަލޭގެފާނަށް ތިން ކަމަކަށް ވަސިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހެއްގައި ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެ ރަކުއަތް ކުރުމާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ."

މައްކާ ފަތަހަކުރެއްވި ދުވަހު ނަބިއްޔާ ޟުޙާ ނަމާދުގެ އަށް ރަކުއަތް ކުރައްވަނިކޮށް އުންމު ހާނީ ދެކެވަޑައިގަތްކަމަށް  މުސްލިމް(1177) އާއި ބުހާރީ (344) ރިވާކުރައްވާފައިވެއެވެ. 

ޟުޙާ ނަމާދުގައި އަށެއް، ދިހައެއް، ބާރަ ނުވަތަ އެއަށްވުރެ ގިނައިން ނުވަތަ މަދުން ރަކުއަތް ކުރުމަކީ މައްސަލައެއް ނޫންކަން އަންނަނިވި ހަދީސުން ސާބިތުވެއެވެ.

ޟުޙާ ނަމާދު ކުރުމުގައި ސުންނަތް ގޮތަކީ ކޮންމެ ދެރަކުޢަތަކުން ސަލާމްދެމުން ދެ ރަކުއަތުން ދެ ރަކުއަތުން ނަމާދުކުރުމެވެ. ޟުޙާ ނަމާދުގެ އެންމެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. އެއީ އިރު އެރީއްސުރެ އިރު މެދު ޖެހުމާ ހަމައަށެވެ. ޟުޙާގެ ވަޤުތަކީ އެއީއެވެ. އެންމެ ރަނގަޅު ގޮތަކީ އިރުގެ ހޫނު ގަދަވެގަންނަ ވަގުތު އެ ނަމާދު ކުރުމެވެ. ރަސޫލާ ހަދީސް ކުރައްވާފައިވަނީ " ކިޔަމަންތެރިންގެ ނަމާދުވަނީ (އެބަހީ: ޟުޙާ ނަމާދުވަނީ) ހޫނުކަން ގަދަވެގަންނަ ވަގުތެވެ."

ނުކޮށް ދޫކޮށްލުން:

ޟުހާ ނަމާދު އެއް ދުވަހު ކޮށްފައި އަނެއް ދުވަހު ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ދާއިމީ ގޮތެއްގައި އެނަމާދު ކުރުމެވެ. ހަމަކަށަވަރުން މަތިވެރި ރައްބު އެންމެ ލޯބިވެވޮޑިގެންވާ އަމަލަކީ ކިތަންމެ މަދުވިޔަސް ދާއިމީގޮތެއްގައި ކުރާ ކަންކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ.

އެންމެ ހެޔޮވެގެންވަނީ ދާއިމީ ގޮތެއްގައި ޟުހާ ނަމާދުކުރުމެވެ. ދެކޮޅުވެރިކަމެއް ނެތި ދާއިމީގޮތެއްގައި ޟުޙާ ނަމާދު ދޫކޮށްލައިފި މީހަކު ނުވަތަ ބައެއް ދުވަސް ދުވަހު އެނަމާދު ދޫކޮށްލައިފި މީހެއްގެ މައްޗަށް އެއްވެސް ކަމެއް ނެތެވެ. އެހެނީ އެއީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. 

ކިޔަވާނީ ކޮން ސޫރަތެއް:

ޟުޙާ ނަމާދުގައި ސުންނަތްވެގެން ވަނީ ފާތިހާ ސޫރަތާއެކު އެމީހަކަށް ފަސޭހަވެގެންވީ މިންވަރަކަށް ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ކިޔެވުމެވެ. ކިޔެވުމަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެއެވެ.  ވާޖިބުވެގެންވަނީ ފާތިޙާ ސޫރަތް ކިޔެވުމެވެ. އޭގެ އިތުރަށް ކިޔަވާ ކިޔެވުމަކީ ސުންނަތެވެ. ވަކި އަދަދަކަށް އާޔަތްތަކެއް ނުވަތަ ފާތިހާ ސޫރަތަށް ފަހު އެންމެ އާޔަތެއް ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މިހުރިހާ ގޮތެއްވެސް ރަނގަޅެވެ.

ވަގުތު:

ޟުޙާ ނަމާދު ކުރެވޭނެ އެންމެ ފުރަތަމަ ވަގުތަކީ އިރުއެރުމަށްފަހު، ގާތްގަނޑަކަށް 15 މިނެޓު ފަހުންނެވެ. އެންމެ ފަހު ވަގުތަކީ މެންދުރު ނަމާދުގެ ގާތްގަނޑަކަށް 20 މިނެޓު ކުރިންނެވެ. 

]]>
Mon, 01 Apr 2024 18:14:57 +0500 ހީރަސްނިއުސް
ނަމާދު ކުރުން މަނާ ވަގުތުތައް އެނގޭތަ! https://heerasnews.com/2363 https://heerasnews.com/2363 ސަބަބުވެރި ސުންނަތް ނަމާދުތައް ފިޔަވާ ވަކި ވަގުތުތަކެއްގައި ނަމާދު ކުރުން ނަހީ ކުރައްވަފައިވެއެވެ. ސަބަބުވެރި ސުންނަތް ނަމާދުގެ ގޮތުގައި ބެލެވޭ ބައެއް ސުންނަތް ނަމާދުގެ ގޮތުގައި އަންނަނިވި ނަމާދުތައް ހިމެނެއެވެ.

  • ކޭތަ ނަމާދު
  • ތޮވާފުކޮށްގެން ކުރާ ދެ ރަކުޢަތުގެ ނަމާދު
  • ތަހިއްޔަތުލް މަސްޖިދުގެ ދެރަކްއަތް

އިރުޝާދު ލިބި އިލްމުވެރިން އިއްތިފާގު ވަނީ ފަތިސް ނަމާދުގެ ފަހުން ނުވަތަ އަސުރު ނަމާދުގެ ފަހުން މިސްކިތަށް ވަދެއްޖެނަމަ ތަހިއްޔަތުލް މަސްޖިދުގެ ދެ ރަކުއަތް ކުރުމަށެވެ. މެންދުރު ނަމާދަށް ގޮވުމުގެ ކުރިން ވަދެވުނަސް ތަހިއްޔަތުލް މަސްޖިދުގެ ދެ ރަކުއަތް ކުރުމަށެވެ. ރޭގަނޑުވިޔަސް އަދި ދުވާލު ވިޔަސް ކޮންމެ އިރެއްގައިވެސް މިސްކިތަށް ވަދެވިއްޖެނަމަ ތަހިއްޔަތުލް މަސްޖިދުގެ ދެ ރަކުޢަތް ނުކޮށް ނުއިށީނުމަށެވެ.

ހުރިހާ ވަގުތެއްގައިވެސް ތަހިއްޔަތުލް މަސްޖިދު ކުރެވޭނެއެވެ. ސަބަބީ ނަމާދުތައް އެ ވަގުތުތަކުގައި ކުރުން ނަހީކުރައްވާފައި ނުވެއެވެ. 

ނަމާދުކުރުން ނަހީ ވަގުތުތައް:

  • ފަތިސްނަމާދުގެ ފަހުން އިރު ލޮންސިއެއްގެ މިންވަރަށް އަރައްޖައުމަށް ދާންދެން. ލޮންސިއަކަށް އެރުމޭ ބުނެވޭ ބަހުގެ މާނައަކީ ސަތަހައިން މައްޗަށް ލޮންސިއެއްގެ އުސްމިނަށް އިރު އެރުމެވެ. ވަގުތުން ބަލާނަމަ އިރުއަރާގަޑިން ފެށިގެން ގާތްގަނގަޑަކަށް 15 މިނެޓު ނުވަތަ 20 މިނެޓު ވަންދެނެވެ.
  • މެންދުރުނަމާދުގެ ވަގުތު ފެށުމުގެ އިރުކޮޅެއް ކުރިއެވެ. އެއީ އިރު މެދުން ފިލުމުގެ ގާތްގަނޑަކަށް 10 މިނެޓު ކުރިންނެވެ.
  • އަސުރު ނަމާދު ފަހުން ފެށިގެން އިރުއޮއްސެންދެނެވެ. 

ނަހީގެ ވަގުތުތައް ދެނެގަތުމުގައި ވިސްނާލުން މުހިންމު ކަންކަން:- 

  1. އިރު އަރާ ގަޑިން ފެށިގެން 12 މިނެޓު ފަހުން ލޮންސިއެއްގެ މިންވަރަށް އިރު އުފުލޭނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. މިކަމުގައި ރައްކާތެރި ގޮތަކީ 15 މިނެޓު ނުވަތަ 20 މިނެޓު މަޑުކޮށްލުމެވެ.
  2. ހުލާސާކޮށް ބަލާނަމަ ނަމާދުކުރުން ނަހީކުރެއްވީ 3 ވަގުތެކެވެ. އަދި ތަފްސީލުކޮށް ބަލައިފިނަމަ އެއީ 5 ވަގުތެކެވެ.
  • ހުލާސާކޮށް އެ 3 ވަގުތަކީ:
  1. ފަތިސްނަމާދު ފަހުން ފެށިގެން އިރު ލޮންސިއެއްގެ މިންވަރަށް އަރަންދެން
  2. މެންދުރު (އިރު މެދު ޖެހި) އެންމެ ހޫނު ގަދަވާ ވަގުތުން ފެށިގެން، އިރު މެދުން ފިލަންދެން
  3. އަސުރު ނަމާދު ފަހުން ފެށިގެން އިރު އޮއްސެންދެން
  • ތަފްސީލުކޮށް އެ 5 ވަގުތަކީ:
  1. ފަތިސްނަމާދު ފަހުން ފެށިގެން އިރުއަރަންދެން
  2. އިރު އަރާ ވަގުތުން ފެށިގެން ލޮންސިއެއްގެ މިންވަރަށް އިރު އަރަންދެން
  3. މެންދުރު (އިރު މެދު ޖެހި) އެންމެ ހޫނު ގަދަވާ ވަގުތުން ފެށިގެން، އިރު މެދުން ފިލަންދެން
  4. އަސުރު ނަމާދުން ފެށިގެން އިރު އޮއްސެންދެން
  5. އިރުއޮއްސެން ދާ ވަގުތުން ފެށިގެން އިރުއޮއްސުން ފުރިހަމަ ވަންދެން

]]>
Fri, 29 Mar 2024 18:09:46 +0500 ހީރަސްނިއުސް
މަރުވުމުންވެސް ހުއްޓިނުދާ އަމަލު! https://heerasnews.com/2358 https://heerasnews.com/2358 މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެއެވެ. އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އަމަލުތައް ހުއްޓި ދެއެވެ. އެހަދީސް ފުޅުގައިވާ ތިންކަމަކީ:- 

  • ދެމިގެންދާ ސޮދަގާތް
  • ފައިދާ ކުރަނިވި އިލްމް
  • ހެ ޔޮދުއާ ކުރާނޭ ސޯލިހު ދަރިން

އިންސާނާ މަރުވުމަށްފަހު ތިން ކަމަކުން މެނުވީ އޭނާއަށް ފައިދާއެއް ނުކުރާނެކަން ރަސޫލާގެ ހަދީސްފުޅުން ރަނގަޅަށް އެނގެއެވެ.

ރަސޫލާ ހަދީސް ކުރެއްވި ތިންކަންތަކުގެ ތެރެއިން:-

  • ފުރަތަމަ ކަމަކީ، ދެމިގެންދާ ސޮދަގާތެކެވެ.

ދުނިޔެއަށް ދޫކޮށްފައިދާ ދެމިގެންވާ ސޮދަގާތުގެ ބައެއް މިސާލަކީ:-

  • މިސްކިތެއް ބިނާކޮށްފައި ދިޔުން،
  • ސްކޫލެއް ބިނާކޮށްފައި ދިޔުން،
  • ފެން ވަޅެއް ބިނާކޮށްފައި ދިޔުން،
  • ވަޤްފެއް ދޫކޮށްފައި ދިޔުން

ފަދަ ކަންކަމެވެ. އެކަންކަމުން މީސްތަކުން ފައިދާ ލިބިގަންނަހާ ހިނދަކު އޭނާ ކަށްވަޅުގައި އޮތަސް އެކަމުގެ ސަވާބާއި ދަރުމަ ލިބިމުން ދާނެއެވެ.

  • ދެވަނަ ކަމަކީ، ދޫކޮށްފައިދާ ފައިދާ ކުރަނިވި އިލްމެކެވެ.

ދޫކޮށްފައިދާ ފައިދާ ކުރަނިވި އިލްމުގެ މިސާލުތައް ބައިވަރެވެ. އޭގެތެރޭގައި:-

  • ފައިދާހުރި އިލްމުތައް އުގަންނައިދިނުން
  • ފައިދާ ހުރި އިލްމީ މައުލޫމާތު ފެތުރުން
  • ފައިދާ ހުރި އިލްމު އުނގަންނައިދޭ ވަސީލަތްތައް ގާއިމުކުރުން
  • ފައިދާ ހުރި އިލްމީ ފޮތްތަކާއި އެޕްލިކޭޝަންތަކާއި ޕްރޮގްރާމްތައް ތައްޔާރުކޮށް ފެތުރުން
  • ފައިދާ ހުރި އިލްމީ ހޯދުންތައް ހޯދާ އާއްމުކުރުން
  • ފައިދާ ހުރި އިލްމީ އިނޮވޭޝަންތަކާއި ޓެކްނޮލްޖީތައް ތައާރަފްކުރުން ފަދަ އެތައް ކަމެއް ހިމެނެއެވެ/

އެކަމަކުން މީސްތަކުން ފައިދާ ލިބިގަންނަހާ ހިނދަކު އޭނައަށް އެކަމުގެ ސަވާބާއި ދަރުމަ މެދުނުކެޑި ލިބެމުން ދާނެއެވެ. އެހެންކަމުން، މީގެ ތެރޭގައި ހިމެނޭނީ އިލްމުވެރިން އެކަންޏެއް ނޫނެވެ. އިލްމުވެރިންނާއި އެކުގައި އެ އިލްމު މީސްތަކުންގެ މެދުގައި ފަތުރާ މީހުންވެސް ހިމެނޭއެވެ. މިސާލަކަށް، މީހަކަށް ފޮތެއް ހަދިޔާ ކުރުމުގެ ސަބަބުން އެ ފޮތުން އެމީހަކު ފައިދާ ލިބި ، އެނާގެ ފަރާތުން އެހެން މީހަކަށް އެކަމުން ފައިދާ ލިބި ، އެގޮތަށް ކިތަންމެ ދުރަކަށް ދިޔަޔަސް އެ ފޮތް ހަދިޔާ ކުރި މީހާއަށް އެ އެ އެންމެންގެ ސަވާބާއި ދަރުމަވެސް ލިބިގެން ދާނެއެވެ. 

  • ތިންވަނަ ކަމަކީ، ހެޔޮދުއާ ކުރާނެ ސޯލިހު ދަރިއެއް ދޫކޮށްފައި ދިޔުމެވެ.

އެ ދަރިފުޅު ކުރާ ހެޔޮ ދުއާގެ ސަވާބާއި ދަރުމަ މައިންބަފައިންނަށް މެދުނުކެޑި ލިބިލިބި ހުންނާނެއެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށްފައި ދިޔުމަކީ މައިންބަފައިންނަށް ކުރެވޭ އެންމެ ރަނގަޅު އެއް ކަންތަކެވެ. ސޯލިހު ދަރިޔަކު ތަރުބިއްޔަތު ކުރުން ފައިދާ ކުރަނިވި އިލްމެއް ދޫކޮށްފައި ދިޔުމުގެ ކެޓަގަރީގައިވެސް ހިމެނޭނެއެވެ. މައިންބަފައިން ދަރިންނަށް ދޭ ހެޔޮ ތަރުބިއްޔަތާއި ނަސޭހަތް ދަރިން އެދަރިންގެ ދަރީންނަށް ފޯރުކޮށްދޭނެއެވެ. އެހެންކަމުން، އެތައް ޖީލަކަށް އެ މައިންބަފައިންނަށް ސަވާބާއި ދަރުމަ މެދުނުކެޑި އިލްމު ފެތުރި ކެޓަގަރީންވެސް ލިބިލިބި ހުންނާނެއެވެ.

މަރާ ބައްދަލު ވުމުގެ ކުރިން، ކޮނމްމެ މީހަކުވެސް މިކަންކަމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ހުރިހާ އަމަލުތަކެއްގެ ނެތިދާ ދުވަހު، އިސްވެ ދިޔަ ތިން އަމަލު ދެމިއޮންނާނެއެވެ. ދެމިގެންދާނެ މަންފާ ލިބެނިވި އަމަލުތަކެއްގެ ގޮތުގައެވެ. 

]]>
Wed, 27 Mar 2024 19:49:17 +0500 ހީރަސްނިއުސް
ކޮންމެ ކޮންމެ ދުވަހަކު ރޯދަ ހިފޭނެތަ! https://heerasnews.com/2350 https://heerasnews.com/2350 ރޯދައަކީ ވަރަށް މަތިވެރި އަޅުކަމަކެވެ. ފަރުޟު ރޯދައާއި ސުންނަތް ރޯދަ ޝަރުއު ކުރައްވާފައިވާ ފަދައިން ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ހާލަތްތަކެއްވެއެވެ.

ނަހީ ކުރައްވާފައިވާ ދުވަސްތަޢް: 

  • އީދު ދުވަހު ރޯދަ ހިފުން:
  1. ފިތުރު އީދު ދުވަހާއި އަލްހާ އީދު ދުވަހުގައި ރޯދަ ހިފުމަ ނަބިއްޔާ ނަހީކުރައްވާފައިވާ ކަމެކެވެ. ރަސޫލާގެ ހަދީސްފުޅެއްގައި އަންގަވާފައިވަނީ "އަދި ދެ ދުވަހެއްގައި ރޯދަ ނުހިފާށެވެ. (އެއީ) ފިތުރު އީދު ދުވަހާއި އަލްހާ އީދު ދުވަހެވެ."
  2. އިމާމު ނަވަވީ ވިދާޅުވެފައިވަނީ " ހަމަކަށަވަރުން ހުރިހާ ހާލަތެއްގައިވެސް މި ދެ ދުވަހު (އެބަހީ: ފިތުރު އީދު ދުވަހާއި އަލްހާ އީދު ދުވަހު) ރޯދަ ހިފުން ހަރާމް ކަމަށް އިލްމުވެރިން އިޖުމާއު ވެފައިވާ ކަމަށެވެ. އެއީ ނަދުރު ރޯދާއާއި ސުންނަތް ރޯދައާއި ކައްފާރާ ރޯދަ އަދި އެނޫން ރޯދައެއް ވިޔަސް އެ ދެ ދުވަހު ހިފުން ހުއްދަވެގެން ނުވެމެވެ." 
  • އައްޔާމުއް ތަޝްރީގުގެ ތިން ދުވަހު ރޯދަ ހިފުން: އައްޔާމުއް ތަޝްރީގުގެ ތިން ދުވަހަކީ ހައްޖުމަހުގެ 11، 12 އަދި 13ވަނަ ދުވަހެވެ.
  1. އައްޔާމުއް ތަޝްރީގުގެ ދުވަސްތަކުގައި ރޯދަ ހިފުމަށް ނަބިއްޔާ ހުއްދަ ނުދެއްވާކަން ސައްހަ ސަނަދުން ސާބިތުވެއެވެ.
  2. އައްޔާމުއް ތަޝްރީގުގެ ދުވަސްތަކަކީ ކެއުން ބުއިމުގެ ދުވަސްތަކެއް ކަމަށް ހަދީސް ކުރައްވާފައިވެއެވެ.
  •  ހަމައެކަނި ހުކުރު ދުވަސް ހާއްސަ ކޮށްގެން ރޯދަ ހިފުން:
  1. ރަސޫލާ ހަދީސް ކުރައްވާފައިވަނީ "ތިޔަބައިމީހުން ކުރެ މީހަކު ހުކުރު ދުވަހު ރޯދަ ނުހިފާށެވެ. އޭގެ ކުރީ ދުވަހާ އެކު ނުވަތަ ޖެހިގެން އަންނަ ދުވަހާ އެކު ރޯދަ ހިފާ މީހަކު ފިޔަވައެވެ." އެބަހީ: ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ މައްސަލައެއް ނެތެވެ.
  2. ވަކި ހާލަތްތަކެއްގައި ހުކުރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. އެއީ އެހެން ސަބަބެއް މެދުވެރިވެގެން ހުކުރު ދުވަހު ރޯދަ ހިފުމުން ހުކުރު ދުވަހުގައި ރޯދަ ހިފުން ހާއްސަ ކުރިކަމަށް ނުވާތީއެވެ.
  •  ހުކުރު ދުވަހު ރޯދަ ހިފުން ހުއްދަ ހާލަތްތައް:
  1. ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނުވަތަ ހުކުރުދުވަހާއި ހޮނިހިރު ދުވަހު ރޯދަ ހިފުން
  2. ފަރުޟު ރޯދައަކަށްވުން:-
  • އަދާއަށް ނުވަތަ ޤަޟާއަށް ރަމަޟާންމަހުގެ ރޯދަ ހިފުން
  • ކައްފާރާގެ ރޯދަތައް ހިފުން
  • ތަމައްތުއު ހައްޖެއް ވީ މީހަކު ހަދްޔުގެ ބަދަލުގައި ހިފާ ރޯދަ ފަދަ ރޯދަ ހިފުން

މިކަމުގައި މައްސަލައެއް ނެތެވެ. އެއީ މިގޮތަށް ރޯދަ ހިފާއިރު ހުކުރު ދުވަހު ރޯދަ ހިފުމުގައި ހާއްސަ ކަމެއްވާ ކަމަށް އިއުތިގާދު ނުކުރާނަމައެވެ. އަދި އޭނާގެ ތާވަލު ހުންނަ ގޮތުން އެ ދުވަހުގައި ރޯދައަށް ހުންނަން ފަސޭހަ ވާތީ ހަމައެކަނި ހުކުރުދުވަހު ރޯދައަށް ހުރެވިދާނެއެވެ. މިހާލަތުގައި ވެސް ބޮޑަށް ރަނގަޅީ އަދި ރައްކާތެރި ގޮތަކީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަސް ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދައަށް ހުރުމެވެ.

  • ރޯދަހިފުން ޝަރުއު ކުރެވިފައިވާ ދުވަހެއް ހުކުރުދުވަހަކާ ދިމާވުމުން ހުކުރު ދުވަހު ރޯދަ ހިފުން

އޭގެ މިސާލަކީ: ކޮންމެ ހަނދުމަހެއްގެ 13 14 15ގައި ހިފާ ރޯދަ އާއި އަރަފާތު ދުވަހުގެ ރޯދައާއި އާޝޫރާގެ ރޯދައާއި ޝައްވާލުމަހުގެ ހަ ރޯދަ އަދި ހައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަހިފާއިރު ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ ހުކުރު ދުވަހު ރޯދަހިފުން މައްސަލައެއް ނެތެވެ. އެހެނީ އެ ދުވަސްތަކުގައި އޭނާ ރޯދަ އެ ހިފަނީ އެއީ ހުކުރު ދުވަހަށް ވާތީއެއް ނޫނެއެވެ. އެހެނަސް އެއީ ރޯދަހިފުން ޝަރުއު ކުރައްވާފައިވާ ދުވަސްތަކަކަށް ވާތީއެވެ.

  • އާދަކޮށް ހިފާ ރޯދައަކާ ދިމާވުން

މިސާލަކަށް ދެ ދުވަހުން އެއް ދުވަހު ރޯދައަށް ހުންނަ އޭނާ ރޯދައަށް ހުންނަ ދުވަސް ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ ފަހެ އެ ދުވަހުގައި ރޯދަހިފުން އެއީ މައްސަލައެއް ނޫނެވެ. އެއީ ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ ނަހީ ކުރެއްވިއިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިސްނާ ކުރައްވާފައިވެއެވެ. 

  • ހުކުރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ހާލަތު:

އިސްވެ ބަޔާންވެ ދިޔަ އެއްވެސް ސަބަބެއް ނެތި ސުންނަތް ރޯދަ ހިފުމަށް ހަމައެކަނި ހުކުރު ދުވަސް ހާއްސަ ކުރުން މަކުރޫހައެވެ.

  • ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުން
  1. ނަބިއްޔާ އަންގަވާފައިވަނީ "ތިޔަބައިމީހުން ހޮނިހިރުދުވަހު ރޯދަނުހިފާށެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ރޯދަ ފިޔަވައެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް (އެދުވަހު ކާނާގެ ގޮތުގައި) މޭބިސްކަދުރުގެ ތޮށިކޮޅެއް ނުވަތަ ގަހަކުން ދަނޑިކޮޅެއް ފިޔަވާ އެހެން އެއްޗެއް ނުލިބިއްޖެނަމަ ފަހެ އެ ހަފާށެވެ." މުރާދަކީ އެހަފައިގެން ވިޔަސް އެދުވަހު ރޯދައަށް ނުހުންނާށެވެ.
  2. ހޮނިހިރު ދުވަހު ރޯދަހިފުން ނަހީވުމާއި ހުއްދަވުން އެކި ހާލަތްތަކުގައި ތަފާތެވެ. އެއީ ހުކުރު ދުވަހާމެދު އިސްވެ ބަޔާންވެ ދިޔަ ގޮތާ އެއް ގޮތަށެވެ.
  • ހޮނިހިރު ދުވަހު ރޯދަ ހިފުން ހުއްދަ ހާލަތްތަކަކީ:
  1. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ނުވަތަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ރޯދަ ހިފުން
  2. ފަރުޟު ރޯދައަކަށްވުން
  3. ރޯދަހިފުން ޝަރުއު ކުރައްވާފައިވާ ދުވަހެއް ހޮނިހިރު ދުވަހާ ދިމާވުމުން ހޮނިހިރު ދުވަހު ރޯދަ ހިފުން
  4. އާދަކޮށް ހިފާ ރޯދައަކާ ދިމާވުން
  • ހޮނިހިރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ހާލަތު:

އިސްވެ ބަޔާންވެ ދިޔަ އެއްވެސް ސަބަބެއް ނެތި ސުންނަތް ރޯދަ ހިފުމަށް ހަމައެކަނި ހޮނިހިރު ދުވަސް ހާއްސަކުރުން

  • ޝަޢުބާން މަސް ދެބައިވުމުން ރޯދަ ހިފުން

ރަސޫލާގެ ހަދީސްފުޅެއްގެ މާނާގައިވެއެވެ. "ޝައުބާން މަސް ދެބައިވުމުން ރޯދަ ނުހިފާށެވެ." ހަދީސުން މިވަނީ ޝައުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައެވެ. މި ނަހީއިން އިސްތިޘްނާވާ ހާލަތްތަކެއް ވެއެވެ.

  • ފުރަތަމަ ހާލަތް: އާދަކޮށް ރޯދަހިފަމުންދާ މީހާ

ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އާދަކޮށް ރޯދަހިފާމީހަކަށް ޝަޢުބާން މަހުގެ ދެބައިން ފަހުބައިގަވެސް ރޯދަހިފިދާނެއެވެ. ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ ނަހީކުރެއްވި އިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިސްނާ ކުރައްވާފައިވެއެވެ.

  • ދެވަނަ ހާލަތް: ޝައުބާން މަސް ދެބައިވުމުގެ ކުރިން ރޯދަ ހިފަން ފެށި މީހާ

އެފަދަ މީހަކަށްވެސް ޝައުބާންމަހުގެ ފަހުބައިގައި ރޯދަ ހިފުން ހުއްދަ ވެގެންވެއެވެ. ކީރިތި ނަބިއްޔާ ޝައުބާންމަހުގެ ގިނަ ދުވަސްތަކުގައި ރޯދައަށް ހުންނަވާކަން ސައްހަ ހަދީސްތަކުން ސާބިތުވެއެވެ.

  •  ތިންވަނަ ހާލަތް: ރަމަޟާންމަހުގެ ޤަޟާ ރޯދަތައް ހިފާ މީހާ

ޝައުބާން މަސް ދެބައިވުމުންވެސް ޤަޟާ ރޯދަތައް ހިފޭނެއެވެ. އެހެނީ އެމީހަކު ރަމަޟާން މަސް ފެށުމުގެ ކުރިން އެރޯދަތައް ހިފަން ޖެހޭ އިރު ދެން އިތުރު ފުރުޞަތެއް އޭނާއަށް ނުވާތީއެވެ.

އެހެންކަމުން ޝައުބާންމަސް ދެބައިވުމަށް ފަހުގައި އެމަހުގެ ކުރީ ކޮޅުގައި ސުންނަތް ރޯދަ ހިފަން ނުފަށާ މީހަކު އެމަސް ދެބައިވުމަށް ފަހު ސުންނަތް ރޯދަ ދެން ނުހިފާނީއެވެ. 

  • ޝައްކުގެ ދުވަހު ރޯދަ ހިފުން

ޝައްކުގެ ދުވަހަކީ ޝަޢުބާންމަހުގެ ތިރީސްވަނަ ދުވަހެވެ. އެދުވަހަށް އެނަމުން ނަން ދެވުނީ ވިލާ ބޯވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ނުފެނިއްޖެނަމަ ޝައުބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތޯ ޝައުބާންމަހުގެ ތިރީސްވަނަ ދުވަސްތޯ ޝައްކު އުފެދޭތީއެވެ. ޝައްކުގެ ދުވަހު ރޯދަ ހިފައިފި މީހާ ހަމަކަށަވަރުން ނަބިއްޔާ އުރެދިއްޖެއެވެ.

  • ޝައްކުގެ ދުވަހު ރޯދަ ހިފުމުގައި ނުވަތަ ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަ ހިފުމުގެ ހާލަތްތަކެއް ވެއެވެ.
  1. އާދަވެގެން ރޯދަ ހިފަމުން އައި މީހަކު އެދުވަސްތަކުގައި ރޯދަ ހިފުން
  2. ޤަޟާ ރޯދަ ހިފުން
  3. ރަމަޟާން މަހުގެ ރޯދައަށް ރައްކާތެރިވުމުގެ ގޮތުން ޝައްކުގެ ދުވަހު ރޯދަ ހިފުމަކީ ހުއްދަކަމެއް ނޫން
  • އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން

އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން ނަބިއްޔާ ވަނީ ނަހީކުރައްވާފައެވެ. ރަސޫލާ ހަދީސް ކުރައްވާފައި ވަނީ އަބަދު ރޯދަ ހިފާ މީހާއަށް ރޯދަ ނުވާ ކަމަށެވެ.

  • ވިޞާލުކޮށް ރޯދަ ހިފުން

ވިޞާލުގެ ލަފްޒީ މާނައަކީ ގުޅުވާލުމެވެ. ރޯދަ ހިފުމުގައި ވިޞާލު ކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. އެއް ދުވަހަށް ވުރެ ގިނައިން ރޯދައަށް ހުރުމެވެ. ވިޞާލުކޮށް ރޯދަ ހިފުމުގައި ދެގޮތެއް ވެއެވެ. 

  1. އިރު އޮއްސުމުން ރޯދަ ވީއްލުމުގެ އިހުތިޔާރު އޮވެ ގަސްދުގައި ރޯދަ ނުވީއްލާ ފަސްކޮށްފައި ރޯދަ ވީއްލުން
  2. ރޯދަ ނުވީއްލާ ވިދިވިދިގެން ދެ ދުވަހު ނުވަތަ އެއަށް ވުރެ ގިނަދުވަހު ރޯދައަށް ހުރުން 

ނަބިއްޔާ ވަނީ މިކަން ނަހީކުރައްވާފައެވެ. ބާރުއަޅުއްވާފައިވަނީ އިރުއޮއްސުމުން އަވަހަށް ރޯދަ ވީއްލުމަށެވެ. ރޯދަ ވީއްލުމަކާ ނުލައި ދެ ދުވަސް ނުވަތަ އެއަށް ވުރެ ގިނަދުވަސް ވަންދެން ރޯދަ ހިފުމަކީ ހަރާމްކަމެކެވެ. 

  • ހައިޟު އާއި ނިފާސްގެ ދުވަސްވަރުގައި ރޯދަ ހިފުން
  1. ހައިޟުގެ ދުވަސްވަރު ކަނބަލުން އަމަލުކު ރަންވީ ގޮތަކީ އެކަން ދިމާވުމުން ރޯދަ ދޫކޮށްލާފައި އެ ދުވަސްތައް ޤަޟާ ކުރުމެވެ. އެދުވަސްތަކުގައި ފާއިތުވި ނަމާދުތައް ޤަޟާކުރުމަކަށް އަމުރެއް ނުކުރައްވައެވެ.
  2. ނިފާސްގެ އަހުލުވެރިންގެ ހުކުމަކީ ޙައިޟުވެރިންގެ ހުކުމެވެ. އެކަމަށް އިލްމުވެރިންވަނީ އިޖުމާއުވެފައެވެ.
  • ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ އިޛުނަ ނެތި ސުންނަތް ރޯދަ ހިފުން
  1. ގާތުގައި ފިރިމީހާ ހުއްޓާ، އޭނާގެ ހުއްދަ ނެތި ސުންނަތް ރޯދަ ހިފުން އަންހެނަކަށް ހުއްދަވެގެން ނުވެއެވެ.
  2. މިއީ ސުންނަތް ރޯދަތަކަށް ހާއްސަ ހުކުމެކެވެ. ފިރިމީހާ ރަށުގައި ނޫޅޭނަމަ އެފަދައިން ރޯދަ ހިފޭނެއެވެ.
  3. ފަރުޟު ރޯދަތަކާއި ޤަޟާ ރޯދަތައް ހިފާއިރު ފިރިމީހާގެ ހުއްދައަށް އެދެން ނުޖެހޭނެއެވެ. ވަކިން ހާއްސަކޮށް އަނެއް ރަމަޟާން މަސް ގާތްވެފައި ވަނިކޮށް ރޯދަތައް ޤަޟާ ނުކުރެވިދާނެކަމުގެ ބިރު އޮއްވާ އެފަދައިން ހުއްދައަށް އެދެން ނުޖެހޭނެއެވެ. 

ކުރުކޮށް:

މިލިޔުމުގެ ބަޔާންވެގެން ދިޔަ ޙުކުމްތަމުގެ ހުލާސާއަކީ:

  1. އީދު ދުވަހު ރޯދަ ހިފުން

ފިތުރު އީދު ދުވަހާއި އަޟްހާ އީދު ދުވަހުގައި ރޯދަ ހިފުމަކީ ނަބިއްޔާ ނަހީކުރައްވާފައިވާ ކަމެކެވެ. އެއީ ނަދުރު ރޯދައާއި ސުންނަތް ރޯދައާއި ކައްފާރާ ރޯދަ އަދި އެނޫން ރޯދައެއް ވިޔަސް މެއެވެ.

  1. އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހު ރޯދަ ހިފުން

އައްޔާމުއް ތަޝްރީގުގެ ތިން ދުވަހަކީ ހައްޖުމަހުގެ 11، 12 އަދި 13ވަނަ ދުވަހެވެ. އައްޔާމުއް ތަޝްރީގުގެ ދުވަސްތަކުގައި ރޯދަ ހިފުމަކަށް ނަބިއްޔާ ހުއްދަ ނުދެއްވައެވެ. ހައްޖުވެރިންގެ ތެރެއިން ކަތިލާނެ ހަދުޔެއް ނުލިބުނު މީހުންނަށް ފިޔަވައެވެ.

  1. ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުން

ވަކި ހާލަތްތަކެއްގައި ހުކުރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. ހުކުރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ހާލަތަކީ ބަޔާންވެ ދިޔަފަދަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހުކުރުދުވަސް ހާއްސަކުރުމެވެ.

  1. ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުން

ވަކި ހާލަތްތަކެއްގައި ހޮނިހިރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. ހޮނިހިރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ހާލަތަކީ ބަޔާންވެ ދިޔަފަދަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހޮނިހިރު ދުވަސް ހާއްސަކުރުމެވެ.

  1. ޝައުބާންމަސް ދެބައިވުމުން ރޯދަ ހިފުން

ޝައުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީ ކުރައްވާފައިވެއެވެ. އެހެނަސް މި ނަހީއިން އިސްތިސްނާވާ ހާލަތްތަކެއް ވެއެވެ.

  1. ޝައްކުގެ ދުވަހު ރޯދަ ހިފުން

ޝައްކުގެ ދުވަހަކީ ޝަޢުބާން މަހުގެ ތިރީސްވަނަ ދުވަހެވެ. ރައްކާތެރިކަމުގެ ގޮތުންކަމަށް ބުނެ ހަނދު ނުފެނުމުންވެސް ޝަޢުބާން ތިރީސްވަނަ ދުވަހު ރޯދައަށް ތިބުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. އަދި އާދަވެގެން ރޯދަ ނުހިފާ މީހާ އެދުވަސްތަކުގައި ރޯދަ ހިފުންވަނީ ނަހީކުރައްވާފައެވެ.

  1. އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން

ނަބިއްޔާ ވަނީ، އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން ނަހީކުރައްވާފައެވެ.

  1. ވިޞާލުކޮށް ރޯދަ ހިފުން

ރޯދަ ހިފުމުގައި ވިޞާލުކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. ރޯދަ ވީއްލުމަކާ ނުލައި ދެ ދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސްވަންދެން ރޯދަ ހިފުމަކީ ހަރާމްކަމެކެވެ.

  1. ހައިޟުގެ ދުވަސްވަރުގައި ނުވަތަ ނިފާސްގެ ދުވަސްވަރުގައި ރޯދަ ހިފުން

ޙައިޟުގެ ދުވަސްވަރުގައި އަދި ނިފާސްގެ ދުވަސްވަރުގައި އެއްވެސް ރޯދައެއް ހިފުމަކީ ހުއްދަކަމެއް ނޫނެވެ.

  1. ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ ރުހުން ނެތި ސުންނަތް ރޯދަ ހިފުން

ފިރިމީހާ ގާތުގައި ހުއްޓާ ސުންނަތް ރޯދަތައް ހިފަންވާނީ ފިރިމީހާގެ ރުހުމާ އެކުގައެވެ. އެއީ ސުންނަތް ރޯދަތަކަށް ހާއްސަ ހުކުމެކެވެ. ފަރުޟު ރޯދަތަކާއި ޤަޟާ ރޯދަތައް ހިފާއިރު ފިރިމީހާގެ ހުއްދައަށް އެދެން ނުޖެހޭނެއެވެ.

]]>
Sun, 24 Mar 2024 16:38:29 +0500 ހީރަސްނިއުސް
އެންމެ ރެއަކު އިއުތިކާފަށް އިނދެވިދާނެތަ! https://heerasnews.com/2346 https://heerasnews.com/2346 އިއުތިކާފު ކުރުމުގެ ބޭނުމަކީ ދުނިޔަވީ ކަންކަމުން މީހާ ހުސްވެ ނަމާދު ކުރުމާއި ޒިކުރު ކުރުމާއި ގުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރުމެވެ. އިއުތިކާފަށް ނިޔަތް ގަތުމަށްފަހު ފާހާނާކުރުމާއި ކެއިންބުއިން ފަދަ ޒަރޫރީ ކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ.

އިއުތިކާފު ކުރުމުގައި އެންމެ މޮޅު އިތުރުގޮތަކީ ރޯދަމަހުގެ ފަހު ދިހައެއް އެއްކޮށް އިއުތިކާފުގައި އިނުމެވެ. ކީރިތި ނަބިއްޔާ އެގޮތަށް އެކަން ކުރައްވާފައިވާކަމަށް އިމާމް ބުހާރީ އާއި މުސްލިމް ރިވާކުރައްވާ ފައިވެއެވެ. ކީރިތި ރަސޫލާއަށް އިގުތިދާއު ވުމުގެ ގޮތުން އިއުތިކާފު ކުރަން އެންމެ މޮޅު އިތުރުގޮތަކީ ރޯދަމަހު ފަހުދިހަ އެކުގައި އިއުތިކާފު ކުރުމެވެ. ރަސޫލާ ސުވަރުގެ ވަޑައިގަތުމަށް ދާންދެން ރޯދަ މަހުގެ ފަހު ދިހައެއްގައި އިއުތިކާފަށް އިންނަވާކަމުގައިވެއެވެ. (ބުހާރީ:2025)، (މުސްލިމް: 1171)

މަސްޖިދުލް ހަރާމްގައި އެއްރޭ އިއުތިކާފުގައި އިނުމަށް އުމަރުގެފާނު ނަދުރެއް ބައްލަވައިގަތެވެ. އެ ނަދުރު ފުއްދުމަށް ނަބިއްޔާ އަމުރުކުރެއްވިއެވެ. (ބުހާރީ:2042)، މުސްލިމް:1656) ބުނެވިދިޔަ ދަލީލުން އެންމެ ރެއަކުވެސް އިއުތިކާފަށް އިނުން ހުއްދަވެގެން ވާކަން ސާބިތުވެއެވެ. 

ފަހު ދިހައެއް އެއްކޮށް އިއުތިކާފަށް އިނދެވޭގޮތް ނުވާނަމަ، އޭގެ ތެރެއިން ބައެއްރޭ ރޭ ނުވަތަ ދުވަސް ދުވަހު އިއުތިކާފު ކުރުމުގައި މައްސަލައެއް ނެތެވެ. އިއުތިކާފުގައި އިނދެވޭނެ އެންމެ މަދުމިންވަރުގެ ވަގުތެއް ކަނޑައެޅިފައި ނުވާކަމަށް އައްޝައިހު އިބްނި ބާޒް ފަތުވާ ދެއްވާފައިވެއެވެ. ޝައިހު އިބްނި ބާޒުގެ ފަތުވާއަށާއި ބުއްދީގެ ހަމައަށް ނަޒަރު ކުރުމުންވެސް އިއުތިކާފަށް ނިޔަތްގަނެގެން ކިތަންމެ ކުޑަ ވަގުތުކޮޅަކުވެސް އިއުތިކާފަށް އިނދެވިދާނެއެވެ. 

އެދެވިގެންވާ ގޮތަކީ ފަހު ދިހައެއްގައި ގަދައަޅައި އަޅުކަމުގައި ގިނަ ވަގުތު ހޭދަކޮށް ކުޅަދާނަވީ މިންވަރަކުން އެ ދުވަސްތަކުގެ ދަރުމައާއި ސަވާބު ފުރިހަމަ ގޮތުގައި ލިބިގަތުމަށް މަސައްކަތް ކުރުމެވެ.

]]>
Sat, 23 Mar 2024 16:30:26 +0500 ހީރަސްނިއުސް
މުދަލު ޒަކާތް ދައްކަން އޮޅުމެއް އޮތްނަމަ މިހެންހަދާ! https://heerasnews.com/2345 https://heerasnews.com/2345
  • ކޮންމެ އަހަރަކުވެސް ޒަކާތުގެ ނިޞާބު ބަލާށެވެ. މި ވަގުތު އިސްލާމިކް މިނިސްޓްރީން ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ ޒަކާތުގެ ނިޞާބަކީ: 7140.00 ރުފިޔާއެވެ. (11 ޖެނުއަރީ 2024).
  • އަތުގައި ހުރި ފައިސާ ނިޞާބަށް ވުރެ ގިނަ ނަމަ، ހިޖުރީ ގޮތުން 1 އަހަރު ވަންދެން އެއަށް ވުރެ މަދު ނުވެ ފައިސާ ރައްކާކުރެވިފައި ވޭތޯ ބަލާށެވެ.
  • ހިޖުރީ ގޮތުން 1 އަހަރުވުމުން އެގޮތަށް ނިޞާބަށް ވުރެ މަދު ނުވެ ހުރި ފައިސާއިން ލަސްނުކޮށް ޒަކާތް ނެރުން ވާޖިބުވާނެއެވެ.
  • ދަރަނި:

    • ތިބާ ދައްކަމުންދާ ދަރަނި:

    މަސްތަކަކަށް ނުވަތަ އަހަރުތަކަކަށް ބަހާލައިގެން ދައްކާ ދަރަންޏެއް ވާނަމަ:

    * ރައްކާކޮށްފައި ހުރި ފައިސާއަށް އެއް އަހަރުވުމުގެ ކުރިން އެ ދަރަނި އެއްކޮށް އަދާކޮށްފިނަމަ އަދި އޭގެ ސަބަބުން ރައްކާކޮށްފައި ހުރި ފައިސާ ނިޞާބަށް ވުރެ މަދުވެއްޖެނަމަ އެ އަހަރު ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.

    * އެހެނަސް އެ އަހަރުގެ ދަރަނި ނުވަތަ މަސްތަކަކަށް ބަހާލައިގެންވެސް ދައްކާ ދަރަނި ދެއްކުމަށް ފަހުގައި، ރައްކާކޮށްފައި ހުރި ފައިސާ އަދިވެސް ނިޞާބަށް ވުރެ ގިނަނަމަ އެ ފައިސާއިން ޒަކާތް ނެރެން ވާނެއެވެ.

    • ތިބާއަށް ލިބެން ޖެހޭ ދަރަނީގެ ފައިސާ (އެބަހީ: އެހެންމީހަކަށް ތިބާ ދަރަންޏަށް ދީފައިވާ ފައިސާ)

    އެފަދަ ފައިސާ ދެ ބަޔަކަށް ބެހިގެންވެއެވެ.

    * ދަރަންޏަށް އެ ފައިސާ ނެގީ ތިބާ ބުނާ ކޮންމެ ވަގުތެއްގައިވެސް އެފައިސާ ދެވޭ ވަރު މީހެއް ނަމަ ނުވަތަ ދަތިކަމެއް ނެތި އެފައިސާ ލިބޭނެކަން ތިބާއަށް އެނގޭނަމަ ޒަކާތުގެ ފައިސާ ހިސާބު ކުރާ އިރު އެ މިންވަރުވެސް އޭގައި ހިމަނަންވާނެއެވެ.

    * ދަރަންޏަށް އެ ފައިސާ ނެގީ ވަރަށް ދަތިކޮށް އުޅޭ މީހަކަށް ވެފައި ނުވަތަ އެ ފައިސާ ލިބުމުގެ މާ ބޮޑު އުންމީދެއް ނެތިއްޔާ ނުވަތަ އެ ފައިސާ ނެގި މީހާ ގަޞްދުގައި އެފައިސާ ނުދޭން ލަސްކުރަމުންދާ މީހެއް ނަމަ ޒަކާތުގެ ފައިސާ ހިސާބު ކުރާ އިރު އެ ދަރަނި އޭގައި ނުހިމަނާނީއެވެ. އަދި ފައިސާގެ ޒަކާތް ނެރޭނީ އެ ފައިސާ އަތަށް ލިބުމުންނެވެ.

    • ޒަކާތުގެ ގޮތުގައި ނެރޭނީ ހިޖުރީ ގޮތުން އެއްއަހަރު ވަންދެން ރައްކާކޮށްފައި ހުރި ފައިސާއިން، އޭގެ % 2.5 އެވެ.
    ]]>
    Fri, 22 Mar 2024 16:46:57 +0500 ހީރަސްނިއުސް
    ރޯދަ: ހިފުމުގައި އަމުރާއި ނަހީ! https://heerasnews.com/2341 https://heerasnews.com/2341 އަރަބި ބަހުގައި ސައުމް އޭ ކިޔެނީ ކަމެއް ދޫކޮށްލުމަށެވެ. ޝަރުއީ އިސްތިލާިގައި ރޯދައަކީ އާލަމުތަކުގެވެރި ރައްބަށް އަޅުކަން ކުރުމުގެ ގޮތުން، ފަޖުރުއްސާދިގުގެ އަލިކަން ފާޅު ވީއްސުރެ އިރުއޮއްސިއްޖެއުމަށް ދާންދެން ކެއުމާއި ބުއިމާއި ރޯދަ ގެއްލެނިވި އެންމެހާ ކަންކަމުން ރައްކާތެރިވެ ހުރުމެވެ.

    ރޯދަ ބެހޭ ބައިތައް:

    ރޯދައިގެ ބައިތައް އަމުރު ކުރެވިގެންވުމާއި ނަހީވެގެންވުމަށް ބަލާއިރު ރޯދަ ދެ ބަޔަކަށް ބެހެއެވެ.

    • ފުރަތަމަ ބައި: ޝަރުއީ ގޮތުން އަމުރު ވެވިގެންވާ ރޯދައެވެ. މި ފަދަ ރޯދައަކީ ވެސް ދެ ބާވަތެކެވެ.

    1. ވާޖިބު ރޯދަ: ވާޖިބު ރޯދަ ވެސް ވަނީ ދެ ބަޔަކަށެވެ.

    • ޝަރުޢީ ނައްސުގެ އަސްލުން ވާޖިބު ރޯދައެވެ:- އެއީ މުކައްލަފުގެ އަމަލެއްގެ ސަބަބަކާ ނުލައި ވާޖިބު ރޯދައެވެ. މިއީ ރަމަޟާން މަހުގެ ރޯދައެވެ.
    • މުކައްލަފުގެ އަމަލެއްގެ ސަބަބުން ވާޖިބުވާ ރޯދަ:- އެއީ ނަދުރު ރޯދަ، ކައްފާރާ ރޯދަ އަދި ގެއްލުނު ރޯދައިގެ ބަދަލުގާ ހިފަންޖެހޭ ރޯދައެވެ.

    2. މުސްތަޙައްބު ރޯދަ: މުސްތަހައްބު ރޯދަ ވެސް ވަނީ ދެ ބަޔަކަށެވެ.

    • މުތުލަގު ތަތައްވުއު ރޯދަ:- މިއީ ވަކި ޒަމާނެއްގައި ހިފުން ބަޔާންވެފައި ނުވާ ގޮތުގައި ޝަރުއީ ނައްސުތަކުގައި އައިސްފައިވާ ރޯދައެވެ.
    • މުގައްޔަދު ތަތައްވުއު ރޯދަ:- މިއީ ވަކި ޒަމާނެއްގައި ހިފުމަށް ޝަރުއީ ނައްސުތަކުގައި އައިސްފައިވާ ރޯދައެވެ. މިސާލަކަށް: ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފުން، ހޯމަ ބުރާސްފަތި ދެ ދެދުވަހު ރޯދަ ހިފުން، އަރަފާތް ދުވަހު ރޯދަ ހިފުން އަދި ތާސޫއާއާއި އާޝޫރާ ދެ ދުވަހު ރޯދަ ހިފުން.
    • ދެވަނަ ބައި: ޝަރުއުގައި ނަހީކުރެވިގެންވާ ރޯދައެވެ. މި ފަދަ ރޯދައަކީ ވެސް ދެ ބާވަތެކެވެ.
    • ހަރާމު ރޯދަ:- އެއީ ދެ އީދު ދެ ދުވަސް ފަދަ ރޯދަ ހިފުން ހަރާމު ވެގެންވާ ދުވަސް ދުވަހު ހިފާ ރޯދައެވެ.
    • މަކުރޫހަ ރޯދަ:- އެއީ ހައްޖުވެރިޔާ އަރަފާތް ދުވަހު ހިފާ ރޯދަ ފަދަ ރޯދައެވެ.

    ރޯދައިގެ މާތްކަން: ރޯދައިގެ މާތްކަން ގިނަގުނަ ވެގެންވެއެވެ. އޭގެ ތެރޭގައި:

    • ރޯދައަކީ އާލަމުތަކުގެވެރި ރައްބުގެ ޒާތުފުޅަށްޓަކައި ވާ އެއްޗެއް ކަމަށް ބަޔާން ކުރައްވައިފައެވެ. ގުދުސިއްޔަ ހަދީސެއްގައި މިކަން ބަޔާން ކުރައްވައި ވަހީކުރައްވައިފައި ބަސްފުޅެއްގެ މާނާގައި ވަނީ " ރޯދަވަނީ ތިމަން އިލާހަށްޓަކައެވެ. އަދި އެ ރޯދައަށް ޖަޒާ ދެއްވާ ހުށީ ހަމަ ތިމަން އިލާހެވެ."
    • ރޯދައިގައި ކެތްތެރިކަމުގެ ތިން ވައްތަރު ޖަމާވެގެން ވެއެވެ.
    1. އަމުރުކުރައްވާފައިވާ ކަންތައްތައް އަދާކުރުމުގައި ކެތްތެރިވުން
    2. ނަހީކުރައްވާފައި ކަންކަމުން ދުރުހެލިވުން
    3. ކެތްތެރިވުމާއި މުޞީބާތްތަކަށް ކެތްތެރިވުން
    • ގިޔާމަތް ދަވަހު ރޯދަވެރިޔާއަށް އެ ރޯދަ ޝަފާއަތްތެރި ވާނެތެވެ.
    • ރޯދައަކީ އެ އަޅުކަން ކުރާ މީހާއަށް ބޮޑުވެގެން ވާ އަޖުރުއާއި ފާފަފުއްސެވުމަށް ވައުދުވެވޮޑިގެންވާ ކަމެކެވެ.
    • ރޯދައަކީ ފާފަތަކާއި އޮޅިގެން ކުރެވޭ ނުރަނގަޅު ކަންކަމުގެ ކައްފާރާއެކެވެ.
    • ރޯދައަކީ އައްޑަނައެކެވެ. އަދި ނަރަކައިން ރައްކާތެރި ކޮށްދޭ ކިއްލާއެކެވެ.
    • ގިނަގިނައިން ރޯދަ ހިފުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބެކެވެ.
    • ރޯދަވެރިޔާގެ އަނގައިގެ ވަހަކީ މާތް ރަސްކަލާނގެ ހަޒުރަތުގައި ގޮމަކަސްތޫރީގެ ވަހަށް ވުރެ މީރު ވަހެކެވެ.

    ރޯދަ ޝަރުއުކުރެއްވުމުގެ ހިކުމަތް:

    ރޯދައިގެ ފައިދާތައް ސަލާމަތް ބުއްދީންނާއި ސީދާވެގެންވާ ފިތުރަތުން ކަށަވަރު ވެގެންވެއެވެ. ކަންމިހެން ހުރުމުން އަޅުތަކުންނަށް ރަޙުމަތެއްކަމުގައި އަދި އެއިލާހުގެ އަޅުތަކުންނަށް އިހުސާންވަންތަވެ ވޮޑިގެން، ރޯދަ ހިފުން ޝަރުއުކުރެއްވިއެވެ. އެއީ އެބައިމީހުންނަށް (ނަރަކައިންވާ) ހިމާޔަތެއް ކަމުގައެވެ. އަދި ފާހިޝް ކަންކަމުން ރައްކާތެރި ކުރުވަނިވި އައްޑަނައެއްވެސް މެއެވެ.

    ރޯދައިގައި ގިނަގުނަ ފައިދާތަކާއި މަތިވެރި ހިކުމަތް ވެއެވެ. އޭގެ ތެރޭގައި:

    • ރޯދައަކީ ތަގުވާވެރިވުން ކަށަވަރުވުމުގެ ވަސީލަތެކެވެ.
    • ރޯދަވެރިޔާއަށް ނިއުމަތުގެ އިހުސާސު ލިއްބައި ދެއެވެ.
    • އަމިއްލަ ނަފުސުގެ އެދުންތައް ތަރުބިއްޔަތުކޮށް އަދި (ކަންކަން) ތަހައްމަލު ކުރުމުގެ ބާރު ލިއްބައި ދެއެވެ.
    • ރޯދައިން ޝައިތާނާގެ މައްޗަށް ގަދަވެ ގަނެވެއެވެ.
    • ރޯދައިގެ ސަބަބުން ރޯދަވެރިޔާގެ ހިތުގައި މިސްކީނުންގެ މައްޗަށް ރަހުމާއި ކުލުނުވެރިކަން އުފައްދައެވެ.
    • ރޯދައިން ހަށިގަނޑުގައި އުފެދޭ ނުބައި ވިހަ މާއްދާތަކުން ސާފު ކޮށްދެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއް ހާސިލު ކޮށްދެއެވެ.
    ]]>
    Wed, 20 Mar 2024 18:20:32 +0500 ހީރަސްނިއުސް
    ފަގީރުން ފިތުރު ޒަކާތް ދައްކަންޖެހޭތަ! https://heerasnews.com/2333 https://heerasnews.com/2333 ފިތުރު ޒަކާތުގެ ހުކުމް:

    ފަގީރު ވުމަކުން މުއްސަނދި ވުމަކުން ފިތުރު ޒަކާތުގެ ވާޖިބުކަން އެއްވެސް މުސްލިމެއްގެ ކިބައިން ކެނޑިގެނެއް ނުދެއެވެ. އީދު ދުވަހަށް އިރު އެރުމުގެކުރިން އުފަންވާ ތުއްތުކުއްޖާގެ ފަރާތުންވެސް ފިތުރު ޒަކާތް ނެރެން ޖެހެއެވެ. މުސްލިމުންގެ ތެރެއިން ބޮޑެތިމީހުންނާއި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނާއި މިނިވަނުންނާއި އަޅުންގެ މައްޗަށް ފިތުރު ޒަކާތް ވާޖިބެކެވެ. މުސްލިމުންގެ ތެރެއިން އަޅުންނާއި މިނިވަނުންނާއި ފިރިހެންނާއި އަންހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންގެ މައްޗަށް، ކަދުރުން ސޯއެއްގެ މިންވަރު ނުވަތަ ހިމަ ގޮދަނުން (ބާރލީ) ސޯއެއްގެ މިންވަރު، ފިތުރު ޒަކާތުގެ ގޮތުގައި ނެރުމަށް، ރަސޫލާ އަމުރު ކުރެއްވިއެވެ. 

    ހިކުމަތް:

    * މިކަމުގައި ފަގީރުންނަށް އިހުސާންތެރިވުން ހިމެނެއެވެ. އަދި އީދު ދުވަހުގައި ސަލާމް ޖެހުމުން ދުރުހެލިވުމަށް މިކަމުން މަގުފަހިވެގެންދެއެވެ. އަދި މުއްސަނދިންނެކޭ އެއްފަދައިން ފަގީރުން ވެސް އެ ދުވަހުގައި އުފަލުގައި ބައިވެރިވެ، އެންމެންގެ އީދަކަށް އެ ދުވަސް ވެގެން ދެއެވެ.

    * ދީލަތިކަމުގެ ސިފައިންނާއި ހެޔޮ ފޯރުކުރުމުގެ ސިފައިން، ސިފަ ލިބިގަތުން މިކަމުގައިވެއެވެ.

    * ރޯދަވެރިޔާގެ ރޯދައިގައި މެދުވެރިވެފައިވާ އުނިކަމާއި ފާފަތަކާ އަދި ބޭކާރު ވާހަކަތަކަށް ހުރި ތާހިރުކަމަކަށް ވެގެންދެއެވެ.

    * ރަމަޒާން މަސް ފުރިހަމަކޮށްދެއްވިކަމަށްޓަކައި މާތް ރައްބަށް  ޝުކުރުވެރިވުން މިކަމުގައި ހިމެނެއެވެ. އެއީ އެމަހުގައި ރޯދަހިފުމާއި ރޭ އަޅުކަން ކުރުމާއި ހެޔޮ އަމަލުތައް ކުރުމުގެ ތައުފީގު ދެއްވިކަމަށްޓަކައެވެ.

    ޒަކާތަށް ނެރެންޖެހޭ ބާވަތްތައް:

    އާދަމުގެ ދަރިން ކެއުމުގެ ގޮތުގައި ބޭނުންކުރާ ތަކެތިން ނެރެވިދާނެއެވެ. ކަދުރާއި ރަނގަޅު ގޮދަނާއި ހަނޑުލާއި ހިކިމޭބިސްކަދުރާއި އަގިއްތު( ކިރު ހިއްކައިގެން އަރަބި ގައުމުތަކުގައި ހަދާ ކާ އެއްޗެއް) އަދިވެސް އެ ނޫންވެސް ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ހިމެނެއެވެ. ފިތުރު ޒަކާތުގެ ގޮތުގައި އެ ގައުމެއްގައި އާންމު ކާނާގެ ގޮތުގައި ބޭނުން ކުރާ، ގިނަދުވަހަށް ރައްކާކުރެވޭ ބާވަތްތަކުން ނެރެވިދާނެއެވެ.

    ކަދުރުން ސޯއެއްގެ މިންވަރު ނުވަތަ ހިމަ ގޮދަނުން (ބާރލީއިން) ސޯއެއްގެ މިންވަރު، ފިތުރު ޒަކާތުގެ ގޮތުގައި ނެރުމަށް ރަސޫލާ އިރުޝާދު ދެއްވާފައިވެއެވެ. ރަސޫލާގެ ޒަމާނުގައި އަރަބިންގެ މައިގަނޑު ކެއުމަކީ ކަދުރާއި ހިމަ ގޮދަނެވެ. 

    ނެރެންޖެހޭ މިންވަރު:

    * އެއީ ނަބަވީ ސޯއެއްގެ މިންވަރަށެވެ. މިސްގާލުން ބަލާއިރު އެއީ 480 މިސްގާލެވެ. އަދި ކިލޯއިން އެއީ 2.040 ކިލޯއެވެ. ރާއްޖޭގައި ބަލާ ރަސްމީ މިންގަޑަކީ 2.4 ކިލޯ ގްރާމެވެ. 

    ނެރެން ޖެހޭ ވަގުތު:

    * މޮޅުއިތުރު ވަގުތު:

    އީދު ނަމާދުގެ ކުރިން، އީދު ދުވަހުގެ ހެނދުނު ވަގުތެވެ. ކީރިތި ނަބިއްޔާގެ ދުވަސްވަރު، އީދު ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ކާބޯތަކެތީގެ ސޯއެއްގެ މިންވަރު ތިމަން ބޭކަލުން ނެރުއްވަމޭ ސައީދުލްހުދުރީ ރިވާކުރެއްވި ހަދީސްފުޅެއްގައި ވެއެވެ.

    * ހުއްދަ ވަގުތު:

    އީދު ދުވަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ފިތުރު ޒަކާތް ނެރުން ހުއްދައެވެ. ނާފިއުގެ އަރިހުން ރިވާވެގެންވާ ހަދީސެއްގެ މަނާގައިވަނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފަރާތުންވެސް އިބްނު އުމަރު ފިތުރު ޒަކާތް ދެއްވައެވެ. އަދި ތިމަންގެ ދަރިންގެ ފަރާތުން ވެސް އެ ކަލޭގެފާނު ފިތުރު ޒަކާތް ދެއްވައެވެ. އަދި އެ ގަބޫލުކުރާ (ފަގީރުންނަށް) އެ ދެއްވައެވެ. އަދި ފިތުރު ދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ޒަކާތް ނެރުއްވައެވެ.

    ނެރެން ޖެހޭ ތަން:

    ޒަކާތް ނެރޭނީ، ޒަކާތް ނެރެންޖެހޭ ވަގުތު އެމީހަކު ހުރި ތަނެއްގައެވެ. އެއީ އެމީހާ ދާއިމަށް އުޅޭ ރަށްކަމުގައިވިޔަސް ނުވަތަ ވަގުތީ ގޮތުން އުޅޭ ތަންކަމުގައިވިޔަސް މެއެވެ. ދިރިއުޅޭ ތަނުގައި ފަގީރުންގެ ހާޖަތް ބޮޑުވެފައިވާ ނަމަވެސް ފިތުރު ޒަކާތް ނެރެނީ ހުރި ތަނެއްގައެވެ. ފަހެ ޒަކާތް ގަބޫލު ކުރާނޭ މީހުން ނޫޅޭ ރަށެއްގައި ނަމަ ނުވަތަ އެ ރަށުގައި ޒަކާތް ހައްގުވާ މީހުން އޭނާއަށް ނޭނގޭނަމަ، ޒަކާތް ހައްގުވާ މީހުން ތިބި ރަށެއްގައި ޒަކާތް ނެރުމަށް މީހަކާ ހަވާލުކުރާނީއެވެ.

    ]]>
    Sun, 17 Mar 2024 17:47:31 +0500 ހީރަސްނިއުސް
    ޒަކާތް ދޭންޖެހެނީ ކާކު ކޮންއެއްޗަކުންކަން އެގޭތަ! https://heerasnews.com/2326 https://heerasnews.com/2326 ޒަކާތް ވާޖިބުވުމުގެ ހިކްމަތް:

    އިސްލާމްދީނުގައި ކަންކަން ވާޖިބު ކުރެއްވުމުގައި މަތިވެރިވެގެންވާ ހިކުމަތްތަކެއްވެއެވެ. އެގޮތުން ޒަކާތް ވާޖިބުވުމުގައި ވެސް ހިކްމަތް ތަކެއްވެއެވެ. 

    1. މުދާ ތާހިރުކޮށް އިތުރު ކުރުވުން.
    2. މުދަލަށް ބަރަކާތް ލިބުން
    3. އާފާތްތަކުން މުދާ ސަލާމަތް ކުރުން
    4. ޒަކާތް ދޭމީހާ ދަހިވެތިކަމުގެ ސިފައިން ތާހިރު ކުރުވުން.
    5. ފާފަ ފުއްސެވުން.
    6. އިސްލާމްދީނުގެ މަގުގައި ހޭދަކުރުމަށް އާދަކުރުވުން.
    7. ފަގީރުންނާއި ފުދުންތެރިކަން ނެތް މީހުންގެ ހާޖަތްތައް ފުއްދައިދިނުން.
    8. މުޖްތަމަޢުގެ ފަރުދުންގެ މެދުގައި އެއްބައިވަންތަކަމާއި ލޯބި އުފެއްދުން.

    ބަޔާންވެ ދިޔަ ކަންކަން ނޫން އެހެން ކިތަންމެ ހިކުމަތެއް ވެސް ޒަކާތް ވާޖިބުވުމުގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނިގެންވެއެވެ. 

    ޒަކާތް ނެރުން ވާޖިބު ވަނީ ކޮންބައެއްގެ މައްޗަށް:

    އަންނަނިވި ޝަރުތުތައް ފުރިހަމަވާ މީހުންގެ މައްޗަށް ޒަކާތް ދިނުން ވާޖިބުވެގެންވެއެވެ.

    1. މުސްލިމަކު ކަމުގައިވުން: ކާފިރެއްގެ މައްޗަށް، ޒަކާތް ވާޖިބުވެގެން ނުވެއެވެ. އެހެނީ ޒަކާތަކީ އާލަމުތަކުގެވެރި ރައްބުގެ ހަޒުރަތަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ އަޅުކަމެކެވެ. އިސްލާމެއްގެ ފަރާތުން ނޫނީ އަޅުކަމެއް ގަބޫލު ނުކުރެވޭނެއެވެ.
    2. މިނިވަނަކު ކަމުގައިވުން: އަޅުންގެ މައްޗަށް ޒަކާތްނެރުން ވާޖިބުވެގެންނުވެއެވެ. އެހެނީ އެމީހާއަކީ އަމިއްލަ މުދަލެއް ހުރި މީހެއްނޫނެވެ. އަދި އެމީހާއަކީ އެމީހާގެ ސާހިބުމީހާގެ މިލްކެކެވެ.
    3. މުދަލުގައި ނިސާބު ހަމަވުން:
    4. މުދަލުގައި ނިސާބުހަމަވެ، އަހަރު ހަމަވުން: މުދަލުގެ ވެރިމީހާގެ އަތުގައި މުދާ ހުރި މުދާ ނިސާބުގެ މިންވަރަށްވުރެ މަދުނުވެ ހަނދުމަހުން ފުރިހަމަ އެއްއަހަރުން ޝަރުތުވެގެންވެއެވެ. މިޝަރުތަކީ ނައަމްސޫފިތަކާއި، ރަންރިހި އަދި ވިޔަފާރި މުދަލަށް ހާއްސަ ޝަރުތެކެވެ.

    ޒަކާތް ނެރެން ވާޖިބުވަނީ ކޮން ބާވަތް ތަކަކުން:

    ޒަކާން ނެރެންޖެހެނީ މުދަލުގެ ފަސް ޖިންސަކުންނެވެ. ނުވަތަ ފަސް ބާވަތަކުންނެވެ.

    • ނައަމްސޫފި: (ގެރި، ބަކަރި، ޖަމަލު)
    • ނަގުދު ނުވަތަ ފައިސާ : ގަނެ ވިއްކުމުގައި ގެންގުޅޭ ޑިޖިޓަލް ފައިސާއާއި ނޫޓާއި ރަން ރިހި މިބައިގާ ހިމެނެއެވެ. މިބައިގެ ތެރޭގައި ރަން ރިހީގެ ހުކުމަށް އަންނަ، މިޒަމާނުގައި ބޭނުންކުރެވޭ ހުރިހާ ބާވަތެއްގެ ފައިސާ ހިމެނޭނެއެވެ.
    • ވިޔަފާރި މުދާ: މިއީ ފައިދާ ހޯދުމަށްޓަކައި ވިޔަވާރިއަށް ތައްޔާރު ކުރެވިފައިވާ މުދަލެވެ.
    • މޭވާއާއި ގޮވާމުގެ ބާވަތްތައް:
    • މައުދަނާއި ރިކާޒު: މައުދަނަކީ ބިމުގެ އަޑީގައި އުފެދިގެން، ބިމުން ނެރެވޭ އަގެއްހުރި ތަކެއްޗެވެ. މިސާލަކަށް ރަން، ރިހި، ލޮއި ފަދަ ބާވަތްތައް. ރިކާޒަކީ ޖާހިލިއްޔަ ޒަމާނުގައި ބިމުގައި ވަޅުލެވިފައިވާ ތަކެއްޗެވެ.
    ]]>
    Fri, 15 Mar 2024 15:43:57 +0500 ހީރަސްނިއުސް
    ޒަކާތް އެނގެނީ ކިހާވަރަކަށް! https://heerasnews.com/2325 https://heerasnews.com/2325 ޒަކާތުގެ ބަހަވީ މާނައަކީ އިތުރު ވުމެވެ. އިސްލާމުދީނުގެ ފިގުހީ އިސްތިލާހީ މާނައަކީ ނިސާބު ހަމަވެފައިވާ ވަކި ހާއްސަ މުދަލަކުން، ވަކި ޝަރުޠު ތަކަކާއެކު، ވަކި ހާއްސަ ބަޔަކަށް ދޭންޖެހޭ ހައްގެކެވެ.

    ޒަކާތަކީ އިސްލާމްދީނުގެ ފަރުލުތަކުގެ ތެރެއިން ފަރުލެކެވެ. ހަމައެހެންމެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ނަމާދަށްފަހު، އިސްލާމްދީނުގެ އެންމެ މުހިއްމު ރުކުނެވެ. ކީރިތި ގުރުއާނުގައި، ނަމާދު ގާއިމުކުރުމަށް ކުރައްވާފައިވާ އަމުރުފުޅާއި ވިދިގެން ޒަކާތްދިނުމަށް އަމުރުކުރައްވާފައިވެއެވެ. 

    ޒަކާތުގެ ވާޖިބުކަން:

    އާލަމް ތަކުގެވެރި ރައްބު ކީރިތި ގުރުއާނުގައި ވަހީކުރައްވާފައިވާ އާޔަތެއްގެ މާނާގައި ވަނީ “ އަދި ތިޔަބައިމީހުން ނަމާދު ކުރާށޭ. އަދި ތިޔަބައިމީހުން ޒަކާތް ދޭށޭ "އެވެ. ކީރިތި ވަހީ ބަސްފުޅުން ޒަކާތުގެ ފަރުލުކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. 

    އަނެއްކޮޅުން ކީރިތި ރަސޫލާގެ ހަދީސް ކުރައްވާފައިވާ ހަދީސެއްގެ މާނާގައި ވަނީ މި ފަދައިންނެވެ. "އިސްލާމްދީން ބިނާވެގެން ވަނި ފަސް ކަމެއްގެ މައްޗަށެވެ. އާލަމު ތަކުގެވެރި ރައްބު ފިޔަވައި ހައްގު ގޮތުގައި އަޅުކަން ކުރެވޭ އެހެން އިލާހަކު ނުވާކަމަށް ހެކިވުމާއި ސަލާމާއި ސަލަވާތްލެއްވި މުހައްމަދުގެފާނަކީ އެ އިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ގާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ހައްޖު ވުމާއި، ރޯދަމަހު ރޯދަ ހިފުމެވެ".

    އެހެން ކަމުން ޒަކާތުގެ ވާޖިބުކަމާއިމެދު ހުރިހާ މުސްލިމުން އެއްބަސްވެއެވެ. ޒަކާތްދިނުމުން މަނާވެގަންނަ މީހުންނާއި ހަނގުރާމަ ކުރުން ހުއްދަ ކަމުގައި ސަހާބީ އިއްތިފާގުވެލައްވައެވެ.

    ޒަކާތް ދިނުމަށް އިންކާރުކުރާ މީހާގެ ހުކުން:

    އަލަށް އިސްލާމްވާ މީހާއާއި މީހުން އުޅޭ ހިސާބާއި އެކަހެރި ތަނެއްގައި އުޅޭ މީހާއަށް ރަނގަޅަށް ނުފިލާ އޮތުމުން ޒަކާތް ދިނުމަށް އިންކާރު ކޮއްފިނަމަ އޭނާއަށް ޒަކާތުގެ ވާޖިބުކަން ބަޔާންކޮށް ދޭނީއެވެ. މިހާލަތުގައިވާ މީހާގެ މައްޗަށް ކުފުރުގެ ހުކުމް ނުކުރެވޭނެއެވެ. އޭނާއަށް އެކަމުގައި އުޒުރު އެބައޮތެވެ.

    މުސްލިމުން ދިރިއުޅޭ މާހައުލެއްގައި އުޅެ ބޮޑުވެފައިވާ މުސްލިމަކު މިކަމަށް އިންކާރު ކޮއްފިނަމަ އެމީހާ މުރުތައްދުވާނެއެވެ. އަދި މުރުތައްދު ވެފައިވާ މީހެއްގެ މައްޗަށް އަންނަ ހުކުމްތައް އެމީހާއަށް އަންނާނެއެވެ. 

    ދަހިވެތިކަމުގެ ސަބަބުން ޒަކާތްދިނުމުން މަނާވެގަންނަމީހާގެ ހުކުން:

    ޒަކާތުގެ ވާޖިބުކަން ގަބޫލުކުރާ ހާލުގައި ދަހިވެތިކަމުން ޒަކާތް ދިނުމުން މަނާވެގަންނަ މީހާއަށް އެ އަރައިގަނެވުނީ ވަރަށް ބޮޑު ފާފައަކަށެވެ. އެފަދަ މީހާ ފާފަވެރި ވާނެއެވެ. އެހެން ނަމަވެސް، އެމީހާ ދީނުން ބޭރެއް ނުވާނެއެވެ.

    ]]>
    Thu, 14 Mar 2024 15:43:12 +0500 ހީރަސްނިއުސް
    އިއުތިކާފަށް އިންނާނެގޮތް މިއޮތީ! https://heerasnews.com/2321 https://heerasnews.com/2321 އިއުތިކާފުގެ މާނައަކީ ވަކި ކަމަކަށް ހުސްވެގަތުމެވެ. ނުވަތަ ވަކި ކަމަކަށް ތިމާ ބަންދުވުމެވެ. އިސްލާމީ އަޅުކަމެއްގެ ގޮތުގައި އިއުތިކާފުގެ ފިގުހީ މާނައަކީ ހާއްސަ ނިޔަތަކާއެކު މިސްކިތުގައި ހާއްސަ ކަންތައްތަކެއް ކުރުމަށް އިނުމެވެ.

    އިއުތިކާފު ކުރުމުގެ ބޭނުމަކީ ދުނިޔަވީ ކަންކަމުން މީހާ ހުސްވެ ނަމާދުކުރުމާއި ޒިކުރުކުރުމާއި ގުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރުމެވެ. އިއުތިކާފަށް ނިޔަތް ގަތުމަށްފަހު ފާހާނާކުރުމާއި ކެއިންބުއިން ފަދަ ޒަރޫރީ ކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. 

    އިއުތިކާފު ކުރެވޭނީ ހަމަ އެކަނި މިސްކިތުގައި ކަމަށް އިލްމުވެރިން އިއްތިފާގުވެއެވެ. ކޮންމެ މިސްކިތެއްގައި ވެސް އިއުތިކާފަށް އިނދެވިދާނެ ކަމަށް ގިނަ އިލްމުވެރިން އެއް ބަސްވެއެވެ. އިއުތިކާފަށް އިނދެވޭނީ ހުކުރު ނަމާދުގެ ޖަމާއަތް ގާއިމު ކުރެވޭ މިސްކިތްތަކުގައި އެކަނިކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ. މަސްޖިދުލްއަގްސާއާއި މަސްޖުދުއްނަބަވީއާއި މަސްޖިދުލްހަރާމްގައި ނޫނީ އިއުތިކާފު ހުއްދަވެގެން ނުވާކަމަށް ދެކޭ އިލްމުވެރިންވެސް އުޅެއެވެ.

    ތަވާފުކުރުމަކީ މަސްޖިދުލްހަރާމްއަށް ހާއްސަ އަޅުކަމެކެވެ. އެއާއި ހިލާފަށް އިއުތިކާފަކީ ވަކި މިސްކިތަކަށް ނުވަތަ ވަކިތާކަށް ހާއްސަ އަޅުކަމެއް ނޫނެވެ. އެހެންކަމުން އިއުތިކާފަށް އިނުމަކަށް ވަކި މިސްކިތެއް ހާއްސަވެގެން ނުވެއެވެ. ހުކުރު ނަމާދުގެ ޖަމާއަތް ގާއިމުކުރެވޭ މިސްކިތްތަކުގައި އިއުތިކާފަށް އިނުމަށް ބާރު އެޅެނީ އިއުތިކާފަކީ ރޯދަ މަހުގެ މުޅި ފަހު ދިހައިގައި ކުރުން މުސްތަހައްބު އަޅުކަމެއް ކަމުން ފަހުދިހާގައި އިއުތިކާފަށް އިންނަމީހާ މުޅި ފަހުދިހަ ހޭދަކުރާނީ އިއުތިކާފުގައި މިސްކިތުގައެވެ. ހުކުރު ނުކުރާ މިސްކިތެއްގައި އިއުތިކާފަށް އިނދެއްޖެނަމަ އިއުތިކާފަށް އިންނަ މިސްކިތް ދޫކޮށް ހުކުރު ކުރެވޭ މިސްކިތަކަށް ދިޔުމަށްޓަކާ އޭނާގެ އިއުތިކާފް މެދު ކަނޑާލަން ޖެހޭނެއެވެ. އެހާލަތު ކުރިމަތި ވިޔަ ނުދިނުމުގެ ގޮތުން ހުކުރު ނަމާދުގެ ޖަމާއަތް ހެދޭ މިސްކިތެއްގައި އިއުތިކާފަށް އިނުން މުހިންމެވެ.

    އެހެންކަމުން އިއުތިކާފަށް އިންނަ މިސްކިތާ މެދު އާއްމު ވިސްނުމަކީ އަދި ގިނަ އިލްމުވެރިންގެ ރައުޔަކީ، އިއުތިކާފު ކުރުމުގެ ހުކުމަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގައި ދިރިއުޅެމުންދާ މުޅި އިސްލާމީ އުންމަތަށް އާންމުކޮށް އައިސްފައިވާ ހުކުމެއް ކަމަށް ވީހިނދު ތަވާފުކުރުން މަސްޖިދުލްހަރާމްގައި ނޫނީ ހުއްދަނުވާ ފަދައިން އިއުތިކާފު ވަކި ހާއްސަ ތިން މިސްކިތެއްގައި ނޫނީ ކުރުން ހުއްދަ ނުވާންވީ ސަބަބެއް ނެތް ކަމަށެވެ. 

    ރޯދަމަހުގެ ފަހުދިހައިގައި މިސްކިތުގައި އިއުތިކާފު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ރޯދަމަހުގެ ފަހުދިހައިގައި އިއުތިކާފު ކުރާނެ ގޮތަކީ މަހުގެ 20 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން މިސްކިތަށް ވަދެ އިއުތިކާފުގެ ނިޔަތުގައި ޝައްވާލުމަހުގެ ހަނދުފެނިއްޖައުމަށް ދާންދެން މިސްކިތުގައި މަޑުކުރުމެވެ. ރޯދަމަހުގެ ފަހުދިހައިގައި އިޢްތިކާފު ކުރުމަށް ނިޔަތްގަތް މީހާ ޝައްވާލުމަހުގެ ހަންދު ފެނުމުގެ ކުރިން ފާހާނާ ކުރުމާއި ކެއިން މުއިންފަދަ ޒަރޫރީ ކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. މިނޫން ހާލަތެއްގައި މިސްކިތުން ނިކުމެއްޖެނަމަ އިއުތިކާފު ބާތިލުވާނެއެވެ. ކީރިތި ރަސޫލާއާއި އެ ކަލޭގެފާނުންގެ އަސްހާބުން  ރޯދަމަހުގެ ފަހުދިހައިގައި އިއުތިކާފުކުރެއްވިއެވެ.

    ]]>
    Wed, 13 Mar 2024 15:18:49 +0500 ހީރަސްނިއުސް
    ދަމުނަމާދު ކުރާނީ މިގޮތަށް https://heerasnews.com/2315 https://heerasnews.com/2315 ދަމުނަމާދު ކުރެވޭނެ ވަރަށް ގިނަ ގޮތްތައްވެއެވެ. އިޝާ ނަމާދުގެ ސުންނަތަށްފަހު ނިދުމުގެ ކުރިން އެއް ރަކުއަތް ވެސް ކުރެވިދާނެއެވެ. ދެ ރަކުތް ނުވަތަ އެއަށްވުރެ އިތުރަށްވެސް ކުރެވިދާނެއެވެ. ބޭނުން ނަމަ ރޭގަނޑުގެ ފަހު ބަޔަށް، ނުވަތަ ރޭ ދެބައިވަންދެން ވެސް ދަމުނަމާދު ލަސްކޮށްލެވިދާނެއެވެ.

    އިޝާނަމާދުގެ ފަހުން ނިދާލުމަށް ފަހު ދަމުނަމާދަށް ތެދުވެ ފުރަތަމަ ލުއި ކޮށް ދެރަކުއަތް ކޮށްލާށެވެ. އެ މީހަކަށް ފަސޭހަ މިންވަރަކަށް ނަމާދު ދިގުކުރެވި ދާނެއެވެ. ދެރަކުއަތުން ސަލާމްދެމުން 4 ރަކުއަތް ނުވަތަ 6 ރަކުއަތް ނުވަތަ 8 ރަކުއަތް ނުވަތަ 10 ރަކުއަތް ވެސް ކުރެވިދާނެއެވެ. އެއަށްފަހު ވިތުރީގެ އެއް ރަކުއަޓް ކުރާނީއެވެ.

    ކީރިތި ރަސޫލާ އަމަލު ކުރެއްވި ކަމަށް ބޮޑަށް ބުރެވެވެނީ މިގޮތަށެވެ. ބައެއްފަހަރު 3 ރަކުއަތުން ނުވަތަ 5 ރަކުއަތުން، ނުވަތަ 7 ރަކުއަތުން ވިތުރި ކުރައްވާފައިވާ ކަމަށް ރިވާވެގެން ވެއެވެ. 10 ރަކުއަތް ކުރެއްވުމަށް ފަހު އިތުރަށް 1 ރަކުއަތް ކުރައްވާ ކަމަށް ވެއެވެ. ކޮންމެ 2 ރަކުތަކުން ސަލާމް ދެއްވަމުން 10 ރަކުއަތް ކުރެއްވުމަށް ފަހު ވިތުރީގެ 1 ރަކުއަތުން ކުރައްވައެވެ.

    ސަލާމް ނުދެއްވާ 7 ރަކުއަތް އެއްކޮން ދަމުނަމާދު ކުރައްވާ ކަމަށް އައިޝަތުގެފާނު ރިވާކުރައްއެވެ. ބައެއް ފަހަރު 6 ވަނަ ރަކުއަތުގައި ފުރަތަމަ އައްތަހިއްޔާތަށް އިށީނދެވަޑައިގެން އިންނެވުމަށްފަހު ސަލާމް ނުދެއްވާ 7 ވަނަ ރަކުއަތަށް ތެދުވެވަޑައިގެން ނަމާދު ފުރިހަމަ ކުރައްވާފައިވެސް އެބަހުއްޓެވެ.

    ބައެއް ފަހަރު ސަލާމް ނުދެއްވާ 5 ރަކުއަތް ކުރައްވައެވެ. ފަހު ރަކުއަތުގައި މެނުވީ އައްތަހިއްޔާތަށް އިށީނދެވަޑައި ނުގަންނަވައެވެ.

    ބައެއްފަހަރު، ޖުމުލަ 13 ރަކުއަތް ދަމުނަމާދުގައި ކުރެއްވުމުގައި 2 ރަކުއަތުން ސަލާމް ދެއްވަމުން 8 ރަކުއަތް ކުރެއްވުމަށް ފަހު ސަލާމް ދެއްވުމެއް ނެތި އެއްފަހަރާ، 5 ރަކުއަތުން ވިތުރި ކުރައްވައެވެ.  

    ސަލާމް ދިނުމެއް ނެތި އެއްފަހަރާ 9 ރަކުއަތުން ވިތުރި ކުރައްވައެވެ. 8 ވަނަ ރަކުއަތުގައި ފުރަތަމަ އައްތަހިއްޔާތަށް އިށީނދެވަޑައިގަންނަވައެވެ. ދެން ތެދުވެވަޑައިގެން 9 ވަނަ ރަކުއަތް ކުރެއްވުމަށްފަހު ސަލާމް ދެއްވައެވެ.

    މިހުރިހާ ގޮތަކީވެސް ނަބިއްޔާ ގެ އަރިހުން ސާބިތުވާ ގޮތްގޮތެވެ. އެހެނަސް އެންމެ މޮޅު އިތުރު ގޮތަކީ 2 ރަކުއަތުން ސަލާމް ދެމުން ދަމުނަމާދު ކުރުމެވެ. ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ. "ރޭގަނޑުގެ ނަމާދުވަނީ ދެ ރަކުއަތުން ދެ ރަކުއަތުންނެވެ." އެބަހީ 2 ރަކުއަތުން 2 ރަކުއަތުން ކުރުމެވެ. ކޮންމެ 2 ރަކުއަތަކުން ސަލާމް ދެމުން ކުރުމެވެ. އެހެން ކަމުން އެންމެ ފަހުން ވިތުރީގެ 1 ރަކުއަތް ކުރުމެވެ. މިއީ އެންމެ މޮޅު އިތުރު އަދި އެންމެ ފުރިހަމަ ގޮތެވެ.

    އެހެންވިޔަސް ކުރިން ބަޔާން ކުރެވުނު ގޮތްތަކުގެ ތެރެއިން އެހެން ގޮތެއް ހިޔާރު ކުރިޔަސް މައްސަލައެއް ނެތެވެ. މިބުނި ގޮތްތަކަކީ:- 

    • 1 ރަކުއަތުން ވިތުރި ކޮށް އެއަށްވުރެ އިތުރު ނުކުރުން.
    • 3 ރަކުއަތުން ވިތުރި ކުރުން: 2 ރަކުޢަތް ކޮށްފައި ސަލާމް ދިނުމަށްފަހު އެއް ރަކުއަތްކުރުން، ނުވަތަ 3 ރަކުޢަތް އެއްކޮށް ފަހު ރަކުއަތުގައި އެކަނި އައްތަހިއްޔާތަށް އިނުން.
    • 5 ރަކުއަތުން ވިތުރި ކުރުން: ކޮންމެ 2 ރަކުއަތަކުން ސަލާމް ދެމުން 4 ރަކުއަތްކޮށް ވަކިން 1 ރަކުއަތް ކުރުން. އެގޮތް މާ އިތުރުވެގެންވެއެވެ. 5 ރަކުއަތް އެއްކޮން ކޮށް ހަމައެކަނި ފަހު ރަކުއަތުގައި އައްތަހިއްޔާތަށް އިނުންވެސް މައްސަލައެއް ނެތެވެ.

    މިހުރިހާ ގޮތަކީވެސް ޝަރުއު ކުރައްވާފައިވާ ގޮތްތަކެކެވެ. ވާޖިބު ވެގެންވަނީ އަވަސް އަރުވައިނުލާ، ހުޝޫއަތްތެރިކަމާއި މަޑުމައިތިރިކަމާއެކު ނަމާދުކުރުމެވެ. ވީހާވެސް ހުޝޫތްތެރިކަން އިތުރުވުން މޮޅުއިތުރުވެގެންވެއެވެ. ކިޔެވުމުގައި އަވަސް އަރުވައި ނުލުމެވެ. އަޑު ހަރުކޮށް ކިޔެވުމާއި ސިއްރުން ކިޔެވުމުގައި އިހުތިޔާރު ލިބިގެންވެއެވެ. 

    އިހުތިޔާރު ލިބިގެން ވުމުން ކޮންމެ ކަމެއްވެސް ކުރާނީ އެމީހަކަށް އެންމެ ފައިދާހުރި ގޮތަކަށެވެ. ދަމުނަމާދުގައިވެސް އޮންނާނީ އެގޮތެވެ. އެންމެ ބޮޑަށް ހުޝޫއަތްތެރި ވެވެނީ އަދި ނަމާދުން ރާޙަތު ލިބެނީ މަޑުން ކިޔެވުމުން ކަމުގައިވާނަމަ އެގޮތަށް ޢަމަލު ކުރުމުގައި މައްސަލައެއް ނެތެވެ. އެހާލަތުގައި އެއީ އެންމެ މޮޅުއިތުރު ގޮތެވެ. އެންމެ ބޮޑަށް ހުޝޫއަތްތެރިވެވެނީ އަޑު ހަރުކޮށް ކިޔެވުމުން ކަމުގައި ވާނަމަ ބަޔަކަށް އުނދަގޫ ނުވާނަމަ އަޑުހަރުކޮށް ކިޔެވުމުގައިވެސް މައްސަލައެއް ނެތެވެ.

    ނަމަވެސް އެހެން މީހުންނަށް އުނދަގޫ ނުވާ ހާލަތް ތަކުގައި މެނުވީ އަޑު ހަރުކޮށް ނުކިޔަވާށެވެ. ވަށައިގެން ނަމާދުކުރާ މީހުންނާއި ނިދާފައި ތިބޭ މީހުންނަށް  އުނދަގޫ ވެދާނެތީ އެބައިމީހުންގެ ހާލަށް ރިޔާއަތްކޮށް ސިއްރުން ކިޔެވުން މޮޅު އިތުރެވެ. ރަމަޒާން މަހު ބޮޑު ޖަމާއަތް ހަދައިގެން ކުރެވޭ ދަމުނަމާދުގައި ސިއްރުން ކިޔެވުމަށްވުރެ މޮޅުއިތުރީ އަޑުހަރު ކުރުމެވެ. 

    ރިފަރެންސް: ސޮފްހާ 21-24، ފަތާވީ ނޫރު އަލައްދަރުބި ލިސަމާހަތު، ޝައިހު އަބްދުއްލާ އިބްން ބާޒް

    ]]>
    Mon, 11 Mar 2024 18:09:07 +0500 ހީރަސްނިއުސް
    އިސްލާމްދީނަކީ 17 ނޮވެންބަރުގައި ރާއްޖެއަށް ލެއްގި އެއްޗެއްނޫން. https://heerasnews.com/2295 https://heerasnews.com/2295

    ދޭދޭ ފަރުދުންގެ މެދުގައި ހުރި ހިލާފުތަކާއި ދެބަސްވުންތައް އެއްފަރާތް ކުރަންވީ މިހާރު ހެއްޔެވެ. ޖަމާއަތުގެ މަސްލަހަތު އިސްކުރަންވީ މިހާރު ހެއްޔެވެ. ފަހިމަގުން ކަންކަން ހިންގަން ޖެހެނީ މިހާރު އެކަނި ހެއްޔެވެ. 

    ގައުމު ބިނާ ކުރުމުގައި ބައިވެރިވެ ކޮންމެ މީހަކު ވެސް އެމީހެއްގެ ހިއްސާ އަދާކުރަން ޖެހެނީ މިހާރު ހެއްޔެވެ. ކޮންމެ މީހަކު ވެސް ގައުމު ބިނާކުރުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަކަށްވީ އަދިކިރިޔާހެއްޔެވެ. ގައުމު ބިނާކުރުމުގައި ބައިވެރިވުން އިސްލާމު ދީނުގައި ޝަރުއު ކުރެއްވީ އަދި ކިރިޔާ ހެއްޔެވެ. 

    ގައުމުގައި ރިވެތި އަހުލާގާއި އަބުރުވެރި ދިރިއުޅުމެއް ފެތުރަން ޖެހޭކަން އެނގުނީ ޖަނާބު ޝޭހުގެ ދަނބި ދަރިއަކަށް ވެރިކަން ލިބުނީމާ ހެއްޔެވެ. މިއަދުގެ ހުތުބާގައި އެބުނާ ކަންކަމަކީ 17 ނޮވެންބަރު 2023ގައި ރާއްޖެއަށް ލެއްގި ކަންކަން ހެއްޔެވެ. 

    ދީނީ ކާޑު ކުޅެގެން ސިޔާސީ މަންފާ ހޯދަން ޝަހީމަކަސް މުއިއްޒަކަސް އުޅޭނެ ކަމެއްނެތެވެ. ރާއްޖެ އިސްލާމް ވީފަހުން 900 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ރާއްޖޭގެ މިސްކިތް ތަކުގައި ބަންގި ނުގޮވާ ދުވަހެއް ނުދެއެވެ. ފަސްނަމާދު ގާއިމު ނުކުރާ ދުވަހެއް ނުދެއެވެ. ޝަހީމާއި މުއިއްޒު ނެތަސް މާތްވެގެން ވާ އިސްލާމް ދީނުގެ ނޫރު މި ގައުމުގައި ދެމި އޮންނާނެއެވެ. 

    މާ ދީންވެރި ބަޔަކަށް ވެގެން  ހުކުރު ހުތުބާ ތަކަކީ ސިޔާސީ ބޭނުމަށް މައުސޫމު ސިކުނޑިތައް ދޮވެލަން ބޭނުން ކުރާ ހަތިޔާރަކަށް ނުހަދާށެވެ. ވެރިކަމުގައި ތިބީތީ ގައުމިއްޔަތޭ ވަޒަނޭ އެއްބައިވަންތަކަމޭ ކިޔައިގެން ސިޔާސީ ޗަރުކޭސް ކުޅޭއެއްޗަކަށް ހުތުބާ ނުހަދާށެވެ. 

    ތިމާމެން ވެރިކަމުން ބޭރުގައި ތިބިއިރު ގައުމު ބައިބައިކޮށް ފަސާދަ އުފެއްދިއިރު އިސްލާމް ދީން ކޮބައިހެއްޔެވެ. ދޮގާ މަކަރާ ހީލަތް ހަދައިގެން ވެރިކަން ހޯދީ ދިނުގައި އެގޮތަށް އެކަން ކުރަން އޮވެގެން ހެއްޔެވެ. މިސްކިތަށް އަރާ ފޮޓޯނަގައި ސަޖިދަ ވިއްކައިގެން ދީން ސިޔާސީ ބޭނުމުގައި ބޭނުންކުރީ އޭރު ވެރިކަމުގައި ތިބީ ކާފަރުންނަށް ވެގެން ހެއްޔެވެ. 

    އުއްމަތަށް ޝަހާދަތް ކިޔާ މުސްލިމު ބަޔަކާ ދެކޮޅަށް ދީނާ ގުޅުވައިގެން އޭރު ޝަހީމުމެން ނުދައްކަނީ ކޮންވާހަކައެއްހެއްޔެވެ. ތިމާމެން ވެރިކަމަށް އައުމުން އެ ހުރިހާ ފުރައްސާރައާއި ފަސާދައާއި ފިތުނަ ހައްގަށްވެ މުއިއްޒާ ހިޔާލުތަފާތު އެންމެންނަކީ ފާސިގުންނަށް ހެދުމުގެ އޮތީ ކޮން ހައްގެއް ހެއްޔެވެ. މުއިއްޒު މެން ވެރިކަމުގައި ތިބޭއިރު އެންމެން ތިބެންވީ މުއިއްޒު އަމީރުލްމުއުމިނީންއަށް ހަދައިގެން މުއިއްޒު ކިޔާހާ އެއްޗަކަށް އާދެ މަސާހިބު ކިޔާށެވެ. ޝަހީމުމެން ނޫން ބަޔަކު ވެރިކަމުގައި ތިބިއްޔާ އެބަޔަކީ ލާދީނީންނެވެ. ގައުމުން އިސްލާމް ދީން ފުހެލަން އުޅޭ މީހުންނެވެ. މުއިއްޒު ކިތަންމެ ދޮގެއް ހަދާ ކިތަންމެ ބޮޑު ލާދީނީ ކަމެއް ކުރިޔަސް ސަލަފު ވެސް އޮންނަނީ ލޮލަށް މިރުސް އެޅިފައެވެ. 

    ]]>
    Fri, 01 Mar 2024 15:11:58 +0500 ހީރަސްނިއުސް
    ހަރާން ހުކުމްކުރާ ކޯޓުން ކުރާ މަރުގެ ހުކުން ހާލާލުތަ! https://heerasnews.com/2121 https://heerasnews.com/2121 ޤިޞާޞް ހިފުމަކީ ކީރިތި ޤުރުއާނުގައި ޝަރުޢު ކުރައްވާފައި ވާކަމެކެވެ. ޤިޞާޞް ހިފުމުގައި ދިރުން ވާކަމީ ޝައްކެއް ނެތް ކަމެކެވެ. މީހަކު މެރިކަން ޝައްކެއް ނެތް މިންވަރަށް ސާބިތު ވެއްޖެނަމަ ޤިޞާޞް ހިފުމަކީ ލާޒިމު ކަމެކެވެ. 

    ރާއްޖޭގައި ޝަރުއީ ނިޒާމަކީ އެނިޒާމުގެ ތެރެއިން މީހަކު މެރުމަށް ކުރާ ހުކުމް ތަންފީޒު ކުރެވޭ ވަރުގެ އިތުބާރެއް އޮތް ޝަރުއީ ނިޒާމެއް ކަމަކަށް ގިނަ ބަޔަކު ނުދެކެއެވެ. ގެއްލިއްޖެ ފުރާނައަކީ އަނބުރާ ލިބޭ އެއްޗެއް ނޫން ކަމުން ޝަރުއީ ހުކުމަކުން މީހަކު މަރާލެވެން ވާނީ ހަފަރާތް ރަނގަޅަށް ބަލާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުންނެވެ.

    ރާއްޖޭގައި ކުރެވޭ ތަހުގީގުތަކާއި ކުށް ސާބިތު ކުރުމަށް ބެލެވޭ މިންގަނޑުތަކާއި ޝަރީއަތް ކުރެވޭ އުސޫލުތައް ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލާ މީހާވެސް ގަބޫލު ކުރެއެވެ. ރާއްޖޭގައި އަމަލު ކުރެވޭ ގިނަ ގާނޫނު ތަކާއި ގަވައިދު ތަކަކީ ޖަޒްބާތީ ތަކެއްޗެވެ. ގިނަ ގާނޫނުތައް ހެދިފައި ހުންނަނީ ކަމެއް ދިމާވުމުން އެކަމަކަށް އެކަނި ފޯކަސް ކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ގާނޫނަކާއި ގަވައިދެއްގައި އިންތިހާއަށް ދޫމަޅި ގިނައެވެ.

    ރައީސް މައުމޫނުގެ އެކްސްއަކަށް ޝައިޚް ނިޝާންގެ ރައްދު

    ރާއްޖޭގެ ކޯޓަކުން ކުރި ހުކުމެއް ހަރާންވެގެން ބަޔަކު މީހުން މަގުމައްޗަށް ނިކުމެ އަޑު އުފުލާތާވެސް ކިހާދުވަހެއް ހެއްޔެވެ. ކޯޓުން ކުރި އެ ހުކުމެއް ހަރާން ވެގެން ވެރިކަމެއް ވެސް މިއޮތީ ބަދަލުވެފައެވެ. މިވަރު ގައުމެއްގައި ތިން ކޯޓުން ކީއްކުރަން ހެއްޔެވެ. ފަސް ކޯޓުން އެއްގޮތަށް ކުރިޔަސް ހުކުމެއް ހަރާން ވެދާނެއެވެ. 

    ކަމަކީ ހުކުމް ކުރަން ތިބޭ ބައެއްގެ ނާގާބިލު ކަމުން އެކަނި ވާކަން ކަމެއް ނޫނެވެ. ފަނޑިޔާރުންގެ ގާބިލުކަން ކިތަންމެ މައްޗަށް ދިޔަޔަސް ރާއްޖޭގައި އަމަލު ކުރެވޭ ގާނޫނުތައް ހުންނަ ގޮތުން ވަރަށް ގިނަ ފަހަރު އިންސާފު ކަށަވަރު ނުކުރެވިދެއެވެ. ތިން މަރުހަލާގެ ކޯޓު ތަކުން އެއް މައްސަލައެއް ބަލާ ނިންމާ ކުރެވޭ ހުކުމާ މެދު ޝައްކުގެ ނަޒަރުން ބެލެވެނީވެސް މާ ގިނައިންނެވެ. ހުކުމް ކުރެވޭ މައްސަލައާއި އެއްވެސް ގުޅުމެއް އަދި މަސްލަހަތެއް ނެތް އިލްމީ ހެޔޮވިސްނޭ މީހުނަށްވެސް ޝަރުއީ ހުކުމްތައް ޝައްކެއްނެތް މިންވަރަށް ކުރެވިފައި ހުންނަނީ ވަރަށް މަދުންނެވެ. ކަންކަން މިހެން ހުރުމުން ރާއްޖޭގައި އަދި މަރަށް މަރު ހިފުން ހެޔޮނުވާނެއޭ ބުނާ މީހާއެއީ އިސްލާމީ ޝަރީއަތަށް އިންކާރު ކުރަނީ ކަމަށް ހަދާ ލާދީނީ ސިއްކަ ޖަހަންޖެހޭ ސަބަބެއް ނޫނެވެ. 

    ޝެއިޚް ނިޝާނަށް ޝެއިޚް ފަޒްލޫނުގެ ބަސް

    ކަންކަން މިހާ ހިސާބުގައި އޮތް ގައުމެއްގައި މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ ދައްކަނީ އިސްލާމް ދީނުގެ ހައްގުގައި ކަމަށް ބުނާނީ ކިހިނެއް ހެއްޔެވެ. ރާއްޖެއަކީ މަރުގެ ހުކުމް ތަންފީޒު ކުރުންނޫން ހުރިހާ ކަމެއް އިސްލާމީ ޝަރީއަތާ މުޅިން އެއްގޮތަށް އަމަލު ކުރެވޭ ތަނަކީ ހެއްޔެވެ. 

    މަރަށް މަރު ހިފަން އަޑު ހަރުކޮށް ގޮވާލެވޭއިރު ރަޖަމް ކުރުމާއި އަތްކެނޑުމާއި ހައްދު ތައުޒީރު ކުރުން ފުރި ހަމަޔަށް ހިނގަ ހިނގާ އޮތް ތަނެއް ނޫންކަން ރަނގަޅަށް އެނގޭނެއެވެ. އެތައް ފާހިޝްކަމަކާއި މުންކަރާތް ތަކުން ގަޑުބަޑުވެ މުޅި ގައުމު އޮތީ ތަތްތެޅިފައެވެ. 

    ކިތަންމެ ފައިސާއަކާ މުދަލެއް އޮތަސް މުދަލު ޒަކާތަކީ ދައްކަންޖެހޭ އެއްޗަކަށް ނުވެއެވެ. ނަމާދަކީ ކުރާނެ އެހެން ކަމެއް ނެތިއްޔާ ކޮށްލަން އޮންނަ ކަމެކެވެ. ރޯދައަކީ ހިފާހިތްވާ މީހަކު ހިފަން އޮތް އެއްޗެކެވެ. ދީންވެރި ވުމަކީ އީދު ދުވަހު ގިޑިގެ ހަދާ ކުލަބޮކި ދިއްލާ ފޯރިނެގުމެވެ.

    ރާބުއިމަކީ މާތް މީހުންގެ މާތްކަމެވެ. މަސްތުވާ އެއްޗެތި ބޭނުން ކުރުމަކީ ބައްޔެކެވެ. ގޭންގްތަކަކީ އިންސާފު ހޯދުމުގެ ކުރު މަގެވެ. ހިޔާނާތާއި މަކަރާ ހީލަތުން މުއްސަދިވާ މީހާއަކީ އެންމެ ސްމާޓް މީހާއެވެ. އެންމެ ގިނައިން ޒިނޭ ކުރާ މީހާއަކީ އެންމެ ކާމިޔާބު މީހާއެވެ. ޕާޓީކޮށް މަޖާކޮށް އެއް ޖިންސުން ގުޅުން ހިންގުމަކީ އިންސާނީ ހައްގެކެވެ. ކައިވެނީގެ ބޭރުން ދަރިން ހޯދުމަކީ، ގާނޫނީ ބަފައެއް ކަށަވަރުވާންޖެހޭ ތަނަކަށް ރާއްޖެ ވާން އޮތީ ފަރިކޮށްފައެވެ.

    އާނއެކެވެ. ދިވެހި ރާއްޖެއަކީ ނިޒާމުގެތެރެއިން ރިބާ ހުއްދަ ގައުމެކެވެ. ނިޒާމުގެ ތެރެއިން ތަރުތީބު ވެގެން ޓެކްސްގެ ނަމުގައި ޓެކޭ ގައުމެކެވެ. ހައްޖު އުމްރާއަކީ ނަފާ ހޯދަން ކުރެވޭ ފަަތުރުވެރި ކަމުގެ ބޮޑު ވިޔަފާރިއެކެވެ. މިހެން ކިޔާފައި ނުކިޔާނެ އެއްކަމެއް ނެތެވެ. މިހުރިހާ ކަންކަން ލާމެހި މަސްހުނިވެ ތަރުތީބު ވެގެން ހިގާ ދިވެހިރާއްޖޭގައި ގިޞާސްހިފާ ވާހަކަ ސަރުކާރުން ދައްކަނީ ސިޔާސީ ގޮތުން ކުޅޭ ދީނީ ކާޑުގެ އެއްކަމެއްގެ ގޮތުގައެވެ. އަނެއްކޮޅުން އިސްލާމީ ޝަރީޢާ ތަންފީޒު ކުރަން އަޑުއުފުލާ މީހުންނަށް ގިޞާޞް ހިފުން ނޫން ހުރިހާ ކަމެއް ފުރިހަމަ ވެފައި ވަނީތާއެވެ.  

    ]]>
    Thu, 21 Dec 2023 13:51:51 +0500 ހީރަސްނިއުސް
    ފިރުޒުލް އިމާމްވެ ކުރައްވަނީ އާވައްތަރެއްގެ ހުކުރެއް!؟ https://heerasnews.com/2082 https://heerasnews.com/2082 މާލޭ މަސްޖިދުއްސުލްތޯން މުހަންމަދު ތަކުރުފާނުލްއައުޒަމްގައި މާދަމާ ކުރެވޭ ހުކުރު ނަމާދަކީ ތަފާތު ހުކުރު ނަމާދެއްތޯ ހީވާވަރު ވެގެން މިއީ ކިހިނެެއްވާ ކަމެއްތޯ ސާފުވޭތޯ އުޅެފީމެވެ.

    އިމާމްވެ ހުކުރު ކުރައްވަނީ ރައީސް މުޢިއްޒުގެ އިންތިގާލީ ތަރުޖަމާނު އަދި މިހާރު ރައީސް އޮފީހުގެ އިސް މަގާމެއްގައި ހުންނެވި ފިރުޒުލް ނޫން އެއްވެސް އިތުރު ތަފާތެއް ނެތެވެ.

    ފިރުޒުލް ނޫނަސް ސަނަދު ޙާޞިލު ކުރައްވައިގެން ތިއްބެވި އިމާމުން ފުރަތަމަ ހުކުރު ކުރައްވައިގެން ނޫނީ ދެވަނަ ހުކުރު ނަމާދު އިމާމްވެ މީގެ ކުރިންވެސް ކުރައްވާފައެއް ނުވެއެވެ.

    އެހެން ނަމަވެސް ދީނާ ގައުމުން ޑްރާމާ ކުޅުމަށް މޮޅު މިހާރު މިއޮތް ޑްރާމާ ސަރުކާރުން މާދަމާ ފިރުޒުލް ކުރައްވާ ހުކުރު ނަމާދުވެސް މާތަފާތު މޮޅު ހުކުރު ނަމާދަކަށް ހަދައިފިއެވެ.

    މިކަމުގެ ބޮޑަކަށް ހުރި ކަމަށް ފެންނަނީ ދީނީ ކާޑުން ޕޮލިޓިކްސް ކުޅެން މޮޅު އަދި މީޑިއާގައި ސުރުޚީ ހަދައިގެން މުއިއްޒަށްވުރެ ރައީސް ކަމަށް ގާބިލް މީހަކީ ތިމަން ކަމަށް ދެއްކެނީއޭ ހީވާ ގޮތަށް އުޅުއްވާ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމެވެ.

    ފިރުޒުލް މާދަމާ އިމާމްވެ ހުކުރު ނަމާދު ކުރައްވާ ވާހަކަ ޓްވީޓަކުން ޝަހީމް އިޝްތިހާރު ކުރައްވައިފިއެވެ. އެއާއެކު ނޫސް ތަކުން ބްރޭކިންގ ނިއުސް ހަދައިގަތްވަރުން މިހާރު ހީވަނީ މާދަމާގެ ހުކުރު ނަމާދަކީ އެއްވެސް އެއްޗެއް ނޫން ހެންނެވެ. އަދި ކިއެއްތަ ހުރިހާ ވެސް އެއްޗަކީ މުއިއްޒު ސިޔާސީ މަގާމުދިން މީހުން ކުރާކަންތަށް ހެންނެވެ. 

    ފިރުޒުލް ވިޔަސް މާދަން ކުރައްވާނީ އެހެން އިމާމުން ވެސް ކުރައްވާ ކަހަލަ ހުކުރު ނަމާދެކެވެ. ހަމަ އެކަހަލަ ހެދުމަކާ ތާކިހަލެއް އަޅުއްވައިގެން ޚުތުބާ ވިދާޅުވާނީ މިންބަރުގައި ކޮޅަށް ހުންނަވައެވެ. އިހު ޚުތުބާ އާއި ފަހު ޚުތުބާއާ ދެމެދު ހިނދުކޮޅެއް ނަންގަވާނެއެވެ.

    ކަންދިމާވާ ގޮތުން ހުކުރު ނަމާދުގެ ކުރިން އިންސާނަކަށް ވާތީ ވައެއް ބޭރުވެ ވުޟޫ ގެެއްލިއްޖެނަމަ ފިރުޒުލެއް ކަމަކު އަލުން ވުޟޫ ކުރައްވާނެއެވެ.

    ]]>
    Thu, 07 Dec 2023 21:22:01 +0500 ހީރަސްނިއުސް
    ނަހަލާލަށް ދަރިން ހޯދާ ހަލާލުކުރުން https://heerasnews.com/1948 https://heerasnews.com/1948 ޒިނޭކުރި ކަމަށް އެއްބަސްވެ ހައްދު ގާއިމުކުރެވޭ ފިރިހެނާއަށް ނަހަލާލުދަރި ނިސްބަތްކުރުމާއި، ވާރުތަކުރުމާއި، އެ ދަރި ބެލެހެއްޓުމުގައި އެހީތެރިވެ އަޅައިލުމާއި، ކައިވެނި ހަރާމްވުމުގެ ހުކުމްތައް ހިނގުމާއި މިހުރީކިީ ސަމާސާ ކަންކަމެއް ނޫނެވެ. އާނއެކެވެ. މި ކަންކަމުގެ މައްޗަށް އިސްލާމީ ބޮޑެތި ބައެއް އިލްމުވެރިން ރައުޔު ފާޅުކޮށް ބަހުސްކޮށްފައި ވަނީ އަދަކު އިއްޔެއަކު ނޫނެވެ. އަދި އެ ރައުޔުތައް އެ ގޮތުގައި ބިނާވީ ބުރަދަންހުރި ސަބަބުތަކެއް ހިކުމަތްތަކެއް ނެތިއެއް ވެސް ނޫނެވެ. 

    ނަސަބާމެދު އުފެދޭ ވަހުމުތަކަށް، ބޭރުފުށުގެ ޖިސްމާނީ ސިފަތަކުގެ އަސަރުން، ކަމާބެހޭ މާހިރުން ލައްވައި ހޯދޭ ޖަވާބުތައް ނަބަވީ ހަޔާތްޕުޅުގައިމެ ބަލައިގެންފައިވާކަމަށް ބުނެ ހަރާން ކަންކަން ހުއްދަ ކޮށްގަތުމަށް ހުއްޖަތް ނެރެން ނޫޅޭށެވެ. އެގޮތަށް ބާރު ހޯދައިގެން އެކަމަށް ވަކާލާތު ކުރާނީ އިސްލާމީ އުސޫލުތަކުގެ ބޭރުން ޒިނޭ ހުއްދަ ކުރުމަށެވެ. ޒިނޭގެ ހައްދު ގާއިމު ނުކުރުމަށެވެ. އިސްލާމީ ހުދޫދުގެ ބޭރުން ދަރި ލައްވައި ޝަރުއީ ބަލަދުވެރިކަން ނަގަހައްޓާ ދެމެހެއްޓުމަށެވެ.

    ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ލިޔެފައި އެބަ އޮތެވެ. "ޒިނޭގެ ބުރަ އާއި ބަދުނާމާއި ވޭނާއި ހިތާމަ، ޒިނޭކުރި އަންހެނާއަށް އެކަނި ބަރުދާސްތުކުރަން ޖެއްސޭ ސަގާފަތާ ދުރަށް ދާންވެއްޖެ"އެވެ. އަދިވެސް އޭނާ ލިޔެފައިވަނީ " ނަހަލާލުދަރި ކުޅަ ކުށަކާ ނުލައި، މުޖުތަމައުގައި ނިކަމެތިކޮށް ފަލީހަތްކޮށް ބަރުބާދުކޮށްލުމީ މިންވަރުވި ބަދުނަސީބެއްކަމުގައި ސިއްކަ ޖަހާފައި ތާއަބަދު ބޭއްވެން ނެތް" ވާހަކައާއި "އެ ދަރި ވުޖޫދުކުރި ފިރިހެން އަސްލު، އުފަލާއި ފޮނީގައި ފޮރުވިގެން އުޅޭ ފަރުދާ ފަހާފައި ވަނީ ދީނީ ފޮއްޗަކުން ކަމުގައި ބުނެ ފަރުޖައްސައިގެން ތިބުން މަރުހެޔޮ ނުވާނެ" ކަމަށެވެ.

    އޭނާ ދެކޭ ގޮތުގައި އެއީ މާތްރަސްކަލާންގެ ކުޅަދުންވަންތަވެރިކަމުން ގުދުރަތުގައި ލައްވާފައިވާ އިލްމީ ހަގީގަތްތަކުގެ މައްޗަށް ބަރޯސާވެ، މުޖުތަމައުގައި ވަކިހިއްޕާފައިވާ އިންތިހާއީ ބޭއިންސާފުގެ ނޭދެވޭ އާދަތައް ނެތިދާނެ މަގަށް، ސަލާމަތް ބުއްދީގެ ތަރާދުގައި މީޒާންކުރެވޭ ސިޔާސަތުތަކުގެ މައްޗަށް، ގާނޫނުތައް އެކުލަވާލައި ތަންފީޒުކުރުމީ ލާދީނީ ކަސިޔާރު ވިސްނުމެއްކަމުގައި ދުށުމީ އޮއްޓަރެއް ނެތް ބޮހޮލާ ކަޓުމުއްލާ ވަހުމެއް ކަމަށެވެ.

    އަނެއްކޮޅުން ޒިނޭކުރިކަމަށް އެއްބަސްވާ ފިރިހެނާގެ މައްޗަށާއި ބަޔޮލޮޖިކަލް ވަސީލަތަކުން ނަހަލާލު ދަރީގެ ބަފާކަމަށް ބުރުހާނުކުރާ ފިރިހެނާގެ މައްޗަށް، އެ ކުއްޖާއަށް ހަރަދުކުރުމާއި ބެލެހެއްޓުމުގައި އެހީތެރިވުން ގާނޫނުން ލާޒިމުކުރުމީ އިސްލާމް ދީނުގެ އެއްވެސް އަސާސަކާ ހިލާފު ވާނޭ ކަމެއް ކަމަށް އޭނާއަށް މޭރުންވާނޭ ގޮތެއް ވީކަމަކަށް ނުވެއެވެ. އޭނާއަށް ވިސްނެނީ އެކަމަކީ ހިފެހެއްޓޭ ބޮޑު ބޭއިންސާފެއް ކަމުގައެވެ. 

    އެކަމަކު ޖަޒްބާތުން ފުރިފައިވާ އެ ވިސްނުމަކީ ކައިވެނީގެ ބޭރުން ގުޅުން ހިންގުމުގެ ވިސްނުމެވެ. ނަހަލާލު ދަރިންތަކެއް ހޯދާ ހަލާކުކޮށް ގަތުމުގެ ވިސްނުމެވެ. ކައިވެނި އަގުދު ކުރުމުގެ ބޭނުން ކަނޑުވާލުމުގެ ވިސްނުމެވެ. މުޖުތަމައަށް ހަރާމް ދަރިންތަކެއް ގިނަ ކުރުމަށް މަގުކޮށުމެވެ. މުސްލިމުން އަރައިގަތުން ހަރާމް ކުރައްވާފައިވާ ބޮޑު ފާފައެއް ކަމުގައިވާ ޒިނޭ ހުއްދަ ކުރުމެވެ. ޝަރުއީ އަގުދަކާ ނުލާ ދަރިން ހޯދާ ގޮތެއް އިސްލާމްދީން ނުދަނެއެވެ. މުސްލިމުންނަށް ކައިވެނިނުކޮށް ރުހިގެންވެސް ނުރުހިވެސް ޒިނޭ ކުރުމާ ޒިނޭގެ ދަރިން ހޯދުން ހުއްދަ އެއް ނޫނެވެ.

    އެކަކަށްވުރެ ގިނަ މީހުނާ ޒިނޭކުރާ އަންހެނާ ކައިވެނީގެ ބޭރުން ހޯދާ ދަރިއަށް ބަފާ ކަށަވަރު ކޮށްދޭން ނޭނގޭއިރު ބިކަވާ ދަރީގެ ހައްގު އަދާކުރާނެ ބަފާ ކަނޑައެޅުމަކީ މުސްތަޙީލު ކަމެއްކަމުން އެދަރިއަށް ނުލިބޭ ހައްގެއް ޒިނޭގެ އެހެން ދަރިއަކަށް ލިބިދެވޭ ގާނޫނީ ނިޒާމަކަށްވުރެ ވަކީން ބޭއިންސާފް ނިޒާމެއް އޮންނާނެ ހެއްޔެވެ. ބަފާ ކަށަވަރު ވިޔަސް ނުވިޔަސް ޒިނޭގެ ދަރިންގެ ހައްގުތައް އަދާކޮށްދޭން ޖެހޭ މީހުންނާ ފަރާތްތައް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައި ވެއެވެ.

    ޒިނޭއަށް އަރައި ނުގަންނަ އަންހެނަކަށް ހައްދުގެ އުގޫބާތެއް ނުލިބޭނެއެވެ. ޒިނޭގެ ކުށުން ބަރީއަ ވުމުގު ފުރުސަތު ފިރިހެނަކަސް އަންހެނަކަށް ވެސް ތަފާތެއް ނެތި އެބަ އޮތެވެ. ކުއްޖަކު ނުލިބޭނަމަ ނުވަތަ މާބަނޑު ނުވާނަމަ އަންހެނާގެ މައްޗަށް ވެސް ޒިނޭ ކުރިކަން ސާބިތު ނުވެގެން ހައްދު ނުޖެހި ސަލާމަތް ވެފާ ތިބި އަންހެނުން މަދެއް ނޫނެވެ. ޒިނޭގެ ތުހުމަތުގައި އަންހެނާގެ މައްޗަށް ޒިނޭ ސާބިތުނުވެ ފިރިހެނާގެ މައްޗަށް ހައްދު ގާއިމުކޮށްފައިވާ ޝަރީއަތްތައް ރާއްޖޭގައިވެސް ހިނގާފާ އެބަހުއްޓެވެ.

    ކުދިން ނުލިބޭ ހާލަތުގައި އިއުތިރާފުން ފިރިހެނުންގެ މައްޗަށް ޒިނޭ ސާބިތުވެ އަންހެނުން އިއުތިރާފް ނުވުމުން  އަންހެނާއަށް ޒިނޭ ސާބިތު ނުވެ އެބަހުއްޓެވެ. ފިރިހެނާ ޒިނެކުރިކަމަށް އިއުތިރާފްވެ އަންހެނާ އިއުތިރާފް ނުވާ ކިތަންމެ މައްސަލައެއްގައި ފިރިހެނާގެ މައްޗަށް ހައްދު ގާއިމުކުރެވިފައިވާ މައްސަލަތައް އެބަހުއްޓެވެ. އެހެން ކަމުން ޒިނޭގެ ހައްދަކީ އަންހެނުންނަށް އެކަނި ހާއްސަވެފައިވާ ކަމެއް ނޫނެވެ. 

    ]]>
    Sat, 28 Oct 2023 13:17:35 +0500 ހީރަސްނިއުސް
    ފަލަސްތީނާ އެކު އެކަކުވެސް ނެތް https://heerasnews.com/1923 https://heerasnews.com/1923 ފަތިސްވަންދެން އޮތީ ކަރޯކޭ ޖައްސާފަ ޕާޓީ ކޮށްފަ ގަދަޔަށް ކެއުމެވެ. ފަތިސް ނަމާދާ ކައިރި ވެފައި ވަނިކޮށް ނިދުނީ ކަމެއް ދެމުނީ ކަމެއް ނޭނގެއެވެ. ދެބަދޭތެރެ އެއްގައި ފަތިސް ނަމާދަށް ގޮވާ އަޑު އިވިއިވި ހުއްޓާ ވީނުވީއެއް ނޭނގުނެވެ. ހޭލެވުނީ މެންދުރު ފަސްވި ފަހުންނެވެ. ހޭލެވުނު ގޮތަށް ފޯނު ނަގާ ބަލާލިއިރު ފަލަސްތީނުގެ ހޮސްޕިޓަލަކަށް އިސްރާއީލުން ބޮން އަޅާ 500 އަށްވުރެ ގިނަ މީހުން އެއް ފަހަރާ މަރާލި ޚަބަރުން ދުނިޔެ ފުފެނީއެވެ. އިއްޔެ އަށްވުރެ ބޮޑަށް އިޒްރޭލް ދެކެ ރުޅި އަތުވެއްޖެއެވެ.

    ސޯޝަލް މީޑިއާގެ ހުރިހާ އެކައުންޓެއްގެ ޕްރޮފައިލްގައި އިއްޔެ އިންނާނީ ފަލަސްތީނު ދިދައެވެ. އަހަރެން މިހުރީ ފަލަސްތީނާ އެކު ކަމުގައި އަބަދުވެސް ސްޓޭޓަސްގައި އިންނާނެއެވެ. ކްރައިފޭސް އާއި ފަަޅައިގެންފައިވާ ހިތްތައް ކޮންމެ ދުވަހަކު އަޕް ކުރަމެވެ. ހޮސްޕިޓަލަށް ބޮން އެޅުމާ ގުޅިގެން އައި ރުޅީގައި ހުރިހާ ސްޓޭޓަސް ބަދަލު ކުރީ އިޒްރޭލަށް ކޯފާ ލައްވާ ހަލާކު ކުރެއްވުމަށް ދުޢާ ކުރަމުންނެވެ. ތަކުބީރާ ޝަހާދަތުގެ ދެކަލިމައާ ގުރްއާނުގެ އާޔަތް ތަކަށް ސްޓޭޓަސް ބަދަލުކޮށް ނުނިމެނީސް ރަހުމަތް ތެރިޔަކު ގުޅާވަރުން ފޯން ނަގައިފީމެވެ. މަސްދަތުރު ދާނެ ލޯންޗެެއް ލިބުނު ވާހަކަ ބުންޏެވެ. އަގަކީ 5000ރުފިޔާއެވެ. ލޯންޗް ކުއްޔާ ގަންނަން ޖެހޭ ކާނާ އާއި އެހެނިހެން ސާމާނާ އެކު 9 ހާސް ރުފިޔާ ވަގުތުން ޓްރާންސްފަރ ކުރީމެވެވެ.

    ހަމަ އެވަގުތު އަންހެނުން ވަދެެއްޖެއެވެ. ފުރަތަމަ ވެސް ބުނީ އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަށް ބޮން އެޅި ވާހަކައެވެ. އައި ރުޅީގައި ދެމީހުން ވެގެން އިޒްރޭލާ ދިމާއަށް ލައްކަ އެއްޗެހި ގޮވާލީމެވެ. އޭގެ ފަހުގައި އަންހެނުން ބުނީ މިއައީ މިރޭ ސިނަމާއަށް ދާތީ ޓިކެޓް ގަންނަން ވެގެންނެވެ. ހުރިހާ ރައްޓެހިންނަށް ޓިކެޓް ގަނެދީ ދެންވެސް ހިނގާނެ ޚަރަދަށް ބޭނުންވާ ފައިސާ ވޮލެޓުން ނަގައިގެން ނުކުތުމަށް ފަހު އަނެއްކާ ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ބުނީ އަނެއްކާ ގާޒާއަށް ބޮން އެޅިތަން އެބަދައްކާ ކަމަށެވެ. ކިހާ ދެރަކަމެެއްހޭ ބުނީމެވެ. އެހެން ވެގެން މި ރާއްޖޭގައިވެސް މިސްކިތްތަކުގައި ކޮންމެ ނަމާދެއްގެ ފަހުގައި ގުނޫތެއް ކިޔަން ފަށައިފި ނުންހެއްޔޭ ބުނީމެވެ. އެއާއި އެކު މިރޭ މަހަށްދާ ވާހަކަ ވެސް ބުނީމެވެ. އެވަގުތު އަންހެނުން ބުނީ ސިނަމާ ނިމިގެން އާދެވޭ އިރު ލަސްވާނެތީ މަހުން އައިސް ބޭރުން ކާލުމަށެވެ.

    އެންމެ އާދައިގެ މީހާއިން ފެށިގެން މުއްސަނދި ގައުމުތަކުގެ ވެރިންނަށް ދަންދެން އެންމެން ވެސް ތިބީ މިގޮތަށް ފަލަސްތީނާ އެކުގައެވެ. ނަމަވެސް އެންމެން ވެސް އުޅެނީ މަޖަލާ އުފަލުގައެވެ.

    ]]>
    Wed, 18 Oct 2023 17:05:05 +0500 ހީރަސްނިއުސް
    އިސްލާމްދީނަށް ފުރައްސާރަކުރާ މީހުނާ ދުރުވާންޖެހޭ https://heerasnews.com/1472 https://heerasnews.com/1472 އިސްލާމީ ޝަރީޢާގެ މަޤްޞަދުތައް (މަޤާޞިދުއްޝަރީޢާ) ވަރަށް ސާފެވެ. އިސްލާމީ ޝަރީޢާގެ އަމާޒަކީ އެ ޝަރީޢާގެ ތެރެއިން މުޅި އިންސާނިއްޔަތުގެ ފައިދާ ދެނެގަތުމެވެ. ކުރު ގޮތަކަށް ދަންނަވާނަމަ، މި ޝަރީޢާގެ އިބްތިދާއީ މަޤްޞަދަކީ މުޅި އިންސާނިއްޔަތަށް ދުނިޔެ އާއި އާޚިރަތުގައި ލިބެން ހުރި ފައިދާ ތަކުގެ ޙަޤީޤަތް އަންގައި ދިނުމެވެ. މިއަށް ވުރެ ތަފްޞީލުކޮށް ދަންނަވާ ނަމަ، މުޅި ޝަރީޢާގެ މަޤުޞަދަކީ އިންސާނާގެ އަސާސީ އަގުތައް (ފަންޑަމެންޓަލް ވެލިޔުސް) ރައްކާތެރިކޮށް ޙިމާޔަތް ކުރުމެވެ. 

    މި ދެންނެވި (ފަންޑަމެންޓަލް ވެލިއުސް) އަސާސީ އަގުތަކަކީ:

    (1) ދީން (ނުވަތަ އިސްލާމީ ޢަޤީދާ)، 

    (2) ނަފްސު (ނުވަތަ އަބުރާއި ފުރާނަ ނުވަތަ ދިރިހުރުން)، 

    (3) ދަރިފަސްކޮޅު (ނުވަތަ ނަސްލު)، 

    (4) ފިކުރު ނުވަތަ ބުއްދި (އިންޓެލެކްޓް)، 

    (5) މުދާ (ނުވަތަ މާލު) އެވެ.

    އެހެން ކަމުން މުޅިއިސްލާމީ ޝަރީޢާގެ މަޤުޞަދުގެ އެންމެ ކުރީގައި މި ވަނީ އިސްލާމް ދީން ޙިމާޔަތް ކުރުމުވެ. މުޅި އިސްލާމީ ޝަރީޢާގެ ހުރިހާ އަސާސް ތަކެއް ބިނާވެފައި ވަނީ އިސްވެ މި ދެންނެވި މަޤުޞަދުތައް ޙާޞިލު ކުރުމުގެ މައްޗަށެވެ. ދީނުގެ އެއްވެސް ކަމެއް މި އަސާސްތަކާ ޚިލާފެއް ނުވާނެ އެވެ.

    ޝަހާދަތުގެ މާނަ އަކީ ﷲ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަން ވެވޭ އެއްވެސް ފަރާތެއް ނުވުމެވެ. ﷲ ފިޔަވައި އަޅުކަން ވެވޭ ހުރިހާ ފަރާތްތައް ނަފީ ކުރުމާއި ހަމައެކަނި ﷲއަށް ހުރިހާ ބާވަތެއްގެ އަޅުކަންތައް ޘާބިތު ކުރުމެވެ. އެ އިލާހަށް އަޅުކަން ކުރުމުގައި އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ.

    މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައީ ﷲގެ ރަސޫލާ ކަމުގައި ހެކިވުމުގެ މާނައަކީ އެ ކަލޭގެފާނަކީ ﷲ ތަޢާލާ ފޮނުއްވި ރަސޫލެއް ކަމަށް ޤަބޫލު ކުރުމާއި އެ ކަލޭގެފާނު ކުރެއްވި އަމުރުފުޅު ތަކަށް ކިޔަމަންވުމާއި، އެ ކަލޭގެފާނު ދެއްވާފައިވާ ޚަބަރުތައް ތެދުކުރުމާއި، އެ ކަލޭގެފާނު ނަހީ ކުރައްވައި މަނާ ކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމާއި، އެ ކަލޭގެފާނު ދެކެ ލޯބިވުމެވެ. އަދި އެ ކަލޭގެފާނުގެ ބަސްފުޅުގެ ކުރިޔަށް އެހެން އެއްވެސް މީހެއްގެ ބަސް އިސް ނުކުރުމެވެ.

    އިސްލާމީ ޝަރީޢާގެ މަޤްޞަތުތައް ޙިމާޔަތް ކުރުމަކީ އެންމެހައި މުސްލިމުންގެ މައްޗަށް އޮތް ވަރަށް ބޮޑު ދީނީ ވާޖިބެކެވެ. އަދި އިސްލާމީ ޤައުމެއްގައި ވެރިކަމުގެ ފަރާތުން އެންމެ ބޮޑު ސަމާލު ކަމެއް ދޭން ޖެހޭނީ މި މި މަޤްޞަދު ޙިމާޔަތް ކުރާށެވެ. ދީން ޙިމާޔަތް ކުރުމަށް އެންމެ ބޮޑު އިސްކަމެއް ނުދޭނަމަ، އިސްލާމީ ވެރިކަމެއްގެ ބޭނުމެއް ވެސް ނެތެވެ.

    އިސްލާމް ދީން ޙިމާޔަތް ކުރުމަށްޓަކައި ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ޖެހެއެވެ. ދީނުގެ އަސާސް ތަކަށް ތަޙައްދީ ކުރުމަށް ޖާގަދެވިގެން ނުވާނެއެވެ. ކީރިތި ޤުރުއާނަށް އިންކާރު ކުރެވިގެން ނުވާނެއެވެ. ކައު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށް ހަޖޫޖެހިގެން ނުވާނެއެވެ. މުޅި ކާއިނާތުގެ ވެރި ގަދަ ކީރިތިވަންތަ މާތް ﷲ އަށް ތައުހީނު ކުރެވިގެން ނުވާނެއެވެ. މިފަދަ ކަމެއް ކޮށްފި މީހަކަށް ވަގުތުން ފިޔަވަޅު އެޅެންޖެހެއެވެ. މިއިން ކަމަކީ ވާހަކަ ދައްކައި ދިރާސާ ކޮށްގެން މަޝްވަރާ ކޮށްގެން ދޭތެރޭ މެދުގެ ޙައްލެއް ހޯދޭނެ (ކޮމްޕްރަމައިޒް ކޮށްގެންވާނެ) ކަން ކަމެއް ނޫނެވެ. މިއީ އެންމެ ހަރުކަށި އަދަބު ލަސް ނުކޮށް ދޭން ޖެހޭނެ ނުބައި ޝައިޠާނީ ޢަމަލު ތަކެކެވެ.

    ދީނީ ކަންކަން ކޮމްޕްރަމައިޒް ކުރުމަކީ އިސްލާމީ މުޖުތަމާއެއްގައި އުފެދޭނެ އެންމެ ބޮޑު ފިތުނައެވެ. މި ފަދަ ފިތުނަ ތަކަށް ޖާގަދެވިއްޖެ ނަމަ، ދެން ނުކުންނާނެ ނުބައި ނަތީޖާތައް އަންދާޒާ ކޮށްލާން ވެސް ނޭނގޭނެއެވެ. އިސްލާމީ ޚިލާފަތުގެ ދުވަސްވަރު ވެސް އުފެދުނު އެންމެ ބޮޑު ފިތުނައަކީ އިސްލާމް ދީނުގެ ބައެއް ރުކުން ތަކަށް އިންކާރުކޮށް މުރުތައްދު ވުމުގެ ނުބައި ފިތުނައެވެ. މި ފިތުނައިގެ ސަބަބުން މުސްލިމުންނަށް ލިބުނު ގެއްލުންތައް އިސްލާމީ ތާރީޚުން އެހެރީ ފެންނާށެވެ.

    އެތަނެއްގައި އިސްލާމް ދީން ނެތިއްޖެ ނަމަ، ރާބުއިމާއި ޒިނޭ ކުރުމާއި ވައްކަން ކުރުމާއި ދޮގުހެދުމާއި މި ނޫންވެސް ނުބައި ހުރިހާ ކަންކަން މުޖުތަމަޢުގައި ޢާއްމު ވާނެއެވެ. ނަތީޖާއަކަށް ވާނީ އިންސާނީ އަގުތައް ވެއްޔާ މޮޑެވުމެވެ. ސައްތައިން ސައްތަ އިސްލާމީ ދިވެހި މުޖުތަމައުން ވެސް އިސްލާމް ދީން ކޮމްޕްރަމައިޒް ކުރަން މަސައްކަތް ކުރާ މީހުން ފާޅުގައި އެބަފެނެއެވެ. އެމީހުންގެ ފިތުނައިން މިގައުމު ސަލާމަތް ކުރައްވާށިއެވެ.

     

    ]]>
    Wed, 31 May 2023 14:55:32 +0500 ޒުރޫ
    އިސްލާމްދީނުގައި ޢިލްމު ހޯދުމުގެ މުހިންމުކަން https://heerasnews.com/1315 https://heerasnews.com/1315 އިސްލާމްދީނުގައި ޢިލްމު ހޯދުމަކީ ލާޒިމު ކަމެކެވެ. ވިސްނައި ފިކުރު ކުރުމަށް ބުއްދީގެ ބޭނުން ކުރުމަށް ބާރުއަޅާ އެތައް އާޔަތްތަކެއް ޤުރުއާނުން ފެންނަން އެބައޮތެވެ. އިންސާނުންގެ އަމިއްލަ ނަފުސްތައް ދަށު ދަރަޖައިން ޠާހިރު އަދި ކަރާމާތްތެރި އެއްޗަކަށް އުފުލިގެން ދަނީ ޢިލްމުގެ ތެރެއިންނެވެ. އަލްއިމާމް އައްޒަރުނޫޖީ އޭނާގެ ފޮތް 'ދަރިވަރަށް އިރުޝާދު: އުނގެނުމުގެ އުސޫލު' ގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ޢިލްމަކީ އޯގާތެރިކަމާއި ހޭލުންތެރިކަން ޙާޞިލުކުރުމަށް މާތްރަސްކަލާނގެ ލެއްވި ވަސީލަތެވެ.

    އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ އާ ހުނަރުތައް ދަސްކޮށް، އާ ޢިލްމު ޙާޞިލުކޮށްގެން އަމިއްލަ ނަފްސު މައްޗަށް ބާރު ފޯރުވައިގެންނެވެ. ސުވާލު ކުރުމާއި، ތަޙުލީލު ކުރުމާއި، ވިސްނުމަކީ ޢިލްމުގެ ސަޤާފަތެވެ. އަޅުގަނޑުމެން ފަށައިގަންނަނީ ކިޔެވުމުގެ އަދަބިއްޔާތު ފުޅާކޮށްގެންނެވެ. އިޙްތިރާމާއެކު ސުވާލު އުފައްދައި، ފާޑުކިޔުމުގެ ވިސްނުމަށް ޖާގަދެމުންނެވެ. ބައެއްފަހަރު ޢިލްމަށް ހޯދަން މަސައްކަތް ކުރެވޭ ގޮތަކުން އިތުރަށް ނިކަމެތިވާން ޖެހޭތަން އާދެއެވެ. ހުރިހާ ކަމެއް އެނގޭ ކަމަށް ނުދެކި ފިކުރީ ކިބުރުވެރި ކަމުން ދުރުހެލިވާން ޖެހެނީ މިސަބަބައްޓަކައެވެ. ކިބުރުވެރި ކަމަކީ ހަގީގަތަށް ފުރައްސާރަ ކުރުމާއި (އަމިއްލަ ނަފްސުގެ ބޮޑާކަމުން) މީހުންނަށް ފުރައްސާރަ ކުރުމެވެ.

    އެކަށީގެންވާ ވަސީލަތްތަކުގެ ތެރެއިން ޢިލްމު ހޯދުމުގެ ޢަމަލަކީ ހެޔޮ ސިފައެކެވެ. އެއީ އެ ހޯދާ މީހާއަށް ގިނަ ޘަވާބު ލިބިގެންދާ ކަމެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ސަވާބު ހޯދުމަށްޓަކައި ކޮންމެހެން ކުޅަދާނަ ދީނީ ޢިލްމުވެރިއަކަށް ވާކަށް ނުޖެހެއެވެ. މުހިންމީ އުނގެނުމުގައި ކުރެވޭ އިޚްލާޞްތެރި މަސައްކަތެވެ. އުނގެނުމަށް އިހުލާސްތެރި މަސއްކަތް ކުރާ މީހުންގެ ސަފުތައް الله ގެ ޙަޟްރަތުގައި އުފުލިގެންވެއެވެ.

    ފާހަގަކޮށްލަން މުހިންމު ކަމަކީ الله ސ.ވ. އަކީ މީހެއްގެ ދަރަޖަ މަތިކޮށް ދަށްކުރާ ރަސްކަލާނގެ ކަމެވެ. އަޅުގަނޑުމެންނަށް އެހެން މީހުންނަށް ނިކަމެތިކޮށް ބެލުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި ހަމައެކަނި އުނގެނުމުގެ މަގުގައި ތިބެގެން އަޅުގަނޑުމެންގެ ދަރަޖަތައް އެހެން މީހުންނަށްވުރެ މައްޗަށް އުފުލިއްޖެ ކަމަށް ހީކުރުމަކީ އަޅުގަނޑުމެންގެ މޮޔަ ކުށް ހީއެކެވެ. އަޅުގަނޑުމެން ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރި ވާންޖެހެއެވެ. ހަމަކަށަވަރުން މާތް ﷲ އަކީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

    ދީނީ ޢިލްމުގެ އިތުރުން، ޙާލަތާ ދިމާވާ ޢިލްމު އުނގެނި ދަސްކުރަން ވެސް ލާޒިމު ވެގެންވެއެވެ. މިސާލަކަށް ވިޔަފާރީގެ ފުރުސަތުތައް ހޯދަމުން ދާނަމަ، އާމްދަނީ ހޯދުމަށްޓަކައި ވިޔަފާރީގެ ސްޓްރެޓެޖީތަކާއި އާމްދަނީ ހޯދާނެ ގޮތްތައް ދަސްކުރަން ޖެހެއެވެ. ވިޔަފާރީގެ ޢަމަލުގައި ބައިވެރިވާ ކޮންމެ މީހަކުވެސް ވިޔަފާރީގެ މުޢާމަލާތްތަކުގައި މަނާ ކަންތައްތައް ހުއްދަ ކަންތައް ދަސްކުރަން ޖެހެއެވެ.

    އިމާމް އަލް ޒަރުނޫޖީ އޭނާގެ ފޮތުގައި އިތުރަށް ވިދާޅުވެފައިވަނީ، “ހުރިހާ ހާލަތެއްގައިވެސް މީހަކަށް އަސަރުކުރާ ހުރިހާ ކަމެއްގެ ޢިލްމަކީ ކާނާއާ އެއްގޮތް މަޤާމެއްގައި އޮންނަ ކަމެއް ކަމަށެވެ. އެއީ އެއްވެސް މީހަކަށް އެކަން ދޫނުކުރެވޭނެ ކަމެކެވެ. އިލްމަކީ ކޮންމެ ހާލަތެއްގައި ވެސް އަޅުގަނޑުމެންގެ މިނިކަމެތި ހަށިގަނޑު ހަމައަކަށް އަޅުވާދޭ ކަނާއެވެ. މަންމަ ބަނޑުން ދުނިއަށް އައިއްސުރެ ސުވަރުގެ ވަނުމާ ހަމައަށް އުންގެނުމަށް އަންގަވާފައިވަނީ ހާދަހާވާ މާތް މަގުސަދެއްގައެވެ.

    ]]>
    Sun, 30 Apr 2023 06:32:11 +0500 ޒުރޫ
    ހުށަހެޅޭ ވައްކަމުގެ މައްސަލަ މަދުވަނީ ކީއްވެ! https://heerasnews.com/793 https://heerasnews.com/793 މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ ވައްކަމުގެ މައްސަލަތައް އެއްމަހުން އަނެއް މަހަށް މަޑުމަޑުން އަންނަނީ ދަށް ވަމުންނެވެ. ޕޮލިސް ސާރވިސްއަށް އެންމެ ގިނައިން ހުށަހެޅެނީ ވެސް ވައްކަމުގެ މައްސަލަ ތަކެވެ. މި އަހަރުގެ އޮގަސްޓު މަހުން ފެށިގެން ޕޮލިހަށް ހުށަހެޅޭ ވައްކަމުގެ މައްސަލަތައް މަދުވަމުން ދާކަން ޕޮލިހުގެ ތަފާސް ހިސާބުން ފާހަގަ ކުރެވެއެވެ.

    ތަފާސް ހިސާބު ދައްކަ ގޮތުން މި އަހަރުގެ އޮގަސްޓް މަހު ވައްކަމުގެ 456 މައްސަލަ ހުށަހެޅިފައިވެއެވެ. އެހެން ނަމަވެސް ސެޕްޓެމްބަރ މަހު ހުށަހަޅާފައި އޮތީ 324 މައްސަލައެވެ. ސެޕްޓެމްބަރ މަހު ފާހަގަ ކުރެވޭ ވަރުގެ ބޮޑު ތަފާތެއް ފެނެއެވެ. އޮގަސްޓް މަހަށް ވުރެ ހުށަހެޅުނު ވައްކަމުގެ މައްސަލައިގެ އަދަދު 132 ދަށްވެފައި އޮތް އޮތުމެވެ. ރިޕޯޓްކުރި ވައްކަމުގެ އަދަދު ދަށްވެގެން ދިޔަ ދިޔުމަކީ އެކަމާ މެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ ވަރުގެ ކަމެކެވެ. އަނެއްކާ އޭގެ ފަހުން އޮކްޓޯބަރ މަހު ހުށަހެޅުނީ ވައްކަމުގެ 306 މައްސަލައެވެ. ނޮވެމްބަރ މަހު ހުށަހެޅުނު ވައްކަމުގެ މައްސަލައިގެ އަދަދަކީ 304 އެވެ. ވޭތުވެ ދިޔަ ތިންމަހު ވައްކަމުގެ މައްސަލަ އެއް މަހުން އަނެއް މަހަށް ދަށްވެފައި ވާކަން ފާހަގަ ކުރެވެއެވެ.

    ވައްކަމުގެ މައްސަލަ ހުށަހެޅޭ އަދަދު ދަށްވާ ސަބަބުތަކާ މެދު ދެތިން ގޮތަކަށް ވިސްނާ ލެވިދާނެއެވެ. ހުށަހެޅޭ މައްސަލަ މަދުވަނީ ތަންފީޒީ މުއައްސަސާތަކާ މެދު އިތުރުބާރު ގެއްލި މާޔޫސް ވެގެން ހެއްޔެވެ. ގާނޫނީ ދޫމަޅީގެ ތެރެއިން ވަގުކަލޭގެ ސަލާމަތް ވާތީ މުޖުތަމައު މާޔޫސް ވެގެން ވާކަމެއް ނަމަ އެއީ ނުރައްކާތެރި ބިރު ހުރި ކަމެކެވެ.

    ހުށަހެޅޭ މައްސަލަ މަދުވަނީ ރަގަޅަށް ބެލެހެއްޓި ފާރަވެރިވުމުގެ އިންތިޒާމުތައް ވަރުގަދަ ވުމުން ވައްކަން ކުރުމުގެ ފުރުސަތު ހަނިވެގެން ކަމަށް ވާނަމަ އެއީ ހެޔޮފާލެކެވެ. ފާރަވެރިވުން އިތުރުކޮށް ގާނޫނީ ހުކޫމަތު ރަނގަޅަށް ތަންފީޒު ވުމަކީ ވައްކަމުގެ އަދަދު ޒީރޯއަށް ގެނެވޭނެ ކަމެކެވެ. ވަގުންގެ މައްޗަށް ހުކުމް ތަންފީޒު ކުރެވި ވަގުން މުޖުތަމައުން އެކަހެރި ކުރެވޭ ވަރަކަށް ވައްކަން ކުރުން ހުއްޓޭނެއެވެ.

    އެއް މަހުން އަނެއް މަހަށް ހުށަހެޅޭ ވައްކަމުގެ މައްސަލަތައް މަދުވަނީ މުޖުތަމައު ވައްކަމާ ދުރަށް ގެންދެވެމުން ދާތީ ކަމަށް ވާނަމަ ކިތައްމެހާ ވެސް އުފާވެރިއެވެ. ކަންކަން ތަރުތީބު ވެގެން ކުށުގެ ވެއްޓަށް ފާރަވެރި ވެވޭ ކަމުގެ ހެޔޮ ފާލެކެވެ. ހެޔޮވެރިކަމެއްގެ ހެޔޮކަން މުޖުތަމައުން ފެންނަން ފަށާފައި ވާކަން ރަމްޒުކޮށްދޭ ހެޔޮ ފާލެކެވެ. އެއާއި އެކު ވައްކަން ނައްތާލުމަށްޓަކާ، އަށަގެންފައިވާ މާއްދީ ވިސްނުމުން އެކަހެރިވާން ކޮންމެ މީހަކު ޖެހެއެވެ. 

    ވައްކަމުގެ ތެރެއަށް އަލަށް މީހުން ވަނުން ހުއްޓުވުމަށް ބަޑުހައި ހޫނުކަން ނައްތާލުމާއި ފަރުދުންގެ ފޯރުންތެރިކަން އިތުރުކޮށް ދިރިއުޅުމުގެ އަގުތައް ތިރި ކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކޮށްގެން ވައްކަމުގެ ރޭޓް ދަށް ކުރެވެއެވެ. ހަލާލު މަސައްކަތެއް ކޮށްގެން ބަދަހި މުޖުތަމައެއްގައި އުޅޭ އުފާވެރި ރައްޔިތަކަށް ވުމަށް އަމިއްލަ ޒިންމާއެއް އޮތް މީހަކަށް ކޮންމެ މީހަކު ވާންޖެހެވެ. ހިހޫ ތަނުން ކެއުމާއި އެހެން މީހުންގެ ތުބުން ވެއްޓޭ ބަތް ފުށް ކައިގެން އުޅެން އުޅޭ އުޅުމުގެ ވިސްނުން ދޫކޮށްލަން ޖެހެއެވެ.

    ޒަރޫރީ ބޭނުންތައް ނުފުދިގެން ވައްކަމުގެ ތެރެއަށް މީހުން ދިޔުން ހުއްޓުވަން ސަރުކާރާއި މުޖުތަމައު ގުޅިގެން ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަދި ވެސް އިތުރަށް ކުރަން ޖެހެއެވެ. އިހުތިޔާރުން ބޭރުން ޒަރޫރަތަށްޓަކައި ރައްޔިތު މީހާއަށް ހަރަދު ކުރަން މަޖުބޫރު ކުރުވާ ހުރިހާ ނިޒާމެއް ނައްތާލަން ޖެހެއެވެ. އަނެއް ކޮޅުން ވަގުކަލޭގެ ވައްކަން ކުރަން އެއް ދޮރުން ވަދެ އަނެއް ދޮރުން ނިކުންނަހެން ތަހުގީގާ ޝަރިއަތުން ބަރީއަ ނުވެވޭނެ ގޮތަކަށް އިޖުރާތު ތަކުގެ ދޫމަޅި ބާރު ކުރުމަކީ ވައްކަން ހުއްޓުވުމުގެ ހައްލެވެ.

    ]]>
    Mon, 12 Dec 2022 12:35:25 +0500 ހީރަސް
    އެމްޑީޕީ މެންބަރުން ބިރެއް ނުގަންނާނެ! https://heerasnews.com/762 https://heerasnews.com/762 އެމްޑީޕީގެ މެންބަރުންނަކީ މީހަކު ދައްކަފާނެ ބިރަކަށް ފަހަށް ޖެހޭ ބައެއް ނޫނެވެ. ވަޒީފާ ގެއްލިދާނެތީ ލޯނެއް ނުލިބި ދާނެތީ ބިރުން ކުރަން ބޭނުން ކަމެއް ނުކޮށް ތިބޭނެ ބައެއްވެސް ނޫނެވެ. އެމްޑީޕީ މެންބަރުން ކަމެއް ނުކޮށް ތިބިއްޔާ ތިބެނީ ހަގީގަތުގައި ވެސް އެކަމެއް ކުރަން ބޭނުން ނެތީމައެވެ. ހިތުގެ އަޑިން ކުރަން ބޭނުން ކަމެއް ނުކޮށް ފަސްޖެހޭ ބަޔަކަށް އެއް އިރަކުވެސް އެމްޑީޕީ މެންބަރުން ނުވެއެވެ.

    އެތެރޭގެ އިންތިހާބު ތަކުން އެކަން ވަރަށް ސާފުކޮށް ފެނެއެވެ. ގައުމީ މަޖިލީހުގެ ބަހުސް ތަކުންނާއި ނިންމުން ތަކުން އެކަން އެނގެއެވެ. ރައްޔިތުންގެ މަޖިލީސްގެ ބަހުސް ތަކުންނާއި ވޯޓު ތަކުން އެ މީހަކު ދެކޭ ގޮތުގައި ސާބިތުވެ ތިބޭކަން ރަނގަޅަށް އެނގެއެވެ. ވަކި މީހެއް ވެގެން ވަކި ގޮތަކަށް ކަންކަން ނިންމުމުގައި ބަސް ބުނެ ވޯޓު ދޭން ފަސް ނުޖެހޭކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެމްޑީޕީ ވަކި މީހެއްގެ ވަށައިގެން އަނބުރަން ބަޔަކު ބޭނުން ވިޔަސް އެކަން އެހެން ނުވާކަށް އާއްމު މެންބަރުން އެދަނީ ސާބިތުކޮށް ދެމުންނެވެ.

    އެމްޑީޕީ މެންބަރުންނަށް ވަކި މީހަކު މުހިންމު ނުވާކަން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ދައްކާ ދީފިއެވެ. އިބްރާއެއް މުނައްވަރެއް ވަހީދެއް ކިޔާނެ ކަމެއް ނެތްތާއެވެ. އަންނިއެއް އިބޫއެއް ވެސް އެމްޑީޕީއަކަށް މުހިންމެއް ނޫނެވެ. އެމްޑީޕީއަށް އަބަދުވެސް މުހިންމީ މެންބަރުންގެ މެޖޯރިޓީ ވިސްނުމެވެ. ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކުރުމެވެ. ކޮންމެ މީހަކު ވެސް ކޮށްދޭ ރަނގަޅު ކަންކަން ހިތުގެ އަޑީން އެމްޑީޕީ އާއްމު މެންބަރުން ބަލައިގަނެއެވެ.

    އެމްޑީޕީއަށް ރައީސް ނަޝީދު ވެސް މުހިންމުވީ އެ މަނިކުފާނު ވެރިކަމުގައި ހެޔޮ ބަދަލު ތަކެއް ގެނެސް ދެއްވީތީއެވެ. އެ މަނިކުފާނާއެކު އެމްޑީޕީ މެންބަރުން ފޮނި އުންމީދުތަކެއް ކުރިއެވެ. އެ އުންމީދުތައް އެ މަނިކުފާނަށް ހާސިލުކޮށް ދެއްވޭނެ ކަމަކަށް ގިނަ މެންބަރުން މިހާރަކު ގަބޫލެއް ނުކުރެއެވެ. އެ އާއި ހިލާފަށް ރައީސް ސޯލިހުގެ ހެޔޮވެރިކަން ގިނަ މެންބަރުން ބަލައިގަނެ އެމްޑީޕީގެ އުންމީދުތައް ހަގީގަތަކަށް ހައްދަވާ ދެއްވާނީ ރައީސް ސާލިހުކަމަށް އެމްޑީޕީގެ މެޖޯރިޓީ މިއަދު ގަބޫލުކޮށްފިއެވެ.

    ރައްޔިތުން މަޖިލީހުގެ ސާފު މެޖޯރިޓީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި އޮތީ ދާއިރާ ތަކުގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ރައީސް ސާލިހު މަސައްކަތްޕުޅު ކުރައްވާތީއެވެ. ކުރިން ހީކުރި ގޮތާއި ހިލާފަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެޖޯރިޓީ ރައީސް ސާލިހުގެ ވިސްނުންފުޅާއެއް ގޮތަށް ބަދަލު ވެގެން ދިޔައީ އާއްމު މެންބަރު އެ ގޮތް ބޭނުންވެ އެ މީހުންގެ ވޯޓުންނެވެ. އެމްޑީޕީގެ އިދާރީ ހިންގުން ވެސް ރައީސް ސޯލިހުގެ ވިސްނުންފުޅާއެއް ގޮތަށް ބަދަލުކޮށްލީ އާއްމު މެންބަރުންނެވެ. ޕާޓީގެ ޗެއަރޕަރސަން އިންތިހާބުން އެ ނަތީޖާ އާއްމު މެންބަރުން އެ އޮތީ ދައްކާ ދީފައެވެ. އެންމެ ފަހުން އޮތް ކޮންގްރެސްއިން ދައްކާދިނީ އެމްޑީޕީގެ މެޖޯރިޓީ ވިސްނުން މިހާރު އޮތްގޮތެވެ.

    ތަފާތު ހިޔާލާ ތަފާތު ފިކުރަށް ޖާގަ އެމްޑީޕީގައި އޮންނަކަން އެނގޭ އެހެން ހަގީގަތެއް ވެސް އެބައޮތެވެ. ރައީސް ސޯލިހުގެ ސަރުކާރުގައި ރައީސް ސާލިހު އައްޔަން ކުރައްވާފައި ތިއްބެވި ބައެއް ސިޔާސީވެރިން ސަރުކާރާއި ރައީސަށް ފާޅުގައި ފާޑުކިޔުއްވާ ޓްވީޓްކުރައްވާ ޖެއްސުން އެބަކުރައްވައެވެ. ރައީސްގެ ވިސްނުންފުޅާ ދެކޮޅަށް ކެންޕޭން އެބަކުރައްވައެވެ.

    އެހެނެކޭ ކިޔާ އެ މީހުންނަށް ވަޒީފާގެ ބިރު ދައްކާ މަގާމުން ވަކޮށެއް ނުހައްދަވައެވެ. އެހެން ކަމުން އާދައިގެ ދަށް ފަންތީގެ މުއައްޒަފުންނަށް އެ މީހުންގެ ސިޔާސީ ފިކުރު ހުންނަ ގޮތުން އެއްވެސް ބިރެއް އެމްޑީޕީގެ ސަރުކަރެއްގައި ނޯންނާނެއެވެ.

    ހަމަ ތެދެކެވެ. އެމްޑީޕީގެ ތެރޭގައި ތަފާތު ހިޔާލަށް ޖާގަ އޮތްވަރު އިންތިހާބު ތަކުންނާއި ކުރެވޭ ސިޔާސީ ބަހުސް ތަކުން ފެނެއެވެ. ވަކި މީހެއް ވެގެން މެންބަރުން ގަބޫލުކުރާ ގޮތަކަށް ވާހަކަ ދެއްކުމާއި އަމަލު ކުރުމުގައި ބިރެއް ނުދެއްކޭކަން ވަރަށް ސާފެވެ. އެމްޑީޕީ މެންބަރުން ކަމެއް ކުރާނީ ނުވަތަ ނުކުރާނީ ބިރަކުން ނޫނެވެ. ބޭނުންވެގެންނެވެ. ވަކި މީހަކަށް ތާއީދު ކުރުމާ ނުކުރުން ވެސްއެއީ އެ މެންބަރެއްގެ އަމިއްލަ ނިންމުމެކެވެ. ތާއީދު ނުކުރާ މީހެއްގެ ކެންޕެއިން ޖަލްސާއަށް ދިޔުމާއި ނުދިއުން ވެސް އެއީ މެންބަރުންގެ އަމިއްލަ ނިންމުމެކެވެ.  

    ]]>
    Sat, 03 Dec 2022 14:53:37 +0500 ހީރަސް
    މިތިބަަގެން ތެޅިފޮޅެނީ ކޮންކަމެއް ނުވެގެން https://heerasnews.com/741 https://heerasnews.com/741 ހިއްވަރުދޭ ހައެއްކަ މީހެއްގެ ބަސްމަގާ އެކު ދެން ތިބި އެންމެން ހާރުވައި ބިރު ދައްކާން ކަމަށް މިތިބަަގެން ތެޅިފޮޅެނީ ކޮންކަމެއް ނުވެގެންކަން މިއަދަކު ހަމަ ނޭގޭ އެކަކުވެސް ހުރިހެނެއް ހީޔެއް ނުވެއެވެ. ދެކޮޅު ނުޖެހޭ ބަޖެޓޭ ، ވައުދެއް ނުފުއްދެޔޭ ކުރިހަމަ އެއްކަމެއް ވެސް ނެތޭ ކަރުން ނާރު ނަގާފައި ގޮވާ ނަގަނީ ތިޔަ ތިބަ މީހުންގެ ހިތުގައި އޮތް ހަސަދަވެރިކަމާ އަމިއްލަ އެދުމުން ފޯވެފައިވާ ވަރުން އެ ކުރާން އުޅުނު ކަންކަން ނުކުރެވިގެންކަން އެންމެނަށް ވެސް މިހާރު އެބަ އެނގެއެވެ.

    އާއެނކޭ! އާނއެކޭ! ރާއްޖެ ތެރޭގެ ރަށްރަށަށް އަރާލުމުން މިހިރަ މިހިރަ ފެންނަ މަންޒަރު ތަކަކީ އަދި ކުރިޔަށް އޮތް ގަރުނުނިމޭ އިރުވެސް ކުރެވި ނިމޭނެ ކަންކަން ކަމުގައި މީގެކުރީން މީހަކަށް ގަބޫލެއް ނުކުރެވެއެވެ. މީހުނަށް އޭރު ގަބޫލު ނުކުރެވި އޮތް އޮތުން މި ސަރުކާރުން ބަދަލުކޮށްލައި މުޅިރާއްޖެއަށް ގެންނަ ތަރައްގީ ފެނުނީމާ ހައިރާން ވާނެތާއެވެ. ޝުކުރުކުރާ އަޅުންގެ ހިތައް ލުއިފަސޭހަކަން ލިބޭނެއެވެ. ހަސަދަވެރީންގެ ހިތްތަކަށް ގިލަންވެރިކަން ވަދެ އަނދާނީ ގިންޏެވެ. އޭރުން ދެން ހަމަ ތިބެން ޖެހޭނީ ކަޅިއަޅައިގެން ތާއެވެ. އަނެކުން ހައްލާލަން ދައްކާ ވާހަކަ ތަކުން ތަސައްލީއެއް އަމުދުން ނުލިބުމުން ދެންވާނެ ހަތަރެތި މިހިރަގެން ދަނީ ވަމުންތާއެވެ.

    ތިމަންނާމެނީ އެންމެ މޮޅު އެންމެ ވިސްނޭ މީހުން ކަމުގައި ގަބޫލު ކުރެވުނީމާ ވާނީ އެހެންނެވެ. ތިމާމެން ބޭނުންހާ ގޮތަކަށް ކަންކަން ކުރެވެނީ ތިމާމެންގެ އަމިއްލަ ކަންކަމެވެ. އެންމެން އެއްވެ ތިބެ ކަރުދާހުގައި ލިޔެގެން ކުރަން ނިކުތް ކަންކަން ތިމާނޫން މީހަކު ފުރިހަމަ ކޮށްދޭތަން ފެނުނީމާ ވެސް ޝުކުރުވެރި ވާން އެނގެނީއެއް ނޫނެވެ. ތިމާމެން ނޫން ބަޔަކު ހަމަ އެކަންކަން ކުރާތީވެ ބޮޑާ ހަދާ ތިޔަ ހަލުވާ ރަނބަޔެއް އަމުދަކުން މިއަދަކު ބަލާނެ މީހަކު ނެތެވެ.

    ފަރަންޖީންގެ ކައިރިން ޕޮލިޓިކަލް ސައިންސް ކިޔެވިފާ ހުރީތީވެ ދެން މާތޫލި އަޑަކުން ތުއިވެފައި މަލާމާތުގެ ރާގަށް ރާއްޖެތެރޭ މީހުންނާ މެދު ތިމާގެ ހިތުގައި އޮތް ހަސަދަ ފިލުވާލަން ތިިޔަ ކިޔާ އެއްޗެތީން އަރާ ރުޅިން މީހުން ލަވާހަޅޭއް ނިކަން އަޑުއަހާލަ ބަލާށެވެ. ލޯ ހުޅުވާލަން ނުކެރެއެވެ. މިޔަކީ އިރެއްގައި ރާއްޖޭގެ ރޭޑިޔޯ އަކުން ކުރު ވާހަކަ ކިޔައިދިން އަމާމެން އެކިޔައިދިން މޭރުމުން ކިޔާން ދަސްކޮށް ދީފައި އޮތަތީވެ މިއަދަކު ކުރާން އުޅުނަކަސް ވައިގައި ހިއްޕޭކަށް އޮތް ކަމެއް ނޫން ތާއެވެ. އެ ވަރުވެސް ނޭނގި ތިމާގެ ހެދުން ބޭލޭއިރު އެހެން މީހުނަށް ބަލާންް ތިބޭކަށް ވެސް ފަސޭހައެއް ނުވާނެތާއެވެ.

    ތިޔަހެން މަލާމާތުގެ ހިނިގަނޑެއް ޖަހައިގެން ރަށްފުށުގެ ވޯޓުން ހޮވޭތޯ ބަލަނީއޭ ކިޔައި އަނގަ ތޮރުފާ ގޮއްޔެގެ ހަތަރު ކަށިމަތި އަޅެ މާލެތޯ ވެސް އަހާލާ ހިއްވެއްޖެއެވެ. މީގެ ކުރީން ރަށްރަށަށް އަރައި ފެނުނުހާ މީހަކާ އެކު ސެލްފީ ނަގައި ބައްދާ ކޮޑަށް އަރާ ދުމަށިން މަސްކައި އެ އުޅުނީ ބަލަގަ ނިސްބަތްވާ އަވަށުން އެކަނި ވޯޓު ހޯދައިގެން ވެރިކަމަށް އާދެވެން ނެތީމާކަން މިއަދު ހަނދާނެއް ނެތްދޯއެވެ. އެކަމަކު އެއިރުވެސް ރަށްފުށުގެ މީހުންނޭ ކިޔައި ކުރި މަލާމާތް އަޑުއެހި މީހުން މަދެއް ނޫނެވެ. މިއަދު ވެސް ތިޔައީ ހަމަ އެމީހާއެވެ. އެހެން ހަސީލަތެއް ގައިމުވެސް ތިޔަކުން ނުފެންނާނެ ތާއެވެ. ބުނަން ހެއްޔެވެ؟ ބަޖެޓު ގޯސްވެގެން ތިޔަ އުޅެނީވެސް ބޭބޭފުޅަށް ބޮޑުވަޒީރުކަން ދެވޭނެ ގޮތައް ތިޔަ ބަޖެޓުގައި ބިލިޔަނުން ފައިސާ ނުހިމެނީމަ ދޯއެވެ؟ އެކަމަކުވާ ދިވެހީންނަކު އަދި ތިޔަކިޔާ ލަވަޔަށް ނަށާކަށް ނޫޅެއެވެ.

    ދެބުރިކޮށް އެއްބުރި ތެންމައިގެން އޮރިޔާން ހާލުގައި ޕޫލަށް އެރިގެން އެންމެންނަކު އުޅޭކަށް އަދި ބޭނުމެއް ނުވެއެވެ. ތިޔަ މަލާމާތް ކުރާ ރާއްޖެތެރޭގެ ކުޅަނދު މަދު މީހާ މިހުރިހާ ދުވަހު ނަޖިސްފެނުން ފެންވަރައިގެން އުޅުނުއިރު ގޮއްޔެ މީރުފެނުން ފެންވަރައި ހެދިއިރު ހިތަށް އެރީ ކޮން އެއްޗެއް ބާވަޔޭ ހީވެއެވެ. ދެ ލޯހުޅުވައިގެން ނިކަން ބަލާބަލާށެވެ. ރަށްރަށުގައި ހަދަނީ ހަމައެކަނި ބަނދަރު ހެއްޔެވެ؟

    ގޮއްޔެއަށް ވުރެ މޮޅަށް ރަށްރަށު ދަރީންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު މި ސަރުކާރުން ހުޅުވާލަ ދިނީތީވެ ތިހިރަ ހަސަދަ ބާލާވަރެއް ދޯއެވެ. ރަށްރަށުގައި ހޮސްޕިޓަލްތައް ތަރައްގީ ކުރެވި އަތްގާޑިޔަލުގައި ބަލިމީހުން އުފުއްލި އުފުއްލުމަށް މި ސަރުކާރުން ހައްލު ހޯދައި ދިނީމާ ތިޔަހަރަ އަރާ ރުޅިޔެއްދޯއެވެ.

    ރަށުމީހާ ތާރުއެޅި މަގުގައި ފައިޖައްސާތީވެ ދެލޯމުދުނަށް އަރައިގެން ނުތެޅި މި އުޅެނީ ތިމާގެ ބޭފުޅާޔަށް ބޮޑުވަޒީރުކަން ހޯދައިދޭން ނިޒާމު ބަދަލު ނުކުރެވިގެންނޭ ގޮވިނަމަ އެހެން މީހުންވެސް އެވާހަކަ ގަބޫލުކޮށްފީހެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ބަރުލަމާނީ ގެނެވުނަސް ދެންމިހާރު ތިޔަ އުޅުއްވާ އައްޗިފާޑުން ތިޔަ ބުނާ މީހަކަށް ބޮޑުވަޒީރުކަން ދޭންވެސް ތިޔަ އުޅޭ މަދުމީހުން ކޮޅުމެނުވީ ތާއީދެއް ނުކުރާނެކަން ޔަގީނެވެ.

    ]]>
    Sun, 27 Nov 2022 01:25:02 +0500 ހީރަސް
    ބަޖެޓް ބަހުސް 2022 https://heerasnews.com/728 https://heerasnews.com/728

    ]]>
    Thu, 24 Nov 2022 12:55:34 +0500 ހީރަސް
    ފައިނު އާދަނަށް: އަރާއިން ގޮނޑިން ވެއްޓި ދަތްދޮޅި ފެޅިދާނެ! https://heerasnews.com/702 https://heerasnews.com/702 އެމްޑީޕީގައި ހުރި ހިއްވަރަކާ ނެތް ހިއްވަރެއް ފައިނު އާދަނަކަށް ނޭނގޭނެއެވެ. އެމްޑީޕީން ކަންކުރާނެ ގޮތަކާ ކުރަންވީ ގޮތެއްވެސް އެގެން ޖެހެނީ ޕީޕީއެމަކަށް ނޫނެވެ. އެމްޑީޕީގެ ރައީސް މަޖިލީހުގެ ރައީސްކަމުން ވަކި ކޮށްގެން އެމްޑީޕީ ބައިބައިވާތަން ދެކެން ތިޔަ ތިބީ ކެތްމަދު ވެފައިކަން މާކުރިންވެސް އެނގެއެވެ. ރައީސް މައުމޫނަށް ޔާމީނު ދިން ކަހަލަ ކެއްސެއް ރައީސް ނަޝީދަށް ރައީސް ސާލިހު ދެއްވަފާނެ ކަމަށް ހީކުރުމަކީ ތިޔަ ބައިގަނޑު ސިޔާސީ ކަންކަމަށް ކުފޫ ހަމަ ނުވާކަން އެނގިގެން ދިޔަ ކަމެކެވެ.

    އާދަނާއެވެ. އެމްޑީޕީގެ އެތެރޭގައި ހިނގާ ސިޔާސީ ބަހުސް ހިނގާނީ ސިއްރަކުން ނޫނެވެ. ވަރަށް ފާޅުގައެވެ. އެއްވެސް މީހަކީ އެމްޑީޕީގައި އާއްމު މެންބަރުންނަށް ވުރެ ބާރުގަދަ މީހެއް ނޫނެވެ. ސިޔާސީ ގޮތުން ކަންކަން ނިންމުމުގައި އެމްޑީޕީ އަބަދުމެ އިސް ކުރާނީ ޕާޓީގެ މަސްލަހަތެވެ. ސިޔާސީ ގޮތުން އެމްޑީޕީއަށް އެންމެ މަސްލަހަތު ބޮޑު ގޮތަކީ ވަކި މީހަކު ވަކި ކަމަކުން ދުރުކުރުން ކަމަށް ވަންޏާ އެ މީހަކު އެކަމަކުން ދުރު ކުރާކަށް އެމްޑީޕީ ޖެހެލުމެއް ނުވާނެއެވެ.

    އެމްޑީޕީގައި އަޅުންގެ އަޅުންނެއް ނޫޅެއެވެ. ކޮންމެ މީހަކަށް ވެސް ވާދަކޮށް ކާމިޔާބު ކޮށްގެން އެ މީހަކު ހުންނަން ބޭނުން ހިސާބަކަށް ދިޔުމަށް މަސައްކަތް ކުރުމުގެ ޖާގަ އެމްޑީޕީގައި އޮވެއެވެ. ރިޔާސީ ޓިކެޓް ހޯދާ ހިތުން ބަނޑުކެނޑިފައި ތިބި އެކަކަށް ވެސް ޔާމީނާ ވާދަކޮށްލަން ޕީޕީއެމުގައި ޖާގަ ނެތަސް އެމްޑީޕީގައި އެ ޖާގަ އޮތީ ތައްމިނަށް ހުޅުވިފައެވެ. ބަލިވާ މީހަކު ބަލި ގަބޫލުކޮށް ކާމިޔާބު ކުރާ މީހަކާ އެކުގައި މަސައްކަތް ކުރުމުގެ ކެރުންތެރިކަން އެމްޑީޕީ މެންބަރުންގެ ހުރެއެވެ.

    އިންތިހާބީ ވާދައިގާ އެއް ބަޔަކު އަނެއް ބަޔަކަށް ބަސް ރައްދު ކުރުމަކީ އެމްޑީޕީގައި އައުކަމެއް ނޫނެވެ. އަމްދުން ރައީސް ސާލިހަކީ މީހުންނާ  ގުޅިގެން އެކު އުޅުއްވަން ދެނެވަޑައިގަންނަވާ އެމްޑީޕީގެ އެއް ބާނީއެވެ. އާދަނުމެން އެދޭހާ ގޮތަކަށް ޖަޒްބާތުގެ ފިޔަވަޅުތައް އަޅުއްވާ އެމްޑީޕީއަށް ކުޑަވެސް ގެއްލުމެއް ލިބޭނެ ކަމެއް ރައީސް ވިޔަކަ ނުދެއްވާނެއެވެ. އިސް ކުރައްވާނީ ހިކުމަތްތެރި ކަމެވެ.

    އެހެން ނޫނަސް ރައީސް ނަޝީދުގެ ނޯކޮންފިޑެންސް ނަގައިގެން މަޖިލިސްގެ ރައީސްކަން ހުސް ވިޔަސް އޮޅިގެން ވެސް ފައިނު އާދަނަށް އެ ގޮނޑިއަކު އިނދެ ވޭނީއެއް ނޫނެވެ. ޕީޕީއެމް އެދޭ ގޮތަކަށް މަޖިލީހުން ކަމެއް ފާސް ކުރެވޭނީ އެއްވެސް ނޫނެވެ. ލިބުނު މޮޅައިގެން މުސާރަކާލަ ކާލާ ތިޔަ އިންތާކު ފަސް އަހަރު ވަންދެން އިނދެވޭތޯ ބަލާ ބަލާށެވެ. ކުކުޅަށް ވުރެ ބިސް ދޮށިވެގެން އުޅެންޏާ ތިޔައިން ގޮނޑި ގަޑުންވެއްޓި ދަތްދޮޅި ފަޅައިގެން ހިނގާދާނެއެވެ. އޭރަކުން ތިޔަހެން ކޯ ތަޅުވާކަށް ނުހުރެވޭނެއެވެ.

    ]]>
    Wed, 16 Nov 2022 23:04:14 +0500 ހީރަސް
    ރީތި ޗަރުކޭހެއް އައްޑޫން ޔާމީނަށް ދައްކާލާނެ! https://heerasnews.com/666 https://heerasnews.com/666 ކުކުޅަކީ އެންމެ ބިހެއް އެޅޭ އިރަށް ވަރަކަށް ހޭރޭ އެއްޗެކެވެ. އަމްދުން އައު ކުކުޅަކަށް ގައު ބިހެއް އެޅުނަސް ލައްކަ ގޮވާނެތާއެވެ. ހިޔަ ދޮޅިއްސަ އެޅުނަސް ވެލައެއް ކުކުރާ ނުލައެވެ.

    ޔާމީނަށް މި އުޅެނީ އައު ކުކުޅަކަށް ގައުބިހެއް އެޅިގެން އުޅޭ ގޮތް ވެގެނެވެ. މި ވީހާތައް ދުވަހު ޔާމީނަށް އައްޑޫ ފަންސާހަކަށް މީހުން ވެސް މަރުހަބާ ކިޔާލަން ދިއީއެއް ނޫނެވެ. މި ފަހަރު ދެތިން ސަތޭކައެއްހާ މީހުން އައްޑޫން ޔާމީނަށް މަރުހަބާ ކިޔަން ދިއުމުން އެ އުޅެނީ ދަތްމައްޗަށް ތުން ނާރައިގެނެވެ.

    ރަންކޮޅާއެވެ. ތިޔަ އުޅެވެނީ އަދި ހުވަފެނެއްގައެވެ. ސިޔާސީ ގޮތުން އައްޑޫ މީހުން ތިބީ ތަސައްރަފު ފުދިފައެވެ. އައްޑޫ ސިޓީ ބީވެގެން ދިޔަ ބަޔަކާ ނުދާ ބައެއް ނިންމަން ޔާމީނޫ އަދި މާ އަވަހެވެ. ކަނު ހަސަނަށް އަމާ ދެއްކިހެން ޔާމީނަށް އައްޑޫ ފެނި ތިޔަ ހުރީ ރައީސް އޮފީހުގައޭ ހީވަނީ ހެއްޔެވެ. އެމްޑީޕީގެ ރައީސޭ ތިޔަ ބުނީ އެމްޑީޕީގެ އިސްލީޑަރޭ ބުނަން ނުކެރިގެން ކަން އެނގެއެވެ.

    އިއްޒަތްތެރި މެންބަރ ނިހާދު ވިދާޅުވާހެން ތިޔަ ހުރީ އައްޑުއަށް ދެވުނު މޮޔަ ހިތައް އަރާފައި ނޫން ހެއްޔެވެ. އައްޑޫގައި މި ސަރުކާރުން ހިންގާ މަޝްރޫއުތައް ފެނި ސޮނިވެއްޓި ދެމިއަ ކަނުން ޗޯ ފައިބަ ފައިބާ ނޫން ހެއްޔެވެ. ގަންނާ ކުރެއްވި ލަދުން ކިޔާނޭ އެއްޗެއް ނޭނގިގެން ތިޔަ ދެއްކީކީ ކުޑަ ކުއްޖަކު ވެސް ގަބޫލު ކުރާނެ ޒާތުގެ ވާހަކައެއް ނޫނެވެ.

    2018 ގައި އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީ ބޭއްވިޔަ ނުދީ ފުލުހުން ފޮނުވައިގެން ވޯޓި ފޮށިތައް ވަގަން ނެގުވީ ތިޔަ ދޮގުވެރިޔާއެވެ. ބާލިދީއާއި އުވަގަށާ މެޝިނަށް ވޯޓު އަޅައިގެން ވެސް އެމްޑީޕީ ފަހުލަވާނުން އިންތިހާބު ބާއްވާނެއެވެ. ތިޔަ ކަހަލަ ޖައްބާރު ވެރިން ދައްކާހާ ބިރަކަށް އެ މީހުން ނުސިހޭނެއެވެ. އެމްޑީޕީގެ އިންތިހާބެއްގައި ވޯޓު ނުގުނިގެން ފުލުހުން ގެންނާކަށް އެމްޑީޕީއަކަށް ނުޖެހޭނެއެވެ.

    ތިމަންނާ ފުލުހުން ފޮނުވީ ވޯޓުގުނާ ދޭށޭ ބުނެ އަނގަފުޅާ ކުރީމާ އެ ވާހަކަ ގޭ ސޮރު ރުބޭލު ވެސް ގަބޫލު ނުކުރާނެއެވެ. ޔާމީނު އެ ދުވަހު ދިން އަނިޔާ ތަހައްމަލު އެންމެ ބޮޑަށް ކުރި އެއް ބަޔަކީ އައްޑޫ ރައްޔިތުންނެވެ. މިއަދު ނިކުމެ އައްޑޫ ރައްޔިތުންނަށާއި އަނިޔާ ލިބުނު އެންމެންނަށް ތިޔަ ކުރީ ފުރައްސާރައެވެ. މަޖަލެއް ނޫނެވެ. އަދި ޖޯކެއްވެސް ނޫނެވެ. ކަރުދާހުގައި ނަން އޮތިއްޔާ ރީތި ޗަރުކޭހެއް އައްޑޫން ޔާމީނަށް ދައްކާލާނެއެވެ.

    ]]>
    Mon, 07 Nov 2022 23:49:30 +0500 ހީރަސް
    މުއިއްޒުމެން އެތިބީ ޔާމީނު ޖަލަށްލުން ލަސްވެފަ! https://heerasnews.com/657 https://heerasnews.com/657 ޔާމީނު ބިރުން ތުރުތުރު އަޅަނީއެވެ. ދެފައި އެއްތާ ނުޖަހާ ދުވެ ނަގަނީއެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަން އެނގި މޮޔަވެސް ގޮވަނީއެވެ. ވޯޓު ކަރުދާހުގައި ޔާމީނުގެ ނަން ނޯންނާނެ ކަން ކަށަވަރުވެ ދެއްކޭ ނުދެއްކޭ ވާހަކަވެސް ނޭނގެއެވެ.

    ޔާމީނަކީ މާ ބިޔަ ބިލާދަރު އިދިކޮޅު ލީޑަރެކޯލައެވެ. މި ޔާމީނަކު މި އުޅެނީކީ މި ރާއްޖޭގައި އޮންނަ އިންތިހާބެއްގައި ވާދަކުރާކަށް ނޫނެވެ. ދުނިޔޭގައި މީހަކު ދުވަހަކު އަދި ނުކުރާ އާވައްތަރެއްގެ އިންތިހާބެއްގައި މި ކަލޭގެ ވާދަ ކުރަން އުޅޭ ކަހަލައެވެ. ޔާމީނު އިންޑިއާ އާ ވާދަކުރަން މި އުޅެނީ ކޮންތާކު ބާއްވާ ކޮން އިންތިހާބެއްގައި ހެއްޔެވެ. އިންޑިއާ އެއްވެސް ކަމެއްގައި ޔާމީނާ ވާދަކުރަން އުޅޭކަން ދެނަހުރި މީހަކު އުޑުދަށުގައި ނެތެވެ.  

    މިހާރު އިންޑިއާ އައުޓް ކޮށް ނިމިއްޖެއެވެ. މިހާރު އޮތީ އިންޑިއާ އާ ވާދަކުރުން ކަމަށް ވެއްޖެއެވެ. ބޮލު ރޮދި ކެނޑިައި ހުރިވަރު ނިކަން ދެކެ ބަލާށެވެ. ޔާމީނު ވާދަ ކުރަން ޖެހެނީ އަވަށްޓެރި އިންޑިއާއާއި ކަމަށް އޭނާ އެބަ ބުނެއެވެ. ޔާމީނު އެ ބުނާ އިންތިހާބެއްގައި އިންޑިއާގެ މައްޗަށް ޔާމީނު ކުރި ހޯދާނެ ކަމަށް ވެސް އެބަ ބުނެއެވެ. ތިޔަހެންނަކުން ނުވާނެއެވެ. އިންޑިއާ ޔާމީނާ ކަމެއްގައި ވާދަކުރަން ނިކުމެއްޖެއްޔާ ޔާމީނު އޮންނާނީ ފޭރާ ބުޑުގައި ގިއްގެޅެފައި ނޫން ހެއްޔެވެ. 

    ވެގެން މިއުޅެނީ އެހެން ގޮތެކެވެ. ރާއްޖޭގައި 2023 ގައި އޮންނަ ރިޔާސީ އިންތިހާބު ޔާމީނަށް ގެއްލޭތަން ފެނި މޭ ކަރައިގަނެގެން އިންޑިއާއޭ ދަށްގޮހޮރޭ ކިޔެނީއެވެ. ރައީސް ސޯލިހު ރައްޔިތުންގެ ކުރިމަތީގައި މަގުބޫލުކަން ބޮޑުކަމުން ދަމާނެ ހާސަރެއް އެހެން ނެތީ ތާއެވެ. އިންޑިއާގެ ދީލަތި އެހީތެރި ކަމާއެކު ރާއްޖޭގެ ރަށްރަށުގައި ފަތުއަޑު ކިޔާފައި ރައީސް ސޯލިހު ތަރައްގީގެ މަޝްރޫއުތައް ހިންގަވާތީ އިންޑިއާ ދެކެ ތިޔަ ހުރެ އަރަނީ މާ ރުޅިއެކެވެ.

    ޔާމީނު ރާއްޖޭގެ ވެރިކަމަށް އައުމަށް ޗައިނާއިން ވެސް އެއްބާރު ލުމެއް ނުދިން ނޫން ހެއްޔެވެ. ސައުދީ ޕްރިންސް މުހައްމަދު ވެސް އަޅައެއް ނުލިދޯއެވެ. ދުނިޔެ ތާކު ގާތް ގުޅުމެއް އޮތް އެހެން ބަޔަކު ތިބީއެއް ނޫނެވެ. ވާނީ ވެސް އެހެންތާ އެވެ. ބަޔަކަށް ވިއްޔާ ދޯކާ ނޫނީ ދިނީއެއް ނޫނެވެ. ޕްރިންސް މުހައްމަދު އަތުން ބިލިޔަނުން ޑޮލަރު ހޯދާފައި ފ. އަތޮޅު ވެސް ހޯދާ ދެވުނީއެއް ނޫނެވެ. ޗައިނާއަށް ދިންހާ ދޯކާގެ ވާހަކަ ރަނގަޅު ވަނީ ނުދެއްކިއްޔާއެވެ. ރާއްޖޭގައި ވެސް ކެހި ނުދޭ ވިޔަފާރި ވެރިއަކު ނެތެވެ. ޖާބިރެއް ޝިޔާމެއް ދެ ނާޒިމެއް އުއްޗުއެއް ކިޔާނެ ކަމެއް ނެތެވެ. ސިމްޑީއެއް ކުރަހާ ނަޖާހެއް އެމްވީކޭ ޝަފީގެއް އެކަމުގާ އިސްތިސްނާއެއް ނުވޭ ނޫން ހެއްޔެވެ.

    ފިސާރި ތެދެއް ބުނަން ހެއްޔެވެ. ވަށާ އެބުރޭ އަދުރޭއާއި ސައީދާ ގައްސާނު މެން އެތިބީ ދަނޑިވަޅު ބަލާށެވެ. ވަހީދާ މުއިއްޒު އެތިބީ ޔާމީނު ޖަލަށްލުން ލަސްވެފައެވެ. ޖަލު ގޮޅިތައް އެތިބެނީ ޔާމީނުގެ އިންތިޒާރު ގައެވެ. ހަސްނެތް ޔާމީނަށް ބަލިކުރެވޭނީ އިންޑިއާއެއް ނޫނެވެ. 

    ]]>
    Sat, 05 Nov 2022 18:23:46 +0500 ހީރަސް
    އޮޓޮޕްސީ ނުހެދުމަށްވުރެ ހެދުމުގެ ޒަރޫރަތް މާބޮޑު! https://heerasnews.com/632 https://heerasnews.com/632

    މަރެއްގެ ސަބަބު ހޯދަން އޮޓޮޕްސީ ހަދަން ވިޔަސް އެނގެނީ ކުރިން ފުލުހުންގެ ތެރޭގައި އުޅެފައި ނިކުންނަ މަރުދޮޅި އަކަށެވެ. ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހެއްގެ އޮޓޮޕްސީ ހަދަން ޖެހޭ ކަމަށް ނިންމުމުގެ ބާރު ނެޝަނަލް އިންޓަގްރިޓީ ކަމިޝަނަށް އޮންނަ ކަމަކަށް އޭނާ ނުދެކެއެވެ. 2012 ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެންމެ ބޮޑުޕާޓީގެ އެތައްހާސް ރައްޔިތުން ގައިގާ ތަޅާ ލޭ ކޮށާލުމުގައި އިސްކޮށް ހުރި މީހާއަށް އަނިޔާއަކީ މަރަކީ އޮޓޮޕްސީއަކީ ކޮން އެއްޗެއް ކަމެއް ނޭގޭނެއެވެ. އަމްދުން އިންޓަގްރިޓީ ކަމިޝަނަކީ އޮންނަން ޖެހޭ ތަނެއް ކަމަކަށް އެއްވެސް އިރަކު އޭނާ ގަބޫލެއް ނުކުރާނެ ތާއެވެ.

    އިންޓަގްރިޓީ ކަމިޝަނުން އޮޓޮޕްސީ ހަދަންޖެހޭ ކަމަށް ނިންމުމަކީ އޮޓޮޕްސީ ހެދުމަށްޓަކާ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ބޮޑު ކަތިވަޅި ހިފައިގެން ނިކުމެ އިންޓަގްރިޓީ ކޮމިޝަނުން މައްޔިތާ ފަޅާ ވާހަކައެއް ނޫނެވެ. ކޮންމެ ކަމެއްގައި ސިޔާސީ ފިތުނައެވެ. އެހެންނޫނީ ގަމާރު ވިޔަސް އެއީ ބޮޑުވަރެވެ.

    އޮޓަޕްސީ ހެދުމަށްޓަކާ ހޯދަންޖެހޭ ހުއްދަތައް ހޯދުމާއި އެ ކަމުގެ ހާއްސަ ބަޔަކު ހޯދައިގެން އެބަޔަކު ލައްވާ އެކަން ކުރަންޖެހޭ ގޮތަކަށް ކުރުމަކީ އޮޓަޕްސީ ހަދަންޖެހޭ ކަމަށް އިންޓަގްރިޓީ ކަމިޝަނަށް ނުނިންމެންވީ ސަބަބެއް ނޫނެވެ. ކޯޓު އަމުރަކާ ހަމަޔަށް ދާނީ ވެސް އެކަން ކުރަން ޖެހިއްޖެ ކަމަށް ބަޔަކު ނިންމައިގެން އެ އަސާސުގެ މަތީގައި ނޫން ހެއްޔެވެ. އަމުރު ދިނުމާ ނުދިނުން އެއީ ކޯޓުގެ ކަމެއް ތާއެވެ.

    ގދ.ހޯޑެއްދޫ އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށެވެ. އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ކުރާ ތަހުގީގަށް އޮޓޮޕްސީ މުހިންމެވެ. އޭނާ ނިޔާވީ ހާޓުއެޓޭކެއް ޖެހިގެން ފަރުވާ ނުލިބި ލަސްވުމުންކަން ސާފުވާ ކަމަށް މިހާރު އާއިލާއިން ބުނެ ޕޯސްޓްމޯޓަމް ހެދުމުގެ ޒަރޫރަތެއް ނެތްކަމަށް ބުނުމުގެ ނިޔަތާމެދު ސުވާލު އުފެދެއެވެ. ފުލުހުންގެ މުއައްސަސާއަށް ތުހުމަތުކޮށް އާއިލާއާއި އިދިކޮޅު ސިޔާސީ ފަރާތް ތަކުން ދައްކާފައިވާ ވާހަކަ ތަކުން ޕޯސްޓްމޯޓަމް ނުހަދާ ހަށިގަނޑު ހޯދަން އުޅުމުގައި ހެޔޮ ނިޔަތް ނެތްކަން ވަރަށް ސާފެވެ. އެހެން ކަމުން ސުވާލެއް ނެތް ވަރަށް މައްސަލަ ތަހުގީގުކޮށް އިހުމާލުވާ ބަޔަކަށް ޝަރީއަތް ހިންގުމަށް އޮޓޮޕްސީ ހެދުމުގެ ޒަރޫރަތް މާ ބޮޑެވެ.

    ]]>
    Sat, 29 Oct 2022 22:34:00 +0500 ހީރަސް
    ދޮގު އިލްޒާމުތަކަށް ފެނަކައިގެ ރައްދު https://heerasnews.com/622 https://heerasnews.com/622

    ފެނަކަ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ދެކެ ބައެއް ސިޔާސީވެރިން ގަންނަނީ ހާދަބިރެކެވެ. ފެނަކައިގެ އެމްޑީ އަހުމަދު ސައީދު މުހައްމަދުއަކީ ވަޓްސްއެޕް ގްރޫޕެއް ހައްދަވައިގެން މަޖިލިސް މެންބަރުންނާ ދިމާކުރައްވާ ވަރަށް ވުރެ ހަންބޯ ބޭފުޅެކެވެ. ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވި ކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ.

    ވުޖޫދުވެސް ނުވާ ވަޓްސަޕް ގްރޫޕަކާ ހަވާލާދީ ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރާއިރު ސައީދަކީ އެއްވެސް ޕްލެޓްފޯމެއްގައި މީސް މީހުނަށް ނުފޫޒު ފޯރުއްވައިގެން ކަމެއް ހާސިލު ކުރައްވާ ބޭފުޅެއް ނޫނެވެ. އަދި ކުރައްވާނެ ބޭފުޅެއް ވެސް ނޫނެވެ. ސައީދަކީ ވަޒީރެއް މަޖިލިސް މެންބަރެއް ކީއްކުރަން ހެއްޔެވެ. އަރިހުގައި ވަޒީފާ އަދާކުރާ މުއައްޒަފަކަށް ވެސް ނުފޫޒެއް ފޯރުއްވަވާ ބޭފުޅެއް ނޫނެވެ. އެ ކަމަށް ހެކިވަނީ ފެނަކަ ޓީމުގައި ހިމެނޭ އެތައް ސަތޭކަ މުއައްޒަފުންނެވެ.    

    ފެނަކައަކީ ވަޒީފާ ދިނުމުގައްޔާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެއްވެސް ސިޔާސީ ނުވަތަ ޒާތީ ނުފޫޒެއް ބާއްވައިގެން ހިންގާ ކުންފުންޏެއް ނޫނެވެ. ކުންފުނީގެ އެންމެހައި ކަންކަން ރޭވި ބައްޓަންކުރެވިފައިވަނީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތަށް ހަމަހަމަ ކަމާއެކު ފޯރުކޮށް ދިނުމުގެ މައްޗަށެވެ. ރައީސް ސާލިހު ސަރުކާރުން އެކަށަ އަޅާފައިވާ ދެފުށް ފެންނަ ތަފާތު ނުކުރުމުގެ ސިޔާސަތުގެ މަތީގައި ހާމަކަން ބޮޑުކޮށް ނޫނީ ފެނަކައިން އެއްވެސް ކަމެއް ނުކުރެއެވެ. އަދި ނުވެސް ކުރާނެއެވެ.

    ހަޤީޤަތެއް ނެތް ދޮގު ވާހަކަ ފަތުރައިގެން އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރގެ އަބުރު ނަގާލަން ކުރާ މަސައްކަތަކީ ބޭކާރު މަސައްކަތެކެވެ. ކުންފުންޏާއި ދޭތެރޭ އޮންނަ އިތުބާރާއި ކުންފުންޏާއި ދޭތެރޭ ރައްޔިތުން ދެކޭ ތަސައްވަރު ކިލަނބު ކޮށްލުމަށް ކުރެވޭ ކޮންމެ ކަމަކުން އެކަން ކުރާބައެއްގެ އަގުވެއްޓި އިތުބާރު ގެއްލުންނޫން ކަމެއް ނުވެއެވެ.

    ފެނަކަ ޓީމުގެ މެނޭޖިންގ ޑިރެކްޓަރަކީ ކުންފުންޏަށް ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދައި ދެއްވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިޚްލާސްތެރި މަސައްކަތް ކޮށްދެއްވަމުންދާ ބޭފުޅެކެވެ. ހަގީގަތެއް އަސާސެއް ނެތް ވާހަކަތައް ފަތުރަމުން ގެންދިޔުމަކީ އެ ކުންފުންޏާއި މުވައްޒަފުން ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ. އެހެން ފަތުރާ ވާހަކައަކާއި ގުޅިގެން ފެނަކަޓީމު ރޫޅާ ލައި ފެނައިން ދޭ އަސާސީ ހިދުމަތަކަށް ބުރޫ އަރުވައެއް ނުލެވޭނެއެވެ. މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ މައްޗަށް އޮންނަ އިތުބާރާ ލޯބި މުއައްޒަފުންނާއި އާއްމު ރައްޔިތުންގެ ހިތުގައި އިހުނަށް ވުރެ ވެސް ވަނީ ބޮޑެވެ.

    ހަގީގަތެއް ނެތް ދޮގު އިލްޒާމުތައް ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދޭ އެންމެހާއި ފަރާތްތަކުން ކުރާ ޒިންމާދާރުކަން ކުޑަ އަމަލުތައް ކުށްވެރިކޮށް ކަމުގެ ހަގީގަތް ސާފުކޮށް ދިނުމަށް ފެނަކަ ޓީމުން މިއަދު ބަޔާނެއް ނެރުނީ ހަގީގަތެއް ނެތް ވާހަކަ ނުފެތުރުމަށް ޢިލްތިމާސް ކުރަމުގެ ގޮތުންނެވެ.

    ]]>
    Wed, 26 Oct 2022 18:01:17 +0500 ހީރަސް