Maldives Real Time Facts & : އިޖްތިމާއީ https://heerasnews.com/rss/category/އިޖުތިމާއީ Maldives Real Time Facts & : އިޖްތިމާއީ dv ކޮޕީރައިޓް: Heerasnews llp (P013622021) ޖުޑިޝަރީން ބިމުގައިތިބެ ހަނދަށް ކުޅުޖަހަނީ!! https://heerasnews.com/2364 https://heerasnews.com/2364

ޝަރީއާތްތައް ލަސްކޮށް ދިގުދެއްމުމަށް ވަރަށް ފައްކާ ހުއްޖަތެއް ގާއިމު ވެއްޖެއެވެ. ތުހުމަތަށް ބަންދު ކުރަން ޖެހޭ މީހުން ދޫކޮށްލުމަށް ވެސް އެއީ ރަނގަޅު ހުއްޖަތެކެވެ. ބޭނުންވާ ބަޔެއްގެ ބަންދު ދަންމާ ލުމަށްވެސް އެ ހުއްޖަތް ފުދެއެވެ. 

ތެދެކެވެ. ސާބިތު ހުކުމެއްނެތި ބަންދުގައި ގިނަ ދުވަހު ތިބެން ޖެހޭ މައްސަލަ ހައްލުވާނީ ޝަރީއަތް ކުރާނެ ތަންތަން ފަނޑިޔާރުންނަށް ދައްކައިދީގެންނެވެ. ޝަރީއަތްތައް އަވަސް ކުރެވޭނެ ގޮތް ފަހިކޮށްދީގެންނެވެ. 

ޝަރީއަތް ކުރާނެ ތަންތަން ނެތުމުގެ ބަހަނާގައި ޝަރީއަތްތައް ނުހިންގާ ބޭއްވިދާނެއެވެ. ތަންތަން ހުއްޓަސް ނެތަސް ފަނޑިޔާރުންގެ ލަސްކުރުމުގެ މަސްލަހަތުނެތް ނުފޫޒެއް ނެތް މައްސަލަތައް ވަރަށް އަވަހަށް ވަރަށް އިންސާފުން ނިންމާފައި އެބަހުއްޓެވެ. ގޮތްގޮތަށް ފުރޮޅި އެގޮތް މިގޮތްވެ ލަސްވެ ފަސްވާ ގިނަ މައްސަލަ ތަކުގެ ފަހަތުގައި އެކިޒާތުގެ މަސްލަހަތާއި ނުފޫޒު އޮންނަކަމީ ދޮގުނުކުރެވޭނެ ހަގީގަތެކެވެ.

މައްސަލަތައް ފަސްކޮށް ލަސްކުރުމުގެ ފަހަތުގައި ވަކީލުންގެ ދައުރު ބޮޑެވެ. އެއްފަހަރާ އެތައް މައްސަލައެއް ނަގައިގެން މައްސަލަތައް ފުށުއަރައިގެން ޝަރީއަތުގެ މަޖިލިސްތައް ކެންސަލްކުރަން ޖެހިފައިހުރީކީ މަދެއް ސުމާރެއްކޮށް ނޫނެވެ. ފުރިހަމަ ކުރަންޖެހޭ އިޖުރާތުތައް އަތްގުޅިނުކާ ވަރަށް ބޮޑުވެގެން އިދާރީ ސަބަބުތަކާހެދި މައްސަލަތައް ހުއްޓި ގާވެފައި ހުރީވެސް މަދެއްކޮށް ނޫނެވެ.

މައްސަލައެއް ނުނިމި ދިގުލައިގެން ދިޔުމުން އޭގެ ގެއްލުން ލިބެނީ ކޮން ބަޔަކަށް ކިހާވަރަކަށް ކަމެއް ނުބެލެއެވެ. ނުނިމިއޮތް މައްސަލައާއި ސިދާގޮތުންނާ ނުސީދާ ގޮތުން ގުޅިފައިވާ ކަންކަމާއި އޭގެ ނަތީޖާއަށް އެއްވެސް މީހަކު ފިކުރެއް ނުހިންގައެވެ. ތަންތަން ނެތިގެން ޝަރީއަތްތައް ނުހިންގެނީކަމަށް ބުނެ ބޮލުން ކަނޑާލީމާ ނިމުނީއެވެ. 

ވަސީލަތްތައް ދައުލަތުން ޝަރީއަތަށް ހޯދައިނުދީ ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުންމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި ރޮނގު އެޅުމަށް ވެއްޖެއެވެ. ބިންމަތީގައި ހުރެގެން ހަނދުވަރު ދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއްކަމަށް ޝަރީއަތުން ސިފަކޮށްފިއެވެ. 

ޝަރީއަތް ކުރާނެ ތަންތަން ހޯދަން ޖުޑިޝަރީން އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ޝަރީއަތް ކުރާނެ ތަންތަން ނުލިބިއެއް ނުހުންނާނެއެވެ. ދަމަކުން ބަޑިއެއް ޖަހާހެން ސިޓީއެއް ފޮނުވާލުމަކުން އެކަމާ އުޅެވުނު ކަމަކަށް ނުވާނެއެވެ. ޖުޑިޝަރީގައި އޮތް ނެގިމަޑުވުން އެހެން މުއައްސަސާ ތަކުގައިވެސް އޮންނާނެއެވެ. ވީއިރަކުން ކުރަން ދީގެން ތިބިއްޔާ ވާނީ ވީއިރަކުންނެވެ. އެންމެ މަހެއްގެ މުސާރަ ލަސްވެލިޔަސް އެ ހޯދަން ނޫޅެ ވީއިރަކުން ވާން ދޫކޮށް ލައިގެން ތިބެވިދާނެ ހެއްޔެވެ. ނުތިބެވޭނެއެވެ. ނުވެސް ތިބޭނެއެވެ. 

ޝަރީއަތް ކުރާނެ ތަންތަން ނެތީ ޖުޑިޝަރީން ހޯދަން ނޫޅޭތީއެވެ. ޝަރީއަތްތައް ލަސްވެ ފަސްވުމުގެ ސަބަބަކަށް ޝަރީއަތް ކުރާނެ ތަންތަން ނެތުން ހެދުމަކީ ބަހަނާއެކެވެ. ގައިރު ޒިންމާދާރު ކަމެވެ.

ޖުޑިޝަރީއަކީ ވަރަށް މައުސޫމް، ވަކިފަރާތަކަށް ނުޖެހޭ އަދި ނުފޫޒުން މިނިވަން ބައެއް ކަމަށް ދެއްކެން އުޅުމަކީ ޑރ. ޖަމީލު ވިދާޅުވާހެން ބިންމަތީގައި ތިބެގެން ހަނދަށް ކުޅު ޖަހަން އުޅުން ކަހަލަ ކަމެކެވެ.

]]>
Fri, 29 Mar 2024 21:00:23 +0500 ހީރަސްނިއުސް
ދޮންއަމަޔަކާ ނުބެހެވޭނެ! https://heerasnews.com/2264 https://heerasnews.com/2264 އިންޓަނެޓް މެދުވެރިކޮށް ޝާއިއުކުރާ ކޮންމެ ވެބްސައިޓަކީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންޑޭޓުގައި ހިމެނޭ ސައިޓެއް ކަމަށް ބަލައިގެން އުސޫލު ހަދާ އެސައިޓް ތަކަށް ފިޔަވަޅު އަޅަން ވިސްނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ދިވެހި ބަހުން ޝާއިއުކުރާ ކޮންމެ ވެބްސައީޓަކީ ރާއްޖޭގައި ޝާއިއުކުރާ ނޫހެއް މީޑިއާއެއް ކަމަށް ބެލެނީ ކޮން ހަމައަކުން ހެއްޔެވެ. 

ރާއްޖޭގެ މީޑިއާ ކައުންސިލަށް ރެގިއުލޭޓް ކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކެވެ. މީޑިއާ ކައުންސިލްގެ ގާނޫނު ހިގާނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާ ތަކަށެވެ. މީޑިއާ ކައުންސިލްގެ ކޯޑް އޮފް އެތިކްސަށް ތަބާވާން ޖެހޭނީ އެ އެތިކްސަށް ތަބާވުމަށް އިގްރާރުވެފައިވާ މީޑިއާތަކެވެ.

އިސްލާމު ދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެ މަތީން ކޮންމެ މީހަކަށްވެސް ގާނޫނުއަސާސީ ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކެއް އެބައޮތެވެ. އެގޮތުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވެއެވެ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދީފައިވެއެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަން ގާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ހޯދާ ދީފައިވެއެވެ.

އެހެން ކަމުން ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ވާނަމައެވެ. އެ ގޮތަށްވެސް އަސާސީ ހައްގެއް ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. އެފަދަ ގާނޫނަކުންވެސް ހައްގެއް ހިފަހައްޓާ ހަނިކުރެވޭނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައު ތަކުގައި އެ ހައްގެއް ހަނިކުރެވޭ އެންމެ ކުޑަ މިންވަރަށެވެ. މިއީ ގާނޫނު ދަންނަގޮތެވެ.

މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަންކަން އެ ގާނޫނުގައި ބަޔާން ކޮށްފައި އެބަހުއްޓެވެ. ފިޔަވަޅު އެޅޭނީ ކޮންކޮން ބަޔަކަށް ކިހިނެތްކަން ސާފުކޮށް އެބައޮތެވެ. މީޑީއާ ތަކުގެ ކޮންޓެންޓާއި ވައްޓަފާޅިއަކީ އެ މީޑިއާގެ އަމިއްލަ ހައްގެކެވެ. މީޑިއާތަކުން ގެނެސްދޭން ޖެހޭ ތަކެއްޗާއި ގެނަސް ދޭންޖެހޭ ގޮތަކީ މީޑިއާ ކައުންސިލާ ވެސް ބެހުމެއް އޮތްކަމެއް ނޫނެވެ. މީޑިއާއަކުން ގެނެސްދޭ އެއްޗެއްގެ ދޮގުތެދު ކަނޑައަޅާ މީޓަރަކީ ރައީސް އޮފީހެއް ނޫނެވެ. 

އަނެއް ކޮޅުން ގާނޫނު އަސާސީގައި ހިލާފު ނުވުމަށް ބުނާ އިސްލާމު ދީނުގެ އަސްލު ތަކަކީ ކޮބައިކަން ގާނޫނެއްގައި ކަނޑައަޅާ ބަޔާން ކޮށްފައެއް ނެތެވެ. އިސްލާމު ދީނުގެ އަސްލު ކަމުގައި މީހަކު މާނަކުރާ ކޮންމެ ކަމަކީ އަސްލެއް ކަމަށް ބަލައިގެން އޭގެ ދަށުން ވެސް މީޑިއާ ތަކަށް ފިޔަވަޅެއް އެޅޭ ގޮތަކަށް ގާނޫނެއް އަދިއެއް ނެތެވެ. އިސްލާމު ދީނުގެ އަސްލެކޭ ބުނެ ދޮގުވާހަކަ ފަތުރާ ކަމަށް ހަދައިގެން އެއްވެސް މީޑިއާއަކަށް ފިޔަވަޅެއް އެޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.  

މީޑިއަކުން ގެނެސްދޭ އެއްޗެއްގެ ދޮގުތެދު ކަނޑައެޅޭނީ ޝަރީއަތް މެދުވެރިކޮށެވެ. ޝަރީއަތުގެ ހުކުމެއްނެތި މީޑިއާއަކުން ފެތުރީ ދޮގެއްކަމަށް ބެލެވޭނީ ކުރެވޭ މިނިވަން ތަހުގީަކަށް ފަހު އެއީ ދޮގެއްކަމަށް އެ މީޑިއާ އަކުން އެއްބަސްވާ ހާލަތެއްގައެވެ. އެގޮތަށް ވެސް ފިޔަވަޅު އެޅެނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާ ތަކަށެވެ.

ރަޖިސްޓްރީ ނުކުރާ އޮންލައިން ނޫހަކަށް ފިޔަވަޅު އެޅޭނީ ސެންސަރޝިޕް ގާނޫނެއްގެ ދަށުން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއަށެވެ. މީޑިއާ ކައުންސިލަކަށް ނޫނެވެ. ރައިސް އޮފީހުން ބުނާއިރަށް މީޑިއާ ކައުންސިލެއް ކަމަކު ދިޔަވަރެއް ކުރުސީއެއް ކިޔާނެ ކަމެއް ނެތެވެ. ދޮން އަމަޔަކާ ވެސް ނުބެހެވޭނެއެވެ.  

]]>
Thu, 15 Feb 2024 19:26:38 +0500 ހީރަސްނިއުސް
އޭސީސީއަށް މަޖިލީހުން ފިޔަވަޅު އަޅަންޖެހޭ https://heerasnews.com/2243 https://heerasnews.com/2243 ގެދޮރުވެރި ސްކީމުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން 15 ހާހަށް ވުރެ ގިނަ މީހުނަށް ފްލެޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އޮތީ ނިންމަވާފައެވެ. ހަމަ އެހެންމެ ގެދޮރުވެރި ސްކީމްގެ ދަށުން ފުރަތަމަ ދޫކުރަން ހަމަޖެހިފައިވާ 4000 ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އުސޫލު ކަނޑައަޅާ އޮތީ ނިމިފައެވެ. 

ގެދޮރުވެރި ސްކީމުގެ ފްލެޓްތައް ދޫކުރުމުގެ ވިސްނުން މިސަރުކާރުގައި ހުރިނަމަ ބަހަނާ ނުދައްކާ ފްލެޓް ލިބޭނެ ކަމަށް ގެޒެޓްކުރެވިފައިވާ 4ހާސް ފަރާތާއި ފްލެޓް ހަވާލުކުރާނެއެވެ. ނޫންނަމަ ފްލެޓް ދޭނެކަމަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވާ 15 ހާސް މީހުންގެ މެދުގައި ގުރުއަތު ލައިގެން 4000 ފަރާތް ހޮވާ ފްލެޓް ހަވާލު ކުރާނެއެވެ.

ވަކި ހަތަރުހާސް މީހެއްގެ ވާހަކަ ދައްކަނީ ސިޔާސީ ފިތުނައެއްގެ ގޮތުގައެވެ. ހަގީގަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަންޖެހޭނީ ގެދޮރުވެރި ސްކީމުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހަކު ޝަރުތު ހަމަވާ 15 ހަސް މީހުންގެ ތެރޭގައި ނުހިމެނި ދޫކޮށް ލެވިފައިވޭތޯއެވެ.

އެންޓި ކޮރަޕްޝަނުން ކުރާ ތަހުގީގެއްގައި ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކޮރަޕްޝަނުގެ އަމަލާމެދު ފިޔަވަޅު އަޅަން ޖެހޭގޮތް ގާނޫނު ތަކުގައި އެބަހުއްޓެވެ. ކައުންސިލަކުން ވެސް ސައްހަ ނޫން މައުލޫމާތެއްދީ ކޮރަޕްޝަންގެ އަމަލެއް ހިންގުމަކީ ހިނގާފާނެ ކަމެކެވެ. އެހެނެއް ކަމަކު ހުރިހާ ކައުންސިލުން އަމަލު ކުރަނީ ގޯސްކޮށް ކަމަށް ކަނޑައަޅާ ގޮތް ނިންމުމުގެ ބާރެއް އެންޓިކޮރަޕްޝަން ކަމިޝަނަކަށް ނުއޮންނާނެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ހުކުމް ކުރާބައެއް ނޫނެވެ.

ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކަކީ އެންޓި ކޮރަޕްޝަން ކަމިޝަން ފަދައިން ގާނޫނު އަސާސީން އުފައްދާފައިވާ މުއައްސަސާ ތަކެކެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކުގެ މެންބަރުންނަކީ ރައްޔިތުން އިންތިހާބުކޮށް ގާނޫނީ ހުވައެއް ކޮށްގެން ތިބޭ ބައެކެވެ. އެހެން ކަމުން ކައުންސިލް ތަކުގެ އިތުބާރު ގެއްލޭ ގޮތަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކުޑަވެސް ކަމެއް ކުރެވިގެން ނުވާނެއެވެ. 

ކައުންސިލް ތަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމަކީ ގައިރު ގާނޫނީ އެއްޗެއް ކަމަށް ކަނޑައެޅޭނީ ޝަރުއީ ކޯޓަކުންނެވެ. އެހެން ބަޔަކަށް އެބާރު ލިބިގެނެއް ނުވެއެވެ. އަމްދުން ކައުންސިލަކުން ދޫކުރާ ލިޔުމެއް ބަލައިނުގަނެގެން އެއްވެސް ރައްޔިތެއްގެ ހައްގަކަށް އުނިކަމެއް އަންނަ ނަމަ އެކަމެއް ޝަރީއަތުން ނޫނީ ނުނިންމޭނެއެވެ. 

ރަށްރަށުގެ ރަޖިސްޓްރީގައި ހިމެނޭ މިހުން ދިރިއުޅޭތަން އެންމެ ރަނގަޅަށް އެގެނީ އެ ސިޓީއެއް ނުވަތަ އެރަށެއްގެ ކައުންސިލަށެވެ. އެމީހުންގެ ހާލަތާއި ދިރިއުޅުމަށް އަންނަ ބަދަލުތައް ހޯދާ ދެނެގަނެވޭނެ އެންމެ ފަސޭހަ ކުރުމަގަކީވެސް ލޯކަލް ކައުންސިލެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން މީހެއްގެ ދިރިއުޅުމުގެ މައުލޫމާތު އެންމެ އިތުބާރާއި ސައްހަކަމާއެކު ހޯދޭނީ އެމީހަކު ނިސްބަތްވާ ސިޓީ ނުވަތަ ރަށު ކައުންސިލަކުންނެވެ. 

ކައުންސިލަކުން ދޫކޮށްފައިވާ ލިޔުމެއްގައި އޮތް މައުލޫމަތެއްގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެނަމަ އެ މައްސަލައެއް ވަކިން ތަހުގީގުކޮށް އެކަމާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅެއް އެޅުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ގޯސްކޮށް ކަމެއް ހިނގާފައިވާކަން ސާބިތުވުމުން ރެކަމަންޑޭޝަން ތަކެއް ދީފައި ދޫކޮށްލުމަކުން ވަޖިބު އަދާ ކުރެވުނީ ކަމަކަށް ނުވާނެއެވެ. ވަކި ކައުން ސިލަކުން ކޮސްފައިވަ ވަކި ކަމެއް ނުބުނެ ހުރިހާ ކައުންސިލަކުން ދޫކޮށްފައިވާ ހުރިހާ މައުލޫމާތުގެ ސައްހަ ކަމާމެދު ޝައްކުއުފައްދާ ކައުންސިލްތަކުގެ އިތުބާރު ކަނޑުވާލުމަކީ އެންޓި ކޮރަޕްޝަން ކަމިޝަނަށް އޮތް ހައްގެއް ނޫނެވެ. އެންޓިކޮރަޕްޝަން ކަމިޝަންގެ ގައިރު ޒިންމާދާރު ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާ ފިޔަވަޅު އަޅަން ޖެހެއެވެ.

]]>
Tue, 06 Feb 2024 16:14:55 +0500 ހީރަސްނިއުސް
ލޭބަރ ޔުނިއަން ފޭލިކޮށްލަން މަހުޖަނުން ކުރި ހިޔަޅުބުއްދި! https://heerasnews.com/2214 https://heerasnews.com/2214 ރާއްޖޭގައި އުޅޭ މަހުޖަނުން ރާއްޖެއަށް ހަދަން މިއުޅެނީ ކިހިނެއް ހެއްޔެވެ. ރާއްޖެއަކީ މަހުޖަނުންގެ އެކަނި ގައުމެއް ނޫނެވެ. ކޮންމެ ސަރުކާރެއް އުފެދިގެން އަންނައިރު ސަރުކާރުގެ ގޮހޮރު ފުލަށް އެރިގެން މުޅި ގައުމު ވަކި ހައެއްކަ މީހަކު މިއޮންނަނީ ދައުލަތް ހިސޯރުކޮށްފައެވެ. މަހުޖަނުން ބޭނުން ނޫން ގޮތަކަށް ދައުލަތުގެ އެއްވެސް ކަމެއް ނުހިންގޭ ވަރަށް ސަރުކާރު އޮންނަނީ މަހުޖަނުންގެ ދަށުލާފައެވެ. 

ރައްޔިތުންގެ ގިނަ ބައެއްގެ ނިކަމެތި ކަމުގެ ފައިދާ ނަގައިގެން ދައުލަތުގެ މުއްސަދިކަން ފޭރިގަނެގެން އުޅޭ މަދު ބައެއްގެ އުދަގޫ ނުފޯރާ ވެރިކަމެއް ރާއްޖެއަކަށް ނާދެއެވެ. ވަރަށް ބޮޑަށް ރޭވިގެން ހުރިހާ ސިޔާސީ ޕާޓީތަކެއް ވެސް އޮންނަނީ މަހުޖަނުން ހިސޯރުކޮށްފައެވެ. މަހުޖަނުންގެ އަތުން މަހު އެއްޗެތިކޮޅު ލިބޭ ވަޒީރު ބޭފުޅުން ސަރުކާރުތަކުގައި އަބަދުވެސް ތިބެއެވެ.

މަހުޖަނުން އަތުން ދައުލަތަށް ލީބޭ އެއްޗަކަށްވުރެ މާބޮޑު އެއްޗެއް މަހުޖަނުންނަށް ނުލިބޭ ގޮތަކަށް އުސޫލެއް ގަވައިދެއް ގާނޫނެއް ނޯވެއެވެ. ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި އެނޫންވެސް އެއްޗެތި ގަވައިދުން ދެއްކުމަކީ މަހުޖަނުންނަށް އޮންނަ ކަމެއް ނޫނެވެ. ދައްކަން ޖެހޭ އެއްޗެއް ދުވަސް ގަނޑެއް ވަންދެން ނުދައްކާ ބޭއްވުމަށް ފަހު އެ އެއްޗެއް ނުދައްކާ މާފު ކުރުވުމަކީ އާއްމު ކަމެކެވެ.

ދިވެހިންނަށް ރަނގަޅު ވަޒީފާއެއް ދީގެން އުޅެވޭވަރުގެ ބަޔަކަށް މަހުޖަނުން ވާކަމަކަށް ނުވެއެވެ. ރަނގަޅު އިނާޔަތަކާއި މުސާރައެއް ދިވެއްސަކަށް ދިނުމަކީ މުޅި ވިޔަފާރި ފުނޑި ބަގުރޫޓްވާ ކަމެއް ކަމަށް އެމީހުން ދެކެއެވެ. ކުޑަކުޑަ މުސާރައަކަށް ލޭބަރުން ގެނެސްގެން އެމީހުން ގާނައިގެން މަސައްކަތް ކުރުވުމަކީ މަހުޖަނުންގެ ސިފައެވެ. ބޭރުން ގެންނަ ލޭބަރުންނަކީ އިންސާނީ ކަރާމާތެއް ނެތް އަޅުން ތަކެކޭ އެއްވެސް ތަފާތެއް ގިނަ ތަންތާ ނުހުރެއެވެ. ކުޑަކުޑަ މުސާރައެއް ދީގެން ގުދަނެއްގައި މަތިމައްޗަށް ނިންދަވައިގެން ގުލާނު މަސައްކަތް ކުރެވެނިކޮށް މަހުޖަނުންނަށް ނިމުނީއެވެ.

ގޮތެއް ފޮތެއް ނެތް މިޒާތުގެ މަހުޖަނުންނަށް ރަނގަޅު ވާނީ ވަޒީފާދީގެން ގެންގުޅޭ މީހުންގެ %70 ޕަސެންޓް ކީއްކުރަން ހެއްޔެވެ. %90 ބޭރު މީހުނަށް ގެންގުޅޭ މުއައްޒަފުން ހެދުނިއްޔާއެވެ. ދިވެހީންނަކީ ކަންނެތް މަސައްކަތުގެ އަހުލާގު ނެތް ބައެއް ކަމަށް ދައްކައިގެން ވަޒީފާތަކަށް ބޭރު މީހުން ގެނެސްގެން ބޮޑު ފައިދާ ނެގެނިކޮށް އެމީހުނަށް ނިމުނީއެވެ.

ދިވެހި ސަގަފީ ކުޅިވަރުތައް ކުޅުމަށް ރިސޯޓް ތަކަށް ގެންނަންވެސް އެމީހުނަށް ރަނގަޅީ ބިދޭސީންނެވެ. ވޯކް ވިސާ ޖަހައި ދީގެން ގެނެސްފައި ރިސޯޓް ތަކުގައި ބައިތިއްބަން ކަމުދަނީވެސް ބިދޭސީ މިއުޒިޝަނުންނެވެ. ދިވެއްސަކަށް އެއްޗެއް ލިބިގެން ކަމަކު ނުދާނެއެވެ.

ރާއްޖޭގެ ކަންކަން މި ބީދައަށް ބައްޓަން ކޮށްގެން މުޅި ގައުމުގައި ހުރިހާ ކަމެއްގައި ބިދޭސީން ރުކުރުވާލައިގެން ތިބެ މިކިޔަނީ ރާއްޖޭގައި ދައުރުވާ ބޭރު ފައިސާ މިލިއަން މިލއަނުން ކޮންމެ ދުވަހަކުވެސް ބޭރުވާ ވާހަކައެވެ. ޑޮލަރު އަގުބޮޑުވާ ވާހަކައެވެ. ވިޔަފާރި ވެރިން މުދާގަތުމަށް ބޭނުންވާ ބޭރު ފައިސާ ބެންކްތަކުން ލިބެން ނުހުންނަވާހަކައެވެ. 

ވިޔަފާރި ވެރިންނާއެކު ނަގޫގޮށް ޖެހިފައި އޮންނަ އެއްވެސް ސަރުކާރަކަށް އާދައިގެ ރައްޔިތުން ބާރުވެރި ކުރެވޭ ކަމަކަށް ނުވާނެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރު ގިނަ ރިސޯޓްތަކެއް ރާއްޖޭގައި ހުއްޓަސް އާއްމު ރައްޔިތުންގެ ގިނަބަޔަކަށް ލިބޭ އުފަލެއް އެކަމަކުންނެތެވެ. މަސައްކަތްތެރިންގެ ޔުނިއަން ހިގައިގަތުމުގެ ކުރީން ދިވެހި މަސައްކަތްތެރިން މަދުކޮށްލުމުގެ ހިޔަޅު ބުއްދި މަހުޖަނުން ކުރިލެއް ކިހާ މޮޅު ހެއްޔެވެ.

]]>
Thu, 25 Jan 2024 04:30:40 +0500 ހީރަސްނިއުސް
އާބަން ސެންޓަރ ދިރާސާ ކުރާނަމުގާ ޖީބު ފުރަނީ! https://heerasnews.com/2205 https://heerasnews.com/2205 އާބަން ސަރަހައްދު ތަކެއް ހެދުމަށް ދިރަސާ ކުރުމަށް ވުރެ ކުރަން މާ މުހިންމު ކަންތައް އެބަހުއްޓެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ފަށާފައިވާ އަސާސީ ހިދުމަތއް ގާއިމު ކުރުން މިހާރުން މިހާރަށް މާ މުހިންމެވެ. މާލޭގައި ދިރިއުޅޭ މީހުނަށް ގޯތިދޭން ނިންމާފައިވާ ހުޅުމާލޭ ފޭސް ތިނަކާއި ގުޅީފަޅާއި ގިރާވަރުފަޅާ އުތުރުތިލަފަޅު އަވަހަށް ނިންމާ އެތަންތާ މީހުންނަށް ދިރިއުޅެވޭނެ ގޮތް ހަދާދިނުން މާ މުހިންމެވެ. އެހެން ކަންކަމަށް މިވަގުތު ދައުލަތުން ފައިސާ ހޭދަ ކުރުމަށްވުރެ ރައްޔިތުންނަށް ފައިދާ ބޮޑުވާނީ އެގޮތެވެ. ސިޔާސީ ގޮތުން ސަރުކާރަށް ވެސް އެންމެ ފައިދާ ބޮޑުވާނީ އެގޮތެވެ. 

މުއިއްޒު ސަރުކަރުން ބައެއްގެ ޖީބަށް ފައިސާ އޮހޭނެ އަނެއް ކަމެއް ފެށީއެވެ. ރާއްޖޭގެ އެކި ހިސާބުގައި އާބަން ސެންޓަރުތަކެއް ހެދުމަށް ދިރާސާ ކުރާނަމުގައެވެ. އާބަން އޭރިއާތައް ތަރައްގީ ކުރުމަކީ ރަނގަޅު ކަމެކެވެ. ކުރަންޖެހޭވެސް ކަމެކެވެ. އެހެން ނަމަވެސް މިއްޔަކީ އެވަގުތެއް ނޫނެވެ. އެކަމަށް ވުރެކުރިން ކުރަންޖެހޭ މާ މުހިންމު ކަންކަން ހުއްޓާ އެކަންކަން ނުކޮށް އާބަންސެންޓަރު ހަދަ ވާހަކަ ދައްކަނީ ދައުލަތުގެ ފައިސާ ކައްވާށެވެ. ދައުލަތުން އިސްރާފް ކުރާށެވެ.

ދުރު މުސްތަގުބަލަށް އާބަން އޭރިއާތައް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރީން ފަށާފައިވާ އަސާސީ މަސައްކަތްތައް ނިންމާލުމުން ވާރަނގަޅު މާ ބޮޑުވާނެއެވެ. ބައިމަދު ތަންތާ މީހުން ދިރިއުޅުވުމުގެ ވިސްނުން ނެތަސް އެތަންތާ މީހުން ދިރިއުޅޭހާ ދުވަހަކު އެމީހުނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިފައި އޮންނަން ޖެހެއެވެ. އެހެން ނޫނަސް ދައުލަތުގެ ފައިސާ ހަރަދުކޮށްގެން ފަށާފައި ހުންނަ މަސައްކަތް ހުއްޓާލާ ނުކޮށް ދޫކޮށް ލުމަކީ ދައުލަތަށް ދެވޭ ބޮޑު ގެއްލުމެކެވެ. ފަށާފައި ހުރިކަމެއް ލަސްކޮށް ފަސްކުރުމަކީވެސް އިންތިހާ ދަރަޖައަށް ގެއްލުން ހުރި ކަމެކެވެ. ވެވޭ ހިޔާނާތެކެވެ. ވެރިކަން ބަދަލުވުމަކީ އެއްވެރިކަމުން އަނެއްވެރިކަމަށް ވާރުތަކުރާ ކަންކަން ނުކޮށް ދޫކޮށްލުމަށް އޮތް ހުއްޖަތެއް ނޫނެވެ.  

ކުރީގެވެރިކަމުން މިހިނގާ ވެރިކަމަށް ވާރުތަކުރި އެންމެ މުހިންމު އެއްކަމަކީ މާލޭގެ ރައްޔިތުނަށް ގޯތި ދިނުމެވެ. ކުރީގެ ވެރިކަން ނިމުނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަކި ކަމަށް ހައްލެއް ހޯދާދެމުން ދަނިކޮށެވެ. އާނއެކެވެ. މާލޭގައި ދިރިއުޅޭ މީހުނަށް އެންމެ އަވަހަށް ބޭނުމީ ފަސޭހަ ކަމާއެކު ބޯހިޔާވަހިކަން ލިބުމެވެ. އާބަން ސެންޓަރުތައް ހެދިގެން އެތަންތަނަށް ބަދަލުވުމަށް އަނެއް ވިހި ތިރީސް އަހަރު ދަތި ހާލުގައި އުމުރު ހެދަކުރާކަށް މާލޭ ގިނަ މީހުން ބޭނުމެއް ނޫނެވެ. އެއީ އެކަން ވާނެ ގޮތެއްވެސް ނޫނެވެ.

ގިރާވަޅުފަޅާއި ގުޅީފަޅާއި ހުޅުމާލެއިން ގޯތި ދީފައިވާ މީހުނަށް ބޭނުންވާ ގޯތި ކެނޑޭ ވަރަށް ހިއްކަން ބޭނުންވާ ބިމުގެ ބޮޑުބައި އޮތީ ހިއްކާ ނިމިފައެވެ. އެތަންތާ ދިރިއުޅެން ފަށައިގަތުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށާއި ގޯތިތަކަށް ބޭނުންވާ ބިމުގެ ގޮތުގައި އެއިން ކޮންމެ ތަކުން ހިއްކާން އޮތީ ކުޑަ ނިސްބަތެކެވެ.

ދީފައިވާ ގޯތިތަކުގައި ދިރިއުޅެން ފަށައިގަތުމަށް ކޮންމެހެން ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވޭ ވަރަށް ބިން ހިއްކާ ނިންމާ އެތަންތާ ހުންނަން ޖެހޭ އަސާސީ ހިދުމަތްތައް ގާއިމުކޮށް ދިރިއުޅެވޭވަރު ކޮށްދިނުން ފުރަތަމަ ކަމަކަށް ސަރުކާރުން ހަދަން ޖެހެއެވެ. މުޅިފަޅުން ހިއްކެން އޮތް ހުރިހާތަނެއް ހިއްކާ ނިންމައިގެން އެތަންތާ ދިރިއުޅެވޭ ގޮތް ހަދާ ދޭން ވެއްޖެނަމަ އެތަން ނިންމައިގެން މީން ޒަމާނަކު ބަޔަކު އެތަންތާ އާބާދެއް ނުކުރެވޭނެއެވެ. 

ރައްޔިތުންނަށް ހެވެއް އެދިގެން ކަމެއް ކޮށްދިނުމުގެ ވިސްނުން ހުރިނަމަ ހިއްކަންޖެހޭ މުޅިބިން ހިއްކާ ނިމެންދެން މަޑެއް ނުކުރާނެއެވެ. ހޯދާނީ އަވަސް ކުރުމަގެވެ. މާލޭގައި ގިނަ މީހުން ދިރިއުޅެނީ ޒަމާން ތަކަކަށް އުންމީދު ބޮލަށްލައިގެން ތިބެވޭ ވަރަށް ވުރެ ދަތިހާލުގައެވެ. ބޭނުންވަނީ މާލޭގެ ބޯހިޔާވަހިކަމަށް އަވަސް ހައްލެވެ. ބޮޑެތި އާބަން ސެންޓަރުތައް އެކި ހިސާބުގައި ހަދަން އުޅުމުގެ ކުރިން ދަތިހާލުގައި އުޅޭ ރައްޔިތުންނަށް ފުރަތަމަ ގޮތް ހޯދާދޭށެވެ.

1997 ގައި ހިއްކަންފެށި ހުޅުމާލެ އަދިވެސް ހިއްކަ ނުނިމެއެވެ. ހުޅުމާލެ ހިއްކަ ނިމިގެން ބަޔަކު އާބާދުކުރަން ތިބި ނަމަ އަދިވެސް ހުޅުމާލޭގައި ބަޔަކު ނޫޅުނީހެވެ. ބައިބަޔަށް ފޭސްފޭހަށް ހިއްކާ އާބާދުކުރަމުން ދިޔަކަމުން ހުޅުމަލެއަކީ ރާއްޖޭގައި އޮތް އެންމެ އެންމެ ވަރުގަދަ އާބަން ސެންޓަރަށް ބަދަލުވަމުން ދާތަން ލޮލަށް އެބަ ފެނޭނޫން ހެއްޔެވެ. 

]]>
Mon, 22 Jan 2024 14:55:47 +0500 ހީރަސްނިއުސް
މަޖިލިސް ވޯޓަށް ބިންވެރިންގެ ކަސޯޓީ މިރޭ! https://heerasnews.com/2201 https://heerasnews.com/2201 ޓީވީ ޑްރާމާ ތަކުން ބެލުންތެރިންގެ ހިތް އަތުލާ ސަސްޕންސް އުފައްދާ އިންތިޒާރު އޮލަކުރަން ބެކް މިއުޒިކްއަށް ލާފައި ހުންނަ އިފެކްޓްތައް ދިވެހިން ދަނެއެވެ. ޕަޓަސް ޕަޓަސް ޑަޑަޑަޑަޑަޑަ މިއުޒިކާ އެކު އެކްޓް ކުރާ އެކި މީހުންގެ މޫނަށް ކުއްލި ކުއްލިއަށް ކެމެރާ ޒޫމްކޮށް ކަޓްކޮށް ހަދަނީ ބެލުންތެރިންގެ ޝައުގުވެރިކަން ބޮޑުކޮށް ބެލުންތެރިން ހައްލާށެވެ.

ރިޔާސީ އިންތިހާބު

2023 ގެ ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒު ދިވެހިންނަށް ދެއްކި ކަސޯޓީގެ ތަފާތު ޑްރާމާ ތަކުން ބެލުންތެރިންގެ ތާއީދާ ޝައުގުވެރިކަން ބޮޑުވި ހާއްސަ އެޕިސޯޑްތައް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. ރައީސް ޔާމީނަށް ހާއްސަ ހުސްގޮނޑިއާ އެ މަނިކުފާނު މިނިވަން ކުރައްވާ ޑްރާމާއެވެ. އެތައް ހާސް އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރު އަޅައިގެން ތިބި ޑްރާމާއެވެ. އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރުމުގެ ޑްރާމާއެވެ. މާދީނީ ގައުމީކަން ދައްކައިގެން ރައްޔިތުންނަށާއި އެންމެ ގާތް ބައިވެރިންނަށް ވެސް ދެއްކި ޑްރާމާއެވެ. ހުވާ ކުރެއްވާ ރައީސުލްޖުމްހޫރިއްޔާ މުއިއްޒަށް ބަދަލުވެ އެފިލްމު ނިމި ކުލަބަރި އެރިފަހުން އެނގިހާމަވީ ރިޔާސީ ކެމްޕޭނުގައި ދެއްކީ ޑްރާމާ ކަމެވެ.

މަޖިލިސް  އިންތިހާބް 

ކުރިއަށް އޮތީ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކަމުގައި ވާތީ އިތުރު މުޅިން އެހެން އާޑްރާމާތައް ޝޫޓް ކުރަން ފަށައިފިއެވެ.

ޖެނުއަރީގައި ވައުދުވީ ގޮތަށް ބޮޑު ނުކުރެވުނު ސިފައިންނާ ފުލުހުންގެ މުސާރަ ބޮޑު ކުރުން މަޖިލިސް އިންތިހާބާ ކައިރިކުރި ޑްރާމާ ޝޫޓް ކޮށްފިއެވެ. ޑޭޝް އެއިޓް ދޯނީގައި ބެންކޮކާ ދުބާއީން އާސަންދަ ދީ ކޮންމެ ގެއަކަށް 10 ކިލޯ ކާޑެވެ.

ކޮންމެ މަސްއޮޑިއަކަށް ރެސްކިއު ޑައިވަރެކެވެ. އުތުރުތިލަ ފަޅުގައި ދަނޑުވެރިކަން ކޮށްފައި މާލޭ މީހުން ފުށިދިއްގަރުފަޅަށެވެ.

މިރެއަކީ ބޮޑު ރެއެކެވެ. ބިންވެރިޔާ ސްކީމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެސެޖެކޯ އެބަ ކިޔައެވެ. މަޖިލިސް އިންތިހާބް ކައިރިވަމުން އަންނަ އިރު މެސެޖްތައް ގިނަވާނެއެވެ.

ރިޔާސީ އިންތިހާބްގައި ވިދާޅުވި ބަސްފުޅު ތަކުގެ އަޑާ ވީޑިއޯ އާއި އޭގައި ހުރި ދިމާނުވުން ބޭޒާރުވާ ވަރުން މަޖިލިސް އިންތިހާބަށް ބޮލުގެ އެއްޗެއް ހައްދަވަނީ އެހެން މީހުން ލައްވާ މެސެޖް ދެއްވައިގެން ހެއްޔެވެ؟

މަޖިލިސް އިންތިހާބްގައި ރައީސްގެ ފަރާތުން އެހެން މީހުން ލައްވަ މެސެޖް ދެއްވުން ބުއްދިވެރިއެވެ. އޭރުން އެހުރިހާ މެސެޖަކީ ފަހުން ދޮގު ކަމަށް ވީމާ ބުނެވޭނެ ވާހަކައެއް އޮންނާނެއެވެ. އޭރުން ބުނާނީ ތިޔައީ ރައީސް ވިދާޅުވި އެއްޗެއް ނޫނެވެ. ރައީސް އެހެން ވިދާޅުވި އޭގެ އޯޑިއޯއެއް ވީޑިއޯ އެއްވެސް ނުހުންނާނެއެވެ. ތިޔައީ  އެހެން  ބޭފުޅަކު  ދެއްކި  ވާހަކަ  ތަކެކެވެ. 

ދިވެހިންނަށް ދައްކަވާފަ މިއޮތީވާ ފިސާރި ދުވަހެކެވެ.

]]>
Sat, 20 Jan 2024 15:42:04 +0500 ހީރަސްނިއުސް
މުއައްސަސާތަކުގެ ބޭނުންކެނޑި ބާރެއްނެތީތަ! https://heerasnews.com/2150 https://heerasnews.com/2150 ދައުލަތުގެ މުއައްސަސާތަކުގެ ބޭނުންކެނޑި ބާރެއްނެތީތޯއެވެ. ނޫނީ ތަނެއްދޮރެއްނޭނގޭ ނާޤާބިލްވެރިން މުއައްސަސާތައް ހިންގަން ތިބީތޯއެވެ؟ 

ކަންވީގޮތް: 

ޖަލުހުކުމުގައި ޓިނުގޮޅީގައި އޮންނަށް މިޖެހެނީ ރިހާކުރުފުޅި ވަގަންނެގި ނިކަމެތި މީހާއެވެ. ބޮޑުން ޖަލުހުކުމުން ރަށުބަންދަށް މިނިވަންކަމާއެކު ދޫކޮށްލާފައެވެ. ކުށްވެރިންގެ ދަރަޖަމިނާ މިންގަނޑު އޮތީ ވަކިމީހަކަށް ހެޔޮވަރު ހެދުމެއްހެންނެވެ. އަޑުގަދަވާ މީހާ ރުއް ގިނަވާ އުޞޫލުންނެވެ. އިންސާފުގެ ހަމަހަމަކަން ނެތި މޮޅުމީހާއަށް ރަށުބަންދުގެ ނަންދީފައި ކުށްވެރިއެއްގެ ލަނގަބު އިއްޒަތްތެރި ކޮށްފައެވެ. އަދި ގާނޫނު ހިންގަނީ ވެސް ނިކަމެތި މީހާގެ މައްޗަށެވެ.

ހަޤީޤަތަކީ: 

ލޯކުރިމަތިން ފެންނަމުން މިދަނީ ދައުލަތް ހިންގަން ތިބި ވެރިންގެ ކުފޫ ހަމަނުވާ ތަނެވެ. އަދި ގާނޫނުގެ ދިގުއަތް ފޯރަނީ ވަކި ހިސާބަކަށެވެ. ކުށްވެރިވުމާއި ކޯޓުން ކުރާ ހުކުމް ތަންފީޒު ކުރުން މީއީ އަރަތަކަށް ވެއްޖެއެވެ. ގާނޫނު ތަންފީޒު ކުރަން ތިބޭ މުއައްސަސާ ތަކުން ބަތްކައްކާ ކުޅޭތަން ދަނީ ފެންނަމުންނެވެ. ނާޤަބިލް ވެރިންގެ ސަބަބުން  ރައްޔިތުންގެ އިތުބާރު މުއައްސަސާ ތަކަށް ދަނީ ގެއްލެމުންނެވެ. 

ބާރުވެރިކަން:

ގާނޫނަކީ ފޮތުގައި ލިޔެފައި ނަމެއްގައި އޮތް އެއްޗެއްތޯއެވެ. ރައްޔިތުންގެ ޚައްޤުތައް ދިފާޢު ކުރުމަށް ދެމިއޮތީ ދައުލަތުގެ ކޮން މުއައްސަސާއެއްތޯ ވެސް މިހާރު ސުވާލު އުފެދިއްްޖެއެވެ. ފެންނަނީ ހަމަހަމަ ކަމާއި އިންސާފު ނުލިބޭ ތަނެވެ. ވެެރިންގެ މަޤާމަކީ ޝަރަފެއްނޫނެވެ. އެއީ  ޒިންމާއެކެވެ.

ނަތީޖާދެއްކިގޮތް: 

ހެޔޮވެރިކަމަށް ދިންވޯޓު ހިތި ހަބަރަށް ވެއްޖެއެވެ. ދެއްކި ދޮގުވާހަކަ ތަކަށް ލިބުނު ވޯޓުގެ ހިތިކަން މިދަނީ ފެންނަމުންނެވެ. އޮތީ ފުރާޅުން ބާޓިނު ބަދަލުކުރާ މޫސުމެވެ. ވާރުތަ މުދާހެން މުއައްސަސާ ތަކުގެ ނަން އިތުރުކޮށް ކުރަނީ އެއްކަމެކެވެ. ސިޔާސި ބުރަދަނެއް ނެތް ޤައުމީ ވިސްނުމާއި ދުރު، ހިތް ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. ނެތް އެއްޗެއް ހުރިކަމަށް ދައްކައިގެން މޮޅެއް ހޯދުމަށް އުޅުމުން މިދަނީ އިތުބާރު ގެެއްލެމުންނެވެ. ޅެމާއި ރައިވަރުން ރަސްކަން ދިރުވުން ހަ ގުނަ ކުރީގައެވެ. ގައުމިއްޔަތުގެ ނިވައިފަތްގަނޑުގައި ތުއްތު ޅަދަރީން ސިޔާސީ ކުރުމުގައެވެ.

އިތުރަށް ބުނަންއޮތީ:

މިނިވަން ޚިޔާލުފާޅު ކުރުމަށް ދޮރު ބަންދު ކޮށްފިއެވެ. ނަމަވެސް ޒަމާނީ ވަޞީލަތް ތަކުގެ ފުރުޞަތު ބަންދެއް ދެނެއް ނުކުރެވޭނެެއެވެ. މިޤައުމަކީ ދިވެހި ކޮންމެ ރައްޔިތަކުމެ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ޒިންމާ އުފުލަން ޖެހޭނެ ޤައުމެކެވެ. 

]]>
Sun, 31 Dec 2023 21:20:50 +0500 ހީރަސްނިއުސް
ވަގުފާރީގެދޮރު ސަރުކާރުން ހުޅުވާލުން https://heerasnews.com/2109 https://heerasnews.com/2109 ގަވައިދާ އެއްގޮތަށާއި ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބަންގާޅިންގެ އަދަދު އެނގޭ މީހަކު ނޫޅެއެވެ. އެކަން ބެލެހެއްޓުމަށް ސަރުކާރުތައް ވަނީ ނުކުޅެދިފައެވެ. ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔާ ގާތަށް ރާއްޖޭގައި ބަންގާޅިން އުޅޭ ކަމަށް ގަބޫލުކުރެވެއެވެ. ލަންކާގައި ތަމަޅައިން ގަދަކުރިހެން ރާއްޖޭގައި ބަންގާޅިން އެދަނީ ގަދަކުރަމުންނެވެ. އެހެން ނޫނީ ބަރުމާގައި ރޮހިންޔާ މީހުންނަށް ވީހެން ރާއްޖޭގައި ބަންގާޅީންނަށް ވާނެ ދުވަހެއްވެސް އަތުވެދާނެއެވެ. 

ގޭގޭގައި ގެންގުޅޭ ނޯކަރުން ފެށިގެން ބަންގާޅީން ނޫލޭ ދާއިރާއެއް ރާއްޖޭގައި ނެތެވެ. ކަންމަތީ ފިހާރަތަކާއި ހޮޓާ ކެފޭ ރެސްޓޯރެންޓަށް ދާންދެން ކޮންޓްރޯލު ކުރަނީ ބަންގާޅީންނެވެ. މަސްވެރިކަމާ ދަނޑުވެރިކަމާއި އިމާރާތް ކުރުމުގައި ވެސް ބަންގާޅީންނެވެ.

ހަށިވިއްކުމާއި ޑްރަގާއި އެހެނިހެން ބޮޑެތި ބޮޑެތި ޖަރީމާ ހިންގުމުގައި ބަންގާޅިން އުޅެނީ އަތް އަނބުރާލާފައެވެ. ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުމާއި އެނޫންވެސް އާމްދަނީއެއް ލިބެންނާ ލިބޭހާ ކަމެއްގައި ބަންގާޅީން އުޅެނީ ލަވަ ކިޔާލާފައެވެ. ވޯކްޕާމިޓެއް ވިސާއެއް ޕާސްޕޯޓެއް އެއީ އޮންނަ އެއްޗެއް ކަމެއް އޭގެ ގިނަ މީހުންނަކަށް ނޭގެއެވެ.

ބަނގަލާދޭހުން މީހުން ރާއްޖެއަށް އެތެރެ ކުރުމަށް ކޯޓާ ދޫކުރުން 2019 ވަނަ އަހަރުން ފެށިގެން ރައިސް ސޯލިހުގެ ވެރިކަމުގައި ވަނީ ހުއްޓާލާފައެވެ. ހަމަ އެޔާއެކު ގަވައިދާ ހިލާފަށް އުޅޭ ބަންގާޅީންގެ ގިނަ ބަޔަކު ވަނީ ގަވައިދަށް ފައްތާފައެވެ. އެތައް ސަތޭކަ ބަޔަކު ވަނީ އަނބުރާ ގައުމަށްވެސް ފޮނުވާލާފައެވެ. އެހެން ނަމަވެސް ރާއްޖޭގައި އުޅޭ ބަންގާޅީންގެ އަދަދު އިންތިހާއަށް ގިނައެވެ. ގަވައިދަށް ފެތިގެންވެސް ދޮޅުލައްކައެއްހާ މީހުން ރާއްޖޭގައި އުޅޭކަމަށްވެއެވެ. ގަވައިދާ ހިލާފަށް އުޅޭ މީހުންގެ އަދަދު ލައްކައަކަށްވުރެ ގިނަވާނެ ކަމަށް ބެލެވެއެވެ. 

ޕާސްޕޯޓެއް ވިސާއެއް ވޯކްޕާމިޓެއް ނެތި އުޅޭ މީހުނާ މެދު ގާނޫނީ ގޮތުން ފިޔަވަޅެއްއަޅާ އެ މީހުނަށް ފާރަވެރިވެވޭ ވަރުގެ ސަރުކާރެއް ނެތެވެ. އެއްވެސް ބަޔަކަށް އެކަމަކީ ބޮޑުވެގެން އުޅޭ ކަމެއް ހެނެއްވެސް ހީނުވއެވެ.

ކޮންމެ ދުވަހަކު ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ދައުރުވާ ޑޮލަރުގެ ބޮޑުބައެއް އެމީހުން ރާއްޖޭން ބޭރުކުރެއެވެ. ކަޅުބާޒާރުގައި ޑޮލަރު ވިއްކުމަކީ އެ މީހުންގެ ފުޅާ ވިޔަފާރިއެކެވެ. ރާއްޖޭގެ ކުށުގެ ވެށީގައި ބަންގާޅުންގެ ދައުރު ފުޅަލެވެ. ކުރުކޮށް ބުނަންޏާ ބަންގާޅުންގެ ބާރު ނެތް ވަކި ދިމާލެއް ރާއްޖޭގައި ނެތެވެ. 

ރާއްޖޭގައި ސޭފްޓީ އެންޑް ރެސްކިއު އޮޕަރޭޝަންގައި އިންޑިއާގެ ސިފައިން ކޮޅެއް އެއްބަސްވުމެއްގެ ދަށުން ތިބެގެން ހިފިނުހުރެގެން ބަޔަކު ވެރިކަން ހޯދިއިރު ރާއްޖޭގެ ހުރިހާ ތަނެއްގައި ވަކި ހިއްޕާލާފައި ތިބި ބަންގާޅީންނާ މެދު ކަން ބޮޑެއް ނުވެއެވެ. މުއިއްޒުގެ ވެރިކަމަށް މަހެއްވީ ދުވަހު އަނެއްކާވެސް ރާއްޖެއަށް ބަންގާޅުން މީހުން އެތެރެ ކުރަން ކޯޓާ ދޫކުރަން ހުޅުވާލައިފިއެވެ. ވެރިކަމުގެ ކިހާ ބޮޑު ވައުދެއް ކަމެއް ނޭގެއެވެ. 

އެއް ގައުމަކުން އެންމެ ގިނައިން މީހުން އެތެރެ ކުރަން ކޯޓާ ދޫކުރަން ގާނޫނުގައި ކަނޑައެޅިފައިވާ މިންވަރެއް އޮވެއެވެ. އެ މިންވަރު ފަހަނައަޅާ ގޮސް ހައްދުންނައްޓާފައި އޮތް ބަނގަލާދޭހުން މީހުން އެތެރެ ކުރަން ކޯޓާ ދޫކުރަން ވަޒީރުންގެ މަޖިލީހުން މިއަދު އެ ނިންމީ ފިކުރެއް ހިޔާލެއް ނެތިއެވެ. ބަނގުލާދޭހުން މީހުން އެތެރެކުރަން ހުޅުވާލުމުން ވަގުފާރިއަށް ސަރުކާރުގައި ފުރުސަތު އޮތްވަރު ކިތަންމެ ރަނގަޅަކަށް ވެސް ސާފުވެއެވެ. 

ވާނީ އެހެންތާއެވެ. ގޭންގު ތަކުން އޮޕަރޭޓްކުރާ ވެރިކަމެއްގައި ވަގުފާރިއަކީ ވަރަށް މުހިންމު ކަމަކަށް ވާނެއެވެ. އެތައް މިލިޔަން ރުފިޔާ ލިބޭ ގައިރު ގާނޫނީ އެ ވިޔަފާރިއަށް އެކަހަލަ ސަރުކާރެއް ފިސާރި ފަރިތަވާނެއެވެ. ވަގުފާރި ކުރުމުގެ ރެކޯޑް އޮތް މީހެކާ ކޯޓާ ކަންކަން ކުރުން ރަސްމީގޮތުން ހަވާލު ކުރުމުން ވާނީ ކުރިން ނުވެ އޮތް ހުރިހާ ގޮތެކެވެ. އިތުރު ތަފްސީލަކަށް ނުދިޔައަސް އެހާވަރުން ކަންވާނެ ގޮތް ހިތައް އަރުވާލާށެވެ.  

]]>
Sun, 17 Dec 2023 18:57:53 +0500 ހީރަސްނިއުސް
ސާޖިދާގެ ގޮނޑިކޮއްކޮ: ސިވިލް ސަރވިސް ކޮމިޝަން https://heerasnews.com/2094 https://heerasnews.com/2094 ކާކަށް ކޮން އެއްޗެއް އޮޅުވާލާކަށް ހެއްޔެވެ. އެކަކަށް އެކައްޗެއްވެސް ނޯޅެއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސަރު ކަމުގައި ހުރި ސާޖިދާ މުހައްމަދަށް ނޯޕޭލީވް ދީގެން އޭނާ އަދާ ކުރަމުން އައި ވަޒީފާގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރުވުމަކީ ސިވިލް ސާރވިސް ކޮމްޕްރަމައިޒް ވެފައިވާކަމުގެ ހެއްކެވެ.

ސިވިލް ސާރވިސް މުއައްޒަފުނަށް ނޯޕޭ ލީވް ދީގެން މަސައްކަތް ކުރުވާނީ އެ އިދާރައަކުން ހިންގާ ހާއްސަ ޕްރޮޖެކްޓަކަށް އެ މުއައްޒަފެއްގެ ބޭނުން ބޮޑުކަމުންނެވެ. ރަސްމީ މަސައްކަތް ކުރަމުން ހާއްސަ ޕްރޮޖެކްޓްގެ މަސައްކަތަށް އެ މުއައްޒަފަކަށް ވަގުތު ނުދެވޭނެތީ އެ ޕްރޮޖެކްޓް ނިމެންދެން އެ ޕްރޮޖެކްޓަކަށް އެ މުއައްޒަފަކު ދޫކޮށް ދިނުމުގެ ގޮތުން ނޯޕޭ ލީވެއް ދެނީއެވެ. އެ ނޯޕޭ ލީވަކީ ޕްރޮޖެކްޓް ނިމުމުން ރަސްމީ މަސައްކަތަށް އެބުރި އަންނަ ގޮތަށް ދެވޭ ނޯޕޭ ލީވްއެކެވެ.

ފިނޭންސް މިނިސްޓްރީގައި 2018 އިން ފެށިގެން ފަސް މުވައްޒަފަކު ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްފައިވަނީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގައި ދެ މުވައްޒަފަކާއި ހައުސިން މިނިސްޓްރީގައި ތިން މުވައްޒަފުން މިހާރު މަސައްކަތް ކުރަމުން ދަނީ އެތަންތަނުން ހިންގާ ހާއްސަ ޕްރޮޖެކްޓް ތަކެއްގައެވެ. އެ ޕްރޮޖެކްޓް ތަކަށް އެ މީހުންގެ ބޭނުން ބޮޑުކަމުންނެވެ، ފުލްޓައިމްކޮށް ރަސްމީ މަސައްކަތުގައި އުޅެމުން ޕްރޮޖެކްޓަށް އެމީހުނަށް ވަގުތު ނުދެވޭނެތީއެވެ. ކޮމްޕްރަމައިޒް ވެގެން ސާޖިދާއަށްޓަކާ ކޮށްދެވުނު ކަންތައް ހަލާލުކުރަން ސިވިލް ސާރވިސް ކޮމިޝަނެއްކަމަކު އެކަން ހުއްޖަތަކަށް ދައްކަން ނުހަދާށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ނޯޕޭ ލީވަކުން ދޫކޮށްފައި އެ ހުރިއްޔަކީ ފުޑް އެންޑް ޑްރަގާއި ގުޅޭ ޕްރޮޖެކްޓެއްގެ މަސައްކަތަކަށް ނޫނެވެ. ހަމަ އެހެންމެ ރާއްޖޭގެ ސިއްހީ ދާއިރާއަށް ހާއްސަކޮށްގެން ހިންގާ ޕްރޮޖެކްޓެއްގެ ފަންނީ މަސައްކަތެއް ކުރުމަށްޓަކައި އެ ޕްރޮޖެކްޓަށް އޭނާގެ ބޭނުން ތެރިކަން ބޮޑު ކަމުންނެއްވެސް ނޫނެވެ. 

އެންމެ އަޖައިބު ކުރުވަނި ކަމަކީ މުއައްޒަފަކަށް 4 އަހަރުގެ ނޯޕޭ ލީވްއެއް ދިނުމަށްފަހު ހަމަ އެމުއައްޒަފު ލައްވާ ކޮންޓެކްޓް އުސޫލުން އޭނާ އަދާކުރާ ވަޒީފާއާއި ގުޅުންހުރި މަސައްކަތް ތަކެއް ކުރުވުމެވެ. މުއައްޒަފަކަށް ނޯޕޭ ލީވެއް ދިނުމުން އޭނާ އަދާކުރަމުން ދިޔަ ރަސްމީ މަސައްކަތްތައް ފުލްޓައިމްކޮށް ކުރާނެ އެހެން މީހަކު އޭނާ ނިކުންނަށްދެން ވަގުތީ ގޮތުން ހޯދަން ޖެހެއެވެ. ކޮންޓްރެކްޓެއް ހަދައިގެން އަގުދީގެން އެމަސައްކަތްތައް ކުރަން ނެރެން ޖެހޭނީ ނޯޕޭ ލީވްގައި ހުރި މުއައްޒަފެއް ނޫނެވެ. އޭނާ ލީވްގައި ހުއްޓާ ނެރެގެން ކުރާނެ މަސައްކަތެއް ނުއޮންނާނެއެވެ. ލީވްގައި ހުރި މީހާގެ މަސައްކަތް ކުރުވާނީ ވަގުތީ ގޮތުން ނެރޭ އެހެން މީހަކު ލައްވައެވެ.  

ސަޖިދާ ނޯޕޭ ލީވަށް ދިޔުމުން އޭނާކުރި ރަސްމީ މަސައްކަތްތައް ފުލްޓައިމްކޮށް ކުރާނެ އެހެން މީހަކު ނުހޯދާ ސާޖިދާއަށް ވީއިރަކުން ކުރަން ކޮންޓްރެކްޓެއް ހަދައިގެން ފައިސާ ދޭގޮތަކަށް އޭނާގެ ވަޒީފާގެ ޒިންމާގައި ހިމެނޭ އެއްވެސް ކަމެއް ނުކުރުވޭނެއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގެ ޒިންމާތައް އަދާކުރުމަށް ޖެހޭނީ އެހެން މީހަކު ވަގުތީ ގޮތުން ހޯދާށެވެ.

ގާނޫނީ ގޮތުން ވާޖިބު އަދާކުރަންޖެހޭ މުއައްޒަފަށް މުސާރަ ނެތް ޗުއްޓީދީ މަސައްކަތުން އެއްފަރާތްކޮށްފާ ހަމަ އެމަސައްކަތް ނުވަތަ ގުޅުން ހުރި މަސައްކަތެއް ކުރުވަން ކޮންޓްރެކްޓެއް ހަދައިގެންވެސް އެ އިދާރާއަށް އެ މުއައްޒަފަކު ނުނެރެވޭނެއެވެ. އޮފީހުން ހިންގާ ޕްރޮޖެކްޓެއްގައި ނޫންގޮތަކަށް ނޯޕޭލީވްގައި ހުންނަ މުއައްޒަފަކު އޮފީހުގެ މަސައްކަތަށް ނިކުމެއްޖެ ނަމަ ދީފައިވާ ޗުއްޓީއަށް ނިމުން އަންނާނެއެވެ. ވަކި މީހަކަށްޓަކާ މުޅި ނިޒާމް ގަޑުބަޑުކޮށްލީއެވެ. ސާޖިދާ ކުރިމަތީ ސިވިލް ސާވިސް ކަމިޝަން ކުޑަކަކޫ ގޮނޑިކޮއްކޮއަކަށް ވީއެވެ.

]]>
Mon, 11 Dec 2023 15:22:48 +0500 ހީރަސްނިއުސް
އާމިރު މަންސޫރާއި ފުށުއަރާ އެސްޓީއޯ މަސްލަހަތު https://heerasnews.com/2089 https://heerasnews.com/2089 ކުޅިވަރުގެ ރޮނގުން އާމިރު މަންސޫރަކީ އޭނާގެ އެންމެ ޒުވާން ދުވަސްވަރު ރާއްޖޭގައި ވަރަށް ވެސް ވިދުން ގަދަ ތަރިއެކެވެ. ފަހަކަށް އައިސް އާމިރު މަންސޫރަކީ ރާއްޖޭގައި ނަން ހިނގާ ވިޔަފާރިވެރިއެކެވެ.

އާމިރު މަންސޫރަކީ "މޯލްޑިވިއަން ފްރެންޗައިޒް"ގެ ބައްޕައެވެ. ރާއްޖޭގެ " މޭރީ ބްރައުން" އާއި "ސިކްރެޓް ރެސިޕީ" އާއި " ޕިއްޒާ މިއާ" ގެ މިލްކުވެރިއަކީ އާމިރު މަންސޫރެވެ. " ގްރޭޕް އެކްސްޕެކްޓޭޝަން" އަކީވެސް އާމިރު މަންސޫރެވެ.

" ނެސްކެފޭ އަލްޖެރިއާ" އާއި " ޕޯޓް ކެފޭ" އާއި " ކެފޭ ވެލްކަމް" ގެ އިތުރަށް " ވައިލްޑް ލައިޓްސް"ގެ ވެރިއަކީ ވެސް އާމިރު މަންސޫރެވެ. " ސްޓޮޕް އެންޑް ޝޮޕް" ވެސް ހިމެނެނީ އާމިރު މަންސޫރުގެ މިލްކިއްޔާތުގައެވެ. އަނެއް ކޮޅުން މަޝްހޫރު "ލިލީ އިންޓަނޭޝަނަލް" އާއި " ލިލީ އެފް އެން ބީ " އާމިރު މަންސޫރުގެ ވިޔަފާރީގެ ތެރޭގައި ގުނެއެވެ.

ކާމިޔާބު ވިޔަފާރިވެރިޔާ އާމިރު މަންސޫރަކީ ވިޔަފާރީގައި ސްމާރޓް، ދުރުފެންނަ، ކުޅަދާނަ ވިޔަފާރިވެރިއެކެވެ. ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި އާމިރު މަންސޫރު ފަދަ ތޫނުފިލި ސިކުނޑި ތަކަކީ މުހިންމު އެސެޓެކެވެ. ރާއްޖޭގެ ވިޔަފާރީގެ ވައްޓަފާޅި ބަދަލު ކޮށްލުމުގައި އާމިރު މަންސޫރު ފަދަ ވިޔަފާރިވެރިންގެ ދައުރު ބޮޑެވެ. 

އެހެނެއް ކަމަކު ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ ސިޔަސަތު ކަނޑައަޅަން ހުންނަ އެންމެ އިސްމީހަކީ އާމިރު މަންސޫރު ކަމަށް ވުމަކީ ބަލައިގަނެވޭނެ ކަމަކަށް ގިނަ މީހުނަކަށް ނުވެއެވެ. މަސްލަހަތު ފުށުއެރުން ބޮޑުކަމުންނެވެ. 

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޗެއަރމަނަކަށް އާމިރު މަންސޫރު އައްޔަނު ކުރުމަކީ އެސްޓީއޯގެ ވިޔަފާރީގެ ދައުރު ހަނިވެގެން ހިނގައިދާނެ ކަމެކެވެ. އެސްޓީއޯއަކީ ހަމައެކަނީ ކާޑާއި ތެލާއި ބޭސް ފަދަ އަސާސީ ބާވަތްތައް އަތްފޯރާފަށުގައި ބެހެއްޓުން ނޫން އެހެން ކަމެއް ނުކުރާ ތަނަކަށް ހެދުމުގެ ވިސްނުމަށް އެކުންފުނީގެ ވިޔަފާރި ނަގުލު ކޮށްފާނެ ކަމެކެވެ. އެސްޓީއޯއިން މިހާރު ކުރާ ގިނަ ވިޔާފާރި ތަކަކީ އަމިއްލަ ފަރާތްތަކުން ކުރާކަމަކަށް ހެދުމުގެ ވިސްނުން އެސްޓީއޯ ބޯޑުގައި އަށަގަންނުވާ އެމަގަށް އެސްޓީއޯގެ މިސްރާބު ބަދަލު ކުރުމުގެ ފުރުސަތު އޮތް ކަމެކެވެ. ނަތީޖާއަކީ ދައުލަތުން ސަބްސިޑީ ދީގެން ހިންގަންޖެހޭ ކުންފުންޏަކަށް އެސޓީއޯ ބަދަލު ވުމެވެ. 

އަމިއްލަ ފަރާތްތައް ބާރުވެރިކުރުވުމުގެ ނަމުގައި އަމިއްލަ ފަރާތްތަކަށް ދޫކޮށްލާން ރާވާ ކޮންމެ ވިޔަފާރިއެއް އަމިއްލަ ކުންފުންޏަށް ފުރޮޅާލަން އާމިރު މަންސޫރަށް ތަންމިނަށް ފުރުސަތު އޮންނާނެއެވެ. އެސްޓީއޯ ކުޑަކޮށްލާ އެސްޓީއޯގެ ވިޔަފާރީގެ ތެރެއިން ބޮޑު ބައެއް އަމިއްލަ މަސްލަހަތު އޮތް ކުންފުނިތަކަށް ޑައިވާޓް ކޮށްލުމަކީ ނުކުރުމަށްވުރެ ކުރުން ކައިރި ކަމެއް ކަމަށްވުމުގެ ފުރުސަތު ބޮޑެވެ. މީހުންގެ ކަން ބޮޑުވުން ހުރީ އެކަމާ ހެދިއެވެ. އާމިރު މަންސޫރުގެ ގާބިލުކަމާ މެދު ޝައްކެއް އޮވެގެނެއް ނޫނެވެ. 

އަމިއްލަ މަސްލަހަތު ދޫކޮށް ވިޔަފާރީގައި ހުރި ކުޅަދާނަކަން ގައުމީ މަސްލަހަތުގައި އެސްޓީއޯއަށް ހުސްކޮށްލައިފިނަމަ ކޮޅުނެތް ކޮޅަށް ނަސީބެވެ. ވިޔާފާރީގެ ސިޔާސަތު އެކަށައަޅާ މަގުދައްކަން އާމިރު މަންސޫރަކީ ދެވަނައެއް ނެތް ފަދަ ޗެއަރމަނެކެވެ. އާމިރު މަންސޫރުގެ ލީޑަރޝިޕްގައި އެސްޓީއޯ އައު އުސްމިން ތަކަކަށް ދާނެއެވެ.

]]>
Sun, 10 Dec 2023 13:58:43 +0500 ހީރަސްނިއުސް
ވެރިކަމާހުރެ ގައުމިއްޔަތަކީ އަޅުކަމަކަށް ނުހަދާ! https://heerasnews.com/2081 https://heerasnews.com/2081 އިސްލާމް ދީނާ ގައުމިއްޔަތަށް ހުރުމަތްތެރިކޮށް ހިތާނަމަ ތިމާމެން ހަދަން ބޭނުންވާ މަކަރާ އޮޅުވާލުމާ ދޮގަށްޓަކާ، މާތްވެގެންވާ އިސްލާމް ދީނާއި ގައުމީ ދިދައާއި ގައުމީ ސަލާމުގެ ބޭނުން ހިފަން ޖެހިލުން ވާނެއެވެ.

ވޯޓުގެ އެދުމުގައި އިސްލާމް ދީނާއި ގައުމީ ސަލާމާއި ގައުމީ ދިދަ ބޭނުން ކުރަން ކެރޭ ބަޔަކަށްވުރެ ދީނާ ގައުމިއްޔަތަށް އިހާނެތި ކުރާ ބަޔަކު ނޫޅޭނެއެވެ.

އުޅޭ އުޅުމުން އެހެން މީހުންނަކާ ތިޔައިން އެކަކުވެސް ތަފާތެއް ނޫނެވެ. އެކަމަކު ބޭނުންވާ ކަމެއް ކުރުމަށްޓަކާ، ދީނާ ގައުމުދެކެ ލޯބިވާ ވަރުން ލޮލުފިޔަ ޖެހޭ ކަމަކަށް ނުހަދައެވެ.

ދުނިޔެވީ އަދި އުޚުރަވީ އެންމެ މުގައްދަސް އަދި ހުރުމަތްތެރި ކަންކަން ނީލަމަށް ލައިގެން އޭގެ ފޭކް އަވާގައި ރައްޔިތުން ޖައްސައިގެން ތިމާގެ ހިޔަނި ބޮޑުކުރާ ބަޔަކަށްވުރެ ވަކިން ބޮޑަށް ދީނާ ގައުމަށް ފުރައްސާރަ ކުރާ ބަޔަކު ވެސް ނޫޅޭނެއެވެ.

މާސިންގާ ފަލަ ދަގަނޑު ކުނބަކަށް ނަގާފައި ހުންނަ ދިދައަކީ ގައުމީ ދިޔަޔަސް ނުވަތަ ކްލަބް ޖަމިއްޔާއެއްގެ ދިދައެއް ކަމުގައި ވިޔަސް އެއީ އޭގެ ޒާތުގައި ދިރުމެއް ނެތް ހިލަ ގަނޑެއް ފަދަ އެއްޗެކެވެ.

ރަށްރަށުގައި ބޮޑު ހިލަ ޖެހުމަކީ ޝިރުކެއް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކު ހެނދުނު ގޮސް ރަށުގެ ބޮޑުހިލަ ކަނޑުތޮއްޓާ ދިމާއަށް ހުއްޓި މޭގައި އަތް އަަޅައިގެން އޭމިއޮއް ފެންނަ ބޮޑު ހިލަ ތޮއްޓާއޭ ތިބާއޭ.. އަޅާއޭ ރަށުރައްޔިތުން ގޮވަންވީމާ އެކުރަނީ ޝިރުކު ފަދަ ކަމެކެވެ. ބުދު ވެސް ބުދަށް ވަނީ ބަޔަކު އެއަށް އަޅުކަން ކުރީމައެވެ. ގައުމީ ލޯތްބަކީ ލޯބީގެ ލަވަތަކުގައި ޅެންވެރިން ފަރުބަދަ ފާރޮއްޓަށް ހަނދާހެން އޮންނަކަމެކޭ ހީވަނީތާއެވެ.

ރައީސް މުއިއްޒު ހުވާކުރި ދުވަހު ގައުމިއްޔަތުގެ ޑްރާމާ އޯވަރ ވެގެން ގޮސް ފަޟީޙަތްވީ، އޭމިހިރަ ދިދައާއޭ ގޮވި ހިސާބުންނެވެ. ދިވެހި ދިދައަށް ރައްޔިތުން ނުކުރާ ގަދަރެެއް، އިހްތިރާމެއް ކުއްލިއަކަށް އައި މުއިއްޒެއްގެ ހިތުގައި އޮންނާން ޖެހޭ ސަބަބެއް ނެތެވެ. ފޭކް ޖައްސަން ވާނީ އެހެން މީހުންނަށް ޝައްކު ނުވާ މިންވަރަށެވެ.

މުންކަރާތް އާންމުވުމަށްވުރެ ބޮޑު، އަނެއް ނުރައްކަލަކީ އެނގި ތިބެ މުންކަރާތް ނަހީނުކޮށް ތިބުމެވެ. ދެއްވި ބޮޑު މަގާމުގައި ބަގުޑިލައިގެން ތިބޭ ޝޭޚުން ގިނަ ވުމެވެ. ޝޭޚް ސަމީރާއި ޝޭޚް ޢަލީ ޒާހިރު އެ ތިއްބެވީ މިކަންކަން ހުއްދަ ކުރައްވައިގެން ހެއްޔެވެ؟ 

ހުރިހާ ކަމަކަށް ތޮރުފޭ ޝޭޚެކޭ ކިޔާ އަލީ ޒައިދާ ކުރީގެ ލަވަކިއުންތެރިޔާ ޢަލީ ރަމީޒާ ސަލަފްޖަމިއްޔާ ވެސް އެތިބީ ހައްޕު ކިޔައިގެންނެވެ. ނަތީޖާ އެއްގެ ގޮތުން ބޯފަންކޮށް ހުންނަ ކުރެންދޫ އަބްދުއްލާ ކަހަލަ މީހުން ހެނދުނު ހެނދުނާ ކުރާ ކަމަކީ ގޭސް ކުންފުނީގެ މުވައްޒަފުން ލައްވާ ގައުމިއްޔަތުގެ ނަމުގައި ގޭސް އެނބުރުމެވެ. 

މޭގައި އަތް އަަޅައިގެން ދިދައަށް ކުރުނީސް ކޮއްގެން އަޅުކަމެއްހެން މުވައްޒަފުން ލައްވާ ޑްރާމާ ކުޅުވަނީއެވެ. 

ދީނާ ގައުމޭ ކިޔައިގެން ރައްޔިތުން ވާވައްދާ ނަމަ އެބައެއްގެ ކިބައިން ލަސްނުވެ ސަލާމަތްވުމަކީ ދީނާ ގައުމަށްޓަކާ ކުރަން އެންމެ އައުލާ އެއްކަންތަކެވެ.

]]>
Thu, 07 Dec 2023 17:41:48 +0500 ހީރަސްނިއުސް
ޕީޖީއަކީ އާއްމުން އެންޓަނައިން ކޮށްދޭން ހުރި މީހެއްނޫން https://heerasnews.com/2063 https://heerasnews.com/2063 މީހުން ތަހުޒީބުވާން އެބަޖެހެއެވެ. ހާއްސަކޮށް މުޖުތަމައުގައި އިތުބާރު ކުރެވޭ މަގާމްތަކުގައި ތިބޭ މީހުންނެވެ. އެއަށް ވުރެވެސް ބޮޑަށް ދައުލަތުގެ ކަންކަމާ ރައްޔިތުން މަތިކޮށްފައި ތިބޭ މީހުންނެވެ.

ކިތަންމެ ބޮޑަށް ޓްރާންސްޕޭރެންޓް ވިޔަސް ކުރަންނުވާ ވަރުގެ ކަންކަން ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި ކޮށްގެން ނުވާނެއެވެ. ތަހުގީގީ އިދާރާ ތަކާއި ފަނޑިޔާރު ގެއިން ކުށް ސާބިތު ނުވާ އެއްވެސް މީހެއްގެ ޒާތީ ދިރިއުޅުމާބެހޭ އެއްވެސް ކަމެއް ހާމަކޮށް ފަލީހަތްކޮށް ހެދުމަކީ ވަރަށް ނާތަހުޒީބު ކަމެކެވެ. މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށެއް ސާބިތު ކުރުމަށް ލިބޭ ގަރީނާ ތަކަކީ ޝަރީއަތުގެ މަޖިލީހުގައި ނޫނީ ހާމަ ކުރެވިގެން ވާނެ އެއްޗެއްނޫނެވެ. 

ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތު ކުރުމަށް ގިނަ އަދަދެއްގެ ހެއްކާ ގަރީނާ ލިބުމަކީ އެ ހެއްކާ ގަރީނާ އާއްމުކޮށް ހާމަކުރަން ޖެހޭ ސަބަބެއް ނޫނެވެ. އަމްދުން ޕްރޮސިކިއުޓާރ ޖެނެރަލް ނިކުމެ އެ ވާހަކަ ދެއްކުމަކީ ކުށް ސާބިތުނުވާ މީހަކީ މައުސޫމް މީހެއްކަމުގައި މުޅި ދުނިޔެ ގަބޫލުކުރާ ޝަރުއީ މަފްހޫމާ ހިލާފް ކަމެކެވެ. ޕްސިކިއުޓަރ ޖެނެރަލް ކިތަންމެ ސާބިތު ކަމާއެކު އާއްމުކޮށް ހެއްކާ ގަރީނާ ދެއްކިޔަސް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ކުށް ސާބިތު ވާނީ ޝަރީއަތަށް އެކަމެއް ސާބިތުކޮށް ދެވިގެންނެވެ.

ވޭތުވެ ދިޔަތަނުގައި ކިތަންމެ ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތު ކުރުމަށް ހެއްކާ ގަރީނާ ލިބި އެވާހަކަ އާއްމުކޮށް ދައްކާ ފަހުން ޝަރީއަތަށް ކުށް ސާބިތު ނުވެގެން ދޫކޮށްލެވިފައި ވަނީ ކިތަންމެ ބައެކެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލެއެވެ. އަނެއް ކޮޅުން އެގޮތަށް ކަމެއް އާއްމުކޮށް ހާމަ ކުރުމަކުން ހައްގު ގެއްލިފައިވާ މީހެއްގެ ހައްގު ހޯދައެއްވެސް ނުދެވެއެވެ. ވިއްޔާ ވާކަމަކީ ފަނޑިޔާރު ގެއިން އިންސާފު ލިބުމާމެދު ޝައްކު ކުރެވުމެވެ. ގުޅުމެއްނެތް އެތައް ބައެއްގެ އަބުރު ކަތިލެވުމެވެ. ކުށެއްނެތް ބޮޑެތި އާއިލާތައް މުޖުތަމައުގައި ބާކީ ވުމެވެ.

ކުށެއްގެ ތުހުމަތު ކުރެވޭ މީހުންގެ އަނބި ދަރިންނާއި ގާތްތިމާގެ މީހުންގެ ޒާތީ މައުލޫމާތު އާއްމުކޮށް ހާމަ ކުރުމަކީ ވަަރަށް ވެސް ދަށު ދަރޖައިގެ ކަމެކެވެ.  އިންސާނީ ކަރާމާތަށް އަރައިގަތުމެކެވެ. ކޮންމެ މީހަކަށް ވެސް އެހާލަތުގައި ކުރެވޭ އިހުސާސް އެނގޭނީ އެ މީހަކާ އެކަމެއް ދިމަވީމައެވެ. ހުރިހާ ކަމެއް ހުރިހާ ފަހަރަކު ހުރިހާ އެންމެނަށް އެނގޭކަށް ނުޖެހެއެވެ. ކޮންމެ މީހަކު ކުށެއް ކުރިނަމަވެސް އެކަމެއް ޝަރީއަތަށް ސާބިތުކޮށް އަދަބު ދިނީމާ ނިމުނީއެވެ. ފުލުހުންނާއި ޕްރޮސިކިއުޓަރުންނާއި ފަނޑިޔާރުންނަކީ އާއްމުން އެންޓަނައިން ކޮށްދޭން ތިބި ބައެއް ނޫނެވެ. ނޫސްވެރިންނަށް ހަބަރު ހަދައިދޭން ތިބި ބައެއްވެސް ނޫނެވެ. 

ނޫސް ކޮންފަރެންސެއް ބާއްވާ މީހުންގެ ޒާތީ ދިރިއުޅުމުގެ އަދިރި ފަރާތް ހާމަކުރުމަކީ އެއްވެސް ފަރާތަކަށް އިންސާފު ލިބޭނޭ ކަމެއްވެސް ނޫނެވެ. އެކަމުން ވީދި ހަސްނެތޭނީ އިޖުތިމާއީ ފޭރާމެވެ. އުފެދޭނީ ފިތުނައާއި ހަސަދައެވެ.  

]]>
Thu, 30 Nov 2023 20:40:17 +0500 ހީރަސްނިއުސް
ފްލެޓް ދޭންވީ ގުރުއަތުން https://heerasnews.com/2060 https://heerasnews.com/2060 ރައީސް ސޯލިހު ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމާ ގުޅޭގޮތުން އުފައްދައިގެން އުޅެނީ އަސާސެއްނެތް މައްސަލަ ތަކެކެވެ. ގެދޮރުވެރިޔާ ސްކީމް ފުޑުފުޑުކޮށްލަން ސިޔާސީ ގޮތުން ބަޔަކު ރާވައިގެން ހިންގާ ފިތުނައިގެ ޖަޒްބާތުގައި އެންޓިކޮރަޕްޝަން ކޮމިޝަން ވެސް އޮތީ ޖެހިފައެވެ. މަޝްރޫއު ރޭވިފައި އޮތްގޮތާ ފްލެޓަށް ޝަރުތު ހަމަވެފައި ތިބި މީހުންގެ އަދަދާއި މުޅި މަޝްރޫއުގައި ފްލެޓް އަޅަން ހަމަޖައްސާ އަޅަން އެވޯޑްކުރެވިފައި އޮތް ފްލެޓްގެ އަދަދާ މެދު ވިސްނައެއް ނުލައެވެ. 

ރައީސް ސޯލިހު ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމަށް ހުޅުވާލި ފުރަތަމަ ފުރުސަތުގައި 20،697 މީހަކު ފްލެޓަށް ކުރިމަތިލިއެވެ. ފްލެޓަށް ކުރިމަތިލީ މީހުންފެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލާފައި ވަނީ 6208 މީހުންނެވެ. ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލީ 14،489 މީހުންނެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރަށް ކުރިމަތިލީ މީހުނަށް ދޫކުރަން ހަމަޖެހިފައިއޮތީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 13،000 ފްލެޓެވެ. އެހެންކަމުން ޖޮއިންޓް ވެގެން ކުރިމަތިލި މީހުން ހިމެނޭހެން 15000 މީހުނަށް ޝަރުތު ހަމަވިއެވެ. ޝަރުތު ހަމަ ނުވެގެން ގެދޮރުވެރި ސްކީމްގެ ފުރަތަމަ ބުރުން ފްލެޓް ނުލިބި ދާނީ 5600 މީހުންނަށެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ބޭނުމަށް ތަފާތު ކުންފުނި ތަކަކާ 13000 ފްލެޓް އަޅަން ވަނީ ހަވާލު ކުރެވިފައެވެ. މުޅި ޕްރޮގްރާމް އޮތީ ނިމެމުންދާ ވަރަކުން ޝަރުތު ހަމަވާ 15000 މީހުނަށް ތަރުތީބުން 13000 ފްލެޓް ހަވާލުކޮށް ނިންމާ ގޮތަށެވެ. ގެދޮރުވެރިޔާ ސްކީމްގެ 13000 ފްލެޓް އަޅާ ނިމޭއިރު ފުރަތަމަ ބުރުގައި ޝަރުތު ހަމަވި 15000 މީހުންގެ ތެރޭގައި ފްލެޓް ނުލިބޭ މީހަކު ނުހުންނާނެއެވެ. 

ފުރަތަމަ ނިމޭ 4000 ފްލެޓް، އެންމެ މަތިން މާރކްސް ލިބުނު 4 ހާސް މީހުނަށް ފުރަތަމަ ދިނުމަކީ ބޮޑު ކަންތައް ގަނޑަކަށް ހަދާއިރު ޝަރުތު ހަމަވި މީހުންގެ ތެރޭގައި ފްލެޓް ނުލިބޭނެ މީހަކު ހުރީއެއް ނޫނެވެ. ފްލެޓް ހައްގުވާ މީހަކަށް ލިބޭ ޕޮއިންޓް މަތިވެގެން ފްލެޓް ލިބުން އަވަސް ވުމަކީ އޮޓަމެޓިކުން މާރކްސް ޖަނަރޭޓްވާ ޕޯޓަލަކާ ކުޅެގެން ލިބުނު މާރކްސް ބަދަލުކޮށްގެން ވީކަމެއް ކަމެއް ކަމަށް ނުހެދޭނެއެވެ. އެ ޕޯޓަލަކީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ އެކައުންޓަށް ވަދެ ވާނުވާ ބެލޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕޯޓަލެކެވެ. އެޕްލިކޭޝަންގެ މުއްދަތު ހަމަވުމަށް ފަހު އެއްވެސް މީހަކަށް އެ ޕޯޓަލަށް އުނި އިތުރެއް ގެނެވޭކަށް ނޯވެއެވެ. މީހަކު ބޭނުންވާއިރަށް ބޭނުންހާ ގޮތަކަށް އެ ޕޯޓަލަކާ ނުކުޅެވޭނެއެވެ. 

ޝަކުވާ ހުސްވެގެން ކަމެއް ކުރުމަކީ މުސްތަހީލު ކަމެކެވެ. ނިމޭވަރަކުން ފްލެޓް ހަވާލު ކުރަންޏާ 13000 ފްލެޓް ހަވާލު ކުރެވެންދެން ނުދެވޭ ކޮންމެވެސް ބަޔަކު ތިބޭނެއެވެ. އެ މީހުންގެ ޝަކުވާ ހުންނާނެއެވެ. 

މިހާރުން މިހާރަށް މުޅި މައްސަލަ ހައްލު ކުރެވޭނެ އެއްގޮތަކީ ޝަރުތު ހަމަވާ އެންމެންގެ މެދުގައި ހުޅުވާލެވިގެން ގުރުއަތެއް ލުމެވެ. ގުރުއަތުން ލިބޭ ބަޔަކަށް ފުރަތަމަ 4000 ފްލެޓް ހަވާލުކުރުމެވެ. އޭރުން މަރކްސް މަތިވެ ތިރިވުމުގެ މައްސަލައަށް އޮތް ހައްލަކަށް އެކަންވާނެއެވެ. އޭރުން 1އިން 13000އަށް ފްލެޓް ލިބޭ ތަރުތީބުކޮށްލެވި ދާނެއެވެ. ކަމުގެ އަވަސް ހައްލަކީ ޕޮއިންޓް ގުނުމަށް ވަގުތުތައް ދުއްވާލާ ފްލެޓް ދިނުން ލަސްކުރުމެއް ނޫނެވެ. ހައްލަކީ އަވަހަށް 13000 ފްލެޓް ނިންމާ ޝަރުތު ހަމަވާ މީހުނަށް ފްލެޓް ހަވާލު ކުރުމެވެ. 

]]>
Thu, 30 Nov 2023 11:37:40 +0500 ހީރަސްނިއުސް
ސާޖިދާ އުޅުއްވަން ތިޔަ އުޅުއްވަނީ މާ އައްޗިކޮށް https://heerasnews.com/1998 https://heerasnews.com/1998 ސިވިލް ސާވިސް މުއައްޒަފުން އަމަލުކުރަން ޖެހޭ ގާނޫނު ތަކަކާއި ގަވައިދު ތަކަކާއި ހަމަތަކެއް ހުރެއެވެ. ސިވިލް ސާވިސްގެ ކޮންމެ މުއައްޒަފަކަށް ވެސް އެ މީހެއްގެ މަގާމުގެ ހައިސިއްޔަތުން ކުރަން ލާޒިމު ކުރާ ކަންތައްތަކެއް ހުރެއެވެ. ވަކި ގަނޑިއަކަށް ވަކިތާކަށް ހާޒިރުވެ މަސައްކަތް ކުރަންޖެހެއެވެ. ޗުއްޓީ އާއި ސަލާން ބުނުމުގެ އުސޫލުތަކެއް އޮވެއެވެ. ރަސްމީ މަސައްކަތުގެ ގަޑިއެއް ކަނޑައެޅިފައި އޮތުމާއި އެގަޑީގައި އެނޫން ކަންކަން ކުރަން ވަޒީފާގެ މަސައްކަތާ ދުރުގައި އުޅުމަކަށް ހުއްދައެއް ނުވެއެވެ. ހައިރާކީގެ ގޮތުން ކިޔަމަންތެރިކަން އަދާކުރަންޖެހޭ ވެރިން ތަކެއްވެސް ކޮންމެ މުއައްޒަފަކަށް ތިބެއެވެ. އަދާކުރާ ވަޒީފާއަށް ކަނޑައެޅިފައި އޮންނަ އުޖޫރައަކާ އިނާޔަތްތައް ވެސް ހުރެއެވެ.

ސިވިލް ސާވިސްގެ ކޮންމެ ފެންވަރެއްގެ މުއައްޒަފަކު ވެސް ދުވަހުން ދުވަހަށް މަސައްކަތް ރިޕޯޓް ކުރަން ޖެހޭ ވެރިއަކު ހުރެއެވެ. ހަމަޖެހިފައި އޮންނަ އުސޫލުން ވަޒީފާގެ ޒިންމާތައް އަދާނުކުރެވޭ މުއައްޒަފުންނާމެދު ފިޔަވަޅު އަޅަން އުސޫލުތައް އޮވެއެވެ. އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ޖެހޭ ވަގުތުގައި ނާޅައިފިނަމަ އެއީވެސް އެކަންކުރަން ތިބޭ ބަޔަކަށް އަދަބުލިބޭ ކުށެވެ. ކުޑަމިނުން ޗުއްޓީނަގާ ސަލާން ބުނެ ހެދުމުގައިވެސް މިންވަރަކާއި ގޮތްތަކެއް ކަނޑައެޅިފައި އޮވެއެވެ. 

ތެދެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނަކީ ރަމްޒީ ބޭފުޅެކެވެ. ސަރުކާރު ހިންގުމުގެ އެއްވެސް ކަމެއްގައި އަމަލީގޮތުން އުޅުއްވަން ޖެހި ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެހެނެއްް ކަމަކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުންނަށް ވީތީ އެބޭފުޅަކަށް ދައުލަތުން އިނާޔަތް ދިނުން ގާނޫނު ލާޒިމުކުރެއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައަޅާފައި އޮންނަ މުސާރައިގެ 33%އަށް ވާހާ ފައިސާ ފަސްޓް ލޭޑީއަށް އިނާޔަތުގެ ގޮތުގައި ދޭން ޖެހެއެވެ. 

އަނެއްކޮޅުން ފަސްޓް ލޭޑީގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހޭ ހާއްސަ ޕްރޮޓޮކޯލް ތަކެއް ވެސް ހުރެއެވެ. ރަސްމީ ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގާ ބޭރު ގައުމުތަކަށް ވަޑައިގަންނަވަން ޖެހެއެވެ. ރަސްމީ އެތައް އިހުތިފާލެއްގައި ރަސްމީ ގަޑީގައި ރަސްމީކޮށް އުޅުންވަން ޖެހެއެވެ. ބޭރު ގައުމު ތަކުން ރާއްޖެއަށް ވަޑައި ގަންނަވާ އިއްޒަތްތެރިންނާ ބައްދަލުކުރެއްވުމާ އަދާ ކުރައްވަން ޖެހޭ ރަސްމީ ޕްރޮޓޮކޯލްތައް ފަސްޓް ލޭޑިގެ ހައިސިއްޔަތުން ފުރިހަމަ ކުރައްވަން ޖެހި ވަޑައިގަންނަވައެވެ. މިހެން ގޮސް އެތައް ބައިވަރު ކަންކަން ކޮންމެ ދުވަހަކު ހުއްޓާ ނުލައްވާ ކުރައްވަން ޖެހި ވަޑައިގަންނަވާ ބޭފުޅަކަށް ފަސްޓްލޭޑީވެއެވެ.

ސިވިލް ސާވިސް މުއައްޒަފަކު ފަސްޓްލޭޑީ ކަމުގައި ހުރެގެން ރައީސްގެ އަބިކަނބަލުންގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހޭ ރަސްމީ ކަންކަން ސިވިލް ސަރވިސްގެ ގާނޫނާ އެއްގޮތަށް ވަޒީފާ އަދާ ކުރެވުމަކީ މުސްތަހީލު ކަމެކެވެ. ބޭނުންހާ ގަޑިއެއްގައި ޗުއްޓީ ހޯދުމާއި ސަލާން ބުނުމާއި ވަޒީފާގެ ވާޖިބުތައް ތަރުތީބުން އަދާ ނުކޮށް ސިވިލް ސާވިސްގައި ވަޒީފާ އަދާކުރުމަކީ ވެވޭނެ ކަންކަމެއް ނޫނެވެ. ފަސްޓްލޭޑީ ކަމަށް ސިވިލް ސަރވިސްގެ މުއައްޒަފަކު ފަސްޓްލޭޑީއަށް ވުމުން އެހެން މުއައްޒަފުންނަށް ނޯންނަ އިމްތިޔާޒެއް ދެވޭނެ ހާއްސަ ހާލަތެއްވެސް ސިވިލްސާވިސް ގާނޫނަކު ނުއޮވެއެވެ.

ފަސްޓްލޭޑީގެ ގޮތުގައި ހުންނަވާ ބޭފުޅަކަށް ސިވިލް ސާވިސްގެ މުއައްޒަފެއްގެ ގޮތުގައި އަމަލީކޮށް އުޅުއްވުމަކަށް ފުރުސަތެއް ހަގީގަތުގައި ނެތެވެ. ފަސްޓްލޭޑީއަށް ވުމުން އަމަލީ މަސައްކަތަށް ނުނިކުންނަވާ ފަސް އަހަރަށް ނޯޕޭ ލީވެއްގައި ސިވިލް ސާވިސް މުއައްޒަފަކަށް ހުރެވޭނެ އުސޫލެއް އަދި ތަޢާރަފް ވެފައެއް ގާނޫނުގައި ނެތެވެ.

އަނެއްކޮޅުން ރައީސް ކަމުގައި ހުންނަ މީހަކު އެއްވެސް އެހެން ވަޒީފާއެއް އަދާ ނުކުރާން އޮންނަނީ ކަމެއް ވެގެންނެވެ. ފަސްޓްލޭޑީއަކީ ރައީސްގެ ޒާތީ ދިރިއުޅުއްވުމުގެ އެއްބައެވެ. ސިވިލް ސާވިސްގެ މުއައްޒަފެއްގެ ގޮތުން ވިޔަސް ފަސްޓްލޭޑީ އެހެން ފަރާތެއްގެ ބާރުވެރި ކަމުގެ ދަށުގައި ހުރުމަކީ ގާނޫނުގެ ރޫހެއް ނޫނެވެ. އެކަމަކީ ރައީސްގެ މައްޗަށް ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ނުފޫޒެއް ފޯރުވުމަށް ފުރުސަތު އޮތްކަމެކެވެ. ފަސްޓްލޭޑީއަށް ހާއްސަ އިނާޔަތެއް ގާނޫނުން ކަނޑައެޅިފައި އޮންނަނީ އެހެން ވެގެންނެވެ. ސީދާ ބަހުން ގާނޫނަކުން ކަމެއް މަނާ ނުކުރުމަކީ އެކަމެއް ކުރަން އޮތް ހުއްޖަތެއް ނޫނެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފަސްޓް ލޭޑީގެ ގޮތުގައި ހުންނަވައިގެންވެސް ސިވިލް ސާވިސްގެ ވަޒީފާއަށް ނިކުންނެވުމަށް ގަދަފައި ވިއްދަވާ ހުއްޖަތް ގާއިމު ކުރައްވަން އުޅުއްވާތީ ހައިރާން ވެއެވެ. ބައެއް ކަންކަމަކީ ބައެއް ހާލަތްތަކުގައި ކުރެއްވީމާ ނިކަން ހުތުރު ކަންކަން ކަމެވެ. ފަސްޓްލޭޑީ ކަން ލިބި ވަޑައިގެންނެވުމުން ވެސް ސާޖިދާ އުޅުއްވަން ތިޔަ އުޅުއްވަނީ މާ އައްޗިކޮށެވެ. 

]]>
Mon, 13 Nov 2023 16:05:14 +0500 ހީރަސްނިއުސް
މާލޭގެ ޓްރެފިކް: ހަމައެއް ލަމައެއް ނެތް https://heerasnews.com/1994 https://heerasnews.com/1994 ~ ހިލް ހިލްމީ ~

މާލޭގެ މަގުމައްޗަށް ދިމާވެފައިއޮތް ބޮޑު މުސީބާތަކީ ހަމައެކަނި މިތާ ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ މައްސަލައެއްނޫނެވެ. މިއީ ފަތުރުވެރިން މާލެއަށް ޒިޔާރަތް ކުރުމަށްވެސް ހުރަސްއެޅިފައިވާ، ހައްލުކުރުން ކޮންމެހެން ލާޒިމް މައްސަލައެކެވެ. ހަނި މަގުތަކާއި، ދުވަހެއްދުވަހަކަށް އިތުރުވަމުން އަންނަ އާބާދީއާއި، ދުއްވަން ދަސްކުރުމުގެ މަރުހަލާއާއި ދުއްވުމުގު ގަވާއިދު އެނގޭވަރު ވަޒަންކުރުމަށް ބާއްވާ އިމްތިހާނު ނުވަތަ ތިއަރީ ޓެސްޓު ހެދުމުގެ މަރުހަލާގައި އެކަން އޮންނަންވީ އެންމެ ހަރުދަނާގޮތްތައް ނެތުމުގެ ސަބަބުން މާލޭގެ މަގުތައްވަނީ ތޫފާނެއްފަދަ ބޮޑު މުސީބާތަކަށްވެފައެވެ.  

ދުއްވަން ދަސްކުރުމުގެ މަރުހަލާގައި އިހުމާލުވެފައިވުން.

މާލޭގެ ޓްރެފިކަށް ދިމާވެފައިވާ މައްސަލައިގެ އަސްލު ސަބަބަކީ ދުއްވަން ދަސްކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމުގައި އަވަސްއަރުވާލުމާއި ދުއްވުމުގައި ގަވާއިދަށް އަމަލުކުރުމުގެ ހުނަރާއި ވިސްނުން ދަސްކުރާމީހާގައި ހުރިކަން ބެލުމުގެ ޕްރޮސެސް އެސެސް ކުރުމުގައި އިހުމާލުވުމެވެ. އަދި ހަމައެހެންމެ މިކަންކުރާ އިންސްޓްރަކްޓަރުން މިފަދަ މުހިންމު ތަމްރީނުދިނުމަށް އެންމެ ފުރިހަމައަށް ގާބިލުތޯ ނޫންތޯ ބަލާލެވިފައި ނެތުމަކީވެސް މިކަން ރަގަޅު ނުކުރެވިގެންއުޅޭ ސަބަބެއްކަމުގައި ވެދާނެއެވެ. ދުއްވުމުގައި ހުންނަންވާނެ ވިސްނުމާއި މަގުމައްޗަށް ރަގަޅަށް ބަލައި ސަމާލުވާންވީވަރު ބުނެދީގެން އެކަން އަމަލީގޮތުން ކުރެވެނީ ކިހާވަރަކަށްތޯ ބެލުމުގެ ހުނަރު ނެތީކަމުގައިވެސް ވެދާނެއެވެ. މަގުމަތީގެ ނިޝާންތަކަށާއި އެކިދިމަދިމާލުން އެމަގަކަށް ވަންނަ އެހެނިހެން ދުއްވާއެއްޗިހި ވަނުމުގައި ރައްކާތެރިކަމާއިއެކު ދުއްވުމުގެ އުސޫލުތަށް ހިފެހެއްޓުމުގެ ފުރިހަމަ ވިސްނުމެއް ދުއްވަން ދަސްކުރާމީހާއަށް އުނގަންނައިދިނުމަކީ މުހިންމުކަމެކެވެ. ހިތާމައަކީ ޑްރައިވަރުންނަށް މިތައުލީމު ދިނުމުގައި މުހިންމު ކަންކަމާއިމެދު ދެވެންވާ ސަމާލުކަން ނުދެވުމާއި ގަވާއިދު އުނގަންނައިދުނުމުގައި ހަރުދަނާކޮށް ސާބިތުވެވިފައި ނެތުމެވެ. ފަރުވާކުޑަކުރެވުމެވެ.

ޓްރެފިކްގެ ގަވާއިދުތަކާއި ހަމަތަށް ހަނދާނުގައި ނެތުން

ދުއްވަން ދަސްކުރުމުގެ އެންމެ މުހިންމު އެއްބަޔަކީ ގަވާއިދުތަކެވެ ނުވަތަ ތިއަރީތައް ދެނެގަތުމެވެ. އެ ގަވާއިދެއް ނުވަތަ އުސޫލެއް ދަސްކުރާއިރު އެގަވައިދެއް ހެދިފައިވަނީ ކޮން ހަމަތަކަކަށް ބިނާވެގެންތޯ އެނގުން މުހިންމެވެ. ޑްރައިވަރުންވާންވާނީ އެއްގަމުގައި ދުއްވުމަށް ހެދިފައިވާ ގަވާއިދުތަކަށް ފަރިތަ ބަޔަކަށެވެ. މިއިން ކޮންމެ ގަވައިދަކީ އެކަތިއަނެކައްޗާއި ލާމެހިފައިވާ ގަވައިދުތަކެއްކަން ފުރިހަމައަށް އެނގި އެއަށް މާބޮޑު ވިސްނުމަކާއިނުލާ އަމަލުކުރެވޭ ބަޔަކަށްވާންވާނެއެވެ. އޯވާޓޭކު ކުރަންޖެހޭ ގޮތާއި، ލޯގަނޑުތަކަށް ފަރިތަވެ އެއިން ފަހަތްބަލައި، ފަހަތުން އަންނަ މީހުންނަށް އޮޅުންނާރާނެ ފަދައިން ރަގަޅު ދަނޑިވަޅު ތަންއޮއްވާ ސިގުނަލްދިނުމަށްފަހު އޯވާޓޭކު ކުރުންފަދަ ކަންކަމަކީ އެންމެ ފަހަރަކުވެސް އިހުމާލުވެވިގެންވާނެ ކަންކަމެއްނޫނެވެ. މަގުމަތީގަ ދުއްވާއެއްޗަކަށް އެރުމަށްފަހު އެއުޅަނދެއް ދުއްވާމީހާގެ އެންމެ އިސް ވާޖިބަކީ ދުއްވުމުގެ ގަވައިދައް ސަމާލުވުމާއި މަގުމައްޗަށް ސަމާލުކަންދިނުމެވެ. މިއީ އެންމެ ހިނދުކޮޅަކަށްވެސް ދޫކޮށްލެވޭނެ ކަމެއްނޫނެވެ. ތަރައްގީވެފައިވާ ގައުމުތަކުގައި އެއްގަމުއުޅަނދަށް ލައިސަންސް ދިނުމުގައި ލައިސަން ނަގާމީހާގެ ނަފުސާނީ ފެންވަރާއި ކޮގްނެޓިވް ގާބިލުކަން މިހާރު ވަޒަންކުރެއެވެ. މީގެ މާނައަކީ އެމީހެއްގައި އަވަސް ނިންމުން ނިންމުމުގެ ގާބިލުކަން ހުރިވަރަކާއި މަގުމަތިން ފެންނަ ކަންކަމާއި ހާލަތު ވަޒަންކުރުމުގައި އަވަސްލަސްމިން ދަނެގަތުމާއި އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅު ދުއްވުމުގެ ތެރޭގައި އެޅުމުގެ ގާބިލުކަން ހުރިވަރު ބަލާނެ ގޮތްތަށް އުފައްދައި އިމްތިހާނުގައި ހިމަނައެވެ. ދުއްވަން އެނގި ގަވާއިދު ޕޭޕަރުން ފާސްވިޔަސް މިބައިގައި ފެންވަރު ނެތުމުން ވަކި މުއްދަތެއްދީގެން ފަހުން ރީޓެސްޓު ހެދުމަކީ މިހާރު އޮންނަ ކަމެކެވެ. މިހާރުގެ ހާލަތައް ބަލާއިރު މިގައުމުގައި މިކަން ކުރުން މާމުހިންމުކަމުގައި ފެނެއެވެ. މިކަންކުރުން ލަސްވެސް ވެއްޖެއެވެ.

އޯވާޓޭކް ކުރުމުގެ ގަވާއިދު އޮތީ ހަމައިންނެއްޓިފަ

ޓްރެފިކް ގަވައިދުގަ އެންމެ ސީރިއަސް  އެއް ގަވައިދަކީ އޯވާޓޭކު ކުރުމުގެ ގަވައިދޭ ބުނުމަކުން ގޯހެއްނުވާނެއެވެ. މިފަހަކަށްއައިސް މިކަންކުރަނީ މުޅިން ގަވާއިދާއި ޚިލާފަށެވެ. މިރާއްޖޭގައި ޓްރެފިކްގެ ނިޒާމް ކަނޑައެޅި، ގަވާއިދު އޮތީ ކަނާއަތްފަރާތުން ކުރިއަށް އަރާގޮތަށެވެ. މާނައަކީ، އާންމުކޮށް ދުއްވާއިރު ހުންނަންވާނީ ނުވަތަ އޮންނަންވާނީ ވީހާވެސް ވައަތްފަރާތުގައެވެ. ނަވަވެސް ގަވައިދަށް އަމަލުކުރަނީ މަދު ބައެކެވެ. ގަވާއިދުގަ މިހެން އޮތަސް ނުގަވައިދަށް އަމަލުކުރުމުގެ ކަންތައް ގޮސްފައޮތް ހިސާބަކީ، ގަވައިދުންދާ މީހާއާއި ދިމާލަށް ނުގަވައިދުންދާމީހާ ލޯއަޅާ ބަލާގޮތުން ދޭހަވަނީ އެމީހާއަށް ގަވާއިދަށް އަމަލު ނުކުރެވުނުކަމުގެ ކުޑަވެސް އިހުސާހެއް ނެތްކަމެވެ. އަދި މިކަންކަން ބެލުން މަތިކޮށްފައިވާ މީހުންނަށް މިކަން ތާއަބަދު ހިނގަމުންދާއިރު ކަހާތަން ހިރުވާލިހެންވެސް ހީނުވިއޭ ބުނެވިދާނެއެވެ.

ތަންފީޒުކުރުމުގެ އުސޫލުތައް ނެތުން

ޓްރެފިކް ފުލުހުން ވަކިގަޑިތަކެއްގަ މަގުތަކުގައި އެތުރި މައިގަނޑު ގޮތެއްގަ ފޯކަސްކުރަނީ އަހަރީ ފީ ދެއްކިތޯ ބެލުމާއި ލައިސަންސް ސައްހަތޯ ބެލުން އަދި އިންޝޫރެންސާއި ރޯޑްވާދިނަސް އޮތްތޯ ބެލުމަށެވެ. ދުއްވަނީ ހަމައިންތޯ، އޯވާޓޭކު ކުރަނީ ރަގަޅަށްތޯ، މަގަކުން އަނެއް މަގަކަށް ނިކުންނައިރު  ތަންދޭންޖެހޭ މީހާއަށް ތަންދޭތޯ، ލިޔެބަޔާންވެގެންވާ، ޓްރެފިކުގައި ކުރުން މަނާކޮށް ބަޔާންވެގެންވާ ގަވާއިދާއި ސީދާ ޚިލާފުވިޔަސް އަޅާލިތަން ނުފެނެއޭ ބުނުމަކީ މުޅިއަކުން ދޮގެއް ނޫނެވެ. ދުއްވުމުގައި ގަވާއިދާއި ޚިލާފަށް ކުރެވޭ ކަމަކުން ފުރާނައަށް ނުރައްކާތެރިވާވަރުގެ ގަވާއިދާއިމެދު އެކަން ބަލަހައްޓަން މަތިކުރެވިފައިވާ މީހުން އަޅާނުލާ ދޫކޮށްފަ އޮތުމަކީ ހިތާމަހުރި ކަމެކެވެ. ކުރިން ދެންނެވުނު ކަންކަމާއިމެދު ސަމާލުވާވަރަށް ދުއްވުމުގައި ހިފަހައްޓަންޖެހޭ ހަމަތައް ހިފެހެއްޓުމުގައި އަޅާލާނަމަ ކިހާރަގަޅުވީސްތޯއެވެ.

ބާރުބޮޑުވާ ގަޑިތަކު ހަލަބޮލިވުމަށް ކުޑަނަމަވެސް ލުޔެއްލިބިދާނެބާ؟

މާލޭގެ ދެތިން ދިމާލެއްގައި ސްކޫލުތައް ފެށޭގަޑިއާއި ނިމޭގަޑީގަ ޓްރެފިކް ބާރުބޮޑުވެދާނެތީ އެސަރަހައްދު ގިނަވަގުތުތަކަކަށް ބަންދު ކުރަންޖެހެއެވެ. މިކަން ކުރުމުގައި މިނޫން ހައްލެއް އޮވެދާނެއޭ ހިތައްއަރައެވެ. ސްކޫލުތައް ފަށާގައިއާއި ނިމޭގަޑި ދެ ސްކޫލު ދެމެދު ކުޑަ ފަރަގެއް ގެނައުމަކީ ނުކުރެވޭވަރު ބޮޑު ދަތި ތަކުލީފެއް ނިކުމެދާނެ ކަމެއްކަމުގައި ނުފެނެއެވެ. މިސާލަކަށް އިސްކަނަދަރު ސްކޫލާއި އަމީނިއްޔާ ފެށޭގަޑި 15 ވަރަކަށް މިނިޓް ތަފާތުކޮށްފިނަމަ ނިމޭގަޑިވެސް ތަފާތުވާނެވެ. އެހެންވުމުން ކުރިން ފެށޭ ސްކޫލަށް ކުދިންލާންދާ ބެލެނިވެރިން އެ ސްކޫލަށްގޮސް ކުދިންލުމަށްފަހު އަނެއް ސްކޫލަށް ކުދިންލާން އަންނަ މީހުން އަންނައިރު އެހިސާބު އޮންނާނީ މައިތިރިކޮށެވެ. މިކަން  ޕްރެކްޓިކަލްކޮށް ފެނުމުންނޫނީ ވާނެ ފަސޭހަ ތަސައްވަރު ނުކުރެވިދާނެއެވެ. މިމަޝްވަރާ ރޭވުންތެރިކަމާއިއެކު ކޮއްލުމަކީ ހައްލެއް ހޯދިދާނެ ގޮތެކެވެ. ސްކޫލުތައް ފެށެންވާނީ ހަމަ އެއްގަޑިއެއްގައޭ ބާވައިލެއްވުނު ފޮތެއްގަ ނުވަތަ އަހަރުމެން ލިޔެ ބަދަލުނުކުރެވޭނެ ސިލެއްޖެހި ފޮތެއްގައިވެސް ނެތެވެ. އަޖުމަ ބެލިދާނެތާއެވެ. މިދެންނެވި ގަޑިތަކުގައި ޓްރެފިކަށް އެއަންނަ ބޮޑު ބަދަލާއި ގައުމުގެ އުފެއްދުންތެރިކަމާއި ގުޅުން އޮވެދާނެއެވެ. އިގުތިސާދައް ބުރޫއަރާނެވެ. ގިނަބައެއްގެ އަގުހުރި ގަޑިތަކަށް ބަދަލުއާދެއެވެ. މިއީ ވިސްނާލުން ރަގަޅު ކަމެކެވެ.

ކަމެއް ހައްލުކުރުމަށް ޕާސްޕެކްޓިވް ނުވަތަ ނަޒަރިއްޔާތު ބަދަލުކުރުން މުހިންމެވެ. ތާއަބަދު އެއް ނަޒަރިއްޔާތަކުން ބެލުމުން ފެންނާނީ ހަމަ އެއް މަންޒަރެކެވެ. ކުޑަ ކަމަކުން ނުހަނު ގިނަ އިޖުތިމާއީ އަދި އިގުތިސާދީ މަންފާ ލިބިދާނެވެ. އެމެރިކާގެ ކުރީގެ ރައީސެއްކަމުގައިވާ އަބްރާހަމް ލިންކަންގެ ސްޓެޗިއޫ އަކަށް ކޮތަރު ގުއިރޭތީ އެ ސްޓެޗިއޫ ސާފުކޮށް ބެލެހެއްޓުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެ އެކަމަށްހައްލެއްހޯދަންޖެހުނެވެ. އެ ޚަރަދު ކުޑަކުރާނެ ގޮތެއް ހޯދުމުގެ ތެރޭގައި، އޭރު އެ ސްޓެޗިއޫ ހުރިތަނުން އެހެން ދިމާލަކަށް ބަދަލުކޮށްފިނަމަ އެޚަރަދު ހުއްޓިދާނެކަމުގައި ވިސްނުނު މީހަކު ބުނެގެން އެކަން ކުރިއެވެ. ކޮތަރު އިންތިހާއަށް ގިނަ މައިދާނެއްގައި ހުރި ސްޓެޗިއޫ ހިމާޔަށް ކުރަން ކޮތަރު މަރާ ހުސްކުރެވޭކަށް ނެތެވެ. ވެރިއެއްގެ ސްޓެޗިއޫއެއްވީމަ ސާފުނުކޮށް ދޫކޮއްލެވޭކައް ނެތެވެ. ޚަރަދު ކުރުން ހުއްޓޭކަށް ނެތެވެ. މި ހުރިހާކަމެއްގެ ހައްލު ލިބުނީ ގެނެވުނު ކުޑަ ބަދަލަކުންނެވެ. ސްޓެޗިއޫވެސް ހަޑިނުވެ އެބަހުއްޓެވެ. ކޮތަރުތައްވެސް އުޅެވެ. ޚަރަދުވެސް ކުރާކައްނުޖެހެވެ. ހައްލަކީ ވިސްނާފިކުރުކޮށް ތަފާތު ނަޒަރިއްޔާތުން ކަންކަން ބަލައިގެން ގެނެވޭ އެއްޗެކެވެ. މާލޭގެ މަގުމަތިވެސް މިހާރަށްވުރެ އަމާންކުރެވޭނެއެވެ.

]]>
Sun, 12 Nov 2023 17:50:02 +0500 ހީރަސްނިއުސް
ގުޅިގެން އުޅެން 13ހާސް މީހުންނަށް 4 ހާސް ފްލެޓް https://heerasnews.com/1975 https://heerasnews.com/1975 ޝަރުތު ހަމަވާ 13 ހާސް މީހުން ފްލެޓަށް އެދިފައި ވަނި ކޮށް ނިމުނު 4 ހާސް ފްލެޓް 4 ހާހަށް ދީގެން މައްސަލަ މިއޮތީ ގޯސްވެފައެވެ.

13 ހާސް މީހުން ވެސް ބޭނުން ވަނީ ނިމުނު 4 ހާސް ފްލެޓަށް ވަންނާށެވެ. މިކަމަށް އޮތް ޙައްލަކީ ނިމުނު 4 ހާހުގައި ގުޅިގެން އެކުގައި ލޯބިން ދިރިއުޅޭ ގޮތަށް 13 ހާސް މީހުންނަށް 4 ހާސް ފްލެޓް ހަވާލު ކުރުމެވެ.

އިތުބާރު ކުރުމެއް އިންތިޒާރު ކުރުމެއް ކެތްތެރިވުމެއް ނެތިއްޔާ ދެން ހެދޭނީ ހެދެން އޮތް ގޮތެކެވެ. ތަނަކަށްދާން ސައިކަލަށް އަރާތަނުން މަގު އެކީ ހުސްކޮށް ލިބެންޖެހޭނީ އޭނާ އެކަނި ދުއްވާށެވެ. ބަލިމީހަކު އަރުވަން ވެސް ކުރިމަތީގައި އޮތް ވެހިކަލް މަޑުކޮށްފިއްޔާ ބަރުގޮނު އަޅާވަރުން ކަންފަތް ފަޅައިގެންދާހާ ވެއެވެ. އަނެއްކޮޅުން ނަލަ ދުވެލީގައި އައިސް މަގެއްގެ މެދަށް މަޑުކޮށްގެން ބިއްލޫރި ތިރިކޮށްގެން މީހަކާ އަނގަތަޅަން އިންނައިރު ފަހަތުގައި ޓްރެފިކް ގުޅަޖެހުނަސް އެންމެ ރަނގަޅެވެ. ސައިކަލަށް އެރި މީހާއަށް އެކަނި މުޅިމަގު މިލްކުވީ ގޮތަށް ކާރުގައި އިން މީހާއަށް އެކަނި މުޅިމަގު މިލްކުވީމާ އޮންނާނެ އިރަކު މަޑުކޮށްގެން އިންނަންވީއެވެ. ފަހަތުގައި ތާށިވެފައި ކިތަންމެ ބަޔަކު ތިބިއްޔާ އޭނާއަށް ކޮން  ކަމެއް ހެއްޔެވެ؟

ދާތާކަށް ގޮސް އެދިޔަ އެއްޗެއް ޕާކް ކުރެވެން ވާނީ ހަމަ އެދިޔަ ތަނެއްގެ ދޮރުމަތީގައެވެ. ތަންކޮޅެއް ދުރުން ލިބޭ ހުސްތަނެއްގައި ޕާކްކޮށް ހިނގާލަން ވެއްޖެނަމަ ގޯހެކެވެ. މުޅި ދުނިޔެ ވޮލެޓަށް ލައިގެން ތިމާ ނޫން އެހެން މީހަކަށް އެކައްޗެއްވެސް ނުލިބި އުޅެން ބޭނުމެވެ. މާލެ ސަރަހައްދު ހިއްކާ ފްލެޓާ ގޯތިދޭން ފެށިފަހުން އެންމެން ވެސް މާލޭ މީހުންނަށް ވެއްޖެއެވެ. ފައިން ވެލިނުހިކި ފޯމުގައި ޖަހަނީ މާލޭގައި ދިރިއުޅޭތާ 20 ތިރީސް އަހަރު ވެއްޖެ ކަމަށެވެ.

13 ހާސް މީހުން ވެސް ބޭނުން ވަނީ ނިމުނު 4 ހާސް ފްލެޓަށް ވަންނާށެވެ. އެންމެ ފުރަތަމަ ނިމޭ ފްލެޓަށް ވަންނަން އެންމެން ބޭނުމެވެ. އެހެން ވާގޮތެއް ވެސް އެބައޮވެއެވެ. ދެން ވެރިކަމާ ހަވާލުވާ މީހުން ޝަރުތު ހަމަވި މީހުނަށް ފްލެޓް ނުދީފާނެ ކަމަށް ގަންނަ ބިރު މާ ބޮޑީއެވެ.

]]>
Sun, 05 Nov 2023 16:40:55 +0500 ހީރަސްނިއުސް
މަރަށް މަރުހިފުމާ ކުޑަ ކުދިން https://heerasnews.com/1938 https://heerasnews.com/1938
  • ރާއްޖޭގެ ގާނޫނުގެ ކުރިމަތީގައި ތަސައްރަފް ނުފުދޭ ހަގީގީ ކުޑަކުއްޖަކީ އުމުރުން 15 އަހަރު ނުވާ ކުއްޖާ
  • 18 އަހަރު ފުރިހަމަނުވާ ކުދިންގެ ތެރެއިން މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުދިން، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކަށް ކުށުގެ ޒިންމާ ނަގަންވާނެ
  • އުމުރުން 18 ނުފުރުމަކީ ކުށް ކުރުމަށާއި ކުށުގެ އަމަލުގައި ބައިވެރި ކުރުވުމަށް އޮތް ލައިސަންސެއް ނޫން
  • ގިސާސް ހިފުމަކީ އިސްލާމީ ޝަރީއަތުގައި ލާޒިމު ކަމެކެވެ. ގާނޫނު އަސާސީގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީން ކަމަށް ބުނާ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ގާނޫނަކުން ގިސާސް ހިފުން މަނައެއް ނުކުރެވޭނެއެވެ. އެކަން ކަށަވަރުވަނީ އިސްލާމު ދީނާ ތައާރަޒްވާ ގާނޫނެއް ނުހެދޭނެ ކަމަށް ބުނެފައި އޮންނާތީއެވެ.

    ރާއްޖޭގެ ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާ ގޮތުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކުށެއް ޝަރީއަތަށް ސާބިތު ވެގެން އެ ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެއެވެ. އަދި އެ ކުއްޖަކަށް 18 އަހަރު ވުމަށް ފަހު ވެސް، އެ ކުށަށް މަރުގެ އަދަބު ނުދެވޭނެއެވެ.

    ދިވެހި ރާއްޖޭގެ ގާނޫނު ބުނާ ގޮތުން އުމުރުން 18 އަހަރު ނުފުރެންޏާ އެއީ ކުޑަކުއްޖެކެވެ. ގާނޫނުގައި "ކުޑަކުދިން" ކަމަށް ބުނެފައި ވަނީ، މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ހާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަން ވުމަށްފަހު، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަ ނުވާ ކުދިންނަށެވެ.

    ގާނޫނުލް އުގޫބާތުގެ 53 ވަނަ މާއްދާގެ (ނ) އިސްތިސްނާގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، " ކުށްކުރި ހިނދުގައި 18 އަހަރު ފުރިހަމަނުވާ ކުދިންގެ ތެރެއިން، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުދިން، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކަށް ކުށުގެ ޒިންމާ ނަގަންވާނެއެވެ. އަދި މިފަދަ ކުށްތަކަށް އެކުއްޖެއްގެ މައްޗަށް މި ގާނޫނުގައިވާ ގޮތަށް އަދަބު ކަނޑައަޅަން ވާނީ އެ ކުއްޖެއްގެ އުމުރުން 18 އަހަރު ފުރިހަމަ ވުމަށް ފަހުގައެވެ".

    ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަސައްރަފު ފުދިފައިވާ ބައެއް ކަމުގައި ނުވާތީއާއި، އެ ކުދިންނަކީ ދައުލަތުގެ ފަރާތުންނާއި އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ބާރުން، ބާރު ހޯދާ ދީގެން އުމުރުން 18 ނުފުރުމަކީ ކުށް ކުރުމަށާއި ކުށުގެ އަމަލުގައި ބައިވެރި ކުރުވުމަށް އޮތް ލައިސަންސަކަށް ވަނީ ވެފައެވެ. 

    ކުށްކުރި ހިނދު، 15 އަހަރު ފުރިހަމަވެފައި ނުވާ ކުއްޖަކީ، މައާފު ލިބެނިވި ދިފާއުގެ ފުރިހަމަ ފައިދާ ލިބިގެންވާ ކުއްޖެއް ކަމުގައި ބެލެވޭނެ ކަމަށް ގާނޫނުލް އުގޫބާތުގެ 53 ވަނަ މާއްދާގެ (ށ) ތަސައްރަފް ނުފުދޭ ކަމަށް ބެލުމުގެ 1 ވަނަ ނަންބަރުގައި ވެއެވެ. އެހެން ކަމުން ރާއްޖޭގެ ގާނޫނުގެ ކުރިމަތީގައި ތަސައްރަފް ނުފުދޭ ހަގީގީ ކުޑަކުއްޖަކީ އުމުރުން 15 އަހަރު ނުވާ ކުއްޖާއެވެ. އިސްލާމީ ޝަރީއަތުގައި ވެސް ތަކްލީފު ލިބުން ކަމަށް ދަލީލުކުރަނީ ބާލިޣުވުން ނުވަތަ އުމުރުން ފަނަރަ އަހަރު ފުރުން ކަމެވެ. 

    ގާނޫނުން ލިބިދޭ ރައްކާތެރި ކަމުގެ ނަޖާއިޒު ފައިދާ ނަގައިގެން ކުށްތަކަށް އަރައިގަނެވޭ ގޮތަށް އޮތް އޮތުމުގެ ނާޖާއިޒު ފައިދާ ނަގަނީ އިންތިހާއަށެވެ. ގާނޫނުން ލިބިދޭ ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބި ދިނުމުގެ ވަގުތަކީ ކުށެއް ސާބިތުވެ އުގޫބާތް ކަނޑައަޅާ ވަގުތު އެކަންޏެެކެވެ. 

    މީހުން މެރުމާއި މަރާމާރީ ހިންގުމާއި ޑްރަގް ޓްރެފިކިންގއާއި ވައްކަން ކުރުމާއި ފޭރުން ފަދަ މުޖުތަމައަށް ނުރައްކާތެރި ކުށްތައް ކުރުމުގައި 18 އަހަރު ނުފުރޭ ކުދިން އަމިއްލަ އިސްނެގުމުގައި އުޅެނީ މަދެއްކޮށް ނޫނެވެ. ބޮޑެތި މީހުންނާ ބައިވެރިވެގެންނާއި ބައިވެރިކުރުވައިގެން އަމަލީ ގޮތުން 18 އަހަރު ނުވާ ކުދިން އުޅޭތަން ފެންނަނީ ވެސް މާ ގިނައިންނެވެ. ޕޮލިހުންގެ ރެކޯޑް ތަކުން އެކަން މާ ރަނގަޅަށް ސާފުވާނެއެވެ. 

    އުމުރުން 15 އަހަރު ފުރި 18 އަހަރު ނުފުރޭ ކުދިންނަށް އެންމެ ރަނގަޅަށް ލިބިދެވޭނެ ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަމަކީ ކުށުގެ އަދަބު ތަންފީޒު ކުރުމެވެ. ގިސާސް ހިފަން ޖެހުނަސް ގިސާސް ހިފުމެވެ. ގިސާސް ހިފުމުގައި ދިރުން ވާކަމަށް ކީރިތި ގުރުއާން ބަޔާން ކުރެއެވެ.

    ]]>
    Mon, 23 Oct 2023 11:53:02 +0500 ހީރަސްނިއުސް
    މިނިވަން މުއައްސަސާތަކުގެ ދަތްފަޅާ މޫސުން https://heerasnews.com/1909 https://heerasnews.com/1909 ނަން ހުސްކޮށް ރާއްޖޭގައި މިނިވަން މުއައްސަސާ އެބަހުއްޓެވެ. ގާނޫނު އަސާސީން ލާޒިމު ކޮށްގެން އުފައްދާފައި ހުންނަ މުއައްސަސާ ތަކާއި ގާނޫނުން ލާޒިމުކޮށްގެން އުފައްދާފައި ހުންނަ މުއައްސަސާތަކެވެ. ތިންބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ދައުލަތެއްގައި މިނިވަން މުއައްސަސާތައް ހުންނަނީ ފާރަވެރިވުމާއި ހަމަ ހިފެހެއްޓުމަށް ޓަކައެވެ. ދުނިޔޭގެ ގައުމެއްގައި ހުރިއްޔާ ހުރި ވައްތަރެއްގެ މުއައްސަސާއެއް ރާއްޖޭގައި އެބަހުއްޓެވެ. 

    ގާނޫނު އަސާސީން ލާޒިމުކުރާ މުއައްސަސާ ތަކުގެ އިތުރަށް ހަދާ ކޮންމެ ގާނޫނަކަށްހެން އެ ގާނޫނެއްގެ ބެލެނިވެރި މުއައްސަސާއެއް ގާނޫނުން މިހާރު އުފައްދައެވެ. ގާނޫނުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ތަކަށް ވުރެ ބޮޑަށް އެ ގާނޫނެއްގައި ބަޔާން ވެފައި އޮންނަނީ ބެލެނިވެރި މުއައްސަސާ އުފެދޭ ގޮތާއި މުއައްސަސާގެ މެންބަރުން ކަނޑައަޅާ ގޮތާއި އެ މީހުނަށް އޮންނަ އިނާޔަތާއި ހިމާޔަތާއި އުޖޫރައިގެ ވާހަކައެވެ. ގާނޫނެއްގެ ތިންބައިކުޅަ ދެބައަށް ވުރެ ބޮޑުވާނީ މުއައްސަސާއާއި ބެހޭ ތަފްސީލް ތަކެވެ. ހާސިލް ކުރަން އުޅޭ ލަނޑުދަނޑީގެ ވާހަކަ ގިނަ ފަހަރަށް އޮންނާނީ ނަމެއް ގައެވެ. 

    ގާނޫނު ތަކުން އެކި ނަން ނަމުގައި މުއައްސަސާތައް އުފައްދައިގެން ކުރަން އުޅޭ ކަމަކީ ކޮންމެވެސް ބަޔަކަށް ބޮޑު މުސާރައާއި އިނާޔަތް ތަކާއި އިމްތިޔާޒު ތަކެއް ހޯދާ ދިނުމޭ ބުނާވަރު ވެއެވެ. އެ މުއައްސަސާއެއް އުފެއްދުމުގެ މަގުސަދު ކަމަށް ބުނެފައިވާ ކަންކަން ހާސިލުވެ މުޖުތަމައު ހަމަމަގަށް އެޅޭތަނެއް އެކަމަކުން ނުފެނެއެވެ. ވިއްޔާ ވަނީ އިހުނަށްވުރެ ގޯހެވެ. 

    އިންޓަރގްރިޓީ ކަމިޝަނެއް ބްރޮޑްކާސްޓިން ކަމިޝަނެއް މީޑިއާ ކައުންސިލެއް އަދި އެކި ނަންނަމުގައި ހައްގު ހޯދައިދޭން އުފައްދާފައި އޮތްހާ ކައުންސިލް ތަކުގެ ނަންތަކެއް ވަކިވަޚީން ކިޔާނެ ކަމެއް ނެތްތާއެވެ. ބެލެނިވެރި ކައުންސިލެއް ކަމިޝަނެއް ނެތް ދާއިރާއެއް ރާއްޖޭގައި ނެތެވެ. މި ހުރިހާ ތާކުން އެ މީހުންގެ ވާޖިބުތައް ފުރިހަމައަށް އަދާ ކުރާނަމަ ރާއްޖޭގައި ކަންކަން ހުރީހީ ހަމަ މަގުގައެވެ. އެހެނަސް ކަންކަން ހިނގަނީ އެ މަގުން ނޫންކަން އެންމެނަށް ވެސް އެނގެއެވެ.

    ކޮރަޕްޝަނާ ފަސާދަ އާއްމު ވެފައިވާ އިރު އެންޓިކޮޕަޕްޝަން ކަމިޝަން އޮންނަނީ ގަދަ ނިދީގައެވެ. އިންސާނީ ކަރާމާތާއި ހައްގުތައް ގެއްލި މީހުންގެ އަބުރުކަތިވެ ވެއްޔާ މޮޑެވޭއިރު ހިއުމަން ރައިޓްސް ކޮމިޝަން އޮންނަނީ ވާގިނެތިފައެވެ. މިނިވަންވީ ވީނުން ބްރޮޑްކާސްޓް ކުރުމާއި ނޫސްވެރިކަން އޮތީވެސް ހައްދުން ނައްޓާފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކާ ސަރުކާރު ކުންފުނި ތަކުން ހަދާނެ އެއްޗެއް ހަދާއިރު ބެލެނިވެރި މުއައްސަސާ އޮންނަނީ ލޮލަށް މިރުސް އެޅިފައެވެ. މިހެން ކިޔަން އޮތީ އެއްކަމެއް ދެކަމެއް އެއްތަނެއް ދެތަނެއްގެ ވާހަކައެއް ނޫނެވެ.

    މުޅި ދައުލަތުގެ ޗެކް އެންޑް ބެލެންސް ނިޒާމު އޮތީ އެކީ އެކައްޗަކަށް ފޭލިވެފައެވެ. އެހެނެއް ކަމަކު އެތަން ތަނަށް ދައުލަތުން ކުރާ ހޭދައާއި ނަގާ މުސާރައާއި އިނާޔަތްތައް ދުވަހެއް ދުވަހަކަށް ވަނީ ބޮޑެވެ. އެތަންތާ އުޅޭ މީހުންގެ ފާޓުވަނީ ފުޅަލެވެ.

    އެކަމަކު ބުނަން ހެއްޔެވެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބައެއް ތަންތަން ހޭލާ މޯޅިއަކަށް ދެމެލާ ވަގުތު ކޮޅެއް އައުދެއެވެ. ރިޔާސީ އިންތިހާބަށް ހިއުމަން ރައިޓްސް ކަމިޝަން އާ ފުރެލާނެއެވެ. ވެރިކަން ބަދަލުވެ އައުސަރުކަރަކާ ހިންގުން ހަވާލުކުރާ ބަދަލުގެ މަރުހަލާގައި އެންޓި ކޮރަޕްޝަން ކަމިޝަނާއި ޕަބްލިކް ކުންފުނިތަކުގެ ބެލެނިވެރި ބޯޑް ލޯހުޅުވާލާ އެސްފިޔަ ޖަހާލާނެއެވެ. ފާރަވެރި އެހެން މުއައްސަސާތައް ވެސް އެ ދުވަސްވަރު ފުރޮޅިލާފާ އަނެއްކާ ވެސް ނިދާ ހަރުވާނެއެވެ.

    ހަމަ ތެދެކެވެ. ގިނަ މުއައްސަސާ ތަކަށް ރިޕޯޓް ގަނޑެއްވެސް އަހަރެއްގެ ތެރޭގައި އިހުތިސާސްގެ ދަށުގައިވާ ކަންކަމާ ގުޅިގެން ނެރެ ނުލެވެއެވެ. މަހުން މަހަށް ބޮޑު މުސާރަ ކާލައިގެން ތިބުން ނޫން ކަމެއް އެ މީހުން ނުކުރެއެވެ. ގޯސްވާނީ މި ވާހަކަ ދައްކާ މީހާއެވެ. އެ މީހުނަށް ކިރިޔާވެސް ބަހެއް ބުނެ ލެވެނީ ޓްރާންސިޝަން  ޕީރިއަޑް ގައެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާއަކީ ފާރަވެރި މުއައްސަސާ ތަކުގެ ދަތްފަޅާ މޫސުމެވެ.

    ]]>
    Thu, 12 Oct 2023 13:40:52 +0500 ހީރަސްނިއުސް
    ރިޔާސީ އިންތިހާބުގައި ދައްކަންޖެހޭ ނުދައްކާ ވާހަކަ https://heerasnews.com/1904 https://heerasnews.com/1904 ރިޔާސީ އިންތިހާބެއް ނިމިއްޖެއެވެ. ތަފާތު މެނެފެސްޓޯ ފެނިއްޖެއެވެ. ފޯކަސް ހުރި ދިމާތައް ވެސް ސާފުވެއެވެ. ރާއްޖޭގައި ހައްލުކުރަން ހުރި ކަންތައް ގިނައެވެ. ނިމި ދިޔަ ބޮޑު އިންތިހާބުގެ ފޯރިގަނޑުގެ ތެރޭގައި ފުލުފުލުގައި ބޮޑެތި ވައުދުތައް ވަމުން ދިޔައެވެ. އެހުރިހާ ވައުދެއް ފުއްދިއްޖެނަމަ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެއެވެ. 

    އެހެން ނަމަވެސް އެއްވެސް ކެންޑިޑޭޓަކު ނުދައްކާ ވާހަކަތައް ވެސް ހުއްޓެވެ. ދެއްކިޔަސް މާބޮޑު އިސްކަމެއް ދިންކަން ފާހަގަ ނުކުރެވޭ މުހިންމު ބޮޑެތި މައްސަލަތައް ހުއްޓެވެ. ކިޔަން ވެއްޖެއްޔާ ކޮޅުންލާކަށް ނެތެވެ.

    ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ވާހަކައަކީ އެއް ވާހަކައެވެ. އެމީހުން ކޮންމެ ދުވަހަކު މިރާއްޖޭން ބޭރުކުރާ ބޭރުފައިސާގެ ގިނަކަމެވެ. އާއްމު ވިޔަފާރިތަކާއި ފައިސާ މާރުކުރުމުގެ ކޮންޓްރޯލު ލޭބަރުންގެ ގޮތުގައި ރާއްޖެއަށް އައިސްތިބި ބަޔެއްގެ އަތް މައްޗަށް ގޮސްފައި އޮތް އޮތުމެވެ.

    ފުޅާވެ ފެތުރިފައިވާ ހަށިވިއްކުމުގެ ވިޔާފާރި ހުއްޓުވުމުގެ ވާހަކަ ދެއްކި މީހަކު ނެތެވެ. ހަށިވިއްކުމުގެ ވިޔާފާރީގައި އުޅޭ ބޭރުމީހުންގެ މަގުން ބޭރުވެގެންދާ ގިނަ އަދަދެއްގެ ބޭރުފައިސާ ބޭރުވުން ހުއްޓުވޭނެ ގޮތުގެ ވާހަކައެއް ނުދައްކައެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ބޭރު މީހުންނާ ގުޅި ލާމެހިފާ އޮތް އޮތުމަށް ނިމުމެއް ގެނެވޭނެ ގޮތް ހެދުމުގެ ވާހަކަ ބޯހިޔާވަހިކަމުގެ ތެރެއަކުން ނާދެއެވެ. 

    ފަރުދުން މަތި މައްޗަށް ބޭންކްތަކަށް ދަރާ ދަރަނި އަދާނުކުރެވި ހިފެހެއްޓުމެއް ނެތި އަރާ އިންޓްރެސްޓްގައި ބަނދެވިގެން އެބަ އުޅެއެވެ.  ބެންކް ތަކުގެ ދަންތުރައިގައި ޖެހި ބޮޑެތި ބޮޑެތި އާއިލާތައް ފުޑުފުޑުވެ މަގުމަތިވެ ގޮތް ހުސްވެފާ އެބަތިއްބެވެ. އެ މީހުނަށް ނޭވާ ލެވޭނެ ގޮތް ހަދާދޭން ކުރާނެ ކަމެއްގެ އެއްވެސް ވާހަކައެއް އެކަކުވެސް ނުދައްކައެވެ.

    ކަންކަން ޑިޖިޓަލައިޒްވެ ހިދުމަތުގެ ކުރުމަގު އޮވެމެ ސަރުކާރުގެ އޮފީސް ތަކުން ދޭ ހިދުމަތް ލަސްވެ ފަސްވެ ދިގުދެމި ރައްޔިތުމީހާ ގަންހިންގުން ހުއްޓުވަން ކުރާނެ ކަމެއް ރަނގަޅަށް ބުނެއެއް ނުދެވެއެވެ. ކުރިން އެއްދުވަހުން ހެދޭ އައިޑީ ކާޑާއި ޕާސްޕޯޓް ހަދަން މިހާރު ދިހަބާރަ ދުވަސް ނެގުން ފަދަ އެތައް ކަމަކަށް އޮތް ހައްލެއް ދައްކާ ނުދެވެއެވެ.

    ދައުލަތުން ކުރާ ކޮންމެ ކަމެއްގައި އަތްގުޅި ނުކާވަރުގެ ބޮޑު ހޭދައެއް ނުކޮށް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ބައްޓަންވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެވޭނެ ގޮތެއް ހޯދުމުގެ ވިސްނުމެއް ނެތެވެ. ކުރެވޭ ކޮންމެ ކަމަކީ ތިންވަލު ކޮޅުން ކަމިޝަން އެޖެންޓުންނަށް ބައިނޭޅި ކުރެވޭ ކަމަކަށް ހެދުމަށް ކަންކަން ކުރުމުގެ އޮނި ގަނޑަށް ބޮޑު ހެޔޮ ބަދަލެއް ގެނެވޭނެ ގޮތުގެ ތަސައްވުރެއް ނުގެންގުޅެއެވެ. 

    ސަރުކާރުގެ މައި ހޮސްޕިޓަލުން ސްޕެސަލިސްޓަކަށް ދެއްކުމަށް މަސް ދެމަސްވަންދެން ވެއިޓިންގ ލިސްޓްގައި ބަލިމީހާ އޮންނަން ނުޖެހޭ ގޮތެއް ހޯދައެއް ނުދެވެއެވެ. ސިއްހީ ހިދުމަތް ހޯދުމަށް އުފުލަން ޖެހޭ ތަކުލީފް އާސަންދަ ޕޯޓަލާއި ހިލޭބޭހާ ހަމައިން ނިމޭކަމަށް ދެކޭ ދުށުމަށް ބަދަލެއް ނުގެނެވެއެވެ. ބާރު ސްޕީޑްގައި ވެލްފެއަރ ސްޓޭޓަކަށް ރާއްޖެ ބަދަލު ކުރުން ނޫން އެހެން ވިސްނުމެއް އަށަގަންނާތީއެއް ނުފެނެއެވެ.

    ދައުލަތުގެ އެސެޓް ބޭނުންކޮށްގެން ވަކިވަކި މީހުން މުއްސަނދިވެ އުޑަށް ވާހަކަ ގޮވޭވަރު ވަމުން އެބަދެއެވެ. ނަމަވެސް އެ ވިޔާފާރި ތަކުން ޓެކްހާއި ކުލިކޮޅު ނޫނީ ދައުލަތަށް ނުލިބި އޮންނަ އޮތުން ނިމުމަކަށް ގެނެވޭނެ ގޮތެއް އަމްދުން ނުކިޔައެވެ.

    އިޖުތިމާއީ ދިރިއުޅުމާ ގުޅިފައިހުންނަ ކުދިކުދި އެހެނަސް ތަކްލީފު ބޮޑު މައްސަލަތައް ހައްލު ނުކޮށް މެގަ ޕްރޮޖެކްޓަކުން ކުރާނެ ފައިދާއެއް ނެތެވެ. މާއްދީ ވިސްނުމެއްގައި ކަންކަމަށް ހެޔޮ ބަދަލެއް ނުގެނެވޭނެއެވެ. ބަޔަކު ކިޔާފާނެ އެއްޗަކަށްޓަކާ ނުކުޅަދާނަ ވައުދުތަކެއް ފުއްދުމަށްވުރެ ލުއިފަސޭހަކޮށް ހަރަދުކުޑަކޮށް ކަންކަން ރައްޔިތުންނަށް ކުރެވޭނެ އިންތިޒާމެއްގެ ތެރެއިން ކަންކަންވުން މާއުފާވެރިއެވެ. 

    ]]>
    Tue, 10 Oct 2023 13:29:28 +0500 ހީރަސްނިއުސް
    11 އަހަރު : އިންސާފެއް ނުލިބުނު https://heerasnews.com/1879 https://heerasnews.com/1879 މީގެ 11 އަހަރު ކުރިއެވެ. 2012 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ އެއްވަނަ ދުވަހުގެ ރެއެވެ. އެރޭގެ މެންދަމަށް އެޅިތަނާ މުޅި މާލެ ސިއްސުވާލީ ބިރުވެރި ނާމަން އަޑަކުންނެވެ. އުނގޫފާރު ދާއިރާގެ އޭރުގެ އިއްޒަތްތެރި މެންބަރ ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ރަހުމުކުޑަ ގޮތަކަށް ޝަހީދުކޮށްލި ކަމުގެ ބިރުވެރި އަޑެވެ. ދިރިއުޅުއްވާގޭގެ ސިޑި ދަށުގައި އަފްރާޝީމްގެ ހަށިކޮޅު ތޫނު ހަތިޔާރުގެ ޝިކާރައަކަށް ވެފައި އޮންނަވަނިކޮށް ފެނުނު ހިތާމަވެރި ހަބަރެވެ. 

    ޑރ. އަފްރާޝީމް ޝަހީދު ކޮށްލި ހަދިސާ ހިނގާ ދިޔަގޮތުގެ ހަގީގަތް އަދި އަދަށްވެސް އޮތީ ސާފުނުވެއެވެ. ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުށުގައި ނުއުމުރުގެ ޒުވާނަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ކުށްވަނީ ސާބިތުވެފައެވެ. ކުށް ސާބިތުވެފައިވާ ޒުވާނާ އެވަރުގެ ކަމެއް ޑރ. އަފްރާޝީމަށް ކުރަންޖެހިދާނެ ސަބަބެއް އޮވެދާނެ ކަމަށް ސަބަބުވެރި އިންސާނީ ބުއްދިއަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ޑރ. އަފްރާޝީމްގެ މަރަށް އިންސާފު ހޯދާ ދެވުނު ކަމަށް އެއްވެސް އިންސިއަކު ގަބޫލެއް ނުކުރެއެވެ. 

    ޑރ. އަފްރާޝިމް ޝަހީދު ކޮށްލިކަމަށް ސާބިތުވެފައިވާ ޒުވާނާ އާއި، ޑރ. އަފްރާޝީމްއާއި އެއްވެސް ޒާތީ ހަސަދައެއް އޮންނަން ޖެހޭ ހާލަތެއް އޮވެދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. ލޯބީގެ ގޮތުން ވިޔަސް މުދަލާ ފައިސާގެ ގޮތުން ވިޔަސް އުމުރާއި އުޅޭ މާހައުލުގެ ގޮތުންވިޔަސް ފިތުނަވެރިކަމެއް އޮންނަން ޖެހޭ ސަބަބެއް ނެތެވެ. އިލްމީ ގޮތުންނާއި ސިޔާސީގޮތުންވެސް އެކަން އޮތީ އެހެނެވެ. 

    އަގުދީގެން މީހުން މަރާ މީހުންނަކީ ދުނިޔޭގައި އުޅޭ ބައެކެވެ. ޑރ. އަފްރާޝީމް ޝަހީދު ކޮށްލުމުގެ ފަހަތުގައި ވެސް އެ ސަބަބު އޮތުން ގާތެވެ. ދީނީ ގޮތުން ހައްދު ފަހަނަ އެޅިމީހުން އެކަން ކުރުވުމަކީ ގާތް ކަމެކެވެ. ދުނިޔޭގެ ގިނަ ތަންތާ ދީނީ ގޮތުން ހައްދު ފަހަނަ އެޅިމީހުން އެޒާތުގެ ކަންކަން ކުރުވާފައި ގިނަ ފަހަރަށް އެކަމާ ހަވާލުވެއެވެ. ރާއްޖޭގައި އެޒާތުގެ ކަމެއް ހިންގާފައި ބަޔަކު ހަވާލުވީ ކަމެއް އެނގޭކަށް ނެތެވެ. އެކަމަކު ރާއްޖޭގެ ރަށެއްގެ ފަޅުތެރޭގައި އޮތް ފުލުހުންގެ ލޯންޗެއް ރޯކޮށްލާފައި އައިއެސްއަށް ނިސްބަތްވާ ބަޔެއް ކަމަށްބުނާ ބަޔަކު އެކަމާ ހަވާލުވެފައި ވެއެވެ. އެހެނަސް ޑރ. އަފްރާޝީމް ޝަހީދު ކޮށްލި ފަހުން މިހާ ދުވަސް ވީއިރު ވެސް އެކަމާ ހަވާލުވީ ބަޔަކު ނެތެވެ. 

    އަނެއްކޮޅުން ސިޔާސީ ސަބަބު ތަކަކަށްޓަކައި ހިނގާ ދިޔަ ގަތުލެއް ކަމަށް ބެލެވޭ އެތައް ނަޒަރިއްޔާއެއް ޑރ. އަފްރާޝީމްގެ ގަތުލާ ގުޅިފައިވެއެވެ. ޕޮލިސް ކޮމިޝަނަރަކަށް އަބްދުއްލާ ރިޔާޒު ހުންނަވައިގެން ނުފޮރުޅާ އެންމެ ގައުކޮޅެއް ވެސް ނުބާއްވާ ކުރެވުނު ތަހުގީގުން ވެސް ހޯދުނު އެއްވެސް ހަގީގަތެއް ނެތެވެ. އޭގެފަހުން ވެސް ކުރެވުނު އެއްވެސް ތަހުގީގަކުން ނަތީޖާއެއް ނުފެނުނެވެ.

    ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ސާބިތުވެފައިވާ ޒުވާނާ މެރުމަށް ހުކުމްކޮށް އެހުކުމް ނިހާއީ ހުކުމަކަށް ބަދަލުވެގެން ދިޔައިރުވެސް އެ ޒުވާނާގެ ފުށުން އެކަން ކުރަން ޖެހުނު ސަބަބަކާ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ކަމެއް ސާފެއް ނުވެއެވެ. ގަތުލާ ގުޅިގެން ހުމާމު ޝަރީއަތުގައި ދެއްކިކަމަށް އެކިފަހަރު ތިލަވެފައި ވަނީ އެކި ވާހަކަ އެކި ގޮތަށެވެ.

    2008 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ހާލަތު އެނބުރެމުން ސެނބުރެމުން އަންނަ ގޮތުގެ މައްޗަށް ހުޅުވިފައިވާ ސިނކުޑިއަކުން ވިސްނާލައިފިނަމަ ޑރ. އަފްރާޝީމްގެ ގަތުލުގެ ހަގީގަތުގެ ތަސައްވުރެއް ކޮށްލާކަށް މާއުނދަގުލެއް ނުވާނެއެވެ. ދީނުގެ ނަމުގައި ހަރުކަށިކަން ފެތުރެމުން އައި ގޮތާއި މިނިވަން ހިޔާލަށް ދިވެހިން ހުޅުވެމުން ދިޔަގޮތް ވިސްނާ ބަޔަކަށް ފިލާވަޅަކަށް ވާނެއެވެ. އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމާއި ނުކުރުމުގެ މައްޗަށް ގަދަފައި ވިދިފައި އޮތްވަރު ހެއްކަކަށް ފުދޭނެއެވެ. ސިޔާސީ ނާރެހުގައި ޑރ. އަފްރާޝީމްގެ ތަރީގެ ވިދުމުގެ ގަދަ މަޑުކަން ފާޅުވާނެއެވެ. 

    ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް އެނގި ކަށަވަރުވާ ކަމަކީ ޑރ. އަފްރާޝީމްގެ ގަތުލަށް އިންސާފު ނުލިބޭކަމެވެ. މަސްލަހަތެއް އޮވެދާނެ ކަމަށް ގަބޫލުކުރަން ދަތި އެންމެ ޒުވާނެއްގެ ބޮލުގައި އެ އަނިޔާވެރި އަމަލުގެ ޒިންމާ އެޅިގެން ދިއުމަކީ ހަގީގަތަށް ވާސިލުވުން ކަމަށް ގަބޫލެއް ނުކުރެވެއެވެ. ޑރ. އަފްރާޝީމްގެ ފުރާނަ ނެތް ހަށިކޮޅު ފެނުނު ސަރަހައްދު އަވަސް އަވަހަށް އެކީ އެކައްޗަކަށް ދޮވެ ސާފުކޮށް ޕޯސްޓް މޯޓަމް ވެސް ނުހަދާ އަވަހަށް ވަޅުލާ ނިންމާލި ނިންމާލުމުން އުފެދޭ ސުވާލުތައް ބައިވަރެވެ. 

    ސުވަރުގޭގެދާއިމީ ނިއުމަތް އެ މަރުހޫމަށް މިންވަރު ކުރައްވާށިއެވެ.  

    ]]>
    Mon, 02 Oct 2023 17:46:47 +0500 ހީރަސްނިއުސް
    ރަށުބަންދުން ވީއްލުމުގެ ފަރުވާއަކީ އާރުޓީއެލް https://heerasnews.com/1796 https://heerasnews.com/1796 އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމަކީ ބޮޑުގެއްލުމެއް ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަގުހެޔޮ އަރާމު އަވަސް ދަތުރު ފަތުރުގެ ނިޒާމަކަށް ވުރެ ފައިދާ ބޮޑު ހިދުމަތެއް ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ނުއޮންނާނެއެވެ. ރަށު ބަންދުން ވީއްލި އެއްބަޔަކު އަނެއް ބަޔަކަށް ފެނި ދެނިވުމަށް ވުރެ ބޮޑު ފައިދާއެއް ނުއޮންނާނެއެވެ.

    އެއްބަހެވެ. ރާއްޖޭގެ ރައްތައް ފެތުރިފައިވާ ގޮތުން މުޅިރާއްޖެ ގުޅުވާދޭ ފެރީ ނިޒާމަކަށް ހިގާނެ ހަރަދު ވަރަށް ބޮޑުވާނެއެވެ. ހައިސްޕީޑް ލޯންޗް ފަހަރު ހޯދުމާ ބެލެހެއްޓުމަށް ފިސާރި ފައިސާ ހޭދަވާނެއެވެ. މުއައްޒަފުންނަށް ހިނގާ ހަރަދު ލައްކަ ބޮޑުވާނެއެވެ. ތެލާ މަރާމާތާއި ހިދުމަތް ރާވާ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މިލިއަން މިލިއަނުން ހަރަދުވާނެއެވެ. ފަސިންޖަރުން އަތުން މަސްދުވަހު ނަގާ ކުޑަކުޑަ އަގަކުން އެންމެ ދުވަހަކު ހިނގާ ހިންގުމުގެ ހަރަދުވެސް ފޫނުބެއްދޭނެއެވެ.

    ސަރުކާރުން ސަބްސިޑީ ދީގެން މިހާ އަގުބޮޑު ދަމަހައްޓަން އުނދަގޫ ހިދުމަތެއް ދޭން ފެށުމުން މާއްދީ ހަނި ވިސްނުމަކުން ވިސްނާ މީހަކަށް ކަމަކީ ކުރަން ހެޔޮނުވާ ވަރުގެ ކަމެއްކަމަށް ފެނުމަކީ އެ މިހެއްގެ އުނިކަމެއް ނޫނެވެ. ރައްޔިތެއްގެ މައްޗަށް ދައުލަތެއް ބިނާވެފައި އޮތުމުގެ އިހުސާސް ކުރާ އެއްވެސް މީހަކު އެޒާތުގެ ކަންކަމާ މެދު ނޭއްގާނި ވިސްނުމަކުން ނުވިސްނާނެއެވެ.

    އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމުގެ ފައިދާ ހުރިހާ ދާއިރާއަކަށް ކުރިއެރުމާ މަންފާ ލިއްބައިދޭނެކަން ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާލުމުން އެނގިގެން ދާނެއެވެ. ހިދުމަތް ލިބެން ހުރިތަކާކަށް އަގުހެޔޮކޮށް އަވަހަށް ގޮސް އެ ހިދުމަތެއް ލިބިގަތުމަށް އެ ނިޒާމު މަގު ފަހިކުރެއެވެ. އެއް ރަށެއްގައި އުފައްދާއެތި ބޭނުންވާ އެހެން ރަށްރަށުގައި ތިބޭ މީހުނަށް ފޯރުކޮށްދެވެއެވެ. ކަމެއް ދިމާވުމުން ނުވަތަ އާއްމުކޮށް ކުރަންޖެހޭ ކަމެއް ކުރުމަށް އެހެން ރަށްރަށަށް ބޮޑު އަގުދީގެން ކުރަން ޖެހުނު ދަތުރުތައް ކުރުމަށް ހޭދަކުރި ފައިސާ ފައިދާ ހުރި ކޮންމެވެސް އެހެން ކަމަކަށް ހަރަދު ކުރުމަށް ބެހެއްޓެއެވެ.

    ސަރުކާރުން  އޭރުޓީއެލަށް ސަބްސިޑީ ދީގެން ދަތުރު ފަތުރުގެ ނިޒާމު ހިންގާ ދެމެހެއްޓުމަކީ އެތައް ގޮތަކުން ރައްޔިތުންނަށާއި ސަރުކާރަށް އެންމެ ފައިދާ ހުރި އެއްކަމެވެ. ކޮންމެ އަތޮޅެއްގައި ޓަރޝަރީ ހޮސްޕިޓަލް ނާޅާ ދަތުރު ފަތުރުން ގުޅުމުން ރައްޔިތުންނަށް ޓަރޝަރީ ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށް ދެވޭނެއެވެ. ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ރަށުގައި ތިބެ މަތީތައުލީމަށް ކިޔަވަން ދެވޭނެއެވެ. އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ މީހާއަށް ރަށަށް ނިދަން އާދެވޭނެއެވެ. އިގުތިސާދީ ހަރަކާތްތައް ހުރިހާ ދިމާލެއްގައި ފެށި ގުޅުންތައް ބަދަހިވެ އެންމެން ރަށު ބަންދުން ވީއްލޭނެ ނިޒާމަކީ އާރޓީއެލްއެވެ. އާރުޓީއެލުން މުޅިރާއްޖެ ގުޅާލާ ސަބްސިޑީ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުގެ ހިދުމަތް މި ސަރުކާރުން ދިނުމަކީ ރައްޔިތުން އުފަލުން ފޮޅުނު ކަމެކެވެ. ހެޔޮވެރިކަމެއް ކުރެވޭ ކަމުގެ އިހުސާސް ރައްޔިތުން ކުރާނީ ރަށު ބަންދުން ވީއްލިގެންނެވެ.

    ]]>
    Sat, 02 Sep 2023 13:26:15 +0500 ހީރަސްނިއުސް
    ރިޔާސީ ވައުދާއި ނުދައްކާ ވާހަކަ https://heerasnews.com/1781 https://heerasnews.com/1781 ރިޔާސީ ވައުދުތައް މަތިމައްޗަށް ވުމުގެ މޫސުމެވެ. އެއް ކެންޑިޑޭޓަކަށް ވުރެ އަނެއް ކެންޑިޑޭޓްގެ ވައުދު ގޯނި ބޮޑެވެ. ތަސައްްވުރާ ހައްލުތައް އެހާމެ ގިނައެވެ. އެހެނަސް އެއްވެސް ކެންޑިޑޭޓަކަށް ދައްކަން ނުކެރޭ ވާހަކަތައް އެބަހުރެއެވެ. ސީދާ ބަހުން ބުނެ އަމާޒު ހިފައިގެން ހާސިލުކުރެވޭތޯ މަސައްކަތްކުރަން ބޭނުން ނުވާ ކަންކަން އަދިވެސް އެބަހުރެއެވެ.   

    ދައުލަތުގެ މުދާ ބޭނުންކޮށްގެން ބަޔަކު ބިލިޔަނަރުންނަށް ވާމުންދާ ވާހަކައެވެ. އެތައް ބަޔަކު މިޔަނަރުންނަށް ވެއްޖެއެވެ. ދަނީ ވަމުންނެވެ. އާއްމު ރައްޔިތުމީހާ އޮތީ ޕޭމެންޓް މަތީގައި ސަލާންޖަހާށެވެ. އަޅާލާ މީހަކުނެތެވެ. ދެކޭ މީހަކުނެތެވެ. ކަން ބޮޑުވާ މީހަކުވެސް ނެތެވެ. ސިޔާސީ ވާދަވެރިކަމުގައި ރައްޔިތުން ތިބީ ކަނުބަދެފައެވެ. މުޒާހަރާކޮށް އަޑު އުފުލަނީ ވަކިބަޔަކަށް ވެރިކަން ހޯދާނުދެވިގެނެވެ. ވަކި މީހަކު ޖަލުން ދޫނުކޮށްގެނެވެ. ރައްޔިތުންގެ ހަގީގީ މައްސަލަތަކަށް ހައްލެއްނެތެވެ. ހައްލު ހޯދަކަށް ނުވެސް އުޅެއެވެ.

    ދައުލަތަށް ފައިސާ ހޯދުމަށް ބިޑުކޮށްގެން ފަޅުރަށްރަށާއި ފަރުތަކާއި ގިރިތަކާއި ފަޅުތައް ދިގުމުއްދަތަށް ކުއްޔަށްދީ ހުސްވެ ނިމިއްޖެއެވެ. ބިޑްކާމިޔާބު ކުރުމަށްޓަކާ އަޕްފްރޮންޓްކޮށް ދައްކާ ފައިސާއާއި ކަނޑައެޅިފައި އޮންނަ ކުއްޔާއި ޓެކްސްކޮޅު ނޫނީ އެއިން ތަނަކުން ކިތަންމެ ޒަމާނެއްވިޔަސް ދައުލަތަށް ލިބޭ އިތުރު އެއްޗެއް ނެތެވެ. އެތަންތާގެ ވިޔަފާރި ފުޅާވެ ކިތަންމެ ބިޔަވިޔަސް އޭގައި ރައްޔިތަކަށް އޮތް އިތުރު މަންފާއެއް ނެތެވެ. ރައްޔިތުންނާ ދައުލަތުގެ އެސެތްތައް ވަނީ އެމީހުންގެ ކިރުފެލާ ގެރިއަށެވެ. 

    ތެދެކެވެ. ދައުލަތުން ކުއްޔަށްދޭ ތަންތަނުން ކުއްޔާއި ޓެކްސް ދައުލަތަށް ލިބޭނެއެވެ. އެވަރުން ފުއްދާލައިގެން ތިބޭށޭ ބުނާ ކަހަލައެވެ. ކުއްޔަށްދޭ މުއްދަތު ހަމަވުމުން މުއްދަތު އިތުރުކޮށްދޭން ވެސް ޖެހެއެވެ. މުއްދަތު ހަމަވިޔަސް އެހާބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވާލުމާއި ފުނޑުފުނޑު ކޮށްލުމަކީވެސް ރަގަޅު ގޮތެއްނޫނެވެ. އެހެންކަމުން ކުލި ރިވައިސްކޮށް ކުލި ބޮޑުކުރުމާއި ކުޑަކުރުން ނޫން އެހެން ގޮތެއްވެސް ނުމެ އޮވޭމެއެވެ. 

    ރަށްރަށާއި ފަޅުތައް ނޫނަސް އެހެން ބޮޑެތި ވިޔާފާރިތައް ދައުލަތުގެ މުދަލުގައި އެބަކުރެއެވެ. ކުޑަވަރެއްގެ ކުއްޔެއް ދައުލަތަށް ދައްކައިގެން ކުރެވޭ އެތައް މިލިޔަނެއްގެ އަމިއްލަ ވިޔާފާރިތައް އެބަހުއްޓެވެ. އިފުރު އެއަރޕޯޓާއި ދަރަވަންދޫ އެއަރޕޯޓާއި މާމިގިލީ އެއަރޕޯޓު ފަދަ އެތައް އެއަރޕޯޓެކެވެ. ވިލާގޭހާއި ހަކަތައާއި ނަން ހުސްކޮށެވެ. ގަލްފް ކްރާފްޓާއި ގަރަންޓީފައިބަރއާއި އެބާވަތުގެވެސް އެތައް ފެކްޓްރީއެކެވެ. ދަޅުބަންދުކޮށް މަސް ބަންދުކޮށް ބޭރުކުރާ އެތައް ބަޔެކެވެ. ކޮލެޖުތަކާއި ކެމްޕަސްތަކާއި ހޮސްޕިޓަލްތަކެވެ. ކިޔާ ހުސްނުވާވަރަށް އެތައް މިސާލެއް އެބަހުއްްޓެވެ.

    ދައުލަތުގެ އެސެޓްގައި ކުރާ ވިޔާފާރިތަކުން ކުއްޔާއި ޓެކްސް ނޫން އެހެން މަންފާއެއް ދައުލަތަށް ލިބޭގޮތަށް ނިޒާމު ބަދަލު ނުކުރެވެންވީ ސަބަބެއް ނެތެވެ. ކޮންމެ ވިޔަފާރިއެއް ވެސް ހުއްޓުނަނުދީ ޒަމާންތަކަކަށް ދެމިގެން ދާގޮތަށް ވިޔާފާރިކުރާ ފަރާތާ ދައުލަތަށްވެސް ނަފާވެރި ގޮތުގައި އެކަމެއް ކުރިއަރާ ދާނެ ގޮތަކަށް ކަންކަން ފަހިކުރަން ޖެހެއެވެ.

    އެގޮތުން މެޖޯރިޓީ ޝެއަރ ހިންގާ ފަރާތަށް ނުގެއްލޭނޭހެން ވިޔަފާރީގެ ޝެއަރ ރައްޔިތުންނަށް ވިއްކުމަކީވެސް ކުރެވިދާނެ ކަމެކެވެ. ވަކި އެއްފަރާތަކުން އެކަނި ހިއްސާގަނެ ހިސޯރު ނުކުރެވޭނެ ގޮތަކަށެވެ. ރައްޔިތުންނަށް ހައްގު މިންވަރަކީ ހަމައެކަނި ކުއްޔާއި ޓެކްސް ކަމުގައި އޮތް އޮތުން އޭރުން ބަދަލުވެގެން ދާނެއެވެ. އެގްރިމެންޓްގެ މުއްދަތު ހަމަވެގެން ތަން ބަންދުކުރަން ޖެހުމުގެ ބިރުން ހިންގާ ފަރާތް ސަލާމަތްވާނެއެވެ. އެތައް ސަތޭކަ އަހަރަށް ވިޔާފާރި ދެމިއޮތުމުގެ ޔަގީންކަން އޮންނާނެއެވެ.

    ވަކި މުއްދަތަކަށްވުރެ ގިނަ ދުވަހު ދައުލަތުގެ މުދާ ބޭނުން ކޮށްގެންކުރާ ވިޔާފާރީގެ މިލްކިއްޔާތު ވަކި މިންވަރަކަށްވުރެ ބޮޑުވުމުން އެވިޔަފާރިއެއްގެ ހިއްސާ ވިއްކުން ލާޒިމުކުރާ ނިޒާމެއް ތަންފީޒުކުރަން އެބަޖެހެއެވެ. އޭރުން ރިސޯޓެއް، ހޮސްޕިޓަލެއް، ފެކްޓަރީއެއް، ސިޓީ ހޮޓަލެއް، ކޮލެޖެއް ތަފާތެއް ނެތި އެއުސޫލެއްގެ ތެރެއަށް ފެތިގެން ދާގޮތަށެވެ. އާއްމު ރައްޔިތުންގެ ބައިވެރި ވުމާއެެކު ދެމެހެއްޓެނިވި ގޮތެއްގައި ޔަގީން ކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތަށެވެ.

    ]]>
    Sun, 27 Aug 2023 20:14:16 +0500 ހީރަސްނިއުސް
    އައްޑޫން 4000ގޯތި ދޫކުރަނީ https://heerasnews.com/1753 https://heerasnews.com/1753 އައްޑޫ ސިޓީން ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 3،972 މީހެއްގެ ޝަރުތު ހަމަވެއެވެ. ޝަރުތު ހަމަނުވާ 188 ފޯމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޝަކުވާތަކަށް ބެލުމަށް ފަހު، 4،000 ގޯތި ދޫކުރާނެއެވެ.

    އައްޑޫން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެންމެ ފުރަތަމަ އިއުލާނުކުރީ 1،000 ގޯތި ދޫކުރާށެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދޫ އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯއްޗެވެ.

    އިތުރަށް ދޭން ނިންމާފައިވާ ގޯތިތަކުގެ ތެރޭގައި ކައިވެނިނުކޮށް ތިބި ޒުވާނުންނަށް ދޭ ގޯތި ހިމެނެއެވެ. ގޯތި ދޫކުރުމަށް އައްޑޫގައި ބިން ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

    މޭޔަރ ނިޒާރު ވިދާޅުވާ ގޮތުގައި ގޯތި ދޫކުރަން ނިންމި އަދަދު އިތުރުކުރުމުން ބާކީ ހުރި ބިންތަކުން ގޯތި ދޫކުރާނެ ގޮތުގެ ލޭންޑްޔޫސް ޕްލޭން ނިންމަން ވަރަށް އަވަހަށް އިއުލާނުކޮށް އެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށެވެ. "އައްޑޫ ސިޓީން ބިން ހުރެގެން ބިން ދޭން މިއުޅެނީ" މޭޔަރ ވިދާޅުވިއެވެ. 4،000 ގޯތި ދިނުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. ދައުރު ނިމުމުގެ ކުރިން ގޯތި ދޫކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

    އައްޑޫން ދޫކުރާ 1،000 ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމައި، ވަގުތީ ލިސްޓު މާދަމާ އާންމުކުރަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

    ]]>
    Wed, 16 Aug 2023 15:48:20 +0500 ހީރަސްނިއުސް
    15000މީހުނަށް ވަޒީފާ ދީގެން ޓްރާންސްޕޭރެންސީ ރަތަށް https://heerasnews.com/1550 https://heerasnews.com/1550 ކޮންމެ ރިޔާސީ އިންތިހާބެއް ބޯމަތި ވާއިރަށް މާ ދެފުށް ފެންނަ ބަޔަކު ފެން މަތިވާނެއެވެ. ނެރޭ ރިޕޯޓްގެ ޓްރާންސް ޕޭރެންޓްކަމުން އިދިކޮޅު ޕާޓީއެކޭ ތަފާތެއް ނުހުންނަ ވަރުގެ ރިޕޯޓް ނެރެ ހާމަ ކުރާނެއެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޓްރާންސްޕޭރެންޓް ކަމުން އޮންނަ ސަރުކާރަކަށް ކުރެވޭ ހެޔޮ އެއްކަމެއް ނޯވެއެވެ. ބައިނަލް އަގްވާމީ ޖަމާއަތްތަކުން ފައިސާ ހޯދަން އުޅުނަސް ތިޔައީ ބޮޑުވަރެވެ. ޓްރާންސްޕޭރެންސީން ކުރާ ވިޔާފާރީގެ ބަޔެއްގެ ގޮތުގައި ނެރޭ ސިޔާސީ ރިޕޯޓްތައް އޮންނަނީ ހަދާފައެވެ.

    ފާއިތުވި ދެ އަހަރު ސަރުކާރު ކުންފުނިތަކުން 15،000 ވަޒީފާ އުފެއްދައިގެން ކަން ބޮޑުވެގެން އުޅޭނެ ކަމެއް ނެތެވެ. އުފެއްދި ވަޒީފާ ތަކުގެ މުސާރަ ލިބެނީ ދިވެހި ރައްޔިތުންނަށެވެ. ވަޒީފާ ނެތި ރަށްރަށުގައި ތިބި އާއްމު ފަރުދުންނަށެވެ. ވަޒީފާތަކުގެ ސަބަބުން ފޯރުން ތެރިކަން އިތުރުވެގެން ދަނީ ދިވެހި ރައްޔިތުންގެއެވެ. މި ސަރުކާރު ވެރިކަމަށް އައީ ވީހާވެސް ގިނަ ރައްޔިތުންނަށް ވަޒީފާ ހޯދަދޭށެވެ.

    އާނއެކެވެ. ސަރުކާރު ކުންފުނިތަކުން 2019 އިން ފެށިގެން 2021 ގެ ނިޔަލަށް އުފެއްދީ 10،000 ވަޒީފާއެވެ. އެއީ އޭރު ބޭނުންވާ ވަރެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ގާއިމުކޮށް ތަރައްގީ ކުރެވުނު އަސާސީ ހިދުމަތްތައް އެއްފަހާރާ އިތުރުވެގެން ދިޔުމުން މި އަހަރު އެ އަދަދު 25،000 އަށް އިތުރުވެގެން ދިޔުމަކީ ސިއްސައިގެން ދާވަރުގެ ކަމެއް ނޫނެވެ.

    ކުރާނެ މަސައްކަތެއް ނެތް އެންމެ ވަޒީފާއެއް ވެސް ސަރުކާރު ކުންފުނި ތަކަކުން ވޭތުވެ ދިޔަ ދެ އަހަރު ތެރެއަކު ނުއުފައްދައެވެ. ލޮލަށް މިރުސް އެޅިފައި ނެތިއްޔާ ރާއްޖޭގެ ކަންކޮޅު ތަކުގައި ކުރެވެމުންދާ ކަންކަން ފެންނާނެއެވެ. ފެނަކާއި ސްޓެލްކޯއިން ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅުކޮށް ދެވޭ ހިދުމަތުގެ ފެންވަރު އެތައް ގުނައަކަށް މަތިކޮށްފިއެވެ. ނަރުދަމާ ނިޒާމު އެތައް ރަށެއްގައި ގާއިމުކޮށް އެކަން ތަރުތީބުން ބަލަހައްޓަން ފެށިއްޖެއެވެ. ސާފު ފެނުގެ ނިޒާމު ކަންކޮޅުތަކުގައި މަތީ ފެންވަރެއްގައި ގާއިމުކޮށް އެ ހިދުމަތްތައް އެހެރަ ދަނީ ދެމުންނެވެ. އެހުރިހާ ކަމަކަށް މުއައްޒަފުން ނުހޯދާ އެ ހުރިހާ ކަމެއް ކޮށްދެނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް ހެއްޔެވެ. 

    އެމްޓީސީސީ މެދުވެރިކޮށް ދަތުރު ފަތުރުން ރަށްތަކާ އަތޮޅުތައް ހައި ސްޕީޑްގައި އެހެރަ އަންނަނީ ގުޅެމުންނެވެ. ބަސް ޑްރައިވަރުންނާއި ލޯންޗް ޑްރައިވަރުންނާއި އޮޕަރޭޝަން ސްޓާފުން ގިނަ އަދަދަކަށް ހޯދިއެވެ. އަދިވެސް ހޯދަން ޖެހެއެވެ. އަނެއްކޮޅުން ވައިގެ ބަނދަރުތައް އިތުރުވެ އެތަންތަން އެހެރަ ހިނގަނީއެވެ. ސަރުކާރުގެ ކުންފުނި ތަކުން އެތައް ސަތޭކަ މަސައްކަތެއް އަތުފަތު ނޭޅި ރާއްޖޭގެ އެތަން މިތާ ކުރަމުން ދާތަނެއް ނުފެނޭހެއްޔެވެ.

    ކުރިން ނެތް އެތައް ކަމެއް ފެށި ކުރިން ކުރަން ނުޖެހޭ އެތައް މަސައްކަތެއް ރާއްޖޭގެ ކަންކޮޅުތަކުގައި ކުރަމުން ދިޔުމަށް އިންސާނީ ވަސީލަތަށް ވުރެ މުހިންމު އެހެން އެއްޗެއް ނުއޮންނާނެއެވެ. އަސާސީ ހިދުމަތުގެ އެންމެހާ ކަންކަން ނުހުއްޓި ފެންވަރު ހުރި ގޮތެއްގައި ތަރުތީބުން ކުރެވޭނީ މީހުނަށް ވަޒީފާ ދީގެނެވެ. ދިވެހި ރައްޔިތުންނަށް ވަޒީފާ ލިބުމާ ދެކޮޅު ހަދާ ޒަތްޒާތަށް ރިޕޯޓް ނެރުނަކަސް އެކަމެއް ނުހުއްޓުވޭނެއެވެ. 

    ރައްޔިތުން ވެރިކަމަށް ބަޔަކު ގެންނަނީ އެ މީހުންގެ މުހުތާދުތައް ފުއްދުމަށެވެ. ދިވެހި ރައްޔިތުން ބޭނުމީ އެ މީހުން ރަށުގައި ތިބެގެން އަދާކުރާނެ ވަޒީފާ ރަށުގައި އުފެދުމަށެވެ. އަސާސީ ކަންކަމާ ގުޅުން ހުރި ހުރިހާ ހިދުމަތެއް އެއްފަހަރާ ހުރިހާ ރަށެއްގައި ފެށިގެން ކުރިއަށް ދާން ފެށުމުން ވަޒީފާ އުފައްދަން މަޖުބޫރެވެ. އެކަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް ނޭނގުމަކީ ވަޒީފާ އުފައްދަން ނުޖެހޭ ސަބަބެއް ނޫނެވެ. 

    ބުނަން ހެއްޔެވެ. ރައްޔިތުންގެ ފޯރުންތެރިކަން އިތުރުކޮށް ބޭނުންތައް ފުއްދުމުގެ ބޭނުމުގައި ނޫނީ ރައްޔިތުން ވޯޓު ދީގެން ވެރިކަމަކަށް މީހަކު ނުހޮވައެވެ. މަޖިލީހަށް މެންބަރަކުވެސް ނުހޮވައެވެ. ކައުންސިލަރަކު ވެސް ނުހޮވައެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ވަޒީފާ ލިބި އާމްދަނީ ހޯދުމަށް މަގުފަހިވީ ވަރަކަށް އޮންނަ ސަރުކަރާކަށް ރައްޔިތުންގެ ތާއީދު އިތުރު ވަމުން ދާނެއެވެ.

    ސިޔާސީ ވާދަވެރިން ސަރުކާރާ ދެކޮޅަށް ދައްކާ ކަހަލަ ވާހަކަ ޓްރާންސްޕޭރެންސީ މޯލްޑިވްސް ދެއްކީމާ އަންނަނީ ހިންޏެވެ. ގެއްލެނީ އިތުބާރެވެ. ހެޔޮ ނިޔަތުގައި ކުރެވޭ ކަންކަން ނަމަ ނަފްރަތު އުފެދުމަށް ޖާގައެއްް ނުދޭނެވެ. ތިޔަހެން ނެރެލާ ސިޔާސީ ރިޕޯޓަކުން ރައްޔިތުންނަށް ހައްގު ކަށަވަރުކޮށެއް ނުދެވޭނެއެވެ.

    ހިތްވަރެއް ހުރިއްޔާ ޝަރުއީ ހުކުމާ ދެކޮޅަށް ޕީޕީއެމުން ޖަހަމުންދާ ސަކަރާތާއި ހިއުމަން ރައިޓްސް ކޮމިޝަން ހައިޖެކްކުރި ކުރުން ކުށްވެރިކޮށްލަ ބަލާށެވެ. ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ރައީސްގެ ފަތިފުށް ޓްރާންސް ޕޭރެންޓް ކޮށްލަބަލާށެވެ. ނުކެރޭނެއެވެ.

    ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް ހާސިލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ތެރެއިން މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓް ހޯދައިގެން  ރާއްޖޭގެ ސްކޫލުތަކުގައި ކުދިން ބޮލަށް ޖަހަންއުޅޭ ޗިޕްގެ ވާހަކަ އަމިއްލައަށް ޓްރަންސްޕޭރެންޓް ކޮށްލިއްޔާ މާތާހިރުވާނެއެވެ. 

    ]]>
    Thu, 22 Jun 2023 14:46:02 +0500 ހީރަސްނިއުސް
    ކިތަންމެ ޖޭވިޔަސް ގަން އެއަރޕޯޓް ތަރައްގީ ކުރާނެ! https://heerasnews.com/1511 https://heerasnews.com/1511 އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ހިންގަން ފަށާފައިވާ މަޝްރޫއަކީ ހުވަފެނެއް ކަމަށް ދައްކަން ކިތަންމެ ވަރަކަށް ބަޔަކު އުޅުނަސް އެ ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. އިރެއްގައި ކަމެއް ރަނގަޅަށް ނުވެ އޮތުމަކީ އެކަމެއް ފަހުން ރަނގަޅު ނުކުރެވެން އޮތް ހުއްޖަތެއް ނޫނެވެ. ގަން އެއަރޕޯޓް ރަނގަޅަށް ހިނގައިގަނެ އޭގެ ނަފާ އައްޑޫ ރައްޔިތުންނަށް ލިބިދާނެތީ އެކަން ހަޖަމް ނުވާ ބަޔަކަށް ހަޖަމު ނުވިޔަސް މި ފަހަރު ސަރުކާރުގެ ނިޔަތަކީ އެންމެ ނަފާ ވެރި ގޮތުގައި ގަން އެއަރޕޯޓް ތަރައްގީކޮށް އައްޑު ރައްޔިތުންނަށް އިގްތިސާދީ މަންފާ އެންމެ ފުޅާ ދާއިރާއެއްގައި ހޯދާ ދިނުމެވެ. 

    ބޮޑު ލޯނެއް ނަގައިގެން މި ވަގުތު ކުރަންޖެހޭ ކަމެއް ނޫނޭ ބުނެ އައްޑޫ އެއަރޕޯޓް ތަރައްގީ ކުރަން ހުރަސްއަޅާ ފިތުނަ އުފައްދާ ކަން މަރަން އެކަކުވެސް އުޅޭނެ ކަމެއް ނެތެވެ. އެ ކަމެއް ނުވާނެއެވެ. ރައީސް ސޯލިހުގެ ތަސައްވަރު ގުޅިފައި ވަނީ އައްޑޫ ރައްޔިތުންގެ ދުޅަހެޔޮ ކަމާއެވެ. ވަށާޖެހޭ އިގްތިސާދީ ޕްލޭނެއްގެ ތެރެއިން ކަން ވާތަން ފެނުނީމާ މި ވަގުތަށް ކުރަންޖެހޭ ކަމެއް ނޫނޭ ކިޔާ ވިޔަ ނުދޭން އުޅޭނީ އައްޑޫގެ ތަރައްގީއަށް ޒަމާނުއްސުރެ ހަސަދަވެރިވާ ތައައްސަބުން ފުރިފައި ތިބި ބައެކެވެ. 

    އައްޑޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ ވިސްނުންނެތް ބަޔަކު ސިޔާސަތު ކަނޑައަޅާ ތަންފީޒު ކުރަން ތިބިއިރު ކަންކަން ވީހެން ކޮންމެ ފަހަރަކު ކަންކަން ވާނޭ ކަމަށް ހީކުރަނީ ބުއްދި ފަސްވެފައި ތިބި ބައެކެވެ. އައްޑޫ އެއަރޕޯޓް ތަރައްގީކޮށް ވަށާޖެހޭ އިގްތިސާދީ ޕްލޭނަކާއި އެކު އައްޑޫ ތަރައްގީ ކުރައްވަން އިސްވެ ހުންނެވީ ރައީސް ސޯލިހެވެ. އިނަރ މޯލްޑިވްސް ފިރާގެއް ބަންދު ސަލީމެއް ނޫނެވެ. 

    ޒާތް ޒާތަށް ތަފާސް ހިސާބު ހިފައިގެން ނިކުމެ ކަން މަރާ ބޭސް ޖަހަން ނޫޅޭށެވެ. ތިޔަ ހުރިހާ ތަފާސް ހިސާބަކާއި ތަޖުރިބާއެއްގެ އަލީގައި މި ފަހަރު އައްޑޫ ތަރައްގީ ކުރާނީ އައްޑޫ ރައްޔިތުން އެދޭ ގޮތަށެވެ. އިގްތިސާދީ މަންފާ އައްޑުއަށާއި މުޅި ރާއްޖެއަށް ލިބޭ ގޮތަށެވެ. މި ފަހަރު އައްޑޫ އެއަރޕޯޓް ކީއްކުރަން ހެއްޔެވެ. މުޅި އައްޑޫ ތަރއްގީ ވެގެން ދާނީ ލާމެހިފައިވާ ތަރައްގީގެ ވިއުގައަކުންނެވެ. ހަވާލާފައި އޮންނަ ގުޅުމެއްނެތް ކަންވާރު ބޮޅެއް ހެނެއް ނޫނެވެ. 

    29.7 މިލިއަން ޑޮލަރު (457.9 މިލިއަން ރުފިޔާ)ގެ ގަން އެއަރޕޯޓް ތަރައްގީގެ މަޝްރޫއު ނިމޭއިރު އައްޑޫގައި ބިން ހިއްކައިގެން އައު ރިސޯޓް ތަކެއް ތަރައްގީ ވެފައި އޮންނާނެއެވެ. ވިލިގިއްޔާއި ހެރެތެރެ އޮންނާނީ ހިނގަ ހިގައެވެ. ސިޓީ ހޮޓާތަކާއި ގެސްޓު ހައުސްތައް ބާރަށް ހިނގަމުން ދާނެއެވެ. ފަތުރުވެރިންނަށް ފަހި މާހައުލެއް އައްޑޫގައި ގާއިމު ކުރެވި ވަސީލަތްތައް ފުރިހަމަ ވާނެއެވެ. މަގާ ބަނދަރާއި ކަރަންޓާ ފެނާ ނަރުދަމާ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައި އޮންނާނެއެވެ. މަތީ ފެންވަރުގެ ސިއްހީ ހިދުމަތާއި ޒަރޫރީ ހުރިހާ ކަމެއް ލާފުރާ ފުރިހަމަ ވާނެއެވެ. 

    ހަތް ހާހަށް ވުރެ ގިނަ ޓޫރިސްޓް އެނދު އައްޑުގައި ހުންނާނެއެވެ. ބައިނަލް އަގުވާމީ ފްލައީޓްތައް ފުލުފުލުގައި އަންނަން ޖެހޭގޮތައް އައްޑޫގެ ކަންކަން ބައްޓަންވެ ތަރުތީބު މަގުން ހިނގަމުން ދާނެއެވެ. މި ދަނޑިވަޅުގައި އެކަން ކުރާތީ ހަޖަމް ނުވާ ބަޔަކަށް ހަޖަމް ނުވާންވީއެވެ. އައްޑޫގެ ތަރައްގީއަށް ހުއްޓުމެއް ނެތެވެ. އައްޑޫގެ ތަރްގީއަށް ކަންކަން ނުކޮށް އޮތީމާ ދައްކަނީ ނުކޮށް އޮތް ވާހަކައެވެ. ކުރާތަން ފެންނަން ފެށީމާ ލޯނޭ ދަރަންޏޭ ވަގުތެއް ނުޖެހެއޭ ކިޔައިގެން ހަސަދަވެރި ވާނެ ކަމެއް ނެތެވެ. 

    އިރެއްގައި އައްޑޫ އެއަރޕޯޓަށް އަހަރަކު 34 ހާސް މީހުން އައެއް ކަމަކު އެ މިންވަރުގައި ހިފެހެއްޓިފައި އަބަދު އޮންނާނެ ކަމަށް ހީކުރާނީ އާޖުފާޖު ނޭނގޭ ގަމާރުންނެވެ. ތަރައްގީގެ ވަރުގަދަ މަޝްރޫއުތައް ނިމި އައްޑޫ ހުޅުވާލެވުމުން އަހަރަކު 1.5 މިލިޔަން ފަސިންޖަރުން އައްޑުއަށް ނުގެނޭވޭނެ ކަމަށް ހީކުރާ ބަޔަކަށް ވުރެ ތަންދޮރު ނޭނގޭ ބަޔަކު ނުތިބޭނެއެވެ.

    1.5 މިލިޔަނަކީ މާ އެމްބިޝިއަސް އަދަދެއް ކަމަށް ހީވަނީ އައްޑުއަކީ ރާއްޖެއަށް މިހާރު އަންނަ ކަހަލަ ޓޫރިސްޓުން ޝައުގުވެރިވާ ކަހަލަ ގޮތަކަށް ގުދުރަތީ ގޮތުން އުފެދިފައި އޮތް ތަނެއް ނޫންކަމަށް ދެކޭ މަރުމޯލުންނަށެވެ. ގަން އެއަރޕޯޓާއި ޓޫރިޒަމަށް ލޯނު ނަގައިގެން ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކުރުމަކީ ވިޔަފާރީގެ ގޮތުން ދެކޮޅު ނުޖެއްސޭނެ ކަމެއް ކަމަށް އަޑަށް ބާރުލާފައި އިނަރ މޯލްޑިވްސް ފިރާގުމެން ކަހަލަ މީހަކު ބުނުމަކީ ސިއްސައިގެން ދާންޖެހޭ ވަރުގެ ވާހަކައެއް ނޫނެވެ. 

    އައްޑުއަށް ފިޓްވާ ކަހަލަ ޓޫރިޒަމެއް ތަރައްގީ ކުރަން ޖެހޭ ކަމަށް އިނަރ މޯލްޑިވްސް ފިރާގު ވެސް އެއްބަސްވެއެވެ. އެއްވެސް އިރެއްގައި އެ ވިސްނުން ގެންގުޅެފައި ނެތުމަކީ މިހާރު އެ ވިސްނުން ނުގެންގުޅޭ ކަމުގެ ހުއްޖަތަކަށް ފިރާގަށް ވާތީ އަޖައިބު ވެއެވެ. އައްޑުއަކީ ގިނަ ދުވަހު މީހުން އައިސް ތިބޭ، ރިޓަޔާމަންޓް މީހުންނަށް ހާއްސަ ޓޫރިޒަމް ހަބަކަށް ހެދިދާނެ ކަމަށް ފިރާގަށް ވެސް އެބަ ވިސްނޭ ނޫންހެއްޔެވެ. އަނެއް ކޮޅުން އެހެން ސަރަހައްދުތަކާ ހިލާފަށް ވަކި ޑެސްޓިނޭޝަނެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓް ކުރަން ޖެހޭ ކަމަށް ބަންދު ސަލީމަށް ވެސް އެބަ ގަބޫލު ކުރެވެއެވެ.

    ސަރުކާރުން އައްޑޫ އެއަރޕޯޓް ތަރައްގީކޮށް ވަށާޖެހޭ އިގްތިސާދީ ހަބަކަށް އައްޑޫ ބަދަލުކޮށްލަން ގެންގުޅޭ އައުވިސްނުން ނޭނގި ތިބެ އައްޑޫގެ ތަރައްގީއަށް ކުރާ ހޭދައކީ ބޭކާރު ކަމެއް ގޮތުގައި ދައްކަން އެއީ ވަކީން ކޮންބައެއް ހެއްޔެވެ. އެޒާތުގެ ކުރިމަރާ ވިސްނުމުގެ މީހުންގެ ނިޔަތަކީ އައްޑޫ ތަރައްގީ ވިޔަ ނުދިނުމެވެ. އައްޑޫ ރައްޔިތުންނާއި ސަރުކާރު އޮތީކީ އެކަހަލަ ފެން ނުހިފޭ ވާހަކައިގައި ޖެހި އައްޑޫ ތަރައްގީ ކުރުން ހުއްޓާ ގޮތަކަށް ނޫނެވެ.

    ]]>
    Mon, 12 Jun 2023 01:23:42 +0500 ހީރަސްނިއުސް
    ތަރައްގީއަށް ހުރަސްއެޅޭ ހާލަތްތައް https://heerasnews.com/1493 https://heerasnews.com/1493 ޤައުމެއްގެ ތަރައްޤީއަށް އޮތް ހުރަހަކީ އެ ޤައުމެއްގެ ވަކި ޙާލަތްތަކާއި ކޮންޓެކްސްޓަށް ބަލާފައި ތަފާތުވެދާނެ ކަމެކެވެ. ނަމަވެސް ގިނަ ގައުމުތަކަށް ދިމާވާ އާންމު ބައެއް ހުރަސްތައް އެބަހުއްޓެވެ. މިއީ ޤައުމެއްގެ ތަރައްޤީއަށް ހުރަސް އެޅިދާނެ މުހިންމު ބައެއް ކަންތައްތަކެވެ.

    ސަރުކާރަށް ގިނަގިނައިން ބަދަލު އައުމާއި، ސިޔާސީ ހަމަނުޖެހުންތަކާއި، ކޮރަޕްޝަނާއި، ފައިދާހުރި ވެރިކަމެއް ނެތުމަކީ ތަރައްގީގެ މަސައްކަތްތަކަށް ހުރަސްއެޅޭ ނުތަނަވަސް މާހައުލެއް އުފެދިދާނެ ކަމެކެވެ. އެކަށީގެންވާ އިންފްރާސްޓްރަކްޗަރެއް ނެތުމާއި، ފަގީރުކަން މަތިވުމާއި، އާމްދަނީގެ ނުތަނަވަސްކަމާއި، ރައުސުލްމާލާއި ކްރެޑިޓް ލިބުން މަދުވުމާއި، މަދު ސިނާއަތްތަކަށް ނުވަތަ ވަސީލަތްތަކަށް ބަރޯސާވުން ފަދަ ކަންކަމަކީ އިގްތިސާދީ ކުރިއެރުމާއި ތަރައްގީއަށް ހުރަސްއެޅޭ ކަންކަމެވެ. ތަޢުލީމަށް އެކަށީގެންވާ ވަރަށް އިންވެސްޓް ނުކުރުމާއި، ފެންވަރު ރަނގަޅު ތަޢުލީމު ނުލިބުމާއި، ވަޒީފާގެ ބާޒާރުން ޑިމާންޑްކުރާ ހުނަރާއި ވަޒީފާގެ ބާރުގެ ހުނަރު ތަފާތުވުމަކީ ދުނިޔޭގެ އިޤްތިޞާދެއްގައި ވާދަކުރުމުގެ ޤާބިލުކަން ޤައުމަކަށް ހަނިކުރެވޭނެ ކަމެކެވެ.

    ދަތުރުފަތުރާއި ހަކަތައާއި މުވާސަލާތީ އިންފްރާސްޓްރަކްޗަރ އެކަށީގެންވާ ވަރަށް ނުލިބުމަކީ ވިޔަފާރި ހަނިވެ، ގުޅުމަށް ހުރަސްއެޅި، އިންވެސްޓްމަންޓްގެ ހިތްވަރު ގެއްލިދާނެ ކަމެކެވެ. ތަފާތުކުރުމާއި، ޖިންސީ ނުތަނަވަސް ކަމާއި، އިޖުތިމާޢީ ހަމަނުޖެހުން ތަކާއި، އިޖުތިމާޢީ އެއްބައިވަންތަކަން ނެތުން ފަދަ މުޖުތަމަޢުގެ މައްސަލަތަކުގެ ސަބަބުން ތަރައްޤީގެ މަސައްކަތް ތަކަށް ބުރޫއަރާ، އިޖުތިމާޢީ ޓެންޝަންތައް އުފެދިދާނެއެވެ.

    ކުޅިތައް ކެނޑުމާއި، ތަޣައްޔަރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ވަސީލަތްތައް މަދުވުން ފަދަ މައްސަލަތަކުގެ ސަބަބުން ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީއާއި ދިގުމުއްދަތުގެ ތަނަވަސްކަމަށް ގެއްލުންހުރި އަސަރުތަކެއް ކޮށްފާނެއެވެ. އެކަށީގެންވާ ސިއްހީ ޚިދުމަތުގެ ނިޒާމުތައް ނެތުމާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ނުލިބުމާއި، ބަލިތައް އާންމުވުމަކީ އިންސާނީ ތަރައްޤީއާއި އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ.

    ދުނިޔޭގެ އިގްތިސާދީ އުފުލުންތަކާއި، ވިޔަފާރީގެ ހުރަސްތަކާއި، ބައިނަލްއަޤްވާމީ ހަމަނުޖެހުންތަކާއި، ގުދުރަތީ ކާރިސާތައް ފަދަ ޤައުމެއްގެ ކޮންޓްރޯލުން ބޭރުގައިވާ ކަންތައްތަކަކީ ތަރައްޤީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް އަސަރުކުރާ ކަންކަމެވެ.

    ]]>
    Tue, 06 Jun 2023 11:55:15 +0500 ޒުރޫ
    ރާއްޖޭގެ ތަރައްޤީގެ ދުވެލި ރަނގަޅު https://heerasnews.com/1485 https://heerasnews.com/1485 ގުދުރަތީ ރީތިކަމާއި ރީތި ޖަޒީރާ ތަކުގެ ސަބަބުން މަޝްހޫރު މި ދިވެހިރާއްޖެއިން އިން އަންނަނީ ގައުމުގެ ތަރައްގީ އިތުރުކޮށް، ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަސައްކަތް ތަކެއް ކުރަމުންނެވެ. ދިވެހި ރާއްޖެއިން އަންނަނީ ތަރައްޤީގެ އެކި ދާއިރާ ތަކުގެ ތެރެއިން އިންފްރާސްޓްރަކްޗަރއާއި ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަމާޒު ކޮށްގެންނެވެ. ފާއިތުވި އަހަރުތަކުގައި ސަރުކާރުން ވަނީ ފަތުރުވެރިކަމާއި ވިޔަފާރިއަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ދަތުރު ފަތުރުގެ އިންފްރާސްޓްރަކްޗާރއާއި އެއާޕޯޓް ތަކާއި ކަނޑު ބަނދަރުތައް ފަދަ ކަންކަން ރަނގަޅު ކުރުމަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައެވެ. އަދި ތައުލީމީ ދާއިރާގައި ފާހަގަ ކޮށްލެވޭ މިންވަރަށް ފުރުސަތުތައް ހޯއްދަވައި ދެއްވާފައިވެއެވެ. މި މަސައްކަތް ތަކުގެ މަޤްޞަދަކީ ރާއްޖޭގެ އެތެރެއާއި ބޭރުގެ ގުޅުން ރަނގަޅުކޮށް، ފަތުރުވެރިންނާއި ވިޔަފާރި ތަކަށް ދިވެހިރާއްޖެއަށް ވަދެވޭނެ މަގު ފަހިކޮށް ދިނުމެވެ.

    ދިވެހިރާއްޖޭގެ އިގްތިސާދުގައި ފަތުރުވެރި ކަމަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރި ކަމުގެ އުސޫލުތައް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ނާޒުކު ކަނޑުގެ އިކޯސިސްޓަމް ހިމާޔަތް ކުރުމާއި، ޒިންމާދާރު ފަތުރުވެރި ކަމަށް ހިތްވަރު ދިނުމާއި، އިކޯފްރެންޑްލީ ރިސޯޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. ފަތުރުވެރިކަމުގެ ކުރިއެރުމާއި ތިމާވެށި ހިމާޔަތް ކުރުން ބެލެންސް ކޮށްގެން، ދިވެހިރާއްޖޭގެ އަމާޒަކީ ފަތުރުވެރި ކަމުގެ ސިނާއަތުގެ ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.

    ދިވެހިރާއްޖޭގައި ތައުލީމާއި ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް ސަރުކާރުން ވަނީ ބުރަ މަސައްކަތް ތަކެއް ކޮށްފައެވެ. ތައުލީމީ ފެންވަރު މަތި ކުރުމަށާއި ވޮކޭޝަނަލް ޓްރޭނިން ޕްރޮގްރާމްތައް ހިމެނޭ ގޮތަށް ތައުލީމީ ފުރުސަތުތައް ފުޅާކުރުމަށް އިންވެސްޓްމަންޓްތައް ކޮށްފައިވެއެވެ. ހަމަ އެފަދައިން ސިއްހީ ފަރުވާގެ އިންފްރާސްޓްރަކްޗަރ އާއި ޚިދުމަތްތައް ރަނގަޅުކޮށް، ރަނގަޅު ސިއްހީ ވަސީލަތްތައް ފޯރުކޮށްދީ އާބާދީއަށް ފަރުވާ ދިނުމަށް ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ވަނީ ކުރަންފަށާފައެވެ.

    ފާހަގަ ކޮށްލެވޭ ކަމަކީ ތަރައްގީއަކީ ހިނގަމުންދާ ކަމެއް ކަމަށާއި، ރާއްޖޭގެ އެކި ދާއިރާތަކާއި ސަރަހައްދު ތަކުގައި ކުރިއެރުންތައް ތަފާތު ވެދާނެ ކަމަށެވެ. އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ވަގުތު ނަގާއިރު، މަގުމަތީގައި ކުރަންޖެހޭ ކަންކަމާއި ދަތުރު ފަތުރުގެ ސަބަބުން ގޮންޖެހުން ތަކެއް ކުރިމަތި ވެދާނެއެވެ. ނަމަވެސް، ދިވެހިރާއްޖެއިގެ ތަރައްޤީގެ ދުވެލި ހަގީގަތުގައިވެސް ރަނގަޅު ވަމުންދާ ނަމަ، އެއިން ދޭހަވަނީ، ޤައުމުގެ ލަނޑުދަނޑިތަކާ ދިމާއަށް ހެޔޮ ފިޔަވަޅު ތަކެއް އަޅަމުން ދާކަމެވެ. ދައްކާލަން އަދި އަޑު އަހާލަން ވެސް އެހާމެ ފަސޭހަ ވާހަކަ އެކެވެ! 

    ]]>
    Sun, 04 Jun 2023 16:35:13 +0500 ޒުރޫ
    ހުދުމުހުތާރު ސަގާފަތުން ދުރުހެލިވުމުގެ މުހިންމުކަން https://heerasnews.com/1466 https://heerasnews.com/1466 ހުދުމުހުތާރު ސަގާފަތުން ދުރުހެލިވުމަކީ އާންމުކޮށް ފަރުދުންނާއި މުޖުތަމައު ތަކަށް ފައިދާހުރި ކަމެކެވެ. ކަމުގެ މުހިންމު ބައެއް ނުކުތާތަކަށް އަލި އަޅުވާލެވޭތޯ ބަލާނަމެވެ.  ހުދުމުހުތާރު ސަގާފަތް ތަކުގައި ފަރުދީ މިނިވަންކަމާއި ހައްގުތައް ފިއްތާލައެވެ. އެއީ ގިނަފަހަރަށް ވާހަކަ ދެއްކުމާއި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ފަރުދުންގެ ޚިޔާލު ފާޅުކުރުމާއި، މަސްލަހަތު ކުރިއަށް ގެންދިއުމާއި، ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި ބައިވެރިވުމުގެ ޤާބިލުކަން ހަނިކުރުމެވެ. މި މިނިވަންކަން ނެތުމަކީ މާޔޫސްކަމާއި، ނުރުހުމާއި، އުފެއްދުންތެރިކަމާއި އާ އުފެއްދުންތެރިކަން ފިލުވައިލުމަށް މަގުފަހިވާ ކަމެކެވެ.

    ހުދުމުހުތާރު ސަގާފަތްތަކުގައި ގިނަ ފަހަރަށް ޖަވާބުދާރީވުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ ނިޒާމުތައް ނެތެއެވެ. ނިންމުންތައް ނިންމުމަކީ މަދު ފަރުދެއްގެ ނުވަތަ އެންމެ ލީޑަރެއްގެ އަތްމައްޗަށް ޖަމާވެފައިވާ ކަމަކަށް ވާތީ، ކޮރަޕްޝަނާއި، ފަޚުރުވެރިނކަމާއި، ބާރުގެ ބޭނުން ނުހިފުމަށް މަގުފަހިވެ ދާނެއެވެ. އެކަށީގެންވާ ޗެކް އެންޑް ބެލެންސްތަކެއް ނެތި، އިންސާނީ ހައްގުތަކާ ހިލާފުވުމާއި، އިގްތިސާދީ ގޮތުން ގޯސްކޮށް ކަންކަން ބެލެހެއްޓުމާއި، ވަސީލަތްތައް ނުހައްގުން ބަހާލުމުގެ ނުރައްކާ ބޮޑުވެއެވެ.

    ހުދުމުހުތާރު ސަގާފަތް ތަކުން ގިނަ ފަހަރަށް ތަފާތު ފިކުރުތައް ނިއްވާލައި، ޚިޔާލު ތަފާތުވާ މީހުންގެ ޚިޔާލުތައް އެއްފަރާތް ކޮށްލައެވެ. މިއީ ޚިޔާލު ބަދަލު ކުރުމަށް ހުރަސްއެޅި، މައްސަލަތަކަށް ބަދަލު ހައްލުތައް ހޯދުމަށް ހުރަސް އެޅިދާނެ ކަމެކެވެ. މިފަދަ މާހައުލު ތަކުގައި ފަރުދުންނަށް ސްޓޭޓަސް ކުއޯއަށް ގޮންޖަހާލުމުގެ ހިތްވަރު ގެއްލި، އަމިއްލަ އަދި މުޖުތަމައުގެ ކުރިއެރުން ދަށްވެދާނެ އެވެ. ހުދުމުހުތާރު ސަގާފަތް ތަކުން ގިނަ ފަހަރަށް އިޖުތިމާޢީ ބައިބައިވުންތައް އިތުރަށް ގޯސްކޮށްލަނީ ވަކި ޖަމާޢަތްތަކެއް ފިއްތާލައިގެން ނުވަތަ އެހެން މީހުންނާ މެދު ފަޚުރުވެރިވުން ކުރިއަރުވައިގެންނެވެ. މިކަމުގެ ސަބަބުން ނަސްލީ، ދީނީ، ނުވަތަ ސިޔާސީ ރޮނގުތަކުން މުޖުތަމަޢުގެ ފުން ބައިބައިވުން ތަކެއް އުފެދި ދާނެއެވެ. ހައްދު ފަހަނަޅާފައިވާ ހާލަތް ތަކުގައި އަނިޔާވެރިކަމާއި، މަދަނީ ހަމަނުޖެހުން ތަކާއި، ދިގުދެމިގެންދާ ހަމަނުޖެހުން ތަކަކަށް ހިނގައި ދާނެއެވެ.

    ހުދުމުހުތާރު ސަޤާފަތް ތަކުގެސަބަބުން އިޤްތިޞާދީ ގޮތުން ނޭދެވޭ ނަތީޖާތަކެއް ކުރިމަތިވެ ދާނެއެވެ. އިންސާފުވެރި އަދި ހާމަކަން ބޮޑު ވިޔަފާރީގެ މާހައުލެއް ނެތުމަކީ އިންވެސްޓްމަންޓާއި އިނޮވޭޝަންއަށް އޮންނަ ހިތްވަރު ގެއްލިދާނެ ކަމެކެވެ. އިޤްތިޞާދީ ނިންމުންތައް ނިންމުމުގައި ގިނަ ފަހަރަށް ދުއްވާލަނީ އިޤްތިޞާދީ ގޮތުން ރަނގަޅު އުސޫލު ތަކެއްގެ ބަދަލުގައި ސިޔާސީ ވިސްނުން ތަކެއް ކަމުން، ވަސީލަތްތައް ނާކާމިޔާބުވެ، ވަސީލަތްތައް ގޯސްކޮށް ބެހުމަށް މަގުފަހިވެއެވެ. މިކަމުގެ ސަބަބުން އިގްތިސާދުތައް ހުއްޓި ނުވަތަ ދަށަށް ގޮސް، އިގްތިސާދީ ކުރިއެރުމުގެ ފުރުސަތުތައް މަދުވެ، މުއްސަނދިކަމުގެ ފަރަގު ބޮޑުވެއެވެ.

    ހުދުމުހުތާރު ސަގާފަތް ތަކުން ގިނަ ފަހަރަށް ފިކުރީ އަދި ފަންނުވެރިކަމުގެ ޚިޔާލު ފާޅުކުރުން ހަނިކޮށް، އިންސާނީ އުފެއްދުންތެރި ކަމާއި އާ އުފެއްދުން ތަކުގެ ފުރުޞަތު ހަނިވެގެން ދެއެވެ. މީހުންގެ ޝައުގުވެރިކަން ކުރިއަށް ގެންދިއުމާއި، ހުނަރު ތަރައްޤީ ކުރުމާއި، ނުވަތަ އެ މީހުންގެ ޚާއްޞަ ނަޒަރިއްޔާތުތައް ޙިއްޞާ ކުރުމަށް މިނިވަން ނުވުމުން، މުޖުތަމަޢެއްގެ ޖުމްލަ ސަޤާފީ އަދި ފިކުރީ ތަރައްޤީއަށް ހުރަސް އެޅެއެވެ.

    ހުދުމުހުތާރު ސަގާފަތް ތަކުގެ ސަބަބުން އިޖުތިމާޢީ އިތުބާރާއި އެއްބައިވަންތަކަން ގެއްލިދެއެވެ. ފަރުދުން ނިންމުންތައް ނިންމުމުގެ މަރުހަލާއިން ބާކީވެފައިވާ، އަނިޔާލިބިފައިވާ، ނުވަތަ ބާކީވެފައިވާ ކަމުގެ އިހުސާސް ކުރެވުމުން، އިޖުތިމާއީ ގުޅުންތައް ރޫޅި، ބީރައްޓެހި ކަމުގެ އިހުސާސް ކުރެވިދާނެއެވެ. މިކަމުގެ ނަތީޖާއަކަށް ވެދާނީ އިޖުތިމާޢީ ފޭރާން ބަލިކަށިވެފައިވާ މުޖުތަމަޢެއް ފަޅައިގެން ގޮސްފައި އޮތުމެވެ. ހުރިހާ ހުދުމުހުތާރު ސަގާފަތް ތަކެއްގައި އެއް ސިފަތަކެއް އެއް މިންވަރަކަށް ނުފެންނަކަން ފާހަގަ ކުރުން މުހިންމެވެ. ނަމަވެސް މިފަދަ ސަގާފަތްތަކާ ގުޅިފައިވާ ނުރައްކަލާއި އުނިކަންތަކުގެ ސަބަބުން ގިނަ ފަހަރަށް އެދެވިގެން ވަނީ، އިތުރަށް ހުޅުވާލެވިފައިވާ، ހުރިހާ ފަރާތް ތަކެއްހިމެނޭ، އަދި ބައިވެރިވާ މުޖުތަމަޢު ތަކަކަށް މަސައްކަތް ކުރުމެވެ.

    ]]>
    Mon, 29 May 2023 18:33:48 +0500 ޒުރޫ
    ޤައުމެއްގެ ތަރައްޤީގައި ހަމަޖެހުން ވަރަށް މުހިންމު https://heerasnews.com/1465 https://heerasnews.com/1465 ޤައުމެއްގެ ތަރައްޤީގައި ހަމަޖެހުމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.  ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމާއި، އިޖުތިމާއީ ކުރިއެރުމާއި، ސިޔާސީ ހަމަޖެހުމަށް އޮތް ބިންގަލަކީ ހަމަޖެހުމެވެ. ޤައުމެއްގެ ތަރައްޤީއަށް ހަމަޖެހުން މުހިންމުވާ މުހިންމު ބައެއް ސަބަބުތައް ބަޔާން ކޮށްލެވޭތޯ ބަލާނަމެވެ.

    ހަމަޖެހުމަކީ އިޤްތިޞާދީ ކުރިއެރުމާއި އިންވެސްޓްމަންޓަށް ފަހި މާޙައުލެއް އުފެއްދުމެވެ. ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތައް ލަފާކުރެވޭ އަދި އެއްގޮތަކަށް ތަންފީޒު ކުރެވޭ ހަމަޖެހޭ ގައުމެއްގައި އިންވެސްޓަރުންނާއި ވިޔަފާރި ތަކުން ވަސީލަތްތައް ކޮމިޓްކޮށް ރިސްކް ނަގަން ފަސޭހަވެއެވެ. ހަމަޖެހުމުގެ ސަބަބުން ޔަގީންކަން ނެތްކަން ކުޑަވެ، ނުރައްކާތައް ކުޑަވެ، އެތެރޭގެ އަދި ބޭރުގެ އިންވެސްޓްމަންޓަށް ހިތްވަރު ލިބި، ވަޒީފާގެ ފުރުސަތުތަކާއި އުފެއްދުންތެރި ކަމާއި ޖުމްލަ އިގްތިސާދީ ތަރައްގީ އިތުރުވެގެން ދެއެވެ.

    ހަމަޖެހުމަކީ އިޖުތިމާޢީ ކުރިއެރުމާއި އިންސާނީ ތަރައްޤީއާ ވަރަށް ގާތުން ގުޅިފައިވާ ކަމެކެވެ. ހަމަޖެހޭ ޤައުމަކަށް ތަޢުލީމާއި، ސިއްޙީ ފަރުވާއާއި، އިންފްރާސްޓްރަކްޗަރއާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ރަނގަޅު ކުރުމަށް ވަސީލަތްތައް ރަނގަޅަށް ދޫކުރެ ވޭނެއެވެ. އެއީ ސަރުކާރު ތަކަށް ފަގީރުކަން ކުޑަކުރުމާއި، ޖެންޑަރ އިކުއަލިޓީއާއި، ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ފޯކަސް ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމެކެވެ. ހަމަޖެހުމަކީ އިޖުތިމާއީ އެއްބައިވަންތަކަން އިތުރުވެ، ކުށުގެ ނިސްބަތް މަދުވެ، އާބާދީގެ މެދުގައި ރައްކާތެރިކަމާއި ރަނގަޅު ކަމުގެ އިހުސާސް އުފެއްދުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

    ޤައުމެއްގެ ތަރައްޤީއަށްޓަކައި ހަމަޖެހޭ ސިޔާސީ މާޙައުލެއް ކޮންމެހެން ބޭނުންތެރިއެވެ. ސިޔާސީ މުއައްސަސާތައް ސްޓޭބަލް އަދި އިންކްލޫސިވް ވާއިރު، އެ މުއައްސަސާތަކުން ފައިދާހުރި ވެރިކަމެއް ހިންގުމާއި، ސިޔާސަތު އެކުލަވާލުމާއި، ތަންފީޒު ކުރުމުގެ އޮނިގަނޑެއް ލިބިގެން ދެއެވެ. ސްޓޭބަލް ސިޔާސީ ނިޒާމުތަކުގެ ސަބަބުން އެކި ސްޓޭކް ހޯލްޑަރުންގެ މެދުގައި އިތުބާރާއި، އެއްބާރުލުމާއި، އިއްތިފާގު ބިނާވެ، ދިގު މުއްދަތުގެ ޕްލޭނިންގ އާއި ދެމެހެއްޓެނިވި ތަރައްޤީގެ ސްޓްރެޓެޖީތައް ފަހިވެގެން ދެއެވެ. މީގެ އިތުރުން ސިޔާސީ ގޮތުން ސްޓޭބަލް ޓްރާންސިޝަންތަކާއި ސުލްހަވެރިކަމާއެކު ވެރިކަން ބަދަލު ކުރުމަކީ ކުރިއަށް ގެންދިއުމަށް ހުރަސްއެޅި، ކުރިއެރުމަށް ހުރަސް އެޅިދާނެ ބުރޫއެރުންތައް ހުއްޓުވުމެވެ.

    ސްޓޭބަލް ގައުމުތަކުން ބޭރުގެ އިންވެސްޓްމަންޓްތައް ޝައުގުވެރިކޮށް ބައިނަލްއަގްވާމީ ވިޔަފާރި ތަކުގައި ބައިވެރިވުމުގެ ފުރުސަތު ބޮޑުވެއެވެ. އިންވެސްޓަރުންނާއި ވިޔަފާރި ބައިވެރިން އިސްކަންދެނީ އިތުބާރު ހުރި ގާނޫނީ ނިޒާމުތަކާއި، ހާމަކަން ބޮޑު ގަވާއިދުތަކާއި، އެއްގޮތް ސިޔާސަތު ތަކެއް ހުރި ހަމަޖެހޭ މާހައުލު ތަކަށެވެ. ހަމަޖެހުމަކީ ދުނިޔޭގެ ބާޒާރުގައި ޤައުމެއްގެ އަބުރާއި އިތުބާރު އިތުރުވެ، ވިޔަފާރީގެ ފުރުޞަތުތައް އިތުރުވެ، ރައުސުލްމާލާއި ޓެކްނޮލޮޖީއާއި މާކެޓްތައް ލިބިގަތުމަށް މަގު ފަހިކޮށްދޭ ކަމެކެވެ. މި މުޢާމަލާތް ތަކުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން އިތުރުވެ، ވަޒީފާ އުފެއްދުމާއި، އިނޮވޭޝަން އާއި ޢިލްމު ފުޅާކުރުމަށް ބާރު އަޅައިދެއެވެ.

    ހަމަޖެހުމަކީ ރައްޔިތުންނާއި ވިޔަފާރިތަކާއި ބައިނަލްއަޤްވާމީ ބައިވެރިންގެ މެދުގައި އިތުބާރާއި ގުޅުން އުފެދޭ ކަމެކެވެ. މީހުންނަށް އާންމު ދިރިއުޅުމުގައި ރައްކާތެރިކަން އިހުސާސް ކުރެވޭއިރު، އެމީހުންގެ މުއައްސަސާތަކަށް އީމާންތެރިކަން އުފެދި، އިގްތިސާދީ އަދި އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވާން މާ ޝައުގުވެރިވެއެވެ. ސަރުކާރަށް ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ގާނޫނާއި ގަވާއިދު ދެމެހެއްޓުމުގެ ގާބިލްކަމަށް އިތުބާރު ކުރެވޭތީ އިޖުތިމާއީ އެއްބައިވަންތަކަން އިތުރުވެ، އިޖުތިމާއީ ޓެންޝަންތައް ކުޑަވެ، އެއްބާރުލުމާއި ޖަމާޢަތުގައި ކުރިއެރުމުގެ މާޙައުލެއް އުފެދެއެވެ.

    ހަމަޖެހުމުގެ ސަބަބުން ސަރުކާރު ތަކަށާއި މުއައްސަސާތަކަށް ދިގު މުއްދަތުގެ ޕްލޭނިންގ އާއި ސިޔާސަތު އެކުލަވާލުމުގައި ބައިވެރި ވެވޭނެއެވެ. ގައުމެއް ސްޓޭބަލް ވާއިރު، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކާއި، ތައުލީމީ އިސްލާހުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބެލެހެއްޓުން ފަދަ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްތަކަށް ފޯކަސް ކުރެވިދެއެވެ. ދިގުމުއްދަތުގެ ޕްލޭނިންގ ގެ ސަބަބުން ވަސީލަތްތައް ރަނގަޅަށް ބެހުމަށް މަގުފަހިވެ، ދެމެހެއްޓެނިވި އުސޫލުތައް ކުރިއެރުވުމާއި، ތަރައްޤީގެ މަސައްކަތްތައް ޤައުމުގެ ލަނޑުދަނޑިތަކާއި އުންމީދުތަކާ އެއްގޮތް ވާކަން ކަށަވަރު ވެގެންދެއެވެ.

    ނިންމާލަމުން ދަންނަވާނަމަ، އިޤްތިޞާދީ ކުރިއެރުމާއި، އިޖުތިމާޢީ ކުރިއެރުމާއި، ސިޔާސީ ހަމަޖެހުމާއި، ބައިނަލްއަޤްވާމީ ގޮތުން ގުޅިގެން މަސައްކަތް ކުރުމުގެ ބިންގާ އަޅާތީ، ޤައުމެއްގެ ތަރައްޤީއަށް ހަމަޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ. ލަފާކުރެވޭ އަދި ރައްކާތެރި މާހައުލެއް ފޯރުކޮށް ދިނުމުން، ހަމަޖެހުމަކީ އިންވެސްޓްމަންޓްތައް ޝައުގުވެރިކޮށް، ވިޔަފާރިއަށް ހިތްވަރުދީ، ފައިދާހުރި ވެރިކަމާއި ދިގުމުއްދަތުގެ ޕްލޭނިންގ އަށް މަގުފަހިކޮށްދޭ ކަމެކެވެ. އެއީ ދެމެހެއްޓެނިވި ތަރައްޤީއާއި ޤައުމެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެހެން ބޭނުންވާ މާއްދާއެކެވެ

    ]]>
    Mon, 29 May 2023 18:31:27 +0500 ޒުރޫ
    ރާއްޖޭގެ ކުރިމަގަށް ފަހި ވިސްނުމަކުން ވިސްނުން https://heerasnews.com/1464 https://heerasnews.com/1464 ރާއްޖެ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް އެންމެ ބޮޑަށް ކުރިމަތިވާ އެއް ގައުމެވެ. ކުރިއަށް އޮތްތަނުގައި އާޓިފިޝަލް އައިލެންޑްތައް ހެދުމާއި، ރެސިލިއަންޓް އިންފްރާސްޓްރަކްޗަރ ބިނާކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަ ކުރުމަށް ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުސޫލުތައް ތަންފީޒު ކުރުން ފަދަ އެޑެޕްޓޭޝަން ފިޔަވަޅުތަކަށް ރާއްޖެއިން އިން ފޯކަސް ކުރުން މުހިންމެވެ.

    ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށެވެ. ކުރިއަށް އޮތްތަނުގައި ރަށްތަކުގެ ނާޒުކު އިކޯސިސްޓަމް ދެމެހެއްޓުމަށްޓަކައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުސޫލުތަކަށް ބޮޑު އަހަންމިއްޔަތުކަމެއް ދިނުން މުހިންމެވެ. ކުނިމެނޭޖްކުރުމާއި ގުޅޭ ގަވާއިދުތަކާއި، އީކޯ ފްރެންޑްލީ އެކޮމޮޑޭޝަންތަކާއި، މުރަކަތަކާއި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ޒިންމާދާރު ފަތުރުވެރިކަން ކުރިއެރުވުން ހިމެނިދާނެ އެވެ. އިމްޕޯޓްކުރާ ފޮސިލް ފިއުލް ތަކަށް ބަރޯސާވުން ކުޑަކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެ އިން އިއާދަ ކުރަނިވި ހަކަތައާއި ދިމާއަށް ބަދަލުވުން ކުރިއަށް ގެންދާން ޖެހެއެވެ. މީގެ ތެރޭގައި ސޯލާ ޕަވަރ އިންސްޓޯލޭޝަން ތަކާއި ވިންޑް ފާމްތަކާއި، ޖަޒީރާ ތަކަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ސާފު ހަކަތަ އުފެއްދުމުގެ އެހެނިހެން މަސައްކަތްތައް ފުޅާކުރުން ހިމެނިދާނެއެވެ.

    ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަކަށް ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީ އާއި އިގްތިސާދީ ކުރިއެރުމަށް އެ ޓެކްނޮލޮޖީ ޑެލީވަރ ކުރުމުގެ ފުރުސަތު ހޯދަންޖެހެއެވެ. މީގެ ތެރޭގައި ކުނިމެނޭޖްކުރުމާއި، ފެން ޑީސެލިނޭޝަނާއި، ދަތުރު ފަތުރުގެ ދާއިރާއިން އާ ހައްލުތައް ބޭނުންކޮށްގެން ވަޒީފާގެ ރަނގަޅުކަން އިތުރުކޮށް، ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުން ހިމެނިދާނެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ތަޖުރިބާތައް އިތުރުކޮށް، ހައިޓެކް މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގައި ޓެކްނޮލޮޖީގެ ދައުރެއް އޮވެދާނެއެވެ. ރާއްޖޭގެ ސިޔާސީ ހަމަޖެހުމުގެ މުސްތަގުބަލު ބިނާވެފައި އޮންނާނީ ޑިމޮކްރެޓިކް ޕްރޮސެސްތަކާއި، އިގްތިސާދީ ތަރައްގީއާއި، އިޖުތިމާއީ އެއްބައިވަންތަކަން ހިމެނޭ ގޮތަށްއެކި ކަންކަމުގެ މައްޗަށެވެ. ސިޔާސީ ހަމަޖެހުމާއި ފައިދާހުރި ވެރިކަމެއް ދެމެހެއްޓުމަކީ ގައުމުގެ ކުރިއެރުމާއި އިންވެސްޓްމަންޓް ޝައުގުވެރި ކުރުވުމަށް ވަރަށް މުހިންމު ކަމެއްކަމަށް ދެކެންޖެހެއެވެ.

    މުއްސަނދި ބަޔޯޑައިވަރސިޓީއާއި ކަނޑުގެ އިކޯސިސްޓަމް ތަކުގެ މުހިންމުކަން ރާއްޖެއަށް ބަލާއިރު، ކޮންޒަވޭޝަންގެ މަސައްކަތްތައް އިތުރަށް ކުރިއަރާނެ ކަމަށް ބެލެވެއެވެ. ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހަރުދަނާ ކުރުމާއި، ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތައް ތަންފީޒު ކުރުމާއި، ކަނޑުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރި ކުރުމަކީ ކުރިއަށް އޮތްތަނުގައި މުހިންމު އިސްކަމެއް ދޭންޖެހޭ ކަންތައްތަކެވެ.

    ]]>
    Mon, 29 May 2023 18:26:09 +0500 ޒުރޫ
    ކުޑަކުދިންގެ ދުވަހާއި ކުޑަކުދީން https://heerasnews.com/1365 https://heerasnews.com/1365 ދުނިޔޭގައި ތަފާތު އެކި ކަހަލަ ދުވަސްތައް ފާހަގަކުރަމުން އައުމަކީ މިހާރު އާއްމުކަމެކެވެ. އަހަރުގެ ގިނަ ދުވަސްތަކަކީ މިފަދަ ދުވަސްތައް ކަމަށްވީހިނދު ކޮންމެސް އެއްކަމެއް ފާހަގަ ކުރުމަށް ބަޔަކު އަވަދިނެތި އުޅެމުން ދާތަން ފެނެއެވެ. އެކަކަށްވުރެ އަނެކަކު ނުވަތަ އެއްބަޔަކަށްވުރެ އަނެއްބަޔަކު ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރަން އުޅޭތަންފެނެއެވެ. ބައެއްދުވަސްތައް ފާހަގަކުރުމުގައި މީ މުބާރާތެކޭވެސް ހީވަމުންދެއެވެ. ކޮންމެއަކަސް ތަފާތު ފެންވަރުގައި ފާހަގަކުރަމުންދާ ދުވަސްތަކުގެ ތެރެއިންވެސް ކުޑަކުދިންގެ ދުވަހަކީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެވިގެން ރައްޖޭގައިވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިދުވަސް އެންމެ ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އަންނަނީ ސްކޫލްތަކުގައެވެ.

    ކޮންމެ އަހަރެއްގެވެސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ މެއި 10 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރުމަށްޓަކައި ސްކޫލްތަކުގެ މުއައްޒަފުންނާއި ބެލެނިވެރިން ދުރާލާ ތައްޔާރުވާން ފަށައެވެ. އަދި ކުޑަކުދިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށްޓަކައި ބޮޑެތި ޢަދަދުތަކުން ޚަރަދު ކުރެއެވެ. ރެޔާދުވާލް ސްކޫލްގައި ހޭދަކުރަން ޖެހުނަސް ބޮޑުކަމަކަށް ނުވެއެވެ. އުފަލާއެކު ކޮށްދޭހިތުން ބެލެނިވެރިންވެސް ތިބެނީ ތައްޔާރަށެވެ.

    ކުޑަކުދިންނަކީ ވަރަށް މުހިއްމު ބައެއް

    ކުޑަކުދިންނަކީ ކޮންމެ އާއިލާއަކަށްވެސް އެހާމެ ބޮޑު އުފަލެއްދީ އާއިލާއަށް ހިނިތުންވުން ގެނެސްދޭ ބައެކެވެ. އެކުދިން އާއިލާގެ މެންބަރުންގެ ގައިގައި ބައްދާލައިގެން ލޯބިވަނީ ބެލުމެއްނެތިއެވެ. އެކުދިން އާއިލާގެ މެންބަރުންނަށް ޙަޤީޤަތް ކިޔައިދީ، ދިރިއުޅުމުގެ ވަރަށް މުހިއްމު ބައެއް ފިލާވަޅުތައް ދަސްކޮށްދެއެވެ. އެހެންކަމުން ކުދިންގެ ކުޑައިރުގެ ދުވަސްތަކަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޚަޒާނާއެއްކަމުގައި ބަލަންޖެހެއެވެ..

    ކުޑަކުދިންގެ ކިބައިން ފެންނަ އަޖައިބު ކުރުވަނިވި ބައެއްކަންކަން

    ކުޑަކުދިންގެ ކިބައިގައި ވިސްނާ ފިކުރުކޮށްފި މީހަކަށް އަޖައިބަކަށް ފުދޭވަރުގެ އެތަކެއް ކަމެއް ލައްވާފއިފައިވެއެވެ. އެކަން އެގޮތަށް މިންވަރު ކުރައްވާފައިވަނީވެސް އެކުދިންގެ މައުސޫމްކަމާއެކު ހަރުދަނާ މުސްތަގުބަލެއް ލިބިދިނުމުގެ ބޭނުމުގައެވެ. މިގޮތުން ފާހަގަކޮށްލެވޭ އަޖައިބު ތަކުގެ ތެރޭގައި:

    1- ކުދިންގެ ވަޒީފާއަކީ އުނގެނުމެވެ. ކުޑަކުދިން އަބަދުވެސް ތައްޔާރުވެގެން ތިބެނީ ހުނަރާއި ފިލާވަޅު ދަސްކުރުމަށެވެ. އެކުދިން ދިރިއުޅެނީ އެކުދިންގެ ކުޑަކުޑަ ސިކުނޑި ތަރައްޤީ ކުރުމަށެވެ. އެއީ އުނގެނުން އެންމެ ފުރިހަމައަށް ތަމްސީލުކުރާ ކަންކަމެވެ. އަޅުގަނޑުމެންގެ ދަރިންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭން ބޭނުންނަމަ، ކުޑައިރުގެ އުމުރަކީ އެ އުނގެނުމަށް އެކަށީގެންވާ މަރުހަލާއެވެ. އެހެނީ ކުޑަކުދިންނަކީ ވަށައިގެންވާ ހުރިހާ އެއްޗެއް ޖަހައިގަންނަ ކުދިކުދި ސްޕޮންޖްތަކެއް ފަދަބަޔަކަށްވީކަމެވެ.

    2- ކުދިން އަނގައިން ދަސްކުރެއެވެ. އެންމެ ތުއްތު އިރުއްސުރެ ކުދިން ކިޔަވާ ގޮތް އަޅުގަނޑުމެން ދެކެމުއެވެ. އެކުދިންގެ ހިއްސުތަކުގެ ތެރެއިން ދުނިޔެއާ މެދު ދާއިމީ ގުޅުމެއް ހިނގައެވެ. އެކުދިން ތަޖުރިބާތަކެއްކޮށް ޖިސްމާނީ ގޮތުން ދުނިޔެއާ ގުޅިގެން އުޅެއެވެ. އޭގެ މިސާލަކީ ދަރިފުޅު ހުރިހާ އެއްޗެއް އަނގައަށް ގެންދާތަން ފެނެއެވެ. އެއީ އެކުދިންގެ ދަސްކުރުމުގެ ފުރަތަމަ މަރުހަލާއެވެ.

    3- ކުދިން އެކުދިންގެ ހަށިގަނޑުގެ އަޑުއަހައެވެ. ޖަވާބު ނުދެވޭ އުމުރުގައި އެކުދިންގެ ހަށިގަނޑުން ބުނާ އެއްޗަކަށް ރައްދުދެއެވެ. އެއްވެސް ތަފާތުކުރުމެއް، އިޖުތިމާޢީ މުޢާހަދާތަކެއް ނެތިއެވެ.

    4- ކުދިން ކުދިކުދި ކަންތައްތަކުގެ އަގު ވަޒަން ކުރެއެވެ. އެންމެ ކުދިކުދި އަދި އަގު ކުޑަ އެއްޗެއްސަކީ ކުޑަކުދިންނަށް އަގުހުރި އެއްޗެއްސެވެ.  މިގޮތުން ހިލަގަނޑެއް، ގާކޮޅެއް، މޯޅިވެފައިވާ މަލެއް، ހުސް ފުޅިއެއް ފަދަ އެއްޗެއްސަކީ އެކުދިން ވަރަށް ގަޔާވާ އަދި އެހާމެ ބޭނުން އެއްޗެއްސެވެ.

    5- ކުދިންނަކީ ޚިޔާލީ ބައެކެވެ. ކުޑަކުދިންނަކީ ވަރަށް ޚިޔާލީ ބައެކެވެ. ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި އެކުދިންގެ ޚިޔާލީ ނަޒަރުން މުޅި ދުނިޔެވެސް ބަލާލަފާނެއެވެ. އަދި ތަފާތު އެކިކަހަލަ މީހުންގެ ގޮތުގައި ވިސްނުން ބަހައްޓައިގެން ތަފާތު ތަމްސީލްތައް ކުޅެލަފާނެއެވެ.

         މަތީގައި ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު މިފަދަ ލޯބިލޯބި ކުދިންތަކަކަށް އަންނަ އެންމެ ދުވަހެއް ފާހަގަކޮށްނުދީ ތިބެވޭނީ ކިހިނެއްހެއްޔެވެ. ތިބާގެ ދަރިފުޅަށް ކުޑަކުދިންގެ ދުވަސް ފާހަގަކޮށްދޭހާ ފޯރިޔާއި ޖޯޝާއެކު ތިބާގެ ދަރިފުޅަކީ ދެދުނިޔޭގެ ބާއްޖަވެރިން ކަމުގައި ހެދުމަށްވެސް ޝައުގުވެރިކަން ދޭށެވެ.

    ]]>
    Wed, 10 May 2023 17:15:22 +0500 ނަޒޫ
    އަމާން ކަމާއި އެކު ގައުމައިގެން ކުރިއަށް https://heerasnews.com/1363 https://heerasnews.com/1363 އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރިޔަށް ގެންދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގްރޫޕު ހަދާގެން ރައްޔިތުންނަށް އެތަކެއް ތަކުލީފުތަކެއް ލިބޭގޮތަށެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް އިންނާއި އެހެން ފަރާތްތަކުންވެސް މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާނީ ރައްޔިތުންނަށް ބެލުމެއްނެތި އަޅުގަނޑުމެން ދަރިންގެ ކުރިމަތީ އެތަކެއް ހަޑިހުތުރު ބަސްތަކެއް ބޭނުންކޮށް ގައުމު ހަލަބޮލި ކުރާނެ ހުރިހާ ގޮތްތަކެއް ބޭނުންކޮށްގެނެވެ. މީގެން އެއްވެސް ކަމަކުން ހެޔޮ ނަތީޖާއެއް ނުނިކުންނަކަން އެގޭއިރު ވެސް ދިޔައީ ގައުމު ހަލަބޮލި ކުރުމުގައި އަވަދިނެތި އުޅެމުންނެވެ. 

    މިއަދު އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މުޅި މަންޒަރު މިވަނީ ބަދަލު ކޮށްލާފައެވެ. އިމެއް ނެތް މިންވަރަށް މިނިވަންކަން ދެވިފައިވީ ނަމަވެސް މަގުމަތިތައް އަމާނެވެ. ހަލަބޮލިމަގުތައް ސާފުކޮށް އަމާންކޮށް ދެއްވައިފިއެވެ. ރެއާއި ދުވާލު ހަޑިހުތުރު ބަސްތައް މަގުމަތީ ގޮވާ، މީހުނަށް ބުލީ ކުރަމުން ދިޔަމީހުންތައް މިއަދު ގެއްލިއްޖެއެވެ. ވެރިއެއްގެ ހިކުމަތްތެރިކަމާއި ރޭވުންތެރިކަން މިވެރިކަމުގައި ދަނީ ފެންނަމުންނެވެ. އަދި ކެއްތެރިކަމާއެކު ކަންކަން ނިންމެވުމާއި ، ކަންކަން ނިންމަވާއިރު ރައްޔިތުމީހާގެ ބަސް އިސް ކުރައްވަމުން ދާތަން ފެނެއެވެ.

    ކައުންސިލްތަކާއި ސިވިލް ސާރވިސް ބާރުވެރިކޮށް އެކަށޭނެ އުޖޫރަ ދެވެއެވެ. ދިވެހި ރައްޔިތުންނަށް މިނިވަން ޖައްވަކަށް ނޭލެވޭކަމުގެ އިހުސާސް ކުރެވެއެވެ. އަލުން އަނބުރާ ހަލަބޮލި މާހައުލަކަށް ދިވިހިންގެ އެކަކުވެސް ދާކަށް ބޭނުމެއް ނުވާނެއެވެ. ކޮރަޕްޝަނާއި ހަޑިހުތުރު ފާސިގު ބައެއްގެ އަތްމައްޗައް ހަމަ ޔަގީނުން ވެސް ވެރިކަން ހަވާލެއް ނުކުރާނައެވެ. 

    ޤައުމެއްގެ މިނިވަން ކަމަކީ އެ ގައުމެއް ދިރިދެމި އޮތުމުގެ އެންމެ މުހިއްމު ރުކުނެވެ. ސުލްޙަ މަސަލަސްކަމާއި ހަމަޖެހުމާއި އުފާ ފާގަތިކަމާއި ތަރައްގީ ގުޅިލާމެހެނީ މިނިވަންކަމުގެ ފޮނި މީރުކަމާއެވެ. ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެކެވެ. އެކަތިގަނޑެއްގެ ގޮތުގައި މިނިވަން ކަމަށްޓަކާ ވާންޖެހުނު ކޮންމެ ގުުރުބާނީއެއް ދިވެހިން ވަނީ ވެފައެވެ. އިންޑިއާ ކަނޑަށް ދޮށީ މި ގައުމުގެ ލިޔެވިފައިނެތް ގަދީމީ ތާރީހާއި އޭގެފަހުގެ ތާރީހުން މި މަންޒަރު ސާފުކޮށް ބަޔާން ވެފައި އެބައޮތެވެ. މިނިވަން މުސްތަގިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ ދިވެހިން ރުހޭ ގޮތެއް ނޫނެވެ.

    ]]>
    Wed, 10 May 2023 14:51:21 +0500 ޒުރޫ
    އަލިފުށި ދާއިރާގެ މެންބަރ ބިގޭއާއި މެދު ރައްޔިތުން ފަހުރުވެރިވޭ https://heerasnews.com/1358 https://heerasnews.com/1358 އަލިފުއްޓަކީ އޮޑިދޯނިފަހަރާއި އަދި ސަފާރީ އާއި ކަންނެލި ދޯނިފަހަރު ބަނުމަށް ހާއްސަ ރަށެކެވެ. ވަކިން ހާއްސަކޮށް އަލިފުށީގެ ވަޑިން ބޯރޓް ޔާޑްހަދައިގެން ކުރަމުންދާ މިފުޅާ ވިޔަފާރިއަކީ ގައުމީ ފެންވަރެއްގައި ފާހަގަކޮށްލެވޭ ވިޔަފާރިއެކެވެ. މިދެންނެވި ވިޔަފާއާއި އެހެނިހެން ވިޔަފާރިތައް ކުރިއެރުވޭނެ ގޮތްތައް ހޯދުމަށް ކައުންސިލާއި ރައްޔިތުން ގުޅިގެން ކެނޑިނޭޅި ދަނީ މަސަތްކަތް ކުރަމުންނެވެ.

    ހުރިހާ މަސަތްކަތެއް ކުރުމަށް އެންމެ އިސްސަފެއްގައި ފޫގަޅާލާގެން ދޫދިނުމެއްނެތި މަސަތްކަތް ކުރަމުން ގެންދަނީ އަލިފުށީ ދާއިރާގެ މެންބަރު ބިގޭއެވެ. ރައްޔިތުން ތިބީވެސް މެމްބަރުގެ މަސަތްކަތާއި މެދު ހިތްހަމަ ޖެހިފައެވެ. އެތަކެއް އުއްމީދުތަކާއިއެކު ރައްޔިތުންނާއި ކައިރިން ކުރައްވަމުން ގެންދަވާ މަސަތްކަތްތަކުގައި ނުހަނު ބާރައް ދަނީ ކުލަޖެހެމުންނެވެ. އެ ގޮތުން ރަށުގައި އެއާރޕޯރޓް އެޅުމުގެ އިތުރުން، ޓިވެޓް ސެންޓަރު ހެދުން ފަދަ ބޮޑެތި މަސްރޫޢުތައް ކުރިއައް އެބަގެންދަވައެވެ. އަދި  ސުކޫލުގައި ކުރަންހުރި ކަންކަމާއި ، މަގުހެދުން ފަދަ އެތައް ކަމެއް ކުރިއަށް އޮތްތަނުގައި ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

    އަނެއްކޮޅުން ރަށުފެންވަރުގައި ކުރަންހުރި އެހެނިހެން މަސަތްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވި ހަމަޖެހިފައެވެ. އަލިފުއްޓަށް އަންނަމުންދާ ތަރައްގީ ރައްޔިތުން ބަލައިގަންނަނީ އުފަލާއި އެކުގައެވެ. އަދި ސަރުކާރާ ގުޅިގެން މިދެންނެވި ހުރިހާ މަސަތްކަތެއްގައި އަމަލީ ސިފަ ޖެއްސުމައް އެމްޕީ ބިގޭ ކުރަމުންދާ މަސަތްކަތް ވެސް ބަލައިގަންނަނީ ނުހަނު އުފަލާއިއެކުގައެވެ. ރަށުގެ ރައްޔިތުން ތަފާތު ކުރުމެއްނެތި މެންބަރު ރައްޔިތުންނަށް ގެނެސްދެއްވާ ތަރައްގީއަކީ އެހެން ސިޔާސީ ބޭފުޅުންނަށް ނަމޫނޫނާ މަސަތްކަތެކެވެ. 

    ]]>
    Tue, 09 May 2023 17:17:05 +0500 ޒުރޫ
    ޓުއަރިޒަމްގެ ދުވެލި ފައްކާވެ ތަރައްޤީއަށް އާރޯކަން https://heerasnews.com/1325 https://heerasnews.com/1325 2019  ވަނަ އަހަރު ނިމުނުއިރު ފަތުރުވެރިންގެ އަދަދު ވަނީ 1.7 މިލިއަނަށް އަރާފައެވެ. ކޯވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރު ރާއްޖެ އަންނަ މީހުންގެ އަދަދު މަދުވި ނަމަވެސް 2020 ވަނަ އަހަރުގެ ޖުލައި މަހު ބޯޑަރުތައް ހުޅުވުމަށްފަހު ފަތުރުވެރިންގެ އަދަދު ލަފާކުރި ވަރަށް ވުރެ މައްޗަށް ދިޔައެވެ .

    ދުނިޔޭގެ ވައިގެ ދަތުރުފަތުރުތައް 2022 ވަނަ އަހަރު ރަނގަޅުވާނެ ކަމަށް ލަފާކުރިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުމުގެ މަޝްރޫއު މި އަހަރު ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މިއާއިއެކު ޓޫރިސްޓުން އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

    78000 އަކަމީޓަރުގެ ފްލޯ ސްޕޭސްއެއް ހިމެނޭ ގޮތަށް މި އަހަރު ހުޅުވަން ރާވާފައިވާ ވީއައިއޭގެ އާ ޕެސެންޖަރ ޓާމިނަލް ފަރުމާކޮށްފައި ވަނީ އަހަރަކު 7.28 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށެވެ. މި ޓާމިނަލްގައި ބައިނަލްއަގްވާމީ 14 އެއަރ ޓްރެފިކް މޫވްމަންޓް މެނޭޖް ކުރުމުގެ ގާބިލްކަން ހުންނައިރު، ކޮންމެ ގަޑިއިރަކު އަންނަ 1700 އަށް ވުރެ ގިނަ ފަސިންޖަރުންނާއި ފުރާ 1600 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ލިބޭނެ އެވެ. 9000 އަކަމީޓަރުގެ ސަރަހައްދެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބައިނަލްއަގްވާމީ ބްރޭންޑްތަކާއެކު ލަގްޒަރީ ޑިއުޓީ ފްރީ ބޮޓިކްތަކާއި އެކި ގައުމުތަކުގެ ރަހަތަކާއި ކެއުމަށް ހާއްސަކޮށް އެފް އެންޑް ބީ ފެސިލިޓީތައް ބެހެއްޓޭނެއެވެ.

    މި އަހަރުގެ ނިޔަލަށް މި ދާއިރާއަށް 35،000 އާ އެނދު އިތުރު ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މި ދާއިރާ ފުޅާކުރުމުގެ ސަމާލުކަން ދީފައިވަނީ ޑައިވަރސިފިކޭޝަން އަދި ލޮކަލައިޒޭޝަން އަށެވެ.

    ވަން އިލެންޑް ވަން ރިސޯރޓް ކޮންސެޕްޓަށް ބިނާކޮށް ހައި ވެލިއު ޑިވެލޮޕްމަންޓްތަކާއި ޔޮޓް މެރީނާތަކާއި ލަގްޒަރީ އެކޮމޮޑޭޝަން އަދި ހޮޓަލްތަކާއި ގެސްޓްހައުސް ދާއިރާގައި އިންވެސްޓުކުރުމަށް މިހާރު ވަނީ ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާފައެވެ.

    ސަގާފަތާއި ވެލްނެސް ޓޫރިޒަމް ފުޅާކޮށްދޭނެ އިންވެސްޓްމަންޓްތަކާއި އީކޯޓޫރިޒަމް އާއި އެމްއައިސީއީ އަދި އެޑްވެންޗާ ޓޫރިޒަމްއަށް ވެސް މަރުހަބާ ކިޔައެވެ. އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާއި ހޮލިޑޭ ހޯމްތަކާއި ލޯކަލް ގެސްޓްހައުސް ހިމެނޭ ގޮތަށް ޓޫރިޒަމް ރިއަލް އެސްޓޭޓަށް އިންވެސްޓްކުރުމަކީ އިންވެސްޓަރުންނަށް ހުރި އޮޕްސަންތަކެވެ. 27 އެޕްރީލް 2023 ގެ ނިޔަލައް 666830 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ ކުރީ އަހަރުގެ މި މަހާއި އަޅާބަލާއިރު 19.6 ޕަސެންޓްގެ ކުރިއެރުމެކެވެ.

    ]]>
    Tue, 02 May 2023 14:30:10 +0500 ޒުރޫ
    ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން https://heerasnews.com/1307 https://heerasnews.com/1307 ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑިޕޯޓް ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ރާއްޖޭގައި ހުންނަ އެހެން ގައުމު ތަކުގެ އެމްބަސީން ވެސް ޕާސްޕޯޓް ނެތް މީހުންނާ ހަވާލުވެ އެ މީހުން ގައުމަށް ފޮނުވާލަން އެހީވުމުގައި އުޒުރު ދައްކައެވެ. ހައްޔަރުކޮށްފައި ބައިތިއްބާނެ ތަނެއް ވެސް ނެތެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކޮށްފައި ބައިތިއްބަން ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގެ ޖާގަވެސް މަދެވެ.

    ގަވާއިދާ ޚިލާފު ވުމުން އެތަނަށް މީހަކު ލިޔަސް އެ މީހަކީ ކާކުތޯ ދެނެގަތުމަށް ދެ މަހެއްހާ ދުވަސް ހޭދަވެއެވެ. ދައުލަތުގެ ބަޖެޓުން އެ މީހުންގެ ބަންދަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. އަނެއް ކޮލުން މިހާރު އެކިއެކި ކުއްތަކަށް އަރައިގަންނަ ބިދޭސީން ވަރަށް ވެސް ގިނައެވެ. އެ ގޮތުން މަސްތުވާ ތަކެތި ވިއްކުމާއި ވައްކަން ކުރުމާއި، މަގު ފޮށުމާއި ހަށިވިއްކުމާއި ހަށިގަތުން ފަދަ އެތައްކަމެއް އަންނަނީ ކުރަމުންނެވެ. 

    ރާއްޖޭގައި މިހާރު ވިޔަފާރި ކުރާ ދިވެހިންނަށް ވުރެ ވިޔަފާރި ކުރާ ބިދޭސީން މާގިނައެވެ. އަންދާޒާ ކުރާގޮތުގައި 250،000 އަށް ވުރެގިނަ ބިދޭސީން ރާއްޖޭގައި މިހާރު އެބަ އުޅެއެވެ. އޭގެ ތެރެއިން ބައެއްގެ ހުނަރާއ އެ މީހުންގެ ޖާދޫގައި ގިނަ ދިވެހިން ތަކެއް ވަނީ ޖެހިފައެވެ .

    ދިވެހިންގެ އާބާދީގެ ދެބައިކުޅަ އެއްބައިހާ ބިދޭސީން ރާއްޖޭގައި އުޅޭ އިރު އެ މީހުންގެ ތެރޭގައި ކުށްކުރާ އެތައް ބަޔަކު ތިބުމަކީ ވަރަށް ކަން ބޮޑުވާން ޖެހޭ ބޮޑު މައްސަަލައެކެވެ. ކުށުގެ ރެކޯޑަށް ބަލައިލި ކަމުގައި ވިޔަސް ބިދޭސީންގެ އެތައް މައްސަލަތަކެއް އަންނަނީ ރިޕޯޓު ކުރެވެމުންނެވެ. ބިދޭސީންގެ ތެރޭގައި މަސްތުވާ ތަކެތީގެ ވިޔަފާރިފުޅާ ދާއިރާއެއްގައި ކުރާ ފަރާތްތަކެއް އެބައުޅެއެވެ. މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެ ކުރުމުގެ ބޮޑެތި ވިއުގަތައް ބިދޭސީން އޮޕަރޭޓް ކުރެއެވެ. ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔާފާރިތައް ވެސް ބިދޭސީންގެ އަތްމައްޗަށް ފުރޮޅިއްޖެއެވެ. ކުޑަ ކުދީންނަށް ޖިންސީ ގޯނާކުރުމުގައި އުޅޭ ބިދޭސީންގެ މައްސަލަތައް ވެސް ފާހަގަކޮށްލެވެއެވެ.

    މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބަންގްލަދޭޝުން ރާއްޖެއަށް އައި ބިދޭސީއެއްގެ ލަގެޖުން 2339 ޕާޓީ ޕިލް ވަނީ ފެނިފައެވެ. ރާއްޖޭގައި ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއެކު ވެސް ބިދޭސީން ފެންނަ މައްސަލަތައް އަންނަނީ އިތުރު ވަމުންނެވެ. ދިވެހިން މި ކަންކަމާއި އިތުރައް ސަމާލުވެ ކުރިއައް އޮތް ތަަނުގައި ފިޔަޅުތަކެއް އެޅުމަކީ ވަރަށް މުހިންމު ކަމެވެ

    ]]>
    Sat, 29 Apr 2023 02:38:59 +0500 ޒުރޫ
    އަމިއްލަ ލޮލުން ދުނިޔެ ނުދެކި ބާކީ ނޫވޭ! https://heerasnews.com/1178 https://heerasnews.com/1178 ރަންކޮޅާއެވެ. ބާކީނުވާށެވެ. ތިބާގެ ދުނިޔެ ތިބާގެ ލޮލުން ދެކޭށެވެ. މީހެއްގެ ލޮލުން ތިބާގެ ދުނިޔެ ނުބަލާށެވެ. ތިބާ އަހަނީ މީހަކު އިއްވި އަޑެއް ނޫނެވެ. ތިބާ ބުނަންވާނީ ތިމާގެ ބަހެވެ. 

    މީހަކު ދެއްކިއެއްޗެއް ބަލާ މީހަކަށް ފެންނާނީ މީހަކު ދެއްކި އެއްޗެއް ދެއްކި ގޮތަކަށް ދެއްކިވަރަކަށެވެ. މީހަކު ބުނާ އެއްޗެއް ބުނާމީހަކު އަބަދުވެސް ބުނަންޖެހޭނީ މީހަކު ބުނިއެއްޗެއް ބުނި ގޮތަކަށެވެ. މީހަކު އިއްވި އެއްޗެއް ނޫނީ ނާހާ މީހަކަށް އިވޭނީ އިއްވާ މީހާ އިއްވި އެއްޗެއް އިއްވިގޮތަކަށެވެ. 

    އިންސާނާ އަކީ އަމިއްލަ އަމީރެކެވެ. ތިބާގެ ނަފްސްގެ މައްޗަށް ބަރު ފޯރުވާނީ ތިމާއެވެ. ތިބާގެ ވަށައިގެން މައްޗާއި ތިރިއާއި ކުރިމައްޗާއި ފަހަތާއި އަރިމަތި އޮތްކަން ތިބާ ދަންނަން ޖެހެއެވެ. ކަންކަމުގައި ފައިގެ ބޮޑުވާ އިނގިލި ކުރިއަށް ވުރެ ދުރު އޮތްކަން އެގެން ޖެހެއެވެ. ތިޔަ ޖިސްމުގެ ވަށައިގެން ތިޔަ ކަހަލަ ނޫނަސް އެތައް ޖިސްމަކާ ދިރުމެއް އޮތްކަން ތިބާއަށް އެގެންވާނެއެވެ. 

    ވަށައިގެން ހިނގާހާ ކަމެއް ހިނގާނީ ތިބާ އެދޭ ގޮތް ގޮތަކަށް ނޫނެވެ. ހޮދު ތިމާގެ އަމިއްލަ ނަފްސްގައި ވެސް ތިމާއަށް ބާރު ނުފޯރުވޭ އެތައް ކަމެއް ހިނގަހިނގާ ހުރޭ ނޫން ހެއްޔެވެ. އެހެން ކަމަށް ވާއިރު ވަށައިގެން ހިނގަހާ ކަމަކީ ތިބާ ބޭނުންހާ ގޮތަކަށް ހިނގާނެ ކަންކަމެއް ނޫނެވެ. 

    ކަންކަން ތަރުތީބުވެ ހިގާ ގުދުރަތީ އަދާލަތުން ބޭރަށް ތިބާއަށް ނުދެވޭނެކަން ފުރަތަމަ ތިބާ ދަތުން ބޭނުމެވެ. ވަކި އެކަކު އެކަނި ބޭނުންވާހާ ގޮތަކަށް ތިބީންގެ ހުރިހާ ކަމެއް އޮބަހައްޓަން އުޅުނަސް އެކަމެއް ނުހިނގާނެއެވެ. ބައެއްފަހަރު ބައެއް މީހުންނާއި ބައެއް ފަހަރު އެންމެން މޮޔަ ހެއްދުނަސް އެންމެނަކު އަބަދަކު އެކަކަށްވެސް މޮޔައެއް ނުހެއްދޭނެއެވެ. 

    ރާއްޖޭގެ ސިޔާސީވެށިން އެކަނިވެސް އެހުރީ އެކަންކަން ދިމާލަށް ފެންނާށެވެ. ދިގު ތިރީސް އަހަރުގެ މައުމޫނިޒަމް އެފުށް މިފުށަށް ޖެހިގެން ދިޔައިރުވެސް މައުމޫނަކީ އެނޫން މިހަކު ނެތްކަމަށް ބަޔަކު މީހުން ދުށް މީހެކެވެ. އޭރު ގިނަ ބަޔަކު އެމީހުންގެ ދުނިޔެ ބެލީ މައުމޫނުގެ ލޮލުންނެވެ. އެކަމަކު މިއަދަކީ އެދުވަހެއް ނޫނެވެ. ރައީސް ޔާމީނާއި ރައީސް ނަޝީދުގެ ލޮލުން ދުނިޔެ ދެކޭ މީހުން މިއަދު ލައްކަ ގިނައެވެ. އެހެނަސް އެހަގީގަތްވެސް ބަދަލުވަމުން ދާލެއް ލަހެއް ނޫނެވެ. 

    ތިބާގެ ވަށައިގެން އެންމެ ކައިރިން ފެށިގެން މި އޮތް ބޮޑު ކާއިނާތުގައި ހިނގާހާ ކަންކަމަށް އަމިއްލަ ސިކުނޑިން ވިސްނާލުމުން ތިމާ ފަދަ އަނެއް އިންސާނާއަށް ތިބާ އަޅުވެތި ވެވޭ ވަރު އިހުސާސް ކޮށްލެވޭނެއެވެ. އަމިއްލަ ލޮލުން ތިމާގެ ދުނިޔެ ނުދެކޭ މިންވަރު އިހުސާސް ކުރެވޭނެއެވެ. މީހަކު ދެއްކި އެއްޗެއް ދެއްކި ވަރަކަށް ބަލައިގެން އުޅެވޭ ވަރު ވަޒަން ކޮށްލެވޭނެއެވެ. ތިމާއަށް ދުނިޔެ ދައްކާ މީހާގެ މަވެތިކަމާއި އަޅުވެތި ކުރުވުމުގެ ބޮޑުކަން ވަޒަން ކޮށްލެވޭނެއެވެ. އެއްވާހަކަ ދެފަހަރު ދެގޮތަށް ދައްކާ ވަސްވާސް ތަކުގައި ތިމާ ބަނދެލެވިފައި ވާވަރު އިހުސާސް ވާނެއެވެ.

    އެކަކު އަނެކަކު ދެކެ ވާލޯތްބާއި ކުރާ އިހުތިރާމާއި ކިޔަމަންތެރި ކަމަކީ އަޅުވެތި ކުރުވުމުގެ އީމާނަށް ވެވިފައިވާކަން ގަބޫލު ކުރެވެނީ ތިމާއާއި ހަމައަށް އެކަންކަމުގެ ނުސިޔާނު އަސަރެއް ފޯރީމައެވެ. ލޮލުމައްޗަށް ވެއްޓިފައިވާ ފަރުދާ ކަޝްފުވެ ދުނިޔެ ދެއްކި މީހާގެ އަސްލު ސިފަ ފާޅުވާއިރު ތިބާއަށް ތިބާގެ ދުނިޔެ ނުލިބޭ ވަރަށް އޮންނަނީ ފަސްވެ ލަސްވެފައެވެ. އަމިއްލަ ލޮލުން އަމިއްލަ ދުނިޔެ ނުބެލުނު ކަމުގެ އުގޫބާތުގައި ބަނދެވި ނުނެއްޓެވޭ ވަރުވެފައެވެ.  

    ]]>
    Mon, 27 Mar 2023 21:08:01 +0500 ހީރަސް
    ހުދު ރަން: ލޮނު https://heerasnews.com/1113 https://heerasnews.com/1113 ފީފާއެއްގެ މޫދު ލޮނުގައި 6 ކިލޯ ފުއްލޮނު ހުންނާނެއެވެ. ކަނޑުގައިވާ ހުރިހާ ފެނަކާއި ލޮނު ވަކިކޮށްފިނަމަ މުޅި ދުނިޔޭގައި ކޮންމެ އަކަ އިންޗިއެއްގައި ދިގު ތިން ރުކަށް ވުރެ އުހަށް ފުއްލޮނު ހުންނާނެއެވެ.

    ލޮނަކީ ރާއްޖޭގައި ކިތަންމެ ގިނަ އެއްޗެއް ކަމުގައިވެފައި ވިޔަސް އަދި ދިވެހިރާއްޖެއިން މި ލިބޭހާ ފަސޭހައިން ދުނިޔޭގެ އެހެން މީހުންނަށް ލޮނެއް ނުލިބެއެވެ. އެހެންކަމުން ލޮނާއި ހެދި ބޮޑެތި ހަނގުރާމަ ކުރެވިފައިވެއެވެ. 

    ޔޫރަޕުގައި މަޝްހޫރު ފަރަންސޭސި އިންގިލާބު ފެށުމުގެ އެއް ސަބަބެއްކަމުގައި ލޮނު އަގު ބޮޑުވުން ހިމެނެއެވެ. އިނގިރޭސީން އިންޑިޔާ އަޅުވެތިކޮށްފައިވަނިކޮށް އެ ގައުމު މިނިވަންވުމުގެ ސަބަބަކަށް އިންޑިޔާ މީހުންނަށް ލޮނު އުފެއްދުން އިނގިރޭސީން މަނާކޮށް، ލޮނުން ސަރުކާރަށް ފައިސާ (ޓެކްސް ނުވަތަ ވާރު) ނަގާ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

    ފަރަންސޭސި ލަސްކަރެއް ރަޝިޔާގެ މޮސްކޯ ހިފަންގޮސްގެން ނާކާމިޔާބު ވެގެން އަންނަން ޖެހުނީ ލޮނު މަދުވުމުގެ ސަބަބުން ފަހުލަވާނުންގެ ފާރުތައް ރަނގަޅު ނުވާތީއެވެ. މިހާރުވެސް އެފްރިކާގެ ބައެއް ގައުމު ތަކުގައި ލޮނަކީ ފައިސާގެ ގޮތުގައި ބޭނުން ކުރެވޭ އެއްޗެކެވެ.

    ކަނޑާ ދުރުގައި އޮންނަ ގައުމުތަކުގައި ލޮނަކީ (ބިމުގެ އަޑީގައި ފުއްލޮނު ނުވާނަމަ) ފަސޭހައިން ލިބޭ އެއްޗެއް ނޫނެވެ. މިހެންވެ، ހިމާލިޔާ ފަރުބަދަ ކާރީގައި އޮންނަ ޓިބަޓުގައި ލޮނަކީ ވަރަށް އަގުހުރި އެއްޗެކެވެ. އެއް އިރެއްގައި ލޮނާއި ރަން ލާއްސަކަށް ލާއްސެއް މާރުކުރެވުނު ދުވަސް ވަރެއް ވެސް ދިޔައެވެ.

    އޮސްޓްރިއާ އަކީ މީގެ ދެތިން ސައްތަ އަހަރުގެ ކުރިން ވަރަށް ބާރުގަދަ ގައުމެކެވެ. އެއް އިރެއްގައި ޔޫރަޕުގެ ހުޅަނގުން އިރަށް، ރަޝިޔާއިން އެޓުލާންޓިކު ކަނޑާ ހަމައަށް އޮސްޓްރިއާގެ މީހުން ވެރިކަން ކުރިއެވެ. އޮސްޓްރިއާގެ ބާރު އެހާ ގަދަވީ ހުދު ރަނުގެ ސަބަބުންނެވެ. ހުދު ރަނަކީ ލޮނެވެ.

    ކުރީ ޒަމާނުގައި ވަޒީފާ އަދާކުރާ މީހުނަށް އުޖޫރަ ދޭ ދިނުމަށް ރާއްޖޭގައި ކިޔާ އުޅެނީ "ބަނޑު ހަނޑޫ" ދިނުމެވެ. ރާއްޖޭގައި އުޖޫރަ ދިނީ ފައިސާގެ ބަދަލުގައި  ހަނޑުލެވެ. އެކަމަކު އިހުގައި ރޫމީންގެ ފަހުލަވާނުންނަށް "ބަނޑުހަނޑޫ" ގެ ގޮތުގައި ދެވުނީ ލޮނެވެ. ލޮނަށް އެ މީހުން ވާހަކަ ދައްކާ ލެޓިން ބަހުން ކިޔަނީ ސެލެރިއަމްއެވެ. މިހާރު އިނގިރޭސިބަހުން މުސާރައަށް މިކިޔާ "ސެލެރީ" މި ލަފުޒުގެ އަސްލަކީ އެއީއެވެ. އާދެ! ލޮނެވެ.

    ]]>
    Tue, 07 Mar 2023 15:43:36 +0500 ހީރަސް
    ވެލާނާ އެއަރޕޯރޓް ޓެކްސީ ކިއުގެ ބޮލުރިހުން https://heerasnews.com/1111 https://heerasnews.com/1111

    މާލެއާ ހުޅުމާލެ ގުޅުވައިދިން ބްރިޖާއި، ހައިވޭގެ ކާރޫ ބާރޫ ބޮޑު ޓްރެފިކްގެ މެދުގަައި އޮތީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓެވެ. ތޮއްޖެހި ބަރާވެފައި އާބާދީގެ ދެފަރުބަދަ ދެމެދުގެ ވާދީއަކީ ހުޅުލެއެވެ. ފުރޮޅުމަތީގައި މި ދެފަރުބަދައިގެ މަތިން ސޮހެމުންދަނީ ގުނާ އަދަދު ނުކުރެވޭނެހާ ގިނަ އެއްގަމު އުޅަނދު ފަހަރެވެ.

    ވެހިކަލެއްގައި ދާގޮތަށް ގޮސް ވީއައިއޭ ޓަރމިނަލް ކައިރީގައި އޮންނަ ޑްރޮޕްއޯފް ޕޮއިންޓަށް ފައިބާ ޓްރޮލީއަށް ލަގެޖް އެރުވުމަކީ ފުރާ ފަސިންޖަރުންނަށް މާބޮޑު އުނދަގުލަކާ ނުލައި ހިނގަހިނގާ އޮންނަ ހަރަކާތެކެވެ. ބޮލުގައި ރިހުމާއި ތަކުލީފާއި އުނދަގޫ ޖެހެނީ އަންނަ ފަސިންޖަރުން ވެހިކަލެއް ހޯދާ އޭގައި މާލެ ނުވަތަ ހުޅުމާލެއަށް ކުރަން ޖެހޭ ދަތުރުގެ ފެށުމެވެ. 

    ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެޖެހުނީ ކަންތަކާއެވެ. ހަނި ކިއުއެއްގައި ޓްރޮލީ ހިފައިގެން ހޭކެމުން ފިރުކެމުން އެތައް އިރަކު ގުޑި ނުލެވި ކޮޅަށް ތިބެން ޖެހެއެވެ. ބޮލާ ދިމާ ހިޔާ ވިޔަސް އަރިމަތިން އަތްވާއި ވާރެ ސެއްލައަށެވެ. މިއީ މިތަން ކުރިން ވެސް އޮތް ގޮތެވެ. ކުރިން މާމޮޅު ގޮތަކަށް އޮތް ކަމެއް މި ސަރުކާރުން ދެރަވަރު ކުރީއެއް ނޫނެވެ.  

    ދެންފަހެ! މިބުނާ ކިއު ބަލަހައްޓަން ތިބޭ ސްޓާފުން ހީވަނީ ސަރުކާރު ދެކެ ރައްޔިތުން ރުޅި އަންނާނެ ގޮތަށް އުޅުން އެއީ އެ މީހުންގެ ވަޒީފާ ބަޔާނުގައި އޮންނަ ކަމެއް ހެންނެވެ. ނޫނީ އެ ވާގޮތަކީ ހާސްކަން ބޮޑު ކިއުއެއް ބަލަހައްޓަން ހަދައިގެން ބޯހާސްވަނީއެވެ.

    ތޮއްޖެހި ބާރު ބޮޑުވިޔަސް އެއަރޕޯރޓަށް ހުސްވާ ވެހިކަލަށް މި ކިއުގައި ތިބޭ މީހުން އަރުވައިގެން ދިއުން މަނަލެވެ. އެކަމަކާ ހެދި އެއަރޕޯޓަށް މީހުން ބާލާފައި ވެހިކަލް ދާންވީ ހުހަށެވެ. އޭރު ކިއު އޮންނަނީ ޓެކްސީއެއް ނުލިބިގެން ގުޅަޖެހިފައެވެ.

    އެންމެ ބޮޑު މައްސަލަ އަކަށް ފެންނަނީ އެއަރޕޯރޓުން ނުކުންނަ ވެހިކަލް ލައިން އޮންނަނީ އެއަރޕޯރޓުން ނުކުންނަން ބޭނުން މީހުންގެ ކިއުއާ ދުރުފަޅީގައި އެ ކިއުގައި ތިބި މީހުން ދާންވާ ކޮޅާ އިދިކޮޅުވާ ގޮތަށެވެ.  

    ހިތަށް އަރަނީ އެއަރޕޯރޓަށް ހުސްވާ ގޮތަށް މީހުން ގޮވައިގެން އަންނަ ވެހިކަލްތައް މިހާރު ދުއްވާ ފަޅިނޫން އަނެއްފަޅިން ވަދެ ޑްރޮޕްއޯފް ޕޮއިންޓަށް މީހުން ބޭލުމަށްފަހު ނުކުންނަން ދާފަޅިއަކީ ޓެކްސީ ކިއު އޮންނަ ފަޅިކަމަށް ހެދޭނެ އެއްވެސް އިންތިޒާމެއް ހަމަޖެއްސިދާނެ ގޮތެއް އޮވެދާނެ ބާއެވެ.

    އެހެން ހަމަ ޖެއްސިއްޖެ ނަމަ ފުރަތަމަ ވާނެ ކަމަކީ އެއަރޕޯރޓަށް މީހުން ބޭލުމަށްފަހު، ދާން ބޭނުންވާ މީހުން ނާރުވާ، ހުހަށް ދާންޖެހޭ ޖެހުން ނިމުނީއެވެ. އަދިހަމަ އެހެންމެ އެއަރޕޯޓަށް މީހުން ބޭލުމަށްފަހު އެ ވެހިކަލް ނުކުންނަން ދާއިރު އޮންނާނީ ޓެކްސީ ކިއުއާ އެއްކޮޅަށް، އެކިއު އޮންނަ ފަޅީގައި، މީހުން އަރުވައިގެން ނުކުންނަން ފަހިވާ ގޮތަށެވެ.  

    ކަމެއް ރަނގަޅު ވަނީ އެއްގޮތް ނެތިއްޔާ އަނެއް ގޮތުން ވިޔަސް ރަނގަޅު ކުރަން އުޅުނީމައެވެ. ވެހިކަލް ވަންނަ ލައިނާ ނުކުންނަ ލައިންގެ ފަޅި ބަދަލު ކޮށްލުމެކޭ، ނުބައި ކޮޅަށް ލައްވައިގެން ނުހިނގައިގެން އުޅޭ ބެޓްރީ ބުރިއެއްގެ ކޮޅު ބަދަލު ކޮށްލުމެކޭ ތަފާތެއް ނެތެވެ.

    ]]>
    Tue, 07 Mar 2023 13:25:21 +0500 ހީރަސް
    ނޫސްވެރި ވުމަކީ ކުށުން ބަރީއަވުމުގެ ލައިސަނެއްނޫން https://heerasnews.com/920 https://heerasnews.com/920 ނޫސްވެރިކަމަކީ ވާޖިބު ތަކަކާއި ޒިންމަތަކަކާއެކު އިމްތިޔާޒްތަކަކާއި ހައްގުތަކެއް ދީފައި އޮންނަ ކަމެކެވެ. ކޮންމެ ނޫސްވެރިޔަކު އޭނާ ޒިންމާ އަދާކުރުމުގައި ދަމަހައްޓާ ނަގަހައްޓަން ޖެހޭ ހަމަތަކާއި އުސޫލުތަކެއް އޮވެއެވެ. އެ މީހަކު މަސައްކަތްކުރާ ނޫސް އެޖެންސީއެއްގައި ލިޔެވިފައި އޮންނަ އެޑިޓޯރިއަލް ޕޮލިސީއަކާއި ސުލޫކީ ހަމަތަކެއް ހުރެއެވެ. އަމްދުން މުޒާހަރާތަކާއި އެއްވުތަކަށް ގޮސް ނޫސްވެރިއަކު އުޅެންޖެހޭ ވަކި ގޮތްތަކެއް ހުރެއެވެ. އަޅަން ޖެހޭ ވަކި ހެދުމެއް ނުވަތަ ނޫސްވެރިއެއްކަން އަންގައިދޭ ހާއްސަ ކާޑެއް ހާމަކޮށް ފެންނަން ހުންނަން ޖެހެއެވެ.

    އިންވެސްޓިގޭޓެޑް ޖާނަލިޒަމްގައި ޝަހުސު ފޮރުވިގެން ނޫނީ ނުހޯދޭ ކަންކަން ހޯދަން ނޫސްވެރިއެއް ނޫން ސިފައެއްގައި ކަންކަމުގެ ތެރެއަށް ނޫސްވެރިން ވަދެއެވެ. އެ ގޮތަށް ވަދެ އުޅޭ އުޅުމުގައި ނޫސްވެރިޔަކަށް އޮންނަ އިމްތިޔާޒެއް އެ ނޫސްވެރިޔާ ބޭނުމެއް ނުވާނެއެވެ. ބޭނުން ވިޔަސް ނުލިބޭނެއެވެ. އޭނާ އެ ވަގުތު ވާނީ އެ ކަމެއްގައި ޝަމިލުވާ އެހެން މީހުން ފަދަ މީހަކަށެވެ.

    ނޫސްވެރިކަމުގެ މަސައްކަތެއްގައި އެއްވުމަކަށް ދިޔަ ނޫސްވެރިއަކަށް ވާނަމަ އެކަން ސާފުކޮށް އެގޭނެހެން ކާކުކަން އަންގާ ދޭނެ އައިޑެންޓިޓީއެއް ދިމާލަށް ފެންނަން ހުންނާނެއެވެ. ހުންނަން ޖެހޭނެއެވެ. މުޒާހަރާގެ ބައިވެރިއަކު އަމަލު ކުރާ ގޮތަކަށް ނޫސްވެރިޔެއްގެ ގޮތުގައި ހުރެ މުޒާހަރާ ކުރާ ސަރަހައްދުގައި ނޫސްވެރިޔަކު ނޫޅޭނެއެވެ. މަސައްކަތްކުރާ ނޫސްއެޖެންސީގެ އެޑިޓޯރިއަލް ޕޮލިސީގައި އެ މުޒާހަރާއެއް ކުރާ ކަމެއްގެ މަސްލަހަތު އޮތަސް ނޫސްވެރިއެއްގެ ގޮތުގައިހުރެ މުޒާހަރާގެ ބައިވެރިއެއް ފާޑަކަށް ނޫސްވެރިޔާ އުޅެގެން ނުވެއެވެ. އެ ހިސާބުން ނޫސްވެރިކަމުގެ ހައިސިއްޔަތު ގެއްލި އެކްޓިވިސްޓެއްގެ ތޮފި އެޅެއެވެ. ޗެނަ.ް13ގެ ސަމާހަށް ލިބިގެން އެ އުޅެނީ އެ ލަނޑަށް ވުން ހާދަ ގާތެވެ.

    އިންވެސްޓިގޭޓެޑް ޖާނަލިޒަމްގެ ތެރެއިން ޝަހުސު ފޮރުވިގެން ހުރެ މުޒާހަރާ ކުރާ ސަރަހައްދުގައި ނޫސްވެރިޔާ އުޅުނު ނަމަ ނޫސްވެރިކަމުގެ ހައްގު ގެއްލިގެން ޑިމާންޑް ކުރުމުގެ ހައްގެއް އެ ނޫސްވެރިޔާ އަކަށް ނުއޮންނާނެއެވެ. އެ ހާލަތުގައި އޭނާއަކީ ޝަހުސު ފޮރުވިގެން ހުރި މުޅިން އެހެން މީހެކެވެ.

    ނޫސްވެރިކަމުގެ ހައްގު ތައްމިނަށް ހޯދަން ވަކާލަތު ކުރާ ފަރާތް ތަކުން ވެސް ޒިންމާދާރު ނޫސްވެރިކަމަށް ވަކާލާތު ކުރެވޭތީއެއް ނުފެނެއެވެ. ހައްގާއި އިމްތިޔާޒާއި އެއްވަރަށް ވާޖިބާއި ޒިންމާދާރުވުން އޮތްކަން ހަނދާންކޮށް ދެވޭތަނެއް ނުފެނެއެވެ. އެޑިޓޯރިއަލް ޕޮލިސީއަކީ ކޮންމެ މަސްލަހަތެއް އިސް ކުރުން ކަމަށް ވިޔަސް އާންމު ސުލޫކީ މިންގަނޑުތައް ނަގަހައްޓަން ބާރު އެޅޭތަނެއް ނުފެނެއެވެ. ހަމަ ތެދެކެވެ. ނޫސްވެރިއަކަށް ވުމަކީ ޖިނާއީ ކުށެއް ކުރުމުން ކުށްވެރި ނުވުމުގެ ލައިސަނެއް ނޫނެވެ.

    ]]>
    Tue, 17 Jan 2023 22:12:22 +0500 ހީރަސް
    އައްޑޫ 8000 ޓޫރިސްޓް އެނދާއެކު ދުނިޔެއަށް ހުޅުވުން https://heerasnews.com/815 https://heerasnews.com/815 އައްޑޫގައި 8000 ޓޫރިސްޓް ބެޑް އުފައްދާ ވާހަކައަކީ ސަމާސާ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގެ ތެރެއަށް ޓޫރިޒަމް ގެންގޮސް އޭގެ ހެޔޮ ނަފާ އައްޑޫ ރައްޔިތުންނަށް ހޯދާ ދިނުމަކީ ރައީސް ސާލިހުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެ އަމާޒަށް ވާސިލު ވުމަށް ކުރައްވަން ހުރި ކަންކަން ކެނޑިނޭޅި ކުރައްވަމުން އެބަ ގެންދަވައެވެ.

    ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފަތުރުވެރި ކަމަށް ފަހި ދުނިޔޭގެ ފެންވަރުގެ އެއަރޕޯޓަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އައްޑޫ ސިޓީ ގަން އެއަރޕޯޓަކީ ބޭރު ދުނިޔެއިން ސިދާ ފުލައިޓްތައް އަންނަ ތަނަކަށް ހެދުމަށް ކުރަންޖެހޭ ކަންވެސް އަންނަނީ ކުރަމުންނެވެ. މިހާރު ވެސް ފްލައިދުބާއީ  އައްޑޫއަށް ސިދާ ދަތުރުތައް ފެށުމަށް އޮތީ ހަމަ ޖެހިފައެވެ.

    ފްލައިދުބާއީގެ ފްލައިޓްތައް އައްޑުއަށް ސީދާ ދަތުރުތައް ފަށާއިރު އޭގެން އަންނަ ފަތުރުވެރިންނަށް އަހުލުވެރި މާހައުލަކަށް އައްޑޫ ހެދުމަށް މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކޮށް ނިންމުމަށް އައްޑޫ ސިޓީ ކައުންސިލުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންވެ. އެގޮތުން ރެސްޓޯރެންޓްތައް އަޕްގްރޭޑް ކުރުމާއި، ފަތުރުވެރިންނަށް ހާއްސަ ބީޗް ތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް ޖަމާއަތުގެ ފެންވަރުގައި ކުރެވެމުން އެބަ ދެއެވެ.


    އައްޑޫ ސިޓީގައި މިހާރު ހުރީ ޖުމްލަ 1506 ފަތުރުވެތި އެނދެވެ. އޭގެތެރެއިން 1086 އެނދު ހުރީ އެ ސަރަހައްދުގައި އޮތް 3 ރިސޯޓްގައެވެ. ބާކީ ހުރި އަނެއް 420 އެނދު ހިއްސާ ކުރަނީ 156 އެނދުގެ ސިޓީ ހޮޓަލަކުންނާއި 264 އެނދު ހިއްސާކުރާ 18 ގެސްޓްހައުސްއިންނެވެ. އާނއެކެވެ. އެންމެ 1506 އެނދަކީ ނަފާވެރި ފަތުރުވެރި ކަމަކަށް އައްޑޫ ސިޓީއަށް އެކަށީގެންވާ މިންވަރެއް ނޫނެވެ. ހަމަ އެހެންމެ އެނދު މަދުވުމަކީ އައްޑޫ ސިޓީއަށް ދުނިޔޭގެ ކަންކޮޅު ތަކުން ފްލައިޓްތައް އައުމަށް ހުރަސް އެޅޭ އެއް ސަބަބެވެ.

    ފަތުރުވެރި ކަމަށް ހާއްސަކޮށްގެން އައްޑޫ ސިޓީއަށް 8000 އެނދު އިތުރު ކުރުމުގެ ޕްރޮގްރަމެއް ރާވާ ހިންގަން ރައީސް ސާލިހު ނިންމެވީ އެހެން ވެގެންނެވެ. 8000 އެނދުގެ ޕްރޮގްރާމް ކާމިޔާބު ކުރުމަށް ވަށާޖެހޭ ގޮތަށް ކުރަން ހުރި ހުރިހާ ކަމެއް ރޭވުންތެރި ކަމާއެކު ސަރުކާރުން އެބަކުރެއެވެ.

    ސަރުކާރުން އައްޑޫ ސިޓީގައި 8000 އިތުރު ކުރަން ހިންގަން ރާވާ ކުރިއަށްދާ އެތައް ޕްރޮޖެކްޓެއް އެބަ އޮތެވެ. ހަންކެޑެ ޕްރޮޖްކްޓްއާއި ޓޫރިޒަމް ޒޯން ޕްރޮޖެކްޓް އެވެ. ކުރޫޒް ޓަރމިނަލް އާއި ސަންސެޓް ބީޗްއެވެ. ދޫގަސް އެއަރޕޯޓް ހޮޓެލްއާއި މާރަނގަ އެއަރޕޯޓް ހޮޓެލްއެވެ. ބިން ހިއްކައިގެން ތަރައްގީކުރާ އިތުރު 5 ރިސޯޓެވެ.

    އައްޑޫ ސިޓީއަށް އިތުރު ކުރާ ޓޫރިސްޓް ބެޑުތައް އިތުރު ވެގެން ދާނެ ގޮތް ވެސް އޮތީ ކަނޑައަޅާ ނިމިފައެވެ. ހުވަނެއްގެ ގޮތުގައެއް ނޫނެވެ. އަމާޒަށް ވާސިލުވުމަށް އެކި މަރުހަލާގައި މަސައްކަތްތައް ބާރަށް ކުރިއަށް އެބަދެއެވެ. އައްޑޫ ސިޓީއަށް 8000 ފަތުރުވެރި ބެޑް އިތުރު ވެގެން ދާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

    • ހަންކެޑެ ޕްރޮޖްކްޓް: 2400 އެނދު
    • ޓޫރިޒަމް ޒޯން ޕްރޮޖެކްޓް: 5100 އެނދު
    • ކުރޫޒް ޓަރމިނަލް: 300 އެނދު
    • ސަންސެޓް ބީޗް: 240 އެނދު
    • ދޫގަސް އެއަރޕޯޓް ހޮޓެލް: 260 އެނދު
    • މާރަނގަ އެއަރޕޯޓް ހޮޓެލް: 100 އެނދު
    • ބިން ހިއްކައިގެން ތަރައްގީކުރާ 5 ރިސޯޓް: 1000 އެނދު 

    އައްޑޫ ޓޫރިޒަމް ޒޯނުން ޝައުގުވެރިކަން ހުރި ފަރާތް ތަކަށް ބިން ދޫކޮށް ގެސްޓް ހައުސްއާއި ސިޓީ ހޮޓާތައް ތަރައްގީ ވެގެން ދާނެއެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ކުރުމަށް 200 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް އެސް.އެމް.އީ ބޭންކުން ތައާރަފްކޮށް އައްޑޫ ޓޫރިޒަމް ޒޯނުގައި ގެސްޓްހައުސްއާއި ސިޓީ ހޮޓާ އަޅަން މާލީ އެހީ ފޯރުކޮށްދީ، " އައްޑޫ ސްޓޭޓަސް އެންޑް ސްޓޭކް ހޯލްޑަރ އެންގޭޖްމަންޓް" ގެ ތެރެއިން އިގްތިސާދީ ފަހިކަން އިތުރުވެގެން ދިޔުމަކީ ހުވަފެނެއް ނޫނެވެ.

    އައްޑޫ ސިޓީ ނަފާވެރި އުފާވެރި ތަނަކަށް ހެދުމަށް ބޭނުންވަނީ ސަރުކާރަށް އައްޑޫ ރައްޔިތުންގެ އިތުބާރާއި އެއްބާރުލުމެވެ. ރައީސް ސާލިހުގެ އަމާޒު ހަގީގަތަކަށް ހެދުމަށް އައްޑޫ ރައްޔިތުން ރައީސް ސާލިހާ އަތުގުޅާލުމެވެ. 

    ]]>
    Mon, 19 Dec 2022 16:52:53 +0500 ހީރަސް