Maldives Real Time Facts & : ބަދަހިވެށި https://heerasnews.com/rss/category/ބަދަހިވެށި Maldives Real Time Facts & : ބަދަހިވެށި dv ކޮޕީރައިޓް: Heerasnews llp (P013622021) ރާއްޖެއިން ޗާގޯސް ހޯދާނެ ގޮތް މިއޮތީ! https://heerasnews.com/1300 https://heerasnews.com/1300 ޗާގޯހަކީ ރާއްޖޭގެ ދެކުނުން އޮންނަ އޮންނަ ތަނެކެވެ. ފަރަންސޭސިންގެ ދަތް ހުރި ދުވަހު ކާށިކަމުން ދުނިޔެ އަތް ފުނާ އެޅި އިރެއްގައި އިންސާނަކު ބެހިގެން އޮޔާގޮސް ފުރާނައައިގެންވެސް ނުލައްގާ ވަރުގެ ދުރުގައި އެކަހެރިން އޮތް ތަނެކެވެ. 

އެއީ މާއެވޭލާ އިހު ރިޔަލު ޒަމާނެވެ. އިރުން ޖެހޭ ވަޔާ ހުޅަނގުން ޖެހޭ ވައި ނޫނީ ބަނޑު ރިޔަލު ފެނުއަޅުވާލަން ނުލިބޭ ދެމޫސުމް އަންނަ ސަރަހައްދެވެ. މާދުރަށް ގޮސް ފުލުގައި އޮތަތީވެ ހުޅަނގާ އިރުވައިގާ ވެސް ފުރާދުއްވައިގެން ޗާގޯހާ ލައްވާލާނެ ގޮތެއް ނެތެވެ.

ފަރަންސޭސިން އިންޑިއާ ކަނޑު ހާވަމުން ދަނިކޮށް މާދުރުގައި ވާތީ ފެނުނު ތަނަކީ ޗާގޯހެވެ. އެތަނަކީ އަމިއްލަ ތަނަކަށް ހަދައިގެން ގެނެސް އަޅުން ކޮޅެއް ބޭލިއެވެ, ދެން އައީ އިނގިރޭސިން ދުނިޔެ ފަތަހަ ކުރި ޒަމާނެވެ، އެހިސާބުން އިނގިރޭސިންގެ ރަށްވެރިކަމަށް ޗާގޯސް ދިޔައެވެ. މޮރިޝަސް އޭރު އޮތީ އިނގިރޭސިންގެ އަތްދަށުގައި ކަމަށްވާތީ އެތާ އަޅުމަސައްކަތަށް ފަރަންސޭސިން ޗާގޯހަށް ބޭލި މީހުންގެ އާބާދީ އިތުރުވެފައި އޮތް ދެހާހެއްހާ މީހުން ގެންގޮސް މޮރިޝަސްގައި ވަޒަންވެރި ކުރުވީ ފަހުން އިނގިރޭސީންނެވެ. އެ މީހުންވީ މޮރިޝަސްގެ ރައްޔިތުންނަށެވެ، މޮރިޝަސް މިނިވަން ވީމާ އެއީ އެ ގައުމުގެ މިނިވަން ރައްޔިތުންނެވެ. 

ކާބަފައިންގެ ވަޒަން ހޯދަން އެމީހުންގެ ދަރިން ދުނިޔޭގެ ހުރިހާ ތަނެއްގައި ރޮއެހޭރެމުން ދުވާތާ 50 އަހަރުވީއެވެ.

މިއޮތްހާ ޒަމާނު އެއީ ދިވެހިންގެ ތަނެކޭ ބުނެ އެއްޗެއް ބުނި ސަރުކާރެއް، ދިވެހި ވެރިއެއް ނެތެވެ، ކުއްލިއަކަށް ބައިނަލް އަގްވާމީ ކޯޓުން މައްސަލަ ނިންމާތީ ގައުމިއްޔަތު ވަދެ މުޅިމީހާއަށް ވާން އަރައިގެން މިތިބަ އުޅޭ ގައުމީ އަބްތޯލުން މިއަރުވާ ފޮނުން ހީވަނީ މިއެންމެން މޮރިޝަސްއާ ހަނގުރާމައަށް ދާން ތައްޔާރުވާ ހެންނެވެ، އެމީހުން  ޗާގޯހުގައި ކުރާ ހަނގުރާއިން މޮރިޝަސް ބަލިވެ، ޗާގޯހަކީ ރާއްޖޭގެ ބަޔަކަށް ހެދޭނެ ކަމާ މެދު ޝައްކެއް ނެތެވެ. ސަބަބަކީ އިސްތިރާޖީ ގޮތުން މިބަައިމީހުން  ބަލި ނުކުރެވޭނެ ކަމެވެ. މިއީ ކަނޑިބަޑިއާ ހަތިޔާރާ ސިފައިންނަށް ކުރެވޭ ބާވަތުގެ ހަނގުރާމައެއް ނޫނެވެ. މިކަމަށް ބޭނުންވަނީ ރާއްޖޭގައި މިތިބަ އިދިކޮޅު ސިޔާސީ ޖެނެރަލުންނެވެ.

ބޮޑު ތަކުރުފާނާ ދޮންބަންޑާރައިން ކުރެއްވި ޖިހާދުގެ މަތިން ދިވެހިން ހަނދާން ނެތޭވަރުގެ ބޮޑު އޮޕަރޭޝަނަކަށް ޗާގޯސް ހަނގުރާމަ ވެގެންދާނެއެވެ.

ޗާގޯހަކީ ދުވަހަކު އެންމެ ދިވެއްސަކުވެސް ނިސްބަތްވި ތަނެއް ނޫނެވެ. އެހެން ކަމުން އިހަށް ބޭނުންވަނީ ގިނަ މީހުނާ އިނދެ، ގިނަ ދަރިންހޯދާ ޗާގޯހުގައި ދިވެހި އާބާދީ ބޮޑު ކުރެވޭނެ ތަޖުރިބާ ކާާރެކެވެ، ހަމަ އެއާ އެކުއެކީ ޗާގޯހުގެ ހުރިހާ ރަށަކާ ފަޅަކާ އޮތިއްޔާ އޮތް އެއްޗެއް ދިވެއްސެއްގެ އަމިއްލަ ކުންފުންޏަށް ބަދަލު ކުރެވިގެން ނޫނީ ޗާގޯހަކީ ދިވެހިންގެ ތަނަކަށް ނުހެދޭނެއެވެ، އެކަމަށް ބޭނުންވާ ޖެނެރަލް ވެސް ހުރީ މި ރާއްޖޭގައެވެ.

އެމީހުންގެ ހުރިހާ ފައިސާ ވެސް އަތުލެވެން ޖެހެއެވެ. އެމީހުންގެ ތަނަވަސްކަން މިރާއްޖެއަށް ފިރުކައިގެންފި ނަމަ އެމީހުން ބަލި ވާލެއް އަވަސްވާ ނެއެވެ. ހަރާމެއް ހަލާލެއް  ނުބަލާ ހުރިހާ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރެވޭނެ ޖެނެރަލެއް ދިވެހިންނަށް ލިބިފައިވެއެވެ. ކަޅުދަބަސް ތަކުގައި ފައިސާ ވައްދާލާ އިރު ދޮންކަޅު އަންގާނުލާ ޗާގޯސް ދޮވެލީމާ މޮރިޝަސް ބަލިނުވެއެއް ނުދާނެއެވެ.

ޗާގޯސް އަތުލަން އެންމެ ފަސޭހަވާނީ އެމީހުން މަގުމަތި ކޮށްލެވި ، ދޭހާ އަތްވާ ވެހޭ ވާރޭގައި ބޭތިއްބުމުންނެވެ. އެކަމަށްޓަނާ ފުރާޅުގައި ޖަހާ ޓިނަށް އެކިއެކި މޮޅުގޮތް ހަދާލެވޭނެ ހައްދުންމައްޗަށް އުފަން ދުނިޔޭގެ އެންމެ ބޮޑު އެކްސްޕާރޓަކީ ވެސް ދިވެއްސެކެވެ،

މިކަމުގައި އުޅޭއިރު އިދިކޮޅަށް ބަހެއް ބުނެފި ކޮންމެ މީހެއްގެ ދަތްދޮޅި ދުއްވާލެވޭނެ ދިވެހި ގައުމީ ބަތޮލް ވެސް އެހުރީއެވެ.

ކަންކަން ކާމިޔާބު ކުރުމަށްޓަކާ އިދިކޮޅު މީހާ ކުރާ ކޮންމެ ކަމެއް ގޯހޭ ބުނަންވާނެއެވެ. އަނގަތާއްޔަކަށް ނުޖެހި އަމިއްލަ ރަށު ބަހުރުވައިން ޗަގޯސް، ޗަގޯސް ކިޔާނެ މީހާ ވެސް އެބަހުއްޓެވެ، ހުއްޓަނުލާ އެހެން ގޮވީމާ ރާޑިވެ އަމިއްލަ ބޮލުގައި ހުރި އިސްތަށި ނޮޅާ މުޅިބޯ ތަލަކުރާ ވަރު ކުރެވެން ވާނެއެވެ.

އެހެން ގޮތެއް ނެތިއްޔާ މިކޮޅުން ޗާގޯހަށް މޭޔަރެއް އައްޔަން ކުރީމާ މުޅި ރަށުގައި ހޮޅި އެޅި އެޅީނުން އެމީހުންގެ ދިރިއުޅުން އަރަތަކަށް ހަދާލާނެ ވަރުގެ މޭޔަރެއް އިތުރަށް ހޯދާކަށް ނުޖެހެއެވެ،

މިގޮތް ގޮތުން މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފި ނަމަ ކޮން ފަަރަންސޭސިންނާއި އިނގިރޭސިންނާއި މޮރިޝަހެއް ހެއްޔެވެ, ދުވަހަކު ރާައްޖޭގެ ބައެއް ކަމުގައި ނުވި ޗާގޯސް އޭރުން ދިވެހިންނަށް ލިބުނީއެވެ.

]]>
Thu, 27 Apr 2023 23:30:46 +0500 ހީރަސްނިއުސް
ޗާގޯސްމީނިޔާ: ފަހުތަޅާލުން ގަނޑުތަ! https://heerasnews.com/1284 https://heerasnews.com/1284 އެތައް ޒަމާނެއް ވަންދެން ރާއްޖޭގައި މީހުން ދިރިއުޅެފިއެވެ. ރާއްޖޭގެ ދެކުނުގައި ތިންސަތޭކަ އެތައް މޭލެއްގެ ދުރުގައި ޗާގޯސް އޮވެއެވެ. ދަތުރުކުރުމުގައި އެހެނިހެން ސަބަބުތަކާ ހުރެ ފޯޅަވައްސަށް ދިވެހިން ގޮސް އުޅުނުކަމަށް ވެއެވެ. އެއްވެސް އިރަކު ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަކަށް ދިވެހިން ނުދެކެއެވެ. މިއަދާ ހަމަޔަށްވެސް ޗަގޯސްއަކީ ދިވެހިރާއްޖޭގެ ބައެއް ކަމަކަށް ދިވެހިންނެއް ވެސް އަދި ފޯޅަވަހީގައި ދިރިއުޅުނު މީހުން ވެސް ނުދެކެއެވެ. ދުނިޔޭގެ އެއްވެސް ގައުމަކުން ވެސް އެކަން ގަބޫލުކޮށް ރައުޔެއްހާ ހިސާބުވެސް ނެރެފައެއް ނުވެއެވެ.

އިގިރޭސިން ޗާގޯސް އިސްތިއުމާރުކޮށް އެތާ ތިބި މީހުން ބޭލީވެސް ރާއްޖެއަކަށް ނޫނެވެ. މޮރިޝަސްއަށެވެ. އިނގިރޭސީން އިސްތިއުމާރު ކުރުމުގެ ކުރިންވެސް ޗާގޯހަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމަށް ދުނިޔެ ގަބޫލު ކުރެއެވެ. އިނގިރޭސި އިސްތިއުމާރުން ނެއްޓިގެން ގޮސް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނަން ޖެހޭނެ ކަމަށް ދުނިޔޭގެ ގިނަ ބަޔަކު ގަބޫލު ކުރަނީ ކަމެއް ވެގެންތާއެވެ. ރާއްޖެއާއި ކިތަންމެ ކައިރީގައި އޮތަސް ޗާގޯހަކީ ރާއްޖޭގެ ބައެއް ނޫންކަމަށް ދުނިޔެ ގަބުލުކުރާނީ ވެސް ކަމެއް ވެގެންތާއެވެ. އަމްދުން ޗާގޯހަކީ ރާއްޖޭގެ ބައެއް ކަމަށް ދެކިގެން އެ ތަނުގެ ސިޔާދަތީ ބާރު ހޯދަން އެއްވެސް އިރަކު  ރާއްޖޭން އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ. 

ދުނިޔޭގެ ގާނޫނު ބުނާ ގޮތުން އައްސޭރިފަށުގެ ގައުމު ތަކުގެ އިގްތިސާދީ ސަރަހައްދަކީ އެންމެ ބޭރަށް ފެނުން ހިކޭ ތަނަކުން ފެށިގެން ބޭރަށް 200 މޭލެވެ. އައްޑު އަތޮޅުގެ އެންމެ ދެކުނުން ފެނުން މައްޗަށް ހިކޭ ހިސާބުން ފެށިގެން ޗާގޯސްއިން ރާއްޖެއާ އެންމެ ކައިރިން ހިކޭ ފަރަށް 400 މޭލު ހަމައެއް ނުވެއެވެ. އަނެއް ކޮޅުން އައްޑުއަތޮޅާއި ޗާގޯހަކީ އެއް އައްޓަކުން ފައިތަޅާ ގުޅިފައިވާ ދެ އަތޮޅެވެ. ޗާގޯހާއި ރާއްޖެއާއި އޮންނަ ފުށު އެރުމަކީ އެއްވެސް ބަޔަކަށް 200 މޭލު ފުރިހަމަ ނުވެ ފުށުއަރާ ފުށުއެރުމެވެ. އެ ނޫން އެއްވެސް ނުކަސިޔާރު ކަމެއް އެއްވެސް އިރަކު ރާއްޖެއާއި ޗާގޯސްއާއި ދެމެދަކު ނެތެވެ. އަމްދުން ސިޔާދަތީ ބާރާ މެދު އެއްވެސް ނުތަނަވަސް ކަމެއް ނެތެވެ. 

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތަސް އިގިރޭސީންނަށް އޮތަސް ރާއްޖެއަށް ވަރިހަމައެވެ. ދިގު މާޒީގައި އެކަން އޮތީ އެ ބޮޑު ވަރިހަމައިގައެވެ. ރާއްޖޭގެ ބަޔަކަށް ޗާގޯސް އެއްއިރަކު ވެސް ވެފައި ނެތަތީއެވެ. އެކަމަށް ހެކިލިބެނީ ޗާގޯސް އިގިރޭސީންގެ އިސްތިއުމާރުން ނެއްޓި މޮރިޝަސްގެ ސިޔާދަތަށް ގެންދިޔުމަށް މޮރިޝަސްއިން އދ މަޖިލީހުގައި މަސައްކަތް ކުރި ކުރުމުގައި ވެސް ރާއްޖެއިން އަމަލު ކޮށްފައިވާ ގޮތުންނެވެ. 

މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ހުއްޓާ ނުލާ އުޅުނުއިރު ރާއްޖެ އޮތީ ހަނެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން އެއްވެސް ފެންވަރެއްގައި ހުށަހެޅުމެއް ހުށަނާޅާތާ ހިޔާލެއް ވެސް ރާއްޖޭން ފާޅުކޮށެއް ނުލައެވެ. މައްސަލައިގެ ތެރެއަށް ތަދައްހުލު ވެސް ވެނުލައެވެ. އެ ހުރިހާ ކަމެއް ހިގާ ދިޔައީ ރައީސް ނަޝީދާއި ރައީސް ޔާމީނުގެ ވެރިކަމުގައެވެ. 

ރައީސް ނަޝީދު ވެރިކަމުގައި މޮރިޝަސްއަށް ރައީސް ނަޝީދު ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ތެރޭގައި އޮންނަން ޖެހޭނެ ތަނެއް ކަމަށް ރާއްޖޭގެ ރައީސް ނަޝީދުއާއި މޮރިޝަސްގެ އޭރުގެ ރައީސްއާއި ދެލީޑަރުން އެއްބަސްވެ ވަޑައިގަންނަވާ ކަމަށް ދަތުރުފުޅާ ގުޅިގެން ދެލީޑަރުން ދެއްވި ގުޅިފައިވާ ބަޔާނުގައި ވެއެވެ. މޮރިޝަސް ދައުލަތުން ދެވޭ އެންމެ މަތީ ޝަރަފް ރައީސް ނަޝީދަށް އެ ދަތުރުފުޅުގައި އެރުވީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަން ޖެހެނީ މޮރިޝަސްއަށް ކަމަށް ރާއްޖެ ލޮލުން ބޮލުން ގަބޫލު ކުރާކަން ރައީސް ނަޝީދު ކަށަވަރުކޮށް ދެއްވުމުންނެވެ. 

އދ މަޖިލީހަށް މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ވެއްދީ ރައީސް ޔާމީނު ވެރިކަމުގައެވެ. ރާއްޖޭގެ މަސްލަހަތު އޮތް ކަމަކަށް ނުވާތީ ދިވެހި ސަރުކަރު އޮތީ ހަނެވެ. ޔާމީނު ސަރުކާރުންވެސް ގަބޫލުކުރީ ޗާގޯސްގެ ސިޔާދަތީ ހައްގު ރާއްޖެއަށް ނެތްކަމަށެވެ. ރައީސް ސޯލިހުގެ ވެރިކަން ފެށުނު ފަހުން އދގެ އާއްމު މަޖިލީހުގައި މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު އޮތުމާ މެދު މެންބަރު ގައުމުތައް ދެކޭގޮތް ބެލުމަށް ވޯޓެއްނެގިއެވެ. ރާއްޖެއާއި ޗާގޯސް އާއި ދެމެދު އިގުތިސާދީ ސަރަހައްދުގެ އިމުގެ މައްސަލައެއް އޮތުމުން ރާއްޖެއިން ވޯޓް ދިނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނަން ނުޖެހޭނެ ކަމަށެވެ. ދެނަކާ ދެނެއް ނެތެވެ. ރާއްޖެ އަޅުވެތި ކުރުވުމަށް ތާއީދުކުރާ ކަމަށް ވެއްޖެއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަން ޖެހެނީ މޮރިޝަސްއަށް ކަމަށް ވެގެން މާލޭގައި މުޒާހަރަކޮށް ސަރުކާރު ކުށްވެރިކޮށް ޕިޕީއެމުން ބަޔާން ނެރުނެވެ.

ރައްޔިތުންނާއި އިދިކޮޅުގެ އެދުމާ ޑިމާންޑަށް އިހުތިރާމްކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ޗާގޯސްގެ ސިޔާދަތާ ގުޅިގެން އދ ގައި ދެން ނަގާ ވޯޓެއް މޮރިޝަސްއާއި އެއްކޮޅަށް ދިނުމަށް ސަރުކާރުން ގަސްދު ކުރާކަން ހާމަ ކުރުމުން ކުރިން ވާދަވެރިންކީ ހުރިހާ ޅެން ފަރިއްސަށް ހަދައިފިއެވެ. އެ ހިސާބުން ޗާގޯހަކީ ރާއްޖޭގެ ބަޔަކަށް ވެއްޖެއެވެ. ޗާގޯހުގެ ސިޔާދަތަކީ ރާއްޖޭގެ އެއްޗަކަށް ވެއްޖެއެވެ. ދުނިޔޭގެ ކޯޓުން ނިންމިޔަސް ރާއްޖެއަށް ޗާގޯސް ނުލިބޭ ނިންމުމެއް ބަލައި ނުގަނެ ހަނގުރާމަ ކުރަންވެސް ރައީސް ނަޝީދުމެން އެ ތިބީ ބުޑުފެންނަ ވަރަށް ފޫގަޅައިގެން ނޯލައެވެ.

ރައީސް ސޯލިހާ ދެކޮޅަށް ކުޅޭނެ ކާޑު ހުސްވީތާއެވެ. ރައްޔިތުން ރަތަށް އަރުވަން ރައީސް ނަޝީދު އިސްވެ ހުރެ ކުޅޭކުޅިން ގޯލުޖެހެނީ ބައިކޮޅަށެވެ. ގޮވަނީ އަތަށެވެ. ޗާގޯސް މީނިޔާ ޖެހި ހަތަރު އުދަރެސް ފެނުޖެހި ފޭކްގެ މައްޗަށް ފޭކް ހަދަމުންގޮސް ގޭނި ހުސްވުން ނޫން ކަމެއް އެބަ ވޭހެއްޔެވެ.   

]]>
Tue, 25 Apr 2023 09:14:57 +0500 ހީރަސްނިއުސް
އަތަށް ގޮއްވާލި ސަމަދާބޭގެ ބަޅުރުކު މިޝަން https://heerasnews.com/1056 https://heerasnews.com/1056 އިންޑިއާ އައުޓް ގޮވަމުން ގޮވަމުންގޮސް އިންޑިއާއަށް އިން ވީމާ ޑީޕޯޓްކޮށްލިކަން ނަސީބެވެ. ޓެރެރިސްޓެއްގެ ސިއްކަ ޖަހާ ހައްޔަރު ނުކުރިކަމަށްޓަކާ ޝުކުރުކޮށް ބަލާށެވެ. މިލިޓަރީ ޓްރޭނިންގ ހަދައިގެން ހުރި މީހަކު ފާޅުގައި އިންޑިއާގެ މިލިޓަރީއާއި ދެކޮޅަށް ނިކުމެ ހަރަކާތްތެރި ވާއިރު އޭނާ އިންޑިއާއަށް ދިޔަ ބޭނުމާ މެދު ޝައްކުގެ ނަޒަރުން އިންޑިއާއިން ދުށުމުގެ ފުރުސަތު ބޮޑެވެ. 

ބޭސްފަރުވާ ކުރުމުގެ ނަމުގައި އިންޑިއާއަށް އޭނާ ދިޔައީ ޓެރެރިސްޓް ހަރަކާތެއް ހިންގަން ކަމަށް ނުބެލެވެންވީ ސަބަބެއް ނެތެވެ. އަމާ ގާތަށް ވަނތް މީހާވެސް ވަނީ ހުނިގުރާބު ބަލައެވެ. އާއްމުކޮށް ތުނބުޅި ދިގުކޮށްފައި ހުންނަ މީހަކު ތުނބުޅި ކުކުޅު ބިހަކަށް ހަދައިގެން ދިޔުމުގެ ނިޔަތާ މެދުވެސް ސުވާލު އުފެދެއެވެ. 

މިޝަނަކާ މަތިކޮށް ބަލިކަމުގެ ބަހަނާގައި އިންޑިއާއަށް ފޮނުވި މީހާ ކަންނުވަނީސް ޑިޕޯޓް ކޮށްލުމުން ފަޔަށް ލައްކަ ހިނި އަރާނެއެވެ. ރައްޖޭގެ ދިފާއީ ވަޒީރު ސަމާސާ ރާގެއްގައި އެވާހަކަ ދެއްކެވީމާ ފިސާރި އަސަރު ކޮށްފިތާއެވެ. ގަނާކުރި ކަމަށާއި އިންސާނީ ކަރާމާތް ނަގާލީ ކަމަށް އެކަން ވެއްޖެތާއެވެ.

މިލިޓަރީ ޓްރޭނިންގ ހަދައިގެން ތިބި ބަޔަކު ބޭނުންކޮށްގެން ސަރަހައްދީ ނިއުކުލިއަރ ބާރަކާ ދެކޮޅަށް ގައުމީ ސަލާމަތަށް ނުރައްކާ ކުރުމަކީ މައްސަލަ އަކަށް ނުވެއެވެ. ކަންބޮޑު ވާކަށް ފުންނާބު އުސް ވަކީލުންނަކަށް ނޭނގުނެވެ. ބުނަން ހެއްޔެވެ. ބޮކުބާރު ދައްކަން އުޅެންވާނީ ފެންގަނޑުގައި އުޅޭ ބޮކަށެވެ. 

މާތްކަލާކޯ ނައިފަރު ޝިޔާމޫއެވެ. މަޖިލީހަށް މާރިޔާގެ މައްސަލަ އަވަހަށް ވައްދާށެވެ. ވައްދައިގެން ތިބެ ހޭބޯނާރާ އިންޑިއާއަށް ބަވާށެވެ. މިހާރު ނުކުރެވި އޮތީ އެކަމެވެ. ހެޔޮ ނުވާނެއެވެ. ދުނިޔޭގެ އާޖުފާޖު ނޭނގި ތިބެ ފިނި ކޮޓަރިއޭ ރަޖައޭ ޓޯޗަރއޭ ނުކިޔާ ހިމޭނުން ތިބޭށެވެ. ލަދެއް ހަޔާތެއް ނެތި އިންސާނީ ކަރާމާތަށް އަރައިގަންނަމުން ޝަރުއީ ހުކުމް ހަރާން ކުރަމުން ބައިނަލްއަގުވާމީ ގުޅުންތައް ކަނޑަމުން މަތި ހަށި ނަގައިގެން ގުންފައި ޖެހިވަރަކަށް ގެނބުންނޫން ކަމެއް ބަޅުރުކު ފަކީރުންނަކަށް ނުވާނެއެވެ. 

ބަޅުރުކު މިހުން ސިޔާސީ މަގުސަދެއް ހާސިލުކުރަން ކަތިލާ ކަންބަޅި ތަކަކަށް އިސްރަށްވެހިން ހަދައިގެން އެމިހުން ކޯޑިހައްދައިގެން ނެރެ އަނިޔާ ކުރަން ނުހަދާށެވެ. ހިތްވަރު ހުރިއްޔާ ބަޅުރުކު ރިޔާސީ ޓިކެޓަށް މަރުފަލި ޖަހާ މުއިއްޒާއި ވަހީދާއި ގައްސާނާއި ޝިޔާމާ ސައީދާއި ދެންވެސް ތިބި ބަޔަކު އިންޑިއާ އައުޓޭ ގޮވަމުން ގޮސް އިންޑިއާއަށް އަރާލަ ބަލާށެވެ. ކިޔާ ހޫނު މަރުހަބާ ފެންނާނެއެވެ. އޭރުން ހޯހޯ ނުގޮވާށެވެ.

]]>
Sat, 18 Feb 2023 18:54:43 +0500 ހީރަސް
ޔާމީނަށް ހުކުމްކޮށްގެން ދުނިޔެ ކުޅަދުރު ހަތަޔަކަށް! https://heerasnews.com/930 https://heerasnews.com/930

މާތްކަލާކޯއެވެ. ޔާމީނަށް ހަރާން ހުކުމެއްކޮށްގެން މުޅިދުނިޔެ ހީވަނީ ކުޅަދުރު ހަތައެއް ހެންނެވެ. ނޭޓޯއާއި ރަޝިއާ ވެސް އެތިބީ އެއްގަލަށް އަރައިގެން ޔާމީނުގެ ހަރާން ހުކުން ބާތިލުކޮށް ޔާމީނު ޖަލުން ނެރެން ލަޝްކަރު އެއްކޮށްގެންނެވެ. ދިވެހި ސަރުކާރަށް އިންޒާރުތައް އެއަންނަނީ ފުލުފުލުން ވިއްޔާއެވެ. ދިވެހި ސަރުކާރު އެކަމާހެދި އެއޮތީ ބިރުން ފިއްކަޑައިގެން ގޮސްގޮހެވެ. އެމެރިކާއާއި ޗައިނާއާއި ނޭޓޯއާއި ރަޝިޔާގެ އަސްކަރިއްޔާއަށް ޔާމީނު މިނިވަންކުރުމަށް ވުރެ ބޮޑު އެހެން ކަމެއް ނެތެވެ. އިންޑިއާ އައުޓުކޮށް ޔާމީނު ވެރިކަމުގައި ބައިންދާފައި ނޫނީ ދުނިޔެ އޮތީ އެހެން ދިމާލަކަށް އެނބުރޭ ގޮތަކަށް ނޫން ވިއްޔާއެވެ. ދިން މުހުލަތު ހަމަވާނެ އިރަކަށް އެތިބީ ބަލަބަލާ ކަހަލައެވެ. 

ވާނީ އެހެންތާއެވެ. ގައުމު ދަވާލައިގެން ވެރިކަމުން ބާލާ ޝަރީއަތް ހިންގަން ފެށުމުން ޕީޕީއެމް ޓިކެޓް ފޭރިގަނެގެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ބޮޑު ވަގަކު ވީމާ އެ ވަގު ސަލާމަތް ކުރަން ދުނިޔެ ކިހާވަރެއް ހުންނާނެ ހެއްޔެވެ. ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ޔާމީނުގެ ނަން ނެތިއްޔާ ދުނިޔޭގެ ލަޝްކަރުތައް ގުޅިގެން ޔާމީނު ވެރިކަމަށް ގެނައުމަށްޓަކާ ސައްދާމު ހުސޭނު ސަރުކާރަށް ޖެއްސި ހާލަށް ވުރެ ދެރަވަރު ދިވެހި ސަރުކާރަށް ކޮށްލަން ދުނިޔެ އެ އޮތީ ފެން ބޮވާފައި ވިއްޔާއެވެ.

ލަދު ހަޔާތުގެ ކަންފުޅެއް ނެތެވެ. ޝަރީއަތްތައް ހިނގަނިކޮށް ތެޅެގަނެގެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ޔާމީނު ހެދީ ތިޔަ ތާކިހާ އަޅަންކަން ދުނިޔޭގެ އެއްވެސް ބަޔަކަށް ނޯޅެއެވެ. އިދިކޮޅު ކެންޑިޑޭޓް ޖަލަށް ލައިގެން އުޅެނީއޭ ކިޔައިގެން ލަންކާގައި ހުންނަ މިޝަން ތަކަށް ގޮސް ތޮރުފުނަކަސް ޔާމީނަކީ ކީހާވަރެއްގެ ވަގު ޑިކްޓޭޓަރެއްކަން އެ މީހުނަށް މާރަނގަޅަށް އެނގެއެވެ.

މާ ވަރުގަދަ ޓީމަކަށް ޔާމީނު ސަލާމަތްކުރަން ލަންކާއަށް ދެވިގެން ނެގނެގިފައި ޖެހެނީ އެހެންވެގެންތާއެވެ. ބަލަގަ! ބައިނަލްއަގުވަމީ ހަމައިގެ ތެރޭން ޕައްލަންބެ ބައްދަލުކުރަން ދިޔަސް އެ މީހުން ބައްދަލު ކުރާނެއެވެ. ކިޔާހާ އެއްޗެއް އަޑުއަހާނެއެވެ. ވާނުވާ ބަލާނެއެވެ. މީހަކު ކިޔާހާ އެއްޗަކަށް ގައުމު ތަކުން އަމަލުކުރާނީ ލައްކަ ބެލުން ބަލާ ލައްކަ ގިނަ ހަމަތަކެއްގެ ތެރެއިންނެވެ. ދެތިން ކެނަ ސޯސަންމަގު ހަތަރު އަނގޮޅިއަށް ނިކުމެ ކަރުން ހަން ދުއްވާހެން ބައިނަލްއަގުވާމީ ދުނިޔެ ނަށައެއް ނުގަންނާނެއެވެ.  

ސަރުކާރުން ލީޒްކުރި ކޮންމެ ފަޅުރަށެއް ލީޒްކުރި މީހުންގެ އަތުން ރައީސް ކަމުގައި ހުރި ޔާމީނުގެ އަމިއްލަ އެކައުންޓަށް އެ ދަނޑިވަޅު މިލިޔަން ޑޮލަރު ވަނުމަކީ އިއްތިފާގެއް ނޫންކަން ބައިނަލްއަގުވާމީ ދުނިޔެއަށް އެނގެއެވެ. ބާރާއާރުގައި ހުރެ ސިޔާސީ ވާދަވެރިން ފުރޭމްކޮށް ހައްޔަރުކޮށް ރިޔާސީ އިންތިހާބުގައި ވާދަ ކުރިޔަ ނުދިނީ ޔާމީނުކަން ދުނިޔެ ދަނެއެވެ. އީޔޫގެ ނަސޭހަތް ގަބޫލުނުކޮށް އީޔޫއާއި އެކަހެރިވެ ދުނިޔޭގެ ގޮވާލުންތަކަށް ބީރު ކަންފަތް ދިނީ ޔާމީނެވެ. ސީމެގުން ފިޔަވަޅު އަޅާ ހިސާބަށް ޔާމީނުގެ ގޮށްމުށުގެ ބާރުވެރިކަން ގޮސްގެން އެކަން ހުއްޓުވަން ފިޔަވަޅު އަޅަން ނިންމިކަން ގައުމުތަކުން ހަނދާނެއް ނުނެތެއެވެ. އެންމެ ފަހުން އެކަމާ ހެދި ކޮމަންވެލްތާ އޮތް ގުޅުން ކަނޑާލީ ޔާމީނުކަން ކޮމަންވެލްތު ހުރިހާ ގައުމަށާއި އީޔޫއާއި އެމެރިކާއަށް ރަނގަޅަށް އެނގެއެވެ.

ހައަނގަ ޖަމީލުމެން މަތިހަށި ނަގާފައި ގޮސް ލިބިގެންވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި މި ސަރުކާރުން ހިފަމުން ގެންދާ ކަމަށް ބޭރު ގައުމުތަކުގެ އެމްބަސީގައި ބުނީމާ އެމީހުން ވެސް ކުރަނީ މަލާމާތެވެ. އެ މީހުނަށް މީ ކޮންބައެއްކަން އެނގެއެވެ. މި ބައިގަނޑު ޔާމީނުގެ ވާހަކަ ދައްކަން ލަންކާއަށް ގޮސް މީހަކަށް ވާކަހަލަ މީހަކާ ބައްދަލުވީނަމަ ލައްކަ ފޮނު އެރުވީހެވެ. ހައަނގަ ޖަމީލުމެން މީހުނަށް ތައާރަފްވެލާ މަޝްހޫރުވެލަން ޕީޕީއެމް ހަރަދުގައި ލަންކާއަށް ނަމަވެސް ދަތުރެއް ކޮއްލެވުނީތީ ކޮންމެވެސް އެއްޗެކޭ ކިޔާ ކޯތަޅުވަން ވާނެތާއެވެ.

]]>
Fri, 20 Jan 2023 10:16:26 +0500 ހީރަސް
ޔޫސުފް ނައީމް ޖެހިމަޅިން ނުނެއްޓެވި ޔާމީނު ޖަލަށް https://heerasnews.com/754 https://heerasnews.com/754 ދަނޑުވެރިކަމަށް ކަނޑައަޅާފައިވާ ފަޅުރަށް ތަކަކީ ފިޝަރީޒް މިނިސްޓްރީގެ އިހުތިސާސްގައި އޮންނަ ތަންތަނެވެ. އެފަދަ ފަޅުރަށެއް ފަތުރުވެރި ކަމުގެ ރަށެއް ގޮތުގައި ކަނޑައެޅުމުގެ ގާނޫނީ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓްރީން ހަދާ އެއްވެސް އުސޫލަކީ ރައީސުލްޖުމްހޫރިއްޔާގެ ރުހުން ނެތި ތަންފީޒު ކުރެވޭނެ އުސޫލެއް ނޫނެވެ. މަޖިލީހުން ފާސްކުރާ ގާނޫނެއް ވެސް ގާނޫނަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ.

2013 ގެ ނޮވެމްބަރ 17 އިން ފެށިގެން 2018ގެ ނޮވެންބަރ 17 އަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމެވެ. އަހުމަދު އަދީބެއް ނޫނެވެ. ރައީސް ޔާމީނު ވެރިކަމަށް އިސްވެ ވަޑައިގަތީއްސުރެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް އަހުމަދު އަދީބު އިސްކުރައްވަން ދެން އަހުމަދު އަދީބަކީ ރައީސް ޔާމީނުގެ ޓޫރިޒަމް މިނިސްޓަރެވެ. މިނިސްޓަރުން އައްޔަނު ކުރުމާ ވަކިކުރުމުގެ ބާރު އޮންނަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ. މިނިސްޓަރަކަށް އުސޫލެއް ހަދާ ހިންގޭނީ ރައީސްގެ ރުހުން އޮވެގެންނެވެ. އެ އުސޫލެއް ނުހުއްޓި ތަންފީޒު ވަމުން ދާނީ ރައީސުލްޖުމްހޫރިއްޔާގެ ރުހުން އޮތީމައެވެ. ރައީސުލްޖުމްހޫރިއްޔާގެ ރުހުން ނެތް އުސޫލެއް އެއްވެސް މިނިސްޓްރީ އަކުން ނުހިންގޭނެއެވެ. ނުވެސް ހިނގާނެއެވެ. ހުއްޓުވާނެއެވެ. ވ. އާރަށް ދަނޑުވެރި ކަމުން ޓޫރިޒަމަށް ބަދަލުކޮށް ކުއްޔަށް ދިނީ އަދީބު ހެދި އުސޫލެއްގެ ދަށުން ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ރެކިވަޑައި ގަނެވޭނެ ޖާގައެއް އެހެން ކަމުން ނުއޮންނާނެއެވެ.

ވ. އާރަށުގެ މުއާމަލާތު ހިންގާފައި ހުރި ގޮތަށް ވަކި އަތަކަށް ބުރަނުވެ ވިސްނާލުމުން މަންޒަރު ސާފުވެއެވެ. ވ. އާރަށުގެ އެކްއިޒިޝަން އަގަކަށް ފުރަތަމަ ހުށަހެޅުނީ 5 މިލިޔަން ޑޮލަރެވެ. ހުށަހެޅުނު 5 މިލިޔަން ޑޮލަރ 3 މިލިޔަނަށް ތިރި ކުރިކަމަށް އަދީބާއި ޒިޔަތު ބުނެއެވެ. އަދީބާ ޒިޔަތަކީ ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކާއި އެ ނޫން ވެސް ޓޫރިޒަމްގެ މަސްލަހަތު ހުރި ހުރިހާ ކަމެއް ކުރުމަށް ރައީސް ޔާމީނު އިސްކޮށްފައި ތިބި ދެ މީހުންނެވެ. އެ ދެ މީހުންގެ ބަސްނެތި ރައީސް ޔާމީނުގެ ވެރިކަމުގައި ޓޫރިޒަމާ ގުޅިގެން ސަރުކާރުން ހިންގާފައިވާ އެއްވެސް މުއާމަލާތަކާއި ކަންކަން ހިނގާފައިވާ ގޮތެއް ސާފު ނުވާނެކަން ޔަގީނެވެ. އެ ދެ މީހުން ފާސިގުންނަށް ނުވަނީ އެހެން ވެގެނެވެ.

5 މިލިޔަނުން ތިން މިލިޔަނަށް ވ. އާރަށުގެ އިކްއިޒިޝަން ކޯސްޓް ތިރި ކުރިކަން އެގެން އޮތަސް ދެ މިލިޔަނަށް އެއަގު ތިރިކުރިކަން އެނގޭ އެއްވެސް ހެއްކެއް ގަރީނާއެއް ފެންނަން ނެތް އިރު އެމްއެމްޕީއާރުސީއަށް ލިބުނީ 2 މިލިޔަން ޑޮލަރެވެ. ޔޫސުފް ނައީމްގެ ކުންފުންޏަށް ވ. އާރަށް ހަވާލުކޮށް ވިޔާފާރި ނިމުނު އިރު އަގުގެ ގޮތުގައި ހަމަ ޖެއްސި 3 މިލިޔަނުން އެއް މިލިޔަން ޑޮލަރަށް ވީގޮތެއް ނޭގެއެވެ. ދެ ވަނަ ފަހަރަށް އަގު ތިރިކޮށް 2 މިލިޔަން ޑޮލަރަށް އަގު ހެދިކަމުގެ އެއްވެސް ލިޔެކިޔުމެއް އެއްބަސްވުމެއް ދެ ފަރާތުން ކުރެ ފަރާތެއްގައި ނެތެވެ. ވ. އާރަށުގެ އިކްޒިޝަންގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ޔޫސުފް ނައީމް ދެއްކި 2 މިލިޔަން ޑޮލަރާ އެކުއެކީ ޔޫސުފް ނައީމްގެ އެކައުންޓުން ރައީސް ޔާމީނުގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާކޮށްފައި ވާކަން ސާބިތެވެ. ޔޫސުފްނައީމްގެ އެކައުންޓުން ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި އެއްމިލިޔަން ޑޮލަރަކީ ވ. އާރަށުގެ އިކްއިޒިޝަން ކޯސްޓްގެ ގޮތުގައި ކަނޑައެޅި 3 މިލިޔަނުން އެއް މިލޔަން ކަމަށް ތުހުމަތު ކުރެވެނީ އެހެން ވެގެނެވެ. 

ރައީސް ޔާމީނުގެ އެކައުންޓަށް ޔޫސުފް ނައީމު ޖަމާކުރި އެއް މިލޔަން ޑޮލަރަކީ ވ. އާރަށް ކުއްޔަށް ދިނުމާ އެއްވެސް ގުޅުމެއް ނެތް ފައިސާއެއް ކަމަށް ރައީސް ޔާމީނު އެބަ ވިދާޅުވެއެވެ. ހަމަ އެހެންމެ ސަރުކާރުން ވ. އާރަށް ޓޫރިޒަމަށް ކުއްޔަށް ހިފުމުގެ މުއާމަލާތު ޔޫސުފް ނައީމްގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގަމުން ދަނިކޮށް ޔޫސުފް ނައީމާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮލަރު ބައްލަވައި ގަތުމުގެ މުއާމަލާތެއް ހިންގެވި ކަމަށް ރައީސް ޔާމީނު އެއްބަސްވެ ވަޑައިގަނެއެވެ.

ސަރުކާރާ އެކު މާލީ މަސްލަހަތެއް އޮތް އެއްވެސް ފަރާތަކާ މާލީ މުއާމަލާތެއް ހިންގުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ މީހަކަށް ގާނޫނު އަސާސީ މަނާ ކުރެއެވެ. އަނެއް ކޮޅުން ބޭރު ފައިސާ ވިއްކުމަކީ އެ ކަމަށް މަނިޓަރީ އޮތޯރިޓީން ހާއްސަ ހުއްދައެއް ދީފައިވާ ފަރާތަކަށް ނޫނީ ކުރުން ގާނޫނު މަނާކުރާ ކަމެކެވެ. ގާނޫނާ ހިލާފަށް ޔޫސުފް ނައީމް އަތުން ރައީސް ޔާމީނު ޑޮލަރ ބައްލަވައިގެން ގަތުމަކީ ރައީސް ޔާމީނު ކުރެއްވި ކުށެކެވެ. އެހާ ވަރުން ދަންޏާ ޔޫސުފް ނައީމް ޖެހި މަޅިން ނުނެއްޓެވިގެން ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ އަނެއްކާ ވެސް ޖަލަށް ވަޑައި ގަންނަވާށެވެ.

]]>
Wed, 30 Nov 2022 16:05:13 +0500 ހީރަސް
ސަލާމަތީ ބާރުތަކުން ޑރ. ވަހީދު ހިފާ ހައްޔަރު ކުރަން ގޮވާލަން https://heerasnews.com/746 https://heerasnews.com/746 ސަމާސާކަމެއް ނޫނެވެ. ބޭނުންހާ މީހަކު ބޭނުންހާ ގޮތަކަށް ބޭނުންހާ ތަނެއްގައި ބޭނުންހާ އިރަކު ރާއްޖެ ތަމްސީލެއް ނުކުރެވޭނެއެވެ. ރާއްޖޭގައި ގާނޫނީ ސަރުކާރެއް އޮއްވާ ރާއްޖޭގެ ނަމުގައި ސަރުކާރު ނޫން ފަރާތަކަށް ރާއްޖެ ތަމްސީލު ކުރުމުގެ ދުނިޔަވީ އެއްވެސް ހަމައެއް ގާނޫނެއް ނުއޮންނާނެއެވެ. ރާއްޖޭގެ ގާނޫނީ ތަރަހައަކުން އަދި އދ ގެ ޗާޓަރގެ އެއްވެސް ނުކުތާއަކުން ވިޔަސް ގާނޫނީ ސަރުކާރު ނޫން ފަރާތަކަށް ސަރުކާރުގެ ހުއްދައަކާނުލާ ގައުމެއް ތަމްސީލެއް ނުކުރެވޭނެއެވެ. ޑރ. ވަހީދު އެކުރީ ބައިނަލް އަގުވާމީ ކުށެކެވެ. ރާއްޖޭގެ އިސްތިގުލާލަށް ދިން ހަމަލާއެކެވެ. ފާޅުކަން ބޮޑު ބަގާވާތެކެވެ.

ރާއްޖޭގެ ރަސްމީ އިދާރާތަކުގެ ރުހުމާއި ބަހެއްނެތި ރާއްޖޭގެ ނަމުގައި އެއްވެސް މީހަކަށް ވެސް އެއްވެސް ޖަމާއަތަކަށް ވެސް ރާއްޖެ ތަމްސީލެއް ނުކުރެވޭނެއެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން އިންކާރުކޮށް ރާއްޖެ ބައިވެރިވުމަށް އިއުތިރާޒް ކޮށްފައިވާ ބައިނަލް އަގުވާމީ މުއުތަމަރެއްގައި ރާއްޖޭގެ ނަމުގައި ބައިވެރިވާ ބައިވެރިވުމަކީ ބަގާވާތެކެވެ.

ދުނިޔޭގެ ކިތަންމެ ބާރު ގަދަ ގައުމަކުން ކުރުވި ކަމެއް ނަމަވެސް އެ ގައުމުގެ ސަފީރު ހާރިޖީ ވުޒާރާއަށް ހާޒިރުކޮށް އެކަން ކުއްވެރިކޮށް ސުވާލު ކުރެވެން ޖެހޭނެއެވެ. އެ މީހަކާ އެ މީހެއް ރާއްޖޭގެ ނަމުގައި ހެދުނު އެއްޗެއް ހަދަން ދޫކޮށްލެވިފައި އޮވެގެން ނުވާނެއެވެ. ކަމަކީ ޔާމީނު ހިންގާ އިންޑިއާ އައުޓުގެ ހަގީގީ މިސްރާބު ހުރިގޮތުގެ މޭގައެވެ.

ޔާމީނުގެ ރޭވުމާ އެއްގޮތަށް ޑރ. ވަހީދު އެހިންގި އުދުވާނަކީ ސިޔާސީ ކަމަކަށް ހަދާ ދޫކޮށްލެވޭ ވަރަށްވުރެ ހައްސާސް ކަމެކެވެ. ޑރ. ވަހީދާއި އެކަމުގައި ބައިވެރިވާ އެންމެން ގައުމީ ސަލާމަތަށްޓަކާ ވަގުތުން ވަގުތަށް ހިފާ ހައްޔަރު ކުރަން މަޖުބޫރެވެ. ރާއްޖޭގެ އިސްތިގުލާލަކީ ޑރ. ވަހީދުމެން ކުޅެން އޮތް ބުމަރެއް ނޫނެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި ގޮތަށް ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލް ނަގާލުމަށް ގާނޫނީ ސަރުކާރުގެ ބާރު ކަނޑުވާލަން ކުޑަވެސް ފުރުސަތެއް މި ބައިގަޑަށް ދެވިގެން ނުވާނެއެވެ.

ދައުލަތުގެ ކަރާމާތް ނަގާލުމަކީ ކަމަކަށް ނުހަދާ ދޫކޮށްލައިގެން ވާނެ ކަންކަމެއް ނޫނެވެ. ކުރީގެ ރައީސެއްގެ ގޮތުން އިނާޔަތާ ރައްކާތެރިކަން ދެނީ ދައުލަތާ އިދިކޮޅު ހަރަކާތް ހިންގާކަށް ނޫނެވެ. އިންޑިއާ-ޗައިނާ ވާދައިގެ ހުޅަށް ފެޓްރޯލު އަޅާކަށް ނޫނެވެ. އިންޑިއާގެ ބައިވެރި ވުމެއް ނެތި އިންޑިއާ ކަނޑާމެދު ގޮތް ނިންމަން ރާއްޖޭގެ ނަމުގައި ޑރ. ވަހީދަށް ބާރުދެނީ ކޮން ގާނޫނަކުން ހެއްޔެވެ. ޖޯގްރަފީގޮތުން އިންޑިއާ ކަޑާ އެއްވެސް ގުޅުމެއްނެތް ޗައިނާއިން އިންޑިއާ ނުލާ އިންޑިއާ ކަޑަށް ގޮތް ނިންމަން އުޅޭ އުޅުމުގައި އިހުލާސްތެރި ކަމެއް ނެތް ކަން ވަރަށް ސާފެވެ. ގައުމީ ސަލާމަތީ ބާރުތަކުން އަވަސް ފިޔަވަޅު ނާޅައިފި ނަމަ ދެން ވާން އޮތް ކަމެއްގެ ނުރައްކާތެރި ކަމުގެ ބޮޑުކަން ހިތައް ވެސް ގެންނަން ދައްޗެވެ.

ޑރ. ވަހީދާ އެކު ޗައިނާ މުއުތަމަރުގައި ރާއްޖޭގެ ނަމުގައި ބައިވެރިވި ހުރިހާ އެންމެން މިހާރުން މިހާރަށް ހިފާ ހައްޔަރުކޮށް ތަހުގީގު ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަމެވެ. ޗައިނާ ސަފީރު ހަރިޖީ ވުޒާރާއަށް ހާޒިރުކޮށް ސުވާލުކޮށް އަޅަންޖެހޭ ފިޔަވަޅެއް ބައިނަލް އަގުވާމީ ހަމަތަކުގެ މަތިން އެޅުމަށް ވެސް ހަރިޖީ ވުޒާރައަށް ގޮވާލަމެވެ. މި ގޮވާލުން މިގޮވާލަނީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުންނެވެ. 

]]>
Sun, 27 Nov 2022 20:50:25 +0500 ހީރަސް
އދ ގައި ޝާހިދު ދެއްކެވި ލީޑަޝިޕަށް އީޔޫގެ ތައުރީފް https://heerasnews.com/727 https://heerasnews.com/727 އދ ގައި ރާއްޖޭގެ ހާރިޖީ ވަޒީރު އޮނަރަބަލް އަބްދުﷲ ޝާހިދު ދެއްކެވި ލީޑަޝިޕަށް އީޔޫގެ އެމްބެސެޑަރު ޑެނިސް ޗައިބި ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. މިހާރު ކުރިއަށްދާ ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިބި ވިދާޅުވީ އދ. ގައި ޝާހިދު ދެއްކެވި ލީޑަޝިޕަށް ތައުރީފު ހައްގުކަމަށެވެ. އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައި ރާއްޖޭން ކުރި މަސައްކަތަށް ވެސް ޗައިބި ވަރަށް ބޮޑަށް ތައުރީފްކުރައްވިއެވެ. ބޮޑެތި ގައުމުތަކުން ވާދަކުރި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އިންތިހާބު ހޯދަން ފަސޭހައެއް ނުވާނެ ކަށާއި އެކަމަކު ރާއްޖެއިން އެ ގޮނޑި ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ ބައިނަލް އަގުވަމީ ދުނިޔޭގައި ހޯދަމުންދާ ކަމިޔަބީއަށް ޑެނިސް ޗައިބި މަރުހަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ އާއި އީޔޫގެ ގުޅުން ހަރުދަނާކުރަން ބާއްވާ ބައްދަލުވުމުގައި އެންމެ މުހިއްމު އެއް ކަމަކީ ސަލާމަތީ ކަންކަމާ ގުޅޭ މަޝްވަރާތައް ކަމަށެވެ. ރާއްޖެއަކީ ޔޫރަޕުން ވަރަށް ގިނަ ޓޫރިސްޓުން އަންނަ ގައުމެއްކަމުން އެ އެންމެންގެ ރައްކާތެރިކަމުގެ ނުހިންމު ކަން އީޔޫއަށް ވަރަށް ވެސް ބޮޑުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖެ - އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ފަސް ކަމެއްގެ މައްޗަށެވެ. އެކަން ކަމަކީ:-

  • ޑިމޮކްރަސީ، ގަވަނެންސް އަދި ޝަރުއީ ދާއިރާ ހަރުދަނާ ކުރުން
  • ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުން
  • ޝެންގެން ވިސާ ދިނުން
  • ވިޔަފާރި، ޓޫރިޒަމް، އިންވެސްޓްމަންޓް، ފައިނޭންސް އަދި އިގުތިސޯދީގޮތުން އެހީތެރިވުން
  • ތިމާވެށި އަދި މޫސުމީ ބަދަލުތައް

ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުން ހިނގަމުން ދަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައެވެ.

]]>
Thu, 24 Nov 2022 00:53:30 +0500 ހީރަސް
ހަނގުރާމަ ކޮށްގެން ވެސް ފޯޅަވަހި އަތުލާނެ! https://heerasnews.com/684 https://heerasnews.com/684 މީގެ 460 އަހަރު ކުރިން ޗާގޯސް އަކީ ދިވެހީންގެ ބިމެއްކަން އެނގުނީ އަދި ކިރިޔާ ހެއްޔެވެ. ޗާގޯސް ފަރަންސޭސިންނާއި އިނގިރޭސިން ކޮލޮނައިޒްކޮށް، 1966ގައި އެމެރިކާއަށް ކުށްޔަށްދީ، 1968ގައި މޮރިޝަސްގެ ބައެއް ކަމަށް ދައުވާ ކުރިއިރު ދިވެހިން ކޮބައި ހެއްޔެވެ. ދުނިޔޭގެ ކޯޓުން ޗާގޯހަކީ މޮރިސަހުގެ ބައެއްކަމަށް އިސްތިޝާރީ ލަފާއެއްދީ އދ މަޖިލީހުގެ މެޖޯރިޓީން ޗާގޯހަކީ މޮރިޝަސްގެ ސިޔާދަތުގެ ދަށުގައި އޮންނަން ޖެހޭ ތަނެއް ކަމަށް ގަބޫލު ކުރިއިރު ޔާމީނާއި އަންނި ކޮބައިހެއްޔެވެ.

މީލާދީއިން 1500އާއި 1600 ދެމެދުގެ އަހަރުތަކަށް ހިނގާބަލާށެވެ. ނުވަވަނަ ހަސަން ރަސްގެފާނު ، ޕޯޗުގީޒުންގެ ރާޖާއަށް ފޮނުއްވި ކަމަށް ދިވެހި ތާރީހު ބުނާ ފަތްކޮޅެއްގައި ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ ބައެއް ކަމަށް ބުނެފައި އޮތްކަމަށް އެބަވެ ޔޯލައެވެ. ވޭތުވެ ދިޔަ ދިގު މާޒީގައި ރާއްޖޭގެ ވެރިކަމުގައި ތިބިހާ ބަޔަކަށް އެކަން ނޭގި އޮތީ ހެއްޔެވެ. ގައުމާ ވަޒަނާ ދީން ދެކެ އެންމެ ލޯބިވާ ކަމަށް ބުނާ ޔާމީނު އަބްދުލްގައްޔޫމާއި ކެނެރީގޭ ނަޝީދު ވެސް މި ރާއްޖޭގައި ވެރިކަން ކޮށްފިއެވެ. ފޯޅަވަހި ރައްޖޭގެ ބައެއް ކަމަށް ވެގެން އެތަން ހޯދަން ކުރި އެއްކަމެއް ނެތެވެ. އޭރު ފޯޅަވައްސަކީ ރާއްޖޭގެ ބަޔަކީ ހެއްޔެވެ. މިދެ މީހުން ވެސް އެކަމާ ނޫޅުނީ އޭރު ރާއްޖޭގެ ބަޔަކަށް ޗާގޯސް ވާތީތާއެވެ. ނުނި ވިއްޔަ ރާއްޖެއަކީ ޗާގޯހުގެ ބަކަށް ވެގެން ހެއްޔެވެ.

މޮރިސަހުން ދުނިޔޭގެ ކޯޓުގައި ފޯޅަވަހީގެ ސިޔާދަތީ ބާރު އެ މީހުނަށް އޮތްކަން ސާބިތު ކުރަން ދައުވާ ކުރިއިރު ރާއްޖޭގެ ވެރިކަމުގައި ހުރީ ގައުމީ ބަތަލު ޔާމީނެވެ. ފޯޅަވަހި ރާއްޖޭގެ ތަނަކަށް ވެގެން އެތާގެ މިލްކުވެރިކަން ހޯދަން ދައުވާ ނުކުރިތާ މޮރިސަހުން ހުށަހަޅައިގެން އުޅުނު މައްސަލައިގެ ތެރެއަށް ތަދައްހުލު ވެސް ވެނުލައެވެ.

ރާއްޖޭގައި ގާނޫނު އަސާސީ ލިޔެވޭން ފެށީއްސުރެ ރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ގޮތުގައި ޗާގޯހުން އަކަ އިންޗިއެއް ވެސް ހިމަނާފައެއް ނުވެއެވެ. އިގުތިސާދީ ސަރަހައްދުގެ ފުށުއެރުމެއް އޮވެގެން މޮރިޝަހާ ދެކޮޅަށް އެކަމާ ދައުވާ އެބަކުރެވެއެވެ. ރާއްޖޭގެ ސަރުކާރު ތަކުން އިގިރޭސީންނާއި އެކުގައި މަޝްވަރާ ކުރީވެސް މޮރިޝަސް ސަރުކާރާ މަޝްވަރާ ކުރަނީ ވެސް އިގުތިސާދީ ސަރަހައްދުގެ ފުށުއެރުން ހައްލު ކުރާށެވެ. އެއްވެސް އިރަކު ފޯޅަވައްސަކީ ރާއްޖޭގެ ބަޔަކަށް ވެގެން އެ ވާހަކައެއް ދިވެހި އެއްވެސް ސަރުކާރަކުން ދައްކާފައެއް ނެތެވެ. ރާއްޖޭން އެ ވާހަކަ ދައްކާނީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮންނަ ކަމަށް އެއްވެސް ބަޔަކު ގަބޫލު ކުރާނަމަތާއެވެ.

ވެގެން ތިޔަ އުޅެނީ އެހެން ގޮތެކެވެ. ރައީސް ސާލިހުގެ ސަރުކާރަށް އަވައްޓެރި އިންޑިއާއިން އެއްބާރުލުން ދޭދިނުން ހަޖަމް ނުވަނީއެވެ. ވާދަވެރިން ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން ފިތުނައެއްް އުފައްދަނީއެވެ. ދުނިޔޭގެ ޖިއޯ-ޕޮލިޓިކްސްގައި އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވައްޓާލައިގެން ރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްދަނީއެވެ. ވެރިކަން ހޯދުމުގެ ދަހިވެތިކަމުގައި ރާއްޖެ ގުރުބާން ކުރަނީއެވެ.

ތިޔަ ވަރަށް ފޯޅަވަހިވެފައި ތިބިއްޔާ މޮރިޝަސްއާ ހަނގުރާމަ ކޮށްގެން ވެސް ވާނީ ފޯޅަވަހި އަތުލާށެވެ. ރާއްޖެއަކީ ދުނިޔޭގެ ނިންމުންތައް އޮޅާލާފައިވެސް އެކަން ކުރެވޭވަރުގެ ގަދަ ބައެއްތާއެވެ. ޔާމީނާއި ނަޝީދު ވެރިކަން ހޯދަން ކުޅޭ ބައިބަލާ މެޗަކަށް ހަދައިގެން ރާއްޖެ ގަނަތަޅުވަން ނޫޅޭށެވެ. ހޭކަނޑާލާފައި ފޯޅަވަހި ރާއްޖޭގެ ބައެކޭ ގޮވާ ނަގާއިރު އެތާނގެ ވަޒަންވެރިންނަކީ މުސްލިމުން ނޫންކަން ވެސް ހަނދާނެއް ނުހުރެއެވެ. ފޯޅަވަހި އިނގިރޭސި އިސްތިއުމާރުން ވީއްލުމާއެކު އެތާގެ އަސްލު ވަޒަންވެރިން އެތަނަށް އާރާނެއެވެ. ފޯޅަވަހި އެއް އިސްތިއުމާރުން އަނެއް އިސްތިއުމާރަށް ދާން އެތާނގެ ވަޒަން ވެރިން ރުހޭނެ ހެއްޔެވެ. ފޯޅަވަހީގެ އަސްލު ވަޒަން ވެރިންގެ ގިނަ މީހުން އެތިބީ މޮރިޝަސްގައެވެ. މޮރިޝަސްގެ ދަށަށް ފޯޅަވަހި ދިޔުމުން އެތާނގެ އަސްލު ރައްވެހިން ފޯޅަވައްސަށް ގޮސް އަލުން ވަޒަންވެރި ވުމުގެ ފުރުސަތު ބޮޑެވެ. މިހާރުވެސް އެ މީހުންނަކީ މޮރިޝަސްގެ ރަށްވެހިންނަށް ވާތީއެވެ. އޭގެ ބަދަލުގައި އެ މީހުންގެ ދީން ބަދަލުކޮށްގެން ރާއްޖޭގެ ދަށުގައި އިސްތިއުމާރު ވެގެން ތިބެން އެމީހުނަށް ރުހެވޭނެ ހެއްޔެވެ. ނުރުހެވޭނެއެވެ. 

]]>
Fri, 11 Nov 2022 14:45:24 +0500 ހީރަސް
ޗާގޯސްފިތުނަ: އަނދާހުލިވަނީ ޔާމީނު https://heerasnews.com/670 https://heerasnews.com/670 އޮނަރަބަލް ޝާހިދު ވިދާޅުވީ ތެދުފުޅެކެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏަކަށް ވުރެ ދެރައެއް ނޫނެވެ. ނުމެކެއެވެ. ނުމެދިޔައެވެ. 2019ގައި ޗާގޯސްގެ ސިޔާދަތު އޮތީ މޮރިސަހަށޭ ބުނެ ރާއްޖޭން ވޯޓް ނުދީގެން ޕީޕީއެމުން ހީވީ މޮޔަ ގެރިއަށް ރަތްކުލަ ފެނިގެން އުޅުނު ހެންނެވެ. ދިވެހި ސަރުކާރުން އިސްތިއުމާރު ކުރަން ތާއީދު ކުރާ ކަމަށް ހަދައިގެން ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދާތީ އުޅުނު ހެންނެވެ. ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭކަމަށް ސަރުކާރަށް ގޮވާލާ ބަޔާން ވެސް ނެރުނެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށް ޕީޕީއެމުން ކުރިއްސުރެ ތިބީ ގަބޫލު ކޮށްގެންނެވެ. 2019 ގައި މޮރިޝަސްއާއި ދެކޮޅަށް ރާއްޖޭން ވޯޓު ދިނުމުން އެކަން ކުށްވެރި ކުރީ އެހެން ވެގެންނެވެ. އެހެން ނަމަވެސް ޕީޕީއެމް މިހާރު ކޮޅު ބަދަލު ކޮށްފިއެވެ. މިހާރަކު ޗާގޯހަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނަކަށް ޕީޕީއެމަކަށް ނުވެއެވެ. ޗާގޯސްއާއި ބެހޭ ގޮތުން މި ސަރުކާރުގެ ނިންމުންތައް އޮޅާލާ ޖަހާނެކަމަށް ޔާމީނު ބުނީ އެހެން ވެތާއެވެ. އޮޅާލާފައި ޖަހަން ހަވާލުކުރަން ގޭ ސޮރު ރުބެލް ވެސް މިހާރަކު ނެތެވެ. އެކަމަކު ފިނިފެން މަލެއް ފަދަ ސައީދުމެން އެކަމަކަށް ގޯހެއް ނުވާނެއެވެ.

ސަމަސާއެއް ނޫނެވެ. ޗާގޯސްގެ ސިޔާދަތީ ބާރާގުޅޭ ވޯޓެއް ދޭން ޖެހިއްޖެނަ ދިވެހިސަރުކާރުން ދެން ވޯޓުދޭން ގަސްދުކުރަނީ މޮރިޝަސްއާއި އެއްކޮޅަށް ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުން ވައިގަދަ ދުވަހެއްގައި އަރުވާފައި އޮތް ރާރާގުޑިއެކޭ ޕީޕީއެމެކޭ ތަފާތެއް ނެތެވެ. އެބުނާ ވޯޓެއް އަދި ދިނީއެއް ވެސް ނޫނެވެ. ވޯޓެއް ދޭނެ ވާހަކަ ބުނާއިރަށް ކުއްލިއަކަށް ޕީޕީއެމްގެ ކޮޅު ބަދަލު ކޮށްފިއެވެ.

ޕީޕީއެމްއަކީ އެއްވެސް ސާބިތުކަމެއް ހަމައެއް ލަމައެއްގައި ތިބި ބަޔަކީ ނޫނީތާއެވެ. ޔަގީނުންވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނަކަށް ޕީޕީއެމުން މިހާރަކު ގަބޫލެއް ނުކުރެއެވެ. ޕީޕީއެމްގެ ސްޓޭންޑް ބަދަލު ވެއްޖެއެވެ. ޕީޕީއެމުން ބަޔާން ނެރެ 2019 ގައި ކުރިން ބުނި އެތި ކެންސަލް ކުރީ ކޮން އަސާސެއްގެ މައްޗަށް ކަމެއް ރައްޔިތުންނަށް ބުނެއެއް ނުދެއެވެ. 2019 ގައި ބަޔާން ނެރެ ސަރުކާރުން ރައްޔިތުންގެ ކިބައިން މާފަށް އެދޭވަރުގެ ކުށެއް ކޮށްގެން އެކަން ކުށްވެރި ކޮށްފައި މިހާރު ކިޔާ ލަވަ ބަދަލު ކޮށްލި އިރު ޕީޕީއެމުން މީހަކަށް ދޮންކަޅު އަންގާ ނުލައެވެ.  ތޮށަލިތަކުރާ ޖެހުނު ވިގަންޏެކޭ ޕީޕީއެމެކޭ ތަފާތެއް ހަމަ ނެތެވެ.

ޕީޕީއެމާއި ޔާމީނު ދައްކާ ވާހަކައިގައި އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަން ރައްޔިތުންނަށް ވަރަށް ސާފެވެ. އދ ގައި މޮރިޝަސްގެ ސަރުކާރުން ޗާގޯސް ގެ ސިޔާދަތީ ބާރު ހޯދަން ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. ނަތީޖާއެއް ގޮތުން ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށާއި ޗާގޯސްގެ އަސްލު ވަޒަން ވެރިން އެ ތަނަށް ގެނައުމުގެ މައްސަލައިގެ ގަރާރެއް 2017ގައި މޮރިޝަސްއިން ހުށަހެޅިއެވެ. އެ ގަރާރަށް ރާއްޖެއިން ދިނީ ނުފެންނަ ކަމުގެ ވޯޓެވެ. އެކަމަކު 95 ގައުމުން ތާއީދު ކޮށްގެން އެ ގަރާރު އޮތީ ފާސް ކޮށްފައެވެ. ރާއްޖެއިން އެ ގަރާރާ ދެކޮޅު ހެދިހެން ދިވެހި ދައުލަތުން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގަން ބޭނުން ނަމަ އެކަމާ އުޅުމަށް 2017ގައި އެންމެ ފަހުގެ ފުރުސަތު ލިބުނީ ޔާމީނަށެވެ. ނަމަވެސް އެ ގަރާރާ އިދިކޮޅަށް ވޯޓުލުމަށް ފަހު ކޯޓަށް ދިޔުމުގެ ބަދަލުގައި އޭރުގެ ދިވެހި ސަރުކާރުން އޮތީ ހަނެވެ. ޔާމީނު އޮތީ ނިދާށެވެ. ފޯޅަވައްސެއް މަސްވެރިންނެއް ސިޔާދަތެއް އޭރަކު ޔާމީނަކަށް ނެތެވެ.

މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވާހެން ޔާމީން އެ ދައްކާ ވާހަކައަކީ ހިތުގެ އަޑިން ދައްކާ ވާހަކައެއް ނަމަ އެ ފުރުސަތު ނަގައެއް ނުލާނެއެވެ. އެ ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ރާއްޖެއިން ދިޔައިހެވެ. އެތަނުގާ ހިނގަމުން ދިޔަ ޗާގޯސް މައްސަލައަށް ތަދައްހުލު ވާނެއެވެ. އެ ފުރުސަތު ރާއްޖެ އަށް އޭރު އޮތެވެ. އެކަމަކު ޔާމީނު އެކަމެއް ނުކުރެއެވެ. ހަމަ ތެދެކެވެ. ޗާގޯސް ފިތުނައިގަ ވެސް އަނދާ ހުލިވަނީ ޔާމީނެވެ.

]]>
Wed, 09 Nov 2022 12:25:37 +0500 ހީރަސް
ޗާގޯސް މައްސަލަ: ކުރިން ބުނި އެތި ކެންސަލް https://heerasnews.com/626 https://heerasnews.com/626 ފޯޅަވަހި ގެއްލުނީ ދިވެހި ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ ޔާމީނު ދައްކާ ވާހަކައިގެ ފުލެއް ބިތެއް މައްޗެއް ނެތެވެ. ފޯޅަވަހި ގެއްލުމަށް ފަހު އަނބުރާ ހޯދޭނެ އެއްވެސް ގޮތެއް ނުފެންނަކަމަށް ޔާމީނު ބުނާއިރު ފޯޅަވަހި ރާއްޖެއަށް އޮތީ ކޮން އިރަކު ހެއްޔެވެ. ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ ބަޔަކަށް ވެގެން އެ ތަން ހޯދަން ރާއްޖޭން އުޅުނީ ކޮން އިރަކު ހެއްޔެވެ.

ޔާމީނޫއެވެ. ޔާމީނު ފޯޅަވަހީގެ ވާހަކަ ދައްކާއިރު ހީވަނީ ޔާމީނުގެ ވެރިކަމުގައި ފޯޅަވަހި ރާއްޖެއަށް ހޯދަދީފައި އޮއްވާ މި ސަރުކާރުން ދޫކޮށްލީ ހެނެވެ. ޔާމީނުގެ ވެރިކަން ނިމި މި ސަރުކާރަށް ފެށުނު ފަހުން 2019 ވަނަ އަހަރު އދގެ އާއްމު މަޖިލީހުގައި ޗާގޯސްގެ ސިޔާދަތު މޮރިޝަސްއަށް އޮތުމާ މެދު ފެންނަ ގޮތެއް ބެލުމަށް ވޯޓެއް ނެގިއެވެ. އެ ވޯޓުގައި މޮރިޝަސްއާއި ދެކޮޅަށް ރާއްޖޭން ވޯޓުދީގެން ޕީޕީއެމުން ހީވީ ބޮލަށް އުޑުވެއްޓިގެން އުޅުނުހެނެވެ.

އަޅުވެތި ކުރުމަށް ދިވެހި ސަރުކާރުން ތާއީދުކުރާ ކަމަށް ވެގެން ސަރުކާރު ކުށްވެރިކޮށް ބަޔާން ނެރުނީ ތިޔަ ޔާމީނެވެ. މިހާރު ކުރިން ދެއްކި ވާހަކައާއި ނެރުނު ބަޔާން ކެންސަލް ވީދޯއެވެ. އެކަމާ އުޅުނަސް ފޯޅަވަހި ރާއްޖެއަށް  ނުލިބޭނެ ކަމަށް ޔާމީނު އެބަ ގަބޫލުކުރެއެވެ. އެ ކަމަކު ސުލްހަވެރި ހައްލެއް ހޯދައިގެން އިގުތިސާދީ ސަރަހައްދުން ބައެއް ނުގެއްލޭނެ ގޮތަކަށް މޮރިޝަސްއާއި އެކު އެއްބަސް ވެގެން ވެސް ނުވެއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެން ވާކަމަށް ރާއްޖޭން ގަބޫލު ކޮށްފިނަމަ އިމުން ފުށުއަރާ ބައި ރާއްޖެއަށް ދޫކޮށްލަން މޮރިޝަސް ތައްޔާރަށް ނެތްކަން ޔާމީނަށް އެނގެނީ ކިހިނެއް ހެއްޔެވެ.

ޔާމީނޫއެވެ. ރާއްޖެއަށް ފޯޅަވަހި ހޯދަން ޔާމީނު ވެރިކަމުގައި ނޫޅުނީ ރަސިއާގައި ހުންނަ ކަހަލަ ހަތިޔާރު ނެތިގެން ހެއްޔެވެ. ނޫނީ އެ ވިސްނުން ނެތިގެން ހެއްޔެވެ. ފޯޅަވަހީ ކަނޑުން ރާއްޖޭގެ މަސްވެރިން މަސްވެރިކަން އޭރު ނުކުރާތީ ހެއްޔެވެ. މޮރިޝަސް އިން އިނގިރޭސި ވިލާތާ ދެކޮޅަށް ޗާގޮސްގެ ސިޔާދަތީ ބާރު އެ ހޯދަނީ އެ މީހުންގެ އަތުގައި ނިއުކުލިއަރ ހަތިޔާރު ހުރުމުން ހެއްޔެވެ. ޗާގޯސް ދޫކޮށްލަން ނުވަތަ ދޫނުކޮށް ހިފަހައްޓަން ރާއްޖެއަށް އިހުތިޔާރު އޮތީ ކޮން އިރަކު ހެއްޔެވެ.

ޔާމީނޫއެވެ. ރިޔާސީ ހުވަފަނެއްގެ އުޅުއްވަނީ ކާނަލް ނާޒިމް އެކަނި ހެއްޔެވެ. ރައްޔިތުންނަށް ކަމުނުގޮސްގެން ފައްސާ ނަގާލީމާ ވެސް ވެރިކަމަށް ބަނޑު ކެނޑިފައި ހުރިވަރުން ޔާމީނު ތިޔަ ޖަހަނީ ވަކިން ކޮން މަރުފައްޔެއް ހެއްޔެވެ. ދެރައީ ނޫނު އަތޮޅަށް އަރާ ސަންޓްރެވަލް ޝިޔާމަށް ކުރު ދޮށިން ނުދޭތީއެވެ. ކާނަލް ނާޒިމާއި ގާސިމް ގައިގާ ޖެހިގެން ފުއްދާ ލާތީއެވެ.

މާތްކަލާކޯ ޔާމީނޫއެވެ. ވަގަށް ވިޔަސް ގުދަށް ވިޔަސް އެއްކޮށްފައި ހުރި އެފައިސާއާ މިފައިސާއާ ނެތްފައިސާ ހަރަދު ކޮށްގެން ތިޔަ ކުރާ ބޭކާރު މަސައްްކަތް ހުއްޓާލާފައި ގެއަށް ވަދެ ބިސްފީ ވަންދެން ފީކުކުޅު ބަނޑު ދަށުގައި އޮވެބަލާށެވެ. އަޅަންފެށި ޖިފުޓި ގަނޑުވެސް އެ ހުރީ ނުނިމި ވިއްޔާއެވެ. ބޮލަށް ބޭސްކުރަން ވެސް ޖެހޭ ނޫންހެއްޔެވެ. ވެރިކަމުގައި ހުރި އިރުވެސް މުޅިންހެން އުޅުނީ ބޮލަށް ބޭސްކުރުމާއި ނިދުމުގައި ނޫންހެއްޔެވެ. އެހެން މީހުން ދެބަންދިހާރުވާ ވާހަކަ ނުދައްކާށެވެ. ތިމާ ދެބަންދިހާރު ވެފައި ހުރިވަރުން ކައިރީގައި ތިބި ބަޔަކު ތިމާ ލައިގެން ހުރި ހަރުވާޅުގެ ނާޑުވާ ދަމައިގަނެގެން ގެންދިޔަ އިރުވެސް ނޭގުނު ވާހަކަ އަމިއްލައަށް އެބަ ބުނަމު ނުންހެއްޔެވެ.

]]>
Thu, 27 Oct 2022 23:04:35 +0500 ހީރަސް
ޗާގޯސް މައްސަލަ: ރާއްޖެއަށް ގެއްލޭނެ އެއްޗެއް ނެތް https://heerasnews.com/618 https://heerasnews.com/618 ރާއްޖެއިން މޮރިޝަސްއާއި ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތު ކުރަމުންގެންދާ އިމުގެ މައްސަލާގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަން މޮރިޝަސް ސަރުކާރަށް ވަނީ އަންގާފައެވެ. ދުނިޔޭގައި އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް ރާއްޖޭގައި ގެ ހުރިހާ ސަރުކާރަކުން ވެސް އަޑު އުފުލާފައިވެއެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭ ކަމަކީ ދެގޮތެއް ނުވާ ކޮންސިސްޓަންޓް ސިޔާސަތެވެ. ރާއްޖެ އދ ގެ މެންބަރަކަށް ވީއްސުރެ ދުނިޔޭގެ ބައްރުތަކުގައި އިސްތިއުމާރީ އަޅުވެތިކަމުން މިނިވަންވީ ހުރިހާ ގައުމެއް މިނިވަން ވުމުގެ މައްސަލަތަކުގައި ރާއްޖޭން ތާއީދުކޮށްފައި ވަނީ މިނިވަން ކަމުގެ ކޮޅަށެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ކަމުގެ ހަގީގަތް ސާފުކޮށް ދީފިއެވެ.

ރާއްޖޭގެ ދެކުނަށް އޮތް ޗާގޯސްއަކީ ރަށްވެހިން ބާލައި އިނގިރޭސި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި އޮތް ތަނެކެވެ. އެ ތަނަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމުގައި ބުނެ މަޝްވަރާ ކުރެވެމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އދ.ގެ އާންމު މަޖިލީހުން 2017 ވަނަ އަހަރު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ޗާގޯސްއާއި ބެހޭ ގޮތުން އިސްތިޝާރީ ލަފައަކަށް އެދުނެވެ. އެކަމާ ގުޅިގެން " އައިސީޖޭ އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ގެނަމުގައި އައިޖޭސީން ނެރުނު އިސްތިޝާރީ ލަފައަކީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށެވެ. ނަތީޖާ އަކަށްވީ ގިނަ ގައުމު ތަކެއް ގުޅިގެން އދ. އާއްމު މަޖިލީހަށް ގަރާރެއް ހުށަހެޅުމެވެ. ގަރާރުގައި ހަ މަސް ދުވަހުގެ ތެރޭގައި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާފައިވެއެވެ. 22 މެއި 2019 ގައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރާ އެއްކޮޅަށް 116 ގައުމުން ވޯޓު ދިން އިރު ރާއްޖެ ހިމެނުނީ ގަރާރަށް ވޯޓު ނުދިން ހަ ގައުމުގެ ތެރޭގައެވެ.  

މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ޗާގޯސް ގެންނަން އުޅުނުހެން އެ ތަނަކީ ރާއްޖޭގެ ބަޔަކަށް ހަދާކަށް ނޫޅެއެވެ. ކުޑަމިނުން މައްސަލައިގެ ތެރެއަށް ތަދައްހުލު ވެސް ވެނުލައެވެ. އެކަމުން އެނގެނީ ޗާގޮސްގެ ރަށްތަކާ ދޭތެރޭގައި އެއްވެސް އިރަކު ރާއްޖޭގެ ޝައުގުވެރިކަން ނެތްކަމެވެ. ރާއްޖޭން އުޅުނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރު ކުރުމަށެވެ. ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީއެލްސީއެސް) އަށް 26 ޖުލައި 2010 ގައި އެ މައްސަލަ ރާއްޖެއިން ހުށަހެޅިއެވެ. އެ ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޟުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅިއެވެ. އެ މައްސަލަ ވަކި މައްސަލައެއް ގޮތުގައި ހިނގަމުން އެބަދެއެވެ.

މިހާރު ވެގެން މި އުޅޭ ގޮތަކީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު އޮތް ގުޅުމާއި ރާއްޖެ ގެންގުޅެމުން އަންނަ އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަށް ބިނާކޮށް އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965ގެ ނަމުގައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅޭ ގަރާރުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭން ދިވެހި ސަރުކާރުން ނިންމުމް ބަޔަކު ސިޔަާސީ އެޑްވާންޓެޖެއް ނަގަނީއެވެ. އެކަމަކު އދ.ގެ އާންމު މަޖިލީހުގައި މޮރިޝަސްއާއި އެއްކޮޅަށް ރާއްޖޭން ވޯޓުދިނުމަކުން ރާއްޖޭގެ ސަރަހައްދީ އިން ކަނޑަ އެޅުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.  ޗާގޯސް ގެ ސިޔާދަތީ ބާރުގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެކެވެ. އެކަމުގައި ރާއްޖެއަށް ގެއްލޭ އެއްޗެއް ނެތެވެ.

]]>
Tue, 25 Oct 2022 16:02:48 +0500 ހީރަސް